"އަހަރެން މަންމަމެންނަށް ޚަރަދު ކުރަމޭ ސޯފީ ގާތުގައި ބުނީމަ ތެދެއްކަމަށް ހީކުރީތަ؟ އަހަރެން އެހެން ބުނީ ސަމާސާ އަކަށް، އެހެންނޫނަސް ސޯފީއަށް އެނގެން ވާނެ މަންމަމެންނަށް އަހަރެންގެ އަތުން އެއްޗެއް ބޭނުން ނުވާނެކަން، މަންމަ ދުވަހަކު އަހަންނަށް މާފުކުރާނެހެން ހީވޭތަ؟ އިޓްސް ނޮޓް ޕޮޒިބަލް، މަންމަ ވަރަށް ގޮތްދޫނުކުރާނެ، އަހަރެން މާލެ ދާން އުޅެނީ ކޮންމެހެން މަންމަމެންގެ މާފު ލިބިގެނެއްނޫން، އަހަރެން އުޅޭނީ އަމިއްލަ އެޕާޓްމެންޓެއްގައި......." މާޒިންގެ ލޮލުން ހިތާމައިގެ ކުލަވަރު ފެނުނެވެ. ކިތަންމެ ވަރަކަށް މާޒީ ހަނދާން ނައްތާލައިފައި އަމިއްލަ ދިރިއުޅުމެއް ފެށިޔަސް ލޯބިވާ އާއިލާގެ ހަނދާންތައް މާޒިންގެ ހިތަކުން ނުފޮހެވޭނެއެވެ.
މާޒިން ކިތަންމެ ވަރަކަށް ސޯފިޔާ ވިސްނައިދިނަސް މާލެ ދިޔުމުން އެމީހުންގެ ދިރިއުޅުމަށް ސޯފިޔާ ބޭނުން ނުވާފަދަ ބަދަލު އަންނާނެކަމީ ސޯފިޔާއަށް އިރު ފެންނަ ފަދައިން ޔަގީންވާ ކަމެކެވެ. މައިދައިތަގެ ހަނދާންތައް އާވިޔަސް ސޯފިޔާގެ ގައިން ހީބިހި ހަލުވައިލައެވެ. އެ ނުރުހުމުގެ އެންމެ ނަޒަރަކުން ސޯފިޔާގެ ހިތް ފިއްސާލިތާ ކޮން ދުވަހެއް ހެއްޔެވެ؟ ވީއިރު އެމީހުންގެ ހިޔަނި ފެންނަ ހިސާބަށް ދާކަށްވެސް ސޯފިޔާ ނޭދެއެވެ. "ގޮތްދޫނުކުރުން" އެއީ މާޒިންގެ މަންމަގެ މިޒާޖު ސިފަކޮށްދޭން މާޒިން ބޭނުންކުރި ދާދި ލުއި ލަފުޒެކެވެ.
ސޯފިޔާ ހުރީ މާލެ ދާންވީމަ އިންތިހާއަށް ދެރަވެފައެވެ. އެތައް ދުވަހެއްވާންދެން އަމިއްލަ ވަޒަން ކަމަށް ހަދައިގެން އުޅުނު ތަން ދޫކޮށްލާފައި ދިޔުމަކީ އެއްވެސް އިންސާނަކަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. ސޯފިޔާ ދަތުރު ހަދަމުން ދިޔައިރު މިލީނާ ޕެކްކުރުމުގައި އެހީތެރިވެދިނެވެ. މިޝެލިންއަށް ވުރެ ބޮޑަށް މާލެ ދާހިތުން އުޅުނީ މިލީނާ އެވެ. އޭނަ ހުރީ ގަޑި ހިނގާލެއް ލަސްވެގެން ޝަކުވާ ކޮށްލަކޮށްލައެވެ.
ފްލައިޓުން ފޭބުމަށްފަހު ދަބަސްތަކާއި ފޮށިތައް ޓްރޯލީތަކަށް ލައިގެން މާޒިން އާއި ދެކުދިން ފެރީއަށް އަރަން އައި އިރު ސޯފިޔާ ހުރީ ކޮންމެވެސް ވަރަކަށް ނުތަނަވަސް ވެފައެވެ. ސޯފިޔާއަށް ފާހަގަ ކުރެވުނީ އެންމެންގެ ނަޒަރު މިޝެލިންގެ މައްޗަށް ހުއްޓެމުން ދިޔަކަމެވެ. މިޝެލިން ހީލާއިރު އެ އޮމާން ކޯތާފަތަށް އެޅިލާ އަޑިކޮޅާއި، ކުދި ހުދު ދަތްތަކުގެ ސަބަބުން ފިދާނުވާނެ ހިތެއް ނުވާނެކަން ޔަގީނެވެ. އަދި މިޝެލިންގެ އިސްތަށިގަނޑުގެ ރީތިކަމާއި، ތަފާތުކަމުން އިޝްތިހާރެއް ހެން ހީވާއިރު ސޯފިޔާގެ ބިރަކީ މިޝެލިންގެ ނާދިރު ސިފަތަކާއި މީހުން އަޅައިގެންފާނެތީ އެވެ. އެސްފީނާ އެޅި ދާނެތީއެވެ. ސޯފިޔާ ބޭނުންވީ ވަގުތުން ބުރުގާ އެޅުވުމަށެވެ. އަދި މިޝެލިންގެ ލޮލުގައި އައިނެއް އަޅުވާލުމަށެވެ. ނޫނީ މީހުންގެ ދަހިވެތި ނަޒަރުން ސަލާމަތްވެވޭނެ ގޮތެއް ނޯންނާނެއެވެ.
