މެދުކެނޑުމެއްނެތި އަންނަމުން ދިޔަ ވައިރޯޅި ތަކުން ފިނިބޮޑު ވާގޮތް ވުމުން ލުޖައިން ކުރިއަށް ވުރެވެސް ބޮޑަށް އާރިންގެ މޭގައި ބޮނޑިވެލިއެވެ. ދާދި ކައިރީގައި އޮތް އާރިންގެ ފޯނުން ހިތްގައިމު ދިވެހި ލަވައެއްގެ އަޑު އާދެއެވެ. އާރިން ލޯ މަރައިލައިގެން އޮވެގެން ލުޖައިންގެ އިސްތަށިގަނޑާއި ކުޅޭތީވެ ނިދި އަންނަ ގޮތްވެފައި އޮތްވާ ދާދި ކައިރިން ހިކިފަތް ތަކެއް މުގުރިގެން ދިޔަ އަޑު އިވިގެން ދެމީހުންވެސް ސިހުނެވެ. ލުޖައިން ފުންމައިގެން ތެދުވެފައި ވަށައިގެން ލޯ ހިންގައިލި އިރު އެހާ އަވަހަށް ނިއްކުރީގައި ދާތިކިތައް ވިދަން ފަށައިފިއެވެ. 

"އާރީ އަހަރެން ވަރަށް ބިރުގަނޭ." ލުޖައިން ދެއަތް މުށްކަވައި ލައިފައި ގެނެސް މޭގައި ޖައްސައިލެވުނެވެ. "ކަމްއޯން ބޭބީ. ފަޅު ރަށްރަށުގައި ވެސް ދިރޭ އެއްޗެހި އުޅޭނެ އެއްނު." އާރިން ތެދުވެފައި ހަމަޖެހިލައިގެން ދެއުކުޅުގައި އަތްވިދެލިއެވެ. އެމޫނުގައި ވީ ހިނިތުން ވުމެކެވެ. "ގޯސްޓް ވެސް އުޅޭނެ." ލުޖައިން އައިސް ކައިރިވެލާފައި ވައިއަޑުން ބުނެލުމުން އާރިންއަށް ހެވުނެވެ. "ރަނގަޅަށް ތިބުނީ. އެން އައެމް ސްކެއަރޑް އެތަނުން ގޯސްޓަކަށް ވެސް ލޫލޫ ފެނިގެން ލޯބިވެވޭނެ. ބޭބީ! ހާދަ ރީއްޗޭ. ހިތަށް އަރާ އަހަރެން މޮޔަނުވެ ހުންނާނެ ބާވައޭ." އާރިން އެދެމެދުގައި އޮތް ދުރުމިން ނެތިކޮށްލައިފައި މޫނުގައި ދެއަތުގައި ހިފަހައްޓައިލުމުން ލުޖައިން ހުރީ ރަކިވެފައެވެ. އާރިންގެ އެންމެ ބަލައިލުމަކުން އޭނާގެ ހުރިހާ ބިރެއް އުދުހިގެން ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގެއެވެ. އާރިންއަށް ބަލަހައްޓައިގެން ހުރެވުނީ މަދު ސިކުންތުކޮޅެއް ވާންދެންނެވެ. ކެތްތެރިކަން ކުޑަވެފައިވާ މީހަކު ފަދައިން ލުޖައިންގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ. ދެޒުވާނުންގެ އިސްކޮޅުގައި ބޮޑު ތަފާތެއް ހުރުމުން ލުޖައިންއަށް މިފަހަރުވެސް ހުންނަން ޖެހުނީ ކުޑަކޮށް ކޮރާލައިގެންނެވެ. އެކަމަކު އިރުކޮޅެއްނުވެ އާރިން އެހިމަ އުނަގަނޑުގައި އެއްއަތުން ވަށައިލުމާއެކު ބިމުން ހިއްލައިލިއެވެ. 

ވައިރޯޅިތައް ގަދަވެ ލުޖައިންގެ ފަން އިސްތަށިތައް ފަރުދާއެއް ފަދައިން ދެމީހުންގެ މޫނަށް ފެތުރިގެންދިޔަ ނަމަވެސް އެއިސްތަށިތައް ދުރުކޮށްލާކަށްވެސް އެމީހުން ހެއެއް ނޭރިއެވެ. ނޭނގުމުގެ ތެރޭގައި ގޮސް ގަހެއްގައި ލައްގަނެލައިގެން އާރިން ހުރެފައި ނޭވާ ހުސްވާ ގޮތްވެގެން މެދުކަނޑައިލިއެވެ. ދުރުގައި ކުނާ މަތީ އޮތް މޯބައިލް ރިންގްވާން ފެށީ އެވަގުތުއެވެ. އާރިން ލުޖައިންގެ މަސްތީ ދެލޮލަށް ބަލަން ހުރެފައި އެހަށިގަނޑު ބިމުގައި ބަހައްޓައިލިއެވެ. މޯބައިލް އަތަށް ނަގާފައި އާރިން އަނގަޔަށް ގޮތެއް ހަދައިލިއެވެ. "ކީކޭ ބްރޯ؟" އާރިން ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ފޯން ކަންފަތުގައި ޖެހިއެވެ. "ކޮންތާކު ތިއުޅެނީ. އާދޭ އަވަހަށް." ރަފާލްގެ އަޑުގައި ހިސާބެއްގެ ހަރުކަށި ކަމެއް ވިއެވެ. ރަފާލްއަށް އާރިންގެ ޕްލޭން އެނގިގެން އެރަށަށް އަންނަން އެއްބަސްވީވެސް އެންމެން ވަކިނުވެ އެކީގައި އުޅޭ ގޮތަށެވެ. އެގޮތަށް އާއިލާ އާއި ދުރުގައި ދެމީހުން އެކަނި ތިބެގެން ފާފަ ކުރެވޭނެ ކަމަށް ބުނެ ރަފާލް އާރިންއަށް ނަސޭހަތް ދިނެވެ. 

