"ރަފާއިލް ކިޔާ ތޫފާނެއް އެރީތަ؟ ހުރިހާ ބާލީސްތައް މިހިރީ އުދުހިފައިވިއްޔާ......" މިލީނާ ބާލީސްތައް އޭގެ މަގާމުގައި ބަހައްޓާފައި ކޮޓަރި ތަރުތީބު ކޮށްލަދޭން ފެށިއެވެ. މިޝެލިންގެ ހިތްވަރު ނުހުންނާނެކަން އެނގޭތީ މިލީނާ އެހީތެރިވެދީ ހަދަނީ އެވެ. މިލީނާ އެކިގޮތްގޮތަށް ސުވާލުކުރަން ފެށުމުން މިޝެލިން ފޯނުގައިވާ މެސެޖް ދައްކާލި އެވެ. އަދި ރަފާއިލް އޭނަގެ ގާތުގައި ނުސީދާކޮށް ދައްކާހާ ވާހަކައެއް ކިޔައިދިނެވެ. އިއްބާނުއަށް ރަފާއިލް އޭނަދެކެ ލޯބިވާކަމުގެ ކުށްހީ ކުރެވިގެން ކުރި ޝަރުތު ކިޔާދިނެވެ. އެކަން އެނގިގެން ރަފާއިލް އިއްބާނު މަރާލީކަމަށް ހީވާކަމަށް ބުނުމުން މިލީނާއަށް ޝޮކެއް ލިބުނެވެ. މިޝެލިން ގެ ވާހަކަ ހުރިގޮތުން ޝައްކު ނުވާވަރެއްވެސް ނޫނެވެ.
"ޝެލް ދެން ހަދާނީ ކިހިނެއްތަ؟ ބޫ އޭނަ އާއި މެރީކުރަން ބުނެފައި އޮތީމަ އެ ވާނީ އޭނަގެ ވަސިއްޔަތަކަށް ނޫންތަ؟" މިލީނާ މޭޒުމަތީގައި ހުރި ވާސްގައި ލެވެންޑަރ މާތަކެއް އަތުރަން ފެށި އިރު މޫނުމަތިން ކުޑަކޮށް ނުތަވަސްކަން ފެނުނެވެ. އިއްބާނު މަރުވުމުން މިޝެލިން އުމުރު ދުވަހު ހުސްހަށިބަޔަށް ހުންނަތަން ދެކެން ޚުދު މިލީނާވެސް ނޭދެއެވެ. އެހާވެސް މިޝެލިން ޅައެވެ. އެހެންނޫނަސް ހަޔާތުގެ ބައިވެރިޔަކާއި ނުލައި ދިރިއުޅުން ކަޑައްތުކުރުން އެއްވެސް އަންހެންކުއްޖަކަށް ފަސޭހައެއް ނުވާނެއެވެ.
"ބެންއަށް ކޮންވިންސް ކުރުވާކަށްވެސް ނޭގުނު ސަބަބަކީ ބެން އެގޮތަށް ކުއްލި އަކަށް މަރުވެދާނެއޭ ހިތަށް ނޭރީމަ، އަހަރެން ހީކުރީ ދެމީހުން ވަކިވެގެން ދާނީ އެކީގައި ކަމަށް، އެކަމަކު އެހެނެއްނުވި، ރަފާއިލް ދެކެ ހާދަ ފޫއްސެއްވެޔޭ........" މިޝެލިންގެ އެސްފިޔަ ތެމިގެން ދިޔުމުން ތެދުވެ ޓިޝޫއަކުން ފޮހެލިއެވެ.
"ޝެލް، އެކަމަކު......" މިލީނާ އެއްޗެކޭ ބުނަން އުޅުނެވެ.
"އަހަންނަށް އެނގޭ މިލީ ތިބުނަން އުޅޭ އެއްޗެއް، އަސްލު ބެން އެދުނު ކޮންމެ ކަމެއް ފުރިހަމަ ކޮށްދޭނަން، ފުރާނަ ގުރުބާން ކުރަން ޖެހުނަސް ހެޔޮ، ރަފާއިލް ކީއްކުރަން މޮންސްޓަރ އަކާއި މެރީކުރަން އެދުނު ނަމަވެސް އަހަރެން މިހިރީ އެކަން ކޮށްދޭން... ނަމަވެސް މިލީއަށް އެނގޭތަ؟ އައިމް ޕްރެގް....." މިޝެލިން ކުދި ދަތްތައް ފެންނަވަރަށް ހިނިތުންވެލީ ކަރުނައިގެ ތެރެއިންނެވެ. ހަޔާތުގެ އަނދިރިކަމުގެ ތެރެއިން ކުޑަ ކުޑަ އަލިކޮޅެއް ފެނުމުން އޭނަ މިހިރީ ހާދަ އުފަލުންނެވެ. އާއިލާއަށް އެ ޚަބަރު އެނގުމުން ބަޔާން ނުކުރެވޭނެފަދަ އުފަލެއް ލިބިގެން ދާނެއެވެ. އިއްބާނުގެ ނިޝާނެއް ދުނިޔެއަށް ދޫކޮށްފައި ދިޔުންވާނީ ލިބުނު ރަހުމަތަކަށެވެ. ނަމަވެސް މިޝެލިން އެދުނީ އިހަށް އާއިލާއަށް ސިއްރުކޮށްދިނުމަށެވެ. އެކަށީގެންވާ ދަނޑިވަޅެއް ލިބުނީމަ އޭނަ އެ ވާހަކަ ކިޔައިދޭނީއެވެ. މިޝެލިންގެ ތުންފަތް މަތިން ހިނިތުންވުމުގެ އަސަރު އެތައް ޒަމާނެއް ފަހުން ފެނުމުން މިލީނާވެސް ހުރީ އުފާވެފައެވެ.
"ކޮންގްރާ ސިސް.......... ހާދަ އުފާވެއްޖެ...." މިލީނާ މިޝެލިންގެ ގައިގައި ބައްދައިލަމުން ހީލިއެވެ. މިލީނާ އާއި ދެކުދިން އެތައް އިރެއް ވާންދެން ބަލިވެއިނުމާއި ބެހޭގޮތުން އެކި ވާހަކަ ދައްކަން ތިއްބެވެ.
"ދޮންތަ މިއައީ ބްލޫބެރީ ކްރީމް ޕައިއެއް ހަދާލާފައި، ސްލައިސްއެއް ގެނެސްދޭނަން، ޓްރައިކޮށްލާ، ފަހަރެއްގައި ޕްރެގްވީމަ އާއްމުކޮށް މީރު އެއްޗެހި ނުބައިވެދާނެ، އެކި ކުދިން ކްރޭވިން ހުންނާނީ އެކި އެއްޗެއްސަށް....... "މިލީނާ ތެދުވަމުން ބުނެލި އެއްޗަކުން މިޝެލިން ވަގުތުން އިއްބާނުގެ މަތިން ހަނދާންވިއެވެ. އިއްބާނުވެސް ޑްރަގަށް ދެވި ހިފީއެވެ. އެއާއި ނުލައި ނޫޅެވުނީއެވެ. ނަމަވެސް އިއްބާނު މަރުވީ ޑްރަގްގެ ސަބަބުން ހެއްޔެވެ؟ އެކަން ޔަގީންކުރަން އޭނަ ބޭނުމެވެ.
"ދޮންތަގެ ޕައި އެއް ވެއްޖެއްޔާ ފަރސްޓް ކްލާސް ވާނެ..... ފެންވަރާލައިގެން އެބަ ދަން ކާން، އަދި ދޮންތީގެ ކުޑަ ފުށްގަނޑު މޮޑެލާހިތުންވެސް ކެތެއްނުވޭ، ބޭބީ ހޭލީތަ؟" މިޝެލިން އެނދުން ފޭބިއެވެ. ބިންމަތީގައިވާ ދޫލަވެސް ކުޑަކޮށް ފިނިވެފައިވާހެން ހީވިއެވެ. ބަހާރު މޫސުމްގެ ބައެއް ދުވަހުވެސް ފިނިމިން ދަށަށް ދެއެވެ.
