އިއްބާނުގެ ފަހަތުން އައިގޮތަށް އިއްބާނުގެ މޫނަށް ހޫނު އެތިފަހަރެއް ވީއްލާލީ އޭނަގެ ބައްޕަ މާޒިން ފިޔަވާ ދެވަނަ މީހެއް ނޫނެވެ. އިއްބާނު އަށްވެސް ޝޮކެއް ލިބުނުހެން ހީވިއެވެ. ދިފާއުގައި އުފުލި އަތް އޭނަ ޖިންސްގެ ޖީބަށް ޖަހައިލަމުން ދާން އެނބުރިލި އެވެ.

"މަގޭ ދަރިފުޅު ނޫން އަންހެނަކު ނުފެނުނީތަ؟ ދެން ނާންނާތި މިޝެލިންގެ ފަހަތުން، ނޫނީ މަށަށް ވުރެ ނުބައި މީހަކު ނުފެންނާނެ......." މާޒިން ދަތްކުނޑިވިކާލައިފައި އިއްބާނުގެ މޭގައި އަތް އަޅާކޮށްޕާލައިފައި އެތެރެއަށް ވަދެ ބާރަކަށް ދޮރު ޖެހިއެވެ. ބައްޕަ މިރޭ ތަރާވީހަށް ނުދާ ރެއެއް ހެއްޔެވެ؟ މިޝެލިން ސޯފާއިން ފުންމާލައިފި އެވެ. މާޒިން ދޮރު ހުޅުވާލިއިރު މިޝެލިން ގެ ހިތް ތެޅޭވަރުން ހީވަނީ މޭ ފަޅާލާފައި ނިކުމެދާނެ ހެންނެވެ. އޭނަގެ މޫނު ރަތް ލޭކޮޅަކަށް ވެއްޖެއެވެ. 

"ބައްޕާ، މިރޭ ތަރާވީހަށް ނުދުރުވެ....." މިޝެލިން ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ.

"މަންމަ ކޮބާތަ؟" މާޒިން އައިގޮތަށް ތަންޑު އަޅުވާލައިފައި ދޮރު ފޮތިގަނޑު ދަމާލީ ތަންކޮޅެއް ބާރަށެވެ. މާޒިންގެ ހަރަކާތުން ހިތްހަމަނުޖެހިފައިވާ މިންވަރު މިޝެލިން ދެނެގަތެވެ.

"މަންމަ ނަމާދަށް ހުރީ، ބައްޕަ ރުޅިދުރުވެފައިތަ؟" މިޝެލިން ކަންބޮޑުވިޔަސް ހީލާފައި ބައްޕަގެ ފަހަތުން ގޮސް އެ ކޮޓަރިއަށް ވަނެވެ. ކޮޓަރީގެ އޭސީ ޖައްސާފައިވާތީ ފިނިކަމުން މިޝެލިންއަށް އަރާމުވިއެވެ. އޭސީގައި އެއަރފްރެޝްނަރ ގެ މީރުވަސް ހިފާލާފައި ވުމުން އެހާ ހިތްގައިމެވެ. ކޮޓަރީގެ ކޮންމެ އެއްޗެއް ބަހައްޓާފައި ވަނީ އެހާ ތަރުތީބުންނެވެ.

"ނޫން ސްވީޓްހާޓް، ދަރިފުޅު ދެކެ އެއްނޫން ރުޅި އައީ، އެކަމަކު ޝެލް ބައްޕަ ގާތުގައި ބުނެބަލަ، މަންމަ ނަމާދަށް ހުއްޓާ ސިއްރުން ތިހެން ނުދަންނަ މީހަކާއި ވާހަކަދައްކަން ހުރުމަކީ ރަނގަޅު ކަމެއްތަ؟ އެވެސް މަންމަ ހިތްހަމަނުޖެހޭނެކަން އެގޭއިރު...." މާޒިން އެދުގައި އިށީދެ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. ބޮލުގައި ރިއްސާވަރުން ގޮސް އޭނައަށް ކެތްކުރެވެނީއެއް ނޫނެވެ. މިރޭ އޭނަ އެ ފިރިހެންކުއްޖާގެ ގަޔަށް އަތްލައިފިއެވެ. މިހާވަރަށް ދުވަހަކު އޭނަ ކަމަކާއި ރުޅިގަދަވި ހަނދާނެއް ނުވެއެވެ. މޮޔަވަނީބާވައެވެ. މިހާވަރަށް ބޮލުގައި ރިއްސަނީ ކީއްވެ ހެއްޔެވެ؟

"ބައްޕާ، ހީޒް ޖަސްޓް އެ ފްރެންޑް، އެހާ ފަގީރު ކުއްޖެއް، ގެއެއްގެ ސިކިއުރިޓީ އަކަށް ހުންނަ މީހެއްގެ ދަރިއެއް، އޭނަ ޕައިލެޓްކަން ކިޔަވަން ބޭނުންވާއިރުވެސް ބޭރަށް ނުދެވިފައި ހުރީ އެއްވެސް ފަރާތަކުން ފަންޑު ނުލިބިގެން، އޭނަ ޝެލްއަށް އެސައިންމެންޓު ހަދާދިން، ކޮންމެ ކަމެއްގައި ހެލްޕްވާ އެކަހަލަ ފްރެންޑެއް ނުވެސް ލިބޭނެ....." މިޝެލިން އެވާހަކަތައް ކިޔައިދިނުމުން މާޒިންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ތައުލީމު ހާސިލުކުރަން ބޭނުންވެފައި ތިބޭ އެފަދަ ޒުވާނުންނަށް ފުރުސަތު ދެވޭނެ ފަދަ ތަނަވަސްކަމެއް ލިބިފައިވާނަމަ އޭނަ ފަސްނުޖެހޭނެއެވެ. މިވަގުތު އޭނައަށް ވެވޭނީ ކޮން އެހީއެއް ހެއްޔެވެ؟

"އޯކޭ ޝެލް، އެކަމަކު ދަރިފުޅު ތިހެން ގޮސް ވާހަކަ ދައްކަން ހުރުމަކީ ރަނގަޅު ކަމަކަށް ނުވާނެ، މަންމަ ގެ ހުއްދަނެތި އެއްވެސް ކަމެއްކޮށްގެން ނުވާނެ އިނގޭ......" މާޒިން މަޑުމައިތިރިކޮށް ވާހަކަ ދެއްކި ނަމަވެސް މިއަދު އެ އަޑުގައި ހަރުކަށި ކަމެއް ވިއެވެ.

