ހާސްވެފައިވާ މީހުންގަނޑު ދައްކަމުން ދިޔަ ވާހަކައިގެ ތެރެއިންވެސް އާރިންއަށް ޒަކްވާންގެ އަޑު ވަކިން ފާހަގަ ކުރެވިއްޖެއެވެ. އާރިން އިސް އުފުލައި ލުމާއެކު ޒަކްވާން އާއި ދެމީހުން ހަތަރު ކަޅި ބައްދަލުވިއެވެ. އާރިން ދެބުމަ ގޮށްޖަހާލި ނަމަވެސް ރުޅިވެރި ކަމަށްވުރެ އެލޮލުގައިވި ކަރުނަ ގިނައެވެ. އަވަސް އަވަހަށް އިސްޖަހާފައި ލެއިން ތަތްތެޅިފައި އޮތް ލުޖައިންގެ މޫނުގައި ހިފައިގެން ތަޅުވަމުން ލޯ ހުޅުވާށޭ އާރިން ގޮވިއެވެ. އިރުކޮޅަކުން އެމްބިއުލާންސް އައިސް އެމީހުން ގޮވައިގެން ނައްޓައިލި އިރުވެސް ޒަކްވާން ހުރީ ހުރި ފިޔަވަޅު މަތީގައި ގަނޑުވެފައެވެ.
ޒޯއީ އާއި ބައްދަލު ކޮށްފައި ތިއާ އައިސް ފުރަތަމަވެސް ފިނި ފެންތައްޓެއް ބޯލިއެވެ. އެއްވެސް މީހަކު ނެތް ލިވިން ރޫމް ސޯފާގައި ދެފައި ނަގައިގެން އިނދެފައި މޭޒުމަތީ އިން ކޯޑްލެސް ފޯން ނަގައި މޭގައި ޖައްސައިލެވުނީ ޖެހިލުން ވެގެންނެވެ. ތިއާ އެންމެ ލޯބިވާ ފަރާތާއި އެހާ ދުވަސްފަހުން ގުޅާލަން އެހާ ޖެހިލުން މިވަނީ ކީއްވެ ކަމެއް ނޭނގުނެވެ. ތިއާ ފޯން ދުރުކޮށްލައިފައި ކުއްލި އަކަށް ސްޓޭންޑްގައި ބަހައްޓައިލީ ނުކެރިގެންނެވެ. ފުރަތަމަ ބުނާނެ އެއްޗަކާއި މެދު ވިސްނަން ނިޔަފަތި ހަފަން އިނދައި އެފޯނު ރިންގް ވާން ފެށުމުން ސިއްސައިގެންވެސް ދިޔައެވެ. ތިއާ އަވަސް އަވަހަށް ފޯން ނަގައި ކަންފަތުގައި ޖައްސައިލި އިރު ހިތްވަނީ އަވަސްވެފައެވެ. އެވަގުތު އެކޮޅުން ފޯން ކުރި މީހަކު ބުނި އެއްޗަކުން އެހިތުގެ ތެޅުން ދެގުނައަށް އަވަސް ވެގެން ދިޔައެވެ.
ތިއާ އަވަސް އަވަހަށް ފޯން ބަހައްޓާފައި ސޯފާއިން ފޭބިތަނުން ޝަކީބާ ދޮރު ހުޅުވާލައިފައި އެތެރެއަށް ވަދެއްޖެއެވެ. "މަންމާ! މަންމާ!... ތިއާ ބާރު ބާރަށް ދުވެފައި ގޮސް ޝަކީބާގެ ކައިރިއަށް ހުއްޓިފައި ވާހަކަ ކުރިއަށް ނުގެންދެވިގެން އުޅުނު ގޮތުން ޝަކީބާވެސް ހާސްވެއްޖެއެވެ. ތިއާގެ ކަރުނުން ފުރިފައިވާ ލޮލާއި ކުލަ އޮއްސިފައިވާ މޫނު އަންގައި ދިނީ ބޮޑު ކަމެއް ވެއްޖެ ކަމެވެ. "ކިހިނެއްވީ ދަރިފުޅާ؟" ޝަކީބާ ތިއާގެ އަތުގައި ހިފަހައްޓާފައި ނުހަނު މަޑުމައިތިރި އަޑަކުން ސުވާލު ކޮށްލިއެވެ. "ލުޖައިން އެކްސިޑެންޓްވީ މަންމާ. އަދި ޒަކްވާން ބްރޯ.... ބްރޯ ވީ ޕްލިސް ސްޓޭޝަންގައި." ތިއާ ގަދަކަމުން ޖުމްލަ ފުރިހަމަ ކޮށްލާފައި މޫނުގައި ދެއަތް އެޅިއިރު ރޮވިއްޖެއެވެ. "ޑޯން ކްރައި ތިއާ." ޝަކީބާ ދެރަވެގެން ތިއާގެ ބޮލުގައި ފިރުމާލައިފައި ގެނެސް މޭގައި ޖައްސާލިއިރު ފެންކަޅި ވެއްޖެއެވެ.
