ހުވަފެނަކަށް ވާނެނަމައޭ މިލީނާގެ ހިތަށް އެރިއެވެ. މިހުރާން މިލީނާގެ އަތުގައި ހިފައިގެން ސިޑި ގިރާކޮށް ތިރިއަށް އައެވެ. އަދި ތިރީ ބައިގެ ކޮޓަރިއެއްގެ ސްވިޗް ޖެއްސުމުން އެކޮޓަރި ވެސް ދިއްލުނީ ރަންކުލައިގެ ހިތްގައިމު އައްޔަކުންނެވެ. މިހުރާން ކޮޓަރި ތަޅުލުމަށްފަހު މިލީނާގެ އަތުން ދޫކޮށްލީ ކުޑަދޮރު ކައިރި އާއި ހަމައިންނެވެ.
މިހުރާން ކޮޓަރީގެ ކުޑަދޮރުތައް ހުޅުވައިލާފައި ބޭރަށް ބަލައިލި އެވެ. ހަނދުވަރުގެ އަލިކަން ދުރުން ފެންނަ ފަރުބަދައިގެ ކުރީގައި ބީހެމުންދާއިރު ގަނޑުފެންތައް ވިދާލެއް ޗާލުކަމުން ބަލާބަލާ ފޫއްސެއްނުވާނެއެވެ. ފަރުބަދަމަތީގެ ފިނިކަން ކޮޓަރި ތެރެއަށް ވަދެގަންނަން ހިނދުކޮޅެއްވެސް ނުނެގިއެވެ. ދުރުން ވޯޓަރފޯލްގެ ގުދުރަތީ ރާގު ފަޒާގެ ހިމޭންކަން ކޮންމެވެސް ވަރަކަށް ފަނޑުކޮށްލާފައި، އެއްވަރަކަށް ނާނާއެއް އަޅުވާލާފައިވެއެވެ. ހިމޭންކަމުގެ ތެރެއިން އެކަނި އިވޭ އަޑަކީ އެއީ އެވެ.
މިހުރާން ދޮރުކަނީގައި އަތް ވިއްދާލައިގެން ހުރެފައި، ކުޑަކޮށް އެނބުރުނު އިރު މިލީނާގެ ބޮޑު ދެލޯ އެއަށްވުރެ ބޮޑުކޮށްލައިގެން ބަލަހައްޓައިގެން ހުރީ މައުސޫމް ގޮތަކަށެވެ. ސިހިފައިވާފަދަ ގޮތަކަށެވެ. މިލީނާ އެހާ ބިރުން ހުރީމަ އޭނައަށް މަޖާވާން ފެށިއެވެ. އެހެން އަންހެންކުދިން ތިބެނީ މިފަދަ ފުރުސަތެއް ނުލިބިފައެވެ. މިއޮތް ހިތްފަސޭހަ ކޮޓެޖްގައި އޭނަ އާއި އެކީގައި ވަގުތު ކޮޅެއް ހޭދަކޮށްލަން ގުރުބާންވާނެ ކިތަންމެ އަންހެންކުދިންނެއް އޭނައަށް އެނގެއެވެ. އެކަމަކު އެންމެ ބޭނުން ނުވާ ކުއްޖާ އޭނަގެ އަތުތެރެއަށް ގެނައީ ނަސީބުގެ ކޮންފަދަ ސަމާސާއަކުން ކަމެއްވެސް ނޭގެއެވެ.
މިހުރާން ގެ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ.
"ބިރުންތަ؟ ޓްރަސްޓް މީ، އެއްވެސް ކަމެއް ނުވާނެ، އަހަންނަށް ޔަގީން މިލީ އެންޖޯއި ކުރާނެކަން، ކާކު ބޭނުން ނުވާނީ އުފަލާއި، ހިތްހަމަޖެހުން، މެރިޖްގެ އެއް ބޭނުމަކީ ވެސް އެއީއެއްނު، އެނީވޭސް މިރޭ މަތިން ދުވަހަކު ހަނދާން ނައްތާނުލެވޭނެ އިނގޭ......" މިހުރާން މިލީނާގެ ގަނޑުފެންކޮޅެއްފަދައިން ފިނިވެފައިވާ ނާޒުކް އަތް މޮޑެލަމުން ވައަތުގެ އިނގިލިތައް ގުޅުވާލައިފި އެވެ. އަދި ކަނާތުން މިލީނާގެ ފަން އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. މިލީނާ ލައިގެން ހުރި ނިދާ ހެދުމުގެ ސަބަބުން ހާމަޔަށްވާ ކަނދުރާ އަށާއި، މޫނަށް ރަންކުލަ އަރާފައިވާއިރު ހާދަ ލޯތްބެވެ. މިލީނާ ގުޑާނުލައި ހުރި ފިޔަވަޅުމަތީގައި ހުރީ ވެމްޕަޔަރެއްގެ ލޮލުގެ ބާރުން މެސްމެރައިޒް ވެފައިވާ އަންހެންކުއްޖެއް ފަދައިން މިހުރާންގެ ލޮލަށް ބަލައިލި ގޮތަށް ދުރު ބަލައިލަން ނޭގިފައެވެ. ބިރާއި، ހިތާމައިންގޮސް އޭނަގެ ހިއްސުތައް ގަނޑުވީ މިހުރާންގެ އަތްތިލަ ކަނދުރާ އާއި ހަމަޔަށް އައުމުންނެވެ. އެ އަތުގައި ހިފަހައްޓާލަމުން މިލީނާ ފަހަތަށް ފިޔަވަޅެއް އެޅިއެވެ.
"މިހުރާން، އަ....." މިލީނާ އެއްޗެކޭ ބުނަން އުޅުމުން މިހުރާން މިލީނާގެ ރަތް ލޭކޮޅެއްފަދަ އޮމާން ތުންފަތުގައި އިނގިލި ޖައްސާލާފައި ވާހަކަ ނުދެއްކުމަށް އެންގިއެވެ. އެކަމަކު މިލީނާގެ ލޮލުން ފޭބި އެންމެ ކަރުނަ ތިއްކެއް ކޯތާފަތް މަތިން ދެމިގަތުމުން މިހުރާން ފޮހެލަދެމުން ނުރޯށޭ ބުނާފަދަ ގޮތަކަށް ބޯހޫރާލިއެވެ.
