"ޓޯކް ޓު މީ ލޫލޫ." ޒަކްވާން ބުނެލި އަޑަށް ލުޖައިން ސިއްސައިގެން ދިޔައެވެ. އެމޫނަށް ވެރިވި ނުތަނަވަސް ކަން ފޮރުވާލުމަށް ޓަކައި ލުޖައިން ގަދަކަމުން ހިނިތުން ވެލައިފިއެވެ. "މިސްޑް ޔޫ... ޒަކްވާން." ލުޖައިން އެނަން ބުނެލީ ޖުމްލަ އާއި މުޅިން ވަކިކޮށްލައިފައި އަދި އަޑަށްވެސް ބާރު ލައިފައެވެ. ޒަކްވާންއަށް ވެސް އެކަން ފާހަގަ ވެއްޖެއެވެ. "ވޯހ! ހާދަ ބާރެއްލައިފަ. ތިވަރު ނުކުރިއަސް އަހަރެން ބިލީވް ކުރަމޭ ލުލޫ މިސްވިއޭ ބުނީ މީންކޮށްފަ ކަމަށް." ޒަކްވާން ލުއި ހީލުމަކާއެކު ލުޖައިން ނޭފަތުގައި ޝަހާދަތް އިނގިލިން ކޮށްޓައިލުމުން އަވަހަށް ފަހަތަށް ޖެހިލެވުނެވެ. "ސޮރީ ޒަކްވާން. އަހަރެން ދާން ޖެހިއްޖެ. ފަހުން މީޓްވާނެ އެއްނު ދޯ." ލުޖައިން އަވަހަށް ދާންވެގެން ބުނެލިއެވެ. "ސީ ޔާ." ޒަކްވާންވެސް އެހިސާބުން އަނެއްފަރާތަށް އެނބުރިފައި ދާން ހިނގައިގެންފިއެވެ.
"ލުޖައިން ދޮންބެ ފުރީތަ؟" ގެއަށް އައިސް ވަންތަނާ ނާހިދާ އަހައިލިއެވެ. ނާހިދާ ކުޑަ މޭޒުމަތީ ހުރި ވާސްގައި ވަޅޯވެފައި ހުރި މާތައް ނަގައިފައި ތާޒާ ފިނިފެންމާ ތަކެއް ޖަހައިލިއެވެ. "މިހާރު ފުރައިފާނެ." ލުޖައިން ހުއްޓިފައި ޖަވާބު ދިނެވެ. "ދެން ލުޖައިން ނުވެސް ދަންތަ އެމީހުންނާއި ބައްދަލު ކުރާކަށް؟" ނާހިދާ އެނބުރި ބަލައިލި އިރު ލުޖައިންއަށް ހުރެވުނީ ވިސްނުމެއްގަ އެވެ. ނާހިދާ ކުއްލިއަކަށް އޭނާގެ އާއިލީ ކަންތަކާއި ޝައުޤުވެރިވާން ފެށީ ކީއްވެބާއޭ ހިތަށް އެރިއެވެ. "ދިޔައިން. ފުރާ ގަޑީގައި ނުދެވޭނެތީ މިއަދު ކުލާހަށް ދާން ނިކުތީ ތަންކޮޅެއް ކުރިން. ހުޅުމާލެއަށް ގޮސް ދޮންބެ މެންނާއި މީޓްކޮށްފަ ކުލާހަށް ދިޔައީ." ލުޖައިން ކިޔައިދިނެވެ. "ހޫމ. އެންމެ ރަނގަޅޭ. ދޭ ދެން ތި ދަބަސް ބަހައްޓާފަ ކާން އަންނަން." ނާހިދާ އެހެން ބުނީ އެގޭގައި ކެއުމުގެ ގަވާއިދު އޮންނަ ގޮތުން ކަމަށްވިއަސް އެއަމުރުގައި އަޅާލުންވި ކަމުގައި ލުޖައިންއަށް ގަބޫލު ކުރެވުނެވެ. މަންމައެއް ހެން އެހެން ބުނެލުމުން ލުޖައިންއަށް ވަރަށް ކަމުދިޔައެވެ.
