ރަފާއިލް ބޮޑުކޮޓަރީގެ ފަނޑު އަލީގައި އެކަނިމާއެކަނި އިނދެ ކޮފީތަށި ދަމާލާފައި މަތީބަޔަށް ދިޔައީ ކޮޓަރިއަށް ވަނުމަށެވެ. އެހެންނޫނަސް ބޭސް ކެއުމުގެ ސަބަބުން ރިހުން ލުއިނަމަވެސް ބޮލަށް ބަރުވެފައި ވާހެން ހީވެއެވެ. އިއްބާނުގެ ކޮޓަރިއާއި އަރާހަމަވެފައި ދޮރުގައި ހިފައިލެވުނީ ބޭއިޚުތިޔާރުގައެވެ. ދޮރުހުރީ ތަޅުލާފައެއްނޫނެވެ. ރަފާއިލް އެތެރެއަށް ބަލައިލީ މިޝެލިން ދެކެލާހިތުންނެވެ. އަޖައިބުވަނީ ކޮޓަރީގެ ބޮކިތައް ނިވާލާފައި އޮތީމައެވެ. އެކަނިމާއެކަނި އަނދިރިތަނެއްގައި އޮންނަން މިޝެލިން ބިރެއް ނުގަނޭހެއްޔެވެ؟
"ބެން...." ނިދީގައި އޮވެފައި ކަހަލަ ގޮތަކަށް މިޝެލިން ގޮވައިލުމުން ރަފާއިލްގެ ފިޔަވަޅުތައް ގަނޑުވިއެވެ.
"މިތާ އޮށޯވެލަން އާދެބަލަ، ނައިޓްމެއަރ އެއް ފެނިގެން ހޭލެވުނުތަނުން ހަނީ ތި އައީ......." މިޝެލިން އިތުރަށް ބުނެދިނީ ނިދި އަޑަކުންނެވެ. ހީވަނީ އަދިވެސް މިޝެލިން ލޯވެސް ރަނގަޅަށް ހުޅުވައިނުލާހެންނެވެ. ކޮޓަރީގެ ބޮކިތައް މުޅިން ނިވާލައިގެން ނިދާކަށް ނުވާނެޔޭ ބުނަން އުޅެފައިވެސް އޭނަގެ އެނދާއި ގާތަށް ދިޔައެވެ. އަނދިރީގައި ނިދަން މިޝެލިން ބޭނުންވާ ސަބަބު އޮޅުން ފިލުވަން ބޭނުންވިއެވެ. ރަފާއިލްއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް މިޝެލިން ތެދުވުނު ގޮތަށް އޭނަގެ ކަނދުރާއަށް އަތް ވައްޓައިލިގޮތަށް ކޮށްލިކަމަކުން ރަފާއިލްއަށް ލިބުނީ ޝޮކެކެވެ. ރަފާއިލް ހުރީ އެއްގޮތަކަށްވެސް އެފަދަ ކަމަކަށް ތައްޔާރު ވެގެނެއްނޫނެވެ. އޭރު މިޝެލިންގެ ނާޒުކް އިނގިލިތައްވަނީ ރަފާއިލްގެ ފަން އިސްތަށިގަނޑުގެ ތެރޭގައި ލާމެހިފައެވެ.
ރަފާއިލްއަށް މިޝެލިން އާއި ބައިވެރިވެވުނުއިރު ދުނިޔޭގެ އެހެން ކަމެއް މަތިން ހަނދާންހުރިހެނެއް ހިޔެއްނުވެއެވެ. އެހާ ބޭނުންވެފައި ހުރިކަމެއް އަގަކާއި ނުލައި ލިބުމުން މަގު ނޯޅޭނީ ކޮން އިންސާނަކަށް ހެއްޔެވެ؟ ރަފާއިލް އަދިވެސް ބޮޑަށް މިޝެލިން ގަޔާއި ކައިރިކޮށްލީ ފަހުން ވެދާނެ ގޮތަކާއި މެދު ޚިޔާލު ކުރުމެއްނެތިއެވެ. ދެމީހުންނަށް އަރާމު ތަންމައްޗަށް ހަށިގަނޑު ދޫކޮށްލެވުނު އިރު ނާރުތަކުގައި ހިނގާ ލޭ އަވަސްވެފައިވެއެވެ. މިޝެލިންއަށް ނޭގި މާދުރަށް ދެވެންފެށިއެވެ. ހޭވެރިކަންވީ ރަފާއިލް އަށެވެ. ރަފާއިލް ސިހިފައި ތެދުވިއިރު ކުށްވެރިކަމުގެ އިހުސާސް ތަކުން އޭނަގެ ދެލޮލުން ކަރުނަ ހިލިއްޖެއެވެ. ރަފާއިލް އަތް ދިއްކޮށްލާފައި ސްވިޗް ޖައްސައިލުމުން ނިދާބޮއްކެއްގެ ފަނޑު އަލިކޮޓަރިއަށް ފެތުރިގެން ހިގައްޖެއެވެ.
"ސޮރީ...." ރަފާއިލް އިސްޖަހައިލި އެވެ. މިޝެލިންއަށް އެއީ އިއްބާނުނޫންކަން އެނގުނު ވަގުތު ދެލޮލުން އެވަގުތު ފެނުނީ އިންތިހާދަރަޖައިގެ ބިރުވެރިކަމާއި، ކަންބޮޑުވުމެވެ. އެ ރީތި ދެލޯ ތަންމިނަށް ހުޅުވާލައިގެންއޮވެ ފަހަތަށް ޖެހެމުންގޮސް ކުއްލިއަކަށް ރަޖާ ދަމައިގެން ފޮރުވިގަތެވެ. ނަމަވެސް އެއްފަރާތުގެ ވާކޮޅު ނެއްޓި ނައިޓީ ސޮއްސާލައިގެން އެ ރީތި ހަށިގަނޑުން ބަޔެއް ހާމަޔަށް ވަނިކޮށް ރަފާއިލްއަށް ސިކުންތު ކޮޅަކަށް ނަމަވެސް ފެނިލުމަށްފަހުގައެވެ.
އެފަދަ ޖޯޝާއިއެކީގައި ވަގުތުކޮޅެއް ހޭދަކުރެވުނީ ލޯބިވާ ފިރިމީހާގެ އަތުގެ ތެރޭގައި ނޫންކަން އެގުމުން މިޝެލިން ރަނގަޅަށް ސިހިއްޖެއެވެ. ނިދި ނުފިލާ ހުރެ ހާދަ ދުރަށް ދެވިއްޖެއެވެ. ރަފާއިލްއަށް އެނގިހުރެ އޭނަވެސް ނުހުއްޓުވީ ހުރި ނުލަފާކަމުންނެވެ. ހާދަ ގޯހެވެ. އެންމެ ފަހު ވަގުތު އޭނަ ހުއްޓުވީ މިޝެލިން މާފުކުރާނެ ކަމަށް ހީކޮށްހެއްޔެވެ؟ މިޝެލިންގެ ރަތްވެފައިވާ މޫނު އަނދާހެން ހީވިއެވެ. މިޝެލިންގެ ސިކުނޑި ރަނގަޅަށް މަސައްކަތް ކުރަން ފެށުމާއި އެކު ފުންމައިގެން ތެދުވުނު ގޮތަށް ރަފާއިލްގެ މޫނަށް ހޫނު އެތިފަހަރެއް އެރިއެވެ.
