މިލީނާ ސިހުނު ވަރުން ދެފިޔަވަޅު ފަހަތަށް ޖެހިލައިފައި މޭގައި އަތް ޖައްސައިލި އެވެ. މިލީނާ މިހުރާން ދެކެ ރަނގަޅަށް ވެސް ބިރުގަނެއްޖެއެވެ. ފިލްމުން ފެންނަ ވެމްޕަޔަރުންނާއި މިހުރާން އާއި ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ މުޅިން ވެސް ޝައިތާނީ ސިފަތަކެވެ. މިހުރާންގެ އެ ދައުވަތު އޭނަ ހޭގައި ހުރެގެން ގަބޫލު ކުރުމަކީ މުސްތަހީލު ކަމެކެވެ. އެ ޅަހިތް ރޫރޫއަޅައިގެން، ފައި ބިންމަތީގައި ހަރުނުލި ހިނދުކޮޅެކެވެ.
މިލީނާ ކުއްލި އަކަށް އެނބުރިލައިފައި ސިޑި އާއި ދިމާލަށް ދުއްވައިގަތުމުން ހެދުމުގެ ފަސްބަޔަށް ފައިން އެރިފައި އޭނަ އަނގަވަތަށް ގޮސް އެ ބޯ ދޫލަމަތީގައި ޖެހުނެވެ. ތެދުވާނެ ހިތްވަރެއް ނުލިބިފައި ޖެހުނުގޮތަށް މިލީނާ އޮތްވާ ބިންމަތިން ނަގާލަ ދިނީ ބާރުގަދަ އަތެއްގެ ވެރިއެކެވެ. މިލީނާގެ ހަތަރުކަޅި އެމީހަކާއި ބައްދަލުވި އިރު މިލީނާގެ ހިތް ހީވީ ހުއްޓިދާނެހެންނެވެ. ސިޑި އާއި ދިމާލުގެ ބޮކިތައް ނިވާލައި އަނދިރިކަމުގެ ތެރެއަށް ގެނބިފައިވީ ނަމަވެސް މިހުރާންގެ ލޯ އެ އަނދިރީގެ ތެރެއިންވެސް ވިދިއެވެ. އެދެލޮލުގައި ވަނީ ސިއްރުން ފުރިފައިވާ ގޮތެކެވެ. ހީވަނީ ދުނިޔޭގައިވާހާ ސިއްރެއް އެރީތި ދެލޮލުގައި ފޮރުވާފައިވާހެންނެވެ.
"ނޫން، ނޫން..." މިލީނާގެ ގަނޑުފެންކޮޅެއްފަދަ ފިނި އަތްތިލަ މިހުރާންގެ އަތުތެރޭގައި ހައްޔަރުވެފައިވާތަން ފެނުމުން މިލީނާ ތެޅިގެންފައި އެ ނާޒުކް އަތް ސަލާމަތް ކުރަން މަސައްކަތް ކުރިއެވެ. މިހުރާން ހަމަޖެހިލައިގެން ރެއިލިންއަށް ލެނގިލައިގެން ހުއްޓިލައިފިއެވެ.
"ތިއުޅެނީ އަހަރެން ދެކެ ބިރުންތަ؟" މިހުރާން މަޑުން ވާހަކަދެއްކި ނަމަވެސް އަޑުގައި ނުރައްކާތެރި ގޮތެއް ހުއްޓެވެ. އެދިމާލުން ބެލްކަނީއަށް ލެނބިފައިވާ އޮފިއެލޭގަހުގެ ގޮފިތައް ވައިގެތެރޭގައި ހޫރިލާފައި ނާނާ އަޅުވާލާއިރުވެސް ހީވަނީ ވައިއަޑުން ސިއްރުތައް ބުނަމުންދާހެންނެވެ. ސަބަބަކާއި ނުލައި މިލީނާގެ ގައިން ހީބިހިނެގިއެވެ.
"އަތުން ދޫކޮށްބަލަ...." މިލީނާ ގެ ލޮލުން ފޭބި ކަރުނަތިއްކެއް މުތީއެއްފަދައިން ކޯތާފަތުން ތިރިއަށް ދެމިގަތެވެ. މިލީނާއަށް އެހާ ފަސޭހައިން ރޮވުނީމަ މިހުރާން ހައިރާންވިއެވެ.
"ފިނޑިކުއްޖާގަނޑު، އަދި މަ ކަމެއްކޮށްލިނަމަ ވާނެވަރު އިމޭޖިން ކުރެވިއްޖެ.." މިހުރާންގެ ހުނުން ފުންވެފައި، އެހާ ރީއްޗެވެ. އެވަގުތު ސިޑިން މީހަކު އަރައިގެން އަންނަހެން ހީވުމާއި އެކު މިހުރާން މިލީނާގެ އަތުން ދޫކޮށްލާފައި ދާން ހިގައިގަންނަމުން ބުނެލި އެއްޗަކުން މިލީނާގެ ސިކުނޑިއަށް ހީވީ ފިތާލިހެންނެވެ. ޝޮކެއް ލިބުނެވެ. މިހުރާން ހާދަ ނުލަފައެވެ. މިލީނާގެ ހިތަށް ފިނިވިގޮތަށް، ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. މިލީނާވެސް ލިބުނު ފުރުސަތުގައި ތިރިއަށް ދާން ހިނގައިގަތެވެ. މިވަރުން މިގެއަށް އާދެވޭނީ ކިހިނެއް ހެއްޔެވެ؟ މިހުރާން އޭނައަށް މިފަދަ ކުދި ގޯނާ ކުރަންވީ ސަބަބަކީ ކޮބާ ހެއްޔެވެ؟ ޖެއްސުން ބޮޑު ފިރިހެނެކެވެ. އެކަމަކު މިއީ އޭނަ އެއްގޮތަކަށް ވެސް ރުހޭކަމެއްނޫނެވެ. އެގޮތަށް ހިލޭމީހަކު އޭނަގެ އަތުގައި ބީހިލާކަށްވެސް މިލީނާގެ ހިތެއް ނޭދެއެވެ. ބާރުބާރަށްގޮސް ކޮޓަރި އަކަށްވަދެ އަތް ދޮންނަން ހިތަށް އަރާފައިވެސް އެއީ ބޮޑުވަރުވަނީ ކަމަށް ބުނެ އަމިއްލަ ނަފުސަށް މަލާމާތް ކުރިއެވެ.
