"އައި އޭމް ޕްރެގް....." މިޝެލިން ފޮނިގޮތަކަށް ހީލާފައި ތަބުގައި މޫނު ޖައްސާލައިގެން ހުރި އިރު އެ ދޮންމޫނަށް އުފާވެރި ކަމުގެ ފިޔާތޮށި ކުލަވަރު ވެރިވެއްޖެއެވެ. އެ އިހުސާސް ތަކުން އަމިއްލައަށް ވެސް ލަދުގަތީ ކަންނޭގެ އެވެ. ރަފާއިލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި ގޮތުން އުފާވިކަން އެނގުނެވެ.
"ރިއަލީ؟ ކޮންގްރޭޓްސް......" ރަފާއިލް ބުމަ އަރުވާލީ ހިތްގައިމު ގޮތަކަށެވެ. އެގޮތަށް އިއްބާނު އާއި ވައްތަރު އާދަތައް ގެންގުޅޭތީ އިއްބާނު ކޮޕީ ކުރަނީ އޭ ދިމާލަށް ބުނަން މިޝެލިންގެ ހިތަށް އެރިއެވެ. ނަމަވެސް ދެބެއިން ކަމަށް ވެއްޖެއްޔާ ސިފައިގެ އިތުރުން އެފަދަ ކަންތަކުގައި އެއްގޮތްކަމެއް ހުރެދާނެކަން ނޭގެއެވެ. މިޝެލިން ރަފާއިލްގެ ލޮލަށް ނުބަލަން މަސައްކަތް ކުރީވެސް އެ އަޑިނޭގޭފަދަ ފުން ދެލޮލުން އިއްބާނުގެ މަތިން ހަނދާން އާކުރުވީމައެވެ.
"އެއީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް، އެހެންނޫންނަމަ އެނގޭ އަހަރެންގެ ފަހަތުން ނުފިލާ އުޅޭނެ ކަން، މިލިބުނީ ހަމަ ނަސީބެއް، ރަފާއިލްއަށް ލިބުނު ނާކާމިޔާބެއް، ބެން ޑްރަގް އޯވަރޑޯޒްއޭ ކިޔައިގެން އުޅޭއިރު އަހަންނަށް އެނގޭ އެއީ ދޮގު ވާހަކައެއްކަން، ދޮންބެ ގާތުގައި ބެންގެ އަގު ވައްޓާލަން ހަދަހަދައިގެން ވާހަކަ ދައްކާނެ ކަމެއް ނެތެއްނު، ބެން މަރާލި މީހަކީ ތިއީ، ރީޒަނަކީ އަހަރެން ލިބޭނެ ކަމަށް ހީކޮށްގެން ނޫންތަ؟ މިއީ ދޮގެކޭ ބުނެބަލަ، އަހަރެން ނެތިން ދުވަހަކު ރަފާއިލް އަކާއި އިންނަން........" މިޝެލިން ގެ އެ ޖުމްލަތަކުން ރަފާއިލްއަށް ލިބުނު ހައިރާން ކަމުގައި ބުމަ ކާރިކޮށްލެވުނެވެ.
"ވަޓް.......ބެން މަރާލީއޭ......" ރަފާއިލްގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ނުރުހުމުގެ ކުލަވަރު ފެނުނެވެ. އެހާ ބޮޑު އިލްޒާމެއް އެޅުވީމަ ކެތްނުކުރެވުނީ ކަންނޭގެއެވެ.
"ތި ސުވާލު އަމިއްލަ ހިތާއިކޮށްބަލަ، އެންމެ ރަނގަޅަށް އެނގޭނީ އެކަން ކުރި މީހަކަށް.... އަހަރެން ބޭނުން ނޫން އިތުރު ވާހަކަދައްކަން، އަދި އެކްޓް ކުރާނެ ކަމެއްނެތް، މިއަދުވެސް ބުނެލާން ބޭނުމީ އެންމެ އެއްޗެއް....... ސްޓޭ އައުޓް އޮފް މައި ލައިފް......" މިޝެލިން ކުޑަކޮށް ދެލޯ އަޅާލާފައި ކޮރު ޖަހަމުން ގޮސް ސޯފާއެއްގައި އިށީން ތަނުން ރަފާއިލް އައީ ގޭތެރެއިން އައިސްޕެކަކާއި ތެތް ތުވާލިކޮޅެއް ހިފައިގެންނެވެ. އެހާވަރުން ރަފާއިލް އައިސްޕެކް ގެނެސްދިނުމުން އޭގައި ނުހިފާ ހުންނާކަށް ނުކެރުނެވެ. ރަފާއިލް އެދުނީ ތުވާލިކޮޅު ފައިމަތީގައި ބާއްވާފައި އައިސްޕެކް އެޅުމަށެވެ.
"އޭންކްލް ސްޕްރެއިން އެއްވީމަ އެންމެ އަވަހަށް ހީލްވާނީ މިގޮތަށް، އަދި ކްރެޕް ބެންޑޭޖްކޮށްލީމަ އެވީ....." ރަފާއިލް އެހާ ރީތިކޮށް ވާހަކަދެއްކުމުން މިޝެލިންއަށް ދެކޮޅު ހަދަން ނުކެރުނެވެ.
"ފައި ފްރީޒް ނުވާނެތަ؟ "މިޝެލިންއަށް އަހައިލެވުނެވެ.
"ތެތް ޓަވަލްކޮޅެއް އަޅާދިނީ ގެއްލުމެއް ވިޔަނުދޭން...." ރަފާއިލް މަޑުމައިތިރިކޮށް ވާހަކަ ދެއްކިއެވެ. މިޝެލިން ޖިންސްގެ ކުޑަކޮށް އޮޅާލީ އެއްގޮތަކަށްވެސް ރަފާއިލް އަށް ދެއްކުމުގެ ޚިޔާލުގައެއްނޫނެވެ. އެ ދޮންފައި ކުރީގައި އަޅާފައިވާ ފިޔާތޮށި ރަނުގެ ކެވެލިކޮޅު އޮތުމުން ފައިގެ ރީތިކަން ވަކިން އިތުރުވެފައިވި އެވެ. މިޝެލިން އައިސްޕެކް ޖައްސާލި ގޮތަށް ދެލޯ ކަރުނުން ފުރިގެން ކޯތާފަތްމަތިން ކަރުނަ ރޮގެއް ދެމުނެވެ.
"ވަޓް ހެޕެންޑް..." ރަފާއިލްގެ ހިތަށް އުދަގޫވިއެވެ.
"އަހަރެން ބެން މަތިން ހަނދާންވީ، ވަރަށް ގަދަޔަށް ހުންއައި ދުވަހެއްގައި ފެންފޮތި ލާދިނީ، ހާދަ ބޮޑަށް ހަނދާންވޭ، އައި ވިޝް އައިމް ޑެޑް ޓޫ....." މިޝެލިން އެގޮތަށް ޖަޒުބާތީ ވުމުން ރަފާއިލް ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ބުނާނެ އެއްޗެއް ވިސްނުމަކަށް ނައެވެ. މިޝެލިންގެ ކަރުނަތައް ފޮހެލަދޭން ބޭނުންވިޔަސް އެދެމެދުގައި ވަނީ ދުވަހަކު ގިރާނުކުރެވޭފަދަ ފާރެކެވެ.