"ކަލެއަށް އެއްވެސް ހައްގެއް ލިބިފައެއްނުވޭ ތިގޮތަށް އޮޅުވާލައިގެން ހުރެ އަހަރެންގެ ގައިގައި އަތްލަން، އަހަންނަކީ ހަމައެކަނި ބެން ގެ މީހެއް، ހިތާއި ފުރާނައިން ލޯބިވާނީ އަބަދުވެސް ބެންދެކެ، އަޑުއިވިއްޖެތަ؟ ދެން މިގެއިންވެސް ފެނިގެން ނުވާނެ، އަހަރެން ހުރިހާ ވާހަކައެއް ބެންއަށް ކިޔާދޭނަން، ތިމާގެ ކޮއްކޮގެ އަންހެނުން ގަޔަށް އަތްލާއިރު ކުޑަކޮށްވެސް ލަދެއް ނުގަނޭތަ؟ އަހަރެން ވަރަށް ރެސްޕެކްޓްކުރި މީހެއް އެކަމަކު ތިކުރި ކަމަކުން އެހުރިހާ ގަދަރެއް ވެއްޔާއި މޮޑެވިއްޖެ... މިތަނުން ދޭ............" މިޝެލިން ގެ ރީތި ދެލޮލުން ރުޅިވެރިކަމުގެ ކަރުނަ ފާއްދާލައިފިއެވެ. ރަފާއިލް ހުރީ ދެރަވެފައިކަން އެ މޫނަށް ބަލާލުމުން މިޝެލިންއަށް ޔަގީންވިއެވެ. ފާފަކޮށްފައި މާ މާތްވާން އުޅޭނެކަމެއް ނެތެވެ.
ރަފާއިލް ކޮންމެވެސް އެއްޗެކޭ ބުނަން އުޅެފައިވެސް ހޭވިފައިވާ އިސްތަށިގަނޑު އަތުން ރީތިކޮށްލުމަށްފަހު ގަމީހުގެ ގޮށްތައް އަޅުވަމުން ނުކުމެގެން ދާން ހިނގައިގަތެވެ. މިޝެލިން ބާލީސް އަތުތެރޭގައި ބޮނޑިކޮށްލިއެވެ. އޭރު އޭނަގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ރަފާއިލް ހާ ނުލަފާ އިންސާނަކު ދުނިޔޭގައި ވާނެކަމެއް ނޭގެއެވެ. ތިމާގެ ކޮއްކޮގެ އަންހެނުންގެ ގަޔަށް އަތްލަން ކެރޭނީ ލަދުހަޔާތެއް ނެތީމައެވެ. އޭނައަށް އޮޅުވާލައިގެން ނާޖާއިޒު ފައިދާ ނެގީއެވެ. ވަކި ހިސާބަކުން ހުއްޓާލީ ކީކޭ ހިތަށް އަރުވާފައިކަމެއް ނޭގެއެވެ. ހިތްފުރޭވަރުވީ ކަންނޭގެއެވެ.
މިޝެލިން އަޖައިބު ވަނީ އޭރު ރަފާއިލްގެ ކޮންމެ އަމަލަކަށް ހިތް ރުހެވުނީމައެވެ. އެއިން ކޮންމެ ފިރުމުމަކުން އަޖައިބެއްފަދަ މީރުކަމަކާއި، ފޮނި އަރާމުތަކެއް ހަށިގަނޑަށް ހޯދުނެވެ. ހީވީ އިއްބާނުއަށް ވުރެ ލޯބީގައި ތަޖުރިބާ ހުރިހެންނެވެ. އެ ބާރުގަދަ އަތުގެ ތެރޭގައި ވިރެމުން ދިޔައިރު މިއީ ހިލޭ ފިރިހެނެއްކަމެއް ރޭކާ ނުލިއެވެ. އޭނަގެ ހަށިގަނޑު އޭނައަށް މިރޭ ކެހިދީފިއެވެ. ލޯބިނުވާ މީހަކާއި އެކުގައި އެގޮތަށް އުފާލިބިގަނެވުނީތީ މިޝެލިން އަމިއްލަ ނަފުސްކުށްވެރިކޮށް ލަދުވެތިވިއެވެ. ނޭގުމުގެ ތެރޭގައިވެސް އިއްބާނުއަށް ބޭވަފާތެރި ވެވިއްޖެއެވެ. "އަންފެއިތްފުލް" ކަމުގެ ނަން ރަފާއިލް އެދުވަހު ދިނުމުން ނޭގި މިއޮތީ ރަފާއިލްގެ ކުޅިގަނޑުގައި ބައިވެރިވެވިފައެވެ. ހިތުން އެކަން ފިލުވައިލާނީ ކިހިނެއް ހެއްޔެވެ؟ އުމުރު ދުވަހުވެސް އެ މަންޒަރުތައް އޭނަގެ ލޮލުގެ ކުރިމަތިން ކެހިގެން ދާނެކަމެއް ނޭގެއެވެ.
މިޝެލިން އިއްބާނުގެ ފޯނަށް ގުޅަންފެށި އިރު އަތުގެ އިނގިލި ތަކުގައި ތުރުތުރެއް ހުއްޓެވެ. އިއްބާނުގެ ގާތުގައި ކަންތައްވިގޮތް ތެދުތެދަށް ކިޔައިދޭންވީ ކަންނޭގެއެވެ. ނޫނެކެވެ. އޭރުން އިއްބާނުގެ ހިތް ހަލާކުވެދާނެއެވެ. މިޝެލިން ހާސްވަނީ މާ ބޮޑަށެވެ. ފިނިވާކުއްޖެއް ނޫނަސް އޭނަ ހީވަނީ ފިނިވެގެން ހަލާކުވެދާނެ ހެންނެވެ. ރަޖާގަނޑު މޫނާއި އެކު އޮޅައިގަތުމާއިއެކު އޭގައި ރަފާއިލްގެ ސެންޓުވަސް ހަރުލާފައިވާހެން ހީވިއެވެ. އޭނަގެ ނައިޓީގައިވެސް މެއެވެ.
