ޒަކްވާން ކުއްލި އަކަށް އަތް ފޮޅުވައިލި ގޮތުން ވިހަ ގަދަ ސުއިއްޕެއް ކަށި ޖެހި ކަހަލަ އެވެ. ލުޖައިންވެސް ސިހޭ ގޮތްވިއެވެ. ޒަކްވާން އަނގައިން ބުނަން ވެގެން ތުން ތަޅުވާލައިފައިވެސް އަޑު ނިކުންނަން ވަގުތު ނެގިއެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލައިފައި ތިރިކޮށްލި ގޮތަށް ދެ ފިޔަވަޅެއް ފަހަތަށް ޖެހިލި އިރު އަދިވެސް ހުރީ ޝޮކްގައެވެ.
"ލޫލޫ ދެޓްސް އަންބިލީވެބްލް." ޒަކްވާންގެ އަޑު އެހާ އަވަހަށްވެސް ކުރެހިއްޖެއެވެ. ލުޖައިން ބަލަހައްޓައިގެން ހުއްޓާ އެލޮލަށް ކަރުނަ ޖަމާވިއެވެ. ލުޖައިންއަށް ފާހަގަ ވެދާނެތީ ޒަކްވާން ދުރު ބަލައިލި ނަމަވެސް އެކަން ސިއްރެއް ނުވިއެވެ. ކަރުނަތައް ވިދަން ފެށުމުން ކުރިއަށް ވުރެވެސް އެދެލޯ ރީއްޗެވެ. "ޒެކް... ހަމަތެދެއް މިބުނީ... އަހަރެން ޕްރެގްނެންޓް." ލުޖައިން ދެވަނަ ފަހަރަށްވެސް ތަކުރާރު ކޮށްލިއެވެ. އެލަފްޒް ދުލުން ބޭރުކޮށްލި ވަގުތު ހިތަށްވެސް ލިބުނީ އާދަޔާ ހިލާފް ހަމަޖެހުމެކެވެ. ބޮލުގައި އޮތް ބަރެއް ނެތިގެން ދިޔަ ފަދައެވެ. ލުޖައިން ބަނޑާއި ދިމާލުގައި އަތް ޖައްސާލި އިރު ހިތުގައި އޮތީ އެދަރިފުޅު ޒަކްވާންގެ ފަރާތުން އޭނާ ސަލާމަތް ކޮށްދޭނެ ކަމުގައި ކުރެވުނު އުންމީދެވެ.
"ހައު ކުޑް ހީ ޑޫ ދިސް ޓު ޔޫ؟" ޒަކްވާން އިރުކޮޅަކުން މުޅިން އާ ޖޯޝެއް ލިބިގެން ވާހަކަ ފެށިއެވެ. "ކޮބާ ތީގެ މާނައަކީ؟" ލުޖައިން ބަނޑުން އަތް ވަކިކޮށްލައިފައި ޒަކްވާންގެ މޫނަށް ބަލަން ފެށިއެވެ. "ލޫލޫއަށް އަދި ސެވެންޓީން. ތިހާ ޅަ އުމުރުގައި ކިހިނެއް ކިޑެއް ލިބިގެން އުޅޭނީ؟ މަމް އަކަށް ވާން މެޗުއަރ ވާންޖެހޭ. އެން ޔޫ އާ ނޮޓް.. ތީ ހަމަ އާރިން ގަސްތުގަ ދިން ލަނޑެއް. އޭނާ ލުޖައިންދެކެ ހަޤީޤީ ލޯބި ވާނަމަ އިތުބާރުވެސް ކުރެވެންޖެހޭ. އިތުބާރު ކުރާނަމަ އަށާރަ އަހަރު ނުވަނީސް ކައިވެންޏެއް ނުކުރާނެ. އޭނާގެ ހިތުގައި ލުޖައިންގެ ވަފާތެރި ކަމާމެދު އިތުބާރު ނެތީމަ އަވަހަށް ކައިވެނި ކުރީ އަދި އެއަށްފަހު އެޖެހެނީ އަނެއް މަޅި. ލޫލޫ ހާދަ އިނޮސެންޓޭ. އެކައްޗެއްވެސް ނޭނގުނު ދޯ." ޒަކްވާން ކުރިއަށް ފިޔަވަޅެއް އަޅާލައިފައި ލުޖައިންގެ ދެކޮނޑުގައި ހިފައިލީ ގުޑި ނުލެވޭހާ ބާރަށެވެ.
