ފަނޑުއަލީގެ ތެރެއިންވެސް މިހުރާންގެ ސޫރަ ރީތިކަމުން ދެކޭ ކޮންމެ މީހެއްގެ ހިތް ތައުރީފު ކުރުވާހާވެއެވެ. ހަވާއީ ގައި ސަރފް ކުރަން އުޅެފައި އައުމުން އަދި ހަމުގެ ކުލަ ޓޭންވެލާފައި ވުމުން ފިރިހެންވަންތަކަން އިތުރުވެފައި ވެއެވެ. އެތޫނު ދެލޮލުގައި ހުރި ގޮތަކުން އެލޮލަށް ބެލުމަކީ އަންހެން ކުއްޖަކަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. ފެންނަ ފެނުމުގައި މިހުރާން ހީވަނީ މާތް ރަނގަޅު ޒުވާނެއް ހެނެވެ. އިސްތަށިގަނޑު ކުރުކޮށް ކޮށާލައިފައި، ހުރުމާއި މޫނުމަތީގެ ރީތިކަންވެސް އެހާމެ ފުރިހަމަ އެވެ. އެކަމަކު އެ ރީތިކަމުގެ ފަހަތުގައި ފޮރުވިފައިވާ ރުޅިގަދަ މިޒާޖާއި، ސިޔާސަކަން އާއިލާގެ މީހުންނަށް ނޫނީ އެނގިފައެއް ނުވާނެ އެވެ.
"ގްރޭން ބުނި ކޮންމެ ކަމެއްކޮށް ދޭނަން...." މިހުރާން ޒަހާރާގެ ގާތުގައި އިށީނދެ ކުޑަކޮށް ބައްދައިލުމުން ޒަހާރާގެ މޫނު ވަކިން އުޖާލާވިއެވެ.
އެކޮޓަރީގެ ތެރޭގައި އެންމެން ސިއްރުން ސައްލާކޮށް، ޚިޔާލުތަކެއް ބަދަލުކުރެވުނެވެ. ދުވަސްވީ މީހުން ގެ ޚިޔާލަކަށް ޒުވާނުންގެ ތާއީދު އެހާ ފަސޭހައިން ނުލިބޭނެއެވެ. މީހަކާއި އިނުމުގެ ކުރިން ބައިވެރިޔާއަކީ ކާކުކަން ދަސްކޮށް އެކީގައި ހަޔާތުގެ ބާކީ އޮތްބައި ވޭތުކުރެވިދާނެފަދަ ކުއްޖަކަށް ވުން އެމީހުންނަށް މުހިއްމު ވާނެ އެވެ. މިހުރާންގެ ޚިޔާލު ތަފާތުވިޔަސް އެންމެންގެ ދުޢާއަކީ އެމީހުންގެ ރޭވުން ކާމިޔާބު ވުމެވެ.
ގޯލްޑެން ފްލޭމްގެ މެމްބަރުން ކަންތައްތަކެއް ނިންމަމުން ދިޔައިރު އަނެއްކޮޅުން ސޯފިޔާ އާއި، އާމިރާ ތިބެނީ އަބަދުހެން ފޯނުން ގުޅާލައިގެންނެވެ. ސޯފިޔާ ފޯނުގައި އިންނަ އިރު ހީވަނީ ދުނިޔޭގެ ހުރިހާ އުފާތަކެއް އޭނަގެ ފަސްބަޔަށް އެޅިފައިވާހެންނެވެ. އާމިރާގެ ފިރިމީހާ މަރުވުމަށްފަހު އެތައް އުދަގުލުން ދަރިން ބަލާ ބޮޑުކުރުމަށްފަހު އޭނައަށް ހަމަޖެހޭ ދިރިއުޅުމެއް ލިބުނީ އަދި ކިރިޔާއެވެ. މިވަގުތު އާމިރާ ބޭނުމީ އޭނަގެ ދައްތަގެ ދަރިންނަށް ޖަވާހިރުފަދަ ފިރިހެންކުދިންތައް ހޯދަދިނުމެވެ. އޭނައަށް ލިބުނު ނަސީބުން ބަޔެއް އެކުދިންނަށް އެޅުމަށެވެ.
ޖެހިގެން އައިދުވަހުވެސް މިޝެލިން ގޯލްޑެން ފްލޭމްއަށް ޒިޔާރާތް ކުރިއެވެ. އޭނަގެ ނަސީބު އެހާ ރަނގަޅެއް ނުވިއެވެ. ޒަހްރާން އަކާއި ބައްދަލެއް ނުކުރެވުނެވެ. އެކަމަކު އެލީސާ ގާތުގައި އިން ޒެފަން އާއި އެކު ސަކަރާތް ޖަހައިލާނެ ވަގުތުކޮޅެއް ލިބުނެވެ. މިޝެލިން އެގޭ ގަހުން މާ ބަދެލައިގެން ގެއަށް އައިގޮތަށް އެނދަށް ވެއްޓިގަނެގެން ނިޔަފަތި ހަފަންފެށިއެވެ. އެހެން އޮވެ މިޝެލިން ވިސްނަނީ ކޮންކަމަކާއި ބާވައޭ މިލީނާގެ ހިތަށް އެރިއެވެ. ކުޅުދިޔާވާފާދަ މީރު އެއްޗެހި ގެނައިމަވެސް އެހެން ދުވަހު ހަދާހެން ރޯދަ ވީއްލުމުގެ ފަނަރަ މިނިޓްކުރިން ކުރިމަތީގައި އެއްޗެހި އަތުރާލައިގެން އިންނަ ކުއްޖާ އެކަމެއް ކުރާކަށް ނޫޅުނެވެ. މިލީނާ ހުރީ ބޯދޮވެލައިގެން ބޮލުގައި ތުވާލި އޮޅައިލައިގެންނެވެ. މިލީނާގެ ބޮލުގައިވާ ތުވާލި ނައްޓައިލުމުން އެ ފަންއިސްތަށިގަނޑު މޫނަށް ފައިބައިގަތެވެ. ޖެހިލާ ލުއި ވައިރޯޅި އަކުން ވެސް އުދުހިލާހާ ފަން ފަން އިސްތަށިގަނޑެކެވެ.