"ޓޭކް އިޓް އީޒީ ޝެލް، މިދުވަސްކޮޅު ބެންއަށްޓަކައި ކެތްކުރަން ވާނެ، ހިތާމަކުރީމަ ބަނޑުގައިވާ ދަރިފުޅަށް އަސަރުކޮށްފާނެ....." ރަފާއިލް އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް ޔީވާ އައިގޮތަށް ސޯފާ އަކަށް ވެއްޓިގަތެވެ. ތުއި ނަޒަރަކުން ރަފާއިލް އާއި ދިމާލަށް ބަލައިލިތަން ފެނުމުން ވީ ފޫއްސެއްގެ ބޮޑުކަމުން ރަފާއިލް ދާން ހިނގައިގަތުމުން މިޝެލިން އިސްއުފުލާލާފައި ރަފާއިލް އާއި ދިމާލަށް ބަލާލާފައި ލޯބި ހިނިތުންވުމެއް ދިނީ އެންމެ މީހަކަށް ދެއްކުމުގެ ނިޔަތުގައެވެ. ޔީވާގެ ހިތުގައިވާ ހަސަދައިގެ އަލިފާން ސަލާމަތްނުވާ ވަރަށް އަނދައި ގަންނާނެކަން އެނގިހުރެއެވެ. ވީވެސް އެހެންނެވެ. ރަފާއިލް އާއި މިޝެލިންގެ ސިއްރު ގުޅުމެއް އޮތްކަމަށް ޝައްކު ކުރެވިގެން ޔީވާ ގެ ގައިގައި ހުޅުހިފިހެން ހީވިއެވެ.
"ބޫ މަރުވިތާ ދުވަސްކޮޅެއް ނުވަނީސް މީހެއްގެ ތަންމަތި ހޫނުކޮށްލަދޭ ހިތްވީތަ؟ ހައު ޗީޕް.." ޔީވާ ލޮލަށް ގޮތެއް ހަދައިލި އެވެ.
"ނޫން ހީ ޕްރޮޕޯސްޑް ޓު މީ...." މިޝެލިން ގެ ފަޔަށް ފިނިވާން ފެށުމުން ލިބުނު އަރާމުގައި ދެލޯ މަރައިލެވުނެވެ.
"ހާދަ އަންރޮމޭންޓިކް ކޮށް ހެން ހީވޭ، ފަޔަށް ތަދުވެގެން ގޮނޑިއަކަށް ވެއްޓިގެން އިންދާ ހަމަ އައިސް ބުނެލީ އިންނަން ބޭނުމޭ...." ޔީވާ ހިނިގަނޑެއް ޖަހާލައިފިއެވެ.
"އަހަންނަށް ވަރަށް ސަޅިވިއޭ....." މިޝެލިން ވެސް ދޫކުރާކަށް ބޭނުމެއްނުވިއެވެ.
"އެ ސްމާޓް ރީތި ފިރިހެނާއަށް ވާޖިން އަކުވެސް ނުވީތަ؟ ހުވަފަތް އަންހެނަކާއި އިންނަނީ، ރޮމެންޓިކް ނޫންވީމަ ލިބޭނީ ވެސް މީހުން ޔޫޒްކޮށްފައި ހުންނަ އެއްޗެހިތާ......." ޔީވާ ކުރީ މަލާމާތެވެ. މިޝެލިން ޖަވާބު ދިނުމުގެ ކުރިން ކޮންމެވެސް ބަޔެއްގެ އަޑަށް އެނބުރި ބަލައިލެވުނެވެ. އެވަގުތު ގޭތެރެއިން ހައިތަމްގެ ދެމަފިރިންނާއި ދެ ފިރިހެންކުދިން ނުކުތުމުން ޔީވާ ގަސްތުކުރީ މިޝެލިންގެ ސިއްރު ބޭޒާރުކޮށްލުމަށެވެ. ވަރަށް ހެވިލާފައި އިނދެ އަންގާލީ ރަފާއިލް މިޝެލިން އާއި އިންނަން އަހައިފި ކަމަށާއި އެމީހުންނަށް އިއްދަ ހުސްވާންދެން ވެސް ކެތްނުކުރެވިގެން އުޅޭ ކަމަށެވެ. މިޝެލިންގެ މޫނު ހީވަނީ ރަތްވެގެން ގޮސް އާފަލެއްހެންނެވެ. ލަދުން ބުނާނެ އެއްޗެއް ނޭގިފައި އަނގަ ހުޅުވިފަ އިނީ އެ ހެދުނު ދޮގު އަނބުރައިލާނެ ގޮތެއް ނޭގިފައެވެ. މިޝެލިން އިސްޖަހާލީ ބަސް ހުސްވެފައި އިނދެއެވެ. ޔީވާއަށް ދޭނެ ލަނޑަކާއި މެދު ސިކުނޑި އެކި ގޮތްގޮތަށް މަސައްކަތް ކުރިއެވެ.
ރޭގަނޑު އެންމެން އެކީގައިހެން ކާ މޭޒުދޮށުން މިފެނުނީ އެތައް ދުވަސްތަކަކަށް ފަހުގައެވެ. އެހާ ގަވާއިދުން އެންމެން އެކީގައި ކަމުން އައި އާއިލާ އަކަށް ވިޔަސް އިއްބާނުގެ މަރަށްފަހު ހުރިހާ ކަމެއް ބޮއްސުން ލިގޮތަށް އެ އުސޫލުވެސް ނެތިގެން ދިޔައެވެ. ބަނޑުހައިވީމަ ވަދެ އެމީހަކު ބޭނުން އެއްޗެއް ކާލައިގެން ނުކުންނަނީ އެވެ. މޭޒުމަތިން ތަށިތައް ހުސްވާއިރެއް ނުދެއެވެ. ނޯކަރުން ޖެހެނީ އަބަދު އެކަމާއި ގެން އުޅުމަށެވެ. ނަމަވެސް މިރޭ ހީވަނީ އަނެއްކާވެސް ހުރިހާ ކަމެއް ހަމަޔަކަށް އެޅެން ފެށީހެންނެވެ. އޮރެންޖްކުލައިގެ ބޮޑު ޗާންދަލިޔާގެ ހިތްގައިމު އަލީގައި އެންމެން ކާން ތިބިއިރު ކޮންމެވެސް ވަރަކަށް ވާހަކަތައް ދެކެވުނެވެ. ނަމަވެސް އެކަކުވެސް މާ ހީހީފައި އުޅޭތަނެއް ނުފެނެއެވެ. ހީވަނީ ކޮންމެ މީހަކު އެއްޗެކޭ ބުނެލަނީ މަޖުބޫރުވެފައި ތިބެގެން ކަހަލަ ގޮތަކަށެވެ.
