އެވަގުތު ރަފާއިލް މިޝެލިންގެ މޫނަށް ރަނގަޅަށް ބަލައިލި ގޮތަށް ހުރީ ސިހިފައި، ދުރު ބަލައިލަން ނޭގިފައެވެ. އެސްފިޔަ ޖަހައިލަންވެސް ރަފާއިލް ހަނދާނެއް ނެތެވެ. އެ ތޫނު ދެލޮލުގައި ވިގޮތަކުން ރަފާއިލްގެ ގައިން ހީބިހިނެގިއެވެ. އަންހެންކުއްޖަކު ފެނިފައި މިފަދަ ގޮތެއް މިވީ އަލަށެވެ. މިޝެލިންގެ މޫނުގައި ވި ޅަކަމާއި، މައުސޫމް ކަމުގެ އިތުރުން ވިސްނުންތެރި ގޮތެއް ހުރެފައި އެ ރީތި ހިނިތުންވުން ރަފާއިލްގެ ހިތް ދަމައިގަންނަން މާ ގިނަ އިރުތަކެއް ނުވިއެވެ. ރަފާއިލްގެ ހިތުގައި ތަފާތު ވިންދެއް ޖަހަން ފެށިއެވެ.
"ވަޓް ހެޕެންޑް.... ކީއްވެ ތިގޮތަށް ސްޓެއާ ކުރަނީ....." މިޝެލިން ކަންބޮޑުވެފައި ވަށައިގެން ހޯދާލި އިރު ޖިނާނުމެން ވެސް އެމީހުންނަށް ފުރުސަތު ދީފައި ދުރަށް ހިގައްޖެއެވެ. މިޝެލިންއަށް ރަފާއިލް ކުޑަކޮށް ރަކިވިހެން ހީވިއެވެ. މިހާ ފިރިހެން ފާޑު ހުންނަ މީހުން ވެސް ލަދުގަނޭހެއްޔެވެ؟
"އަމް... ނަތިން..... އަހަ... އަހަރެން އެއްޗެއް ވިސްނާލީ......" ބޭޒާރުވުމުން ރަފާއިލް އަށް ވާހަކަ ދައްކަން އުދަގޫވިއެވެ.
"އަހަރެން ބޭނުން އެއްޗެއް އަހާލަން، ޝެލް ބެން ދެކެ ވަރަށް ލޯބިވޭތަ؟ ކިހާވަރަކަށް ލޯބި ވަނީ؟" ރަފާއިލް އިއްބާނުގެ ނަން ކިޔުމާއި އެކު މިޝެލިންގެ ތުންފަތުގައި ވާ ހިނިތުންވުން ގެއްލި، ވަގުތުން އެރީތި ދެލޯ ކަރުނުން ފުރިއްޖެއެވެ. މިޝެލިންގެ މައްޗަށް ލެނބިފައިވާ އެސްފިޔަތައްވެސް ރަފާއިލްއަށް ފާހަގަ ކުރެވުނެވެ. ނާދިރު ސިފަތައް އެއްކޮށްލައިގެން ހުރި ޕަރީއެކެވެ.
"ޝެލް، ނުރޮއި...ޕްލީޒް......" ރަފާއިލް މިޝެލިންގެ ކޮނޑުގައި އަތް ޖައްސާލަން އުޅެފައި ވެސް އަތް ތިރިކޮށްލީ އުދަގޫވީމަ ކަންނޭގެ އެވެ. އޭނަ އަކަށް މިޝެލިންގެ ކަރުނަތައް ދެކެން ވެސް ކުޅަދަނާއެއް ނުވިއެވެ. ހީވީ މިޝެލިން އޭނަގެ ހިތަށް ސިހުރެއް ހަދައިލި ހެންނެވެ. އޭނަ ބޭނުމީ މިޝެލިން އުފަލުން ހުންނަތަން ފެނުމަށެވެ. ރަފާއިލް ފޯނަށް ބަލައިލުމަށްފަހު ތުންފަތުގައި ދަތްއަޅާލައިގެން ހުރެ ވިސްނީ ކޯންޗެއްކަމެއްވެސް ނޭގެއެވެ.
މިޝެލިން ރަފާއިލްގެ ކައިރީގައި ހިތް ބަންޑުން ޖަހައިލި އެވެ. މިޝެލިން އިއްބާނު ދެކެ ލޯބިވާވަރު ބަޔާންކޮށްދިނީ ރޮވިފައި ހުރެއެވެ. ގިޔާމަތް ދުވަހުގައިވެސް ވާން އެދެނީ އިއްބާނު އާއި އެކުގައި ކަމަށާއި، ގެއި ފިރިހެން ކުއްޖަކާއި ރައްޓެހިވީވެސް އެހެން ވީމަ ކަމަށް ބުނެލިއެވެ.
"ޝެލް، އެހެންވީއިރު ގޯޑްއަށް ޓްރަސްޓް ކޮށްބަލަ، ތަގުދީރުގައި ހުރިއްޔާ ބެން އަދި އަންނާނެ، ބެންއަށް ވެއިޓް ކުރޭ، އަހަންނާއި މެރީ ކުރުމަކީ ޝެލްއަށް ދެވޭ އަނިޔާ އަކަށް ވާނީ، ތިހާ ވަރަށް ލޯބިވަންޏާ ގޭމް ކުޅެން ހަދައިގެން ގެއްލުމެއްވެދާނެ، ހިތަށް އިތުރު އަނިޔާއެއް ވެދާނެ، ގެއި އެކޭ ކިޔާފައި ވެސް މީހަކަށް ޓްރަސްޓް ނުކުރާތި ޝެލް........" ރަފާއިލް ގަދަކަމުން ހިނިތުންވެލި އިރުވެސް އޭނަގެ ހިތްވަނީ އަމިއްލަ އަތުން ވީއްލިފައިކަން އޭނައަށް އެނގުނެވެ. ރަފާއިލް ފެންކަޅިވިއެވެ.
ރަފާއިލް ވިސްނީ މިރޭ ހައިތަމް އާއި ބައްދަލު ކޮށްލުމަށެވެ. އެހެންނޫނީ ދެން އޭނަގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. މިޝެލިން ފެނުމަށްފަހު ޔަގީނުންވެސް އޭނަ މިޝެލިން އާއި ދުރަށް ދާކަށް ބޭނުމެއްނުވިއެވެ.
ޖެހިގެން އައި ދުވަހު ހައިތަމް އެގޭ އެންމެނަށް ރަފާއިލް ތައާރަފުކޮށްދިނީ އޭނަގެ އެކުވެރިޔެއްގެ ދަރިފުޅު ކަމުގައެވެ. އަދި ދުވަސްކޮޅަކަށް ރަފާއިލް އެގޭގައި ބަހައްޓަން ހައިތަމް ގަސްތުކުރައްވާކަމަށް ބުނުއްވުމުން މިޝެލިން ހުރީ ހައިރާންވެފައެވެ. އޭނަ ކުރިން ހީކުރީ ރަފާއިލް އަކީ ވެސް އެ އާއިލާގެ ކުއްޖަކަށް ވެދާނެ ކަމުގައެވެ. އެހެންނޫނަސް ރަފާއިލް އޭނަ އާއި ދިމާވުމުން ކައިވެނި ކުރަން ނޫޅުނު ސަބަބެއް މިޝެލިންއަށް ވިސްނައިގެންނާކަށް ނޭގުނެވެ. ރަފާއިލް އާއި ބެހޭ ގޮތުން މާ ގިނަ އެއްޗެއް އެގެނީއެއްވެސް ނޫނެވެ.
މިހުރާން މިލީނާ އާއި ދިމާނުވެ ހަފްތާއެއްހާ ދުވަސް ވޭތުވެގެން ހިގައްޖެއެވެ. ވަރިކޮށްފީމޭ ބުނި ރެއިން ފެށިގެން މިހުރާން އަކާއި މިލީނާ ދިމަލެއް ނުވެއެވެ. މިހުރާން ގެ ޚަބަރެއް ނުވާތީ ދެރަވިވަރުން މިލީނާ އަބަދުހެން މިހުރާންއަށް މެސެޖްކޮށްފައި އަންނަން އެދުނެވެ. އެކަމަކު މިހުރާން ހުރިތަނެއް އަންގާލުމަކީވެސް ބޭނުންކަމަކަށް ނުވިއެވެ. ހީވާގޮތުން މާލޭގައިވެސް ނެތީއެވެ.