އާރިން ގޮސް ހުއްޓިފައި މަގު އޮޅުނީއޭ ބުނެ ވާހަކައެއް ހަދައިލިއެވެ. "އެއީ ތެދެއްތަ؟" ރަފާލް އަހައިލީ ލުޖައިން ކައިރީގައެވެ. ލުޖައިން އެވަގުތު ކޮޅުވެސް ކަންބޮޑުވެގެން ދާ ހިއްލައިލިއެވެ. ރަފާލް ކައިރީ ދޮގު ހަދާކަށް ނުކެރުނެވެ. އެކަކު ނުބުންޏަސް ރަފާލްއަށް ލުޖައިންގެ ލޭ ކުލައަރާފައިވާ ތުންފަތް ފާހަގަ ކުރެވުނެވެ. "ދެން އެންމެ ރަނގަޅޭ. ހިނގާ ބާބެކިއު އަށް ރެޑީވާން." ރަފާލް ގޮސް ޓެންޓް ތެރެއިން ފޮށިގަނޑެއް ނެރެގެން ބާބެކިއު ހަދަން ގެނެސްފައި ހުރި ސާމާނު ނެގިއެވެ. ޒޯއީ ހެޑްސެޓް އަޅާލައިގެން އޮތީ ކުއިލްޓް މަތީގައެވެ. ސޮޑާ ހުސްކުރި ތަށިތައް އައިސްބޮކްސް ކައިރީ ހުއްޓެވެ. 

އަލިފާން އަންދައި ހެއުވަރު ކުރަންވާއިރަށް ލުޖައިން އާއި ޒޯއި ވެގެން ސޮސެޖާއި ކުކުޅު ފައިތަކުގައި މިރުސް ހާކައި ތައްޔާރު ކުރިއެވެ. އެވަގުތު ކޮޅުވެސް ޒޯއި ހެޑްސެޓުން ލަވަ އަޑު އަހަން އިނީ ނަސީބެކޭ ލުޖައިން ހިތަށް އެރިއެވެ. އޭނާއަށް ރަނގަޅީ އެންމެ ފަހަރަކުވެސް ޒޯއީ އާއި އަނގައިން ބުނަން ނުޖެހުނިއްޔާއެވެ. އިރުކޮޅަކުން ގްރިލް މަތީ ފައިތަކާއި ސޮސެޖް އަތުރާފައި އެންމެން އަލިފާންގަނޑު ކައިރީ ހަމަޖެހިލިއެވެ. ޒޯއި ދަބަހުން މާޝްމިލޯ ޕެކެޓެއް ކަނޑާފައި ގަހަކުން ވަކިކޮށްލި އޮފިގަނޑަކަށް ހަރާފައި އަލިފާންގަނޑާއި ކައިރިކޮށްލިއެވެ. ޒޯއި މާޝްމިލޯ ޕެކެޓް ދިއްކޮށްލުމުން ލުޖައިން ވެސް އެއިން އެކަތި ހޫނުކޮށްގެން ކެއެވެ. 

"ދެން އަހަރުމެން ނެތްގަޑީގަ ބްރޯ ކީއްކުރީ؟" އާރިން ދެކަކޫ ނަގައިގެން އިނދެފައި ރަފާލްއަށް ބަލައިލީ ލާނެތް ވައްތަރަކަށެވެ. "ހަމައެކަނި ވާހަކަ ދެއްކީ. އާރިންގެ ބްރޯއަކީ ހާދަ ޑީސެންޓް ފިރިހެނެކޭ." ޒޯއި މާޝްމިލޯ އިނގިލީގެ ޖަހައިގެން ކާން އިނދެފައި ރަފާލްއަށް ވުރެ ކުރިން ބުނެލިއެވެ. "ޑީސެންޓް މީހުން ކައިރިއަށޭ ޑެވިލް އަންނާނީ." އާރިން އަދި އެވަރުން ހުއްޓާކަށް ނޫޅުނެވެ. "އާރީ އަމިއްލައަށް އިނގޭ ބޭޒާރު ތިވަނީ." ރަފާލް އިނދެފައި ބުނެލި އެއްޗަކުން ލުޖައިން ތެދުވެފައި ހަލުވި ފިޔަވަޅު ތަކެއްގައި ގޮސް ހުއްޓުނީ ރާޅު ބީހޭ ތެތްފަސްގަނޑުގައެވެ. ލުޖައިން މަޑު ޖެހިލާފައި ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއް ބިންވަޅު ނެގިފައި ދާދި މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ރާޅު އައިސް ފޮރުވައިލައެވެ. ލޭންޓެންތައް ފެންނަން ހުރިތޯ ބަލަންވެގެން ލުޖައިން އިސް އުފުލައިލި ތަނާ ދުރުން ވިދުވަރުގެ އަލި ފެނުނެވެ. އަނެއްކާ ވިއްސާރަ ވާން އުޅެނީ ހެއްޔެވެ؟ ލުޖައިން ކަންބޮޑުވެގެން މޭގައި އަތް އަޅާފައި ތިރުކޮށްނުލެވިގެން އުޅެނިކޮށް ގުގުރައި ގަތެވެ. ވައިރޯޅިވެސް މިހާރު ބާރުވެއްޖެއެވެ. މޫނު މައްޗަށް ފެތުރެމުންދިޔަ އިސްތަށިތައް ހިމޭން ކުރުވާފައި ގޮށެއް ޖަހައިލަމުން ލުޖައިން އަނެއްކާވެސް އުޑާއި ދިމާއަށް މޫނު އުފުލައިލިއެވެ. ވިދުވަރުގެ އައްޔާއެކު އުދަރެސް ވަށައިލަމުން އައި އަޅިވިލާތައް ލުޖައިންގެ ލޮލުގައި އަޅައިގަތެވެ. 

