ތިއާގެ މޫނު ލޭ ކޮޅަކަށް ވިއެވެ. ހާސް ހިޔާލުން ސިކުނޑި ފުރިގެން ދިޔައެވެ. ހަޅޭއްލަވައި ގަންނަން ހިތަށް އެރިއެވެ. އީތަންގެ މޫނުގައި ބޮނޑިއެއް އަޅައިފައި ދުވެ ފިލަން ހިތް ގޮވައިލިއެވެ. ބިންފަޅާފައި އަޑިއަށް ދިއުން އެދި ދުޢާ ކުރެވުނެވެ. އެހުރިހާ ހިޔާލެއް ސިކުނޑީގައި އެނބުރެމުން ދިއުމާއެކުވެސް ތިއާ ހަދާނެ ގޮތް ހުސްވި ކަހަލައެވެ. ބަހައްޓާފައި ހުރި ބުދެއްހެން އޭނާ ފާޑަކަށް ގަނޑުވިއެވެ. އީތަން ވެސް އެހާ ނުބައި ގަޑިއެއްގައި އައިސްފާނެ ކަމަށް ހީކުރެވޭނީ ކިހިނެތް ހެއްޔެވެ؟ ލުޖައިން ކައިރީ ނުބުނެވުނުނަމަ އޭނާ އޮތީހީ ދޮރުވެސް ތަޅުލައިގެންނެވެ.
"ވާއު. ވަޓް އަ ތިއަރީ." އީތަން ހީވަނީ އަދިވެސް ބޮޑަށް ތިއާ ލަދުގަންނަވަން އުޅޭހެންނެވެ. ނުލަފާ ވައްތަރަކަށް ހިނިއައިސްފައި ހުރެގެން ކައިރިއަށް އައިސް ހުއްޓުނުފަހުން ތިއާގެ ހަށިގަނޑަށް މުޅިން އެހެން ޖޯޝެއް އައި ކަހަލައެވެ. ދެން ހީވީ ތޫފާނެއް އުފެދުނުހެންނެވެ. ތިއާ އެލަދުވެރިކަން ނިވަލަކަށް ހެދުމަށްޓަކައި ރުޅި އައްޑަނަ އަކަށް ހަދައިގެން އެނދުމަތިން އަތުޖެހުނު އެއްޗެއްވިއްޔާ ނަގައި އީތަން އާއި އަމާޒުކޮށް އުކަންފެށި އިރު ހަމަހޭވެސް ހުރިހެނެއް ހިއެއްނުވެއެވެ. އީތަން އެހަމަލާ ތަކުން ރެކެންވެގެން ދެއަތްތިލައިން މޫނާއި ދިމާއަށް ހުރަސްކޮށްލައިގެން ހުރެވެސް ބާރަށް ހެމުން ދިޔައެވެ. ތިއާ ރުޅިގަދަވީ ވަރަކަށް އީތަންއަށް ވީ މަޖަލެވެ. ހިނިގަނޑު މައިތިރި ނުކުރެވިގެން އުޅެނީ އެހެންވެއެވެ.
