މިހުރާންއަށް އޭނަގެ މަންމަ ގުޅުމުން ފޯނަށް ޖަވާބު ދިނީ މަޑުމައިތިރި ކަމާއި އެކުގައެވެ. މަންމަގެ ވާހަކަ ހުރިގޮތުން މިލީނާ މަންމައަށް ގުޅާފައި ހުރިހާ ވާހަކަތަކެއް ކިޔައިދީފިކަން ޔަގީންވިއެވެ. އެލީސާ ވިސްނައިދިނީ ދަރިފުޅު އެގޮތަށް ވައްޓައިލުމަކީ ދީނުގައި ހުއްދަކަމެއް ނޫންކަމަށާއި، ދަރިފުޅު ނައްތާލަން މިހުރާން އެއްވެސް މަސައްކަތެއް ނުކުރުމަށެވެ. ދަރިންނަކީ މާތް ﷲ ދެއްވާ އެންމެ ބޮޑު އެއް ނިޢުމަތް ކަމަށް މިހުރާންއަށް ވިސްނައިދިންއިރު މަންމަ ރޮނީކަން މިހުރާން އަޑުން ދެނެގަތެވެ. މުޅިންވެސް މިލީނާ އާއި ހުރެ ވާހާ ކަންތަކެވެ. ބޭކާރު ގޮތުގައި އޭނަގެ މަންމަ ނުތަނަވަސް ކުރުވީއެވެ. އިއްބާނު ގެއްލުމުގެ ސަބަބުން މަންމަ އެހާ ފުން ހިތާމައެއްގައި ހުއްޓާ މިލީނާ ގުޅައިގެންވެސް ނުވާނެއެވެ.
މިހުރާން އޭނަގެ މަންމައަށް އިހުތިރާމް ކުރާތީ މަންމަގެ ވާހަކަތަކާއި ޖަދަލުކުރާކަށް ނޫޅުނެވެ. އޭނަ އެއިން އެއްވެސް ވާހަކަ އަކާއި ދެކޮޅެއް ނަހަދާ މަންމަގެ ހިތް ހަމަޖައްސައިދިނެވެ. އެކަމަކު މިހުރާން ފޯނު ޖީބަށްލި އިރު އޭނަގެ އަތް މުށްކެވި، ލޯ ހަނިކޮށްލެވިފައިވެއެވެ. ފޯނާއި އެކީގައި ހޫރާލި އަތުން މޭޒުމަތީގައި ހުރި ބިއްލޫރި ވާސް ތެޅުމުންވެސް މިހުރާންގެ ހިތް ހަމަނުޖެހުނީ ކަންނޭގެ އެވެ. ބާރަކަށް ހިނގާލާފައި ގޮސް ކާކޮޓަރި އާއި އަރާހަމަވި އިރު މިލީނާވެސް ކޮރިޑޯއަށް ނިކުތީއެވެ. މިހުރާން ބަލާކަށް ނުހުރެ މިލީނާގެ އަނގަމަތީގައި އެތި ފަހަރެއް ޖެހުމުން މިލީނާ ވިއްސައިގެން ގޮސް ދޫލަމަތީގައި ޖެހުނު ގޮތަށް ހީވީ އެއްލާލެވިފައި އޮތް ބުދެއްހެންނެވެ.
"އަދި މަންމަ ކައިރީގައި ކުޓުވީ އަހަރެން މަޑުން ހުންނާނެ ކަމަށްތަ؟ އެކަކަށްވެސް އަހަރެން ނުހުއްޓުވޭނެ..... ކޮން ރުއިމެއް ތިއީ؟ ރޮއިގެން މަގޭ ހިތް ބަދަލެއް ނުވާނެ، ތިއީ މަށާއި ޖެހިގެން އުޅޭ ބޮޑު އުދަގުލެއް، ގެނެވުނުކަމުގެ މޮޔަކަން ހިތަށް އަރައިފި...." މިހުރާން ހަޅޭއްލަވައި ގަނެފައި މިލީނާ އާއި ދިމާލަށް އައުމުން ތެދުވެގެން މިލީނާ ދުއްވައިގަތީ ސިޓިން ރޫމާއި ދިމާލަށެވެ. އެކަމަކު މިހުރާން އަކަށް ވުރެ އޭނަ ހަލުތްވެއް ނުވެވުނެވެ. އޭނައަށް ދޮރުތަޅުގައި ހިފޭއިރަށް މިހުރާން ހަރުކަށިކަމާއިއެކު އިނގިލިތައް ނައްޓުވާލި ގޮތުން މިލީނާ އަށް އޫއި އޭ ބުނެވުނެވެ.
"މިހުރާން، އަނިޔާނުކޮށްބަލަ، ޕްލީޒް......." މިލީނާ ރޮމުން އާދޭސްކުރީ ދަރިފުޅުގެ ހައްގުގައެވެ. އެހެންނޫންނަމަ އޭނަ ހުރީ މަރާލިޔަސް އެއްޗެކޭ ނުބުނަން ކަމަށެވެ. މިހުރާން ހުރީ މީހަކު ދައްކާ ވާހަކަތައް އިވޭވަރަށް ވުރެ ރުޅިގަދަވެ، އަމިއްލަ ނަފުސަށް ބާރު ނުފޯރާވަރުވެފައެވެ. މިލީނާގެ ހެދުންތައްވެސް ދަމައިގަތީ ރުޅިވެރިކަމާއިއެކުގައެވެ. އެ އަތުގެ ބާރާއި، އަނިޔާވެރިކަން މި ނޫނީ މި ސިފައިގައި އަދި ދައްކާފައެއް ނުވެއެވެ. އޭނަ ހިތްފުރޭވަރުވުމުން މިލީނާ ކަރުނަ އޮއްސަން ދޫކޮށްލާފައި ދިގު ފިޔަވަޅުތަކެއްގައި ސިޑިން އަރައިގެން ދިޔަތަން ބަލަން އޮވެފައި މިލީނާ ދެލޯ މަރާލައިފި އެވެ. އިރުކޮޅަކުން ރަބަރާއި، ފަށުވިފަދަ އެއްޗެހި އަނދާ ޒާތުގެ ވަހެއް ދުވަން ފެށިއެވެ. ކޮންމެވެސް ވަރަކަށް ކޮޓަރިއަށް ދުމުގެ އަސަރުކޮށް އޭނަ ކެއްސާގޮތް ވެސްވިއެވެ. މިހުރާން ތަނެއްގައި ރޯކޮށްލީ ކަންނޭގެ އެވެ. ބިރުންގޮސް ހިތުގެ ވިންދު އަވަސްވި ނަމަވެސް ތެދުވާނެ ހިތްވަރެއް ނުލިބި މިލީނާ ސޯފާގައި ބޯ އަޅާލައިފި އެވެ. އޭރުވެސް އެ ބޮޑު ދެލޮލުގައި ހުދު ޖަވާހިރުފަދައިން ކަރުނަތިކިތައް ވިދަ ވިދާ ހުއްޓެވެ.
ވަގުތުތަކެއް ފާއިތުވެގެން ދިޔަ ފަހުން މިލީނާ އޭނަގެ ވަރުހުސްވެފައިވާ ހަށިގަނޑު ގަދަކަމުން ކޮޅަށް ނަގައިގެން ސިޑި ގިރާކޮށް މަތީބަޔަށް ދިޔައިރު ނަސީބަކުން މިހުރާން ފެންނަ ހިސާބަކު ނެތެވެ. އޭނަ ކޮޓަރިއަށް ވަދެ ފެންވަރާލުމަށްފަހު ހެދުމެއްލާންވެގެން އަލަމާރި ހުޅުވާލުމާއި އެކު ދެލޯބޮޑުވެގެން ދިޔައެވެ. އަލަމާރި ހުރީ މުޅިންހެން ހުސްކޮށެވެ. އޭނަގެ އެންމެ ހެދުމެއްވެސް އަލަމާރިއަކު ނެތެވެ. އެތެރެއިން ލާ ދެތިން އެއްޗެއް ފިޔަވާ އެހެން އެއްވެސް އެއްޗެއް ނެތެވެ. މީހަކު ވަގަށް ގެންދިޔައީ ހެއްޔެވެ؟ އޭނަގެ ހުރިހާ ހެދުންތަކަށް ވީ ކީއްހެއްޔެވެ؟ މިހުރާން ގަނެދީފައިވާ ހެދުމެއްވެސް ފެންނާކަށް ނެތެވެ. މިލީނާ ހަނދާންވީ ކޮންމެވެސް އެއްޗެހި ތަކެއް މިހުރާން އަންދާލިކަމެވެ. އޭރު އެރި ދުމުގެ އަސްލަކީ އެއީ ކަންނޭގެއެވެ.