"ތިއާ ދޭ ލުޖައިން ކައިރިއަށް. މަންމަ ދާނަން ޒަކްވާން ބަލައި." ޝަކީބާ ވިސްނައިލައިފައި އިރުކޮޅަކުން ވާހަކަ ދެއްކިއެވެ. ތިއާ ބޯ ޖަހައިލައިފައި މޫނު ދޮވެލަން ވެގެން ކޮޓަރި އާއި ދިމާއަށް ދިޔައިރު ޝަކީބާ އަނެއްކާވެސް ބޭރަށް ދާން ނިކުމެއްޖެއެވެ.
ތިއާ ހޮސްޕިޓަލަށް ވަދެގެން ދިޔައިރުވެސް މުޅިއަކުން ހަމައަކަށް ނޭޅެއެވެ. ތިއާ ޒާހިދު އިން ފުރޮޅުލީ ގޮނޑިން އަތް ދޫކޮށްލައިފައި ލައިގެން ހުރި ރީނދޫ ކުލައިގެ ޖެކެޓް ކޮޅުގައި ދެއަތުން ހިފާ ކައިރިކޮށްލައިގެން ގޮސް ރިސެޕްޝަން ކައިރީ ހުރި ކުއްޖާ ކައިރީ އަހައިލުމުން އެނގުނީ ލުޖައިން އަދި އެމަޖެންސީ ރޫމުން ނުނެރޭ ކަމެވެ. ތިއާ ޝުކުރު އަދާކޮށްފައި އެދިމާއަށް ދަމުން އަދިވެސް އެއްފަހަރު ކަރުނަ ފުހެލަން ޖެހުނެވެ. ގޮނޑި ބަރީގައި އާރިން އާއި ރަފާލްގެ އިތުރުން ޝަހީމު އާއި ނާހިދާވެސް ތިއްބެވެ. ތިއާ އެމީހުންގެ ކައިރިއަށް ދާން ޖެހިލުންވީ އެކްސިޑެންޓް ހިނގީ ޒަކްވާންގެ ފުށުން ކަމަށްވީތީއެވެ. ތިއާ ހިތްވަރު ކޮށްލައިފައި ގޮސް ޒާހިދުގެ ގޮނޑި ބެހެއްޓީ ޝަހީމުމެން ކައިރީގައެވެ. އޭނާ އައިސް އިށީންދެލީ ތަންކޮޅެއް ދުރުގައެވެ.
އާރިން ދެއަތުން މޫނު ފޮރުވައިލައިގެން އިނދެފައި ފިޔަވަޅުގެ އަޑު އިވިގެން އިސް ނެގި ގޮތަށް ތެދުވެގެން ތިއާގެ ކައިރިއަށް އައެވެ. "ހައު އިޒް ޝީ؟" އާރިން ޖެހިގެން ހުރި ގޮނޑީގައި އިށީނުމުން ތިއާ އަހައިލިއެވެ. "ނޭނގެ ބުނާކަށް. އެތެރެއަށް ވެއްދިފަހުން އަދި ޚަބަރެއް ނުވޭ." އާރިންގެ އަޑުގައި ރިހުމެއް ވިއެވެ. އެރީތި އެސްފިޔަތައް ތެމިފައި ހުރުމުން ލޮލުގެ ކަޅުކަން ގަދަވެ އިންތިހާއަށް ރީތިކަން ތިއާއަށް ފާހަގަވިއެވެ. އާރިން ސީރިއަސްވެފައި ހުންނައިރު މާބޮޑަށްވެސް ފިރިހެންވަންތަ ވެފައި ހަރުދަނާ ގޮތް ހުރެއެވެ. އެވަރަށް ހިތްދަތި ކުރިއިރުވެސް ލުޖައިންގެ ހިތް ބަދަލު ނުވީ އެއަދާތަކުގެ ބާރުގައި ޖެހިގެން ކަންނޭނގެއެވެ.
