ވިދުވަރުގެ އައްޔާއެކު ރޭގަނޑު ދުވާލަށް ހަދައި ހިނދުކޮޅެއް އައިއްސައި ދެކަންފަތް ފަޅައިގެންދާ ވަރަށް ގުގުރައި ގަތެވެ. އެގުގުރީގެ ހޮނު އެޅީ އާރިންގެ ކަންފަތަށް ކަހަލައެވެ. މެއަށް މިޔަ ތޫނު ކަނޑިއެއް ހަރައިލި ނަމަވެސް އެވަރަށް ސިހޭނެ ކަމެއް ނޭނގެއެވެ. ބަހައްޓާފައި ހުރި ބުދެއްހެން މުޅިމީހާ ފިނިވެގެން ދިޔައެވެ. ލުޖައިންގެ އެހެރަ ހިތްވަރަކުން އާރިން ރަނގަޅަށް ވެސް ހައިރާން ކޮށްލައިފިއެވެ. ހިތުގެ އަޑިން އެވަރަށް އުފާވެސް ވިއެވެ. ލުޖައިން އެއީ އެހެންމީހުންގެ ކުޅޭ ބުދަކަށް ވެގެން ހުންނާތީ އާރިން އެތެރެ އެތެރެއިން ނުރުހޭވަރު އެހެން އެކަކަށްވެސް ނޭނގޭނެއެވެ. މޫނަށް އަރައިގެންދިޔަ ދިލައަށްވުރެ ހިތަށް ލިބުނު ފިނިކަން ބޮޑެވެ. ލުޖައިންއަށް ޓަކައި އާރިންގެ ހިތް ފުރި އުތުރި އަރަމުން ދިޔަ ލޯބި ފަދައިން އެއިހްސާސް ވެސް އެންމެ އަޑީގައި ފޮރުވިފައި ވަނީ އެވެ. އެލޯއްބަށް ޓަކައި އާރިން ދީވާނާ ވެފައި ވާއިރުވެސް ލޯބިދޭނެ ގޮތެއް ނުވެސްނެނީ ކަމަށް ވެދާނެއެވެ. ނޫނީ ބައެއްފަހަރު ހިތުގައި ރޯވެގަންނަ ބަދަލު ހިފުމުގެ އަލިފާނުގެ ބާރުގައި ހިތް މަގުން ކައްސައި ލަނީއެވެ.
އާރިން ކުޑައިރުއްސުރެ އަމިއްލަ ޤަދަރަކާއި އިއްޒަތް އެއީ ހުރިހާ އެއްޗެއް ކަމުގައި ދެކެމުން އައިސް ލުޖައިން ކަހަލަ ޅައަންހެންކުއްޖަކު ހިތް ހަލާކުކޮށްފާއި ދިޔަ ދިއުން ޤަބޫލު ނުކުރެވެނީއެވެ. ލޯބިން އުޅެން ހިތަށް އަރާފައިވެސް ލުޖައިން އޭނާގެ ޤަދަރާއި އިއްޒަތަށް ހުތުރު އަރުވާފައި ދިޔަކަން ހިތުން ފިލުވައި ނުލެވިގެން އުޅެނީއެވެ. "ލުޖައިން!" އާރިންގެ މޫނަށް ވެރިވާން އުޅުނު އަސަރުތައް ރުޅިވެރި ކުލަވަރުން ވަންހަނާ ކޮށްލާފައި ލުޖައިން އަތުގައި ބާރަށް ހިފެހެއްޓިއެވެ. ތެޅިފޮޅިގެން ކާމިޔާބު ނުވާނެކަން ލުޖައިންއަށް އެނގުނީ ކުރިންވެސް އެތަކެއްފަހަރު އާރިންގެ ބާރު ވަޒަން ކުރެވިފައި ވާތީއެވެ. ލުޖައިން ވިސްނައިލާފައި ހިޔާލެއް އައިސްގެން އާރިން އަތުގައި ދަތްއަޅަން ބޯ ގުދުކޮށްލާއިރަށް އާރިން ދެނެގެންފިއެވެ. އަވަހަށް ލުޖައިންގެ އުނަގަނޑުގައި ވަށާލައިފައި ނަގައި ކޮނޑަށްލައިގެން އެނދާއި ދިމާއަށް ދާންފެށިއެވެ.