"ނުލަފާ މީހާ. ހައު ޑެއަރ ޔޫ. ނޮކް ނުކޮށް ގާރލްސް ރޫމަށް ވަނުމަކީ ބޭޑް މޭނާސް ތެރޭ ހިމެނޭ ކަމެއްކަން ނޭނގޭތަ؟ ތިއުޅެނީ މަގޭ ހުރި ނުލަފާކަން ނޭނގިގެން. މަމް އާއި ޒޯއީ ކައިރީ ކުޓުވާލައިގެން މިގެއަށް ވަނުން މަނާ ނުކުރިއްޔާ މަގޭ ނަމަކަށް ތިއާއެއް ނުކިޔާނެ." އެނދުމަތީ ހުރި ބާލީސްތަކާއި ކުޝަންތަކަށްފަހު ހެޑްބޯޑްމަތީ ހުރި ފޮތްތަކަށްދާން ދެން އުކައި ހުސްވެގެން ތިއާ މޮޔައެއްހެން ދެފަރާތް ހޯދަމުން ދަނިކޮށް އީތަން އެފުރުސަތުގެ ބޭނުން ހިފާފައި ތިއާގެ އަތުގައި ހިފާ ދަމައިގަތެވެ. "ހައު އެބައުޓް އެނދި މަރިޔަނބު؟ އެއީ ރާއްޖޭގައި ދިރިއުޅުނު އެންމެ ނުފޫޒްގަދަ އަންހެނާ. ރުޅިގަދަ ކަމާއި ނުފޫޒާއި ހުރިހާ ކަމަކަށް ބެލީމަވެސް ކިހާ ގުޅޭ. އޭނަ ނޫނަކަސް ތިހިރަ އަނދައި ހުލިވަނީ." އީތަންގެ ޖުމްލައިން ތިއާ އިތުރަށް އަނދައިގަތެވެ. އެރީތި ދެލޮލުން ގިނަވެފައިވާ ކަރުނަތައްވެސް އެއީ ވޮލްކޭނޯ އަކުން ބޭރުވާން ތައްޔާރުވެފައިވާ ލާވާ ކޯރެއް ފަދައެވެ.
"އަތުން ދޫކޮށްލާ!" ތިއާ އީތަންގެ އަތް ފޮޅުވާލަން އުޅެ ކާމިޔާބު ނުވެގެން ހަޅޭތްލަވައިގަތެވެ. "މިހާރު ދެން އެނގޭތަ ޕްރެގް ވަނީ ކިހިނެއް ކަން؟ މަށަށް ޝައްކު އަދިވެސް. އިފް ނޮޓް އައި ކޭން ޓީޗް ޔޫ ވިތް އެކްޝަން." އީތަން އަޑު އިވުނުކަމަށް ނުހަދައި އަނެއްކާ ކުރީގެ ވާހަކަ ފަށައިގެން ކުރިއަށް ގެންދިޔައެވެ. ތިއާ ހަމައިން ނެއްޓުނީ އެހިސާބުންނެވެ. ތުރުތުރު އަޅައިގަތުމާއެކު ކުޑަކޮށް ބޯ ގުދުލައިފައި އީތަންއަށް ވިސްނައިލާނެ ފުރުސަތެއް ވެސް ނުދީ އަތުގައި ދަތް އެޅީނުން ކަނޑައިލައިފިއެވެ. "އައުޗް!" އެކުއްލި ހަމަލާއަށް ތައްޔާރުނުވެ ހުރި އީތަންއަށް ދޫދެވިއްޖެއެވެ. ތިއާ އެފުރުސަތުގެ ބޭނުން ހިފާފައި އަވަހަށް ސަލާމަތް ވެގެން ދުވެފައި ގޮސް ފާޚާނާއަށްވަދެ ދޮރު ތަޅުލައިފިއެވެ. އީތަން ބަލައިލި އިރު ބޮޑުވައި އިނގިއްޔާއި ދިމާލުން ލޭ އަންނަނީއެވެ. އެވަގުތު އީތަންގެ ތުންފަތަށް އަނެއްކާވެސް ވެރިވެގެން ދިޔައީ ހިނިތުން ވުމެކެވެ. ތިއާގެ އެ ނުސިޔާނު ކަމުން ރުޅިއައުމުގެ ބަދަލުގައި އީތަންއަށް ވެވެނީ ގަޔާއެވެ. އީތަން ހިނިތުންވެފައި ހުރެގެން ޖީބުން ރުމާނަގައި ބާރުކޮށް އަތުގައި އައްސައިލާފައި ކޮޓަރިން ނިކުމެގެން ދިޔައެވެ.
