އާރިން ކާރު ސްޓާޓް ކުރީއްސުރެ ލުޖައިންގެ ނަޒަރު އެމޫނުން ވައްކެތް ނުވެއެވެ. ހީވަނީ މޫނަށް އެކަނި ބަލައިގެން ހިތުގައިވާ ހުރިހާ ސިއްރެއް ހޯދައިގަންނަން އުޅޭހެންނެވެ. އާރިން ފިރިހެނަކަށް ވިއަސް ލުޖައިން ބަލާ ވަރުން އުދަނގުވިއެވެ. އަލަށް ފެނުނު ދުވަހުވެސް އެވަރަށް ބެލިކަމެއް ނޭނގެއެވެ. "ލޫލޫ އިޓްސް މީ އާރީ. ގޯސްޓެއް ނޫން." އާރިން ސަރަކައިން އެއް އަތް ދޫކޮށްލައިފައި ލުޖައިންގެ ނޭފަތުގައި ހިފައިލުމުން ނޭފަތާ އެކު މުޅި މޫނުވެސް ރަތްވެގެން ދިޔައެވެ. އާރިންގެ ކުޑަ އެންމެ ހަރަކާތަކުންވެސް ލުޖައިން ބައެއް ފަހަރު މަލެއް ހެން މޯޅިވެދެއެވެ. އަދި އެހާ ނާޒުކެވެ.
"އާރީ ޕްލީޒް. ތިބުނަން އުޅޭ އެއްޗެއް ބުނެބަލަ. ދެން ކެތެއް ނުވާނެ." ލުޖައިންގެ އަޑުގައި މަޑު ތުރުތުރެއްވިއެވެ. ދެހިޔާލު އެކުވެގެން އޭނާގެ ސިކުނޑިއަށް ބާރު ބޮޑުވަމުން ދިޔައެވެ. ލިބެން އުޅެނީ އުފާވެރި ޚަބަރަކަށް ނުވިއްޔާ ލުޖައިންގެ ހިތް ފަޅައިގެން ހިނގައިދާނެއެވެ. އާރިން ޖަވާބެއް ނުދީ އިނދެފައި އިރުކޮޅަކުން ކާރު މަޑުކޮށްލީ ޓްރޭޑާރސް ބިލްޑިން ކައިރި އަށެވެ. ރަނިކަނބަލަކަށް އިޚުތިރާމް އަދާ ކުރާހެން އާރިން ކާރުގެ ދޮރުފަތް ހުޅުވާލަ ދީފައި ލުޖައިންގެ އަތުގައި ހިފާ ބޭލުވިއެވެ. އިރުކޮޅަކުން އެދެލޯބިވެރިން ތިބީ ރެސްޓޯރެންޓް ގައެވެ. ވަށައިގެންވާ މީސްތަކުން ފެނިފައި ލުޖައިން ފިނިވެގެން ފައި އޮޅޭ ގޮތްވިއެވެ. އާރިންގެ މުލައްދަނޑީގައި ނިކަން ބާރަށް ދެއަތުން ހިފަހައްޓާ ލެވުނީ އިހުތިޔާރަކު ނޫނެވެ. އާރިން ބަލައިލާފައި ލުޖައިންގެ މޫނުކޮޅު ފެނުމުން އުނަގަނޑުގައި ހިފާ ކައިރިކޮށްލައިގެން ގޮސް ބުކްކޮށްފައި އިން މޭޒު ދޮށުގައި ދެމީހުން ކުރިމަތިލައިގެން އިށީނެވެ. އެވަގުތު ވޭޓަރަކު އައިސް ރަތް ފިނިފެންމާ ބޮނޑިއެއް ދިއްކޮށްލުމުން ލުޖައިން ލޯ ބޮޑުކޮށްލައިފައި ބަލައިލެވުނީ އާރިން އަށެވެ.