މިލީނާގެ އެއްވެސް ބަހަނާއެއް އަޑުއަހާކަށް މިރޭ އޭނަ ބޭނުމެއްނޫނެވެ. ސްވިޒަރލޭންޑަށް އޭނަ އައީ ހަނީމޫން ހޭދަކުރުމަށެވެ. އޭނަ އެކަން ކުރާނެ އެވެ. ވަގުތު ޖެހުނީކަމަށް ހިތް ބުނަންޏާ އޭނަ ހިތުގެ އެދުމަށް އިޖާބަދޭނެއެވެ. ބޭނުންވާ އެއްޗެއް އަތްފޯރާ ފަށުގައި ހުއްޓާ ކޮންމެހެން އަމިއްލަ ނަފުސާއި ހަގުރާމަ ކުރަނީ ކޮން ނަމެއް ހޯދަން ހެއްޔެވެ؟ މިލީނާގެ ދެން ލޮލުން އޮހުނު ކަރުނަތައް ފެނުނު ކަމަކަށް މިހުރާން ނެހެދިއެވެ. ފުރަތަމަ ފަހަރަށްވީމަ އެގޮތަށް ކަންބޮޑުވުމަކީ އަންހެންކުދިންގެ ތަބީއަތުގައިވާ ބަޔަކީކަން ނޭގެއެވެ. ޔަގީނުންވެސް މިއީ ރޯންޖެހޭ ވަރުގެ ކަމެއް ނޫނެވެ. ޒުވާންވުމަށްފަހު ކޮންމެ އަންހެންކުއްޖެއްގެ ހުވަފެނަކަށް ވާނީ ކައިވެނީގެ ފުރަތަމަ ރެއެވެ. އެރެއަށް އިންތިޒާރު ނުކުރާނީ ކޮން ހިތެއް ހެއްޔެވެ؟ މިލީނާގެ މައުސޫމް ކަމުން މިހުރާންއަށް އުފަލާއި، ހިތްހަމަޖެހުން ލިބިގަނެވުނީ އިންތިހާއަށެވެ. މިއިން ޒަމާނެއްގައިވެސް އެހާ ހިތްހަމަޖެހިގެން އަރާމު ނިންޖަކަށް ގެބުނުކަމެއް ނޭގެއެވެ.
މިހުރާން ހޭލެވުނު އިރު ކުޑަދޮރުން އިރުގެ ދޯދިތައް ވަދެ ކޮޓަރި އަލިކޮށްލާފައިވެއެވެ. މިލީނާ ހުރީ ފާޚާނާގައި ކަންނޭގެއެވެ. މިހުރާން އަވަހަށް ތެދުވެގެން ގޮސް އަމިއްލަ ކޮޓަރިއަށްވަދެ ހޫނު ފެނުން ފެންވަރާލުމަށްފަހު ބޭރަށް ނިކުތީ ޖިންސަކާއި، ޓީޝާޓެއް ލައިގެންނެވެ. އިސްތަށިގަނޑު ތެތްކޮށް އޮތުމުން މޫނުގެ ރީތިކަމާއި، ތާޒާކަން އިތުރުވެފައިވެއެވެ. އެކަމަކު ކަންނެތްވެފައިވާ ވަރުން އައިގޮތަށް ބެލްކަނީގައި ހުރި ގޮޑިއަކަށް ވެއްޓިގަތެވެ. އެދިމާލުން ތިރި އޮތީ ވާދީއެއްގޮތަށް އަޑިވެފައެވެ. މިހުރާން އިން ހިސާބުން ވައިލެޓްކުލައިގެ ޓިއުލިޕް ފަދަ މަލެއް ވިނަގަނޑު ތެރެއިން ފެނެއެވެ. އަދި ގޭގެ ކުރިމަތީގައި ކަހަލަގޮތަކަށް ވިނަތަކުގެ ތެރެއިން ބޯދިއްކޮށްލާފައިވާ ރަތާއި ،ފިޔާތޮށި އަދި ރީދޫ ކުލައިގެ މާތަކުން އެ ކޮޓެޖްގެ ޒީނަތްތެރިކަން އިތުރުކޮށްދިނެވެ.
"މޯނިން ލަވް..." މީރާ އާވިއަރަ އަރާހުރި ކޮފީޖަގެއް ގެނެސް ވަށް މޭޒުމަތީގައި ބެހެއްޓިއެވެ. މީރާ ހުރީ ހަމާއި ގުޅޭފަދަ ފިޔާތޮށި ސްވެޓަރަކާއި، ޖިންސެއްގައެވެ. ދެ ލޯބިވެރިންނަށް އެކަކު އަނެކަކުގެ އަތުތެރެއަށް ވަދެވުނު ގޮތަށް ހީވީ ދިމާނުވެ ގަރުނެއް ފަހުން ފެނުނުހެންނެވެ. ނޭވާ ހުސްވީއިރުވެސް ދެމީހުން ދުރަށް ޖެހޭކަށް ނޫޅުނެވެ. އެދިމާލަށް ނިކުމެވުނު ގޮތަށް އިރުކޮޅެއްވާންދެން ޝޮކެއްގައި ހުރުމަށްފަހު މިލީނާ އަނެއް ފަރާތަށް މޫނު އަނބުރާލައިފި އެވެ. މިހުރާންއަށް މިލީނާގެ ހިލަންވެގެން މީރާގެ ގައިން ދޫކޮށްލާފައި ގޮސް ރެއިލިންގައި އަތް އަޅުވާލައިގެން ހުރެ ކޮފީ މަގު ބޯންފަށާފައި މިލީނާ ގާތު އެމީހުންނާއި ބައިވެރިވުމަށް އެދުނެވެ. މިލީނާ އިސްޖަހާލައިގެން އިނދެ ތަށްޓަކަށް ކޮފީ އަޅައިގެން ބޯންފެށިއެވެ.
"މިއަދު ކޮންތަނަކަށް ދާންވީ؟" މިހުރާން ހިތް ހަލާކުކޮށްލާފަދަ ހިނިތުންވުމެއް ދިނެވެ. މީރާގެ ރަތްވެ، ލޭކޮޅަކަށްވެފައިވާ ތުންފަތުގެ ތެރެއިން ހުދުދަތްތައް ފެނުނު ގޮތަކުން މިހުރާން އިނީ ދުރަށް ބަލައިލަން ބޭނުން ނުވެފައެވެ. މީރާ "ވެންގެން" ގައި އޭނަ އެންމެ ދާން ބޭނުންވާ ތަންތަން ބުނެދިނެވެ.
"މި ރަށުން އެކަނި ވޯޓަފޯލްގެ ސޫދިން އަޑު އިވުނީމަ ނިދާލަން ކިހާ އަރާމު، އެކަމަކު ރޭ މިގެއިން ހާދަ އަޑު ތަކެއް އިވުނޭ، ހީވީ ދަންވަރު ވަގަކު ގެއަށް ވަދެގެން އުޅެނީކަމަށް، ކުޑަކޮށް ބިރުވެސް ގަތޭ..." މީރާ ކުއްލި އަކަށް ބުނެލައިފި އެވެ.