ލުޖައިން ބާރުބާރަށް ހަޅޭއްލަވަމުން އާރިންގެ ބުރަކަށީގައި ތެޅިއެވެ. އާރިން ގޮސް އެނދުކައިރިއަށް ހުއްޓިފައި އިރުކޮޅަކުން އޮތީ ލުޖައިން އެނދުގައި ބާއްވައިފައި ތެދުވިޔަނުދޭން ލުޖައިން ގައިމައްޗަށް ކުޑަކޮށް ފައިއަރުވާލައިގެން އެމޫނާއި ދިމާއަށް ގުދުވެއެވެ. އެހާކައިރިން އާރިންގެ ކަޅު ދެލޯ ފެނިފައި ލުޖައިންގެ ހިތަށް ފާޑެއްގެ ގޮތެއް ވެއްޖެއެވެ. ތިންގޮށް ނައްޓާފައި ވުމުން ހިސާބަކަށް ހާމަވެފައިވާ ރީތި މޭމަތިވެސް ހިއްސުތަކާއި ކުޅެލަން މަސައްކަތް ކުރަނީއެވެ. އެހަށިގަނޑުން ދުވާ ސެންޓް ވަހުން ރަނގަޅަށްވެސް އޭނާ ދީވާނާ ކޮށްލާނެއެވެ. "ލޫލޫ!" ލުޖައިން މެދުކެނޑުމެއް ނެތި ހަޅޭއްލަވަމުން ދަނިކޮށް އާރިން ގޮވައިލި އަޑަށް ސިހިފައި ހިމޭންވެވިއްޖެއެވެ. ހީވީ ނޭގޭ ބާރަކުން އޭނާގެ ދޫ ތަޅުލިހެންނެވެ. އެހާ ދުވަސްފަހުން އާރިން އެނަމުން މުޚާތަބު ކުރުމުން ލުޖައިންއަށް ޤަބޫލު ކުރަން ދަތިވިއެވެ.
"ލޫލޫއަށް ހީވޭތަ އަހަރެން ލޫލޫގެ ވާރޖިނިޓީ ގެއްލުވާލަފާނެހެން. އަހަރެން މީ ހަމަ އެހާ ގޯސް މީހެއްކަމަށްތަ ލޫލޫ ހީކުރީ؟" އާރިން މަޑުމައިތިރި ކަމާއެކު ބޭރުކޮށްލި ކޮންމެ ޖުމްލަ އަކާއެކު ލުޖައިންގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ވީ އިތުރެވެ. ހުވަފެނެއްވެސް ހަޤީޤަތަކާއި ވައްތަރު ވާނީ މިވަރަށެވެ. އާރިން އެއުޅެނީ އޯގާތެރިކަން ދައްކާފައި މަކަރުން އޭނާގެ ޖިސްމު ހާސިލް ކުރަން ހެއްޔެވެ؟ ލޯބިވިއަސް ލުޖައިންއަށް އެވަގުތު އާރިންގެ ވާހަކަތަކަށް އިތުބާރު ކުރަން ދަތިވިއެވެ. އާއެކޭ ބުނެ އެސުވާލުތަކުގެ ޖަވާބު ދޭން ހިތަށް އެރިއެވެ. އާރިން ބަލަން އޮވެފައި އިރުކޮޅަކުން ކުއްލިއަކަށް ތެދުވެ އެނދުން ތިރިއަށް ދެފައި އެލުވައިލިއެވެ. ލުޖައިންގެ ލޮލުން އާރިންއަށް ޖަވާބު ލިބުނީ ކަހަލައެވެ. ފުރުސަތު ލިބުމުން ލުޖައިންވެސް އަވަހަށް އެނދުން ފުންމާލައިގެން ދުވެގޮސް ކޮޓަރީގެ ދޮރު ހުޅުވާލައިފައި އެނބުރި ބަލައިލީ ނިކުމެގެން ދާށޭ ބުނާފަދަ ގޮތަކަށެވެ. އެވަގުތު އާރިން އެހާ ފަސޭހައިން ތެދުވިތަން ދެކިފައި ލުޖައިން ރަނގަޅަށްވެސް ހައިރާން ކޮށްލައިފިއެވެ.