"ތިއާ.. އަހަރެން ވާހަކައެއް ބުނަންތަ؟" އާރިން އެހެން އަހައިލި ރާގުންވެސް ތިއާއަށް ވިސްނުންނީ އާރިން ބުނަން އެއުޅެނީ ޒަކްވާންގެ ވާހަކަ ކަމެވެ. "އައި ނޯ. އިޓްސް ޒަކްވާން." ތިއާ އެފުރުސަތު ނުދީ ބުނެލައިފިއެވެ. އާރިން ހަތަރުކަޅި ހަމަކޮށްލައިފައި އިރުކޮޅަކުން ދުރު ބަލަން ފެށިއެވެ. ޕެރިހަށް ގޮސް ދެ ދުވަހެއްވަރު ވީ ފަހުން ލުޖައިންއަށް ހުންގަނޑެއް ޖެހުނީއެވެ. އެނބުރި އައުމުގެ ހިޔާލު އާރިން ގެންގުޅުނީ މިސަބަބާ ހެދިއެވެ. ހުން ބުރާންތީގައި ލުޖައިން މޮޔަ ގޮވައި އަދި ބައެއް ކަހަލަ ބިރުވެރި ހުވަފެން ފެނިގެން ބިރުންވެސް އުޅުނެވެ.
ގަޑިއެއްހާއިރު ފަހުން ޑޮކްޓަރ ނިކުމެފައި ދިން ޚަބަރަކުން އެންމެންގެ މޫނު ވިދައިގަތެވެ. ނަސީބަކުން ލުޖައިންއަށް މާބޮޑު ގެއްލުމެއް ނުލިބެއެވެ. ކުދި އަނިޔާތަކެއް ލިބި ދެތިން ހަތަރު ޒަޚަމެއް ލިބިފައިވިއަސް ދާދި އަވަހަށް ފަސޭހަ ވެދާނެ ކަމުގެ އުފާވެރި ޚަބަރު ޑޮކްޓަރ ދިނެވެ. ޕްރައިވެޓް ރޫމަކަށް ބަދަލު ކުރަން ވެގެން ނެރުނުއިރު ލުޖައިން އޮތީ ލޯ މަރައިލައި ގެންނެވެ. އާރިން ކެތްތެރިކަން ކުޑަވެފައިވާ ގޮތަކަށް ދެއަތް ދެއަތާއި މޮޑެލިއެވެ. ކައިރީގައި ހުރި ރަފާލް އާރިންގެ ކޮނޑުގައި ހިފާލީ އުފާކުރަމުންނެވެ. އިރުކޮޅަކުން އެންމެން ގޮސް ލުޖައިން އާއި ވާހަކަދެއްކިއިރު އާރިން ހުރީ އެންމެ ދުރުގައި އެމަންޒަރު ބަލާށެވެ. އެކަނިވެލާނެ ވަގުތަކަށް މަޑުކޮށްގެން ހުރި ކަހަލައެވެ.
"އައެމް ސޯ ސޮރީ ލޫލޫ." ތިއާއަށް ފުރުސަތު ލިބުމުން ލުޖައިން އަތުގައި ހިފާލައިފައި ރޮވިފައިވާ އަޑަކުން ވާހަކަދެއްކިއެވެ. "އިޓްސް އޯކޭ ތިއާ. އައެމް ފައިން ނައު." ލުޖައިން ހިނިތުންވެފައި ޖަވާބުދިނެވެ. އެކްސިޑެންޓް ހިނގީ ޒަކްވާންގެ ސަބަބުންނޭ ބުނަން އުޅެފައިވެސް ތިއާ ފަސް ޖެހުނެވެ. އެތާގައި އިތުރު މީހުން ތިބުމުން ތިއާ ބޭނުންވި ފަދަ ޕްރައިވެސީއެއް ނުލިބުނެވެ. އާރިންވެސް އެކްސިޑެންޓް ދިމާވީ ކާކުގެ ސަބަބުން ކަމެއް އެހެން މީހަކަށް ނާންގައެވެ.