ތިއާ ފާޚާނާ ތެރޭގައި ހުރެފައި އެންމެފަހުން ރުޅިގަނޑު ފިނިނުވެގެން ފެންވެސް ވަރައިފިއެވެ. ބާތްރޯބް ލައިގެން ހުރެވެސް އޭނާ ފުރަތަމަ ބޯދިއްކޮށްލާފައި ކޮޓަރި ތެރޭގައި މީހަކު ހުރިތޯ ބެލިއެވެ. ނިކުމެފައި އެންމެ ފުރަތަމަވެސް ދުވެފައި ގޮސް ދޮރު ތަޅުލިއެވެ. ތިއާ ޑްރެސިންޓޭބަލް ކުރިމަތީގައި ހެއަރ ޑްރަޔަރ ކަރަންޓަށް ޖަހައިގެން އިސްތަށިގަނޑު ހިއްކަން އިންދާ ފޯނަށް މެސެޖެއް އައެވެ. "ރުޅިގަދަވެފަ ހުންނައިރު ހާދަ ރީއްޗޭ!" އީތަން އިގިރޭސިބަހުން ލިޔެލާފައި އޮތް މެސެޖް ފެނިފައި ތިއާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އިޙުތިޔާރަކާ ނުލައެވެ. "ޑޯންޓް!" ފޯން ބާއްވާފައި އިސްއުފުލައިލި ތަނުން ލޯގަނޑުން ހިނިތުންވެފައިވާ އަމިއްލަ ސޫރަ ފެނިފައި ތިއާ އަމިއްލަ ނަފްސަށް އަޑުލައިގަތެވެ. ދެވަނަ ސިކުންތުގައި އަމިއްލައަށްވެސް ލޯ އަޅައިލިއެވެ. ހީވީ މަނާކަމެއް ކުރެވިގެން ހަނދާންކޮށްދިން ހެންނެވެ. ދެވަނަ މެސެޖް އައީ ތިއާ ނިދަން އޮތްވައެވެ. އެމެސެޖުގައި އޮތީ މާދަމާ ރެއަށް އިންތިޒާރު ކުރާ ވާހަކައެވެ.
ލުޖައިން އެނދުގައި ފުރޮޅި ވަރުބަލިވީ އިރުވެސް ލޮލަކަށް ނިންޖެއް ނައެވެ. ޝަކީބާގެ ވާހަކަތައް ސިކުނޑީގައި ގުގުމާލާފައި ވަނީ ހުރިހާ އަރާމަކަށް ހުރަސް އަޅާފައެވެ. ލުޖައިން ތެދުވެފައި ފެން ބޯންވެގެން ބަލައިލި އިރު ޖަގުގައި އެންމެ ފެންތިއްކެއްވެސް ނެތެވެ. ދިހައެއް ޖެހިފަހުން އޭނާ އެނދުގައި އޮށޯތީއްސުރެ އިރު އިރުކޮޅާ ކުރިކަމަކީ ތެދުވެގެން ފެން ބުއިމެވެ. އެވަރުންވެސް ކަރުތެރެ ހިކި ފެނަށް ބޭނުންވެފައިވާހެން ހީވަނީއެވެ. ލުޖައިން ގަޑި ބަލައިލައިފައި ޖަގު ހިފައިގެން ބަދިގެއަށް ދިޔައެވެ. އެނބުރި އައި މަގުމަތީގައި އޭނާއަށް މީހަކު ރޯއަޑު އަޑު އިވުނުހެން ހީވެގެން ފިޔަވަޅު ތަކަށް ހުއްޓުމެއްއައެވެ. ލުޖައިން ކޮޓަރި އާއި އަރައި ހަމަވެފައި ދުރު ދުރަށް ލޯ ހިންގައިލި އިރު ކޮރިޑޯގެ އެންމެ ބިތްދޮށުގައިވާ ކޮޓަރިން ބޭރަށް ފޭދިފައިވާ އަލި ފެނުނެވެ.
އެއީ ޝަކީބާ ފިރިމީހާ އިންނަ ކޮޓަރިއެވެ. މާކުރިއްސުރެ ލުޖައިންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކާއި ހެދި އެކޮޓަރީގައި ހިނގަނީ ކޮންކަމެއްތޯ ބަލައިލަން ހިތް އެދުނެވެ. ކޮޓަރިއަށް ވަދެ ފެންޖަގު ބަހައްޓާފައި އޭނާ ވަގެއްހެން އިނގިލި ކުރި ޖައްސައިގެން ގޮސް ހުޅުވިފައިވާ ހަނިދާރައިން އެތެރެ ބަލަން ފެށިއެވެ.