"ސޮރީ އެބައުޓް ރީމް. ވަރަށް ދެރަވި ފުރަތަމަ ދުވަހުވެސް ލޫލޫ އާއި މެދު އެގޮތަށް ކަންހިނގީމަ. ދެން އެހެންވިޔަނުދޭނަން. އައި ޕްރޮމިސް." އާރިން ދޮރާއި ހަމަވެފައި ހަތަރުކަޅި ހަމަކޮށްލި އިރު އެސާފު ދެލޮލުން ލުޖައިންއަށް ތެދުވެރިކަން ފެނުނެވެ. އާރިން ހީވަނީ މިހާރު އެހެން މީހެއް ހެންނެވެ. ލުޖައިން އަޖައިބުވެފައި ހުރެގެން ޖަވާބެއް ނުދެވުނެވެ. "އައި މީން އިޓް." އާރިންއަށް ހީވީ ލުޖައިން އެވާހަކަ ޤަބޫލު ނުކުރާތީ ޖަވާބެއް ނުދީ ހުރީ ކަމަށެވެ. ނިކުމެގެން ގޮސް ލޯމަތިން ގެއްލުނުފަހުން ލުޖައިން އަދިވެސް ހުރީ ދޮރުލައްޕައިލަން ނޭނގިފައެވެ. ކިތަންމެ ގޯސްކޮށް ކަންތައްކޮށްފައި ވެސް އާރިން ކުރާ ރަނގަޅު އެންމެ ކަމަކުން ހިތް ބަދަލުވާ ގޮތް ވަނީ ކީއްވެ ހެއްޔެވެ؟
ދޮރުފަތުން ދޫކޮށްލައިފައި ލުޖައިންއަށް ބަލައިލެވުނީ އަތަށެވެ. އެއަތުން އޭނާ އާރިންގެ މޫނު މަތީ ޖެހި ވަގުތު ކޮޅު ހިތަށް ސިފަވެފައި ލޯމަރައި ތަގުޅިކޮށްލެވުނެވެ. "އާރީއަށް ވަރަށް ތަދުވިބާ؟" ލުޖައިން ތުންފަތުގައި ދަތް އަޅައިލައިގެން ހުއްޓާ ލޮލުން ކަރުނަ އައެވެ. ލޯބިވާވަރުން އާރިންއަށް ކުޑަ ތަދެއް އިހްސާސް ވާކަށްވެސް ހިތެއް ނޭދެއެވެ. އެގޮތަށް އާރިން ވެސް އޭނާ އާއި ދޭތެރޭ ދެކޭނަމަ ކިހާ ރަނގަޅު ހެއްޔެވެ؟
ލުޖައިންގެ ކޮޓަރިން ނިކުމެފައި އާރިން މިސްރާބު ޖެހީ ބަދިގެ އާއި ދިމާއަށެވެ. އާރިން އެތެރެއަށް ވަދެފައި އަމިއްލައަށް ކޮފީއެއް ތައްޔާރު ކޮށްލައިގެން މައްޗަށް ދިޔައެވެ. ކޮޓަރިއަށް ވަދެފައި ކުޑަދޮރުގެ ފަރުދާ ކަހައި ލުމުން ތިރީގައި ހެދިފައި ހުރި ގަސްތައް ވާރެއިން ތެމެމުން ދާތީ ފެނުނެވެ. ވައިރޯޅި ތަކާއެކު އެގަސްތައް އެކަތި އަނެއްކާއްޗާއި ކޭއްތި ގަންނައިރު ނާމާން އަޑެއް އެއަނދިރިކަމުގެ ތެރެއަށް ބޭރުވެގެން ދެއެވެ. އާރިން ކޮޓަރީގެ ބޮކީން ފޭދިފައިވާ ނޫ އަލި އެޅިފައިވިއަސް ބޮޑުބައެއްގައި ވަނީ އަނދިރިކަމެވެ. ވަޔާއެކު އައިސް ބިއްލޫރިގަނޑުގައި ބޮސްދީފައި ތިރިއަށް ފިރުކިގަންނަ ފެންތިކިތަކުގެ ސަބަބުން ބިއްލޫރިގަނޑު ފުސްވަމުން ދިޔައެވެ. އާރިން އެއްއަތުން ކޮފީ މަގުގައި ހިފައިގެން ހުރެފައި އަނެއް އަތުން ބިއްލޫރިގަނޑު ސާފުކޮށްލައިގެން އިރުކޮޅަކު ބޭރު ބަލަން ހުއްޓެވެ. އެހެން ހުރެފައި ކުއްލިއަކަށް އޭނަ ސިހިގެންދިޔައީ ބިއްލޫރިގަނޑުން ލުޖައިންގެ ހިޔަނިވީހެން ހީވެގެންނެވެ.