އެންމެން ނިކުމެގެން ދިޔައިރު އާރިން ގޮސް ހުރީ ކުޑަ ދޮރު ކައިރީގައި ފޮތިގަނޑު ކަހާލައިގެން ބޭރު ބަލާށެވެ. ހަވީރު އަތަށް އަޅާފައި އޮތުމުން އަވި މަޑެވެ. ކުޑަ ދޮރުން ވަންނަމުން ދިޔަ ލުއި ވައިރޯޅިތައް އާރިންގެ ހަށިގަނޑުގައި ބީހިލައިފައި އެޖިސްމުގައި ހިފާފައިވާ ހިތްގައިމު ސެންޓްގެ ވަސް ލުޖައިންގެ ނޭފަތާއި ހަމައަށް ފޯރުވަމުން ދިޔައެވެ. "ހޭއި! ލުޖައިން ބަލަހައްޓައިގެން އޮވެލާފައި އާރިން އެނބުރި ނުލުމުން ގޮވާލައިފިއެވެ. އާރިން އެނބުރިލާފައި އެދިމާއަށް އައިސް ގޮނޑީގައި އިށީންދެލިއެވެ. ލުޖައިން ކަޅިވެސް ޖަހާނުލައި ބަލަން އޮތްވައި އެފިނި ފިނި އިނގިލި ތަކުގައި އާރިން ހިފައިލީ ނިކަން މަޑު މަޑުންނެވެ. އާރިން އިސްޖެހިފައި އިނދެގެން ލުޖައިންގެ އަތްތިލަ މަތީގައި ބޮނޑުވައި އިނގިލި ހިންގާލަ ހިންގާލާ އިރުކޮޅެއް ވާންދެން އިނެވެ. "ވަޓްސް ރޯންގް ބޭބީ؟" ލުޖައިންގެ ކެތްތެރިކަން ކޮޅުންލައިގެން އަހާލެވިއްޖެއެވެ.
"އައެމް ސޯ ސޮރީ ލޫލޫ." އާރިން އިސްއުފުލައިލި އިރު ލޮލުގައި ކަރުނައިގެ އަސަރުވިއެވެ. ލުޖައިންގެ ހިތަށް ފުން އަސަރުތަކެއް ކުރުވުމުން ތުންފަތުގައި ދަތް އަޅައިލެވުނެވެ. "ކީއްވެ؟" ލުޖައިންއަށް އާރިން ދެއްކި ވާހަކައިގެ މާނައެއް ނުވިސްނުނެވެ. "ލޫލޫ އަހަރެން ޕްރޮމިސް ކުރިން ލޫލޫ ޕްރޮޓެކްޓް ކުރާނެ ކަމަށް. އެކަމަކު މިއަދު އައި ފެއިލްޑް ޔޫ... ފޯ އަ މިނިޓް އަހަރެންގެ ހިތް ބުނި ލޫލޫ ގެއްލުނީއޭ. އެހާ ގިނައިން ބްލަޑް ލޫސްވެފަ އޮތްވާ ފެނުނީމަ ހިއެއް ނުކުރަން ކުދި އަނިޔާ ތަކަކުން ނިމޭނެ ކަމަކަށް... އައި ވޯޒް ސްކޭރޑް ޓު ޑެތް ބޭބީ..." އާރިން ކުރެހިފައިވާ އަޑުން ޖުމްލަތައް ފުރިހަމަކޮށްލައިފައި ލުޖައިންގެ އަތްތިލައިގައި އެތަކެއް ފަހަރު ބޮސްދިނެވެ. "ކަމްއޯން އާރީ... މިކަހަލަ ކަންތައް ތަކަކީ އެއްވެސް މީހެއްގެ ބާރު ފޯރާ ކަންތައްތަކެއް ނޫން. ނަސީބަކުން އަހަރެންނަށް މާބޮޑު ގެއްލުމެއްވެސް ނުވި. އެކަމަކު އަހަރެން ބޭނުންނޫން އާރީ ދުވަހަކުވެސް ތިގޮތަށް ދެކޭކަށް. އާރީ ނުވާނެ މިގޮތަށް ހިނގާ އެއްވެސް ކަމެއް އެއީ އަމިއްލަ ފޯލްޓެއް ކަމުގަ ދެކިގެނެއް. ޕްރޮމިސް މީ." ލުޖައިން އެގޮތަށް އެދުމުން އާރިން ވަޢުދުވިއެވެ. އެވަރުންވެސް ޒަކްވާންގެ ވާހަކައެއް އާރިން ނުބުންޏެވެ.