"މަޖާކަމެއް....." މިހުރާން ހޭންފެށިއެވެ.
"ރެން ހެނީ ކީއްވެތަ؟ ރެން ތަ ތިރީބައިގައި ހޭލާ އުޅުނީ؟" މީރާ ފަރިގޮތަކަށް ހީލާފައި މިހުރާންގެ އިސްތަށިގަނޑު ހާވާލައިފި އެވެ.
"ގޯސްޓުން އުޅެންޏާ އާއްމުކޮށް ރޭގަނޑު ޒާތްޒާތުގެ އަޑު އިވޭނެ، ހައުސް ސެޓްލް ވި އަޑުކަމަށްވެސް ވެދާނެ، ނޫނީ ހީވާގޮތުން މިލީ ރޭގައި ތިރިއަށް ނިދަން އައީ ގޯސްޓަކާއިއެކު ސްލީޕްކުރަންވެގެން، ނަސީބެއްނު ގެ ވައްޓައިނުލިކަން، މިލީ ކާރިން އަހާބަލަ ރޭ ގޯސްޓް ކިހާވަރެއް ކޮށްލިހޭ؟ " މިހުރާންގެ އެހާ ފާޅުކޮށް ބުނި ޖުމްލައިން މީރާ ނުބައި މާނައެއް ނުނެގީ އޭނަ މިހުރާންއަށް އިތުބާރުކުރާވަރު ބޮޑުކަމުން ކަންނޭގެއެވެ. ނޫނީ މިހުރާން އެހެން އަންހެންކުއްޖަކާއިއެކު އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމުގެ ގެރެންޓީ އޮތްލެއް ބޮޑުކަމުން އެހިތުގައި ޝައްކު ކުރާނެ ޖާގައެއްވެސް ނެތީއެވެ. މިހުރާން ލާނެތް ނަޒަރަކުން މިލީނާއަށް ބަލައިލި އިރު މިލީނާ އިނީ ދެލޯ ބޮޑުކޮށްލައި ގެންނެވެ. ބުދެއްހާ ލޯތްބެވެ. އެދިގު އެސްފިޔަތަކާއި، ބޮޑު ދެލޮލުގެ ރީތިކަން މިވަގުތުވެސް މިހުރާން ފާހަގަ ކުރިއެވެ. މީރާ އެކަނި ހުނުމަކުން ފުއްދާލީއެވެ.
ސްވިޒަރލޭންޑުގެ "ވެންގެން" ކިޔާ ކުޑަ ޓައުންގެ ހިތްފަސޭހަކަމުން ލިބުނުހާ އުފާތައް އެންމެ ރެއަކުން މިހުރާން އެވަނީ އަޅިޔަށް ހަދާފައެވެ. ތަންތަން ބަލައިލަން ދިޔަސް މިލީނާ ފޮޓޯ ނަގާކަށް ޝައުގެއް ނުހުރެއެވެ. އެ ޝައުގުވެސް ނެތިގެން ހިގައްޖެއެވެ. އެދުވަހުވެސް ތަންތަން ބަލައިލަން ގޮސްފައި ހުންނަނީ މޫޑީވެފައެވެ. އެބޮޑު ދެލޮލުގައި އުފާވެރިކަމެއް ނެތި، ސިހޭގޮތްވެފައެވެ. ބައެއްފަހަރު އެ ސާފު ދެލޯ ކަރުނުން ފުރޭކަން މިހުރާން ފާހަގަ ކުރިއެވެ. އަޖައިބުވިއެވެ. މިއީ ހާދަ ތަފާތު ކުއްޖެކެވެ. އޭނަ ފެނިފައި ގޮތްގޮތް ނުވާ ކުއްޖެއް މިނޫނިއްޔާ އުޅޭނެ ބާވައެވެ. އެހާ ގާތްވެވުމުންވެސް މިލީނާއަށް ކުރެވުނު ކަމަކީ ރުއިމެވެ.
އުފަލުން ފޮޅިފައި ހުންނަ މީރާ މިހުރާންގެ ފަހަތުގައި ހިޔަނިހެން ޖައްސާލާފައި ހުރެއެވެ. މިލީނާ ދުރުގައި އެކަނިވެފައި ހުންނައިރު، އަނގައިން ބުނާކަށް މީރާއަށް މުހިއްމު ނުވާތާގައި، މިހުރާންވެސް އަޅައެއްނުލައެވެ. ކޮޓެޖަށް އެމީހުން އެނބުރި އައީ ފުދޭވަރަކަށް ލަސްވި ފަހުންނެވެ. އެތަންމިތަނުގައި އުޅެފައި ގެއަށް އަންނައިރަށް މީރާ ހުންނަނީ ވަރުބަލިވެ، އަރާމުކުރަން ބޭނުންވެފައެވެ. މަޑު ތަންމަތީގައި ބުރަކަށި ޖައްސާލާއިރަށް ނިދުމަކީ އާދައެކެވެ. މިރޭވެސް މީރާއަށް ނިދުމުން މިހުރާން އެ ކޮޓަރިން ނިކުތެވެ.
"ތިރިއަށް އާދޭ...." މިލީނާގެ ފޯނަށް އައި މެސެޖަކުން މިލީނާ ރޮވޭވަރުވިއެވެ. މިހުރާން އެންމެ ރެއެއްވެސް ދޫކޮށް ނުލާނީ ހެއްޔެވެ؟ ދެން އަބަދު އުދަގޫ ކުރާނީ ހެއްޔެވެ؟ މީރާ އާއި އެކު ވެސް މިހުރާން މިހުރިހާ ކަންތަކެއް ކުރާނެކަމަށް މިލީނާ ޔަގީންކުރިއެވެ. އެންމެ ދެރަވެ، ރޮވެނީ އެހެންވީމައެވެ. އޭނަގެ ކުރިމަތީގައިވެސް ދެމީހުން އެއުޅޭ ގޮތަކުން މީހަކު ބޯ ހަލާކުވެދާނެއެވެ. ކޮޓަރީގައި ދެމީހުން އެކަނިވުމުން ކިހާވަރެއް ވާނެހެއްޔެވެ؟ މިލީނާ ހިތާހިތުން ރޮއިފަވެސް މިހުރާން ބުނާގޮތަށް ހަދަން މަޖުބޫރުވިއެވެ. ދުވާލަށް ބީރައްޓެހިކޮށް އުޅެލާފައި ރޭގަނޑަށް އެކަނި ލޭ ބޯން އަންނަ ވެމްޕަޔަރެއް ފަދައިން މިހުރާން އޭނަ ކާރިއަށް ޖައްސަން ފެށީއެވެ.