އާރިން އަވަސްއަވަހަށް އެނބުރި ބަލައިލުމާއެކު ވަށައިގެން ހޯދައިލެވުނެވެ. އެއްވެސް ހިސާބެއްގައި މީހެއްގެ ހިލަމެއް ނެތެވެ. އެހެންނޫނަސް ލުޖައިން އެކޮޓަރިއަށް އަންނަންވީ ކީއްކުރަން ހެއްޔެވެ؟ ހާއްސަކޮށް މިރޭ ހިނގާދިޔަ ކަންތަކަށްފަހު ލުޖައިން ހުންނާނީ ރުޅިއައިސްފައެވެ. އެހިޔާލުން އާރިންގެ ހިތަށް ތަދުވެލިއެވެ. ލުޖައިންއަށް އަންނަމުން އެދާ ހެޔޮ ބަދަލާއެކު އޭނާދެކެ ނަފްރަތު ކުރަން ފަށައިފިއްޔާ ވާނީ ކިހިނެތް ހެއްޔެވެ؟ މީގެ ކުރިން އޭނާއަށް ޔަޤީންވެފައި އޮތީ ލުޖައިންއަށް ކިތަންމެ ވަރަށް އަނިޔާ ދިނަސް ލޯއްބަށް ފަނޑުކަމެއް ނާންނާނެ ކަމުގައެވެ. އެކަމަކު މިރޭ އެލޮލުން އޭނާއަށް އަޖާއިބެއްފަދަ ވިދުވަރެއް ފެނުނެވެ. އެވަގުތުން ފެށިގެން ލުޖައިންއަށް ޓަކައި އެހިތް ބިރާއި ހާސްކަމުން ވަށައިލައިފިއެވެ. އާރިން އެހާ ފަސޭހައިން ލުޖައިން ދޫކޮށްލާފައި މިރޭ އައީވެސް އެހެންވެއެވެ. އެކަމަކު އާރިންއަށް ޔަޤީންވާ އެއްކަމެއް ވެއެވެ. އެއީ ހުވަފަނެއްގައިވެސް ލުޖައިން ދެވަނަ ފަރާތަކާއި ގުޅިގެން އުޅޭތަން ބަލަން އޭނާ ނުހުންނާނެ ކަމެވެ.