ލުޖައިންއަށް ފެނުނީ ޝަކީބާގެ ފިރިމީހާ އާދައިގެ މަތިން ފުރޮޅުލީ ގޮނޑީގައި ދޮރާއި ފުރަގަސްދީގެން އިންދައެވެ. ތިރީގައި ޝަކީބާ އިނީ ގޮނޑީގެ މުއްގަނޑުގައި ދެއަތުން ހިފަހައްޓައި ގެންނެވެ. ލުޖައިން ހައިރާންކޮށްލީ ޝަކީބާ އެގޮތަށް ޓައިލްސްމަތީ އިނީމައެއް ނޫނެވެ. އެކަމަކު އެދެލޮލުން ހޯސްލާފައި ފައިބަމުން ދިޔަ ކަރުނަތައް އެއީ އޭނާ އަޖައިބު ކުރުވި އެއްޗަކަށްވިއެވެ. އެދެމެދުގައި ދެކެވެނީ ކޮން ވާހަކައެއް ތޯ އަހަން ވެގެން ލުޖައިން ކަންފަތް ހުޅުވާލިއެވެ. އެކަމަކު ރުއިމުގެ އަޑު ފިޔަވައި އިތުރު އަޑެއް ނާދެއެވެ. މިގޭތެރޭގައި އޭނާއަށް ނޭނގޭ ސިއްރުތަކެއް ވާ ކަމުގައި ފުރަތަމަ ފަހަރަށް ހިތް ބުނެލިއެވެ. ލުޖައިން އިންތިޒާރުގައި ހުރެ ޝަކީބާ އެއްޗެއް ނުބުނުމުން ކޮޓަރިއަށް ދާންވެގެން އެނބުރިލިއެވެ. އެވަގުތު ލުޖައިންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ޒަކްވާން ހުރީ ކުރިމަތީގައި ޖައްސާފައެވެ. ޒަކްވާންއަށް އޭނާ ސިއްރު ކުރި ކަންތައް އެނގޭނެއޭ ހިތަށް އަރާފައި ވަގުތުން އެސްފިޔަތައް ތިރިވެއްޖެއެވެ.
"ކަމް ވިތް މީ!" ޒަކްވާން އަމުރުވެރި ގޮތަކަށް އެހެން ބުނެލައިފައި ގޮސް ލިވިންރޫމްގެ ކަނާތް ފަރާތުގައިވާ ބެލްކަންޏަށް ނިކުތެވެ. ލުޖައިން ކަންބޮޑުވެފައި ފަސްފަހަތުން އެތަނަށް ނިކުތް އިރު ޒަކްވާން ރެއިލިންގައި ބަނޑު އަޅާލައިގެން ތިރިބަލަން އޮތެވެ. އަޅިކުލައިގެ އަތްދިގު ގަމީހަކާއި ހުދު ހަރުވާޅެއްގައި ޒަކްވާން ކުޑަ ތަފާތެއް ހުރިހެން ހީވެގެން ލުޖައިންއަށް ބަލައިލެވުނެވެ. ތަނަށް ވެރިވެފައިވާ އޮރެންޖް އަލީގެ ސަބަބުން ފެންނަ ގޮތެއްކަން އެނގުނީ ދެނެވެ. ކޮންމެ ކަހަލަ ހެދުމެއްގައިވެސް ޒަކްވާން ރީއްޗެވެ. އިސްތަށިގަނޑު ބަހައްޓާފައި ހުންނަ ގޮތުން ޅަ ސިފަގަނޑު ޖެހިއަސް ނިކަން ހިތްގައިމުވެފައި އަޅައިގަންނަ ގޮތެއް ހުރެއެވެ.