ލުޖައިން ދާންވެގެން އެނބުރިލި އިރު ދެންތިބި މީހުންވެސް ކޮޅަށް ތެދުވެގެން ބަލަމުން ދިޔައީ އުދަރެހާއި ދިމާއަށެވެ. ޒޯއީގެ މޫނުގައިވެސް ހިސާބެއްގެ ނުތަނަވަސް ކަމެއް ވިއެވެ. ލުޖައިން ގޮސް ހުއްޓުނު ފަހުން އާރިން ބުނެލީ ކުޑަކޮށް ވާރޭވެހިލުމުން ކޮޅިގަނޑު މައިތިރިވެދާނެ ކަމަށެވެ. ރަފާލްވެސް އިނީ ނުހަނު ހަމަޖެހިލައި ގެންނެވެ.

ވާރޭ ވެހެން ފެށީ އެމީހުން ކައިވެސް ނިމުނު ފަހުންނެވެ. ވަޔާއެކު އައި ބޮޑެތި ވާރޭ ތިކިތައް ތޫނު ކަށިތަކެއް ފަދައިން ހަންގަނޑަށް ތަދު ކުރަން ފެށުމުން ކޮންމެ މީހަކުވެސް އަވަސްވެގަތީ ޓެންޓް ތެރެއިން ހިޔާވަހިކަން ހޯދުމަށެވެ. ދެޖިންސް ވަކިން ތިބޭގޮތަށް ކިޔާފައިވެސް އެންމެ ފަހުވަގުތު ތިބެވުނީ ޖޯޑު ޖޯޑަށެވެ. ރަފާލްގެ ލޮލަށް ނިދި އައިލެއް ގަދަފަދަކަމުން އެންމެ ފުރަތަމަވެސް ރަޖާ ދަށުގައި ހަމަޖެހިލައިގެން ޖައްސާލައިފިއެވެ. ރަފާލްއަށް ނިދުނު ގޮތްވެސް ނޭނގުނެވެ. ޒޯއީ ދާދި ކައިރީގައި އޮވެގެން ފޯނުން ކޮންމެވެސް މީހަކަށް މެސެޖް ކޮށްލާފައި އޮށޯވެލީ ހިނިތުން ވަމުންނެވެ. މޫސުމްވެސް އޭނާގެ ޕްލޭން އިތުރަށް ފުރިހަމަ ކޮށްދީފިއެވެ.

"އާރީ އަހަރެން ބިރުގަނޭ." ލުޖައިން އޮށޯންނަން ނުކެރި އިނދެފައި ބަލަމުން ދިޔައީ މައްޗަށެވެ. ވާރޭތިކިތައް ޓެންޓްގައި ޖެހޭއަޑު އެހާ ގަދަވެފައި އަދި ބޭރުގައި ގަސްތައް އެކަތި އަނެކައްޗާއި ކޭއްތޭ އަޑުވެސް އެހާ ނާމާން ގޮތް ހުއްޓެވެ. ތޫފާން ގަދަވެގެން ގަސް ރުއް އެއްޗެހި މުލުން ލުހިގެން އައިސް ބޯ މައްޗަށް ވެއްޓިއްޖެއްޔާ މަރުވެދާނެއެވެ. "ކޮންކަމަކާތަ ބިރުގަންނަނީ؟" އާރިން ރަޖާ ހިފައިގެން ކައިރިއަށް ޖެހިލާފައި ލުޖައިން ގޮވައިގެން އޮށޯތެވެ. ލުޖައިން އަނެއްކާވެސް އިށީންދެފައި އާރިންގެ ކަކުލުގައި ދަތްދޮޅި ޖައްސައިލި އިރު ލޮލުގައި ނުތަނަވަސް ކަން ވިއެވެ. "ހާދިސާއެއް ހިނގައިފާނެތީ. އާރީ ބިރެއް ނުގަނޭތަ މަންމަމެނަށް އެނގިދާނެތީ. މޯނިން ވާއިރަށް މާލެ ނުދެވުނިއްޔާ ބަސްޓްވާނެ. އާރީ ދޮންބައްޕަ ރުޅިއައިސްގެން އަހަރެން ގެއިން ފޮނުވައިލަފާނެ." ލުޖައިން ބިރުގެންފައި ހުރުމުން އެތައް ގޮތަކަށް ހިޔާލު ކޮށްލެވުނެވެ. 