"ކޯންޗެއްތަ ތި ވިސްނަނީ؟ މިއަދު އެގޭގައި ކޮންކަމެއް އޮތީ؟" މިލީނާ އަހާލައިފި އެވެ.
"ނަތިން......" މިޝެލިންއަށް އޭނަގެ ހިތް ހުޅުވާލާކަށް ނުކެރުނެވެ. އިއްބާނު މަތިން މާވަރަށް ހަދާންވާ ވާހަކަ ބުނާކަށް ނުކެރުނެވެ.
"އެގެއަށް ދެވުނީމަ ދޮންތީވެސް ވަރަށް އުފާވި، އެންމެން ވަރަށް ރަނގަޅު، އެކަމަކު ނޯޓިސްވި ތަންކޮޅަކީ އެންމެން ރިލިޖަން އާއި ދުރުކަން، ރޯދަމަހު ބާރަކަށް ލަވަ ޖަހާލައިގެން ތިބީމަ ވަރަށް ހިތްހަމަނުޖެހުނު، އަދި ޒިލާ ޑްރެސް ކޮށްލައިގެން ހުރިގޮތް ކަމަކުނުދޭ، މާމަމެން އެކަކުވެސް ބުރުގާ އަޅާފައެއް ނެތް......" މިލީނާ ބޭންޑެއް ބޮލުގައި އަޅާފައި އިސްތަށިގަނޑު މޫނަށް ނުވެއްޓޭ ގޮތަށް ހަދާލައިފި އެވެ.
"އެކަމަކު އަހަރެން ކޮންމެ ދުވަހަކު އެގެއަށް ދާން ބޭނުން...." މިޝެލިން ގެ ހިތުން އެންމެން ވަނީ ޖާގަ ހޯދާފައެވެ. ޒަހުރާންވެސް ހާދަ ރަނގަޅެވެ. އޭނަ އާއި ވާހަކަދެއްކީ ހާދަ ގާތްކޮށެވެ. އެ ހިނިތުންވުން ހާދަ އޯގާތެރި އެވެ. ޒަހްރާނުގެ މޫނާއި، ސިފަތަކުން އިއްބާނު ހަދާންވާ ކަހަލަ ގޮތެއް ހުރުމުން ޒަހްރާނު ޚާއްސަވީ ކަންނޭގެ އެވެ. މިޝެލިން އަލަމާރި ހުޅުވާލައިފައި އިއްބާނު ދިން ބެއަރ، އަދި ކެވެލި ކޮޅާއި، އަނގޮޓި ނެގިއެވެ. މިޝެލިން މާޒީގެ ތެރެއަށް ފީނައިގަތް އިރު ތުންފަތުގައި ހިނިތުންވުމެއްވިއެވެ.
"އެކަމަކު އަހަރެން ދެން އެގެއަކަށް ނުދާނަން، މިހާރު މާމަމެންނާއި ބައްދަލު ކުރެވިއްޖެ، އެހެންނޫނަސް މަންމައަށް އެނގިއްޖެއްޔާ ހިތްހަމަނުޖެހޭނެ ކަން ޔަގީން، މަންމައަށް އެގެއެއްގައި އުޅުމުގެ ހައްގު ނުދޭ ބަޔެއްގެ ކާރިއަށް މަންމައަށް ސިއްރުން ވިޒިޓް ކުރުމަކީ ކޮންކަހަލަ ކަމެއްތަ ޝެލް، އަހަންނަށް އެނގޭ ބައްޕަ އެގޮތަށް އެދިލައްވާކަން އެކަމަކު އެގެއަށް ދިޔުމުން ވަރަށް އެހެންގޮތަކަށް ފީލްވި، ދެން ނޭގޭ. ލައިކް އައި ޑޯންޓް ބިލޯންގް ދެއަރ..." މިލީނާ ހަރުގައި ހެދުން އަޅުވާފައި، ރީތިވާ މޭޒުމަތި ތަރުތީބު ކުރަން ފެށިއެވެ.
"ވަޓް..." މިޝެލިން ހައިރާންވިއެވެ. އެވަގުތު ކޮންމެވެސް މީހަކު ދޮރުގައި ޓަކިދިނުމުން ދެކުދިން ސިހުނެވެ. ޔަގީނުން ވެސް އެއީ މަންމަ އަދި ބައްޕައެއް ވެސް ނޫނެވެ. ދޮރުގެ ބިއްލޫރި ގަނޑުން ފެންނަން ހުރި ހިޔަނިން އެކަން ޔަގީންވިއެވެ. މިޝެލިން ވިދާލި ވިދުވަރެއްހެން ގޮސް ފާޚާނާއަށް ވަދެ ދޮރު ތަޅުލައިފި އެވެ. މިލީނާ ބިރުން ހުރެ އަވަހަށް ކަޅުހެދުން ނަގައި ބޮލުން ވައްޓާލައިފި އެވެ. އޭރު އޭނަގެ މޭތެޅެމުން ދިޔައީ އިންތިހާ އަށެވެ. އޭނަގެ މައިންބަފައިން ކޮބާ ހެއްޔެވެ؟ ވަގުން ތަކެއް ވަދެ އެމީހުންނަށް ގޮތެއް ހަދާލާފައި އެމީހުން ތިބި ހިސާބަށް ވަދެގަތީ ހެއްޔެވެ؟ ދެ ޚިޔާލެއްގައި ހުރެ މިލީނާ ކުރިއަށް އެއް ފިޔަވަޅު އެޅިއެވެ. ކޮޓަރީގެ ދޮރުމަތީގައި ހުރީ ބޮޑުދައިތަ އާމިރާ އެވެ. އާމިރާ ހުރިހާ ދަތްތައް ފެންނަވަރަށް ހެވިލާފައި ހުރެ ކޮޓަރިއަށް ވަދެއްޖެއެވެ.
