އާރިން ސައިކަލު ބަހައްޓާފައި ގަސްތަކު ތެރެއަށް ވަދެގެން ދާން ފެށުމުން ލުޖައިން ބިރުގަތެވެ. މަގުގައި އަދި ހޮޅިބުރިތައް ޖަހާފައި ހުއްޓެއް ކަމަކު ގަސްތަކުތެރެ ވަރަށް އަނދިރިއެވެ. ކުރިއަށް ދިޔަ ވަރަކަށް ދެފަރާތުން އައިސް މޫނުގައި ކޭއްތިލާ އޮފިތައް ވެސް އެއީ ނާމާން ދެޔޯތަކެއްގެ ތޫނު ވަކިތަކެއް ފަދައިން ސިފަވާން ފެށިއެވެ. ލުޖައިން ޖެހިލުންވެފައި ހުރެވެސް އެންމެފަހުން ހިތްވަރުކޮށްފައި އާރިން އަތުގައި ހިފަހައްޓައިފިއެވެ. އަނދިރީގައި ތެރެއިން އާރިން އެނބުރި ބަލައިލި ގޮތަކުން ހިތް އެފުށް މިފުށަށް ޖަހައިލިއެވެ. މެއަށް އައިސް ކިއުބްތަކެއް އަޅައިލި ނަމަވެސް އެވަރަށް ފިނިވާނެ ކަމެއް ނޭނގެއެވެ. އާރިން މިދަންވަރު އޭނާ ގޮވައިގެން މިދަނީ އަނެއްކާ ކޮންތާކަށް ހެއްޔެވެ؟ ހިތް ނިޔަތް ނުބައިވެގެން ގެއްލުމެއް ދޭން ނޫޅި ހުންނާނެ ބާވައެވެ؟ ލުޖައިންގެ ހިތަށް ވަން ނުބައި ހިޔާލަކުން ރޫރޫ އަޅައިގަތެވެ. އެކަން އާރިންއަށް ވެސް އިހްސާސްވިއެވެ.
"ކީއްވެތަ މިހާރަކަށް އައިސް އަހަރެން ދެކެ މާ ބިރެއް ތިގަންނަނީ؟" އާރިން ހުރިހާ ކަމެއް އެނގި ހުރެ އެފަދަ ސުވާލެއް ކުރިމަތި ކުރުމުން ލުޖައިން ހިމޭންވި އެވެ. ދޮގުހެދުމަށްވުރެ ހަނު ހުރުން ބުއްދިވެރި އެވެ. ތެދު ބުނެފިނަމަ ޔަޤީނުން ވެސް އާރިން އަންނާނީ ރުޅިއެވެ. "އަތްތިލަ ވެސް ހާދަ ފިންޏޭ.. ތިގޮތަށް މާބާރަށް ހިފަހައްޓައިގެން ގިނައިރު ހުންނަން ވެއްޖެއްޔާ އަހަރެން ގަނޑުވެދާނެ.." އާރިން އެތައް ދުވަހަކަށް ފަހު ސަމާސާ ބަހުރުވައިން ވާހަކަ ބެހެއްޓި ނަމަވެސް ލުޖައިންގެ ހިތަށް ފިނިކަމެއް ނުލިބެއެވެ. އާރިން އެހެން ހުރެފައި ކުއްލި ރުޅިއެއް އަންނާނީ ކިހިނެތް ކޮންކަމަކާއި ގުޅިގެންކަން ލުޖައިން އަށް ހިޔާލުކޮށްލަން ދައްޗެވެ. އާރިންގެ އެތައް ސަތޭކަ ސިފައެއްވެ އެވެ. ލުޖައިންއަށް ދަސްވެފައިވަނީ އޭގެވެސް މަދު ސިފައެކެވެ. އެއީ އާރިން ފުރާވަރަށް އަރަމުން އައި ދުވަސްވަރު ދެއްކި އޯގާތެރިކަމެވެ. އެދެއަތުން ލުޖައިން އަށް އުމުރު ދުވަހު ވެސް ހިމާޔަތްތެރިކަން ލިބިދޭނެ ކަމަށް ބަހަކާއި ނުލައި ފާޅުކުރި ޔަޤީންކަމެވެ. އެދުވަހު އާރިންގެ ލޮލުން ލޯބި ނޫން އެހެން އެކައްޗެއް ވެސް ލުޖައިން ނުދެކެއެވެ. ރުޅި އާއި ހަރުކަށި ކަމަކީ އާރިން ނުވެސް ދަންނަ އެއްޗެއް ކަމުގައި ހީކުރެވުނެވެ.