"މޯނިންވާއިރަށް މާލޭގައޭ ހުންނާނީ. ބޭބީ މާ އަވަހަށޭ ހާސްވަނީ. ލެޓްސް އެންޖޯއި ދިސް ރޮމޭންޓިކް ނައިޓް." އާރިން ފިކުރެއް ހިޔާލެއްނެތި ލުޖައިން ގެނެސް ބާރަށް ބައްދައިލިއެވެ. އެތެރޭގައި ރޯކޮށްލާފައި ހުރި އެންމެ އުއްބައްތިއެއްގެ ހުޅުކޮޅު ގޮތްގޮތަށް ނަށަމުން ޓެންޓް ތެރެ އޮރެންޖްކޮށްފައި ވެއެވެ. އާރިން ތެދުވެފައި ލުޖައިންގެ ކަނދުރާގައި ތުންފަތް ޖައްސައިލުމުން ހީބިހި ނަގައިގަތެވެ. ތެޅިގެންފައި ލުޖައިންއަށް ދެއަތް އަޅުވައި ލެވުނީ އާރިންގެ ކަނދުރާގައެވެ. ބިރުވެރިކަމުގެ މައްޗަށް މިފަހަރުވެސް ލޯބި ކުރި ހޯދިއެވެ. އާރިން ފިނި ތުންފަތުގެ ބީހުންތަކުން ލުޖައިންގެ ހިއްސުތައް ހޭލައްވާލައި އިސާހިތަކު ދެ ޖިސްމުގައި އަލިފާން ރޯކޮށްލައިފިއެވެ.

ވިދުވަރުގެ އައްޔާއެކު ޖެހި ގުގުރީގެ އަޑު ވީ ހަމަހޭވެރިކަން ނެތިފައިވާ ދެޒުވާނުން އަލުން ސީދާމަގަށް އެޅުވި އަޑަކަށެވެ. ވަގުތު ފާއިތުނުވަނީސް އެއަމަލުތަކަށް ހުއްޓުމެއް ގެނުވައިފިއެވެ. ލުޖައިން ސިހިފައި އާރިންގެ އަތުތެރެއިން ނިކުމެގެން ދުރަށް ޖެހިލާފައި ހެދުން ރީތިކޮށްލަމުން ތިރީގައި އޮތް ޖެކެޓް ނަގައި ހެދުން މަތިން ލައިފިއެވެ. ހުޅިގަނޑު މޮހިގެން އެފަން އިސްތަށިތައް މޫނުމައްޗަށް ފައިބާފައި އޮތެވެ. އާރިން ވެސް ގަމީސް ނަގައި ގަޔަށް މަހައިލާފައި ގޮށް އަޅުވަމުން ތުންފަތުގައި ދަތް އަޅައިލައިފިއެވެ. ލުޖައިންގެ މޫނަށް އާރިން ބައިލި އިރު އަނެއްފަރާތަށް މޫނު އަނބުރާލައިގެން އިނުމުން ހަމްދަރްދީ ވެވުނެވެ. ލުޖައިން ލަދުގަތްވަރާއި އެއްވަރަށް ދެރަވެފައި ހުރިކަން ސާބިތުކޮށްދެނީ ބޮޑު ބޮޑު ދެލޮލުގައި ވިދަމުން ދިޔަ ކަރުނަ ތަކެވެ. 

"ރުޅި އައީތަ؟" އާރިންއަށް ކެތްނުވެގެން އަހައިލެވުނެވެ. ލުޖައިން އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރުވާލައިފައި ވެސް މޫނު މައްޗަށް ނިވާ އަޅައިފައި އޮތް އިސްތަށިތައް އެއްފަރާތް ކޮށްލާކަށް ނޫޅުނެވެ. "އައެމް ސޮރީ. ދެން އެހެނެއް ނުވާނެ." އާރިން ކައިރިއަށް ޖެހިލާފައި ލުޖައިންގެ މޫނުމަތީގައި އޮތް އިސްތަށިތައް ކަންފަތް ކައިރިއަށް ލައްވައިލަ ދިނެވެ. ލުޖައިން ހަތަރުކަޅި ހަމަކޮށްލާފައި ކުއްލި އަކަށް އާރިން މޭގައި މޫނު ފޮރުވައިލިއެވެ. ވާރޭ ހުއްޓާފައި އޮތްކަން އިހްސާސް ވެގެން އާރިން ޓެންޓްގެ ޒިބު ތިރިކޮށްލާފައި ބޭރު ބަލައިލިއެވެ. ވާރޭ އެކަންޏެއް ނޫނެވެ. މިހާރު ވައިރޯޅިވެސް މައިތިރި ވެއްޖެއެވެ. ހީވާގޮތުން ދެން ދަތުރު ކުރާކަށް އުދަނގުލެއް ނުވާނެއެވެ. އާރިން ފޯން ހޯދާލައިގެން ލޯންޗަށް ގުޅިތަނާ އަޑު އަންނަނީ ކެނޑި ކެނޑިގެންނެވެ. 

"ނެޓްވޯކް މައްސަލަ އެބައުޅޭ. އެބަ އަންނަން ބޭރަށް ނިކުމެލާފައި." އާރިން ނިކުމެގެން ދިއުމުން ލުޖައިންވެސް އިރުކޮޅަކުން ނިކުމެއްޖެއެވެ. ލުޖައިން ބަލައިލި އިރު އާރިން ފެންނާކަށް ނެތެވެ. ވާރޭ ހުއްޓާފައި ވީ ނަމަވެސް ވައިރޯޅި ތަކުގައި ތެތް ފިނިކަމެއް އެކުލެވިފައި ވިއެވެ. ލުޖައިން ހަށަން ބަނދެލައިގެން ދެކޮޅަށް ހިނގަން ފެށިތަނާ ޖެހިގެން ހުރި ޓެންޓުން ޒޯއީ ނިކުމެފައި ރަފާލް ކޮބައިތޯ އަހައިލުމުން އަޖައިބުވިއެވެ. ލުޖައިންއަށް ޖަވާބު ނުދެވިގެން އުޅެނިކޮށް ރަފާލް ނިކުމެގެން އަންނާތީ ފެނުނީ ގަސްތަކުގެ ތެރެއިންނެވެ. ރަފާލްގެ ލޮލުގައި އޭރުވެސް ނިދީގައި އަސަރު ހުއްޓެވެ. ހޭވިފައިވާ އިސްތަށިގަނޑާއި އެއްކޮށް ގޮށްނައްޓާފައި އޮތް ގަމީސް ލުޖައިން ލޮލުގައި އަޅައިގަތެވެ. ޒޯއި އާއި ރަފާލްގެ މެދުގައި އޮތް ބީރައްޓެހި ކަންވެސް ނެތުނީ ބާއެވެ. 

