ޒޯއީއަށް ނޭވާ ލެވޭވަރު ވުމުން ރަފާލްގެ މޭގައި ދެއަތް އަޅާފައި ކޮށްޕައިލިއެވެ. އެކަމަކު ރަފާލް ބިމަށް ޖަހާފައި ހުރި ހިލައިގެ ބުދެއްފަދައިން ވަރުގަދައެވެ. ޒޯއީގެ އަމަލުން އެހަށިގަނޑަށް ގުޑުމެއްވެސް ނައެވެ. ސިކުންތު ކޮޅަކަށް އައި ދުރުކަންވެސް ރަފާލް އަނެއްކާ ނެތިކޮށްލައިފިއެވެ. ރަފާލް ޒޯއީ ގެ އުނަގަނޑުގައި ހިފާ ގެނެސް ގަޔާލައި ފިއްތައިލަމުން އެއޮމާން ކަނދުރާގައި ތުންފަތް ޖައްސައިލި ތަނާ ހުރިހާ ލޯލިތައް ކޮޅަށް ޖެހުނެވެ. ޒޯއީގެ ހިމަހޯލި އިނގިލިތައް ރަފާލްގެ ފަން އިސްތަށިގަނޑު ތެރެއަށް މެހިގެން ދިޔުމާއެކު ރަފާލް ކޮށްލި ކަމަކުން އެއިސްތަށި ތަކަށް ވާންކޮށްލެވުނެވެ. ލޯ މަރައިލެވުނީ ބޭއިޚުތިޔާރު ގައެވެ. ހެދުމުގެ ފުރަގަހުގައި ޓައީ އަކަށް ވާގޮތަށް އައްސާލެވިފައިވާ ފަށުވި ފޮތިފަށް މޮހިގެން ތިރިއަށް ދިޔަކަން ޒޯއިއަށް އިހްސާސްވިއެވެ.
މަޑުމަޑުން ހެދުމުގެ ޒިބު ތިރިވަމުން ދިޔައިރު ޒޯއީގެ ނޭވާތައް ފުންވެ ރަފާލްގެ އަތުތެރެއަށް ހަށިގަނޑުގެ ކޮންޓްރޯލް ދޫވަމުން ދިޔައެވެ. ރަފާލްގެ އިނިގިލި ޖެހިލާ ކޮންމެ ތަންކޮޅެއްގައި ވެސް ކަރަންޓްގެ ބާނިތައް އުތުރިގަނެއެވެ. ރަފާލް އެހަށިގަނޑު ބިމުން ހިއްލައިލުމުން ޒޯއީއަށް ހީވީ ވައިގެ ތެރޭގައި އުޅެވޭހެންނެވެ. މަޑުމަޑު ތަންމަތީގައި ބުރަކަށި ޖެހުނު އިރު ދަށުގައި އޮތް ސިލްކް ޝީޓްވެސް ކުރުވީ އަރާމު އިހްސާސެކެވެ. ޖަޒްބާތުތައް އިތުރަށް ވަރުގަދަ ކުރުވި ކަހަލަ އެވެ. ވަށައިގެން ދަމާލެވިފައިވާ ހުދު ސަނދުވާގެ ތެރެއިން ފޭދިގެން އައިސްފައިވާ އުއްބައްތި ތަކުގެ އައްޔަށް ވުރެ ޒޯއީގެ މޫނު ރަތެވެ. ދެންމެ ދެންމެ ލޭ ތިކި ޖަހައިފާނެ ހެން ހީވާ ވަރަށް ތުންފަތުގެ ކުލަ ގަދައެވެ. ހައްތަހާ ބޮޑަށް ރަފާލް މަސްތުވާ ގޮތް ވިއެވެ. ދެޖިސްމުގައި ހުޅުރޯކޮށްލި އަލިފާންގަނޑު އިސާހިތަކު ނިއްވައިނުލެވޭ ހިސާބަށް ދިޔައެވެ.