މިޝެލިން ރީތިވެލާން ހުރިއިރު ހިތަށް އަރަން ފެށީ ރަފާއިލްގެ މެސެޖެވެ. އޭނަ ޖަވާބުދޭންވެސް ބޭނުމެއް ނުވިއެވެ. "ތެންކިއު" ފަދަ ކުރު ލަފުޒެއްވެސް އޭނަގެ ފަރާތަކުން ނުފެންނާނެއެވެ. އެއީ ޝުކުރު ހައްގު ފަރާތެއް ނޫނެވެ. އަޑިން ހުރެ އިއްބާނުގެ ދިރިއުޅުން ނިންމައިލި އަނިޔާވެރިޔަކީ އެއީއެވެ.
ދެރައީ ކޮންމެ ސިފައެއްގައި ނަމަވެސް ރަފާއިލްގެ ޚިޔާލު ސިކުނޑިއަށް އުދަގޫ ކުރާތީއެވެ. ލޯބި ފަދައިން ރުޅިއަކީވެސް ތަބީއަތާއި ކުޅެލާފަދަ ޖަޒުބާތަކަށްވާތީ ކަންނޭގެއެވެ.
މީރާ ހުރީ އެ އާއިލާއަށް ދިމާވި ހިތާމަވެރި ހާދިސާގެ ސަބަބުން މިހުރާންގެ ގެއަށް ދާންވެސް ނުކެރިފައެވެ. މިދުވަސްކޮޅު އޭނަ ފެނިއްޖެއްޔާ މިހުރާން ރުޅިގަދަވެގެން ކޮންމެފަދަ ކަމެއްވެސް ކޮށްލާފާނެ ކަންނޭގެއެވެ. މީރާ ހުންނަނީ ރަނގަޅު ދަނޑިވަޅަކަށް ބަލަބަލައެވެ. މީރާ ގެ ކަންނެތް މިޒާޖުގެ ސަބަބުން ސެލީނާ އެކަނިމާއެކަނި ހުރިހާ މަސައްކަތެއް ކޮށްލާއިރުވެސް ކޮޓަރިން ބޭރަށްވެސް ނިކުމެނުލާ ނިދާލަން ނޫނީ ފޮތެއް ހިފައިގެން އޮންނަނީ އެނދުގައެވެ. ކާން ހެދީމަ ކައިގެން އޮންނައިރު މިގޭގައި ހުރެވެނީ އެމީހުންގެ އިހުސާންތެރިކަމުން ކަން މީރާ އަކަށް ނުވިސްނެއެވެ. ސެލީނާ ލައްވާ ކައްކައިގެން ކެއުމަކީ ހުތުރުކަމެއް ކަން ނޭގުނެވެ. ސެލީނާ އެލީސާ ގާތުގައި ޝަކުވާކުރަން ފެށިކަމެއްވެސް ނޭގެއެވެ. ސެލީނާ ދައްތަ ގާތުގައި ބުނިގޮތުގައި މި އަންހެންކުއްޖާއަކީ އަންބެއްގެ މަގާމަށް ގެންނަން ހެޔޮވާވަރުގެ ކުއްޖެއް ނޫނެވެ. ޔަގީނުންވެސް އޭނަގެ ޅީދަރިއަކަށް ހުންނަން ބޭނުން ނުވާ ކުއްޖެކެވެ. ރީތިކަން ފިޔަވާ އެހެން ކަމެއްނެތެވެ.
މިހުރާން ގެއަށް އައީ މާގަދަޔަށް ބޮލުގައި ރިއްސަން ފެށުމުންނެވެ. މިދުވަސްކޮޅު ރަނގަޅަށް ނުނިދުމުގެ ސަބަބުން އެންމެ ފަހުން އޭނަގެ ސިއްހަތަށް އަސަރުކުރަންފެށީކަން ނޭގެއެވެ. ކޮފީ އިން ހައްލެއް ނުލިބެއެވެ. ބައެއްފަހަރު ސިގްރެޓް ބޯން ހިތަށް އަރާފައިވެސް މަންމައަށް ކުރެވުނު ވައުދަކުން އެކަމަށް ފަސްޖެހުނެވެ. އޭނަ ކާރު ޕާކްކޮށްލާފައި ގެއަށް ވަންނަން އައީ ރީތި ރާގެއް ތުބުން ފުމެމުންނެވެ. ގިނަ ދުވަސްތަކަކަށް ފަހުގައި އިއްބާނުގެ ހިތާމަ ފިލަން ފެށިކަމުގެ ހެއްކެކެވެ. މިހުރާންގެ ފިޔަވަޅުތައް ގަނޑުވީ އަހަން ބޭނުން ނުވާ ފަރާތެއްގެ ތޫނު އަޑު ކަންފަތުގައި ޖެހިފައެވެ.
"މިލީނާ، ކަލޭ އަމިއްލައަށް ވިސްނިގެން ދުރަށް ދާކަށް ނުޖެހޭތަ؟ ރެން އާއި ނުގުޅޭ ސައިޒެއްގެ މީހެކޭ ހިތަށް ނާރަނީތަ؟ ޑްވާފެއް ރެން ގާތު ހުންނައިރު މާ ރީއްޗެއް ނޫނޭ، އަހަންނާއި ރެން އެހާ ލޯބިން އުޅެނިކޮށް ފާޑެއްގެ އަންހެނަކު އަހަރެމެންގެ ދޭތެރެއަށް ވަދެގެން ދިރިއުޅުން ހަލާކުކޮށްލައިފި، ކިހާ ބޮޑު އުދަގުލެއްތަ ތިއީ؟ ރެން އަތުގައި ހިފާ ދަމާ ނެރޭއިރު މާ ރީއްޗެއް ނުވާނެ، އެދުވަސް ވަރަށް ކާރިވެއްޖެ، އޭގެ ކުރިން މާ ރީތިވާނެ އަމިއްލައަށް އެވަރު ދަނެގެން މިގެއިން ދިޔައްޔާ. ދެލޯ ބޮޑުކޮށްލައިގެން މާ އިނޮސެންޓް ހެދިގެން ހުންނައިރު ނުލަފާ މަންޖެއެއް، ކުޑަ ވިޗެއް، ސިހުރު ހަދައިގެން ނޫންނަމަ ރެން ކަލެއަކާއި ނީންނާނެކަން ޔަގީން، މިންކުވެސް ނުލިބޭނެ، އަހަރެމެން މިންކުވެސް ނަގާނަން.........." މީރާ ދަތްތަކަށް ބާރުކޮށްލައިގެން ހުރެ ވާހަކަ ދެއްކިއެވެ.
"އެކަކަށްވެސް އަހަންނާއި މިންކު ވަތްކެއް ނުކުރެވޭނެ އިރާދަކުރެއްވިއްޔާ...." މިލީނާ ވާހަކަދެއްކީ މަޑުންނެވެ.
"ތި އަނގަ ގަނޑު މައިތިރިކުރޭ....." މީރާގެ އަތްތިލައިގެ ހޫނުކަން މިލީނާގެ ކޯތާފަތަށް ވެރިވިއެވެ. މިހުރާން ހުރީ އިންތިހާއަށް ރުޅިގަދަވެފައެވެ. އޭނަ ބާރަކަށް ގޮސް އެތެރެއަށް ވަންއިރު މީރާ މިލީނާގެ އިސްތަށިގަނޑުގައި ހިފާ ދަމާލާފައި މޫނުމަތީގައި އަނެއް އެތިފަހަރު ޖަހައިފި އެވެ. އެ ދޮން ކޯތާފަތް ވަނީ ރަތްވެފައެވެ. ބޮޑު ދެލޮލުގައި ކަރުނަ ވިދަ ވިދާ ހުއްޓެވެ. އޭރު ގޭގެ އެހެން މީހުންނަށްވެސް އަޑުފަށްގަނޑު އިވިގެން އެތަން މިތަނުން ނުކުމެގެން އާދެއެވެ. އޭރު މިހުރާންގެ އަތުގެ ހޫނުކަން މީރާގެ މޫނަށް ފޯރައިފިއެވެ. އަދި އެ ދިގު ފަން އިސްތަށިގަނޑު އަތަށް އޮޅައިލިގޮތަށް މިހުރާން މީރާއަށް އިންޒާރުތަކެއް ދިނެވެ. މިލީނާ ތަންކޮޅެއް ދުރުގައި އެ މަންޒަރު ދެކެން ހުރީ ބިރުގެންފައެވެ.