އިއްބާނު އާއި ޖިނާން ގޭތެރެއިން ނިކުތީ ކޮންމެވެސް ސަކަރާތެއް ޖަހަމުން ހިފައި، އޮޅުލަމުންނެވެ. ސައިކަލަށް އަރައި އިއްބާނު ހަމަޖެހިގެން ޖިނާންގެ ކަނދުރާއަށް އަތް ވައްޓައިލަމުން ކޮނޑުގައި ދަތްދޮޅި އަޅުވާލި އެވެ. އެދެމީހުން އުޅުނުލެއް ގާތްކަމުން ބިލާލު ހުރީ އަނގަ ހާވާލައިގެންނެވެ. އޭނަ މިގޭގައި މަސައްކަތް ކުރާ ހިތް ކެނޑުނެވެ. ކޮންފަދަ ނުބައި ހެއްޔެވެ؟ މިފަދަ ތަނެއްގައި މަސައްކަތް ކުރަން ވެއްޖެއްޔާ އޭނައަށްވެސް އަޒާބެއް ނުލިބޭނެ ކަންނޭގެ އެވެ. އެހެން ތަނަކުން ވަޒީފާއެއް ހޯދަންވީއެވެ.
ޒަހުރާން ކާކޮޓަރިއަށް ވަނުމުން އޭނަގެ މަންމަ ކޮފީތަށްޓަކާއި، ކާއެއްޗެހި އަޅާފައި ހުރި ތަށްޓެއް ކައިރިކޮށްލަދީފިއެވެ. ޒަހާރާ އާއި އެލީސާ ވެސް ޖޫހެއް ބޯލަން ތިބިއިރު އާދައިގެ މަތިން އާއިލީ ކޮންމެވެސް ވާހަކައެއްގައި ތިއްބެވެ. ޒަހުރާންވެސް މާމަމެންގެ ވާހަކަ އާއި ބައިވެރި ވަމުން، ކޮފީތަށި ތުބުގައި ޖަހާލި އެވެ. ކުއްލި އަކަށް ޒިލާ، ޒެފަން ކޮނޑަށް ލައިގެން ދުވަމުން އައިސް ޒަހުރާންގެ އަތަށް ދަރިފުޅު އެއްލާލި ގޮތުން ހީވީ މޮޔަވެފައި ހުރިހެންނެވެ. ޒަހުރާން ސަމާލުވެގެން ނެތްނަމަ ކޮފީތަށިވެސް ބަންޑުންވީހެވެ. އޭނަ ހައިރާން ކަމާއި އެކު ދަރިފުޅު އުރާލަމުން ތެދުވެއްޖެއެވެ.
"ކިހިނެއް ވެގެން...." ޒަހުރާންގެ ޖުމްލަ ފުރިހަމަ ނުވަނީސް ޒިލާ ބާރަކަށް ރޮއިގަތެވެ.
"ޒެ... ޒެފް ވިހައެއް ކާލީ.... ޕްލީޒް ސޭވް ހިމް، އަވަހަށް އެމްބިއުލެންސަށް ގުޅާބަލަ، އަވަސްކޮށްބަލަ، އަހަރެމެންގެ ދަރިފުޅު......" ޒިލާ ޒަހުރާންގެ ގައިގައި އެލިގަނެގެން ބާރަށް ރޮއިގަތެވެ. ޒަހުރާންއަށް ކުއްލި ޝޮކެއް ލިބުނެވެ. ޒިލާ އެބުނި އެއްޗެއްގެ މާނަ ރަގަޅަށް ސިކުނޑިއަށް ނަގައިގަނެވުމާއިއެކު ޒަހުރާން އުޅުނީ އަވަހަށް އެތަނުން ދާންވެގެންނެވެ. ގެއްލިގެންދާ އެންމެ މިނިޓަކުން ވެސް ކިތަންމެ ބޮޑު ހާދިސާއެއް ހިގައިފާނެކަން ޔަގީންވިއެވެ. ޒަހުރާން އަށް ފިޔަވަޅެއް ނޭޅިގެން އުޅެނިކޮށް މަލަކާ ދުވަމުން އައީ އެބުނާ ވިހަ ޕެކެޓް ހިފައިގެންނެވެ.
"ކޯނޗެއްތަ ބޭބީ ކެއީ؟" ޒަހުރާން ތަންކޮޅެއް ބާރަށް އަހާލައިފި އެވެ.
"ޕެސްޓިސައިޑް...." ޒިލާ އެހެން ބުނުމުން ޒަހުރާންގެ ސިކުނޑި ގަނޑުވިހެން ހީވިއެވެ. ޒަހުރާންއަށް އެ ޕެކެޓް ޖަހައިގެން ކަހަލަ ގޮތަކަށް ބޭރަށް ބަލައިލެވުނު އިރު އޭނަގެ ހިތްވެސް ހުއްޓިދާނެހެން ހީވިއެވެ. އެއީ ފަނިމަރާ ބޭހެއް ނޫންކަމާއި، ގަސްކާނާ ކަން ޒަހުރާންއަށް ޔަގީންވިއެވެ. ގަސްކާނާގެ ކުޑަ މިންވަރެއް ދިރުވާލިޔަސް ކުޑަކުދިންނަށް ގެއްލުމެއް ވެދާނެއެވެ. އެކަމަކު ފަނިމަރާ ބޭހަށްވުރެ ނުރައްކާ ކުޑަވާނެއެވެ.
"މަންމަ ޒިލާ ގާތުގައި ބުނީމެއްނު އެ ޕެކެޓް ގެންގޮސް ފޮރުވާށޭ، އެކަމަކު ދަރިފުޅު އަޅާނުލައި ހުރީ....." މަލަކާ ކުށްވެރި ކުރީ ޒިލާ އެވެ. ހަގީގަތުގައި މަލަކާމެން ގަސް އިންދަން ހުންނަ ފޯރިއެއްގެ ސަބަބުން އެހުރިހާ އެއްޗެއްސެއް ގެންގުޅޭއިރު އެއީ ކުޑަކުދިން އަތްނުފޯރާފަށުގައި ރައްކާތެރި ކަމާއި އެކު ގެންގުޅެން ޖެހޭ އެއްޗެއްކަން ކުރިން ވިސްނައެއް ނުލިއެވެ. ރައްކާތެރިވާން އިންސާނުން ދަންނަނީ ހާދިސާއެއް ހިގައިގެން އިބުރަތެއް ލިބުނީމައެވެ.