ގަސްތަކުތެރެއިން ގޮނޑުދޮށަށް ނިކުތުމުން ހުރަހެއް ނެތި އައި ވައިރޯޅިތައް ލުޖައިންގެ އިސްތަށިގަނޑާއި ސަމާސަ ކުރަން ފަށައިފިއެވެ. ލުޖައިން އާރިންގެ އަތުން ދޫކޮށްލައިފައި ދެއަތު ކުރިއަށް ދަމައިލާފައި އަދިވެސް ބޮޑަށް އިނގިލިތައް ފޮރުވައިލެވުނެވެ. އާރިން އޭނާ ގޮވައިގެން މިހާ ދުރަށް އަންނާނެކަން އެނގުނު ނަމަ ކަރުގައި އޮޅައިލަން ސްކާފެއް ކަހަލަ އެއްޗެއް ގެނެވުނީހެވެ. ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅުތަކުގެ އަޑު މިއުޒިކެއް ފަދައިން އެރޭގަނޑުގެ ހިމޭންކަން ނަގާލާފައި ވެއެވެ. ދާދި ކައިރީގައި ފެންނަން އޮތް ރަށްތައް ދިއްލާ އަޅާފައި އޮތްއިރު ބަލައިލަން އެހާ ރީއްޗެވެ. ނަސީބަކުން ލުޖައިން އަރައިގެން ހުރި ތުނި ފައިވާނުގައި ބިންމަތީ ފެތުރިފައިވާ ކުދި ގާތަކުމަތީ ހިނގަން އުދަނގުލެއް ނުވިއެވެ. އާރިން ފަޓްލޫނުގެ ޖީބަށް ދެއަތް ޖަހައިލަމުން މޫދާއި ކުރިމަތިލައިގެން ދާންފެށީ ހައްތަހާ ގޮނޑުދޮށަށެވެ. ވައިރޯޅިތައް އެރީތިމޫނާއި ހަށިގަނޑުގައި ބޮސްދީފައި އަންނައިރު އާރިން ޖަހައިގެން ހުރި ސެންޓްގެ ވަސް ލުޖައިންގެ ނޭފަތުގައި ހަރުލާފައި ވެއެވެ. ލުޖައިން އާރިންގެ ފަހަތުން ދަމުން އުޑުގައި ފިޔަޖަހަމުން ދިޔަ ތަރިތަކަށް ބަލައިލީ މިއޮތް ފިނި ރީތި ރޭގަނޑުގައިވެސް އޭނާ ހުންނަންވީ އެގޮތަށް ލޯބިވެރިޔާ އާއި ދުރުގައި ހެއްޔޭ އަހައިލާފަދަ ގޮތަކަށެވެ. އެތަރިތަކަށް ވެސް އޭނާގެ ހިތުގައި ހާލު އިހްސާސް ކުރެވޭނެއެވެ. އެކަމަކު އާރިންގެ ހިތާއި ހަމައަށް ވާސިލް ނުވަނީ ކީއްވެ ހެއްޔެވެ؟
މި ވައިރޯޅިތައް ވެސް ހާދަ ބޭކާރެވެ. މިގޮތަށް މޫނާއި ހަށިގަނޑަށް ފިނިކޮށްދިނުމުގެ ބަދަލުގައި އާރިންގެ ހިތް ފިނިކޮށްލައިދީ، އޭނާގެ ހިތުގެ ލޯތްބާއި ޝަކުވާތައް އެހިތާއި ހަމައަށް ގެންގޮސްދޭނެ ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ ލުޖައިން ހިތާއި ހިތުން ވާހަކަދައްކަމުން ގޮސް އާރިން ހުއްޓި ހުރި ހިސާބުގައި ހުއްޓިލަންވެގެން ފައިއެޅުނީ ތަންކޮޅެއް ކުރިއަށް އުސްކޮށް އޮތް ގާކޮޅެއްގައެވެ. އަރިއަޅައިލާ ގޮތްވެފައި އެހާ އަވަހަށް ތޫލި ހަޅޭކެއްގެ އަޑު ބޭރުކޮށްލެވިއްޖެ އެވެ. އާރިން އަވަސް އަވަހަށް އެނބުރިފައި ލުޖައިންގެ ކޮނޑުގައި ހިފަހައްޓައިލެވުނު އިރު ހުރީ ރަނގަޅަށް ބިމުގައި ފައި ހަރުލާފައެވެ. އާރިންއަށް އެކަން އިހްސާސްވެގެން އަތް ތިރިކޮށްލާފައި އަނެއްކާވެސް ޖަހައިލީ ޖީބަށެވެ. ލުޖައިން ކުޑަކޮށް ރަކިވިއެވެ. އޭނާ ކުޑަ ކަމެއްވެސް ބޮޑު ކަމަކަށް ހަދައިލަނީއޭ އާރިން ހިތަށް އަރާނެކަމަށް ވިސްނުނެވެ. އޭނާއަކީ ތުއި ކުއްޖެކޭ އާރިން މިހާރުވެސް ހިތުން ނިންމައިފާނެއެވެ.
