"ސްވީޓީ ހާދަ ރީއްޗޭ، ހަމަ ކުޑަ އެންޖެލް އެކޭ ތަފާތެއް ނެތް، އަހަރެން މޮޔަކުރުވާފައި ހުއްޓާނީ......" އިއްބާނު މަޑުމަޑުން ތުންފަތުގައި ދަތްއަޅާލި އެވެ.
"އަހަރެން މިއީ އެންޖެލްއެއްނޫން، ވިޗެއް..." މިޝެލިން މަޖާވެގެން ހޭންފެށިއެވެ.
"ވިޗަކަށް ވިޔަސް ހެވޭ، ތިހާ ލޯބިކޮށް އުޅޭތީ ރޮއްވާލާކަށްވެސް ނުކެރޭނެ ވިއްޔާ، އެހެންނޫންނަމަ......" އިއްބާނު ލާނެތްގޮތަކަށް ބުނެލިއެވެ.
"މިލީ ތިގޮތަށް ރޮއްވާލެވޭނީ، އަހަރެން ކޮންމެ ކަމެއް ދިމާވިޔަސް ނުރޯނަން، މިލީ ޓޯއިކޮށް ކުޑަކޮށް ހުރީމަ ނިކަން ބޭބިޝްވާނެ، އަހަރެން ޓަފް ވާނެ، އައި ހޭޓް ކްރައިން، ދެން ރުއީމަ ވަރަށް އުދަގޫވޭ، ރޯގާވެސް ޖެހޭ، އެއް ދުވަހު އެގޮތަށް ރޮވުނީމަ ފޫހިވީވަރުން ދެން މަރުވާވަރުވިޔަސް ނުރޯންކަމަށް އައި ޕްރޮމިސްޑް މައި ސެލްފް ....." މިޝެލިން ހީހީފައި ބުނެލިއެވެ.
މިޝެލިން އިއްބާނު ދިން ފިނިފެންމަލުގައި އެ ޔާގޫތެއްފަދަ ތުންފަތް ޖައްސާލިއެވެ. ހުދުހެދުމެއް ލައިގެން އެރަތް ފިނިފެންމާ ހިފަހައްޓާލައިގެން މިޝެލިން ހުރި މަންޒަރު ފުރިހަމަކަމުން ހައިރާންވާހާވެއެވެ. އަދި ރަތްކުލައިގެ ބްރިކުން ހަދާފައިވާ ފާރާއި، ދޮރުތަކުގައި ލާފައިވާ ފެހި ޕެއިންޓްގެ ކުލަ، އެ ރަތް ފިނިފެންމާގަސް ބޮނޑިއާއި ގުޅޭވަރުން އެހާ ހިތްގައިމެވެ. އިއްބާނުއަށް އެ މަންޒަރު ފޯނުގައި ރައްކާ ނުކޮށެއް ނުހުރެވުނެވެ. މިޝެލިން މޮޑެލެއްހެން ޕޯސްކޮށްލަމުން އެދިން ހިނިތުންވުމުން އިއްބާނުގެ ހިތާއި ކުޅެލައި، ހިތް ވިރުވާލިއެވެ. އޭނަ ހަމަޖެހިލައިގެން ހުރެ ފޮޓޯނެގިއެވެ. ވީޑިއޯ ކުރިއެވެ.
އިއްބާނު ފޮޓޯނަގަމުން އައިސް ތަންކޮޅެއް ކައިރިވެލުމުން މިޝެލިން ފަހަތަށް ޖެހުނު ވަގުތު ގާފޮޅުގައި އަޅައިގެންފައި ވެއްޓެން އުޅުމުން ބޭއިޚުތިޔާރުގައި އިއްބާނުއަށް މިޝެލިންގެ ގައިގައި ހިފަހައްޓާލެވުނެވެ. އެ ނާޒުކް ހަށިގަނޑު އިއްބާނުގެ ބާރުގަދަ އަތުގެތެރޭގައި ވެގެން ދިޔަ ވަގުތު މިޝެލިން ދެލޯ ބޮޑުކޮށްލާފައި އިއްބާނުގެ މޭގައި އަތް އަޅާ ދުރުކޮށްލަން އުޅުނެވެ. މިޝެލިން ޔަގީންކުރީ އެއީ ވަރަށް ބޮޑު ކުށެއްކަމުގައެވެ. ފާފައެއް ކަމުގައެވެ. އެކަމަކު އިއްބާނުއަށް އެ ވަގުތުކޮޅު ވެގެން ދިޔައީ ހިތުން ނުފިލާނެ ރީތި ހަދާނަކަށެވެ. އޭނަގެ ނާރުތައް ހަލަބޮލިކުރުވި ވަގުތަކަށެވެ. ޔަގީންވީ މިވަރަށް އޭނަ ބޭނުންވި އަންހެންކުއްޖަކު އޭނަގެ ހަޔާތަށް އަދި ނާންނަކަމެވެ. އިއްބާނު މިޝެލިންއަށް ބަލަހައްޓައިގެން ހުރީ ތަފާތު ނަޒަރަކުންނެވެ. އެ ކަޅު ދެލޮލުން ފެނުނު ޝުޢޫރުތައް މިޝެލިންއަށް ކިޔާކަށް ނޭގުނެވެ.