ގަޑިއިރު ތަކަކަށް ދާންދެން ޒޯއީގެ ހިތަކީ އޭނާގެ އަމިއްލަ ބާރު ނުފޯރި މަސްކޮޅަކަށް ވެގެންދިޔައެވެ. ހިތުގެ އެދުމަށް ވުރެ ޖިސްމުގެ ގޮވައިލުމަށް އިސްކަން ދެވުނީއެވެ. އެގޮވައިލުން މާބޮޑަށްވެސް ވަރުގަދަވެފައި އެހެން ހުރިހާ ކަމެއް ހަނދާނުގެ ލޯގަނޑުން އެއްފަރާތް ކުރުވިއެވެ. ރަފާލް ޒޯއީއަށް ގެއްލުމެއް ވެދާނެތީ އެހާ އޯގާތެރި ކަމާއި ލޯއްބާއެކު އަމަލުތައް ބެހެއްޓި ގޮތަކުން ދެކޮޅު ހަދަން ބޭނުންވެސް ނުވީއެވެ. ޒޯއީއަށް އެންމެ ވަފާތެރި ހިތްވެސް އޭނައަށް ކެހިދިނީއެވެ.
"މޯނިން! ރައިސް އެން ޝައިން!" ޒޯއީ ދެލޯ ހުޅުވައިލަން ވެގެން އެސްފިޔަތައް ތަޅުވައިލި ތަނާ ރަފާލް ބުނެލިއެވެ. ސިއްސައިގެން ގޮއްސައި ކުއްލި އަކަށް ލޯ ހުޅުވައިލާފައި ޒޯއީ ފުންމައިގެން ތެދުވިއެވެ. އެންމެ ފުރަތަމަވެސް ގައިމަތީ އޮތް ހުދު ރަޖާ މައްޗަށް އުފުލައިލައިފައި ކޮނޑާއި ހިސާބުން ނިވާކޮށްލެވުނެވެ. ޒޯއީ ވަށައިގެން ހޯދައިލި ގޮތުން ހުވަފެނަކުން ހޭލެވުނު ކުއްޖެއް ފަދައެވެ. "ނިދާ ހޭލީމަ އަދި މާ ލޯބިހެން ހީވޭ.." ރަފާލް ކައިރިއަށް ޖެހިލާފައި ޒޯއީގެ ކޯތާފަތުގައި ހިފަހައްޓައިލަން އުޅުމުން ފަހަތަށް ޖެހިގަތެވެ. ރަފާލްގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ޒޯއީ އަނެއްފަރާތަށް މޫނު އަނބުރާލައިގެން އިންދާ ރަފާލް ތެދުވެގެން ގޮސް ފާޚާނާއަށް ވަންކަން އެނގުނެވެ. މާގަނޑު ދޫކޮށްލި އަޑަށް ޒޯއި ފާޚާނާ އާއި ދިމާއަށް ބަލައިލިއެވެ.
ޒޯއީ ބަލަން އިންދައި ރަފާލް ބޯދިއްކޮށްލިތަން ފެނިގެން މެއަށް ފިނިވެގެން ދިޔައެވެ. "ދެން އާދެބަލަ ދެމީހުން އެއްކޮށް ފެންވަރައިލަން. މެންދުރު ފްލައިޓްވެސް އިންނާނެ. ނާސްތާކޮށްލައިގެން ޕެކް ކުރާނީ ދޯ." ރަފާލްގެ މޫނުގައި ހަރުލާފައިވާ ފެން ތިކިތައް ފިރުކިލާފައި ދަތްދޮޅި އާއި ދިމާއަށް ދިޔައިރު ޒޯއީ ހުރީ އެސްފިޔަވެސް ޖަހައިނުލައެވެ. ރަފާލްގެ ރީތި ކަމާއި މެދު އެވަގުތުވެސް އެއްބަސް ވެވުނެވެ. ޒޯއީ އެއިން ގޮތަށް ބުދެއްހެން އިންދައި ރަފާލް ފެންވަރާލައިގެން ނިކުތެވެ. ތުވާލި އަނދެގެން ޑްރެސިންޓޭބަލް ކުރިމަތީ ރީތިވާން ހުއްޓާ ޒޯއީ ފުރުސަތަކަށް ބަލަން އިނދެފައި އަވަހަށް ގޮސް ފާޚާނާއަށް ވަދެ ބިއްލޫރި ދޮރުފަތް ދަމައިލިއެވެ. އެކަމަކު ރަފާލް ބޭނުމިއްޔާ ކޮންމެ އިރަކުވެސް އެދޮރުފަތް ކަހާލައިފައި ވަދެވިދާނެއެވެ. ބިއްލޫރިގަނޑުން އެތެރެ އެނގޭތީ ޒޯއީ މާގަނޑު ދޫކޮށްލުމުގެ ކުރިން ރަބަރުވެސް ދަމައިލިއެވެ. މާގަނޑު ދޫކޮށްލާފައި މޫނު އުފުލައިލުމާއެކު ލޮލުން ފައިބަން ތައްޔާރުވެފައިވާ ކަރުނަތަކަށް ޒޯއީ ފުރުސަތު ދިނެވެ.