"އޯލްރައިޓް. ދެން ބުނޭ އޮޅުންފިލުވަން ބޭނުންވަނީ ކޮންވާހަކައެއްކަން!" އާރިން ވާހަކަދައްކަން ފެއްޓިއެވެ. "އެވްރީތިން." ލުޖައިން މެއާއި ހަމައިން ދެއަތް ހުރަސްކޮށްލައިގެން އެއް އަތް އަނެއް އަތުގައި ފިރުމާފައި އިރުކޮޅަކުން ހަށަން ބަނދެލައިފިއެވެ. ވަޔާއެކު ގޮތްގޮތަށް އުދުހެމުންދިޔަ އިސްތަށިތައް މޫނުމައްޗަށް އުނދަގޫ ކުރަން ފެށުމުން ހަށަން މޮހައިލަން މަސައްކަތަށް ލުޖައިން ހުރެފައި ނިއްކުރިއަށް ފުމެލިއިރު އިއްތިފާޤުން އާރިން އެނބުރި ބަލައިލަނީއެވެ. އެއަދާއިން ލުޖައިން ސިފަވީ "އޭރިއަލް" އަށް ވުރެ ވެސް މައުސޫމު ކޮށެވެ. އާރިންގެ ހިތް ލޯބިން ފުރިގެންއައެވެ. އެވަރުން ވެސް އިސްތަށިކޮޅު މޫނުން އެއްފަރާތް ނުވުމުން ލުޖައިން ދެވަނަ ފަހަރަށް ފުމެލަން އުޅެނިކޮށް އާރިން ބަލަހައްޓައިގެން ހުރިކަން އިހްސާސްވެގެން އަވަހަށް ހަށަން މޮހައިލެވިއްޖެއެވެ. ލުޖައިން އަތުން އިސްތަށިތައް އެއްފަރާތް ކޮށްލައިފައި ހިންދިރުވައިލެވުނީ ގަދަކަމުން ކަހަލަ ގޮތަކަށެވެ. އާރިން ބަލައިލިއަސް އޭނާ ބިރުގަނެއެވެ. އެބެލުމުން ހިތަށް ލިބޭ އުފަލާއި ފޮނިކަމާއި އެއްވަރަށް ނުތަނަވަސްކަމާއި ބިރުވެސް ހަމަލަ ދެއެވެ.
ހުދު ޓޮޕެއްގައި ހުންނައިރު ލުޖައިން އެއީ ހުރިހާ ހަޑިއަކުން ތޯހިރުވެފައިވާ ޕަރީއެއްހެން އާރިންއަށް ސިފަވިއެވެ. ބޮޑު ބޮޑު ދެލޯ އެހާ ސާފުވެފައި މޫނު އަލިކަމުން ދިވާނާ ވާވަރުވެއެވެ. އެއިސްތަށިގަނޑު ފަންވެފައި ފަށުވިކޮޅެއް ފަދަ އެވެ. ލުޖައިން ނުތަނަވަސް ވުމުން ތުންފަތުގައި ދައިގެންފައި އިރުކޮޅަކުން ރަތްކުލަ އަރުވާލައިފިއެވެ. އޭނާ ކުޑައިރުކޮޅަކު ބަލައިލިއަސް ލުޖައިންއަށް ހާދަ ވަރެއް އެބަވެއޭ އާރިން ހިތަށް އެރިއެވެ. ލުޖައިން އެއީ މިހާރު އޭނާ އިއްޔެ ދުށް ކުޑަ އަންހެންކުއްޖާ ނޫންކަން އިހްސާސް ކުރެވިއްޖެއެވެ. ޒުވާންކަމާއި އެއްވަރަށް ލުޖައިންގެ ކިބައިގައި މިހާރު ލަދުވެތިކަމެއް ވެސް އެބަވެއެވެ. އާރިން ބަލަހައްޓައިގެން ހުރެފައި ހިތް އިޚުތިޔާރުން ނެއްޓިދާނެހެން ހީވީމައި ހިތާއި ދެކޮޅަށް ވެސް ދުރުބަލަން ފަށައިފިއެވެ. "ލުޖައިންއަށް އިނގޭދޯ އަހަރެންގެ ބައްޕަ މަންމަ އާއި މެރީ ކުރުމުގެ ކުރިން އެހެން އަންހެނަކާއި ކައިވެންޏެއްކޮށް ދެ ކުދިން ލިބިފައިވާކަން؟"