"ޝެލް، އަބަދު ހެވިފައި ނުހުރެ ބަލަ، މީހުން މޮޔައެކޭ ކިޔަން ފަށާފާނެ......" ސޯފިޔާ މިޝެލިން އާއި ކައިރިއަށް ޖެހިލަމުން މަޑުމަޑުން ބުނެލިއެވެ.
"ހެހެ، މަންމަ ކިޔާ އެއްޗެހިންވެސް ހަމަ ހެވެނީ....." މިޝެލިން ހުނުން ހިފަހައްޓަން އަނގަމަތީގައި އަތްއެޅިއެވެ. މިޝެލިންގެ ކުޑަ ހަރަކާތަކާއި އެކުވެސް އެ ފަށުވިކޮޅެއްފަދަ ބުޅި އިސްތަށިގަނޑު ވިހުރިލާގޮތް ނިކަން ހިތްގައިމެވެ. ނޫކުލައިގެ ޖިންސަކާއި ރަތްކުލައިގެ ޓީޝާޓެއްލައިގެން މިޝެލިން ހުރިއިރު އެ ދޮން މޫނަށް ހެދުމުގެ ހިޔަނި އެޅިފައިވާހެން ހީވެއެވެ. ފުދޭވަރަކަށް އަވިދީފައި އޮތުމުން ނިތްކުރީގައި ދާތިކިތައް ވިދަމުން ދިޔައީ މުތީތަކެއް ފަދައިންނެވެ.
"މަންމަ ކިޔަނީ ކީކޭތަ؟" މާޒިން ޓްރޯލީ ފެރީ އާއި ކައިރިއަށް ޖައްސާލުމަށްފަހު އެމީހުންނާއި ކައިރިއަށް ޖެހިލަމުން ހީލިއެވެ.
"ޝެލް އަށް އެޑްވައިސްއެއް ދިނީ، އަވަހަށް ހިގާބަލަ ފެރީއަށް އަރަން..." ސޯފިޔާ ވިސްނައިގެން އިނީ މިލީނާ އާއި މިޝެލިން ގެ ދެފަރާތުގައި މާޒިން އާއި ސޯފިޔާ އިށީންނަ ގޮތަށެވެ. އޭރުން އެހެން ފިރިހެނަކަށް ފަހަރެއްގައި ވެސް އެކުދިންނާއި ކައިރީގައި އިށީނުމުގެ ފުރުސަތެއް ނުލިބޭނެއެވެ. އެކުދިންގެ ދެފަރާތުގައި ހަށިފާރަވެރިންހެން މައިންބަފައިންނަށް ތިބެވިދާނެއެވެ. ސޯފިޔާ އަށް ވަނީ ފިރިހެންވެރިން ދަސްވެފައެވެ. ގިނަ މީހުން ތިބޭނީ އެކްސިޑެންޓަކުންވެސް ރީތި ކުއްޖެއްގެ ހަމުގައި ބީހިލިމުގެ ފުރުސަތަކަށް ބަލަބަލަ އެވެ. މިޝެލިން ހުރީ ފެރީއަށް އަރަން ބިރުންނެވެ. ކޮންމެ ކަމަކާއި މިޝެލިން ފިނޑިވާތީ ސޯފިޔާ ހައިރާންވިއެވެ.
"ބައްޕާ، އަޅުގަނޑަކަށް ނުކެރޭނެ ފެރީއަށް އަރާކަށް، ދޯނި އެ އޮންނަނީ ކިރިލަ ކިރިލާ..." މިޝެލިން މާޒިންގެ އަތުގައި ހިފައިގެން ދާން ޖެހިލުންވިއެވެ. އެވަގުތު އެމީހުންނާއި އަރާހަމަވީ އިސްކޮޅުން ދިގު، ބާމަތި ފުޅާ ޒުވާނެކެވެ. އާއްމުކޮށް ފެންނަ މީހުންނަށްވުރެ ތަންކޮޅެއް ބިޔަކޮށް ކަސްރަތީ ހަށިގަނޑެއް ހުރުމުން ރާއްޖޭ ކުއްޖެއްހެން ހިޔެއް ނުވެއެވެ. ހުދުކުލައިގެ ގަމީހަކާއި، މުށިކުލައިގެ ޖިންސެއްލައިގެން ހުރިއިރު އެންމެންގެ ތެރެއިންވެސް ފާހަގަ ކޮށްލެވެއެވެ. ކުރުކޮށް ކޮށާލެވިފައިވާ ހަމަށް އަރާފައިވާ ބްރޯންޒް ކުލައިގެ ސަބަބުން އަވީގައި އުޅެން އާދަވެފައިވާހެން ހީވެއެވެ. ނޫނީ ޔޫރަޕްގެ ޒުވާނުން ފަދައިން ޓޭނިން ލޯޝަނެއް ލައިގެން ހަމަށް އަރުވާފައިވާ ކުލައެކެވެ. އެ ޒުވާން ފިރިހެންކުއްޖާ ފެނުމުންވެސް ސޯފިޔާގެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ޖަހާލައިފި އެވެ.
