ޝައުބާން މަހުގެ އެންމެ ފަހު ދުވަސްކޮޅު ކަމަށް ވާތީ މާފެހުން، ބާބެކިއު ހެދުން ނޫނީ މޫދަށް ދިޔުންފަދަ ޕްރޮގްރާމް ތަކާއިގެން އަވަދިނެތި އުޅުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ހިފާފައިވާ އާދައެކެވެ. މޫދަށްއެރި ފެންވަރާނުލައިފިއްޔާ ރޯދަމަހަށް ރަނގަޅަށް ތައްޔާރުވެވުނު ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ފަތިހު ފަތިހާ ލޮރީތަކަށް އަރައިގެން މީހުން މިސްރާބު ޖަހަނީ ދަތުރު ދާ ހިސާބުން ތަންކޮޅެއް ލިބުމުގެ އުއްމީދުގަ އެވެ. މޫދު ރީތި އަދި ގަސްގިނަ، ހިޔާދޭ ތަންކޮޅެއް ލިބުމުގެ ނަސީބު އެންމެ ކުރިން ދަތުރު ދިޔަ ބަޔަކަށް ނޫނީ ނުލިބޭނެ އެވެ.
މަލީނާ އާއި މިޝެލިން ކިތަންމެ ވަރަކަށް މޫދަށް ދާހިތުން އުޅުނަސް މޫދަށް ގެންދާކަށް އެކުދިންގެ މަންމަ ސޯފިޔާ އެއްބަހެއް ނުވިއެވެ. އެކުދިންގެ ކާފަ ފަރާތު އާއިލާއިން ކިތަންމެ ވަރަކަށް މަޖުބޫރުކުރަން އުޅުނަސް ރަގަޅު އުޒުރެއް ދެއްކެން ސޯފިޔާއަށް އޮތެވެ. މިޝެލިން ހުރީ ގަދަޔަށް އަރިދަފުސް އަޅާފައެވެ. އޭނަ ނުދާ ތަނަކަށް ކުދިން ފޮނުވާކަށް ސޯފިޔާ ގެ ހިތެއް ނޭދެއެވެ. އޭނަގެ ލޮލުގެ ކުރިމަތީގައި ދެބެން ނެތިއްޔާ ސޯފިޔާއަށް ހަމަޖެހިލައިގެން ނޭވާ ލެވޭ ކަމަކަށް ވެސް ނުވެއެވެ. ކުޑައިރުއްސުރެ ސޯފިޔާ އެކުދިން ބަލަހައްޓަމުން އައިސްފައިވަނީ ވަރަށް ރައްކާތެރިކަމާއި އެކު، ހިމާޔަތް ދީގެންނެވެ. އޭނައަށް ވެވޭނެ ނަމަ އެއްވެސް މީހަކަށް ނުނިޔަތުގައި ބަލައިލާކަށް ވެސް ނުކެރޭނެ އެވެ.
ސޯފިޔާގެ ފިރިމީހާ އަކީ ރަށުގެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ހޭނައްތާ ޑޮކްޓަރެއް ކަމަށްވާ މާޒިންއެވެ. މާޒިންއަށް ފުދޭވަރެއްގެ އާމްދަނީއެއް ލިބުނަސް އޭނަގެ މަންމަމެންނަށް ޚަރަދުކުރަނީ ވަކިވަރެއް ބަލާފައެއް ނޫނެވެ. އަދި އޭނަގެ ދީލަތި ކަމުން އެކުވެރިންނަށް ދޭ ލޯނާއި، އެއްޗެހީގެ ސަބަބުން އަންހެނުންނާއި ދަރިންނަށް ދެވޭ އެއްޗެހި އޮންނަނީ މަދުވެފައެވެ. މެދުމިނުގެ ދިރިއުޅުމެއް އުޅެން ސޯފިޔާ ހޭނިފައި ވާތީ އޭނަ ޝަކުވާއެއް ނުކުރެއެވެ. ރަށުގައި މާޒިން ގެ ބައްޕަގެ މުސްކުޅި ގޯތި ތެރޭގައި، މާޒިން އަޅާފައިވާ ގެއަށް ސޯފިޔާމެން ބަދަލުވިތާ ހައެއްކަ އަހަރު ވެދާނެ އެވެ. އެއީ އުޅެން ފަސޭހަ ހިތްގައިމު ގެއެކެވެ. ގަސްތައް އިންދަން ގެ ކުރިމަތީގައި އޮތީ ކުޑަތަންކޮޅެއް ނަމަވެސް ސޯފިޔާ ވަނީ ޖޭސްމިން، ދެތަނޑިރަތްމާ، އަދި ފިނިފެންމާ ފަދަ މީރުވަސް ދުވާ ގަސްތައް އިންދައި ކުޑަ ބަގީޗާއަކަށް ހަދައިލައިފަ އެވެ. ދޮރުމަތީގައި ހުންނަ ޖަންބު ގަހާއި، ކާނޭޝަން ގަހުގެ ސަބަބުން މެދުގޯތި އޮންނަނީ ހިޔާވެފައެވެ. ބަގީޗާގައި ބޮކިތައް ޖަހާފައިވާތީ ރޭގަނޑަށް އެ ހިސާބު ފެންނަލެއް ވަކިން ހިތްގައިމެވެ. ގޭގައި މާގިނަ ކޮޓަރި ތަކެއް ނެތަސް މާސްޓަރ ބެޑްރޫމަކާއި ކުދިންނަށް ހަދާފައިވާ ކޮޓަރިއެއް ހުރެއެވެ. އަނެއް ކޮޓަރި ހަދަން ފެށިގޮތަށް ފާޚާނާ ވެސް ނުނިންމައި ބަހައްޓާފައި ހުރީ މާޒިންއަށް ފައިސާ ބާކީ ނުކުރެވޭތީ ކަމަށް ބުނެ ފަސްޖައްސަމުން އަންނާތީ މަލީނާމެން ވެސް ތިބެނީ ދެރަވެފައެވެ. އެހެން ނޫންނަމަ ދެކުދިން އެއްކޮޓަރި ހިއްސާ ކުރާކަށް ނުޖެހުނީހެވެ. ހޯލު ފުދޭވަރަކަށް ބޮޑުވެފައި އެއްބައި އޮންނަނީ ކާބަޔަކަށް ހަދައިފަ އެވެ. އަނެއް ފަރާތުގައި މަޑު ސޯފާސެޓެއް ބަހައްޓާފައި ރަގެއް އަޅާލާފައި ވުމުން ޒަމާނީ ގޮތެއް ހުރެއެވެ.
މިގެއަށް ބަދަލުވުމަށް ފަހު ސޯފިޔާއަށް މިއީ އަމިއްލަ ތަނެއްކަމުގެ އިހުސާސް ކުރެވި ބުނަން ނޭނގޭ ފަދަ ފިނިކަމެއް ހިތަށް ލިބިފައި ވެއެވެ. އަމިއްލަ ގެއެއްގައި ފިރިމީހާ އާއި، ދަރިންނާ އެކީގައި ދިރިއުޅުމަކީ ސޯފިޔާ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެކެވެ. އެންމެ ފަހުން މިއޮތީ އެ ހުވަފެން ހަގީގަތަކަށް ވެފަ އެވެ.