އޮފް ދުވަހަކަށް ވިއަސް އާރިންއަށް ހެނދުނު ހެނދުނާ ހޭލެވިއްޖެއެވެ. ފެންވަރާލައިގެން ނިކުމެ ހުދު ސޯޓަކާއި ކަޅު ޓީޝާޓެއްގައި ގޮސް ބަދިގެއަށް ވަންއިރު ލުޖައިން ނާސްތާއަށް މޭޒުމަތީ ތައްޔާރު ކުރަނީއެވެ. އާރިން އަނގައިން ނުބުނެ ހުރެފައި ބަލައިލި ގޮތަކުން އެމޫނުގައިވި ކުލަވަރު ލުޖައިންއަށް ފާހަގަވިއެވެ. "ކޮންކަމަކާ ހިތްހަމަ ނުޖެހިފަ ތިހުންނަނީ؟" ލުޖައިން މަގަކަށް ކޮފީ އަޅައި ފުރާލައިފައި އާރިންއަށް ދިއްކޮށްލުމުން އެހިފައިގެން ނިކުމެއްޖެއެވެ. ލުޖައިންއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކުއްލިއަކަށް މިވީ ކިހިނެއް ހެއްޔެވެ؟ ކުރި އާއި ހިލާފަށް އާރިން ނުރުހިފައި ހުންނާކަށް ލުޖައިން ބޭނުމެއް ނުވިއެވެ. ލުޖައިން ފާޝާއަށް ގޮވައިލާފައި ޝަހީމު އަންނަ އިރު އެތާ ހުންނަން އަންގައިލަމުން އަވަހަށް ހިނގާލައިފައި އާރިން ހޯދަން ދިޔައެވެ. ނާހިދާ އޭރު ކޮޓަރިން ނިކުމެގެން އެދިމާއަށް އާދެއެވެ. ނާހިދާ އިސްޖަހައިގެން ވިސްނުމަކަށް ގެއްލިފައި ހުރުމުން ލުޖައިންއަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ.
"މިތާގަ ދޯ؟" އެތަން މިތަން ހޯދާފައި ގޮސް އަމިއްލަ ކޮޓަރިއަށް ވަންއިރު އާރިން ހުރީ ލުޖައިން ކޮޓަރިން ނިކުމެވެން ހުންނަ ކުޑަ ބެލްކަނި ކޮޅުގައެވެ. އެހާ އަވަހަށް ވެސް ނިއްމަތީ ހަރުލައިގެން ދިޔަ މުތީތައް ފަދަ ދާ ތިކިތައް ފުހެލައިފައި ލުޖައިން ގޮސް އާރިން ކައިރީ ހުއްޓިލިއެވެ. އާރިން އެއްއަތް ރެއިލިންގައި އަޅުވާލައިގެން އަނެއް އަތުން ކޮފީ ތަށި ހިފަހައްޓާލައިގެން ހުރެ އިރުއިރުކޮޅާ އެތިފޮދެއް ބޯލައެވެ. ހެނދުނު ގަޑީގައި އެމޫނު ތާޒާވެފައި އެހާމެ ހިތްގައިމެވެ. ލުޖައިން ރެއިލިންގައި ދެއަތުން ހިފަހައްޓާލައިގެން ހުރެފައި ބަލައިލެވުނު ގޮތަކުން އާރިންގެ ނިތަށް އަރާފައިވާ ރޫތައް ފެނުނެވެ. "ވަޓްސް ރޯންގް ބޭބީ؟" ލުޖައިން އެހާ ލޯބިން އަތުގައި ހިފައިލާފައި ގޮވައިލުމުންވެސް އާރިންގެ ހިތަށް ލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ. ވަގުތުން އެނބުރިލައިފައި ހިނިތުން ވެލެވުނެވެ.
