އިއްބާނުގެ ހައިރާން ކަން ފިލުމާއި އެކު، ހީލި ގޮތަކުން އެ ހުދު ހުދު ދަތްތައް ވިދާލިހެން ހީވިއެވެ. މިޝެލިން އޮތީ އެސްފިޔަ ޖަހާނުލައި، ބަލަހައްޓައިގެންނެވެ.
އިއްބާނު އަށް އެނގުނީ އޭނަގެ ލޯބިވާ އަންހެން ކުއްޖާގެ ޅަކަން އަދިވެސް މުޅިން ފިލައިގެން ނުދާކަމެވެ. އަދިވެސް އޭނަ ޖެހޭނީ އިންތިޒާރު ކުރަން ކަންނޭގެ އެވެ. މައްސަލައެއް ނެތެވެ. އޭނަ ގަރުނަކަށް ވެސް އިންތިޒާރު ކޮށްފާނެ އެވެ. އެކަމަކު މިޝެލިން އަކީ އޭނަގެ ހައްގެކެވެ. އެކަނި އޭނަގެ ހައްގެކެވެ. އެއްފަހަރު އޭނައަށް މިޝެލިން އަބަދުގެ އަބަދަށް ޓަކައި ގެއްލިގެން ދިޔުމުގެ ކުށް ހީކުރެވުނަސް އޭނަ މިޝެލިން އަތުން ބީވެގެން ދިޔަކަނުދޭނެއެވެ. އޭނަ މިޝެލިންގެ ހިޔަނި ފަދައިން ފަހަތުން އުޅޭނެ އެވެ.
"ޕްރޮމިސް ބްރޭކް ކުރާކަށް ނޫޅެމޭ، އަހަރެން ޝެލް ދެއްކި ހުރިހާ ވާހަކަތަކެއް ހަނދާން އެބަހުރި، އެކަމަކު އަތްލުން މަނާވިޔަސް އަހަންނަށް ފެންނަ ހިސާބުން ދުރަށް ދެން ދިޔަދޭހިތެއް ނުވޭ، ދެން އަހަންނަށް ޝެލް ގެއްލިގެން ދާ ދުވަހަކީ ހަޔާތުގެ އެންމެ ފަހު ދުވަސް ކަމަށް ވާނެ....." އިއްބާނު އެނދުގެ ކުރިމަތީގައި ހުރި ސޯފާއެއްގައި އިށީދެއްޖެއެވެ. މިރޭ ހީވާގޮތުން އިއްބާނު މި ކޮޓަރިން ބޭރަށް ދާކަށް ނޫޅެއެވެ. މިޝެލިން އަށް އެކަމުގައި މައްސަލައެއް ނެތެވެ. އޭނަގެ ލޮލަކަށް ވެސް މިރޭ ނިންޖެއް ނާންނާނެ އެވެ. މިގޮތަށް އަނދިރީގައި އިރުއަރަންދެން ވާހަކަ ދައްކަން ތިބެވިދާނެއެވެ.
"ބެން ނިދި ނާންނަނީތަ؟" އެ އަނދިރީގައި ވެސް އެ ފުން ދެލޯ މިޝެލިންގެ މައްޗަށް ހުއްޓިފައިވާތަން ފެނުމުން މިޝެލިންގެ ގައިން ހީބިހި ނެގިއެވެ. މޫނަށް ރަތްވިއެވެ. މިއީ ޔަގީނުންވެސް ދެއަހަރު ކުރިން އޭނަ އަށް އިހުސާސް ކުރެވުނު ކަންތަކެއް ނޫނެވެ.
"ޝެލް ގާތުގައި އޮވެ ނިދާލަން ހުއްދަދީފިއްޔާ...." އިއްބާނު ލާނެތް ގޮތަކަށް ބުނެލި އެވެ.
"މެރީ ކުރި ދުވަހަކުން...." މިޝެލިން ގެ ހިތުގެ ތެޅުން އިންތިހާއަށް ބާރުވިއެވެ. މި ދުރުކަން ނައްތައިލަން އޮތް އެކަނި ގޮތަކީ އެއީއެވެ. ނޫނީ ޖެހޭނީ މިގޮތަށް ބަލައިގެން ހިތް ހަމަޖެއްސުމެވެ. މިޝެލިންގެ ޒުވާން ހިތްވެސް އިއްބާނުގެ ބާރުގަދަ އަތުގެ ހިމާޔަތަށް ދާން ބޭނުންވެއެވެ. އެ އަތުގެ ފިރުމުންތަކަށް ހިތް ބޭނުން ނުވަނީ އެއްނޫނެވެ. އެ ރީތިކަން އެކައްޗަކަށް ވުމަށް ހިތް އާދޭސް ކުރަނީ އެވެ.
"އަދި ޝެލް ތިއީ ޓީން އެއްނު، މެރީ ކުރުމަކީ ކިހާބޮޑު ޒިންމާއެއްކަން އެނގޭތީ މަ އަދި މެރީ ކުރާކަށް ނުވިސްނަން، މަންމަމެން ގާތުގައި ބުނިން އެމެރިކަން ކުއްޖަކާއި އިންނަން ވެގެންނޭ މިއުޅެނީ އެހެންނޫނީ މާލެ އަންނަންވާއިރަށް ފެމިލީ ކުއްޖަކު ހަމަޖައްސާލައިފިއްޔާ ކިހާ ބޮޑު ކަމަކަށް ވާނެ، މިވީގޮތުން ދެތިން އަހަރަށް ދިގު އިންތިޒާރެއް ކުރަން ޖެހުނީ ދޯ، ޝެލް އާދެބަލަ ބެލްކަންޏަށް ވާހަކަ ދައްކާލަން......" އިއްބާނު ތެދުވެގެން ގޮސް ކުޑަދޮރު ހުޅުވާލައިފި އެވެ. ބެލްކަންޏަށް ވެރިވެފައި ވަނީ ހަނދުވަރުގެ ރީތި އަލިކަމެވެ. ޖެހެމުންދިޔަ ވައިރޯޅި ތަކުގައި ވަނީ ޖޭސްމިން ނޫނީ ތަނޑިރަތްމާފަދަ މަލެއްގެ މީރުވަހެކެވެ. މިޝެލިން ވަގުތުން އެނދުން ފުންމާލައިގެން ގޮސް ކޮޓްން ގަމީހަކާއި، ޖިންސެއް ޕިޖާމާގެ މަތިން ވައްޓާލުމަށްފަހު ބެލްކަންޏަށް ނިކުތެވެ. ދެމީހުންގެ ދޭތެރޭގައި ރައްކާތެރި ދުރުމިނެއް ބަހައްޓަން މިޝެލިން ސަމާލުކަން ދިނެވެ. އިއްބާނުވެސް މިޝެލިންގެ އެ ނިންމުމަށް އިހުތިރާމް ކުރާވަރު މިރޭ މިޝެލިންއަށް އަންގައިދިނެވެ.