އެލީސާ އާއި ހައިތަމް ކާރުގައި ގެއާއި ދިމާލަށް ދުއްވާފައި އައިއިރު ފެނުނު މަންޒަރަކުން ދެމީހުންނަށްވެސް އަސަރު ކުރިއެވެ. އެމީހުންގެ ދަރިފުޅު މިހުރާން މީރާ ގެ އަތުގައި ހިފާ ލޯންޗުން ބާލުވައިގެން ގަޔާއި ކައިރިކޮށްލައިގެން އައިގޮތުން ހީވަނީ ދެ ލޯބިވެރިންހެންނެވެ. މިހުރާން އެކަންތައް ހުއްޓާނުލައި އަދިވެސް ކުރިއަށް ގެންދަނީއެވެ. ތިމާގެ އަނބިމީހާ ބަލިވެއިންއިރު އަޅާނުލައި އެހެން އަންހެނަކު ގޮވައިގެން އެއުޅެނީ ރިޒޯޓުން، ތަންތަނުންނެވެ. ނަމަވެސް އެލީސާ އިނީ ހިމޭނުންނެވެ. ހައިތަމްވެސް މާޒީގައި އެފަދަ ކުށެއް ކުރެއްވިއެވެ. ނޭގުމުގެ ތެރޭގައި ނަމަވެސް އެއްރޭ ހިނގި ހާދިސާއަކުން އެދެމީހުން ވަރިވާން ޖެހި،ކިތައް މައްސަލަ ޖެހުނު ހެއްޔެވެ؟ އެފަހުންވެސް އެ އަންހެނާ ކޮންމެވެސް ސިފައެއްގައި ހައިތަމްގެ ހަޔާތުގައި ނުވާކަމެއް ނޭގެއެވެ. މާޒީގެ ހިޔަނި އަދިވެސް ކޮންމެވެސް ސިފައެއްގައި ހަޔާތަށް ނޭޅޭނެއޭ ބުނާކަށް އަދިވެސް އެލީސާ އަކަށް ޔަގީންކޮށް ބުނާކަށް ނުކެރޭނެއެވެ. އެލީސާ އިނީ ހިތް ހަލާކުވާވަރުވެފައެވެ. މިހުރާން ގެ މޮޔަކަމުން މިލީނާ ފަދަ ޖަވާހިރެއް އަތުން ބީވެގެން ދަނީއެވެ. އެފަދަ އަންހެންކުއްޖެއް މި ޒަމާނުގައި ހޯދާނީ ކޮންތާކުން ހެއްޔެވެ؟
މިހުރާން ކާމޭޒުދޮށަށް އައިއިރު އެންމެންހެން އެތަނުގައި ތިއްބެވެ. މިހުރާން ގޮނޑިއެއް ދަމާލައިގެން އިށީންއިރު އޭނަގެ މޫނުވަނީ ޓޭންވެލާފައެވެ. ހަމަށް އަރާފައިވާ ރަންކުލައިގެ ސަބަބުންނާއި، ކުޑަކޮށް ތުބުޅީގެ އަސަރު ހުރުމުން މިލީނާގެ ހިތުގެ ވިންދު އަވަސްވެލައި، ހިތަށް ވީގޮތެއް ބުނާކަށްވެސް ނޭގުނެވެ. މިފަހަކަށް އައިސް އޭނަގެ ހިތް މިހުރާންއަށް މުޅިން ލެނބި އެހުރިހާ އަނިޔާތަކާއި އެކުގައިވެސް ލޯބިވެވޭކަން ޔަގީންވެފައިވެއެވެ. އުމުރު ހޭދަކުރަން ބޭނުމީ މިހުރާން އާއި އެކުގައެވެ. ވަރިކުރިޔަސް ދޫނުކުރާނެ ކަމުގެ ޔަގީންކަން ލިބިފައި އޮތުމުން ހިތަށް އުފަލެއް ލިބި، ކުޑަކޮށް ފޮނިވެވިއްޖެއެވެ. މިހުރާންވެސް އޭނަ ދެކެ ލޯބިވަނީ ކަންނޭގެ އެވެ. ކޮންމެވެސް ސިފައެއްގައި ބޭނުން ނުވާނަމަ އެހާވަރުން ހިފަހައްޓާކަށް ނޫޅުނީހެވެ. އެހެންނޫނަސް މިލީނާގެ ބަނޑުގައިވާ ދަރިފުޅުގެ ސަބަބުން ދެހިތް ވަތްކެއް ނުކުރެވޭނެއެވެ.
"މިހުރާން، ކޮންތާކު އުޅެފައި ތިއައީ؟ މިލީ ވަރިކޮށްލާފަ ތަ އެހެން އަންހެނުން ގޮވައިގެން ތަންތަނަށްވެސް ދާން ފެށީ....." މިފަހަރު ހައިތަމް ސުވާލު ކުރެއްވީ ތަންކޮޅެއް ހަރުކަށި ކޮށެވެ. އެއީ ހައިތަމްއަށް މިހުރާން އާއި މިލީނާގެ ދޭތެރޭގައި ހިނގާފައިވާ ކަމެއް އެނގިގެން ބުނުއްވި އެއްޗެއް ނޫނެވެ.
މިހުރާން ސިހިފައި ބައްޕައަށް ބަލައިލި އިރު ކޮންމެވެސް ވަރަކަށް ލަދުގަތްކަން އެނގުނެވެ. އޭނަ އާއި ދިމާލަށް ކުރިމަތީގައި އިށީދެލައިގެން އިން މިލީނާ އާއި ދެމީހުންގެ ހަތަރުކަޅި ހަމަވިވަގުތުން މިލީނާއަށް އެ ދެލޮލުން ފެނުނީ ނުރުހުމުގެ އިންތިހާއެވެ. މިލީނާގެ ބޮޑު ދެލޮލުގައި ވި މެސެޖް މިހުރާން އަކަށް ނޭގުނެވެ. މިހުރާން ހީކުރީ މިލީނާ ކޮޓަރީގައި އެންމެ ފަހުން ރޭ ހިނގި ހާދިސާ އެންމެނަށް ކިޔައިދިނީ ކަމަށެވެ. މިލީނާ ހިންދިރުވާލާފައި އަވަހަށް ތުބުގައި ފެންތަށި ޖެހީ މާޔޫސްވެފައި އިނދެއެވެ.
"ލައްބަ ބައްޕާ، ތިއީ ތެދެއް، އަޅުގަޑު ބޭނުމެއްނޫން މިލީނާ އާއި އެކީގައި އުޅޭކަށް، ދެން ނޭގުނީ ވަރިކުރީމަ މިގޭގައި މިލީނާ ހުރީ ކީއްވެކަން، ދެން އޭނަ މިގެއިން ނުފެނިއްޖެއްޔާ ރަނގަޅީ... ޚާއްސަކޮށް ރޫމުން... އިޓްސް އޯވަރ......." މިހުރާންގެ އެ ޖުމްލަތަކާއި އެކު އެތަނަށް ވެރިވެގެން ދިޔައީ އަޖައިބެއްފަދަ ހިމޭންކަމެކެވެ. އެންމެން ތިބީ ނޭވާ ހިފަހައްޓައިގެން ކަންނޭގެ އެވެ.
މިހުރާންގެ އެ ބަސްތައް ތުނޑު ތޫނު ކަށިތަކެއް ފަދައިން ހިތުގެ އެތަންމިތަން ފޫއަޅުވާލާފައި ލޭ އޮހޮރުވާލައިފިފަދަ ނުބައި އިހުސާސެއް ކުރެވި މިލީނާއަށް އިރުކޮޅެއްވާންދެން ބުދެއްހެން އިނދެވުނެވެ. އެއާއިއެކު ފެންކޮޅެއް ކޮށިއަރައި ކެއްސައިގަތީ މާ ގަދަޔަށެވެ. މިލީނާ ގެ ބޮޑުދެލޯ ކަރުނުން ފުރިގެން އެކަރުނަތައް ކޯތާފަތްމަތިން އޮހިގެން ދިޔަތަން އެންމެނަށް ފެނި ހަމްދަރުދީވިއެވެ. އަނގަމަތީގައި އަތް އެޅިނަމަވެސް ގިސްލުމުގެ އަޑު ހިމޭންކަމުގެ ތެރޭގައި އިވުނެވެ.