މިޝެލިން ކުއިލްޓް ހޫރާލާފައި ތެދުވެގެން ދުއްވައިގަތީ ފާޚާނާ އާއި ދިމާލަށެވެ. އެވީ ވަގުތުކޮޅު އޭނަ ނައިޓީ ބާލާފައި ޝަވަރަށް ދޫކޮށްލީ ރަފާއިލްގެ ހުރިހާ އަސަރެއް ހަށިގަނޑުން ފިލުވައިލަންވެގެން ކަންނޭގެއެވެ. ކިތަންމެ ވަރަކަށް ގައި ދޮވުނަސް ސިކުނޑިން އެ މަންޒަރު ފޮހެލެވޭނެކަމެއް ނޭގެއެވެ. މިޝެލިންގެ ހިތުގައިވާ ނަފްރަތުގެ އަލިފާންގަނޑު މިރޭ އެންމެ މައްޗަށް ހިގައްޖެއެވެ. ރަފާއިލް އެކުރީ އުމުރު ދުވަހުވެސް އޭނަ މާފުކުރާނެ ކުށެއްނޫނެވެ. އެ އަމަލުން އެދޭތެރޭގައި ވިހާ ގާތްކަމަކާއި، ގުޅުމެއް ރަފާއިލް އެކީ ހަލާކުކޮށްލައިފި އެވެ. މިޝެލިން ޝަވަރުދަށުގައި އިންއިރު އެލޮލުން އޮހިގަތް ކަރުނަތައް ފެނާއި އެކުވަމުން ދާންފެށިއެވެ. އިއްބާނު ކޮޓަރިއަށް ވަދެފައި މިޝެލިން މާގަދަޔަށް ފެންވަރަން ހުރުމުން ހައިރާންވެފައި ހަށަން ބަދެލިއެވެ.
"ބޭބީ މިގަޑީގައި ކޮންކަމެއްތަ؟ މިހާ ފިނި ރެއެއްގައި އެހާ ވަރުން ޝަވަރ ނެގީ ކީއްވެތަ؟" އިއްބާނު ސުވާލު ކުރުމުން މިޝެލިން ހުރީ ފާޑަކަށް ރަކިވެ ހަތަރުކަޅި ހަމަކުރަން އުދަގޫވެފައެވެ. މިޝެލިން އަވަސް އަވަހަށް ތުވާލި އޮޅާލައިގެން ފާޚާނާއިން ނުކުތްއިރު ކޮޓަރީގައި ވަނީ ނިދާބޮކީގެ ފަނޑު އައްޔެވެ. އިއްބާނު މިޝެލިންގެ ހާމަޔަށްވާ ދޮން ކަނދުރާގައި ބޮސްދިނުމުން ގައިގެ ލޯލިތައް ކޮޅަށް ޖެހުނެވެ. ރަތްވެ އަލިފާން ކޮޅަކަށްވެފައިވާ ތުންފަތުގައި އިއްބާނު ލުއިކޮށް ބޮސްދިނެވެ. މިޝެލިން އިއްބާނުގެ އެ އަމަލާއި ބައިވެރިވުމެއްނެތި ގަނޑުވެފައިވާ ބުދެއްފަދައިން ގޮސް އެނދުގެ މަގަތުގައި ޖައްސައިލި ގޮތަށް ނިޔަފަތީގައި ދައިގެން ކަރުނަތައް ހިންދަން މަސައްކަތް ކުރިއެވެ.
"ވަޓް ހެޕެންޑް... ކިހިނެއްވެފައި ތިއިނީ؟" އިއްބާނު ދެރަވިއެވެ.
"ނަތިން..." މިޝެލިން ގެ އަރުތެރެވަނީ ހިކިފައެވެ. ވާހަކަ ދައްކާނެ ހިތްވަރެއް އޭނަގެ ނެތެވެ. އޮޅުމަކުން އެ ކުރެވުނު ކަމެއްގެ ހިތާމަ އެހެން ހުރިހާ ކަމަކަށްވުރެ ބޮޑުވެއްޖެއެވެ.
"އަހަންނަށް އެނގޭ، ހޭލެވުނުއިރު އަހަރެން ނެތީމަ ސްވީޓްނެސް ތިއިނީ ރުޅިގަދަވެފަކަން އެނގޭ.... ސޮރީ ބޭބީ، އެހާ ލަހެއްނުވެއެއްނު، ފްރެންޑެއްގެ ގެއަށް ޖައްސާލީ... އަދިވެސް ބޮލުގައި ރިއްސާތަ؟ އާދޭ އުނގުގައި އޮށޯވެލަން، މަސާޖު ކޮށްލަދޭނަން......" އިއްބާނު މިޝެލިން ގެނެސް މޭގައި ޖައްސައިލުމުން މިޝެލިން ޓީޝާޓުގައި ދެއަތުން ހިފެހެއްޓިގޮތަށް ދެރަވެފައި އިންއިރު ކަރުނަ ތިއްކެއް ލޮލުގައި ނެތެވެ. މިޝެލިން އެތައް ފަހަރު ރަފާއިލްގެ ވާހަކަ ބުނަން އުޅުނެވެ. ކޮންމެ ފަހަރަކު ހީވަނީ ނުފެންނަ ބާރަކުން ދުލުގައި ހިފަހައްޓާހެންނެވެ. އެ ޚަބަރު އެނގިއްޖެއްޔާ އޭނަ ކުށްވެރިވާނެއެވެ. އެހެންނޫނަސް އިއްބާނު އަށް އެކަމުން ލިބޭ ހިތާމައެއްގެ ބޮޑުކަމުން އަނެއްކާ ޑްރަގް ނަގަން ފަށައިފިއްޔާ އޭނަގެ ހުރިހާ އުއްމީދުތަކެއް ފުނޑުފުނޑުވެގެން ގޮސްދާނެއެވެ. ހަމަޔަކަށް އެޅިފައިވާ އުފާވެރި ދިރިއުޅުން ބޮއްސުންލާފާނެއެވެ.
" ބެން އެހެން މީހުންނަށް ޓްރަސްޓް ކޮށްލާފައި ކޮންމެ ފަހަރަކު ދާތަނެއް ނުބުނެ އަހަރެން އަމިއްލަ ހާލަށް ދޫކޮށްލާފައި ދިޔައިމަ އަހަންނަށް ވާނީ ކިހިނެއްތަ؟ މިރޭ ކޮން ފްރެންޑެއްގެ ގެއަށްދިޔައީ؟ ބެން ޔަގީންތަ އެމީހުންނާއި ގުޅުމެއް ނުބާއްވާކަން، ސީދަލަށް ބުނެބަލަ..."މިޝެލިން އާދޭހުގެ ރާގެއްގައި ބުންޏެވެ.
"ސޮރީ ޝެލް، އަހަރެން ކޮންމެވެސް ވަރަކަށް އެމީހުންނާއި ގުޅުން ބާއްވަން، ރަފޭލްއަށްވެސް އޮޅުވާލާފައި އެމީހުން ގާތަށް ދާން މަޖުބޫރުވީ ސަބަބެއްނެތިއެއް ނޫން، އެހާ ފަސޭހައިން އެހާ ނުފޫޒުގަދަ ބަޔެއްގެ ވަކިތަކުގެ ދަށުން ސަލާމަތެއް ނުވެވޭނެ، އެމީހުން ކިތަންމެ މުއްސަނދި ވިޔަސް އިތުރަށް ބޭނުންވޭ، އަހަރެން ޑްރަގް ނުގަންނާތީ މިހާރަކަށް އައިސް ފާޑަކަށް މަޖުބޫރުކުރާންފެށީ.. އަހަރެން ހިތަށް އަރާ އެފަދަ ބަޔަކާއި އެކުވެރި ނުވެވުނު ނަމައޭ، އެމީހުން ލާރި ބޭނުންވޭ، އެހެންވެ އެވަރަށް އުދަގޫކުރަނީ، އަހަރެން މިވާހަކަ މިދެއްކީ ޝެލްއަށް އެއްވެސް ކަމެއް ނުފޮރުވަންވެގެން......." އިއްބާނު އެ ހާމަކުރި ވާހަކައިން މިޝެލިންގެ ހިތަށް އިތުރު އަނިޔާއެއް ލިބުނެވެ.