"ބޫ މަރުވީ ޑްރަގް ނަގައިގެންނޭ މި ކިޔަނީ ތެދުވާހަކައެއްތަ؟ ހައިތަމް....." ކުއްލި އަކަށް ޒަހާރާ ފެށި ވާހަކައަކުން މިޝެލިން ކޮށި އަރާގޮތްވިއެވެ. މާ ގަދަޔަށް ކެއްސަން ފެށުމުން އޭނަ އާއި ގާތުގައި އިން ޒިލާ މިޝެލިންގެ ބުރަކަށީގައި މަޑުމަޑުން ތަޅާލާފައި ފެންތަށްޓެއް ދިއްކޮށްލައިފި އެވެ.
ޔީވާ ފަދަ ބީރައްޓެއްސަކު އިންދާ މާމަ އެފަދަ ވާހަކައެއް ދައްކައިގެން ވާނެ ކަމަކަށް އޭނަ ގަބޫލެއް ނުކުރެއެވެ. ނަމަވެސް މާމަގެ އަނގަ ގަދަކަމުން އެއޮތީ ބޭޒާރުވެފައެވެ.
"މަންމަ ގާތުގައި ތި ވާހަކަ ދެއްކީ ކާކުތަ؟" ހައިތަމް އިސްޖަހައިގެން އިންނަވާފައި ފެންފޮދެއް ދަމާލެއްވިއެވެ.
"ޔީވާ.... ޔީވާއަށް ޔަގީން ނުވެ އެހެން ނުބުނާނެއްނު..." ޔީވާގެ ނަން ބުނުމުން އެންމެނަށް ބަލައިލެވުނީ ޔީވާގެ މޫނަށެވެ. ޔީވާ އިނީ ހަމަޖެހިލައިގެންނެވެ. އުލުން އަނގަޔަށް ޑެވިލްޑް ކުކުޅު ކޮޅެއް ލަމުން ނުދެނެހުރިކަމަށް ހަދާލިއެވެ.
"ޔީވާ ގާތުގައި ބެން ބުނި ކަމަށް ވަނީ، އެވަރުކަމެއް ކުރާއިރު ދަރިފުޅުމެންނަށް އެކަން ނުހުއްޓުވުނު، އަދި ބޫ އެކަހަލަ ބަޔަކު ގެނެސް ޕާޓީދޭން ހައިތަމް ހުއްދަދިނީތީވެސް ހަމަ ހައިރާންވެއްޖެ..." ޒަހާރާގެ މޫނުން މިޝެލިންއަށް ފެނުނީ ހަރުކަށި ކަމެވެ. ގޮތްދޫނުކުރާފަދަ ގޮތެކެވެ. ތަންކޮޅެއް ޒުވާން އިރު ގޭގެ ވެރިކަން ހިންގައިލާފައި ހުރިކަން ޔަގީނެވެ.
"ޔަޕް، ބޫ މަރުވީ ޑްރަގް ނެގީމަ..." ޔީވާ ކުޑަހީލުމަކާއި އެކު ޔަގީންކަމާއިއެކު ބުނެލިއެވެ.
"އެހެނެއް ނުވާނެ، ބެން އާއި ބެހޭ ގޮތުން ފާޑުފާޑުގެ ދޮގު ޚަބަރު ފަތުރަނީ ކޮން ދެމީހުންނެއްކަން މިހާރު ޔަގީންވެއްޖެ، ބެން މަރުވީ ޑްރަގް ނަގައިގެނެއް ނޫން، ބެން ހާޓް އެޓޭކެއް ޖެހުނީ، ބެން އެފަދަ ފާފައެއް ނުކުރާނެ، އެއަށް ވުރެ މާ ރަނގަޅަށް އުޅުނު ކުއްޖެއް ބެންއަކީ، ބެން މި ދުނިޔޭގައި ނެތަސް މި މީހުން ބެންއަށް ހަމަޖެހިލައިގެން އުޅެވުނަ ނުދޭނީތަ؟ އެހެންނޫނަސް އެންމެ ދެރަވަނީ ބެންގެ އާއިލާއިން އެ ޚަބަރު ގަބޫލުކޮށްގެން ބެން އާއި މެދު އެގޮތަށް ދެކޭތީ، އެހެން ހީކުރަން ނުވާނެ، ޕްލީޒް އެކަކުވެސް އެގޮތަށް ގަބޫލުނުކޮށްބަލަ، އަހަރެން ކޮންމެ ގޮތެއް ހަދާފައިވެސް ބެންގެ ކުށެއް ނެތްކަން އެންމެނަށް ޔަގީންކޮށް ދޭނަން، އޭގެ ކުރިން އެކަކުވެސް ތިގޮތަށް ބެންގެ ވާހަކަ ނުދައްކަބަލަ...... ބެން މަރުވީމަވެސް......" މިޝެލިންގެ ދެލޯ ކަރުނުން ފުރިއްޖެއެވެ.
މިޝެލިން ކާތަށި އެއްފަރާތަށް ޖައްސާލާފައި ވަގުތުން އެތަނުން ތެދުވެގެން ހިނގައިގަތީ ހިތް ހަލާކުވެފައި ހުރެއެވެ. އެންމެން "ޑްރަގް އޯވަރޑޯޒް" އެހެން ކިޔާތީ ހިތަށް ތަދުވާ ވަރު އެހެން މީހަކަށް އިހުސާސެއް ނުކުރެވޭނެއެވެ. ހިތުގައިވާ ޒަޚަމްތައް އަލުން ރޯވެ ލޭ އޮހިގެންފިއެވެ. ކަރުނަތައް ހުއްޓުވާނީ ކިހިނެއް ހެއްޔެވެ؟ މިޝެލިން ކޮޓަރިއަށް ވަންގޮތަށް އިއްބާނުގެ ތަސްވީރެއް މޭގައި ޖައްސާލައިގެން އޮވެ ރޮއިފާ ޝަކުވާ ކުރަން ފެށިއެވެ. ކިތަންމެ ވާހަކަ ދެއްކިޔަސް ދެން އިއްބާނުއަށް ޖަވާބެއްވެސް ދެވޭނީއެއް ނޫނެވެ.