"ރޯދަ ގެއްލިއްޖެ......" މިޝެލިން އިއްބާނުގެ އަތުތެރެއިން ނިކުމެ ގޭޓާއި ދިމާލަށް ބަލައިލި އިރު ސިކުއިރިޓީގާޑު ހުރިތަން ފެނުމުން މިޝެލިން ހިތް ހަމަޖެހުނެވެ. މިލީނާ ބުނާ ގޮތުން ފިރިހެންކުއްޖަކާއި އަންހެންކުއްޖަކު އެކަނިވެއްޖެއްޔާ ތިން ވަނަ އެއްޗަކަށް ޝައިތާނާ ހުންނާނެއެވެ. މިޝެލިން އެބުނި އެއްޗަކުން އިއްބާނު ބާރަށް ހޭންފެށިއެވެ.
"ސޮރީ ބޭބީ، އެކްސިޑެންޓަކުން ހިފާލެވުނީ، ނުދަންނަން ހަގްކޮށްލީމަ ރޯދަ ގެއްލޭކަމެއް، އެހެން ބުނީ ކާކުތަ؟" އިއްބާނު ތަންކޮޅެއް ސީރިޔަސްވިއެވެ.
"ބެން، ޓަޗް ނުކުރާނަމޭ ޕްރޮމިސްކޮށްފައިވެސް ތި ކުރިކަމެއް ބަލައިލަބަލަ، އެކްސިޑެންޓެއްވެސް ވެގެން ނުވާނެ، ކެއަފުލް ވާށޭ އަބަދު ބުނަނީ އެހެންވެ، ޔޫ ނޯ ވަޓް، މިލީ ބުނިހެން ބެން މިސްޓީރިޔަސްކަމުން ބުނާނެ އެއްޗެއް ނޭގޭ، ލައިކް ޓްވައިލައިޓްގައި އުޅޭ އެޑްވަޑްހެން، ތިއީ ވެމްޕަޔަރެއްތަ؟" މިޝެލިން ގާފޮޅުގެ މައްޗަށް އަރާ ހުރެ ފިނިފެންމާތައް ބިންނަން ފެށިއެވެ. އެ ވާހަކަ ކިޔަން ފެށިފަހުން މިޝެލިންގެ ހިތް އެފަދަ ނުރައްކާތެރި ފިރިހެންކުއްޖަކާއި ގުޅެން ބޭނުންވާންފެށިއެވެ. ހިތަކީ އަޖައިބެއްކަހަލަ އެއްޗެކެވެ. ޚާއްސަކޮށް ފުރާވަރު ކުދިން ކޮންމެ ފަދަ ކަމަކާއި އަޅައިގެންފާނެއެވެ. ޖިންނިއެއް ނޫނީ ވެމްޕަޔަރުން ދެކެ ލޯބިވެދާނެއެވެ. ފެންޓަސީ ދުނިޔެއެއްގައި އުޅޭހިތްވެދާނެއެވެ. އެކުދިން ހަގީގީ ދިރިއުޅުމަކާއި ގަޔާނުވެވެނީ އުމުރުގެ ގޮތުންނެވެ. ރަނގަޅަށް ނުވިސްނުމުގެ ސަބަބުންނެވެ. ޚިޔާލުތައް ބަދަލުވެ މީހާއަށް ހަގީގީ ދުނިޔެއަށް އެނބުރި އަންނާނީ އެ އުމުރު ފަހަނަޅާ ދިޔުމުންނެވެ.
"މިލީ އޮތީ ވޯނިން ދީފައިތަ؟ އަހަރެން ކިތަންމެ ނުރައްކާ މީހަކަށް ވިޔަސް ލޯބިވާ ކުއްޖަކަށް ގެއްލުމެއް ނުދޭނެ، އެޑްވަޑް ގޮތަށް، އޭނަ ކިހާބޮޑަށް އޭނަގެ ގާލް ދެކެ ލޯބިވޭ، އަހަރެންވެސް އެވަރު ވިސްނާނެ، ޓެލް މީ، ޝެލް ތިހާ ބިރުގަންނަނީ ކީއްވެތަ؟ މީހަކު އެބިއުޒްކުރީތަ؟ ހާދަ ބިރަކުންނޭ ތިއުޅެނީ، ހަގް ކޮށްލިޔަސް އަދި މާ ބޮޑު ކަމެއްނޫނޭ، އެކަމަކު އުޅުނުގޮތުން ހީވީ އަހަރެން މާ ބޮޑުކަމެއް ކުރީހެން....." އިއްބާނު ޖިންސްގެ ޖީބަށް އަތް ޖަހައިލި އެވެ.
"ކުޑައިރުއްސުރެ މަންމަ ވަރަށް ގަދަޔަށް އެ ވާހަކަ ބުނެފައި އޮންނާތީ ބިރުގަނޭ، މަންމަ ބުނާ ގޮތުން ވިއްޔާ އެއީ ވަރަށް ބޭޑްކަމެއް......." މިޝެލިން ކޯތާފަތަށް އަޑިކޮޅު އަޅުވައިލަމުން ބުންޏެވެ. މިޝެލިން ގެ ލޮލަށް އިރުގެ އަލި އުދަގޫ ކުރުމުން ލޯ ހަނިކޮށްލާ ގޮތާއި، އަނގަޔަށް ހަދާލާ ގޮތްތައް ދެކެވެސް އިއްބާނުއަށް ލޯބިވެވުނެވެ. އަދި މިޝެލިންގެ ދޮން ފައިތިލަ އާއި، ލައިގެން ހުރި ހުދު ފައިވާން ގުޅޭވަރުވެސް ފާހަގަވިއެވެ. ނިކަން ބަލައިގެން ގެންގުޅޭ ފައިތިލައެއްހެން ހީވެއެވެ. އެންމެ ހިތުން ނުފިލާނީ މިފަދަ ކުދި ކުދި ހަދާންތަކެވެ.