ލުޖައިން ހިތަށް އެރި އެއްޗަކުން އަވަހަށް އަނެއްފަރާތަށް މޫނު އަނބުރައިލިއެވެ. ރަފާލް އައިސް ހުއްޓިފައި ބުނެލި އެއްޗަކުން އަދި މާ މަޖާވިއެވެ. ރަފާލްއަށް ހޭލެވުނު އޮވެވުނީ ގަސްތަކުގެ ތެރޭގައޭ ބުނެފައި ބޯ ކަހައިލިއެވެ. ޒޯއީވެސް ރަފާލް "ސްލީޕްވޯކް" ކުރީއޭ ކިޔާފައި ހޭން ފެށީމައި ލުޖައިންއަށް ހީވީ ދެމީހުންގެ މެދުގައި ކަމެއް ހިނގިކަން ސިއްރުކުރަން ހަދައިލި ވާހަކައެއް ކަމަށެވެ. އެހެންވެ އާރިން އައީމައިވެސް ލުޖައިން އިތުރަށް އެވާހަކައެއް ނުދެއްކިއެވެ. 

އިރުކޮޅަކުން ލޯންޗް އައިސްގެން އެންމެން ފުރަން ތައްޔާރުވިއެވެ. "ޝިޓް." ދެފިރިހެނުން ލޯންޗަށް އެއްޗެހި އަރުވަނިކޮށް ޒޯއި ހުރެފައި ކުއްލިއަކަށް ބުނެލިއެވެ. "ލުޖައިން. އަހަރެންގެ ކެވެލިކޮޅެއް ނެތް." ޒޯއީ ކަންބޮޑުވެފައި ބުނެލިއެވެ. އަދި ލުޖައިންއަށް އެއްވެސް ފުރުސަތެއް ނުދީ އެއްގަމާއި ދިމާއަށް ހިނގައިގެންފިއެވެ. "ޒޯއީ ކެވެލިކޮޅު ގެއްލިގެން އެހޯދަނީ. އަހަރެންވެސް އެބަ އަންނަން." ލުޖައިން ހިނގައިގަތް ތަނާ އާރިން ގޮވައިލުމުން ޖަވާބު ދީފައި ޒޯއި ފަހަތުން ދިޔައެވެ. ޓެންޓް ކައިރި ހޯދާފައި ޒޯއީ ގަސްތަކާއި ދިމާއަށް ގޮސް ވަނުމުން ލުޖައިންވެސް ދިޔައެވެ. ތަންކޮޅަކަށް ގޮއްސައި ފޯން އަލީގައި ތިރިއަށް އަލިކުރަމުން ދަނިކޮށް ދުރުން އެހެން އައްޔެއް ވާހެން ހީވިއެވެ. ލުޖައިން ފޯން ތިރިކޮށްލައިފައި ބަލަން ހުއްޓެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. ދުރުގައި ހުރި އިތުރު ޓެންޓެއް އޭނާއަށް ފެނުނީ ތަންކޮޅަކަށް ހިނގާލި ފަހުންނެވެ. 

ލުޖައިން ގޮސް ކައިރިވެލާފައި ގޮވައިލަން އުޅެނިކޮށް އެތެރެއިން އަންހެން ކުއްޖަކު ބޯދިއްކޮށްފައި ލުޖައިން ފެނިގެން އަނެއްކާ އެތެރެއަށް ދެމިގެންފިއެވެ. ހީވީ އެކުއްޖާ އެހެން މީހަކަށް އުންމީދުކޮށްގެން ބަލައިލި ތަނާ ލުޖައިން ފެނުމުން އަވަހަށް ފިލި ހެންނެވެ. ފަހަތުން ޒޯއީ ގޮވާލި އަޑު އިވުނީ ލުޖައިން އެކަމާއި ވިސްނަން ހުއްޓައެވެ. ލުޖައިން ދުވެލާފައި ގޮސް ގަސްތަކުގެ ތެރެއިން ނިކުތްތަނާ ޒޯއި އަތުގައި އޮތް ކެވެލިކޮޅު ދައްކައިލުމުން ހިނިތުންވެލެވުނެވެ. އެންމެން ލޯންޗަށް އަރާފައި ލުޖައިންއަށް ފަހުވަގުތުގެ ހާދިސާ މަތިން ހަނދާން ކުރެވުނެވެ. ރަފާލްވެސް ނިކުތީ އެދިމާއިންނެވެ. ޓެންޓް ތެރޭގައި ޒޯއީ އެކަނި އޮތީ ކިހާ އިރަކުކަން ދެނެވޮޑިގެންވާނީ ﷲއެވެ. ޒޯއީވެސް ނިދާފައި އޮތިއްޔާ ރަފާލް ނިކުމެގެން ދިޔަ އިރެއް ނޭނގޭނެއެވެ. ލުޖައިންގެ ހިޔާލުތައް ނުބައި މިސްރާބަކަށް ދާން އުޅޭހެން ހީވެގެން އަވަހަށް އެހިޔާލު ދޫކޮށްލައިފައި ހަމަޖެހިލިއެވެ. މާލެ ދެވުނީ ހަތަރެއް ޖަހަން ކައިރިވެފައި ހުއްޓައެވެ. ނަސީބަކުން އެމީހުންނަށް ސިއްރުން ގެއަށް ވަދެވުނެވެ. 

