ރާހިލް ބަލައިވެސް ނުލާ އަތުގެ ފޯނާއި ކުޅެލަ ކުޅެލާ އިން އިރު އެތަނުގައި އެހެން ބަޔަކު ތިބިކަން ރޭކާލާހެނެއްވެސް ހިޔެއްނުވެއެވެ. ނޫނީ އޭނަ ލަދުން އިނީ ކަންނޭގެ އެވެ. މިޝެލިން ވެސް އާމިރާގެ މޫނަށް ބަލަހައްޓައިގެން ހުރި އިރު ހިނިތުންވެލާން ހިތަކަށްވެސް ނޭރިއެވެ.
"ޝެލް.... ނުފެނި ހާދަ ދުވަސް ވެއްޖެއޭ ކިހިނެއްތަ ޝެލް، ތަންކޮޅެއް ހިކިކަމަށް ވެސް ދައްކާ......." އާމިރާ ތެދުވެގެން އައިގޮތަށް މިޝެލިންގެ އަތުގައި ހިފައިގެންގޮސް ބޭންދީ އޭނަ އާއި ރާހިލް އާއި ދޭތެރޭގައި ހުރި ހުސް ތަންކޮޅުގައެވެ. އެލީސާމެން ފަދައިން ނިތްކުރީގައި ބޮސްދިނުން ފަދަ ކަންތަކުން ލޯބި ދައްކުވައި ދިނުމަކީ އާމިރާމެންގެ ތަބީއަތުގައި ހަރުލާފައިވާކަމެއް ނޫނެވެ. ނަމަވެސް އާމިރާ މާވަރަކަށް ހެވިލާފައިހުރެ އަތުގައި ހިފައިލި ގޮތަކުން އަމިއްލަ އެދުމެއްވާ ކަމުގައި މިޝެލިންއަށް ހީކުރެވުނެވެ.
ސޯފިޔާ އާއި އާމިރާ ސައި ހެދުމުގެ ބަހަނާގައި އެތެރެއަށް ވަނުމުން ވެސް ރާހިލް އިނީ އިސްއުފުލައި ބަލައިލަން ބޭނުން ނުވެފައެވެ. ދޮންމަންމަ ބުނެގެން މިގެއަށް އައިކަމުގައިވިޔަސް އޭނަ ހުރީ މިގޮތަށް އަންހެންކުއްޖަކާއި އެކީގައި އޭނަ އެކަނިކޮށްލާފައި ދޮންމަންމަ ދުރަށް ދާނެކަމަކަށް ނޫނެވެ. އޭނަ ދެނެހުރި ގޮތުގައި މިލީނާ އާއި މިޝެލިން މީހުންނާއި ކައިވެނިކޮށްގެން އުޅެނީ އެހެން ގެއެއްގައެވެ. މިޝެލިން ވެސް އިނީ ޚިޔާލެއްގައެވެ. އެއް ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު އިނދެލާފައި މިޝެލިން ހިނގައިގަތީ ސިޑި އާއި ދިމާލަށެވެ.
މިޝެލިން މިލީނާގެ ކޮޓަރީގެ ދޮރު ހުޅުވައިލި އިރު މިލީނާ މޭޒުދޮށުގައި އިށީދެލައިގެން ލެޕުގައި ކޮންމެވެސް އެއްޗެއް ލިޔަން އިނެވެ. މިޝެލިން އެއައިގޮތަށް އެނދުގައި ބަންޑުން އޮށޯތުމުން މިލީނާއަށް ކީއްވެކަން އެނގުނެވެ. މިޝެލިން މިދުވަސްކޮޅު އަބަދުހެން އުޅެނީ ހިތާމައިގައެވެ.
"ޝެލް...... ސައި ބޮއިފިންތަ؟" މިލީނާ އަހާލައިފި އެވެ. މިޝެލިން ޖަވާބެއް ނުދީ މަޑުމަޑުން އޮތީއެވެ. މިލީނާއަށް އިވުނީ މިޝެލިންގެ މަޑު ގިސްލުމުގެ އަޑެވެ. މިޝެލިންގެ ހިތަށް ލިބޭނެ ވޭނާއި، ކެތްނުކުރެވޭނެ ވަރު މިލީނާއަށް އިހުސާސް ކުރެވުނެވެ. ލޯބިން އުޅެނިކޮށް ބައިވެރިޔާ ވަކިވުމަކީ ކިހާވަރެއްގެ ހިތާމައެއްކަން އޭނައަށް އެގެއެވެ. މިހުރާން ފަދަ ފިރިޔަކާއި އެކީގައި އަނިޔާތަކެއް ތަހައްމަލުކޮށްފައިވާ އިރުވެސް މިލީނާ ވެސް މިހުރާން މަތިން ހަދާންވެއެވެ. ދެރަގޮތެއް ވާކަށް ބޭނުމެއްނުވެއެވެ. މިހުރާން އަށް ކަމެއްވެއްޖެއްޔާ އޭނައަށްވެސް ރޮވޭނެ ކަން ޔަގީނެވެ. ލޯބި ނޫނަސް ކުލުނު ނޫނީ އެހެން ނަމެއް ނަމަވެސް ކޮންމެވެސް އިހުސާސެއް އޭނަގެ ހިތުގައިވެއެވެ.
"އައި ކެން އަންޑަސްޓޭންޑް ޝެލް....." މިލީނާ ތެދުވެގެން އައިސް މިޝެލިންގެ އަތުގައި ފިރުމާލިއެވެ.