މިހުރާން ކޮޓަރީގެ ދޮރު ހުޅުވާލާފައި ދޮރުކަނީގައި އަތްވިއްދާލި އިރު އެ ތަނަވަސް ނިތްކުރީގައި ދާތިކިތައް ކުދިމުތީތަކެއްހެން ހަރުލާފައި ވެއެވެ. ނުލަފާ ހިނިތުންވުމެކެވެ. މިލީނާ މޫނު އަނބުރައިލީ މިހުރާންގެ ސޫރަ ދެކެންވެސް ބޭނުން ނުވީމައެވެ. މިހުރާންގެ އަނިޔާވެރިކަމުން އޭނަ މުޅިން ފޫހިވެއްޖެއެވެ.
"ދެން ވިންޓަރ ނިމި، ގަސްތަކުގެ ފަތްތައް ފަޅަން ފެށީމަ އެއިން ހެދުން ވިޔެގެން ލައިބަލަ، ނުދޭނަން ހެދުމެއްވެސް، ބޭނުންހާ އެއްޗެއް ގަނެދީފައި، އެތައް ކަމެއް ކޮށްދިނީމަ މާ ފޮނިވެލާފައި އަދި މަންމައަށް ގުޅައިފިއެއްނު، މަގޭ ހިތަކަށް ނާރާ މިލީނާ އެހާ ހިތްވަރު ހުންނާނެޔޭ، އެކަމަކު މިހާރު އެނގޭނެ ދެން އަހަންނަށްވެސް ކޮންމެ ކަމެއް ކޮށްލެވިދާނެކަން، ދެންވެސް ތިކުއްޖާ އަނގަ ގަޑު ހިމޭނުން ލައިގެން ހުންނަން ދަސްކުރޭ........." މިހުރާން ކައިރިއަށް އައިސް މިލީނާގެ ތެތް އިސްތަށިގަނޑުގައި އަތް ހިންގާލުމުން މިލީނާއަށް އަތް ދުރުކޮށްލެވެން އުޅުނެވެ.
"އަދިވެސް މައިތިރި ނުވަނީތަ؟" މިހުރާން އެ ހިމަ ހޯލި އިނގިލި ތަކަށް ފިތާލުމުން މިލީނާއަށް އަޑެއްލައްވާފައި އަތް ދަމައިގަނެވެން އުޅުނީ ތަދުވިލެއް ބޮޑުކަމުންނެވެ.
"މިހުރާން ތިހާ ރުޅި އަންނަންޏާ އަނިޔާނުކޮށް އެއްފަހަރުން މަރާލަންވީނު، އޭރުން ސެޓިސްފައި ވާނެއްނު......" މިލީނާ ގެ ބޮޑު ދެލޮލުން ބަލައިލި ގޮތަކުން މިހުރާންގެ ހިތަށް ގޮތެއްވުމުން މިހުރާން ވީ ފޫއްސެވެ. އެ ދެލޮލުގެ ޖާދޫގައި އޭނަ އެއް ނުޖެހޭނެއެވެ.
"އަނގައެއްވެސް އޮވޭ ދޯ، ހަދަންވާގޮތް އަހަންނަށް ކިޔައިދޭނެ ކަމެއްނެތް އިނގޭ، މަގޭ ހައްގެއް ތިއީ، ބޭނުންވީއިރަކުން ފިރުމާލާނީ، ބޭނުންވީމަ ތަޅައިގަންނާނީ ވެސް، މަރާލަންވިޔަސް އެކަން އެނގޭނީ މިލީއަކަށް ނޫނޭ.... އައިމް ޔޯ މާސްޓަރ، އެހެންވީމަ ހަމަ ސާވް ކުރަން ޖެހޭނީ ސާވެންޓެއްހެން ބޭބީ ގާލް............" މިހުރާން ލޯ ހަނިކޮށްލާފައި ބަލާލާފައި އަނެއް ފަރާތަށް އެނބުރިލަމުން އެއް ލޯމަރާލާފައި ހީލިއެވެ.
އޭނަ މިލީނާ ރުޅިއަރުވައިލަން އެފަދަ ކޮންމެ އެއްޗެއް ކިޔަސް އޭނައަށް މިލީނާގެ މަގާމު އެނގެއެވެ. މިލީނާހާ ރަނގަޅު އަންހެންކުއްޖެއް ދުނިޔެއިން ފެންނާނީ މަދުންކަމަށް ހިތް ގަބޫލުކުރެއެވެ. އެފަދަ އަންބަކު ލިބޭނީ ނަސީބުވެރި ފިރިހެނަކަށެވެ. އޭނަގެ ގާތުގައި މިލީނާ ނުވާނަމަ އޭނަގެ ދިރިއުޅުން މިހާ ފުރިހަމައެއް ނުވާނެއެވެ. ހަމަނުޖެހުނު ތަންކޮޅަކީ އޭނަގެ ފަރުވާކުޑަކަމުން މިލީނާ ބަލިވެ އިންކަމެވެ. ދެން މިލީނާ މަންމަ ގާތުގައި ދެއްކި ވާހަކަތަކުން އަމިއްލަ ނަފުސް މައިތިރި ނުވެ ރުޅި އިސްކުރެވުނު ކަމެވެ. މިހުރާން އަމިއްލަ ނަފުސަށް މަލާމާތް ކުރިއެވެ.
ކާކޮޓަރީގައި ވަނީ އޮރެންޖު ކުލައިގެ ޗާންދަލިޔާއެއްގެ ހިތްގައިމު އައްޔެވެ. މިހުރާންއަށް ކާން ހަދާފައި ހުރިތަން ފެނުމުން އިސްކުރުން އަތްދޮވެލައިގެން އައިސް އިށީދެ ތަށިތަކުގެ މަތި ހިއްލަން ފެށުމުން ކުޅުދިޔާވާފަދަ މީރުވަހެއް ފެތުރުނެވެ. މިލީނާ ކައްކާ އެއްޗެހި ހަމަ މީރީއެވެ. އަބަދު އެކައްޗެއް ނަހަދާ ތަފާތު ގޮތްގޮތަށް ކާން ތައްޔާރުކުރާތީ މިހުރާންއަށް ރަނގަޅެވެ. އޭނައަށް ފަރާޓާ މީރުކަން އެނގުނީމަ މިލީނާ މިހިރީ ފަރާޓާ ހަދާފައެވެ. މިހުރާން އެވަގުތު ހަނދާންވީ އިއްބާނު މަތިންނެވެ. ކާހިތްވެސް ކެނޑުނެވެ. އިއްބާނުއަށް ވީގޮތެއް ނޭގި މާ ގިނަ ދުވަސްވާން ފެށުމުން އުއްމީދުގެ ހުޅުކޮޅު ކިރިޔާ ނުނިވި ހުރިކަމެވެ. މާޒީގެ ހަނދާންތައް މިހުރާންގެ އެސްފިޔަތައް ތެންމާލިއެވެ.
"ނޫން، ބޫ އަދި އަންނާނެ، ބޫބެއަރ މަރުވިކަމަށް ހިތް ގަބޫލުނުކުރަނީ ކީއްވެތަ؟ ޑިނައި ކުރާވަރުން ގޮސް ކަންނޭގޭ........" މިހުރާން އެހެން ދިމާލަކަށް ހިތް ދޫކޮށްލައިފި އެވެ. އިއްބާނުގެ ހަނދާން އާކުރަން ވެއްޖެއްޔާ ރޯން ޖެހިދާނެއެވެ. ކުއްލިއަކަށް މިލީނާ، މިހުރާންގެ ކަޅުކުލައިގެ ކޮޓްން ގަމީހެއް ލައިގެން ހުރެ ކޮޓަރިއަށް ވަންނަން އައިތަން ފެނުމުން މިހުރާން ހޭން ފެށިއެވެ. ޑިޒައިނަރ ގަމީހުގެ އަތުކުރި އޮޅާލީމަ އާއި، ގޮށްފޮތީގައި ކްރީމް އާއި ކަޅުކުލައިގެ ރޮގުތަކެއް ހުރުމުން ވަކިން ސްޓައިލިޝްކޮށް ދައްކައެވެ. މިލީނާ އެ ގަމީސް ލައިގެން އައީ މިހުރާން ރުޅިއަރުވައިލުމަށެވެ. މިހުރާންގެ އަގުބޮޑު ހެދުންތައް އޭނަ ބޭނުން ކުރަން ފެށުމުން ކިހާ ބޮލަށް އުދަގޫވާނެ ހެއްޔެވެ؟ އުދަގޫވެގެން އޭނައަށް ދެތިން ހެދުން ގެނެސް ދިނަސް އެންމެ ރަނގަޅެވެ.