"ހޫމް، އެމީހަކު ބޭނުންނުވާ މީހަކު ބަލާލިޔަސް އެއީ ކްރައިމެއް، އެކަމަކު ލޯބިވާ މީހަކު ކޮންމެ ކަމެއްކުރިޔަސް އެ ހިމެނޭނީ އެހެން ކެޓަގަރީ އެއްގައި ދޯ، ލޯބީގެ އެކްޓެއްކަމަށް ބެލެވޭނީ، އެކަމަކު އަހަންނަށް ހީވަނީ ބޭބީއަށް އަދި އަހަރެން މިދައްކާ ވާހަކަ ރަނގަޅަށް ނުވިސްނޭނެހެން، އެނީވޭސް ވެއިޓް ކުރާނަން، މިރޭވެސް މީޓްކޮށްލަންވާނެ ދޯ...." އިއްބާނު ބަލާވަރުން މިޝެލިން ހުރީ ކަންބޮޑުވެފައެވެ. ފުރަތަމަ ފަހަރަށް އެ ދެލޮލަށް ބަލަން އުދަގޫވިއެވެ. މާބޮޑަށް އެ ޅަ ސިކުނޑީގައި ވެމްޕަޔަރުންގެ ލޮލުގެ ބާރެއް ހުންނަކަން ހަރުލާފައިވާތީ އިއްބާނު އާއި މެދު އެގޮތަށް ދެކެން ފެށީކަން ނޭގެއެވެ.
މިޝެލިންއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ގޭގެ އަނެއް ފަރާތުގައި ހުރި ގަސްތަކެއްގެ ތެރެއިން މިލީނާ ނިކުމެގެން އަންނަތަން ފެނުނެވެ. އިއްބާނު މިލީނާ އާއި ވާހަކަ ދެއްކުމުން މިލީނާ ޖަވާބު ދިނީ ލަދުން ހުރެއެވެ. މިޝެލިން ހެން އަނގަ ގަދަ ކުއްޖެއް ނޫންކަން އިއްބާނު ދެނެގަތެވެ. މިޝެލިން އަށް މިލީނާ ފެނުމުން އިއްބާނު ހުރިކަން ހަނދާން ނައްތާލާފައި އަވަހަށް އުޅެގަތީ ކާރަކަށް ގުޅައިގެން ގެއަށް ދިއުމަށެވެ. ކޮންމެވެސް ސަބަބަކާއި ހުރެ ދެކުދިން ތިބީ އަވަހަށް ގެއަށް ނުދެވިފައެވެ. އެކުދިން އިއްބާނުއަށް ކަމެއް ސިއްރުކުރާކަން އޭނައަށް ޔަގީންވިއެވެ. އެކަމަކު ސުވާލެއް ނުކުރެއެވެ. ޒާތީ ކަންތައްތައް އަދި އޭނަ އާއި ހިއްސާކުރަން ޖެހޭވަރަށް އޭނަ އާއި މިޝެލިން ގެ ގުޅުން ކުރިއަކަށް ނުދެއެވެ. އޭނައަށް ޖެހިފައި މިވަނީ މިޝެލިން ބޮޑުވާންދެން އިންތިޒާރު ކުރުމަށެވެ.
މިޝެލިން މެންނަށް ކާރެއް ހޯދަދިނީ އިއްބާނު އެވެ. އިއްބާނު އެ ކާރު އޮބާލަން ދެން ބަލަހައްޓައިގެން ހުރީ އެސްފިޔަ ޖަހާލަން ނޭގިފައެވެ. އޭނަ އަމިއްލަ ނަފުސާއި މެދު ހަމްދަރުދީވިއެވެ. އޭނަ ފަދަ ކާމިޔާބު ޒުވާނަކަށް މިދިމާވީ ކޮންފަދަ ދިގު އިމްތިހާނެއް ހެއްޔެވެ؟ އިއްބާނު އަށް މިޝެލިން ފެނުނު ފަހުން ދުނިޔޭގެ އެހެން އުފަލެއް ބޭނުން ނުވެ ދީވާނާއެއް ފަދައިން މިޝެލިންއަށް އާދޭސްކުރަމުން ފަހަތުން ދުވަން ބޭނުން މިވީ ކޮންފަދަ ސިހުރެއްގެ ބާރުގައި ކަމެއްވެސް ނޭގެއެވެ. އެވަގުތު އިއްބާނުގެ ފޯނު ރިންގުވާން ފެށުމުން އިއްބާނު ފޯނު ނަގާފައި ކަންފަތުގައި ޖެހިއެވެ. ސިކިއުރިޓީގާޑު ކުލުނުން ފުރުފައިވާ ނަޒަރަކުން އިއްބާނު އާއި ދިމާލަށް ބަލަން ހުރިތަން ފެނުމުން އިއްބާނު ކުޑަކޮށް ހީލިއެވެ. އުފާވެރި ޒުވާނަކަށް ވީތީ ދެއްކުންތެރި ހިނިތުންވުންތަކެއް އެހެންމީހުންނަށް ޓަކައި ހަދިޔާކުރިޔަސް އޭނަ ހިތް އެދެނީ ރުއިމަށެވެ. މިއީ ތެދުވެރި ލޯބިހެއްޔެވެ؟ މިޝެލިން ދެކެ އޭނައަށް ލޯބިވެވުނީ ހެއްޔެވެ؟
އެހެން ކުދިން އޭނަ ފެނުމުން ވާވަރު މިޝެލިންއަށް ނުވަނީ މިޝެލިން ގެ ހިތުގައި އޭނަ އާއި މެދު އެއްވެސް އިހުސާސެއް ނުވާތީ ހެއްޔެވެ؟ އެހެން އަންހެންކުދިން އޭނަ ފެނިއްޖެއްޔާ މޫނު ރަތްވެއެވެ. ނޫނީ ފަރިވެއެވެ. މިޝެލިން މިހެން އުޅެނީ ޅަކަމުން ހެއްޔެވެ؟ އެހިތް ހުހަށް ވާތީހެއްޔެވެ؟ އޭނައަށް ކާމިޔާބު ވެދާނެ ބާވައެވެ. އެހާ ފަސޭހައިން މާޔޫސްވެގެން ކަމަކު ނުދާނެއެވެ. ކޮންމެ ފަދަ ގުރުބާނީއެއް ވެގެންވެސް އޭނަ މިޝެލިންގެ ލޯބި ހޯދާނެއެވެ.