މިޝެލިންއަށް ވެސް އެކުދިންނާއި ބައްދަލު ކުރަން އައިސްފައި ހުރީ ބޮޑުދައިތަކަން އެނގުމުން ފާޚާނާ އިން ނިކުމެއްޖެއެވެ. މިޝެލިން އާއި މިލީނާ ރޯދަވީއްލަން ނިކުމެ އެތާ ތިބި ދެ ޒުވާނުން ފެނުމުން ކަންބޮޑުވިއެވެ. އެއީ ބޮޑުދައިތަގެ ދޮންދަރިން ކަމަށް ބުނެ މިލީނާމެންނަށް އެ ޒުވާނުން ތައާރަފު ކޮށްދިނެވެ. ޒައިން އާއި ރާހިލް އާއި ދެ ޒުވާނުން ކުރެ ބޮޑަށް ރީތިވެފައި، ހިތްދަމައިގަންނަ ގޮތެއް ހުރީ ރާހިލްގެ އެވެ. ފަން އިސްތަށިގަނޑު އޮތީ ކުޑަކޮށް ދިގުކޮށްލާފައެވެ. ބުމަ ގަދަވެފައި، ކަޅި ކަޅުކަމުން ދެލިކޮޅެއްފަދައެވެ. ކުޑަކޮށް ތުބުޅިހުރުމުން ފިރިހެންވަންތަ ކަން ހައްތަހާ ބޮޑީއެވެ. އަނެއްކާ ގާނޫނީ ވަކީލުކަން ކިޔަވައިގެން ހުރުމުން އޭނައަށް ގަދަރުކުރެވޭފަދަ ގޮތެއްވެސް ހުއްޓެވެ.
ގިނައިން ވާހަކަ ދެއްކީ މާޒިން، ސޯފިޔާ އަދި އާމިރާ އެވެ. މިޝެލިން ހީވަނީ މަންމަން ކުއްޖެއް ހެންނެވެ. އޭނަ އިނީ ފޫހިވެގެން ގޮސް ހަލާކުވާވަރުވެފައެވެ. އެތަނުން ތެދުވެގެން ދާން ބޭނުންވެފައެވެ. ބޮޑުދައިތަ އެ ޒުވާނުން ގެނައީ ކޮން ނިޔަތެއްގައި ކަން ވިސްނޭތީ ވަކިން ބޮޑަށް ފޫހިވިއެވެ. އެކަމަކު މެހުމާނުންގެ ކުރިމަތީގައި އޭނަ މަޑުމައިތިރި ކަން ޚިޔާރުކުރިއެވެ.
މާޒިން ހިނިތުންވެލާފައި ވާހަކަދައްކަން އިންގޮތުން އެޒުވާނުންނާއި އޭނަ ރުހޭކަން ސޯފިޔާއަށް ޔަގީންވިއެވެ. ފޯނު ރިންގުވާން ފެށުމުން މާޒިން ފޯނު ހިފައިގެން ގޮސްވަނީ ކޮޓަރި އަށެވެ. އެއީ އެންމެންނަށް ސިއްރު ކުރާފަދަ ފަރާތަކަށް ނުވާނަމަ އެއްފަރާތަކަށް ޖެހިލުމުގެ ބޭނުމެއް ސޯފިޔާ އަކަށް ނުފެނުނެވެ.
މަންމަ ގުޅާފައި ދެއްކި ވާހަކައަކުން މާޒިންގެ އަނގައިން ބަސްހުސްވެ، ހާސްވިއެވެ. މިލީނާމެންގެ ކައިވެންޏަށް ހުށަހެޅި ބަޔަކަށް ގާތްގަނޑަކަށް އާއެކޭ ބުނެފައި ދެން ބަދަލު ކުރުމަކީ ފަސޭހަކަމަށް ވާނެ ހެއްޔެވެ؟ އެކަމަކު މަންމަގެ ކުރިމަތީގައި ނޫނެކޭ ބުނެ މަންމަގެ އެދުމުގައި ކޮޅުފައިން ޖަހާކަށް ނުކެރުނެވެ.
"މިލީނާ ގަބޫލުވެއްޖެއްޔާ އަޅުގަނޑުގެ މައްސަލައެއްނެތް މަންމާ..." މާޒިން ނިތްކުރީގައި ފިރުމާލިއެވެ. އޭނަ ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލައި ހުރި އިރު ނިތްކުރީގައި ދާތިކިތައް ވިދައެވެ.
"ނޫން، މައިންބަފައިންނަށް ދަރިންގެ މައްޗަށް ބާރު ހިންގެންވާނެ، މާޒިން މިފަހަރު ބައްޕަ ބުނުއްވާ ގޮތަށް ނަހަދައިފިއްޔާ މަންމަ ދުވަހަކު ހިތްހެވެއް ނުކުރާނަން، މާޒިން މިލީނާއަށް މަޖުބޫރު ކުރޭ..." ޒަހާރާ ހަރުކަށި ވެލިއެވެ. މިއީ ޒަހާރާ މިވީހާތަނަށް ދުވަހަކު މާޒިން އާއި ދިމާލަށް ބުނެފައި ނުވާ ޖުމްލައެކެވެ. ކޮންމެވެސް ސަބަބަކާއި ހުރެ އޭނަގެ މެޔަށް ފިނިވެ، ހިތް ރޫރޫ އެޅިއެވެ. ފެންކަޅިވާ ގޮތްވިއެވެ. އޭނައަކީ ޒުވާން ދުވަސްވަރު މަންމަމެންނަށް އެތައް އުދަގޫތައްކޮށް ހިތުގައި ޖެއްސި ޒުވާނެކެވެ. މިއަދު މަންމަމެން މުސްކުޅިވި ދުވަހު އެންމެ ކަމަކަށް އެދުނީމަ އަނެއްކާ އޭނަ ދެކޮޅުހަދަންވީ ހެއްޔެވެ؟ ނޫނީ މިއީ ކުރިމަތިވި އިމްތިހާނެއް ހެއްޔެވެ؟
"އޯކޭ މަންމާ، މިލީނާ އަހަރެން ބުނާ ގޮތަށް ހަދާނެ، އިރާދަކުރެއްވިއްޔާ ތި ކައިވެނި ކުރެވޭނެ..." މާޒިން ހަތިޔާރު ބެހެއްޓިއެވެ. މާޒިން ބޭރަށް ނިކުމެފައި އޭނަ މިވަގުތު މުހިއްމު ކަމަކު ބޭރަށް ދާންޖެހިއްޖެކަމަށް ބުނެފައި ނިކުތުމުން ސޯފިޔާ އިނީ ލަދުގެންފައެވެ. މާޒިންގެ އަމަލުހުރި ގޮތުން ހިތުގައި ނުބައި ޝައްކެއް އުފެދުނެވެ. އެހާ ރީތިކޮށް އެ ޒުވާނުންނާއި ވާހަކަ ދައްކަން އިންދާ މާޒިން އަށް އައި ފޯނު ކޯލަކުން މާޒިން ބަދަލުވީއެވެ.