"ޔޫ ލުކް ސޯ ފަނީ، ލޯގަނޑުން ބަލާވެސް ނުލަންތަ؟ ކުޑަ ކްލައުން އަކާއި މަށަށް ވައްތަރުވީ........" މިހުރާންގެ ހިތް އެ ގޮތަށް ގަބޫލުނުކުރިޔަސް އޭނަ ކުރީ ޖެއްސުމެކެވެ. އަގުބޮޑު އެ އެ ގަމީސް މިލީނާގެ ހަށިގަނޑުގެ ތަނެއްގައި ލައްވާނުލިޔަސް އޭނަ ފެންނަލެއް ވަރަށް ލޯތްބެވެ. ކަޅުކުލައިގެ ތެރެއިން އެ ދޮންކަން ފެންނަ ގޮތުން މިހުރާން ދުރުބަލައިލާ ހިތެއްވެސް ނުވެއެވެ. އެ ތޫނު ނަޒަރުން މިލީނާއަށް ހީވަނީ އެކްސްރޭކޮށްލި ހެންނެވެ.
"މިހުރާން އަހަރެންގެ ހެދުންތައް ހަލާކުކޮށްލީމަ ދެން ކޮންމެވެސް އެއްޗެއް ލާން ޖެހޭނެއްނު......" މިލީނާ އަނގަޔަށް ގޮތެއް ހަދައިލިއެވެ.
"ޖިންސާއި، ސޯޓު ވެސް ޓްރައި ކުރިންތަ؟ ޔަގީން ސޮއްސާލައިގެން އޭގެ ތެރެއިން ދެމިގެން އައީކަން......" މިހުރާން އާދައިގެ ގޮތަކަށް ބުނެލައިފި އެވެ. އޭނަ މިއަދު ކުރި އަނިޔާތައް ހަނދާން ހުރިހެންވެސް ހިޔެއްނުވެއެވެ. ރުޅިމަޑުވެފައި އިން ގަޑިއެއްކަން މޫނަށް ބަލާލާފައިވެސް އެނގެއެވެ. މޫނުމަތިން ތަންކޮޅެއް ހަމަޖެހިލާފައި އިންކަން އެނގެއެވެ.
"ބޭނުން ވަރަކަށް ޖޯކު ޖެހިޔަސް ހެވޭ، މިހުރާން ނުކުރާކަށް ކަމެއް ނެތެއްނު....." މިލީނާ ކާތަށްޓަށް ގްރިލްޑް ކުކުޅު ފަޔަކާއި، ސެލެޑްކޮޅެއް އަދި ފަރާޓާ އެއްލުމަށްފަހު ކާން ފެށިއެވެ.
"އަހަރެން ކުރިކަމެއް ވިއްޔާ ކުރީ ސަބަބެއް ނެތިއެއް ނޫން، އެނީވޭސް އަހަރެން މިލީގެ ޕްރެގްނެންސީ އަކަށް އެއްވެސް ސަޕޯޓެއް ނުދޭނަން، އަންވޯންޓެޑް ބޭބީ އެއް ދުނިޔެއަށް ގެނެސްގެން ކުރާނެ ކަމެއް ކޮށްބަލަ......." މިހުރާން އަނެއްކާ ރުޅި އައީ ކަންނޭގެ އެވެ. މޭޒުމަތީގައި ތަންކޮޅެއް ބާރަށް އަތުން ޖަހާފައި މިލީނާއަށް ބަލައިލުމުން މިލީނާގެ ހިތް ތެޅުނެވެ. މިހުރާން ރުޅިއަރުވާލުމަކީ މޮޔަކަމެކެވެ. އޭނަ ޖެހޭނީ ވިސްނައިގެން އުޅޭށެވެ.
ދެތިން ދުވަސްތެރޭގައި މީރާ އެނބުރި އައުމުން މިލީނާ ގެ ހިތަށް ލިބިފައިވާ ކުޑަ ހަމަޖެހުންކޮޅުވެސް ނެތިގެން ހިގައްޖެއެވެ. މީރާ އައި ތަނާހެން މިހުރާން "ކުކީ" ކިޔާ ދެލޮލުގައި ދެކުލަ ހުރި ބުޅަލެއް ގެއަށް ގެނައެވެ. އެ ބުޅާ ގެނައިކަން އެނގުމުން މިލީނާ އޮތީ ބިރުން ކޮޓަރީގައި ތަޅުލެވިގެންނެވެ. މިހުރާން އާދޭސް ކޮށްކޮށްވެސް ދޮރުގެ ތަންޑުތައް ނައްޓައެއްނުލިއެވެ. އެންމެ ފަހުން ދޮރު ހުޅުވައިލީ ދޮރު ހަލާކުކޮށްލާފާނަމޭ މިހުރާން ބުނުމުންނެވެ. އެބުޅަލުގެ ސަބަބުން މިލީނާ ހުންނަނީ އަބަދުހެން ބިރުގެންފައެވެ. މިހުރާން ކުރާ ޖެއްސުން އެހާ ބޮޑެވެ. ގަސްތުގައި ކުކީ ލައްވާ މިލީނާ ފައްސާ ހަދައެވެ. ކުކީއަށްވެސް މިލީނާގެ ބިރު އިހުސާސް ކުރެވެނީ ކަންނޭގެ އެވެ. ކުކީއަށް މިލީނާ ފެނިއްޖެއްޔާ ފުއްޕާލާފައި ފަހަތުން ދެއެވެ. މިހުރާން އެ ކުޅިވަރު ބަލާފައި ހީ ހަދައެވެ. މިލީނާ ދެރަވެގެން މޮޔަވާވަރުވެފައި، ބައެއްފަހަރު ރޮއި ހަދަނީ މިހުރާންގެ ހިތަށް ކުޑަ ނަމަވެސް ރަހުމެއް ވަންނަތޯ ބަލަން ވެގެންނެވެ. މިހުރާންގެ ހިތުގައި އޭނަ އާއި ދޭތެރޭގައި ކުޑަނަމަވެސް ކުލުނެއް ވާނަމަ އެ ސުންޕާ ބުޅާގަނޑު މިގެއިން ގެންދިޔައީހެވެ. އެކީގައި އުޅެ މިހާ ދުވަސްވީ އިރުވެސް އޭނައަށް މިހުރާންގެ ހިތާއި ހަމަޔަށް ވާސިލު ނުވެވުނީއެވެ. އެކަމަކު މީރާގެ ނަސީބު ހާދަ ރަނގަޅެވެ.
މިހުރާން ހުންނަނީ މީރާގެ ހިޔަންޏެއް ހެންނެވެ. ނޫނީ އެއީ މީރާ އުޅޭގޮތް ކަންނޭގެ އެވެ. ހުޅުބުފަތެއްހެން ތަތްލަވާފައެވެ. ހިޔަންޏެއްހެން ފަހަތުން ނުނެއްޓިފައެވެ. އަބަދު "ހަނީ ބަންޗް" ވެފައެވެ. ޑާލިން ނޫނީ ހަނީ އޭ ކިޔާލާ ތުއިގޮތަކުން މިލީނާ ބޯ އަނބުރައިގަނެއެވެ. މިހުރާން ގެ ހަލާލު އަނބިމީހާ ހުއްޓާ ހިލޭ އަންހެނަކާއި އެކު ގުޅުން ހިންގާތީ މިލީނާގެ ގާތުގައި މިހުރާންގެ ގަދަރު މުޅިން ވެއްޓިއްޖެއެވެ. ދެމީހުން މިއަދުވެސް ހަވީރު ހިނގާލަން ދިޔުމުން މިލީނާ ގޭގައި އެކަނިވިއެވެ. މިހުރާން އޭނަގެ އަތަށް ޕައުންޑްކޮޅެއް ދީފައި ބަހައްޓާނަމަ އަމިއްލައަށް ހެދުންތައް ގަންނަން ކައިރި ފިހާރަ އަކަށް ދެވުނީހެވެ. އެކަމަކު މިހުރާން އެވަރު ވިސްނަނީ ކަންނޭގެ އެވެ. މިހާރު މިލީނާގެ އަތަށް ޕެނީއެއްހާ މިންވަރު ވެސް ނުދެއެވެ.
ގޭގައި އެކަނިވުމުން މިލީނާ ތަޅުލައިގެން އިނީ ފޫހިވެސް ވެފައެވެ. މިހުރާންގެ ގަމީހެއް ލައިގެން ހުރުމުން ބަގީޗާ ތެރެއަށް ނިކުންނާކަށްވެސް ނުކެރެއެވެ. އެހެންނޫންނަމަ އަވަށްޓެރިންގެ ހަރަކާތްތައް ދެކެން ހުއްޓަސް ފޫހިފިލާނެއެވެ.