މިލީނާ އެރޭ މަންމަ ގާތުގައި ޝަކުވާއެއް ނުކުރިއެވެ. މިލީނާ އެގޮތަށް ނިންމީ ވަރަށް ވިސްނާފައެވެ. އޭނަގެ ސަބަބުން އަނެއްކާ މަންމަ އާއި ބައްޕަގެ ހަގުރާމައެއް ފެށޭތަން ދެކެން މިލީނާއަށް ދެން ކެތެއްނުކުރެވޭނެއެވެ. އަނެއްކޮޅުން ބައްޕަ ގެ އާއިލާ އާއި ބައްދަލު ނުކުރަންޏާ ބައްޕަގެ ހިތުގައި ޖެހިދާނެއެވެ. މިލީނާ ބޭނުމީ މަންމަ އާއި ބައްޕަ ގެ ހިތްހަމަޖެހުމާއި، އުފަލެވެ. ވީއިރު އޭނަ ބައެއް ކަންތައް ސިއްރުކުރަން ޖެހޭނެއެވެ. އުމުރުން ނަވާރަ އަހަރު ފުރުނުއިރު މިލީނާއަށް ވަނީ ކޮންވެސް ވަރަކަށް މި ކެހިވެރި ދުނިޔެއަށް ލޯ ހުޅުވިފައެވެ. ކުޑައިރު ނޭގޭ ކިތަންމެ ކަންތަކެއް އެނގިފައެވެ. ގުރުބާނީ އަކީ ލޯބީގެ ދެވަނަ ނަންކަންވެސް މިލީނާ ދަނެއެވެ. ތަފާތުވައްތަރު ގެ ލޯބި ހުންނަކަމާއި ކޮންމެ ލޯތްބެއް އޭގެ ޒާތުގައި ތަފާތުވާނެކަން އޭނަ ދަނެއެވެ. އަދި މަސްލަހަތު ހިފަހައްޓަން ޖެހޭ ހާލަތްތައްވެސް މިލީނާއަށް ކޮންމެވެސް ވަރަކަށް އެނގިއްޖެއެވެ. ވީއިރު މައިންބަފައިންގެ އުފަލަށްޓަކައި އޭނަ ވެސް ހިމޭނުން ހުންނަން ދަސްކުރަން ޖެހިއްޖެއެވެ. މަންމަގެ ގާތުގައި ޝަކުވާކުރީމަ މަންމަ ރޮއި ބޮޑު މައްސަލަގަނޑެއް ހިލުން ނޫންކަމެއް ނުވާނެއެވެ.
މިލީނާ އެވާހަކަ ހިއްސާ ކުރީ މިޝެލިންގެ ގާތުގައެވެ.
"އަޅާނުލާ މިލީ، އޭނަ ތަންކޮޅެއް ނޯޓީވީމަ އެގޮތަށް ޖެއްސުން ކުރަނީ، އެކަމަކު ނުކެރޭނެ މާބޮޑު ކަމެއްކޮށްލަން...." މިޝެލިން ގެ ހިތުގައި އޮތީ މިހުރާން އާއި މިލީނާ ގުޅުމެވެ. ބައެއްފަހަރު ނަފްރަތަކީ ލޯބީގެ ފެށުމެވެ. އަނެއްކާ ގޯލްޑެން ފްލޭމްގައި ލޯބީގެ ވާހަކައެއް ފެށެން އުޅެނީބާވައެވެ. މިހުރާން އާއި މިލީނާގެ ނަންވެސް ގުޅެއެވެ. އެހެންބުނަން އުޅެފައިވެސް މިލީނާގެ ޖަޒުބާތީކަމުން ދިމާކޮށްލާކަށް މިޝެލިން އެވަގުތު ބޭނުމެއްނުވިއެވެ.
"އޭނަ ހާދަ ސްޓްރޯންގް އޭ، އޭނަ އަތުގައި ހިފާލީމަ އަތް ގުނޑުވައެއް ނުލެވުނު، އެހެންނޫންނަމަ އެގޮތަށް އަތްލިޔަދޭނެތަ؟ އެކަމަކު އެއްޗެކޭ ބުނާކަށްވެސް ނުކެރޭ، ހިތަށް އަރަނީ އެހާ ގޯސްމީހުންނާއި އަޅައިގެން އުޅެފިއްޔާ އެމީހުން ކޮންމެ ފަދަ ގޮތެއްވެސް ހަދާލާފާނެއޭ..." މިލީނާ ބާލީސް މޭގައި ޖައްސާ ބާރުކޮށްލައިގެން އޮވެ ތުން ފިތާލިއެވެ.
"ތިބުނީ ރޭޕްކުރުން ކަހަލަ ހޮރިބްލް ކަމެއްގެ ވާހަކަތަ؟" މިޝެލިންވެސް އަނގަޔަށް ނުބައިގޮތެއް ހަދާލިއެވެ.
"އިރާދަކުރެއްވިއްޔާ އެހާ ދަށް ފެންވަރަކަށް އެ މިހުރާންގަނޑުވެސް ނުވެއްޓޭނެ، ދެން މިހުރާން ކޮށްފާނެ ގޯސްކަމެއް ޝެލް ބުނެބަލަ..." މިލީނާ އަހާލައިފިއެވެ.
"އެގޭގެ ރޫމެއްގައި ތިބެ ހެދުން ބަދަލުކުރަނިކޮށް ވީޑިއޯކޮށްފާނެ، މިޒަމާނުގައި އެގޮތަށް ބްލެކްމެއިލް ކުރަނީނު، ވީމަ ބީ ކެއަރފުލް އިނގޭ....." މިޝެލިން އެހެން ބުނެލީ އެއްގޮތަކަށް ވެސް މާބޮޑުކަމެއް އެނގިގެނެއްނޫނެވެ.