އާރިން މޭޒުގައި ދެއަތް އަޅާލައިގެން އިންއިރު ރީތި ރީތި ހިނިތުންވުމެއް އެމޫނު އުޖާލާ ކުރަމުން ދިޔައެވެ. ލުޖައިން މާބޮނޑީގައި ހިފާފައި މޭޒުމަތީ ބާއްވައިލި ތަނުން އާރިން އެދެއަތްތިލާގައި ހިފާލި އެވެ. ލުޖައިން މޫނު ލޭކޮޅަކަށް ވިއެވެ. ދެއަތްތިލަ އެއީ ގަނޑުފެންފަދައެވެ. ރަށުގެ އާދަ ކާދަ ހުންނަ ގޮތުން ދެޖިންސްގެ ކުދިން އެހެން މީހުން ތެރޭ އަތުގައި ހިފައިގެން އުޅުމަކީ ވެސް ލަދުވެތި އަމަލެކެވެ. ލުޖައިން އެންމެ ކަންބޮޑުވީ ވަށައިގެންވާ މީހުންނަށް އެތަން ފެންނާނެތީއެވެ. އެކަމަކު އާރިން ނުރުހިދާނެތީ އަތް ފޮޅުވައިލާކަށް ނުކެރުނެވެ.
"ލޫލޫ. އަހަރެންގެ މިއަދު ބުނަން އޮތީ ހަމަ އެންމެ ވާހަކައެއް. އަސްލު ސުވާލެއް އޮތީ. ލޫލޫގެ ހަޔާތުން ބާކީ އޮތް ފޯޓީ ފޯ އިޔަރސް އަހަރެންގެ ބައިވެރިއެއްގެ ގޮތުގައި ދެމިހުރެދޭނަންތަ؟" އާރިންގެ ޖުމްލަ ނިމުނު އިރަށް ލުޖައިން ޅަކުއްޖެއްހެން ލޯ ބޮޑުކޮށްލައިފިއެވެ. އެޖުމްލައިގައި ފޮރުވިފައިވި ހުރިހާ މާނައެއް ލުޖައިން ނަގައި ގަތީ ސިކުންތު ކޮޅެއްގެ ތެރޭގައެވެ. "އައި ނޯ ބޭބް. އިނގޭ ތިވިސްނަނީ ސިކްސްޓީ ވަންދެން ދުނިޔޭގައި ނުހުރެދާނެ ކަމާއި މެދުކަން.. ހެހެ ޑޯން ވޮރީ ގާރލް. އެހެން ވިއަސް އާންމުކޮށް އޭޝިޔާމީހުން ދުނިޔޭގައި އުޅެނީ ސިކްޓީ ވަންދެނެއްނު. އަހަރެން ހަމައެކަނި ބޭނުން ވަނީ އާންސައެއް. ކޮންމެ ގޮތެއްވިއަސް މަރުނޫން އެހެން އެކައްޗަކަށްވެސް އަހަރެމެން ވައްކެއް ނުކުރެވޭނެ. ދެން އޮތީ ކައިވެނި. ލޫލޫއަށް އެއިޓީން ވާއިރަށް އަހަރެން އެކަން ކުރާނަން. ސޯ ކީކޭ ބުނަނީ؟" އާރިން ލާނެތް ހިނިތުންވުމަކާއި އެކު މަޖާވެފައި އެހުރިހާ ވާހަކައެއް ދައްކައި ނިމުނު ތަނާ ލުޖައިން ކުއްލި އަކަށް ދެއަތް ދަމައިގެންފައި މޫނު ފޮރުވައިލިއެވެ. އާރިން ހިތަށް އެއްފަހަރާ އެތައް ގޮތެއްވިއެވެ. ލުޖައިންގެ އިނގިލިތައް ދޭތެރެއިން ފޭދިގަތް ކަރުނަތައް އެކަނިވެސް އެހިތުގައިވާ މަތިވެރި ލޯބި ދައްކުވައިފިއެވެ. އެކަމަކު ހިތްވަރުދޭން އުޅެފިއްޔާ ލުޖައިންގެ އިހްސާސްތައް ކޮންޓްރޯލް ނުވެގެން ބާރަށް ރޮވިދާނެތީ އާރިން މަޑުޖެހިލައިގެން ބަލަން އިނީއެވެ. ލުޖައިން ރޯލަން ބޭނުންވެފައި އިނދެވެސް ގަދަކަމުން އަމިއްލަ ނަފްސް ހަމައަކަށް އަޅުވާލައިފައި މޫނުން ދެއަތް ވަކިކޮށްލިއިރު އާރިން އިނީ ކަޅި ޖަހައިނުލައި ބަލާށެވެ.