ހަނދުވަރުގެ އަލި އިއްބާނުގެ ޓޭންވެލާފައި މޫނާއި ކުޅެމުން ދިޔައިރު ރީތިކަމުން މިޝެލިން އިނީ ކަޅިޖަހައިލަން ނޭގިފައެވެ. ބައެއްފަހަރު ނޭވާނުލާ އިނދެވެއެވެ. މިރޭ މިޝެލިންގެ ހިތުގައިވާ ލޯބި އެތައް ގުނަ އިތުރުވެއްޖެއެވެ. އިއްބާނު އަށްޓަކައި ހިތް ދީވާނާ ވާވަރު ވެއްޖެއެވެ. ބައެއްފަހަރު އޭނަ މަނާކޮށްފައިވާ ކަންތަކަށް ހުއްދަދޭންވެސް ހިތް ބޭނުންވި ފަހަރު އައެވެ. އެކަމަކު ލޯބިވަންޏާ ކޮންމެހެން އަތްލުން މުހިއްމު ހެއްޔެވެ؟ އެއީ ފުރާނައިގެ ގުޅުމެވެ. މި ގުޅުން އެންމެ ފުރިހަމަ ވާނީ ކައިވެންޏަށްފަހު އެ ހުރިހާ ފޮނި މީރުކަމެއް ހޯދިއްޔާއެވެ.
ހަނދުވަރުގެ ހިތްގައިމު އަލީގައި އެތަނުގައި އެކަނިމާއެކަނި ތިބެވުނު އިރު އިއްބާނު އޭނަގެ އަތުގައިވެސް ހިފައިނުލިއެވެ. މިޝެލިންގެ ހިތް ހާސްފަހަރު އިއްބާނުއަށް ތަޢުރީފު ކުރިއެވެ. މިވީގޮތުން އޭނަ ފަޅު ރަށެއްގައި ވެސް އިއްބާނު އާއި އެކީގައި އެކަނި ހޭދަކޮށްލަފާނެ އެވެ. އޭނަ ދެކެ ވަނީ ތެދުވެރި ސާފު ލޯތްބެއްކަން މިރޭ އިއްބާނު ޔަގީން ކޮށްދީފި އެވެ. އިއްބާނު އާއި މިޝެލިން ތަފާތު ވާހަކަތައް ދެއްކިއެވެ. ކުރިން މާލޭގައި އެދެމީހުން ފޯނުން ވާހަކަ ދެއްކި ގޮތަށެވެ. މިރޭ ތަފާތަކީ ލޮލަށް ބަލަހައްޓައިގެން، އެކަކު އަނެކަކުގެ ރީތިކަމުން ހިތްހަމަޖެހުން ލިބިގަންނަމުން ވާހަކަ ދެއްކުނު ކަމެވެ. އިއްބާނުއަށް ހަގީގަތުގައި ކެތްކުރެވުނީ އެއްނޫނެވެ. ކިތަންމެ ފަހަރަކު އޭނަގެ ހިތް އަތުން ދޫވެގެން ދިޔައެވެ. ހުރިހާ ދުރުކަމެއް ނައްތާލާފައި މިޝެލިން ހާސިލު ކުރަން ހިތް ބޭނުންވިއިރެއްވެސް އައެވެ. އެކަމަކު އިއްބާނު ކެތްކުރިއެވެ. އިންތިޒާރުގެ ނިމުން ފޮނިވާނެ ވަރު ހިތަށް ގެނެވުނީއެވެ.
ފޫހިކަމެއް، ވަރުބަލި ކަމެއްނެތި ދެލޯބިވެރިން ވާހަކަދައްކަން ތިބިއިރު ގަޑި ވޭތުވެގެން ދިޔަގޮތެއްވެސް ނޭގުނެވެ. އެތައް ވާހަކަތަކެއް ދެކެވުނެވެ. އިއްބާނުގެ ފަރާތުން އެގޭގައި އުޅުނު ސިކުއިރިޓީ ގާޑު މަރުވިކަން މިޝެލިންއަށް އެނގުނެވެ. ހަމަ ހޭވެރިކަން ވީ ދުރުން ފަތިސް ނަމާދުގެ ބަންގި ދޭން ފެށި އަޑަށެވެ. އޭރު ފަޖުރުގެ އަލިކަން ކޮންމެވެސް ވަރަކަށް ފާޅުވާން ފަށައިފި އެވެ.
"ބޭބީ ދެން ކޮންމެވެސް ވަރަކަށް ނިދާލަން ވީނު، މިތަނުން ދާހިތެއްނުވޭ، އެކަމަކު ޝެލް ޕްރޭ ކުރަން ވާނެ އެއްނު، އަހަންނަށް ވާވަރަށް ޕްރޭ ކުރައްޗޭ އިނގޭ...." އިއްބާނު ތެދުވުމުން މިޝެލިން ވެސް ތެދުވެ ހިންދެމިލައިފި އެވެ. އިއްބާނު ފޮނުވައިލާކަށް މިޝެލިން ބޭނުމެއްނުވިއެވެ. އެކަމަކު އޭނައަށް އޮތީ ކޮން ގޮތެއް ހެއްޔެވެ؟ އަބަދުގެ އަބަދަށް ޓަކައި ކައިރީގައި ބަހައްޓާނީ ކިހިނެއް ހެއްޔެވެ؟ އިއްބާނު ދެން މިޝެލިންގެ ގަނޑުފެންކޮޅެއްފަދަ އަތްތިލައިގައި ހިފަހައްޓާލި އެވެ.
