ސުވާލުގެ ޖަވާބު ދޭކަށް ނުޖެހުނެވެ. ޖަވާބު އޮތީ ކުރިމަތީ ފެންނާށެވެ. އާރިން މިހާރު ސުހާގެ ލޯބިވެރިޔާގެ މަޤާމުގައި ހުރެފައި ސުހާ އަންނަތާކަށް ދައުވަތަކާއި ނުލައިވެސް އާދެވިދާނެއެވެ. ތިއާ ރުޅި މޫނު ރީތިކޮށްލައިފައި އެންމެންނަށް ވުރެ ކުރީން ގޮސް ސުހާމެންނާއި ބައްދަލު ކުރިއެވެ. "އާރީ. މީޓް މައި ބެސްޓް ފްރެންޑް." ސުހާ ތުއިވެލާފައި އާރިން އަތު މުލައްދަނޑީގައި އަދިވެސް ބާރަށް ހިފަހައްޓައިލި ގޮތުން ދެންމެ ދެންމެ އާރިން ގައިގައި އޮޅުލައި ގެންފާނެ ކަހަލައެވެ. ތިއާ ކިތަންމެ ރުޅިގަދަވެފައި ހުއްޓަސް އެކަމެއް ނުދައްކައެވެ. އާރިން އެއީ ނުވެސް ދަންނަ މީހަކަށް ހަދާފައި ހައެ ޖަހައިލިއެވެ. އާރިން ރައްދު ދިން އިރު އެދެލޯ ހުއްޓިފައި ހުރީ ލުޖައިން އަށެވެ. ލުޖައިން ގަދަ ހިތްވަރުން އަމިއްލަ ނަފްސް ކޮންޓްރޯލް ކޮށްގެން ހުންނަ އިރުވެސް ރޮވެން އުޅޭހެން ހީވެއެވެ. އާރިންގެ މޫނަށް ހުއްޓިފައިވާ ނަޒަރު ދޭތެރެ އަކުން ސުހާ އާއި ދެމީހުންގެ ގުޅުވާލެވިފައިވާ އަތަށް ހުއްޓާލެވޭ ހިނދު މެއަށް ކަށިތަކެއް ހަރައިލާފަދަ އިހްސާސް ކުރެވުމުން މަޑު އާހެއްގެ އަޑު އިއްވާލެވެއެވެ. މާހައުލުގައި ހިފާފައިވާ ރީތި ލަވައިގެ އަޑު ނެތްނަމަ އެއާހްތައް އެގޮތަށް ވަންހަނާ ވެގެން ނުދިޔައީހެވެ. ޒޯއީ ނުހަނު ކައިރީ ހުރެގެން އެދެމީހުންގެ ހަރަކާތްތައް ނޯޓް ކުރަމުން ސިކުނޑީގައި ހިޔާލުތައް ދައުރު ކުރަމުން ދިޔައެވެ. އަނެއް ކޮޅުން ޝަކީބާގެ ހިތް ހާސްވެފައި ވަނީ އާރިން ފެނިގެން ލުޖައިން ނިންމުން ބަދަލުވެދާނެތީއެވެ.
"ބޭބް. އެބަ އަންނަން." އާރިން ވަށައިގެން ލޯ ހިންގައިލާފައި ޒަކްވާން ފެނިގެން އެދިމާއަށް ދިޔައެވެ. ފުރުސަތު ލިބުމުން ތިއާ އަވަހަށް ސުހާ ގޮވައިގެން ގޮސް އެއްފަރާތަކަށް ޖެހިލައިފިއެވެ. "ސުހާ އަހަރެން ވަރަށް މުހިންމު ވާހަކައެއް ބުނަން ބޭނުން." ތިއާ ވާހަކަ ދައްކަން ފެށުމުން ސުހާ ފަރުވާ ކުޑަގޮތަކަށް ބޯ ޖަހައިލާފައި މޭޒުމަތީ ހުރި ވާސް އަކުން އޯކިޑް މަލެއް ވަކިކޮށްލައިގެން ބޮލުގައި ޖަހާލިއެވެ. ތިއާ ވާހަކަ ފަށަން ފަސްޖެހިގެން ހޭދަވި މަދު ވަގުތު ކޮޅުވެސް ސުހާ އަތްދަބަހުން ކުޑަ ލޯގަނޑަކާއި ލިޕްސްޓިކް ނަގައިގެން ތުންފަތުގެ ކުލަ ގަދަކޮށްލިއެވެ. އާރިންއަށް ތިއްތި ދެއްކެން ސުހާ އެންމެ މިނިޓެއްވެސް ބޭކާރުކޮށް ނުލައެވެ. މޫނު ތެޔޮވެދާނެތީ އިރުއިރު ކޮޅާ ޓިޝޫ ނަގާފައި މޫނުގެ އެތަން މިތާ ޖައްސާ އޮއްބާލައެވެ. އެކުޑަ ވަގުތުކޮޅު ސުހާ އުޅުނު ގޮތަކުން ތިއާއަށް ސުހާ ސިފަވީ ޕްރިޓީ ލިޓްލް ލަޔަރސްގަ އުޅޭ މޯނާގެ ކެރެކްޓަރ ގޮތަށެވެ. މޯނާވެސް އަބަދު ކަމަށް އޮންނާނީ ފަރިވެގެން ތިއްތި ދެއްކުމެވެ.