އާރިންގެ ފުރަތަމަ ޖުމްލަވެސް ލުޖައިންއަށް ގެނެސްދިނީ ޝޮކެކެވެ. އޭނާއަށް އާރިންގެ މަންމަ މާލޭ މީހަކާއި އިނދެގެން އުޅޭކަން ފިޔަވައި އާއިލާގެ ތާރީހާއި ބެހޭގޮތުން އެކައްޗެއް ވެސް އެނގިފައެއް ނެތެވެ. އާރިންގެ ލޯބިވެރިއެއްގެ ގޮތުގައި އުޅެފައިވިއަސް އާއިލީ ކަންތައްތައް ހޯދަން އޭނާ ހިތަށްވެސް ނާރައެވެ. "ގެސް އައެމް ރޯންގް." ލުޖައިންގެ މޫނަށް އެރި ކުލަވަރުން އާރިން ދެނެގަތެވެ. "ވެލް... އަހަރެން ހުރޭ ސްޓެޕް ސިސްޓަރއަކާއި ބްރޯއެއް. އެކަމަކު އަހަރެމެން ތިންމީހުން ކުޑައިރުއްސުރެ އެހާ އެކުވެރިކޮށް އުޅޭތީ އެގޮތަށް ފީލްއެއް ނުވޭ. އަދި އަހަރެންގެ ބްރޯ ރަފާލް ވޯޒް އެވްރީތިން ޓު މީ. އެހެން އުޅެނިކޮށް އެއްދުވަހަކު އަހަރެން އައިސް ގެއަށް ވަންއިރު މަންމަ އާއި ބައްޕަ ރީމް ކޮއްކޮ ކައިރީގައި ބައިންދައިގެން ކައިވެނީގެ ވާހަކަ ދައްކަނިކޮށް އަޑު އިވުނީ. ބޮލަށް ފާޑަކަށް އެނބުރުން ވެސް އެރި." އާރިން ބަލައިލި އިރު ލުޖައިން މޫނުން އޭނާ ހީކުރި ފަދަ އަސަރެއް ފައުޅު ނުވުމުން ހައިރާން ވެއްޖެ އެވެ. އޭނާގެ ކައިވެނީގެ ޚަބަރު އަހާފައި ވެސް ލުޖައިން އެހާ ހަމަޖެހިލައިގެން ހުރެދާނެ ކަމަކަށް ކުރިން ހިއެއް ނުކުރެވެއެވެ. "އަރިއާނާގެ ކައިވެނީގެ ޚަބަރު އަހާފަ އާރީއަށް އެހާވަރެއް ވީ ކީއްވެތަ؟ ކައިވެންޏެއް ކުރާ ވަރަށްވުރެ އޭނަ ޔަންގްއީތަ؟"
ލުޖައިން ޅަކަމުން ހަޤީޤަތް ދޭހަނުވީކަން އެނގުނީ އެސުވާލު ކުރީމައެވެ." ލޫލޫ އެމީހުން ދައްކަންތިބީ ރީމް އާއި އަހަރެންގެ ކައިވެނި ކުރުވާ ވާހަކަ." އާރިން ކުއްލިއަކަށް ލުޖައިންގެ އަތުގައި ހިފައިގެންފައި ތަޅުވައިގަތް ނަމަވެސް ލުޖައިން ނުވެއްޓި ސަލާމަތްވީ އޭނާ ހިފެހެއްޓިކަމުންނެވެ. ސިއްސައިގެންދިޔަ ވަރުން އޭނާ ރަނގަޅަށް ވެސް އަރި އަޅައިލީއެވެ. "ވަޓް؟؟؟ އެކަމަކު އެއީ އާރީގެ އެއްބަފާ ކުއްޖެއްނު." ލުޖައިންގެ ހިތް ސުވާލުން ފުރުނެވެ. "ތީ އަހަރެން ވެސް ސަޕްރައިޒްވި ކަމަކީ. އެކަމަކު އިނގޭތަ އަހަރެން ގޮސް އެގޮތަށް ބުނީމަ މަންމަ ބުނި އެއްޗެއް؟ އަހަރެންނަކީ ބައްޕަގެ ދަރިއެއް ނޫނޭ. އަހަރެން މީ އެހެން މީހެއްގެ ދަރިއެކޭ. ލޫލޫ އައި ވޯޒް ބްރޯކެން." އާރިންގެ އަޑު ކުރެހިއްޖެއެވެ. އެދެލޯ ފެންކަޅިވެގެން ދިޔަތަން ލުޖައިން އަށް ފެނިދާނެތީ އަވަހަށް އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ. ލުޖައިން އަށް ލިބުނު ޝޮކްގައި އަނގައިން ނުބުނެވިފައި ބުދެއްހެން ހުއްޓެވެ.