"މާނައަކީ އާރީގެ ބަލި ރަނގަޅުވީ އޭތަ؟" ޖަވާބު އެނގިހުރެވެސް ލުޖައިން ބޭނުންވީ ޔަގީން ކުރާށެވެ. އާރިން ސީދާ ބަހުން އެހެން ނުބުނާހައި ހިނދަކު ހިތަށް ހަމަޖެހުމެއް ނެތެވެ. "އޮފްކޯސް ބޭބީ. އައިމް ޕަރފެކްޓްލީ އޯކޭ." އާރިން ލުޖައިންއަށް ޔަގީންކޮށްދިނެވެ. "އިޓްސް އަ ޔެސް.. އާރީ އަހަރެންގެ ހަޔާތުގެ ބާކީ އޮތް ހުރިހާ ދުވަހެއް ހަމައެކަނި އާރީގެ މީހަކަށް ވެގެން ހުންނަން ރުހި ގަބޫލު." ލުޖައިން ހިމޭނުން ބަލަން އިނދެފައި ޖަވާބު ދިންއިރު އަނެއްކާވެސް ލޮލުގައި ކަރުނަތައް ވިދަން ފެށިއެވެ. އާރިންގެ ހިތްވެސް ފުރިގެންއައެވެ. ވަށައިގެންވި އެންމެން މަތިން ހަނދާން ނައްތާލައިފައި ލުޖައިން ގެނެސް އަތުތެރެއަށް ލާން އެހާބޮޑަށް ބޭނުންވި ވަގުތު ކޮޅެއް އަދި ނާދެއެވެ. އެވަރުންވެސް އޭނާ އަމިއްލަ ނަފްސް ބާރުގެ ދަށަށް ގެނައެވެ. އާރިން ބަލަހައްޓައިގެން އިނދެފައި ލުޖައިންގެ ހިމަހޯލި އިނގިލިތަކުގައި ހިފައި މަތީގައި ބޮޑުވައި އިނގިލި ދެކޮޅަށް ހިންގައިލީ މާނައިން ފުރިގެންވާ ގޮތަކަށެވެ. އެލޮލުން ލުޖައިންއަށް ލޯބީގެ އެތައް މެސެޖެއް ފޮނުވައިލިއެވެ. އެރީތި ވަގުތުކޮޅު ނިމުމަކަށް ގެނައީ ކައިރިއަށް އައިސް ހުއްޓުނު ވޭޓަރެވެ.
ކުޅުދިޔާވާވަރުގެ މީރު ކާނާތައް ކުރިމަތީ އަތުރައިލުމަށްފަހުވެސް ލުޖައިންގެ ނަޒަރު ހުއްޓިފައި ހުރީ އާރިން އަށެވެ. މިރޭ އޭނާ ކާހިތްވެސް ކެނޑިއްޖެއެވެ. ބަނޑުގައި އެއްޗެއް ކާނެ ތަނެއް އޮތިއްޔާ، ލިބުނު އަދަދު ނުކުރެވޭ މަތިވެރި އުފަލެއްގެ ސަބަބުން އެތަންކޮޅުވެސް މިހާރު ފުރިބާރުވެއްޖެއެވެ.
ކެއުން ނިންމާލައިފައި ބަލައިލިއިރު ލުޖައިން ކުލާސް ނިންމާފައި ގެއަށްދާ ވަގުތު ކައިރިވެއްޖެއެވެ. އެހިސާބުން އާރިންއަށް މަޖުބޫރުވީ ލުޖައިން ގެއަށް ގެންދާށެވެ. ލުޖައިންގެ އެދުމުގެ މަތިން އާރިން ކާރު މަޑުކުރީ ގެއާއި ކުޑަ ތަންކޮޅެއް ދުރަށެވެ. ލުޖައިން ދަބަސް ކޮނޑުގައި އަޅުވާލައިގެން މަޑު ހިނގުމެއްގައި ގޮސް ގެއަށް ވަންނަން ވެގެން ކޯޑް ޖަހާފައި ދޮރުހުޅުވުނު އިރު ޝަކީބާ ކުރިމަތިން ފެނިގެން ސިހިއްޖެއެވެ.