މިޝެލިން އަތުގެ އިނގިލީގައި ދަތްއަޅައިގަތީ އަޑު ބޭރުވެދާނެތީއެވެ. ނޫނެކެވެ. މިލީނާއަށްވެސް އޭނަގެ ހިތުގެ ވޭނުގެ ކުޑަ މިންވަރެއް ނޫނީ އިހުސާސެއް ނުކުރެވޭނެ އެވެ. އޭނަ އާއި އިއްބާނުގެ ދެމެދުގައި އޮތް ގުޅުމެއްވެސް ނޭގޭނެ އެވެ. އިއްބާނު ވަކިވެގެން ދިޔައީ އޭނަގެ މާފު ލިބުނުކަން ނޭގިހުރެއެވެ. އަދި އިއްބާނުގެ ހިތް ހަލާކު ކުރެވުނު ވަރު ދެނެވޮޑިގެން ވަނީ ހެއްދެވި ފަރާތެވެ. އިއްބާނުއަށް އޭނަގެ ފަރާތުން ކުޑަ ނަމަވެސް އުފަލެއް ނުލިބޭކަން އެހެން މީހުންނަށް އެނގޭނެ ނަމައެވެ. އިއްބާނުގެ ހިތުގައި ޖައްސައި، ނިކަމެތިކޮށްލިވަރު އެނގޭނެ ނަމައެވެ. އެހެންމީހުން ގާތުގައި އޭނަ ވަރުގެ ރަހުމެއްނެތް އިންސާނެއް ނުހުންނާނެއެވެ. އިއްބާނުގެ އާއިލާ މީހުން ވަނީ އިއްބާނުގެ ހިތް ފުރެންދެން އިއްބާނުއަށް ލޯބި ދީފައެވެ. އެމީހުން ކުރާކަށް މާ ބޮޑު ހިތާމާއެއް ނޯންނާނެއެވެ. އެމީހުން ދެރަ ވާނީ މާޒީގެ ކޮން ކަމަކާއި މެދު ހެއްޔެވެ؟ އިއްބާނު އާއި އެކު އެމީހުންގެ ވާނީ ރީތި ހަނދާންތަކެވެ. އެހަނދާންތަކުގެ އެހީގައި އެންމެން އުޅެދާނެއެވެ. އޭނަ މުޅިން ތަފާތެވެ. އޭނަ ގެ ފަރާތުން އިއްބާނުއަށް އަނިޔާ އާއި ހިތާމަ ދިނީ ހީވެސް ނުކުރާހާ ބޮޑަށެވެ. އަމިއްލަ ނަފުސް ކުށްވެރި ކުރެވުނީ އިންތިހާއަށެވެ. ކޮންމެ ގޮތެއްވިޔަސް އޭނައަށް އެކަމުގެ ސަޒާ މި ލިބުނީ ހީވެސް ނުކުރާފަދަ ވޭނީ ގޮތެއްގައެވެ. ކިތަންމެ ވަރަށް ކަރުނަ އޮއްސިޔަސް އޭނަގެ ހިތަށް ޝިފާއެއް އަދި ފިނިކަމެއް ނުލިބޭނެއެވެ. އިއްބާނުގެ ފަރާތުން މާފެއްވެސް ނުލިބޭނެއެވެ. އޭނަ ޖެހޭނީ ދިގު އިންތިޒާރެއް ކުރުމަށެވެ.
"ނުރޮއި ޝެލް... ޕްލީޒް..." މިލީނާ އެހެން ބުނުމުން މިޝެލިންއަށް ހިތް ކުދި ކުދިވާފަދަ ގޮތަކަށް ރޮއިގަނެވިއްޖެއެވެ. އެފަދަ ވަގުތެއްގައި ވާނީ ވެސް އެހެންނެވެ. ހަމްދަރުދީގެ އެންމެ ލަފުޒެއް ދުލުން ބޭރުވިނަމަވެސް ކެތެއްނުކުރެވޭނެއެވެ. މިޝެލިންއަށްވެސް ވީ އެހެންނެވެ. އެކި ހަނދާންތައް ހިތަށް އުދަގޫކުރިވަރަކަށް މިޝެލިންގެ ގިސްލުން އިތުރުވިއެވެ.
"މިލީ، ކިހިނެއް ކެތްކުރާނީ..... އައި ވިޝް އައިމް ޑެޑް..." މިޝެލިން ނޭފަތް ދަމާލި އެވެ.
"ޝެލް، އަދިވެސް ޕޮޒިބިލިޓީ އެބައޮތް ބެން ދުނިޔޭގައި ހުރެދާނެ ކަމަށް، އެންމެ ފަހު ވަގުތާއި ހަމަޔަށްވެސް އުއްމީދު ކަނޑާލާކަށް ނުވާނެ، ބެން މަރުވެފައިވާކަމުގައިވާ ނަމަ މިއަދު ބެން ގެ ފުރާނައަށް ހަމަޖެހުމެއް ނުލިބޭނެ، ބެން ބޭނުން ވާނީ ޝެލް އުފަލުގައި ހުރުމެއް ނޫންތަ؟ ޝެލްގެ ރުއިމުން ބެންގެ ފުރާނައަށް ދަތިކަން ލިބޭނެ.... ޝެލް ޕްލީޒް....." މިލީނާ ވިސްނައިދިނެވެ. އެ ބަސްކޮޅުން މިޝެލިންގެ ހިތަށް އަޖައިބެއްފަދަ އަސަރުތަކެއް ކުރުވިއެވެ. އިއްބާނު ދުނިޔެ ދޫކުރުމުންވެސް އެބުނާހެން އިއްބާނުއަށް ކަށްވަޅުގައި ވެސް އޮވެވުނަ ނުދޭންވީ ހެއްޔެވެ؟ މިޝެލިން ކޯތާފަތް ފޮހެމުން ތެދުވުނު އިރު ކަރުނުން ފުރިފައިވާ ރީތި ދެލޮލުގައިވި ވޭނީ އަސަރުތަކުން މިލީނާގެ ލޮލަށްވެސް ކަރުނަ ޖަމާވިއެވެ. ހުރި އެންމެ ކޮއްކޮގެ ހަޔާތް ބަރުބާދުވެގެން ދިޔުމަކީ އޭނަގެ ހިތަށްވެސް ހާދަ އަސަރުކުރުވި ކަމެކެވެ. އެހެންނޫނަސް އިއްބާނުއަކީ މިހުރާންގެ ކޮއްކޮއަށް ވީމަވެސް އެހާ ޚާއްސަވިއެވެ. އެހާ ރަނގަޅު ޒުވާނެއްގެ ކުއްލި ވަކިވުމަކީ އެހެން މީހުންނަށް ވެސް ލިބުނު ޝޮކެކެވެ.