"ރެން، މައިތިރިވެބަލަ... ތިވަނީ ކިހިނެއްތަ؟ ދަރިފުޅާ....." ހައިތަމްގެ އަޑު އިވުމާއިއެކު މިހުރާން މީރާގެ އިސްތަށިގަނޑުން ދޫކޮށްލާފައި މުށްކެވިފައިވާ އަތް ޖިންސްގެ ޖީބަށް ޖަހާލައިފިއެވެ. މީރާވެސް ހުރީ ލަދުގެންފައެވެ. އެންމެން ގެ ކުރިމަތީގައި މިހުރާން އޭނައަށް އަނެއްކާ އަނިޔާކުރީއެވެ. މިހުރާންގެ ހިތުގައި ވި ލޯބި އެކީގައި ފޮހެވުނީ ހެއްޔެވެ؟ އެއީ އެކަށީގެންވާ ކަމެއްހެއްޔެވެ؟ އެވެސް މިލީނާފަދަ ކުއްޖަކާއި ޖެހިގެންނެވެ.
ހައިތަމް ކިތަންމެ ހަރުކަށިކޮށް ވާހަކަ ދެއްކެވިޔަސް "ދަރިފުޅާ" އޭ ކިޔައިލެއްވި ގޮތުން ހައިތަމް މިހުރާންދެކެ ލޯބިވާވަރު ފެނުނެވެ. ހައިތަމް ދުރުވިގޮތަށް މިހުރާންގެ ކޮނޑުގައި އަތްބޭއްވެވިއެވެ. ހައިތަމް މިހުރާން ގޮވައިގެން ދުރަށް ގޮސް ނަސޭހަތްތެރިވިއިރު މީރާ ވަގުތު ބަލާފައި އަވަހަށް އެގެއިން ނުކުމެގެން ދިޔައިރު އޭނަވެސް ހުރީ މާޔޫސްވެފައެވެ. މިހުރާން އޭނައަށް ވުރެ ބޮޑަށް މިލީނާގެ ކޮޅަށް ގޮސްހުސްވެފައި ހުރިކަން އެނގުމުންހިތަށް އަސަރުވެސް ކޮށްފިއެވެ. އެހެންނޫނަސް އޭނަ ގުޅަން އުޅެއުޅެ މިހުރާން އާއި ނުގުޅޭތާ ކޮން ދުވަހެއްހެއްޔެވެ؟
މިހުރާންގެ ޕާސަނަލް އެސިސްޓެންޓް ގެނެސްދިން ޖޫސްތަށި ބޯލާފައި ކުކީސް ކަމުން މިހުރާން މަސައްކަތާއިގެން ފަށާއިރަށް ނިދިއަންނަ ގޮތްވާންފެށިއެވެ. މިގޮތަށް ނިދި ގަދަވުމަކީ އާދައެއްވެސް ނޫނެވެ. އޭނަ ގަސްތުކުރީ އަވަހަށް ގެއަށް ދިޔުމަށެވެ. މިހުރާން ގަދަކަމުން ލޯ ހުޅުވަން މަސައްކަތްކުރަމުން ބޭރަށް ނުކުތްއިރަށް ބަހާރުގެ ފިނި ވައިރޯޅިތައް އޭނަގެ މޫނުގައި ބީހިލިއެވެ. އޭރު އޭނަގެ ކާރަށް ލެނގިލައިގެން މީރާ ފޯނާއި ކުޅެލަ ކުޅެލާ ހުއްޓެވެ.
"ހޭއި..ރެން، އަހަރެން ގެއާއި ހަމަޔަށް ގެންގޮސްދީފާނަންތަ؟ ޕްލީޒް...." މީރާ ހުރީ ނުލަފާގޮތަކަށް ހެވިލާފައެވެ.
"އަރާ..." މިހުރާން ދޮރުހުޅުވުމާއިއެކު މީރާ ކާރުގެ ޑްރައިވަރ ސީޓަށް އަރައިފިއެވެ.
"ރެން ތިހިރީ މާގަދަޔަށް ނިދި އައިސްފައި ކަންނޭގޭ، އަހަރެން ކާރު ދުއްވާނަމޭ...." މީރާ މައުސޫމް ހީލުމަކާއި އެކުގައި ބުނެލިއެވެ. މިހުރާން ޖެހިގެން ހުރި ސީޓުގައި ޖައްސައިލިގޮތަށް އެބަރު އެސްފިޔަތައް މަރާލައިފިއެވެ. މީރާ ކާރު ޕާކްކޮށްލާފައި މިހުރާން އަށް ގޮވައިގެން ގޮސް ކޮޓަރިއަށް ވަންއިރުވެސް މިހުރާން ހުރީ ވާނުވާ ނޭގިފައެވެ. އެނދުގައި އޮށޯތްގޮތަށް އޭނަ ލައިގެން ހުރި ގަމީސް އެއްޗެހި ގަޔާއި ވަކިވީއިރުވެސް މިހުރާންގެ އެއްވެސް ދެކޮޅުހެދުމެއްނެތެވެ. ހީވަނީ މަސްތުވެފައިވާހެންނެވެ.
މީރާ ކުރަން އުޅުނުކަންތައް ކާމިޔާބުވިއެވެ. އޭނަ ކޮޓަރީގެ ދޮރު ލައްޕާނުލާ ހުރީ ސެލީނާ ނޫނީ ރަފާއިލްއަށް އެ މަންޒަރު ދައްކަން ބޭނުންވީމައެވެ. އެގޭގައި މިހުރާންގެ ކާރު ޕާކްކޮށްލާފައިވާ ތަން ފެނުމުން އެމީހުންނަށް މިހުރާން މިގޭގައި އުޅޭކަން ޔަގީންވާނެތާއެވެ. މީރާ މިހުރާންގެ ގާތުގައި ކުއިލްޓްދަށުގައި އޮތީ ހެވިލާފައެވެ. މިލީނާއަށް ގުޅާފައި ގެންނަންވީކަން ނޭގެއެވެ.
ރަފާއިލް ކޮރިޑޯއިން ދަމުން ކޮޓަރި އާއި ދިމާލަށް ބަލައިލެވުނީ ދޮރު ހުޅުވާފައި ހުރީމައެވެ. ފެނުނު މަންޒަރަކުން ހައިރާން ނުވީ މިހުރާން އާއި މީރާގެ އެފަދަ ގުޅުމެއް އޮންނަކަން އޭނައަށް ކުރިއްސުރެ އެނގިފައިވާތީއެވެ. އަމިއްލަ ބޭބެއަކަށް ވިޔަސް މިހުރާންދެކެ ފޫހިވާގޮތްވިއެވެ. އެހާ ރީތި މައުސޫމް އަންބަކު ހުއްޓާ ނާސި އަންހެންކުއްޖެއްގެ ފަރާތުން އުފާ ހޯދަން އަންނަންވީ ސަބަބެއް ރަފާއިލްއަކަށް ނުވިސްނުނެވެ. މިލީނާއަށް އެނގޭއިރު ހާދަ ހިތްދަތިވާނެއެވެ. ދޭތެރެއިން މައްސަލަ ޖެހިގެން މިލީނާ ދުރަށް ދާ ސަބަބަކީވެސް މި އަންހެނާކަން ޔަގީނެވެ.