ރަފާލް ގޮސް ގެއަށް ވަދެފައި ފުރަތަމަވެސް ކޮޓަރި އާއި ދިމާއަށް މިސްރާބު ޖެހިއެވެ. ރަފާލް ވަންއިރު ޒޯއީ އިނީ ޑްރެސިންޓޭބަލް ކުރިމަތީ ތުންފަތުގައި ލިޕް ގްލޮސް ހާކާށެވެ. ޒޯއީ ކަނޑުނޫކުލައިގެ އަބެޔާ ހެދުމާއި އެކު އެއަށްވުރެ މަޑު ނުލަކަށް ދާ ޝޯލްއެއް އަޅާފައި އިންއިރު އަރަބި ކުއްޖެއް ފަދައެވެ. ރަފާލްއަށް ލޯގަނޑުން އެސޫރަ ފެނިފައިވެސް އެސްފިޔަ ޖަހަން ހަނދާން ނެތުނެވެ. "ހައު ބޭޑް އިޒް ޝީ؟" ޒޯއީ ވާހަކަ ދެއްކި އަޑަށް ރަފާލް ސިހޭ ގޮތްވެފައި އަވަހަށް ގޮސް އިށީންދެލީ އެނދުގައެވެ. "ނަސީބަކުން މާބޮޑެތި ގެއްލުންތަކެއް ނުލިބޭ. ޝީޒް ފައިން." ރަފާލް އަދިވެސް ބަލަން އިނީ ޒޯއީ އަށެވެ. ޒޯއީ ނިމިގެން ގޮނޑިން ތެދުވެފައި ރަފާލް އެނދުގައި އިނުމުން ދާނެ ދިމާލެއް ނޭނގިފައި އިރުކޮޅަކު ހުއްޓެވެ. އެހާ އަވަހަށްވެސް އެމޫނު ރަތްވެ ލޭކޮޅަކަށް ވިއެވެ. ރަފާލް ކައިރީ ހިތުގެ ހާލު ބަޔާން ކުރަން ހިތަށް އަރާފައި އެހިތް ތެޅިގަތީ ބިރުގަންނަހާ ބާރަށެވެ.
"ކަމް ހިއަރ!" ރަފާލް ބަލަން އިނދެފައި ގޮވާލިއެވެ. ޒޯއީ އައިސް ކައިރިއަށް ހުއްޓުމުން ރަފާލް ޒޯއީގެ އަތުގައި ހިފާފައި ކައިރީގައި ބައިންދައިލުމުން ހަތަރެސްފައި ފިނިވެއްޖެއެވެ. "އައި ވޯނަ ސޭ ސޮރީ." ރަފާލް އެހާ ކައިރީގައި އިނދެގެން ބަލަން ފެށުމުން ޒޯއީ އިނީ ހަދާނެ ގޮތް ބޮޑުވެފައެވެ. މިވަރުން ދަންޏާ އޭނާ ހިތުގެ ސިއްރު ހާމަކުރާނީ ކިހިނެއް ހެއްޔެވެ؟ "އެއީ ކީއްވެ؟" ޒޯއީ ހައިރާންވިއެވެ. "ޒޯއީ އެކަނި ސްޕެންޑް ކުރި ދުވަސްތައް އެނގުނީމަ އަހަރެން ވަރަށް ދެރަވި. އެހެންވެ..." ރަފާލް ޖަވާބު ދިނީ ތެދަށެވެ. "އެބައުޓް ދެޓް... ރަފާލް ނުޖެހޭނެ ސޮރީ ބުނާކަށްވެސް އަދި ދެރަވާކަށްވެސް... އެއީ އަހަރެން އަމިއްލައަށް ލިބިގަތް ހިތްދަތި ދުވަސްތަކެއްނު." ޒޯއީ އިސްޖެހިއެވެ. އެހަނދާންތަކުން އަދިވެސް ހިތަށް އުދަނގޫވެއެވެ.