"ސޮރީ ބޭބީ، އަތުގައި ކުޑަކޮށް އަތްނުލައި ހަމަ ނުހުރެވުނީ...." އިއްބާނު އެ އިނގިލި ތަކުގައި ތުންފަތް ޖައްސައިލުމުން ހީވީ ކަރަންޓު ރާޅުބާނި ތަކެއް ހަށިގަނޑުގައި ދުވެލި ހެންނެވެ. މިޝެލިން އަށް ބޭއިޚުތިޔާރުގައި ލޯމަރައި ލެވުނެވެ. ކޮންފަދަ އުފާވެރި، ރީތި ވަގުތުކޮޅެއް ހެއްޔެވެ؟ އެކަމަކު ލަދުން ގޮސް އެ ޅަހިތްވިރުނެވެ.
އިއްބާނު ދިޔުމުން މިޝެލިން އެނދުގައި އޮށޯތް ގޮތަށް އެގޮތް މިގޮތަށް ފުރޮޅުނެވެ. ބާލީހުގައި ބައްދާލައިގެން އޮތެވެ. ބައެއްފަހަރު ތެދުވެލައެވެ. އިއްބާނު ބޮސްދިން އަތް ނުދޮންނަން ހިތަށް އެރިއެވެ. އެކަމުން ހިތަށް ލިބުނު އުފާ އަދިވެސް ފަނޑެއް ނުވެއެވެ. އޭނަ އިއްބާނު ގެ އެކި ޖުމްލަތައް ހަނދާންކޮށްފައި އުފާ ކުރިއެވެ. އެކި ހަރަކާތް ތަކާއި، އަދާތަކުން މިޝެލިންގެ ސިކުނޑިއަށް ގޯނާ ކުރިއެވެ. ބައެއްފަހަރު ލަދުން އޮޅިގެން މިޝެލިން ބާލީހުގައި މޫނު ފޮރުވައިލި އެވެ. ލޯބީގައި ދީވާނާ ވެގެން އުޅުމަކީ މިއީހެއްޔެވެ؟ އެކަނި އޮވެ ހީހީފައި މިގޮތަށް ހަމަޖެހުމެއްނެތި އުޅޭނީ އެހެންވީމަތާއެވެ. އެންމެ ފަހުން މިޝެލިންއަށް ނުނިދޭނެކަން ޔަގީންވުމުން ތެދުވެގެން ގޮސް ބެލްކަންޏަށް ނިކުތެވެ.
މާޒިންއަށް އިއްބާނު އަކީ އޭނަގެ ބޭބެގެ ދަރިއެއްކަން އެނގުމުން ހައިރާންވެ އަންތަރީސްވިއެވެ. އެކަމަކު އެހެން ދިމާވި ސަބަބު ފަހުން އެނގުނެވެ. އޭރު އޭނަގެ ބޭބެ ހައިތަމް އާއި އެލީސާގެ ދޭތެރޭގައި ބޮޑު މައްސަލަގަނޑެއް ޖެހިގެން އެލީސާ ހައިތަމް ދޫކޮށްލާފައި އޭނަގެ މައިންބަފައިން ގާތަށް ދިޔައީއެވެ. މިހުރާން އޭރު ވަރަށް ކުޑައެވެ. އޭނަ ރުޅިގަދަ ކުއްޖަކަށްވީ އެލީސާ އެގޮތަށް ދިޔުމުން ހައިތަމް ދޮންމަންމައެއް ގެއަށް ގެނައިމައެވެ. އެލީސާ އެގެއިން ދިޔައިރު އޭނަ އިއްބާނުއަށް ބަލިވެއިންކަމެއް ދެނެހުރި މީހެއް އޭރަކު ނެތެވެ. އެލީސާ ހުރީ އެކަން ފޮރުވައިގެންނެވެ. އެލީސާ އެނބުރި އައީ މާޒިން އެގެއިން ދިޔަތަނާ މާގިނަދުވަހެއް ނުވަނީހެވެ. އެހެންވުމުގެ ސަބަބުން މާޒިންއަށް އޮތީ އިއްބާނު ނޭގިފައެވެ. އެކަމަކު ނޭގުމުގެ ތެރޭގައި ވެސް އޭނަގެ ދަރިފުޅު މިޝެލިން އާއި އެކުވެރިވި ޒުވާނަކީ ބޭބެގެ ދަރިއަކަށް ވިކަން އެއީ ޝުކުރުވެރިވި ކަމެކެވެ.
މިޝެލިން މަންމަ ގާތުގައި މެންދުރުފަސް އެކީގައި ހޭދަކުރިއެވެ. އެއަށްފަހު ގެއަށް އައިސް އޭނަ އެންމެ ކުރިންވެސް އިއްބާނު ދީފައި ހުރި ކެވެލި ކޮޅާއި، އަނގޮޓި އަތުގައި އެޅިއެވެ. އެ ހުދު ޖަވާހިރާއި، ރަންމުތުން އެ ދޮން އަތްތިލައަށް ލިބުނު ރީތިކަން ސިފަކުރެވޭ ވަރަށް ވުރެ ފުރިހަމަ އެވެ. ރީތިކަން އިތުރުވީ އެކަނި އޭނަގެ އަތުގެއެއް ނޫނެވެ. މިޝެލިންގެ ހިތް ޒުވާންވެ، އެހިތް އިއްބާނު އަށްޓަކައި ވިންދުޖަހަން ފެށިފަހުން އެ ދެލޮލުގެ ވިދުންގަދަވެ، މޫނުވެސް ކުރިއަށްވުރެ ރީތިހެން ހީވެއެވެ. އުފާވެރި ކަމަކީ މީހާގެ ސިފަ ރީތިކުރުވާ ކަމެކެވެ. މިޝެލިންއަށް ހުރެވެނީ އަބަދު ލަވައެއް ކިޔާލެވި ނޫނީ ނެށިފައެވެ. ބައެއްފަހަރު މާ ދުރަށް ބަލަހައްޓައިގެން ހުވަފެނީ ގޮތަކަށް އިނދެފާނެއެވެ. އެފަދަ ވަގުތެއްގައި މީހަކު ވާހަކަ ދެއްކިޔަސް މިޝެލިންއަށް އިވޭކަމަކަށް ނުވާނެއެވެ. ލޯބީގެ ހުރިހާ ފޮނިކަމެއް މިޝެލިން އަށް ލިބި، ދަސްވަމުން އައެވެ. މިހާރު ތާ އަބަދުހެން ދެކޭހިތްވަނީ އެންމެ ސޫރައެކެވެ. އިއްބާނުގެ ހިޔަނި ފެނިލިޔަސް ހިތް ތެޅިގަންނަވަރުން މިޝެލިންގެ ހިތް ހުއްޓިދާނެހެން ހީވެއެވެ.