ޖެހިގެން އައި ދުވަހު ދެއާއިލާއަށް ވެސް ކުއްލި ސިހުމެއް ގެނުވިއެވެ. ހުކުރު ދުވަހު ކުރެވެން އޮތް ކައިވެނި ބުދަ ދުވަހަށް ބަދަލު ކުރިކަން ޝަކީބާ އެންގި ވަގުތު ޒޯއި ކޮށި އަރައިފިއެވެ. ކާ މޭޒު ދޮށުގައި އެވަގުތު ޒަކްވާން ފިޔަވައި ގޭގެ ހުރިހާ މެމްބަރުން ތިއްބެވެ. ޝަކީބާ ކުރީ ދުވަހު އަތް ދަބަސް އަޅުވައިގެން މާ އަވަހަކަށް ނިކުމެގެން ގޮސް ކުރި ކަމަކީ އެއީއެވެ. ޒާހިދުއަށް އޭނާގެ ސިއްރުތަކެއް އޮޅުން ފިލާފައި އޮތްކަން އެނގުނު ހިސާބުން ޝަކީބާ ރަނގަޅަށްވެސް ބިރުގަނެއްޖެއެވެ. ޒާހިދުއަށް ބާރު ލިބިގެން ކައިވެނި ހުއްޓުވާ ނުލަނީސް އެކަން ކުރުން ޝަކީބާ އެންމެ މުހިންމު ކަމަކަށް ދެކުނެވެ. ޚުދު ޝަހީމުގެ ވެސް އެދުމަކީ އަވަހަށް ދެއާއިލާ ގުޅިލާމެހުމެވެ. އެހެންވެ ޝަކީބާ އެދުމާއި ދާދި ފަސޭހައިން އެއްބަސްވިއެވެ. 

"ކިހިނެއް ވެގެން މާދަމާއަށް އަވަސްކުރީ؟ އެހާއިރަށް ހުރިހާ ކަމެއް ރެޑީވާނެތަ؟" ޒޯއީ ފެންތަށްޓެއް ދަމައިލާފައި ކެއްސުންވަރު ހަމައަކަށް އެޅުމުން އަހައިލިއެވެ. ޒާހިދުވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. "އެއީ ޝަހީމު އެގޮތް ބޭނުންވެގެން." ޝަކީބާ އެދެމެދަށް ޝަހީމު ފައްތައިލިއެވެ. "ބުދަ ދުވަހު ކުރިޔޭ އޭގެ ދެދުވަސް ފަހުން ކުރިއޭ ކިޔާފައި ޗޭންޖެއް އަންނާނެތަ؟" ތިއާ އިނދެފައި ބުނެލިއެވެ. ޒޯއީ ލޯ އަޅައިލުމުން ތިއާ ދޫ ނެރެފައި ތެދުވިލެއް ބާރުކަމުން ގޮނޑިވެސް ވެއްޓުނެވެ. ތިއާ ދުވެލާފައި އެތަނުން ނިކުމެގެން ގޮސް ޖެހުނީ ކޮޓަރިން ނިކުތް އީތަން ގައިގައެވެ. 

"ކެއަރފުލް!" ތިއާ އަރި އަޅާލައިގެން ވެއްޓެން ދަނިކޮށް އީތަން ތިއާ އަތުގައި ހިފާ ތެދުކޮށްލަމުން ބުނެލިއެވެ. ތިއާ ހަތަރުކަޅި ހަމަކޮށްލާފައިވެސް އެއްޗެއް ނުބުނެ އަނެއްކާ ދުއްވައިގެންފައި ގޮސް ވަނީ ކޮޓަރިއަށެވެ.

އިރު އަރައިގެން އައިއިރު ޝަހީމުގެ ގޭގައި އެންމެން ހޭލަމޭލައަށް އުޅެމުން ދިޔައީ ހިކި ދަރުގަނޑަކުން ނިކުންނަމުން ދިޔަ އެތައް ބައިވަރު ކަށިހިނިތަކެއް ފަދައިން އަވަސް އަރުވައިލާފައެވެ. އޮއްސިގެން އައި އިރާއެކު ދިއްލާ އަޅާފައިވާ "މިޑޯ ވިއު" ގެ އަލި އެތައް ހިސާބު ދުރަކަށް ފެތުރިގެން ދިޔައެވެ. އެމަގުގެ ހިސާބަކުން ދާ މީހަކުވެސް އާޝޯހު ކޮށްލައެވެ. ހިނދުކޮޅެއް ވާންދެން ހުއްޓި ބަލަން ހުންނަން މަޖުބޫރު ކުރުވައެވެ. އެހާވެސް ފުރިހަމައެވެ. ގެސްޓްރޫމް އެއްގައި ޒޯއީ އިށީންދެ ލައިގެން އިންއިރު ވަށައިގެން ބިއުޓީޝަނުން ތިބެގެން އޭނާ ތައްޔާރު ކުރަނީއެވެ. ހުދު ހެދުމެއްގައި އޭނާ ފެންނަލެއް ރީތިކަމުން ހޫރުންވެސް ކުރިމަތީގައި ކުރުނީސްނުކޮށް ނުދާނެއެވެ. ތިއާ ދުރުގައި އެމަންޒަރު ބަލަން ހުރެގެން ޒޯއި އެއީ އިންސާނެއްބާވައޭ އަހައިލެވުނީ އަމިއްލަ ނަފްސް ކައިރީގައެވެ. އިރުކޮޅަކުން އެއަންހެންކުދީންތައް ނިކުމެގެން ދިޔަފަހުން ޒޯއީ އެނބުރިފައި ތިއާއަށް ގޮވައިލިއެވެ. 