މިޝެލިން އަންހެނުންގެ ޑޮކްޓަރަކަށް ދައްކަން ދިޔައީ އެންމެނަށް ސިއްރުންނެވެ. އެތަނަށް ދިޔުމުން ހިތާމަ އިތުރުވުން ނޫންކަމެއް ނުވިއެވެ. އެކަނި ޓެސްޓް ނެގެޓިވް ވީއެއް ނޫނެވެ. ސްކޭންއިން ދެއްކީ މިޝެލިން ބަނޑު ބޮޑުނޫން ކަމަށެވެ. ޑޮކްޓަރު ބުނީ ފިކުރުބޮޑުވުމުގެ ސަބަބުން ހޯމޯން އިމްބެލެންސްވެ ޕީރިއެޑް ލަސްވުމަކީ އެކަށީގެންވާކަމެއް ކަމެވެ. މިޝެލިންއަށް ހީވީ ހަތަރު އުދަރެސް ފެނުޖެހުނުހެންނެވެ. ވަގުތުން ލޮލުގައި ކަރުނައިގެ ބޮޑެތި ތިކިތައް ވިދަން ފެށި އެވެ. އޭނަ އިއްބާނު ދުނިޔޭގައި ހުއްޓާ އެކަމާއި ނޫޅުނީ ކީއްވެ ހެއްޔެވެ؟ މިއަދު މިއޮތީ ވަގުތު ފާއިތުވެފައެވެ. އޭނަ ދެކުނު އެ ރީތި ހުވަފެންވެސް ވިއްސި ވިހާލިވެގެން ދިޔައީއެވެ. މިޝެލިން އެކަނިމާ އެކަނި އިއްބާނުގެ މަހާނައަށް ޒިޔާރަތްކޮށް އެތައް ޝަކުވާއެއް ކުރިއެވެ. އިއްބާނުގެ ގާތުގައި ހިތް ބަންޑުންކުރިއެވެ. މިއަދު އިއްބާނުއަށް ޖަވާބެއް ނުދެވޭނެކަން އެނގުނަސް ހުރިހާ ވާހަކަ ތަކެއް ހިއްސާ ކުރި އެވެ.
މިޝެލިން ޓިޝޫއިން ލޯ ފޮހެލައިގެން އައިކަމުގައި ވިޔަސް އެ ރީތި ދެލޯ ހެކިދެނީ ވަރަކަށް ރޮއިފަ ހުރިކަމެވެ. ނޭފަތްވެސް ހީވަނީ ރަތްކަމުން އެހެން ކަމެއްހެންނެވެ. މިޝެލިން މޮޅިވެރި ކަމާއި އެކު އިސްޖަހާލައިގެން ހުރިއިރު އެހިތަށް ކޮށްފައިވާ އަސަރު އޮޅުމެއްނެތި ފެންނަން ހުއްޓެވެ. އޭނަ ބެލްކަނީގައި ހުރި ސޯފާއެއްގައި އޮށޯތް ގޮތަށް ދެފައި ބިއްލޫރި މޭޒު މައްޗަށް އަރުވާލި އެވެ. އަދިވެސް އޭނައަށް އަނިޔާވި ފައިގައި ބެންޑޭޖް ގަނޑެއް އޮޅާލާފައިވެއެވެ. މިލީނާ މިންކު ގޮވައިގެން ކުޅެން އުޅެލާފައި ދަރިފުޅު މިހުރާންއަށް ދޫކޮށްލާފައި މިޝެލިންގެ ގާތަށް އައީ މިޝެލިން މާ މަޑުން އިނުމުންނެވެ. މިލީނާ ސުވާލު ކުރުމާއި އެކު މިލީނާގެ ގައިގައި ހިފައިގެން ރޯން ފެށިއެވެ. ޑޮކްޓަރު ގާތަށް ދިޔުމުން ބަނޑު ބޮޑުނޫންކަން އެނގުނު ކަމަށާއި އޭނަ ދުނިޔޭގައި އުޅޭހިތް ނުވާކަމަށް މިޝެލިން ބުނެލީ އަސަރާއި އެކުގައެވެ.
"އެމީހާގަނޑު ބެން މަރާލި ގޮތަށް އަހަރެން ނިންމާލިނަމަ، ކީއްވެ މިވަރަށް އަހަރެން ސަފަރ ކުރަން ޖެއްސީ....." މިޝެލިން ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅުމުން ސޯފާއަށް ދެފައި އަރުވާލައިގެން އިންއިރު ހީވަނީ ބިރުގެންފައިވާ ކުޑަކުއްޖެއްހެނެވެ. އެހިތަށް ހާދަ އަނިޔާވެއްޖެއެވެ. ހާދަ ދެރަވާނެއެވެ. މިޝެލިންއަށް ކުރާނެ އަސަރު މިލީނާއަށް އިހުސާސް ކުރެވުނެވެ. މިލީނާ ވިސްނައިދިނެވެ. މާތް ﷲއަށް ވަކީލުކުރަން އެދުނެވެ.
ރަފާއިލް އާއި ބައްދަލު ކުރުވަން އޭނަގެ މަންމަ ގެނައި އަންހެންކުއްޖާ ފެނުމުން ރަފާއިލް ނުތަނަވަސްވިއެވެ. މަންމަ އާއި ބޮޑުދައިތަގެ އިތުރުން އާވާ ގެ މަންމަވެސް އިނެވެ. ރަފާއިލް ވަނީ ކޮންމެ ކުއްޖަކަށް ވިޔަސް އިންނާނެ ކަމަށް އެއްބަސްވެފައެވެ. ނަމަވެސް އާވާފެނުމުން ރަފާއިލްގެ ހިތް އެކަމާއި ދެކޮޅުހެދިއެވެ. އެހެންނޫންނަމަ މިޝެލިން އާއި ވާދަކުރެވޭހާ ރީތި ކުއްޖެކެވެ. ތަފާތަކީ މިޝެލިން އާއި ތަފާތުކޮށް ފަން އިސްތަށިގަނޑެއް އޮތުމެވެ. އެހެންނޫންނަމަ އިސްކޮޅު ވެސް ރަފާއިލް އާއި ގުޅެއެވެ. ރަފާއިލް މަންމަމެން ނާއި ވާހަކަ ދައްކާލަން އިނުމަށްފަހު ކޮޓަރިއަށް ދިޔަގޮތަށް އޭނަ ކުޑަދޮރު ހުޅުވާލައިގެން ބެލްކަންޏަށް ނުކުމެއްޖެއެވެ. މަންމަ ގާތުގައި އެއްބަސްވެވުނު ކަމުގެ މޮޔަހީވިއެވެ. ލޯބިނުވެ އެކުއްޖާ އާއި އިނުމުން އެކުއްޖާގެ ހަޔާތްވެސް ބަރުބާދު ކޮށްލެވޭނީ ކަންނޭގެއެވެ. ކޮންމެ އަންހެންކުއްޖަކުވެސް ހަޔާތުގެ ބައިވެރިޔާގެ ފަރާތުން ލޯބި ބޭނުންވާނެއެވެ. އެފަދަ ފޮނި އުއްމީދުތަކެއް ކުރާނެއެވެ. އެކުއްޖާގެ އުއްމީދުތައް ކަތިލުމުގައި އޭނައަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ އެހާ ބޮޑު އަނިޔާއެއް ދޭންވާނެ ހެއްޔެވެ؟
"ޝެލް، ކީއްވެ އަހަރެންގެ ހިތާއި ތިގޮތަށް ކުޅެލީ، މިއަދު އަހަންނަށް އެނގޭ ޝެލް ޕްރެގްކަން، ނަމަވެސް މި ހިތުގައިވާ ލޯބި ހައްތަހާ އިތުރުވަނީ ކީއްވެތަ؟ އަހަރެން ކިހިނެއް ހަދާނީ؟ ކިހިނެއް ޝެލްގެ ހަދާން ތަކާއި ވަކިވާނީ؟ އަހަރެން މޮޔަވެދާނެ.... އެހެން ކުއްޖަކާއި އަވަހަށް ކައިވެނި ކުރީމަ އަހަންނަށް ޝެލްގެ ލޯބި ހިތުން ފިލުވައިލެވިދާނެބާ......" ރަފާއިލް ފިނިވެފައިވާ ދެއަތްތިލަ އުގުޅާލާފައި ރެއިލިންގައި ޖައްސާލައިގެން ދަތްދޮޅި އަޅުވާލައިގެން ދުރަށް ބަލަން ހުރިއިރު އެ ރީތި ދެލޯވަނީ ފެންކަޅިވެފައެވެ. މަންމަމެން އެހާވަރުން ހަމަޖައްސަމުންދާ ކަމެއް ހުއްޓުވާނެ ބާރެއްވެސް މިއަދު ނެތެވެ.