"ކުއްލިއަކަށް ވަށައިގެންވި ހުރިހާ އެއްޗެއް ބީރަށްޓެހި ވެގެން ދިޔަ. އަހަރެންގެ ގެއާއި އަހަރެންގެ ބްރޯ އާއި ބައްޕައާއި އަހަރެންގެ އަމިއްލަ މިލްކެއް ކަމުގައި ދެކެވުނު ހުރިހާ އެއްޗަކީ ހިލޭ މީހެއްގެ ފަރާތުން ލިބިފައިވާ ތަކެތިކަން އިހްސާސް ކުރެވުނު. ގެއަށް އަންނަ މެހުމާނުންނާއި ދަންނަ އެންމެން ވެސް އަހަރެން މީ ބައްޕަގެ "ރަންދަރިފުޅު" ކަމުގައި ފާހަގަކޮށްފައި ވަނިކޮށް އެދުވަހު އަހަންނަށް އެނގުނީ އަހަންނަކީ ދޮންބައްޕަގެ އާއިލާގައި ހުރި ހިލޭމީހެއްކަން. ހަމަ އެމަޤާމުގައި ހުރެފައި މަންމަ އަނެއްކާ ވެސް އެހީ ކައިވެނީގެ ވާހަކަ. ކައިވެންޏަށް ތާރީޚެއް ކަނޑައަޅަން ބުނި. އަހަރެން ރީމްގެ އަތުގައި ހިފާފައި އޭނާވެސް ކައިވެންޏަށް ދެކޮޅުހަދަން އެދުނިން. އެން ޔޫ ނޯ ވަޓް ލުޖައިން؟ ޝީ ރެފިއުޒްޑް. ފުރަތަމަ އަހަރެން ހީކުރީ ބައްޕަގެ ނުފޫޒްގައި ޖެހިގެން ރީމްއަށް ނުކެރުނީކަމަށް. އެކަމަކު ހަމަ އެތާ ހުރެފައި އަހަންނަށް ލިބުނީ އިތުރު ސަޕްރައިޒެއް. ރީމް ފުރާވަރަށް އެރީއްސުރެ އަހަރެން މީ ވާންއުޅޭ ފިރިމީހާގެ ގޮތުގައި ދެކުނުކަން އެނގުނީ އޭނަ އެންމެންގެ ތެރޭގައި ހުރެފައި ބުނީމަ. ގޯޑް. އޯލް އައި އެވަރ ބިލީވްޑް، ޓާންޑް އައުޓް ޓު ބީ އަ ލައި. އެން އައި ފެލްޓް ބިޓްރޭޑް" އާރިން ގާތަކުމަތީގައި އުޑަފައިން އިށީންދެފައި ދެއަތުން މޫނު ފޮރުވައިލިއެވެ. ލުޖައިން ހިތަށް ކުރަމުންދިޔަ އަސަރަކުން ދެލޮލުގައި ކަރުނަ ގިނަވެ ދެންމެ ދެންމެ ކޯތާފަތްމައްޗަށް އޮހިގެންފާނެ ކަހަލައެވެ. ކިތަންމެ ބޭނުންވިއަސް އާރިންގެ ކޮނޑުގައި ހިފައިލާނެ ހިތްވަރެއް ލުޖައިންއަކަށް ނުލިބުނެވެ. އެދުވަހު އާރިން ދޫކޮށްލައިގެން ކުރެވުނީ ކުށެއް ކަމުގައި އޭނާއަށް މިހާރުވެސް ގަބޫލު ކުރެވިއްޖެ އެވެ.
"އަހަރެން ފާޅުގައި ކައިވެންޏަށް ދެކޮޅު ހެދީމައި ބައްޕަމެން ފެށީ މަޖުބޫރުކުރަން. އެއްކޮޅުން އަހަރެން ހަމައެކަނި ލޯބިވަނީ ލުޖައިންދެކެ. އަނެއްކޮޅުން ރީމްއަކީ އަހަރެންގެ ނަޒަރުގައި ކޮއްކޮއެއް. އަހަރެން ކިހިނެއް އޭނަ އާއި އިންނާނީ. ބައްޕަގެ ފަހުގެ ނިންމުން އިއްވީ ޖެހިގެން އައި ދުވަހު. ކައިވެންޏަށް އެއްބަސް ނުވާނަމަ އަހަރެން ޖެހޭނީ އެގެއާއި މަންމައާއި މުޅި އާއިލާ ދޫކޮށްފައި ދާންކަމަށް އެންގި." އާރިން އިރުކޮޅެއް ފަހުން މޫނުން ދެއަތް ވަކިކޮށްލާފައި ވާހަކަދައްކަން ހުރެގެން ގާ ކޮޅެއް ނަގައި މޫދަށް ހޫރައިލިއެވެ. ލުޖައިންގެ ލޮލުން ކަރުނަ ފައިބަން ފެށުމުން ކެތްތެރިކަން ކޮޅުންލައިގެން ތިރިވެލާފައި އާރިންގެ ކޮނޑުގައި ނިއްކުރި ޖައްސައިލެވިއްޖެ އެވެ. އެވަގުތު އާރިން ފުންމައިގެންފައި ތެދުވިގޮތުން ވިހަގަދަ ކަށްޓެއް ހަރައިލުމުން ތެޅިގަތް ކަހަލައެވެ. ލުޖައިންއަށް ތިރީގައި ދެއަތް ވިއްދައި ނުލެވުނުނަމަ އޮންނާނީ ބިންމަތީގައެވެ. "އަހަރެން ލުޖައިންއަށް އެންމެ ބޭނުންވި ދުވަހު ދޫކޮށްލާފައި ދިޔައީއެއްނު. ދެން މިއަދު އަހަރެން ބޭނުމެއް ނުވޭ ލުޖައިންގެ ސިމްޕަތީއެއް."