މިޝެލިން އާއި މިލީނާ ގެއަށް ވަންއިރު ސޯފިޔާ ސިޔަރަތު އަޑުއަހައިގެން، ފަރާޓާ ފުށްގަނޑު މޮޑެން އިނެވެ. މަސައްކަތެއްގައި އިނަސް އެވަގުތު ވެސް ބޭކާރުނުކޮށް ދީނީ އެއްޗެއް ނޫނީ ގުރުއާން އަޑުއެހުން ސޯފިޔާ ވަނީ އާދަކޮށްފައެވެ. ސޯފިޔާ ފަހަކަށް އައިސް މަރުވެދާނެތީ ބިރުގަންނަނީ އިންތިހާއަށެވެ. މީހުން މަރުވާ ޚަބަރު ނޫސްތަކުން މާ ގިނައިން ފެންނާތީ ކަމަށް ވެދާނެއެވެ. އެކަމުގެ ސަބަބުން މަރަކީ ކިހާ ކައިރީގައިވާ އެއްޗެއް ކަމާއި ދީނަށް އުޅުމުގެ މުހިއްމުކަން ވިސްނުންތެރި އަކަށް ވެއްޖެއްޔާ އެގޭނެއެވެ.
"ދަރިފުޅުމެން ހާދަ ލަހުން ތިއައީ، ބައްޕަ ކޮބާތަ؟ " ސޯފިޔާ ހީކުރީ މާޒިން ކުދިން ބަލާ ދިޔަކަމެވެ.
"ބައްޕަ މިސްކިތަށް ދުރުވީ......" މިޝެލިން ވިސްނާލާފައި ބުންޏެވެ. އޭނަ އަތް ފުރަގަހަށް ގެންގޮސް ފިނިފެންމާތައް މަންމައަށް ފޮރުވަން މަސައްކަތް ކުރިއެވެ. މަންމަ ސުވާލުކޮށްފިއްޔާ ދޮގު ހަދަން ޖެހިދާނެއެވެ.
"ކޮންމެ ދުވަހަކު މަންމަ ތައްޔާރުކުރާނެ ބައްޕައަށް މީރު އެއްޗެހި، ބައްޕަ ކިހާ ހެޕީވާނެ، ދުނިޔެއިން އެންމެ ބެސްޓް ގާލް ލިބުނީ ބައްޕައަށް........" މިޝެލިން ފާރަށް ލެނގިލައިގެން ހުއްޓި ބުނެލި އެއްޗަކުން ސޯފިޔާ ހިނި އަތުވެއްޖެއެވެ. ނަސީބަކުން އެވަގުތަކީ ސޯފިޔާ ފުށްގަނޑު މޮޑެ ނިމިގެން ގޮސް ތަވާ ނަގަން ގުދުވި ވަގުތު ކަމަށްވާތީ، މިޝެލިން ކޮޓަރިއަށް ދެމިގަތީ ހުޝިޔާރުވެގެން ހުރެއެވެ. ސޯފިޔާ މިޝެލިންއަށް ޖަވާބު ދިންއިރު މިޝެލިން ފެންނާކަށް ނެތެވެ. ސޯފިޔާ ހުރި ހިނި އައިސްފައެވެ. މިޝެލިން އަކީ ލާނެތް ގަނޑެކެވެ. މާޒިން ހުއްޓަސް ބައެއްފަހަރު ކިޔަންވާ އެއްޗަކަށް ފަސްޖެހުމެއް ނޯންނާނެއެވެ.
ސޯފިޔާ ފަރާޓާ ފިހެ ނިމެންވާއިރަށް މާޒިން ގެއަށް އައެވެ. ސޯފިޔާގެ މޫނުމަތިން މިއަދު ފެންނަނީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. އޭނަ މިހާރު މާލޭގެ ދިރިއުޅުމަށް ހޭނިއްޖެއެވެ. އޭނަ އާއި މާޒިން އަދި ދެކުދިންނާއި އެކުގައި މިގޮތަށް އުޅުމަކީ ސޯފިޔާގެ ހުވަފެނެވެ. ކޮންމެ ތަނެއްގައިވެސް އޭނަ ބޭނުމީ އެކަނިވެރި ދިރިއުޅުމެކެވެ. އެކުޑަ ކުޑަ އާއިލާގެ ތެރެއަށް އިތުރު މީހުން ވަނީމަ މައްސަލަ ޖެހޭނެއެވެ. އޭނަވަނީ އެހިތި ތަޖުރިބާ ނިކަން ރަނގަޅަށް ކޮށްފައެވެ. އެހިތި ރަހަ ދުވަހަކުވެސް ކަރުބުޑުން ފިލައިގެނެއް ނުދާނެއެވެ. މިހާރު ސޯފިޔާ ގަބޫލުކުރަނީ އޭނަގެ ހުވަފެން ހަގީގަތަކަށް ވެއްޖެ ކަމަށެވެ. އެމީހުންގެ ކުޑަ ދުނިޔޭގައި ނިކަން އުފަލުން އުޅެވިދާނެއެވެ. ސޯފިޔާ މާ މުއްސަނދި ދިރިއުޅުމެއް ބޭނުމެއް ނުވެއެވެ.