ތަރާވީހަށް ފަހުވެސް މާޒިން ގެއަކަށް ނާދެއެވެ. ފޯނު އޮތީ ނިވާލާފައެވެ. ސޯފިޔާގެ ހިތް ޝައްކާއި ވަހުމުން ފުރުނެވެ. ތަފާތު ޚިޔާލުތައް އުދަގޫކުރިއެވެ. ސޯފިޔާ ގަސްތު ކުރީ މިލީނާމެން ގާތުގައި އާމިރާ އައި ބޭނުން ހުށަހަޅައި އެކުދިންނަށް މަޖުބޫރުކުރުމެވެ. ސޯފިޔާ ދުރުދުރުން ވާހަކަ ދައްކަމުންގޮސް ޒައިން އާއި ރާހިލްގެ ރަނގަޅު ކަމުގެ ވާހަކަ ފެށިއެވެ. އަދި އާމިރާ ބޭނުންވަނީ އެ ޒުވާނުންގެ ހަޔާތުގެ ބައިވެރިންނަށް މިލީނާމެން ވުމަށް ކަމަށާއި، ސޯފިޔާ އާއި މާޒިން މިވަގުތު އެއަށް ވުރެ އެދޭކަމެއް ނެތްކަމެއް ބުނެލިއެވެ. މިޝެލިން ވަގުތުން ދެކޮޅު ހެދިއެވެ. މިޝެލިން ބަހަނާއަކަށް ދެއްކީ އޭނަގެ އުމުރުގެ ޅަކަމެވެ. މިޝެލިން ގަދަ ދެއްކުމުން ސޯފިޔާ ރުޅިއައިސްގެން މިޝެލިންގެ މޫނުމަތީގައި ޖެހިއެވެ. މިލީނާ އިނީ ބިރުން ބާލީހުގައި ބައްދާލައިގެންނެވެ. އޭނަގެ ހިތުގައި އަދި ކައިވެންޏަކަށް ޝައުގެއްނެތެވެ. މީހަކާއި އިންނާކަށް އޭނަވެސް ބޭނުމެއް ނޫނެވެ. އެކަމަކު މަންމަގެ ރުޅިވެރި މޫނު ފެނުމުން މިލީނާއަށް މަޖުބޫރުވީ ހިމޭންކަން ޚިޔާރު ކުރުމަށެވެ.
"މިޝެލިން މިއީ ހާދަ ބަސްނާހާ ކުއްޖެކޭ...." ސޯފިޔާގެ ލޮލުގައި ގިނަވެގަތް ކަރުނަތައް ބަންޑުން ވާންފެށިއެވެ. މިޝެލިން އެވަރުންވެސް ރުޅި މޫނު ދައްކައެއް ނުލައެވެ. އެކަމަކު އެ ދޮންމޫނަށް ސޯފިޔާ ވީއްލާލި އެތިފަހަރުގެ ސަބަބުން މޫނު ރަތްވެފައިވާއިރު، ހައިރާންކަމުގެ ކުލަފެނުނެވެ. މަންމަ އޭނަގެ ގައިގައި ތަޅާފައި ކޮންމެ ފަހަރަކު ރޯންޖެހޭ ސަބަބެއް މިޝެލިން އަކަށް ނޭގުނެވެ. އޭނަވެސް ވަނީ ކޮންމެވެސް ވަރަކަށް ދީން ކިޔަވާފައެވެ. ކައިވެނީގެ ޝަރުތުތަކުގެ ތެރޭގައި އަންހެންކުއްޖާގެ މަޖުބޫރު ކަމެއްނެތުން ހިމެނޭކަން އޭނަ ދަނެއެވެ. މިޝެލިންއަށް އެނގިފައިވާ ގޮތުން މަޖުބޫރުން ކުރުވާ ކައިވެންޏެއް ސައްހައެއް ނުވާނެ އެވެ. ލޯބިނުވާ ބައިވެރިޔަކާއި އެކު ހަޔާތް ވޭތުކުރަން ޖެހޭނީ މައިންބަފައިންނެއް ނޫނެވެ. އޭނަގެ މަންމަ އާއި ބައްޕަ ވެސް "ރޯމިޔޯ ޖޫލިއަޓް" ވެގެން އުޅެފައި ކުދިން ގެ ދިރިއުޅުން އަލިފާނުގެ ތެރެއަށް ވައްޓާލަން އުޅެނީ ކީއްވެ ހެއްޔެވެ؟ އެކުދިންނަށް ލޯބިވުމުގެ ފުރުސަތު ނުދޭން އުޅެނީ ކީއްވެ ހެއްޔެވެ؟ އެވަރު މައިންބަފައިންނަށް ވިސްނޭނެ ނަމައެވެ.
ސޯފިޔާ ސިޓިންރޫމަށް ނިކުތް އިރު ބޮޑުކޮޓަރީގައި ވަނީ ނިދާ ބޮކީގެ ފަނޑު އައްޔެވެ. ސޯފިޔާ ސޯފާއަށް ތިރިވިގޮތަށް ބޮލުގައި ދެއަތުން ހިފަހައްޓައިގެން އިންދާ މާޒިން ގެއަށްވަނެވެ. މާޒިން ސުވާލެއް ކޮށްލާއިރަށް ސޯފިޔާގެ ލޮލުގައި ގިނަވެފައިވާ ކަރުނަތައް އެސްފިޔަތަކަށް ނުކުޅަދާނަވެގެން އޮހިގަތެވެ. ކޮޅިގަނޑަކަށްފަހު ކޮޅިގަނޑެއް އުފެދެމުންގޮސް ތޫފާނެއް ބޯމަތިވީކަން މާޒިންއަށް އެނގުނެވެ. މާޒިންގެ އެންމެ ބޮޑު ހިތާމައަކީ އޭނަގެ ކުދިން މިކޮޅިގަނޑުގައި ޖެހޭނެކަން ޔަގީންވީމައެވެ. ސޯފިޔާ މިޝެލިންގެ ވާހަކަ ކިޔައިދިންއިރު ދޭތެރެ އަކުން ލޯފޮހެލިއެވެ.