ސެލީނާ ރަފާއިލްއަށް ގެނެސްދެއްކީ އަލިމަހުގެ ވަރަށް ރީތި އަނގޮޓި އެކެވެ. އިރުގެ އައްޔަށް ދިއްކޮށްލުމުން ތަރިއެއްހެން ދަޅައަޅާލި އިރު އެހާ ރީއްޗެވެ. މިފަދަ އަނގޮޓިއެއް ލިބުމަކީ ކޮންމެ އަންހެންކުއްޖެއްގެ ހުވަފެނަށް ވާނެއެވެ. އަދި ރަފާއިލް ގާތު އަންބެއްގެ ގޮތުން ހުންނަން ބޭނުން ނުވާނީ ކާކު ހެއްޔެވެ؟ ސެލީނާ އޭނަގެ ދަރިފުޅަށް ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. އާވާފަދަ ރަނގަޅު ކުއްޖަކު ލިބުމުން ރަފާއިލްގެ ނަސީބުވެސް މެދު އުޑުގައި ވިދާ ބަބުޅާނެއެވެ.
ސެލީނާ އުފަލުން ގޮސް ކައިވެނީގެ ޕްލޭންތައް ރާވަމުން ދަނިކޮށް އެލީސާ ގުޅާފައި އިއްވީ އޭނަ އަބަދުވެސް ބިރުން ހުރި ޚަބަރެކެވެ. ރަފާއިލްގެ ބައްޕައެއް ނެތުމުން އާވާގެ ބައްޕަ އެ ކައިވެންޏާއި ދެކޮޅު ހެދީއެވެ. އެލީސާއަށް ސޯފާއަށް ތިރިވެވުނު ގޮތަށް ބޮލުގައި ދެއަތުން ހިފަހައްޓާ ލެވިއްޖެއެވެ. އޭނަގެ ފާފައިގެ ސަބަބުން އަގު ދައްކަން ޖެހުނީ އޭނަގެ ކުށެއްނެތް ދަރިފުޅެވެ. ރަފާއިލް މި ކައިވެންޏަށް އެއްބަސްވީ އޭނަގެ އެދުމުގެ މަތިންނެވެ. ރަފާއިލް ގާތުގައި އެއާއިލާއިން ކައިވެންޏަށް ދެކޮޅު ހެދި ވާހަކަ ބުނެފިއްޔާ ދެން ދުވަހަކު ކައިވެންޏެއް ކުރަން އެއްބަހެއް ނުވާނެއެވެ. އޭނަ ޖެހޭނީ އެހެން ގޮތެއް ޚިޔާރު ކުރުމަށެވެ. ސެލީނާ ފިކުރު ކުރަން އެތައް އިރެއްވާންދެން ގަނޑުވެފައިވާ ބުދެއްހެން ޖެހުނުތާގައި އިނެވެ.
ރަފާއިލް އޭނަގެ އެކުވެރިއެއްގެ ފާމް ހައުސްއަށް ދިޔައީވެސް ހިތް ހަމަޖައްސައި ލުމަށެވެ. ޖޭސަން ގެންގުޅޭ އަގު ބޮޑު ވަރުގަދަ އަހެއް އޮވެއެވެ. "ސްޓޯމް" ކިޔާ އަހަށް ރަފާއިލް އެރުމާއި އެކު ވައި ކަފާލާފައި ބާރު ސްޕީޑެއްގައި އަސް ނައްޓައިލުމުން ރަފާއިލް އިނީ މަޖާވެލާފައެވެ. އެވަގުތުވެސް ޚިޔާލަށް އައީ އޭނަ އާއި އެކުގައި މިޝެލިން މި އަހުގައި އިންކަމެވެ. އެ ބުޅި އިސްތަށިގަނޑު ވައިގެ ތެރޭގައި ވިހުރެމުން އޭނަގެ މޫނަށް ހިޔާއަޅާލިހެން ހީވިއެވެ. ރަފާއިލް ކޯރުގެ ކައިރިއަށް އަސް މަޑުކޮށްލުމަށްފަހު އެ ރީތި އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ.
"އެކުއްޖާ ދެކެ މިވާ ލޯބި ދުވަހަކު ހިތުން ފޮހެވިގެން ނުދާނެކަން ޔަގީން، ކޮންމެ އަގެއްގައި ވެސް ހަމަ ބޭނުން ވަނީ މަގޭ ފުރާނަ ފަދަ ލޯބިވާ އެ ރީތި އެންޖެލް.. އެނޫން އުފަލެއް މިދުނިޔެއިން ހިތެއް ނޭދޭ، މި ހާލުގައި އުޅުމަށްވުރެ މަރުވާނެނަމަ...... ބެންގެ ބަދަލުގައި އަހަރެން ދިޔަނަމަ......." ރަފާއިލް އަސް ވިނަކާން ދޫކޮށްލުމަށްފަހު ކޯރުގެ އައްސޭރި ފަށުގައި އޮށޯވެ މޭގައި ފިރުމާލިއެވެ.
ފުދޭވަރަކަށް ބާރަށް ގުގުރަމުން ގޮސްފައި ވާރޭ އޮއްސައިލި ގޮތުން ހީވީ ފުރާޅުމައްޗަށް ވެލިތަކެއް އޮއްސައި ލެވުނު ހެންނެވެ. މިހުރާން އާއި މިލީނާ ކޮޓަރީގައި އުއްބައްތި ދިއްލާލައިގެން އެނދުމަތީގައި ޕަޒްލްއެއް ކުޅެލަން ތިބިއިރު އެނދުގެ ކައިރީގައި ހޫނު ޗޮކްލެޓް ތަށިތަކެއް ހުއްޓެވެ. ހޫނު މޫސުމްގެ ދުވަސްތަކުގައި ވެސް މިގޮތަށް ގުގުރުމާއި، ވާރޭ ވެހުމަކީ އާއްމު ކަމެކެވެ. މިފަދަ ރޭތަކުގައި މިފަދަ ކަމެއްކޮށްލުމަކީ ދެމަފިރިއެއްގެ ހިތަށް ހަމަޖެހުމެއް ލިބޭނެކަމެއް ކަން ޔަގީނެވެ. ދެ ޒުވާނުން ޕަޒުލް އާއި އެކީގައި ޗޮކްލެޓްތަށި ހުސްކޮށްލާފައި އޮށޯތީ ކުއިލްޓް ދަށުގައެވެ.