ޝަކީބާ އިނީ ސޯފާގައި އިށީންދެލައިގެން ހިޔާލަކަށް ގެއްލިފައެވެ. ދޮރު ހުޅުވުނު އަޑު އަހާފައި ޝަކީބާ ތެދުވެގެން ލުޖައިން ކައިރިއަށް އަންނަން ފެށުމުން ރަނގަޅަށް ވެސް ހިތް އަވަސްވިއެވެ. "ޝަ..ޝަކިއްތާ." ލުޖައިން އަށް ގޮވާލެވުނެވެ. "ޝަކިއްތަ މިހުންނަނީ ލުޖައިން އަންނާނެ އިރެއްގެ އިންތިޒާރުގައި. އާދެބަލަ މިތާ ސޯފާގައި އިށީންދެލަން." ޝަކީބާގެ މޫނުން ސީރިއަސް ކަން ފެނިގެން ދިޔައެވެ. ލުޖައިންގެ ހިތް އެއީ ފެންނެތް ތަނެއްގައި އޮތް ރޯމަހަކާއި އެއްވަރެވެ. މޭ ފަޅާފައި ނިކުމެދާނެ ކަމާއިމެދުވެސް ޝައްކެވެ. "ކިހިނެތްވީ؟" ލުޖައިން ގަދަކަމުން ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކުރުވާފައި ޝަކީބާގެ ފަހަތުން ގޮސް ސޯފާގައި އިށީންދެލިއެވެ. ލުޖައިން އާއި ކުރިމަތިވާ ގޮތަށް ސޯފާގައި ރަނގަޅަށް ހަމަޖެހިލާފައި ޝަކީބާ ވާހަކަ ފެށުމުގެ ކުރިން އެމޫނަށް ފަރުވާވެ ބަލައިލިއެވެ. "ދޮގު ނުހަދައި ތެދު ތެދަށް ޖަވާބުދޭން ވާނެ އިނގޭ. ޝަކިއްތައަށް ބުނެދީބަލަ ކިހާ ދުވަހެއް ވެއްޖެ އެއާރިން އާއި ގުޅުން އޮންނަތާ؟" ޝަކީބާގެ ސުވާލު އަހާފައި ލުޖައިން ފުންމައިގެން ތެދުވެއްޖެއެވެ. ފައިދަށުން ބިންގަނޑު ދެމިގަތްނަމަވެސް އޭނާ އެހާ ބިރެއް ނުގަތީހެވެ. މޫނުމަތީ ކޮކާ ބުރައިލިހެން ހީވެ ސޯފާގެ އަތްގަނޑުގައި ހިފަހައްޓައި ލެވުނީ ވެއްޓިދާނެ ކަމުގެ ބިރަށެވެ.
"ޝަ..ކިއް..ތަ..ތަ ކޮންކަހަލަ... ވާހަކަ..ކަ..އެއް...." ލުޖައިން ގަދަކަމުން އުޅެވެސް ޖުމްލަ ފުރިހަމަވުމުގެ ކުރީން އަޑު ބެދުނީއެވެ. "ލުޖައިން. އޮޅުވާލަން ނޫޅޭ. ޝަކިއްތައަށް މިއަދު ފެނިއްޖެ ހުރިހާ މަންޒަރެއް. އެހެންވެ މިއަހަނީ ކިހާ ދުވަހެއް ވެއްޖެހޭ އެއާރިން އާއި ގުޅުން އޮންނަތާ. ގަބޫލުކުރަން އުދަނގުވެދާނެ. ތިއުމުރުގައި ނުވެސްވިސްނޭނެ. އެކަމަކު ޝަކިއްތައަށް އެއާރިންގެ ގޮތް އިނގޭތީ މިހެން މިބުނަނީ. އެއީ ރަނގަޅު ކުއްޖެއް ނޫން. ޝަހީމު އަކީ ރާއްޖޭގައި ނަން ހިނގާ ވިޔަފާރި ވެރިއެއް. އެކަމަކު ދަރިއެއްގެ އެހީއެއްނެތި އެކަނިމާ އެކަނި ހުރިހާ ޒިންމާއެއް ބޮލު އަޅައިގެން އެއުޅެނީ. އެއީ ރަނގަޅު ކުއްޖެއްނަމަ އެގޮތަށް މައިންބަފައިންނާއި