"ބައްޕަ ބޮލުގައި ރިއްސަނީތަ؟" މިޝެލިން ކަންބޮޑުވިއެވެ.

"އެހާބޮޑަށް ނޫން، ރެސްޓެއް ނަގާލީމަ ރަނގަޅު ވެދާނެ....." މާޒިން އެނދުގައި އޮށޯވެ ހަށިގަނޑު ދަމާލުމުން މިޝެލިން ވަރަށް ނޫންކަމަށް ހަދައިގެން މާޒިންގެ ލެޕް ހުޅުވާލައިގެން ކުޅެން ފެށިއެވެ. ސްކްރީން ހުރީ މާޒިން އަށް ފެންނަގޮތަށް ކަމަށް ވާތީ މާޒިން އިތުރު އެއްޗެކޭ ނުބުނެއެވެ. މިޝެލިން ވެސް ބައްޕަގެ ހިތުގައި ޝައްކު އުފައްދާކަށް ބޭނުމެއްނުވިއެވެ.

މާޒިން ދެލޯމަރާލައިގެން އޮތް އިރު މާޒީގެ ހަދާންތައް އޭނަގެ ހިތަށް އުދަގޫކުރިއެވެ. މިއަދުވެސް އޭނަވަނީ އެތަން މިތަނަށް ވަޒީފާއަށް އެދި ހުށަހަޅާފައެވެ. އަރަބި ގައުމުތައްވެސް އޭގެ ތެރޭގައި ހިމެނެއެވެ. ކޮންމެ ދިމާލަކުން ވަޒީފާ ލިބުނަސް ނުގޮސްވާކަށް ނެތެވެ. ދަރިންނަށްޓަކައި ލާރި ހޯދުން މުހިއްމެވެ. މިޝެލިން އާއި މިލީނާ އަބަދު އޭނަގެ ގާތުގައި ކިޔާނީ ސްވިޒަރލޭންޑް ފަދަ ތަނަކަށް ގެންދިޔުމަށެވެ. އެކުދިންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭން އޭނަ ބޭނުމެވެ. އޭނަ އެއް ޒަމާނެއްގައި ފައިސާއިން ފެންވެރިއެވެ. އޭނަ އުޅެބޮޑުވީ މުއްސަނދި، މޮޅު ބަޔެއްގެ ތެރޭގައެވެ. އޭނަގެ ހަޔާތް ވޭތުކޮށްފައި ވަނީ އުފަލާއި މަޖަލުގައެވެ. ޔޫރަޕް، އެމެރިކާފަދަ ތަންތަނަށް އޭނަ ދަތުރުކުރިއެވެ. އޭނަ އެހާ އުފަލުގައި ދިރިއުޅެމުން ދަނިކޮށް ލޯބިވެވުނީ އޭނަ އާއި ބަލާއިރު ނިކަމެތި އަންހެންކުއްޖަކު ދެކެއެވެ. އޭނަދެކެ އިންތިހާއަށް ލޯބިވި މަންމަމެންނާއި އޭނަގެ ގުޅުން ކިލަބު ވުމުގެ މެދުވެރި އަކަށްވީ ސޯފިޔާ އެވެ. އެކަމަކު މާޒިން ހަގީގަތުގައި އެގެއިން ނިކުމެގެން އަބަދުގެ އަބަދަށްޓަކައި އައީ ކީއްވެގެންކަން ދުނިޔޭގެ ހުރިހާ ފަރާތްތަކަށް އޭނަ ސިއްރު ކުރިއެވެ. ސޯފިޔާއަށްވެސް އެ ހަގީގަތް ނޭގޭނެއެވެ. އެ ސިއްރަކީ އޭނަ މަންމަމެން ކަމަށް ހީކޮށްގެން އެއުޅުނު މުއްސަނދި ދެމަފިރިންނަކީ އަސްލު މައިންބަފައިން ނޫންކަން އޭނައަށް ފަޅާ އެރީއެވެ. 

އޭނައަކީ އެޑޮޕްޓްކުރެވިފައިވާ، އަދި ބައްޕައެއްނެތް ދަރިއެއްކަން ޔަގީންވީއެވެ. އެހިސާބުން އޭނަގެ އަންހެނުންނާއި ދޭތެރޭގައި އެގޭތެރޭގައި ނިކަމެތިކޮށް ކުރެވުނީ އޭނައަކީ ބީރައްޓެއްސަކަށް ވާތީކަން އެނގުނެވެ. މާޒިން އެ ހުރިހާ ދުވަސްތައް ވަކި ވަކިން ހަދާން އެބަހުއްޓެވެ. އެންމެން އޭނަދެކެ ލޯބިވާކަމަށް ހެދިގެން ދައްކާލީ ދަޅައެކެވެ.

މާޒިންގެ ލޮލުން ކަރުނަ އައެވެ. އޭނަގެ އަސްލު މަންމަ ކޮބާ ހެއްޔެވެ؟ އެ މަންމަ ދުނިޔޭގައި އެބަހުރި ހެއްޔެވެ؟ އެއީ ކޮން ރަށެއްގެ ކާކުބާވައެވެ. މަންމަ އޭނަ ކުޑައިރު އެއްލާލީ ހެއްޔެވެ؟ މުޅިންވެސް ސުވާލުތަކެވެ.

މާޒިން ޚިޔާލެއްގައި އޮތްވާ ސޯފިޔާ ކޮޓަރިއަށް ވަނެވެ. ސޯފިޔާ ފެންވަރާލައިގެން ދިގު އިސްތަށިގަނޑު ނިއުޅުވާލައިގެން ހުރި އިރު ހީވަނީ ޒުވާން ކުއްޖެއް ހެންނެވެ. މާޒިން ބޮލުގައި ރިއްސައިގެން އުޅޭކަން އެނގުމުން ސޯފިޔާ މާޒިންގެ ބޯ މަސާޖުކޮށްލަދިނެވެ. އެ އޮމާން އަތުގެ ފިރުމުންތަކުން މާޒިންއަށް އިރުކޮޅެއްނުވަނީސް ޝިފާ ލިބިއްޖެއެވެ. ސޯފިޔާ މާޒިންއަށް ކާތަށިތައް ހިފައިގެން އައިސް އެނދުގައި ބާއްވައިގެން ކާންދިނެވެ. ފަރާޓާ އާއި، ފިހުނު ކުކުޅު ނޮޅާލާފައި އަތުން ކާން ދިނުމުން މާޒިންގެ ހިތަށް ހަމަޖެހުން ލިބުނެވެ. ސޯފިޔާއަކީ ޚިދުމަތްތެރި އަންބެކެވެ.