ހަގީގަތުގައި މިހުރާން މިއަދު ގެއަށް އައީ އެފަދަ ކަމެއް ނިންމައިގެނެއް ނޫނެވެ. ނަމަވެސް ގެއަށް އައުމުން މި ލިބުނު ޚަބަރަކުން ވީ ފޫއްސެއްގެ ބޮޑުކަމުން ވަގުތުން ވަގުތަށް އޭނަ މިލީނާ ވަރިކުރިކަމަށް އެއްބަސްވީއެވެ. އޭނަ ގާތުގައި ކުށްވެރިވީ މިލީނާ އެވެ. މިލީނާ އެދެމީހުންގެ ޒާތީ ވާހަކައެއް މިފަހަރުވެސް އާއިލާ ކައިރީގައި ދައްކައިގެން އޭނަގެ އަގު އެންމެންގެ ކުރިމަތީގައި ވައްޓާލީއެވެ. ވީއިރު އޭނަ މިލީނާގެ ހިތަށް އަނިޔާ ލިބިދާނެ ކަމާއި މެދު ވިސްނާކަށް ބޭނުމެއް ނުވިއެވެ. އެކީގައި އުޅޭކަށްވެސް ބޭނުމެއް ނޫނެވެ.
މިލީނާ ވަގުތުން ކާމޭޒު ދޫކޮށްލާފައި ދުއްވައިގަތީ ކޮޓަރި އާއި ދިމާލަށެވެ. ކޮޓަރިއަށް ވަދެފައި ފާރު ކައިރިއަށް ބިންމައްޗަށް ތިރިވުމާއި އެކު ކަކުލުގައި މޫނު ފޮރުވާލައިގެން އިނދެ މިލީނާއަށް އަޑުވީއްލާ ރޮއިގަނެވުނެވެ. މިހުރާން އެހާވަރަށް އޭނަ ނިކަމެތިކޮށްލަން ވެދާނެ ހެއްޔެވެ؟ އެންމެންގެ ކުރިމަތީގައި އެ ވާހަކަދެއްކީ ހާދަ ހިތުގައި ޖެހޭފަދަ ގޮތަކަށެވެ. އޭނަ އިންކަމަށް ހަދައިވެސް ނުލިއެވެ. އޭނަ އާއި މުޚާތަބުކޮށް އެ ވާހަކަ ދެއްކިނަމައެވެ. ނޫނީ އެކަނި ހުއްޓާ އެ އަނިޔާވެރި ބަސްތައް ބުނި ނަމައެވެ. އެންމެންގެ ކުރިމަތީގައި އޭނަ ލަދު ގަންނަވާލީއެވެ. އޭނަ އާއި މެދު ހަމްދަރުދީ ނުވިޔަސް، ބަނޑުގައި މިވާ މިހުރާންގެ ދަރިފުޅާއި މެދު ހަމްދަރުދީވިނަމައެވެ. އެކަމަކު މިވީ ކިހިނެއް ހެއްޔެވެ؟ އޭނައަށް މިހުރާން ދެކެ އިންތިހާއަށް ލޯބިނުވެވުނު ނަމައެވެ. މިގޮތަށް ނެރެ އެއްލައިލަންވީ ކީއްވެ ހެއްޔެވެ؟ އޭނަ ހުރިހާ ކަމަކަށް ކެތްކުރަން އަޒުމް ކަނޑައެޅިއެވެ.
މިލީނާ ގެ ކަންފަތުގައި ގުގުމާން ފެށީ މިހުރާންގެ ހަރުކަށި ޖުމްލަތަކެވެ. އޭނަ އެނބުރި މި ކޮޓަރިއަށް އަންނަ އިރު ހުރެއްޖެއްޔާ ދެން ހަދާލާނެ ގޮތެއްވެސް އެނގެނީއެއް ނޫނެވެ. ލަދުންނާއި، ހިތާމައިގެން ގޮސް އޭނަގެ ފުރާނަ ނިކުމެދާން އުޅޭހެން ހީވިއެވެ. މިލީނާ ފާރުގައި ހިފައިގެން ލަސްލަހުން ތެދުވެގެން ގޮސް ފާޚާނާއަށް ވަދެ މޫނު ދޮވެލާ ހަދައިގެން އެކޮޓަރިން ނިކުންނަމުން ދެލޯ ފޮހެލައިފިއެވެ.
ނަސީބަކުން އަދި އެންމެންވީ ކާބައިގައި ކަންނޭގެ އެވެ. ބޮޑުކޮޓަރި އޮތީ ހިމޭންކޮށެވެ. މިލީނާ ނިކުމެގެން ދަމުން އެންމެ ފަހު ފަހަރަށް އެނބުރި ގެއާއި ދިމާލަށް ބަލައިލީ މާޔޫސީ ނަޒަރަކުންނެވެ. ނަމަވެސް ދެން އެނބުރި އައިސް ދުވަހަކު އެގެއަށް ނުވަންނާނެ މިލީނާ އަޒުމް ކަނޑައެޅިއެވެ.
މިލީނާ ގެއަށް އައިގޮތަށް ރުއިން ހުއްޓާނުލައިގެން ސޯފިޔާ ހުރީ ވަރަށް އަސަރުކޮށްފައެވެ. މިހުރާން އޭނަ ގެއަށް ފޮނުވައިލީ ކަމަށް އެތައް މަސައްކަތަކުން މިލީނާއަށް ބުނެވުނެވެ. ދުވަހަކު ކަމަކާއި މިގޮތަށް ހިތުގައި ޖެހި އަސަރުކުރި ހަނދާނެއް މިލީނާ ނުވެއެވެ. ސޯފިޔާ ދެރަވިނަމަވެސް ކުޑަ ހިތްހަމަޖެހުމެއްވެސް ލިބުނެވެ. އެފަދަ ފިރިހެނެއްގެ ވަކިތަކުގެ ދަށުން ސަލާމަތްވިކަމީ މިލީނާއަށް ނޭގުނަސް ލެއްވި ރަހުމަތެކެވެ. މިލީނާއަށް މާ ރަނގަޅު ފިރިހެންކުއްޖަކު ވެދާނެއެވެ. ދެން ރަނގަޅު ވާނީ މިހުރާން ވަރިކޮށްފިއްޔާއެވެ. ބަސްއަހާ ކުދިންނަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެއެވެ. ސޯފިޔާ މިލީނާގެ ބޮލުގައި ފިރުމާފައި ނަސޭހަތްދީފައި، ހިތާމަ ނުކުރަން އެދުނެވެ. އެހެންނޫނީ ބަނޑުގައިވާ ދަރިފުޅަށްވެސް ގެއްލުމެއް ވެދާނެކަމުގައި ސޯފިޔާ ބުންޏެވެ. މިލީނާ ކިރިޔާވެސް ހަމަޔަކަށް އެޅުމުން ބަދިގެއަށް ގޮސް ޖޫސްތަށްޓަކާއި، ސެންޑްވިޗެއް ކާން އިށީނީ ދަރިފުޅާއި މެދު ވިސްނާލާފައެވެ. އޭނަ ނުކައި، ނުބޮއި ހިތާމަކުރަންޏާ ދަރިފުޅަށް ގެއްލުމެއްވެ، ޒިންމާ އުފުލާނީ ކާކު ހެއްޔެވެ؟ އެ ދަރިފުޅުގެ ހުރި އެކަނި މީހަކީ އޭނައެވެ.
ހައިތަމް މިހުރާން ގާތު އެދިލެއްވީ ކައިވެނި ކޮށްގެން މީރާވެސް ގެއަށް ގެނައުމަށެވެ. އެހެންނޫންނަމަ މީހުންގެ މަލާމާތް ރައްދުވެދާނެއެވެ. ދުނިޔޭގެ ކަންތައް ހިނގާގޮތުން ދަރިންނަށް އެއްވެސް ކަމަކާއި މަޖުބޫރު ކުރައްވާކަށް ހައިތަމް ބޭނުންވެ ނުލެއްވީއެވެ. އެކުއްޖަކަށް ފެންނަ މީހަކާއި ކައިވެނި ކުރީމަ އެ ނިމުނީ އެވެ. މަޖުބޫރުން ކައިވެނި ކުރުވީމަ ދިމާވާނެ ކަންތައް އޭނަގެ ލޮލުގެ ކުރިމަތިންވެސް ފެނިލައްވައިފި އެވެ. އެހެންވެ އެލީސާ ވެސް އެކަމާއި ދެކޮޅަށް މިހުރާން އާއި ދިމާލަށް އެއްޗެކޭ ނުބުނެ ހިމޭންކަން ޚިޔާރުކުރިއެވެ.