"މިލީ، ބޭނުމެއް ނޫން ބެންއަށް އެއްވެސް ކަހަލަ ހިތާމައެއް ދެން ލިބޭކަށް، ކެތް ކުރާނީ..... އެކަމަކު..... ހިތަށް އަރާ ބެންގެ ފޭޓް އެނގޭނެ ނަމައޭ، އޭރުންވެސް ހިތަށް ކުޑަ ހަމަޖެހުމެއް ލިބިދާނެ، އައި ހޯޕް ހީ ޑިޑްންޓް ސަފަރ، މިލީ، ބުނަން ބޭނުން ވާހަކަތައްވެސް އެބަހުރި... ހިތަށް އަރާ ކިޔައިދެވޭނެ ނަމައޭ، އަދި ހިތްވަރެއް ނެތް ވާހަކަ ދައްކަން............" މިޝެލިން ޓިޝޫއަކުން ލޯ ފޮހެލިއެވެ. މިޝެލިން ދޭތެރެއަކުން މާ ގަދަޔަށް ރޮއިފާވެސް ކަރުނަތައް ފޮހެލައެވެ.
މިލީނާ ސައި ހިފައިގެން ކޮޓަރިއަށް އައުމުން އެކީގައި ކުޑަކޮށް ސައިބޯން މިޝެލިންއަށް މަޖުބޫރުވިއެވެ. ކޮންމެ މީހެއްގެ ކޮންމެ ހަރަކާތަކުންވެސް އިއްބާނު މަތިން ހަދާންވުން ނޫންކަމެއް ނުވެއެވެ. އިއްބާނުގެ ހިތްހެޔޮކަމާއި، ރަނގަޅުކަމުން މިގޮތަށް އެންމެނަށް ކޮފީ އެއްޗެހި ހަދައިގެން ގެނެސް ހިނިތުންވެލައިގެން ހުންނަ ހުރުން ލޮލަށް ފެންނަހެން ފިލްމެއްގެ މަންޒަރު ފަދައިން ލޮލުގެ ސްކްރީނުން ލަސްލަހުން ނިއުޅެވިގެން ދިޔަގޮތުން މިޝެލިންގެ ހިތަށް ފުން އަސަރެއް ކުރުވިއެވެ. ދެކުދިން ސައިބުއި އިރުގައިވެސް މިޝެލިން ބަސް މަދެވެ. މިލީނާގެ ސުވާލަކަށް ޖަވާބު ދިނަސް އަނގައިން ބުނާ ހިތެއްވެސް ނުވެއެވެ. ދެކުދިން ސައި ބޯން ތިއްބާ ސޯފިޔާ އާއި އެކުގައި އާމިރާ ކޮޓަރިއަށް ވަންއިރު އޭނަ ހުރީ ހިނިތުންވެލައިގެންނެވެ. އެކަމަކު ނަސީބަކުން ރާހިލްގެ ވާހަކައެއް މިޝެލިން ގާތުގައެއް އާމިރާ ނުދައްކައެވެ. އެކަމަކު އިއްބާނު ދުނިޔެ ދޫކުރިކަން އެނގުނު ވަގުތުން ފެށިގެން އޭނަގެ މަގުސަދު ހާސިލު ކުރުމުގެ ހުވަފެން ދެކެން ފެށިއެވެ. ރާހިލް ގޮވައިގެން މިއަދު މިގެއަށް އައި ބޭނުމަކީވެސް އެއީއެވެ.
މިހުރާން އިސްތަށިގަނޑުގައި ހަރުލާފައިވާ ކުދި ގަނޑުފެންކޮޅުތައް ފޮޅައިލުމަށްފަހު ކޯޓު ބާލާފައި ގެއަށްވަންއިރު ގޭތެރެ އޮތީ ހިމޭންކޮށެވެ. ބަނޑުހައިވެފައިވާވަރުން މިހުރާން ކާކޮޓަރިއަށް ދިޔުމުން މިލީނާގެ މަތިން ހަދާންވިއެވެ. މިލީނާ ދިޔަފަހުން ގެއިން ކެއްކި އެއްޗެއް އަނގަޔަށް ނުލެވެއެވެ. މުޅިންވެސް ފްރިޖް ނޫނީ ހޮޓެލުން ކައިގެން ހުންނަން ވުމުން ބައެއްފަހަރު މިހުރާން ފޫހިވެއެވެ. މީރާގެ ކަމަކީ ދުވާލު ހަތަރުދަމު ކޮޓަރީގެ އަލި ފަނޑުކޮށްގެން އަރާމުކޮށް ނިދުމެވެ. މިހުރާން ޗީޒް ސެންޑްވިޗެއް ކައިގެން ޖޫސްތަށްޓެއް ބޯލުމަށްފަހު މީރާ އޮތް ކޮޓަރިއަށް ވަނެވެ. ދާވަށިގަނޑު ފުރިފައި ހުރިތަން ފެނުމުން މިހުރާންއަށް އިރުކޮޅެއްވާންދެން ބަލަހައްޓައިގެން ހުރެވުނެވެ.
"ބޭބީ، އަދިވެސް ނިދަނީތަ؟" މިހުރާން އެނދުގެ މަގަތުގައި އިށީނެވެ.