ރަމަޟާން މަހުގެ ސައްބީސްވަނަ ރެއަކީ އޮނަހިރި ރެއަކަށް ނުވީމަ ސޯފިޔާ ގަސްތުކުރީ ކުދިން ގޮވައިގެން ބާޒާރުކޮށްލަން ދިޔައެވެ. އީދަށް ހެދުމާއި، ފައިވާން ނުގަނެވިގެން މިޝެލިންމެން އުޅޭވަރުން ނުގޮސްވާކަށް ނެތެވެ. އެހެންނޫނަސް މިލީނާ އުޅުނީ އޭނަ ރީތިވާން ގެންގުޅޭ ސާމާނު ހުސްވެގެންނެވެ. މިޝެލިން ބިއްލޫރި ކުލައިގެ ރީތި ފައިވާނެއް ގަތެވެ. ފުދޭވަރަކަށް އަގު ބޮޑު ނަމަވެސް ސޯފިޔާ ވަކި އެއްޗެކޭ ނުބުނެއެވެ. މިޝެލިންގެ ދޮން ފަޔާއި އެ ފައިވާން ގުޅޭވަރުން ސޯފިޔާވެސް ހުރީ ހައިރާންވެފައެވެ.

"ސިންޑްރެއްލާގެ މެޖިކް ފައިވާން ދޯ......." މިލީނާ ދިމާކޮށްލިއެވެ. ކޮންމެ ކުއްޖަކަށް ބޮޑު ކޮތަޅެއް ހިފައިގެން ގޮސް ކާރަށް އެރިގޮތަށް މިޝެލިން ސީޓުގައި ލެނގިލައިގެން އޮވެ ދެލޯމަރާލިގޮތަށް ނިދިއްޖެއެވެ. ބާޒާރުކުރުމަކީ އޭނަ މާކުރާހިތްވާ ކަމެއްނޫނެވެ. މަންމަ މިޝެލިން އެކަނި ގޭގައި ބަހައްޓާފައި ދާން އެއްބަސް ނުވުމުން އަންނަން އޭނައަށް މަޖުބޫރުވީއެވެ. އެވަގުތު މިޝެލިންގެ އަތުތެރޭގައި އޮތް ފޯނުގެ ސްކްރީން ދިއްލެން ފެށުމުން ސޯފިޔާ މަޑުމަޑުން ފޯނު ނެގިއެވެ. މިޝެލިންއަށް މެސެޖެއް އައީއެވެ. ޕްރިންސްއަކު ފޮނުވާފައިވާ އެ މެސެޖް ފެނުމުން ސޯފިޔާގެ ތުންފަތް މަތީގައިވި ހިނިތުންވުން ނެތިގެން ހިގައްޖެއެވެ.

"ބޭބީ، ހަމަ މިސްވަނީ..." ކިތަންމެ ކުރު ޖުމްލައެއް ނަމަވެސް އެ ޖުމްލައިން ސޯފިޔާ ހުރިހާ އެއްޗެއް ދެނެގަތެވެ. މިޝެލިންގެ ޕްރިންސްއަކީ ކާކުކަން ސޯފިޔާގެ ސިކުނޑިއަށް ވަގުތުން ނަގައިގަނެވުނެވެ. އެކަމަކު ސޯފިޔާ މިޝެލިންގެ އަތުގެ ތެރޭގައި ފޯނު ލައްވާފައި ހިމޭނުން އިނީއެވެ.

ފަހު ދިހަ ރޭގެ ތެރެއިންވެސް އެންމެ ޚާއްސަ ރެއެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ހަތާވީސް ވިލޭރެއެވެ. ސޯފިޔާ އެރޭ އެންމެ ފަހަރަކުވެސް ނުނިދާ ޤުރުއާން ކިޔަވައި، ނަމާދު ކުރިއެވެ. އަޅުކަން ކުރުމުން އެލިބުނު ރޫހާނީ ހިތްހަމަޖެހުން ބުނެދޭނެ ގޮތެއް ސޯފިޔާ އަކަށް ނޭގެއެވެ. ހެއްދެވިފަރާތާއި ކުރިއަށް ވުރެ ބޮޑަށް ގާތްވެވުނު ކަމުގެ އިހުސާސް ކުރެވިގެން ދިޔައެވެ. އެދުވަހު ރޯދަ ވީއްލަން ވީއިރަށް ސުފުރާމަތި ހުރީ އެހެން ދުވަހަށް ވުރެ ގަދަޔަށް ތައްޔާރު ކޮށްލާފައެވެ. ދެތިން ވައްތަރުގެ ކުޅި އެއްޗިއްސާއި ފޮނި އެއްޗެހި އަދި ދެވައްތަރުގެ ޖޫސް ހަދާފައި ހުއްޓެވެ. ހުރިހާ މަސައްކަތެއްގައި މިލީނާ ބައިވެރިވިއެވެ.

"ދަރިފުޅާ ހަދާންކޮށް ރޯދަވީއްލަމުން ދުޢާކުރާތި، ރޯދަ ވީއްލާވަގުތު ކުރާ ދުޢާ އިޖާބަކުރައްވާނެ....." ސޯފިޔާ ހަދާންކޮށްދިނެވެ. އާދައިގެމަތިން ރޯދަ ވީއްލުމުގެ ފަސްމިނިޓްކުރިން މިޝެލިން ސުފުރާ ދޮށުގައި އިށީދެ ގަޑި ގުނަންފެށިއެވެ. މިޝެލިން ދެކޭގޮތުގައި ރޯދައިން ލިބޭ އެންމެ ބޮޑު އުފަލަކީ ރޯދަ ވީއްލާވަގުތު ލިބޭ ހިތްހަމަޖެހުމެވެ.