"އަޅެ ބުނެބަލަ ޕްރެގް ނުވިނަމަ ދުވަހަކުވެސް އެނބުރި އަހަރެންގެ ކައިރިއަށް އައީމުސްތަ؟" ރަފާލްގެ އެސުވާލު އޮތީ ހިތުގައެވެ. ޒޯއީ އިސްޖަހައިގެން އިނދެފައި ވާހަކަ ދައްކަން އަނގަ ހުޅުވާލަން އުޅެނިކޮށް ރަފާލް އަތުން ދޫކޮށްލުމުން ސިހިގެން ދިޔައެވެ. ރީތި ހުވަފެނެއްގައި އޮވެފައި ނިދިން ހޭލެވުނު ފަދައެވެ. ރަފާލް އަވަސް އަވަހަށް ތެދުވެފައި ގޮސް ލެޕްޓޮޕް ނަގައިގެން ދުރުގައި އިށީނުމުން ޒޯއީ ހިތްވަރު އެލިއްޖެއެވެ. އަމިއްލަ ނަފްސަށް މަލާމާތްވެސް ކޮށްލެވުނެވެ. އަބަދު މާ ކެރޭ މީހަކަށް ވެގެން އުޅުނު ކުއްޖާ އެންމެ ކުޑަ ކުޑަ ކަމަކާއި އެހާ ބޮޑު ފިނޑިއަކަށް ބަދަލުވީއެވެ.
ގެއަށް އައިސް ވަދެފައި ޒަކްވާން ފުރަތަމަވެސް ތިއާ ހޯދިއެވެ. ތިއާ ކޮޓަރީގައި އިންދާ ފެނިގެން ޒަކްވާން ވަދެފައި ދޮރު ލައްޕައިލިއެވެ. އެއަޑަށް ތިއާ އިސް އުފުލައިލައިފައި ދެވަނަ ސިކުންތުގައި ފުންމައިގެން ތެދުވިއެވެ. "ބްރޯ! ތިއާ ގޮވާލިއިރު އެއަޑުގައި ހަރުކަށިކަން ވިއެވެ. "ތިއާ އެއީ އަހަރެން ގަސްތުގަ ކުރި ކަމެއް ނޫން. ތިއާއަށް ހީވޭތަ އަހަރެން ލޫލޫއަށް ގެއްލުމެއް ދޭން އުޅެފާނެހެން." ޒަކްވާން ގޮސް ތިއާގެ ދެކޮނޑުގައި ހިފާ ބާރު ކޮށްލައިގެން ހުރެ ވާހަކަދެއްކިއެވެ. "ނިކަން ބުނެބަލަ މީވެސް ބްރޯ ކުރި ކަމެއް ނޫނޭ." ތިއާ ޒަކްވާންގެ އަތް ފޮޅުވާލައިފައި އެނދުމަތީ އޮތް ލެޕްޓޮޕް ނަގައި ދައްކައިލިއެވެ. ތިއާ ބޭރަށް ދިޔައިރު ހެޑްސެޓް އޮތީ ކީޕެޑް މަތީގައެވެ. ޒަކްވާން ރުޅިގަދަވެފައި ހުރެގެން ތަނެއް ދޮރެއް ނުބަލައި ބާރުބާރަށް ލައްޕައި ލުމުން ހެޑްސެޓް އެތެރޭގައި އޮވެ ފިތި އޭގެ ސިފަ ހުރީ ރަނގަޅަށް ޑިސްޕްލޭއަށް އަރާފައެވެ.
"އަހަރެން ހަނދާން އެބަހުރި އަހަރެން ނިކުމެގެން ދިއުމުގެ ކުރިން ބަލަން އިނީ ލޫލޫމެންގެ ފޮޓޯއެއް. ބުނެބަލަ އެފޮޓޯ ފެނިގެން ރުޅިގަދަ ވެގެނެއް ނޫނޭ ބްރޯ ދިޔައީ." ތިއާގެ ވާހަތަކުން ޒަކްވާންއަށް އިސް އޮބައިލަން މަޖުބޫރުވިއެވެ. "ކިހާ ދުވަހަކުތަ ތިހެން އުޅޭނީ. ގަބޫލުކޮށްބަލަ ބްރޯ ލޫލޫއަކީ މިހާރު މީހެއްގެ އަންބެއް. ވައި ޑޯންޓް ޔޫ މޫވް އޮން.." ތިއާގެ ޖުމްލަ ރަނގަޅަށް ފުރިހަމަވެސް ނުވަނީސް ޒަކްވާން ނޫނެކޭ ކިޔާ ހަޅޭއްލަވައިގެންފިއެވެ. ތިއާ ސިއްސައިގެން ދިޔަވަރަށް ބިރުވެސް ގަތެވެ. ލެޕްޓޮޕް އެނދުގައި ބައިންދާފައި އަވަހަށް ފަހަތަށް ޖެހިލެވުނެވެ.