އެ ޒުވާނާ ބެކްޕެކް އަޅުވާލައިގެން ހުރެ އެއް އަތުން ލަގެޖް ދަމަމުން އައިސް ފެރީއަށް އަރަމުން އޭނައަށް އޮޅިގެން ނަމަވެސް މާޒިންގެ މޫނަށާއި، މިޝެލިންއަށް ބަލައިލެވުނީ ހައިރާން ކަމާއި އެކުގައެވެ. ފެރީއަށް ނާރަން އަންހެންކުއްޖަކު މާ ބިރުން އުޅުނީމަ އެހެން މީހުން ފަދައިން އެ ޒުވާނާގެ ސަމާލުކަންވެސް ހުއްޓުނީ އެވެ. މިޝެލިން ބިރުންހުރެ ފެރީއަށް އެރިގޮތަށް އެންމެ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. މިޝެލިންއަށް އިށީދެވުނީ އެ ރީތި ޒުވާނާގެ ގާތުގައެވެ. ސޯފިޔާ ހީކުރީ މާޒިން އެ ޒުވާނާގެ ގާތުގައި ބުނެފައި އެދޭތެރެއިން ޖާގަ ހޯދާނެ ކަމަށެވެ. އެކަމަކު މީހުން އަރާ ބަރާވެފައިވާ ފެރީގައި އެއްޗެކޭ ބުނަން ނުކެރިފައި ސޯފިޔާ ހިތާހިތުން އަނދަ އަނދާ އިނެވެ. މާޒިން މިޝެލިންގެ އަނެއްފަރާތުގައި އިން ހުސް ތަންކޮޅުގައި އިށީނެވެ. އެވީގޮތުން މާޒިންގެ ދެފަރާތުގައި ތިބެވުނީ ދެކުދިންނަށެވެ. ސޯފިޔާ ބޭނުންވި ގޮތަކަށް ނުވުމުން ހިތަށް އުދަގޫވިވަރުން އަވަހަށް ދަތުރު ނިމުމަށް އެދި ދުޢާ ކުރެވުނެވެ. ސޯފިޔާ ގާތުގައި މިޝެލިން ވެސް ކުށްވެރިވިއެވެ. މިޝެލިން އެގޮތަށް ބަލާނުލައި ކޮންމެ ތަނެއްގައި އިށީދެގެން ނުވާނެއެވެ.
ފެރީ ދުއްވާލުމާއިއެކު ފެންނަން ފެށި ފެހިކުލައިގެ ވިލު ގެ ހިތްގައިމުކަމުން ބަލަބަލާ ފޫހި ނުވާވަރުވެއެވެ. ޖެހެމުންދާ ވައިރޯޅިތަކުގެ ސަބަބުން ފެހިކަން ގަދަ ވިލުގައި އުފައްދާ ކުދި ކުދި ބާނިތަކަށް އިރުގެ ދޯދިތައް ފަތުރައިލުމުން ރީތިކަމުގެ ހައްދެއް ނެތެވެ. އެކަމަކު ވަށައިގެންވާ ގުދުރަތީ ރީތި މަންޒަރަށް ވުރެ ގިނަމީހުންގެ ސިއްރު ނަޒަރު ހުއްޓެމުން ދިޔައީ މާޒިންގެ އާއިލާ އާއި އެމީހުންގެ ކައިރީގައި އިށީދެލައިގެން އިން ޒުވާނާ އަށެވެ. މިޝެލިންގެ ނުކިޔަމަން ތެރި އިސްތަށިގަނޑު ވަޔާއިއެކު އުދުހެމުން ދާއިރު އޭނަގެ ގާތުގައި އިން ޒުވާނާގެ މޫނުގައި އަބަދުހެން ބީހެމުން ދިޔައެވެ. މިޝެލިންއަށް އެކަން އިހުސާސެއް ނުކުރެވުނެވެ. އެކަން ފާހަގަ ކުރެވި މަޖާވެފައި ތިބީ ކުރިމަތީގައި ހުރި ގޮނޑިބަރީގެ އެހެން ދަތުރުވެރިންނެވެ.
ނީލަމެއްހެން ފެތުރިފައިވާ ނޫކުލައިގެ ކަނޑަށް ފެރީ ނުކުތުމުން މިޝެލިން ގަތީ އަމަށަކު ބިރެއްނޫނެވެ. އެތައް ހިސާބަކަށް ފެތުރިފައިވާ ކަނޑުގެ ފުންކަމާއި، ނުރައްކާތެރިކަން މިޝެލިންއަށް ކިތަންމެ ރަނގަޅަށް ވެސް އިހުސާސް ކުރެވުނެވެ. އޭނަ މާޒިންގެ އަތުގައި ހިފަހައްޓާލައިގެން އިނީ ބާރަށްކަން ބަލަން ތިބިމީހުންނަށް ފާހަގަ ކުރެވޭ ވަރުވިއެވެ.
"އައިމް ސްކެއާޑް، ހީވަނީ ފެއިންޓް ވެދާނެހެން....." މިޝެލިން އޭނަގެ ބައްޕަގެ އަތުގައި ކުރިއަށްވުރެ ބާރަށް ހިފަހައްޓަމުން މަޑުމަޑުން ކިޔާލައިފިއެވެ.