"ބޭބީ ކީއްވެ އެއްޗެކޭ ނުބުނެ ތިއިނީ؟" އިއްބާނު ގެ އަޑުން ދެރަވެފައިވާވަރު ހާމަކޮށްދެއެވެ.
"ތިހެން އުޅެން ހަދައިގެން ބެން އަހަންނަށް ގެއްލެންތަ ތިއުޅެނީ؟ އެމީހުން ބެންއަށް ކޮންމެފަދަ ގެއްލުމެއްވެސް ދީފާނެ، މިރޭވެސް ފެނުނީ އެހާ ބިރުވެރި ހުވަފެނެއް... އެފަދަ ދެރަގޮތެއް ވެއްޖެއްޔާ ކިހިނެއް ކެތްކުރާނީ؟" މިޝެލިން ގެ ކަޅުކުލަގަދަ ދެލޮލުގައި ކަރުނަތިކިތައް ވިދަންފެށިއެވެ.
"ނޫން، އަހަރެން ދުވަހަކުވެސް ޝެލްއާއި ވަތްކެއްނުވާނަން، އަހަންނަކީ ޝެލްގެ މީހެއް، އަބަދުގެ އަބަދަށް އެގޮތުގައި ހުންނާނަން، ޝެލް އަހަންނާއިއެކު ނުވާނަމަ މިއަދު އަހަރެން ވީހީ ގެއްލިފައިވާ މީހުންގެ ތެރޭގައި ކަން އަހަންނަށް ޔަގީން، ނަމަވެސް ޝެލްގެ ލޯބީގެ ސަބަބުން އާ ހަޔާތެއް ފެށުނީ، އެހެން ނުވިސްނާތި ލަވް، ދުވަހަކު އަހަރެންގެ ހިތެއް ބޭނުމެއްނޫން ޝެލްއާއި ވަކިވެގެން ދުރަށް ދާކަށް، އެހެންވެ އަވަހަށް ބޭބީއެއް ހޯދަން މިވިސްނަނީ.. ޓްރަސްޓް މީ ބޭބީ، އަހަރެން ދެން އެމީހުންނާއި އެކީގައި އުޅުނަސް ޑްރަގް ނުނަގާނަން، އޭގެއިން ލިބޭ ހިތްހަމަޖެހުމާއި އެއްވަރަށް ފަހުން ލިބޭނެ އުދަގުލާއި ހަލާކު މާ ބޮޑު......." އިއްބާނުގެ ވާހަކަތަކުން މިޝެލިންއަށް ވަރަށް އަސަރުކުރިއެވެ. އިއްބާނުގެ މޫނާއި ކަނދުރާގައި އެ ހިމަހޯލި އިނިގިލިތައް ބީހިލައިގެން ދިޔުމާއި އެކު އިއްބާނުގެ ކެތްތެރިކަން ކޮޅުންލިއެވެ.
ރަފާއިލް ކާރަށް އަރާފައި ހުންގާނުގައި ހިފާ ބާރުކޮށްލި އިރުވެސް ހިތުގެ ހިނގުން މަޑެއް ނުވެއެވެ. މިރޭ އެ ކުރެވުނު ކަމަކުން އޭނަގެ ހިއްސުތަކުގައި އަލިފާން ރޯވިއިރު އަދިވެސް އިނގިލިތަކާއި، ތުންފަތުގައި މިޝެލިންގެ އޮމާން ކަމާއި، މަޑުކަން ހިފާފައިވާހެން ހީވިއެވެ. އެހަށިގަނޑުގެ ފޮނިކަމާއި، މީރުކަން މުޅިން ހާސިލުނުވިޔަސް ހިތަށް ނާރާހާ ވަރަށް ގާތްވެވިއްޖެއެވެ. އެއީ ދުވަހަކު ހަނދާނުން ނުފޮހެވޭނެ ވަގުތުތަކެކެވެ. ނަމަވެސް އެކަމުގެ ނުބައިކަމާއި، ފާފަ ހިތަށް އަރާފައި ނުތަނަވަސްވިއެވެ. ދެރަވެސްވެއްޖެއެވެ. މިޝެލިން ދުވަހަކު އޭނައަށް މާފުކުރާނެ ކަމެއް ނޭގެއެވެ. އެ ރީތި ދެލޮލުން އޭނައަށް ފެނުނީ ނަފްރަތު ފިޔަވާ ދެވަނަ އެއްޗެއް ނޫނެވެ.
"އަހަރެން އަމިއްލަ ނަފުސަށް މާފުނުކުރެވޭވަރުގެ ކުށެއް މިކުރެވުނީ، އަހަރެން ގަސްތުގައި ކުރި ކަމެއް ނޫންކަމަށް ޝެލްގާތު ބުންޏަސް އެވަގުތު ގަބޫލެއް ނުކުރާނެ، ހިތް ކެހިދިނީ، އަހަންނަށް އެވަގުތު އެކައްޗެއްވެސް ނުވިސްނުނީ، އެހެންނޫންނަމަ ބެން އަހަންނަށް ކުރި އިތުބާރު އަހަރެން ގެއްލުވައެއް ނުލާނަން، ޝެލް ގަބޫލު ނުކުރިޔަސް އަހަންނަކީ އެކަހަލަ މީހެއްނޫން، ނަމަވެސް އެނގެނީ އެންމެކަމެއް، އަހަންނަށް ޝެލްދެކެ އިންތިހާއަށް ލޯބިވެވޭކަން، މިހިތް އަދިވެސް ބޭނުންވާކަން، މިވެވެނީ ފާފަވެރި ލޯތްބެއްކަން އެނގިހުރެވެސް މިކަންތައް ހުއްޓައިނުލެވިގެން އުޅޭ ސަބަބެއް ނޭގޭ، އެހާވެސް ހިތް ބޭނުންވޭ ޝެލްއަށް، އިންސާނުންގެ ލޯބީގެ މަތިވެރިކަމާއި، ތެދުވެރިކަމުގެ ވާހަކަ މީގެ ކުރިން އަޑުއިވުނީ، މިއަދު އެކަން ތަޖުރިބާ ކުރެވިއްޖެ، މިވަރަށް މަސައްކަތް ކުރީމަވެސް ހިތް އެހެން ފަރާތަކަށް ނުދިޔަ.. މިހިތް އެދޭ ދެވަނަ އަންހެންކުއްޖެއް މިއޮތް ބޮޑު ދުނިޔެއިން ނުފެނުނު، ޝެލްއަށްޓަކައި އަހަރެންގެ ހިތް ދީވާނާވެ މޮޔަވާ ހިސާބަށް ގޮސްފި، ހަދާނީ ކިހިނެއްތަ؟...." ރަފާއިލް ހުންގާނުގައި ބޯ ޖައްސައިލިއެވެ. އޭނަގެ ނުކިޔަމަންތެރި ހިތަށް ވިސްނާދީ ވަރުބަލިވީ އިރުވެސް މިކަމަށް ހައްލެއް ނުލިބުނެވެ. މިރޭ މިދެވުނީ ހައްތަހާ ދުރަށެވެ. އެލިބުނު އުފާތަކުގެ ސަބަބުން ކުރިއަށްވުރެ ބޮޑަށް އިހުސާސް ތަކާއި ކުޅެލައިފި އެވެ. ރަފާއިލް އެތައް އިރެއްވާންދެން ކާރު ތެރޭގައި ވިސްނުމަކަށް ގެއްލިފައި އިނެވެ.