މަލީނާ އާއި މިޝެލިން އާއި ދެ އަންހެން ކުދިންނަކީ ފުރާވަރުގެ އަހަރުތައް ގުނަމުންދާ ދެކުދިންނެވެ. ދެކުދިންގެ ސިފަތައް ދާދި އެއްގޮތް ވިޔަސް އުޅުން އުޑާއި، ބިމާހާ ތަފާތެވެ. މަލީނާ ގޭގެ މަސައްކަތްކުރާ ހިތުން މަންމަ އާއި ބައިވެރިވެގެން އުޅުނަސް މިޝެލިން ގެ އުޅުން ހުންނަނީ ޅަކުއްޖެއް ފަދައިންނެވެ. މިޝެލިންގެ އިސްތަށިގަނޑުގައި ފުނާ އަޅައިދޭން ޖެހެނީ ވެސް ސޯފިޔާ އަށެވެ. މިޝެލިންގެ ބުޅި އިސްތަށިގަނޑު ބޮޑުކަމުން ސޯފިޔާއަށް ވެސް އެކަން އޮންނަނީ ބުރަ ކަމަކަށް ވެފައެވެ. އަނގަޔަށް ލަވައި ކާންދީގެން ނޫނީ މިޝެލިން އަށް ކެވޭ ކަމަކަށް ވެސް ނުވެއެވެ. މިޝެލިން އެހެން އުޅޭތީ ބައެއްފަހަރު މަލީނާ ވެސް މަންމަގެ އަތުން ކާހިތުން ބައެއް ދުވަހު ނުކައި އިންނާނެ އެވެ. ދެކުދިންގެ މިޒާޖު ތަފާތުވުމުގެ ސަބަބުން ތޮޅުމާއި، އަރައިރުން ވުމުގެ ހައްދެއް ނޯވެއެވެ. އެކަމަކު އިރުކޮޅަކުން އެއްގަލަކަށް އަރާފައި ލޯބިން އުޅޭއިރު ނިކަން ލޯތްބެވެ.
"މަންމާ، ވަރަށް ފޫހިވޭ ކަމެއް ނެތީމަ، ހުރިހާ ފްރެންޑުން ވެސް ދަތުރު ދިޔަ، އެއީ ދެން ޓްރެޑިޝަނެއްނު...." މިޝެލިން ޓެޑީގައި ބައްދާލައިގެން ކައުޗަށް ވެއްޓިގަތެވެ. އޭނަ ކުޑައިރުއްސުރެ ގެންގުޅުނު ޓެޑީ އަދިވެސް އަތުން ދޫކޮށްނުލައި ގެންގުޅޭތީ ސޯފިޔާ ހުންނަނީ ހައިރާން ވެފައެވެ. މިޝެލިން އެ ޓެޑީ އާއި ވަކިކުރުވަން އޭނަ ކޮށްފައި ނުކުރާކަށް ކަމެއް ނެތެވެ. އެކަމަކު ކާމިޔާބެއް ނުވިއެވެ. ކުޑަކުއްޖަކު އެފަދަ އާދައެއް ހަރުލައިފިއްޔާ ދޫކޮށްލުން ފަސޭހަ ކަމަކަށް ނުވެހިނގައިދާނެ އެވެ. އެއީ ބާލީހެއް، ރަޖައެއް ނޫނީ ފޮތިކޮޅަކަށް ވިޔަސް އެއިން ދޫކޮށެއް ނުލާނެކަން މަލީނާ ވެސް ސާބިތުކޮށްދިނެވެ. މަލީނާގެ އުމުރުން ހައެއްކަ އަހަރު ވަންދެން ފިޔާތޮށިކުލައިގެ ރަޖާކޮޅެއް ގެންގުޅުނެވެ. އެ ރަޖާ ވީދިގެން އެހެން ރަޖައެއް ހޯދަން އުޅުނީމަ ވެސް މަލީނާ ރޮއިގެން އެކަން ނުކުރެވުނީ އެވެ.
"ބައްޕަ ގެއަށް ދުރުވީމަ ބާބެކިއު ހަދާނީ، ބައްޕަ އެއްޗެހި ގެންނެވީމަ މަންމައަށް ކަމެއް ކުރެވޭނީ ދޯ....." ސޯފިޔާ މޭޒު ކައިރީގައި ތަރުކާރީ ކޮށަން އިން އިރު، ހުޅުވާފައިވާ ކުޑަދޮރުން ބޭރުގެ މަންޒަރުތައް ފެނެއެވެ. ތަންކޮޅެއް ކުރިން ކޮކްޓެއިލް ނޫކުލައިގައިވި އުޑު އަޅި ވިލާތަކުން ބައްދާލާފައި، އިރުގެ އެންމެ ފަހުގެ ދޯދިތައް ފޮރުވައިލި އިރުވެސް ވާރޭ ވެހިގަންނާކަށް ނޫޅެއެވެ. އުޑުމަތި ބަނަވެފައި ވާތީ ބޭރު ފެންނަނީ ދުން ފިނިގަނޑެއް ހެންނެވެ. ޖެހިލާ ވައިރޯޅިތަކާއި އެކު ކުޑަދޮރުގައި ދަމާފައިވާ ބޮޑު ފަރުދާތައް ހެލިލައެވެ. ވައިރޯޅިތައް ގަސްތަކަށް ގޯނާކޮށްލުމުން ގަސްތަކުގެ އޮފިތައް ކޭއްތިގެންފައި، ބަލިކަށި ފަތްތައް ބިންމައްޗަށް އުދުއްސާލައެވެ. މެދުގޯތީގައި ޖަހާފައިވާ ހިލަތަކުގެ މަތީގައި ހިކިފަތްތައް ކޭއްތިގަންނަ އިރު ލުއި، މުރަނަ އަޑެއް ވެސް އިއްވާލައެވެ. ޚަރީފު މޫސުމްގެ ކުޑަ ކުޑަ ކުލަވަރެކެވެ. ސޯފިއާ މާޒީގެ ރީތި ހަނދާން ތަކުގެ ތެރެއަށް ގެއްލިފައި އިންދާ ފެންކަޅިވި އެވެ.
"ބައްޕަ ބުނުއްވިއެއްނު މާމަ ރޯދައަށް ދުންދަނޑިޖަހާ، ސަލަވާތް ކިޔަވާ ވާހަކަ، އޭރު މިގޭގައި ހުންނަ ވަޅުތައް ހިއްކާ، މެދުގޯއްޗަށް ވެލިވެސް ލާފަޔޯ ހުންނަނީ....." މަލީނާ ބުނެލި އެވެ.
"ދުންދަނޑި ޖެހުމާއި ސަލަވާތް ކިޔެވުން އެއީ ބިދުޢަ، މަންމަމެން ވެސް ގެ ސާފުކުރުވާ، ވެވުނު ވަރަކުން އެއްޗެހިތައް އާކޮށްފައި މިހިރީ....." ސޯފިޔާ އެކުދިންނަށް ބުނެދިނެވެ.
"އެކަމަކު ރަމަޟާންއަށް ވެލްކަމް ކިޔަން، ގެ ޒީނަތްތެރިކުރާ އިރު އުއްބައްތިތައް ދިއްލުން ބޭޑް އައިޑިއާ އަކަށް ނުވާނެ ދޯ މަންމާ.... ބާބެކިއުއަށް ފްރެންޑަކަށް އިންވައިޓް ކުރެވިދާނެތަ؟ " މިޝެލިން އަހާލައިފި އެވެ.