"މާޒިން، ޝެލް އެހާ ގިނައިން ކާއިރު ފަލަނުވަނީ ކީއްވެތަ؟ ހާދަ ހިއްކޭ، ރޯދަ ވީއްލައިފިއްޔާ އަބަދު އުޅެނީ ކޮންމެވެސް އެއްޗެއް ކައިކައި، އެކަމަކު ބަނޑުހައިވާތީ އޭ ކިޔާފައި އެވަރަށް އުޅޭނެ، އަނެއްކާ އަބަދު ހޫނު ވަނީއޭ ކިޔާފައި ގަނޑުފެން އަޅާނެ، އެއީ މައްސަލައެއް ނޫންތަ؟" ސޯފިޔާ ފަރާޓާ ދަމަން ހުރި އިރު އެހެން ދުވަހަށްވުރެ އަންހެނުންގެ މޫނު އަލިކަން މާޒިންއަށް އެނގުނެވެ.
"ޑޯން ވޮރީ ސޯފީ، ރަނގަޅު ފިޒިޝަން އަކަށް ދަރިފުޅު ދައްކާލާނީ، އެކަމަކު އަހަރެންގެ ޖީންގެ ސަބަބުން ކަމަށްވެސް އެ ވެދާނެ....." މާޒިން ގަދަކަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުވިއެވެ.
"ނަވާމެން ފަދަ ފްރެންޑުން ތިބީމަ ވަރަކަށް ސޭވްކުރެވިއްޖެ ދޯ، އެކަމަކު މިހެން ހުރެލާފައި ކަންނޭގޭ ގޭސްފުޅި ހުސްވާނީ، ރިޒާވަށް އެކަތި ބަހައްޓަން ވާނެހެން ހީވޭ....." ސޯފިޔާ އެކި ވާހަކަތައް ދައްކަމުން ދިޔައިރު މާޒިންގެ ބަސް މަދެވެ. މާޒިންގެ ތޮބީއަތު ރަނގަޅު ނޫންކަން އެނގިގެން ސޯފިޔާ ވެސް ވާހަކަ ހުއްޓާލާފައި މަސައްކަތަކާއިގެން މަޝްޣޫލުވިއެވެ. މާޒިން ޓީވީ ހުޅުވާލައިގެން އެއިން ފޮނުވި ދަރުސް ޕްރޮގްރާމް ބަލަން ފެށިއެވެ. ދީނީ ތަޤުރީރުގައި މަންމަގެ މާތްކަމާއި ބެހޭގޮތުން ދެއްކި ވާހަކަތައް އިވުމުން މާޒިން ފެންކަޅިވެ ލޯ ފޮހެލިތަން ސޯފިޔާއަށް އެނގުނެވެ. އެ މަންޒަރު ސިއްރުން ބެލިކަން މާޒިންއަށް އެނގޭކަށް ސޯފިޔާ ބޭނުމެއްނުވިއެވެ. ނަމަވެސް ސޯފިޔާ އަމިއްލަ ނަފުސް ކުށްވެރި ކުރިއެވެ. ކިތަންމެހާވެސް ބޮޑަށް ހިތަށް އަސަރުކުރިއެވެ. ލޯބިވާ ފިރިމީހާ އާއި މެދު އިންތިހާއަށް ހަމްދަރުދީވިއެވެ.
މާޒިން ފަތިސް ނަމާދު ކޮށްލައިގެން ގެއަށް އައީ ތަންކޮޅެއް ލަހުންނެވެ. ކޮޓަރިއަށް ވަނުމުން އެކަނިވެރިކަން އިހުސާސް ކުރެވުނެވެ. ބަލައިލާ ކޮންމެ ދިމާލަކުން އޭނައަށް އެކަނިވެރިކަން ނޫން އެއްޗެއް ނުފެނުނެވެ. ސޯފިޔާ އޭނަ ގާތުގައި ނިދަން ނޯންނަތާ ކޮން ދުވަހެއް ހެއްޔެވެ؟ ކުދިންނަށް ދެވުނު އިސްކަމެއްގެ ބޮޑުކަމުން އޭނަ މަތިން ސޯފިޔާ ހަނދާން ނައްތާލައިފި އެވެ. ފިރިޔެއް ހުރިކަމެއް ސޯފިޔާ ނުދަނެއެވެ. މާޒިންގެ ހިތުގައި ޝަކުވާ އުފެދުނެވެ. މާޒިން ބޭރުތެރެއަށް ނަޒަރު ހިންގާލިއެވެ. ހާރުކާން ތެދުވިގޮތަށް ސޯފިޔާ ހުރީ ތަށިތައް ދޮވެލާ ހުރިހާ ތަނެއް އޮފުއަރުވާލާފައެވެ. އެއްވެސް ދިމާލަކުން ހިރަފުސް ކޮޅެއްވެސް ނުފެނެއެވެ. މުޅި ހިސާބުގައި އޮރެންޖް އެއަރފްރެޝްނާގެ މީރުވަސް ހިފާލާފައި ހުއްޓެވެ. މާޒިން ގޮސް ކުދިން ނިދާ ކޮޓަރީގެ ދޮރުމައްޗަށް ހުއްޓުނުއިރު ސޯފިޔާ އާއި ދެކުދިން ތިބީ ގަދަ ނިދީގައެވެ. އެނދު ހަނިކަމުން ތިން މީހުންނަށް ތިބެވެނީ ކިރިޔާއެވެ. ސޯފިޔާ ކިރިޔާ ފުރޮޅިލިޔަސް ބިންމައްޗަށް ވެއްޓިދާނެހެން ހީވިއެވެ. މިޝެލިން އޮތީ މަންމަގެ ގައިމައްޗަށް ފައި އަރުވާލައިގެންނެވެ. މިލީނާ އޮތީ ކުއިލްޓް ތެރޭގައި ފޮރުވިގެންނެވެ. އޭސީ ގެ ފިނިކަމަށް މިލީނާއަށް ކެތްނުކުރެވެނީ ކަންނޭގެ އެވެ. މިޝެލިންއަށް ވުރެ މިލީނާ މާ ނާޒުކެވެ. ކުދިންގެ ޅަކަމާއި ދޭތެރޭގައި ވިސްނާލުމުން މާޒިންގެ ހިތް ފުރުނެވެ. ސޯފިޔާ އެކުދިން ހިމާޔަތް ނުކުރާންވީ ކީއްވެ ހެއްޔެވެ؟
ސޯފިޔާ ރޭ އަޅުކަމުގައި ހުރެފައި ނިދަނީ ހެދުނު އެވެ. ރޯދަ މަސް ނޫންނަމަ އޭނަ މިގޮތަށް ދެފައި ދަމަދަމާފައި ނިދާކަށް ނެތީހެވެ.