"ސޯފީ، އާމިރާ ގާތުގައި ބުނަންވީނު ޝެލް ގަބޫލެއް ނޫނޭ، ސޯފީއަށް ޖަވާބުދޭން އުދަގުލިއްޔާ އަހަރެން ބުނެފާނަން..." މާޒިން ގެ ވާހަކަ ހުރިގޮތުން ސޯފިޔާގެ ކަރުނަތައް ހިކުނެވެ. ޝޮކެއް ލިބި، ގަނޑުވެފައި އިނދެވުނެވެ. މާޒިންގެ ވާހަކަ އެހެން ހުރިއްޔާ މިޝެލިންއަށް ލިބޭނެ އިތުރު ހިތްވަރަކަށް ވާނެއެވެ.
"އަހަރެން އޮތީ އެކަމަށް އެއްބަސްވެ ހުރިހާ ކަމެއް ނިންމާފައި، އީދު ދުވަހު އެގެއަށް ދާން އާމިރާ ވަނީ ދައުވަތު ދީފައި، މާޒިން މަޖުބޫރު ކޮށްފިއްޔާ މިޝެލިން އަކަށް ވެސް ދެކޮޅު ހަދާކަށް ނުކެރޭނެ، އެކުއްޖާވެސް އެގޮތަށް ހިތަށް އެރި އެއްޗެއް ކިޔާނީ އަހަރެންނާއި ދިމާލަށް...." ސޯފިޔާ ކެތްތެރި ކަމާއިއެކު ބުންޏެވެ.
"މިފަހަރު ގޮތް ނިންމާނީ އަހަރެން، އަހަރެންވެސް އެކައިވެންޏާއި ދެކޮޅު..." މާޒިންގެ އެ ޖުމްލައިން ސޯފިޔާގެ ޝައްކު އިތުރުވިއެވެ.
"މާޒިން..." ސޯފިޔާ ދެލޯބޮޑުކޮށްލިއެވެ.
"ސޯފީ، ވަލީދޭން ޖެހެނީ އަހަރެން، ވީމަ އަހަންނަށް ފެންނަ ގޮތަކަށް މިފަހަރު ހަދާނީ..." މާޒިން ތަންކޮޅެއް ބާރަށް އެހެން ބުނެލާފައި ކޮޓަރިއަށް ވަނުމުން ސޯފިޔާ އެތައް އިރެއްވާންދެން އަނދިރީގައި ވިސްނަން އިނެވެ. މާޒިން ގެ ފަރާތުން މާބޮޑު އެއްޗެއް އޮޅުން ނުފިލިނަމަވެސް މާޒިން ގެ އަމަލުތައް ހުންނަގޮތުން ސޯފިޔާއަށް ވަނީ ޝައްކެއް ވެފައެވެ. އެ އުފެދުނު ޝައްކުތަކުގެ ބިރުވެރިކަން ބޮޑުވަމުން އައިސް ތޫފާނެއްފަދައިން ސިކުނޑީގައި ޖެހިގަތީ ކުއްލި އަކަށެވެ. ސޯފިޔާއަށް ހުރިހާކަމެއް އެނގިއްޖެއެވެ. ކޮންމެ ދުވަހަކު ގެންނަ މޮޅު ކާތަކެއްޗަކީ ހޮޓަލުން ގެންނަ އެއްޗިއްސޭ ބުނެފައި މާޒިން އެގެންނަނީ ގޯލްޑެން ފްލޭމްއިންނެވެ. ކުދިންވެސް އެގެއަށް ގެންދަނީއެވެ. މިހުރިހާ ދުވަހު އޭނައަށް އެކަން ނުވިސްނި އޮތީ ކީއްވެބާވައެވެ. އޭނަގެ ދަރިއަކު އެ އާއިލާގެ ޒުވާނަކާއި ކައިވެނި ކުރުވުމަކީ މާޒިންއަށް ކުރެވޭނެ ކަމެއް ނޫނެވެ. ޔަގީނުންވެސް އޭނަގެ ފުރާނަ ހުރެގެނެއް އެކަމެއް ނުވާނެއެވެ. ސޯފިޔާ ވިސްނަން ފެށީ މިޝެލިންމެންނަށް މަޖުބޫރު ކުރުވާނެ ގޮތެކެވެ. ސޯފިޔާއަށް ރޮވެން ފެށިގޮތަށް ގިސްލުމަށް ބަދަލުވިއެވެ. މާޒިންވެސް އެނދުގައި ދެފަރާތަށް ފުރޮޅި ފުރޮޅި އޮތެވެ.
ޖެހިގެން އައި ދުވަހު އަސުރު ނަމާދަށްފަހު މާޒިން އާއި މިލީނާ އަދި މިޝެލިން ބޭރަށް ދާން ތައްޔާރުވާން ފެށުމުން ސޯފިޔާ ސުވާލެއް ނުކުރެއެވެ. އޭނައަށް މާޒިންގެ ހަގީގަތް އެގޭކަން މާޒިންއަށް އަދި އެނގިގެން ނުވާނެ އެވެ. އޭނަ ހުރީ ދެއްކުންތެރި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައި ގެންނެވެ. އެކަމަކު ސޯފިޔާގެ ހިތުގައި އެތައް ސަތޭކަ ޝަކުވާއެއް އުފެދި، ހިތުން ލޭ އޮހޮރެމުން ދިޔައެވެ. ފިރިމީހާ އާއި، ދަރިން އޭނައަށް ސިއްރުން އޭނަގެ ދުޝްމަނުންނާއި ބައްދަލު ކުރަނީ އެވެ. އެމީހުންނަކީ އޭނައާއި ދޭތެރޭގައި ހާދަ ނިކަމެތިކޮށް ކަންތައްކޮށް، އެގެއިން ނެރެލި ބަޔެކެވެ. އެވަރު ބަޔަކަށް މާޒިން މާފުކުރީ ކީއްވެ ހެއްޔެވެ؟
މިޝެލިން ގޯލްޑެން ފްލޭމަށް ދިޔައީ އަތްދިގު ހުދު ޓީޝާޓަކާއި، ޖީންސް ވެސްޓަކާއި އެކު ބާގަންޑީ ސްކިނީއެއް ލައިގެންނެވެ. ހެދުމާއި ގުޅޭފަދަ ކުޑަ ސްކާފްކޮޅެއް އަޅާފައި ހުރި އިރު ރީތިކަމުން ލޯތައް ހުއްޓޭހާވަރުވެއެވެ. އެހާ ސްޓައިލިޝް ހެދުމަކާއި އެކު ކަޅު ހެދުން ނުލައި ބޭރަށް ދާން މިޝެލިން އުޅުމުން ސޯފިޔާ މައްސަލަ ޖެއްސި ނަމަވެސް މާޒިން ބުނީ އެކަމާއި އަޅާނުލުމަށެވެ. އެއީ ކީއްވެކަން ސޯފިޔާއަށް އެނގުނެވެ. ކުދިން އެގެންދަނީ މާމަގެ ގާތަށް ވިއްޔާއެވެ. މިލީނާ ހުރީ ގަތަރުގައި ލައި އުޅުނުފަދަ ތަންކޮޅެއް ވިދުންގަދަ ފޮތްޗަކުން ފަހާފައިވާ ޗޮކްލެޓްކުލައިގެ ކޯޓަކާއި، އެކުލައަށް ދާ ސްކާފެއް އަޅައިގެންނެވެ. އެއީ ކަޅުހެދުމުގެ އެންމެ ޒަމާނީ ސްޓައިލް ކަންނޭގެ އެވެ. މިލީނާ ފެނުމުން އެލީސާ އުފަލުން ގޮތެއްނެތެވެ.