މިހުރާން މީރާ އެގެއަށް ގެންނަން ފެށިއެވެ. އެމީހުން ހީހީފައި އެކީގައި އުޅޭ އިރު ހާދަ ގުޅެއޭ އެންމެންވެސް ހިތަށް އަރައެވެ. ސޯފާގައި ތަނެއްގައި ތިއްބަސް މީރާއަށް އިނދެވެނީ މިހުރާންގެ އަތުގައި އޮޅުލައިގެންނެވެ. މީހުން ތިއްބަސް މީރާއަށް ހެވެވެ. އެންމެ މިނިޓަކަށްވެސް މިހުރާން އާއި ދުރުގައި އުޅުން އޭނައަށް ދަތިވެފައިވާހެން ހީވެއެވެ. މިޝެލިން އެ މަންޒަރު ދެކެފައި ހިތުގައި ފޫހިކަމާއި އެއްވަރަށް ރުޅިވެރިކަން އުފެދިފައިވެއެވެ. އޭނަ އިއްބާނުގެ ހައްގުގައި މިގޭގައި އުޅުނަސް ދުވަހަކު މިހުރާންއަށް މާފު ނުދޭން ނިންމިއެވެ. އޭނަ އެދުވަހު މޭޒު ދޮށުގައި ނެތީ ނަސީބަކުންނެވެ. އެހެންނޫންނަމަ މިހުރާން އާއި ދެމީހުން ޒުވާބު ގަނޑަކަށް ދިޔައީސް ކަންނޭގެ އެވެ.
މިލީނާ ކަބަޑްމަތީގައި ހުރި ދަޅަކަށް އަތް ނުފޯރައިގެން ގޮނޑި ބަހައްޓައިގެން އެތަނަށް އެރީ ފަރުވާތެރި ކަމާއި އެކުގައެވެ. ނަމަވެސް މިލީނާ އޭގައި ހިފިތަނުން އެތާ ހުރި ބޮޑު ބިއްލޫރި ފުޅިއެއް ބިންމައްޗަށް ވެއްޓެން އުޅުމުން ސިހިފައި ހިފަން އަތްދިއްކޮށްލެވުނު ގޮތުން ހަށިގަނޑު ސަމާލު ނުވެ އޭނަވެސް ވެއްޓިއްޖެއެވެ. މިލީނާ އަޑުކޮޅަށް ހަޅޭއްލަވައި ގަތުމުން ސޯފިޔާ ކައްކަން އުޅެފައި ބޭރަށް ނިކުތެވެ. އޭރު މުޅިތަނުގައި އޮތީ ބިއްލޫރިތަކެވެ.
"މިލީ.. ކިހިނެއްވީތަ؟" ސޯފިޔާ މިލީނާ އާއި ދިމާލަށް ދުވެފައި އައެވެ. މިލީނާގެ ހެދުން ލެއިން ފޯވެފައިވާތަން ފެނުމުން ސޯފިޔާ އަވަހަށް ކާރަކަށް ގުޅާލާފައި މާޒިންއަށް ގުޅިއިރު ފޯނުއޮތީ ނިވާލާފައެވެ. ޑިއުޓީގައި ހުރިއްޔާ ގިނަފަހަރު އޮންނާނީ މާޒިންއަށް ނުގުޅިފައެވެ. ސޯފިޔާ ކަރުނަތައް ހިފަހައްޓަން މަސައްކަތްކުރަމުން މިލީނާގެ މޫނުގައި ފެންކޮޅެއް އުނގުޅާލިއެވެ. މިލީނާ އޮތީ ބިރުގެންފައެވެ. ދަރިފުޅު ނުތޮޅޭހެން ހީވިއެވެ. މިލީނާ ހިންދިރުވާލާފައި ދެލޯ މަރައިލީ ނުރޯންވެގެންނެވެ. އޭނަ ހިތްވަރުކުރަން ޖެހޭނެއެވެ.
ހޮސްޕިޓަލަށް މިލީނާ ގެންދިޔަތަނާހެން އާއިލާގެ އެހެން މެމްބަރުންނަށް ޚަބަރު ލިބިގެން އައެވެ. އެވަރުންވެސް މިހުރާންއެއް ނާދެއެވެ. ނަސީބަކުން އެގޭ މީހުންނަށް އާދެވުނުއިރުވެސް މިލީނާ ގެ އަރިކަށްޓަށް ހެރިފައިވާ ބިއްލޫރިކޮޅު ނަގާފައި، އަތުގައި ކަނޑައިގެން ގޮސްފައިވާތަން ފަހާލައިފި އެވެ. އެހާ ފުނަށް ބިއްލޫރިތައް ނުވަން ކަމީ ކުޅަދުންވަންތަ ކަމެވެ. މިލީނާ ސްކޭނެއް ހައްދަން ވެގެން ގެންދިޔައިރުވެސް މިލީނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފޭބިއެވެ. ހާދަ ބޮޑަށް ހިތަށް ތަދުވެއެވެ. އެންމެން އޭނަ ދެކެން އައިއިރުވެސް މިހުރާން އެއް ނައެވެ. އެ އަނިޔާވެރިޔާގެ ހިތަށް ރަހުމެއް ނުވަނެވެ. މިއަދު އޭނަ މަރުވިނަމަވެސް ނާންނާނެކަން އޭނަ އަންގާދިނީއެވެ.
"ބޭބީ ވެސް ރަނގަޅު......" ޑޮކްޓަރ ސްކްރީނުން ދައްކައިލުމުން މިލީނާގެ ބޮޑު ދެލޮލުގައި ވާ ކަރުނަ ތިކިތައް ފޮހެލާފައި ހިނިތުންވެލިއެވެ. މިލީނާ ޝުކުރުވެރިވީ އެކަނި ހެއްދެވި ފަރާތަށެވެ. ދަރިފުޅުގެ ހަރަކާތްތައް ރަނގަޅު ނަމަވެސް ޑޮކްޓަރު އިރުޝާދު ދެއްވީ އެއްދުވަހަށް ނަމަވެސް އެޑްމިޓްކުރަން ކަމަށްވާތީ މިލީނާ ދެކޮޅު ނަހަދާ އެއްބަސްވިއެވެ. މިލީނާ އުއްޑުން އޮތްގޮތަށް ސީލިން އަށް ބަލަހައްޓައިގެން އޮތީ ހިމޭނުން ކޮންމެވެސް ޚިޔާލެއްގައެވެ. އޭނަގެ މަންމަ އާއި އެލީސާ ކޮންމެވެސް ވާހަކައެއް ދައްކަން ކޮޓަރީގައި ތިބޭތާ އިރުކޮޅެއްވެއްޖެއެވެ. މިލީނާއަށް އެމީހުން ދެއްކި ވާހަކަ އިވުނުކަމަކަށް ނުވިއެވެ. އޭނަ އޮތީ އަމިއްލަ ވިސްނުމެއްގައެވެ.
"ރެންއަށް އަދި ވިސްނިގެން ދަރިފުޅު ބަލާ އަންނާނެކަން ޔަގީން، ކޮންމެ ގޮތެއް ވިޔަސް ތިކަހަލަ އަންހެންކުއްޖެއް ދެން އާންޓީ އަކަށް ދުވަހަކު ނުލިބޭނެ..." އެލީސާ މިލީނާގެ ފަން އިސްތަށިގަނޑުގައި އަތް ހިންގައިލަމުން، ނިތްކުރީގައި ބޮސްދިނެވެ. މިލީނާ ރަކިވެފައި، ކުޑަކޮށް ހިނިތުންވެލިއެވެ. ނަމަވެސް އެލީސާއަށް އެ ރީތި ދެލޮލުގައި ވި ވޭނީ އަސަރުތައް އިހުސާސް ކުރެވުނެވެ. ހިތަށް ތަދުވާނެ ވަރާއި، ހިތާމަކުރާނެވަރު އެނގުނެވެ. އޭނަވެސް އެއްފަހަރު މިފަދަ މަގާމެއްގައި ވީތީ ހުރިހާ ކަމެއް އިހުސާސްކުރެވި މިލީނާއަށް ޓަކައި ހިތް ރުޔެވެ. ލޮލުން ކަރުނަތިއްކެއް ވެއްޓުނީ މިލީނާގެ ހިތްވަރުގަދަކަން ފެނިފައެވެ.
