މިޝެލިން ގެ އެ ސުވާލުގެ ޖަވާބުދޭން މިލީނާއަށް އުދަގޫވިއެވެ. އެކަމަކު މިލީނާ ކޮންމެވެސް ވަރަކަށް ބުނެދިނެވެ. އަދި އިއްބާނު އާއި އެކީގައި އެއްވެސް ތަނަކަށް ނުދިޔުމަށް އެދުނެވެ.

ރޯދަމަހު ފަހު ދިހައަށް އެޅުމުން ސޯފިޔާގެ އަޅުކަން އިތުރު ކުރިއެވެ. މިލީނާ އާއި މިޝެލިން ލައްވާ ގިނައިގެން ޤުރުއާން ކިޔަވަން ބާރުއެޅިއެވެ. މިލީނާމެން ކިޔާލަން ސޯފިޔާ ގެނެސްދީފައި ހުރީ ހަލަބުގެ ރާނީ، މިސްރު ފަތަހަ ފަދަ ދީނީ ވާހަކަ ފޮތްތަކެވެ. އަދި ރަސޫލާގެ ސިޔަރަތާއި، އަސްހާބުންގެ ވާހަކަފޮތް ބައިތައް ގަނެގެން ގެނެސް ކުޑަ ހަރުގަނޑެއް ހެދިއެވެ. އެ ފޮތްތައް ކިޔުމުން ކުދިންގެ އީމާންތެރިކަން ވަރުގަދަވާނެ ކަމަށް ސޯފިޔާ ޔަގީން ކުރިއެވެ. ގޭތެރޭގައި ދީނީ ވެށްޓެއް ގާއިމުކުރަން ސޯފިޔާ ކޮށްފައި ނުކުރާކަށް މަސައްކަތެއް ނެތެވެ. ސޯފިޔާ ކޮންމެ ރެއަކުހެން ތަރާވީސް ކުރާއިރު މިޝެލިން ވަރުބަލިވުން ފަދަ ބަހަނާއެއް ދައްކާލަފައި ނަމާދު ނުކޮށް ކަންނެތްވެގެން އޮވެއެވެ. އަނެއް ފަރާތަށް އެނބުރިގެން އޮންނައިރު މިޝެލިން ރަޖާގަނޑު ތެރޭގައި އޮންނަނީ ވާހަކަ ފޮތެކެވެ. މިރޭވެސް އެގޮތަށް އެނދަށް އެރިތަނާހެން އިއްބާނު މެސެޖެއްކޮށްލާފައި އެދުނީ ބޭރަށް ނިކުމެލުމަށެވެ. މިޝެލިން ބަލައިލި އިރު މަންމަ ތަރާވީސް ނަމާދަށް ތައްޔާރު ވަނީއެވެ.

"މަންމާ، ވަރަށް ބަޑުހައިވެއްޖެ......" މިޝެލިން ބަނޑުގައި އަތް ކާއްތާލަމުން ބުންޏެވެ.

"މަންމަ ކައިރީގައި ނުބުންޏަސް ފަޖްއާއި އަލުވި ބޯކިބާ ހުންނާނެ، ޖޫސް ބޮއިގެން އެއްޗެއް ކައިބަލަ......" ސޯފިޔާ ވިސްނުމަކާއި ނުލައި ބުނެފިއެވެ. ކިތަންމެ ވަރަކަށް އަޅާލިޔަސް ބައެއްފަހަރު ނޭގުމުގެ ތެރޭގައި ގޯހެއް ހެދިދާނެއެވެ. މައިންބަފައިންގެ އިހުމާލުން ނޫނަސް އެފަދަ ގޮތަކަށް ދަރިން ނުއަތަކަށް އަޅާފާނެއެވެ. މިޝެލިން ބޭރަށް ނިކުމެ ފްރިޖް ހުޅުވާލައިފައި ކާއެއްޗެއް ނަގައިގެން ގޮސް ކުޑަދޮރު ހުޅުވާލި އިރު އިއްބާނު ހުރީ ދޮރުކައިރީގައެވެ. އަނދިރީގެ ތެރެއިން އިއްބާނުގެ ސޫރަ ފެންނައިރު އިންތިހާއަށް ރީއްޗެވެ. އިސްކޮޅުން ދިގުވެފައި، ބިޔަވުމުން މިޝެލިންއަށް ސިފަކުރެވުނީ ވެމްޕަޔަރެއްގެ ގޮތުގައެވެ. އިއްބާނު ދިން ވެމްޕަޔަރު ވާހަކަތައް ކިޔަމުން ގޮސް މިޝެލިންއަށް ރީތިވަނީ އެފަދަ ސިފަތަކެވެ. އަދި ބްރައުން ކުލައިގެ ގަމީހަކާއި ޖިންސެއްލައިގެން ހުރުމުން ވަކިން ފިރިހެންވަންތައެވެ. 

"ކީއްވެތަ ބެން، އަހަރެން ބެން އާއި ޓޯކް ކުރިކަން އެނގިއްޖެއްޔާ މަންމަ ފެއިންޓްވެދާނެ......" މިޝެލިން ސޯފާ މައްޗަށް އަރާފައި އަތްގަނޑުގައި ދަތްދޮޅި ޖައްސާލައިގެން އިށީނެވެ.