އަޅައިނުލައި ބޭނުންހާ ގޮތަކަށް ނޫޅެނެއެއްނު. ޝަކިއްތަގެ ބެލުމުގެ ދަށުގައި ލުޖައިން ހުންނަހާ ދުވަހަކު ލުޖައިންގެ ހުރިހާ ޒިންމާއެއް އޮތީ ހަމަ އަމިއްލަ ބޮލުގައި އެޅިފައި. ޒޯއީ އާއި ތިއާ ހިމާޔަތް ކުރާނެ ފަދައިން ލުޖައިންވެސް ހިމާޔަތްކުރުމަކީ މިއަދު ދައްތަގެ ވާޖިބެއް. ދައްތަ ދެކެނީވެސް ތީ އަމިއްލަ ކުއްޖެއް ކަމަށް. ޒޯއީ އާއި ތިއާ ފަދައިން ބަނޑުއަޅައި ނުވިހޭއެއްކަމަކު އަމިއްލަ ދަރިއެއް ކަމަށް. އެހެންވެގެން ދައްތަ ބޭނުމެއް ނުވޭ ލުޖައިންއަށް ދެރަގޮތެއް ވާކަށް. މަޖުބޫރެއް ނުކުރާނަން. އެކަމަކު ދައްތަގެ މިވާހަކައާއި މެދު ލުޖައިން ފުންކޮށް ވިސްނައިލާތި!" ޝަކީބާގެ ވާހަކަތައް ނިމުނުއިރު ލުޖައިންގެ ދެލޯ ފުރިގެން ކަރުނަ އަންނަން ތައްޔާރު ވެއްޖެއެވެ.
"އެންމެ ރަނގަޅު. ދޭ ދެން ދަބަސް ބާއްވާފައި ކާން އަންނަން." ޝަކީބާގެ ވާހަކަ އަހާފައި ލުޖައިން ދާންވެގެން އެނބުރިލި އިރު ދުރުގައި ބަލަން ތިބި ޒޯއީ އާއި ތިއާ ފެނުމުން ކަރުނަތައް ކޮންޓްރޯލެއް ނުވިއެވެ. ލުޖައިން އެދެމީހުންގެ ކުރިމަތިން އަޅާފައި ބާރުބާރަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.
ދޮރުގައި ބުރަކަށި ޖެހުމާއެކު ލުޖައިންއަށް ހުރިތަނަށް ތިރިވެވިއްޖެއެވެ. ހޯސްލާފައި ފައިބަމުންދިޔަ ކަރުނަތައް ކޯތާފަތް ތެންމަމުން ތިރިއަށް ދިޔައެވެ. ދެކަކޫ ކައިރިކޮށްލާފައި މޫނު ފޮރުވައިލުމާއެކު ބާރަށް ރޮވެން ފެށިއެވެ. މުޅި ހަޔާތުގައި ލިބުނު ހަމައެކަނި އުފާވެސް އޭނާގެ އަތުން ނިގުޅައި ގަނެވެނީ ހެއްޔެވެ؟ "ނޫން.ނޫން...އާރީ އަކީ ގޯސް މީހެއް ނޫން..." ލުޖައިން ރޮމުން ރޮމުން އެތަކެއް ފަހަރު ތަކުރާރު ކުރިއެވެ. އެކަމަކު ޝަކިއްތަ އެގޮތަށް ވާހަކަ ދައްކަންވީ ކީއްވެ ހެއްޔެވެ؟ ޝަކިއްތަގެ ވާހަކައިގައި ކިހާވަރެއްގެ ހަޤީޤަތެއް އެކުލެވިފައިވޭ ބާވައެވެ؟ ޝަކިއްތައަށް ކުށްހީއެއް ކުރެވުނީއެވެ. ނުބައި ގޮތަކަށް ވިސްނުން ގެންދެވުނީއެވެ. މަސައްކަތްކޮށްގެން އެވިސްނުން ބަދަލު ކުރަންވީއެވެ. އެކަމަކު ކިހިނެތް ހެއްޔެވެ؟ ލުޖައިންގެ ހިތުގައި ތަފާތު ހިޔާލުތައް ބުރު ޖަހަމުން ދިޔައެވެ. އެތައް ގޮތަކަށް ވިސްނުން ކުރިއަށް ދިޔައެވެ.