"ނޫން، ދަރިފުޅާ، އެކަނި ފެމިލީ އެފެއަރ އެއްގެ ގޮތުގައި މިކަން ކުރާނީ......" ސޯފިޔާ ޓީވީއަށް ނަޒަރު ހުއްޓާލައިފި އެވެ. ދެކުދިން ބަލަން ތިބީ "ބްރޭވް" ކިޔާ ކާޓޫނެކެވެ. އެކުދިން ބަލަންވީ ޕްރޮގްރާމް ތަކުން ފެށިގެން ވާހަކަތަކަށް ދާންދެން ކަނޑައަޅާނީ ސޯފިޔާއެވެ. ފުރާވަރަށް އެޅިނަމަވެސް ސޯފިޔާ ދެކޭގޮތުގައި އެއީ ކުޑަކުދިންނެވެ. އެކުދިން ފިލްމު ބެލުން އޮންނަނީ މަނާކޮށްފަ އެވެ. އެކަމާ ވެސް މާޒިން އާއި ސޯފިޔާ ދެބަސްވާލެއް މަދެއް ނޫނެވެ. ސޯފިޔާ ދެރަވަނީ އޭނަގެ ފިރިމީހާ އެފަދަ ކަންތައް ތަކަށް އެއްބާރުލުން ދޭމިންވަރު ކުޑަކަމުންނެވެ. ދަރިންގެ ކަންތަކާއި ފަރުވާކުޑަކުރާތީ އެވެ.
ސޯފިޔާ ޚިޔާލެއްގައި ހުރެ ފެން ޖަގު ހިފައިގެން ގޮސް ފްރިޖް ހުޅުވައިލަން އުޅުނެވެ.
"މަންމާ....." މިޝެލިން ކުއްލިއަކަށް ބިރުވެރިގޮތަކަށް ހަޅޭއްލަވައިގަތުމުން ސޯފިޔާގެ މެޔަށް ފިނިފެން އެއްޗެއް އޮއްސާލިހެންހީވިއެވެ. އަތުން ފެންޖަގު ދޫނުވީ ކުރިޔާއެވެ.
"މަންމާ، ޝެލްއަށް ކޮންމެވެސް ކަމެއް ވެއްޖެ، އަތްތިލަވެސް ހީވަނީ ގަނޑުފެންކޮޅެއްހެން، އެންޑް ޝޭކިން ލައިކް އެ ލީފް......" މަލީނާ ބިރުން ދެލޯ ބޮޑުކޮށްލަމުން ތެދުވެއްޖެ އެވެ. ސޯފިޔާ ޖަގު ދޫކޮށްލާފައި ދުވެފައި އައިގޮތަށް މިޝެލިން ގައިގައި ހިފަހައްޓާ އިރަށް މިޝެލިން ހަމަޔަކަށް އެޅިއްޖެ އެވެ. ސޯފިޔާ ކަންބޮޑުވެދާނެތީ މިޝެލިން ވަގުތުން އޮޅުވާލާފައި އޭނަ މަލީނާ ބިރުގަންނަވަން ޑްރާމާކޮޅެއް ޖެއްސީކަމަށް ބުނެފައި ތެދުވެގެން ގޮސް ފެންތަށްޓެއް ދަމާލައިފި އެވެ. ސޯފިޔާ ގިނަ ސުވާލުތަކެއް ނުކުރިޔަސް އަވަހަށް މާޒިން އަށް ގުޅާލާފައި ގެއަށް ވީހާ ވެސް އަވަހަށް އައުމަށް އެދުނެވެ. އޭރު މާޒިން ޑިއުޓީ ނިމުނީއެވެ. ސޯފިޔާ ނުގުޅިނަމަ އެކުވެރިންނާއި އެކީގައި ކޮފީއަކަށް ނުދާނެ ކަމެއް ނޭނގެއެވެ. މާޒިންގެ އެކުވެރިން ގިނަކަމުން ސޯފިޔާގެ ހިތުގައި ޝަކުވާ އުފެދިފައިވެ އެވެ. އެހާ އެކުވެރިން ގިނަވެއްޖެއްޔާ އާއިލާއަކަށް ވަގުތެއް ނުދެވޭނެ އެވެ. އިރުއިރުކޮޅާ އެމީހުން މާޒިންއަށް ގުޅައިގެން އެތަން މިތަނަށް ގެންދާ ވަރުން ވެސް ސޯފިޔާ ހުންނަނީ ހިތްހަމަނުޖެހިފަ އެވެ.
މާޒިން ގެއަށް އައުމާއި އެކު ސޯފިޔާ އަހައިލީ ކާރުގެ ވާހަކައެވެ. މާޒިން ބުނީ އެކުވެރިއަކު ބޭނުންވެގެން ކާރުދީފައިވާ ކަމަށެވެ. ސޯފިޔާ ހިތްހަމަ ނުޖެހިފައި ހުރިނަމަވެސް މާޒިންއަށް ސައި ހެދިއެވެ. ކުދިން ބާބެކިއު ހަދަންވެގެން އެއްޗެހި ގަންނަން ޖެހޭނެ ކަމަށާއި، ކާރު ނެތުމުން ދަތިވާނެ ކަމަށް ބުނެ ސޯފިޔާ ޝަކުވާ ކުރިއެވެ.
މިޝެލިން ކޮޓަރިން ނިކުމެގެން އައީ ހެދުމުގެމަތިން ސްވެޓަރެއް ލައިގެންނެވެ. ނޭފަތް ރަތްކަމުން ފިނިފެންމަލުގެ ކުލަ އަރާފައި ވެއެވެ. ބަލިވެ އުޅުނަސް އެ ރީތި ދެލޮލާއި، މައްޗަށް ލެނބިފައިވާ އެސްފިޔަތަކުގެ ސަބަބުން ރީތިކަން ފަނޑުކޮށެއް ނުލެވެއެވެ. އެއީ މިޝެލިންގެ އެންމެ ރީތި ސިފައެވެ. އެސްފިޔަތައް ބޯކަމުން ހީވަނީ ދެބަރިއަށް ފަޅާފައިވާހެންނެވެ. މަލީނާއަށް ވުރެ އެއް އަހަރު ހަގުވިޔަސް މިޝެލިން ހުންނަނީ މަލީނާއަށް ވުރެ އިސްކޮޅުން ދިގުކޮށެވެ. އެކަމާއި މިޝެލިން މަލީނާއަށް ޖޯކުޖަހާތީ މަލީނާ ދިގުވާންވެގެން ނުކުރާކަށް ކަމެއް ނޯވެއެވެ. އުމުރުން އަށާރަ އަހަރު ވުމަށް ފަހު އިތުރަށް ދިގު ނުވާނެ ކަމަށް މިޝެލިން ކިޔާތީ އަލީނާ އޮންނަނީ އަބަދު ތަނެއްގައި އެލުވިގެންނެވެ. ސްޓެރެޗާއި އެއްޗެހި ހަދާ، އެވަރަށް ގަދަޔަށް ކައިލައެވެ.