މިޝެލިން އެހާ ދުރަށް ވިސްނުން ހިންގައިލުމުން މިލީނާ ގެ ހިތުގައި ވި ބިރުވެރިކަން އެތައް ސަތޭކަ ގުނަ ބޮޑުވިއެވެ. މިޝެލިން އެބުނީ ދޮގެއްނޫނެވެ. މިހުރާން ގެ މިޒާޖު ހުންނަގޮތުން ހީވަނީ އެއްވެސް ކަމަކަށް ފަސްނުޖެހޭނެ ހެންނެވެ. އޭނަ މިހާރަށްވުރެ ބޮޑަށް ސަމާލުވާން ވާނެއެވެ. އެކަމަކު ޅަ މިޝެލިން އާއި މެދުވެސް އަޅައިލަން އެވަގުތު މިލީނާ ނިންމިއެވެ. މިޝެލިންގެ މޮޔަކަމުން މިހުރާންގެ ކޮޓަރިއަށް ވެސް ވަދެފާނެއެވެ. އޭނަ ޖެހޭނީ ދެން މިޝެލިންގެ ހިޔަނިފަދައިން އުޅުމަށެވެ. މިޝެލިންގެ އެ ޖުމްލައިން މިލީނާއަށް އޭނަ ފަރުވާތެރިވާންޖެހޭ އެހެންކަމެއް އޮތްކަން އެނގިއްޖެއެވެ. އެރޭ މިލީނާ ހިޑެން ކެމެރާ އާއި ބެހޭ މައުލޫމާތުތައް ނެޓުން ކިޔާލިއެވެ. ދެން ގެއެއްގެ ބާތުރޫމަކަށް ނޫނީ ކޮޓަރިއަކަށް ވަދެއްޖެއްޔާ ހިޑެން ކެމެރާއެއް ހުރިތޯ ބަލައިލަން ޗެކްކޮށްލަންވާނެއެވެ.
ބަރަކާތްތެރި ރަމަޟާން މަސް ފާއިތުވެގެން ދިޔައީ ހީވެސްނުކުރާހާ އަވަހަށެވެ. އަޅުކަމުގައި ހޭދަކުރެވުނު ދުވަސްތަކަކަށްފަހު ލިބުނު ހިތްހަމަޖެހުމާއިއެކު ގިނަ ބަޔަކު ޢީދުގެ އުފާ ފާޅުކުރަން އެރެއިން ފެށިގެން އަވަސްވެގަތެވެ. ފޯނުންނާއި، އެހެން ޒަރީޢާތަކުން އީދު މުބާރަކްތައް ބަދަލުކުރެވެން ފެށިއެވެ. ރޭޑިއޯތަކުންނާއި، ޓީވީއިން އިވެނީ އީދުގެ ލަވަތަކެވެ. މާޒިންގެ ގޭތެރެއަށްވެސް އެ އުފާވެރިކަމުގެ އަސަރުކޮށްލާފައިވެއެވެ. ހެނދުނު އިރުއެރި އިރު ސޯފިޔާ މާޒިންގެ އީދު ހެދުން އިސްތިރިކޮށްލާފައި މާޒިންއަށް ގޮވިއެވެ.
"އީދު މުބާރަކު ސޯފީ ޑާލިން....." މާޒިން ސޯފިޔާގެ އިސްތަށިގަނޑު ތެރޭގައި މޫނު ފޮރުވައިލަމުން ހިނިތުންވެލިއެވެ. ސޯފިޔާއަކީ ދެ އަންހެންދަރިންގެ މަންމައެކޭ ބުނާވަރެއް އަދިވެސް ނުވެއެވެ. އެ ބޮޑު ދެލޮލާއި، އޮމާން މޫނު އަދި ރީތި ހަށިގަނޑުގެ ރީތިކަމުގެ އަސީރަކަށް އެއް ޒަމާނެއްގައި މާޒިން ވިއެވެ. އަދިވެސް އެއީ ހަމަ އެ ރީތި ސޯފީއެވެ. އުނަގަނޑާއި ހަމަޔަށް ވިހުރުވޭ ފަންގަޑެއްފަދަ އިސްތަށިގަނޑާއި، އެ ދިގު އެސްފިޔަތަކުގެ ހިޔަލުގައި މާޒިންގެ އުމުރު ހޭދަކޮށްލެވިދާނެއެވެ.
މާޒިން ފެންވަރާލައިގެން ނިކުމެ އީދު ގަމީހާއި، ފަޓްލޫނު ލުމުން އޭނަގެ ޝަޚުސިއްޔަތު ވަރުގަދަވެ، ޑޮކްޓަރެއްގައި ހުންނަޖެހޭފަދަ ހައިބަތެއްހުރިކަން ސޯފިޔާއަށް ފާހަގަވިއެވެ.
"އަދިވެސް މިލީމެން ނުތެދުވަނީތަ؟ އަހަރެން އަންނަންވާއިރަށް ކުދިން ގާތު ތައްޔާރުވާން ސޯފީ ބުނާތި އިނގޭ...." މާޒިން ސެންޓްފުޅިން ގަމީހަށް ޖަހައިލުމުން ކޮޓަރިތެރޭގައި ދުވަންފެށީ ނިކަން މީރުވަހެކެވެ. އެއީ އަގުބޮޑު ސެންޓަކަށް ވާނެކަން ސޯފިޔާ ދެނެގަތެވެ. މިހާރު އެގޭތެރެއަށް މަޑުމަޑުން ގޮސް މުއްސަނދިކަން ތަފާތު ސިފަސިފައިގައި ވަންނަން ފަށައިފިއެވެ. މިހާރު މާޒިން އަބަދުހެން ދައްކަނީ އެޕާޓްމެންޓަކަށް ދާ ވާހަކައެވެ. އެވެސް މާޒިންގެ މައިންބަފައިންގެ ޚަރަދުގައިކަން ސޯފިޔާއަށް ނޭގެނީއެއް ނޫނެވެ. މާލެއައިފަހުން އަދި މާޒިން ވަޒީފާއެއް ހޯދުމަކަށް ނޫޅެއެވެ. ގިނަވަގުތު ދެނީ މައިންބަފައިންނަށެވެ. އެމީހުން މުސްކުޅިވީދުވަހު އަޅާލާ، ވާހަކަދައްކަން އިންނަން ބޭނުންވާކަމަށް ބުނެ ކޮންމެފަހަރަކު މާޒިން ސޯފިޔާގެ އަނގަ ބަންދުކޮށްލައެވެ. ފައިސާ ހޯދުމަށްވުރެ މިއަދު މާޒިންއަށް މުހިއްމުވެފައި ވަނީ މައިންބަފައިންނެވެ.
"އެންމެން ދިޔައިމަ އީދު ފާހަގަ ކުރަން ޖެހޭނީ އެކަނި..." ސޯފިޔާ ފެންކަޅިވާގޮތްވިއެވެ.