ލުޖައިން ނައިސް ލަސްވެގެން ޝަކީބާ ތިއާ ފޮނުވިއެވެ. މަންމަ އާއި ލުޖައިންގެ މެދުގައި ދެކެވުނު ވާހަކަ އަށްފަހު ތިއާގެ ހިތަކަށް ވެސް ހަމަޖެހުމެއް ނުލިބެއެވެ. ތިއާ ދޮރުގައި ޓަކިޖަހައިގެން ހުރެ ޖަވާބު ނުލިބުމުން ތަޅުގައި ހިފާ އަނބުރައިލިއެވެ. ދޮރު ހުރީ ތަޅު ނުލައެވެ. ތިއާ އެތެރެއަށް ވަދެފައި ބަލައިލި އިރު ލުޖައިން އެނދުގައި ބަންޑުން އޮތެވެ. ތަރުތީބު ގެއްލިފައިވާ އިސްތަށިގަނޑު މޫނުމައްޗަށް ނިވާ އަޅައިފައި އޮތުމުން ތިއާއަށް ލުޖައިންގެ މޫނު ފެންނަވަރެއް ނުވިއެވެ. "ލޫލޫ. މަންމަ ބުނެގެން ކާން ހޯދަން މިއައީ. އެންމެން އެބަތިބި ލޫލޫ ނުގޮސްގެން ނުފެށިފައި." ތިއާ ހިމޭން އަޑަކުން ބުނެލާފައި އިރުކޮޅަކު މަޑުކޮށްލިއެވެ. "މިދަނީ." ލުޖައިން ކުއްލި އަކަށް ތެދުވެ އިށީންދެފައި އިސްތަށިގަނޑު ފަހަތަށް ފުނާ އަޅައިލިއެވެ. ތިއާ އަށް އެދެލޯ ފެނިފައި ހަމްދަރްދީވިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައިވެސް އެސާފު ދެލޮލަށް ރަތްކުލައެއް ވެރިވެއްޖެއެވެ. "މޫނު ދޮވެލަނިކޮށް ލޮލުގެ ރަތްކަން ކެނޑިދާނެ." ވަގުތުގެ ނާޒުކް ކަމާއި ހުރެ ތިއާ އިތުރު ވާހަކައެއް ނުދައްކައި ނިކުމެގެން ދިޔައީއެވެ.
ލުޖައިން އައިސް އިށިން ފަހުން ކެއުން ފެށިގެން ކުރިއަށް ދިޔައެވެ. ތިއާ ފަދައިން ޝަކީބާ ވެސް އިރު އިރުކޮޅާ ލުޖައިންއަށް ބަލައިލައެވެ. ޒޯއީގެ މޫނުގައި ވަކި ތަފާތު އަސަރެއް ނެތެވެ. "ޒަކްވާންއަށް އެނގޭތަ ހާއިސް ފުރަން އުޅޭކަން؟" ތަނަށް ވެރިވެފައިވާ ހިމޭންކަން ނަގައިލީ ޝަކީބާ އެވެ. "ކޮންތާކަށް؟" ޒަކްވާންގެ އަޑުގައި ޝައުޤުވެރިކަމެއް ނެތެވެ. "އެމްބީބީ އެސް ހަދަން ސިންޤަޕޫރަށް ފުރަން އުޅެނީ. ޒަކްވާން ބޭނުމިއްޔާ ހާއިސް އާއި ދެކުދިން ތިބޭ ގޮތަށް މަންމަ އެޕާޓްމެންޓެއް ހިފައި އެހެން ހުރިހާ ކަމެއްވެސް ހަމަޖައްސައިދޭނަން. އިތުރަށް ވަގުތު ބޭކާރުނުކޮށް ހާއިސް އެކު ދާންވީއެއްނު. ހާއިސް އެއީ ޒަކްވާންގެ އެކުވެރިއެއްވީމަ އެކޮޅުގަ އުޅެން ފޫހިވެސް ނުވާނެތީ މަންމަ މިގޮތަށް ވިސްނީ. މިހާރު ދެން ކިހާ ދުވަހެއް މަޖާނަގަން ކަމެއް ނުކޮށް ހުންނަތާ. އަބަދު ތިގޮތަކަށް ނޫޅެވޭނެއޭ މަންމަ އަބަދުވެސް ބުނަމެއްނު. ކިތަންމެ އަވަހަކަށްވެސް މަންމައަށް ޖެހިދާނެ މަސައްކަތުން އަތް ދޫކޮށްލަން. އެދުވަހަކުން ޒޯއީ އާއި ޒަކްވާންގެ އަތްމައްޗަށް ޗެނަލްގެ ހުރިހާ ކަމެއް ދާނީ. ތިއާއަށް އަދި އެހިސާބަށް ދެވޭނީ ލައްކަ ދުވަހުން. އޭގެ ކުރިން ޒަކްވާން އެބަޖެހޭ ފިޔަވަޅު އަޅަން. ކީކޭ ބުނަނީ؟" ޝަކީބާގެ ވާހަކަ ނިންމައިލައިފައި ޒަކްވާންގެ މޫނަށް ބަލައިލިއެވެ. އެހެން އެންމެންވެސް ތިބީ ޒަކްވާން ދޭނެ ޖަވާބަކަށް އިންތިޒާރު ކޮށްގެން ކަހަލައެވެ.