އާރިން ކޮފީމަގު ސައިޑް ޓޭބަލް މަތީ ބަހައްޓާފައި ގޮސް އަލަމާރި ހުޅުވައިލިއެވެ. ފަތްޖަހާފައިވާ އަންނައުނުތައް ދަށުން އޭނާ ނެގީ ލަކުޑި ފޮށްޓެކެވެ. އާރިން އެފޮށީގައި ދެއަތުން ހިފާފައި ގެނެސް އެނދުމަތީ އިށީންދެ އުނގުގައި ބައިންދައިލިއެވެ. މިނިޓެއް ވާންދެން ހިމޭންކަމާއިއެކު ހަމައެކަނި ނޭވާ ލާން އިނދެފައި ފޮށީގެ މަތިގަނޑު ހިއްލާލައިފިއެވެ. އެއްއަރިއަކަށް އަޅާފައިވާ އެތައް ސަތޭކަ ސިޓީއުރަތައް އެއީ ލުޖައިން އާއި އާރިންގެ ލޯބީގެ ރަން ޒަމާނުގެ ހަނދާންތަކެވެ. ލުޖައިން އާރިންއަށް ޓަކައި ފުރާނަދޭންވެސް ފަސް ނުޖެހޭނެކަން ސާބިތުކޮށްދިން ލޯބީގެ ލަފްޒްތަކުން އެސިޓީތައް މުއްސަދިވެފައި ވެއެވެ. އާރިން ފަހަރަކު ސިޓީ އުރައެއް ނަގާފައި އެތެރޭގައި އޮތް ސިޓީ ނިއުޅާލައިގެން ކިޔަމުން ދިޔައިރު ދެލޮލުގައި ސާފު ކަރުނަތައް ވިދަ ވިދާ ހުއްޓެވެ. ކޮންމެ ސިޓީއެއް އުރައަށް ލުމުގެ ކުރީން އޭގައި ބޮސްދެއެވެ. އެދުވަހު އޭނާ ޅަކުއްޖެއްގެ ގޮތުގައި ހުރެ ވީ ފަދައިން މިއަދުވެސް ލުޖައިންދެކެ އިންތިހާއަށް ލޯބިވާކަން ބަލަން ހުރި ކޮންމެ މީހަކަށްވެސް ސާބިތުވެގެން ދާނެކަން ކަށަވަރެވެ.
އާރިން ގަޑިއެއްހާއިރު ވާންދެން މާޒީގެ އެރީތި ހަނދާންތަކާއި އެކު ހޭދަކޮށްފައި އެނބުރި އައިސް ނިދަން އޮށޯތް އިރު މެންދަމުން އަލިވެ ދޭއް ޖަހަން އުޅެއެވެ.
ޒާހިދުއަށް ނިދޭހާ ކޮށްފައި ޝަކީބާ އެނދުން ތެދުވެއްޖެއެވެ. އެހުރިހާ އިރު އޭނާ ލޯ މަރައިގެން އޮވެފައިވެސް ލޮލަށް ނިދި އަންނަ ގޮތެއް ނުވިއެވެ. ޒަމާންތަކަށްފަހު ނާހިދާގެ ކުރިމައްޗަށް ދެވުމުން އަނެއްކާވެސް ހިތަށް އުދަނގޫވާން ފަށައިފިއެވެ. ޒާހިދުއަށް ހުރިހާ ހަޤީޤަތެއް އެނގިގެން އޭނާ ބޭޒާރު ވާ ދުވަހަކުން ވާނީ ކިހިނެއް ހެއްޔެވެ؟ ކައިވެނި ހިމާޔަތް ކުރުމަށްޓަކައި އޭނާ ހިލޭ އަންހެނަކާއި ޒާހިދު ދުރުކޮށްލިކަން އެއީ ކުށެއް ކަމަށްވާނަމަ ރަނގަޅު ގޮތަކީ ކޮބައި ހެއްޔެވެ؟ ޝަކީބާ ހިޔާލުތަކެއްގައި ހުރެގެން ކޮޓަރިން ނިކުމެފައި ބަދިގެއަށް ވަނެވެ. ފްރިޖް ހުޅުވާލައިގެން ފެންފުޅިއެއް ނަގާފައި ބިއްލޫރި ތައްޓެއް ފުރާލައިގެން ބޯން އިށީންދެލީ މޭޒު ކޮޅުގައި ހުރި ގޮނޑީގައެވެ. ލައިޓް ނުޖައްސައި ހުއްޓަސް ލިވިންރޫމްގައި ދިއްލާފައިވާ ބޮކީގެ އޮރެންޖް އަލި އެތެރެއަށް ފޭދިފައިވުމުން އޭނާއަށް ރަނގަޅެވެ. ޝަކީބާ ފަހަރަކު ފެން ކޯވަރެއް އަރުން އެތެރެ ކުރަމުން ދިޔައިރު މާޒީވި ދުވަސްތައް ލޯކުރިމަތިން ސިފަވާން ފެށިއެވެ.