"ލައިކް ވަޓް....." މިޝެލިން ޖޫސްތަށި ތެރެއަށް ސަމުސާލައިގެން ހަލުވައިލުމުން ގަނޑުފެންކޮޅުތަކުން ލުއި މިއުޒިކެއް ކުޅެލިހެންހީވިއެވެ.

"މިސާލަކަށް ޝެލް އުޅޭނެ ސްނޯވެހޭ ތަނަކަށް ދާހިތުން، ބޭނުން ކޮންމެކަމަކަށް ޔޫ ކެން އާސްކް....." މިލީނާ ދަސްކޮށްދިނެވެ.

"ނޫން ދަރިފުޅާ، ދުނިޔޭގެ ކަންތަކަށް ތިހާވަރުން އެދޭކަށް ނުވާނެ، ހައްޖަށް ދެވޭތޯ ދުޢާކުރިއްޔާ ރަނގަޅު..." ސޯފިޔާގެ އެއް ހުވަފެނަކީ އެއީއެވެ.

"މިވީގޮތުން ލިސްޓެއް ހަދައިލަންވާނެ، މިހާރު ބަނޑުހައިވެފައި އިންވަރުން މާބޮޑުކަމެއް ހަނދާނެއްނުވޭ...." މިޝެލިން ހުނުމަކާއިއެކު އަދިވެސް ބޮޑަށް ސަމުސާ ތަޅުވަން ފެށުމުން ސޯފިޔާ އަޑުލިއެވެ. ބިއްލޫރިތަށި ތެޅިދާނެކަމަށް ބުންޏެވެ. މާޒިން އައުމުން އެސުފުރާމަތި މުޅިން ފުރިހަމަވީއެވެ.

މިޝެލިން މިއަދު ކޮލެޖަށް ގޮސްފައި ލިބުނު ހުސްގަޑިއެއްގައި އިއްބާނު އާއި އެކު "ގޯލްޑެން ފްލޭމް"އަށް ދިޔައެވެ. ސިކުއިރިޓީގާޑު ހުރީ ތަންކޮޅެއް ދުރުގައި ކަމުން ދެޒުވާނުން އެކީގައި ހިގާލާފައި ގޮސް ގޭޓުން ވަންއިރު އޭނައަށް ފެނުނުކަމަކަށް ނުވިއެވެ. ނޫނީ ފެނުނުކަމަށް ހަދައިނުލީއެވެ. އިއްބާނު މިޝެލިން ގޮވައިގެން ދިޔައީ ގޭގެ އެއްފަރާތުގައި ހަނިކޮށް އޮތް ތަންކޮޅަށެވެ. މާބޮޑު ހުސްތަނެއް ނެތަސް އެފަރާތުގައި ގެއާއި ކައިރީގައި ރީތި ޑިޒައިނަކަށް ގާފޮޅުތައް ފަރުމާކޮށްފައި ވައިލެޓް، އޮރެންޖް، ރަތް، ފިޔާތޮށި، ރީދޫ އަދި ހުދު ކުލައިގެ މާފޮޅޭގަސް އިންދާފައިވެއެވެ. ކުލަތަކުގެ ވާދަވެރިކަމެއް އެ ކުޑަ ގާފޮޅުތެރޭގައިވެސް އުފެދިފައިވާހެން ހީވެއެވެ. އަދި ތިރީގައި ގާޑަން ލައިޓްތައް ހަރުކޮށްލާފައިވާތީ ރޭގަނޑު ލޯބިވެރިން ވާހަކަދައްކާލަން ތިބެން ރަނގަޅު ޖަގަހައެކެވެ. އެ ގާފޮޅުން ފެށިގެން މަގުފާރާއި ޖެހެންދެން އޮތީ ފެހިވިނަގަޑެވެ. ކިތަންމެ ކުޑަތަންކޮޅެއް ނަމަވެސް ހަދާލާފައި އޮތްގޮތުން ވަރަށް ހިތްގައިމެވެ. 

"އޯ ވާއު، ބަޓަރފްލައިސް......" މިޝެލިން ގާފޮޅުމަތީގައި އިށީދެ މާތަކުގައި އަތްލިއެވެ. ކުދި ކޮކާތައް މަލުން ފޮނިބޮމުން މިނިވަންކަމާއިއެކު އުދުހެމުންދިޔަ މަންޒަރުން މިޝެލިންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ޖެހެމުންދިޔަ ވައިރޯޅިތައް މިޝެލިންގެ އިސްތަށިގަނޑު ވިހުރުވާލުމުން އެ އިސްތަށިކޮޅު ފަށުވިވާނެވަރު އިއްބާނުއަށް އިހުސާސް ކުރެވުނެވެ. އިރުގެ ރަން އަވި މިޝެލިންގެ ދޮން ކޯތާފަތުގައި ބޮސްދީފައި އެމޫނަށް ވެރިކުރުވަމުންދާ ޗާލު ކުލަ ފެނުމުން އިއްބާނުގެ ކެތްތެރިކަން ކޮޅުންލައިގެން ދާވަރުވިއެވެ. އެކަނި ބަލާލައިގެން މިކުއްޖާ އޭނައަށް ހާދަ ގޮތެއް އެބަ ހަދާލައެވެ. އަތްލެވިއްޖެއްޔާ ވާނީ ކިހިނެއް ބާވައެވެ.

"ބޭބީ، އަހަރެން ބޭނުން މިއަދު ވާހަކައެއް ބުނެލަން، ސްޕެޝަލް އޮކޭޝަނަކަށް ވެއިޓްކޮށްގެން ހުއްޓާ އަހަންނަށް ޗާންސް ގެއްލިދާނެ..." އިއްބާނު މިޝެލިން އާއި ދާދިގާތުގައި އިށީދެލީ ފައިދަމާލައިގެންނެވެ. ޖިންސް ފަޔަށް ހިފާލާފައިވާގޮތުން ހީވަނީ މަޝްހޫރު ޖިންސް ބްރޭންޑެއްގެ އިޝްތިހާރު ހެންނެވެ. އިއްބާނު އަތުގައި އޮތް ރަތްކުލައިގެ ނުފޮޅޭމާ މިޝެލިންގެ މޫނުގައި ބީއްސާލުމުން މިޝެލިން އެމަލުގައި ހިފެހެއްޓިއެވެ.