"ތިހެން ދުލުން ބުނެލާހާ ފަސޭހައެއް ނުވާނެ." ޒަކްވާން އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާތީ އެކަނި އެހެން ބުނެލާފައި ނިކުންނަން ދިޔައެވެ. އެކަމަކު ދޮރާއި ހަމައިން އަނެއްކާވެސް ހުއްޓެން މަޖުބޫރުވީ ލުޖައިންގެ ހާލު ހުރިގޮތެއް އޮޅުންފިލުވަން ބޭނުންވި ވަރުންނެވެ. "ލުޖައިން ކިހިނެއް؟" ޒަކްވާން އެހުރިގޮތަށް ފުރަގަސްދީގެން ހުރެފައި އަހައިލިއެވެ. "ކިހިނެއް ވާނީ؟" ތިއާ ތުން އަނބުރައިލިއެވެ. "ޖަސްޓް އާންސަ ދި ކުއެޝަން!" ޒަކްވާން ބާރުބާރަށް އަމުރު ކޮށްލުމުން ތިއާ ބިރުގަނެގެން ޑޮކްޓަރ ދެއްކި ވާހަކަތައް ކިޔައިދީފިއެވެ.
ޒަކްވާން ނިކުމެގެން ދިއުމުން ތިއާ ބޭރަށް ނިކުމެފައި ފޯން ހިފައިގެން ކޮޓަރިއަށް އައެވެ. ތިއާ ދެތިން ހަތަރު ނޭވައެއްލައި އަމިއްލަ ނަފްސް ހަމައަކަށް އަޅުވާލައިގެން އީތަން މެލޭޝިޔާގައި ހުންނަ ގޭ ނަންބަރަށް ޑައިލްކޮށްލިއެވެ. ފޯން ނެގީ އަންހެން ކުއްޖެކެވެ. "އީތަން އާއި ބައްދަލު ކޮށްލެވިދާނެތަ؟" ތިއާ ވަރަށް އުންމީދާއެކު އަހައިލައިފިއެވެ. "ތީ ކާކު؟" އަންހެން ކުއްޖާވެސް ކޮށްލީ ސުވާލެކެވެ. ތިއާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އީތަން އާއިލާ މީހުން ކައިރީގައިވެސް އެހުންނަނީ ރަނގަޅަށް ކިޔައިދީފައެވެ. "ބުނޭ ޒޯއީގެ ފޯނެކޭ." ތިއާ ވިސްނައިލައިފައި ޖަވާބު ދިނެވެ. ތިއާ ތެޅެމުން ދިޔަ ހިތުގައި އަތް އަޅައި ބާރު ކޮށްލައިގެން އިންދާ އިރުކޮޅަކުން އީތަން ހަލޯއޭ ބުނެލައިފިއެވެ.
މުޅި ހަށިގަނޑުން ހީބިހި ހިލުވައިލިއެވެ. ތިއާގެ ހަތަރެސްފައި ފިނިވެ ހިނދުކޮޅަކަށް ނޭވާލާންވެސް ދަތިވެއްޖެއެވެ. "އީ..ތަން..." ގަދަކަމުން ތިއާއަށް އަޑު ބޭރުކޮށްލެވުނެވެ. އޭރު ދެލޯ ފުރިގެން ކަރުނަ އަންނަނީއެވެ. ހިމޭންކަމުގައި ވަގުތުކޮޅެއް ދިއުމުން ތިއާ ބިރުގަތީ އީތަން ފޯން ބާއްވަފާނެތީއެވެ. "އީތަން ޕްލީޒް ފޯން ނުބާއްވާތި!" ތިއާ އަވަސް އަވަހަށް ބުނެލިއެވެ. އީތަން ޖަވާބެއް ނުދީ ހުރެފައިވެސް ތިއާގެ އެދުމަށް ހުރުމަތްތެރިކޮށް ހިތިއެވެ. "އީތަން އައި މިސް ޔޫ..." ދައްކަން ހުރި ވާހަތައް ގިނަ ކަމުން ތިއާއަށް ފުރަތަމަ ބުނަންވީ އެއްޗެއް ނިންމަން އުދަނގޫވިއެވެ. "...އީތަން އައި ލަވް ޔޫ... އެން އައެމް ވެއިޓިން ފޯ ޔޫ.... ޕްލީޒް ޓޯކް ޓު މީ އީތަން... އަހަންނަށް އީތަންއާ ނުލާ ނޫޅެވޭނެ... ކަމް ބެކް އީތަން...." ތިއާ އެހުރިހާ އެއްޗެއް ބުނެ ނިމުނުފަހުން އީތަންގެ އަޑު ދެވަނަ ފަހަރަށް އިވުނެވެ. "ތިއާ!" އެއަޑުގައި ހާދަ އަސަރެއް ހުއްޓެވެ. ހާދަ ރިހުމެއް ވިއެވެ. އެތައް ހާސް ކަރުނަ ތިއްކަށްވުރެ ވޭން ގަދައެވެ. "ތިއާ އައި ލަވް ޔޫ..." އީތަން ވެސް ބުނެލައިފިއެވެ.