"ދަރިފުޅާ، ދެން މާގިނައިރެއްނުވާނެ......." މާޒިން އޯގާތެރި ކަމާއި އެކު ބުނެލުމުން މިޝެލިން ޝަކުވާ ކުރުން ހުއްޓާލައިފި އެވެ. އެކަމަކު އޭނަ އިންނަނީ ދެލޯ ބޮޑުކޮށްލައިގެން ރާޅުތަކަށް ސަމާލުވެލައިގެން، ހިމޭނުންނެވެ. މިޝެލިން އާއި ޚިލާފަށް މިލީނާ އިނީ ކަނޑުގެ ރީތިކަމުން މޮޔަވާވަރުވެފައެވެ. ދަތުރު ނިންމަން ބޭނުން ނުވެފައެވެ. އިރުގެ ރަންދޯދިތައް ކަނޑުގެ ސަތަހައިގައި ބޮސްދޭ އިރު، ބިއްލޫރިހެން ހީވާ ރާޅުތައް އޮޅެމުން އަންނަލެއް ވަކިން ފުރިހަމައެވެ. ފުންމިން ކިހާވަރެއް ވާނެބާވައެވެ. ހާދަ ސިއްރުވެރި ތަނެކެވެ. މިހާ ރީތިކޮށް، އޮމާންކޮށް އޮތްއިރު ނުރައްކާތެރި ތަނެއް ކަމަށް ހީކުރާނީ ކާކު ހެއްޔެވެ؟ މިފުންމިން އެނގުމެއް ނުވާ ކަނޑުގައި ކިތައް ނުރައްކާތެރި ކަންކަން އެކުލެވޭނެ ހެއްޔެވެ؟ މިލީނާ މޫދަށް އެރޭ ހިތްވިއެވެ. ފެރީ މަޑުކޮށްލުމާއިއެކު މިޝެލިން ތެދުވި ގޮތަކުން އޭނައަށް ފައި އެޅުނީ ޖެހިގެން ހުރި ޒުވާނާގެ ފައިތިލަ މަތީގައެވެ. މިޝެލިން އަރައިގެން ހުރީ ހައިހީލެއްކަމުން އެ ޒުވާނާއަށް ތަދުވާނެކަން ޔަގީނެވެ.
"ސޮރީ......" މިޝެލިން ހީލާފައި އަވަސް އަވަހަށް ފައި ނަގަމުން ދުރަށް ޖެހިލީ އެޒުވާނާ އާއި ދިމާލަށް ބަލާލުމަކާއި ނުލައެވެ. މިޝެލިންގެ އެ ފަރުވާ ކުޑަކަމުން އެ ޒުވާނާގެ ސިހުރުގައި ޖެހިފައި ފެރީގައި ތިބި އަންހެންކުދިން ތިބީ ހައިރާންވެ، އަންތަރީސްވެފައެވެ. މިޝެލިން އުޅުނީ އަވަހަށް ފެރީއިން ނުފޭބިގެންނެވެ.
މާލޭގެ ހަލަބޮލިކަން ފެނުމުން ސޯފިޔާ ބޮލަށް އުދަގޫވިއެވެ. ޚާއްސަކޮށް އޭނަގެ މިޝެލިންއަށް މީހުންގެ ސަމާލުކަން ލިބޭލެއް ބޮޑުކަމުން ސޯފިޔާ ހުރީ ހިތާހިތުން ރުޅިގަދަވެ މެޔަށް ނުބައި ގޮތެއްވެފައެވެ. މިވަރުވަންޏާ ލޭ މައްޗަށް ނުދާނެ ގޮތަކީ ނެތްގޮތެކެވެ. މާޒިން ބުނާހެން އޭނަ ކަންތަކާއި މާބޮޑަށް ވިސްނަނީ ކަމަށް ވެދާނެއެވެ. ސޯފިޔާ ހަމަޖެހިލަން މަސައްކަތް ކުރަމުން މިލީނާއަށް ބަލައިލި އެވެ. މިލީނާއަކީ މިޝެލިންއަށްވުރެ ހުތުރު ކުއްޖެއް ނޫނެވެ. އެކަމަކު މިލީނާ ތަންކޮޅެއް ކުރުވީމަ ހީވަނީ މިޝެލިންއަށް ވުރެ ކުޑަކުއްޖެއް ހެންނެވެ. އަދި ކޮނޑާއި ހަމަޔަށް ކޮށާލެވިފައިވާ ފަން އިސްތަށިކޮޅާއި، ބޮޑު ދެލޮލުގައި ހުންނަ މައުސޫމް ގޮތަކުން ވަކިން ބޮޑަށް ޅަކަން އިތުރުކުރުވައެވެ.
މާޒިން ކާރެއް ހޯދުމުން އެންމެ ކުރިން ކާރަށް އެރީ މިޝެލިން އާއި މިލީނާ އެވެ. މިޝެލިން ކާރުގެ ލޯގަނޑުގައި މޫނު ޖައްސާލަމުން ބޭރަށް ބަލައިލުމާއިއެކު ފެނުނީ ރޭބަން އަވި އައިނަކުން ލޯ ފޮރުވައިގެން ހުރި ޒުވާނާ އެވެ. މިޝެލިން އެޒުވާނާގެ މޫނަށް ކުރިން ނުބެލިކަމުގައި ވިޔަސް އެކުއްޖާ ހެދުން އަޅައިގެން ހުރިލެއް ސްޓައިލިޝްވީމަ ކުރިންވެސް ހެދުން ފާހަގަ ކުރެވިފައިވެއެވެ.
"ދޮންތީ، އެހެރަ ވައިޓް ޓީޝާޓްލައިފައި ހުރި ބޯއި ގެ ފަޔަށް އަހަރެން އެރީ، ވަރަށް ތަދުވާނެ ދޯ....." މިޝެލިން ހުރީ މީހަކަށް ތަދުކޮށްލެވުނީތީ މަޖާވެ، ހުރިހާ ދަތްތައް ދައްކާލައިގެން ހިނިއައިސްފައެވެ.
"ރިއަލީ؟ ނޯޓީކަން، ތިހާ ތޫނު އެއްޗަކުން އެރީމަ އޭނަގެ ފަޔަށް އިންޖަރީ ވާނެކަން ޔަގީން، ފްރެކްޗަރ ވާނެ ދޯ...." މިލީނާ ދެލޯ ބޮޑުކޮށްލިއެވެ.