"ހިތްވަރު ކުރައްޗޭ އިނގޭ...." އެލީސާ ދެން ފަސް އެނބުރި ބަލައިލުމެއްނެތި ދާން ހިނގައިގަތެވެ. މިލީނާ މަންމަ ގާތުން ގަޑިން ވީއިރެއް އަހާލާފައި ނަމާދުކުރަން ބޭނުންވާ ކަމަށް ބުންޏެވެ. ބަދު ނަސީބު ހާލަތުގައިވެސް ކެތްތެރިވެ، މާތް ﷲއަށް ހަމްދުކުރަން މިލީނާ ބޭނުމެވެ. އެހެންވެ މިހާރު އެހާ ވަރަކަށް ނުރޮވެއެވެ. މިލީނާ ނަމާދު ކޮށްލުމުން ސޯފިޔާ ކޮންމެވެސް އެއްޗެއް ކާންދިނެވެ. މިލީނާ ދެލޯމަރާލަމުން ބިއްދޮށަށް އެނބުރިލުމާއިއެކު މެރިފައިވާ އެސްފިޔަތަކުގެ ތެރެއިން މިހުރާންގެ ސޫރަ ފެނިލިއެވެ. އެ ލާނެތްކަމެވެ. އަނިޔާވެރިކަންވެސް މެއެވެ. ބައެއްފަހަރު ނުލަފާކަން ދެއްކިޔަސް އެތައް ފަހަރު އޭނައަށް ކައިވެނީގެ މީރުކަމާއި، ހިތްހަމަޖެހުން ހޯދަދިނެވެ. މިހާރު މިލީނާ މިހުރާން އާއިއެކު އުޅެން ބޭނުންވީދުވަހު އޭނަ ދޫކޮށްލާފައި އެދިޔައީއެވެ. ދެން ދުވަހަކުވެސް އޭނަ ނާންނާނެއެވެ. ދަރިފުޅު ވިހަންވާއިރަށްވެސް އަންނާނެ ކަމާއި މެދު ޝައްކެވެ. އަބަދަށްޓަކައި އޭނަގެ ހަޔާތުން މިހުރާން ހިނގައްޖެކަމަށް މިލީނާ ގަބޫލުކުރިއެވެ.
ހަވީރަށް އަވިމަޑުކޮށްލާފައި އޮތްއިރު ފުދޭވަރަކަށް ބާރަށް ވައިޖެހި ފަޒާގައި ބޫން އަޑެއް ހަރުލައްވާފައިވެއެވެ. ވައިގެ ހަމަލާތައް ބާރުކަމުން ގަސްތަކުގައި ދޮންވެ، ބަލިކަށިވެފައިވާ ފަތްތައް ވިނަގަނޑާއި، ފެންޑާއާއި ދިމާލުގައި އަޅާފައި އޮތް ތަޅުންމައްޗަށް ވެހެމުން ދިޔައެވެ. ހިކިފަތްތައް ތަޅުންމަތީގައި ކޭއްތިލަނީ މުރަނަ އަޑަކާއިއެކުގައެވެ. މިޝެލިން ހަނދާންވީ ރަށުގައި އުޅުނު ދުވަސްތަކެވެ. އޭރު ވާރޭ ވެހެންޏާ އެ މަންޒަރު ރީތިކަމުން އޭނަ ވާރެޔާއި ތެމިނުލާ ދުވަހެއް ނުދާނެއެވެ. ދެން އޮންނަން ޖެހެނީ އަރިދަފުސް އަޅައިގެން އެނދުގައެވެ. މިޝެލިން ގަހުގެ ހިޔަލުގައިވާ ބެންޗުގައި އިށީދެލާއިރަށް އޭނަގެ ބޮލުގައި އޮތް ތުނި ސްކާފްވެސް ވަޔާއި ގެންގޮސްދާނެހެން ހީވިއެވެ. މިޝެލިން ދެއަތުން ސްކާފްގައި ހިފައިލަމުން ކަކުލުގައި ބޯ ޖައްސާލުމުން އަދި އެހެން ހަނދާންތަކެއް އާވެ ލޮލުން ކަރުނަ އައެވެ.
ކުއްލިއަކަށް މީހެއްގެ ހިލަންވިހެން ހީވެގެން މިޝެލިން ބަލައިލި އިރު އޭނަގެ ކުރިމަތީގައި ހުރީ ރަފާއިލް ފިޔަވާ ދެވަނަ މީހެއް ނޫނެވެ. އަބަދުވެސް މިޝެލިންއަށް ފާރަލައިގެން ކޮންމެވެސް މީހަކު ހުންނަހެން މިޝެލިންއަށް ހީވެއެވެ. އޭނަ އެކަނިވާއިރަށް ރަފާއިލްއަށް އާދެވެނީ އެހެންވީމަ ކަންނޭގެ އެވެ.
"ޝެލް، ހާދަ އެކަނިވެރިވެފައި..." ރަފާއިލްގެ ހިތަށް އަސަރުކުރީ ކީއްވެކަމެއް ނޭގުނެވެ.
"މޫސުމް ރީތިކަމުން އެންޖޯއި ކުރަނީ...." މިޝެލިން ހީލުމުން ހީވީ ކާއިނާތުގައި އެތައް މިލިއަން އުއްބައްތިތަކެއް ދިއްލުނުހެންނެވެ. ރަފާއިލްގެ ހިތް ކުރިއަށްވުރެ ފިނިވިއެވެ. އަމިއްލަ ނަފުސްގެ މައްޗަށް ބާރު ފޯރުވުނީ ނިކަން އުދަގުލުންނެވެ.
"ޝެލް އައި ހޭވް ބޭޑް ނިއުސް..... ބެންގެ ބޮޑީ ފެނިއްޖެ، ހުރިހާ ހޯޕެއް ގެއްލުނީ، މަ ވެސް ހީކުރީ ކޮންމެވެސް ޒަމާނެއްގައި ބެން އަންނާނެ ކަމަށް....." ރަފާއިލް ސީރިޔަސްކޮށް ބުނެލި އެ ޖުމްލަތަކުން މިޝެލިންގެ ހިނިތުންވުން ގެއްލި ކޮޅަށް ތެދުވެވިއްޖެއެވެ. އޭރު މިޝެލިން ގެ މޫނު ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. އަނބުރައިގެންފާނެ ހެން ހީވި ވަގުތުކޮޅެކެވެ. ރަފާއިލްވެސް ހާސްވެ އެއްޗެކޭ ބުނަން އުޅެފައިވެސް ޚިޔާލު ބަދަލުކުރިއެވެ.
"ނޫން ނޫން ނޫން...... ތިއީ ދޮގެއް.. ބެން.... އަހަރެންގެ ބެން........" މިޝެލިން ހިތަށް ކެތްނުކުރެވިގެން މޮޔަވާ ގޮތްވިއެވެ. މިހުރިހާ ދުވަހުވެސް އޭނަ ހުރީ ކުޑަ ކުޑަ އުއްމީދުގެ ދޯދިފަށެއްގައި ހިފަހައްޓައިގެންނެވެ. ނަމަވެސް ރަފާއިލްގެ ޖުމްލައިން އޭނަގެ ހިތް އެތައް ސަތޭކަ އެތިކޮޅުތަކަށް ބުރުވާލައިފިއެވެ. މިޝެލިން އެދިމާލަށް ކަކޫމައްޗަށް ތިރިވިގޮތަށް ބެންޗުގައި ބޯ ތަޅައިގަތެވެ. އެ އަތްތިލަ މުށްކަވާފައިވެސް ގޮނޑިމަތީގައި ބާރަށް ދެއަތުން ތަޅަން ފެށިއެވެ. ހީވީ އަމިއްލަ ނަފުސްވެސް ފަނާކޮށްލަން ބޭނުންވިހެންނެވެ. މިޝެލިންގެ ބޮލުގައިވި ސްކާފް މަޑުމަޑުން ބޮލުން ނެއްޓި އެ ބުޅި އިސްތަށިގަނޑު މިނިވަންކަމާއި އެކު ވިހުރުވިގަތެވެ. އެތަން ދެކެން ހިތާމަވެރި ނަޒަރަކުން ބަލަހައްޓައިގެން ހުރެފައި ރަފާއިލް އެތެރެއަށް ޖެހިލި އިރު އޭނަވެސް ހުރީ ފެންކަޅިވެފައެވެ.
މިޝެލިން ގެ ހޭވެރިކަންވީ މީހަކު ފަހަތުން އައިސް އޭނަގެ ކައިރިއަށް ކަކޫމައްޗަށް ތިރިވެ، އެ ބާރުގަދަ އަތުގެ ތެރެއަށް ލުމުންނެވެ. އޭރުވެސް މިޝެލިން ރޮމުން ދިޔައެވެ. ދެއަތް ހީވަނީ ފާރުވެދާނެ ހެންނެވެ. އޭނަގެ ގައިގަ އެއްވެސް ހަކަތައެއް ހުރިހެން ހިޔެއްނުވެއެވެ. ހިތް ކުދިކުދިވާފަދަ ގޮތަކަށް ރޮމުން އޭނަ ކިޔަމުން ދިޔައީ އެންމެ އެއްޗެކެވެ.