"ސުހާ އަހަރެން ސުހާއަށް ހެޔޮއެދޭތީ މިބުނަނީ. އާރިން އަކީ ރަނގަޅު މީހެއް ނޫން." ތިއާ ސީދާ މައުޟޫއަށް ދިޔައެވެ. އެވަގުތު ސުހާ ތެޅިގެންފައި ތިއާ މޫނަށް ބަލައިލި އިރު ހުރީ ލޯ ބޮޑުކޮށްލައި ގެންނެވެ. "އާރިން އެހުންނަނީ ލުޖައިންއަށް ދޯކާ ދީފަ. އަހަރެން ސުހާ ކައިރީ ކީމެއްނު ލުޖައިން އެކްސްގެ ވާހަކަ. އެއީ އާރިން." ސުހާ ދެރަވެދާނެތީ ތިއާ ކަންބޮޑުވިއެވެ. ސުހާ މާކުރިއްސުރެ އާރިން ރީތިވެގެން އުޅުނުކަން އޭނާއަށް އެނގެއެވެ. ނޭނގުނީ އެއީ ލުޖައިންގެ އާރިންއަށް ވެދާނެ ކަމެވެ. "ކޮންމެ މީހަކީ ވެސް ކޮންމެވެސް އެހެން މީހެއްގެ އެކްސްއެއް. އެއީ ދެން މައްސަލަ އެއްތަ؟ އިޓްސް އަ ސްމޯލް ވޯލްޑް ތިއާ. ދެން އާރިން ލުޖައިންއަށް ދޯކާ ދިންކަމަށް ވަންޏާ އޭގައި ވެސް ކޮންމެވެސް ސަބަބެއް އޮންނާނެ. މޭ ބީ ޝީ ވޮޒަންޓް ހިސް ޓައިޕް." ސުހާ ދާދި އަވަހަށް މޫނުގެ ކުލަވަރު ބަދަލުކޮށްލާފައި ރައްދު ދިނެވެ. ތިއާ ހައިރާންވި ވަރުން އަނގައިން ނުބުނެވިފައި ހުއްޓާ ސުހާ މޭޒުމަތިން ބުއިމެއް ނަގައިގެން ރަހަބަލާލައިފައި ގޮސް އާރިން ކައިރިއަށް ހުއްޓިއްޖެއެވެ.
އާރިން އާއި ޒަކްވާންގެ މާ ގާތް އެކުވެރިކަމެއް ނެތަސް ފެނިދެނިވެ އުޅޭތީ ހިސާބަކަށް ވާހަކަ ދެކެވެއެވެ. ޕާޓީގެ މުނާސަބާއަކީ ޒަކްވާން ކިޔަވަން ބޭރަށް ފުރުންކަން އެނގިގެން އާރިން ހިތްހެޔޮ ކަމާއެކު މަރުހަބާ ކިއެވެ. އާރިންނަށް ނޭނގެނީ ޒަކްވާންގެ މުސްތަޤްބަލް ލުޖައިން އާއި ގުޅުވާލަން ރޭވިފައިވާ ކަމެވެ. ދުރުގައި ހުރި ލުޖައިންގެ ލޮލުގައި އެމަންޒަރުވެސް އަޅައިގަތެވެ. ޒަކްވާން އާއި އާރިން ހިނިތުންވެފައި އެކަކު އަނެކަކާއި މުހާތަބްކޮށް ވާހަކަ ދައްކާތަން ފެނުމުން ފާޑަކަށް ހިތް ބިރުގަތެވެ. ޒަކްވާންގެ ފަރާތުން ސަޕްރައިޒް އޮޅުން ފިލައިގެން އާރިން ޕާޓީ ފަނިކޮށްނުލައި ހުންނާނެ ކަމެއްވެސް ނޭނގެއެވެ. އެކަމަކު އެހެން ވާނީ ކިހިނަކުން ހެއްޔެވެ؟ އާރިން އޭނާ ހަނދާން ނައްތާލައިފައި ހަޔާތުގައި ކުރިއަށް ހިނގައްޖެއެވެ.