"ވަޓް ހެޕެންޑް ދަރިފުޅާ، ގެ ޕެއިންޓްކޮށްލީމަ މައްސަލަ ޖެހުނީ ދޯ، ޝެލް އެލާޖިކް ވާވަރުން އަހަރެން ހިތަށް އެރި މިފަހަރު ދަވާދު ނުލާނަމޭ އެކަމަކު ރޯދައަށް ގޭގައި ދަވާދު ނުލައިފިއްޔާ މަންމަ ބައްޕަ ގެއިންވެސް ނެރެލާނެ، އެހެންވެ މަޖުބޫރުވީ. ދެން މިއޮތީ ޝެލް ބުނިހެން ޝެލް ކޮންމެ ރޯދައަކަށް ބަލިވެފައި، ސޮރީ ދޫނި މަންމަގެ ކަންތަކޭ........" މާޒިން ސޯފިޔާ އާއި ދިމާލަށް އެއްލޯ މަރާލާފައި ބުނެލިއެވެ. އޭނަ އެއްގޮތަކަށް ވެސް މިޝެލިން ބަލިކަމަށް ގަބޫލެއް ނުކުރެއެވެ. ކިރިޔާ ކިނބިއްސެއް އަޅާލިޔަސް ސޯފިޔާ ކަންތައް ބޮޑުކުރާނެއެވެ. އޭނަގެ ދެކުދިންވެސް ސިއްހަތު ރަނގަޅުވެފައި ރީއްޗެވެ.
"އިޓްސް އޯކޭ އޭ ބައްޕާ، އެކަމަކު ވަރަށް އުނދަގޫވޭ، ސެޓްރިޒިން ގުޅައެއް ކާލަންތަ؟" މިޝެލިން ތަބީއަތު ގޯސްވިއެވެ. ރޯދަމަސް ފެށެންވާއިރަށް ބަލިވީމަ އޭނައަށް ރޯދަހިފާކަށް ފަސޭހައެއް ނުވާނެއެވެ. އޮރެންޖް ޖޫސް ބޮއިގެން މެށިފައިވާ ކަރުތެރެ ތެންމައިލައިގެން ނެތިއްޔާ އޭނައަށް ހާދަ އުނދަގޫ ވާނެ އެވެ. ނަސީބަކުން މަންމަ ހުރީ އޮރެންޖު ޖޫސްޖަގެއް ހަދާފައެވެ. އިރުއިރުކޮޅާ ފްރިޖް ހުޅުވާލައިގެން އޮވެ މިޝެލިން އަށް ކުރެވޭ ކަމަކީ އެއީ އެވެ.
"އޯކޭވާނެ ދަރިފުޅާ، ގިނައިން ޖޫސްބޮއިގެން ރެސްޓް ނަގައިބަލަ ޝެލް، މަންމަ ބުނި ދަރިފުޅު އެހެން މައްސަލައެއް އުޅޭވާހަކަ، ކިހިނެއްވީތަ؟" މާޒިން އެހެން އަހާލުމުން މިޝެލިން އަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް މަލީނާ މިޝެލިން އަށް ވީގޮތް ކިޔައިދިނެވެ. މިޝެލިން ހެމުން ބުނީ މަލީނާ ސިއްސާލަން ވެގެން އޭނަ އެކްޓް ކުރީ ކަމަށެވެ. މަލީނާ ކުޑަކޮށް ލޯއަޅާލާފައި އެތެރެއަށް ވަދެގެން ގޮސް ނިވާވި އެވެ.
"އަހަރެން ބުނީމެއްނު ޝެލްއަކީ ބަލިކުއްޖެއް ނޫނޭ، ދެން އާދައިގެ ކަންތައް ތަކާއި ސޯފީ މާ ކަންތައް ބޮޑުކުރަނީ..." މާޒިން ސޯފާގައި އިށީނދެ ފުޓްބޯޅަ ޗެނެލް އެއް ޖައްސާލައިފި އެވެ.
"މާޒިން، މާ އާދައިގެ ކޮށް ކުދިންގެ ކަންތައް ތިނަގަނީ، އެއީ ހިތުގެ ނޫނީ ސިކުނޑީގެ މައްސަލައަކަށް ވެދާނެނު، މަލީ ކިޔާދިން ގޮތުން ހީވީ ފިޓް ޖެހުނީހެން، ކުއްލިއަކަށް މުޅިކުއްޖާ ހުދުވެފައި، ހަޅޭއްލަވައިގަތީ، ޓޮކްސިންގައި ޑޮކްޓަރެއްގެ ދަރިއެއް މަރުވީ އެ ޑޮކްޓަރު ފަރުވާކުޑަކޮށްލީތީ، އޭނަވެސް މޮޅުމީހެއް އެކަމަކު އަމިއްލަ ދަރިފުޅު ބަލިވީމަ އެއީ އާދައިގެ ކަމަކަށް ހެދީ، އެއީ މާޒިންގެ ފެވެރިޓް ރައިޓަރ ރޮބިންކުކްގެ ވާހަކަ އެކޭ، ވާހަކަ ކިޔާލައިގެން ވެސް މާޒިން ގަނޑު އިބުރަތެއް ނުހޯދާނެ...." ސޯފިޔާ ހަދާންކޮށްލަދިނެވެ.
"ސޯފީ ވާހަކަ ކިޔާތީ އޯވަ ރިއެކްޓް ވަނީ، އެއީ ފޭކް އެއްޗެހި، އައިމް އެ ޑޮކްޓަރ އަހަންނަށް ވެސް އެނގޭނެ އަހަރެންގެ ކުއްޖެއް ބަލިވެއްޖެއްޔާ، ދޭ އާ ނޯމަލް ސޯފީ، އަހަރެން ވެސް ކުދިންނާއި އަޅާނުލާ ނުހުންނާނަން ދޯ، ޝެލްއާއި މަލީ އަކީ އަހަރެންގެ ފުރާނަ...." މާޒިން ގެ ވާހަކަތަކުން ސޯފިޔާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އެކަމަކު މާޒިން ގެ ފަރުވާކުޑަކަމާއި ކުށެއް ނުކުރިޔަސް އެހެން މީހުން އޭނަގެ ބޮލުގައި ކުށް އެޅުވުމުން ހިމޭނުން ހުރުން ފަދަ ސިފަތަކުގެ ސަބަބުން ސޯފިޔާގެ ބޯ ހަލާކުވާ ފަހަރު އައިސްފައި ވަނީ ދިރިއުޅުމުގައި ކިތައް ފަހަރުކަން ގުނާލަން ނޭނގޭނެ އެވެ.
"މޫސުމް ހާދަ ރީއްޗޭ ދޯ، އެހާ ރޮމެންޓިކް...." ފުރާޅުގައި ވައި އަޅުވާލި އަޑު އިވުމުން މާޒިން ބުނެލިއެވެ. ސޯފިޔާގެ ދޮން މޫނަށް ކުޑަ ރަތްކަމެއް ވެރިވި އެވެ.