ކައިވެންޏަށް އަހަރުވެގެން ޕާޓީ ބޭއްވި ރޭ ޒާހިދު ރަށަށް ދާކަން އޮތީ އެނގިފައެވެ. އެހިސާބުން ޝަކީބާގެ ހުރިހާ ސަމާލުކަމެއް ޒާހިދުއަށް ހުއްޓާލިއެވެ. ފާރަލާން ފެށިތާ ދުވަސްކޮޅެއްގެ ތެރޭގައި އެނގުނީ ޒާހިދު ރަށަށް ދަނީ ހަފްތާގެ ކޮންމެ ބުރާސްފަތި ވިލޭރޭ ކަމެވެ. އެއީ ޒާހިދު ލޯބިވެރިޔާ އާއި ބައްދަލު ކުރަން ހަމަޖައްސާފައި އޮންނަ ރެއެވެ. ޝަކީބާ ވަރަށް ތައްޔާރުވެގެން ޖެހިގެން އައި ބުރާސްފަތި ވިލޭރޭ ޒާހިދު ފަހަތުން ރަށަށް ދާން ނައްޓައިލިއެވެ. ޒާހިދު ރަށަށް ފޭބީއްސުރެ ފަސްފަހަތުން ފާރަލަމުން ގޮސް ނާހިދާގެ ގެއަށް ވަންނަތަން ފެނުނީމައިވެސް އަދި ހުއްޓައެއް ނުލައެވެ. އެޒަމާނުގައި މަދު ގެއެއްގައި ނޫނީ ވަށާފާރު ނުހުންނާތީ ވަލުފަރާތުން އެގެއަށް ވަނުމުގެ ފުރުސަތު އޮތެވެ. ޝަކީބާ ބިރުކަނޑާލާފައި ގަސްތަކުތެރެއިން ވަދެގެން ގޮސް ވަށައިގެން ބުރެއް އަޅާލިތަނާ ހަޤީޤަތް އޮތީ ކުރިމަތީގައެވެ. ޒާހިދު އާއި ނާހިދާ ދެލޯބިވެރިންގެ ގޮތުގައި އެގޭގެ ކޮޓަރިއެއްގައި ތިބިތަން ފެނިފައި ވަގުތުން އަލިފާނަށް ވިއެވެ. ދެލޮލުންވެސް އެރޭ އައީ އަލިފާންކަހަލަ ހޫނު ކަރުނައެކެވެ.
އެނބުރި މާލެ އައިސްފައި އޭނާ ފެށީ އެދެމީހުން ވަކިކުރުމުގެ ރޭވުންތައް ރާވާށެވެ. އެކަން ކާމިޔާބުވެސް ވިއެވެ. ޒާހިދު ބައްދަލު ކުރަން ދިޔަ ރެއެއްގައި އެގޭގައި އެހެން ފިރިހެނަކު އެމަޤާމުގައި ނާހިދާގެ ގައިގައި އޮޅުލައިގެން ހުރިމަންޒަރު ދައްކައިލަން އޭނާއަށް އެހީވީ ރަށު ފިރިހެން ކުއްޖެކެވެ. ޒާހިދުއަށް އެރޭ ފެނުނީ ޝަކީބާ ދެއްކި މަންޒަރެކެވެ. ޚުދު ނާހިދާއަށްވެސް އޭނާގެ ހަށިގަނޑުގައި ފަހަތުން ބައްދާލައިގެން ހުރި މީހަކީ ޒާހިދު ނޫންކަން އެނގުނީ މާފަހުންނެވެ. އެހިސާބުން ޝަކީބާ ބޭނުންވި ގޮތަށް ކުޅިގަނޑު ބަދަލުވިއެވެ. ހިތްހަލާކު ވެފައިވާ ޒާހިދުއަށް ޝަކީބާ ދެއްކި އޯގާތެރިކަމުގެ އަސަރު ޖެހޭކަށް ގިނަ ދުވަހެއް ނުނެގިއެވެ. ބޭނުންވި ގޮތަށް ކަންތައް ވުމުން އެއުފާވެރި ކަމުގައި ގެއްލިގެންދިޔަ ޝަކީބާއަށް ނުވިސްނުނީ ލޯބި އެކުޅިގަނޑު އަނެއް އަތަށް އަނބުރައިލަފާނެ ކަމެވެ. ލޯއްބާއި ހަނގުރާމައިގައި އެއްވެސް ޤަވާއިދެއް ނޯވެއޭ ބުނާ ބީދައިން ވަކިވާން ދިމާވި އޮޅުންތައްވެސް އެންމެ ބައްދަލު ވުމަކުން ނެތިގެން ހިނގައިދާނެ ކަމެވެ.