"ބުނެބަލަ ބެން، ނޫނީ ތިވާހަކަ އަޑުއަހާހިތުން މިރޭ ނުނިދޭނެ.." މިޝެލިން މަލުގައި ވަސް ބަލައިލިއެވެ.

"އަހަންނަށް ހުރިހާ އެއްޗަކަށް ވުރެ ބޭބީ މާ ލޯބި، ހުރިހާ ރީތިކަމެއް އެންމެ އަންހެންކުއްޖެއްގެ ފަރާތުން ފެނުނު އެކަނިކުއްޖަކީ އަހަރެންގެ މިޝެލިން، މިވީހާތަނަށް ތެދުވެރި ލޯބި އެގްޒިސްޓްވާކަމަށް ގަބޫލެއްނުކުރަން، ހީވަނީ އެއީ ވާހަކަތަކުންނާއި ފިލްމުތައް ރީތިކޮށްލަން ދައްކުވާ ބަޔެއްހެން، އެކަމަކު އަމިއްލައަށް ލޯބި ތަޖުރިބާ ކުރެވިއްޖެ، އެއީ ކިހާވަރެއްގެ ބާރުގަދަ ޖަޒުބާތެއްކަން އިހުސާސް ކުރެވުނީ އަދި ކިރިޔާ، ލައިފް ރީތިކޮށްލަނީ އެމީހަކަށް ލޯބިވެވުނީމަ، ވިދްއައުޓް ލަވް ލައިފް ސިމްޕަލްވާނެ، އަހަރެންގެ ލައިފް ގެ ބާކީހުރި ޗެޕްޓަރތައް ފިލްކޮށްދޭނެ އެކަނި ގާލްއަކީ ތިއީކަމަށް އަހަރެން ނިންމައިފިން، ބޭބީއަށް އެގޭތަ؟ ތިނަން އިވުނަސް އަހަރެންގެ ހިތް ތެޅިގަނޭ، މި އިނޮސެންސް އަދި ޕިއުރިޓީ އަހަރެންގެ ހިތާއި ކުޅެލިވަރު ބުނެދޭނެ ގޮތެއް ނޭގޭ، އައި ލަވް ޔޫ...." އިއްބާނުގެ އެ ޖުމްލަތަކުން މިޝެލިންގެ ހިތުގައި ހީލިކެރުވުމެއް އުފެދުނެވެ. އޭނަގެ ހަދާނަށް އައީ އެޑްވަޑެވެ. އެފަދަ ލޯބި ވާހަކަތަކެވެ. "އަހަރެންގެ މިޝެލިން" އެހެން ބުނިގޮތުން އިއްބާނު މިޝެލިން އަމިއްލަކޮށްލިވަރު ރަނގަޅަށް ދައްކުވާދިނެވެ.

"އެކަމަކު އައިމް ސިކްސްޓީން...." މިޝެލިން އިއްބާނުގެ ރީތި ދެލޮލަށް ބަލައިލިއެވެ.

"އިޓްސް އޯކޭ ބޭބީ، އަހަރެން ޝެލް ބޮޑުވަންދެން ވެއިޓް ކޮށްފާނަން، އެކަމަކު މިއަދު ޕްރޮމިސް ކޮށްދޭންވާނެ، އަހަރެން ނޫން މީހެއްގެ ހައްގަކަށް ނުވާން..." އިއްބާނު އެދުނެވެ. މިޝެލިން ވަގުތުން އެކަމަށް އެއްބަސްވިއެވެ. ލޯތްބަކީ ކޯންޗެއްކަން ނޭގިހުރެ އަދި މުސްތަގުބަލުގައި ރޭވިފައިވާ އެއްވެސް ކަމެއް ނޭގިހުރެ މޮޔަ މިޝެލިން އިއްބާނު އެދުނު ކޮންމެ ކަމަކަށް ވައުދުވިއެވެ. އެކަމަކު މިޝެލިން މިއަދުވެސް ހުރީ ގޮތުގައެވެ. އިއްބާނު އަތުގައި ހިފާލުމުގެ ހުއްދައެއްވެސް ނުދިނެވެ. މިޝެލިން އޭނަގެ މަންމައަށް ސިއްރުން ފިރިހެންކުއްޖަކާއި ބައްދަލުކުރާއިރުވެސް ރަނގަޅު ކަމަކީ މަންމަގެ އަމުރު ހަނދާން ނައްތާނުލިކަމެވެ.

އިއްބާނުގެ ހިތަށް މިއަދު ހަމަޖެހުމެއް ލިބުނެވެ. އޭނައަށް މިޝެލިން ގާތުގައި ލޯބިވާ ވާހަކަ ބުނެވިއްޖެއެވެ. އަދި މިޝެލިންގެ ވައުދުތަކަށް އިތުބާރު ކުރެވުނެވެ. ޅަކަން ބަހަނާއަކަށް ހަދާފައިވި ނަމަވެސް މިޝެލިންއަށް ލޯތްބަކީ ކޯންޗެއްކަން އެގޭ ދުވަހަކުން އަންނާނީ އިއްބާނުގެ ގާތަށްކަން ޔަގީންވިއެވެ. 

އެދުވަހު އިއްބާނު މިޝެލިންއަށް ހުދު ޖަވާހިރެއް ޖަހާފައިވާ އަނގޮޓިއެއް ދިނެވެ.

މިޝެލިން ގެއަށް ދިޔަގޮތަށް އިއްބާނު ދެއްކިހާ ވާހަކަތައް މިލީނާ ގާތުގައި ކިޔާދިނީ ކުޑަކޮށް ފޮނިވެލާފައި އިދެއެވެ. އިއްބާނު ދިން އަނގޮޓި އަތުގައި އަޅުވާލައިގެން ހުރެ އެ ފިނިފެންމަލާއިގެން ގޮސް ޑްރެސިންޓޭބަލް ކައިރީގައި ހުރި އިރު އެ ރީތި ދެލޯ ވިދަމުން ދިޔަލެއް ނުހަނު ރީއްޗެވެ.

"ޝެލް ކިހާ ލަކީ، އެކަމަކު ނޯ ވަން ލަވްސް މީ..." މިލީނާ މޮޅިވެރި ގޮތަކަށް ބުންޏެވެ.