"ޑެލިބެރޭޓްކޮށް ކުރިކަމެއް ނޫނޭ، އެއީ އެކްސިޑެންޓެކޭ، ސޮރީ އޭ ބުނާކަށް ނުޖެހޭނެ އެކަމަކު އައި ސެޑް ސޮރީ...." މިޝެލިން ފަރުވާ ކުޑަގޮތަކަށް އެހެން ބުނެލާފައި އެހެން ދިމާލަކަށް ބަލަން ފެށިއެވެ. މިލީނާ އެވަގުތުކޮޅު ދަބަހުން ނެގި ފޮތެއް ހުޅުވާލައިގެން ސީޓުގައި ހަމަޖެހިލި އެވެ.
"ބުކް ވޯމް....." މިޝެލިން ދޫނެރެލާފައި ވައްތަރެއް ޖެއްސިއެވެ. މިލީނާ "ސްލީޕީވޯމް" އޭ ކިޔަން އުޅެފައިވެސް އަޅާނުލީ މަންމަ ކާރުގެ ދޮރުފަތް ހުޅުވާލައިފައި ފަހަތަށް އެރުމުންނެވެ.
"މަންމާ، މިރަށަށް އައީމަ އެއް ކަމެއް ރަނގަޅުވެއްޖެ، ނޭފަތުން ފޭބުން ހުއްޓިއްޖެ، ދެޓް މީންސް އަބަދު ބައްޕަ ބުނުއްވާހެން ކޮރަލް ޑަސްޓް އެލާޖީ ދޯ، ތަން ބަދަލުވީމަ އައިމް އޯލްރައިޓް، ޔޭ......" މިޝެލިން ޅަކުއްޖެއްހެން އަތްތިލަ ޖަހައިލަމުން އުފާފާޅުކުރިއެވެ. ސޯފިޔާ އިނީ އަދިވެސް މޫނު ބަނަކޮށްލައިގެންނެވެ. މިޝެލިން ފިރިހެނެއްގެ ކައިރީގައި ބައިންދަން ފުރުސަތު ދިނީތީ މާޒިންއަށް އޭނަ މާފު ނުކުރާނެ އެވެ. އެ މައްސަލަ ނުޖެއްސިގެން އުޅެނީ އޭނަ އާއި މާޒިން އަދި އެކަނިވެލާނެ ފުރުސަތެއް ނުލިބިގެންނެވެ. މާޒިން އެފަދަ ކަންތައްތައް ސީރިޔަސްކޮށް ނުނަގަންވީ ސަބަބެއް އެއްގޮތަކަށްވެސް އޭނަގެ ވިސްނުމަކަށް ނާދެއެވެ. އޭނައަށް އެކަންތަކަށް ކެތްކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އެހެން ހުރިހާ ކަމަކާއި ކެތްކުރިޔަސް މިޝެލިންމެންގެ ކަންތައްތަކާއި އޭނަ ވިސްނާވަރު ދެނެވޮޑިގެން ވަނީ މާތް ﷲ އެވެ. މާޒިން ވަރަށް ހަމަޖެހިލައިގެން ބުނާނީ އޭނަ މާ ކަންތައް ބޮޑުކުރަނީ ކަމަށެވެ. "އޯވަރ ޕްރޮޓެކްޓިވް މަދަރ ސިންޑްރޯމް" ކަމަށެވެ. އެކަމަކު އޭނަ އެހެނެއް ނޫނެވެ. ދުނިޔޭގެ އުސޫލުތައް ހުރިގޮތުން ދަރިން ރަނގަޅަށް ބަލަހައްޓަން ބޭނުން ވަނީ އެވެ.
މާޒިން ހޯދާފައިވާ ކޮޓަރިތައް ހުރީ އިމާރާތެއްގެ އެންމެ ތިރީ ބައިގައިކަމަށް ވުމުން ސަލާމަތީ ކަންތައް ދަށްކަން ފުރަތަމަ ނަޒަރުންވެސް ސޯފިޔާ ދެނެގަތެވެ. އެބައިގައި ވަނީ ދެކޮޓަރި އާއި، ސިޓިން ރޫމެވެ. ސިޓިންރޫމާއި، ކައްކާބައި ކިތަންމެ ކުޑަވިޔަސް ހިތްގައިމެވެ. ފަރުނިޗަރުތަކާއި ބަދިގޭ ސާމާނުތައް ޒަމާނީވެފައި، ސާފުތާހިރުކަމުން ޑޮކްޓަރަކު ދިރިއުޅެފައިވާ ތަނެއްކަން ދައްކުވާދެއެވެ. ސޯފިޔާގެ މައްސަލައަކީ އެކަނި ސިކިއުރިޓީ އެވެ. މިލީނާ އާއި މިޝެލިން އަށް ކޮރިޑޯގެ އެންމެ ކޮޅުގައިވާ ކޮޓަރި ދިނަސް މާބޮޑު ހިމާޔަތެއް ނުލިބޭނެއެވެ. މިބައިގެ ދޮރު ހަލާކުކޮށްލާފައި ވަގަކު އެތެރެއަށް ވަދެއްޖެއްޔާ މިޝެލިންމެންގެ ކޮޓަރިއަށް ވަނުމަކީ ދަތިކަމަކަށް ނުވާނެއެވެ. ދޮރު ހަދާފައި ހުރީ އެހާ ދެރަވަރުކޮށެވެ. ކިތަންމެ ޝަކުވާ ކުރިޔަސް މާޒިން އަޑުއަހާނެ ކަމެއް ނޭގެއެވެ.