މާޒިންގެ ހިތުގައި ވި ޝަކުވާ އެއްފަހަރާ ފިލައި ހިތް ސާފުވިއެވެ. ސޯފިޔާ ފަދައިން އޭނަވެސް ޖެހޭނީ ކުދިންނާއި ދޭތެރޭގައި ވިސްނުމަށެވެ. ގުރުބާން ވުމަށެވެ. ސޯފިޔާ މާޒިންގެ އެނދުގެ އަރާމާއި ހިތްހަމަޖެހުން ދޫކޮށްލާފައި މިހާ ދަތިކޮށް އޮވެ އެ ނިދަނީ ހަމަ ކުދިންނާއި ދޭތެރޭގައި ވިސްނާލެއް ބޮޑުކަމުންނެވެ. އެކަމާއި އޭނަ ވާންވީ އުފަލެވެ. ކުޑައިރުއްސުރެ އެކުދިން ރައްކާތެރި ކަމާއި ހިމާޔަތް ދީގެން ޒުވާން ކަމާއި ހަމަޔަށް ގެނެސްދިނީތީ އޭނަ ހިތާހިތުން އަންހެނުންނަށް ޝުކުރުވެރިވިއިރު މާޒިންގެ ދެލޮލުގައި ކަރުނަ ގިނަވެފައިވެއެވެ. ސޯފިޔާ އާއި ދެކުދިންނަކީ އޭނަގެ ދުނިޔެއެވެ.
މާޒިން ސޯފިޔާއަށް ކަމެއްކޮށްލަ ދޭހިތުން މޮޕްކޮށްލަން ބަލާލި އިރު ތަޅުންމަތި ފޮހެ، މޮޕްކޮށްލާފައިވެއެވެ. މެޝިންކާރީގައި ހުރި ދާ ވަށިގަނޑު ހުރީ ހުހަށެވެ. ސޯފިޔާ އެހެރީ ހުރިހާއެއްޗެއް ދޮވެ ނިންމާފައެވެ. އަޅުކަމުގައި އެތައް ވަގުތު ހޭދަކުރާއިރު ގޭގެ އެއްވެސްކަމަކަށް ސޯފިޔާ ބުރޫ އަރުވާފައެއް ނުވެއެވެ. އެހާ ރަނގަޅު އަންބެއް އެއްވެސް އިންސާނަކަށް ލިބޭނެކަމެއް ނޭގެއެވެ. އެކަމަކު މާޒީގެ ހިތި ހަދާންތައް އާވުމާއިއެކު މާޒިން ބޮލުގައި ދެއަތުން ހިފެހެއްޓިއެވެ.
މިޝެލިން ހުންނަނީ އިއްބާނު ފޮނުވާ ލޯބި މެސެޖްތަކުގެ ސަބަބުން ހައިރާންވެފައެވެ. މަންމަ ފޯނުބަލައިފާނެތީ ބިރުން އެ މެސެޖްތައް ފޮހެލަން މަޖުބޫރުވާތީ މިޝެލިން އެއިން ކޮންމެ މެސެޖެއްގައި އޭނަ ގެންގުޅޭ ރީތި ނޯޓްފޮތުގައި ލިޔެލައެވެ. އިރުއިރުކޮޅާ އެ ފޮތް ހުޅުވާލައިގެން ކިޔާލެވެއެވެ. އެއީ ހެދުނުގެ ސަލާމްކުރަން ފޮނުވި މެސެޖެއް ނޫނީ ނިދަގަޑީގައި ފޮނުވި މެސެޖެއްކަމުގައި ވިޔަސް ހަދާންވާވަރާއި، ރުހޭވަރު ކޮންމެ މެސެޖަކުން އިއްބާނު އަންގާދީފައި ހުރެއެވެ. މެސެޖް ނިންމާލަމުން ހަގްސް ނޫނީ ލަވް އޭ އޮވެއެވެ. މިޝެލިން އިއްބާނު ދިން ބެއަރގެ އަތުގައި ކެވެލިކޮޅު އަޅުވާލާފައި އޭގެ ކައިރީގައި އެ ނޯޓޮފޮތް ބަހައްޓާފައި އަލަމާރި ތަޅުލައިގެން އުޅެނީ ފަރުވާތެރި ކަމާއި އެކުގައެވެ. ނަސީބަކުން މަންމަ އަދި އެކަމާއި ސުވާލެއް ނުކުރެއެވެ.