ލުޖައިން ހިޔާލުތަކެއްގައި ބަނދެވިގެން ހަނު ހިމޭނުން ހުއްޓާ ޝަކީބާ އެކުވެރިން ތަކެއް އައިސްގެން އެމީހުންނާއި ވާހަކަދައްކަމުން ގޮސް ދުރަށް ހުއްޓުނެވެ. ޒޯއީވެސް ފޯނެއް އައިސްގެން އެއްފަރާތަކަށް ޖެހިލައިފިއެވެ. ލުޖައިން އެކަނިވެފައި ހުއްޓާ ވެއިޓަރަކު އައިސް ދެފަރާތް ބަލައިލާފައި ކަރުދާސްކޮޅެއް ދިއްކޮށްލައިފިއެވެ. ލުޖައިން އޭގައި ހިފި އިރު އަތުގައި ތުރު ތުރެއް އުފެދިއްޖެއެވެ. އެއޮތް ހުރިހާ މީހުން އެއްވެފައިވާ ޕާޓީ ތެރޭގައި އޭނާއަށް ސިއްރު ނޯޓެއް ފޮނުވާނީ ފަހެ ކާކު ހެއްޔެވެ؟
އެހެން މީހަކަށް ފެނިދާނެތީ ލުޖައިން ހޯލު ދޫކޮށް ގޮސް ކޮޓަރިއަށް ވަދެފައި ލިއުންކޮޅު ކިޔައިލިއެވެ. "ލޫލޫ. އަހަރެންނަށް ޝާމިސް ފަރާތުން ކައިވެނީގެ ޚަބަރު ލިބިއްޖެ. މި ޕާޓީއަށް އަހަރެން ގެނައީ ވެސް އެޚަބަރު. ލޫލޫ މީ އަހަރެން އެދޭ އެންމެ ފަހު އެދުން. މީޓް މީ އާފްޓަރ ފައިވް މިނިޓްސް. އަހަރެން ހުންނާނީ ޒަކްވާން ރޫމްގައި. އެން ޕްލީޒް އަހަރެން ޑިސްއެޕޮއިންޓް ނުކޮށްލާ. މިއީ އަހަރުމެންގެ ފަހު މީޓިންކަމުގައި ވެސް ވެދާނެ." ނޯޓްގެ ތިރީގައި ނަން ޖަހާފައި ނެތްނަމަވެސް ލުޖައިންއަށް އެއީ ކާކުގެ ނޯޓެއްކަން އެނގިއްޖެއެވެ. ވަގުތުން މޭގަނޑު ފިނިވެ ނިއްކުރިން ފިނި ދަލެއް ނިކުންނަން ފެށިއެވެ. ލުޖައިން ނޯޓްކޮޅު ބޮނޑިކޮށްލާފައި ލޯގަނޑާއި ކުރިމަތިލީ އިރު އެމޫނު ރީނދޫވެއްޖެއެވެ. ހިތް ތެޅެނީ އެހާ ބާރަށެވެ.
ޕާޓީތެރޭގައި އުޅުނު އާރިންގެ އެކުވެރިއަކަށް ފެނިގެން އައިސް ވާހަކަ ދައްކަން ފެށުމުން ހިނދުކޮޅަކަށް ނަމަވެސް ލުޖައިންގެ މޫނުން ނަޒަރު ވަކިވިއެވެ. އިރުކޮޅަކުން އެކުވެރިޔާ އެހެން ދިމާލަކަށް ދިއުމުން އާރިން ބަލައިލި އިރު ލުޖައިންއެއް ނެތެވެ. އޭނާ ހާސްކަމާއެކު ވަށައިގެން ހޯދަމުން ދަނިކޮށް ޒޯއީ އެދިމާއަށް އައިސް ކައިރިވެފައި ހެދި ނެހެދިއެއް ނޭނގި އާރިން ގަމީހަށް އަތުގައި ހުރި ޖޫސްތަށި ބަންޑުން ކޮށްލައިފިއެވެ. "އައެމް ސޯ ސޮރީ އާރިން. ގަމީސް ދޮވެލަން ހިނގާ." ޒޯއީ މަޢާފަށް އެދިފައި އާރިންއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ އަތުގައި ހިފައިގެން ގޮސް ހޯލުން ނިކުމެފައި ކޮރިޑޯއަށް ވަދެއްޖެއެވެ. އާރިން އެއްޗެއް ނުބުނެ ހުރެފައިވެސް ޒޯއީގެ އާދަޔާ ހިލާފް ހަރަކާތުން ސުވާލު އުފެދުނެވެ. ދާދި ފަހަކުން އޭނާގެ ގަޔަށް ބޮލަށް އަރައިގެން ކުއްޖާ މިއަދު ކުއްލިއަކަށް މާ އޯގާތެރިކަމެއް މިދައްކަނީ ކީއްވެބާއޭ ހިތަށް އެރިއެވެ.