ޒިލާ މިފަހަރުވެސް ވިހެއީ ފިރިހެންކުއްޖެއް ނަމަވެސް ދަރިފުޅު ފެނުމުން ދެމަފިރިންގެ ހިތް ލޯބިން ފުރުނެވެ. މި ދަރިފުޅު ޒަހުރާން އާއި ތަފާތެއްނެތެވެ. ޒަހުރާންގެ ތުއްތު ތަސްވީރެއްފަދައެވެ. ފުށްގަނޑެއްހެން މޮޑެވިފައި އޮތްއިރު ދެކޭ ކޮންމެ މީހެއްގެ ހިތް ލޯބިން ފުރޭހާވެއެވެ. މިފަހަރު ބަލިވެ އިނުމުން ޒަހުރާން ވައުދުވިފަދައިން އޭނަގެ ހުރިހާ ބުރައެއް ލުއިކޮށްދިނުމުގެ ބައިވެރިޔަކަށް ޒަހުރާންވިއެވެ. ތުއްތު ދަރިފުޅު ލިބުމަށްފަހުގައި ކުރިއަށްވުރެ ލޯތްބާއި އަޅާލުން އިތުރުވިހެން ހީވިއެވެ. ފެންވަރުވާ، އިސްތަށިގަނޑުގައި ފުނާއަޅާދިނުން ފަދަ ހުރިހާކަމެއް ކޮށްލަދެނީ ޒަހުރާންއެވެ. އެފަދަ ފިރިއެއް ލިބުމުގެ ނަސީބު ކޮންމެ އަންހެންކުއްޖަކަށް ނުލިބޭނެކަން މިހާރު ޒިލާއަށް އިހުސާސް ކުރެވިއްޖެއެވެ.
މިންކުވެސް ބޮޑުވަމުން އަންނަވަރަށް އޭނަގެ ބައްޕަ އާއި ސިފަ ވައްތަރުވެ ލާނެތްކަމެއް ހުރެއެވެ. އެންމެން ތިބެނީ ޒެފަން އާއި މިންކުއަށް ފިދާވޭވޭއެވެ. އެދެކުދިންވެސް އެހާ ގުޅެއެވެ. ޒެފަންކުރާ ކޮންމެ ކަމެއްގައި މިންކު ބައިވެރިކުރަން އެހާވަރު ހުރެއެވެ. ޒެފަން ދެރަވަނީ އޭނަ ފަދައިން މިންކުއަށް ދުވެ ސަކަރާތް ނުޖެހޭތީއެވެ.
މިހުރާން މިލީނާގެ އުނަގަނޑުގައި އެއް އަތުން ހިފަހައްޓާލާފައި ވާއިރު އޭނަގެ ކޮނޑުމަތީގައި މިންކު އޮތެވެ. ދެމީހުން ކައިރީގައިވާ ޕާކަކަށް ހިނގާލަން ގޮސްފައި އައިއިރު އިރުއޮއްސި އަނދިރިކަން ވެރިވާން ފަށައިފިއެވެ. ދަރިފުޅު ގޮވައިގެން މިގަޑީގައި ހިގަން އައިކަން އެނގިއްޖެއްޔާ މިލީނާގެ މަންމަ ރުޅިވެސް އަންނާނެއެވެ. އެހަނދާންވެފައި އޭނަ އެ ވާހަކަ ބުނުމުން މިހުރާން ހެމުން ބުނީ ލަންޑަން ތަންތަނުގައި ޖިންނިންނަށް އުޅެން ފަސޭހަ ނުވާނެކަމުގައެވެ. މިހާ އަޑުގަދަ، އަލި ތަންތާ އުޅުމަށްވުރެ އެ އެސޮރުމެންނަށް އެމޭޒަން ފަދަ ޖަންގަލިތަކުގައި އުޅެން ބޭނުންވާނެ ކަމުގައެވެ. މިލީނާ ހީހީހުއްޓަސް އިރުއިރުކޮޅާ ކޮންމެވެސް ޚިޔާލަކަށް ގެއްލޭކަން ފާހަގަވެ މިހުރާން ސުވާލު ކުރަންފެށިއެވެ. މިހުރާން އޭނަގެ ކުދި ކަންތަކާއި އަޅާލާވަރު ފެނުމުން މިލީނާ ގެ ހިތަށް ފޮނިކަމެއް ލިބުނެވެ.
"އެހާ ބޮޑުކަމެއްނޫން، އަދިވެސް ޕީރިއަޑް ނުވާތީ ކަންބޮޑުވީ، ޓޫޑޭސް ވެއްޖެ ހެދުނު މޭނުބައިކޮށްފައި ހުންނަތާ، އެހެންވެ ހިތަށް އެރީ...." މިލީނާ މިހުރާންގެ އަތަށް ބާރުކޮށްލިގޮތުން އޭނަ ހާސްވެފައި ހުރިވަރު ދެނެގަނެވުނެވެ.
"އޯ މައި ގޯޑް... ހާދަ އަވަހަކަށް އަނެއްކާ، ދެން ހަދާނީ ކިހިނެއްތަ؟ އެހެން ބޭބީ އެއް ހޯދަން މިލީވެސް ރެޑީއެއްނޫނެއްނު.........." މިހުރާން މިލީނާގެ ބޮޑު ދެލޮލުގައި ބޮސްދިނީ ލޯބިން ފުރިފައިވާގޮތަކަށެވެ. އޭނަ ފިކުރު ބޮޑުވިނަމަވެސް އޭނަ ދަރިފުޅު ނައްތާލަން އެއްވެސް ކަމެއް ކުރާކަށް ގަސްތެއް ނުކުރެއެވެ. މިފަހަރު އޭނަގެ އަޅާލުމާއި އޯގާތެރިކަން ފުރަތަމަ ދުވަހުން ފެށިގެން މިލީނާއަށް ލިބޭނެއެވެ. ގާތުގައި ދެކުދިން ލިބުމަކީ މައިންބަފައިންނަށް ފަސޭހަކަމަކަށް ނުވިޔަސް ދަރިންނަށްޓަކައި ގުރުބާން ވުމަކީ ލިބޭނެ އުފަލެކެވެ. މިއަދު މިންކު އޮތުމުން ހިތަށް ހާދަ ބޮޑު އުފަލެއްލިބެއެވެ.
"ރެން ދެރަވީތަ؟ އައިމް ސޮރީ، އެކަމަކު......" މިލީނާ ވަކިން ބޮޑަށް ހާސްވެ އެސްފިޔަތައް ތިރިކޮށްލައިފިއެވެ.