އާރިން ނުރުހުމުގެ ލޮލަކުން ބަލައިލި ގޮތަކުން ހިތް ފޮތި ފޮތިވެގެން ދިޔަހެން ލުޖައިންއަށް ހީވިއެވެ. ލޮލުގައި ކަރުނަތައް އިތުރަށް ތާޒާވެ ކުރިއަށްވުރެ ގިނައިން ފައިބަން ފެށިއެވެ. "އާރީ ކީއްވެތަ ކުރިން ނުބުނީ. އަހަރެންނަށް ތި ހަޤީޤަތް ހެންޑެލް ނުކުރެވިދާނެހެން ހީވީތަ؟ ކުޑަމިނުން ޓްރައިކޮށްލި ނަމަ...އާރީއަށެއްނު އިނގެނީ އަހަރެންގެ ލައިފްގެ އެންމެ ޑާޓީ ސީކްރެޓް ވެސް. އެދުވަހު އާރީއެއްނު އަހަރެންނާއިއެކުވީ މީހަކީ. ދެން ކީއްވެ އާރީ...."ލުޖައިންގެ ޖުމްލަތައް ފުރިހަމަ ނުވަނީސް އާރިން ގާތަކުގައި ބާރުބާރަށް ފައިންޖަހައި ދުރަށް ބުރުއްސައިލުމުން ލުޖައިންގެ އަޑު ބެދޭގޮތްވި އެވެ. ގަތްބިރުން އަވަހަށް ކޮޅަށް ތެދުވެފައި ދުރަށް ޖެހިލެވިއްޖެއެވެ.
"އެވާހަކަ ބުނާއިރަށް ލުޖައިން ހިތުގައި ސުވާލެއް ނުއުފެދޭނެތަ؟ އަހަރެންގެ ބައްޕައަކީ ކާކުކަން އޮޅުންފިލުވާކަށް ބޭނުމެއް ނުވާނެތަ؟ އަހަރެންނަކީ ބައްޕަ ބޭނުންވެގެން އެއްލައިލި ނާޖާއިޒް ދަރިއެއްކަން އެނގުނީމައި ލުޖައިން ކިހިނެއް ރިއެކްޓްކުރާނީ؟ ލުޖައިން ޒުވާންވާ އިރަށް ފަޤީރު ހާލުގައި ތިއުޅޭ ދިރިއުޅުމުން ވަކިކޮށްގެން ގެނެސް އަހަރެންގެ ގޭގައި ރަނިކަނބަލެއްހެން ގެންގުޅޭނަމޭ ކިޔައިގެން ދެއްކި ހުވަފެން ތަކަކީ ބިލާހެއްކަން އެނގުނީމަ އަސަރެއް ނުކުރާނެތަ؟ ހައު ކުޑް އައި ޓެލް ޔޫ...ލޫލޫ އަހަރެން އަމިއްލައަށް ވެސް މިހަޤީޤަތްތައް އެކްސެޕްޓް ނުކުރެވިގެން މިއުޅެނީ. ދެން ކިހިނެއް އެހެން މީހަކަށް ހިއްސާ ކުރާނީ. އެހެންމީހަކަށް އެނގުނީމަ އަހަރެންގެ އަސްލުދެކެ ލަދުން މޫނު ދައްކައިލަން ކެރޭނެތަ؟ އަހަރެންގެ ހަޤީޤަތް ދުނިޔެއަށް އެނގުނީމައި ވާނީ ކިހިނެއް؟
ލޫލޫ އަހަރެން ބުނީމެއްނު އަހަރެންގެ ހަޔާތުގެ ހަމައެކަނި ހަޤީޤަތަކީ ތިއޭ. އައި ޓޯލްޑް، ޔޯ ދަ ވަން ރިއަލް ތިންގް. ލުޖައިން އަހަރެންދެކެ ހަޤީޤީ ލޯބިވިނަމަ އެދުވަހު އަހަރެން ދޫކޮށެއްނުލާނެ. އަހަރެން އެންމެ ބޭނުންވިދުވަހު އެގޮތަށް ފުރަގަސްދީފައެއް ނުދާނެ." އާރިންގެ ލޮލުން ކަރުނަ އަތުވެދާނެހެން ހީވުމުން ޖީބަށް އަތްޖަހާފައި