ހަތަރުކަޅި ހަމަވެގެން ދިއުމާއެކު ތިއާއަށް ޒޯއީގެ ލޮލުން ނުތަނަވަސްކަން ފެނުނު ފުރަތަމަ ފަހަރަށް އެވަގުތުކޮޅު ވެގެން ދިޔައެވެ. "ތިއާ ޕްލީޒް. ދޭބަލަ މަމްއަށް ގޮވައިގެން ގެންނަން. އަހަރެން ކޮންމެހެން ބުނަންޖެހޭ ވާހަކައެއް އެބައޮތް. އިޓްސް އާޖެންޓް." ޒޯއީ އަވަސްއަވަހަށް ވާހަކަދައްކައި ނިންމައިލުމުން ތިއާ ބަހަކުން ބަހެއް ނުބުނެ ހިނގައިގެންފައި ގޮސް އިރުކޮޅަކުން އައީ ޝަކީބާ ގޮވައިގެންނެވެ. ފަހަތުން ޒާހިދުވެސް ވަނެވެ. "ކިހިނެއްވީ ދަރިފުޅާ؟" ޝަކީބާ ޒޯއީ ފެނިގެން ބަހެއް ނުބުނެވިފައި އިރުކޮޅަކު ހުރެފައި އައިސް އަހައިލިއެވެ. ޒާހިދުވެސް ހިތާއިހިތުން ދަރިފުޅުގެ ރީތިކަމަށް ތައުރީފް ކޮށްލިއެވެ. "މަންމާ އަހަރެން ރަފާލް އާއި ކައިވެންޏެއް ނުކުރާނަން." ޒޯއީގެ ޖުމްލަ ނިމުނު އިރު ދެންތިބި މީހުންގެ މޫނު ހުދުވެއްޖެއެވެ. 

ތިއާ އަވަހަށް ގޮސް ކޮޓަރީގެ ދޮރު ލައްޕައިލީ ޝަކީބާ ބުނެގެންނެވެ. ޒާހިދުއަށް ފުރޮޅުލީ ގޮނޑީގެ މުއްގަނޑުގައި ބާރަށް ހިފަހައްޓައި ލެވުނެވެ. "ކިހިނެއްތަވީ ދަރިފުޅާ؟ މަންމަ ކައިރީ ބުނެބަލަ." ޝަކީބާ ހާސްވެގެން ކައިރިވެލައިފައި ޒޯއީގެ އަތުގައި ހިފައިލިއެވެ. މަންމަގެ ދެލޮލުން ޒޯއީއަށް އާދޭހުގެ ކުލަވަރު ފެނުނެވެ. "ރަފާލް އަހަރެންދެކެ ލޯއްބެއް ނުވާނެ މަންމާ. އޭނަ އަދިވެސް އުޅެނީ އެންމެ ފަހުން ރަތްޓެހިވި ކުއްޖާގެ ފަހަތުން. އެންމެފަހުން އަހަރެން ރަފާލް ބުނެގެން މިތާ ކައިރި ރަށަކަށް ބާބެކިއު ހަދަން ގޮއްސައިވެސް ރަފާލް އުޅުނީ ސިއްރުން އެކުއްޖާ ގެންގޮސްގެން. ހަމަތެދެއް މަންމާ. ގަބޫލު ނުކުރެވެންޏާ ލުޖައިން ކައިރީ އަހާބަލަ. ލުޖައިންއަށް ފެންނާނެ އެއަންހެން ކުއްޖާ ވެސް." ޒޯއީ ވާހަކަ ދައްކަމުން ލުޖައިންއޭ ބުނިއިރަށް ތިއާ ހުރީ ދެލޯ ބޮޑުކޮށްލައި ގެންނެވެ. ޝަކީބާ ނުވެސް ބުނަނީސް ތިއާ ނިކުމެފައި ދުވެގޮސް ލުޖައިން ކޮޓަރިއަށް ވަނެވެ. 

"ލޫލޫ. ނިކަން އަވަހަށް ހިނގާބަލަ." ތިއާއަށް އެނދުމަތީ އިން އާރިން ފެނުނީ ލުޖައިންގެ ފުރަގަހަށް ހުއްޓުނު ތަނާ ލޯގަނޑުންނެވެ. "ކިހިނެއްވީ؟" އާރިން އާއި ލުޖައިންއަށް އަހައިލެވުނީ އެއް އަޑަކުންނެވެ. "ދިޔައީމަ އެއްނު އިނގޭނީ." ތިއާ ލުޖައިން ގޮވައިގެން ދާން ފެށުމުން އާރިންވެސް ފަހަތުން އަޅުވައިލިއެވެ. ތިންމީހުން ގޮސް ވަދެފައި އެންމެން އެންމެނަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނެވެ. 