"ޖަސްޓް ޝަޓް އަޕް ޒަކްވާން!" ލުޖައިން އައި ރުޅީގައި ދަތްކުނޑި ވިކައިގެންފައި ޖަހަން ވެގެން މަޅައިލި އަތްތިލައިގައި ޒަކްވާން ހިފައި ފިއްތައިލީ ނުހަނު ބާރަށެވެ. ހީވީ ހުރިހާ އިނގިއްޔެއް މުގުރައިލަން އުޅޭހެންނެވެ. ލުޖައިންގެ ލޮލުން ކަރުނަ އޮހިގަތީ އިހުތިޔާރަކު ނޫނެވެ. ވީ ތަދުން މަންމާއޭ ކިޔައި ރޮއިގަނެ ވިއްޖެއެވެ. ހިތާއި ދެކޮޅަށްވެސް ޒަކްވާންއަށް ޖެހުނީ ލުޖައިން ދޫކޮށްލާށެވެ. މަޢާފަށް އެދެން އުޅުމުން ލުޖައިން މޫނުގައި އެއް އަތް އަޅާލައިގެން ކޮޓަރި އާއި ދިމާއަށް ދުއްވައިގަތީ ފެންޖަގުވެސް ހަނދާން ނައްތައިލާފައެވެ.
ކޮޓަރިއަށް ވަދެ ދޮރު ލައްޕާފައި ލުޖައިން އައިސް އެރީ އެނދަށެވެ. އާރިންއަށް ހޭލެވިދާނެތީ ބާލީހުގައި މޫނު ޖަހައިގެން އޮތްވާވެސް އަޑު ބޭރުވަމުން ދިޔައެވެ. އިރުކޮޅަކުން ކޮނޑުގައި އާރިން ހިފަހައްޓައިލުމުން ލުޖައިން ސިއްސައިގެން ދިޔައެވެ. "ވަޓް ހެޕެން؟" އާރިން ނިދިވެސް ފިލައިފިއެވެ. ލުޖައިން މަގަތަށް އަނބުރާލައިފައި ގެނެސް ކައިރި ކޮށްލައިގެން ސުވާލު ކުރުމުން ހައްތަހާ ބޮޑަށް ރޮވޭ ގޮތްވިއެވެ. އެކަމަކު ޖަވާބު ދޭކަށް ލުޖައިން ބޭނުމެއް ނުވިއެވެ. ހަޤީޤަތް އެނގިގެން އާރިން ހަދާނެ ގޮތެއްވެސް އެނގެނީއެއް ނޫނެވެ. އެކަމަކު ޒަކްވާން ހުއްޓުވަން ވެސް އެބަ ޖެހެއެވެ. "އިޓްސް ޒަކްވާން." ލުޖައިން ވިސްނައިލާފައި އެންމެފަހުން ބުނީ ތެދަށެވެ. "ޒަކްވާން ކީއްކުރީ؟" އާރިންއަށް ފުންމައިގެން ތެދުވެވުނެވެ. އެދެލޮލުން ރުޅިވެރިކަން ފެނިގެން ލުޖައިން ބިރުގަތެވެ. އެކަމަކުވެސް ހިތްވަރު ކޮށްފައި އޭނާ ވީ ގޮތް ކިޔައިދީފިއެވެ.