"ތޭންކް ގޯޑް، ޑެޑީގެ ސްވީޓްހާޓް އޯކޭ ދޯ..." ޒަހުރާން ޒެފަންގެ މޫނަށް ބަލައިލަމުން އެތައްފަހަރަކު އެ ތުއްތު މޫނުގައި ބޮސްދިނެވެ. އޭނަ ހިތާ ހިތުން އެތައް ފަހަރު މާތް ﷲ އަށް ޝުކުރުވެރިވި އެވެ. އެއީ ގަސްކާނާ ކަމަށްވި ކަމީ ނަސީބެކެވެ. އެކަމަކު އެއީވެސް ކުޑަކުއްޖަކު ވިހަވެދާނެ އެއްޗެކެވެ. އެކި ކުދިންނަށް އެކިވަރުން އަސަރުކުރުވަފާނެއެވެ. ނަސީބަކުން ޒެފަން އިނީ ހަމަޖެހިލައިގެންނެވެ. ޒެފަން އޭނަގެ ބައްޕަގެ ގާތުގައި ބުނީ އަނގަޔަށް ލާފައި ނުބައިކަމުން ނުކައި އެއްލާލީ ކަމަށް ތުއްތު ބަހުރުވައިން ބުނެދިނުމުން ޒަހުރާންގެ ހިތް ލޯބިން ފުރުނެވެ.
"ކުރިއަކުން ޒެފް އެއްވެސް އެއްޗެއް އަނގަޔަކަށް ނުލާނެ، ކާ އެއްޗެހިވެސް ގަދަކަމުން ކާ ކުއްޖެއް، ހަޑި އެއްޗެއް އަދި ކާލަފާނެކަމަށް ހިތަށް އަރުވާކަށްވެސް ނޭގޭނެ........" ޒިލާ އަށް އެގޮތަށް ރޮވުނީތީ އޭނަ ލަދުގަންނަގޮތްވިއެވެ. އޭނަ ހަމަޖެހިލަން ވެގެން ހީގަތެވެ.
"ބޭބީވެސް ކުރާ ކަންތަކޭ، މަންމަ ރުޅި....." ޒިލާ މަޑުމަޑުން ޒެފަންގެ ކޮލުގައި ޖަހާލިއެވެ.
"ކުޑަކުދިން އާއްމުކޮށް ނުކުރާ ކަމެއް އެއްފަހަރު ކޮށްލަފާނެކަން ޒިލާއަށްވެސް އެގެންވާނެ ދޯ ދަރިފުޅާ، ތިހާ ފަރުވާކުޑަކޮށްނުލާތި، މިއަދުވެސް ޒެފަން ގެ ފުރާނައަށް ކަމެއްވިނަމަ އެ ނިމުނީ، އެކަކު އަނެކަކު ކުށްވެރި ކުރިޔަސް އެކުއްޖާ އެއް އެނބުރި ނާންނާނެ، ދެން މިގޭގައި ތި ކެމިކަލްތައް ގެންގުޅެނީ މަލަކާ އާއި އެލީސާ، ޒެފް އަތް ނުފޯރާ ހިސާބުގައި ދަރިފުޅުމެން ތި ގެންގުޅޭތި،...." ޒަހާރާ އެހެން ބުނުމުން އެލީސާ ވަގުތުން އެއްބަސްވިއެވެ. ޒަހުރާން ޒެފަން ކޮނޑަށް ލައިގެން ބޭރަށް ދާން ހިނގައިގަތުމުން ޒިލާ ފަހަތުން އައެވެ.
"ދެން ނުބުނާތި އަހަންނަށް ދަރިފުޅު ނުބެލެހެއްޓެނީއޭ، ޒަހުރާން އަބަދު އުޅެނީ ޑިއުޓީގައި، ހުރިހާ ކަމެއް ކުރަން ޖެހެނީ އެންމެ މީހަކު...." ޒިލާ ބޭނުންވީ ކުރީގައި އޮތް ގުޅުން ޒަހުރާން އާއި އޮތުމަށެވެ. ޒަހުރާން އަނގައިން ނުބުނެ ހުންނާތީ އޭނައަށް ހާދަ އުދަގުލެވެ. އެއްގެއެއްގައި ދެ ބީރައްޓެހިން ފަދައިން އުޅެމުންދާއިރު އޭނަ ހުންނަނީ މަންމަމެން ސިއްރު ރޭވުންތައް ރާވާތީ ބިރުންނެވެ. އަނެއްކާ ޒަހުރާންއަށް އެހެން އަންބަކު ހޯދަން އުޅެނީކަމަށް ވެދާނެއެވެ. އެވަރުންވެސް ޒަހުރާން ހުރީ އެއްޗެކޭ ނުބުނަން ކަމަށްވެގެންނެވެ. މަލަކާގެ ގާތުގައި ދޮގުހަދައިގެން އޭނަގެ އަގު ވައްޓާލި ކުއްޖަކާއި އަނގައިން ބުނުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ދޮގުހަދާ މީހުންދެކެ އޭނަ ހާދަ ރުޅިއެއް އާދެއެވެ. ހަމަ ނުވިސްނެނީ ހެއްޔެވެ؟
މިޝެލިން އެފްބީ ހުޅުވާލި އިރު "ޒޯހާން" ކިޔާ ފިރިހެންކުއްޖަކު އޭނަ އެޑްކުރަން ޖައްސާފައި އޮތުމުން މިޝެލިން ހައިރާންވިއެވެ. އިއްބާނުގެ އެކުވެރި ޖިނާނު ވެސް ނުކުރާކަމެއް ޒޯހާން ކުރަންވީ ކީއްވެ ހެއްޔެވެ؟ ނަން ފެނުނީމަ ހީވަނީ އެ އާއިލާ ކުއްޖެއް ހެންނެވެ. އެ އާއިލާގައި ނަން އެއްގޮތް ކަމުން ޝައްކެއްވީއެވެ. އޭނައަށް އިއްބާނު އާއިއެކު އެގެއަށް އަންނަ އާއިލީ ރީތި ޒުވާނުން ފެނިފައިވާއިރު އެތަނުން އެކަކަށް ޒޯހާން ވުމަކީ އެކަށީގެންވާ ކަމެކެވެ. މިޝެލިން އެކަކާވެސް އެކުވެރިވާކަށް ބޭނުމެއް ނޫނެވެ. މި އާއިލާގައި އުޅޭ ޒަމާނީ، ސްޓައިލިޝް ޒުވާނުންގެ ހުރީ ހުޅަގުގެ އުޅުންގަނޑެވެ. އޭނައަށް އެގޮތެއް ކަމަކުނުދާނެއެވެ. މިޝެލިން ލެޕް ލައްޕާލާފައި ބަދިގެއާއި ދިމާލަށް ހިނގައިގަތީ ބަނޑުހައިވެގެން މެޔަށް އުދަގޫ ވާން ފެށީމައެވެ.