"ހޫމް...." މީރާ ކަންނެތް ގޮތަކަށް އެހެން ބުނެލާފައި ބާލީހުގައި ބައްދާލައިފި އެވެ. މީރާ ރޭގަނޑު ވާހަކަފޮތެއް ނޫނީ ނެޓްގެ އަވައިގާ ޖެހިގެން އުޅުމަށްފަހު ދުވާލު ނިދުން އާދަކުރިތާ ކިތަންމެ ދުވަހެކެވެ. އެއީ މިހުރާންގެ އުސޫލެއްވެސް ނޫނެވެ. އޭނަ ހުޅަނގުގައި އުޅެ ބޮޑުވިޔަސް މަންމަމެންގެ ސަބަބުން ތަންކޮޅެއް ސިއްހީ ގޮތުން ރަނގަޅު އާދަތަކެއް ހަރުލާފައިވާކަމީ ނަސީބެކެވެ. މިހުރާން ފާޚާނާއަށް ވަދެފައި ބޮލުގައި ރިއްސާލާ ގޮތްވިއެވެ. މިލީނާ ހުންނައިރު ފާޚާނާ ސާފުތާހިރުކަމުން އެތާ އިނދެގެން ކެއުމަކީ ވެސް އުދަގޫ ކަމަކަށް ނުވާނެއެވެ. އެކަމަކު މީރާ ބޭނުންކޮށްފައި ހުރި ސެނިޓެރީ ނެޕްކިނާއި، އަންޑަވެއަރއަށް ދާންދެން އެތަން މިތަނަށް އުކާލާފައި ހުއްޓެވެ. ސާފުތާހިރު ކަމަށް ލޯބިކުރާ ޒުވާނަކަށް ވާތީ އާދައިގެ މަތިން މިހުރާން ފެންވެރުމުގެ ކުރިން ތަން ސާފުކޮށް އޮފްކޮށްލިއެވެ. އެކަމަކު އެފަދަ މަސައްކަތެއް ކުރާ ވަގުތު މިހުރާން ދެކެނީ ހަޔާތުން ބޭކާރުކޮށްލެވޭ ވަގުތުގެ ގޮތުގައެވެ. އެކަމަށްޓަކައި މަސައްކަތު މީހެއް ހުންނަން ޖެހޭނެއެވެ. އޭނަވެސް ލާރި ހޯދަނީ ދިރިއުޅުން ފަސޭހަ ކުރުމަށެވެ. އަދި އާމްދަނީ ނުލިބޭ މީހުންނަށް އޭނައަށް އެ ވަޒީފާ ދެވިދާނެ އެވެ.
"ލޯބިވާތީ ކަންނޭގޭ މީރާގެ ހުރިހާ ކަމަކަށް ކެތްކުރެވެނީ، މީރާ ލޭޒީ ކަމުން އަބަދު ނިދާފައި އޮންނަނީ، އެ މިލީ ގަނޑު މަތިން ހަދާންވަނީ މެއިޑެއްހެން އުޅޭތީ ކަންނޭގޭ.... ނޫނީ މެއިޑެއް ގެންނަންވީ އެހެންނޫނީ އަހަރެން މިގޭ ނޯކިރީކަން ކުރަން ޖެހިދާނެ، މީރާވެސް ހީވާގި ކުއްޖަކަށް ވާނެނަމަ އެކަމަކު ޝީޒް ގުޑް އިން ބެޑް، އެނޫންކަމަކަށް ރަނގަޅު ނުވާނީ ބާ، ނޫނީ ކޮންމެވެސް ދުވަހަކުން ފުރިހަމަ އަންބަކަށް ވެވޭނެބާ............." މިހުރާން ޚިޔާލެއްގައި ހުރެ، ހޫނު ފެން ޝަވަރަށް ދޫކޮށްލުމުން އެތައް ހާސް ފެންތިކިތަކެއް އެ ކަސްރަތީ ހަށިގަނޑުގައި ބީހިލާފައި މާބްލް ތަޅުންމައްޗަށް އޮހެމުން ދިޔައިރު އެތާ ހަރުލާފައި ވަނީ މަސްތީ ވަހެކެވެ. އޭރު މީރާ ދޮރުމަތީގައި އެ މަންޒަރު ދެކެން ހެވިލާފައި ހުއްޓެވެ. މިހުރާން ގެ ތަބީއަތު އެހާ ރަނގަޅު ނޫންވީމަ މީރާ އާއި ސަކަރާތް ޖަހާ ހިތެއް ނުވެފައި ހުރެ ބާތުރޫމުން ނިކުތެވެ. އެހެންނޫނަސް އިއްބާނުގެ ވަކިވުމަށްފަހު މިހުރާންގެ ދިރިއުޅުމަށް ވަނީ ހީނުކުރާފަދަ ހީނަރުކަމެއް ވެރިވެފައެވެ. އޭނަގެ އުފާވެރިކަމާއި، ހަމަޖެހޭ މިޒާޖަށް ކުރިމަތިވި އިންގިލާބަކަށް ވިޔަސް މިހުރާން އަދިވެސް އިއްބާނު މަރުވީކަމަށް ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. ކުޑަކޮށް ހިނިތުންވެލާ އުޅެވެނީވެސް އެކަމުގެ ސަބަބުންނެވެ.
"ރެން، އައި ނީޑް އެ ހޮޓް ބާތު... އެކަނި ނަގާހިތެއް ނުވޭ..." މީރާ ތަންކޮޅެއް ޅަވެލިއެވެ.
"މިހާރަކު ނޫން..." މިހުރާން ތުވާލިން ގައި ހިއްކަން ފަށާފައި ކަތި ނަޒަރަކުން މީރާއަށް ބަލައިލި އިރު މީރާގެ މޫނަށް މޮޅިވެރިކަން އިންތިހާއަށް ވެރިވެގެން ދިޔަތަން ފެނުނެވެ. މީރާ ރަކިވެސްވީ ކަންނޭގެ އެވެ. އޭނަ ގޮސް ބިލިގާއަށް ފެންއަޅާލައިގެން އެރިއޮވެވެސް ދެލޯމަރައިލީ އެވެ. އެހެން އޮވެ މީރާ ނުނިދައިފިއްޔާ ރަނގަޅެވެ.
މިހުރާން އެދުވަހު ގެއަށް މެއިޑަކު ހޯދިއެވެ. އެކަމަކު އެމީހާ ކައްކާ އެއްޗެހިވެސް މިހުރާންއަށް ކެވޭ ކަމަކަށްނުވިއެވެ. ހެނދުނު މިލީނާ ބިސްގަނޑު ހަދާގޮތަށް ރަހަމީރުކޮށް މެއިޑަށް އެކަން ކުރަން އެނގޭކަމަކަށް ނުވިއެވެ. ރަހަ ހެޔޮވަރުކޮށްލާކަށް އެމީހާ އަކަށްވެސް ނޭގެއެވެ. ހެދުމާއި، އެއްޗެހި ދޮވެ އިސްތިރި ކުރާ ގޮތާއި މެދުވެސް މިހުރާން ހިތްހަމަޖެހެނީއެއް ނޫނެވެ. ގޭގެ ސާފުތާހިރުކަންވެސް މިހުރާން ހިތްހަމަޖެހޭ ފެންވަރަކަށް ނުހުރެއެވެ. ހަފްތާއެއްހާ ދުވަސްވިތަނާ މީރާ އާއި ޒުވާބު ފަށެއް ކޮށްލާފައި އެމީހާ ދިޔުމުން ދެވަނަ މީހާ ހޯދަން މިހުރާންއަށް މަޖުބޫރުވިއެވެ.