މިޝެލިން ބެލްކަނީގެ ރެއިލިންގެ މަތީގައި އިށީދެލައިގެން ފޯނާއި ކުޅެލަ ކުޅެލާއިނެވެ. އެ ރެއިލިންގެ ޑިޒައިން ހަދާފައި، ކުރެހުން އަޅާލާފައިވާ ފުރިހަމަ ކަމުން އެފަދަ މަންޒަރެއް އާއްމުކޮށް މާލެއަކުން ނުފެންނާނެ އެވެ. ހުދުކުލައިގެ ތަބުތައް ޖަހާފައިވާއިރު ރެއިލިން ހަދާފައި ވަނީ ގާތްގަނޑަކަށް ހަތަރު ވަރަކަށް ފޫޓަށެވެ. އަދި ކޮންމެ ތަބަކާއި ދިމާލަށް، ހުދުކުލައިގެ ހަތަރެސްކަނަށްވާ ކުޑަ މާޖަހާ ކްރިސްޓަލް ވަށިތައް ބަހައްޓާފައި އޭގައި ރަތާއި، ހުދުކުލައިގެ މާބޮނޑިތަކެއް ފޮޅިފައިވާ ގަސްތައް އިންދާފައި ވެއެވެ. ދެތިން ސޯފާ އާއި ބިއްލޫރި މޭޒެއް ހުރިނަމަވެސް މިޝެލިން ހަލަނި ކަމުން އަރާފައި އިނީ ރެއިލިންގަނޑު ގެ މައްޗަށެވެ. އެހެން އިންދާ ވެއްޓިއްޖެއްޔާ ބޮޑު އަނިޔާއެއް ވާނެކަން ޔަގީނެވެ.
"ޝެލް....." އިއްބާނުއަށް އެތަނަށް ނިކުމެވުމާއިއެކު މިޝެލިން އަރާއިންތަން ފެނުމުން ލިބުނީ ޝޮކެކެވެ. އޭނަގެ މިޝެލިން އަމިއްލަ ނަފުސާއި މެދު އެއްވެސް ވަރަކަށް އަޅައެއް ނުލައެވެ. މިޝެލިންއަށް އިއްބާނު ފެނުމުން އެ ދޮންމޫނަށް ވަގުތުން ރަތްކުލަ ވެރިވެގެން ހިގައްޖެއެވެ.
"ވަޓް ހެޕެންޑް...." އިއްބާނު އެހާ ހާސްވިކަމެއް މިޝެލިން އަކަށް ނޭގުނެވެ.
"މިތަނަށް ދެން ދުވަހަކު ނާރަން ޕްރޮމިސް ކުރޭ..." އިއްބާނު އެއައިގޮތަށް މިޝެލިން ގެ މެދުހަށީގައި ހިފާފައި ބިންމަތީގައި ބެހެއްޓިއެވެ. މިޝެލިންއަށް އެވަގުތު އިހުސާސް ކުރެވުނީ އިއްބާނު އޭނަ އާއި އަޅާލާވަރެވެ. ލޯބިވާ މިންވަރެވެ. ހާދަ ރަނގަޅެވެ. މިޝެލިންގެ ހިތަށް އަސަރު ކުރިއެވެ. ލޯބިން ހިތް ފުރުނެވެ. މިޝެލިން އެވަގުތު ވައުދުވިއެވެ.
"ބޭބީއަށް ދޭން ރޯޒްއެއް ހިފައިގެން އައިއިރު ހަމަ ކިރިޔާ، ތިހެން އުޅެން ހަދައިގެން އަދަބެއް ދޭން ޖެހިދާނެ އިނގޭ..." އިއްބާނު އެ ހިތް ކަތިލާފަދަ ބަލައިލުމާއި، ހިނިތުންވެލި ގޮތަކުން މިޝެލިންއަށް ހުރެވުނީ ގެއްލިފައެވެ. އޭނައަށް މިހާރު ލޯބި މިވެވެނީ މާ ބޮޑަށެވެ. ހައްދު ފަހަނަޅާ ދަނީއޭ މީހުން ކިޔަން ފަށާފާނެއެވެ. ނޫނީ މިއީ ދެވިހިފުން ހެއްޔެވެ؟ އަމިއްލައަށްވެސް އިހުސާސް ކުރެވެނީ މިންވަރަށް ވުރެ ބޮޑަށް ލޯބިވެވެން ފަށައިފި ކަމަށެވެ. އޭނަވެސް ބޭނުމީ އާދައިގެ ގޮތަށް ލޯބިވުމަށެވެ. ނޫނީ ހިތް ހަލާކުވެދާނެ ދުވަހެއް އައިސްދާނެ އެވެ. ދުނިޔޭގެ އެއްވެސް ކަމަކަށް މާބޮޑަށް ހިތްދީފިއްޔާ އެއީ މައްސަލައެކެވެ. އެކަމަކު އިއްބާނު އޭނަގެ ހިތާއި ކުޅެލަން ހާދަ މޮޅެވެ. ބެލްކަންޏަށް ލެބިފައިވާ އޮފި އެލޭގަހުގެ ފަތްތަކެއް އިއްބާނުގެ މޫނަށް އުދަގޫ ކުރަން ފެށުމުން ގޮފިކޮޅު ދުރުކޮށްލި އިރު އެ ފިރިހެންވަންތަ އަތަށް މިޝެލިންއަށް ބަލައިލެވުނެވެ.