ބާރުބާރަށް ގޮސް ފުރަގަސްދީގެން ދުރުގައި ހުއްޓުނެވެ. އާރިން ގަދަކަމުން ކަރުނަތައް އޮއްބައިލާފައި މޫނު އަނބުރައިލި އިރު ލުޖައިން އަނެއްފަރާތަށް އެނބުރި މޫނުގައި ދެއަތް އަޅައިގެން ހުރެ ބާރުބާރަށް ރޮމުން ދިޔައެވެ. ހަޤީޤަތް އެނގުމުން އަމިއްލަ ނަފްސް އިތުރަށް ކުށްވެރި ކުރެވުން ނޫންކަމެއް ނުވިއެވެ. އިތުރަށް ހިތަށް ތަދުވެ ޒަޚަމްތައް ފުން ކުރުވައިފިއެވެ. އާރިންއަށް އެހާ ބޮޑު ބަދަލެއް އައިސްގެން އެއުޅެނީ ހިތަށް ލިބިފައިވާ އެތައް ހާސް އަނިޔާތަކެއްގެ ސަބަބުންނެވެ. އާރިންގެ ހިތް އެވަނީ މާބޮޑަށް ޒަޚަމްވެފައެވެ. އެޒަޚަމްތަކުގައި ބޭސް އަޅައިދިނުމުގެ ބަދަލުގައި އޭނާވެސް ދިނީ އިތުރު އަނިޔާއެކެވެ. އާރިން އެކަނިވެރިވެފައި ހުރެ އޭނާއަށް ބޭނުންވި ދުވަހު ފަސްދީފައި ދެވުނީ އެވެ.
އާރިން ބަލަހައްޓައިގެން ހުރެފައި އިރުކޮޅަކުން ހިނގައިގަނެގެން އައިސް ލުޖައިންއާއި އަރާ ހަމަވެފައި ގެއަށްދާން ހިނގާށޭ ބުނެލިއިރު އަޑުގައި އޯގާތެރިކަމުގެ ކުޑަ މިންވަރެއް ވެސް ނުވެއެވެ. ލުޖައިން ގަދަކަމުން ރުއިން ކޮންޓްރޯލްކޮށްފައި އާރިން ފަހަތުން ގޮސް ދެމީހުން ސައިކަލަށް އަރާފައި ދުއްވައިލި އެވެ. ގޮސް ގެއަށް ވަދެފައި އާރިން ބަހަކުން ބަހެއްނެތި ބާރުބާރަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލުމުން ލުޖައިންއަށް ވެސް މަޖުބޫރުވީ އެގޮތެވެ. އެކަމަކު ފަތިސްވުމާއި ހަމައަށް ވެސް ލުޖައިން އެރޭ އޮތީ ނުނިދިފަ އެވެ. އޭނާ ދެން މަޢާފަށް އެދޭނީވެސް ކޮން ދުލަކުން ހެއްޔެވެ؟ އެހެންނޫނަސް އާރިން މިއަދު އަނެއްކާވެސް ނުސީދާ ބަހުން މަޢާފު ނުކުރާނެކަން ފާޅުކޮށްލައިފި އެވެ.
ކައިރީގައި އިން ކުއްޖާ އަތުގައި ހިފާ ތަޅުވައި ގަތުމުން ލުޖައިން ބަލައިލި އިރު އެންމެން ކުލާސް ދޫކޮށްފައި ނިކުމެގެން ދަނީއެވެ. ލުޖައިން އަވަހަށް ފޮތްތައް ހަމަކޮށްލައިގެން ތެދުވެފައި ފުރަތަމަ ވެސް އާރިން ނަންބަރަށް ޑައިލްކޮށްލި އެވެ. އާރިން ފޯން ނަގާފައި އާދައިގެ މަތިން އެއްޗެއް ނުބުންޏެވެ. ލުޖައިން ކުލާސް ނިމުނު ވާހަކަ އަންގައިލާފައި ފޯން ކަނޑައިލި އެވެ.