"މީ ޒަކްވާން ރޫމް. ދޭ ފާޚާނާއަށް ވަދެ ދޮވެލައިގެން އަންނަން." ޒޯއީ ދޮރާއި ހަމައިން ހުއްޓުނެވެ. އާރިން ބަހެއް ނުބުނެ ހުރެފައި އެތެރެއަށް ވަނުމުން ޒޯއީ އެހިސާބުން މަސައްކަތުގެ ތިންވަނަ ފިޔަވައްސާއި ދިމާއަށް ދާންވެގެން އެނބުރިލިއެވެ.
ތިއާ މޫޑް ގޯސްވެފައި ހުރެގެން މޭޒުމަތިން ކޯކް ތައްޓެއް ނަގާފައި ބޮމުން ދެކޮޅަށް ހިނގަނިކޮށް ކޮންމެވެސް މީހަކު އައިސް ކޮނޑުގައި ހިފަހައްޓާލައިފިއެވެ. ތިއާ ހުއްޓިފައި އެނބުރި ބަލައިލުމާއެކު އީތަން ފެނިގެން އަނގައަށް ގޮތެއް ހަދާލެވިއްޖެއެވެ. "ތިއާ. ވީ ނީޑް ޓު ޓޯކް." އީތަން މަޑު ނޫކުލައިގެ އަތްދިގު ގަމީހާއި ފަޓްލޫނުގައި ވާތު ޖީބަށް އަތް ޖަހާލައިގެން ހުރިއިރު ނިކަން ހިތްގައިމެވެ. ގަމީހުގެ ދެއަތު ކުރި އުޅަބޮއްޓަށް ވުރެ ކުޑަތަންކޮޅެއް ތިރިއަށް ވާގޮތަށް އޮޅާފައި ހުންނަ އިރު އެންމެ ރީތިވަރަށް ލޯލިފަލާފައިވާ ދެއަތް އެހާމެ ފިރިހެންވަންތައެވެ. "ނޮޓް އިންޓްރެސްޓެޑް." ތިއާ ދުރު ބަލައިލަމުން ފަރުވާ ކުޑަގޮތަކަށް ބުނެލިއެވެ. އީތަން މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލާފައި އިރުކޮޅަކުން ތިއާގެ އަތުގައި ހިފާ ބާރުކޮށްލުމާއެކު ހޯލު ދޫކޮށް ދާން ހިނގައިގެންފިއެވެ. ތިއާ ހަޅޭތްލަވައި ގަންނަން ބޭނުންވެފައިވެސް އެހުރިހާ މެހުމާނުން ތެރޭ އެފަދަ ކަމެއް ކުރާނެ ހިތްވަރެއް ނުލިބުނެވެ. މީހަކަށް އެތަން ފެނިގެން ނުބައި ގޮތަކަށް ހީކޮށްފާނެތީ އޭނާވެސް އީތަން އާއި އެއްވަރަށް ހިނގޭތޯ މަސައްކަތް ކުރިއެވެ. އެއިރުން ފެންނަ މީހުންނަށް ހީވާނީ ދެމީހުން އެކުވެރިކަމުގައި ދިޔަ ދިއުމެއް ހެންނެވެ.
"އީތަން! ދޫކޮށްލާ އަހަރެން އަތުން." ކޮރިޑޯ އާއި ހަމައިން ތިއާ ސަލާމަތް ވާން މަސައްކަތް ކޮށް ކާމިޔާބު ނުވެގެން އާދޭސްކުރިއެވެ. އީތަން އެއަޑު ނާހައި އަދިވެސް ކުރިއަށް ހިނގާލާފައި ގޮސް ތިއާ ކޮޓަރި ދޮރު ހުޅުވާފައި އެތެރެއަށް ވަދެ ތަޅުވެސްލައިފިއެވެ. ތިއާގެ މޭގަނޑު އަނގަޔަށް އަންނަވަރުވިއެވެ. ފުރަތަމަ ފަހަރަށް އޭނާ އީތަން ދެކެ ބިރުން ނިއްކުރިން ދާ ހިއްލާލިއެވެ. "އައެމް ސޮރީ ތިއާ." އީތަން ތިއާގެ އަތުން ދޫކޮށްލާފައި އަނެއްފަރާތަށް އެނބުރި ދޮރުފަތުގައި ދެއަތް ވިއްދައިލިއެވެ. "އީތަންއަށް ހިއެއްނުވޭތަ ތިބަސް މާގިނައިން އެބަ ބޭނުން ކުރެވޭ ހެނެއް." ތިއާ ތެޅިތެޅި އޮތް ހިތާއެކުވެސް ގޮތުގައި ހިފެހެއްޓިއެވެ. "ގުޑް ޕޮއިންޓް." އީތަން އިރުކޮޅަކުން ތިއާ އާއި ކުރިމަތިލައިފައި ކުރިއަށް ފިޔަވަޅެއް އަޅައިލުމުން ތިއާ ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. އެތަން ފެނިގެން އީތަން ހުއްޓުނެވެ. ތިއާގެ މޫނުމަތިން އެކަން ނުދެއްކިއަސް ބިރުގަނެފައި ހުރިކަން އިހްސާސްވެގެން އީތަން ހަމްދަރްދީ ވެއްޖެއެވެ. ރަނގަޅަށް އެސިފައަށް ބަލައިލެވުމުން އެހެދުމުގައި ތިއާ އިންތިހާއަށް ރީތިވެފައި އަންހެންވަންތަ ކަމުގައި ހިތާއި ހިތުން އެއްބަސްވެވުނެވެ.