އާރިން އަތުތެރޭގައި ބެޑްޝީޓް ބޮނޑިކޮށްލާފައި ދަތްކުނޑި ވިކައިލީ ނުހަނު ބާރަށެވެ. ދެވަނަ ސިކުންތުގައި އޭނާ އެނދުން ފުންމާލައިގެން ވައިރޯޅިއެއްހެން ދޮރާއި ދިމާއަށް ދިޔައެވެ. "އާރީ ޕްލީޒް!" ލުޖައިން ބާރު ބާރަށް ރޮއިގަތުމުން އެދެފައިގައި ކަސްތޮޅު އެޅުނު ކަހަލައެވެ. "ނޫން ލޫލޫ. މިފަހަރަކު ނޫން. މިފަހަރު އަހަރެން ނުހުއްޓުވާ." އާރިން އެނބުރި ބަލައިލި އިރު ރުޅިއާއި އެއްވަރަށް ލޮލުގައި އާދޭސްވިއެވެ. ލުޖައިން އެނދުން ފައިބައިގެން އައިސް އާރިންގެ މެދުހަށީގައި ބައްދައިލުމުން އާރިންއަށް މަޖުބޫރުވީ އެހިސާބުން އަނބުރާލައިފައި ދާށެވެ. ލުޖައިން ގެންގޮސް އެނދުގައި ބޭންދިފަހުންވެސް ކަރުނަތަކަށް ހުއްޓުމެއް ނައެވެ. އާރިން އެމޫނުގައި ދެއަތުން ހިފަހައްޓާލައިފައި ނިތުގައި ބޮސްދިން ފަހުން ލުޖައިން ނޭފަތް ދަމައިލާފައި ފުރަތަމަ ފަހަރަށް ކަރުނަ ފުހެލަން ތައްޔާރުވިއެވެ. އާރިން އެއަތުގައި ހިފައިލުމުން ލުޖައިން ކުޑަކޮށް ހައިރާންވިއެވެ.
"ލެޓް މީ!' އާރިން މޫނު ކައިރިކޮށްލާފައި ލުޖައިންގެ ކޯތާފަތް މަތީން ތިރިއަށް ދިޔަ ކަރުނަ ތިކި ރަހަ ބަލައިލުމުގެ ތެރޭގައި އެތުންފަތުގެ ތެރެއަށް ވިރިވެގެން ދިޔައެވެ. "ބޭބީ ތި ޕްރިޝިއަސް ކަރުނަ ތިކިތައް ބޭކާރު ނުކުރޭ." އާރިން އެހެން ބުނެލި އިރު އަޑުގައިވި އަސަރަކުން ލުޖައިންގެ ހަށިގަނޑު ހީބިހި ނަގުވާލައިފިއެވެ. "އެބަ އަންނަން ފެންޖަގު ހިފައިގެން." އާރިން ކުއްލި އަކަށް ތެދުވެފައި ބޭރަށް ނިކުމެގެން ދިއުމުން ލުޖައިން އިންތިޒާރު ކުރަން ފެށިއެވެ.
އެނބުރި އައިސް ބިއްލޫރި ތައްޓެއް ފުރައި ފެން އަޅައިލުމަށްފަހު ދިއްކޮށްލުމުން ލުޖައިން އޭގައި ހިފާފައި އެއް ނޭވައިން ހުސްކޮށްލިއެވެ. ރަޖާގަނޑު ދަށުގައި ދެމީހުން ރީތިކޮށް ހަމަޖެހިލި ފަހުން ބޭރަށް ވާރޭ ވެހޭ އަޑު އިވެން ފެށީ ކުއްލި އަކަށެވެ. "ކޮންކަމަކާ ތި ވިސްނަނީ؟" ލުޖައިން ބަލައިލި އިރު އާރިން ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮތުމުން އަހާލައިފިއެވެ. އާރިން ޖަވާބެއް ނުދެއެވެ. މޫނު އަނބުރާލައިފައި ލުއި ހިނިތުންވުމެއް ހަދިޔާކޮށްލުމުން ލުޖައިން އެތަނަވަސް މޭމަތީގައި މޫނު ފޮރުވައިލިއެވެ. ހީކަރުވާ ގޮތްވެގެން ހައްތަހާ ބޮޑަށް ބޮނޑިވެލެވުނެވެ. ލުޖައިންގެ އުޅުނު ގޮތުން އާރިންގެ ހިއްސުތަކަށް ގޯނާ ކުރުވިއެވެ.