ރަފާއިލްގެ ފަހަތުން ކަހަލަގޮތަކަށް ސެލީނާ މީރާގެ ކޮޓަރީގެ ދޮރުމަތީގައި ހުއްޓުނީ މީރާއަށް ކާން ގޮވަންވެގެންނެވެ. މީރާގެ ގާތުގައި ރަޖާގަނޑު މޫނާއި ހަމައިގައި އަޅާލައިގެން ނިދާލާފައި އޮތް މިހުރާން ފެނިފައި ސެލީނާ އަށްވެސް ނުބައިގޮތެއްވިއެވެ.
"ރެންވެސް މިކަންތައް ހުއްޓާނުލާނީތަ؟ މިލީ ކިހާ ރީތި ކުއްޖެއް، އަނެއްކާ ފުށްގަނޑެއްފަދަ މިންކްއަށްވެސް މިކަމުން ދެރައެއްލިބިދާނެ، ފެމިލީ ބްރޭކްއަޕްވާއިރު......." ސެލީނާ ހަނދާންވީ އޭނަގެ ޅަ ދުވަސްވަރެވެ. ލޯބީގެ ޖޯޝުގައި ކުރެވުނު ފާފައެވެ. އެކުށުގެ ސަބަބުން އަދި އަދަށްދާންވެސް ސެލީނާއަށް ރަނގަޅު ހަޔާތެއް ލިބިފައެއް ނުވެއެވެ. ވީއިރު އޭނަ ފަދައިން މިހުރާން އާއި މިލީނާގެ ހަޔާތް ބަރުބާދުވެގެން ދާތަން ބަލަން އޭނަ ނުހުންނާނެއެވެ. ސެލީނާ ވިދުވަރެއްހާ ހަލުވިކޮށް ކޮރިޑޯ ގިރާކޮށް ނުކުތީ ހާމަ ވައިގެ ތެރެއަށެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން ސެލީނާ ފޯނުކުރީ އެލީސާއަށެވެ. މީރާ މިގޭގައި އެންމެ ދުވަހަކަށްވެސް ދެން ނުބަހައްޓާނެ ކަމަށް އަންގައިފިއެވެ. އެލީސާ ހުރީ ޝޮކެއްގައެވެ. އޭނަގެ ދަރިފުޅު އެ އަންހެންކުއްޖާގެ ފަހަތުން ދުވަނީ އެކުއްޖާގެ ކޮންކަމެއް ހުރެގެން ހެއްޔެވެ؟ މިލީނާއަށް އެ ޚަބަރުލިބިއްޖެއްޔާ އެކުއްޖާ މޮޔަވެދާނެއެވެ. އެލީސާ އެދުނީ އެކަން ސިއްރުކޮށްދިނުމަށެވެ.
ދެބެން ދެއްކި ވާހަކަތައް އަޑުއަހަން ނިވާވެލައިގެން ހުރި ޔީވާގެ ހިތް އުފަލުން ނަށައިލިއެވެ. މިފަދަ ޚަބަރުތައް ކޮނެގެން ހިތަށް ލިބެނީ ހާދަ އެހެން ކަހަލަ އަރާމެކެވެ. ޔީވާ ކޮޓަރިއަށް ވަންގޮތަށް ނަށައިލެވުނެވެ. މިލީނާ އާއި މިޝެލިންއަށްވެސް އޭނަ ހަމަޖެހިލައިގެން އުޅުނަކަ ނުދޭނެއެވެ. އެ ކުޑަ ދެބެން މިގެއިން ދާވަރުކޮށް ނުލައިފިއްޔާ އޭނައަކީ އަންހެނަކަށް ނުވާނެއެވެ. އިއްބާނު މަރުވުމަށްފަހު މިޝެލިން ގެ ލޮލުން ކަރުނަ ފެންނަ ކޮންމެ ފަހަރަކު ޔީވާގެ ހިތަށް ލިބެނީ އުފަލެވެ.
ޔީވާ ކާކޮޓަރިއަށް ވަންއިރު މިޝެލިން މޭޒުދޮށުގައި އިންތަން ފެނުމުން ޔީވާ އަނގަޔަށް ވައްތަރެއް ޖައްސާލާފައި ގޮސް މޭޒުމަތީގައި ހުރި މޭވާ ވަށިގަނޑުން ސްޓްރޯބެރީއެއް ނަގައިގެން ހުރެ އަނގައިގާ އެކަތި ޖަހާލިއެވެ.
"ބްރޭކިން ނިއުސް.. ރަފޭލް ސްލެޕްޓް ވިތް މީރާ........" ޔީވާ ހުރީ ހިނިއައިސް ހަލާކުވެފައެވެ. މިޝެލިން އިނީ އަނގައިން ބުނާހިތެއް ނުވެފައެވެ. މިޝެލިން އަޅާވެސް ނުލައި ޖޫސްތަށިން އެތިފޮދެއް ބޯލައިފިއެވެ.
"އަހަންނާއި މީރާ ފްރެންޑްވާނެ، މިއަދު އެގެއަށް ސަޕްރައިޒް ވިޒިޓެއް ދިންއިރު އެނގޭތަ އެނދުގައި ތިބީ ކޮން ކަޕްލްއެއްކަން، ރަފޭލް ހުންނާނީ މާ ޑީސެންޓް މީހެއްކަމަށް ހެދިގެން ދޯ، ފޮނިކަމުން އަހަންނާއި އަނގައިން ނުބުނާނެ، ކުރިން ބިލާލުވެސް ކިޔައެއްނު އެމީހުން ގޭއި އޭ، ބެން އޭ ކިޔައިގެންވެސް ބިލާލު އެ ވާހަކަ ދައްކާކަން ދަންނަން... އެހެންވީމަ ގޭއި އެއްގެ ނަމުގައި ހުރެ އަޑިއަޑިން ކަންތައް ހިންގާލާ ފިރިހެނެއް، ރަފޭލް އާއި މީރާ އެންމެ ފޯރިގަދަވީއިރަށް މަށަށް ވަދެވުނީ... އަދިވެސް ހީވަނީ ލޮލަށް ފެންނަހެން.... ޔޫ ރިމެމްބަރ، އަހަންނާއި ބެން އެގޮތަށް އެރޭ....." ޔީވާ ފެށި ވާހަކަ އަކުން މިޝެލިންގެ ހިތަށް ތަދުވިއެވެ. އެއީ މިޝެލިން ހަނދާންކުރަން ބޭނުން ނުވާ ކަމެކެވެ. އިސްޖަހައިލެވުނީވެސް ޔީވާގެ މޫނަށް ބަލާލަން އުދަގޫވީމައެވެ.
ޔީވާ އެބުނި ބަސް ހެއްކެއް ނެތި އޭނަ ގަބޫލުކޮށްފިއެވެ. މީރާ އެގޭގައި ހުރުމުން ރަފާއިލްއަށް ހާދަ ފުރުސަތު ލިބޭނެއެވެ. އެހާ ރީތި އަންހެންކުއްޖަކު އަގަކާއި ނުލައި ލިބުނީމަ ފިރިހެނަކު ހިމޭނުން ހުރެދާނެ ކަމަށް އޭނަ ގަބޫލު ކުރާކަށް ބޭނުމެއްނޫނެވެ. އެހެންނޫނަސް ޔީވާ ހީހީފައި މިޝެލިންގެ ހިތަށް ސިފަވާވަރަށް އެ މަންޒަރު ކިޔާދީފައި ފިރިހެނުންގެ ބޭވަފާތެރިކަން ކިޔައިދިނެވެ. ފިރިހެނުންނަށް މަޑުން ނުތިބެވޭނެކަމާއި، އެމީހުންނަށް އެންމެ ބައިވެރިޔަކުން ނުވާކަން ޔަގީންކޮށްދިނެވެ.