"ހަމަ ދެކިލާހިތުން...." އިއްބާނުގެ އަޑު ފިރިހެންވަންތަވެފައި، އަންހެންކުދިންގެ ހިތްތަކާއި ކުޅެލާނެއެވެ.

"އެއުޅެނީ ވިއްސާރަ ވެހެން، ކައިފިންތަ؟ މަންމަ ވަރަށް މީރު އެއްޗެއް ހަދާފައި އެބަހުރި....." ބާރަކަށް އައި ދޮރުގައި ދަމާފައިވާ ބޯ ފޮތިގަނޑު މިޝެލިންގެ މޫނުގައި އެޅުމުން ފޮތިގަނޑު ދުރުކޮށްލާފައި މިޝެލިން ހީލިއެވެ. މިޝެލިން އަބަދު ހެވިފައި އިންނާތީ އެއީ ހާދަ އުފާވެރި ކުއްޖެކޭ އިއްބާނު ހިތަށް އެރިއެވެ. އަބަދު ހީހީ ހުންނާނެ ނަމައެވެ. އެ ރީތި ހިނިތުންވުމުން ހީވަނީ ކާއިނާތުގައި އެތައް ހާސް މާތަކެއް ފޮޅިގެންދާހެންނެވެ. އެތައް ހާސް އުއްބައްތިތަކެއް ދިއްލައިލާހެންނެވެ. ހާދަ ރީއްޗެވެ. އިއްބާނުގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި މިޝެލިން ސޯފާއިން ފުންމާލައިގެން ގޮސް އަލުވި ބޯކިބާ ފަޅިއެއް ގެނެސް އިއްބާނުއަށް ދިއްކޮށްލައިފި އެވެ.

"ވަން މިނިޓް އިނގޭ، މަންމައަށް އަހަރެން ގޭތެރޭގައި އެބައުޅޭކަން އަންގާލަން ވާނެ، ނޫނީ ބަސްޓް ވެދާނެ...." މިޝެލިން ކިރިޔާ އިއްބާނުއަށް އިވޭ ވަރަށް އެހެން ބުނެލާފައި ދެން ގޮސް ކޮޓަރީގެ ދޮރުމައްޗަށް އަރާފައި މަންމައަށް އޭނަ ހުރިކަން އަންގާލަން ކޮންމެވެސް ސަކަރާތެއް ޖަހާލި އެވެ. މަންމަ ޝައްކު ކޮށްފިއްޔާ ދޭނެ އަދަބެއްވެސް ނޭގެއެވެ. އެހެންނޫނަސް ޚުދު އޭނަވެސް ބިރުގަނެއެވެ. ފިރިހެންކުދިންނާއި ވާހަކަ ދެއްކުމަކީ ކުށެއްކަމަށް އަމިއްލަ ނަފުސަށް ވިސްނައި ދެވެނީ އެވެ. މިޝެލިން ސިހުނީ ކުއްލި އަކަށް ފުރާޅަށް ވެލިތަކެއް އޮއްސާލެވުނުފަދަ ބާރު އަޑެއް އިވިގެންނެވެ. ވިސްނައިލުމުން ވާރޭ ވެހިގަތީކަން އެނގުނެވެ. މިޝެލިން ޔަގީން ކުރީ އިއްބާނު ވާރެއިން ހިޔާވާން ވެގެން ހިނގައިދާނެ ކަމަށެވެ. ވާރޭ ވެހެމުންދާލެއް ބޯކަމުން މިޝެލިން ގެ ހިތަށް ބިރުވެރިކަން ވަދެ، އެނދަށް އަރާފައި އިރުކޮޅެއް ވާންދެން އިނެވެ. އެކަމަކު ދޮރު ނުލައްޕާހުރި ހަނދާން ވުމާއިއެކު މިޝެލިން އެނދުން ފުންމާލާފައި އަވަސްވެގެން ދިޔައީ މަންމައަށް އެކަން އެނގުމުގެ ކުރިން ތަންޑު އެޅުމަށެވެ. 

ކޮރިޑޯގައި ދިއްލާލައިފައި ވަނީ ފަނޑު އޮރެންޖެ ބޮއްކެކެވެ. އެ އަލީގެ ސަބަބުން މިޝެލިންގެ ދޮން މޫނަށް ހުރީ ނާރިގު ކުލަ ވެރިވެފައެވެ. މިޝެލިން ކުޑަދޮރުގެ ފަރުދާތައް ކަހާލި އިރު އެހުރިތަނުގައި ހުއްޓިލައިގެން އިއްބާނު ހުރިތަން ފެނިފައި ހައިރާންވިއެވެ. އިއްބާނު ހުރީ ތެމި ފޯވެލައިގެންނެވެ. އެ ފަންއިސްތަށިގަނޑުން މޫނަށް ފައިބަމުން ދިޔަ ފެންތިކިތައް މުތީތަކެއްފަދައިން ވިދާއިރު އިންތިހާއަށް ރީއްޗެވެ. 

"އައިމް ރިއަލީ ސޮރީ...." މިޝެލިންއަށް ބުނެވުނެވެ.

"ކޮންކަމަކާތަ ބޭބީ ގާލް؟" އިއްބާނު ކަޅުކުލަ ގަދަ އެއް ބުމަ އަރުވާލިއެވެ.