"މިލީ، ޔޫ ލުކް ޕްރިޓީ....." އެލީސާ މިލީނާގެ އަތުގައި ހިފައިގެން ސިޑި އާއި ދިމާލަށް ހިގައިގަތް އިރު މިޝެލިން އުޅުނީ އެކި ކޮޓަރިއަށް ބޯދިއްކުރަމުން ޒެފަންގެ ހިލަމެއް ނުވެގެންނެވެ. މިޝެލިން މިހާރު ބީރައްޓެހިކަން ކެނޑި ގޭތެރޭގެ އެތަންމިތަނުގައި އުޅެނީ އެގޭ ކުއްޖެއް ފަދައިންނެވެ.
މިލީނާ ހުރީ ލަދުން ކުރާނެ ކަމެއް ނޭގިފައެވެ. އެލީސާ މިވަރުން އޭނަ ގޮވައިގެން ދާތަނެއްވެސް ނޭގުނެވެ. އެލީސާ މަތީބައިގެ ކޮޓަރިއެއްގެ ދޮރު ހުޅުވައިލުމުން ދުވި ސެންޓުވަހުން މިލީނާގެ ސިކުނޑި ތާޒާކުރުވިއެވެ. އެއީ ފިރިހެންކުއްޖެއްގެ ކޮޓަރިކަން އެނގުނީ ފަރުނިޗަރުތަކާއި، ރީތިވާ މޭޒުމަތީގައި ހުރި ފިރިހެން ސެންޓުފުޅިތަކާއި އެއްޗެހި ފެނުމުންނެވެ. ކޮޓަރި ތެރެއިން މީހަކު ފެންނާކަށް ނެތެވެ.
"ރެން......" އެލީސާ ގޮވައިލުމުން މިލީނާގެ ހިތަށް ބިރުވެރި ކަމެއްވަނެވެ. އެލީސާ މިވަރުން އޭނަ ގޮވައިގެން މިއައީ މިހުރާން އާއި ބައްދަލު ކުރުވަންތާއެވެ. އެލީސާ ގެ ގޮވާލުމަށް އެކަކުވެސް އިޖާބަ ނުދިނުމުން ބެލްކަނީ ދޮރުގައި ދަމާލާފައިވާ މެރޫން ބޯ ފަރުދާތައް ކަހާލާފައި ބެލްކަންޏަށް ނިކުތެވެ. އޭރުވެސް އެލީސާ މިލީނާގެ އަތުން ދޫކޮށެއް ނުލައެވެ. ބެލްކަނީގައިވާ ޕޮޓްތަކުގައި ތަފާތުވައްތަރުގެ މާގަސްތައް އިންދާފައިވެއެވެ. ގޮނޑިއެއްގައި އިށީދެލައިގެން ޒުވާނަކު އަނެއްފަރާތަށް އެނބުރިގެން ލެޕްހުޅުވާލައިގެން އިނެވެ. ފަހަތުން ފެންނަ އިރުވެސް އިސްކޮޅު ދިގުކަމާއި، ބާމަތިފުޅާވަރު ފާހަގަވިއެވެ. އޭނަގެ ކަންފަތުގައި އަޅާފައިވާ ހެޑްސެޓުން އިނގިރޭސި ލަވައެއްގެ އަޑު ބޭރަށް އިވިއިވިހުއްޓެވެ. އެތާހުރި ކުޑަ މޭޒުމަތީގައި ހުރި ތަށްޓެއްގައި ހުރި ބުއިމެއް ގެ ތެރޭގައި ގަނޑުފެންކޮޅުތައް ވިދަވިދާހުރިތަން ފެނެއެވެ. އެ ބިއްލޫރިތަށީގެ ދެބައިކުޅަ އެއްބައި ވަނީ ހުސްވެފައެވެ. މިހުރާން ރޯދަ ނުހިފަނީ ހެއްޔެވެ؟
"ދަރިފުޅާ، މިއީ މިލީ، ދެކުދިން ވާހަކަ ދައްކަން ތިބެބަލަ މަންމަ އެބައަންނަން...." ބީރައްޓެހި ޒުވާނަކާއި ހަވާލުކުރުމަށްފަހު ތެޅިފޮޅެމުން އެލީސާ ދާން ހިނގައިގަތުމުން މިލީނާގެ ހިތް ތެޅިގަތެވެ. ހާސްވިއެވެ. މިހުރާން ކަންފަތުން ހެޑްސެޓް ނައްޓާލާފައި އެނބުރި ބަލައިލަމުން ހީލިގޮތަކުން މިލީނާގެ ހިތް ނަށައިލި އެވެ. އެ ހިނިތުންވުމުން ކޯތާފަތަށް އެޅުނު އަޑިކޮޅާއި، ހުދުދަތްތައް ޖަވާހިރުފަދައިން ވިދާލި ގޮތަކުން މިލީނާއަށް ހައިރާންވެފައި ބަލަހައްޓައިގެން ހުރެވުނެވެ. މިހުރާން އަކީ އޭނަގެ ހުވަފެންތަކުގެ ޕްރިންސް އެވެ. އެ ރީތިކަމާއި، ފިރިހެންވަންތަ ކަމެވެ. އެކަމަކު އެހާ ރީތިވެއްޖެއްޔާ އުނިކަންތައް ހުންނާނެއެވެ. މިހުރާންގެ އެންމެ ބޮޑު އުނިކަމަކީ ދީނީކަމެއް ނެތްކަމެވެ. މުސްލިމެއްކަމާއި މެދުވެސް ޝައްކުވިއެވެ. މިޒަމާނުގައި އެތީސްޓުންނާއި، ކްރިސްޓިއަނުން ރާއްޖޭގައި އުޅޭކަމަށް އަޑު ފެތުރިފައިވާއިރު ގަބޫލު ނުކުރާންވީ ސަބަބެއް ނެތެވެ.