"ޕްރިޓީ." އެފަދަ ނާޒުކް ވަގުތެއްގައިވެސް އީތަންގެ ހިތް ތިއާއަށް ތައުރީފް ނުކޮށް މައިތިރިއެއް ނުވިއެވެ. އީތަން އެގޮތަށް ހިމޭނުން ހުރެގެން ބަލަން ފެށުމުން ތިއާ ގެންފައިހުރި ބިރާއި ލޮލުގައި ވި ރުޅިވެރިކަމާއި އެކުވެސް ކޯތާފަތުގައި ހީވީ އަރްމާނީ ސެކަންޑް ސްކިން ބްލަޝްކޮޅެއް ހާކައިލި ހެންނެވެ. އީތަންގެ ހިތް އެހެން ދިމާއަކަށް މިސްރާބު ޖަހަން އުޅޭހެން ހީވެގެން އަވަހަށް އިސްޖަހައިފިއެވެ. މި ޅަ އަންހެންކުއްޖާ އޭނާގެ ހިތަށް ކޮންމެވެސް ޖާދޫއެއް ހަދައިފިއެވެ. މީގެ ކުރިން ދުވަހަކުވެސް އަންހެން ކުއްޖަކާއި ހެދި ނޫޅޭވަރަށް އެކަނި ތިއާގެ މަޢާފް ހޯދަންވެސް އޭނާއަށް އުޅެވިއްޖެއެވެ. އީތަން ކިތަންމެ ވަރަށް ވިސްނައިދީގެންވެސް ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ތިއާގެ ރުހުން ނުލިބޭހައި ހިނދަކު ބަސްނާހަން ހުވާކޮށްގެން އުޅޭ ކަހަލައެވެ.
"ވަޓް؟" އެހިމޭންކަން ތިއާގެ ހިތަށް ކަށި ހަރަން ފެށުމުން ކެތް ނުކުރެވިގެން ބާރަށް އަހައިލިއެވެ. "ތިއާ އަހަރެން ބޭނުން އެދުވަހު ކަންތައް ވީ ގޮތް އޮޅުން ފިލުވައި ދޭން. އެއީ އަހަރެން ގަސްތުގައި ކުރިކަމެއް ނޫން." އީތަން އިސްޖަހައިގެން ހުރެފައި ޖީބަށް އަތް ޖަހައިގެން ކުޑަ ތަންކޮޅެއްގައި ދެކޮޅަށް ހިނގަން ފެށިއެވެ. "ގަސްތުގައި ނޫނިއްޔާ އެއީ އީތަން ޑްރަންކްވެފަ ހުރެގެން ކުރިކަމެއްތަ؟ ނޫނީ އެވަގުތުވެސް ހުވެފެއްގައި އުޅުނީތަ؟" ތިއާ ޖެއްސުމުގެ ރާގުގައި ބުނެލިއެވެ. "އަހަރެން އެކަން ކުރީ އެހެން މީހަކަށް ދައްކަންށޭ ބުނެފިއްޔާ ގަބޫލު ކުރާނަންތަ؟" އީތަން ހުއްޓިފައި ބަލައިލުމުން ތިއާ މަލާމާތުގެ ހިނިގަނޑެއް ޖަހައިލިއެވެ. "ތެދެއް މިބުނީ. އެއީ އަހަރެން އަންހެން ކުއްޖަކަށް ދައްކަން ވެގެން ކުރި ކަމެއް. ޖެހިގެން ހުންނަ އެޕާޓްމެންޓްގައި އުޅޭ ރަށެއްގެ ކުއްޖެއްގެ އުދަނގޫ ބޮޑުވެގެން މިއުޅެނީ. އޭނާ ކޮންމެ ތާކުން ދިމާކޮށްފަ ރައްޓެހިވާށޭ ކިޔައިގެން އާދޭސް ކުރަނީ. ރީތިކޮށް ބުނެފިން އަހަރެން އެހެން ކުއްޖަކާއި ގުޅިގެން އުޅޭވާހަކަ. އެކަމަކު ގަބޫލެއް ނުކުރޭ." އީތަން ލަސްލަހުން ފަށައިގެން ކުރިއަށް ދިޔައެވެ. " އެހެން ކުއްޖަކާއި ގުޅިގެންތަ އުޅެނީ؟" ތިއާގެ ދެ ތުންފަތް ފޫދުއްވާލައިފައި އެ ލަފްޒް ނިކުތެވެ. ދެވަނަ ސިކުންތުގައި އޭނާ ކަންބޮޑުވެގެން ތުންފަތުގައި ދަތް އަޅާލައިފިއެވެ.