"ސޮރީ ޒަކްވާން." ލުޖައިން ގޮސް ދުރުގައި ހުއްޓިފައި ފުރަތަމަވެސް މައާފަށް އެދުނެވެ. އެވަގުތު ޒަކްވާން މޫނު އަނބުރާލައިފައި ބަލައިލި ގޮތަކުން އެލޮލުގައިވި ތޫނުކަން ލުޖައިން ސިއްސުވައިލިއެވެ. އޭނާ ރެއިލިންގައި ބާރަށް ހިފަހައްޓާލައިފައި ތިރި ބަލަން ފެށިއެވެ. "މައާފަށް އެދޭވަރު ކަމެއް ނޫން އެއީ. ކަމެއް ތަކުރާރުކޮށް ހިނގަންޏާ ގެއަށް އަންނަ މެހުމާނުންނަށްވެސް ފެންނާނެ. ލުޖައިން ތީ އަދި މެހުމާނެއްވެސް ނޫނެއްނު." ޒަކްވާންގެ އަޑުގައި ނުރުހުމުގެ އަސަރެއް ނެތެވެ. "އަހަރެން ލުޖައިންދެކެ ރުޅިއެއް ނާދޭ." ކުޑައިރުކޮޅެއް ފަހުން ޒަކްވާން އަނެއްކާ ބުނެލިއެވެ. ލުޖައިން ދެންވެސް އަނގައަކުން ނުބުންޏެވެ. ތިރިން ދެކޮޅަށް ދަތުރު ކުރަމުން ދިޔަ ކާރުތަކާއި ސައިކަލުތައް ރަތް އަލިކޮޅުތަކެއް ފަދައިން ފެންނާތީ ރީތިވެގެން ބަލަން ހުއްޓެވެ.
"އަހަރެން ހަނދާން ހުންނަން ފެށީއްސުރެވެސް ބައްޕަ އިންނަނީ އެރޫމްގައި ވަކިން. ބައްޕަ މަންމަ އާއި އަނގައަކުން ނުބުނޭ. މަންމަ އެގޮތަށް ބައްޕަގެ ފައިބުޑަށް ކަރުނަ އޮއްސަން އޮތްވާ ކިތަންމެ ފަހަރަކު ދެކެފިން. ނޭނގެ އެދެމެދުގައި ހިނގައިފައި ވަނީ ކޮންފަދަ ހާދިސާއެއް ކަމެއް ވެސް. ވަރަށް ސުވާލު ކޮށްފިން. ބައްޕަ ކައިރީވެސް އާދޭސްކުރިން މަންމަ އާއި ވާހަކަ ދައްކާށޭ ކިޔައިގެން. އެކަމަކު..." ޒަކްވާން ފުން ނޭވައެއްލާފައި ބަލައިލި އިރު ލުޖައިން ބަލަހައްޓައިގެން ހުރުމުން ހަތަރުކަޅި ބައްދަލުވިއެވެ. ނޭނގޭ ހިމޭންކަމެއް އެދެމެދަށް ވެރިވެގެން ދިއުމުން ލުޖައިންގެ ހިތް އަވަސްވެއްޖެއެވެ. ޒަކްވާންގެ ބެލުން ތަފާތުކަން އޭނާ ވަނީ ކުރިންވެސް ފާހަގަކޮށްފައެވެ. އެލޮލުން އެހެން މެސެޖެއް ދޭން އުޅޭކަމުގައި ހިތް ބުނަނީ ކީއްވެ ކަމެއް ނޭނގެއެވެ.
"ޒޯއީ އަކަށްވެސް ނޭނގޭތަ؟" ލުޖައިން ހިމޭންކަން ފުނޑު ފުނޑުކޮށްލާފައި އަހައިލިއެވެ. "ނޭނގެ." ޒަކްވާން ޖަވާބު ދީފައި ތުންފަތުގައި ދަތް އަޅައިލަމުން އަނެއްކާ ދުރު ބަލަން ފެށިއެވެ. ލުޖައިން ސިއްރު ސިއްރުން ޒަކްވާންގެ މޫނަށް ބަލަން ހުރެފައި ވިސްނައިލިއެވެ. އޭނާ ކައިރިން ޝަކިއްތަ އެދުނު އެދުން ފުރިހަމަ ކުރަން މީ ރަނގަޅު ވަގުތެކެވެ. ޒަކްވާން ފުރަތަމަ ފަހަރަށް އާއިލާގެ ޒާތީ ވާހަކަތައް އޭނާ އާއި ހިއްސާކޮށްފިއެވެ.