ހަވީރު ސައިން ނިންމާލައިފައި ތިއާ ކޮޓަރިއަށް ގޮސް ފެންވަރައިލި އެވެ. ތައްޔާރުވެލައިގެން ނިކުންނަން އުޅެނިކޮށް ސުހާ ގުޅައިގެން އިރުގަނޑެއް ވާންދެން އޭނާ ފޯންގައި އޮތެވެ. ސުހާ އޮފީހުގައި ދިމާވި މަޖާކަމެއްގެ ވާހަކަ ކިޔައިދީފައި ރިސޯޓްގެ ވާހަކަ އަހަން ފެށުމުން ތިއާ އެތަނުގެ ހިތްގައިމު ވާހަކަތައް ކިޔައިދިނެވެ. ސުހާ ޝައުޤުވެރިވާކަން އެނގިގެން ތިއާ ދެން އަންނަ ދަތުރެއްގައި ގެންނާނެ ކަމަށް ވަޢުދުވި އެވެ. ފޯން ނިންމާފައި ތިއާ ކޮޓަރިން ނިކުތް އިރު އީތަން ދުރުގައި ހުރި ގަސްތަކެއްގެ ފުރަގަހުގައި ފޯން ކަންފަތުގައި ޖަހައިގެން ހުއްޓެވެ. އީތަން އިރުއިރުކޮޅާ ތިއާގެ ކޮޓަރިއަށް ކަޅިއެއް އެއްލަމުން ދަނިކޮށް ތިއާ ނިކުތްތަން ފެނުނެވެ. ފޯން ބާއްވާފައި އީތަން ވަށައިގެން ހޯދައިލަމުން ތިއާގެ ފަސްފަހަތުން ކަހަލަ ގޮތަކަށް ދާން ފެށިއެވެ. ޒޯއީ އޭރު ޒާހިދު ގުޅައިގެން ގޮސް އެމީހުންގެ ކޮޓަރީގަ އެވެ.
އޮއްސެމުން އައި އިރުގެ ރަން ދަޅަތައް ބިއްލޫރިހާ ސާފު މޫދަށް އެޅިފައިވާ އިރު އަޖައިބުވާހާ ރީއްޗެވެ. ސްނޯކޮޅެއް ފަދަ ހުދު އެހާމެ މަޑު ފަސްގަނޑުމަތީގައި ތިއާ ހިނގަމުން ދިޔައީ ފައިވާން ދޫކޮށްލާފައި ހުސްފައިގަ އެވެ. ލުއިވައިރޯޅިތައް ތިއާގެ އިސްތަށިގަނޑާއި ސަމާސާ ކުރަމުން ދިޔައިރު އެމޫނާއި އިސްތަށިތަކަށް އިރުގެ ދަޅަ އެޅިފައިވެ އެވެ. މަޑު ނޫ ކުލައިގެ މެކްސީގެ ފަސްބައިގަ ކަނާއަތުން ހިފައި ކުޑަކޮށް އުފުލާލައިގެން ހުންނާތީ ވަކިން ރީއްޗެވެ. ތިއާ ހިނގަމުން ދާއިރު ބައެއްފަހަރަށް ރާޅުތަކާއި ސަމާސަކޮށްލާފައި ފަހަތަށް ޖެހިގަނެއެވެ. ކުރިއަށް ދިޔަވަރަކަށް އޭނާގެ ފިޔަވަޅުގެ ނިޝާންތައް ފޮރުވައިލަނީ އެހިތްގައިމު ރާޅުތަކެވެ. ބައެއްފަހަރަށް ތިއާގެ އިޚުތިޔާރަކާ ނުލައިވެސް ލުއި ހުނުމެއްގެ އަޑު ބޭރުވަނީ ޤުދުރަތުގެ އެހިތްގައިމު މަންޒަރަށް ހިތްދެވިފައިވާލެއް ބޮޑުކަމުންނެވެ.
އީތަން ފަސްފަހަތުން ގޮސް ނުހަނު ކައިރިވެފައި ހުއްޓާ ތިއާގެ ފައި ތަންކޮޅެއް ބޮޑަށް ތެތް ފަސްގަނޑު ތެރެއަށް ގަނބައިގަނެއްޖެ އެވެ. ތިއާ ބަލައިލީ ކައިރިވަމުން އައި ރާޅަށެވެ. ރާޅުއައިސް އެފައިތިލައިގައި ބޮސްދިނުމުގެ ކުރީން ސަލާމަތް ނުވާނެކަމަށް ހީވެފައި ހުއްޓައި ކޮންމެވެސް މީހަކު އޭނާގެ ފަހަތުން އުނގަނޑުގައި ހިފާ އުފުއްލައިލައިގެން ގެންގޮސް ލޮނުގެ އަސަރުނެތް ހިކި ފަސްގަނޑުމަތީ ބަހައްޓައިފިއެވެ. އެނބުރި ބަލައިލުމާއެކު އީތަންގެ މޫނު ފެނިފައި ތިއާ ސިއްސައިގެން ދިޔައެވެ.