"ސޯފިޔާ އަހަންނާއި އެކީގައި ގެއަށް ދާން ހިގާބަލަ، މާފުދިނުމަކީ ހިތަށް ހަމަޖެހުން ލިބޭނެކަމެއް، އެގޮތް ސޯފީ ބަލައިލަންވީނު...." މާޒިން އެހެން ބުނިކަމުގައި ވިޔަސް ސޯފިޔާ ހަދާން ނައްތާލާކަށް ބޭނުމެއްނުވިއެވެ. އޭނަ ގެ ކުދިން އެގެއަށް ފޮނުވުން އޭނަ ދެކުނު ގޮތުގައި އެއީ ޒަހާރާމެންނަށް ވެދިން ބޮޑު އިހުސާންތެރި ކަމެކެވެ.
އީދުދުވަހަށް ގޯލްޑެން ފްލޭމް ގެ އުފާވެރިކަމާއި ދިރުން އެތައް ގުނައެއް އިތުރުވެފައިވެއެވެ. އެތައްބަޔަކަށް ދައުވަތު ލިބިފައިވާތީ ބައިބަޔަށް މީހުން އަންނަމުން ދާއިރު އެގޭ ކާކޮޓަރިތެރެ ނިކަން ހަލަބޮއްޔެވެ. މޭޒުމަތިން ހުސްނުވެ ބާވަތްބާވަތުގެ ކާތަކެއްޗާއި، ބުއިންތައް އެރުވުމުގައި އަންހެންވެރިން ހަރަކާތްތެރިވެއެވެ. އެންމެން އެންމެނަށް ސަލާމްކޮށްފައި "އީދު މުބާރަކް" ކިޔަމުންދާއިރު އެންމެންނަށް މާބޮޑު އުފަލެއް ލިބިގެން އުޅޭހެން ހީވެއެވެ. މިލީނާ އާއި މިޝެލިން ބައްޕަ އާއި އެކު އައިގޮތަށް އާއިލާގެ އެތައް ބަޔަކަށް ތައާރަފުކުރެވުނެވެ. އެންމެންހެން ސުވާލުކުރީ ސޯފިޔާ ނައުމުން އެކަމާއި ބެހޭގޮތުންނެވެ. މާޒިން އެއްޗެކޭ ކިޔާލައިގެން އެތަންކޮޅު ހަމަޖައްސާލިއެވެ. ބައްޕަގެ ފަރާތު މުއްސަނދި މަހުޖަނުންނާއި އެމީހުންގެ ދަރިންގެ ޝަޚުސިއްޔަތު ވަރުގަދަކަމުން މިޝެލިން ހުރީ އުފާވެފައެވެ. އެފަދަ ގެއަކަށް ނިސްބަތް ވިކަމީ ލިބުނު ޝަރަފެކެވެ. އެކަމަކު އެކަން ދުނިޔެއަށް އިއުލާންކުރާކަށް މިޝެލިން ބޭނުމެއްނޫނެވެ.
ޒަހާރާ ލައިގެން ހުރި ރަނުން ޖަރީކޮށްފައިވާ ފިޔާތޮށިކުލައިގެ ޕާކިސްތާނު ހެދުމާއި، ކަރުގައި ވިދަވިދާއޮތް ރަންމުތުގެ ހާރުގެ ސަބަބުން ޝާހީގޮތެއް ހުއްޓެވެ. މޫނުމަތި އެހާ އުޖާލާވެފައި، ދެލޮލުގެ ވިދުން ގަދައެވެ. އެންމެނަށް އަމުރުކުރަމުން، މަސައްކަތް ކުރުވުމުގައި ޒަހާރާ އަވަދިނެތި އުޅުނުއިރު ސުލްތާނު އާއި އަޅާލާ، ހުރިހާކަމެއްގައި އެހީތެރިވެއެވެ. އެ އުމުރުގައިވެސް ޒަހާރާ އަކީ ފާހަގަކޮށްލެވޭފަދަ އަންހެނެކެވެ.
މިޝެލިން ރަތްކުލައިގެ އީދުހެދުމެއް ލައިގެން ހުރިއިރު އޭނަ ރީތިކަމުން ދެކޭ ކޮންމެ މީހަކު ދެވަނަ ފަހަރަށް ބަލައިލަން މަޖުބޫރު ކުރުވިއެވެ. މިލީނާ މިފަހަރު އައީ މުޅިން ކަޅުހެދުމެއްލައިގެންނެވެ. އެކަމަކު އެހެދުމުގެ މެދުން ފެހި އަދި ފިޔާތޮށިކުލައިގެ ބަޔެއް އެތެރެއިން ފެންނަން ހުރެފައި ކަޅު ސްކާފްގައި އެދެކުލައިން ރޮގެއް ހުރުމުން ވަރަށް ސްޓައިލިޝް ގޮތެއް ހުއްޓެވެ. ކަޅުހެދުން ވެސް ޒަމާނީ ގޮތަށް ބަދަލުވާން ފެށިކަމުގެ ހެއްކެކެވެ. ހައިތަމް އީދު ހަދިޔާއަކަށް މިޝެލިންމެންނަށް ދިނީ އައިޕެޑެކެވެ. ޒަހާރާގެ ހަދިޔާ އަކަށްވީ ގަހަނާ ސެޓެވެ. މިޝެލިން ހޮވީ ޔާގޫތު ސެޓެވެ. މިލީނާއަށް ރީތިވީ ކަޅުކުލައިގެ ޕާލް ސެޓެވެ. ދެކުދިން އެ ގަހަނާއިން ޒީނަތްތެރިވުމުން ހީވަނީ ކުޑަ ކުޑަ ދެޕަރީއިން ހެނެވެ. މިލީނާއަށް މީހުން ގިނަކަމުން ކޮޓަރިން ނިކުންނާކަށް ނުކެރުނެވެ. އޭނަ ކޮޓަރިން ނެރެން މާމަ ކުރި މަސައްކަތް ވެސް ވީ ނާކާމިޔާބެވެ.