"ރޮމެންޓިކް ސްޓޯރީ އެއް ކިޔައިދެންތަ؟" މިލީނާ ކިޔަން ފަށާފައިވާ ވާހަކަ ފޮތެއް ނެގިއެވެ.
"އެކަހަލަ ބައިތައް ނުކިޔަސް ކުޅެވިދާނެއްނު، އޭރުން މާ ސަޅިވާނެ....." މިހުރާން މިލީނާގެ އޮމާން ކޯތާފަތުގައި ބޮޑުވާ އިނގިލި ހިންގައިލި އެވެ.
"މީގައި ވައިފް ހަޒްބެންޑަށް ބިޓްރޭއި ކުރަނީ، އެހެން ފިރިހެންކުއްޖަކާއި ރައްޓެހިވެގެން ސިއްރުން އެކުއްޖާ ގާތަށް ދިޔައީ، ހަޒްބެންޑަށް އެނގުނީމަ ރުޅިގަދަވެގެން ގޮސް އެ ފިރިހެންކުއްޖާ މަރާލަނީ..." މިލީނާ ބާބެއް ފަށައިގެން ކިޔައިދޭން ފެށުމުން މިހުރާން އޮތީ އަޑުއަހައި ގެންނެވެ. މިލީނާގެ ރީތި އަޑުން އެގޮތަށް ވާހަކަ ކިޔައިދޭއިރު މިއުޒިކެއް ފަދައިން ވާރޭވެހުނެވެ. ހާދަ ހިތްގައިމެވެ. ލަވަ އަޑުއެހުމަށްވުރެ ކަންފަތަށް މާ ހިތްފަސޭހަކަން ނޭގެއެވެ. މިހުރާން ހިމޭނުން އޮތީ އެހެންވީމައެވެ. ބައެއްފަހަރު މިލީނާގެ މޫނަށް އުދަގޫ ކުރާ އިސްތަށިކޮޅުތައް އެއްފަރާތްކޮށްލައެވެ. ނޫނީ އެ ކުޑަ ނޭފަތުގައި ހިފައިލައެވެ.
"ރެން، އައި ހޭވް ސަމްތިން ޓު ޓެލް ޔޫ...." މިލީނާ ފޮތް ލައްޕާލާފައި މިހުރާން އާއި ދިމާލަށް އެނބުރުނެވެ.
"ބޫ މަރުވުމުގެ ކުރިން ޝެލް ގާތުގައި ބުނީ ރަފޭލް އާއި މެރީ ކުރާށޭ، ރަފޭލް ވަރަށް ދުވަސްވެއްޖެ ޝެލްދެކެ ލޯބިވެގެން އުޅޭތާ، ޝެލް ބުނާގޮތުން ރަފޭލް ބެން މަރާލީ އެހެންވެ.... އިޒް ދެޓް ޕޮސިބްލް؟" މިލީނާގެ ވާހަކަތަކުން މިހުރާން ހައިރާންވިއެވެ. ރަފާއިލް އާއި މެދު އޭނައަށް ކުރެވުނީ ކުށްހީއެއް ނޫންތާއެވެ. ނަމަވެސް ރަފާއިލް އިއްބާނުއަށް ޑްރަގް ދީގެން މަރާލާނެ އެކޭ ހިތެއް ނުބުނެއެވެ. ނަމަވެސް ރަފާއިލް މިގެއަށް އައިފަހުން އޭނަ އުޅުނީ ސިއްރުން ފުރިފައިވާ ގޮތަކަށޭ ހިތަށް އަރައެވެ. ކިތަންމެ މާތްގޮތެއް ހުއްޓަސް މީހެއްގެ ހަގީގަތެއް ނޭގޭނެ އެވެ. މިލީނާ މިޝެލިން ބަލިވެއިން ކަމަށް ހީކޮށްގެން މިހުރިހާ ދުވަހު ހުރިކަމަށާއި މިއަދު އެހެން ނޫންކަން އެނގުމުން ހިތާމަކުރިވަރުވެސް ކިޔައިދިނެވެ. ރަފާއިލް ދެކެ އެހާ ނަފްރަތު ކުރާއިރު ކައިވެނި ކޮށްގެން އުޅެވޭނީ ކިހިނެއްބާވައޭވެސް ސުވާލު ކުރިއެވެ.
"އަހަރެމެން ވެސް ލޯބިވެގެނެއް ނޫން ދޯ އިނީ، މިހާރު ބަލާލަބަލަ، ރަފޭލްގެ ކައިވެނި އެހެން ކުއްޖަކާ ކުރުވަން އުޅޭ ވާހަކަ މަންމަމެން ދެއްކި އަޑުއެހިން....." މިހުރާންގެ ތޮބީއަތު މުޅިން ގޯސްވެއްޖެއެވެ. އިއްބާނުގެ މަރާއި ބެހޭގޮތުން ހިތުގައި ޝައްކު އުފެދެން ފެށިއެވެ. އެބުނާހެން އެރޭ ރަފާއިލް ލަންޑަނުން ބޭރުގައި ހުރީ ކީއްވެ ހެއްޔެވެ؟ އަދި ރަފާއިލް އެމްބިއުލެންސްއަށް ގުޅަން އެނގުނީ ކީއްވެ ހެއްޔެވެ؟ އިއްބާނު ޑްރަގް އޯވަރޑޯޒްވީ ވާހަކަ ރަފާއިލްއަށް ގުޅާފައި ބުނީމަވެސް ހައިރާންވެއެވެ. އޭނަ އެކަހަލަ ކަމެއްކޮށްފައި އަދި އެންމެން ގާތުގައި އަމިއްލައަށް ބޭޒާރުވާންވީ ހެއްޔެވެ؟ އިއްބާނު މަރުވީ ގުދުރަތީ މަރަކުން ނޫންހެއްޔެވެ؟ މިހުރާން ވާރޭގެ ހިތްގައިމު އަޑުއަހަން ދެލޯމަރާލައިގެން އޮތްއިރު އެދުވަހުގެ ތަފާތު ހަނދާންތައް އޭނަގެ ލޮލަށް ކަރުނަ ގެނުވިއެވެ.