"ޕްރިޒަން ބްރޭކް ކުޅެން ކަންނޭގޭ ދެން ޖެހޭނީ، އެކަމަކު ބޭނުމެއް ނޫން އެ މީރާގެ ހެދުމެއް ލައިގެން މިގެއިން ނިކުންނާކަށް......" މިލީނާ ކުޑަކޮށް ވިސްނާލާފައި މީރާ އުޅޭ ބަޔަށް ވަނުމުން ހައިރާންވިއެވެ. އެތަން ހީވަނީ ކުނިގޮނޑެއް ހެންނެވެ. އެތަންމިތާ ހެދުންތައް އުކާލާފައި ހުއްޓެވެ. ދާވަށިގަނޑު ފުރިގެން ހެދުންތައް ފައިބާފައި އޮތެވެ. އެނދުގެ ތަންދޮށުން ސެނިޓެރީ ނެޕްކިންއެއް ފެނުމުން މިލީނާ އަނގަޔަށް ގޮތެއް ހަދައިލި އެވެ. މިލީނާ ބާތުރޫމްގެ ހާލަތުވެސް ބަލައިލާހިތްވިއެވެ. އެތަންވެސް ހީވަނީ ތޫފާނެއް އަރާފައިވާ ތަނެއްހެންނެވެ. މީރާގެ އުޅުމެއް ނެތްވަރު މިލީނާއަށް ފެނިއްޖެއެވެ. އެވަރުގެ އަންހެން ކުއްޖަކު ވެސް އޭނައަށްވުރެ މިހުރާންއަށް ކަމުދިޔައީތާއެވެ. ރުހުމުގެ ލޮލަށް އައިބެއް ނުފެންނާނެއެވެ. ވީއިރު އޭނަ ކިތަންމެ ރަނގަޅަށް މިހުރާންއަށް ޚިދުމަތް ކޮށްދިނަސް މިހުރާންގެ ހިތް ދުވަހަކުވެސް ބަދަލެއް ނުވާނެއެވެ. އޭނަގެވެސް ވަނީ ހިތެކެވެ. އެހިތްވެސް ލޯތްބަށް ބޭނުންވެއެވެ. އެކަމަކު ފިރިމީހާގެ ފަރާތުންވެސް އޭނައަށް ލޯބީގެ ޒައްރެއްގެ މިންވަރުވެސް ލިބުމުގެ ނަސީބެއް ނެތެވެ. މިލީނާގެ ލޮލުން ކަރުނަ ހިލުނެވެ.
މިހުރާން ކާރު ޕާކްކޮށްލާފައި ފޭބިއިރަށް އެހެން ކާރެއްވެސް އައިސް މަޑުކޮށްލަނީއެވެ. މިހުރާން އެ ކާރަށް ސަމާލުކަމެއް ނުދީ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ފެންޑާގެ ފަތްތަރުތަކުން އަރައި ބެލްޖެހުމާއިއެކު ހެން މިލީނާ ދޮރު ހުޅުވާލައިފިއެވެ. އެވަގުތު މިލީނާގެ މޫނަށްވެސް ރަތްކުލަ ވެރިވެގެން ދިޔައީ މިހުރާންގެ ފަހަތުން ކަހަލަ ގޮތަކަށް އައިސް އެލީސާ އާއި ހައިތަމް ވަންތަން ފެނުމުންނެވެ. މިހުރާންވެސް ފަހަތަށް އެނބުރި ބަލާލައިފި އެވެ.
"މަމް، ޑޭޑް އަންގާވެސް ނުލައި...." މިހުރާން އަނގަ ރަކިވިއެވެ. އޭނަ އަށް މަންމަމެން ފެނުމުން އުފާވުމުގެ ބަދަލުގައި ނުތަނަވަސްވީ ވަރަކުން އެލީސާއަށް ވެސް ލިބުނީ ހައިރާން ކަމެކެވެ. މިލީނާ މަސައްކަތް ކުރީ މިހުރާންގެ ފަހަތަށް ވަދެ ފިލުމަށެވެ. އެކަނި މިހުރާންގެ ގަމީހެއް ލައިގެން ހުރުމުން މިލީނާ ލަދުން މަރުވާވަރުވިއެވެ. މި ލިބުނު ސަޕްރައިޒަކުން މިހުރާން ހުރީ ކިޔަންވީ އެއްޗެއް ނޭގި ޝޮކެއްގައެވެ. އޭރު ބައްޕަ ދަބަސް ދަމަމުން ގެނެސް ބޮޑުކޮޓަރިއަށް ވައްދައިފިއެވެ.
"ދަރިފުޅާ ރެން... ކިހިނެއްވެފައި ތިހިރީ؟ އާ ޔޫ އޯކޭ؟ ހީވަނީ ބިރެއް ފެނިގެންއުޅޭހެން....." ހައިތަމް މިލީނާގެ ބޮލުގައި ފިރުމާލެއްވިއެވެ.
"އައިމް ފައިން ޑޭޑް، އެހެނެއްނޫން.. ކުޑަ ކަމަކާއި ހާސްވެފައި ހުއްޓާ.........." މިހުރާން ހަމަޖެހިލަން މަސައްކަތް ކުރަމުން ހީލިއިރު ގޭތެރެއިން އަންނަ ހެވީ މެޓަލް ލަވަ ބަދަލުކޮށްލިކަން މަންމަމެންނަށް ފާހަގަކުރެވޭނެ ބާވައޭ ހިތަށް އެރިއެވެ. މީރާ ކުއްލި އަކަށް އިޝްގީ ލަވައެއް ޖައްސާލައިފި އެވެ. މިހުރާން އަވަސްއަވަހަށް ފޯނުން މީރާއަށް މެސެޖެއްކޮށްލާފައި، މަންމަ އާއި ބައްޕައަށް ސަމާލުކަން ދިނެވެ. މިލީނާ ސޯފާގައި އިށީންގޮތަށް ދެފައި އަރުވާލައިގެން އިނީ ހިރިލާން ނުކެރިފައެވެ. މިހުރާން އެހާ ކަންބޮޑުވެފައި އިނީމަ މިލީނާ ހިނި އައެވެ. މިހުރާން ހިތް ބޭނުން ނުވާފަދަ ސަޕްރައިޒެއް ލިބުނީއެވެ.
މިހުރާން އޭނަގެ މަންމަމެން އެއްވެސް މީހަކަށް މިގޭގައި ނުހުރެވޭނެއޭ ބުނެފައި އޮތަސް އެގޮތަށް މަންމަމެން އައުމުން މިހުރާން އަކަށް ފޮނުވައިލާކަށް ނުކެރޭނެއެވެ. މަންމަމެން އުމުރު ދުވަހު ތިއްބަސް އޭނައަށް އެންމެ ރަނގަޅެވެ. އެކަމަކު ދެރައީ އޭނަ މީރާ ފޮރުވަން ޖެހޭކަމެވެ.
"މަންމަމެން ދިގު ދަތުރަކަށްފަހު އަރާމުކުރަންވެސް ވާނެއްނު... މަތީ ރޫމްގައި މަންމަމެން ތިބޭނީ، އަސްލު ތިރީ ބައި ޔޫޒް ކުރަނީ އޮފީސް ކަންތަކަށް، ދެން ބައްޕަމެން ދުރުވީމަ އަހަރެމެން ތިރިއަށް ބަދަލު ވާނީ، މިލީ ކާން ހަދާބަލަ...." މިހުރާން އޭނަގެ މަންމަމެން ގޮވައިގެން މައްޗަށް ދިޔައީ ދަބަސް ހިފައިގެންނެވެ. މަންމަމެން މައްޗަށް ލާފައި އޭނަ އަވަހަށް މީރާ ގޮވައިގެން ގޮސް ޔާވިން މެން ގޭގައި ދުވަސް ކޮޅަކަށް އޭނައަށް ހުރެވޭނެ އިންތިޒާމް ހަމަޖެއްސިއެވެ. ލާރި ހުރިއްޔާ ނުކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އެކަންތައް ހަމަޖައްސައިލެވުމުން މިހުރާންގެ ބޮލުން އެތައް ޓަނުގެ ބުރަދަން ލުއިވެގެން ދިޔަކަމުގައި ހީކުރެވުނެވެ. އޭނަ އެނބުރި ގެއަށް އަންނަމުން ހެދުން ފިހާރައަކަށް ގޮސް ހެދުން ތަކެއް ގަނެލިއެވެ. މިލީނާގެ ސައިޒް ވެސް މިހުރާންއަށް ރަނގަޅަށް އެނގުނު ކަމަކަށް ނުވިއެވެ. އޭނަ ކޮތަޅުތައް ހިފައިގެން އައިސް ތިރީ ކޮޓަރިއަކަށް ލާފައި މީރާ ހުރި ކޮޓަރިއަށް ވަދެއްޖެއެވެ.