"މަންމަ ގޭތެރޭގައި ފޮރުވައިގެން ގެންގުޅުނީމަ ސޯޝަލައިޒް ނުވީ..." ޒަހާރާ ސޯފިޔާ ކުށްވެރި ކުރިއެވެ. އެކަމަކު ޒަހާރާ ސޯފިޔާއަށް ހިތް ނުބަޔެއް ނޫނެވެ. ސޯފިޔާ ދަރިން ތަރުބިއްޔަތު ކޮށްފައިވާ ގޮތާއި މެދު ޒަހާރާގެ ހިތް ހާސްފަހަރު ތައުރީފު ކުރިއެވެ. ޒަހާރާ މިހާރު އުއްމީދު ކުރަނީ ސޯފިޔާ މިގޭ ރާނީ އަކަށް ވެގެން ކުދިންނާއި އެކު ރަނގަޅު ހަޔާތެއް ވޭތުކުރާތަން ދުށުމެވެ.
މެންދުރަށް އެގޭގައި ގަދަޔަށް ކެއްކިއެވެ. ކާކޮޓަރިއާއި ދިމާލުން ދުވާ މީރުވަސް ބަގީޗާއާއި ހަމަޔަށް ގެނެސްދެނީ ޖެހެމުން ދިޔަ ފިނި ވައިރޯޅި ތަކުންނެވެ. މިޝެލިން އައިޕެޑް ހިފައިގެން ގޮސް އެގޭގެ ފަހަތު ފެންޑާއަށް ނިކުމެ ބެންޗެއްގައި ޖައްސާލިއެވެ. ބައެއް ދިމާލުގައި ބޮނޑިއަކަށް ބެޑްރޯޒްފަދަ ކުލަކުލައިގެ މާތައް ފޮޅޭ ގަސްތައް އިންދާފައިވާއިރު، ހިޔާދޭ ދެތިން ގަހެއް ހުރުމުން ކުޑަ ބަގީޗާއެކޭ ބުނެލެވޭވަރުވެއެވެ. ގަސްދަށުގައި ފެހިކުލައިގެ ދޫލައެއްފަދައިން ވިނަގަނޑެއް ހައްދާފައި އޮތެވެ. ދެންމެއަކު ކުޑަކޮށް ވެހިލި ވާރޭގެ ސަބަބުން ގަސްތަކުގެ ފަތްތަކުގައި ސާފު އަލިމަސް ފަދައިން ޝަބްނަމްގެ ތިކިތައް ވިދާލާއިރު ގަލަމަކުން ބަޔާންކުރަން ކުޅަދާނައެއް ނޫނެވެ. މިޝެލިން ދޭތެރެއަކުން ވަށައިގެންވާ ގަސްތަކަށް ނަޒަރު ހުއްޓާލައެވެ. ފޮޓޯވެސް ނެގިއެވެ. ހާދަ ސާފެވެ. އިންސްޓަގްރާމަށް ލީމަ ވަރަކަށް ތަރުހީބު ލިބޭނެއެވެ. މިޝެލިން ގަސްތުކުރީ އެފްބީއަށް ވަދެލުމަށެވެ. އެކަމަކު އަރަނީ ވައިފައި ޕާސްވޯޑް ޖެހުމަށެވެ. މިޝެލިން ހިތްހަމަނުޖެހުނެވެ.
"މާމަމެން މިހާ މުއްސަނދި އިރު ވައިފައި ޕާސްވޯޑެއް ލާންޖެހޭތަ؟ ބޭނުންމީހަކު ވަންނަން ޗާންސްދޭންވީ އެއްނު....." މިޝެލިން އެހެން ހިތަށް އަރުވާލިތަނާ ޒަހުރާން އެތަނަށް ނިކުތުމުން މިޝެލިން ކުޑަކޮށް ކަންބޮޑުވިއެވެ. ހަގީގަތުގައި އޭނަ އާއި ޒަހުރާން މިގޮތަށް އެކަނި ދިމާވާކަށް އޭނަ މިހާރު ބޭނުމެއްނޫނެވެ. އޭނަގެ ސަބަބުން ޒަހުރާން އާއި ޒިލާގެ ދޭތެރޭގައި ބޭކާރު އަރައިރުންގަނޑެއް ވެގެން ނުވާނެއެވެ. ދެމަފިރިއެއްގެ ދޭތެރެއަށް ވަނުމަށްވުރެ ނުބައިކަމެއް ނޯންނާނެއެވެ.
"ރެއިން، ވައިފައި ޕާސްވޯޑް ކިޔައިދީފާނަންތަ؟" މިޝެލިން ކުޑަ ހިނިތުންވުމަކާއި އެކު އަހާލައިފި އެވެ.
"ގޯޑް އޮންލީ ނޯސް...." ޒަހުރާން ސީރިޔަސްކޮށް އެހެން ބުނުމުން މިޝެލިން ދެލޯބޮޑުކޮށްލިއެވެ.
"ވަޓް..." މިޝެލިން ހީކުރީ ޒަހުރާން ނުބުނަން އުޅެނީ ކަމަށެވެ.
"ބޫ ޖަހާފައި އިން ޕާސްވޯޑެއް އެއީ، ގޯޑް އޮންލީ ނޯސް......." ޒަހުރާން އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް ޒިލާ ޒެފަން އުރާލައިގެން ހުރެ އެތަނަށް ނިކުތެވެ. ޒިލާ އާއި ޒެފަން އެއްކުލައެއްގެ ހެދުމުގައި ރީތިވެގެން ތިބިއިރު ހީވަނީ ރަންމުތްތަކެއް ހެންނެވެ. އެހާވެސް ނަލައެވެ. ދެމައިންގެ އިސްތަށިގަނޑާއި އިރުގެ ދޯދިތައް ކުޅެލިއިރު އެ މުށިކުލައަށް ރަންކުލައަރާފައި، ލޮލުގެ ކުލަ ބަދަލުވާގޮތުންވެސް ހިތްތައް ބަންޑުންވާނެއެވެ. ޒެފަން ގެ ރަތް ތުންފަތާއި، ކޮލަށް އެޅޭ އަޑިކޮޅުގެ ސަބަބުން ހީވަނީ ބުދެއްހެންނެވެ. މިޝެލިން އެފުށްގަނޑު މޮޑެލާހިތްވިއެވެ.
"ޑެޑީގެ ސްވީޓްހާޓް...." ޒަހުރާން ދަރިފުޅު އަތުކޮޅަށް އުފުލާލާފައި ތިރިއަށް ގެނެސް މޫނުގައި ބޮސްދީފައި އެގެންގުޅުނުލެއް ލޯބިކަމުން މިޝެލިން އުފާވިއެވެ. ޒަހްރާނު ހާދަ ރަނގަޅެވެ. އޭނަގެ ބައްޕައެކޭ އެއްފަދައެވެ.