"ރެން ކޯންޗެއްތަ ތި ވިސްނަނީ؟" މިލީނާ މިހުރާންގެ އަތުގައި މަޑުމަޑުން ހިފައިލި އެވެ. މިހުރާން އެއޮތް ގޮތަށް އޮވެ މިލީނާގެ މޫނަށް ބަލާލައިފި އެވެ. ކޮޓަރީގެ ތެރޭގައި ވިރެމުންދާ އުއްބައްތި ތަކުގެ އަލީގައި އެ މޫނު ފެންނަނީ ހާދަ ހުވަފެނީ ކޮށެވެ. އެ ބޮޑު ދެލޮލުގެ ތެރެއިން ކަޅުކަޅިވިދާގޮތް ފެނުމުން މިހުރާންގެ ހަށިގަނޑުގައި ތަފާތު ވިންދެއް ޖަހާލައިފި އެވެ. އޭނައަށް އަބަދުވެސް މިލީނާގެ އެ ބޮޑު ދެލޯ ހާދަ ރީއްޗެވެ. ފެނުނު ދުވަހުވެސް އެދެލޮލަށް ފިދާވާވަރުވިއެވެ. މިހުރާން އެކުޑަ ހަށިގަނޑު ގަޔާއި ލާ ފިތާލަމުން ވަކި ޖަވާބެއްނުދީ ހިނިތުންވުމަކުން ފުއްދާލައިފިއެވެ. ފާރުގައި ނަށަމުންދާ ހިޔަނިތަކުގެ ތެރެއިން މިހުރާން އާއި މިލީނާގެ ހިޔަނިވެސް ފެންނަނީ އެކައްޗެއް ހެންނެވެ.
މިހުރާންގެ ފޯނަށް މެސެޖެއް އައިހެން ހީވެގެން މިލީނާ އަތް ދިއްކޮށްލާފައި މެސެޖް ހުޅުވައިލީ އެއްގޮތަކަށްވެސް އެހާ ބިރުވެރި މެސެޖެއް ފެނިދާނެ ކަމަކަށް ނޫނެވެ. މިލީނާގެ މޫނުގެ ކުލަ ބަދަލުވިއެވެ.
"މިފަހަރު އަހަރެން ޕްރެގްވެއްޖެއްޔާ އުފަލުން މޮޔަވެދާނެ.. ރެންގެ ބޭބީއެއް ލިބުމަކީ މައި ޑްރީމް.." އެ މެސެޖް ކިޔާލާފައި މިލީނާގެ މޫނަށް ވެރިވި ކުލަވަރު ފެނިފައި މިހުރާން ފޯނު އަތުލިއެވެ. އެ ކަޅުކުލަގަދަ ބުމަ ގޮށްޖެހިގެން ދިޔުމާއި އެކު މިހުރާން އެވަގުތު މީރާއަށް ގުޅާލާފައި ވަރަކަށް އެއްޗެހި ގޮވާލައިފި އެވެ. މިލީނާ އޮތީ ބާލީސް މޭގައި ޖައްސާ ބާރުކޮށްލައި ގެންނެވެ. ވިސްނަންވީ އެއްޗެއް ނޭގިފައެވެ. މީރާ އެފަދަ މެސެޖެއް ފޮނުވައިލުމުން އައި ރުޅީގައި މިހުރާން އަދި އެއްޗެހި ގޮވާލިޔަސް އެ ގުޅުމާއި ބެހޭގޮތުން އެކައްޗެކޭވެސް ބުނީއެއް ނޫނެވެ. މިހުރާން ފޯނުން މީރާ ރޮއްވާލާފައި ފޯނުވެސް އަތުކޮޅަށް ހޫރާލާފައި ބާރަށް ގޮސް ފާޚާނާއަށް ވަދެ ދޮރު ލައްޕާލައިފި އެވެ. މިލީނާއަށް މިހުރާންގެ އެ އަމަލުތައް ފެނުމުން ފަހަތުން ދާކަށް ނުކެރުނެވެ. އޭނަ ކުއިލްޓް ދަށަށްވަދެ ކުރުގެޅިލައިގެން އޮތީ ހަދާނެގޮތެއް ނޭގިފައެވެ.
"މިލީ ނިދީތަ؟" ފަނަރަވަރަކަށް މިނިޓްފަހުން މިހުރާން ނުކުމެގެން އައީ ހީވާގޮތުން ފެންވަރާލައިގެންނެވެ. އިސްތަށިގަނޑުވެސް އޮތީ ތެތްކޮށެވެ.
"ނޫން...."މިލީނާ މަޑުމަޑުން ބުންޏެވެ.
"މީރާ އެއްޗެކޭ ބުނާއިރަށް މިލީވެސް ތިއޮތީ ޝައްކުވެފައި ނޫންތަ؟ އަހަންނަށް ޓްރަސްޓް ނުކުރާނީތަ؟ އެމީހުން އުޅެނީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން އަހަންނާއި މިލީ ވަކި ކުރުވަން......" މިހުރާން ހުރީ އެކަނި ސޯޓުލައި ގެންނެވެ. އެ ކަސްރަތީ ހަށިގަނޑަށް އެޅިފައިވާ އޮރެންޖް އަލީގެ ސަބަބުން ހާދަ ފުރިހަމަ އެވެ.
"ޔީވާވެސް ބުނި ޔޫ ސްލެޕްޓް ވިތް މީރާއޭ، އަހަރެން ޔީވާ ދައްކާ ވާހަކަ ގަބޫލުނުކުރަން އެހެންވެ ނުހުރެވިގެން ސެލީނާ އާންޓީ ގާތުން އަހައިލެވުނީ، އާންޓީ ހަގީގަތް ކިޔާދީފައި އެދުނީ ރެން ގާތުން އެކަން ހުއްޓުވަން، އެކަމަކު ރެން ތިއުޅެނީ އެވާހަކަ ދޮގުކުރަން، ރެން އަހަންނަށް އޮޅުވައި ލަނީ، ރެން މެރީޑްތަ؟ އޭނަ އާއި މެރީކޮށްގެންތަ ރެން ތިހުންނަނީ؟" މިލީނާ ހިތާހިތުން ކިޔާލިއެވެ. މިލީނާ އެސްފިޔަޖަހައިލަން ނޭގި މިހުރާންގެ ދެލޮލަށް ބަލަހައްޓައިގެން އޮތްއިރު މިލީނާގެ ހިތުގައި ދައުރުވަމުން ދިޔަކަމެއް މިހުރާން އަކަށް ނޭގުނެވެ.
އިރުކޮޅެއް ވާންދެން އެކަކު އަނެކަކުގެ ލޮލަށް ބަލަހައްޓައިގެން ގެއްލިފައި ތިބި ހިނދުކޮޅަކަށްފަހު މިލީނާ އެސްފިޔަތައް ތަޅުވާލީ އެ ތޫނު ދެލޮލުން ރަކިވާ ގޮތްވެގެންނެވެ.