މިލީނާ ފެންވަރާލައިގެން ނިކުތީ ތުވާލި އޮޅާލައި ގެންނެވެ. ފަންއިސްތަށިގަނޑުން ފައިބަމުން ދިޔަ މުތީތައްފަދަ ފެންތިކިތައް އެ ދޮން ކަނދުރާގައި ބޮސްދެމުން ތިރިއަށް އަންނަގޮތަށް އޭނަގެ ހަށިގަނޑު ފޮރުވާލެވިފައިވާ ތުވާއްޔަށް އޮބެމުން ދިޔައެވެ. މިލީނާއަށް އިހުސާސް ނުކުރެވުނަސް އޭނައަކީ ރީތި އަންހެންކުއްޖެކެވެ. މިލީނާ ފައިގައި ހާކާ ކްރީމެއް ނަގައިގެން އެ ލާންފެށިއެވެ. އޭރުވެސް މިޝެލިން ވާހަކަ ފޮތެއް ހުޅުވާލައިގެން އޮތެވެ.
"މިލީ، މިފަހަރު އީދު ސެލެބްރޭޓް ކުރަން ފަޅުރަށަކަށް ދާން ހިނގާ...." މިޝެލިން އިއްބާނުގެ މަތިން ހަނދާން ކުރިއެވެ. އިއްބާނު މިޝެލިން ގޮވައިގެން އެފަދަ ތަނަކަށް ނުދެވިގެން ހާދަ ވަރެއް އެބަވެއެވެ. އިއްބާނު ރޭގައި އޭނަ ގާތުގައި ބުނީ ފަޅުރަށެއްގައި ހަނދުވަރުގެ އަލީގައި ހިގާލަން ދިޔުމުގެ ވާހަކައެވެ.
"ދަތުރު ގޮއްސަ ބާބެކިއު ހަދަން ބައްޕައަށް ކޮންވިންސް ކުރާނީ، އީދަށް ހެދުން ގަންނަން ޝޮޕިންއަށް ދިޔުންވެސް އެބައޮތެއްނު، އެހެންނޫނަސް މި ޑިއޯ އާއި ލޯޝަން ފުޅިތައްވެސް ހުސްވީ، މަސްކަރާ ވެސް ބޭނުން......." މިލީނާ ޑްރެސިންޓޭބަލް މަތީގައި ހުރި ޑިއޮޑެރެންޓް ފުޅި ނެގިއެވެ.
"އެލްމިނިއަމް އަދި ޕެރެބެން ކިޔާ އިންގްރީޑިއެންޓް ތި ޑިއޯ، ލޯޝަން އެއްޗެހީގައި ހުންނަކަން އެނގޭތަ؟ އެއިން ބްރެސްޓް ކެންސަރު ޖެހޭ، ވީމަ ތި ސްޓަފް ޔޫޒްނުކޮށްބަލަ ދޮންތީ، އަހަރެމެން ފެމިލީ ހިސްޓްރީ އޮތީމަ އަދި ވަކިން ބިރު ބޮޑުވާނެ......." މިޝެލިން އެހެން ބުނީމަ މިލީނާގެ ޅަހިތަށް ބިރުވެރިކަން ވަނެވެ. މިޝެލިން އެހެން ބުނުމުގެ ކުރިން މަންމަ ފަރާތު އާއިލާގައި ކެންސަރު ޖެހިގެން މީހުން މަރުވެފައިވާކަން ހަނދާނެއްނެތެވެ. މަންމަ އެހާ އަޅުވެރިކޮށް އުޅުމުގެ އެއް ސަބަބަކީ އެއީކަމަށް ވެދާނެއެވެ. އަނެއްކާ މިޝެލިންއަށް ގޮތް ނޭގޭ ގޮތްތަކެއްވަނީ އެފަދަ ކަމެއް ހުރީހެއްޔެވެ؟ އިރާދަކުރެއްވިއްޔާ އެހެނެއް ނުވާނެއެވެ. މިލީނާ ހިތާހިތުން ދުޢާކުރިއެވެ.
މިލީނާ އެ ފުޅީގެ ބޭރު ކިޔަވާލާފައި ހިނިތުންވެލިއެވެ. ނަސީބަކުން މިޝެލިން އެބުނި ބިރުވެރި ނަމެއް މި ބްރޭންޑަކު ނެތެވެ.
"ކެންސަރު ޖެހެން ހުރި މީހަކު މަރުވާނީ އެބަލީގައި، އެހާ ވޮރީކުރާކަށް ނުވާނެ، ކެމިކަލް ނާޅާ އެއްޗެއް ކެވޭކަމަކަށްވެސް ނުވޭ، މިއީ އެކާވީސް ވަނަ ގަރުނު އެހެންވީމަ ދެން ހުރިހާ ކަމެއް ދިމާވާނެ....." މިލީނާ ގެ ހިތަށް ބިރުވެރިކަން ވަން ނަމަވެސް ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރިއެވެ.