"ޒަހުރާން، ޒެފް ސަކަ ކަމުން މަށަށް ބެލޭވަރެއް ނުވޭ، ދެންމެވެސް ސިޑިމަތިން އަރައިގެން ދުވަނިކޮށް ދެވަން ސްޓެޕުން ވެއްޓި ބޯޖެހިފައި ތިހިރީ. އެވަރުންވެސް ތަދުވެގެނެއް ނޫޅޭ، އެތަނުން ނެގުނީ އެހާ އުދަގުލުން، ޒަހުރާންއަށް ހެޔޮވާނެ އެކުއްޖާ މަރުވިޔަސް، ސިއްރުސިއްރުން އަންހެންކުދިންނާއި މީޓްކޮށްލީމަ ހުރިހާ ކަމެއް ރަނގަޅުވެފައި އިންނާނީ......" ޒިލާ ހަށަން ބަދެލައިގެން ހުރެ މިޝެލިންއަށް ކަޅިއަޅައިގަތެވެ.
މިޝެލިން ގެ މޫނު ރަތްވިއެވެ. ޒިލާ ހާދަ ގޯހެވެ. އޭނަ އާއި ޒަހުރާން އަޅުވާކިޔަން ފެށީއެވެ. ޒަހުރާން ގެ ބުމަގޮށްޖެހުނު ގޮތުން އޭނަ ނުރުހުންވިކަން މިޝެލިން ދެނެގަތެވެ. ޒަހުރާން އިތުރު އެއްޗެކޭ ނުބުނެ ބާރަކަށް ހިގާލާފައި އެތަނުން ދިޔުމުން ޒިލާ ކުދިކިޔަމުން ފަހަތުން ހިގައްޖެއެވެ. ޒަހުރާންއަށް ކުޑަ ގަދަރެއްވެސް އެކުއްޖާ ނުކުރަނީ ހެއްޔެވެ؟
އެދުވަހު އެ ކޫސަނި ކަމާއި ހުރެ ޒަހުރާން އާއި ޒުވާބު ކޮށްކޮށްފައި ޒިލާ ވަރިފަށަށް އެރިއެވެ. ޒެފަން ނިދުމުން ވެސް ޒިލާ ރުޅި ފިނިވިކަމަކަށް ނުވިއެވެ. ޒަހުރާންއަކީ ފިރިހެނަކަށްވީމަ އޭނަ ކެތްކުރިއެވެ. ޒިލާ ކިޔާހާ އެއްޗެއްސަށް އަޅާނުލައި ޒަހުރާން ލެޕް ހިފައިގެން އެނދުގައި އިށީދެއްޖެއެވެ. އޭނަ ބަލަން އިނީ މިއަދު ނެގި އާއިލީ ފޮޓޯތަކެވެ. ޒަހުރާން އަޅާނުލާ އެހެން ކަމެއް ފެށީމަ ޒިލާ ވަކިން ބޮޑަށް ރުޅިއައެވެ. ޒަހުރާން ވިސްނާނުލައި އިންދާ ބާރުބާރަށް އައިގޮތަށް ލެޕް ޖަހައިގެންފާ އަތުކޮޅަށް ހޫރާލުމުން ހީވީ ލެޕް ގޮވިހެންނެވެ. އިވުނު ބާރު އަޑުފަށްގަނޑާއިއެކު ޒެފަން ހޭލައިގެން ބާރަކަށް ރޮއިގަތެވެ.
"އެހެނޭ ވާނީ، ލެޕަށް ލައިގެން ބަލަން އިނީ މިޝެލިންގެ ފޮޓޯތައް...." ޒެފަން ރޯން ފެށުމުން ޒިލާ ކުޑަކޮށް ދެރަވިއެވެ. ދަރިފުޅުގެ ކަރުނަތަކުން ޒިލާގެ ހިތް ފުށްކޮޅެއްފަދައިން މަޑުވިއެވެ.
"މަންމަ ޝުގަރޕްލަމް، ނުރޮއި، ޑެޑީ ކުރާކަންތަކޭ...." ޒަހުރާންގެ އަތުން ޒެފަން އަތުލަން އުޅުމުން ޒެފަން ޒަހުރާންގެ ކަރުގައި ބައްދައިގަތެވެ.
"ޒިލާ އިރުކޮޅަކަށް މިތަނުން ބޭރަށް ގޮސްދީފާނަންތަ؟" ޒަހުރާން ގެ ބެލުމުގައި އެވަގުތުވި ފިނިކަމަކުން ޒިލާގެ ހިތް ގުޑާލިއެވެ.
"ވަޓް..." ޒިލާ ހިންދިރުވާލިއެވެ.
"އަތުގައި ހިފާ ނެރެލަންވީތަ؟" ޒަހުރާން ލޯ ހަނިކޮށްލަމުން ބުންޏެވެ. އެކަމަކު ޒެފަންގެ ކުރިމަތީގައި އެހެން ހަދާކަށް އޭނަ ބޭނުމެއްވެސް ނޫނެވެ. ޒަހުރާން އެވަރުގެ ބަހެއް ބުނެލިކަމަށްޓަކައި ޒިލާއަށް ހީވީ އޭނަ މާބޮޑަށް ނިކަމެތި ކޮށްލީ ހެންނެވެ. އެއައިގޮތަށް ޒަހްރާން ލައިގެން ހުރި ގަމީހުގައި ހިފާ ދަމައިގެންފައި އަތުގައި ދަތްއަޅައިގަތެވެ. ޒެފަން ކަރުނުން ފުރިފައިވާ ބޮޑުދެލޮލުން މަންމަ އުޅޭގޮތް ބަލަން އިނީ ބިރުގެންފައެވެ. ޑެޑީ އޭ ކިޔާފައި ޒަހުރާންގެ މޫނަށް ބަލައިލި އިރު އެތުންފަތްކޮޅަށް ހަދައިގެން އިންގޮތުން ޒަހުރާންގެ ލޮލުން ކަރުނަ އައެވެ.