"ދޮންތީއަށް އަދި ލިބެނީ ޕްރިންސެއް ނޫންކަމެއް ނޭގޭ، މިލިއަނަރު ޕްރިންސަކަށް ވާނީ، އޭރުން އަމިއްލަ ޖެޓްގައި އުދުހިފައި ލަންޑަން، ޕެރިސް ތަންތަނުން އުޅެވޭނެ، ދުއްވާނީ ފެރާރީއެއް، ބަކިންހަމް ޕެލެސްފަދަ ގަނޑުވަރެއްގައި އުޅެވޭނެ، އެކަމަކު ބެންއަކީ ކާކުތަ؟ ޕުއަރ ބޯއިއެއް، ދެން ޖޭނުވާތި....." މިޝެލިން ގެ ހުވަފެނުގެ ޕްރިންސްގެ ސިފަތަކުން އިއްބާނުއަށް ލިބުނީ އެކަނި ރީތިކަމެވެ. އެކަމަކު އޭނަ މައްސަލަ ޖައްސަން ބޭނުމެއްނޫނެވެ. ތަގުދީރުގައި ނެތްކަމެއް ނުވާނެއެވެ. އޭނަވެސް މިހިރީ ބޯއިފްރެންޑަކަށް ބޭނުންވެފައެވެ.

މިލީނާ ގަބޫލު ކުރާ ގޮތުގައި އެއީ ދުވަހަކު އޭނަ އާއި އެކަށީގެންވާ ކަމެއް ނޫނެވެ. އޭނަގެ ޚިޔާލުގައި ވަނީ އިސްކޮޅުން ދިގު ރީތި ފިރިހެނެކެވެ. އެކަމަކު އޭނަ ގެ އިސްކޮޅު މިހާ ކުރުއިރު ޚިޔާލުކުރާވަރުގެ ރީތި މީހަކު ލިބުމުގެ ފުރުސަތު ކުޑަވާނެވަރު އެނގެއެވެ. މިލީނާ ދެރަވަނީ އޭނަ ކުރުކަމުންނެވެ. ކޮއްކޮއަށްވުރެ ކުރުވީމައެވެ. އަންހެންކުދިން ޒުވާންވުމަށްފަހު އެ ސިކުނޑިތައް ފިރިހެންކުދިންނަށް ލެބުމަކީ ތަބީއީ ކަމެކެވެ. ގުދުރަތުން އެފަދަ ނިޒާމެއް ހަށިގަނޑުގައި ލައްވާފައިވާއިރު ހިތްކިޔާ ސިފަތައް ހުރި ފިރިހެންކުއްޖެއް ފެނުނީމަ ބަލައިލެވޭނެއެވެ. ހިތް ކިޔާނެއެވެ. އެކަމަކު މިލީނާގެ ލަދުރަކިކަމުން އޭނައަށް ފިރިހެންކުއްޖަކާއި ދިމާލަށް ރަނގަޅަށް ބަލައިލާކަށް ނުކެރެއެވެ. އަމިއްލަ ނަފުސަށް އިތުބާރު ނޯންނަނީއެވެ. ތިމާއަކީ ރީތި ނޫން ކުއްޖެއް ކަމުގެ ކުށް ހީކުރެވުނީއެވެ.

އީދު ވިލޭރޭ ސޯފިޔާ އާއި މިލީނާ ހެދުނަށް އެއްޗެހި ތައްޔާރު ކުރިއެވެ. މާޒިން އީދު ނަމާދުން އައިއިރު މޭޒުމަތި ވަނީ ރަހަމީރު އެއްޗެހިން ތައްޔާރު ކޮށްލާފައެވެ. އެންމެން ތިބީ މާޒިންގެ އިންތިޒާރުގައި ސައި މޭޒުދޮށުގައެވެ. މާގިނަ އެއްޗެއް ނެތްނަމަވެސް ބްލެކްފޮރެސްޓް ޗީޒް ކޭކު، ފުރުޓްކޮކްޓެއިލް ކޭކު، ޕިއްޒާ އަދި ބާގަރ ހުރުމުން ބަނޑުފުރެންދެން ރަނގަޅަށް ކާލެވިދާނެއެވެ. އާވި އަރައަރާހުރި ކޮފީގެ ވަސް މުޅި ކޮޓަރީގައި ހިފާލާފައިވެއެވެ. އެންމެން އީދު މުބާރަކް ކިޔާފައި އުފަލުން ހީހީފައި ވާހަކަ ދެކެވެމުން ދިޔައިރު ދުވާލު ދެން އޮތް ޕްރޮގްރާމް ތަކުގެ ވާހަކަ ދެކެވުނެވެ. މިރޭ އޮތް އީދުގެ ކުޅިވަރު ބަލަން ދާ ވާހަކައެއްވެސް މިޝެލިން ދެއްކިއެވެ.

މާޒިން އާއި ސޯފިޔާ އެކަނިވުމުން މާޒިން އޭނަ ވަޒީފާއިން ވަކިކޮށްފައިވާ ވާހަކަ ބުނެލިއެވެ. އެ ވާހަކަ ހިއްސާ ކުރެވުމުން މާޒިންއަށް ހީވީ ބޮލުން ބޮޑު ބުރައެއް ލުއިވެގެން ދިޔަހެންނެވެ. އެވާހަކަ ސިއްރުކޮށްފައި ބާއްވައިފިއްޔާ ސޯފިޔާމެން ތަންކޮޅެއް ޚަރަދު ބޮޑުކޮށް ހުރިހާ ކަމެއް ރާވާނެއެވެ. ލިބޭ އެއްޗަކާއި ބަލާއިރު ސޯފިޔާއަކީ އިސްރާފުކުރާ މީހެއްނޫނެވެ. ކުދިންނަށް އެއްޗެހި ގަތުމުގައި މިންގަނޑެއް ގެންގުޅެއެވެ. ރީތިވި ކޮންމެ ހެދުމެއް ފައިވާނެއް އަދި ގަހަނާއެއް ގަނެ ނުދެއެވެ. އަދި ކެއްކުމުގައި އޭނަ ބަލައެވެ. މާޒިން ދެއްކި ވާހަކަ އަކުން ސޯފިޔާއަށް ޝޮކެއް ލިބުނެވެ. ދެން ރަށަށް ދާންވީ ހެއްޔެވެ؟ ކުދިންގެ ކިޔެވުމަށް ބުރޫ އެރުމުގެ އިތުރުން މީހުންގެ މަލާމާތް ރައްދުވާނެއެވެ. މާޒިން ސޯފިޔާ ގާތުގައި ބުނީ ދެރަނުވުމަށެވެ. މާތް ﷲ ދެރަގޮތެއް މެދުވެރި ނުކުރައްވާނެ ކަމަށާއި އިމްތިހާނުން ފާސްވާނެ ކަމުގައެވެ. 