އެލީސާ އާއި ހައިތަމް އަށް ކާން ހަދައިގެންވެސް މިލީނާ އިނީ ގޮނޑިން ތެދުވާން ނުކެރިފައެވެ. އެލީސާ ކޮޓަރިއަށް ވަނީ ތަންކޮޅެއް ދިގު، ރަންކުލައިގެ ފައިވާނެއް ހިފައިގެންނެވެ.
"މިއީ މިލީގެ ތަ؟ މި ފައިވާން ބޮޑެއް ނުވާނެތަ؟" އެލީސާ އަހާލައިފި އެވެ.
"ތިއީ އަޅުގަނޑުގެ......." މިލީނާ އެއްޗެކޭ ބުނަން އުޅުނު ވަގުތު މިހުރާން ދޮރުމައްޗަށް އަރާފައި އިންޒާރުގެ ނަޒަރަކުން ބަލައިލުމުން މިލީނާގެ މޫނު ރަތްވެ، އިސްޖެހިއްޖެއެވެ. އެލީސާ އާއި ހައިތަމްއަށްވެސް އެނބުރި ފަހަތަށް ބަލައިލެވިއްޖެއެވެ. ދެމީހުންގެ ހިތުގައި ވެސް ޝައްކުތަކެއް އުފެދުނެވެ. މިހުރާން މިގެއަށް އަންހެންކުއްޖަކު ގެންނަނީ ހެއްޔެވެ؟ މިލީނާއަށް ކިހާ ވަރަކަށް އެގޭހެއްޔެވެ؟ މިގޭތެރެއިން ލަވަ ޖެހީ ކާކުހެއްޔެވެ؟ ޚާއްސަކޮށް ހައިތަމްއަށް ވިސްނިލެއްވި އެއްޗަކުން ބޮލުގައި ރިއްސާލައިފިއެވެ.
"މިލީ، އާދެބަލަ، ވަން މިނިޓް......" މިހުރާން މިލީނާ ގޮވައިގެން ބޭރަށް ނިކުތްގޮތަށް ގެންދިޔައީ ތިރީބައިގައި އޭނަ އޮފީސް ބޭނުމަށް ތައްޔާރުކޮށްފައިވާ ކޮޓަރިއަށެވެ. އޭނަ ބުނީ މިދުވަސްކޮޅު އެމީހުން ބޭނުންކުރާނީ މިކޮޓަރި ކަމުގައެވެ. އަދި މީރާގެ ކޮޓަރީގެ ދޮރު ނުހުޅުވަން އަމުރުކުރިއެވެ. ދެން މިހުރާން އެދުނީ މިލީނާ މިއިން ހެދުމެއްލައިގެން މަންމަމެން ގާތަށް ދިޔުމަށެވެ. ހުރިހާކަމެއް ހަމަޔަކަށް އެޅުމުން މިހުރާން ހުރީ ހަމަޖެހިލާފައެވެ. މިލީނާ ހެދުންތަކަށް ބަލައިލާފައި ހައިރާންވިއެވެ. ސައިޒުން މާ ބޮޑު ހެދުންތަކާއި ގަޔަށް ނޭރުވޭވަރުގެ ހެދުންތަކެވެ. އެކަމަކު ނަސީބަކުން ލެވޭވަރުގެ ހަރުވާޅެއް އޮތެވެ. ގަޔަށް ދޫކޮށް އޮތަސް މިލީނާ ޓީޝާޓެއް ވައްޓާލައިފި އެވެ.
"މިގޭ އެއްވެސް ސިއްރެއް މަންމަ ގާތުގައި މިލީ ނުބުނާތި، އޭރުވެސް މަ ނުދިޔަނަމަ އެއީ މީރާގެ ފައިވާނެކޭ މި މޮޔަގަނޑު ބުނާނެކަން ޔަގީން......." މިހުރާން މިލީނާގެ އަތުގެ މުލައްދަނޑީގައި ބާރަކަށް ހިފެހެއްޓުމުން ތަދުވެގެން ގޮސް މިލީނާގެ ލޮލަށް ކަރުނައައެވެ.
"ތަދުވެޔޭ...." މިލީނާ ރުޅި އަންނަ ގޮތްވިއެވެ. އަބަދު މީރާއޭ ކިޔާއިރު އޭނަގެ ހައްގުތައް ކޮބާހެއްޔެވެ؟ އޭނައެއްވެސް މީހަކަށް ނުވަނީހެއްޔެވެ؟ އޭނައަކީ މީރާ ފޮރުވަން ނިވާފަތްގަނޑަކަށް ގެންގުޅޭ އަގެއްނެތް އެއްޗެކެވެ. އޭނަގެ އިހުސާސެއްވެސް ނުވާނެއެވެ. މިގޭގެ ނޯކަރެއް ފަދައިން މަސައްކަތް ކޮށްދިނީމަ މިހުރާންއަށް އޭނަވެސް ކަމުދާނެއެވެ.
"ނާޒުކް ކަމުން މަޑުން ހިފާލިޔަސް މިކުއްޖާގެ އިނގިލިތައް ބިނދިދާނެ، އެނީވޭސް މިލީ، އެއްފަހަރު ތިހިރީ މަންމަ ގާތުގައި މަގޭ ކުށް ދައްކާފައި، ދެވަނަ ފަހަރަށް އެ މިސްޓޭކް ނަހަދާތި، އަހަރެން އިތުބާރު ކުރާނަން...." މިހުރާން ކުޑަ ހުނުމަކާއިއެކު މިލީނާގެ މަޑު ތުންފަތުގައި ބޮސްދިނެވެ. އެ ލުއި އެންމެ ބީހިލުމާއި، އޯގާތެރި އެންމެ ލަފުޒުން މިލީނާގެ ހިތަށް އަޖައިބެއްފަދަ ފިނިކަމެއް ލިބުނެވެ. އެއަށްވުރެ ބޮޑަށް މިހުރާންގެ ފަރާތުން ލޯބި ލިބިދާނެ ހެއްޔެވެ؟ ނަމަވެސް އެއީ މިލީނާ ރުއްސާލަން މިހުރާން ކުރިކަމެކެވެ. ކުދިންނަށް މެޓާއާއި، ޗޮކްލެޓް ދޭ އުސޫލުންނެވެ. އެފަދަ އަމަލަކުން ހަގީގަތުގައިވެސް މިލީނާގެ ހިތް މަޑުވެއްޖެއެވެ. އެކަން މިހުރާން ހުރީ ޔަގީންނުވެފައެވެ. އެހެން އަންހެންކުދިންނާއި މިލީނާގެ ތަފާތުކަމެއް ހުރެއެވެ.
މިހުރާން އާއި މިލީނާ ކިތަންމެ ވަރަށް ސިއްރުކޮށްގެން ތިއްބަސް އެލީސާއަށް ކިތަންމެކަމެއް އެނގުނެވެ. އަދި ތަޅުލާފައި ހުރި ކޮޓަރީގައި މިހުރާން ފޮރުވައިގެން ގެންގުޅެނީ ކޯޗެއްބާވައޭވެސް ހިތަށް އެރިއެވެ. އެކަމަކު އެލީސާ އެހާވަރުން އެކަން ތަހުގީގުކުރާކަށް ފޯރިއެއްނެތީ އަދިވެސް އިއްބާނުގެ މަތިން ހަނދާންވާލެއް ބޮޑުކަމުންނެވެ. އަދިވެސް އެލީސާ ގެ ލޯ ދޭތެރެއަކުން ކަރުނުން ފުރައިލަނީ އިއްބާނުގެ ހަނދާންތަކެވެ. އެލީސާ އެހާ ޒީނަތްތެރިވެގެން ރީތިކޮށް އުޅުނު މީހާ މިހާރު މޭކަޕްކުރަން ހަނދާނެއް ނުހުރެއެވެ. ގައިގައި ގަހަނާއެއް އަޅާކަށް ބޭނުމެއް ނުވެއެވެ. ގިނަ ވަގުތު ހޭދަކުރަނީ ނަމާދު ކުރުމާއި، ޒިކުރުކުރުމާއި، ދުޢާކުރުމުގައެވެ.