"ބެން ވެއިޓްކޮށްގެން ހުރިކަން ނޭގުނީމަ ކަންނެތްވެލާފައި ނުނިކުމެ ހުރެވުނީމަ، އަހަރެން ހުރިނަމަ ގަދަކަމުންވެސް ބެން ރޫމަށް ފޮނުވާލާނަން، އެކަމަކު ތިހިރީ ތެމިގެން...." މިޝެލިން ހަމްދަރުދީވިއެވެ. 

"ޝެލްއަށް ޓަކައި އަހަރެން މިވަރުގެ ކުޑަކަމެއް ކޮށްލީމަ ހައިރާން ވެއްޖެ ދޯ، އިރުއަރަންދެން ވާރޭތެރޭގައި މިތާ ހުރުމަކީ އަހަންނަށް މާ ބޮޑުކަމެއް ނޫން، ވީމަ ދެން ދުވަހަކުވެސް ސޮރީ އޭ ނުބުނާތި...." އިއްބާނު ގެ އަޑުގައި ޔަގީން ކަމެއްވިއެވެ. 

"ބެން، ބަލިވެދާނެ..." މިޝެލިން އަނގަޔަށް ގޮތެއް ހަދާލިއެވެ.

"ވާރެ އާއި ތެމިލަން އަންނަންވީނު، ރީތި މެމަރީއަކަށް ވެސްވެދާނެ..." އިއްބާނު ކުޑަދޮރުގައި އަތް އަޅުވަމުން މިޝެލިން އާއި ދިމާލަށް އަތް ދިއްކޮށްލައިފި އެވެ.

"ނުކެރޭނެ....." މިޝެލިން ކުޑަކޮށް ފަހަތަށް ޖެހިލި އެވެ.

"ދެން އާދެބަލަ، އަހަރެން ހީކަރުވައިގެން މިއޮތް ހަލާކުވަނީ، ހަގް އެއް ދޭންވީނު......" އިއްބާނު ލާނެތް ހުނުމަކާއި އެކު އެހެން ބުނެލި ގޮތަކުން މިޝެލިން ގެ ހިތް ތެޅިލިއެވެ. އިއްބާނު މިގޮތަށް ސަމާސާ ކުރާތީ ކަންބޮޑުވިއެވެ. އޭނަ އެއްގޮތަކަށްވެސް އިއްބާނު އާއިމެދު އެހެން ހައިސިއްޔަތަކުން ދެކޭކަށް ބޭނުމެއް ނޫނެވެ. 

"ނޫން، ނޫން އައިމް ސްކެއާޑް..." މިޝެލިން ދެލޯ ބޮޑުކޮށްލިއެވެ.

"އަހަރެން ދެކެ ބިރުގަންނަނީތަ؟ ވެލް، ތިއީ ހާދަ ދެރަކަމެއް، އަހަރެން ބޭނުމީ ތި ބިރު ކޮންމެވެސް އެހެން ފީލިން އަކަށް ބަދަލުކުރަން، މިހާރު އަހަރެމެން ފްރެންޑުންގެ ގޮތުގައި މިތިބީ، ދެން މިއަށް ވުރެ އިތުރު ސްޓެޕެއް ހަމަ ނުނެގޭނެތަ؟ ކީއްވެ ބިރުގަންނަނީ؟ އަހަރެން އެހާ ގޯހެއް ނުވާނެ..." އިއްބާނު މޫނުމަތީގައިވާ ފެންތިކިތައް އަތުން ފޮހެލި އެވެ.

"ނު...ނޫން....އައިމް..އައިމް ނޮޓް އެފްރެއިޑް އޭ ބެން، އެކަމަކު.." މިޝެލިންއަށް ކިޔަންވީ އެއްޗެއް ނޭގުމުން އަޅައަޅައިގެންފާ ބުނެލިގޮތުންވެސް އިއްބާނު މޮޔަކުރުވިއެވެ.

"އެކަމަކު ހަގްކޮށްލަންވެސް ތިހިރީ ބިރުގެންފައި، އަހަންނާއި އެކު އެއްވެސް ކަމެއް ކޮށްލަން ބިރުނުގަންނަވަރު ވާނެ ދުވަހަކަށް މި ވެއިޓް ކުރަނީ، ކިތަންމެ ދިގު އިންތިޒާރެއް ކުރަން ޖެހުނަސް ވެއިޓް ކުރާނަން، ޝެލްސް، އެހެން ކަމެއް ނުކުރެވުނަސް ޑިނަރ އަކަށް އަހަންނާއި އެކު ގޮސްދީފާނަންތަ؟ ނޫނީ ބީޗްގައި ހިނގާލަން ނޫނީ ސައިކަލް ދުއްވާލަން، މަންމައަށް ކޮންވިންސް ކުރުވަބަލަ....." އިއްބާނު ކުޑަދޮރަށް ލެނގިލައިގެން ހުރިއިރު އެ ރީތި ދެލޯ މުޅިންހެން ހުއްޓިފައި ހުރީ މިޝެލިން އަށެވެ.