"ރެންވެސް މީރާ ގާތަށް ޖައްސާކަން. އަދިވެސް ރެން އެ ކުޅިގަނޑު ދޫކޮށްނުލާ، ވާނީވެސް އެހެންތާ، މީރާ ހީވަނީ މޮޑެލްއެއްހެން... މިލީ ހީވަނީ ދިހަ ބާރަ އަހަރުގެ ކުއްޖެއްހެން......." ޔީވާ މިޝެލިންގެ ހިތުގައިވާ ޒަޚަމްތަކުގައި މިރުސް އަޅާފައި އުފަލުން ހީހީ ހުރިއިރު މިކުރެވެނީ ކޮންފަދަ ފާފައެއް ކަމެއްވެސް ނޭގެއެވެ.
"މިލީފަދަ ރީތި ބައިވެރިޔަކު ހުއްޓާ ރެންއަށް މީރާ ދޫނުކުރެވުނީ ކީއްވެތަ؟ އެހެންވެ މިލީ އަބަދު ރޮއިރޮއި ހުންނަތަން އަހަރެމެންނަށް މި ފެންނަނީ، މިހާރު ދަރިއެއް ލިބުނީމަ މިލީ ކެތްކޮށްލައިގެން އުފާވެރިކަން ބޭރުފުށުން ދައްކައިގެން ހުއްޓަސް އެކުއްޖާ ހާދަ ހިތާމައެއް ކުރާނެ......" ޔީވާ އެތައް ތީރެއް މިޝެލިންގެ ހިތަށް ހަރާލައިފި އެވެ.
ޝެލް، މި އާއިލާގެ އެއްވެސް ބޯއި އަކީ އެންޖެލްއެއް ނޫން، އެންމެ ރަނގަޅު ވާނެ ކަމަށް މަ ހީކުރީ ރަފޭލް، އެކަމަކު އޭނައަކީ އަދި ޑެވިލް އިން ޑިސްގައިޒް.." ޔީވާގެ އެ ޖުމްލަ އާއި އެކު ރަފާއިލް ދޮރު މައްޗަށް އެރިތަން ފެނިފައި ޔީވާ ސިހުނެވެ. އޭނަ ދެއްކި ވާހަކަ އަޑުއިވިއްޖެއްޔާ ހާދަ ސަކަރާތް ވާނެއެވެ. އޭނަގެ ހުރިހާ ރޭވުމެއް ފެނަށް ވެގެން ހިނގައިދާނެއެވެ.
"އަހަރެމެން ޑެވިލްގެ ވާހަކަ ދައްކާލާއިރަށް މިއޮތް އައީ......" ޔީވާގެ "ޓްރޭޑްމާކް" ހިނިގަނޑު އެތަނުގެ ހިމޭންކަން މުގުރާލައިފި އެވެ. ރަފާއިލް ޖަހާލައިގެން ހުރި ފިރިހެންވަންތަ ސެންޓުގެ ވަހުން ޔީވާއަށް ނޭފަތް ދަމައިލެވުނީ އެވަހާއި ގުޅި ލާމެހިލަން ބޭނުންވެގެންނެވެ. މި ރަފާއިލް ލިބޭނީ ހާދަ ނަސީބު ރަނގަޅު އަންހެން ކުއްޖަކަށެވެ. ވަގުތުން ޔީވާގެ ޚިޔާލު ދަތުރުކުރީ އޭނަ އާއި ރަފާއިލްގެ ހޫނު މަންޒަރަކަށެވެ. ޔީވާގެ ލޮލަށް ޖައްސައިލި ވައްތަރު މިޝެލިން އިނީ ބަލާށެވެ.
ރަފާއިލް އަނގައިން ނުބުނާއިރުވެސް ޔީވާ ހުންނަނީ މޮޔައެއްހެން ރަފާއިލްގެ ފަހަތުގައިވެސް ޖައްސާލާފައެވެ. ރަފާއިލް އާއި މިޝެލިން ގުޅިދާނެތީ މިހާރު އޭނަގެ ހިތް އިންތިހާއަށް ބިރުގަނެއެވެ. އަބަދު ވިސްނެނީ އެދެމީހުން ފަނިކުރުވާނެ ގޮތަކާއި މެދުގައެވެ. މިޝެލިންއަށް ރަފާއިލް ނުލިބިއްޖެއްޔާ ހާދަ ރަނގަޅެވެ. އެދެމީހުންގެ ގުޅުމުގެ އަޑުއިވިއްޖެއްޔާ އޭނަ މަރުވެދާނެއެވެ. އިއްބާނުއަށް ވުރެ ރަފާއިލް މާ ފިރިހެންވަންތަވެފައި އަޅައިގަންނަ ގޮތެއް ހުރެއެވެ. އެދެލޮލަކީ ތޫނު ހަތިޔާރެއް ފަދައެވެ. ބަލައިލާ ކޮންމެ ފަހަރަކު އޭނަގެ ހިތް އެފުށް މިފުށަށް ޖަހައިލައެވެ. އެދެލޮލަށް ބަލަންވެސް އުދަގުލެވެ. ހާދަ ތޫނެވެ.
މިޝެލިން ވަގުތުން އެތަނުން ދާން ހިނގައިގަތީ ޖޫސްތަށިވެސް ހުސްކޮށްނުލައެވެ. ރަފާއިލް އާއި އެއްކޮޓަރީގައި ހުންނަންވެސް އޭނަ ބޭނުންނުވީހެން ހީވިއެވެ. ޔީވާ އަށް ރަފާއިލް އާއި މިޝެލިންގެ ދެމެދުގައި ނުތަނަވަސް ކަމެއް ވާކަން އެނގުމުން ހިތަށް ފޮނި އުފަލެއްލިބުނެވެ. ހިތް ނަށާލި އެވެ. އޭނަ ބޭނުމީ އެ ނުތަނަވަސް ކަން ހައްތަހާ އިތުރު ކުރުމެވެ. ދެމީހުންގެ ދޭތެރޭގައި ގިރާނުކުރެވޭފަދަ ފާރެއް ބިނާކުރުމެވެ. މިއީ ފެށުމެވެ.
ރަފާއިލް ހަމަޖެހިލައިގެން ހުރެ ކޮފީ އެއް ހަދާލަން ފެށުމުން ޔީވާ ތަންކޮޅެއް ކައިރިއަށް ޖެހިލައިފި އެވެ.
"ހޭއި ހެންޑްސަމް، ހާދަ ސެކްސީވެފައި ނުރައްކާތެރި ފިރިހެނެކޭ، ތި ކަތި ނަޒަރުން މަގޭ ހިއްސުތައް ރޯކޮށްލައިފި......." ޔީވާ އިސްތަށިގަނޑުން ބަޔެއް އިނގިއްޔަށް އޮޅައިލަމުން ތުއިކޮށް ބުނެލައިފި އެވެ. ރަފާއިލް އަޑު އިވޭކަމަށް ހަދާނުލުމުން ސްޓްރޯބެރީއެއް ނަގައިގެން ތުންފަތުގައި ޖައްސާލާފައި ރަފާއިލްގެ ސަމާލުކަން އަތުލަން މަސައްކަތް ކުރުމުންވެސް ކާމިޔާބެއް ނުވިއެވެ.