"ހެހެ މޮޔަކުއްޖާ، އެކަނި މިލީގެ ކުށެއްތަ؟ އަހަރެމެން ފެމިލީ ޕްލޭނިން ނަހަދަންޏާ ދެން އެ ޗާންސް ވެސް އޮންނާނެއެއްނު، ދެން މިފަހަރު މިލީ ވިހެއީމަ ބަލައިގެން އުޅޭނީ، އަދި ބޭބީ ތަންކޮޅެއް ކުޑަވީމަ ޕްރެގްވުމުން އެހާ އުފަލެއް ނުވި، އެކަމަކު މިހާރުއްސުރެން އިންތިޒާރުކުރެވެން ފަށައިފި، މިފަހަރު ގާލްއެއް ތަ މިލީ ބޭނުމީ؟ ސްކޭނެއް ހެދީމަ ޑިއު އެނގޭނެ، ޑޮކްޓަރަށް އެޕޮއިންޓްމެންޓަށް ހަދަންވީކަން ނޭގޭ......" މިހުރާންގެ ވާހަކަތަކުން އޭނަ ބަދަލުވެފައިވާ މިންވަރު އެނގި މިލީނާ ހެއްދެވި ފަރާތަށް ހަމްދުކުރިއެވެ.
މިލީނާ ބަލިވެއިން ކަމަށް ޔަގީންކުރިޔަސް ޓެސްޓް ހެދިއިރު ނެގެޓިވް ކަމަށް ދެއްކިއެވެ. ދެމަފިރިންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އެހާ އަވަހަށް ބަލިވެއިނުމަކީ ރަނގަޅުކަމެއް ނޫންކަން ޚުދު މިލީނާވެސް ގަބޫލުކުރެއެވެ. ނަމަވެސް އަހަރަކު ދެކޮޅު ބަލިވެ އިނަސް އޭނަ ފަހަރެއްގައިވެސް ދަރިފުޅު ނައްތާލަން ޚިޔާލެއް ނުކުރާނެއެވެ. އެފަދަ ހަރާމް ކަމަކަށް އަރައިގަންނާކަށް ލާހިކެއްނޫނެވެ. އޮތީ ބަލައިގެން އުޅުމެވެ. ފިޔަވަޅު އެޅުމެވެ.
މިހުރާން ގެ ލޯތްބާއި އޯގާތެރިކަން ލިބެމުންދާލެއް ބޮޑުކަމުން މިލީނާ މިހުރާންގެ ގާތަށް އެގެއަށް ބަދަލުވެއްޖެއެވެ. އެލީސާ ވެސް މިލީނާ ގެއަށް ގެންނަން ކިޔާވަރުންނެވެ. މިލީނާ ގެއަށް އައުމަށްފަހުގައި އުޅުނީ އެންމެ ރަނގަޅު ޅީދަރިއެއް ފަދައިންނެވެ. ހެދުނު އިރުއަރާއިރަށް ބަދިގެއަށްވަދެ ހެދުނު ނާސްތާ ތައްޔާރު ކުރުމުގައި އުޅެއެވެ. ޒަހާރާ، މަލަކާ އަދި އެލީސާ ކަމެއް ބޭނުންވާތޯ ބަލައި އެކަމެއްކޮށްދެއެވެ. އަބަދުހެން ހީވާގިކަމާއި އެކުގައި ކޮންމެވެސް ކަމަކާއި އުޅެއުޅެފައި އެންމެނަށް ފާހަގަވަނީ މިހުރާން ގެއަށް އަންނަންވާއިރަށް ރީތިވެލައިގެން ހުންނަކަމެވެ. މިހުރާން އައުމަށްފަހު މިލީނާގެ ހުރިހާ ވަގުތެއްހެން މިހުރާންއަށް ހުސްކުރާކަމެވެ.
ބަހާރު މޫސުމްގެ ރީތިކަން އެގޭގެ ކޮންމެ ދިމާލަކުން ފެނެއެވެ. ޓިއުލިޕް، ލައިލަކް، ލެވެންޑަރ ފަދަ ކުލަކުލައިގެ މާތަކުން އެގޭގެ ގަސްތައްވަނީ ބަރާވެފައެވެ. ފަޒާގައި ވަނީ މަލުގެ މީރުވަހެވެ. ޗެރީ ބްލޮސޮމް އާއި މެގްނޯލިއާގެ ރީތި މާތަކުން އިތުރު ފުރިހަމަކަމެއް ބަގީޗާއަށް ގެނެސްދެއެވެ. ބިންގަނޑު ފޮރުވާލާފައި ވަނީ ދޫލައެއްހެން ފެތުރިފައިވާ ފެހިކަން ގަދަ ވިނަގަނޑުންނެވެ. އެލީސާ މި ހިތްގައިމު ގަސްތަކުގެ ތެރޭގައިވާ ބެންޗެއްގައި ފޮތެއް ކިޔާލަން އިންދާ މީހެއްގެ ހިލަންވެގެން އިސްއުފުލައި ލުމާއި އެކު ތުންފަތުގައި ވި ފަނޑު ހިނިތުންވުން ފޮހެވިއްޖެއެވެ. މިއީ އެލީސާ މިގެއިން ދެކެން އެންމެ ބޭނުންނުވާ ފަރާތެވެ. އޭނަގެ ދަރިފުޅުގެ ހަޔާތަށް ހެރިފައިވާ ކަށްޓެއްގެ ގޮތުގައި އެލީސާ ދެކޭ ކުއްޖެކެވެ.
މީރާ ސްކިނީ އަކާއި ބާރު ޓީޝާޓެއްލާފައިވާއިރު އެ ރަން އިސްތަށިކޮޅު އޮތީ މައްޗަށް ނަގާ އައްސާލާފައެވެ. މޫނަށް ވެރިވެފައި ވަނީ ފިނިފެންމަލުގެ ކުލައެވެ. އަތުގައި ލަނބާފައިވާ ކުޑައެއް އޮތެވެ. ބަހާރު މޫސުމްގައި ކޮންމެ ވަގުތަކުވެސް އިންޒާރަކާއި ނުލައި ވާރޭ ވެހިގެންފާނެތީ ކުޑައެއް ގެނައީކަންނޭގެއެވެ.
މީރާގެ ރީތި ސިފަތަކާއި އެކުގައިވެސް އެ ދެލޮލުގައި ވަނީ އިންތިހާ ދަރަޖައިގެ ރިހުމެވެ.