"ލޫލޫ! އަހަރެން ވާހަކައެއް ދައްކަންވެފަ އެބައޮތް." އާރިން ކޮފީ މަގު އަނެއް އަތަށް ބަދަލުކޮށްލައިފައި ލުޖައިންގެ ކޮނޑުގައި ހިފާ ކައިރި ކޮށްލިއެވެ. "މިހުރީ އަޑު އަހަން." ލުޖައިން އެތާ ހުރި ޕޮޓެއްގައި ހެދިގެން މައްޗަށް އަރާފައިވާ ގަހަކުން މަލެއް ބިނދެލިއެވެ. "އަހަރެންގެ ބަޔޯލޮޖިކަލް ފާދަރ އެނގިއްޖެ." ލުޖައިން މަލުން ވަސްގަނެލާފައި އާރިން ބުނި އެއްޗެއް އިވިގެން ސިހިފައި ބަލައިލެވުނެވެ. "ރިއަލީ؟" ލުޖައިން ކުޑަކޮށް ނުތަނަވަސް ވިއެވެ. އޭނާއަށް އެސިއްރު އެނގޭކަން އާރިން ކައިރީ ބުނެފިއްޔާ އެނގުނު ގޮތެއް އޮޅުންފިލުވަން އުޅޭނެއެވެ. ޒަކްވާންގެ ނަން ބުނެފިއްޔާ ޔަޤީނުން ވެސް މަސްލަހަތު ރަނގަޅެއް ނުވާނެއެވެ. "ބައެއް ފަހަރު ހިޔާލަށްވެސް ނުގެނެވޭފަދަ ކަންތައް ހިނގާކަން އަދި ކިރިޔާ ބިލީވް ކުރެވުނީ. ލޫލޫ ގަބޫލެއްވެސް ނުކުރާނެ އެއީ ކާކުކަން ބުނެފިއްޔާ." އާރިން ބުނަން އުޅެފައި ކުޑަކޮށް މަޑު ޖެހިލިއެވެ. އިސްޖަހައިލައިފައި ދެން އަނެއްކާ ލުޖައިން މޫނަށް ބަލައިލި ގޮތަކުން ރަނގަޅަށް ތައްޔާރުވެލި ފަދައެވެ.
"ލޫލޫ އަހަރެންގެ ބައްޕައަކީ ޒަކްވާންމެންގެ ބައްޕަ." އާރިން ލަސްލަހުން ހާމަކޮށްލިއެވެ. "އައި ސީ..." ލުޖައިން އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުރެފައި ނިތް އަރުވައި ލެވުނެވެ. ހަޤީޤަތުގައި ހައިރާންވި ކަމުގެ އެކްޓް ޖައްސަންވީ އެންމެ ރަނގަޅަށް އެކަން ކުރާކަށް ލުޖައިންއަކަށް ނޭނގުނެވެ.
"ޔޫ އޯލްރެޑީ ނޯ އިޓް." އާރިން ބަލަހައްޓައިގެން ހުރެލާފައި ކުއްލި އަކަށް ބުނެލިއެވެ. ލުޖައިން ޖަވާބުދޭން އަނގަ ހުޅުވައިލި ނަމަވެސް ލިބުނު ހައިރާން ކަމުގައި ބަސް ހުސްވީއެވެ. އާރިން އެހާ މޮޅަށް އޭނާގެ ކަންތައްތައް ދެނެގަންނަނީ ކިހިނެއް ހެއްޔެވެ؟ "އާރީ.. އަހަރެން..." ލުޖައިންއަށް ވާހަކަ ދައްކަން އުދަނގޫ ވިއެވެ. "އައެމް ސޮރީ." ލުޖައިން އިތުރު އެއްޗެއް ބުނަން އުޅެފައިވެސް މަޢާފަށް އެދުނެވެ. އެމޫނުން މޮޅިވެރިކަން ފެނުމުން އާރިން ކަމެއް ނޫނޭ ބުނާފަދަ ގޮތަކަށް ދެފަރާތަށް ބޯ ހޫރުވައިލިއެވެ.