"އަހަރެން ވާހަކައެއް އަހައިލަންތަ؟" ލުޖައިން ފިނިވެފައިވާ ދެއަތްތިލަ އުނގުޅައިލަމުން ހުއްދައަށް އެދުނެވެ. "އޯކޭ." ޒަކްވާންގެ އަޑުގައި ޝައުޤުވެރިކަމެއް ވިއެވެ. ލުޖައިންގެ މޫނަށް އޭނާ ބަލަން ފެށީ އެވާހަކައަށް އިންތިޒާރު ކުރާ ފަދަ ގޮތަކަށެވެ. "ކީއްވެ ކިޔަވަން ނުދާން ތިއުޅެނީ؟" ލުޖައިންގެ އަޑުގައި ތުރުތުރެއް ވިއެވެ. ޒަކްވާން ހިތްހަމަ ނުޖެހިދާނެތީ އޭނާ އިންތިހާއަށް ޖެހިލުންވިއެވެ. "ނޭނގެ. ހަމަ ދާހިތް ނުވަނީ. ގޭތެރޭގެ ކަންތައްތައް ވާގޮތުން ކަމަށްވެސް ވެދާނެ. އެއްވެސް ކަމެއް ކުރާ ހިތެއް ނުވޭ. މަންމަވެސް އަހަރެންގެ ސުވާލަކަށް ޖަވާބެއް ނުދޭ. މަމް އަމިއްލައަށް ހުރިހާ ހިތާމައެއް ނުއުފުލައި އަހަރުމެންނާއިވެސް ހިއްސާކުރާނެ ނަމައޭ ހިތަށް އަރަނީ. ދެން މަންމައަށް އެކަން ނުވަންޏާ އަހަރެން ވަކި ކީއްކުރަން މަމް ބުނާ ހުރިހާ ކަމެއް ކުރަންވީ؟" ޒަކްވާންގެ ވާހަކަ ތަކުގައި ނުސީދާ ގޮތެއް ހުއްޓަސް ޖަވާބު ވަރަށް ސާފެވެ. "އަހަރެންނަށް ފެންނަ ގޮތެއް ބުނިއްޔާ ގަބޫލު ކުރާނަންތަ؟" ލުޖައިން ބަލައިލުމުން ޒަކްވާން ބޯ ޖަހައިލިއެވެ. ޒަކްވާން ހިންދެމިލާފައި އަނެއް ފަރާތަށް އެނބުރި ރެއިލިންގައި ބުރަކަށި ޖައްސައިލައިގެން ހުއްޓުނެވެ.
"އިނގޭ އަހަރެން މީ ޒަކްވާން ފެމެލީ ކަންތަކުގެ ތެރެއަށް ވަދެ ބަސްބުނަން އެންމެ އެކަށީގެންވާ މީހާ ނޫންކަން. އެކަމަކުވެސް އަހަރެންނަށް ފެންނަނީ ޒަކްވާން ޝަކިއްތަގެ ބަސްއަހައިގެން ކިޔަވަން ފުރަން. އެއިރުން ޝަކިއްތަ ވެސް ކިހާ އުފާވާނެ. މިހާރު ޒަކްވާން ތިގޮތަށް ކަންތައް ކުރީމަ ޝަކިއްތަގެ ހިމާތަތަކު ތެރެއަށް އިތުރު ހިތާމައެއް އެ ގިނަ ވަނީ. ޒަކްވާން ބުނާ ގޮތް ހަދައިފިއްޔާ ޔަޤީނުންވެސް ޝަކިއްތަގެ ހިތާމައިން ވަރަށް ބޮޑުބައެއް އުނިވެގެން ދާނެ. އެވާނީ ލިބޭ ސްޓެރެންތް އަކަށް ދޯ. ތިދެމެދުގައި ދުރުކަން އިތުރަށް ކައިރިވެސް ވާނެ. ކިހިނެތް އެނގެނީ ޝަކިއްތަގެ ހިތުގެ ސިއްރު ޒަކްވާން އާއި ހިއްސާކުރަން ތައްޔާރު ނުވާނެ ކަމެއްވެސް. ބައެއް ކަންތައްތަކުގައި އަހަރެމެން ޖެހޭނެ ވަރަށް ކެތްތެރިވާން. ވަގުތު ދޭން. ރަނގަޅު ވަގުތުއައީމަ ޝަކިއްތަވެސް އަދި ހުރިހާ ވާހަކައެއް ކިޔައިދޭނެ. އެކަމަކު އޭގެ ކުރިން ޒަކްވާން ޖެހޭނެ މަންމަގެ އިތުބާރު ހޯދަން. މަންމަ ބޭނުންވާފަދަ ހަރުދަނާ މީހަކަށްވާން. އެދުވަހަކުން ޒަކްވާން މަންމައަށް އަމިއްލައަށްވެސް ޤަބޫލުކުރެވޭނެ އެކަންތައްތައް ހިއްސާ ކުރަން އެންމެ އެކަށީގެންވާ މީހަކަށް ވެއްޖެކަމަށް." ލުޖައިންގެ ވާހަކަ ނިމުނުއިރު ޒަކްވާން ކަޅިޖަހާނުލައި ހުރެގެން އެމޫނަށް ބަލަނީއެވެ.