"އަޅުގަނޑަށް އެނގޭ އާންޓީވެސް ތިހުންނަނީ ރުޅިއައިސްފައިކަން، ނަސީބު ދެރަކަމުން މިހާރު އަޅުގަނޑު އެންމެންގެ ކުރިމަތީގައި އެއްވެސް ގަދަރެއްނެތް ނިކަމެތި ކުއްޖަކަށް ވެއްޖެ، އާއިލާއިން އަހަރެން ގެއިން ނެރެލާފައި މިވަނީ، ހުރިހާވެސް ސަބަބަކީ އަހަރެން މިހުރާން ދެކެ ލޯބިވެގެން އާއިލާ ދޫކޮށްލާފައި މިހުރާން އާއިއެކު އުޅެން އައީމަ.. މިއަދު ހިތަށް ނާރާފަދަ ލަނޑެއްލިބި މަގުމަތިވުމުން ޒިންމާވާނެ އެއްވެސް ފަރާތެއް ނުވި، އާންޓީ، އަޅުގަނޑުގެ ކުށަކީ މިހުރާންދެކެ ލޯބިވުންތަ؟ މިހުރާންއަށްޓަކައި ދުނިޔޭގެ އެހެން ހުރިހާ އެއްޗެއް ދޫކޮށްލާފައި އޭނަގެ ފަހަތުން އައިމަ...... މިވީ ނާސިއަކަށް، އެންމެ ފަހުން ނަހަލާލު ދަރިއަކަށް ބަލިވެއިނީމަ ރެން އަޅުގަނޑާއި މެރީކުރުމަށް އެދި އާދޭސް ކުރިން، ބުނީ ވިހެއީމަ ކައިވެނި ކުރާނީއޭ، އެކަމަކު އެފަހުން އެބޯޓްވީ، އަޅުގަނޑުގެ ދިރިއުޅުން ބަރުބާދުވީ މިހުރާން ބޭވަފާތެރިވީމަ، މެރީކުރަން ވައުދުވެފައި ތެދުވެރިނުވީމަ، އާންޓީ މަޖުބޫރުކޮށްފިއްޔާ މިހުރާން މެރީކޮށްފާނެ، އެހެންނޫނީ މިހުރާންގެ ހަޔާތް ބަރުބާދުވެގެން ދިޔުމަށް އެދި ކޮންމެ ނަމާދެއްގެ ފަހުގައި ދުއާކުރާނަން..... އަނިޔާ ލިބުނީ މިހުރާން އަކަށް ނޫން، އަޅުގަނޑަށް...... އާންޓީ އަޅުގަނޑުގެ މަގާމުގައި ހުރިނަމަ އިހުސާސް ކުރެވޭނެ ހިތަށް ލިބޭ ވޭނާއި ދަތިކަން.. އިތުރަށް ކެތްނުކުރެވިގެން އާދޭސްކުރަން މިއައީ، ޕްލީޒް އާންޓީ........." މީރާގެ ދެލޮލުން އޮހިގަތް ކަރުނަތައް ފެނިފައި އެލީސާއަށް އަސަރުކުރިއެވެ. މީރާގެ ބޭނުމަކަށްވީ މިފަހަރު އެހެން ގޮތަކަށް މިހުރާންގެ ދިރިއުޅުމަށް ނުފޫޒު ފޯރުވަންވެގެންނެވެ.
މީރާ އެލީސާގެ ފައިމައްޗަށް ތިރިވެ ގިސްލާފައި ރޯންފެށިއެވެ. އޭނައަށް ރަހުމް ކުރަން އެދުނެވެ. އެހެން ގޮތެއް ނެތިއްޔާ މިގޭގައި ނޯކިރީކަން ކުރަން ހުރެދާނެ ކަމަށްވެސް މީރާ ބުނެލުމުން އެލީސާގެ ލޯ ކަރުނުން ފުރުނެވެ.
"ނުރޮއި މީރާ.... އަހަރެން ނޭދެން މީރާއަށް ދެރައެއްލިބޭކަށް، ގަބޫލުކުރަން ރެންގެ ކުށް ތިކަމުގައިވާކަން، ބަލާނަން ހެލްޕްވެވޭތޯ، ނަމަވެސް މިވަގުތު މީރާ މިގެއިން ފެނުން ރަނގަޅެއް ނުވާނެ..... މީރާއަށް ސަލާމަތާއި، ރައްކާތެރިކަން ލިބޭނެ ފަދަ ތަނެއްގައި ބަހައްޓާދީފާނަން........" އެލީސާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް އުފެދިފައިވަނީ މީރާ މިގެއިން ފެނުމުން މިހުރާންގެ ރުޅިގަނޑު ހިލިގެން ކޮށްލަފާނެކަމެއް ނޭގޭތީއެވެ. އެކުއްޖާއަށް ވިސްނައިދިނުމަކީ ހީކުރާހާ ފަސޭހަކަމަކަށް ނުވެ ހިނގައިދާނެއެވެ. މިހުރާން ވިސްނާނީ އެލީސާ ގެ ސިކުނޑި އަކުންނޫނެވެ. އޭނަ ބުނާހާ އެއްޗެއް މިހުރާން އަޑުއަހަން މަޖުބޫރެއް ނުކުރެވޭނެއެވެ. މިހުރާންގެ ހަޔާތަށް އެއްވެސް ކުއްޖަކު ގެންނަން މަޖުބޫރުކުރުމަކީ ރަނގަޅުކަމެއްވެސް ނޫނެވެ. އޭރުން މިލީނާއާއި ދަރިފުޅަށް ވާނީ ކިހިނެއްހެއްޔެވެ؟
އެލީސާ އޭނަގެ ކޮއްކޮ ސެލީނާގެ ގާތަށް މީރާ ގެންދިޔައެވެ. އެގޭގައި އުޅެނީ ރަފާއިލްގެ ދެމައިންކަމަށްވާ ހިނދު މީރާއަށް އުދަގުލަކާއި ނުލައި އެގޭގައި ހުރެވިދާނެއެވެ. އެހެންނޫނަސް މީރާ ހާލުގައި ޖެހުނު ދުވަހު އަޅާނުލައި ދޫކޮށްލުމަކީ އިންސާނިއްޔަތާއި ޚިލާފު ކަމަކަށް ވެދާނެއެވެ. ސެލީނާ އުފަލާއި އެކު މީރާ ބަލައިގަތެވެ. އެހާ ރީތިކުއްޖަކަށް ވީމަ ފުރަތަމަ ސެލީނާ ހީކުރީ ރަފާއިލްއަށްޓަކައި ގެނެވުނު ކުއްޖެއްކަމަށެވެ. ނަމަވެސް އެލީސާ އެދުނީ ދުވަސްކޮޅެއް ވާންދެން މީރާ މިގޭގައި ރައްކާތެރި ކަމާއިއެކު ބަހައްޓާދިނުމަށެވެ. އެއީ މިހުރާންގެ ކުރީގެ ލޯބިވެރިޔާކަން އެނގުމުން ސެލީނާގެ ޝައުގު ގެއްލުނަސް އޭނަ ދައްތައަށްޓަކައި މީރާ އެގޭގައި ބޭނުންހާ ދުވަހަކު ހުރުމުގެ އިންތިޒާމް ހަމަޖެއްސިއެވެ.