"އަހަންނަށް ކޭކު އަޅައިގެން ވިއްކިދާނެ، ހެދިކާ ހެދިދާނެ...." ސޯފިޔާއަށް ގޮތެއް ހުސްނުވިއެވެ. މާލޭގައި ހަމަޖެހިލައިގެން ދިރިއުޅެން ފެށުމުން ސޯފިޔާ ރަށަށް ދާކަށް ބޭނުމެއްނުވިއެވެ. އޭނަ މާލެއަށް ބަދަލުވީ ހިތާއި ދެކޮޅަށެވެ. އެކަމަކު މިހާރު މި ދިރިއުޅުމަށް ހޭނުމަށްފަހު އަލުން އެނބުރި ދިޔުމަށް ހިތަށް ފަސޭހައެއް ނުވާނެއެވެ. އެއީ އިންސާނުންގެ ތަބީއަތުގައިވާ ކަމެކެވެ. 

"ނޫން، ސޯފީ ކުދިން ބަލާދިނީމަ އޯކޭވާނެ، ފައިސާ ހޯދާނީ އަހަރެން..." މާޒިން ސޯފިޔާ މަސައްކަތް ކުރުމާއި ވަގުތުން ދެކޮޅުހެދިއެވެ.

ދެމީހުން އެކަމާއި ޚިޔާލު ބަދަލުކުރަން ކޮޓަރީގައި ތިބެވުނު އިރު ވަގުތު ވޭތުވަމުން ދިޔަގޮތެއް ނޭގުނެވެ. ސޯފިޔާ ކޮޓަރިން ބޭރަށް ނިކުތްއިރު މިޝެލިން ފެންނާކަށް ނެތެވެ. މިލީނާ އިނީ މެންދުރު ނަމާދުކޮށްގެން ގުރުއާން ކިޔަވަން މުސައްލަމަތީގައެވެ. ސޯފިޔާ ބާރަކަށް ގޮސް ގޭގެ މައި ދޮރުހުޅުވާލި އިރު މިޝެލިން އެ ގޯޅިގަނޑުގެ އެއްފަރާތުގައި ހުރި ގަސްގަނޑެއްގެ ހިޔަލުގައި އެ ރީތި ޒުވާނާ އާއި ވާހަކަދައްކަން ހުރިތަން ފެނިއްޖެއެވެ. އެ ފިރިހެންކުއްޖާ ގެ ސްމާޓް ކަމާއި ރީތިކަމުން ޅަ އަންހެންކުދިން މޮޔަކުރުވާ ގޮތެއް ހުރި ނަމަވެސް ސޯފިޔާ ވަނީ ލޮލުން އޭނަގެ އަނދިރިފަރާތް ދެކެފައެވެ. ރީތި ބަހުން ބުނާނަމަ ފިރިހެން ނާސިއެކެވެ. ސޯފިޔާގެ މޫނު ވަގުތުން ބަނަވެއްޖެއެވެ.

"މިޝެލިން....." ސޯފިޔާ ބާރަކަށް ގޮވައިލުމުން މިޝެލިން ސިހިފައި އެނބުރި ބަލާލިއެވެ. މިޝެލިން ވަގުތުން "ބާއި" އޭ ކިޔާލާފައި ދުވެފައި އައެވެ. އިއްބާނު ވެސް އަވަހަށް ކޮޓަރިއަށް ވަދެ ނިވާވެއްޖެއެވެ.

"ނުލަފާ ކުއްޖާ......." ސޯފިޔާ ރުޅިގަދަވެފައި ހުރިވަރުން މިޝެލިންގެ އަނގަމަތީގައި އެތިފަހަރެއް ވީއްލާލެވުނުކަމެއް ނޭގުނެވެ. ސޯފިޔާގެ ރުޅި ފިނިކޮށްލީ މިޝެލިންގެ އަނގަމަތިން އޮހިގަތް ލޭގަނޑު ފެނުމުންނެވެ. މިޝެލިން މަޑުކޮށްނުލާ ވަނީ ފާޚާނާ އަށެވެ. ސޯފިޔާ ހުރީ ގަބުވެފައެވެ. ރުޅީގެ ޖަޒުބާތުގައި އޭނައަށް މިކުރެވުނީ ކޮންފަދަ ނުބައި ކަމެއް ހެއްޔެވެ؟ މަލެއްފަދައިން ގެންގުޅުނު ދަރިފުޅުގެ ގައިން ލޭ އޮހޮރުވާލީއެވެ. ސޯފިޔާގެ ލޯ ކަރުނުން ފުރިގެން ކޯތާފަތްމަތިން އޮހިގަތީ ވަކިވަރެއް ބަލާފައެއް ނޫނެވެ. ސޯފިޔާ ކޮޓަރިއަށް ވަނުމުން މާޒިން ކަންބޮޑުވިއެވެ. ސޯފިޔާ ރޮއިރޮއި ހުރެ މާޒިން ގާތުގައި ކަންތައް ހިގިގޮތް ކިޔާދިނެވެ. އެ ފިރިހެނަކު މިޝެލިންއަށް މެސެޖް ވެސް ކުރާކަމަށް ބުނެލިއެވެ. އަދި އޭނަގެ ލޮލުން ފެނުނު މަންޒަރުތައް ކިޔައިދިނުމުން މާޒިންގެ ހިތަށް ބިރުވެރިކަން ވަނެވެ. އެހާ ބަލައިގެން ގެންގުޅެނިކޮށް މިވާން އުޅެނީ ކިހިނެއް ހެއްޔެވެ؟ ގޮތް ނޭގޭ ފިރިހެނެއްގެ ވަކިދަށުވެ އޭނަގެ ކުޑަ ދަރިފުޅަށް ކޮންމެ ފަދަ އަނިޔާއެއްވެސް ލިބިދާނެއެވެ.