އިއްބާނު ގެ މަތިންދާބޯޓު ވެއްޓުމުގެ ހާދިސާއަށް ތިން މަސް ފުރެންދެން ކެތްކޮށްލައިގެން އާމިރާއަށް ހުރެވުނީ ހަމަ ކިރިޔާއެވެ. އޭނަ ތަންވަޅު ބަލާފައި ސޯފިޔާ ގާތުގައި ރާހިލް އާއި މިޝެލިންގެ ކައިވެންޏާއި ބެހޭގޮތުން ވާހަކަ ދައްކައިފި އެވެ. ސޯފިޔާ ކައިރީ އާމިރާ ބުނީ މިޝެލިންގެ ހިތާމަތައް ފިލުވައިދެވޭނީ ރާހިލްފަދަ ބައިވެރިޔަކަށް އެކަނި ކަމުގައެވެ. ސޯފިޔާވެސް އެކަމާއި ގަބޫލުވިއެވެ. އެކަމަކު މިޝެލިން ގާތުގައި އެ ވާހަކަ ބުނެވުނު ކަމުގެ މޮޔަ ސޯފިޔާ ހީވިއެވެ. ވަގުތުން ދެކޮޅު ހެދިއެވެ. އޭނަ ދުވަހަކުވެސް މީހަކާއި ނީންނާނެ ކަމަށް އެތައް ފަހަރަކު ބުނެލިއެވެ. ސޯފިޔާ ހުރީ ދެރަވެފައެވެ. މަލަކާ ގާތުގައި ސޯފިޔާއަށް އެ ވާހަކަ ބުނެވުނީވެސް އެޚިޔާލުގައި ހުރެވުނު ވަރުންނެވެ. މަލަކާވެސް އެ ކައިވެންޏަކާއި ނުރުހުނެވެ. މިޝެލިން ދެކޮޅުހެދީތީ އޭނަ ހިތާހިތުން އުފާކުރިއެވެ.
އެދެމީހުންގެ ވާހަކަތައް އަޑުއަހަން ސިއްރުން ހުރި ޔީވާ ހިތާހިތުން ހީލިއެވެ. މިއޮތީ މިޝެލިންގެ ބޮލަށް އެރެން ރަނގަޅު ވަގުތަކާއި ދިމާވެފައެވެ. އެހެންނޫނަސް މިޝެލިން ކައިވެނި ކޮށްގެން މިގެއިން ގޮސްގެން ނޫނީ އޭނައަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އިއްބާނު ނޫން މީހެއްގެ ހައްގަކަށް މިޝެލިން ވާތަން ދެކެން ޔީވާ އިންތިހާއަށް ބޭނުމެވެ. އެކުއްޖާ މާ ފެއަރީޓޭލް ކޮށް ދިރިއުޅެން ހަދައިގެން އެލިބެނީ ލަނޑެކެވެ.
މިޝެލިން އިއްބާނުގެ ކޮޓަރިތެރެ ސާފުކޮށް ނިމުނުއިރު މާބްލް އާއި ފަރުނިޗަރުން އޮފު އަރައެވެ. ފޮޓޯ ފްރޭމްތަކުގައި ހިރަފުސް ނެތަސް މިޝެލިން ކޮންމެ ފްރޭމެއްވެސް ވަކިން ފޮހުނެވެ. އިއްބާނުގެ ކޮންމެ އެއްޗެއްގައި މިޝެލިން އަތްލީ އެހާ އޯގާތެރި ކަމާއި އެކުގައެވެ. އިއްބާނުއަށް އޭނަ ހަދިޔާކުރި ސްނޯ ގްލޯބާއި، ކުޑައިރުގެ ހަދާނަކަށްވި ބޮލިވެސް މިޝެލިންއަށް ފެނުނެވެ. އިއްބާނުގެ ހެދުން އަލަމާރި ހުޅުވައިލާފައި ހެދުންތަކުގައި މޫނު ޖައްސާލާފައި ދެލޯ މަރައިލިއިރަށް މިޝެލިންގެ ލޯ ކަރުނުން ފުރުނެވެ.
"ބެން، އަހަރެން ދޫކޮށްލާފައި ދިޔައިރު ބެން ހިތަށް ނޭރި އަހަރެން އެކަނިވާނެ ވަރު.... ބެން އާއި ނުލައި ދުނިޔޭގައި އުޅޭނީ ކިހިނެއްތަ؟ އަހަރެން ގިޔާމަތާއި ހަމަޔަށްވެސް އިންތިޒާރުކުރާނަން..... ކޮންމެ ސިކުންތުކޮޅެއް މިވަނީ ގަރުނަކަށްވެފައި.. ހިތާމައިންގޮސް ހަލާކުވާވަރު އެބަވޭ.... ބެން، އަހަރެން ދޫކޮށްލާފައި ނުދޭ......." މިޝެލިން އިއްބާނުގެ ފޮޓޯ ފްރޭމެއްގައި ބޮސްދިންއިރު ތަސްވީރު ކަރުނުން ތެމުނެވެ. އޭނަ އިއްބާނުގެ ހަދާންތަކުގައި ހޭދަކުރި ވަގުތަށް ފަހު އަމިއްލަ ހެދުންތައް ދޮންނަން އުޅުމުގެތެރޭގައި އޮޅިގެން ކަޅުކުލައިގެ ނިދާހެދުން ވެސް ގެންދެވުނެވެ. މިޝެލިން އެއްޗެހި ދޮވެލާފައި ހިއްކަން ޓެރެސްގައި އަޅުވަން ހުއްޓާ ފިޔަވަޅުތަކެއްގެ އަޑު އިވިގެން އެނބުރި ބަލާލައިފި އެވެ. ޔީވާ ހުރީ ކްރީމް ކުލައިގެ ކުރު މިޑީއަކާއި، ސްކިނީއެއްގައެވެ. ހީވަނީ ހެދުމެއް ނުލައި ހުރިހެންނެވެ. އެހާވެސް ހަމާއި ގުޅޭ ހެދުމެކެވެ. ޔީވާއަށްވެސް އޭނަގެ ނިދާހެދުން ފެނުމުން ސިހުމެއްލިބި އެވީ ކީއްކަމާއި މެދު ސުވާލު އުފެދުނެވެ. އެއާއިއެކު ހަނދާންވިއެވެ. އެރޭ އިއްބާނުގެ ކޮޓަރިއަށް އޭނަގެ ހެދުން ދޫކޮށްލާފައި އާދެވުނީއެވެ.
"ހާދަ ރަނގަޅޭ، މަގޭ ހެދުންވެސް ދޮވެލަދިނީ، ބެން ގެ ރޫމުން ތި ފެނުނީމަ ސުވާލެއް ނުއުފެދޭތަ؟" ޔީވާގެ ސުވާލުން މިޝެލިން ހައިރާންވިއެވެ. އެކަމަކު އާދައިގެ މަތިން އަޑުނީވޭކަމަށް ހަދާފައި ދުރަށް ދިޔުމުގެ ބަދަލުގައި މިޝެލިން ސުވާލުގެ ނަޒަރަކުން ބަލާލައިފިއެވެ.
"ޔޫ ނޯ ވަޓް ޝެލް، ބެން މަރުވުމުގެ ކުރިންވެސް އެންމެ ފަހު ފަހަރަށް ސްލީޕް ކުރީ އަހަންނާއި އެކު ކަން އެނގޭތަ؟ އެނީވޭސް ބެންގެ ކުށެއްނެތް، ބެން ބުނިގޮތުން ވިއްޔާ ޔޫ ރިފިއުޒްޑް ޓު ސްލީޕް ވިދް ހިމް....... ވީމަ އަހަންނަށް އެ ޝަރަފު ލިބުނީ، ސްޓިލް ޝެލް ހަމަ ބޭބީކަމުން ދޯ، އެހެން ހުއްޓާ ބެން ގެއްލުނީމަ ތިވަރަށް ދެރަވަނީ؟ އަހަންނަށް ވާނެވަރު ވިސްނާލަބަލަ، ބެންއާއި އެކު ހުރިހާ އުފަލަކާއި އަރާމެއް ހޯދި މީހަކީ މަށޭ، އެރޭ އަހަރެން ތި ނައިޓްވެއަރ އެ ރޫމަށް ދޫކޮށްލާފައި ބެން ދިން ރަޖާ ހިފައިގެން މަގޭ ކޮޓަރިއަށް ދިޔައީ، ޔަގީންކުރަން ބޭނުމިއްޔާ ގޮސް ބަލާލަ، އެރެއިން ފެށިގެން އަހަރެން ނިދަނީ ބެންގެ ރަޖާލައިގެން، ހީވަނީ ބެން އާއި ހަގްކޮށްލައިގެން އޮވެވޭހެން، އެނގޭތަ؟ ބެންވެސް ޓައިމެއް ލިބިއްޖެއްޔާ އަހަރެންގެ ރޫމަށް ވިޒިޓްކުރޭ، އަހަރެމެން އެންޖޯއި ކުރީ ކިތައްފަހަރު ކަން އެނގޭތަ؟ ލައިކް ތައުޒަން ޓައިމްސް، އެކަމަކު އޭނައަށް އަންފެއިތްފުލް ނުކިޔާތި، ބެން ކިހިނެއް ކެތްކުރާނީ؟ ހީޒް ހިއުމަން ދޯ، ބެން އާއިމެދު ކަންތައް ކުރިގޮތުން މަ ވަރަށް ފޫހިވޭ، ޔޫ ޑިނައިޑް ހިޒް ރައިޓްސް.... ދެން މަރުވީމަ ކޮން ރުއިމެއް ރޯކަށްތަ؟ އެވަރަށް ބެން އާދޭސްކުރި އިރު ނުކެރުނު އެންމެ ފަހަރަކުވެސް މާފުކޮށްފީމޭ ބުނާކަށް، ބިޗް........" ޔީވާ އެއް ބުމަ އަރުވާލައިގެން ހުރެ ތުއިވަމުން ގޮސް ރެއިލިންގައި އަތް އަޅުވާލައިފި އެވެ.