"ބެން ގެނެސްދީ، ޕްލީޒް ޕްލީޒް ޕްލީޒް......." އެމީހެއްގެ ހަށިގަނޑުގައި މިޝެލިން ޖައްސައި ބާރުކޮށްލަމުން ކަންފަތް ދޮށުގައި އެއްޗެކޭ ބުނެލާއިރަށް މިޝެލިންގެ ރުއިން މެދު ކެނޑުނު ގޮތުން ހީވީ ލަވައެއް ޖަހާލާފައި ހުއްޓާ ރިމޯޓަކުން ނިވާލިހެންނެވެ. ހިނގަ ހިނގާ ހުރި ނޭވާވެސް ހުއްޓުނެވެ. ބަންގީގެ އަޑަށް ވައިރޯޅިތައް މަޑުޖެހޭ ފަދައިން މިޝެލިންގެ ހިތްވެސް އެވަގުތުކޮޅު މަސައްކަތެއް ނުކުރިއެވެ. އެއިވުނީ އަބަދު އެ ކަންފަތުގައި ހަރުލާފައިވާ ފިރިހެންވަންތަ، ރީތި އަޑެވެ. އޭނަގެ އިއްބާނުގެ އަޑެވެ. މިޝެލިންގެ ހަށިގަނޑު ވަށައިލެވިފައި ވަނީ އިއްބާނުގެ އަތުތެރޭގައިކަން ޔަގީންވީ އެއަތަށް ބަލައިލެވުމުންނެވެ. އިއްބާނު މަޑުމަޑުން މިޝެލިން އޭނަ އާއި ދިމާލަށް އަނބުރުވާލައިފި އެވެ.
"ބެން....." މިޝެލިން އަށް ދާދި ކައިރިން އިއްބާނުގެ ރީތި މޫނު ފެނުމުން ހިތަށް ލިބުނު އުފަލާއި އެއްވަރަށް، ހައިރާންވެސްވިއެވެ. ބަލަހައްޓައިގެން އިދެވުނީ ލޯ ބޮޑުކޮށްލައިގެންނެވެ. މަޑުމަޑުން އިއްބާނުގެ މޫނުގައި އަތް ޖައްސައިލެވުނީ ހުވަފެނެއް ނޫންކަން ޔަގީންކުރަންވެގެންނެވެ. އެސްފިޔަ ޖަހައިލަން ނުކެރި އިއްބާނުގެ ކަނދުރާގައި ހިފެހެއްޓުނު ގޮތަށް ބާރުކޮށްލެވުނީ ގެއްލިދާނެތީއެވެ.
"ރަފޭލް ނުލަފާ ކަމުން އަހަރެން މަރުވެއްޖެޔޭ ބުނެ ޝެލް ބިރުގަންނަވާލީ ދޯ، އަހަރެން މިއައީ ބޭބީ ގާލް...." އިއްބާނު މިޝެލިންގެ ކަރުނައިން ތެމިފައިވާ ލޮލުގައި ބޮސްދިނުމުން މިޝެލިން ހެއްދެވިފަރާތަށް އެތައް ފަހަރު ޝުކުރުވެރިވިއެވެ. އިއްބާނުގެ ތުންފަތް މިޝެލިންގެ ނިތްކުރި، ކޯތާފަތް އަދި ތުންފަތުގައި ބީހިގެން ދިޔުމާއިއެކު ދެމީހުންގެ ހަށިގަނޑުގެ ކުދި ނާރުތަކަށް ދާންދެން ހަލަބޮލިކުރުވިއެވެ. ދިގު އިންތިޒާރަކަށްފަހު ދެލޯބިވެރިން މިފަދަ ގޮތަކަށް ބައްދަލުވުމުން ދެހިތްވެސް ބޭގަރާރުވީ އިންތިހާއަށެވެ. މާ ގިނަ ވާހަކަތަކެއް ނުދެއްކިޔަސް ދެލޮލުން އެތައް ވާހަކަތަކެއް ދެއްކިއްޖެއެވެ. މިތިބެވުނީ ހާމަ ތަނެއްގައި ކަމެއްވެސް ހަނދާނެއް ނެތެވެ. އެއަށްވުރެ ބޮޑަށް އެކަކު އަނެކަކަށް ބޭނުންވެފައިވާއިރު މިޝެލިންގެ ހިތް އަވަސްވެފައި ވަނީ މީގެ ކުރިން ދުވަހަކުވެސް ނުވާހާ ބޮޑަށެވެ. މަޑުމަޑުން ގޮސް އޮށޯވެލެވުނީ މަޑު ތަންމައްޗެއްފަދައިން ފެތުރިފައިވާ ވިނަގަނޑު މަތީގައެވެ. އިއްބާނުގެ އަތުތެރޭގައި އެ ފިރުމުންތަކުން ލިބެމުންދިޔަ އަރާމުގައި މިޝެލިންއަށް ދެލޯ މަރައިލެވުނެވެ.
"މައި ގޯޑް އިޓްސް ޔޫ.... އަހަރެން ޔަގީންކުރީ ބެން މަރުވީކަމަށް....." ކުއްލި އަކަށް ދާދި ގާތުން ޔީވާގެ އަޑު ކަންފަތުގައި ޖެހުމުން އިއްބާނު އާއި މިޝެލިން އަށް އެކީގައިހެން ބަލައިލެވުނެވެ. މިޝެލިން ވެސް ހެދުން ރަނގަޅު ކޮށްލާފައި ތެދުވުނު އިރު އެ އޮމާން މޫނުގައި ކުދި ޖަވާހިރުތައް ފަދައިން ދާތިކިތައް ވިދާއިރު ވަކިން އަސަރުގަދަކޮށް ފެންނަން ހުއްޓެވެ. ތުންފަތް ރަތްކަމުން ލޭކޮޅެއްހެން ވެފައިވެއެވެ. ޔީވާގެ ހިތް ހަސަދައިން ފުރި، ދަތްތައް ޖައްސައި ބާރުކޮށްލެވުނެވެ. މިޝެލިންއަށް އޭރުވެސް ހުރެވުނީ އިއްބާނުގެ އަތުގައި ބާރަކަށް ހިފަހައްޓާލައިގެންނެވެ. ކިރިޔާވެސް ދޫކޮށްލައިފިއްޔާ އިއްބާނު ގެއްލިދާނެތީ ބިރުން އުޅޭފަދަ ގޮތަކަށެވެ.
އިއްބާނު ޔީވާއަށް ޖަވާބެއް ނުދީ މިޝެލިންގެ އަތުގައި ހިފައިގެން ގެއަށް ވަންނާން ހިނގައިގަތެވެ. ރަފާއިލްގެ ފަރާތުން އިއްބާނުއަށް ގޭގައި އެކަކުވެސް އެގަޑީގައި ނޫޅޭކަން އެނގިފައިވެއެވެ. އެންމެންވީ ކާފަ ހޮސްޕިޓަލުގައި ބާއްވައިގެން އުޅޭތީ އެތަނުގައެވެ. މިނިވަން ވެގެން ގެއަށް އާދެވުމުން އިއްބާނުއަށް ހީވަނީ އަލުން ދުނިޔެއަށް އާދެވުނުހެންނެވެ. ހިތަށް ލިބުނީ ބަޔާން ނުކުރެވޭފަދަ އުފަލެކެވެ. އެހެންނޫނަސް މިޝެލިން އޭނަ ދެކެ ލޯބިވާވަރުވެސް ރަފާއިލް ސަމާސާ އަކަށް ބުނި އެއްޗަކުން އެނގުނީއެވެ.