"އެހެނޭ ކިޔާފައި ސިގްރެޓްވެސް ބޯންވީތަ؟ އެބަލި ޖެހުނީމަ ހިތަށް އަރާނެ ކުރިން ހުއްޓާލެވުނު ނަމަޔޭ، ރާއްޖޭގައި ކެންސަރު މާގިނަވާ ސަބަބެއް ރިސާޗްކުރަން ބަޔަކު އުޅޭނެނަމަ، ރާއްޖޭގައި އެކަނި ނޫން ކެންސަރު ގިނައީ، ދުނިޔޭގައި ކޮންމެ އަހަރަކު ހަތް މިލިއަން މީހުން ކެންސަރު ޖެހިގެން މަރުވޭ، މަންމަ ބުނީ ތަރުކާރީ އާއި ފުރުޓް ނުކައި ޖަންކް ފުޑް ކާތީ ކަމަށް، ހެހެ މިލީ، މިވަރަށް ކެންސަރާއި ބެހޭގޮތުން އެގުނީ އަހަރެން އެސައިންމެންޓެއް ހަދަން ޖެހުނީމަ، އެކަމަކު އަހަރެން އެއްވެސް ކަމެއް ނުކުރަން، އެސައިންމެންޓް ހަދާދިނީ ކާކުކަން އެނގޭތަ؟ ބެން. ހީޒް ސޯ ސްވީޓް...." މިޝެލިން ފޮތް އެއްލާލާފައި ޓެޑީ އާއި ބައްދައިލަމުން ހިނިތުންވެލިއެވެ.
"ތިގޮތަށް ފްރެންޑުންގެ އެޑްވާންޓޭޖް ނުނަގަބަލަ...." މިލީނާ ލޯޝަން ފުޅީގެ ބޭރު ކިޔަންފެށިއެވެ.
"ބެން ކޮށްދޭހިތުން ހުރީމަ މައްސަލައެއް ނޫނެއްނު، އެއްކަލަ ޕެނިކީ ކުއްޖާ ދެން ފެންނަ ކޮންމެ ފުޅިއެއްގެ ބޭރު ކިޔަވާނެކަން ޔަގީން، ޖަޒް ރިމެމްބަރ ދަ ނޭމް ޕެރެބެން، އެއީ އެންމެ ނުރައްކާތެރި އެނެމީ......" މިޝެލިން ހޭންފެށިއެވެ. ދެކުދިން އަމިއްލަ ވާހަކަތަކެއްގައި ތިބިއިރު މިޝެލިން އިރުއިރުކޮޅާ ޚިޔާލީ ދުނިޔެއަކަށް ގެއްލެއެވެ. ނޭގި ނަމަވެސް މިޝެލިންގެ ސިކުނޑީގައި އިއްބާނުގެ ރީތި ސޫރަ ކުރެހިއްޖެއެވެ. އިއްބާނުގެ ރީތިކަމާއި، ފިރިހެންވަންތަ ކަމާއި މެދު ވިސްނައިލަން މަޖުބޫރު ވެއްޖެއެވެ.
މިޝެލިން އާދައިގެ މަތިން އިއްބާނު އާއި ވާހަކަދައްކަން ދޮރު ކައިރީގައި ހުއްޓާ އެ ގޯޅިގަނޑުން ދެތިންމީހުން ހިގާލައިފައި ދިޔައެވެ. ކޮންމެ މީހަކު ހުއްޓިލާފައިވެސް ބަލާތީ މިޝެލިން ފޫހިވިއެވެ. މިޝެލިން ކިތަންމެ ސާދާކޮށް ހުއްޓަސް އެ ރަތް އަލީގެ ތެރެއިން ފެންނަލެއް އެހާ ލޯތްބެވެ. ވިހުރުވާލާފައިވާ އިސްތަށިގަނޑު އެގޮތް މިގޮތަށް އުދުހިގެން މޫނަށް ގޯނާކުރާއިރު އަތުން ރީތިކޮށްލާ ގޮތް އެހާ ނަލައެވެ. މޫނަށް އަރާފައި ވަނީ މަޑު ރަތްކުލައެކެވެ.
"ޝެލް، އަހަރެން ބޭނުން ވާހަކައެއް ބުނަން، އެކަމަކު މިގޮތަކަށް ނޫން، ސްޕެޝަލް އޮކޭޝަނެއްގައި ބުނަން ބޭނުމީ..." އިއްބާނު ދޮރުގައި އަތް އަޅުވާލައިގެން ހުރިއިރު މޫނުގައި ސީރިޔަސް ކަމެއްވިއެވެ.
"އަހަރެންގެ ސެވެންޓީންތް ބާތުޑޭ ކައިރިވެއްޖެ، އެދުވަހަކުން ބުނާނީ ދޯ...." މިޝެލިން އެއްލޯ މަރާލިއެވެ.
"ލާނެތް ކުއްޖާ ގަނޑު..." އިއްބާނު އެ ކުޑަ ނޭފަތުގައި ވިކާލާހިތްވިއެވެ. އެކަމަކު މިޝެލިން ރުޅިއަރުވާލާކަށް ނުވާނެއެވެ. އޭނަ ކެތްތެރިވާނެއެވެ. ކެތްތެރިކަމުގެ މޭވާ ފޮނިވާނެއެވެ. މިޝެލިންގެ ހިތަށް އެ ޖުމްލައިން ބުނަން ނޭގޭފަދަ އުފަލެއް ލިބުނެވެ. ކުއްލިއަކަށް މިޝެލިންއަށް ފެނުނު މޫނަކުން ހީވީ ހިތަށް ފެން އެއްޗެއް އޮއްސާލެވުނު ހެންނެވެ. އޭނަ ދުވަހަކު އެހާ ބޮޑު ބިރެއްނުގަނެއެވެ. ހީވީ ނޭވާ އެތެރެހަށީގައި ތާށިވިހެންނެވެ.