މިޝެލިންގެ ހިތާމަވެސް ފިލައި ރުޅިގަދަވިވަރުން ސިކުނޑިވެސް ރަނގަޅަށް މަސައްކަތެއް ނުކުރިއެވެ. އެދިޔަ ބާރުމިނުގައި ގޮސް ޔީވާގެ ކަޅުހެދުން ނަގައި ބިންމައްޗަށް އެއްލައިލުމަށްފަހު ދާން ހިނގައިގަތް އިރު މިޝެލިން ގެ ކުދި ދަތްތައް ބިންދައިގެންދާވަރުވިއެވެ.
މިއަދު މިޝެލިން އިއްބާނު ކުށްވެރިއެއް ނުކުރާނެއެވެ. އެއީ ތެދެކެވެ. ކުށްވެރިއަކީ އޭނައެވެ. އޭނަގެ ބަދުނަސީބު ހާލަތާއިމެދު ދެން ކުރާނެ އެއްވެސް ޝަކުވާއެއް ނެތެވެ. އިއްބާނު އޭނަގެ ލޯތްބަށް އެދި ސަލާމްޖެހީމަވެސް އޭނަ ހުރީ ނުދެނެހުރި ކަމަށް ހަދާލައިގެންނެވެ. އެ ނަސީބު އަތުލައިގަތީ އޭނަގެ ދުޝްމިނެކެވެ. އިއްބާނު އެހެން މީހެއްގެ ހިތް އުފާކޮށްލާދީފައި އުމުރަށް ވަކިވީއެވެ.
މިޝެލިން ކޮޓަރިއަށް ގޮސްފައި އިއްބާނުގެ އަލަމާރި ހާވަނިކޮށް އިއްބާނު އެދުވަހު ގެނައި ތުނި ޕާރުސަލް ފެނުނެވެ. އިއްބާނު އޭނައަށް ދޭންގެނައި ނިދާހެދުން އޮތީ ކަނޑައިނުލާ އިއްބާނު ގެނައި ގޮތަށެވެ. ޔީވާ ބުނި ފަދައިން އޭނަގެ ހެދުންތަކުގެ ތެރޭގައި އޮތީ އެ ގޮތްކުޑަ ޔީވާގެ ހެދުން ކަން މިޝެލިންއަށް ވެސް ޔަގީންވުމުން މިޝެލިންގެ ބޮލުގައި ގަދަޔަށް ރިއްސާލިއެވެ. އޭނަ ބެލްކަންޏަށް ނިކުތީ ތާޒާ ވައިކޮޅެއް ހޯދުމަށެވެ. އެކަމަކު ނޭވާ ރަނގަޅަށް ނުލެވި އިރުކޮޅެއްވެގެން ދިޔައެވެ. ހިތްދަތިވެގެން ގޮސް ލޮލުން ކަރުނަ އޮހިގަތެވެ.
ޔީވާ ކެބިންކްރޫއެއްގެ ވަޒީފާ ލިބިގެން ދާން ފެށުމުން އޭނަގެ ފަރިކަމާއި، ފޮނިކަން ވަކިން ބޮޑުވިއެވެ. ރީތި އަންހެންކުއްޖަކަށް ވުމާއިއެކު އޭނަ ގަވާއިދުން ޖިމާއި، ބިއުޓީ ސެލޫންއަށް ގޮސްފައި އެ ހަށިގަނޑަށް އެކަށީގެންވާ ސަމާލު ކަމެއްދެއެވެ. ކެބިން ކްރޫ ހެދުމުގައި ހުންނައިރު އެ އޮމާން ފަޔަށް ސްޓޮކިން އެއް ނުލެއްވިޔަސް ހީވަނީ ރީތިކަމުން އިޝްތިހާރެއްހެންނެވެ. އޭނަ ޗައިނާ ތަންތަނަށް ގޮސްފައި އިންސްޓަގްރާމާއި، ޓްވިޓަރ އަދި ފޭސްބުކަށް ލާފައި ހުންނަ ގިނަ ފޮޓޯތަކަށް އަންހެންކުދިންނަށް ދާންދެން މޮޔަވެގެން ކޮމެންޓް ކޮށްލާފައި ހުރެއެވެ. މިހާރު ފޮނި ބޮޑުވެގެން ގޮސް ހީވަނީ ގޯލްޑެން ފްލޭމްގެ ރާނީހެންނެވެ. އެންމެން ތިއްބަސް މާ އަނގަގަދަކޮށްލާފައި އެހެން މީހުންގެ ސަމާލުކަން ހޯދައިގެން އިނދެއެވެ. ތިމާއަށް ތިމާ ފެނިފައިވާހެން ހީވެއެވެ. މިޝެލިން މަޑުމަޑުން އިންނާތީ އެއީ ކަޓުކުއްޖެއްކަން އެހެން މީހުންނަށް އަންގަންވެގެން ޔީވާ ސައިމޭޒު ދޮށުގައި ވެސް އުޅެނީ ނިކަން ގަދަކޮށްލާފައެވެ.
މިޝެލިން ވަޒީފާއަށް ދާން ކުރި ޚިޔާލު ފެނަށްވިއެވެ. އިއްބާނު ދުނިޔޭގައި ހުރެ ހުއްދަ ނުދިންކަމެއް އަލުން ކުރަން ބޭނުންނުވީއެވެ. އެހެންނޫންނަމަ ވަށައިގެންވަނީ ވަޒީފާގެ ފުރުސަތު ތަކެވެ. މިޝެލިން ވަޒީފާއަކަށް ނުދިޔަތާގައި ކިޔަވާހިތެއްވެސް ނުވިއެވެ. އޭނަގެ ބައިވެރިޔަކީ އެކަނިވެރި ކަމާއި، ހިތާމައެވެ. ވިސްނަން ކިތަންމެ ގިނަ އިރެއްވާންދެންވެސް މިޝެލިން އިނދެފާނެއެވެ. އެހެން މީހަކާއި އަނގައިން ބުނަންވެސް ބޭނުން ނުވަނީއެވެ.
ގޯލްޑެން ފްލޭމަށް މެއިޑެއްގެ ގޮތުގައި ނޭޕާލީ އަންހެންކުއްޖެއް ގެނައީ ހާލަތުގެ ގޮތުންނެވެ. މަލަކާވެސް ބަލިވެ އުޅުމާއި، އެލީސާގެ ހިތާމަ އަދި ޒަހާރާގެ މުސްކުޅިކަމުން ބަދިގޭގެ ޒިންމާ އެހާ ރަނގަޅަކަށް ނުނެގެއެވެ. ފިރިހެންވެރިން ވަޒީފާއަށް ދާންވާއިރަށް މޭޒުވެސް ތައްޔާރު ނުވެވެނީއެވެ. ޔީވާ ވަޒީފާއަށް ހެނދުނު ނުދާ ދުވަހެއް ވެއްޖެއްޔާ ގޭގެ ހުރިހާ ކަމެއް ހުންނަނީ ފުރިހަމަކޮށްލާފައެވެ. އެހެންނޫނީ އެކަކުވެސް ބަދިގެއަށް ވަދެލާކަށް ނޫޅޭނެއެވެ. ރޯޒީއަކީ އާއިލީ ގެއެއްގައި ފުދޭވަރަކަށް ގިނަ އަހަރުތަކެއް ވާންދެން ހުރުމުގެ ސަބަބުން ދިވެހި ކެއުމުގެ އިތުރުން ބޭރުގެ މަޝްހޫރު ކާއެއްޗެހި މީރުކޮށް ކައްކަން އެނގޭ ހީވާގި ޒުވާން އަންހެންކުއްޖެކެވެ. އެހާ ސާފުތާހިރެވެ. އޭނަ ގަވާއިދުން މޭޒުމައްޗަށް ކާން ހަދާފައި، ހުރިހާ ތަނެއް އޮފްއަރުވާލާފައި ބަހައްޓާތީ މަލަކާމެންނަށް ލިބުނު ހިތްހަމަޖެހުމަކަށްވިއެވެ. މިއަދުވެސް މިޝެލިން ކާކޮޓަރިއަށް ވަންތަނާ ރޯޒީ އަވަސްކަމާއި އެކު އޭނައަށް ނާސްތާ ތައްޔާރުކުރިއެވެ. މިޝެލިން އާދައިގެ މަތިން ކާން އައީ ދިހައެއް ޖަހައި ބޮޑުވިފަހުންނެވެ.