އިއްބާނުމެން ކޮރިޑޯ އާއި އަރާ ހަމަވިތަނާ މަންމަމެން އައިސް އޭނަ ވަށާލައިފި އެވެ. އެލީސާ ރޮމުން އިއްބާނުގެ އެތަންމިތާ ބޮސްދީފައި އުޅުނުގޮތުން އެހެން މީހުންގެ ލޮލަށްވެސް ކަރުނަ އައެވެ. އެންމެން އޭނަގެ ކޯތާފަތުގައި ހިފާފައި، އިސްތަށިގަނޑު ހާވަމުން ދިޔައިރު އިއްބާނު ހުރީ ވާނުވާ ނޭގިފައެވެ. މަންމަމެން މިހާވަރުވާން ޖެހުނު ސަބަބެއް ރޭކާނުލާފައެވެ. އެތައް ސުވާލުތަކެއް އޭނަ އާއި އަމާޒުވިއެވެ. ކަންތައް ހިނގިގޮތް އެނގުމުން އިއްބާނު ހައިރާންވިއެވެ. ހަގީގަތުގައި އޭނަ މަތިން ދާބޯޓް އެކްސިޑެންޓެއް ނުވެއެވެ. އޭނަ ކާރުގައި ދަނިކޮށް ބަޔަކު މީހުން އޭނަ ހައްޔަރުކޮށްގެން ގޮސް ގެންގުޅުނީ އިއްޒަތުގައެވެ. މޮޅަށް ކާންދީ، ބޭނުން ހުރިހާ ކަމެއް ފުރިހަމަ ކޮށްދިނެވެ. އެމީހުން ބުނެފައިވާ ގޮތުން އިއްބާނު ކިޑްނެޕްކޮށްފައިވާކަން އާއިލާއަށް އެނގޭނެއެވެ. އަދި ބައްޕަ ހުންނެވީ އެމީހުން އެދުނު އެއް މިލިއަން ޑޮލަރު ދެއްވަން ތައްޔާރަށެވެ. އިއްބާނު ފަހަރެއްގައި ވެސް އެމީހުން ފޭކް އެކްސިޑެންޓެއްކޮށް އާއިލާ ބޮޑު ހިތާމައެއްގެ ތެރެއަށް ވައްޓާލަފާނެ ކަމަކަށް ހިޔެއްނުކުރެއެވެ. އިއްބާނު އަކަށް އަދިވެސް އެމީހުން އެކަން ކުރި މަގުސަދެއް، އަދި އެއީ ކޮން ބަޔެއްކަމެއްވެސް ސާފެއްނުވެއެވެ.
އިއްބާނުއަށް އެންމެންގެ ސަމާލުކަން ލިބުނު ދަނޑިވަޅު ބަލާފައި މިޝެލިން ރަކިވެފައި ހުރެ ކޮޓަރިއަކަށް ދެމިގެންފިއެވެ. ދުވަހަކުވެސް އިއްބާނު އާއިއެކުގައި މިއަދު އެދެވުނު ހިސާބަށް ވެސް ދެވިފައި ނުވާތީ ލަދުން ގޮސް އޭނަ ހުރީ ރޮވޭ ގޮތްވެފައެވެ. ޔީވާ އެތަނަށް ފުންމާނުލިނަމަ ވާނެގޮތެއް ވެސް ނޭގެއެވެ. އަލުން އިއްބާނުއަށް ފެންނަ ހިސާބަށް ދާން ކެރޭނެ ހެއްޔެވެ؟
މިޝެލިން ފެންވަރާލައިގެން ރީތިވާން ހުރިއިރުވެސް އޭނަގެ މޫނަށްވަނީ މަޑު ރަތްކުލައެއް ވެރިވެފައެވެ. ހިތުގެ ވިންދު އަވަސްވެ، ހިތް ތެޅެނީ ބާރަކަށެވެ. ހަތަރެސްފައި ފިނިވެ ގަނޑުފެންކޮޅަކަށްވެ ހިތް ވިރިގެން ފައިބަފާނެހެން ހީވިއެވެ. ހާސްވަނީއެވެ. އެތައް ޖަޒުބާތަކުން އޭނައަށް އެއްތާ ހިމޭނުންވެސް ނީދެވުނެވެ. ބައެއްފަހަރު ހީވަނީ ފަޔަކީ ނެތް އެއްޗެއްހެންނެވެ. ފަޔަށް ދަމާގޮތް ގޮތް ހަދައިގެން އުޅެނިކޮށް ފައި ރޫރޫއަޅާހެން ހީވާން ފަށައިފާނެއެވެ. މިރޭ ވާނީ ކިހިނެއް ހެއްޔެވެ؟ އިއްބާނުގެ އެންމެ އެދުމަކަށްވެސް ނޫނެކޭ ބުނާނެ ހިތްވަރެއް ނުވެސް ލިބޭނެއެވެ. މިރޭވެސް ޔީވާ އެހެން ފަންޏެއް ހަދައިގެން އޭނަ އާއި އިއްބާނު ވަކިނުކުރުވާނެ ބާވައެވެ. ނޫނެކެވެ. ދެން ދުނިޔޭގެ ބާރަކަށް އެދެމީހުން ދުރެއް ނުކުރެވޭނެއެވެ. ތެޅި ތެޅިވާ ހިތަކާއި އެކުގައި މިޝެލިން ކޮޓަރިން ބޭރަށް ނިކުތްއިރު ކޮރިޑޯވަނީ ފަޅަށެވެ. އޭނަ ގޮސް ގޭގެ ފަހަތު ފެންޑާގައިވާ އުނދޯއްޔެއްގައި ޖައްސާލުމުން ތެތް ފިނި ވައިރޯޅިއެއް މޫނުގައި ބީހިލާފައި ހީކަރުވާގޮތްވިއެވެ. ހަވީރަށް ބާރުވެލި ވައި ރޯޅިތައް މިރޭ ހިނދުނަސް ފަޒާގައިވަނީ ތެތްފިނިކަމެވެ. ކޮންމެ އިރަކުވެސް ވާރޭ ވެހިގެންފާނެހެން ހީވިއެވެ.
އިއްބާނު ދޮރުމައްޗަށް އެރުމުން މިޝެލިން ހީލީ ރަކިގޮތަކަށެވެ.
"ފިލައިގެންތަ؟ ބޭބީ، ހާދަ ވަރަކަށް ހޯދައިފިން..." އިއްބާނު އެ ތިރި ހަރުފަތްތައް ގިރާކޮށްލާފައި އައިއިރު ހިތްގައިމުކަމުން މިޝެލިންއަށް އެސްފިޔަޖަހައިލަން ނޭގިފައި އިނދެވުނެވެ. އިއްބާނުވެސް އެހެރީ ފެންވަރާ ތާޒާވެލައިގެންނެވެ. އިއްބާނުގެ ސްމާޓްކަމާއިއެކު "ވަން މިލިއަން" ގެ މީރުވަހުން މިޝެލިންގެ ހިތް ފިދާވިއެވެ.
އިއްބާނު މިޝެލިންގެ އުނގުގައި ބޯ އަޅާލައިގެން އޮށޯވެލުމުން މިޝެލިން އެ ފަން އިސްތަށިގަނޑާއި ކުޅެންފެށިއިރު ހިތަށް ބުނަން ނޭގޭފަދަ ފިނިކަމެއް ލިބިފައިވެއެވެ. އިއްބާނު މިޝެލިންގެ އަތްތިލައިގާ ބޮސްދިނުމުން ހިތުގައި އުފެދުނު ހީލިކެރުވުން މުޅި ހަށިގަނޑަށް ފެތުރިލިއެވެ. އިއްބާނުގެ ފުން ލޮލުން ފެނުނީ ނިމުމެއްނެތް ލޯތްބާއި، ކުލުނެވެ. އެރީތި ހިނިތުންވުމާއި، ނަޒަރު ޚާއްސަވެފައިވަނީ އެކަނި އޭނައަށެވެ. އިއްބާނުއަކީ އެކަނި އޭނަގެ މީހެކެވެ. އޭނައަކީ އެކަނި އިއްބާނުގެ އެވެ.