"ޒިލާ، ޕްލީޒް، އަހަރެމެންގެ ދަރިފުޅު...." ޒަހުރާން އެއްޗެކޭ ބުނަން އުޅުނީމަ ޒިލާ ޒަހުރާން ގެ ޖުމްލަ މެދުކަނޑާލާފައި ހަޅޭއްލަވައިގަތެވެ. ޒަހުރާން ހީކުރަނީ ޒެފަން އަކީ އެކަނި ޒަހުރާންގެ ދަރިއެއްކަމަށާއި އޭނަ ދެކެ ޒެފަން ރުޅިއަރުވަން ފާޑުފާޑަށް ވާހަކަދައްކަނީ ކަމަށް ކިޔާ ޒިލާ އުޅެގަތްގޮތުން ހީވީ މޮޔަކުއްޖެއް ހެންނެވެ. ނަފްސާނީ މައްސަލައެއް ހުންނަ ކުއްޖެއްހެންނެވެ. އެކަމަކު އެހެނެއްނޫނެވެ. އެއީ ޒިލާގެ މިޒާޖެވެ. ނޫނީ ޒަހުރާން ދެކެ ނަފްރަތު ކުރާ މިންވަރެވެ. މިވަރުން ދަންޏާ ދަރިފުޅު ހަލާކުވުންކަމެއް ނުވާނެއެވެ.
"އަހަރެން ކޮންކަމެއްދެން ކޮށްދޭންވީ...." ޒަހުރާން ހުރީ ގޮތް ހުސްވެފައެވެ. މިއަދު މިގޭތެރޭގައި އެތައް ބަޔަކު އުޅޭއިރު މިކޮޓަރި އާއި ހަމަޔަށްވެސް އެމީހުން އަންނާނެއެވެ. އެކަމަކު ޒިލާ ހާދަ ނުވިސްނައެވެ.
"އަހަރެން ބޭނުމީ ވަރިވާން...." ޒިލާ ބާރަކަށް ބުންޏެވެ.
"އޯކޭ ތިހިރީ ވަރިކޮށްފައި، ޔޫ އާރ ފްރީ...." ޒަހުރާންއަށް އެހެން ބުނެވުނު އިރު އޭނަގެ ސިކުނޑި މަސައްކަތް ކުރަމުން ދިޔަ ގޮތެއްވެސް ނޭގުނެވެ. ނޫނީ އެގަޑީގައި އޭނަ ހުރީ ހަމަވިސްނުން ހުންނަ ވަރަށް ވުރެ ރުޅިގަދަވެފައެވެ. ފިރިހެނަކަށް ކެތްކުރެވޭނީ ވަކިވަރަކަށެވެ. އޭނަ ތިންއަހަރުވާންދެން ޒިލާ އާއި އެކުގައި އުޅުނު ހާލު ދެނެވޮޑިގެން ވަނީ މާތް ﷲއެވެ.
ޒަހުރާން އެހެން ބުނެލުމުން ޒިލާ ޝޮކެއްގައި ހުއްޓާ ޒަހުރާން ޒެފަން ގޮވައިގެން ކޮޓަރިން ނިކުމެގެން ހިގައްޖެއެވެ.
ޒެފަން މަސަލަސް ވުމުން ޒަހުރާން އޭނަގެ ދަރިފުޅު އެހެންކުދިންނާއި އެކުގައި ކުޅެން ބަހައްޓާފައި ސިޑިން މައްޗަށް އަރައިގެން އައީ ޒިލާ ހެދިގޮތެއް ބަލައިލުމަށެވެ. ކޮންމެގޮތެއް ވިޔަސް އޭނައަށް ބުނެވުނު އެއްޗަކުން އެއޮތީ ނޭގުމުގެ ތެރޭގައި ހެދޭނެ އެންމެ ބޮޑު ގޯސްހެދިފައެވެ. ވަރިވެފައެވެ. ނޫނީ އަދި އަނބުރައި ގެނެވޭނެބާވައެވެ. ޒަހުރާން އަކަށް ދީން މާރަނގަޅަށް އެނގިފައެއް ނެތެވެ. އަގީދާ ކިތަންމެ ވަރުގަދަޔަސް އެފަދަ ބައެއްކަންތަކުގައި އޮޅުން އަރައެވެ.
ޒިލާ ބެލްކަނީއަށް ހިޔައިދީފައިވާ އޮފިއެލޭގަހުގެ ފަތްތަކާއި ކުޅެލަކުޅެލާ ހުރިއިރު މޫނަށް ކޮންމެވެސް ވަރަކަށް އަވިދީފައިވާތީ ހީވަނީ ދޮންކަމުން މުޅި ހިސާބު ދިއްލިފައިވާހެންނެވެ. ލައިގެން ހުރި ހެދުމުގެ ކުލައިންވެސް ދޮންކަން އިތުރުކޮށްލާފައި ވަނީއެވެ. ކުއްލިއަކަށް ޒަހުރާން ގެ ފިޔަވަޅުތަކުގެ އަޑުއިވުމުން ޒިލާ ބަލައިލުމާއިއެކު ހަނދެއްފަދަ އެ ދޮންމޫނު ބަނަވިގޮތުން ހީވީ އިރަށް ވިލާކޮޅެއް އެޅި ނިވާވިހެންނެވެ.
"ޒިލާ އައިމް ސޮރީ، އެހެން ބުނެވުނީ އަހަރެން އެވަގުތު ރުޅިގަދަވިވަރުން..." ޒަހުރާން ހުރީ ޖިންސްގެ ޖީބަށް އަތްޖަހާލައިގެންނެވެ.
"ނޫން، ޑެލިބެރޭޓްކޮށް އެހެން ބުނެ އަހަރެން ޑިވޯސްކޮށްލާފައި ދެން އޮޅުވާލަން ނޫޅުނިއްޔާ މަށަށް ރަނގަޅީ...." ޒިލާ ކަޅިއަޅައިލުމުންވެސް އެ ދޮންމޫނު ހުތުރެއްނުވިއެވެ. އެހާ ރުޅިގަދަކުއްޖަކު ފުށްގުޅައެއްހާ ލޯބިކޮށް ހުރެދާނެކަމަށް ހީކުރާނީ ކާކުހެއްޔެވެ؟
"އެހެން ބުނެގެނެއް ޑިވޯސްއެއްނުވާނެ، އަހަރެމެން ވާހަކަދައްކާލަން ރޫމަށް ހިގާބަލަ...." ޒަހުރާން ޒިލާގެ އަތުގައި މަޑުމަޑުން އަތް ބީއްސާލުމާއިއެކު ޒިލާ ޒަހުރާންގެ މޭގައި ގޮށްމުށުން ތަޅައިގަތެވެ. އެވަގުތު މިހުރާން ކޮޓަރިން ނިކުންނަން އައިސްފައި ފިޔަވަޅުތައް ހުއްޓުނެވެ.