އާރިން ފުން ނޭވައެއްލާފައި އަނެއްކާވެސް ކޮފީ ފޮދުވަރެއް އަރުން އެތެރެކޮށްލިއެވެ. ވާރޭ ހުއްޓާފައި ވިއަސް ފެނުގެ އަސަރު ހުރި ގަހުގެ ފަތްތަކަށް ބަލަހައްޓައިގެން ލުޖައިން ހުރީ ތުންފަތުގައި ދަތް އަޅައިލައި ގެންނެވެ. ލުޖައިން ބޭނުންވާ ގޮތް ހާމަ ކުރަން އުޅެފައި ވެސް އާރިން އަމިއްލައަށް ގޮތް ނިންމަން ފުރުސަތާއި ވަގުތު ދިނުން މުހިންމު ކަމުގައި ދެކެވުނެވެ. "އިނގޭތަ މަންމަ ބުނި ވާހަކައެއް.. މަންމަ ބުނީ ބައްޕައަށް ނުވެސް އެނގެއޭ މަންމަ ޕްރެގްވިކަމެއް. މަންމަ މިހާރު އެބުނަނީ ބައްޕަ ބޭނުން ނުވެގެނެއް ނޫނޭ އަހަރެންނަށް އަޅައިނުލީ. ދެން ނޭނގެ އަހަރެން އެވާހަކަ އަޑު ނާހަންވެގެން އެރޭވެސް ނިކުތީ. ފަހުންވެސް މަންމަ އުޅެފި އެވާހަކަ ދައްކަން." އާރިން ބޭނުންވީ ލުޖައިންގެ ހިޔާލު ހުރިގޮތެއް ބަލާށެވެ. "ވެދާނެއެއްނު އެއީ ތެދެއްކަމަށް. ޔޫ ޝުޑް ލިސަން ޓު ހަރ އާރީ. އެންމެ ފަހަރަކު...ޕްލީޒް!" ލުޖައިން އާދޭހާއެކު ބަލައިލުމުން އާރިން ކުޑަކޮށް ހިނިތުންވެލަމުން ބޯ ޖަހައިލިއެވެ. ހިތުގެ އަޑިން އާރިންވެސް މިހާރު ބޭނުންވާ ގޮތަކީ އެއީއެވެ.
"ލޫލޫ ކީއްވެ އަހަރެންނަށް ކަންތައްތައް ސިއްރު ކުރަނީ؟" އާރިން ކުއްލި އަކަށް ބުނެލި އެއްޗަކުން ލުޖައިން ސިހިގެން ދިޔައެވެ. "އަހަރެންނަށް އިނގޭ ލޫލޫ އެރޭ އައީ ލަތްއާއި މީޓްކޮށްފަ ނޫންކަން." ލުޖައިން ރައްދުގައި ބުނާނެ އެއްޗެއް ނޭނގިގެން އުޅެނިކޮށް އާރިން އަނެއް ބޮން އެއްލިއެވެ. "ކި.. ކިހިނެއް އެނގުނީ؟" ލުޖައިންގެ އަޑު ނިކުތީ ކެނޑި ކެނޑިގެންނެވެ. "އެނގުނު ގޮތެއް މުހިންމެއް ނޫން. ލޫލޫ އަހަރެން ބޭނުމެއް ނުވޭ ޕާސްޓްގަ ވީ އެއްވެސް ކަމެއް ރިޕީޓް ވާކަށް. އަހަރެން ބޭނުންވަނީ ދެމީހުން މެދުގައި އެންމެ ފުރިހަމައަށް ޓްރަސްޓް އޮންނަން." އާރިންގެ ވާހަކަތަކުން ލުޖައިން ހިތަށް ލިބުނު އުފަލާ އެކު ލޮލުގައި ވެސް ކަރުނަ ހިނގައިލިއެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އާރިން