"ކަމް ހިއަރ!" ލުޖައިންގެ ދެއަތަށް ދަމާލައި ތަންކޮޅެއް މައްޗަށް އުފުލައިލުމުން ހުރަހެއް ނެތި މޫނާއި މޫނު ޖެހުނެވެ. އާރިން ނާޒުކް ބުދަކާއި މެދުވެސް އަމަލުތައް ބަހައްޓާނެހެން ލަސްލަހުން އެހާމެ އޯގާތެރިކޮށް އުޅުމުން މާބޮޑަށްވެސް އިޝްޤީވިއެވެ. އިރުކޮޅެއް ވީއިރު ފިނީގެ މާބޮޑު އަސަރެއް އެހަށިގަނޑު ތަކަކަށް ނުކުރެއެވެ. އެއަށްވުރެ މާބޮޑަށް އުދާސްވެ ދާހިއްލަން ފެށުމުން އާރިން އޭސީވެސް ސޯޅައަށް ލިއެވެ.
ޒަކްވާން މިފަހަރުވެސް ގެއިން ނިކުމެގެން ގޮސް އެރީ ކާރަށެވެ. ކާރު ގޭޓުން ނެރެގެން ޖެހުނު މަގަކުން ވިއްޔާ ދުއްވާލާފައި ގޮސް ވަކި ހިސާބަކުން ފުރޮޅު ފަޅައިގެން ދިޔައެވެ. މަގުމަތީގައި އެވަގުތުވެސް މަދު މަދުން ދުއްވާ އެއްޗެހި ފެނެއެވެ. ޒަކްވާން ފައިބާފައި ބަލައިލި އިރު ވިއްސާރަ ހަދާފައި އޮތްތަން ފެނިގެން ހިޔާވަހިކަމެއް ހޯދުމާއި މެދު ވިސްނައިލެވުނެވެ. އެހުރިހާ ހިސާބަށް ބަލައިލި އިރު ދާދި ކައިރީގައި ރީމްމެން ގެ ހުންނާނެ ކަން ހަނދާން ވުމުން އަވަސް ފިޔަވަޅު ތަކެއްގައި އެދިމާއަށް ދާން ހިނގައިގަތެވެ. ވާރޭ އޮއްސައިގަތީ ޒަކްވާން ރީމްގެ ފޯނަށް ގުޅާފައި އެގޭ ގޭޓު ކުރިމަތީ މަޑުކޮށްލައިގެން ހުއްޓައެވެ.
ލޮލަށް ނިދި ނައިސްގެން އެފްބީއަށް ވަދެ އިންދައި ފޯން ރިންގް ވާން ފެށުމުން ރީމް ކުޑަކޮށް ހައިރާންވެސް ވިއެވެ. އަވަހަށް ގޮސް ފޯން ނަގާފައި ބަލައިލި އިރު ޒަކްވާން އެވެ. ރީމްގެ ދެލޯ ބޮޑުވިއެވެ. އެހާ ލަސްވިފަހުން ޒަކްވާން އެގުޅަނީ ކީއްކުރަން ބާވައެވެ؟ "ހެލޯ.. ޒެކް!" ރީމް ފޯން ނަގާފައި ކަންފަތުގައި ޖަހައިލި ތަނާ ހުޅުވާފައިވާ ކުޑަދޮރުން ގޭޓު ކައިރީ ހުރި ޒަކްވާން ފެނިއްޖެއެވެ. ގަދަވަޔާއެކު އައި ބޯ ވާރޭ ތިކިތައް ޒަކްވާންގެ މޫނާއި ހަށިގަނޑަށް ހަމަލާ ދޭން ފެށިތަން ފެނިގެން ރީމް ފޯން ދޫކޮށްލައިފައި ދޮރާއި ދިމާއަށް ދުއްވައިގެންފިއެވެ. ތަޅުދަނޑިން ދޮރު ހުޅުވައިގެން ރީމް ނިކުތީ ކުޑައެއްވެސް ހުޅުވާލައިގެންނެވެ. އެކަމަކު ގަދަ ވަޔާއި ވާރޭގެ ސަބަބުން ރީމްއަށް އެކުޑަ ހިފެހެއްޓުން ވީ ދަތި ކަމަކަށެވެ. ގޭޓާއި ހަމައަށް ދެވުނު ފަހުން ކުޑަ އަތުން ދޫވެގެން ގޮސް މާދުރަށް ޖެހިފައި ދުނިތައްވެސް ބިންދައިގެން ދިޔަތަން ފެނުނެވެ.