"ބޭބީ ތި ވިސްނަނީ ކޯންޗެއް؟" އިއްބާނުގެ އަތުތެރޭގައި އޮތް ނުފޮޅޭ ކުޑަ ފިނިފެންމަލެއް މިޝެލިންގެ ކޯތާފަތުގައި ބީއްސާލުމުން މިޝެލިންއަށް ހެވިއްޖެއެވެ. ހީލިކަރުވާ ގޮތްވެސް ވިއެވެ.
"ބެން އާއި މެދު ވިސްނީ، މާ ކުޑަ ރޯޒް އެއް ބިނދެލައިގެން އުޅޭތީ...." މިޝެލިން ހުރީ ހީލަ ހީލަ އެވެ. މިހާ ޒަމާންވީ އިރުވެސް މިޝެލިންގެ ހުނުމުގެ އާދަ ދޫކޮށެއް ނުލެވުނެވެ. އެގޮތަށް އަބަދު ކުދި ދަތްތައް ދައްކާލައިގެން ހެވިފައި ހުންނާތީ ހީވަނީ ދުނިޔޭގައި ހުންނަ އެންމެ އުފާވެރި ކުއްޖާ ހެންނެވެ. އެއްވެސް ފިކުރެއް ޚިޔާލެއްނެތް ކުއްޖެއް ހެންނެވެ. އިއްބާނު އެ ސިފަޔާއި މެދު ހާދަ ރުހެއެވެ.
"އެނގޭތަ؟ މި ބޭބީ ރޯޒް ފެނުނީމަ އިޓް ރިމެއިންޑްސް މީ އޮފް ޔޫ، ކިހާ ކިއުޓް......" އިއްބާނު އެ ފިނިފެންމާ ތުންފަތުގައި ޖައްސާލަމުން ދުނިޔެއަށްވެސް ސިއްރުން ބުނެލި އެއްޗަކުން މިޝެލިން ލަދުންގޮސް މޫނަށް އެ މަލުގައި ހުރި ކުލަ ވެރިވެގެން ދިޔައެވެ. ދުވާލުގެ އަލިކަމުގައި އެ މޫނަށް ވެރިވި ކުލަ ފޮރުވަން މިޝެލިން އަކަށް ކުރެވޭނެ މާ ބޮޑުކަމެއްނެތެވެ. އިއްބާނު އެމާ ދިއްކޮށްލުމުން މިޝެލިން އޭގައި ހިފާލަމުން އިއްބާނުއަށް ދިނީ ވަރަށް ލޯބި ހިނިތުންވުމެކެވެ.
ދެލޯބިވެރިން އެކީގައި ކާކޮޓަރިއަށް ގޮސް އޮރެންޖު ޖޫސްބޮއިގެން، އެއްޗެއް ކައިލި އެވެ. އެއަށްފަހު ބަގީޗާ ތެރެއަށް ދާން އުޅެނިކޮށް ކާފަ އާއި، މާމަ ފެންޑާގެ ސޯފާއެއްގައި އަތު ގުޅުވާލައިގެން ވާހަކައެއްގައި ތިއްބާ ފެނުމުން އިއްބާނު، މިޝެލިން އާއި ދިމާލަށް ބުނީ އެގޮތަށް މުސްކުޅިވާންދެން އެކީގައި އުޅުމަކީ އޭނަގެ ހުވަފެން ކަމުގައެވެ. އެދެމަފިރިން އަދިވެސް އުޅެނީ އެހާ ލޯބިންނެވެ. އަނގައިގައި ލައްވާފައި ކާންދިނުމާއި، ފުނާ އަޅާދިނުން ފަދަ ކަންތައް އެކަކު އަނެކަކަށް ކޮށްދޭތަން ފެނެއެވެ. މާމަވެސް ކާފައަށް ވާހަކައެއް ކިޔާދޭން ފޮތެއް ހުޅުވާލައިގެން އިނދެފާނެއެވެ. ކާފަ އާއި މާމަގެ ލޯތްބަކީ މިސާލެކެވެ.
ކުރީރޭ ނުނިދާ ފަތިސްވާންދެން ހޭލާ އުޅުނަސް އެރޭގެ ފަހުން މިޝެލިންގެ ނިދި ހަލާކުކޮށްލާފައި އެގޮތަށް ބައްދަލު ކުރާކަށް އިއްބާނު ބޭނުމެއް ނުވިއެވެ. އެހާވެސް އިއްބާނު، މިޝެލިން އާއި އަޅާލަ އެވެ. ރޭގަނޑު ރަނގަޅަށް ނިދުމަކީ ކިހާވަރަކަށް މުހިއްމު ކަމެއްކަން އޭނަ ދަނެއެވެ. ސިއްހީ ގޮތުން ރަނގަޅު އާދަތަކަށް ހޭނިފައިވާ ކުއްޖެއްގެ އެ ބަޔޮލޮޖިކަލް ކްލޮކް މަޅިއަރާ ގޮތަކަށް އޭނަ ކަންތަކެއް ނުކުރާނެ އެވެ. އެހެން ނޫނީ އޭނަގެ މިޝެލިން ބަލިވެދާނެ އެވެ. އިއްބާނު ގެ އެ ލޯތްބާއި، އަޅާލުމުގެ ސަބަބުން މިޝެލިން ހުންނަނީ އުފަލުން ފުރިފައެވެ. އިންސާނަކު ދެކެ ލޯބިވެވޭނެ އެންމެ މަތިވެރި ދަރަޖައަށް އެހިތުގައި ލޯބި އުފެދުނެވެ. އެ ލޯބީގެ ހުޅުކޮޅު ދިއްލިގެން ދިޔައީ ދުވަހަކުވެސް ނުނިވޭނެފަދަ ގޮތަކަށެވެ.