"މައިގޯޑް، ތިއީ މިލީތަ؟ ހީވަނީ ކުޑަކުޑަ ކުއްޖެއްހެން، މޮޑެލްކުރަން އުޅޭ ކުޑަ ގާލްއެއް ދަންނަން، އެކުއްޖާ އާއި ވައްތަރީ، އެހާ އިނޮސެންޓް ލުކިން......" މިހުރާން އުއްމީދު ކުރި ފަދަ ކުއްޖަކަށް މިލީނާ ނުވީމަ ކޮންމެވެސް ވަރަކަށް ތަބީއަތު ގޯސްވިއެވެ.
މިލީނާގެ މޫނު ރަތްވިއެވެ. އޭނަ ބޭނުންވީ މިތަނުން ދުވެ ފިލުމަށެވެ. މިހުރާން ހައިރާންވިއެވެ. މަންމަމެން އޭނަގެ ކައިވެނި ހަމަޖެއްސީ މިކުޑަ ކުޑަ އަންހެންކުއްޖާ އާއި ހެއްޔެވެ؟ ހާދަ ޅަ ސިފަތަކެވެ. އެންމެ ބަލައިލުމަކުންވެސް ލަދުން މަރުވާވަރުގެ ކުއްޖަކާއި ގެން އޭނަ ކުރާނެ ކަމެއް އޮންނާނެ ހެއްޔެވެ؟
"އަސްލު ޔޫ އާ ނޮޓް މައި ޓައިޕް، އަހަރެން ބޭނުމެއްނޫން ތިހާ ލަދުރަކި އިންއެކްސްޕީރިއެންސްޑް ކުއްޖެއް، މަންމަމެން ބުނި އަހަރެން ގާތު މިލީ އާއި އިންނާށޭ، އަހަރެން ބުނިން މީޓްކޮށްލާފައޭ އެނގޭނީ، އެކަމަކު ލައިޕް ޕާޓްނަރަކު ހޯދަންޏާ ބަލާނެ ކަންތަކެއް ހުންނާނެ، އެންމެ ކުރިން މެރީކުރުމުގެ ކުރިން އަހަރެން ބޭނުން އެކީގައި ސްލީޕް ކުރަން....." މިހުރާން ކުޑަ ހީލުމަކާއި އެކުގައި ބުނެލިއެވެ. މިލީނާ ގެ ދެލޯބޮޑުވެ އަނގަ ހުޅުވުނެވެ. ދެތިން ފިޔަވަޅު ފަހަތަށް ޖެހިލެވުނެވެ. މިލީނާގެ މޫނަށް އެރި ކުލަވަރުތައް ފެނިފައި، މަޖާވިވަރުން މިހުރާން ލާނެތް ގޮތަކަށް ހީލައިފި އެވެ.
"އެހެން ބުނީމަވެސް ތިހިރީ ބިރުގެންފައި ދޯ، ނޫނީ ޔޫ ވޯންޓް ޓް ޓްރައި؟ ސްކާފް ނާޅާ ހުންނަ އިރު ހުންނަލެއް ދެކެންވެސް ބޭނުން، ސްކާފް ރިމޫވް ކޮށްބަލަ...." މިލީނާގެ ޖަވާބު ރަނގަޅަށް އެނގިހުރެ މިލީނާ ތަޅުވާލަން މިހުރާން ބޭނުންވިއެވެ. މިހުރާން މިލީނާގެ ދެއަތުގައި ހިފަހައްޓާލާފައި، ގަޔާއި ކައިރިކޮށްލި ގޮތުން މިލީނާ ބިރުން ހަލާކުނުވީ ކިރިޔާއެވެ. މިލީނާ ކުއްލި އަކަށް މިހްރާނުގެ މޭގައި އަތްއަޅާލާފައި ދުއްވައިގަތްގޮތަށް މަޑުކޮށްލީ ގޭގެ ފެންޑާއަށް ނިކުމެފައެވެ. އޭރު މިލީނާއަށް ހުރީ މާނޭވާލެވިފައެވެ. ބިރުންގޮސް ހިތް ތެޅެމުންދިޔައީ އިންތިހާއަށެވެ. މިހުރާން ހާދަ ނުލަފައެވެ. ހާދަ ގޯހެވެ. އެދެއްކީ ކޮންކަހަލަ ވާހަކަތަކެއް ހެއްޔެވެ؟ ހިފާލީ ހާދަ ބާރަކަށެވެ. އަދި ރޯދަމަހެއްގައެވެ. މިލީނާ ހެއްދެވި ފަރާތަށް ޝުކުރުވެރިވިއެވެ. އޭނައަކަށްވެސް ހަޔާތުގެ ބައިވެރިޔަކަށް އެއްވެސް ދީންވެރިކަމެއްނެތް ޒުވާނަކު ޚިޔާރެއް ނުކުރެވޭނެއެވެ. މަންމަ ވެސް ގަބޫލުނުވާނެ ކަން ޔަގީނެވެ. ޒައިންވެސް މާ ރަނގަޅެވެ. ރީތިކަމުގެ ގޮތުން ވާދަނުކުރެވުނަސް ޒައިންގެ ދީންވެރިކަން ހުންނާނެކަން ގައިމެވެ.