"މިލީ، އަހަރެން ކުރީ ދުވަހުވެސް ބުނީމެއްނު މީރާއަކީ މަގޭ ލައިފްގެ ކްލޯސްޑް ޗެޕްޓަރއެކޭ.. ދެން ކީއްވެތަ އާކޮށްފައި ތި ވާހަކަ ނަގަނީ، އަހަންނަކީ އެހާ ގޮތެއްނެތް މީހެއްނޫން، ވަފާތެރިވާންވެސް ދަންނަމޭ، އެހެންނޫނަސް މަގޭ ލޯބިވާ އަންހެންކުއްޖާއަށް އޮޅުވާލަންވީ ކީއްވެތަ؟ ޓްރަސްޓަކީ ލޯބީގެ އެއްބައި......." މިހުރާން ހޭންފެށި އެވެ. މިލީނާ އަނެއްފަރާތަށް އެނބުރުނީ އެ ލޮލުގައި ވިދަން ފެށި ބޮޑެތި ކަރުނަތައް މިހުރާންއަށް ނުދައްކަން ވެގެންނެވެ. ނަމަވެސް މިހުރާން މިލީނާ މަގަތަށް އަނބުރުވާލަން އުޅުމުން އެ ބާރުގަދަ އަތުގެ ތެރެއިން މިލީނާ އަކަށް ސަލާމަތެއް ނުވެވުނެވެ.
"މިލީ އަހަރެން ހީކުރި ގޮތަކަށް ނުވި، ބަލަ މިލީ ހީކުރީ އަހަންނަކީ މޮޔައެއް ކަމަށްތަ؟ މިލީ އާއި އަހަންނާއި ވަކިކުރަން މީހަކު ކުރިކަމެއް މިލީއަށް ނޭގި އޮންނާނެހެން ހީވޭތަ؟ އައި ނޯ، މިލީއަށް ހުރިހާ ކަމެއް އެނގޭ އިރު ހިތުގައި ފޮރުވައިގެން ހުރެ އަމިއްލައަށް ރޮއި ރޮއި މީހާ ހަލާކުވަނީ، މިލީ ގާތު ދޭތެރެޖައްސަން ވާހަކަދެއްކި މީހަކު ބުނެދީފާނަންތަ؟" މިހުރާން ލޯހަނިކޮށްލައިގެން އިނީ މިލީނާ ބިރުގަންނަވާލާށެވެ.
"ތިބުނި އެއްޗެއް ނޭގުނު....." މިލީނާ ކަންތައް ބޮޑުވެގެން ނިޔަފަތި ހަފަން ފެށިއެވެ.
"ދެމަފިރިއެއް ވެއްޖެއްޔާ ކޮމިއުނިކޭޝަން ބެރިއަރ އެއް އޮވެގެން ނުވާނެ..... މިލީއަށް ރަނގަޅަށް އެނގޭނެ އަހަރެން މިކިޔަނީ ކީކޭކަން...." މިހުރާން ގެ ރީތި ލޮލުގައި ރުޅިވެރި ކަމާއި ލޯބިވެސް ވިއެވެ. މިލީނާއަށް މަޖުބޫރުވީ އޭނައަށް އެކަން އޮޅުން ފިލިގޮތް ކިޔައިދިނުމަށެވެ. މިހުރާން އެ ވާހަކަތައް އަޑުއަހަން އިނީ ކެތްތެރި ކަމާއި އެކުގައެވެ. މިލީނާގެ ކުށެއްނެތި މިލީނާއަށް ރުޅިބާލާކަށް ބޭނުން ނުވުމުން ހުނުމަކުން ނިންމައިލީ އެވެ.
މިހުރާން މީރާ އާއި ބައްދަލު ކުރުމުން މިފަހަރުވެސް މީރާ ޔަގީން ކޮށްދިނީ އޭނަ ބަލިވެއިން ކަމުގައެވެ. ލޭ ޓެސްޓް ހަދާފައި އޮތް ރިޕޯޓް ދެއްކިއެވެ.
"އޯކޭ ބޭބީ، އަހަރެން ގަބޫލުކޮށްފިން، އަހަންނަށް މީރާ ތިހާ މަޖުބޫރު ކުރަންޏާ އެހެން ގޮތެއްނެތް، އެހެންނޫންނަމަ އަހަރެންވެސް ބޭނުމެއްނުވާނެ ތެޅިގެން މިފަދަ އެކްޝަނެއް ނަގަން..... މިފަހަރު މިވީގޮތުން މެރީ ކުރަންވާނެ ދޯ، ބޭބީ ބައްޕައެއް ނެތި ދުނިޔެއަށް އައިސްގެން ނުވާނެ، އެކަމަކު ބުނަން ވާހަކައެއް.... އިތުރު އެއްވެސް މީހެއްގެ ގާތު މިވާހަކަ ބުނެފިކަން އެނގިއްޖެއްޔާ އެންމެ ފަހު ވަގުތުވެސް ކައިވެނި ކެންސަލްވެދާނެ އިނގޭ............" މިހުރާން މީރާއަށް އިންޒާރެއްދިނެވެ. މިހުރާން ގެނެސްދިން ފޯމުގައި ސޮއި ކުރި އިރު މީރާއަށް އުފަލުން ރޮވުނެވެ. އުފަލުން ރުއިމަކީ ވެދާނެކަމެއް ކަމެއް ކުރިން އޭނަ ގަބޫލެއްނުކުރެއެވެ. ޖަޒުބާތީވީތަން ފެނިފައި މިހުރާންގެ ހިތަށްވެސް އުދަގުލެއްވިއެވެ. މީރާ އޭނަދެކެ ހަގީގަތުގައި ވެސް ލޯބިވަނީ ހެއްޔެވެ؟
"ޑެވިލްއަށްވެސް ސިއްރުން މިކަން ނިންމާލާނީ...." މިހުރާން ހީލިއެވެ.
"ބައްޕަ ވަލީ ނުދޭނެ..." މީރާއަށް ބުނެވުނެވެ. މިހުރާން ޔަގީންކަން ދިނީ ބައްޕަވެސް ވަލީދޭނެ ކަމަށާއި އެއްވެސް އިންސާނަކަށް ދެން މި ކައިވެނި ނުހުއްޓުވޭނެ ކަމުގައެވެ. ހަގީގަތުގައި ދެ ލޯބިވެރިންނަށް ކައިވެނި ނުކުރެވުނީ ދެއާއިލާގައި އޮތް ޒަމާންވީ ދުޝްމަންކަމެއްގެ ސަބަބުންނެވެ. މާކުރީގެ ހާދިސާއެއްގެ ސަބަބުން އަދިވެސް އެއްބަޔަކު އަނެއް ބަޔަކަށް މާފުނުކުރަނީއެވެ. މިވީގޮތުން ދެ އާއިލާގެ ގުޅުން ބަދަހިވާނެކަން ޔަގީނެވެ. މީރާގެ ރީތި ދެލޯ އުފަލުން ވިދައިގަތުމާއި އެކުގައި އޭނަ ގޮސް މިހުރާންގެ ހަށިގަނޑުގައި ބައްދައިގަތެވެ.