މަހެއްހާ ދުވަސް ފާއިތުވެގެން ދިޔައިރުވެސް ގޯލްޑެން ފްލޭމްގެ މެމްބަރުންނަށް އިއްބާނުގެ ވަކިވުމުގެ ހިތާމަ ހިތުން ފިލުވައެއް ނުލެވުނެވެ. ނަމަވެސް ވަގުތަކީ ހިތާމައިގެ ފަރުވާއެވެ. ދުނިޔޭގެ ކަންތައް ހިނގާ އުސޫލާއި މެދު އިންސާނުންނަށް ކުރެވޭނެ މާބޮޑުކަމެއްނެތެވެ. ހިތާމަތައްވެސް މަޑުމަޑުން ފިލައި، ތަގުދީރުގެ ނިންމުމާއި މެދު ރުހި ކުރިއަށް ފިޔަވަޅު އެޅުމަށް މަޖުބޫރުވެއެވެ. އެންމެންގެ މޫނުމަތިން ހިނިތުންވުން ފެންނަން ފެށިއެވެ. އެންމެން ބަދަލުވި ނަމަވެސް މިޝެލިންގެ ރީތި ދެލޮލުގައިވާ ވޭނާއި، ރިހުމަށް ކުޑަތަންކޮޅެއްވެސް ލުޔެއް ނުލިބެއެވެ. އެންމެންގެ ނަސޭހަތް ތަކުންވެސް އެހިތަށް ލިބެނީ ވަގުތީ ޝިފާއެކެވެ. ފިނިކަމެކެވެ. އެކަނިވާއިރަށް ހިތާމަ އާއި، އެކަނިވެރިކަން އޭނަ ހިސާރުކޮށްލައެވެ. ކަރުނަތައް އޮހިގަނެއެވެ. އިއްބާނުގެ އިންތިޒާރުގައި ހުރެ އޭނަގެ ދިރިހުރުމުގެ ހުޅުކޮޅުވެސް ނިމިގެން ދާން އުޅޭހެން ހީވެއެވެ.
މާޒިން އަރާ ހަމަވުމުން އޭނަގެ މަންމަ ޒަހާރާ އާއި މަލަކާ ކުއްލިއަކަށް ދައްކަން ތިބި ވާހަކަ ހުއްޓާލި ނަމަވެސް އެންމެ ފަހުން މަލަކާ ބުނި ޖުމްލަތައް ރީއްޗަށް އަޑުއިވުނެވެ. "މާޒިން ގާތުގައި ހަގީގަތް ބުނުމަކީ އޭނައަށް ލިބިގެންވާ ހައްގެއް ކަންނޭގޭ، ނަހަލާލު ދަރިއެކޭވެސް ބުނަންވާނެ ދޯ މަންމާ، އޮޅުވައިލުމެއްގެ ތެރޭގައި ބެހެއްޓުމަކީ ރަނގަޅުކަމެއް ނޫން، މިހާރު މާޒިންއަށް އެނގުނަސް އޭނަ ހިތާމައެއް ނުކުރާނެ" އެ ޖުމްލަތައް އިވުނު ކަމަކަށް ނަހަދާ މާޒިން ހީލާފައި ރީތިކޮށް ވާހަކަދެއްކިއެވެ. އެކަމަކު މާޒިންގެ ހިތަށް އަނެއްކާ އުނދަގޫފަށެއް ވެއްޖެއެވެ. އޭނަގެ މައިންބަފައިންގެ ހަގީގަތް ދެނެގަންނަން އެހާ ބޭނުންވި ވަގުތު ކޮޅެއް ނާދެއެވެ. މަންމަމެން އެ ހަގީގަތް ހާމަކުރާނީ ކޮން ދުވަހަކުން ހެއްޔެވެ؟ އޭނަގެ މަންމައަކީ ކާކު ހެއްޔެވެ؟ މަންމައަށް އަނިޔާ ދީފައި ފިލައިގެން ދިޔަ ފިރިހެނާއަކީ ކާކުހެއްޔެވެ؟ އެއެއް އެނގުން ހާދަ މުހިއްމެވެ.
މިލީނާ ދެވަނަ ފަހަރަށް ޑޮކްޓަރ ސުމާ ލައްވާ ސްކޭނެއް ހެއްދި ދުވަހު ޑޮކްޓަރ ބުނުއްވީ މިލީނާއަށް ލިބެން އުޅެނީ ފިރިހެންކުއްޖެއް ކަމުގައެވެ. މިލީނާގެ ކުޑަ ޒޯހަން ގެ ތުއްތު ހަރަކާތްތަކުން މިލީނާ އާއި ސޯފިޔާއަށް ވެސް ހިތްހަމަޖެހުން ލިބުނެވެ. އެދެމައިން އަދިވެސް މުޅި އާއިލާއަށް އެކަން ސިއްރުކޮށްލާފައި ވެއެވެ. މިލީނާ ގޭގައިވެސް ލައި އުޅެނީ ތަންކޮޅެއް ދޫހެދުން ކަމަށްވާތީ އާއި ބަނޑު ހުންނަލެއް ތުނިކަމުން ފާހަގަ ނުކުރެވެނީ އެވެ. އެހެންނޫނަސް މިލީނާއަށް ދިމާވި އުދަގޫތައް މުޅިން ކެނޑި އޭނަ ގޯލްޑެން ފްލޭމްގެ މަސައްކަތްތައްވެސް ކުރަން ފެށިއެވެ. އިއްބާނު ވަކިވިފަހުން އެގޭގައި ކައްކައި ހަދާނެ މީހަކު ނުހުރެއެވެ. ކާން ގެންނަނީ އާއިލާގެ އެކި ގޭގެއިންނެވެ. އެކަމަކު މިލީނާ ކައްކައި، ގޭގެ ކަންތަކާއި އެހީވާން ފެށުމުން ޒަހާރާ، މަލަކާ އަދި އެލީސާ ވެސް މިލީނާ އާއިގެން ޖާނުން ފިދާވާވަރުވިއެވެ. އެމީހުންގެ ދުލުން މިލީނާއަށް ތައުރީފުގެ ބަހެއް ނޫނީ ނީވެއެވެ.