"ނޫން ބެން، ބެންއަށް އަދި މަންމަ ދަސްނުވަނީ، މަންމަ ކައިރީގައި ތިހެން ބުނެލިޔަސް ގްރައުންޑް ކުރާނެކަން ޔަގީން، މަންމަ އެއްގޮތަކަށްވެސް ހުއްދައެއް ނުދޭނެ، ބެން އަށް އެނގޭތަ؟ އަހަންނަށް މީޓްވެވޭނީ މިގޮތަށް ސިއްރުން، ބަސްޓްވެއްޖެއްޔާ އެ ނިމުނީ، އެހެންވީމަ ވަރަށް ކެއަފުލް ވާންވާނެ....." މިޝެލިން ގެ ވާހަކަ ހުރިގޮތުން އިއްބާނު ކުޑަކޮށް މާޔޫސްވިއެވެ. މިޝެލިން ހާސިލު ކުރުމަކީ އުދަގޫ ދަތުރަކަށް ވެދާނެކަމަށް ސިކުނޑީގެ ކަނަކުން ސިގްނަލް ކުރިއެވެ. އެ ޅަހިތާއި ހަމަޔަށް ފޯރުމަކީ އިއްބާނު ހީނުކުރާހާ ދަތިކަމަކަށް ވާނެއެވެ.

"މިހެން ސިއްރުން މީޓްކުރީމަ މާ ރޮމެންޓިކް ދޯ..." އިއްބާނު ހީލުމުން އަނދިރީގެ ތެރެއިން އެ ހުދު ހުދުދަތްތައް ފެނުނީ ވިދުވަރެއްހާ ރީތިކޮށެވެ.

"ރޮމެންޓިކް ގެ މާނައަކީ ކޮބައިތަ؟" މިޝެލިން މައުސޫމްކޮށް އަހައިލިއެވެ.

"އަހަރެން މިޖެހުނީ ޓީޗަރަކަށް ވާންދޯ" އިއްބާނުއަށް މަޖާވިއެވެ.

"ޓެލްމީ، އައި ނީޑް ޓު ނޯ....." މިޝެލިން ބޮޑާހާކާގޮތަކަށް ބުންޏެވެ.

"މިވެސް ރޮމެންސް، ދެމީހުން އެކަކު އަނެކަކާއި ދިމާލަށް ބަލަހައްޓައިގެން ވިންޑޯ ކައިރީގައި ތިބެވުނީމަ މަށަށް ދެން ރޮމެންޓިކް، މިހެން ވާރޭތެރޭގައި އަތު ގުޅުވާލައިގެން ހިނގިޔަސް ރޮމެންސް، އުއްބައްތި ދިއްލާލައިގެން ކާން ތިއްބަސް ރޮމެންޓިކް، ދެން.........." އިއްބާނު ފިނިވެފައިވާ އަތްތިލަ ޖީބަށް ޖަހައިލި އެވެ. އިއްބާނު ކޮންމެވެސް ވަރަކަށް އިޝްގު އަދި ލޯބީގެ ވާހަކަތައް ކިޔައިދިނުމުން މިޝެލިން އިނީ ޝައުގުވެރިވެފައެވެ.

މިޝެލިން ދޭތެރެއަކުން އޭނަ އެބައުޅޭކަން އަންގާލަން ކޮޓަރިއަށް ވަދެ ގަނޑެއް ގަނެލައެވެ. ސޯފިޔާއަށް ދަރިފުޅު މިހިރީ އިއްބާނު އާއި ވާހަކަ ދައްކަން ކަމެއް ރޭކާނުލިއެވެ. ކޮޓަރި ހުރީ ތަންކޮޅެއް އެތެރޭގައި ކަމުން މުޅިންވެސް އިވެނީ ފުރާޅުގައި ވައި އަޅުވާ އަޑާއި، ޖެހިގެން ހުރި ބައިގެ މަތީގައި އުޅޭމީހުން ފައި ޖެހޭ އަޑެވެ. ހީވަނީ ގަސްތުގައި ބަޔަކު މަތީގައި ގުންފައި ޖަހާހެންނެވެ. މިޝެލިން އާއި އިއްބާނު ނުވައެއް ޖަހަންދެން ވާހަކަ ދައްކަން ތިބެފައި އިއްބާނު ދަމުން މާދަން ރޭވެސް ބައްދަލުކުރަން ވަޢުދުވިއެވެ. މިޝެލިން ދޮރު ލައްޕާލާފައި ކޮޓަރިއަށް ވަންގޮތަށް ޤުރުއާން ކިޔަވަންފެށިއެވެ. އެހެންނޫނީ އޭނައަށް މި މާތް މައްސަރުގެ ސަވާބު ނުލިބިދާނެއެވެ. އޭނަ ނަރަކައަށް ދާން ބޭނުމެއްނޫނެވެ. ފާފަ ވެރިކަންތައް ކުރާކަށް ބޭނުމެއްނުނެވެ. މިޝެލިން ކިޔަވަން އިންއިރު ޚިޔާލުގައި ވަނީ އިއްބާނު ދެއްކި ވާހަކަތަކެވެ. 