މިޝެލިން ހުރީ ކޮޓްން ހެދުމެއްލައިގެން ކަމަށްވާތީ ގަސްތަކުގެ ތެރެއަށް ނުކުމެވުމުން ފިނިގަދަވެ އަތް މޭގައި ހުރަސްކޮށްލައިފި އެވެ. މިގަޑީގައި ފިނިމިން އުޅޭނީ ހީވާ ގޮތުން ފަނަރަ ޑިގްރީ ސެލްސިއަސްގައެވެ. މިޝެލިން ޖެކެޓް ގޮނޑީގައި އަޅުވާލި ގޮތަށް ރުޅިގަދަވެފައި ހުރުމުން އެ ގެންނަން ހަނދާން ނެތުނީ އެވެ. އޭނަ ގޮސް ބެންޗެއްގައި އިށީން ގޮތަށް ކަކުލުގައި ދަތްދޮޅި ޖައްސާލައިގެން އިނދެ ވިސްނަމުން ދިޔައީ އިއްބާނު އާއި މެދުގައެވެ. އިއްބާނު ރަފާއިލްގެ ހަގީގަތް ނޭގިހުރެ އޭނަ އާއި ކައިވެނި ކުރަން ބުނީ ކީއްވެ ހެއްޔެވެ؟ މީރާ އާއި ގުޅުމެއް އޮތްކަން އެނގޭނަމަ އެހާ ނުބައި މީހަކާއި އިންނަން ބުނާނެ ހެއްޔެވެ؟ އިއްބާނު އަށް ރަފާއިލް ދަސްނުވީ ކަންނޭގެއެވެ.
މިޝެލިން ހީކުރީ ރަފާއިލް އޭނައަށް ގުޅާނެ ކަމަށެވެ. ޔީވާއަށް ފެނުނު މަންޒަރުތައް ދޮގުކުރަން އުޅޭނެ ކަމަށެވެ. ނޫނީ "ޑެވިލް" އޭ ކިޔައިގެން އޭނަގެ ވާހަކަ ދައްކަން ތިބި ސަބަބެއް އޮޅުންފިލުވަން މެސެޖެއް ނަމަވެސް ކޮށްލާނެ ކަމުގައެވެ. ވަރިހަމަ ބޮޑުވީމަ ކަންނޭގެއެވެ. ރަފާއިލްގެ ޚަބަރެއް ނުވިއެވެ. ބޭޒާރުވުމުން މިޝެލިންއަށް އުދަގޫ ކުރަން ނުކެރުނީ ކަންނޭގެއެވެ. މިޝެލިން އެވަގުތުވެސް އުޑާއި ދިމާލަށް ބަލާލާފައި ދުޢާކުރީ ރަފާއިލްގެ ފަރާތުން އޭނަ ސަލާމަތް ވުމަށެވެ.
މިހުރާން ގެ އެސްފިޔަތައް ހުޅުވާލާފައި ތެދުވުމާއި އެކު ވަށައިގެން ހޯދައިލެވުނީ ނުތަނަވަސްކަމާއި އެކުގައެވެ. ސިކުނޑި މަސައްކަތް ކުރަން ފެށުމާއި އެކު އޭނަ ނިދިއައިވަރުން މީރާ އާއި އެކުގައި ބޮޑުދައިތަގެ ގެއަށް އާދެވުނު ހަނދާން އާވިއެވެ. މިހުރާން ޖިންސާއި ޓީޝާޓުލައިގެން ހޭވިފައިވާ އިސްތަށިގަނޑު އަތުން ރީތިކޮށްލިއެވެ. އަދިވެސް ބޮލަށް ބަރުވެފައިވާހެން ހީވިއެވެ. އޭނަ ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން ކުޑަކޮށް ތާޒާވެލިއެވެ.
"ޑޭމިޓް، އަހަރެން ނިދީގައި އޮވެ ނުކުރާކަމެއްވެސް ނެތެއްނު........." މިހުރާން ރީތިވާ މޭޒުމަތީގައި އަތުން ޖެހިއެވެ. އޮޅުމަކުން ކުރެވުނު ކަމެއްވެސް މިލީނާގެ ކަންފަތާއި ހަމަޔަށް ފޯރައިފިނަމަ މިލީނާ ދެކޭނެ ގޮތެއްވެސް ނޭގެއެވެ. މިލީނާ އޭނައަށް ކުރި އިތުބާރު މުޅިން ގެއްލިދާނެއެވެ. މިހުރާން އެނދުމަތީގައި އޮތް ފޯނު ނަގާފައި ބަލައިލި އިރު މީރާ އޮތީ ފޯނު ނިވާލާފައެވެ. ރުޅިގަދަވެގެން ގޮސް އެނދުގައިވާ ކުއިލްޓާއިއެކު ހުރިހާ އެއްޗެއް ދަމައިގަނެ ބިމަށް ތިރިކޮށްލި ގޮތުން ހީވީ މިވަގުތު މީރާ އަތު ޖެހިއްޖެއްޔާ މީރާގެ ފުރާނަވެސް ދަމައިގަންނާނެ ހެންނެވެ. މީރާ ނެތީ އެކުއްޖާގެ ނަސީބު ރަނގަޅު ކަމުންނެވެ.
މިހުރާން ފެންޑާއަށް ނުކުތް ވަގުތު ބޮޑުދައިތަ ސެލީނާ އޭނައަށް ގޮވާލާފައި ރޭގަނޑު ކައިގެން ދާން އެދުނެވެ. މިހާ ގިނައިރުވާންދެން އެގޭގައި ހުރެފައި ނުކައިދިޔުމަކީ އިންސާފަކަށް ނުވާނެކަމަށް ބުނެލުމުން މިހުރާން އަނގަޔަށް ގޮތެއް ހަދައިލިއެވެ. އޭނަ މެންދުރުން ފެށިގެން މިހުރިހާ އިރުވަންދެން މީރާގެ ކޮޓަރީގައި އޮތްކަން ބޮޑުދައިތައަށް އެނގުނީ ކަންނޭގެއެވެ. މީރާއަކީ ލަދުކުޑަކުއްޖެކެވެ. އޭނަ ފަޟީހަތްކުރަން އެންމެން ގާތުގައި ނުކިޔާނެ ކަމެއްވެސް ނޭގެއެވެ. އޭނަ އެހާ ހާހެއްނުވެއެވެ. މައްސަލައަކީ އެކަނި މިލީނާއަށް އިވިދާނެތީއެވެ. މިލީނާ ދެރަވާނެތީއެވެ. އެހެންނޫންނަމަ އޭނަ އަދި އެހާ ފަސޭހައިން މިފަދަ ކަންތައްތަކާ ފިކުރު ބޮޑެއްނުވާނެއެވެ.
މިހުރާން ގެއަށް އައިއިރު އެހެން ދުވަހެކޭ އެއްފަދައިން ގެ ފެންނަނީ ފަޅުކޮށެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވެއެވެ. އިއްބާނު ވަކިވެގެން ދިޔަފަހުން ރޭގަނޑު ކެއުމަށްފަހު އެންމެން ބޮޑުކޮޓަރީގައި ތިބެ ވަގުތުކޮޅެއް ހޭދަކޮށްލުމުގެ އާދަވަނީ ނެތިގެން ގޮސްފައެވެ. ކައިގެން އެމީހެއްގެ ކޮޓަރިއަކަށް އަވަސްއަވަހަށް ވަދެ ދޮރު ލައްޕައިލަނީ އަދިވެސް ހިތްވަރެއް ނެތުމުން ކަންނޭގެއެވެ. މިހުރާން ސިޑިން އަރައިގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލި އިރު މިލީނާ ފެންނާކަށް ނެތެވެ. މިހުރާން ފާޚާނާއަށް ވަންގޮތަށް ލައިގެން ހުރި އެއްޗެހި ދާވަށިގަނޑަށް ލާފައި ފެންވަރާ ތާޒާވެލައިގެން ތުވާލި އެނދެލިއެވެ.
"ރެން، އޮފީސް ނިމުނީ ދެންމެތަ؟ " މިލީނާ ދޮރުން ބޯ ދިއްކޮށްލިއެވެ. އެ މައުސޫމް ބޮޑު ދެލޮލުގެ ވިދުން އިންތިހާއެވެ. މިހުރާން އާއި މެދު އެއްވެސް ޝައްކެއް ކުރިހެން ހިޔެއްނުވެއެވެ. ވަފާތެރި ބައިވެރިޔާއަށް އޮޅުވައިލަން ޖެހުނީތީ މިހުރާން ދެރަވިއެވެ. ނަމަވެސް މިލީނާއަށް އެ ވާހަކަ ނީވުނިއްޔާ މާ ރަނގަޅެވެ. އޭނަގެ ރުހުމުގައި ހިނގިކަމެއްނޫނެވެ. އަންހެންކުދިންގެ ނުރައްކާތެރި މަޅިއެއްގައި ޖެހި ނުބައި ގޯޅިއެއް އެޅުނީއެވެ. އޮފީހުން އެއްޗެއް ނުކާން މިއަދު ދަސްވިއެވެ.