އާރިންއަށް ފޯނެއް އައިސްގެން ނަގާފައި ވާހަކަ ދައްކަން ފެށިތަނުން ލުޖައިން ނިއްކުރިއަށް ރޫ އަރުވައިލިއެވެ. ލުޖައިންގެ ނިންޖަށް އުދަނގޫވީކަން ވިސްނިގެން އާރިން ބޭރަށް ނިކުމެލިއެވެ. ލަސް ފިޔަވަޅު ތަކެއްގައި ނިކުމެގެން ހިނގާފައި ދިޔައިރު ދުރުގައި ހުރި އެހެން ފިރިހެނަކު އޭނާގެ ހަރަކާތްތަކަށް ބަލަމުން ދިޔަކަމެއް އާރިން ނުދެނަ ހުއްޓެވެ. އެޒުވާނާ ލައިގެން ހުރި އަތްދިގު ޓީޝާޓާއި ޖިންސްގައި ނިކަން ފިރިހެންވަންތަ ވެފައި ހިތްގައިމު ގޮތެއް ހުއްޓެވެ. އަޅައިގެން ހުރި ތޮފީގެ ނިތްގަނޑު އެހާ ބޮޑަށް ތިރިކޮށްލާފައި ވަނީ ކޮންމެވެސް ކަމެއް ފޮރުވަން ބޭނުންވެފައިވާ މީހަކު ފަދައިންނެވެ. އާރިން ހިނގަމުން ގޮސް ބޭރަށް ނިކުތްތަން ދެކެފައި ޒުވާނާ ހިނގައިގެންފިއެވެ. ބާރު ހިނގުމުގައި އޭނާ އައިސް ހުޅުވައިލީ ލުޖައިން އޮތް ކޮޓަރީގެ ދޮރެވެ. އެއަޑަށް ލުޖައިންއަށްވެސް ހޭލެވިގެން ލޯ ހުޅުވައިލެވިއްޖެއެވެ.
"ޒަކްވާން!" ލުޖައިންއަށް ލޯ ބޮޑު ކޮށްލެވުނެވެ. ޒަކްވާން ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސައިލީ ވާހަކަދެއްކުން މަނާ ކުރުމަށެވެ. ޒަކްވާން ތޮފި ނަގާފައި އައިސް ކައިރީގައި ހުރި ގޮނޑީގައި އިށީންދެލިއެވެ. ލުޖައިން ބަލަން އޮތްވައި އެއިނގިލި ތަކުގައި ހިފައި އުފުލައިލައިފައި އަސަރުން ފުރިފައިވާ ގޮތަކަށް ތުންފަތް ޖައްސައިލިއެވެ. "ޒަކްވާން!" ލުޖައިން ގޮވައިލުމުން ޒަކްވާން މިފަހަރު އަތްއެޅީ ލުޖައިންގެ އަނގަމަތީގައެވެ. ކުޑަ ދޮރު ކައިރީ ދަމާފައިވާ ފޮތިގަނޑު ކަހާލައިފައި ހުރި އިރު ބޭރުގައި ހުރި މީހަކު އެމަންޒަރު ބަލަމުން ދިޔަކަމެއް އެތަނުން އެކަކަށްވެސް ރޭކައެއް ނުލައެވެ.