މާޒިން މާލެއަށް ބަދަލުވީ އާއިލާ އާއި އެކު ހަމަޖެހޭ ރީތި ދިރިއުޅުމެއް ވޭތުކުރުމުގެ ފޮނި އުއްމީދާއި އެކުގައެވެ. މާލެއިން ލިބުނީ މުސާރަ ބޮޑު އެކަށީގެންވާ ވަޒީފާއެކެވެ. އެހެންމީހުންނަށް ބަރޯސާ ނުވިޔަސް ލިބޭ މުސާރައިން އަންހެނުންނާއި، ދެކުދިންނަށް ބޭނުންވާ ކަންތައް ފުރިހަމަކޮށްދީފައި ކޮންމެވެސް ވަރަކަށް ރައްކާކުރެވޭނެ ކަމަށް ހީކުރިއެވެ. އެކަމަކު މާޒިން ހައިރާންވީ ވަޒީފާގެ ކަންތައް އޭނަ ހީކުރިހާ އޮމާންކޮށް ނުދިޔައިމައެވެ. ފުރަތަމަ ސޯފިޔާ ބަލިވެގެން އޭނަ މެޑިކަލް ހުށަހެޅުމުން މެނޭޖްމެންޓުން އެކަން މައްސަލައަކަށް ހެދިއެވެ. މާޒިން ހުރީ ކެތްކޮށްލައިގެންނެވެ. ކިޔާނެ މާބޮޑު އެއްޗެއް ނެތީއެވެ. މަޖުބޫރުވީއެވެ. އެހެން ހުއްޓާ ތިއޭޓަރުގައި ޖެހުނު މައްސަލައެއްގެ ޒިންމާ އޭނަގެ ބޮލުގައި އެޅުވުނެވެ. އެވަރުންވެސް އޭނަ ހިމޭނުން ހުރީ މިއަދު އޭނައަށް ހެދޭނެ މާބޮޑު ގޮތެއްނެތީމައެވެ. އާއިލާއަށް ޓަކައި ހިމޭނުން ހުންނަން މަޖުބޫރު ވުމުންނެވެ. ދެން މިއަދު އޭނަ އޮފީހަށް ގެންގޮސް ދެއްކި ވާހަކައަކުން މާޒިން ބޯ ގޮވާވަރުވިއެވެ. އޭނަ ދެން ވީ އެމީހުންގެ ފައި ބުޑަށް ވެއްޓި އާދޭސްކުރަން ހެއްޔެވެ؟ ވަޒީފާއިން ނުކަނޑާށޭ ކިޔާ ރޯންހެއްޔެވެ؟ އެއްވެސް ސަބަބަކާއި ނުލައި އޭނަގެ ވަޒީފާ ގެއްލުނީ އެވެ. އެހެން މީހަކަށް ދޭންވާ ވަޒީފާ އޮޅިގެން އޭނައަށް ދެވުނީ އޭ ކިޔާފައި މޮޔަ ސަބަބެއް އެމީހުން ދެއްކިއެވެ. އެމީހުން ބޭނުންވަނީ މާޒިންއަށް ވުރެ ތަޖުރިބާހުރި ޑޮކްޓަރެއްކަމަށް ބުނެ މާފަށް އެދުނެވެ. މާޒިން ބޮޑުމީހާގެ މޫނުމަތީގައި ނުޖަހާ ނިކުމެގެން އައީ ދުވަހަކު ކަމަކާއި ކެތްތެރިނުވާވަރަށް ކެތްކޮށްލައިގެން ހުރެއެވެ. އެކަނި ވުމުން ލޮލުގައި ގިނަވެގަތް ކަރުނަތައް މާޒިންއަކަށް ނުހިފެއްޓުނެވެ.

މާޒިން އޮފީހުން ނިކުތް ގޮތަށް ނަވާޒުއަށް ގުޅިއެވެ. އަދި ލޯނެއް ދިނުމަށް އެދުނެވެ.

"ސޮރީ، މިވަގުތު ވަރަށް ތާށިކޮށް މިއުޅެނީ......" ނަވާޒުގެ ޖަވާބުން މާޒިން ގޮތްހުސްވިއެވެ. އެކުވެރިން ގާތު ލާރި ހޯދަން ކިޔުމަކީ މިވީތަނަށް މާޒިން ކޮށްފައިވާ ކަމެއް ނޫނެވެ. އެކަމަކު އޭނަ އެހެން މީހުންނަށް އެހީތެރިވެދީފައިވަނީ ކިތައް ފަހަރުކަމެއް އޭނަ ހަދާނެއްނެތެވެ. އެކުވެރިންނަށްޓަކައި މާޒިން ވަރެއް ނެތެވެ. އެކަމަކު މާޒިން ހާލުގައި ޖެހުނު ދުވަހު އޭނައަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ މީހަކު ނުވާނެ ބާވައެވެ. ނަވާޒުވެސް އޭނަ އާއި އެހީނުވީއެވެ.

މާޒިންއަށް އޭނަ ވަޒީފާއިން ކަނޑާލި ވާހަކަ ސޯފިޔާ ގާތު ބުނާކަށް ނުކެރުނެވެ. އެހެންނޫނަސް ކުދިންގެ އުފާވެރި ދިރިއުޅުން ބަރުބާދުކޮށްލާފައި އަލުން ރަށަށް ގެންދެވިދާނެ ހެއްޔެވެ؟ ކޮންމެ ފަދަ ގުރުބާނީއެއް ވެގެންވެސް މިއަދު އޭނަ ޖެހޭނީ މާލޭގައި ދިރިއުޅުމަށެވެ. 