މިޝެލިން ވަކި ހިސާބަކަށް ދިޔައިރު ކޮޓަރިއެއްގައި މަންމަ އާއި އާމިރާ ކޮންމެވެސް ވާހަކައެއްގައި ތިބިއަޑު އިވުނެވެ. އޭނަގެ ފިޔަވަޅުތައް ހުއްޓުނީ އިއްބާނުގެ ނަން ކިޔާލި އަޑަށެވެ. މިޝެލިން ދޮރުފަތާއި ނިވާވެލިއެވެ.
"ތި އިއްބާނަކު ރައްޓެހިވެގެން އުޅެނީ ފިރިހެނުންނާއި ކަމަށް ރަށުގައި އަޑުއަރާފައި ވަނީ، ރަހީމާ ބުނިގޮތުން ވިއްޔާ އިއްބާނު ފިރިހެންކުއްޖަކާއި ތުން ގުޅުވާލައިގެން ހުއްޓާ ފެނުނު، ދެން ބޮއިގެން ނޭ ތިބީ، އުޑުމަތި ރީތި ދުވަހެއްގައިވެސް އެމީހުންނަށް ފެނުނީ ވިއްސާރަ ވިލާ ހަދާފައި ހުއްޓާ، ތި ކައިވެނި ހުއްޓުނުކަމީ ދައްތަގެ ނަސީބު، ރާހިލް އާއި ޝެލްގެ ކައިވެނު ހަމަޖައްސަންވީނު، ރާހިލް ނުވާނެ އެހެނެއް...." އާމިރާ ގެ ވާހަކަތައް އަޑުއަހާފައި މިޝެލިން ހައިރާންވިއެވެ. އެވާހަކަތައް ގަބޫލުކުރަން އޭނަ ތައްޔާރެއް ނޫނެވެ. އެކަމަކު އިއްބާނުމެން ގޮތަކަށް ނޫޅޭނަމަ އެހާ ދުރަށް އަޑު ފެތުރެންވީ ކީއްވެހެއްޔެވެ؟ މާލެއަކީ ކުޑަ ތަނެކެވެ. އިއްބާނުމެން ހާދަ މަޝްހޫރެވެ.
"އާމިރާ، އަހަރެންނަށްވެސް ރަނގަޅީ ރާހިލް އާއި ޝެލްގެ ކައިވެނި ހަމަޖެހިއްޖެއްޔާ، އެކަމާއި އުޅެބަލަ، ރާހިލް ގެ ގާތުގައި ބުނެބަލަ ޝެލް މިހާރު ހުހަށޭ ހުރީ، ގުޅާބަލާށޭ، ރާހިލްއަކީ ރީތިވެސް ކުއްޖަކަށްވެފައި ލޯޔަރެއް، މޮޅު ވާހަކަތަކެއް ދައްކައިގެން ޝެލްގެ ހިތް ބަދަލުކުރަން އެގޭނީވެސް އެކަހަލަ ޒުވާނަކަށް..." ސޯފިޔާގެ އަޑު އިވުނެވެ.
"އަހަރެންވެސް ކަންތައް ފޮރުވާކަށް ނެތިން، ޒައިން ރާއްޖެ ތެރެއިން އެހެން މީހަކާއި އިނދެގެން ދަރިއެއް ހުންނަކަންވެސް އިހަށް ދުވަހު އެގުނީމަ ހިތަށް އެރި ވަރެއްގެ ކުއްޖެކޭ، އެކަމަކު އޭނަ މިލީނާ އާއި ކައިވެނިކުރަން އުޅުނީ، ދެން އެހެންވީމަ އިތުބާރު ގެއްލުނު، ކޮންމެހެން އޭނަ ގޯސް ކުއްޖެކޭ ނޫން މިބުނަނީ، އިންސާނުން އެހާ ފުރިހަމައެއް ނުވާނެއް ނު، އެކަމަކު ރާހިލް ހަމަ އެއްވަނައިގެ ކުއްޖެއް، މިކަމަށް މަސައްކަތް ފަށަންވީ ކަންނޭގޭ، ދައްތަގެ އެއްކުއްޖަކު ބައްޕަ ފަރާތު އާއިލާއަށް އެދިޔައީ، ކުޑަ މީހާ އަހަންނަށް ދައްތަ ދީބަލަ..." އާމިރާ އެދުނެވެ. މިޝެލިން ފަހަތަށް ޖެހެމުންގޮސް ކޮރިޑޯ ހުރަސްކޮށްލާފައި ބަދިގެއަށް ވަންއިރު އޭނަގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ.
މިޝެލިން ބޭރަށް ނިކުތީ މާބާރަކަށް ބެލް ޖަހަން ފެށުމުންނެވެ. ދޮރުމަތީގައި ހުރީ ނުދަންނަ ފިރިހެންކުއްޖެކެވެ. އެކުއްޖާ އޭނަ އަތަށް ރަތް ފިނިފެންމަލުގެ ބުކޭއެއް ދީފައި ހިގައިގަތުމުން މިޝެލިން ހުރީ ހިގައިގަންނަން ނޭގިފައެވެ. އެއީ ކާކު ދިން އެއްޗެއްކަން ޔަގީންވީ ނޯޓްކޮޅު ފެނުމުންނެވެ. "ސޮރީ ޑާލިން" ކުރު ލަފުޒެއް ފެނުނީމަވެސް މިޝެލިންގެ ގައިން ހީބިހިނެގިއެވެ. މިޝެލިން އޭނަގެ މަންމައަށް އެ ބުކޭ ފެނުމުގެ ކުރިން އަވަހަށް ސިޑިން އަރައިގެން ގޮސް ކޮޓަރިއަށް ވަދެ އެނދުމައްޗަށް ބުކޭ އެއްލާލައިފިއެވެ.
"އެ ބެން ގަނޑު ހަމަ އުދަގޫ ކުރާނެ....." މިޝެލިން ބާރަކަށް ބުނެލިއެވެ.