މިހުރާން ގާތުގައި ޔާވިން ދެއްކި ވާހަކަތަކުން މިހުރާން ހައިރާންވެ، އަންތަރީސްވިއެވެ. އޭނަ ހުރީ ގަބޫލު ނުކުރެވިފައެވެ. އެކަމަކު ޔާވިންގެ އަންހެނުންގެ މަންމަ ސުމާއަކީ ރޭޑިއޮލޮޖިސްޓަކަށް ވާތީ އާއި އެކު އެއީ ތެދެއްކަން ގަބޫލުނުކޮށް ކުރާނެ ކަމެއްވެސް ނެތެވެ. ސުމާ ވެސް އޭނަގެ އަންހެން ދަރިފުޅު ގާތުގައި ހަދަހަދައިގެން ވާހަކައެއް ނުދައްކާނެއެވެ. މިހުރާން ގެ ހައިރާންކަން ރުޅީގެ ސިފަ ޚިޔާރުކުރިއެވެ. މިލީނާ ހާދަ ގޮތްކުޑަވެއްޖެއެވެ. އެކަން އެނގުމުން ހައްގެއް އޭނައަށް ނެތީހެއްޔެވެ؟ މިލީނާ ހީކުރަނީ އެކަނި އޭނަގެ ދަރިއެއްކަމަށް ހެއްޔެވެ؟ އޭނަ ނުގުޅިކަމުގައި ވިޔަސް އެހާ ބޮޑު ޚަބަރެއް ދޭން މިލީނާ ގުޅަން ޖެހޭނެއެވެ. މިހުރާންއަށް ނާންގާ ހުރީތީ އެކަމުގެ އަދަބު ހިތިކޮށް މިލީނާ ލިބިގަންނަން ޖެހޭނެއެވެ. އެހެންނޫނަސް ގޭގައި މިލީނާ ނެތީމަ އޭނަގެ ހަޔާތުން ބަޔެއް އުނިވެފައިވާހެންވެސް މިހާރު ހީވާން ފަށައިފިއެވެ. މިލީނާ އޭނަ އާއި އެކުގައި ޔޫކޭ އަށް ނުގެނެސް ވާނެ އެއްވެސް ގޮތެއް ނެތީއެވެ.
މިލީނާ ފެންވަރާލައިގެން ނިކުމެ ގައިގައި ތުވާލި އޮޅާލައިގެން ހުރެ ގޮސް މޭޒުމަތީގައި ހުރި ފިނިފެންމާ ވާސްގައި މާތައް ތަރުތީބު ކުރަން ފެށިއެވެ. އެފަން އިސްތަށިގަނޑުން ފައިބަމުން ދިޔަ ފެންތައް އެ ފިޔާތޮށިކުލައިގެ ތުވާއްޔަށް ވަންނަމުން ދިޔައިރު، ދޮން ކަނދުރާގައި ފެންތިކިތައް ވިދާ ބަބުޅައެވެ. ކަރުގައިވާ ރަންފަށު ފުލުގައި އޮތް ކުޑަ ރޫބީގެ ސަބަބުން މިލީނާ ފެންނަލެއް ވަކިން ރީއްޗެވެ. މިލީނާ އެހެން ހުރެލާފައި އާދައިގެ މަތިން ރާގެއް ނާޅުވާ ލަވަކިޔަން ފެށިއެވެ.
"ލަވް ކެން ޓަޗް އަސް ވަން ޓައިމް އެންޑް ލާސްޓް ފޯރ އެ ލައިފް ޓައިމް......" މިލީނާ ދަމަދަމާފައި ލަވަކިޔަނިކޮށް މީހަކު ފަހަތުން އައިސް ތުވާލި ދަމައިގަތުމުން މިލީނާ ތޫލި އަޑަކުން ހަޅޭއްލަވައިގެންފައި މޭމަތީގައި އަތްއެޅިއެވެ.
"މިހުރާންތަ؟" މިލީނާގެ ހިތް ތެޅިގަތްލެއް ބާރުކަމުން ނޭވާ ނުލެވުނުހެން ހީވިއެވެ. ޗޮކްލެޓް ކުލައިގެ ޓީޝާޓަކާއި، ޖިންސެއްގައި އޭނަ ފެންނަނީ ފިރިހެން މޮޑެލްއެއް ހެންނެވެ. ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑާއި، ދެތިން ދުވަހަށް ތުނބުޅި ނުބާލައި ހުރުމުން ޝަޚުސިއްޔަތުގެ ވަރުގަދަކަން ދައްކުވާދެއެވެ. ރީތި ފިރިހެނެކެވެ. އެކަމަކު އޭނަގެ ހިތް މިހުރާން ފެނުނަސް ދިރޭރަހަފޮދެއް ފަދައިން ތެޅިގަންނަނީ އެހުންނަ އަނިޔާވެރި ސިފައަކުންނެވެ. ކޮށްފައި ނުކުރާނެ ކަމެއް ޚިޔާލަށް ނުގެނެވޭތީއެވެ.
"ހީކުރީ އަހަރެން މަރުވީ ކަމަށްތަ؟ އަހަރެން ދުވަހަކު މަރެއް ނުވާނެ... ދުވަހަކުވެސް ނާންނާނެ ކަމަށް ހީކޮށް ވަރަށް އުފަލުން ހުރެ އަދި ލަވަ ކިޔާލާވަރު.... ޔާވިންގެ ކޮކަޓޫ ސްކްރީމް ކުރާއިރުވެސް ތިހާ ސަޅިއެއް ނުވާނެ............" މިހުރާން ހީލާފައި ޖެއްސުމެއް ކޮށްލައިފި އެވެ.