އާމިރާގެ ބޮލުގައި ގަދަޔަށް ރިއްސައިގެން އުޅޭތީ މިއަދުވެސް ކުދިން ޒަހާރާގެ ކާރިއަށް އެގެއަށް ފޮނުވާލައިފި އެވެ. މިލީނާ އަދިވެސް ބަލަނީ ކޮންމެވެސް ގޮތަކުން މިހުރާންގެ ކޮޓަރިން ލެޕް ނަގާފައި ހަލާކުކޮށްލުމަށެވެ. އެހެންނޫނީ މުޅި އުމުރަށް އޭނަ ހިތާމަ ކުރާނެ ދުވަސް އަތުވެދާނެ އެވެ. އެވަރުން އޭނަ ގޯލްޑެން ފްލޭމަށް އަންނަ ބޭނުމަކީ އެއީ އެވެ. ދެން ހުރީ މިޝެލިން އެވެ. މިޝެލިން އަމިއްލަ ގެއަށް ވަދެލާހިތެއްނުވެއެވެ. އޭނަގެ ފުރާނާ އާއި ހިތް ވަނީ ގޯލްޑެން ފްލޭމްގައެވެ. އެރީތި ދެލޯ އަބަދު ބޭގަރާރުވެފައި ވަނީ އިއްބާނުގެ ސޫރަ ދެކޭހިތުންނެވެ.
އިއްބާނު ކޮޓަރިން ނިކުމެގެން އަންނަތަން ފެނުމުން މިޝެލިން ގެ ދެލޮލުގެ ވިދުވަރުގަދަވިއެވެ.
"ބެން، ރާޒުވާ ގޭމެއް ކުޅެލަން އާދެބަލަ...." މިޝެލިން އިނީ އެތާހުރި ވަށް މޭޒުމަތީގައި ރާސްބެރީ ކޫލަރ ދެތަށްޓާއި، ކުކީޒް ތަށްޓެއް ބަހައްޓާލައި ގެން ރާޒުވާ ކުޅިގަނޑު އަތުރާލައިގެންނެވެ. މިޝެލިން ކުޅޭހިތްނުވާ ކުޅިވަރަކަށް ވިޔަސް ދެމީހުން އެކީގައި ވަގުތު ހޭދަކުރަން ދެއްކޭނެ ބަހަނާ އެކެވެ. އިއްބާނުގެ ރީތިމޫނަށް ބަލަހައްޓައިގެން މިޝެލިން އުމުރު ހޭދަކޮށްފާނެއެވެ.
"ޑޭޓެއް ދޯ..." އިއްބާނު ބަލައިލި ގޮތަކުން މިޝެލިން ރަކިވާގޮތްވިއެވެ.
"ޔަޕް...." މިޝެލިން ހިނިތުންވެލާފައި އަވަހަށް ގޮނޑީގައި އިށީދެއްޖެއެވެ. އެއީ އެގެއިން މިޝެލިން އެންމެ އުޅޭހިތްވާ އެއް ތަންކޮޅެވެ. ހިޔާދޭ ބޮޑުގަހަކުން އެދިމާލަށް ހިޔާއެޅިފައިވުމާއިއެކު އެ ބެލްކަނީ އެހާ އަރާމެވެ. ދެޒުވާނުން ހަމަޖެހިލައިގެންތިބެ ރާސްބެރީ ބޯންފެށިއެވެ.
"ބެން، އައިމް ސްކެއާޑް، މާމަ ބުނި މިއަދު ކައިވެނި ފޯމުގައި ސޮއިކުރަން ޖެހޭކަމަށް، ބެން ތިހުންނަނީ އަޅާނުލައި، ރެއިންވެސް ފެމިލީ ގާތުގައި އެކަމާއި ދެކޮޅަށް އެއްޗެކޭ ބުނިހެން ހިޔެއްނުވޭ، ބެން ކީއްވެ ހިމޭނުން ތިހިރީ؟" މިޝެލިންގެ އަޑުގައި ޝަކުވާގެ ރާގުވިއެވެ.
"ބޭބީ، އަހަރެން އެކަން ހަމަޖައްސާނަން، ޝެލްއަކީ އެކަނި އަހަރެންގެ އޭ އަހަރެން ބުނެފީމެއްނު، ވީއިރު ދެން ޝެލްއަށް އަހަރެން ހުއްޓާ އެހެން މީހަކާއި މެރީ ކުރެވޭނެތަ؟ ޝެލް ވާނީ އަހަރެންގެ މީހަކަށް ގޯޑް ވިލިން، އަހަރެންގެ ބޭބެއަކަށް ވެސް ޝެލް ލިބިޔަކަނުދޭނަން، އެމީހުންގެ ފަހަރި ކޮއްކޮ ތިއީ، އެނޫން ގޮތަކަށް ހިތަށްވެސް ނާރުވާނެކަން ޔަގީން، ރޭގައި އަހަރެން ރެއިން އާއި ރެން ކައިރީގައި ބުނިން އަހަރެން ޝެލް ދެކެ ލޯބިވާ ވާހަކަ، އަހަރެންގެ ފޯނުން ޝެލްގެ ޕިކްތައް ފެނި ބަސްޓްވީމަ ދެން އޮޅުވާލާކަށް ބޭނުމެއްނުވި، ރެއިން ބުނި ކިރިޔާ އޭ ގޯހެއް ނެހެދުނީ........." މޭޒުމަތީގައި މިޝެލިން ބާއްވާފައި އޮތް ދޮންއަތްތިލަ މަތީގައި އިއްބާނު އަތް ބޭއްވިއެވެ. މިޝެލިން އަތް ދަމައިގަންނާކަށް ނޫޅުނެވެ. އަތުގައި ހިފައިލުމުގެ ހުއްދަ އޭނަ ވަނީ އިއްބާނުއަށް ދީފައެވެ. މައްސަލަ އަކީ އެންމެ ބީހިލުމަކުންވެސް އޭނަގެ ނާރުތަކަށް ހަލަބޮލިކަން ގެނެސްދޭވަރުންނެވެ. ހާދަހާ ލޯބިވެއެވެ. އިއްބާނުއަށްވެސް މިޝެލިންގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅެއްވާންދެން އިނދެވުނެވެ.