"އަޅެ އަހަރެން މިދައްކަނީ ދޮގުވާހަކައެއްތަ ލުޖައިން. ލުޖައިން ދުށީމެއްނު އެރޭ ދިޔަ ފަޅު ރަށުން ނޫރާ. ރަފާލްގެ އެކްސް ގާރލްފްރެންޑް ދުށީމެއްނު. ލުޖައިންއަށް ރަނގަޅަށް އެނގޭނެ ރަފާލް ސްލީޕްވޯކް ކުރީއޭ ކިޔާ ދޮގުހަދާފައި ދިޔައީ އެ ނޫރާގެ ކައިރިއަށްކަން. ބުނެބަލަ ލުޖައިން!" ޒޯއީގެ ވާހަކަ ނިމުމުން އެންމެންގެ ނަޒަރު ލުޖައިންއަށް ހުއްޓިއްޖެއެވެ. ލުޖައިންއަށް އަދި ކިރިޔާ ވިސްނުނީއެވެ. ޒޯއީ ޑަބަލް ޑޭޓްއަކަށް ދައުވަތު ދިނީ ރަފާލްގެ ކުށް ދައްކައިފައި ކައިވެނި ހުއްޓުވާނެ ގޮތެއް ނޭނގިގެންނެވެ. ލުޖައިން އަބަދުވެސް ޒޯއީ އާއި މެދު އެންމެ ގޯސްކޮށް ވިސްނާތީވެ މިފަހަރު ޒޯއީގެ ދަލުގައި ޖެހޭ ގޮތެއް ނުވިއެވެ. ބަދަލުގައި ލުޖައިންއަށް ޒޯއީގެ މަޤްސަދު ރަނގަޅަށް ވެސް ސާފުވެއްޖެއެވެ. ޖަވާބު ދޭން އުޅެފައި ލުޖައިން ބަލައިލީ ތިއާ އަށެވެ. ތިއާ އޭނާ ދޭނެ ޖަވާބެއް އަޑު އަހަން ކެތްމަދުވެފައި ހުއްޓެވެ. ތިއާއަށްވެސް ޒޯއީ ހެދީ ދޮގެވެ. ރަފާލްގެ ބަލިފައި އެނގުނީމައި ކައިވެނިކޮށްފަ ވަރިވާނެ ގޮތްވެސް އޮންނާނެއޭ ކިޔާފައި ޒޯއީ މިހުރީ ކައިވެނި ނުވެސް ކުރާގޮތަށް ނިންމައިގެންނެވެ. "ދިސް ވަންސް ފޯ ޔޫ ތިއާ." ލުޖައިން ހިތާއި ހިތުން ބުނެލާފައި ޒޯއީ އާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

"އެއީ ދޮގެއް ޝަކިއްތާ. އަހަރެން ނުދެކެން އެބުނާ ނޫރާއެއްވެސް އަދި އެހެން އަންހެން ކުއްޖަކުވެސް. އަހަރެން ޒޯއީ އާއިއެކު އެބުނާ ފަޅު ރަށަކަށްވެސް ނުދަން. މިތާ އެންމެންނަށްވެސް އެނގޭނެ ކަންނޭނގެ ޒޯއީ އަހަރެންދެކެ ރުޅި އަންނަވަރު. އަހަރެން ދާ ދަތުރެއްގައި ވެސް ޒޯއީ ނުދާނެ." ލުޖައިންގެ ޖަވާބު އަހާފައި ޒޯއީ އެބޮޑު ހެދުމާއެކުވެސް ފުންމައިގެން އައިސް ލުޖައިން އިސްތަށިގަނޑު އަތަށް އޮޅާލައިފިއެވެ. "ނުލަފާ ކުއްޖާ. ދޮގުނުހަދާ!" ޒޯއީ ދަތްވިކާފައި އަމުރުކުރިއެވެ. އާރިން އަވަސް އަވަހަށް ގޮސް ދެއަންހެންކުދިން ދުރުކުރުމުން ޒޯއިއަށް ކުރިމަތިލާން ޖެހުނީ ޝަކީބާގެ ރުޅިވެރި މޫނާއެވެ. "ބުނަން ޒޯއީ ކޮންމެހެން ފާޑު ފާޑުގެ ވާހަކަ ހަދާނެ ކަމެއްނެތް. ބުނީމަ ބުނާ ގޮތް ހަދައިގެން ކައިވެންޏަށް ތައްޔާރުވޭ. އަހަރެމެން ކުރަން މިއުޅެނީ ޒޯއީއަށް އެއިން ގެއްލުން ލިބޭވަރު ކަމެއް ނޫން. ރަފާލްއަކީ ރަނގަޅު މީހެއް." ޝަކީބާ ދެބުމަ ގޮށްޖަހައިލައިގެން ހުރެ ވާހަކަ ދެއްކިފަހުން ޒާހިދުވެސް ދެކޮޅަށް އެއްޗެއް ނުބުންޏެވެ. ފާއިތުވި މަދު ދުވަސްކޮޅު ތެރޭވެސް އެއީ ރަނގަޅު ޒުވާނެއްކަން ފާހަގަ ކުރެވިފައި ވާތީވެ ޒާހިދުއަށްވެސް ރަފާލް ވަރަށް ކަމުދެއެވެ. 

އެންމެން ނިކުމެގެން ދިޔަފަހުން ޒޯއީގެ ބޮޑު ދެލޮލަށް ޖަމާވި ކަރުނަތައް އޮއްބައިލާފައި ހުރިހާ ރުޅިއެއް ބޭލީ ޑްރެސިންޓޭބަލް މަތީ ހުރި މޭކަޕް ސާމާނު ތަކަށެވެ. ޒޯއީ އަތުން ޖެހީނުން އެހުރިހާ އެއްޗެއް ބުރުއްސައިލާފައި މޭޒުގައި ބޯ އަޅައިލެވުނެވެ. އެކަމަކު ރޮއިފިއްޔާ މޭކަޕް ހަޑިވެދާނެތީ ރޯކަށްވެސް ނުކެރުނެވެ.

ކޮމެންޓް 0