ޒަކްވާންއަށް މަހެއް ވީ ދުވަހު ޒާހިދުގެ އޮފީސް ބަހަނާ ދައްކާފައި ބޭރަށް ގޮސް ހުއްޓައި އޮފީހުން ކުރި ފޯން ޝަކީބާއަށް ނެގުނީ އަނެއްކާވެސް ހަޤީޤަތް އެނގެން ކަންނޭނގެއެވެ. ޒާހިދު އޮފީހަށޭ ބުނެ ދޮގު ހެދިކަން އެނގުމުން ޝަކީބާގެ ވިސްނުން ފުރަތަމަވެސް ދިޔައީ މާޒީވި ދުވަހާއި ދިމާއަށެވެ. ނާހިދާ މާލެ އައިސް މުއްސަންޖެއްގެ ގޭގައި ނޯކިރީ ކުރަން ހުންނަކަމާއި ޒާހިދު އެގެއަށް ގޮސް އެމީހުންގެ ލޯބީގެ ގުޅުން އަލުން ފެށިފައިވާކަން އެނގުނީ ހަފްތާއެއް ފަހުންނެވެ.
"މަންމާ! ނުނިދާ ކީއްކުރަނީ؟" ތިއާގެ އަޑުން ޝަކީބާ ސިހިގެން ދިޔައެވެ. ބަލައިލި އިރު ތިއާ ހުރީ ފެންޖަގެއް ހިފާލައިގެންނެވެ. "މަންމަ ކަރުހިއްކައި ގަނެގެން އައިސް." ޝަކީބާ އަވަހަށް ފެންތަށީގައި ބާކީ ހުރި ބައި ހުސްކޮށްލާފައި ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. ތިއާ ފެންޖަގު ބަހައްޓާފައި ދެކޮޅު ހޯދައިލަމުން ދެ މަގު ކޮފީ ތައްޔާރު ކޮށްލައިގެން ގޮސް އީތަން ކޮޓަރީގައި ޓަކި ދިނެވެ. އީތަން ދޮރު ހުޅުވާލުމާއެކު ތިއާ ވަދެ ކޮފީ މަގުތައް މޭޒުމަތީ ބަހައްޓާފައި މެއާއި ދިމާލުގައި އަތް އަޅައި ފުންނޭވައެއް ލިއެވެ.