"އަހަރެން މަރެއް ނުވާނެއޭ" އެހެން ބުނީ މިލީނާ ރުޅި އަރުވައިލަން ކަމަށް ވިޔަސް އެ ޖުމްލަ މިލީނާއަށް ނެގުނީ ނުބައިކޮށެވެ. މިހުރާން ގެ ދީނީ ކަންފުޅެއްވެސް ނެތެވެ. ހާދަ ނުލަފައެވެ. މިލީނާ އާއި މިހުރާން އެކަކު އަނެކަކަށް ބަލަހައްޓައިގެން އިރުކޮޅެއްވާންދެން ތިބި ވަގުތު ހީވަނީ ގަރުނަކަށް ދެމިގެން ދިޔަހެންނެވެ.
"އެންމެންވެސް މަރުވާނެ......" މިލީނާއަށް ބުނެވުނީ ބޭ އިޚުތިޔާރުގައެވެ.
"އައި ލިވް ފޯ އެވަރ، މަވެސް އިމްމޯޓަލް ވާނެ، ދެން އަހަންނަށް ވުރެ މިލީ މޮޅެއް ނުވާނެ އެބަޔަށް، މަވެސް ވާހަކަ ދައްކަނީ ވިސްނާފައޭ، ވީމަ މިލީ ލެކްޗަރު ނުދީ މަޑުން ހުރެބަލަ، އަހަރެން ނޫޅެމޭ ކަމެއް ނޭގިގެނެއް...... ކޮންމެ ކަމެއްގައި މިލީ މާ ފުންކޮށް ވިސްނަން ޖެހޭ، މާ ދީނީ މީހަކަށްވެގެން އެހެން މީހުންގެ ނުބައިކަން ދައްކަން އުޅޭހެންވެސް ހީވޭ....." މިހުރާން ހުރީ ކޮންމެވެސް ކަމަކާއި ހިތްހަމަނުޖެހިފައިކަން އެ ގޮށްޖެހިފައިވާ ކަޅުކަން ގަދަ ބުމައިން ހާމަވެއެވެ.
ކޮޓަރީގައިވާ ރަންއަލިކަމުގެ ތެރެއިން ދެމީހުން ފެންނަނީ އެހާ ޗާލުކޮށެވެ. އެކަމަކު މިލީނާގެ ރީތިކަމުންވެސް މިހުރާންގެ ރުޅި ފިންޏެއްނުވެއެވެ. އޭނަ ހުރީ އިންތިހާއަށް މިލީނާދެކެ ފޫހިވެފައެވެ. އޭނަ ނުގުޅިނަމަވެސް އަމިއްލައަށް ގުޅާފައިވެސް އެ ހާ ބޮޑު ޚަބަރެއްދޭން ނުޖެހޭނެ ހެއްޔެވެ؟ މިލީނާ ވަގުތުން ގޮސް އަލަމާރި ހުޅުވާލާފައި އެންމެ ކުރިން އަތު ޖެހުނު ޓޮޕް ދަމައިގެންފައި ބޮލަށް މަހާލައިފި އެވެ. މިހުރާން މިގޮތަށް އަންގާވެސް ނުލައި އައުމުން އޭނަ ރަނގަޅަށް ވެސް ސިހިއްޖެއެވެ. ނުބައި ފާލެކެވެ. މިހުރާންއަށް އެނގިއްޖެއްޔާ ހުރިހާ ކަމެއް ގޯހުން ގޯހަށް ދާނެއެވެ. ބުނަންވީ ބާވައެވެ. މިލީނާ ދެ ފިކުރުގައި ހުރެ ރީތިވާ މޭޒުދޮށުގައި ހުރެ ފުނާ އަޅަން ފެށިއެވެ.
ކޮޓަރިތެރޭގެ ތަރުތީބު ކަމާއި، މީރުވަސް އަދި ސާފުތާހިރު ކަމާއި މެދު ވެސް މިހުރާންގެ ހިތް ތައުރީފު ކުރިއެވެ. ހަގީގީ އަންހެންކުދިންނަކީ މަންމަ ބުނާފަދައިން މިލީނާ ފަދަ ޖަވާހިރުންނެވެ. ކުޑަ ޖަވާހިރެއްގެވެސް އަގެއް ހުރެދާނެއެވެ. އެކަމަކު ކުޑަޔަކަސް ގޮތްދޫނުކުރާ ބަޔެއް އެބަހުއްޓެވެ. އޭނަ ހީކުރިފަދައިން ބުނާހާ އެއްޗެއް ގަބޫލުކޮށްގެން ބަސްއަހައިގެން އިންނަ ފަދަ ކުއްޖަކަށް ނުވިއެވެ.
"މިލީ، ފުރަން ތައްޔާރުވޭ، މީރާވެސް ގޭގައި ނޫޅޭ، އައި ނީޑް ޔޫ...." މިހުރާން ސީރިޔަސް ގޮތަކަށް ބުނެލިއެވެ. ވާހަކަ ސިއްރުކުރަންވީ ހެއްޔެވެ؟ ނުބުނެ ހުރެއްޖެއްޔާ މިހުރާން ކޮންމެފަދަ އަނިޔާއެއްވެސް ދީފާނެއެވެ. ފުރަތަމަ ހުރިހާ ވާހަކައެއް މިހުރާންގެ އާއިލާ ގާތުގައި ކިޔާދޭންވީއެވެ. ދަރިފުޅު ނައްތާލަން މިހުރާން ކުރި މަސައްކަތް ނާކާމިޔާބުވީ ވާހަކަވެސް ބުނެލަންވީއެވެ. އޭރުން މިހުރާން ފަސްޖެހޭނެއެވެ.