މިހުރާން "ވެންގެން" ގެ ދަތުރު ނިންމާލާފައި ޒިއުރިކަށް އައީ ވެސް ރޭލުގައެވެ. ސްވިޒަލެންޑަކީ ދުނިޔެމަތީގެ ސުވަރުގެއޭ ބުނާހާ މަންޒަރު ރީއްޗެވެ. ފަރުބަދަތަކާއި، ރީތި ވާދީތައް އަދި ކޯރުތަކުގެ އައްސޭރިއަށް ދާންދެން މިލީނާގެ ހިތް ފަތަހަ ކުރިއެވެ. ޕައިން، ފާރ ފަދަ ގަސްތަކުގެ ސިލްސިލާ އާއި ބައެއް ހިސާބުތަކުން ފެންނަ ކުލަކުލައިގެ މާތަކުންވެސް މިލީނާގެ މޫޑު އެހާ ރަނގަޅެއްނުވިއެވެ. މިހުރާން އާއި މީރާގެ ވާހަކަ ހުރިގޮތުން އެމީހުންގެ އެންމެ ފަހުގެ މަންޒިލަކީ ލަންޑަންކަން މިލީނާއަށް އެގުނެވެ. ލަންޑަނުގައި މިހުރާން އާއި މިލީނާ ވަކި ގެއެއްގައި އުޅެން ނިންމާފައިވާ ކަހަލަ ވާހަކައެއް ދެކެވުނެވެ. މިހުރާން ބުނީ ލަންޑަނުގައި ދިރިއުޅޭ އާއިލާތަކާއި ތަންކޮޅެއް ދުރުން ގެއެއް ހޯދުމުގެ ބޭނުމަކީވެސް އެމީހުންގެ ދިރިއުޅުން ސިއްރުކުރުން ކަމުގައެވެ.
މިލީނާއަށް ވާނުވާ ރޭކާލާން ފެށިއެވެ. މިހުރާން އޭނަ އާއި ކައިވެނި ކުރީ އެކަނި ދެއްކުމުގެ ގޮތުންނެވެ. ހަގީގީ ލޯބިވެރިޔަކީ މީރާއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އޭނަ އާއި ބަލާއިރު މީރާ ހާދަ ރީއްޗެވެ. މޮޑެލްއެއްފަދަ އަންހެންކުއްޖެކެވެ. މިހުރާން އާއި ދެމީހުން އެއްތަނެއްގައި ތިބޭއިރު ހީވަނީ އެކަކު އަނެކަކަށްޓަކައި ހައްދަވާފައިވާހެންނެވެ. ސްޓައިލްވެސް ގުޅެނީ އެދެކުދިންނެވެ. އޭނަ ހެދުން އަޅާގޮތުން މިހުރާން އަކާއި ނުވެސް ގުޅެއެވެ. އެހެންނޫނަސް އެ ދެމީހުންގެ ފަހަތުން އޭނަ އުޅޭއިރު ހީވަނީ އަޅުކުއްޖެއްހެނެވެ. ނޭގޭ ސަބަބަކާއި ހުރެ މިލީނާގެ ހިތަށް ތަދުވެއްޖެއެވެ. އަމިއްލަ ނަފުސަށް އޮތް އިތުބާރު ކުރިއަށް ވުރެ ދަށްވެއްޖެއެވެ.
"އަދި ވިންޓަރ ގައި އަހަރެމެން މިތަނަށް އަންނާނީ ދޯ...." މިހުރާން މީރާގެ ފަށުވި އިސްތަށިގަނޑުގައި ބޮސްދިނީ މިލީނާ ބަލަން ހުއްޓައެވެ.
"ބޭނުންގޮތެއް، ހެންޑްސަމް...." މީރާ ފަރިވަމުން މިހުރާންގެ މޭގައި ބޯ އަޅާލައިފި އެވެ.
ނޭގި ނަމަވެސް މިލީނާގެ ހިތަށް އަސަރުކުރިއެވެ. މީރާ ރީތިކަމުން އެ ކުޑަ ހިތުގައި ހަސަދަވެރިކަން އުފެދުނީ ހެއްޔެވެ؟ އެހެންނޫންނަމަ އެ މަންޒަރުން އުދަގޫވާންވީ ސަބަބެއް ނޭގުނެވެ.
ލަންޑަނާއި ހަމަޔަށް ފޯރިއިރު މިލީނާގެ ބޯ އަނބުރައި، ހޮޑުލެވޭގޮތްވާތީ މިހުރާން ބޭސް ގުޅައެއް ކާންދިނުމުން ކާރުތެރޭގައި މިލީނާއަށް އޮތީ ނިދިފައެވެ. މިލީނާގެ ލޯ ހުޅުވޭވަރުވީ ކާރު މަޑުކޮށްލާފައި މިހުރާން ގޮވަން ފެށުމުންނެވެ. މިލީނާ ކާރުން ފައިބަމުން ވަށައިގެން ނަޒަރު ހިންގާލިއިރު އެމީހުން ތިބީ ވަރަށް ހިތްގައިމު ގެއެއްގައެވެ. ގޭގެ ކުރިމަތީގައި އޮތީ ކުޑަ ބަގީޗާއަކަށް ވިޔަސް އެހާ ނަލައެވެ. ގޭގެ ކުރިމަތީގައި ހުރި ބޮޑުގަހުގެ ބައެއް ފަތްތަކަށް ކުޑަ އޮރެންޖް ކުލައެއް ވެރިވެ، ޚަރީފު މޫސުމް ފެށެނީކަމުގެ އިއުލާން ކުރަނީ އެވެ. މިލީނާ ވަރުބަލިވެ، ފިނިވެފައިވާވަރުން އެވަރަށް ގަސްތަކަށް ބަލާނެ ޝައުގެއްނެތެވެ. އޭނަ ގެއަށް ވަދެ ސޯފާގައި އޮށޯތުމުން މިހުރާންމެން ދިޔައީ ބޭރަށެވެ. ބައިގަޑިއެއްހާއިރު ފަހުން އެމީހުން އައީ ކޮތަޅުތައް ހިފައިގެންނެވެ.