"އެއީ ދޮގެއް. އޭނަ ކައިރިން ސަލާމަތް ނުވެގެން ވާހަކައެއް ހަދައިލީ." އީތަން ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ތިއާގެ ސުވާލުން އެހިތުގައި ޝައުޤުވެރިކަމުގެ ކުޑިފަށެއް ނަމަވެސް ވާ ކަން އެނގުމުން ހިތަށް އެހާ ވަރުގެ އުފަލެއް ލިބުނީ ކީއްވެކަމެއް ޚުދު އީތަންއަށްވެސް ނޭނގުނެވެ. "އޯކޭ. ޔޫ ވޯންޓް ގެޓް ރިޑް އޮފް ހަރ. އެއަކު މައްސަލައެއް ނެތް. އައި ކޭން އަންޑަސްޓޭންޑް. އެކަމަކު އެރޭ އެމަޤާމުގައި ހުރެ ކިސްކުރުން ނޫންކަމެއް ކުރަން ނޭނގުނީތަ؟ މިބުނީ.. ޔޫ ކުޑް ހޭވް ހަގް މީ... ނޫނީ ނިއްކުރިއަށް، ކޯތާފަތަށްވެސް ކިސްއެއް ދެވުނީސް... ބަޓް އެހުރިހާ ޗޮއިސްއެއް އޮތްވާ..." ތިއާ އެހިސާބަށް ބުނެފައި ޖުމްލަ މެދުކަނޑާލިއެވެ. އެއަޑުގައި ކުރިން ހުރި ރުޅިވެރި ކަމުގެ އަސަރުތައް އުދުހިގެން ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގެއެވެ. ނޭނގުމުގެ ތެރޭގައި ތިއާގެ ހިތް އީތަން އާއިމެދު ސާފުވެ ނިމުނީ އަޖައިބެއްފަދަ ގޮތަކަށެވެ. "ވެދާނެއެއްނު ތިއާގެ ހުރި ދަގަތްފާނީ ބާރަކުން ދިމާވި ގޮތެއް ކަމަށް." ތިއާ އިސް އުފުލައިލި އިރު އީތަންވެސް ރަކި ފާޑަކަށް ހިނިތުން ވެލަނީއެވެ. އެވަގުތު އެހިނިތުންވުމުގައި ވި ހިތްދަމައިގަންނަ ބާރަކުން ކަންނޭނގެއެވެ. ތިއާގެ ހިތް އާގޮތަކަށް ވިންދު ޖަހައިލުމާއެކު އެސްފިޔަޖަހަން ހަނދާން ނެތިފައި ބުދަކަށްވެގެން ހުރެވިއްޖެއެވެ.
މޫނު ދޮންނަ ތަށި ކައިރިއަށް ހުއްޓިފައި އާރިން އިސްކުރު ދޫކޮށްލައިގެން ގަމީސް ކުޑަކޮށް ދޮވެލައިފިއެވެ. އެނބުރި ދާންވެގެން ލޯގަނޑުން ގަމީސް ހުރިގޮތް ބަލައިލާފައި ނިކުންނަން އުޅެނިކޮށް ދޮރު ލެއްޕުނު އަޑު އިވުނެވެ. އާރިން ވަކި ހާއްސަ ހިޔާލެއް ނެތި ބޭރަށް ނިކުތްތަނުން ސިހިއްޖެއެވެ. ލުޖައިން ހުރީ އޭނާގެ ކުރިމަތީގައެވެ. އެރީތި ދެލޮލުން ހޯސްލާފައި އައި ކަރުނަތައް ކޯތާފަތް މަތިން ތިރިއަށް ފައިބާތަން ފެނިފައި އާރިންގެ ދެފަޔަށް ލިބުނީ އެހެން ބާރެކެވެ. އާރިން ބާރު ބާރަށް އައިސް ލުޖައިންގެ ކައިރިއަށް ހުއްޓިފައި އަވަހަށް ކަރުނަތައް ފުހެދިނެވެ. "އާރީ. ކީއްވެ އަހަންނަށް ތިހެން ތިހަދަނީ؟" ލުޖައިންގެ އަޑު ނިކުތީ ކުރެހިގެންނެވެ. "އާރިން ހަތަރު ކަޅި ހަމަކޮށްލާފައި ޖަވާބުދޭން އުޅެމުން ތުންފަތުގައި ދަތް އަޅައިލިއެވެ. ހީވީ ލުޖައިން ހިތަށް ދަތިވެދާނެތީ ޖަވާބުދޭން ނުކެރިގެން މަޑު ޖެހިލިހެންނެވެ. "ލޫލޫ. ޕްލީޒް. ޑޯންޓް ކްރައި!" ލުޖައިން މޫނުގައި އަތް އަޅާފައި ބާރުބާރަށް ރޯން ފެށުމުން އާރިންއަށް ހަދާނެ ގޮތް ހުސްވިއެވެ. ދެފަރާތަށް ބަލައިލާފައި އިރުކޮޅަކުން ލުޖައިން ގެނެސް މޭގައި ޖައްސާލެވުނީ މަސަލަސް ކުރަން ހިތް އެދުނު ވަރުންނެވެ. ރޮއި ރޮއި ހުރި ލުޖައިންވެސް ކޮންމެހެން އާރިން ދުރުކޮށްލާކަށް އެވަގުތު މަސައްކަތެއް ނުކުރެއެވެ.