"ހޫމް، އައި ރިމެމްބަރ...." ސޯފިޔާ އެއްޗެކޭ ބުނަން އުޅެފައި ކުއްލިއަކަށް ދުލުގައި ތަޅެއް ލެވުނުހެން ހީވިއެވެ. މާޒިން ސޯފިޔާ އާއި ދިމާއަށް ކުޑަކޮށް ބަލައިލައިފައި މޫނުގެ ކުލަވަރު ހިނދުކޮޅަކަށް ބަދަލުވި އެވެ. މާޒިން ވަގުތުން ވާހަކައިގެ މިސްރާބު ބަދަލުކުރި އެވެ. ބާބެކިއު ހަދަން ބޭނުންވާ ލިސްޓެއް ތައްޔާރުކޮށްލާފައި ދިނުމަށް އެދުނެވެ. ކާރު ނެތަސް އޭނަ އެއްޗެހި ގަނެގެން ގެނެސްފާނެ ކަމަށް ބުނެފައި މާޒިން ކޮޓަރިއަށް ވަނުމުން ސޯފިޔާ ފުން ނޭވައެއް ދޫކޮށްލިއެވެ. އޭނަ ކޮޓަރިއަށް ވަނުމުގެ ކުރިން މަލީނާ އާއި މިޝެލިން އެކުދިންގެ ކޮޓަރީގައި ކުރަނީ ކޮންކަމެއްތޯ ބަލައިލަން ދޮރު މައްޗަށް އެރިއެވެ. މަލީނާ އެނދުމަތީގައި ވާހަކަފޮތެއް ހުޅުވާލައިގެން އޮތްއިރު މިޝެލިން އޮތީ އެނދުގެ ހުރަހަށް އޮށޯވެލައިގެން ޓެޑީގައި ބައްދާލައިގެންނެވެ. ބޭނުންކޮށްފައިވާ ޓިޝޫތައް އެތަން މިތަނަށް އުކާލާފައި ހުއްޓެވެ. ކޮޓަރީގައި ލާފައިވާ ދަވާދުގެ ވަސް ކަނޑުވައިލަން އެކުދިން ދޮރު ހުޅުވާލާފައި ވިނަމަވެސް އަދިވެސް ފުދޭވަރަކަށް ދަވާދުގެ ވަސް ހިފާފައި ވެއެވެ.
ސޯފިޔާ ބިންމަތީގައިވާ ޓިޝޫތައް ނަގާފައި ޑަސްބިނަށްލީ އިރު އެންމެ ފަހަރަކުވެސް މިޝެލިން ގާތުގައި އެކަން ހުއްޓާލާކަށް ނުބުނެއެވެ. ސޯފިޔާ ދެކެނީ އެއީ ކުޑަކުދިން ކަމުގައެވެ. ކާޓޫނުތައް ދައްކައިގެން، ގޫޒްބަމްޕްސް، އަދި ހެރީ ޕޮޓަރގެ ވާހަކަތައް ކިޔުއްވައިގެން އުޅޭއިރު އެއީ އުމުރުން ސޯޅަ، ސަތާރަ އަހަރަށް ދާކުދިންކަން ސޯފިޔާއަށް ރޭކާލާހެން ހިއެއް ނުވެއެވެ. ސޯފިޔާ އެ އުމުރުގައި އުޅުނު ގޮތުގެ ސަބަބުން، ކުރެވުނު ތަޖުރިބާގެ އަލީގައި މާބޮޑަށް ކުދިން ހިމާޔަތް ކުރަން ބޭނުންވީކަން ނޭނގެ އެވެ.
ހަވީރު މާޒިން ގެއަށް އައީ ބާބެކިއު ހަދަން ކުކުޅު، އަލުވި، ސޮސެޖް އަދި ކޯލް ވެސް ގަނެލައިގެންނެވެ. އެމީހުން ބާބެކިއު ހެދީ ގޭގެ ފަހަތުގައި އޮންނަ ހުސް ތަންކޮޅުގަ އެވެ. ގިނަ މީހުން ތަކެއް ނެތް ނަމަވެސް އެ ކުޑަކުޑަ އާއިލާ އެކީގައި އެފަދަ ކަމެއް ކޮށްލުމުން އުފާވިއެވެ. އިރު އޮއްސުމުން ސޯފިޔާ ގޭގައި ސޯއި އުށްބައްތިތައް ދިއްލާލައިފި އެވެ. ކާމޭޒު މަތީގައި ހުރި އުށްބައްތީގައި ތިން ހުޅުކޮޅު ހުރުމުން ވަކިން ހިތްގައިމު ކަމަށް ދެއްކިއެވެ. ރަތްކުލައިގެ ތަށްޓެއްގެ ތެރޭގައި މަލެއްގެ ބައްޓަމަށް ހަދާފައި ހުރި އެ އުށްބައްތި އަކީ މާޒިންގެ އުފަންދުވަހުގެ ހަދިޔާއެކެވެ. މަލީނާ އާއި މިޝެލިން މަޖާވެލާފައި ހިޔަނީގެ ހުޅުކޮޅަށް އަންނަ ޕަރުވާނާ ތަކާއި ކުޅެން ތިބިއިރު އެކުދިން ތިބީ ފޯރިއެއް އައިސްފަ އެވެ.
މާތް އަޅުކަމުގެ މައްސަރު ފެށުނީއެވެ. ސޯފިޔާ ކުޑައިރުއްސުރެ ހަނދާންވާ ގޮތުގައި އޭނަގެ ދީންވެރިކަމާއި، އަޅުކަން އެންމެ އިތުރުވަނީ ރޯދަމަހު އެވެ. ރޯދަމަހަށް އޭނަ މިހިރީ ގޭގައި ޓީވީ ބެލުން މަނާކޮށްލައިގެންނެވެ. މާޒިން ބުނީ ރޯދަމަހު ހަރާމް ކަމަކަށް ވަންޏާ އެހެން މައްސަރުތަކުގައި ވެސް ޓީވީ ބެލުން ހަރާމް ވާނެ ކަމުގައެވެ. ސޯފިޔާ އެކަން ގަބޫލެއް ނުކުރެއެވެ. އެހެން މައްސަރުތަކާއި ރަމަޟާން ތަފާތުވާން ޖެހޭނެ ކަމަށް ސޯފިޔާ ގަބޫލުކުރެއެވެ. އެންމެން ރޭގަނޑު އިޝާ ނަމާދަށް ފަހު ޓީވީ ޚަބަރު ބަލައިލުމަށް ފަހު ހަނދު ފެނުމުގެ ޖަލްސާ ބަލަން ގަސްތުކުރިއެވެ. ކުއްލިއަކަށް އެންމެނަށް ހައިރާންކަމެއް ލިބުނީ މީގެ ހަތަރު އަހަރު ކުރިން ލަވަ މުބާރާތެއްގައި މިޝެލިން ކިޔާލާފައިވާ ލަވައެއް ގެނެސްދޭން ފެށުމުންނެވެ. އެންމެން ދިމާކޮށްލުމުން މިޝެލިންގެ މޫނު ރަތްވިއެވެ. އުމުރުން ބާރަ އަހަރުގައި ވެސް މިޝެލިން ހުރީ ދިގު އިސްކޮޅެއްލާފައި، މީހުންގެ ލޮލުގައި އަޅައިގަންނާނެ ފަދަ ގޮތަކަށެވެ. އެ އަޑުގެ ފޮނިކަމާއި، ޅަކަމުން ކުޅެނުޅާނެ ހިތެއް ނުވާނެ އެވެ. އޭނަ އޭރު ލައިގެން ހުރި ކަޅުކުލައިގެ ހެދުމާއި ބޮލުގައި އަޅާފައިވާ ފޮތިކޮޅުގެ ސަބަބުން ފެންނަލެއް ހާދަ ފުރިހަމަ އެވެ.
"އެމީހުން ހާދަ ހެއްވައޭ، މިހާރު ޝެލްއަކީ ބޮޑުކުއްޖެއް، އެގޮތަށް ހުއްދަނެތި އެ ލަވަ ފޮނުވައިގެން ނުވާނެ..." ސޯފިޔާ އިނީ ހިތްހަމަނުޖެހިފައެވެ.