"ޒެކް! ކަމް އިން!" ރީމް ގޭޓު ހުޅުވާފައި ޒަކްވާން އަތުގައި ހިފައިގެން އެތެރެއަށް ދާން ދުއްވައިގަތެވެ. ދޮރާއި ހަމައަށް ދެވުނުއިރު ރަނގަޅަށްވެސް ތެމިއްޖެއެވެ. ރީމް ހީކަރުވައިގަނެގެން ތުރު ތުރު އަޅަމުން ދިޔައިރުވެސް އިސްކަން ދިނީ ޒަކްވާން އަށެވެ. ކޮޓަރި އާއި ހަމައަށް ދެވުމުން ޒަކްވާން އަތުން ދޫކޮށްލައިފައި ތުވާލި ގެނެސް ދިއްކޮށްލިއެވެ. "ރީމްވެސް ފެން ހިއްކަބަލަ!" ޒަކްވާންއަށް ރީމް ހުރި ހާލު ފެނިގެން ބުނެލައިފިއެވެ. "އަހަރެން އެހެން ތުވާއްޔެއް ގެންނާނަން." ރީމް އެހެން ތުވާއްޔެއް ގެނެސް މޫނާއި ބޯ ހިއްކާލައިގެން ހެދުން ބަދަލު ކުރަން ފާޚާނައަށް ވަނެވެ. ޒަކްވާން ތެމިފައި ހުރެގެން އެއްވެސް ތަނެއްގައި ނުއިށީންދެ ކޮޓަރި ތެރޭގައި ހިނގައިލިއެވެ. ފުރަތަމަ ފަހަރަށް ރީމްގެ ކޮޓަރި ފެނުމުން ޒަކްވާން ޝައުޤުވެރި ކަމާއިއެކު އެތަން މިތަނަށް ނަޒަރު ހިންގިއެވެ.
ދޮރު ހުޅުވުނު އަޑަށް ޒަކްވާންގެ ނަޒަރު އެދިމާއަށް ދަތުރު ކުރިއެވެ. ރީމް ހުދު ހަރުވާޅަކާއި ރީންދޫ ކުލައިގެ އަތްދިގު ޓީޝާޓެއްގައި ނުހަނު ލޯއްބެވެ. އިސްތަށިގަނޑު ތެމިފައި އޮތުމުން އިތުރަށް ހިތްދަމައިގަންނަ ގޮތެއް އެސޫރައިގައި ވިއެވެ. "ޒެކްވެސް ޗޭންޖް ކުރަން ވީނު. ނޭނގެ ވާރޭ ހުއްޓާނެ އިރެއްވެސް." ރީމް އަލަމާރި ހާވައިލާފައި ރަފާލްގެ ޓީޝާޓަކާއި ޖިންސެއް ނަގައި ދިނުމުން ޒަކްވާން ފުރަތަމަ ފަސް ޖެހުނެވެ. "ކަމްއޯން. ދެން ދޭބަލަ މި ލައިގެން އަންނަން. އައި ވިލް މޭކް ކޮފީ." ރީމްގެ އަޑުގައި އުފާވެރި ކަމެއް ވިއެވެ. އެރީތި ރޭގަނޑު ޒަކްވާން އާއި އެކު ހޭދަ ކޮށްލަން ލިބުމުން ހިތްވަނީ ފޮޅިފައެވެ. ރީމް ތަކުރާރުކޮށް އެދުމުން ޒަކްވާން އެއްބަސްވިއެވެ. ޒަކްވާން ފާޚާނާއަށް ވަނުމުން ރީމް ދުވެލާފައި ބަދިގެއަށް ގޮސް ކޮފީ ހަދަން އުޅުނީ ލަވަ ކިޔަމުންނެވެ. ރީމް ކޮފީ ތައްޔާރު ކޮށް ނިމިގެން ލައިޓް ނިއްވާލައިފައި އުއްބައްތިއެއް ރޯކޮށްލިއެވެ. ކުޑަ ދޮރު ކައިރީ ދަމާފައިވާ ފޮތިގަނޑު ކަހައިލުމުން ވާރޭ ވެހޭ މަންޒަރު ރީތިކޮށް ފެނެއެވެ.