އަނެއްކާ ހާދަ ވަރަކަށް ބަދަލު ވެއްޖެއެވެ. ވިސްނުންވެސް އެ ހުންނަނީ އެންމެ ޕޮޒިޓިވް ކޮށެވެ. "އަދި އެއްވާހަކަ. ލޫލޫއަށް އަހަރެން އާ ފޯނަކާއި ސިމެއް ހަދިޔާ ކުރީ ކުރިން ގެންގުޅުނު ފޯނާއި ސިމް ބާކީކޮށްލާ ގޮތަށް ޝަރުތުކޮށްފަ އެއްނު. ދެން ކީއްވެ އަދިވެސް އެފޯން ޔޫސް ތިކުރަނީ. ރޭވެސް އަހަރެން ދިން ފޯނު ބާއްވައިފަ ކުރީގެ ފޯނާއި ސިމް ހިފައިގެން ދިޔައީ." އާރިން ޝަކުވާ ކޮށްލަމުން ލުޖައިންގެ ނިއްކުރިން ވަކިވެގެން ވެއްޓިފައިވާ އިސްތަށިކޮޅެއް ކަންފަތް ކައިރިއަށް ލައްވައިލަދިނެވެ.
"ނިއު ފޯނަށް އަދި ނުހޭނެނީއޭ ބޭބީ." ލުޖައިން ޅަގޮތަކަށް ހީގެންފައި އިނގިލީގައި ދައިގަތެވެ. ލުޖައިން އެވަރުންވެސް ޒަކްވާންގެ ވާހަކައެއް ނުބުނެއެވެ. އާރިންވެސް ކޮންމެހެން އެވާހަކަ އޮޅުން ފިލުވާކަށް ނޫޅުނެވެ.
ސައިމޭޒު ދޮށުގައި ޒާހިދު އިނީ ދެދަރީން ހޭލައިގެން އަންނާނެ އިރަކަށް އިންތިޒާރު ގައެވެ. އެކަމަކު ބައިގަޑި އިރު ވެގެން ދިޔައިރުވެސް އެތަނުން ކުއްޖަކު ދައްކައެއް ނުލިއެވެ. ހެނދުނު ސައިގަޑި ރަނގަޅަށް އެނގިހުރެ އެކުދިން ސަޔަށް ނައި ސަބަބެއް އޮޅުންފިލުވަން ޝަކީބާ ކައިރީ ބުނެލުމުން ފުރަތަމަ ގޮސް ވަނީ ތިއާގެ ކޮޓަރިއަށެވެ. ތިއާ އަރާމުކޮށް ނިދާފައި އޮތްވައި ޝަކީބާ ގޮސްދޮރުފޮތިގަނޑު ކަހައިލުމުން ލޯމަރައިގެން އޮވެވެސް މޫނު ކުނިކޮށްފައި ބާލީހެއް ނަގައި ބޮލާއެކު ފޮރުވައިލިއެވެ. "ތިއާ! ދެން ތެދުވެބަލަ. މިހާރު ދިހައެއް ޖެހީ. ބައްޕަވެސް އެބައިން ސައިމޭޒު ދޮށުގައި މަޑުކޮށްގެން." ޝަކީބާ ގުދުވެލާފައި ތިއާ ބޮލުގައި އަޅައިގެން އޮތް ބާލީސް ދަމައިގަތުމުން ދެން ވަނީ ރަޖާ ދަށަށެވެ. "މަންމާ އަހަރެން ސައެއް ނުބޯނަން. ބައްޕަ ކައިރީ ބުނޭ ވެއިޓް ނުކޮށް ސައިބޯށޭ." ތިއާ ރަޖާތެރޭ އޮވެ ބުންޏަސް ޝަކީބާއަށް ސާފުވިއެވެ. ދެފަރާތަށް ބޯ ހޫރައިލުމާއެކު ފުން ނޭވައެއް ބޭރުކޮށްލަމުން ޝަކީބާ ދެން ވަނީ ޒަކްވާން ކޮޓަރި އަށެވެ.