ސޯފިޔާ ތަރާވީސް ނަމާދުކުރާ ގަޑީގައި މިޝެލިން ދޮރުމަތީގައި ހުރެ އިއްބާނު އާއި ބައްދަލު ކުރާކަމުގެ ހިލަމެއްވެސް ސޯފިޔާ އަކަށް ނުވިއެވެ. މިޝެލިން ދޭތެރެ އަކުން ކޮޓަރިތެރޭގައި ކޮންމެވެސް ކަމެއްކޮށްލާފައި އުޅޭތަން ފެނުނީމަ ސޯފިޔާ އިންނަނީ ހިތް ހަމަޖައްސާލައި ގެންނެވެ. އެއްގޮތަކަށްވެސް މިޝެލިން އެހާ ޅައިރު އެގޮތަށް ފިރިހެންކުއްޖަކަށް ޝައުގުވެރި ވެދާނެ ކަމަށް ސޯފިޔާގެ ހިތަށް އަރާނީ ކިހިނެއް ހެއްޔެވެ؟ ހަގީގަތަކީ މިޝެލިންގެ މާބޮޑު ޝައުގެއް އިއްބާނު އަކަށް ނެތެވެ. މިޝެލިން ގެ ހިތުގައިވަނީ އެކުވެރިކަމެވެ. އިއްބާނު ދައްކާ ލޯބީގެ ފުން، ސިއްރުވެރި ވާހަކަތައް މިޝެލިންއަކަށް ނުވިސްނެއެވެ. އިއްބާނުގެ ކޮންމެ ޖުމްލައަކުން މިޝެލިން ދެކެ ވާ ލޯތްބާއި، ބޭނުންވާވަރު އަންގައިދޭ ކަމެއް ނޭގެއެވެ. އެއިން ކޮންމެ ޖުމްލައެއް މިޝެލިން ނަގަނީ ސަމާސާއަކަށެވެ.

މިލީނާ އާއި މިޝެލިން ކޮލެޖުން ލިބުނު ހުސްގަޑިއެއްގައި ކާރަކަށް ގުޅައިގެން "ގޯލްޑެން ފްލޭމް" ގެ ގެއަށް ދިޔައީ ދެވުނު ޝައުގެއްގެ ބޮޑުކަމުންނެވެ. އެކުދިން އެގެއާއި ތަންކޮޅެއް ދުރަށް ކާރު މަޑުކުރުވުމަށްފަހު އެ ގޯޅިން ހިނގައިގަތްއިރު ހިތްވަނީ އަވަސްވެފައެވެ. އެތައް ޒަމާނެއް ފަހުން ބައްޕަގެ އާއިލާގެ މެމްބަރުން ފެނުމުގެ ނަސީބެއް ލިބެން އުޅެނީއެވެ. އެގޭގެ ކުރިމަތީގައި ކަހަލަގޮތަކަށް ހުރީ ބޮޑު އޮފި އެލޭ ގަހަކަށް ވާތީ މުޅި ހިސާބަށް އޮތީ ހިޔާދީފައެވެ. ގެ ހުރީ އެހާ ޒަމާނީކޮށް ހަދާފައެއް ނޫނެވެ. ދެބުރި އިމާރާތެކެވެ. އެކަމަކު އާސާރީކޮށް ހުރުމުން ހައިބަތު އިތުރުވެފައިވާހެން ހީވެއެވެ. ގޭގެ ކުރިމަތީގައި ހުރި ސިކިއުރިޓީގާޑު އެކުދިންނަށް ބަލާލައިފިއެވެ. އޭނަ ހިކިކަމުން ހީވަނީ ވައިރޯޅިއަކާއިއެކު އުދުހިގެން ހިނގައިދާނެ ހެންނެވެ.

"މިގޭ މީހުންނާއި ބައްދަލު ކުރެވިދާނެތަ؟ " މިޝެލިން އަހާލައިފި އެވެ.

"އެމީހުން ވީ ލަންޑަނުގައި...." ސިކިއުރިޓީ ގާޑުގެ އެޖުމްލައިން މިލީނާ އާއި މިޝެލިންއަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. އެކުދިން އެފަދަ ގައުމަކަށް ނުދެވިގެން ރީތި ހުވަފެންތައް ދެކޭއިރު ބައްޕަ ފަރާތު އާއިލާގެ މީހުން އެއުޅެނީ ލަންޑަނުގައެވެ. މާ މުއްސަދި ނުވިޔަސް މިހާރު ގައުމުތައް އޮންނަނީ ކާރިވެފައެވެ. ކިޔަވައިގެން ލާރިކޮޅެއް އެއްކޮށްލައިގެން ލަންޑަނާއި، ޕެރިހަށް ބާޒާރުކުރަން ދާމީހުންވެސް އުޅެއެވެ. ހަނީމޫން ޕެކެޖްތަކުގައި ޔޫރަޕަށް ދިޔުމަކީ އާއްމުކަމެކެވެ. އެކުދިންނަށްވެސް އަދި ފުރުސަތު ލިބިދާނެއެވެ. މިޝެލިންގެ ހިތުގައި ވި ޝައުގު އިންތިހާއަށް ބޮޑުވިއެވެ. 