"ނަވާ މެން ކިހާ ރަނގަޅު، އެމީހުން އެދިޔައީ ހުރިހާ ފަރުނިޗަރތަކެއްވެސް ހިލޭ ހަދިޔާކޮށްލައިފައި...." މާޒިން ބަރު ދަބަސް ދެއަތުން އުފުލާލައިގެންގޮސް ކޮޓަރިއަށް ވައްދަމުން ހިނިތުންވެލިއެވެ.
"ވަރަށް ރަނގަޅު......." ސޯފިޔާ ގަދަކަމުން ބުނެލިއެވެ. ފްރިޖްގައިވެސް ޗޮކްލެޓާއި، ބޭނުންކޮށްފައި ހުރި އެހެން ސާމާނުތައް ހުރިގޮތަށް ބަހައްޓާފައި ހުއްޓެވެ. ކަބަޑްތަކުގައި ހަކުރާއި، ކިރުފަދަ އެއްޗެހި ހުރުމުން ޔަގީނުންވެސް މިވަގުތަށް ގަންނަން ޖެހޭ އެއްޗެހި މަދުވާނެއެވެ. އޭރު މިޝެލިން އާއި މިލީނާ ކޮންމެވެސް ސަކަރާތެއް ޖެހުމާއިގެން އުޅުނެވެ. މިޝެލިން މިލީނާ އާއި ކައިރިއަށް ޖެހިލާފައި މިލީނާ ކުރޭ ކިޔައިގެން ޖޯކުޖެހިއެވެ.
"ދުރުގައި ހުރެބަލަ، ފޮނިވާނެކަމެއް ނެތޭ ދެން ދިގު މަރިޔަނބާ....." މިލީނާ މިޝެލިންގެ މޭމަތީގައި އަތްއަޅާފައި ކޮށްޕާލުމަށްފަހު ތުން އޫ ކޮށްގެންގޮސް ސޯފާގައި އޮށޯވެ އަނެއްކާވެސް ފޮތް ހުޅުވާލައިފި އެވެ.
"ސަކަރާތް ނުޖަހައި ދެކުދިން ނަމާދުކޮށްލައިގެން ގުރުއާން ކިޔަވަންދޭ، އެންމެ މަދުވެގެން ސަތޭކަ ފަހަރު ސަލަވާތް ކިޔަވަންވެސް ވާނެ އިނގޭ، ދަރިފުޅުވެސް ރޯދަ މަހު ވާހަކަ ކިޔަންޖެހޭތަ؟ މަންމަ ބުނަމެއްނު އެހެން މަސްތަކުގައި ބޭނުންވަރަކަށް ކުޅިވަރު ކުޅެ، މަޖާނެގިޔަސް މި މަންތުގައި އެކަހަލަ ކަންތައް ކުރާކަށް ނުވާނެޔޭ........" ސޯފިޔާ ހުރީ ރުންކުރުވެފައެވެ.
"ދޮންތީއަށް ވުރެ ކުރިން މިފަހަރު ޚަތިމް ކުރާނަން...." މިޝެލިން ހެމުން ދުއްވައިގަތީ ކޮޓަރި އާއި ދިމާލަށެވެ. މިލީނާ ވެސް ފޮތް އެއްލާލައިފައި މިޝެލިންއަށްވުރެ ކުރިން ވުޟޫ ކުރަން އޭނަގެ ބައްޕަމެންގެ ކޮޓަރީގެ ފާޚާނާއަށް ވަނެވެ. ސަލަވާތް ކިޔަވަން މަންމަ ހަނދާންކޮށް ދިނުމުން މިލީނާ އުފާވިއެވެ. މިލީނާ ދެކެނީ އޭނަ ފާސްވަނީވެސް ސަލަވާތް ކިޔަވާފައި، ދުޢާ ކުރާވަރުން ކަމުގައެވެ. އެހެންނޫންނަމަ އޭނައަށް ފިލާވަޅުތައް ދަސްކުރުން އޮންނަނީ ވަކިން އުދަގޫ ކަމަކަށް ވެފައެވެ. "މައި ބެސްޓްފްރެންޑް އިޒް ގޯޑް" މިލީނާ އަބަދު ދެކެމުން އައިސްފައި ވަނީ އެގޮތަށެވެ. ނިދަން އެނދަށް އަރާ އޮވެވެސް މިލީނާ ހެއްދެވި ފަރާތާއި އެތައް ވާހަކަތަކެއް ދައްކައެވެ. މަންމަ ބުނާ ގޮތުން ވިއްޔާ ހުރިހާ ކަމެއްގައި އެދެން ވާނީ ހެއްދެވި ފަރާތަށެވެ. މިލީނާ ދީނަށް ލޯބިކުރަން ފެށީ މަންމަ ދައްކާ ވާހަކަތަކުންނެވެ.