ޖެހެމުންދިޔަ ލުއި ވައިރޯޅިތައް އައިސް އެއިސްތަށިގަނޑާއި ކުޅެމުން ޖަންބު ކުލައަރާ ކޯތާފަތުގައި ބޮސްދެމުން ދިޔަގޮތުން ޒަކްވާންއަށް ހިންދިރުވައި ލެވުނެވެ. ނޭނގޭ ބާރަކުން އޭނާގެ ހިތް ލުޖައިންގެ މައްޗަށް ލަންބުވާލައިފިއެވެ. ހިނދުކޮޅެއްގެ ތެރޭގައި މުޅިން އާ ވިންދުތަކެއް އުފެދިގެން ނާރުތަކުގައި ވެސް ފޮނި ފޮނި ރާޅުތައް ދުވަން ފަށައިފިއެވެ. ފުރަތަމަ ފެނިގެން އެއީ ރީތި ކުއްޖެއް ކަމުގައި ހިތް ކަނޑައެޅި ނަމަވެސް ލުޖައިންއާމެދު އެހިތުގައި އެހާ ބޮޑު ޤަދަރެއް އުފެދިގެން ދިޔަ ވަގުތު ކޮޅަކަށް އެވަގުތުކޮޅު ވެ ނިމިއްޖެއެވެ. ލުޖައިންއަށް ރޭކާވެސް ނުލައި ޒަކްވާންގެ ހިތް އޭނާއަށް ފިދާވެ ނިމިއްޖެއެވެ.
"ކުޑަ ކުޑަ ޕަރީއެއްގެ ސިފައިގަ ހުއްޓަސް ހިއެއް ނުކުރަން ތީ ޕަރީއެއްގެ ސިކުނޑި ލިބިފައިވާ ކުއްޖެއް ކަމަށް. ޓޭލްސް ތަކުގައި ޕަރީން ކުދިންގެ ސިކުނޑިއަށް ވިސްނުން ވައްދާހެން އަހަރެން ވިސްނުން ލޫލޫ ޗޭންޖް ކޮށްލައިފި." ޒަކްވާން އައިސް ކައިރިއަށް ހުއްޓިފައި ބުނެލި އެއްޗަކުން ލުޖައިން ހިނިތުންވެލީ ހުރިހާ ހަޤީޤަތެއް ނޭނގޭތީއެވެ. "ތޭންކްސް." ޒަކްވާން ކުއްލިއަކަށް ލުޖައިންގެ ކަނާއަތު އިނގިލިތަކުގައި ހިފާ އުފުލާލާފައި ތުންފަތް ޖައްސާލައިފިއެވެ. ލުޖައިން ސިއްސައިގެން ގޮސް އަތް ދަމައި ގަނެވުނީ އިޚުތިޔާރަކާ ނުލައެވެ. އެވަގުތު ޒަކްވާންއަށްވެސް މިކުރެވުނީ ކީއްކަން އެނގިގެން ހިސާބަކަށް ރަކިވާ ގޮތްވިއެވެ. އިތުރަށް އެއްޗެއް ބުނަން އުޅެފައިވެސް ލުޖައިން ލޯ ބޮޑުކޮށްލައިގެން ހުރުމުން ޒަކްވާން ހަރުވާޅުގެ ޖީބަށް ދެއަތް ޖަހާލާފައި އެތަނުން ދިޔައެވެ.