މިލީނާ އަކަށް މިފަހަރުވެސް މިހުރާން އާއި އެކީގައި ނުގޮސް ހުންނާކަށް ނުކެރުނެވެ. ހުރިހާ ފަރާތްތަކުން މަޖުބޫރުކުރީ މިހުރާން އާއިއެކީގައި ދިޔުމަށެވެ. މަންމަވެސް އެންމެ ފަހު ވަގުތު ނަސޭހަތްތެރިވީ ފިރިމީހާގެ ކިޔަމަނުގައި ވުމަށެވެ. އެހެންނޫނީ ފާފަވެރިވެދާނެ ކަމުގައެވެ. މިލީނާ ފާފަކުރާކަށް ބޭނުމެއްނޫނެވެ. މިހުރާންގެ އަންބަކަށްވެހުރެ އޭނަ ބުނާ ގޮތަކާއި ދެކޮޅު ހެދުން ރަނގަޅު ނުވާނެކަން ވެސް މިލީނާއަށް ނޭގެނީއެއް ނޫނެވެ. އޭނަވެސް ދާން އެއްބަސްވީ ދީނީ ނަޒަރަކުން ވިސްނާލާފައެވެ.
މިލީނާ މިފަހަރު ދިޔައީ ސިއްރުން ފޯނެއް ގަނެގެން ފޮރުވައިގެންނެވެ. ކިރިޔާވެސް މިހުރާންގެ ފަރާތުން އެފަދަ އަނިޔާވެރި ހަރަކާތެއް ފެނިއްޖެއްޔާ އޭނަ އަށް ގުޅަންވީ ފަރާތްތައް އެނގެއެވެ. މިލީނާއަށް އަނިޔާކުރިޔަސް ހެވެވެ. އެކަމަކު އޭނަ ގުރުބާން ވެގެންވެސް ދަރިފުޅު ސަލާމަތް ކުރާނެއެވެ. މިލީނާމެން ޔޫކޭއަށް އައިއިރު ފިނިމޫސުމްގެ ގަނޑުފެންތައް ވިރެން ފަށައިފިއެވެ. ގޭގެ ބަގީޗާގެ ގަސް ބުޑުގެ ވަށައިގެންވާ ގަނޑުފެންކޮޅުތަކުގެ ތެރެއިން ރަތްކުލައިގެ މާތައް ބޯދީގެން ތިއްބެވެ. ޑެފޮޑިލް އާއި ސްނޯޑްރޮޕް މާތައްވެސް ފެންނަން ފެށީއެވެ. ރީތިކަމުގެ އިންތިހާއެވެ.
މިލީނާ އެގެއަށް އައި ދެތިން ދުވަސްތެރޭގައި މިހުރާން އޭނަ އާއި ދޭތެރޭގައި ކަންތައް ކުރީ ފުދޭވަރަކަށް ރަނގަޅަށެވެ. ވަޒީފާއަށް ނުގޮސް ގޭގައި ގިނަ ވަގުތު ހޭދަކުރިއެވެ. ރޭގަނޑު އޭނަ ބިރުން އުޅޭކަށް ނުޖެހެއެވެ. މިހުރާން ނިދަނީ މިލީނާގެ ގާތުގައެވެ. މީރާގެ އެއްވެސް ހިލަމެއް ނުވިއެވެ. މިލީނާ ބޭނުމީ މިފަދަ ދިރިއުޅުމެކެވެ. މީރާފަދަ އެހެން އަންހެނެއްގެ އުދަގޫ ނުފޯރާ ދެމީހުންނަށް އެކީގައި އުޅެވެންޏާ ހާދަ ހިތްފަސޭހައެވެ. މިލީނާ ބޮޑުކޮޓަރީގައި ވާހަކަ ފޮތެއް ކިޔާލަން ޖައްސާލިތަނުން މިހުރާން ގެއަށް އައުމުން މިލީނާ އެ ބަރު އެސްފިޔަތައް އުފުލާލާފައި ކުޑަކޮށް ހީލިއެވެ.
"މިލީ، ވީ ނީޑް ޓު ޓޯކް......." މިހުރާންގެ އެ ޖުމްލައިން މިލީނާގެ ހިތަށް ފިނިވެ، ބިރުވެރިކަން ވަނެވެ. މިލީނާ ޖަވާބެއް ނުދީ ބަލަހައްޓައިގެން އިންނަން ފެށުމުން މިހުރާން ބުމަގޮށްޖަހާލައިފި އެވެ.
"އަހަރެން ހިޔެއްނުކުރަން މިލީ އަހަންނަށް ފޮރުވަން އުޅެފާނެ ކަމަކަށް، އެކަމަކު އެހާ ބާރުގަދަ ބޭހެއްކައިފާ ޕްރެގްނެންސީ ޓާމް އާއި ހަމަޔަށް ގެންދިޔުމުން ބޭބީ މައްސަލަ ހުރެދާނެ ކަމާއި މެދު މިލީ ވިސްނައެއް ނުލަންތަ؟ އަހަންނަށް ހުރިހާ ކަމެއް އެނގޭ، މިލީ، ބުނާގޮތަށް ހަދާ، އަހަރެން ބޭނުން މިފަހަރު މެޑިކަލް އެބޯޝަނެއް ހައްދަން......." މިހުރާން އެކިގޮތްގޮތަށް ވިސްނައިދިނުމުން މިލީނާ އިނީ ހިމޭނުންނެވެ. އޭރު މިލީނާގެ ހިތްހީވަނީ ދިރޭރަހަ ފޮދެއްހެންނެވެ. މިލީނާ ކުއްލި އަކަށް ކެއްސަން ފެށިގޮތުން ހީވީ ކޮށިއެރިހެނެވެ. މިލީނާ ފެން ބޯންވެގެން ކާކޮޓަރި އާއި ދިމާލަށް ދުއްވައިގަތުމުން މިހުރާން ދޮރުކަނީގައި އަތް ވިއްދާލައިގެން ބަލަން ހުއްޓެވެ. މިލީނާ ކާކޮޓަރިއަށް ގޮސް އެލީސާއަށް ގުޅާފައި ހުރިހާ ވާހަކައެއް ކިޔައިދިނުމަށްފަހު ރޯންފެށިއެވެ.
"އާންޓީ، ޕްލީޒް ޑޫ ސަމްތިން، އާންޓީ ބުނީމަ މިހުރާން ފަހަރެއްގައި އަޑުއަހާފާނެ...." މިލީނާ ގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހިގަތެވެ.