ޒަކްވާން ޓަކި ދިން ތަނާ ތިއާ ފުންމައިގެންފައި ގޮސް ދޮރު ތަޅުލައިފިއެވެ. ލުޖައިންގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެން ހީވިއެވެ. "ކީ..އް..ތި..ކު..ރީ؟" ލުޖައިންގެ އަޑު ނިކުތީ ކެނޑި ކެނޑިގެންނެވެ. ތިއާ ލާނެތް ގޮތަކަށް އެއް ލޯ މަރައިލާފައި ލުޖައިންގެ އަތުގައި ހިފައިގެން ގެން ގޮސް އެނދަށް އަރުވައި ބޮލާ އެކު ރަޖާއަޅަން އެންގިއެވެ. "އޭ ދެން މަ ބުނި ގޮތް ހަދާބަލަ. ލެޓް މީ ހޭންޑެލް ދިސް." ތިއާ ދެފަހަރަށް ބުނީމައި ވެސް ލުޖައިން އެގޮތަށް އަމަލު ނުކުރުމުން ތަންކޮޅެއް އަމުރުވެރިކޮށް އެންގިއެވެ. ކަންބޮޑުވެފައި އިން ލުޖައިން އެންމެ ފަހުން އެނދުގައި އޮށޯވެ ރަޖައިން ފޮރުވުނެވެ. ތިއާ ފުން ނޭވައަކާއެކު އައިސް ދޮރު ހުޅުވާލިއެވެ.
"ކޮބާ ލުޖައިން؟" ޒަކްވާން ދުރުބަލައިލަމުން އަސަރެއްނެތް އަޑަކުން އަހައިލިއެވެ. "ލޫލޫ ބޮލުގައި ރިއްސާ ވާހަކަ ބުނީމަ ބޭސްދީފައި ނިދަން ބޭއްވީ މި." ތިއާ މޮޅިވެރި ގޮތަކަށް މޫނު ހަދައިލައިފިއެވެ. "ގްރެޓް." ޒަކްވާންގެ ތުންފަތް ފޫދުއްވާލައިފައި ނިކުތެވެ. ދެވަނަ ސިކުންތުގައި އޭނާ އަވަސްއަވަހަށް ދެފަރާތަށް ބޯ ހޫރުވާލިއެވެ. "އައި މީން އިޓްސް ސޭޑް." ޒަކްވާންގެ މޫޑު ސަކަރާތްވިވަރުން އަވަހަށް އިސްޖެހިއެވެ. އެގޮތަށް އެހެންމީހަކަށް ލިބޭ ދެރައެއްގައި އޭނާ އުފާކުރާކަށް ބޭނުމެއް ނޫނެވެ. ދެރަ ތަންކޮޅަކީ ތިއާގެ ކުރިމަތީގައި ބޭޒާރުވިކަމެވެ. "އިޓްސް އޯކޭ ބްރޯ. މަށަށް އިވުނޭ މަމް ދެއްކި ވާހަކަ. އިޓްސް ކޫލް. ދެން ދޭބަލަ ތި ދާ ތާކަށް." ތިއާ ހިނިތުންވުމަކާއިއެކު ވާހަކަ ދެއްކުމުން ޒަކްވާން ހިތްހަމަޖެހިގެން އެތަނުން ދިޔައެވެ. "ލޫލޫ ބަލިކަން އިނގޭއިރަށް މަންމަ އަންނާނެ ބުއްރާސްޖަހާފަ. އިހަށް ނުތެދުވެ އޮވޭ. މަ ބުނާނަން ނިދާފައޭ." ތިއާ އައިސް ކައިރީގައި އިށިންތަނާ ލުޖައިން ރަޖާ އެއްފަރާތްކޮށްލާފައި ތެދުވަން އުޅުމުން މަނާ ކުރިއެވެ. ކަންތައްވީ ހަމަ ތިއާ ބުނިގޮތަށެވެ. ޒަކްވާން ނިކުމެގެން ދަނިކޮށް ދިމާވެގެން ޝަކީބާ ދިމާކޮށްފައި ސުވާލު ކޮށްގެން ލުޖައިން ބަލިކަން އެނގިއްޖެއެވެ. އިރުކޮޅަކުން ފެނުނީ ޝަކީބާ ވައިރޯޅިއެއްހެން އައިސް އެތަނަށް ވަދެ ހުއްޓައެވެ.
"އަހަރެން ބޭސް ދިނީމަ މިހާރު ނިދިފަ އޮތީ." ތިއާ ކިތަންމެ ހަމަޖެހިލައިގެން އިނަސް މަންމަ ފެނުމުން ކަންބޮޑުވެއްޖެއެވެ. ރަޖާ ހިއްލާލައިފިއްޔާ ހުރިހާ ކަމެއް ފަޅާ އަރާނެއެވެ. "ދަރިފުޅު ނުވެސް ބުނަމެއްނު. ހޫމ ދެން މިރޭ ތިއާ އޮވޭ މިކޮޓަރީގައި. ލުޖައިން ބަލިވެ އުޅޭއިރު އެކަނި ބާއްވާކަށް ނުވާނެ." ޝަކީބާ ބަލަހައްޓައިގެން ހުރެލާފައި އިރުކޮޅަކުން ނިކުމެއްޖެއެވެ. ތިއާއަށް މޭގައި އަތް އަޅާފައި ފުން ނޭވައެއް ދޫކޮށްލެވުނެވެ.
ދެން އަދި ވީ މާ ދެރަ ގޮތެކެވެ. ޝަކީބާ އެކުވެރިން ތަކަކަށް ދައުވަތު ދީގެން ގެނެސް އެންމެން މަޖާ އަނގަތަޅާގައި ލިވިންރޫމްގައި ތިބެގެން ފިލްމެއް ބަލަން ފެށުމުން އާރިން އާއި ބައްދަލު ކުރުމުގެ ހުރިހާ މަގެއް ބަންދުވިއެވެ. ކޮންމެ ގޮތެއްވިއަސް ލިވިންރޫމްގައި ތިބި މީހުންނަށް ނުފެނި ބޭރަށް ނިކުމެވޭކަށް ނެތެވެ. ނުވަގަޑި ބައިވެ ބޮޑުވިފަހުން އާރިން ކުރި ފޯނަށްވެސް ޖަވާބު ދިނީ ޝަކީބާ އެވެ. އާރިން ހަމަ އަޑު ޖެހޭއިރަށް ކަނޑާލައިފިއެވެ. ލުޖައިން ހިތާމައިގެ ސާލު އޮޅައިގެން އެނދުގައި އިންދާ ނިދިގެން ވެއްޓުނީއެވެ. ތިއާ ފެންބޯން ކަމަށް ހެދިފައި ބޭރުގެ ޚަބަރު ބަލަން ގޮސް އެނބުރި އައިއިރު ލުޖައިން ނިދިފައި އޮތުމުން ދެރަވިއެވެ. ނިދާބޮކި ދިއްލާފައި ތިއާ އައިސް އެނދުގެ މަގަތުގައި އިށީނެވެ. އެކި ދިމަ ދިމާއަށް ވިސްނުން ހިންގަމުން ތިއާ ދެން ހަދާނެ ގޮތެއް ރޭވިއެވެ.
ލުޖައިން ފުން ނިދީގައި ވަނިކޮށް ތިއާ ކޮށްޓައިލުމުން ސިހޭގޮތްވެފައި ލޯ ހުޅުވާލެވުނެވެ. "ޓައިމް ޓު ވޭކް އަޕް ބޭބީ ގާރލް." ތިއާ ލުޖައިންގެ ކަންފަތް ދޮށުގައި ބުނެލިއެވެ. "ގަޑިން ކިހާ އިރެއް؟" ލުޖައިން ލޯ އުނގުޅަމުން ތެދުވެ އިށީންތަނާ އާފުރިއްޖެއެވެ. ތިއާ އެސުވާލަށް ޖަވާބެއް ނުދެއެވެ. ލުޖައިންގެ އަތުގައި ހިފާ އެނދުން ބާލާފައި އިސްތަށިގަނޑު ރީތިކޮށްދޭން ފެށިއެވެ. ލުޖައިން ހުރީ ތިއާ ކުރަން އުޅޭ ކަމެއް ނޭނގިގެން ކަންބޮޑުވެފައެވެ. ކުޑަކޮށް ނިދާލުމުން އެމޫނުގެ މައުސޫމުކަން އިތުރުވެފައިވާ ކަމަށް ދައްކައެވެ. ތިއާ އިރުކޮޅަކުން ބަހެއްވެސް ނުބުނެ ނިކުންނަން ދާން ފެށުމުން ލުޖައިން ގޮވާލިއެވެ. "ޔުއަރ ވެލްކަމް." ތިއާ ދޮރާއި ހަމައިން އެނބުރިލާފައި ލާނެތް ގޮތަކަށް އެއްލޯ މަރައިލައިފިއެވެ. ލުޖައިންގެ ޅަ ސިކުނޑިއަށް އޭރުވެސް އެނގުމެއް ނުވެއެވެ. ތިއާ ދޮރު ހުޅުވާލުމާއެކު ދޮރުމަތީ ހުރި އާރިން ފެނިފައި ލުޖައިންއަށް ތެޅިގަނެވުނެވެ. ވަގުތުން ނިދިވެސް ފިލައިފިއެވެ.
އާރިން ހުރީ މިހާރު ބޮލުގެ އިސްތަށިގަނޑު ވެސް ކުރިއަށްވުރެ ތުނިކޮށްލާފައެވެ. ހިސާބަކަށް ސިފަގަނޑު ތަފާތުވެފައި ހުއްޓަސް މާ ޝަހުސިއްޔަތު ވަރުގަދަ ގޮތެއް ހުއްޓެވެ. "އާރީ. ހަނދާން ނައްތާނުލާތި. ފައިވް މިނިޓްސް." ތިއާ އަމުރުވެރި ގޮތަކަށް އެހެން ބުނެލާފައި އާރިން ވަނުމުން ނިކުންނަން ވެގެން އެނބުރިލިއެވެ. "އަދި އެއްވާހަކަ. ޑޯންޓް ރޭޕް ހަރ!" ތިއާ ނިކުމެފައިވެސް އަނެއްކާ އެނބުރި ސަމާސާކޮށްލިއެވެ. "ތިބުނީވިއްޔަ ފައިވް މިނިޓްސްއޭ ރަނގަޅަށް ކިސްއެއް ވެސް ނުކުރެވޭނެ ދެން ކިހިނެތް ރޭޕް ކުރާނީ؟" އާރިންވެސް އެސަމާސާގައި ބައިވެރިވަމުން ދޮރުލައްޕާފައި އެނބުރިލިއިރު ލުޖައިން ލަދުން ވިރެނީއެވެ. ކޮޓަރީގައި ދިއްލާފައި ހުރި ނިދާބޮކީގެ ފަނޑުއަލީގައިވެސް އާރިންއަށް އެމޫނުގައިވި ހުރިހާ އަސަރެއް ސާފުކޮށް ފެނުނެވެ. އާރިން ކައިރިއަށް ހިނގައިގަތުމުން ލުޖައިންގެ ހަތަރެސްފައި ފިނިވެ ގަނޑުފެން ކޮޅަކަށް ވިއެވެ. ކައިރިއަށް ގޮސް ހުއްޓުމާއެކު އެހިތުގެ އަޑު އާރިންގެ ކަންފަތާއި ހަމައަށްވެސް ފޯރައިފިއެވެ. "ނުކެރޭނެ." ލުޖައިން ކުއްލިއަކަށް އަނެއްފަރާތަށް އެނބުރުނެވެ.
އާރިންމެންގެ ވާހަކައިން އޭނާ ލަދުގެން ވަރަށްވުރެ ބޮޑަށް ބިރުވެރިކަން އެހިތް ވަށާލައިފައިވެއެވެ. "ލޫލޫ ނުރުހުމުގައި އެއްވެސް ކަމެއް ނުކުރާނަން. ޓްރަސްޓް މީ. އާރިން އަތް އުފުލާލާފައި ލުޖައިންގެ ދެކޮނޑުގައި ހިފާ މަގަތަށް އަނބުރާލިއިރު ލުޖައިން އަދިވެސް ހުރީ އެސްފިޔަތައް ތިރިކޮށްލައިގެންނެވެ. "އަހަރެން ކިޔާ އަޑު އެހިން ވެލެންޓައިންސް ޑޭ ފާހަގަ ކުރާކަށް ނުވާނެއޭ." ލުޖައިން ކުއްލިއަކަށް މައުޟޫ ބަދަލުކޮށްލައިފިއެވެ. އެއަޑު އިވިގެން އާރިން ހީގެންފިއެވެ. އެވަގުތު ލުޖައިންއަށް އިސް އުފުލައިލެވުނީ އިޙުތިޔާރެއް ނެތިއެވެ. އެހިތްގައިމު ހުނުމާއެކު އާރިންގެ ރީތި މޫނަށް ވެރިވެފައިވާ އަސަރުތައް ފެނުމުން ހިތުގެ ބިރުފިލައި ބޮސްދޭން ބޭނުންވިއެވެ.
"ތިއާ ބުނި އެއްޗެއްދޯ ތީ. އަހަރެން މިރޭ މިތަނަށް މިއައީ ވެލެންޓައިންސް ޑޭ ފާހަގަ ކުރާކަށް ނޫން. މާދަން ފުރާ ވާހަކަ ބުނަން. ތިހެދުން ފިހާރައިގަ ހުއްޓާ ފެނިގެން ހަމަ ހިތަށް އެރީ ލޫލޫ އާއި ވަރަށް ގުޅޭނެއޭ." އާރިން ހުނުން ހުއްޓާލައިފައި ވާހަކަދައްކަމުން ލުޖައިންގެ ދެއަތްތިލައިގައި ހިފާލައިފިއެވެ. "ކޮންތާކަށް؟" ލުޖައިން ލޯ ބޮޑުކޮށްލިއެވެ. "ކެންސަރ ބައްޔަށް ޓްރީޓްކުރަން ލަންކާއަށް މިދަނީ. ޕްރޭ ފޯމީ ގާރލް. އިރާދަކުރެއްވިއްޔާ އަހަރެން އަންނާނީ އުފާވެރި ޚަބަރަކާއިގެން." އާރިންގެ މޫނުގައި ނޭނގޭ ސިއްރެއް ފޮރުވިފައިވާހެން ލުޖައިންއަށް ހީވިއެވެ. ނޫނީ އެއީ ހަމައެކަނި ނުބައި ޝައްކެކެވެ. އެހާ ނުރައްކާތެރި ބައްޔެއްގެ ޝިކާރައަކަށް ވެފައިވާއިރުވެސް އެވާހަކަ ނުދައްކަނީ ފަރުވާކޮށްގެން ރަނގަޅު ވާނެ ކަމުގެ އުންމީދު އޮތީމައިބާއެވެ؟ "އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ." ލުޖައިން ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ރައްދުގައި ބުނެލިއެވެ.
ތިއާ ކުއްލިއަކަށް ވަދެފައި ވަގުތު ހަމަވެއްޖެކަން އަންގައިލުމުން އާރިން ދޮރާއި ދިމާއަށް ދިޔައީ ލުޖައިން އަތުން ދޫކޮށްނުލައެވެ. "ޓޭކް ކެއަރ އިނގޭ." އާރިން ދޮރާއި ހަމައިން ލުޖައިންގެ އަތުން ދޫކޮށްލާފައި މޫނުގައި ދެއަތުން ހިފަހައްޓައިލުމުން އަނެއްކާ ހިތްއަވަސްވިއެވެ. ތިއާ ހުރީ ދޮރުކަނީގައި ލެނގިލައިގެން ލާނެތް ހިނިއައިސްފައެވެ. އާރިން ފަރުވާތެރި ކަމާއެކު ލުޖައިންގެ ރަތްވެފައިވާ މޫނަށް ބަލަން ހުރެލާފައި މޫނު ކައިރިކޮށްލުމުން ލުޖައިން ބިރުން ދެލޯމަރައި ތަގުޅިކޮށްލިއެވެ. ލުޖައިންގެ ޅަކަމުން އާރިން ގާތަށްވެސް ހިނިއަންނަން އުޅުނެވެ. އާރިން ތުންފަތުގައި ދަތްއަޅާފައި ހިނިގަނޑު މައިތިރިކޮށްލަމުން މަޑުމަޑުން އެދޮން ކޯތާފަތުގައި ބޮސްދިނެވެ. ލުޖައިންގެ މޫނަށް އެއްފަހަރާ އެތައް ކުލައެއް އަރައިގެން ދިޔައިރު އެތެރެހަށީގެ ހާލަތު އަދި މާބޮޑެވެ. ކުޑަވަރެއްގެ ޒަލްޒަލާއެއް އައިކަހަލައެވެ. ތިއާ ހެމުން ހެމުން އާރިން ގެއިން ނެރުމުގެ އިންތިޒާމް ހަމަޖައްސަން ދިޔައިރު ލުޖައިން އަދިވެސް ހުރީ ލޯމަރާލި ގޮތަށެވެ.
ތިއާ ހެނދުނު ކޮލެޖަށް ދާން ތައްޔާރުވެގެން ކޮޓަރިން ނިކުތްތަނާ ޒޯއީ ހީގަތް އަޑުއަހާފައި އަޖައިބުވެގެން އަމިއްލައަށްވެސް ދެލޯ ބޮޑުކޮށްލެވުނެވެ. އެހާ ހެނދުނާ ޒޯއީ މާ އުފާވެގެން އުޅޭ ސަބަބެއް އޮޅުންފިލުވާ ހިތުން ބާރުބާރަށް ގޮސް ބަދިގެއަށް ވަންއިރު ޝަކީބާ އާއި ލުޖައިން ވެސް ސައިބޯން ތިއްބެވެ. ޒޯއީ ހީހީފައި ޝަކީބާއަށް ކޮންމެވެސް ވާހަކައެއް ކިޔައިދެނީއެވެ. ލުޖައިންވެސް ޒޯއީ އެގޮތަށް ހޭތަން ފެނުނު ފުރަތަމަ ދުވަހަށްވީތީވެ ހައިރާންވެފައި އިނެވެ. "ކޮންކަމަކާ ތިޔަ ހެނީ؟" ތިއާ ގޮނޑިއެއް ދަމާލާފައި އިށިންނަމުން ޒޯއީއަށް ބުނެލިއެވެ. "ތިއާ ހަނދާން އެބަހުރިތަ އީތަން؟" ޒޯއީ ބުނެލި އެއްޗަކުން ތިއާގެ ސިކުނޑީގައި ރަނގަބީލް ޖެހިލިއެވެ. ޒޯއީ އެދައްކަނީ އިއްޔެ އޮފީހުން ދިމާވި ޒުވާނާގެ ވާހަކަ ނޫންބާވައޭ ހިތަށް އެރިއެވެ. "ނޮޓް އެގްޒޭކްޓްލީ." ތިއާ އުނގުމަތީގައި ނެޕްކިން ބާއްވާފައި ކާންވެގެން ތައްޔާރުވެލިއެވެ. ނޭނގޭ ކަމަށް ހެދިއަސް އެމޫނުން ނުތަނަވަސްކަން ފައުޅުވިއެވެ.
"އީތަން އެއީ އަހަރެން ފައިވްގަ އުޅުނުއިރު ކުލާސްމޭޓެއް. ވަރަށް ގިނައިން މިގެއަށް އައިސް އުޅޭނެ އޭރު. ތިއާއަށްވެސް އެހާ ޖެއްސުންކޮށް ތޮޅެހަދާނެ. ފަހުން ދެން އެއިޓްއަށް ދިޔަތަނާ އަނެއްކާ އެއްކުލާސްވީ. އެފަހުން އެއްގޮތަކަށް ވެސް މީޓުނުވެ ހުރެފަ އިހަކަށްދުވަހު އީތަން މެލޭއިން ކިޔަވައިގެން އައިތަނާ މީޓުވީ. މަށަށް ޔަގީން ތިއާ އީތަންމަތިން ހަނދާން ނުނެތޭނެކަން. އަބަދު ދެމީހުން ފައިޓެއްގަ އުޅޭނީ. ހޫމ ދެން ރޭގައި އޭނަ ބުނެގެން ރެސްޓޯރެންޓަށް ކާންދިޔަތަނާ ކިޔައިދިނީ މަޖާ ވާހަކައެއް. އޭނަ އިއްޔެގަ ކޮންމެވެސް އޮފީހަކަށް ވަންތަނާ އެތާ ކުއްޖަކަށް އީތަން ފާހަގަކުރަން ނޭނގި އިނދެ މާމޮޅަށް އެކްޓް ޖެއްސި ވާހަކައެއް. ދެން އޭނަވެސް ނޫންކަމަށް ހެދިގެން އަޑުއަހަން އިން ވާހަކަ." ޒޯއީގެ މޫޑު ރަނގަޅުކަން އެނގެނީ އެހާ ގަޔާވެފައި އިނދެގެން އެވާހަކަތައް ކިޔައިދޭތީއެވެ. ކިޔައިދީ ނިމުނުތަނުން އަނެއްކާ ހީގެންފިއެވެ. އެކަމަކު އެއަޑުއަހާފައި ތިއާގެ މޫޑު ގޯސްވިއެވެ. އީތަން އެހުރިހާ އިރު އޭނާ މޮޔަހެއްދީ ރަނގަޅަށް އެނގިހުރެއެވެ. ހުރި ނުބައި ކަމާއެވެ. ކުރިމައްޗަށް އައި ދުވަހަކުން ރަނގަޅަށް ބަދަލު ހިފާލާނަމެވެ. ތިއާ ހިތާއިހިތުން އެތިވަރު ގޮވަމުން ދެއަތް މުށްކަވާލިއެވެ.
ޒޯއީ އެކިޔައިދިން ވާހަކައަކުން ތިއާ ކާހިތްވެސް ކެނޑިއްޖެއެވެ. އެއީ އެ އީތަންއަށް ވެދާނެ ކަމަށް އޭނާ ފަހަރެއްގައި ވެސް ހިއެއްނުކުރެއެވެ. ޒޯއީއަށް އެކިޔައިދިނީވެސް އޭނާއަށް އިއްވަން ކަމަށް ވެދާނެއެވެ. ރަނގަޅަށްވިއްޔާ އެއީ ކޮން ކުއްޖެއްކަންވެސް އީތަން ޒޯއީ ކައިރީ ބުނާކަށް ލަހެއް ނުވާނެއެވެ.
އެންމެން ނިކުމެގެން ދިއުމުން ލުޖައިން އާދައިގެ މަތިން ގޭގައި އެކަނިވިއެވެ. ޖޫންގައި އޭލެވެލް ފެށުމާއި ދެމެދު އޮތް ދުވަސްތަކުގައި އޭނާ ދަށް މާއްދާތައް ކިޔަވަން ނައިޓް ކުލާހަކަށް ފޮނުވާނެ ކަމަށް ޝަކީބާ ބުންޏެވެ. ލުޖައިން އިންތިޒާރު އެކުރަނީ އެދުވަހަކަށެވެ. އޭރުން އޭނަވެސް ގޭގައި ފޫހިވެފައި ނީނދެ ކުރާނެ ކަންތައްތަކެއް ހުންނާނެއެވެ. ޝަކީބާ ލުޖައިން އެއީ ދަރިއެއްހެން ގެންގުޅޭތީ ތިއާމެން ފަދައިން ގޭގެ އެއްވެސް މަސައްކަތެއް ނުކުރުވައެވެ. ލުޖައިން ފޫހިވެގެން ކަމެއް ކުރަން އުޅޭ ދުވަހަކުވެސް މަސައްކަތް ކުރަން ނޯކަރުން ލާފައި ތިބޭނެއޭ ކިޔާފައި އެކަމެއް ހުއްޓުވާލައެވެ.
ޒަކްވާން ތެދުވީ މެންދުރުވާން ކައިރިވެފައި ހުއްޓައެވެ. ލުޖައިން ސޯފާގައި ދިގު ދިގަށް އޮށޯވެލައިގެން ފިލްމެއް ބަލަން އޮތްވާ ޒަކްވާން އައިސް ވަކިން ހުރި ސޯފާ ގޮނޑިއަކަށް ވެއްޓިގެންފައި އަމީނާއަށް ކޮފީ ގެންނަން ގޮވައިފިއެވެ. ލުޖައިން ސިހިފައި އަވަސްއަވަހަށް ތެދުވެ ތިރިއަށް ދެފައި އެލުވާލިއެވެ. ޒަކްވާންގެ މޫނަށް ބަލައިލީމައި ހީވަނީ އަދިވެސް ހޭލެވުނުލެއް އަވަސްވެފައި އިންހެންނެވެ. ހޭވިފައިވާ އިސްތަށިތައް ދެލޮލަށް ވަންނަވަރުވެފައި ހުރިއިރުވެސް އެއްފަރާތް ނުކޮށްލައި އިނދެ ޓީވީއަށް ނަޒަރު ހުއްޓާލިއެވެ. ޒަކްވާން އިނުމުން ލުޖައިން ފިލްމް ބަލާހިތްވެސް ކެނޑިއްޖެއެވެ. އެއްގެއެއްގެ ތެރޭގައި އުޅުނަސް އެދެމެދުގައި އެއްވެސް ގާތްކަމެއް ނުވެއެވެ.
"މިހާރު ބަލި ކިހިނެތް؟" ލުޖައިން ތެދުވެފައި ދާން ހިނގައިގަތް ތަނާ ޒަކްވާންގެ އަޑުން ފިޔަވަޅުތަކަށް ހުއްޓުމެއް އަތުވެއްޖެއެވެ. އެއީ ޒަކްވާންގެ ފަރާތުން އޭނާ އުންމީދު ކުރި ކަމެއް ނޫނެވެ. ޝަކީބާ ކިޔައިދީފައި އިން ގޮތުން ވިއްޔާ ޒަކްވާން އަކީ އެހެން މީހުންނާއި ދޭތެރޭ ވިސްނުން ހިންގާ ޒުވާނެއް ނޫނެވެ. ޒަކްވާން އުޅެނީ ޒަކްވާންގެ އަމިއްލަ ދުނިޔެއެއްގައެވެ. "ރަނގަޅު." ލުޖައިން ފަސްއެނބުރި ބަލައިލި ނަމަވެސް ހުރީ އިސްޖަހައިގެންނެވެ. "ރޭގައި އަހަރެން ދިޔައިން ލޫލޫ ބަލައި. ތިއާ ބުނީ ބޭސްކައިގެން ނިދިފައި އޮތް ވާހަކަ." ޒަކްވާން ލުޖައިންގެ މޫނަށް ބަލަމުން ކިޔައިދިނެވެ. "ތިއާ ބުނި." ލުޖައިން އިސްއުފުލާލި ތަނުން ދެމީހުންގެ ހަތަރުކަޅި ހަމަވެއްޖެއެވެ. ޒަކްވާން ބަލަން އިންގޮތުން ލުޖައިން ހިތް ތެޅިލިއެވެ. ހަމައެކަނި އެއްގެއެއްގައި އުޅޭ މީހަކު ބަލާ ގޮތަށްވުރެ ގާތްގޮތެއް ޒަކްވާނުގެ އެބެލުގައިވާ ހެން އޭނާއަށް ހިވިއެވެ. އަމީނާ އައިސް ކޮފީތަށި ދިއްކޮށްލުމާއެކު ޒަކްވާން އެހިފައިގެން އެނބުރި ކޮޓަރިއަށް ދިއުމުން ލުޖައިން އަނެއްކާވެސް އިށީންދެފައި ޓީވީ ބަލަން ފެށިއެވެ.
އަމީނާ ތަބަކެއްގައި ކާތަށިތަކެއް އަތުރައިގެން ނިކުތީ ލުޖައިން އެހެން އިންދައެވެ. ޒަކްވާން ދެންމެ ކޮފީ ތަށްޓެއް ހިފައިގެން ދިޔަ މީހަކު އެހާ އަވަހަށް ހެނދުނު ސައި ބޯނެބާވައޭ ހިތަށް އަރާފައި ލުޖައިންއަށް ސުވާލު ކޮށްލެވިއްޖެއެވެ.
"މީ ތިއާމެންގެ ބައްޕައަށް ގެންދާ އެއްޗެހި." އަމީނާގެ ޖަވާބުން ލުޖައިން ސިއްސުވާލިއެވެ. ތިއާމެންގެ ބައްޕަ އެގޭގައި އުޅޭކަން މީގެ ކުރިން އޭނާއަށް ނޭނގުނީ ކީއްވެހެއްޔޭ ހިތާއި ސުވާލު ކޮށްލެވުނެވެ. ލުޖައިން ސުވާލު ތަކެއްގައި ބަނދެވިފައި ހުރެގެން އަމީނާގެ ފަހަތުން ދިޔައެވެ. އަމީނާ ހުއްޓުނީ ކޮރިޑޯގެ ކަނާތްފަރާތުން އެންމެ ބިތްދޮށުގައި ހުރި ކޮޓަރި ކުރިމައްޗަށެވެ. އަމީނާ ދޮރު ހުޅުވާލާފައި ވަނުމުން ލުޖައިން ބޯ ދިއްކޮށްލިއެވެ. ހުޅުވާފައިވާ ކުޑަ ދޮރު ކައިރީގައި ލުޖައިންއަށް ފުރަގަސްވާ ގޮތަށް ފުރޮޅުލީ ގޮނޑިއެއްގައި މީހަކު އެބައިނެވެ. އަމީނާ ވަދެފައި ދޮރު ލައްޕައިލުމުން ލުޖައިން އެނބުރި ދިޔައިރު ސުވާލުތަކުން ހިތް ފުރެމުން އައެވެ. އެގޭ އެކަކުވެސް ބައްޕަގެ ވާހަކަ ނުދައްކަނީ ކީއްވެހެއްޔެވެ؟ ޝަކީބާ ވެސް ފިރިމީހާގެ ނަން ބުނި ދުވަހެއް ލުޖައިން ހަނދާން ނެތެވެ. އެހެންވެ ލުޖައިންއަށް ހީވެފައި އޮތީ ވެސް ތިއާމެން ބައްޕަ ދުނިޔޭގައި ނެތީ ކަމަށެވެ.
ތިއާ އެދުވަހު ކޮލެޖުން އައިތަނާ ޒޯއީ ދިން ޚަބަރަކުން އަނެއްކާ މޫޑު ގޯސްވިއެވެ. އީތަންއަށް ރޭގަނޑު ކެއުމުގެ ދައުވަތު ދިނީއެވެ. ކެއުމުގައި ގޭގެ އެންމެން ބައިވެރިވާން ޒޯއީ ގަދަ އަމުރު ނެރުމުން ތިއާއަށް ހުރިހާ މަގެއްހެން ބަންދުވިއެވެ. އީތަން އެއުޅެނީ އޭނާ ކޮޓަރިއަކަށް ލާފައި ހަތަރުފާރު ގެނެސް ޖައްސައި ފިއްތާލަންހެން ހީވާން ފެށިއެވެ. އީތަން އަށްވަނަ ގުރޭޑްގައި އުޅުނުއިރު ޒޯއީ ފަހަތުން އެގެއަށް އައި ދުވަހެއްގައި ތިއާ ރުޅިއަރުވާލުމުން މަކުނެއްހެން ގޮސް ގައިމައްޗަށް ޖެހިގެންފައި ކޮނޑުގައި ދަތްއެޅި ނިޝާން އަދިވެސް ހުންނާނެ ކަންނޭނގެއެވެ. ތިއާ އެންމެ ބޮޑަށް ހަނދާންވީ އެދުވަސް މަތިންނެވެ. އީތަން އޭގެ ބަދަލު ހިފަން މަސައްކަތް ނުކުރާނެބާއޭ ހިތަށް އަރާފައި ހިސާބަކަށް ޖެހިލުންވެއްޖެއެވެ. ވެދިޔަ ކަންތަކަށްފަހު އީތަން ކުރިމައްޗަށް ދާކަށްވެސް ތިއާ ހަގީގަތުގައި ބޭނުމެއް ނުވެއެވެ.
ކޮޓަރިއަށް ވަދެ ހެދުންތައް އެދުމައްޗަށް އަޅާލައިގެން އިންދާ ލުޖައިންއަށް ދެވުނެވެ. ތިއާގެ މޫނު ފެންނައިރަށް ލުޖައިންއަށް އެނގިއްޖެއެވެ. ބޮޑުކަމެއް ވެގެން ނޫނީ ތިއާ އެގޮތަށް މޫނުހަދައިގެން ނީންނާނެއެވެ.
"ސާހިބު ކަމަނާ ގަދަ އަމުރު ނެރުނީމައި ހަފަރާތުން ބަންދުވެފަ މިއިންނަނީ." ތިއާ ތުން އަނބުރައިލިއެވެ. "ހޫމ މަވެސް އަޑު އެހިން އެ އީތަންއެއް ކާން އަންނަ ވާހަކަ. މަށަށް ކުރިއަކުން ނޭނގެ ތިއާއަށް ތިވަރު ވެދާނެ ކަމެއް." ލުޖައިން ތިއާގެ އަތުގައި ފިރުމާލާފައި ވާހަކަ ދެއްކިއެވެ. "އެއީ އީތަން އެއްނޫން އިފުރީތެއް. އަސްލު ބުނަންތަ؟ ވީ ހެޑް އަ ހިސްޓްރީ. ހޮރިބްލް ވަން" ތިއާ ވާހަކަދައްކަމުން އަނގައަށް ނުބައި ވައްތަރެއް ޖައްސާލިއެވެ. "އޭނަ ޒޯއީ އެކުވެރި ކަމުގައި އައިސް މަށާއި ތޮޅެ ރުޅިއަރުވާނެ. މަވެސް ދެން ނުލާހިކު ބޯއިޝްވާނެ އޭރު. އޭނަ ރުޅިއަރުވާއިރަށް ގޮސް ގަޔަށް ބޮލަށް އަރައިގަންނަނީ. މަމްމެން ކިޔާނެ އަހަރުމެން ދެމީހުނަށް ޓޮމް އެން ޖެރީވެސް." ތިއާގެ ވާހަކަ ނިމުމުން ލުޖައިން ބާރަށް ހީގަތެވެ. "ކިހާ މަޖާ. އެހެންނޫނަސް އެއީ ކުޑައިރެއްނު. މިހާރު އޭނަވެސް މެޗުއަރވެފަ ހުންނާނީ. މަށަށް ޔަގީން އޭނަ ކުރީގެ ގޮތެއް ނުހުންނާނެކަން މިހާރު." ލުޖައިން ތިއާ ހިތްހަމަޖައްސައި ދޭން މަސައްކަތް ކުރިއެވެ. "އެކަމެއް ނޭނގެ އިއްޔެވެސް ނޭނގޭކަމަށް ހެދިފަ މަށަށް ޒޯއީ ކިޔައިގެން އޭނަ ވާހަކަދެއްކީ." ތިއާ ނުބުނަން އިން ވާހަކަވެސް ބުނެލެވުނެވެ. "ވަޓް؟ މިއަދު ޒޯއީ އެދެއްކީ ތިއާގެ ވާހަކަތަ؟" ލުޖައިން ކޮންޓްރޯލްކޮށްގެން ހުއްޓާވެސް އަނެއްކާ ހެވުނެވެ. ތިއާ އަނގައަށް ގޮތެއް ހަދައިލިއެވެ.
ޒޯއީގެ އެދުމުގެ މަތިން ހުރިހާ މެމްބަރުން ގަޑިއަށް ތައްޔާރު ވެއްޖެއެވެ. ތިއާ ލޯގަނޑު ކުރިމަތީ ރީތިވާން ހުއްޓާ ލުޖައިން އައިސް ބަލައިލި އިރު ތިއާ ލައިގެން ހުރީ ރަތް ޓޮޕަކާއި ހުދު ސްކިނީއެކެވެ. ފަންއިސްތަށިގަނޑުގައި ވޫލްކޮޅެއް ޖަހައި ކަނާތު ކޮނޑުމަތިން ގެނެސް ކުރިމައްޗަށް ވައްޓާލާފައ އޮތެވެ. ތިއާ ހަމަ ގަސްތުގައި މޭކަޕްނުކޮށް ލިޕް ގްލޮސްއަކުން ނިންމާލީއެވެ. އީތަންއަށްޓަކައި ފަރިވާކަށް އޭނާ ބޭނުމެއް ނޫނެވެ. ލުޖައިން އާއި ދެކުދިން ލިވިންރޫމަށް ނިކުތްއިރު ޒޯއީ ޕަރީއެއްހެން ހެދިލައިގެން ސޯފާގައި ވެޑުވިފައި އިނެވެ. ޒަކްވާން އާއި ޝަކީބާ ވެސް ތިއްބެވެ. އިރުކޮޅަކުން ގޭގެ ބެލް ޖަހާލި އަޑަށް ޒޯއީ އާއި ޝަކީބާ އެއްފަހަރާ ތެދުވެގެން ދޮރާއި ދިމާއަށް ދިޔައިރު ތިއާއަށް ހުރެވުނީ ލުޖައިންގެ އަތުގައި ނިކަން ބާރަށް ހިފަހައްޓާލައިގެންނެވެ.