"އަހަރެމެން ރޯޒް ބިނދެލިޔަސް އޯކޭތަ؟ " މިޝެލިން ސިކުއިރިޓީ ގާޑު ހުއްދަ ނުދެނީސް ވައިރޯޅިއެއްހާ ހަލުވިކަމާއިއެކުގައި ގޭޓުން އެތެރެވިއެވެ. ސިކިއުރިޓީއެއްގެ ހުއްދަ ހޯދަންވީ ކީއްކުރަން ހެއްޔެވެ؟ މިއީ އެކުދިންގެ ކާފަގެ ގެއެވެ. މިޝެލިން ވަށައިގެން ނަޒަރު ހިންގާލިއެވެ. އޮފިއެލޭ ގަހުގެ ބައެއް ގޮފިތައް ބެލްކަނީ އާއި ހަމަޔަށް ފޯރައެވެ. ދޮރުމަތީގެ އެއްފަރާތުގައި ވަނީ މުޅިންވެސް ރަތް އަދި ފިޔާތޮށިކުލައިގެ ފިނިފެންމާ ގަސްތަކެވެ. ބޮޑެތި މާތަކެއް ފޮޅިފައިވާއިރު ބިނދެފައި ނުބިންނަންވީ މަލެއްވެސް ނޭގުނެވެ. މިޝެލިންއަކީ މަލާއިހެދި މޮޔަވާ ކުއްޖެކެވެ. މިޝެލިން ކުޑަ ޕަރީއެއްހެން މާތަކުގައި ފިރުމަމުން ދިޔަ މަންޒަރު ބަލަހައްޓައިގެން ގޭޓުކާރީގައި އެހެންމީހަކު ހުރިކަމެއް މިޝެލިންއަކަށް ނޭގުނެވެ. މިލީނާ ހުރި ގަނޑުވެފައިވާ ބުދެއްހެންނެވެ. ހިރިލާން ނުކެރިފައެވެ.
"ދެކުދިން ބޭނުންވަރަކަށް މާ ބިނދެލަންވީ، ހުއްދަދީފިން......" އިއްބާނުގެ ބަރުއަޑު އިވުމުން މިޝެލިން ސިހިފައި އެނބުރި ބަލާލައިފިއެވެ.

"މިއީ ބެން ގެ ގެތަ؟ " މިޝެލިން ދެލޯ ބޮޑުވިއެވެ.

"އިރުކޮޅަކަށް މިގޭގެ ބޮސް ހެދުނީ، އަހަންނަށް މިހާ ރީތި ގެއެއް މިލްކުވެދާނެތަ؟ އަހަރެން ހީކުރީ ޝެލްމެންގެ ގެކަމަށް....." އިއްބާނު އެއް ބުމަ އަރުވާލިއެވެ. އިރުގެ އަލި އިއްބާނުގެ ޓޭންވެލާފައިވާ މޫނަށް އެޅުމުން ފެންނަލެއް ވަކިން ރީއްޗެވެ. އޭނަލައިގެން ހުރީ ކަޅުކުލައިގެ ޓީޝާޓަކާއި، އައިސްބްލޫ ޖިންސެކެވެ. 

"މިގެއަށް ވަދެވުނީ ކިހިނެއްތަ؟" މިޝެލިން މޮޔަ ސުވާލެއް ކޮށްލިއެވެ.

"ގޭޓުން، އެހެންނޫނަސް ސިކިއުރިޓީ ގާޑަކީ މަގޭ ވަރަށް ކްލޯޒް މީހެކޭ..." އިއްބާނު ލާނެތް ހިނިތުންވުމަކާއިއެކު ބުންޏެވެ.

"އެއީ ބެންގެ ބައްޕަ ދޯ..." މިޝެލިން އަށް ޝައްކެއްވިއެވެ. އެމީހާ އިއްބާނުއަށް "ދަރިފުޅާ" އޭ ކިޔާފައި ވަރަށް ލޯބިން ގޮވާލި އަޑުވެސް އިވުނެވެ. 