ޒަކްވާން ހިމޭނުން އިނދެފައި ކުއްލިއަކަށް އުލާއި ސަމުސާ ތަށިތެރެއަށް ދޫކޮށްލިއެވެ. ޝަކީބާއަށް އެތަން ފެނިގެން ގޮވާލި ނަމަވެސް އެއަޑުނާހައި ގޮނޑި ދުރުކޮށްލާފައި ތެދުވެގެން ހިނގައްޖެއެވެ. "މަންމަ އަދިވެސް އޭނަ ރުޅިއަތުވެދާނެތީ ވީހާ ލޯބިން ވެސް ވާހަކަ ދައްކާ." ޒޯއީ ވެސް ހިތްހަމަނުޖެހުނެވެ.
އެންމެން ތެދުވެގެން ދިޔަފަހުން ތިއާ މަޑުކުރީ ލުޖައިން ނިމެންދެނެވެ. ތިއާ ގަސްތު ކުރީ އެކަނި ވުމުން އާރިންގެ ވާހަކަ ދައްކާށެވެ. "ސޯ... މަށަށް ނުވެސް ކިޔައިދޭނަންތަ މަމްއަށް ބަސްޓްވީ ކިހިނެތް ކަމެއް؟" ތިއާ ދެކޮޅު ހޯދާލައިފައި ފެށިއެވެ. "ކުލާހަށް ދާން ނިކުންނަނިކޮށް އާރީ ގުޅާފަ ބުނީމަ މީޓް ކުރަން. ހީވަނީ ގެއިން ނިކުމެގެން ގޮސް އާރީ އާއިއެކު ކާރަށް އެރިތަން ފެނުނީހެން." ލުޖައިން ތުންފަތުގައި ދަތް އަޅައިލާފައި ތެދުވެގެން ގޮސް އަތް ދޮންނަން ހުރެގެން ކިޔައިދިނެވެ. "ރިއަލީ؟ ނުވެސް ބުނަމެއްނު އޭނަ އައި ވާހަކައެއް. ހައު އިޒް ހީ؟ މިބުނީ އޭނަގެ ބަލި ކިހިނެތްވީ؟ އޮޕަރޭޝަން ސަކްސަސްފުލް ވިތަ؟" ތިއާ ފުންމައިގެންފައި އައިސް ސުވާލުތައް އަތުރައިލިއެވެ. "ހޫމ.." ލުޖައިންގެ މޫނު ވަނީ މިލާފައެވެ. "ވާއު... ގްރޭޓް... ލޫލޫ އަހަރެން ވަރަށް އުފާވެއްޖެ..." ތިއާ އުފަލުން ފޮޅިފައި ލުޖައިންގެ ފުރަގަހުން ގައިގައި ބައްދާލައިފިއެވެ.
"ތިއާ. އަހަރެން ބައިވަރު ހޯމްވޯކް އެބަހުރި." ލުޖައިން ބޭނުންވީ އެކަނިވެލާށެވެ. "އޯކޭ ފައިން. އަހަރެން ލޫލޫ އެކަނި ދޫކޮށްލާނަން. އެކަމަކު މަމްގެ ވާހަކަ އެހާ ސީރިއަސްކޮށް ނުނަގާތި. މަމް އެހެން ބުންޏަސް އާރީ ސީމްސް ނައިސް. ދެން އެހާ ޔަންގް ކުދިން ނޫޅޭނެ ދޯ ޒޯއީހެން މާ ސްޓޭޓަސްގަ ހުންނާކަށް. ދެމީހުން ވެގެން މަމްއަށް ވިސްނައި ދޭނީ އިނގޭ." ތިއާއަށް ލުޖައިންގެ ނުތަނަވަސް ކަމަކީ ކޮބައިކަން އިނގޭތީ ހިތްހަމަޖައްސައިދޭން މަސައްކަތް ކުރިއެވެ.