މިޝެލިން ބިސްގަނޑަށް އަސޭމިރުސް ކޮޅެއް އަޅާލިއިރަށް ލޮލުން ކަރުނަ އަންނަގޮތްވިއެވެ. މިގޮތަށް ފަތްއަޅާފައި ބިސްގަނޑު އެޅީމަ އިއްބާނުއަށް މީރުވެގެން އުޅެއެވެ. މިޝެލިން އެ ހަނދާންތައް އެއްފަރާތްކޮށްލާފައި ބިސްގަނޑުން އެތިކޮޅެއް އަނގަޔަށްލުމުން އަރުތެރޭގައި ތާށިވިހެން ހީވިއެވެ. މިޝެލިން އޫ އެއްފަރާތުގައި ބާއްވާލާފައި ފެންތަށިން އެތިފޮދެއް ބޯލައިފިއެވެ. ހިތް ރޮނީއެވެ. އިއްބާނު މަތިން ހަނދާންވާލެއް ބޮޑުކަމުންގޮސް ހީވަނީ ފުރާނަވެސް ރޮއިގަނެފާނެ ހެންނެވެ. މިޝެލިން މޭގައި ފިރުމާލިއެވެ.
"ކުޅިވަނީތަ؟" ނޭޕާލީ ކުއްޖާ އަހާލައިފިއެވެ. މިޝެލިން އާއެކޭ ބުނުމުގެ ގޮތުން ނިތްކުރި އަރުވައިލުމަށްފަހު އިސްއޮބައިލީ ލޮލުގައި ގިނަވާންފެށި ކަރުނަތައް ފޮރުވަންވެގެންނެވެ. ރޯޒީ ކުރަން ހުރި މަސައްކަތަށް އަނބުރާ ހިގައްޖެއެވެ. މިޝެލިން ޓޯސްޓް ފޮތީގައި ބަޓަރު ހާކަން އިންއިރުވެސް ހިމޭނުން އިނދެ ކަރުނަ އޮއްސިއެވެ. ކާހިތެއް ނުވެއެވެ. ކޮންމެ ކަމެއްވެސް ކުރަނީ މަޖުބޫރުވެފައި އިނދެއެވެ. އޭނަ ނުކައި ނުބޮއި އުޅެންޏާ އެޑްމިޓް ކޮށްލާފާނެތީ ބިރުން ގަދަކަމުން އެއްޗެއް އެތެރެކުރަން މަސައްކަތް ކުރަނީ އެވެ. އެހެންނޫންނަމަ ދުވަސްވާވަރަކަށް އޭނަގެ ހިތްވަރު މިދަނީ ބަލިވަމުންނެވެ. އިންތިޒާރުކޮށްކޮށް ވަރުބަލިވެއްޖެއެވެ. ދެލޯ ބޭގަރާރުވެއްޖެއެވެ. އެންމެ ސޫރައެއް ދެކިލާހިތުން ހިތް ތެޅިފޮޅެނީއެވެ.
ކުއްލިއަކަށް ކުޑަދޮރުން ހިޔަންޏެއް ފެނުނުހެން ހީވެގެން މިޝެލިންގެ ހިތް ތެޅިގަތީ އިއްބާނުކަމަށް ހީކޮށެވެ. އޭނަ ދުވެލާފައި ގޮސް ދޮރުގައި އަތް އަޅުވާފައި ބޭރަށް ބަލާލުމާއިއެކު މާޔޫސްވިއެވެ. ޖިނާނު ކުޑަކޮށް އަތް އުފުލާލާފައި ހީވެސްލިއެވެ. އެކަމަކު މިޝެލިން ހުރީ ގަނޑުވެފައިވާ ބުދެއްފަދައިން ދޮރުގައި އަތް ޖައްސައިލި ގޮތަށެވެ.
ހައިތަމް މިފަހަރު ރަށަށް ދުރުވީ މިހުރާން އާއި މިލީނާ ގޮވައިގެންނެވެ. އިއްބާނު ވެސް ނެތުމުން މިހުރާން ގާތުގައި މިވަގުތު ހުރުމުގެ މުހިއްމުކަމުގެ ވާހަކަ ދެއްކެވުމުން މިހުރާންއަށް މަންމަ އާއި ބައްޕަގެ އާދޭހުގައި ކޮޅުފައިން ޖަހާލާކަށް ނުކެރުނެވެ. އެކަމަކު އޭނަ މާލެދާނީ އެކަނި މިލީނާ ގޮވައިގެނެއް ނޫނެވެ. އެޕާޓްމެންޓެއްވެސް އޭނަ ހޯދާނެއެވެ. މިހުރާން ފުރުމުގެ ކަންތަކާއިގެން އަވަދިނެތި އުޅުނު އިރު މިލީނާ އުފަލުން ހުންނަނީ އަބަދު ހިނިތުންވެލާފައެވެ. ގޯލްޑެން ފްލޭމަށް ދިޔައިމަ މިހުރާން ހިތަށް އެރިހާ ގޮތެއް ނެހެދޭނެއެވެ. އެކޮޓަރި އަކަށް މީރާ އަކަށް ނާދެވޭނެއެވެ. އެގޭގެ ކޮޓަރީގައި އުޅޭނީ އޭނަ އާއި މިހުރާން އެވެ. ހައިތަމްމެންގެ ފަހަތުން މިހުރާން ވެސް ދަބަސްތައް ދަމަމުން ވަންތަން ފެނުމުން ޒަހުރާންއަށް ވެސް ލިބުނީ ސަޕްރައިޒެކެވެ.
"ރެން، ރަށަށް ބަދަލުވީތަ؟" ޒަހުރާން އާއި މިހުރާންވެސް ބައްދައިލަމުން ހީލިއެވެ. ބޭރުތެރޭގައި ހުނުމުގެ އަޑުއިވިގެން މިޝެލިންވެސް ފެންޑާއަށް ނިކުތެވެ.
"ސިސް، ކިހިނެއްތަ؟" މިހުރާން މިޝެލިންއަށް ސަމާލުކަން ދިނެވެ. އަބަދު ހީ ހީ ހުންނަ ކުއްޖާގެ މޫނުމަތިވަނީ މުޅިން މިލާފައެވެ. އެހެން މީހުން އިއްބާނުގެ މަތިން ކޮންމެވެސް ވަރަކަށް ހަނދާންނެތި ދިރިއުޅުމާއިގެން ކުރިއަށް ދާއިރު މިޝެލިން އަދިވެސް އެ ހިތާމަކުރާކަން އެ މޫނުން މިހުރާން ދެނެގަތެވެ. މިޝެލިން ޖަވާބެއް ދޭން އުޅެނިކޮށް ޔީވާ ތުއިގޮތަކަށް ހިގާލާފައި އައިސް މިޝެލިން ގެ ކުރިމައްޗަށް އަރައި މިހުރާންއަށް ދިން ނަޒަރަކުން ހީވީ އެލޮލުން ކާލަފާނެހެންނެވެ.
"ވެލްކަމް ބެކް ރެން....." ޔީވާ ގެ ތުންފަތް މަތީގައި ހިނިތުންވުމެއް ވިއެވެ. މިޝެލިންގެ ބުމަ ގޮށްޖެހުނެވެ. އޭނަގެ ހަޔާތަށް ވިހަލީފަދައިން އެ އުޅެނީ މިލީނާގެ ދިރިއުޅުމާއި ކުޅެލަންވެގެންނެވެ. އޭނަ އެހެން ހެދިޔަކަ ނުދޭނެއެވެ.
"ޔީވާ......." މިޝެލިން ބާރަކަށް ޔީވާއަށް ގޮވާލާފައި ކޮށްޕާލަން އުޅުނު އިރު މިޝެލިންގެ މޫނަށް ވަނީ ރަތްކުލަ ވެރިވެފައެވެ. ހުރިހާ އެންމެންގެ ސަމާލުކަން އެދިމާލަށް ހުއްޓުނެވެ. މިޝެލިން ބޭނުންވީ މިވަގުތުވެސް ޔީވާ ގެއިން ނެރެލުމަށެވެ. އޭރު މަލަކާ ދޮރުމަތީގައި ހުރީ އަލިފާނުގެ ބެލުމަކުން ޔީވާއަށް ބަލަހައްޓައިގެންނެވެ. އޭނައަށް ވެވޭނެނަމަ ދެލޮލުން ޔީވާ ފިއްސާލީހެވެ.