މާޒިން އާއި ސޯފިޔާ މިޝެލިންމެން ގެ ކޮޓަރިއަށް ދިޔައެވެ. އޭރުވެސް މިޝެލިން ހުރީ ފާޚާނާގެ ދޮރު ތަޅުލައިގެންނެވެ. މާޒިން ގޮވުމާއިއެކު މިޝެލިން ދޮރު ހުޅުވާލި އިރު މިޝެލިންގެ ތުންފަތް ދުޅަވެފައިވެއެވެ. އެކަމަކު މިޝެލިން ހުރީ ހިނިތުންވެލައި ގެންނެވެ. ސޯފިޔާ އެހާ ބާރަށް ޖެހީމަ މިޝެލިން އެކަމާއި ސޯފިޔާ ދެކެ ރުޅިއައުމުގެ ބަދަލުގައި މާފުކޮށްގެން މަންމައަށް ރުޅި މޫނު ދައްކާނުލީތީ ސޯފިޔާގެ ހިތަށް ވަކިން އަސަރު ކުރިއެވެ. ހިތް ފަޅައިގެންދާވަރުވިއެވެ. ސޯފިޔާއަށް މާބޮޑަށް ރޮވުނެވެ.

"ސޮރީ މަންމަ ދޫނި، ހަދަ ބާރަކަށޭ މަންމައަށް ޖެހުނީ...." ސޯފިޔާ މާފަށް އެދެމުން މިޝެލިން ގެނެސް މޭގައި ޖައްސާލައިފި އެވެ.

"އިޓްސް އޯކޭ، މަންމަ އޭނަ އާއި ޓޯކް ނުކުރާށޭ ބުނީމަ ވާހަކަދެއްކީމަ މަންމަ ރުޅިއައީކަން އެނގޭ...." މިޝެލިން ކުށް ގަބޫލުކުރިއެވެ.

"ދަރިފުޅަށް އެނގޭތަ މަންމަ އެހާ ބޮޑަށް ރުޅިއައި ސަބަބު؟ މަންމައަށް ދަރިފުޅުގެ ގަޔަށް ވީއްލާލެވުނީ އެމީހާގެ ގަޔަށް ވީއްލަންވީ އެތިފަހަރު...." ސޯފިޔާ އޭނައަށް ފެނުނު ދެ މަންޒަރު މިޝެލިން ގާތުގައި ކިޔާދޭއިރަށް މިލީނާއަށްވެސް އޭނަ ދެކެފައިވި މަންޒަރު ސިއްރުކޮށްލައިގެނެއް ނުހުރެވުނެވެ. އިއްބާނު އަންހެންކުދިންނާއި ވާހަކަދައްކަން މަގުމަތީގައި ހުއްޓާ ދެކުނުކަމަށް މިލީނާ އޭނަގެ މަންމައާއި ބައްޕަ ގާތުގައި ބުނެފިއެވެ. އަދި އިއްބާނުގެ ބައްޕައަކީ ގެއެއްގެ ސިކިއުރިޓީ ގާޑެއްކަމަށް ބުނެލިއެވެ. މީހާގެ ނިކަމެތިކަން އެއީ ސޯފިޔާ ދެކޭގޮތުގައި މައްސަލައެއް ނޫނެވެ. އަނެއް މައްސަލައިފައި ހައްތަހާބޮޑަށް ސޯފިޔާ ހޫނުވިއެވެ.

"މަންމާ، އެކަމަކު ޝެލް ގެ ފްރެންޑެކޭ އެއީ، އެހެން ގުޅުމެއް ނޯންނާނެ...." މިޝެލިން ކަންބޮޑުވިވަރުން އޭނައާއި އިއްބާނުގެ އޮތް ލޯބީގެ ގުޅުމާއި ގާތްކަން މަންމަމެންނަށް ސިއްރުކުރަން ނިންމިއެވެ. އޭނަވަނީ އިއްބާނުގެ މީހެއްގެ ގޮތުގައި މުޅި އުމުރަށް ހުންނަން ވަޢުދުވެފައެވެ. އެކަމަކު އިއްބާނު ހާދަ ގޯހެވެ. ފަހަރެއްގައި އެހެން އަންހެންކުދިން ލައްވާ އިއްބާނު ކުރުވަނީ ތަފާތެއްނެތި އެއް ވަޢުދެއް ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ބޭވަފާތެރި ވުމަކީ އެއީހެއްޔެވެ؟ މިޝެލިން ގަބޫލުކުރީ މަންމަމެން ދެއްކި ވާހަކަތަކެވެ. މަންމަމެން ދިޔުމުން މިލީނާވެސް އިއްބާނު ބްރޭންޑްކުރީ "އަންފެއިތްފުލް" މީހެއްގެ ގޮތުގައެވެ.

މާޒިން ކޮޓަރިއަށް ވަދެ ލައިގެން ހުރި ގަމީސް ބާލާފައި ހަރުގައި އަޅުވާލާފައި އެނދުގައި އިށީދެއްޖެ ލެޕް ހުޅުވާލައިފިއެވެ.

"ނައު ވަޓް...." މާޒިން އަހާލައިފިއެވެ.

"އެހެން ތަނަކުން ވަޒީފާއެއް ހޯދައިގެން އަވަހަށް ފުރައިގެން ދާންވީ، ބޭނުމެއްނުވޭ މާލެ ދޫކޮށްލާފައި ދާކަށްވެސް އެކަމަކު މިހާ ބޮޑުމަޖުބޫރީ އެއް ދިމާވީމަ އެންމެ ހިދުކޮޅަކަށްވެސް މާލޭގައި ހުންނާކަށް ބޭނުމެއްނޫން...." ސޯފިޔާގެ ލޯ ވަނީ ތެމިފައެވެ.

"އަލްހަމްދުލިﷲ، ޖޮބް ލިބިއްޖެ...." މާޒިން މެއިލް ޗެކްކުރަން އިނދެފައި ބުނި ޖުމްލައަކުން ސޯފިޔާގެ ދެލޯ ކަރުނައިގެ ތެރެއިންވެސް ވިދާލައިފިއެވެ. އޭނަ އަވަހަށް މާޒިންގެ ގާތުގައި އިށީދެ ވަޒީފާ ލިބުނު ތަނެއް ބަލައިލަން ލެޕަށް ނަޒަރު ހުއްޓާލައިފިއެވެ.

ކޮމެންޓް 0