"އަންހެންކުއްޖަކާއި އެކީގައި އުޅެފައި އައީމައެއްނު މިއޮތް ފިނީގައި ފެންވަރާލާނީ......." މިހުރާން ލާނެތް ގޮތަށް އެއްލޯ މަރާލައިފިއެވެ. މިހުރާން ލޯގަނޑު ދޮށުގައި ހުއްޓި ހުރެ ޖިންސްލާން ފެށިއެވެ. މިލީނާއަށް މިރޭ ގޯނާކުރާފަދަ މޫޑެއްގައި ނެތީ ކަންނޭގެއެވެ.
އޭނަ މިގޮތަށް ސަމާސާ އަކަށް ނަމަވެސް އެހެން ބުނެލީމަ ފަހުން ދުވަހަކުން އެނގިގެން މިލީނާ ސުވާލު ކުރިޔަސް އޭނަ ހަގީގަތް ނުބުނާ ކަމަކަށް ނުވާނެތީއެވެ. އެހެންނޫނަސް މިއީ ދެމަފިރިއެއްގެ ދޭތެރޭގައި ހަމަނުޖެހުން އުފެދޭފަދަ މައްސަލައަކަށް ހެދިޔަކަ ނުދޭނެއެވެ. އަދި މީރާއަށް އެކަމުގެ އަދަބު ހީނުކުރާފަދަ ގޮތަކަށް އޭނަ ދޭނެއެވެ. އޭނަގެ ހަޔާތުން އަބަދުގެ އަބަދަށްޓަކައި ނެރެލާފައި ފޮނުވައިލާނެއެވެ.
"ހެހެ..... ހެވޭ ދެން.. ކޮފީއެއް ގެންނަންތަ؟ " މިލީނާ ޓީޝާޓެއް ނަގާފައި ދިއްކޮށްލިއެވެ.
"ބްލެކް ކޮފީއެއް އިނގޭ...." މިހުރާން އެނދަށް ވެއްޓިގަތް ގޮތުން އޭނަ ކަންނެތްވެފައިވާ ވަރު ހާމަވެއެވެ.
"ރެން، ބޭބީ އުޅުނު ރެން މިސްވެގެން.... ނުނިދައިގެން ހަމަ ރެންއަށް ގޮވާވަރުން ވަރަށް ގުޅާލިން، އެކަމަކު ރެން ފޯނުވެސް ނިވާލައިގެން ވިއްޔަ ހުރީ...." މިލީނާ ތެތް ތުވާލި ހިއްކަން އަޅުވާލީ މޫނުގައި ޖައްސާލުމަށްފަހުގައެވެ. ތުވާލީގައި ހިފާފައިވާ ލުއި މީރުވަހުން މިލީނާގެ ސިކުނޑީގައިވިހާ ވަރުބަލިކަމެއް ފިލައިގެން ހިނގައްޖެއެވެ.
އެލީސާ ހުރީ މިހުރާންގެ ކަންތައް މިލީނާއަށް އެނިގެން އަނެއްކާ މައްސަލަ ޖެހިދާނެތީ އިންތިހާއަށް ކަންބޮޑުވެފައެވެ. އެންމެ ކުޑަ ދަރިފުޅު އެހާ ކުއްލި ގޮތަކަށް ވަކިވުމުގެ ހިތާމަ ފިލައިގެން ނުދިޔަސް އެހެން ކަންތަކާއި މެދު މިހާރު އެލީސާ ފިކުރުކުރެއެވެ. މިލީނާ މިގެއިން ދާތަން ދެކެން އެލީސާއަށް ކުޅަދާނައެއްނޫނެވެ. އެއީ މިގޭގައި ހުރި އެންމެ ރަނގަޅު ޅީދަރިފުޅެވެ. ގޭގެ އުޖާލާކަމެވެ. ވީއިރު ކޮންމެ އަގެއްގައިވެސް އެލީސާ މިލީނާ ހިފަހައްޓާނެއެވެ. މިލީނާ ކާއެއްޗެއް ހަދަން ބަދިގޭގައި އުޅެނިކޮށް އެލީސާ އެހީތެރިވާން ފެށިއެވެ. އެކި ވާހަކަތައް ދައްކަމުންގޮސް މިހުރާންގެ ވާހަކަވެސް ފެށިއެވެ.
"ރެން އެހާ ރުޅިގަދަވާން ފެށީ މިލީ ކުރީފަހަރު ރެން ދޫކޮށްލާފައި ދިޔައިމަ، ކުރިއަކުން ރެން އެހާ ކަންތައް ބޮޑުވެގެން އުޅޭތަނެއް ނުފެނޭ، ތަންކޮޅެއް ފޯރި ގަދަވެއްޖެއްޔާ ތަނެއްގައި ބާރަކަށް އަތުން ޖަހާލާނީ، ކުޑައިރު މީހުންނަށް އަނިޔާ ކުރަން އުޅުނަސް މިފަހުން އެހެނެއް ނޫޅޭ، މިލީ ފަދަ ރަނގަޅު ކުއްޖަކަށް ރެން ރަނގަޅު ކުރެވޭނީ، ހީ ނީޑްސް ޔޫ މައި ޗައިލްޑް، ރަނގަޅު ވައިފަކު ހުރެގެން ލޯބިން އެކީގައި އުޅެން ފަށައިފިއްޔާ މީހާ ޗޭންޖު ވެދާނެ، އަސްލު ރެންއަށް މިލީހާ ރަނގަޅުކުއްޖަކު ހޯދުމުގެ އެންމެ ބޮޑު ބޭނުމަކީވެސް އެއީ، ތިއީ އަމިއްލަ ދަރިއެއްފަދަ ކުއްޖެއް... މީރާ އަދިވެސް މިގެއަށް އެ އަންނަނީ ރެން ކާމިޔާބު ކުރެވޭތޯ، އަންހެންކުދިން ކިތަންމެ ވަރަކަށް އުދަގޫކުރިޔަސް މިލީ ރެން އާއި ދިމާލަށް އެއްޗެކޭ ނުބުނާތި އިނގޭ.. ހީ ލަވްސް ޔޫ އޮންލީ، ރެންގެ އުޅުން ބަދަލު ކުރެވޭނީ މިލީ މަސައްކަތް ކުރީމަ، ބައެއްފަހަރު ޒުވާން އުމުރުގައި ނުބައި އަންހެންކުދިންނާއި ޖެހި ނުބައި ދިމާލަށް ދެވޭނެ، އަހަންނަށްވެސް އެ ފަދަ ގޮތެއް ދިމާވި، ފަހުން ހިތަށް އެރި ހައިތަމް ދެކެ ރުޅިއައިސްގެން އެގޮތަށް ވަކިވެގެން ނުދެވުނުނަމައޭ، ކޮންމެ ހާލެއްގައިވެސް ގާތުގައި ހުރެވުނު ނަމައޭ، ދަރިންގެ ދިރިއުޅުމަށް އަސަރު ކުރުން ނޫންކަމެއް ނުވި، މިލީވެސް ވަރަށް ވިސްނާރި އިނގޭ..........." އެލީސާގެ ވާހަކަތައް މިލީނާ އަޑުއެހީ ނިކަން ގަޔާވެގެން ހުރެއެވެ. ނަމަވެސް މިލީނާއަށް މިހުރާން އާއި މީރާގެ ގުޅުމެއް އޮތްކަން ރޭކާނުލިއެވެ. އެހެން ހިތަކަށްވެސް ނޭރިއެވެ.