އިރުކޮޅެއް ވާންދެން އުނދޯލީގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ދެ ޒުވާނުން ބޭނުންވީ އެކަނިވެރިކަމެވެ. ކޮޓަރީގެ ހަތަރުފާރުން އެތެރޭގައި ނޫނީ އެމީހުން ބޭނުންވާފަދަ ވަގުތެއް ނުލިބޭނެއެވެ. ކޮޓަރިއަށް ވަންގޮތަށް މިޝެލިން އުޅުނީ ސޯއި އުއްބައްތިތައް ދިއްލުމާއިގެންނެވެ. އަންނަ ބާރު ވައިރޯޅިތައް ދޮރުތަކުގެ ހިންމިތަކުން ވަދެ ހުޅުކޮޅަށް ގޯނާ ކުރާއިރު ހިޔަނިތައް ކޮޓަރި ތެރޭގައި ނަށަމުން ދިޔައެވެ. މަޑު ބާލީސްތަކާއި، ކުޝަންތަކުގެ ތެރޭގައި އަރާމު އެނދުގައި ދެ ޒުވާނުންނަށް ޖައްސައިލެވުނުއިރު އެ ދެހިތުގެ ތެޅުން އަވަސްވެ، އެކަކު އަނެކަކަށް އިންތިހާއަށް ބޭނުންވެފައި ވިއެވެ. އިއްބާނު މިޝެލިން ގެންގުޅުނީ ބުދެއްހެންނެވެ. ލޯބިން ގޮސް ހިތް ފުރޭވަރުވި ނަމަވެސް މިޝެލިންގެ ހިތަށް ކުޑަ ކުޑަ ބިރުވެރިކަމެއް ވަނެވެ. ނަމަވެސް އިއްބާނުގެ އިންތިހާ ލޯބީގެ ސަބަބުން އެހުރިހާ ނުތަނަވަސްކަމެއް ފިލައި އިއްބާނުގެ ބާރުގަދަ އަތުގެ ތެރެއަށް ވަދެވުނީ ރުހުމާއި އެކުގައެވެ. ދެޖިސްމު އެއް ހިޔަނި ފަދައިން ފެނިގެން ދިޔަހިނދު މިޝެލިންގެ ލޮލުން އޮހިގެން ދިޔައީ އުފާވެރިކަމުގެ ކަރުނަވެސް މެއެވެ.
ދޮރުގައި ދަމާފައިވާ ބޯ ފަރުދާތަކުގެ ސަބަބުން ކޮޓަރިއަށް އިރުގެ އަލިކަން ވަންނާނެ ގޮތެއް ނުވިއެވެ. ސޯއި އުއްބައްތިތައް ވިރެމުންދިޔައިރު ކޮޓަރީގައި މީރުވަހެއް ހަރުލާފައި ހުއްޓެވެ. އެނދުގައިވާ ދެތިން ބާލީހެއް ދޫލަމައްޗަށް ވެއްޓިފައި އޮތަސް ކޮޓަރި ތެރެ ފެންނަނީ ތަރުތީބުކޮށެވެ. އިއްބާނު އާއި މިޝެލިން ކުއިލްޓްގެ ދަށުގައި ނިދާލާފައި ތިބީ ހިތްހަމަޖެހުމާއި އެކުގައެވެ. އިއްބާނު ގެ ބަރު އެސްފިޔަތައް ހުޅުވައިލުމާއިއެކު ފުރަތަމަވެސް ބަލައިލެވުނީ އޭނަގެ އަތުގެ ތެރޭގައި އަރާމު ނިންޖެއްގައި އޮތް ފުރާނަފަދަ ލޯބިވާ މިޝެލިން އަށެވެ. އިއްބާނު އަތް ދަމާލާފައި މޮބައިލަށް ބަލައިލި އިރު ހެނދުނު ނުވައެއް ޖަހައިފި އެވެ. އެމީހުންނަށް އެ ނިދުނީ ހާދަ ކުޑައިރުކޮޅަކަށެވެ.
"މޯނިން ބޭބީ ގާރލް......." މިޝެލިން ނިދާލާފައި އޮތްލެއް ރީތިކަމުން އިއްބާނުއަށް ގޯނާ ނުކޮށެއް ނޯވެވުނެވެ. ރަތްމަލެއްފަދަ ތުންފަތުގައި ބޮސްދޭން ފެށުމުން މިޝެލިން އެސްފިޔަތައް ތަޅުވާލާފައި އިއްބާނުގެ ކަނދުރާގައި ބައްދާލައިފި އެވެ. ދެމީހުންނަށް އެނދުން ތެދުވެވޭވަރުވީއިރު ހަށިގަނޑުވަނީ ދަލުން ފެންވެރިފައެވެ. އެކީގައި ހޫނު ފެނުން ފެންވަރައިލުމަށްފަހު، ރީތިވެލައިގެން ކޮޓަރިން އެދެމަފިރިން ނުކުތްއިރު ރަފާއިލްގެ ކޮޓަރިން "ކޮންގްރޭޖުލޭޝަންސް އައި ހޭޓް ޔޫ" އެލަވަ އައިސް އައިސް ހުއްޓެވެ. ރަފާއިލް ބެލްކަނީގައި ހުރެފައި ބަލައިލި އިރު މިޝެލިންގެ ހިތަށް ނުތަނަވަސް ކަމެއް ވެރިވިއެވެ. ރަފާއިލްވެސް ހީވަނީ ރޭގައި ނުނިދާ އުޅުނުހެންނެވެ.
"މޯނިން ރަފޭލް، މާ ވަރަށް ހޭޓް ކުރަނީ ކާކު ދެކެތަ؟" އިއްބާނު ގޮސް ރަފާއިލް ގެ ކޮނޑުގައި އަތްޖައްސައިލުމުން ރަފާއިލް މާނަވީ ހިނިތުންވުމެއް ދިނުމަށްފަހު މަޑުން ބުނެލި އެއްޗެއް މިޝެލިން އަކަށް ނޭގުނެވެ. މިޝެލިން މަޑުކޮށްނުލާ ސިޑިން ތިރިއަށް ދިޔައިރު ރަފާއިލް ގާތުގައި އިއްބާނު ދައްކަފާނެ ވާހަކައަކާއި މެދުވެސް ކަންބޮޑުވިއެވެ. އޭނަ ރަފާއިލް އާއި މަޖަލަކަށް ނަމަވެސް ރައްޓެހިވާން އުޅުނުކަން އެނގިއްޖެއްޔާ އިއްބާނު ހީކުރާނީ ކީކޭހެއްޔެވެ؟ ރަފާއިލްއަށް ވުރެ ކުރިން އެވާހަކަ އޭނަގެ ދުލުން އިއްބާނުއަށް ކިޔާދޭން ބޭނުމެވެ. މިޝެލިން ކޮފީހަދަން ހުރިއިރު ތުންފަތްމަތީގައި ވަނީ ފަނޑު ހިނިތުންވުމެކެވެ. އަދިވެސް މިޝެލިންގެ ހިތްއެދެނީ އެ ހިތްގައިމު ފިރުމުންތަކަށެވެ. ރެޔާއި ހެނދުނު އެ ކުރެވުނު ފޮނި، ހިތްގައިމު އިހުސާސްތަކަށް ފަހު މިޝެލިންގެ ހިތާއި، ހަށިގަނޑަށް މުޅިން ރިލެކްސްވެ، އުދުހެވޭހެން ހީވިއެވެ. ފުރާނަވެސް ޖިސްމުން ވަކިވެ ކާއިނާތުގައި މިނިވަންކަމާއި އެކު އުދުހެވުނު ފަދަ ވަގުތުތަކެވެ.
އިއްބާނު ފަހަތުން އައިގޮތަށް މަޑުމަޑުން ބައްދައިލުމުން މިޝެލިންގެ ނޭފަތުގައި ލުއި މީރުވަހެއް ހިފާލައި ހިއްސުތައް ވިހުރުވިގެން ދިޔައެވެ. އިއްބާނު ބުނީ ރަފާއިލްގެ ކޮޓަރީގެ ޝަވަރުގައި މައްސަލައެއް ޖެހިގެން އެމީހުން ކޮޓަރިއަށް ފެންވަރަން ހިގައްޖެކަމަށެވެ. މިޝެލިން ސިހުނެވެ. ރަފާއިލް އުޅޭގޮތުން އޭނައަށް ކޮންމެވެސް ކަހަލަ ޝައްކެއް ކުރެވެނީ ކީއްވެބާވައެވެ. އެހެން ކޮޓަރިތައް ހުއްޓާ އެމީހުން ކޮޓަރިއަށް އައުމުންވެސް ސުވާލު އުފެދުނެވެ. ރަފާއިލް އަކީ މިގެއަށް އައިސްގެން އުޅޭ ޖާސޫސެއް ބާވައެވެ. އޭނައަށް ފާރަލާހެން ހީވަނީ ކީއްވެހެއްޔެވެ؟
"ބެން، ބޭނުން ވާހަކައެއް ބުނެލަން..." މިޝެލިން ދެ ކޮފީތަށި ގެނެސް މޭޒުމަތީގައި ބެހެއްޓިއެވެ.
"އެނީތިން މައި ލަވް....." އިއްބާނު އެއް ބުމަ އަރުވައިލި އެވެ.
"ރުޅިނާންނާނެ ކަމަށް ޕްރޮމިސް ކުރޭ...." މިޝެލިން ކުޑަކޮށް ކަންބޮޑުވިއެވެ.