"ސޯފީ، އެއީ މައްސަލައެއްތަ؟ ދެން ޝެލް ކުޑައިރުގެ ލަވައެކޭ އެ ދެއްކީ...." މާޒިން ސޯފިޔާގެ ރުޅި ފިނިކުރަން އުޅުނެވެ.
"ކުރެވުނު މޮޔަކަމެއް އެއީ، މިހާރު ލަދުގަނޭ އެހާ ކަޑަ ކަމެއް ކުރެވުނީމަ، މިއުޒިކާއި ލަވަކިޔުމަކީ ހަރާމް ކަމެކޭ މާޒިން......" ސޯފިޔާ ދެރަވިއެވެ.
"އެފަހުން ޝެލް ސްޓޭޖަކަށް ނާރައެއްނު، ކުޑަކުދިންނަށް އެއްވެސް ކަމެއް ހަރާމްވޭތަ؟ ކުދިން ކުޑައިރު އުޅެނީ ހެދުން ނުލައި، ވަކި އުމުރަކަށް ދިޔައިމަ ބުރުގާ އަޅައި ފޮރުވެނީ، ބޮޑުމީހުންނަށް ވީމަ ކަންތައް ވާޖިބުވަނީ، ދެން އެކަމާއި އަޅާނުލާބަލަ ސޯފީ......" މާޒިން ކިތަންމެ ވަރަކަށް ވިސްނައިދިނަސް ސޯފިޔާ އަކަށް ގަބޫލެއް ނުކުރެވުނެވެ. ރުޅިގަދަވި ވަރުން ޓީވީ މީހުންނަށް ގުޅަން ހިތަށް އެރިއެވެ. އެކަމަކު އަމިއްލަ ހިތަށް ވިސްނައިދީގެން އެ ޚިޔާލު ހިތުން ނެރެ އެއްލާލައިފިއެވެ. މިޝެލިން އިނީ ލަވަކިޔާ ހިތުންނެވެ. ކޮޓަރިއަށް ގޮސްފައި އޭނަ ލަވަ ކިޔަން ފެށުމުން މަލީނާ ބުނީ މިހާރު މިޝެލިން އަށް ލަވަކިޔަން ނޭނގޭ ކަމަށާއި، ލަވައިގެ ދުނިޔެމަތިން ހަނދާން ނައްތާލުމަށެވެ.
"ދުނިޔޭގައި ހުރި އެންމެ މޮޅު ލަވަކިޔުންތެރިޔާއަށް ވާނަން، މިހެން އުޅެލާފައި އަދި ދާނަމޭ މާމަ ކާރިއަށް މާލެއަށް...." މިޝެލިން އެހެން ބުންޏަސް އެއީ އެހާ ފަސޭހައިން ކުރެވޭނެކަމެއް ނޫންކަން މަލީނާއަށް ޔަގީންވިއެވެ. އޭނަގެ މަންމަ ސޯފިޔާ އާއި މާމަގެ އޮންނަ ގޮތްނޭގޭ ގުޅުމުގެ ސަބަބުން އެއީ އެކަށީގެންވާކަމަކަށް ނުވާނެއެވެ.
ބޯކޮށް ވާރޭ ވެހިގަތުމާއި އެކު ހީވީ ފުރާޅު މަތީގައި ވެލިތަކުން ތަޅައިގަތް ހެންނެވެ. ރަމަޟާން މަހަށް ރަހުމަތުގެ ވާރޭ ވެއްސެވީކަމަށް ސޯފިޔާ ދެކުނެވެ. އިރުވައި މޫސުމުގައި ފެން ވެހުނުލެއް މަދުކަމުން އެމީހުންގެ ފެންތާނގީ ހުސްވެ، މިނެރަލް ވޯޓަރ ބުއިމުގެ ސަބަބުން ގޭގެ ޚަރަދު ބޮޑުވެފައިވަނިކޮށް މިވީ ކިހާ ރަނގަޅަށް ހެއްޔެވެ؟ އުޑުމަތި ބަނަކޮށްލާފައި ވިލާތައް ވިއްސި ވިހާލިވެގެން ދާތީ ސޯފިޔާ ދެރަވެފައި ހުންނަތާ ހަފްތާއެއްހާ ދުވަސް ވެއްޖެއެވެ. މާޒިން ބުނާނީ ކެތްކުރުމަށެވެ. އިންތިޒާރު ކުރުމަށެވެ. އިންތިޒާރު ކުރުމުގެ މޭވާ ފޮނިވާނެ ކަމަށެވެ. އެބުނިހެން ރޭގަނޑަށް ބޯކޮށް ވާރޭވެހި ތާނގީތަކަށް ފެން ނެގުނެވެ. އެއީ ސޯފިޔާ ދުށް ގޮތުގައި ހެޔޮ ފާލެކެވެ.
ދަންވަރު ބާރަޖަހާ އެހާކަށް ހާއިރު ސޯފިޔާ އަށް ހޭލެވުނީ ކޮންމެވެސް މީހަކު ދޮރުގައި ޓެކިދޭން ފެށުމުންނެވެ. ޖެހި ގުގުރި އަކާއި އެކީގައި ސޯފިޔާ ވެސް ބިރުން ރޫރޫ އަޅައިގަތެވެ. ސޯފިޔާ އަވަހަށް ދޮރު ހުޅުވައިލި އިރު ދޮރުމަތީގައި ހުރީ މިޝެލިންއެވެ. މިޝެލިން ހުރީ ބިރުގެންފަ އެވެ. އެހެން ރޭރޭ ވާރޭ ވެހުނަސް މިޝެލިން އެހާ ބިރަކުން ނޫޅެއެވެ. މިޝެލިން އެހާ ބިރުގަންނަންވީ ކީއްވެ ހެއްޔެވެ؟ އިރުކޮޅަކުން މިޝެލިން އަށް ނިދުމުން ސޯފިޔާ މާޒިން ގާތުގައި އެ ޝަކުވާ ކުރަން ފެށިއެވެ.
"އެހެންވެގެން ހަނީ ގާތު މި ބުނަނީ ޝެލްގެ ނަފްސާނީ ނޫނީ އެހެން ކަހަލަ މައްސަލައެއް ހުރެގެންނޭ އެހެން ވަނީ، މަލީ އާއި ކިހާ ތަފާތު، ޝެލް ސީޓީ ސްކޭނެއް އެއްޗެއް ހަދާލަންވީ އެއްނު....." ސޯފިޔާ ގެ ނިދި ފިލައިގެން ހިނގައްޖެ އެވެ. މިފަހަކަށް އައިސް އޭނަ މާބޮޑަށް ކަންތަކާއި ފިކުރުބޮޑުވެ، ޚިޔާލު ގިނަވަނީ ކީއްވެބާވަ އެވެ. ދަރިން ޒުވާން ވާތީ ހެއްޔެވެ؟ ނޫނީ އޭނަގެ ލޭމަތިވެ އެހެން މައްސަލައެއް ޖެހެނީ ބާވައެވެ. ނަފްސާނީ މައްސަލައެއް އުޅެނީ ބާވައެވެ.