ޒަކްވާން އައީ ރީމް ކުޑަ ދޮރު ކައިރިއަށް ޖެހިލައިގެން ވެހެމުން ދިޔަ ވާރެއަށް ނަޒަރު ހުއްޓާލައިގެން ހުއްޓައެވެ. ފިޔަވަޅުގެ އަޑު އިވިގެން ރީމް އެނބުރިފައި މޭޒު ކައިރިއަށް އައެވެ. "މިހާ ލަސްވަންދެން ނުނިދާ ކީއްކުރަނީ؟" ޒަކްވާން އިށީންދެފައި ކޮފީ ތަށިން ފުރަތަމަ ކޯވަރު ބޯލިއެވެ. "ނިދި ނައިސްގެން." ރީމް ބަލަން އިނީ ސީދާ ޒަކްވާންގެ ލޮލަށެވެ. އުއްބައްތި އަލީގައި އެނޫ ދެލޯ މާ ބޮޑަށްވެސް ރީތިހެން ހީވެއެވެ. ގަމީހުގެ މަތީ ދެގޮށް ނާޅުވައި ހުރުމުން ހައްތަހާ ބޮޑަށް ރީމްގެ ނަޒަރު އެތަނަވަސް މޭ މައްޗަށް ހުއްޓޭ ގޮތް ވިއެވެ. "ވަޓް އެބައުޓް ޔޫ؟" ރީމް ނިއްކުރިން ވަކިވެގެން ވެއްޓުނު އިސްތަށިކޮޅު ކަންފަތް ކައިރިއަށް ލައްވައިލިއެވެ. "ލޫލޫ ޕްރެގް." ޒަކްވާން ޖެހިލުމެއް ނެތި ބުނެލައިފިއެވެ. ރީމްވެސް ދިޔައީ ސިއްސައި ގެންނެވެ. "ވަޓް؟" ރީމް އަތުގައި ހުރި ކޮފީތަށި ހިފަހައްޓައި ލެވުނީ ކިރިޔާއެވެ.
"ޝީ އިޒް ޕްރެގް. ރީމް އަހަރެންގެ ފަހު އުންމީދުވެސް ނެތިދާން އުޅޭހެން ހީވަނީ މިހާރު. އަހަރެން ހީކުރީ ލުޖައިންއަށް ޓަކައި މުޅި އުމުރު އިންތިޒާރު ކުރެވިދާނެ ކަމަށް... އެކަމަކު މިހާރު އިހްސާސް ވާން ފެށީ މިވެއިޓްގައި ކިހާ ވަރެއްގެ ހިތާމަތަކެއް ކުރިމަތިވާނެ ކަން." ޒަކްވާންގެ ލޯ ކަރުނައިން ވިދަން ފެށިއެވެ. ރީމްގެ ހިތަށް ލިބުނު ހިތްދަތިކަންވެސް ކުޑައެއް ނޫނެވެ. ލުޖައިންއަށް ޓަކައި ޒަކްވާން އުޅޭ ވަރުން ރީމްގެ ހިތަށް ހާދަ އަނިޔާއެއް ވެއެވެ. ކޮންމެ މީހަކު ލުޖައިން ފަހަތުން އުޅެނީ ކީއްވެ ހެއްޔެވެ؟ ރީމްއަށް އެވަގުތުކޮޅު ލުޖައިން ދެކެވެސް ރުޅި އާދެވުނެވެ.