"ސިކުރިޓީ ގާޑެއްގެ ދަރިއަކަށް ވީމަ އަނެއްކާ ޝެލްއަށް ކަމުނުދިޔައީ ތަ؟ ޝެލްގެ މަންމަ ލައިކްވަނީ ނިކަމެތިކުދިންނާއި އޭ ބުނީމެއްނު، ވީމަ އަހަރެން ހާ ލަކީ މީހެއް ނުހުންނާނެ ދޯ......" އިއްބާނު އިސްތަށިގަނޑުގައި އަތް ހިންގާލާފައި އެހެން ބުނެލީ ކުޑަކޮށް ކަންބޮޑުވެފައި ހުރެއެވެ. ހީވާގޮތުން ސޯފިޔާ ގެ އަދި ކިތަންމެ ޝަރުތެއް ހުންނާނެއެވެ. ސޯފިޔާ އެހާ ހެއްވާ ޝަރުތެއް ހުށަހަޅަން ޖެހޭނެ އެއްވެސް ސަބަބެއް އިއްބާނުގެ ވިސްނުމަކަށް ނާދެއެވެ. ވިސްނޭ މީހަކު އެމީހެއްގެ އަންހެންދަރިޔަކަށް ފަގީރު ބައިވެރިޔަކު ހޯދަދިނުމަކީ ދެކޮޅުޖެހޭ ވާހަކައެއް ނޫނެވެ. އޭނަ މިފަދަ ވާހަކައެއް އަޑުއެހީ އަލަށެވެ. އެކަނި ފަގީރުވީމަ އެ ނިމުނީހެއްޔެވެ؟
"މަންމަ ބެން ދެކެ ވަރަށް ލައިކްވާނެ، ކޮންމެވެސް ސަބަބަކާއި ހުރެ މަންމަ ރިޗް މީހުންދެކެ ފޫހިވެފައި ހުރީ، ބެން، މިއީ އަހަރެމެންގެ ގެއެކޭ ބުނެފިއްޔާ ބެން ގަބޫލުކުރާނަންތަ؟" މިޝެލިން ސީރިޔަސް ގޮތަކަށް ބުނެލިއެވެ. އެކަމަކު އެ ޖުމްލައިގައި ދެއްކުން ތެރި ނޫނީ ފޮނިގޮތެއް ނެތެވެ. އަދި ދޮގުހަދަން ނޫނީ ސަމާސާއަކަށް ބުނި ޖުމްލައެއްހެން ހިޔެއްނުވެއެވެ. މިލީނާ އެވަގުތު މާނަވީ ނަޒަރަކުން މިޝެލިން އާއި ދިމާލަށް ބަލާލައިފާ އެކަން ސިއްރުކުރަން ލޮލުގެ އިޝާރާތުން އެންގިއެވެ. މިޝެލިންއަށް މިލީނާގެ ލޮލުގައިވި މެސެޖް ދެނެގަނެވުނެވެ. އެއީ އިއްބާނުފަދަ ބީރައްޓެއްސަކަށް އެނގެން ޖެހޭނެކަމެއް ނޫނެވެ. މިޝެލިން ވަގުތުން ވާހަކަ އޮޅުވާލާފައި މިހެންހުރި ފަޅު ގެއަކަށްވީމަ އެންމެންގެ ގެއަކަށް ވާނެ ނޫންހޭ ބުނެލައިފިއެވެ. އަދި އެމީހުންނަށް މިފަދަ މުއްސަދިކަމެއް ނުލިބޭނެކަމަށާއި، ކުޑަ އެޕާޓްމެންޓެއްގައި އުޅެނީ އާދައިގެ މީހުންނަށް ވީތީ ކަމަށް ބުނެ އިއްބާނުއަށް ހަގީގަތް އޮޅުވާލައިފިއެވެ.

"ދެމީހުންގެ ގެއެއްކަމަށް ބަލާނީ، ދެން އަހަރެންގެ ގެއެއް ވެއްޖެއްޔާ ޝެލް ގެ ގެއަކަށް ވާނެތާ، އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން އަހަރެންވެސް ޝެލްއަށް މިއަށްވުރެ ރީތި ގެއެއް އަޅާދޭނަން...ހޫމް، ދެން ޝެލް ބުނެފިއްޔާ ކޮންމެ ވާހަކައެއްވެސް ގަބޫލުކުރާގޮތަށް މިހިރީ......" އިއްބާނު ހީލާފައި ބުންޏެވެ. އަދި އޭނަ ގަހުން ބިނދެލި ފިނިފެންމަލެއް މިޝެލިންއަށް ދިއްކޮށްލިއެވެ. 

"ސޯ ރޮމެންޓިކް...." މިލީނާ ހިތާހިތުން ކިޔާލިއެވެ.

މިޝެލިންގެ ހިމަ ހޯލިތަކުން އެ ފިނިފެންމަލުގައި ހިފާލިއިރު އިނގިއްޔަށް ކަށްޓެއް ހެރި އަތުން ލޭއޮހޮރުވާލައިފިއެވެ.

"އޫޕްސް..." މިޝެލިން އަނގަ ވަށްކޮށްލިގޮތުން އިއްބާނު ގެ ހިތް ހީވީ ދީވާނާވިހެންނެވެ. މި ލޯބި މަލެއްފަދަ ކުއްޖާ ގެނެސް މޭގައި ޖައްސާލާފައި ދުނިޔޭގެ ހުރިހާ ނުރައްކާތަކުން ހިމާޔަތް ދޭން އެ ހިދުކޮޅުވެސް ހިތް ބޭނުންވިއެވެ.
"ސޮރީ ސްވީޓީ، ވަރަށް ތަދުވެއްޖެތަ؟ އަހަރެން އަސްލު ދޭން ޖެހޭނީ ކަށްޓެއް ނެތް މަލެއް ދޯ، ދެން އުޅޭނީ ބަލައިގެން، މިހާ ޑެލިކޭޓް ކުއްޖަކާއިމެދު ވިސްނަންޖެހޭނެކަން ނޭގޭ ވަރަށް ބޮޑަށް، ދެން އަނިޔާއެއް ނުކުރާނަން، އެއަށްވުރެ ބަލައިގެން ގެންގުޅޭނީ، އެހާވެސް ޕްރެޝަސް ކުއްޖެކޭ ތިއީ.... " އިއްބާނު ތަންކޮޅެއް މަޑުން އެހެން ބުނެލާފައި މިލީނާ ކުރަން ހުރިކަމެއް ބަލައިލިއެވެ. އޭރު މިލީނާ ފެންނާކަށް ނެތެވެ. 

ކޮމެންޓް 0