"މިލީ މި އެއްޗެހި ކަބަޑުތަކަށް ލާފައި ކޮފީ ހަދައިގެން އާދެބަލަ، ޕިއްޒާވެސް ހޫނުކޮށްލާތި އިނގޭ، ވަރަށް ބަޑުހައިވެއްޖެ....." މީރާ ކުޑަ ހިނިތުންވުމަކާއި އެކު ބުނެލިއެވެ. މިލީނާ ދެކޮޅުހެދުމެއްނެތި އަވަހަށް އެ ކޮތަޅުތައް ހިފައިގެން ބަދިގެއާއި ދިމާލަށް ހިގައިގަތެވެ. ކޮތަޅުތަކުން ނެގި ސާމާނުތައް ފްރިޖާއި، ކަބަޑަށް ލުމުގައި އަވަދިނެތި އުޅުނުއިރު މިލީނާ ފެން ހޫނުކުރަންވެސް ޖެއްސިއެވެ. ނަސީބަކުން ބަދިގޭގައި މަގާއި، ތަށިތައް އަދިވެސް އެހެނިހެން ސާމާނު ހުއްޓެވެ. ބަޔަކު އުޅެފައިވާ ގެއަކަށްވިޔަސް ހީވަނީ އާތަނެއް ހެންނެވެ. ނޫނީ މިހުރާން ފަރުނިޗަރާއި ސާމާނުތައް އާކޮށްލާފައި ހުރީއެވެ. މިލީނާ ކޮފީ ހަދައިގެން އައުމުން ކޮފީބޮއިގެން އެމީހުން އަނެއްކާ ނިކުތީއެވެ. މިލީނާ އެކަނިކޮށްލާފައި ދިޔުމުން ހިތަށް އުދަގޫވިނަމަވެސް އޭނަ އަޅާނުލައި ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެލީ އަދިވެސް ގައިގައި ވަރު ނުޖެހޭތީއެވެ.
މިހުރާން އިރުއޮއްސުނު ފަހުން ގެއަށް އައިއިރު މީރާއެއް ނެތެވެ. މީރާ ދިޔަ ތަނެއް އޮޅުން ފިލުވައިލަން ސުވާލުކުރާކަށް މިލީނާއަކަށް ނުކެރުނެވެ. އެހެންނޫނަސް މީރާ ނެތިއްޔާ އޭނައަށް ކޮންކަމެއް ހެއްޔެވެ؟ ލޮލަށް އުދަގޫވާފަދަ މަންޒަރު ނުބަލާ ހުރެވިދާނެއެވެ. މިހުރާން ގަދަ މުށިކުލައިގެ ޓީޝާޓަކާއި، ޖިންސެއްލައިގެން ހުރި އިރު، ހަށިގަނޑު ފެންނަލެއް ވަރަށް ފުރިހަމައެވެ.
"ނޯކަރަކު ނުގެނެޔަސް މެނޭޖް ކުރެވިދާނެތަ؟" މިހުރާން ކަންނެތް ގޮތަކަށް އެނދަށް ވެއްޓިގަތެވެ.
"ވެދާނެ..." މިލީނާ އެނދުން ތެދުވާން އުޅުމުން މިހުރާން މިލީނާގެ އަތުގައި ހިފާ ގަޔާއި ގާތަށް ދަމައިގަތެވެ.
"އަހަރެން އައިމަ ދުރަށް ދާން ނޫޅެ ބޭނުން ކަމެއް ކޮށްދޭން ދަސްވާނީ ކޮން ދުވަހަކުންތަ؟ އަހަންނަށް އެގޭ ތިއީ ޕާފެކްޓް ހައުސްވައިފެއްކަން، ހަޒްބެންޑް ބޭނުންވާ ކަންތައް ކޮންމެ ގަޑިއެއްގައި ކޮށްދީފައި، ގެ ބެލެހެއްޓެންޏާ ކިހާ ބެސްޓް، ކުޑަ ގެއެއް މިހޯދީ ދެމީހުން އެކަނި އުޅެން ފަސޭހަވާނެތީ، ދެމީހުންނަށް ކެއްކުމަކީ ބޮޑުކަމަކަށް ނުވާނެ، ދޮވެ ކަންތައް ކޮށްލުންވެސް ބޮޑުކަމަކަށްނުވާނެ، މިގެއަށް އަހަރެންގެ ފްރެންޑުން އަޔަސް ބޯލާނީ ކޮފީއެއް، ވީމަ މާ ބޮޑު މަސައްކަތެއް އަނެއްހެން ނޯންނާނެ، މިހާރު ދެމީހުން އެކަނި މިވީ، ހިގާ އެންޖޯއިކޮށްލަން......" މިހުރާން މިލީނާގެ އިސްތަށިކޮޅުގައި ފިރުމާލި އެވެ.
"ނަމާދު ކޮށްގެން..." މިލީނާ ހިންދިރުވާލިއެވެ.
"އޯކޭ ފައިވް މިނިޓްސް..." ނަސީބަކުން މިހުރާން މިލީނާގެ އަތުން ދޫކޮށްލިއެވެ. މިލީނާ ފާޚާނާގައި ވުޟޫކުރަން ހުރިއިރު ލޮލުން އޮހުނު ކަރުނަތައް ފެނާއި އެކުވިއެވެ. މިހުރާން އެވަރަށް އުދަގޫ ކުރަންވީ ކީއްވެ ހެއްޔެވެ؟ އެހެން އަންހެންކުއްޖަކާއި އެކު އުޅެމުން އޭނަގެ ގާތަށް އައުމުގެ ބޭނުމަކީ އޭނައަށް ލަނޑު ދޭންވެގެން ހެއްޔެވެ؟ މިލީނާ ކުޑަކޮށް މޭނުބައިކުރަން ފެށިއެވެ. ބޮލަށް އެނބުރުން އެރިއެވެ. މިރޭ އޭނަ ބޭނުމީ އަރާމުކުރުމެވެ. އެހާ ބަލިވެފައި ހުރިއިރުވެސް މިހުރާން ރަހުމެއް ނުކުރާނީ ހެއްޔެވެ؟ ނަމާދުކޮށް ނިމޭއިރަށް މިލީނާގެ ލޮލުން ކަރުނަ އޮހިގަތެވެ. މިހުރާން ސުވާލުކުރުމުން މިލީނާ ބުނީ ބަލިވެ އުޅޭތީކަމަށެވެ.
"މިއީ ބަލިތައްވެސް ރަނގަޅުވާކަމެކޭ، ބަމްބީ އެކަމެއް ނުދަންނަންތަ؟ އެހެންނޫނަސް ތިހިރީ ހީކަރުވާފައެއްނު، އަހަރެން ޓަޗްކޮށްލީމަ ހުރިހާ ކަމެއްވެސް ރަނގަޅު ވެދާނެ، ދެން ފާޑު ފާޑުގެ ބަހަނާ ނުދައްކަބަލަ......" މިހުރާން މިލީނާގެ އިހުސާސްތަކަށް ގަދަރުކުރުމެއްނެތި އޭނަގެ އަތުގެތެރެއަށް މިލީނާ ގެނައެވެ. އެ ބާރުގަދަ އަތުގެ ތެރޭގައި ގުޑިލާނެ ހިތްވަރެއްވެސް މިލީނާ އަކަށް ނުލިބުމުން ދެލޯ މަރައިލެވުނެވެ.