"މްމްމް......" މާޒިން ނިދީގައި އޮވެ ހަމަނުޖެހޭ އެއްޗެކޭ ކިޔާލާފައި އަނެއް ފަރާތަށް އެނބުރުމުން މިރޭ މާޒިން ލައްވާ ވާހަކައެއް ދެއްކުމަކީ ފަސޭހަވާނެ ކަމެއް ނޫންކަން ސޯފިޔާ ދެނެގަތެވެ. ސޯފިޔާ ނިތްމަތީގައި އަތް ބާއްވާލައިގެން ވާރޭގެ ހިތްގައިމު އަޑުއަހަން އެތައް އިރެއްވާންދެން އޮތެވެ. ފުރާޅުމަތީގައި ވާރޭގެ މިލިއަން ތިކިތައް ބޮސް ދެމުންދާއިރު އެ އިވެނީ ކޮންފަދަ ހިތްގައިމު ރާގެއް ހެއްޔެވެ؟ އެމަޑު ނާނާގެ ސަބަބުން ސޯފިޔާގެ އެސްފިޔަތައް ބަރުވަމުން ގޮސް ނިދުނީ ކޮން އިރަކު ކަމެއް ނޭނގެ އެވެ.
މިޝެލިން ބިލިގާ ފުރެންދެން ފެންއަޅައިލުމަށް ފަހު ބިލިގާތެރެއަށް ހަށިގަނޑު ގަންބާލައިގެން ހަމަޖެހިލިތަނާ މަލީނާ ދޮރުމައްޗަށް އެރުމުން މިޝެލިން އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ. ސޯފިޔާ ކުރަން ހުރިކަމެއް ކުރަން ހުރެފައި ދުވެފައި އައުމުން މިޝެލިން ޝަކުވާކުރިއެވެ.
"ތެދެއް މަލީ، ކޮއްކޮ ފެންވަރަން އޮއްވާ ނުވަދެބަލަ...." ސޯފިޔާ ހިނި އައިސްފައި ހުރެ މަލީނާގެ އަތުގައި މަޑުމަޑުން ޖަހައިލައިފި އެވެ.
"އިޓްސް ހާ ފޯލްޓް، ޝެލް ދޮރު ތަޅުނުލާ ހުރީމަ ކިހިނެއް އެނގޭނީ، އެހެން ނޫނަސް ޝެލްގެ އެހެން މީހުންގެ ނެތް ކަމެއް ހުރީތަ؟ މަލީ ބަލާކަށް ނުވެސް އުޅެމޭ...." މަލީނާ ހީގަނެފައި ދޮރު ލައްޕާލާފައި ބޭރަށް ނިކުތެވެ. މިޝެލިން ތުން އޫކޮށްލައިގެން އޮވެ އޭނަގެ އޮމާން ފައިގައި ސައިބޯނި ލާންފެށިއެވެ.
މަންމަ ކުޑައިރުއްސުރެ އަންގާފައި ވަނީ އެއްވެސް މީހަކު ގައިގެ އެއްވެސް ތަނެއްގައި އަތްލައިފިއްޔާ މަންމައަށް އެކަން އެނގެން ވާނެ ކަމުގައެވެ. އެއީ މުޅިން މަނާ ކަމެއް ކަމާއި އެއްވެސް މީހަކަށް މިޝެލިން ހެދުން ނުލައި ހުއްޓާ ފެނިގެން ނުވާނެ ކަމެވެ. މިޝެލިން ގެ އުމުރުން ދެއަހަރުން ފެށިގެން ވެސް އޭނަ މީހަކު ހުއްޓާ ހެދުން ބޭލިޔަކަ ނުދޭނެ އެވެ. މަންމަ އާއި ބައްޕައަށް ނޫނީ އެ އުމުރުގައި ވެސް ފެނިލާކަށް އެކުދިންނަކަށް ނުކެރެ އެވެ. އެވަރަށް ސޯފިޔާ ހުރީ އެކަންތައް މިޝެލިން އާއި މަލީނާގެ ޅަ ހިތްތަކަށް ވައްދައިދީފަ އެވެ.
ސޯފިޔާ ޕިއްޒާ އަކާއި، އަލުވި ޕެޓީޒް އަދި ކެރަމަލް ފޮޅިހެދިއެވެ. ފަރާޓާއާއި ކުޅިމަސް ހެދިޔަސް ބާކީވާނެކަން ސޯފިޔާއަށް ވަނީ ފާއިތުވެދިޔަ އަހަރުތަކުގެ ތަޖުރިބާއިން އެނގިފަ އެވެ. މަލީނާމެން ހެދިކާއިން ފުއްދާލާނެއެވެ. މާޒިންއަކީ ކެއުން ގިނަމީހެއް ނޫނެވެ. ކާއެއްޗެހީގެ ރަހަ ބަލައިލައިފައި މީރޭ ބުނެލީމަ މާޒިން އަށް ކެވުނީ އެވެ. މަލީނާ ގަޔާވެގެން ހެދިކާ ހެދުމުގައި މަންމައާއި ބައިވެރިވެގެން އުޅުނަސް މިޝެލިން އޮތީ ދުވާލު ހަތަރުދަމު ވެސް ނިދާލާފައެވެ. މިޝެލިން ބުނީ ސެޓްރިޒިން ކެއީމަ ވަރުބަލި ވަނީ ކަމަށެވެ. އިރުއޮއްސެން ކައިރިވީ ފަހުން އަވަށްޓެރި ދެގެއަކުން ހެދިކާ ހިފައިގެން އައުމުން ސޯފިޔާ ވެސް އެގެއިން ހެދި އެއްޗެހިން ބައެއް ހަދިޔާކުރިއެވެ.
އިޝާ ނަމާދަށް ފަހު ތަރާވީސް ކޮށްލައިގެން މާޒިން ގެއަށް އައީ ތަންކޮޅެއް ލަހުންނެވެ. އޭރު އެންމެން މޭޒުދޮށުގައި ކާން ހަދައިގެން މާޒިންގެ އިންތިޒާރުގައި ތިއްބެވެ. މާޒިން ދިން ޚަބަރަކުން މަލީނާ އާއި މިޝެލިން "ޔޭ" ކިޔާފައި އުފަލުން ހަޅޭއްލަވައިގަތުމުން ސޯފިޔާ ގަދަކަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. މާޒިންއަށް މާލެއިން ވަޒީފާ ހަމަޖެހިގެން މާލެއަށް ބަދަލުވާ ޚަބަރަކީ ސޯފިޔާ ހޭލާހުއްޓާ ފެނުނު ބިރުވެރި ހުވަފެނެކެވެ. އެއްގޮތަކަށް ވެސް އޭނަ މާލެދާކަށް އެއްބަހެއް ނުވާނެ އެވެ. އެކަމަކު ކުދިން ކުރިމަތީގައި ޒުވާބުކުރުމަކީ މިވީހާ ތަނަށް އެދެމަފިރިން ނުކުރާ ކަމެކެވެ. ކޮޓަރީގެ ހަތަރުފަރާތުން އެތެރޭގައި ނޫނީ ދެމީހުން ރުޅިއައިސްގެން އެއްޗެކޭ ބުނެފައެއް ނުވާނެ އެވެ. އެހެންނޫނަސް މިވީހާ ތަނަށް މާޒިން އާއި ސޯފިޔާ އުޅެމުން އައިސްފައި ވަނީ ހުރިހާ ކަމަކާއި މަޝްވަރާކޮށް، އެކަކު އަނެކަކަށް ދޫދީގެން ލޯބިންނެވެ. ސޯފިޔާ ހިމޭނުން އިނެވެ.