މިޝެލިން ރާސްބެރީ ޖޫސްބުއިމުން ތުންފަތަށް ވެރިވެފައިވާ ރީތި ކުލައިން އިއްބާނު އިނީ ދީވާނާ ވާވަރުވެފައެވެ. އެންމެ ފަހަރަކު ވެސް މިޝެލިން ހުއްދަދޭނެ ނަމައެވެ. އެކަމަކު އޭނަ ކެތްކުރާނެ އެވެ. އަތުގައި ހިފާލުމުގެ ހުއްދަ ދިންގޮތަށް އެހެން ހުރިހާ ހުއްދައެއް ދޭނެއެވެ. އެވަރަށް ލޯބިވަންޏާ އެއްވެސް އުސޫލެއް ނުމުގުރިއެއް ނޯންނާނެ އެވެ. ހިތާއި، ހަށިގަނޑާއި، ފުރާނަވެސް ގުޅި ލާމެހިގެން ދާނެ އެވެ. ލޯތްބަށް ހައްދެއް ކަނޑައެޅިފައެއް ނޯންނާނެ އެވެ.
އިއްބާނު އާއި މިޝެލިންގެ އެކުވެރިކަމާއި، ގާތްކަމުން އެހެން މީހުންނަށް އެކަން ބަލައިގަނެވުނީ ބޭބެ ކޮއްކޮގެ ގާތްގުޅުމުގެ ގޮތުގައެވެ. އެހެންމީހުން ކުރިމަތީގައި ދެމީހުންގެ އަމަލުތައް ބަހައްޓަނީ އެފަދަ ގޮތަކަށެވެ.
ޒަހުރާން ކާރު ޕާކްކޮށްލާފައި ފޭބިތަނުން ޒިލާ ފެންޑާއަށް ނިކުތެވެ. ހުދުކުލައިގެ ޓީޝާޓަކާއި، ފްލޯރަލް ޖިންސެއްގައި ޒިލާ ފެންނަނީ ހިތްހަލާކުކޮށްލާހާ ރީތި ކޮށެވެ. މުށިކުލައިގެ އިސްތަށިގަނޑު ދޫކޮށްލާފައި އޮތުމުން ޒަހުރާންއަށް ބަލައިލެވުނީ ބޭ އިޚުތިޔާރުގައެވެ. އާދައިގެ މަތިން ނުފެންނަކަމަށް ހަދާލާފައި ދާ އުސޫލުން ޒަހުރާން ދެވަނަ ފަހަރަށް ބަލައިނުލާ ދާން އުޅުމުން ޒިލާ ގޮސް ޒަހުރާންގެ ގައިގައި ޖެހިގަތެވެ.
"ޒަހުރާން، ތި ކައިވެނި ކޮށްފިއްޔާ، އަހަރެންނާއި އެކު ޒެފްވެސް މުޅި އުމުރަށް ގެއްލޭނެކަން ހަދާން ކުރާތި..." ޒިލާ ލޯ ހަނިކޮށްލިއެވެ. ހީވަނީ ޒަހުރާން ބްލެކްމެއިލް ކުރަން އުޅޭހެންނެވެ. އެ އަޑުގައި ހުރި ހަރުކަށި ގޮތަކުން ޒަހުރާން ފޫހިވިއެވެ. ޒިލާދެކެ އޭނައަށް ލޯބިވެވުނީ ކީއްވެކަމާއި މެދު ހިތުގައި ސުވާލު އުފެދުނެވެ.
"ތިއީ ތްރެޓެއްތަ؟ އަހަންނަކަށް މައްސަލައެއް ނޫނޭ...." ޒަހުރާން ފަރުވާ ކުޑަ ގޮތަކަށް އެހެން ބުނުމުން ޒިލާ ދޮރުމަތީގައި ހުއްޓި ދޮރު ބަންދުކުރަން އުޅުނެވެ. ޒިލާ ހީކުރީ ޒަހުރާންއަށް އޭނަގެ ގައިގައި އަތްލާން ނުކެރޭނެ ކަމަށެވެ. ހެދިގޮތަކަށް ހެދިގެން ދަށުވެގެން އުޅޭނެ ކަމަށެވެ. އޭނަ މިހިރީ ހަތިޔާރަކަށް ޒެފަން ހަދަން ތައްޔާރަށެވެ. ޒަހުރާން ޒިލާގެ ދެއަތުގައި ހިފާފައި ނެގިގޮތަށް ސޯފާއަށް އެއްލައިލުމަށްފަހު އިތުރު އެއްޗެކޭ ނުބުނެ ސިޑިން އަރައިގެން ދިޔުމުން ޒިލާ އިނީ ލޯބޮޑުކޮށްލައި ގެންނެވެ. ޒަހުރާން ހާދަ ނުލަފައެވެ. ހާދަ ގޮތްކުޑަވެއްޖެއެވެ. މިޝެލިން އާއި ކައިވެނި ކުރެވޭތީ ފޮނިބޮޑުވީ ހެއްޔެވެ؟ އޭނަގެ ގަޔަށްވެސް އަތްލައިފިއެވެ. އަނިޔާވެރި ވެއްޖެއެވެ. އަތަށް ތަދުވެސް ކޮށްލައިފި އެވެ. ޒިލާގެ ހިތުގައި ރުޅިވެރިކަމާއި އެކު ހިތާމައިގެ އަސަރު ބޮޑުވިއެވެ. އޭނައަށް ހެދުނީ ބޮޑު ގޯހެއްކަން ނޭގެއެވެ. ކިތަންމެ ރުޅިގަދަވިޔަސް ވަރިއެއް ނޭދުނުނަމައެވެ.