"މިޝެލިން ގޮވައިގެން ރޫމަށް ވަންނަންވީނު، މިޝެލިން މަގޭގާތުގައި އެއްބަސްވިޔޭ ރެން ރީތިކަމުންނޭ ފަހަތު އުޅެނީ ކިޔާފައި، މިހާރު މިއޮތީ ޔަގީންވެފައި، އަހަރެން ޑިވޯސްކޮށްލީމަ ދެން ނޫޅެން މިގޭގައި ހުންނާކަށް، ޒެފް ގޮވައިގެން އަހަރެން ދާނީ...." ޒިލާ އާއި ޒަހުރާން ދެއްކި ވާހަކަތަކާއި، ޒިލާގެ ރުޅިގަދަކަން ފެނިފައި މިހުރާން ހުރީ ހައިރާންވެފައެވެ. އެކަމަކު އޭނަގެ ދޮންބެ ފެށުނީއްސުރެ ޒިލާ އާއި އޮންނަގުޅުން އޭނަ ދަނެއެވެ. ޒިލާ ދޮންބެއާއި މެދު ކަންތައް ކުރަނީ އެހާ ނިކަމެތިކޮށެވެ. އެހެން ފިރިހެނެއްނަމަ އެ އަންހެންކުއްޖާ ހިތަށް އައިހާގޮތެއް ހަދަން ދޫކޮށްލައިގެން ނުހުންނާނެއެވެ. ދޮންބެއަށް އެންމެ ފަހުން ކެތްނުކުރެވިގެން ވަރިކޮށްލީއެވެ. އެވީ އެންމެ ރަނގަޅަށެވެ. މިހުރާންގެ ތުންފަތްމައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ.
މިހުރާން ތިން ހަތަރުފަހަރު ޓަކިދިނުމުން މިލީނާ ދޮރު ހުޅުވާލައިފިއެވެ. މިހުރާންކަން އެގުމުން އޭނަ މިހުރާންގެ އަތްދަށުން ދެމިގަނެގެން ދުއްވައިގަންނަން އުޅުނީމަ، ވަރަށް ހުޝިޔާރު ކަމާއި އެކުގައި މިލީނާ ހިފަހައްޓާފައި އެތެރެއަށް ވަދެ މިހުރާން ތަންޑުއެޅިއެވެ. އޭރު މިހުރާންހުރީ އަނެއް އަތުން އޭނަގެ ލެޕްހިފަހައްޓާލައި ގެންނެވެ.
"ރިލެކްސް މިލީ، އަހަރެން ނޫޅެމޭ މިލީގެ ގައިގައި ޓަޗްކޮށްލަން، ރުހުމުގައި މަގޭގާތަށް އައި ދުވަހަކުން ނޫނީ އަތެއްނުލާނަން، ވީއިރު އެކަމާއި ހާސްނުވެބަލަ، ގަދަކަމުން ފޭރިގަންނާނީ ލޫޒަރސްއިން ކަންނޭގޭ ދޯ، އަހަރެން މިވީހާތަނަށް އަންހެންކުއްޖަކަށް އާދޭހެއް ނުކުރަން، އެކުދިން ބެގް ކުރަން ޖެހެނީ...." މިހުރާން ކޮޓަރީގެ މަތީ ތަންޑުތައް އަޅުވާލުމުން މިލީނާގެ ހިތުގައި ވި ޝައްކުތައް ހައްތަހާ އިތުރުވިއެވެ. ގޮނޑިއަށް އަރައިގެން ނޫނީ އޭނައަކަށް މަތީތަންޑުތައް ނުނެއްޓޭނެއެވެ. މިހުރާން ގެ ވާހަކަތަކަށް ދެން އޭނަ އިތުބާރުކުރަންވީ ކީއްވެ ހެއްޔެވެ؟ މިހުރާން ހަމަޖެހިލައިގެން އެނދުގައި އިށީދެ ލެޕް ހުޅުވާލައިފި އެވެ.
"އަހަރެން ބޭނުމީ މިލީއަށް އެއްޗެއް ދައްކާލަން، ކުޑަ ވީޑިއޯ އެއް..." މިހުރާން އެއްބުމަ އަރުވާލައިފިއެވެ.
މިލީނާ ހުރީ ދޮރުކާރީގައި ޖެހި ބުދެއްފަދައިންނެވެ. އެ މޫނަށްވަނީ ފިނިފެންމަލުގެ ކުލަ އަރާފައެވެ.
"ލަދުން ނުހުރެ ދެން އާދެބަލަ، ބުނެފީމެއްނު ކަމެއްނުކުރާނަމޭ، ދެން މިތަނުން އަހަރެން ތެދުވެގެން ގޮސް މިލީ ގަދަކަމުން ގެންނަން ވެއްޖެއްޔާ ކުޑަކޮށް އަތްލެވިދާނެ އިނގޭ......" މިހުރާން އެހެން ބުނުމާއިއެކު މިލީނާ ގޮތްހުސްވެފައި ހުރެ މަޑު ފިޔަވަޅުތަކެއްގައި ގޮސް މިހުރާން ގެ ކައިރީގައި ހުއްޓިއްޖެއެވެ.
"ޗެކް ދިސް އައުޓް....." މިހުރާން މިލީނާ އާއި ދިމާލަށް ލެޕް އަނބުރައިލުމަށްފަހު ފިނިފެންމަލުގެ ކުލަހުރި ބެޑްސީޓު އަޅާފައިވާ އެނދުގައި އެ ކަސްރަތީ ހަށިގަނޑު ދަމާލައިފިއެވެ. މިލީނާ އިންގޮތުން އޭނަގެ މޫނަށް ވެރިވާ ކުލަވަރުތައް މިހުރާންއަށް ރީއްޗަށް ފެންނަގޮތަށް އޮތްއިރު މިހުރާންގެ ލޮލުގައި ލާނެތްކަމެއް ނަށަމުންދިޔައެވެ.