"ކީހިނެއްވީ ޑާލިން؟" އީތަން ކުޑަދޮރު މަތީގައި އިނދެފައި ތިއާ ފެނިގެން އަހައިލިއެވެ. "މަންމަ ހުރީ ބަދިގޭގަ ފެންބޯން. ނަސީބަކުން ހިޔާލެއްގަ ހުރީ. އެހެންވެ ނޭނގޭ ގޮތަށް ފެންޖަގު ހިފައިގެން ކުޑަ ޑްރާމާއެއް ކުޅެލާފަ މިއައީ." ތިއާ ގޮސް އީތަންގެ ކައިރީގައި ކުޑަދޮރުމަތީ އިށީންދެފައި އިސްތަށިގަނޑު އެއްފަރާތަކަށް ގެނެސް ކުރިމައްޗަށް ވައްޓައިލިއެވެ. އެވަގުތު ވަޔާއެކު އައި ފެންތިންކެއް ތިއާގެ އޮމާން ކޮނޑުގައި ޖެހިފައި ޝަބްނަމް ތިއްކެއްހެން ވިދަން ފެށިތަން ފެނިގެން އީތަން ގުދުވެފައި އެފެންތިކި ރަހަ ބަލައިލިއެވެ. އެހަރަކާތުން ތިއާގެ ލޯލިތައް ކޮޅަށް ޖެހިގެންދިއުމާއެކު އީތަން އެއުނަގަނޑުމަތީ ވަށައިލި ދެއަތުގައި ހިފާ ބާރުކޮށްލެވިއްޖެއެވެ. ތިއާ ކޮނޑަށް ވާކޮޅެއް ހުރި ޓޮޕަކާއި ސޯޓްކޮޅެއްގައިވެސް އީތަންގެ އަތުތެރޭ އިނދެވުމުން ރޭގެ ފިނިކަމާއިހުރެ މާބޮޑު އުދަނގުލެއް ތަހައްމަލް ކުރާކަށް ނުޖެހެއެވެ. ގިޓައެއްގެ ނަރުތަކެއްހެން ތިއާވެސް ސެންސިޓިވް ކަމުން އީތަން ނުހަނު ގަޔާވެއެވެ. އީތަން ތުންފަތް ދުރުނުކޮށްލައި ތިއާގެ ކޮނޑުން ތިރިއަށް ބޮސްދެމުން އެތުނިހަށިގަނޑު މަގަތަށްވާ ގޮތަށް އުނގުމަތީ ބާއްވާއިލި ތަނާ ދޮރުފަތުގައި ޓަކި ދީފިއެވެ. އެއަޑަށް ދެމީހުންވެސް ސިހުނެވެ. އީތަން ތިއާ އުފުލައިލާފައި ތިރީގައި ބަހައްޓައިލި އިރު ލޮލުގައިވީ ނުތަނަވަސް ކަމެވެ.
އެދަންވަރު ތިއާ އެކޮޓަރިން ފެނިއްޖެއްޔާ އެމީހުންގެ ގުޅުމުގައި ނިމުމުގެ ސިއްކަ ޖެހުނީއެވެ. އީތަން ޖެހިލުންވެފައި ހުރެގެން ތިއާ ގެންގޮސް ފާޚާނާއަށް ވައްދާފައި ކޮފީ މަގުތައް ފެނިގެން އެއް މަގުވެސް ގެންގޮސް ތިއާ އަތަށް ދިނެވެ. ވަށައިގެން ލޯ ހިންގައިލާފައި އިތުރު އެއްޗެއް ނެތްކަން ޔަޤީންކޮށްފައި އީތަން ގޮސް ދޮރު ހުޅުވާލިތަނުން ކުރިއަށް ވުރެ ބޮޑަށް ސިހުންވިއެވެ. ޒޯއީ ހުރީ ރޮއި ރޮއި ދެލޯ ދުޅަވެފައެވެ. "އީތަން. ކޭން އައި ކަމް އިން؟" ޒޯއީގެ އަޑު ނިކުތީ ކުރެހިގެންނެވެ. އެހާލުގައި ހުއްޓާ ފޮނުވައިލަން ކެރޭނީ ކިހިނެއް ހެއްޔެވެ؟ އީތަން ދެފިކުރެއްގައި ހުރެފައި އާއެކޭ ބުނެ ބޯ ޖަހައިލިއެވެ. އެވަގުތު ޒޯއީ ވަދެފައި ފުރަތަމަވެސް އީތަންގެ މޭގައި މޫނު ފޮރުވައިލުމާއެކު ބާރަށް ރޯން ފަށައިފިއެވެ. ޒޯއީގެ ހޫނު ކަރުނަތަކުން އީތަންގެ ޓީޝާޓް ތެމެމުން ދިޔައިރު އޭނާއަށް ހުރެވުނީ ދުރުކޮށްލަން ނުކެރިފައެވެ.