އިރުކޮޅެއް ފަހެވެ. ތިއާ ފިލްމެއް ބަލަންވެގެން ލުޖައިން ހޯދަން ގޮއްސައި ފާޚާނާގައި އުޅޭތީ އެނބުރި އައެވެ. ލުޖައިން އަތުވެދާނެ ކަމަށް ނިންމާފައި ދޮރު ތަޅުނުލައި އައިސް އެނދުގައި އޮށޯތުމުގެ ކުރިން ޖިންސްގެ ބަދަލުގައި ކުރު ސޯޓަކަށް ހަދާލިއެވެ. ފިލްމަށް ޝައުޤުވެރިކަން ނުދެވިގެން އުޅެނިކޮށް ކޮޓަރީގެ ދޮރު ހުޅުވައިލި އަޑު އިވުނެވެ. ތިއާ އެހާ އަރާމުކޮށް ޖައްސާލައިގެން އޮތުމުން އެނބުރި ބަލައެއް ނުލިއެވެ. އެގަޑީގައި ލުޖައިން ނޫން ދެވަނަ ފަރާތެއް ނުވެސް އަންނާނެކަން އެނގެއެވެ. "ޔޫ ނޯ ވަޓް ލޫލޫ. މަ ކުޑައިރު ގެންގުޅުނު މަޖާ ތިއަރީއެއް މި ހަނދާންވީ މީތި ފެނުނީމަ. ކުޑައިރު ދެން ނުވެސް އެނގޭނެ ދޯ އެކައްޗެއްވެސް. އޭރު އަހަރެން ހީކުރަނީ ކޮންމެ އަންހެނަކުވެސް ވަކި އުމުރަކަށް ދިޔައީމައޭ ޕްރެގް ވަނީ. ދެން އެހާއިރަށް ކޮންމެ މީހަކުވެސް މީހަކާއި އިނީމަ ދަރިފުޅު އެމީހަކަށް ބައްޕަ ކިޔަނީ ކަމަށް ހީކުރަނީ. ނޭނގެ ފިޒިކަލް ރިލޭޝަންއެއް އޮވެގެން ހިނގާކަމެއް ކަމެއް އޭރު. އަހަރެންގެ ވިސްނުމުގައި މެން ހޭވް ނަތިން ޓު ޑޫ ވިތް ޕްރެގްނެންސީ. ފްރެންޑްކުއްޖަކު ކައިރީ ބުނީމަ އޭނަ ބުނީ އަދި މާ މަޖާ ވާހަކައެއް. އޭނަ ހީކުރަނީ ކޮންމެ އަންހެނަކު އުފަންވާއިރުވެސް ބަނޑުގައި ކުޑަ ކުއްޖެއް އުފެދިފަ ހުންނަކަމަށޯ. ދެން އެކުއްޖަކު ބޮޑުވާ ވަރަކަށް ބޭބީ ވެސް ބޮޑުވެ ވަކި އުމުރަކަށް ދާއިރު ވިހާ ވަރަށް ބޮޑުވީމަ ވިހަނީ ކަމަށޯ. ހުވާ މިހާރު އަދި ވާނުވާ އެނގުނީމަ މަށަށް އެދުވަސް ހަނދާންވެފަ ހެވެނީ." ތިއާ ލެޕްޓޮޕް އަޑު ކަނޑާލައިގެން އޮވެ ހީހީފައި ވާހަކަދެއްކިއެވެ.
"ސީރިއަސްލީ؟" އެއިވުނީ ލުޖައިންގެ އަޑެއް ނޫނެވެ. ތިއާ ކައްޓެއް ހެން އެނދުމައްޗަށް ކޮޅަށް ތެދުވެފައި ބަލައިލި އިރު އީތަން ލާނެތް ހިނިތުންވުމަކާއި އެކު ދޮރުކަނީގައި އަތްވިދެލައިގެން ހުއްޓެވެ.