މިހުރާން އަކީ ހަޔާތުގެ ކަންތައްތަކުގައި ފުދޭވަރަކަށް ފަސޭހަކޮށް ނަގާ ޒުވާނެކެވެ. މައިންބަފައިން ބުނާގޮތަށްވެސް ހަދައެވެ. މީހަކާއި އިންނަން މާމަމެން ބުނެފިއްޔާ އެއީ ކޮންމެ ކަހަލަ ކުއްޖަކަށް ވިޔަސް މިހްރާނު އަކަށް ފަރުވާލެއް ނެތެވެ. އޭނަ ހިތްހަމަނުޖެހޭ އަންބަކު ހުރިއްޔާ އިތުރު އަންހެންކުދިންނާއި ގުޅުން ބޭއްވީމަ އެނިމުނީއެވެ. އެއީ މިހުރާންގެ ދިރިއުޅުމުގެ ފަލްސަފާއެވެ. އެންމެންގެ ހިތް ހަމަޖައްސައި ދޭންވާނެއެވެ. އަދި އަމިއްލައަށް އުފާތައް ލިބިގަންނަން ވާނެއެވެ. އެހެންވެ އޭނަގެ މަންމަ ސުވާލު ކުރަންފެށުމުން ފަރުވާ ކުޑަގޮތަކަށް ގަބޫލޭވެސް ބުނެލައިފި އެވެ. އެކަމުން އޭނައަށް ދެރައެއް ލިބެން އޮތްކަމެއް ގަބޫލު ނުކުރެވެނީ އެވެ. އެކަމަކު މިހުރާން މިލީނާ ވިސްނާ ގޮތެއް ދެނެގަންނަން ބޭނުމެވެ.
މިލީނާ އޭނަގެ ބައްޕަމެންނަށް އިންތިޒާރު ކުރުމަކާއި ނުލައި އެކަނިމާއެކަނި ހިނގާލަފައި ގެއަށް އައިއިރު ސޯފިޔާ އިނީ ފޯނެއްގައެވެ. މިލީނާ ކޮޓަރިއަށް ގޮސް ކަޅު ހެދުން ބޭލިއިރު އެތެރެއިން ހުރީ ރަތް ޓީޝާޓަކާއި، ޕްރިންޓެޑް ސޯޓެކެވެ. މިލީނާ ހާސްވެފައި ހުރިވަރުން އެނދަށް ވެއްޓިގަތްއިރު މޫނުވަނީ ދަލުން ފެންވެރިފައެވެ. މިހުރާންގެ ނިޔަތް ހިތަށް އެރުމުންވެސް މޭ ތެޅޭގޮތްވިއެވެ. ސޯފިޔާ ދޮރުމައްޗަށް އެރިގޮތަށް މިލީނާ އައީ ކޮންތަނަކުންތޯ ސުވާލު ކުރިއެވެ. ބައްޕަ އާއި، މިޝެލިން ތިބިތަނެއް އެގެން ބޭނުންވިއެވެ.
"މަންމަ ގާތުގައި ދަރިފުޅު ތެދަށް ބުނެބަލަ، މަންމައަކީ މޮޔައެއްނޫން، ކޮންމެ ދުވަހަކު އެއްގަޑިއެއްގައި ހިނގާލަން ދިޔުމުގެ ބަހަނާގައި ގޮއްސަ ގެއަށް އަންނައިރު ހޮޓަލުން ނުލިބޭ ފަދަ މީރު ކާއެއްޗެހި ގެނައިމަ މަންމައަށް ނޭގޭނެތަ؟ ދަރިފުޅުމެން ދަނީ މާމަގެ ގެއަށް ދޯ..." ސޯފިޔާ ސުވާލުތައް ކުރަން ފެށުމުން މިލީނާއަށް މަޖުބޫރުވީ ތެދު ބުނުމަށެވެ. އަދި މިހުރާން ގެ ވާހަކަ ބުނަންވެސް މަޖުބޫރުވީ މަންމަ އެގޮތަށް ސުވާލު ގިނަކުރަން ފެށުމުންނެވެ. މިހުރާން ދެއްކި ވާހަކަ ތަކާއި، މިހުރާން ކުރި ގޯސްކަންތައް ކިޔައިދިނުމުން ސޯފިޔާގެ މޫނު އަނގުރުކޮޅެއްހާ ރަތްވިއެވެ. ޒައިން ހާ ރަނގަޅު ފިރިހެންކުއްޖަކު މިލީނާ އާއި ކައިވެނި ކުރަން ހުއްޓާ އެ އާއިލާގެ ވިޔާނުދާ ޒުވާނަކަށް މިލީނާ ހިބައިން ދޭނެކަމަށް މާޒިން ހީކުރަންޏާ އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. އޭނަ އެހާވަރުން ތަރުބިއްޔަތު ކުރި ކުއްޖެއްގެ ދިރިއުޅުން ހަލާކުވެގެން ދާކަށް ސޯފިޔާ ނޭދެއެވެ. އެ މުއްސަދި އާއިލާގެ ޒުވާނުންތައް ޔޫރަޕާއި، އެމެރިކާގައި އުޅޭނެ ގޮތް ސޯފިޔާގެ ހިތަށް ތަސައްވަރުކުރެވެއެވެ.
މިޝެލިން ކޮރިޑޯއިން ހިގާލައިފައި ދިޔައީ ހުސް ފަޔާއެވެ. ބޯ ދޫލައިގެ މަޑުކަމާއި އަރާމުކަން އިހުސާސް ކުރަމުން މަޑުހިގުމެއްގައި ދަނިކޮށް ފަހަތުން މީހަކު އައިސް އޭނަ އާއި އަރާ ހަމަކުރިއެވެ. ފުރަތަމަ ވެސް މިޝެލިންގެ ނޭފަތުގައި ޖެހުނީ އެކޮރިޑޯގައި ހިފާލާފައިވާ މަލުގެ މީރުވަހަށް ވުރެ މީރު ސެންޓު ވަހެކެވެ.
"ރެއިން...." މިޝެލިން އެނބުރި ބަލާލުމާއި އެކު ސިހުނުލެއް ބޮޑުކަމުން ކަރުތެރެއިން ކުޑަ ހަޅޭކެއްގެ އަޑު ނިކުތެވެ.