އިއްބާނުގެ އުޅުމަށް މިދުވަސްކޮޅު ބަދަލު އަންނަމުންދާކަން މިޝެލިންއަށް ފާހަގަ ކުރެވުނެވެ. ގިނަ ވަގުތު ވިސްނުމެއްގެ ތެރޭގައި ހުންނަކަމާއި، މާޔޫސީކަމުގެ ހިޔަނި އެ ރީތި ދެލޮލުން ފެންނަ ފަހަރު އާދެއެވެ. މިޝެލިން ސުވާލުކުރުމުން އެވާހަކަ އޮއްބާލަން ހީގަނެފައި ކޮންމެވެސް ސަމާސާއެއް ކޮށްލައެވެ. އިއްބާނުގެ ތަބީއަތަށް ކުއްލި ބަދަލެއް މިއައީ އެ ނުލަފާ އެކުވެރިންގެ އުދަގޫ ބޮޑުވަނީބާވައޭ މިޝެލިންގެ ހިތަށް އަރާފަހަރު މަދެއްނޫނެވެ. އިއްބާނު ކޮލެޖުން އަންނަގޮތަށް ބޭރަށް ދާ ދިއުން ތަންކޮޅެއް ގިނަވާންފެށިއެވެ. މިޝެލިން އިއްބާނު އާއި އެކީގައި ދާން އުޅުނަސް ވަގުތުން ދެކޮޅުހަދައެވެ. މިޝެލިން އާދޭސްކޮށްފައި އިއްބާނު ގާތުގައި އެދުނީ އެއްވެސް ގޮތަކަށް ޑްރަގާއި ކައިރިނުވުމަށެވެ.
އިއްބާނު ދުވެލާފައި އައިސް ފެންޑާއަށް އެރިއިރު އޭނަ ހުރީ ކުޑަކޮށް ތެމިލާފައެވެ. ލަންޑަނުގެ މޫސުމް އޮންނަނީ އެފަދަ ގޮތަކަށެވެ. ރީތިކޮށް އަވިދީފައި ކުއްލި އަކަށް ވާރޭ ވެހިގަންނާނެއެވެ. އިއްބާނު ކޮޓަރިއަށް ވަންއިރު އާއިލާގެ އެންމެންގެން ޓީވީ ޕްރޮގްރާމެއް ބަލަން ތިއްބެވެ. އިއްބާނު އިސްތަށިގަނޑުން ފެން ފޮޅައިލަމުން ރީތި ހިނިތުންވުމަކާއިއެކު އެމީހުން އެހި އެއްޗަކަށް ޖަވާބު ދީފައި ސިޑިން އަރައިގެން ދިޔައީ މިޝެލިން ފެންނަން ނެތީމައެވެ.
"ބޭބީގާލްއަށް އެނގޭތަ؟ ވާރޭ ވެހެން ފެށީމަ ވަރަށް ހަނދާންވި......." އިއްބާނު ހަމަޖެހުމުގެ ނޭވައެއްލާފައި ކޮޓަރީގެ ތަންޑު އެޅިއެވެ.
މިޝެލިން ސޯފާގައި އިށީދެލައިގެން ފޯނާއި ކުޅެލަން އިންއިރު އެ މޫނުމަތީގައި އެހެން ދުވަހު ހުންނަ އުފާވެރިކަމުގެ ބަދަލުގައި މޮޅިވެރިކަންވިއެވެ. އިއްބާނުގެ ތަބީއަތު ގޯސްވިއެވެ. އޭނަ މިއައީ ހަގީގަތުގައި އުފާވެރި ޚަބަރެއް ދޭންވެގެންނެވެ. އޭނަ އެކުވެރިންނަށް ދޭން ހުރި އެތައް ބައިވަރު ޕައުންޑެއް ރަފާއިލް ދޭން އެއްބަސްވީއެވެ. ފަހުން ދޭން ދަރަންޏަކަށް އިއްބާނު ނެގިޔަސް ރަފާއިލް ބުނީ އެއީ އިއްބާނު އެ ނުބައި މީހުންނާއި އޮތްހާ ގުޅުން ކަނޑާލަން ދިން ހަދިޔާއެއްކަމަށް އިއްބާނު ދެކުމަށެވެ. އެމީހުންނަށް އޮތް ދަރަނި ދައްކައިލެވުނީމަ އިއްބާނު އިތުރަށް އެއިން މީހަކާއި ގުޅުން ނުއްބާއްވަން އޭނަ ރަފާއިލްއަށް ވައުދުވިއެވެ.
"ބެން، ހާދަ ލަހުން ގެއަށް ތިއައީ، އަހަރެންވެސް ވަރަށް މިސްވި......" މިޝެލިން އިއްބާނުގެ ދެއަތުގައި ހިފައިލަމުން އެ އަސަރުގަދަ މޫނަށް ބަލައިލިއެވެ. މިޝެލިންގެ ދެލޮލުން ކަރުނައިގެ އަސަރު ފެނުމުން އިއްބާނުގެ ހިތަށް ބަޔާން ނުކުރެވޭނެފަދަ ގޮތެއްވެ ކަކޫމައްޗަށް ތިރިވަމުން މިޝެލިންގެ އުނގުގައި ބޯ އަޅާލައިފިއެވެ. މިޝެލިން ދެރަވާވަރުގެ ކަމެއް ނުކުރާނެ ކަމަށާއި، ދެން ބޭރަށް ދާން ބޭނުންނުވާކަމަށް ބުނަމުން އޭނަ އެ ވާހަކަވެސް ކިޔާ ދިނެވެ. މިޝެލިން އިއްބާނުގެ އިސްތަށިގަނޑާއި ކުޅުނެވެ.
"ޝެލް، އަހަރެން އަދި ވަރަށް މުހިއްމު ވާހަކައެއް ބުނަން ބޭނުން، އަހަންނަށް ނޭގޭ މިއަދު އަހަރެން މިވާހަކަ ބުނަން ބޭނުންވީ ކީއްވެގެންކަން، އެހެންނޫންނަމަ ފަހުން މި ވާހަކަ ނުބުނެވުމަކީ އެކަށީގެންވާ ކަމެއް، މާދަން ވާނެގޮތެއް އެކަކަށްވެސް ނޭގޭނެ، ނުބުނެ ހުއްޓާ ކެއްސެއް ލިބިއްޖެއްޔާ އަހަންނަށް ރަނގަޅަށް އެނގޭ ޝެލް ކަންތައް ކުރާނީ ކިހިނެއްކަން، އަހަންނަށް އެނގޭ ޝެލްއަށް ހާޓްވާނެކަން...... ބޭބީ ރުޅިނާންނާތީ....ޕްލީޒް..." އިއްބާނު ދެން ބުނެލި ޖުމްލަތަކުން މިޝެލިންގެ ސިކުނޑިއަށް ލޮޅުން އަރައިގެން ދިޔަހެން ހީވިއެވެ. ދެލޯ ފުރިގެން އައީ ބޮޑެތި ކަރުނަތަކުންނެވެ. އެއީ އިއްބާނު ގެ ދުލުން އޭނަ އަޑުއަހަން އެންމެ ބޭނުން ނުވި ވާހަކައެވެ. ހިތުގައި ޖެހުނުވަރުން ގޮސް އަޑު ވީއްލާ ނުރޮވުނީ އޭނަ ކެތްކުރިވަރުންނެވެ. ތުންފަތުގައި ބާރަށް ދަތްއަޅައިލަމުން އޭނަ މޫނުގައި ދެއަތް އެޅިއެވެ.