މަލީނާ އާއި މިޝެލިން ދައްކަން ފެށީ މާލޭގެ ކޮލެޖުތަކުން ޖާގަ ހޯދުމުގެ ވާހަކައެވެ. ސިއްރުސިއްރުން ޕްލޭންތައް ކުރެވޭނީ ކޮޓަރިއަށް ގޮސް ދެކުދިން އެކަނި ވުމުން ކަމަށް ވާތީ ތެޅިފޮޅިގެން ކައި ނިންމާލާފައި ދެކުދިން ކޮޓަރިއާއި ދިމާއަށް ދުއްވައިގަތް އިރު ބިންމަތީގައި ފައި ހަރުނުލައެވެ.
"ދޭ އާ ސޯ ހެޕީ...." މާޒިން އަށް ސޯފިޔާ ނުރުހިފައިކަން އެނގުމުން ކުޑަ ހުނުމަކާއި އެކު އެހެން ބުނެލާފައި ގޮސް މާޒިން ސިންކު ކާރީގައި ހުއްޓި ހުރެ އަތް ދޮންނަން ފެށިއެވެ.
"ތިވާހަކަ ދައްކާނީ ކޮޓަރިއަށް ގޮސްފައި......" ސޯފިޔާ ތަށިތައް ދޮންނަން ފެށިއެވެ. އެހެން ދުވަހަށް ވުރެ މުރަނަކޮށް މަސައްކަތް ކުރާތީ ތަންކޮޅެއް އަޑުގަދައެވެ. މާޒިން މިއަދު އެހީވާން އުޅުމުން ސޯފިޔާ އެންގީ އޭނަ އެކަނި ނިންމާލަފާނެ ކަމަށެވެ. މާޒިން ކޮޓަރިއަށް ވަދެ ނިދާބޮކި ދިއްލާލާފައި އެނދުގެ މަޑު ކުއިލްޓްގެ ތެރެއަށް ވަދެ އެ ދިގު ހަށިގަނޑު ދަމާލައިގެން ސޯފިޔާގެ އިންތިޒާރުގައި އޮތެވެ. ފަނަރަ ވަރަކަށް މިނިޓް ފަހުން ސޯފިޔާ ކޮޓަރިއަށް ވަނުމާއި އެކު ބުނެލި ޖުމްލައަކުން މާޒިންގެ މޫނުގައި ވި އުފާވެރިކަން ފަނޑުވެގެން ހިގައްޖެއެވެ.
"މާޒިން، އެއްގޮތަކަށް ވެސް މާލެއަކަށް ބަދަލެއް ނުވެވޭނެ، މާޒިން މާލެ ދިޔަސް ވީ ކެން ސްޓޭ ބެކް..." ސޯފިޔާގެ ރާގުގައި ހުރީ ގޮތްދޫނުކުރާ ގޮތެކެވެ.
"ކީއްވެތަ؟ " މާޒިން ދެރަވިއެވެ.
"މާޒިން އަށް އެނގޭނެ އަހަރެމެންގެ ގާލްސް އިން ހިމާޔަތްކުރަން ކިހާ މަސައްކަތެއް ކުރާކަން، ހާދަ ވަރަކަށް ބަލަހައްޓައިގެން މި އުމުރަށް އެކުދިން އައީ، އެކަމަކު މާޒިންގެ މަންމަ އާއި އެއްބަނޑު އެތައް މީހުންނާއި ދަރިން އެއް ގެއެއްގައި އުޅޭއިރު ކުދިން ގޮވައިގެން ގޮސް ކިހިނެއް އުޅޭނީ؟ އެގޭ ތެރޭގައި އެކުދިން އުޅޭނެ ގޮތެއް ބަލަން އަބަދުހެން ހިޔަނިހެން ހުރެވޭނެތަ؟ އެކުދިންގެ ކަޒިންސްއިންގެ ތެރޭގައި ބޯއިސް އިން އެބަތިބި، މާޒިން ޕްލީޒް މަޖުބޫރު ނުކުރައްޗޭ، އަހަރެމެން ގެ ކުދިން ކިހާ އިނޮސެންޓް، އެއީ އަގުބޮޑު ޖަވާހިރު ފަދައިން ފަރުވާތެރިކަމާއި އެކު ގެންގުޅެފައިވާ ދެކުދިން، މާލެފަދަ ތަނަކަށް ގެންގޮސްފިއްޔާ ކުދިން ހަލާކުވެދާނެ، ކިހިނެއް ކެތްކުރާނީ؟ ހުރިހާ ވާހަކަ ތަކާއި، ފިލްމުތަކުން މިފެންނަނީ އެބިއުޒް ވާހަކަ، ނޫހެއް ހުޅުވާލިޔަސް އެވާހަކަ، ޚަބަރު ބަލަން ޓީވީ ޖައްސާލިޔަސް ލަދުން ބޯ ހަލާކުވާ ވަރުވޭ، މާލެ ގޮސްގެން ކުދިންނަށް ރައްކާތެރި މާހައުލެއް ނުހޯދޭނެ، ހަނީ، އަހަރެމެން އަޅާލާވަރަށް ކުދިންނާއި އަޅާލާނެ އެހެންބަޔަކު ވާނެތަ؟ ބުނެބަލަ މާޒިން........." ސޯފިޔާގެ ލޮލުގައި ކަރުނަ ގިނަވެގަތެވެ. މާޒިން އެނދުގެ ހެޑްބޯޑަށް ލެގިލައިގެން އިށީނދެއްޖެ އެވެ. ސޯފިޔާ ދެއްކި ވާހަކަތައް އޭނަ ގަބޫލުކުރިއެވެ. އެކަމަކު ކުދިން ބޮޑެތިވެ ދެކުދިން އެކީގައި އޭލެވެލް ހެދުމަށްފަހު މިހާރު އެތިބީ ކޮލެޖް ދިރިއުޅުމެއް ފަށާވަރު ވެފައެވެ. އެކުދިންނަށް ވެސް ދުނިޔެ އެނގެންވާނެ އެވެ. މާލެ ދިޔަސް މައިންބަފައިންނަށް ކުދިން ރަނގަޅަށް ނުބެލެންވީ ސަބަބެއް ނެތެވެ. ތަންކޮޅެއް އުނދަގޫވެދާނެ އެވެ. އެކަމަކު އަބަދަށް ޓަކައި ފޮރުވައިގެނެއް ވެސް ނޫޅެވޭނެ އެވެ.
"ސޯފީ، އަހަންނަށް އެނގޭ، އަހަރެން ހުރިހާ ގޮތަކަށް ވިސްނާފައޭ އެގޮތަށް ނިންމީ، ސޯފީއަށް އެނގޭތަ؟ " މާޒިން ސޯފިޔާގެ ގާތުގައި ދެން ބުނި ޖުމްލައަކުން ސޯފިޔާގެ ތުންފަތް މައްޗަށް ކުޑަ ހިނިތުންވުމެއް ވެރިވިއެވެ. މާޒިން އެހާ ލޯބިން އާދޭހާއި އެކު ބުނަން ފެށުމުން ސޯފިޔާއަށް ދެކޮޅުހަދާކަށް ނުކެރުނެވެ. ސޯފިޔާ ބޭނުމީ ދީނުގައި އޮތްގޮތަށް އޭނަގެ ކުދިން ބަލައި ބޮޑުކޮށް، ރަނގަޅު ހަޔާތުގެ ބައިވެރިން ހޯދަދިނުމެވެ. އޭރުން އޭނަގެ ވާޖިބު އަދާކުރެވުނީއެވެ.