"މޯމް. އަހަރެން ޒަކްވާނަށް ޓަކައި ސަޕްރައިޒްއެއް ރެޑީކޮށްގެން މިހުންނަނީ. ޒަކްވާން ކޮޓަރީގަ އޭތި ވީ. އެކަނި ނުގެނެވޭނެތީ މަމް ހޯދަން މިއައީ. ހިނގާބަލަ މަންމާ. ތިއާވެސް ނެތް ފެންނާކަށް. އަމީނާ އެއުޅެނީ އެހާ ބިޒީކޮށް." ޒޯއީ ޝަކީބާގެ އެކުވެރިން ފަރާތުން ސަލާމަތްކޮށްގެން ގެނެސް އެއްފަރާތަށް ހުއްޓިފައި ވާހަކަދެއްކިއެވެ. ޝަކީބާ އިތުރު ބަހެއްނެތި ހިނިތުންވެލާފައި ޒޯއީ ގޮވައިގެން އެދިމާއަށް ދާން ހިނގައި ގަތްއިރު ހިޔާލެއް ފިކުރެއް ނެތެވެ. އަމުދުން އޭނާއަށް އެނގޭނީވެސް ކިހިނެތް ހެއްޔެވެ؟ އެކޮޓަރީގައި ޒޯއީ ތައްޔާރުކޮށްފައި ވަނީ ކިހާ ވަރެއްގެ ސަޕްރައިޒްއެއްކަން އެހެން އެކަކަށްވެސް ރޭކައިނުލައެވެ. ދޮރާއި ހަމައިން ޒޯއީ ކުރިއަށް ޖެހިލާފައި ދޮރު ހުޅުވާލުމާއެކު އަވަހަށް އެއްފަރާތަށް ޖެހިލީ ޝަކީބާއަށް އެތެރޭގައިވި މަންޒަރު ކުޑަވެސް ހުރަހެއްނެތި ދައްކާލަން ވެގެންނެވެ. އޭރު އާރިން އާއި ލުޖައިން އެކަކު އަނެކަކުގެ އަތުތެރޭގައި އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ތިބުމުން ދޮރު ހުޅުވި އަޑެއްވެސް ނީވެއެވެ. ވަގުތުން ޝަކީބާގެ މޫނަށް ހިޔަނި އެޅިގެން ދިޔައެވެ.