ޒަކްވާން އަދި އޮތީ އެނދު ހުރަހަށެވެ. ކޮޓަރިތެރޭގައި ހުރިހާ އެއްޗެއް ތަރުތީބު ގެއްލުވާލައިފައި އޮތުމުން މީން ދުވަހަކު ސާފު ނުކުރާ ތަނެއް ފަދައެވެ. ޝަކީބާ ޓައިލްސްމަތީ އުކައިފައި އޮތް އަންނައުނުތައް ހޮވައިގެން ގެންގޮސް ދާވަށިގަނޑަށް އަޅައިލިއެވެ. ޒަކްވާން ނިދީގައި ފުރޮޅިލާފައި ކައިރީގައި އޮތް ކަންނޭލެއްގައި ބައްދާލައިގެން އަދި ރަނގަޅަށް ހަމަޖެހިލިއެވެ.
"ގެސް އިޓްސް އޮންލީ ޔޫ އެން މީ." ޝަކީބާ ގޮސް ގޮނޑިއެއް ދަމާލައިފައި އިށީނެވެ. "ކޮބާ އެދެކުދީން؟" ޒާހިދުގެ މޫނުން ހިތްހަމަ ނުޖެހުމުގެ ކުލަވަރު ފެނުނެވެ. "ދެފައިދަމާފަ ނިދަނީ. ދެން އެވަރު ކަމެއްތަ އެއީ؟ މިއަދު މީ އަނެއްކޮޅުން ބަންދު ދުވަހެއް. ޒަކްވާންވެސް މާދަން އަނެއްކާ ފުރަންވީ." ޝަކީބާއަށް ކުދިން ދެރައެއް ނުވިއެވެ. "އަބަދު އެކި ކުދިން އެކިތާގަ. ވާހަކައެއް ބުނެލަންވެސް އެއްތަން ވާނީ މިކަހަލަ ގަޑިއެއްގަ ވީމައޭ ކޮބައިތޯ ބެލީ." ޒާހިދު ތަށި ކައިރިކޮށްލައިފައި ކާންވެގެން ތައްޔާރުވެލިއެވެ. ޝަކީބާ ޖޫސްތަށި ނަގާފައިވެސް އޭގައި ތުން ނުޖަހައި ފުރަތަމަ ބަލައިލެވުނީ ޒާހިދު އަށެވެ. ޒާހިދު އެއުޅެނީ މާޒީގެ ހުރިހާ ސިއްރެއް ދަރިންނަށް އަންގަން ހެއްޔެވެ؟ ޝަކީބާ ޖޫސްފޮދެއް ރަހައި ބަލައިލައިފައި ބަހައްޓަމުން އަދިވެސް އެއްފަހަރު ޒާހިދުއަށް ބަލައިލިއެވެ.
"އަހަރެން ޒަކްވާން ކައިރީ ބުނެފިން އާރިންގެ ވާހަކަ." ޒާހިދު ފުރަތަމަ ނެގި ކާއެތިކޮޅު އަނގަޔަށް ލައި ހަފައިލުމާއެކު އުލާއި ސަމުސާ ތަށީގެ މެދުގައި ކޮޅަށް ވިއްދައިލިއެވެ. ޝަކީބާ ސިހިގެން ދިޔަވަރުން ފާޑަކަށް ކޮށި އަރައިފިއެވެ. "ކީކޭ؟ ޒަކްވާން ކައިރީ ބުނިއްޔޭ؟ ދެން އޭނަ ކީކޭ ބުނީ؟" ޝަކީބާއަށް ހަމަޖެހިގެން ނުވެސް އިނދެވުނެވެ. ފެންފޮދެއް ބޯލިފަހުން ވެސް އަދި ދެފަހަރެއްގެ މަތިން ކެއްސައިލިއެވެ. "ނުބުނޭ ވަކި އެއްޗެކޭ." ޒާހިދު ޖަވާބު ދިނެވެ. "ތިއާ ކައިރީ ބުނި ނަމަވެސް ތިއަށްވުރެ ރަނގަޅުވީސް. ޒާހިދު އަކަށް ނޭނގޭނެ ޒަކްވާން އާއި އާރިން ލުޖައިންގެ ބޭނުމުގައި އެކަކު އަނެކަކަށް ދުޝްމަންވެފަ ހުންނަވަރެއް. ފުރަތަމަ އަހަރެން ކައިރީ އަހައިލި ނަމަ. ޒަކްވާންއަށް ކުރާނީ ކޮންކަހަލަ އަސަރެއް؟ ކުރިއަށް އޮތީ އޭނާގެ ކިޔެވުން. އެނބުރި ގޮސް އާއިލާ އާއި ވަކިން އުޅެންޖެހޭއިރު ތިޔަ ދިން ޚަބަރު ވާނީ ހާދަ ހިތި އެއްޗަކަށޭ. ހީ ވިލް ބީ ޝޭޓާރޑް.." ޒަކްވާން އާއި މެދު ވިސްނައިލެވުމުން ޝަކީބާގެ ލޯ ރަނގަޅަށްވެސް ފެންކަޅިވެއްޖެއެވެ.