ހުކުރު ދުވަހުގެ ރޭ ތިއާ ބޭރަށް ދާންވެގެން ކަމެއް ރާވައިލިއެވެ. ސުހާމެން ގޭގައި ޤުރޫޕް މަސައްކަތެއް ކުރާ ވާހަކަ ބުނުމުން ޝަކީބާ ވަރަށް ފަސޭހައިން ގަބޫލުކޮށްފިއެވެ. ޒަކްވާން އާއި އެކު ހުޅުމާލެ އާއި ހަމައަށް ފެރީގައި އައިސް ފޭބިތަނުން ސުހާ ބަލައި އައިސް ހުރެގެން ޒަކްވާން އެނބުރި ދާގޮތަށް ވިއެވެ. ގަޑީގައި ތަން އޮތީތީވެ ތިއާ ފުރަތަމަ ސުހާ އުޅޭތަނަށް ދިޔައެވެ. "ކޮބާތަ ސުހާ ބުނި ޕޮލިސް ބޯއި؟" ތިއާ ކުއްލިއަކަށް ހަނދާންވެގެން އަހައިލިއެވެ. ސުހާ ފޮނިވެފައި ބަތްތިރީސް ދަތް އެއްކޮށް ދައްކައިގެން ތިއާ ގެންދިޔައީ އޭނާގެ ކޮޓަރިއަށެވެ. "މިގަޑީގަ އޭނަ ރެޑީވާން އުޅޭނީ. މި ހަފްތާގައި ނައިޓް ޑިއުޓީ އިންނާނީ." ސުހާ އެހާވަރަށް ބަލާކަން އެގިގެން ތިއާ ގާތަށް ހިނިއައެވެ. "ރަނގަޅަށްވެސް އޮބްސެސްވެފަ ތިހުރީ. އޭ ގަޑި ޖެހެނީ. މަ ދަނީ އިނގޭ." ތިއާ ވާހަކަދައްކަން ހުރެފައި ބަލައިލިއިރު ނުވައެއް ޖަހަން ދެ މިނިޓެވެ. އަވަހަށް ދަބަސް ހިފައިގެން ދުވެފައި ގޮސް ތިރިއަށް ފޭބިއެވެ.
ތިއާ ދުވެފައި ގޮސް ކުރިމައްޗަށް ހުރި ފްލެޓްބަރީގެ މައި ދޮރުން ވަންނަން އުޅެނިކޮށް ތިއާ ބެލްކަނީގައި ހުރެފައި އެއްޗެއް ގޮވައިލި އަޑަށް އެދިމާއަށް ބަލަމުން ގޮސް ކޮންމެ ވެސް މީހެއްގެ ގައިގައި ލައިގަތެވެ. ތިއާ ނުވެއްޓި ސަލާމަތްވީ އެމީހަކު އޭނާގެ އަތުގައި ހިފާ ތެދުކޮށްލި ކަމުންނެވެ. އެވަގުތު ތިއާގެ ނަޒަރު ފުރަތަމަވެސް ހުއްޓުނީ އެމީހާ އަޅައިގެން ހުރި ޕޮލިސް ޔުނީފޯމް އަށެވެ. އިސްއުފުލާލުމާއެކު ތިއާގެ މޫނު ހުދުވެގެން ދިޔައެވެ. އެމޫނު ފެނިފައި ދެފަރާތަށް ބޯ ހޫރުވައިލަމުން ކަނާތު ޖީބުމަތީ ޖަހާފައިވާ ނޭމްޓެގަށް ބަލައިލީ އަދިވެސް ޔަގީން ނުކުރެވިގެންނެވެ.