"ލުޖައިން....!!!" އައި ރުޅިއާއި ވީ ދެރައިން ޝަކީބާ އަޑުގާ ނެތްތަނަށް ހަޅޭއްލަވައި ގަތުމާއެކު ލުޖައިން އާއި އާރިން ސިހިފައި އެކަކު އަނެކަކާއި ދުރަށް ޖެހިލައިފިއެވެ. ދޮރުމަތިން ޝަކީބާ އާއި ޒޯއީ ފެނިގެން ލުޖައިން ބަސް ހުސްވިއެވެ. އަމިއްލަ ދިފާޢުގައި އެއްޗެއް ބުނެވޭނީ ކުށެއް ނެތްނަމައެވެ. ނޫނީ ޝަކީބާ ލޮލަށް ފެނުނު ގޮތާއި ހިލާފު އެއްޗެއް ކަމުގައި ހަޤީޤަތް ވާނަމައެވެ. "ހުރި ނުބައިކަން ބަލައިބަލަ." ޝަކީބާ ވައިރޯޅިއެއްހެން ގޮސް ލުޖައިންގެ މޫނުގައި އެތިފަހަރެއް ޖަހައިއެވެ. އާރިންއަށް މުށްކަވައި ލެވުނެވެ. ލުޖައިންގެ ދޮން ކޯތާފަތަށް ނޫކުލަ އެރީ ބަސް ބުނާހައި ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އެވަގުތު އާރިން ލުޖައިން ދިފާޢުގައި ވާހަކަދައްކަން އުޅެން ފެށުމުން ޒޯއީ އެކަމަށް ހުރަސް އަޅައިފިއެވެ. "ކަލޭ އަނގަ ހިމޭނުން ލައިގެން ހުރޭ. މީ އަހަރެމެން އާއިލީ ކަމެއް." ޒޯއީ ދެބުމަ ގޮށްޖަހައިލާފައި އަމުރުކޮށްލިއެވެ. ލުޖައިން ލޮލުން އަނެއް ހާސް ކަރުނަތައް ގިނަވެގެން ބަންޑުން ވާން ފެށުމުން ލަދުވެތިކަމާއިއެކު އިސްޖަހައިލީ ޗުއްޕުވެސް ނުބުނެއެވެ. "އަހަރެން މިއަދު ކަލެއަށް ދުނިޔެ ދައްކައިލާނަން." ޝަކީބާ ލުޖައިގެންގެ އަތުގައިހިފާ ކުއްލިއެއް ޖަހާފައި ބާރުބާރަށް ނިކުމެގެން ދާން ފެށުމުން ޒޯއީ އާއި އާރިން ފަސްފަހަތުން ދިޔައެވެ. ޖެހިގެން ހުރި ކޮޓަރީގައި ތިބި ތިއާމެންނަށް ޝަކީބާގެ ހަޅޭކުގެ އަޑު ފޯރައިގެން އެމީހުންވެސް ނިކުމެފައި ހޯލާއި ދިމާއަށް ދާން ފެށިއެވެ.
ޒޯއީ ހިތާއި ހިތުން އަމިއްލަ ނަފްސާމެދު ފަޚުރުވެރިވަމުން ދިޔައިރު މޫނުމަތީގައި ވީ ދެއްކުންތެރި ރުޅިއެކެވެ. ލުޖައިންދެކެ އޭނާ މިއަދު ކުޑަކޮށްވެސް ރުޅިއެއް ނާދެއެވެ. ލުޖައިންގެ ސަބަބުން އޭނާގެ މަޤްސަދު ކާމިޔާބު ވެއްޖެއެވެ.
ޝަކީބާ ގޮސް މީހުންގަނޑުގެ މެދަށް ވަދެފައި ލުޖައިން ކޮށްޕާލުމާއެކު ދެތިންފިޔަވަޅު ފަހަތަށް ގޮސް މަތަވީ ޒަކްވާން ގައިގަ ޖެހިފައެވެ. ޒަކްވާން ދުރުގައި ހުރެފައި އެތަން ފެނިގެން އައިސް ހުޝިޔާރުކަން ނުދެއްކިނަމަ ލުޖައިން އޮންނާނީ ޓައިލްސް މަތީގައެވެ. މެހުމާނުންތައް ވީނުވީއެއް ނޭނގިގެން ސުވާލުގެ ނަޒަރަކުން އެކަކު އަނެކަކަށް ބަލައިލާފައި އެއާއިލާ މީހުން މެދަށް ލައިގެން ވަށްކޮށި ހަދާލައިފިއެވެ. ލަވަ ނިއްވައިލީ ޒޯއީ ބުނެގެން ކޮންމެވެސް ވޭޓަރެކެވެ. ޑްރާމާގަނޑު ހިނގާ ގޮތް އެންމެ ފުރިހަމައަށް އެންމެންނަށް ފެންނަން ޒޯއީ ބޭނުންވެއެވެ. ތިއާ ދެލޯ ބޮޑުވެފައި ހުރެގެން ލުޖައިންއަށް ބަލަމުން ދެވަނަ ސިކުންތުގައި ޝަކީބާ އަތުގައި ހިފާފައި ވީގޮތް ކިޔައިދިނުމަށް އެދެމުން ދިޔައެވެ.
"މޯމް. ވަޓްސް ގޯއިން އޮން؟" ޒަކްވާން ލުޖައިން ކައިރިން ދުރަށް ޖެހިލާފައި އައިސް ޝަކީބާ ކުރިއްޗަށް ހުއްޓި ސުވާލު ކުރިއެވެ. "އޭނަ ކައިރީ އަހާބަލަ." ޝަކީބާ ރުޅިވެރި ދެލޯ ލުޖައިންއަށް އަމާޒުކޮށްގެން ހުރިއިރު އަލިފާންކަނި ނިކުންނަ ކަހަލައެވެ. "ޒަކްވާން ކައިރީ އިންނަން އެއްބަސްވެފަ ހިލޭ ފިރިހެނަކު ގޮވައިގެން ކޮޓަރީގައި ހުއްޓާ މި ނެރުނީ." ޒޯއީއަށް ނުހުރެވިގެން އަވަހަށް ބުނެލައިފިއެވެ.