މިލީނާ އާއި މިޝެލިން އެފަދަ ކަންތައްތަކުގައި ވާދަވެރިކަން އޮންނާތީ ސޯފިޔާ އަށް މަޖާވިއެވެ. މިލީނާ މިޝެލިންއަށް ވުރެ މޮޅުވާން އުޅުނަސް ހުރިހާ ކަމެއްގައި ކުރި އަތުލަނީ މިޝެލިން އެވެ. މިޝެލިންގެ ހިތް އަލިކަމުން އޭނަ އެއްގްރޭޑް މަތީގައި ކިޔަވަން ފެށުމުގެ ސަބަބުން ދެކުދިން ސްކޫލް ނިންމާލީ އެކީގައި ކިޔަވަމުންނެވެ. މިލީނާ އަބަދު ފޮތްހިފައިގެން އުޅޭއިރުވެސް މަތީ މާކްސް އަތުލަނީ މިޝެލިން އެވެ. ދެކުދިންގެ ތަފާތު އެހެން ހުރުމުގެ ސަބަބުން ބައެއްފަހަރު ވާދަވެރިކަން އޮތަސް ދެކުދިން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވެއެވެ. މިލީނާގެ އެންމެ ގާތް އެކުވެރިއަކީވެސް ކޮއްކޮ އެވެ. ހުރި އެންމެ ކޮއްކޮ ދެކެ މިލީނާ އިންތިހާއަށް ލޯބިވެއެވެ. ކިތަންމެ ވަރަކަށް ތޮޅުނަސް ހިތުގައިވާ ލޯތްބަށް ބަދަލެއް ނާދެއެވެ.
މިލީނާ އާއި މިޝެލިންއަށް މާލެ އާދެވުނަސް އަދި ކޮށްޓެއްގެ ތެރޭގައި ގައިދުވެފައިވާ ދޫނިތަކެއް ފަދައެވެ. މިނިވަންވެ ދުނިޔެ ތެރެއަށް ނިކުތުމުގެ ފުރުސަތެއް އަދި ނުލިބެއެވެ. ނިކުމެވުނަސް އެކުދިންގެ ޅަކަމާއި، ދުނިޔެއަށް ލޯ ހުޅުވާލެވިފައި ނުވާތީ ފިޔަވަޅުތައް ކުރިއަށް ނަގަން އުދަގޫވާނެއެވެ. ޚާއްސަކޮށް މިޝެލިން ހުންނަނީ ކޮންމެކަމެއް ދެކެ ބިރުގެންފައެވެ. މާ މީހުން ގިނަވިޔަސް އޭނަ ހާސްވާ ގޮތްވެއެވެ. އެތޮށިގަނޑުގެ ތެރެއިން ނިކުންނާކަށް މިޝެލިން ބޭނުމެއް ނޫނެވެ. އޭނަ އުޅޭ ހިތްވަނީ އެކަނި ދުނިޔެއެއްގައެވެ. ފިލްމުތަކާއި، ވާހަކަތައް ކިޔަން ނުލިބުމުގެ ސަބަބުން އަދި އެކުދިންނަށް އުޅެވެނީ ނިކަން ފަހަތުގައެވެ. މާޒިން ހުންނަނީ އެކަމާއި ހިތްހަމަނުޖެހިފައެވެ. ކުދިން ލައްވާ މަސައްކަތް ނުކުރުވާ މާ ޅަކޮށް ގެންގުޅޭތީ އެކަމާއިވެސް ކުރިން މާޒިން މައްސަލަ ޖެއްސިއެވެ. އެކަމަކު ފަހުން އަޅާނުލީ ދަރިން ތަރުބިއްޔަތު ކުރުމުގައި މަންމަ އަށްވުރެ އެހެން މީހަކަށް ފަހަރެއްގައި މޮޅުނުވެވިދާނެ ކަމަށް ވިސްނާލާފައެވެ. ފަހަރެއްގައި އެއީ މިޝެލިން މެންނަށް އެންމެ ރަނގަޅު ގޮތް ކަމަށްވެސް ވެދާނެއެވެ. ދެކުދިންނަށް ނޭގުނީ އެކުދިން މާލެއަށް އައުމަކީ ހަޔާތަށް އަންނަން އުޅޭ ބޮޑު އިންގިލާބެއްގެ ފެށުންކަމެވެ.
މިޝެލިން ފެންވަރާލައިގެން ނިކުތުމުން ކޮޓަރީގައި ހިފާލީ ޝޭމްޕޫ އާއި ޝަވަރޖެލްގެ މީރުވަހެވެ. މިޝެލިން އިސްތަށިގަނޑު ވިހުރުވާލައިގެން އެހެން އިންނަ އިރު މާޒިންވެސް ބައެއްފަހަރު ލޯބިން ބައްޕަގެ ކުޑަ ހަންޑިއޭވެސް ކިޔާލައެވެ. މިލީނާވެސް ހައިރާން ކަމާއި އެކު ކޮއްކޮއަށް ބަލާއިރު ކޮއްކޮ ސިފަކުރެވެނީ ލޯބި ބުދެއްގެ ގޮތުގައެވެ. އެފަދަ ވަގުތުތަކުގައި އޭނަ މިޝެލިން ހާ ރީތިވާނެ ނަމައޭ ހިތަށް އަރައެވެ. މިލީނާ އެނދުމަތީގައި ޚަތިމް ހިފައިގެން ގެއްލިފައި އިނުމުން މިޝެލިން ސިއްރުން ބަލައިލީ މަލީނާ ކިޔަވަން އިން ސަފުހާއެވެ. މިލީނާ އަދި އުޅެނީ ތަންކޮޅެއް ފަހަތުގައެވެ. އެހެންވެސް ވާނެއެވެ. މިލީނާ ކިޔަވާނީ އެހާ މަޚުރަޖުން ރީތިކޮށެވެ.
"ދުސަރީ އާއި ވާދައަށް ތަ ތިކިޔަވަނީ؟" މިޝެލިން މިލީނާގެ ފެވެރިޓް ޤާރީގެ ނަން ކިޔާލައިފިއެވެ. ދުސަރީ 1428ގައި ތަރާވީހުގައި ކިޔަވާފައިވާ ބަޤަރާ ސޫރަތުގެ ބަޔެއް ތަކުރާރުކޮށް އަޑުއަހަން މިލީނާ ހުރެދާނެއެވެ.