"ޒެކް... އަހަރެން ޤަބޫލު ކުރާ ގޮތުގައި ދުނިޔޭގެ ކޮންމެ މީހަކަށް އެމީހުން ބޭނުން ހުރިހާ ކަމެއް ނުވާނެ. ސްޓިލް ހެޕިނެސް ހޯދަން މަސައްކަތް ކުރެވިދާނެ ދޯ." ރީމް ވާހަކަ ދެއްކީ ހިތާއި އެއްކޮޅަށެވެ. "ވައި މީ؟" ޒަކްވާން ބާރު ބާރަށް މޭޒުގައި ގޮށްމުށުން ޖަހައިލުމުން ރީމްވެސް ދިޔައީ ސިއްސައި ގެންނެވެ. "އާރީ ލޫލޫއަށް އެހާ އަނިޔާ ދިނީމަވެސް އެންމެ ފަހު ވަގުތު އާރީއަށް ކިހިނެއް ލޫލޫ ލިބުނީ؟ އިޓްސް ސޯ އަންފެއަރ." ޒަކްވާން މޭޒުގައި ބޯ އަޅައިލުމުން ރީމް އިނީ ބުނާނެ އެއްޗެއް ނޭނގި ހިނދުކޮޅަކަށް ބަސް ހުއްޓިފައެވެ.
"ޒަކްވާން އެކަނިތަ؟ ވަޓް އެބައުޓް މީ؟ ޒަކްވާންއަށް ލޫލޫ ފެނުނު ފަހުން އަދި ވީ އެންމެ އަހަރެއްނު. އަހަރެން އާރީ ދެކެ ލޯބިވާތާ އެތަކެއް އަހަރުވެއްޖެ. އަހަންނަކަށްވެސް އާރީއެއް ނުލިބުނު. ދެންވެސް އަހަންނަށް ލޯބިވެވުނީ ހަމަ އެފަދަ ދެވަނަ އާރީއެއް ދެކެ." ރީމްގެ ހިތަށް އަސަރުކޮށްގެން ކޮޅަށް ތެދުވެފައި ބުނެލި ޖުމްލަތައް ނިންމައިލެވުނު އިރު ބޭނުން ނޫން ވާހަކައެއްވެސް ބުނެލެވިއްޖެއެވެ. ޒަކްވާން އިސް އުފުލައިލުމުން ރީމް އަވަހަށް ފުރަގަސްދީފައި ގޮސް ހުއްޓުނީ ކުޑަ ދޮރު ކައިރީގައެވެ. ރީމްގެ ހިތް ތެޅެމުން ދިޔައީ ނުހަނު ބާރަށެވެ. ޒަކްވާންއަށް އޭނަ ބުނި ފަހު ޖުމްލައިގެ މާނަ އެނގިއްޖެޔާ ދުވަސް ދިޔައީއެވެ. މިއެކުވެރި ކަންވެސް އެހިސާބުން ނިމުމަކަށް އައީއެވެ. ރީމްގެ ލޮލުން ކަރުނަވެސް އަތުވެއްޖެއެވެ. ވަކިވުމުގެ ހިޔާލު ތަކުން ހިތް ރޮއްވާލައިފިއެވެ. އޭނަ އަވަސް އަވަހަށް ދެއަތްތިލައިން އަނގަމަތީ ފޮރުވައިލީ އަޑު ބޭރު ވެދާނެތީއެވެ. ޒަކްވާންގެ ކުރިމަތީގައި ރޮއިގެން އޭނާއަށް ވާނެ ފައިދާއެއް ނެތެވެ.