ކައިވެނި ފޯމުގައި ސޮއިކުރި އިރު މިލީނާގެ ލޮލަށް ކަރުނަ ނައީ ކިރިޔާ އެވެ. ރަނގަޅަށް ރޮވެން ފެށީ ކޮޓަރިއަށް ގޮސް ނަމާދުކުރަން ފެށުމުންނެވެ. މިލީނާއަށް މިކަމުގެ ހުރި ބިރުވެރި ކަން އިހުސާސް ކުރެވެން ފެށީ އަދި ކިރިޔާ އެވެ. މިހުރާން ކުރާނެ އުދަގޫތައް ހިތަށް އަރުވާލިޔަސް ހިތް ބިރުން ވިރޭވަރުވެއެވެ. އަދި މިކަމުން އޭނަ ސަލާމަތް ކޮށްދެވޭނީ އެންމެ ފަރާތަކަށް ކަން މިލީނާއަށް އެނގެއެވެ. އެވަރަށް ރޮއިފާ އާދޭސްދަންނަވާ ދުޢާކުރެވުނީ އެހެންވީމައެވެ. ދެން އޭނަ ކަރުނަތައް ހުއްޓުވާނީ ކިހިނެއް ހެއްޔެވެ؟ އެންމެންގެ ތެރޭގައިވެސް އޭނައަށް ކަރުނަތައް ހިފެހެއްޓޭނެ ބާވައެވެ. ދިރިއުޅުން މިކޮށްލީ ކޮންފަދަ ބޮޑު ސަމާސާއެއް ހެއްޔެވެ؟
މިލީނާ މޫނު ދޮވެލައިގެން ބޭރަށް ނިކުންނަން އައީ އެގޭ ލައިބްރަރީ އިން އޭނަ ގެނެސްފައި ހުރި ފޮތްތަކެއް ހިފައިގެންނެވެ. އޭރު މިހުރާން ސިޑިން ފައިބައިގެން އަންނަތަން ފެނުނެވެ. ދެމީހުންގެ ކަޅި ސިކުންތު ކޮޅަކަށް ބައްދަލުވުމުން މިހުރާން ލާނެތް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. މިލީނާ ހީވެސް ނުލައި ދާން ހިނގައިގަތުމުން އެތާހުރި ޕޮޓެއްގައި އަޅައިގެންފައި ވިއްސައިގެން ނުދިޔައީ ކިރިޔާއެވެ.
"ބީ ކެއަރފުލް ބަބްލްސް، އެހެންވީމައޭ ލައިފް ޕާޓްނަރ އެއް ބޭނުމީ، ތިހާ ކުޑަ ޕަރީއެއް އުރާލައިގެންވެސް މަ ގެންގުޅެފާނަން.... ނީޑް އެނީ ހެލްޕް؟" މިހުރާން އައިސް އަރާހަމަކުރަމުން، ބުމަ އަރުވާލީ އެހާ ހިތް ދަމައިގަންނަ ގޮތަކަށެވެ. އަދި ކުއްލި އަކަށް މިލީނާގެ ކޮނޑުގައި އަތް ޖައްސައިލުމުން ރުޅިގަދަވެފައި ހުރެ މިލީނާ ދުރަށް ޖެހިލުމާއި އެކު ކޮނޑުމަތީގައި އެއްޗެއް އޮތްހެން ހީވިއެވެ. މިލީނާ ވަށްކަޅިން ބަލައިލިއިރަށް ކަޅުކުލައިގެ ފައިދިގުމަކުނު ފެނުމުން ތޫލިކޮށް ހަޅޭއްލަވައި ގަނެވުނު އިރަށް ބޮޑުކޮޓަރި އާއި ހަމަޔަށް އާދެވިއްޖެއެވެ. އޭނަގެ އަތުގައިވާ ފޮތްތައްވެސް އެކި ދިމާލަށް ވިއްސައިގެން ހިގައްޖެއެވެ. އޭރު އާއިލާގެ މެމްބަރުން ބޮޑުކޮޓަރީގައި ތިއްބެވެ.
"ދަރިފުޅާ، މިލީއަށް ކީއްކުރީތަ؟" އެލީސާ ކަންބޮޑުވިއެވެ. އޭރު މިލީނާ މޫނުގައި އަތްއަޅައިގެން ރޯން ފެށިއެވެ.
"އަޅުގަޑު ކަމެއް ނުކުރަމޭ މަންމާ، މި ކުޅޭ ސްޕައިޑަރ ދެކެ މިލީ ބިރުގަތީ........" މިހުރާން ހީފައި ބިންމަތީގައި އޮތް ރަބަރުން ހަދާފައިވާ ފައިދިގު މަކުނު ނަގައިފި އެވެ. މިލީނާ ރީއްޗަށް ރަކިވިއެވެ. މިހުރާން އެންމެންގެ ތެރޭގައި އޭނަ ލަދުގަންނަވާލައިފި އެވެ. މިވަގުތު އޭނަވެސް ދޭންވީ ރަނގަޅު ލަނޑެކެވެ. އެންމެން ގެތެރޭގައި މިހުރާން ބޭޒާރުކޮށްލަންވީ އެވެ. މި ކައިވެންޏަކީ އޭނަ ފެންވަރަން ހުއްޓާ ވީޑިއޯ ނަގައިގެން މަޖުބޫރުން ކުރަން ޖެހުނު ކައިވެންޏެއް ކަމަށް ބުނަންވީއެވެ. އެ ވީޑިއޯ ލީކްކުރިޔަސް މިހުރާން އާއި ނީންނާނެ ކަމަށް ބުނަންވީއެވެ. އޭރުން ޔަގީނުންވެސް އެ މޫނުމަތީގެ ހިނިތުންވުން ގެއްލިގެން ހިނގައިދާނެއެވެ. މިލީނާ ކަރުނަތައް ފޮހެލާފައި މިހުރާންގެ މޫނަށް ބަލާލައިފި އެވެ. އެ ކަރުނުން ފުރިފައިވާ ބޮޑު ދެލޯ ފެނުމުން މިހުރާންގެ ހިތަށް ކުޑަ އުދަގުލެއްވިއެވެ. އެވަރަށް ރޮއްވަން ވާނެ ހެއްޔެވެ؟ ހާދަ މައުސޫމެވެ. ބަބްލްސް އާއި ބޭމްބީ ފަދަ ލޯބި ދެ ނަންގުޅުވާލައިގެން އޭނަ މިލީނާއަށް "ބަމްބީ" ކިޔަން ނިންމީ ހަމަ ހުންނަލެއް ލޯބި ކަމުންނެވެ. އެހާ ބޮޑު ބޮޑު ދެލޯ ލާފައި ހުރީމައެވެ.
"އަހަރެން ސޮރީ އޭ ބުނަން ޖެހޭތަ؟" މިހުރާން ދެންވެސް ކޮށްލީ ސަމާސާ އެކެވެ. އެކަމަކު އޭނައަށް މިލީނާ ބަލައިލި ގޮތަކުން ވެސް މިލީނާގެ ހިތުގައި ވި އެއްޗެއް އެނގުނީ ކަންނޭގެ އެވެ.