"މިއީ އާސިމްގެ ރާގު، ހޫމް ދެން ގުރުއާން ކިޔަވަން އިންދާ ޑިސްޓާބް ނުކޮށްބަލަ..." މިލީނާ ކުޑަކޮށް ލޯ އަޅާލައިފި އެވެ. މިޝެލިން އިރުކޮޅެއް ވާންދެން ހިމޭނުން އިނދެ ލޯޝަންލައި ތުންފަތުގައި ލިޕްސްޓިކް ވެސް ޖައްސާލައިފި އެވެ. އާދައިގެ އެއްޗެހި ބޭނުންކުރަންޏާ ތުންފަތް ހަލާކުވެދާނެ ކަމަށް މިލީނާ ކިތަންމެ ފަހަރަކު މިޝެލިން ގާތުގައި ބުނެފައިވެއެވެ.
"މިލީ، ބޮޑީ ހެއަރ އިން ރިޑް ވާނެ ގޮތެއް ބުނެބަލަ..." މިޝެލިންގެ ސުވާލަކަށް މިލީނާ ޖަވާބެއް ނުދިނެވެ.
"އަހަރެންގެ އަތުގައި ލޯލިތައް މާގިނަވީމަ ދެން ހާދަ ހަޑިއޭ، ބިކިނީ އޭރިއާ ޝޭވް ކުރެވިދާނެތަ؟" މިޝެލިން ސުވާލަކަށްފަހު ސުވާލެއް ކުރަންފެށިއެވެ.
"ބައްޕަގެ ރޭޒަރު ބޮރޯ ކޮށްލަންވީ، އަތް މިހާ ހެއަރީކޮށް ހުއްޓާ މީހަކަށް ފެނިދާނެތީ އަހަރެން ހާދަ ބިރުގަނޭ......." މިޝެލިން ތެދުވެގެން ދާން ހިނގައިގަތެވެ.
"ނޫން، ޝެލް ގެ އަތުގައި ރަންކުލައިގެ ލޯލިތައް ހުރީމަ ހާދަ ރީއްޗޭ، ތި ރިމޫވްކޮށްގެން ކަޅުކުލައިން ހެއަރ ގްރޯ ވެއްޖެއްޔާ މާރަނގަޅެއް ނުވާނެ، އެކަމަކު ސެލޫން އަކަށް ގޮސް ބިކިނީ އޭރިއާ ވެކްސް ކުރެވިދާނެ......" މިލީނާ ޚިޔާލެއް ދިނެވެ.
"ހެއަރ ރިމޫވިން ކްރީމްވެސް ހުރެއެއްނު..." މިޝެލިން ޓެޑީ ހިފައިގެން އެނދަށް ވެއްޓިގަތުމުން އިސްތަށިގަނޑު ބާލީސްމަތީ ފެތުރުނެވެ.
"ނޫން، ދޮންތީގެ ފްރެންޑެއްވެސް ތިބުނާ ކްރީމް އެހިސާބުގައި ބޭނުން ކުރީމަ ބޮޑެތި ބިހިތައް ނަގާ، ފާރުވެގެން ވަރަށް ސަކަރާތްވި، އެލާޖިކް ވެއްޖެއްޔާ އެ ނިމުނީ....." މިލީނާ އާއި ދެކުދިން ވާހަކަދައްކަން ތިބެފައި މިޝެލިން ބޭރަށް ނިކުތް އިރު ސޯފިޔާ އަވަދިނެތި އުޅުނީ ރޯދަ ވީއްލަން އެއްޗެއް ހެދުމުގައެވެ. މޭޒުމަތީގައި ހުރި ތަށިތަކުގައި އެކި އެއްޗެހި ކޮށާލާފައި ހުރިތަން މިޝެލިންއަށް ފެނުމުން މަންމަ ގެ ބުރަ މަސައްކަތާއިމެދު އިރުކޮޅަކަށް ވިސްނަން ހުރެވުނެވެ. އޭނަ ބޮޑުވެގެން ލާރި ގިނައިން ލިބިއްޖެއްޔާ މަންމައަށް މެއިޑަކު ހޯދަދޭނެއެވެ. އެވަގުތު ފިޔާމީރުކުރާ ވަސް މުޅި ހިސާބުގައި ފެތުރިގެން ދިޔުމުން މިޝެލިންގެ ބަނޑުހައިކަން ފިލައިގެން ދިޔައެވެ. އޭނަ އަސްލު ބޭރަށް މި ނުކުތީ މަންމަ ކައިރިން ފުނާ އަޅުވަން ވެގެންނެވެ. އެކަމަކު މަންމަ އަވަދިނެތި އުޅުނީމަ އޭނަ އެކަން ހަދާން ނައްތާލާފައި ކުޑަދޮރު ކައިރީގައި ހުރެ ތަންޑު ނައްޓާލައިފައި ބާރަކަށް ދޮރު ހުޅުވާލައިފިއެވެ. އެއާއިއެކު މިޝެލިން ސިހުނީ މީހެއްގެ ގައިގައި ބާރަކަށް ދޮރުން ޖެހުމުންނެވެ.
"ސޮ.....ރީ" މިޝެލިން މާފަށް އެދުނު އިރަށް ސޯފިޔާއަށްވެސް އެދިމާލަށް ބަލައިލެވުނީއެވެ. ސޯފިޔާގެ މެޔަށް ހީވީ ފިނިފެން އެއްޗެއް އޮއްސާ ލެވުނު ހެންނެވެ.