ޒަކްވާން ބޯ ހިއްލައިލާފައި ރީމް ދެއްކި ވާހަކަ ތަކާއިމެދު ހިޔާލު ކޮށްލެވުމުން ހަމްދަރްދީވިއެވެ. ރީމް އަކީވެސް އޭނާ ފަދައިން ބަދުނަސީބު ވެރިއެކެވެ. ޒަކްވާން ގޮނޑި ދުރުކޮށްލައިފައި ތެދުވެގެން ގޮސް ރީމްގެ ފުރަގަހުގައި ހުއްޓި ކޮނޑުގައި ހިފައިލުމުން ރީމްއަށް ތެޅިގަނެވުނެވެ. ސިއްސައިގެން ގޮސް ދެއަތް ތިރިކޮށްލެވުމުން ރުއިމުގެ އަޑު ބޭރު ވާން ފެށިއެވެ. ޒަކްވާން ކަންބޮޑުވެގެން ރީމް މަގަތަށް އަނބުރާލައިފައި ދެއަތުން ކަރުނަތައް ފުހެދޭން ފެށީ ނުރޯށޭ ބުނެ ދެފަރާތަށް ބޯ ހޫރުވައިލާފައެވެ. ރީމްއަށް ވީ ގޮތަކީ ޒަކްވާންގެ އޯގާތެރިކަން ލިބުމުން ހައްތަހާ ބޮޑަށް ރޮވުނީއެވެ. ޒަކްވާން ފުރަތަމަ ފަހަރަށް އެހާ ކައިރިން ރީމްގެ މޫނަށް ބަލަން ފެށުމުން އެމޫނުގެ ރީތި ކަމާއިމެދު އެއްބަސް ވެވުނެވެ. ދެލޯ ކަޅު ކުލަ ގަދަވެފައި ނުހަނު ދިގު އެސްފިޔަތަކެކެވެ. އެދެ ތުންފަތްވެސް ހާދަ ތުނިވެފައި އޮމާނެވެ. ޅަކުއްޖެއްގެ ތުންފަތް ފަދައިން މަޑުވާނެކަން ޔަޤީނެވެ. ޒަކްވާންގެ ނަޒަރު ރީމްގެ ތުންފަތަށް ހުއްޓާލެވިފައި އިރުކޮޅަކުން ނިޔަތް ބަދަލުވީ ކިހިނެއް ކަމެއްވެސް ނޭނގުނެވެ.
ރުއިމުގެ ސަބަބުން އެދެ ތުންފަތުގައި އެކުލެވިފައިވާ މަޑު ރޫރޫ އެޅުން ޒަކްވާންގެ ކެތްމަދު ކުރުވިއެވެ. ވިސްނައިލުމެއްނެތި ޒަކްވާން ހިތުގެ ގޮވައިލުމަށް އިޖާބަ ދިނެވެ. ރީމްގެ ހިތަށް ލިބުނު ޝޮކާއެކު މުޅި ކުއްޖާ ހުއްޓިގެން ދިޔަ ނަމަވެސް އިރުކޮޅަކުން ޒަކްވާން ފަދައިން ރީމްވެސް އެއަމަލުގައި ބައިވެރިވިއެވެ. ރީމްގެ ދެއަތްތިލަ މަޑުމަޑުން އުފުލި ޒަކްވާންގެ ބުރަކަށީގައި ދެފަރާތުން ހިފައި ބާރު ކޮށްލައިގެން ދެމީހުން ނޭވާ ހުސްވާންދެން އެގޮތުގައި ދެމި ހުއްޓެވެ. ޒަކްވާންއަށް މިކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން ރޭކައިލީވެސް ނޭވާ ކޮޅަށް ގޮސްގެން ދުރުވެލަން މަޖުބޫރު ވީމައެވެ. "ޑޭމް އިޓް!" ޒަކްވާން ރީމްގެ ދެކޮނޑުގައި ހިފާ ފަހަތަށް ކޮށްޕައިލާފައި ދެފަރާތަށް ބޯ ހޫރުވައިލިއެވެ. ދެވަނަ ސިކުންތުގައި އޭނާ ފުރަގަސްދީފައި ބާރު ބާރަށް ނިކުންނަން ދިޔައެވެ.
"ޒެކް އައި ލަވް ޔޫ....." ރީމްގެ ދުލަށް ބާރު ލިބުމުން ބާރު ބާރަށް ގޮވާލައިފިއެވެ. އެއަޑަށް ޒަކްވާންގެ ދެފައި ހީވީ ބިމުގައި ތަތްލި ހެންނެވެ. ޒަކްވާން ފަސް އެނބުރިފައި ބަލައިލި އިރު ހުރީ ދެލޯ ބޮޑުކޮށްލައި ގެންނެވެ. "އިޓްސް ޓުރޫ... އައި ރިއަލީ ލަވް ޔޫ ޒެކް.." ރީމް އިތުރަށް ޔަޤީންކޮށްދިނެވެ.