ޒަކްވާން ލުޖައިން އާއި ހެދި އުޅުނުވަރު އޭނާ ދުށްޓެވެ. ލުޖައިންއަށް ޓަކައި ނޫނީ ޒަކްވާން އަމިއްލައަށް ބަދަލުވާން މަސައްކަތް ކުރި ދުވަހެއް އައިއްސައެއް ނުވެއެވެ. ޝަކީބާގެ ވާހަކައިން ޒާހިދުއަށްވެސް އަސަރު ކުރިއެވެ. ނޭނގުމުގެ ތެރޭގައި މިކުރެވުނީ ކީއް ހެއްޔެވެ؟ ދެބެން އެއްގަލަށް އެރުމުގެ ކުރީން އަދި މާބޮޑަށް ދުޝްމަން ކޮށްލެވުނީއެވެ.
"މަންމާ އަހަރެން ދެން ނުދާނަން." ދެމީހުން ހިމޭންވެފައި ތިއްބާ ދޮރާއި ދިމާއިން ޒަކްވާންގެ އަޑު އައެވެ. ޒަކްވާން ވަދެގެން އައިސް އިށީންދެލީ ޒާހިދުގެ ގޮނޑި އާއި ޖެހިގެން ހުރި ގޮނޑީގައެވެ. "ތިބުނީ؟" ޝަކީބާއަށް އަހައިލެވުނެވެ. "މިބުނީ އަހަރެން ދެން ކިޔަވާކަށް ނުދާނަމޭ. ޒޯއީވެސް ކައިވެނި ކުރީ. މިދަނޑިވަޅުގައި މަންމަ އެކަނި ކިހިނެއް ޗެނަލްގެ ހުރިހާ ކަމެއް ބަލަހައްޓާނީ. އެހެންވެ އަހަރެން މަންމަ އާއި އެހީވާން މިކޮޅުގައި މަޑުކުރާނީ. ހަމައަކަށް އެޅުނީމަ އަދިވެސް ކިޔެވިދާނެ އެއްނު." ޒަކްވާން ހަމަޖެހިލައިފައި ކިޔައިދިނެވެ. ޒަކްވާންގެ އެނިންމުން ހަޤީޤަތުގައި ވެސް ގުޅިފައި ވަނީ ޗެނަލްގެ މަސައްކަތާއި ކަން ނޫނީ އޭގެ ފަހަތުގައި އިތުރު ސަބަބެއްވާކަން ނިންމަން ޝަކީބާއަކަށް ވެސް މިފަހަރު ނޭނގުނެވެ.
ތިންމީހުން ހިމޭންވެފައި ތިއްބާ ކޮންމެވެސް މީހަކު ބެލް ޖަހައިފިއެވެ. ޒަކްވާން ސައިބޯން ނުފަށައި ހުރުމުން އެބަ އަންނަމޭ ކިޔާފައި ތެދުވެގެން ގޮސް ދޮރު ހުޅުވައިލިއެވެ.