މިޝެލިންގެ ޚިޔާލުތަކުން ސަލާމަތްވާން އޮތް އެންމެ ރަނގަޅު ގޮތަކީ ކޮލެޖަށްގޮސް އަބަދު އަވަދިނެތި ކޮންމެވެސް ކަމަކާއި އުޅުންކަމަށް ނިންމާފައި މިޝެލިން ކޮލެޖަށް ދާންފެށިއެވެ. ކޮލެޖްގެ ތެރޭގައި އަދިވެސް ދެކެވެނީ އިއްބާނުގެ ވާހަކައެވެ. އެހާ މަޝްހޫރު ދަރިވަރެއް މަރުވުކަމީ މުޅި ކޮލެޖަށް ލިބުނު ގެއްލުމެއްގެ ގޮތުގައި އެތަނުން ދެކުނެވެ. އިއްބާނުގެ ހަނދާނުގައި މެމޯރިއަލް ސާވިސްއެއްވެސް ބޭއްވިއެވެ. ބައެއްކުދިންގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފޭބިއެވެ. އިއްބާނުގެ މަރަށްފަހު ކޮލެޖްގައި އޭނަ ވަކިން މަޝްހޫރުވިއެވެ. އެންމެންގެ ހަމްދަރުދީ އާއި ލޯބި ލިބުމުން މިޝެލިންގެ ލޯ ޝުކުރުގެ ކަރުނުން ފުރުނެވެ.
މިޝެލިން ކޮލެޖަށް ދާން ތައްޔާރުވެލައިގެން ނުކުމެގެން އައީ އަވިއައިނުވެސް އަޅައިގެންނެވެ. ދަބަސް ކޮނޑަށް އެއްލާލައިގެން ދެތިންފޮތް އަތުން ހިފާލައިގެން ހަލުވިކޮށް ފަތްތަރު މަތިން ފައިބައިގެން އައިއިރު މޫނު އޮމާން ކަމުން ވިދާލައެވެ. މޮއިސްޗަރައިޒަރ އެއްލާ އޮފްއަރުވާލާފައިވާހެން ހީވިއެވެ. ލިޕްސްޓިން ނޫނީ ގްލޮސް ބޭނުން ނުވާހާ މަޑު ތުންފަތެކެވެ. އެހާ ރީތި ކުލައެއް ތުންފަތަށް ވެރިވެފައި ވަނީ މަޑު އަވީގެ ސަބަބުންނެވެ. މިޝެލިން ބަލާނުލާ އުޅުމުގެ ސަބަބުން ފައި އަރިއަކަށް އެޅިފައި ވެއްޓެން ދިޔަ ވަގުތު މީހެއްގެ ބާރުގަދަ އަތުގެ ހިމާޔަތް އިރުކޮޅަކަށް ނަމަވެސް ލިބުނެވެ. އަތުގައިވާ ފޮތްތައްވެސް ފައިބައިގަތެވެ. މިޝެލިންއަށް އެއީ ރަފާއިލް ކަން އެނގުމާއި އެކު ކަޅިއަޅައިލި ގޮތަކުން ރަފާއިލް އަވަހަށް މިޝެލިންގެ ގައިން ދޫކޮށްލައިފި އެވެ. މިޝެލިން ދާން ވެގެން ފިޔަވަޅެއް އަޅާލާފައި ފައިތިލައަށް ތަދުވެގެން ފައިގައި ހިފަހައްޓާލައިގެން އިށީންނަން ޖެހުނީ ފަތްތަރުމަތީގައެވެ.
"އައުޗް..." މިޝެލިން އަރާފައި ހުރި ރަންކުލައިގެ ހައިހީލްބޭލުމުން ފެނުނު އޮމާން ދޮން ފައިތިލައިން ނަޒަރު ވަކިކޮށްލަން ރަފާއިލްއަށް ދަތިވިއެވެ. އެހެންނޫނަސް މިޝެލިންގެ ރީތި ދެލޮލުން ބަލައިލި ގޮތަކުން ގައިން ހީބިހި ނެގިގޮތަށް އަދިވެސް ހިތްވަނީ އަވަސްވެފައެވެ. ފިނިވި އަތްތިލަ ޖިންސްގެ ޖީބަށް ޖަހައިލަމުން ރަފާއިލް ތުންފަތުގައި ދަތްއަޅާލި އެވެ. މިޝެލިންގެ ރީތިކަމާއި، ކާރިވެލުމުން އެ ދުވާ މީރުވަހުގެ ސަބަބުން ރަފާއިލްގެ ހިއްސު ތަކާއި ކުޅެލާވަރުން ހާދަ އުދަގޫވެއެވެ.
"ފަޔަށް ތަދުވީތަ؟" ރަފާއިލްގެ ޖާދުވީ އަޑު އެހެން އަންހެން ކުއްޖަކަށް އިވުނުނަމަ އެކަނި އެ ރީތި އަޑަށްވެސް ދީވާނާވީހެވެ. ނަމަވެސް މިޝެލިންގެ ޅަ ހިތުގައި އުފެދިފައިވާ ނަފްރަތުގެ އަލިފާން ސިކުނޑި އާއި ހަމަޔަށް ފޯރާފައި ވާތީ އޭނަ އަކަށް ރަފާއިލްގެ ރީތިކަމެއް އަދި ރަނގަޅު ކަމެއްވެސް ނުފެނެއެވެ. އެ ރީތި ދެލޮލުގައިވާ ނިމުމެއްނެތް ލޯބިވެސް މިޝެލިން އަކަށް ނުފެނެއެވެ. ދަތްތައް ވިކާލާފައި މިޝެލިން ބަލައިލީ އިންތިހާއަށް ނުރުހުންވެފައި އިނދެއެވެ.
"އަހަރެން މަރުވިޔަސް ރަފާއިލް އަކާއި ނުބެހެވޭނެ، އެންމެ ފަހު ފަހަރަށް މިބުނަނީ، އަހަރެން ބޭނުމެއްނޫން ރަފާއިލްގެ ސޫރަ ދެކޭކަށް، އަނގައިން ބުނާކަށްވެސް ބޭނުމެއްނޫން، ޔޫ ނޯ ރަފާއިލް، އަހަރެން ތިހާ ހޭޓްކުރާމީހެއް މިވަގުތު މި އުޑު ހިޔަލުގައި ނެތް، ސަބަބު ރަނގަޅަށް އެނގޭނެ، އަދި ޚަބަރެއް އެބައޮތް، އެންމެ ކުރިން މިވާހަކަ އިއްވަން ޖެހޭނެ މީހަކީ ތިއީ ކަންނޭގޭ، އަމިއްލައަށް އެހާވަރުން ބޭނުންވެގެން ތިޔަ އިންތިޒާރު ކުރާކަން ވާކަށް ނެތް........." މިޝެލިން ތަބުގައި ހިފަހައްޓާލަމުން އަނެއްފައިގެ ބުރަދަނަށް ކޮޅަށް ތެދުވެއްޖެއެވެ. ތެދުވެފައިވާ ފައި ލަންބާލައިގެން ހުރިއިރު އެ ފަޔަށް ޖިންސް ހިފާފައިވާ ގޮތުން ފައިގެ ރީތި ބައްޓަން ހާމަވެއެވެ.
"އޯހް......." ރަފާއިލް އަނގަޔަށް ގޮތެއް ހަދައިލީމަ މިޝެލިން ހީކުރީ ރަކިވީކަމަށެވެ.
"ވަރަށް ހާޓްވެއްޖެ ތަ؟ ސޮރީ، އެކަމަކު....." މިޝެލިން ހުރީ ރަފާއިލްގެ ގާތުގައި އެ ވާހަކަ ބުނެލާ ހިތުން ކެތްމަދުވެފައެވެ. ރަފާއިލްގެ މޫނަށް ވެރިވާ ކުލަތައް ދެކެން ބޭނުންވިއެވެ.