ކެއުމުގެ ވަގުތުގައި ރަފާލް އާއި އާރިން ނެތުމުން މޭޒުމަތި އޮތީ ފަޅުވެފައެވެ. ރީމް އެވަގުތު ކޮޅުވެސް ބުޅާ އުނގަށްލައިގެން އިނުމުން ޝަހީމު ހިތްހަމައެއް ނުޖެހުނެވެ. ޝަހީމު އެވާހަކަ ބުނެގެން ރީމް ތުންކޮޅު އޫކޮށްފައި މޭވާ ވަށިގަނޑުން ދޮންކެޔޮ ވަކެއް ނަގައިގެން، ނިކުމެގެން ދިޔައެވެ. "އެއްޗެކޭ ބުނެލާއިރަށް ކޮންމެ ކުއްޖަކަށް ކިހިނެއްތަ އެވަނީ؟ އެއީތަ އަހަރެމެން ދަރީން ތަރުބިއްޔަތު ކުރި ގޮތަކީ؟ އަހަރެން ހަމަ އަޖައިބުވެއްޖެ. ރަފާލް އާއި އާރިންވެސް މިގަޑީގައި ކީއްކުރަން ބޭރަށް ދިޔައީ؟" ޝަހީމު ދެބުމަ ގޮށް ޖަހާލައިގެން އިނދެ މުޚާތަބު ކުރީ ނާހިދާ އަށެވެ. ލުޖައިން ޖެހިލުންވެފައި އިނދެގެން ދެފަހަރު ދެމީހުނަށް ބަލައިލިއެވެ. "ނޭނގެ އެއްގޮތަކަށް ވެސް. ވަރަށް މުހިންމު ކަމަކުއޭ ކިޔާފައި ދެބެން ނިކުމެގެން ދިޔައީ." ނާހިދާ އުލާއި ސަމުސަލުން ކާން އިން ތަށި ހާވަމުން އިސްއުފުލައި ލުމެއް ނެތި ޖަވާބު ދީފިއެވެ. ނާހިދާގެ އެއަޅައިލުން ކުޑަ ކަމާއި ހެދިވެސް ޝަހީމު ހައްތަހާ ހިތްހަމަނުޖެހުނެވެ. ޝަހީމު ނެޕްކިން ނަގައި ތުން ފުހެލާފައި މޭޒުގައި އެއްއަތުން ޖެހުމާއެކު ކުއްލިއަކަށް ތެދުވެގެން ނިކުންނަން ދިޔައިރުވެސް ނާހިދާ ހަމަ އެގޮތުގައި އިސްޖެހިފައި އިނެވެ.
"ކޯއްޗެއް ތިބަލަނީ؟" ޝަހީމު ނިކުމެގެން ދިޔަފަހުން ނާހިދާ އިސް އުފުލާލައިފައި ލުޖައިން ދެލޯ ބޮޑުކޮށްގެން އިނުމުން ބާރުބާރަށް ބުނެލިއެވެ. ލުޖައިން އަވަސް އަވަހަށް އިސްޖަހައިލިއެވެ.
ކޮޓަރިއަށް ގޮސް ވަގުތު ދުއްވާލަން ލެޕްޓޮޕް ނަގާފައިވެސް ލުޖައިން މިފަހަރު ހަނދާންވީ ޒަކްވާން މަތިންނެވެ. ޒަކްވާން އެނބުރި އައިސްގެން އާރިން ހިތްހަމަނުޖެހި ދާނެ ބާވައެވެ؟ ލުޖައިންއަށް ވިސްނުނެވެ. އެކަމަކު އެއީ އާރިން ނުރުހިގެން ބަދަލު ކުރެވިދާނެ ކަމެއްވެސް ނޫނެވެ. ޒޯއީގެ ކައިވެނި އެގޭ ކުއްޖަކާއި ކުރެވޭ އިރު އެތާގައި ޒަކްވާން ނުހުރެދާނެ ގޮތަކީ އެއީ ނެތް ގޮތެކެވެ.
ޒަކްވާން ގޮސް ގެއަށް ވަދެފައި އެކަކުވެސް ފެންނަން ނެތުމުން ތިއާ ފެނޭތޯ އެކޮޓަރިއަށް ވަންނަން ދަނިކޮށް ޝަކީބާ ކޮޓަރިން ނިކުތެވެ. ޝަކީބާ ހުރީ ރީތިވެލައިގެން ކޮނޑުގައި އަތް ދަބަސް ވެސް އަޅުވައިފައެވެ. "ދަރިފުޅާ. ތިއައީތަ؟ ދެން ކާންވީ އެއްނު. ގެއަށް އައިސް ފޮށި ބަހައްޓާފަ ބޭރަށްދިޔަ މީހާވިއްޔަ ތީ. ދޭ އަވަހަށް. އަމީނާ މިހާރު ކާން ތައްޔާރުކޮށްފާނެ." ޝަކީބާ އަވަސް އަރުވާލައިފައި ހުރިކަން އެނގެނީ ވާހަކަ ދެއްކި އިރު ދެފަހަރެއްގެ މަތީން އަތުކުރީ އޮތް ގަޑިއަށް ބަލައިލީމައެވެ. "އެކަނިތަ އަހަރެން ކާންވީ؟ މޯމް އަހަރެންނަށް ނޯޓިސް ކުރެވިއްޖެ މިގޭ އެކަކުވެސް މިހާރު ގެއިން ނުފެންނަކަން. ތިއާވެސް އައިފަހުން ކޮޓަރިން ނިކުތް ކަމެއް ނޭނގެ. ޒޯއީވެސް އަދި ލޮލަކަށް ނުފެނޭ. މޯމްވެސް ނިކުމެގެން ތިދަނީ ބޭރަށް. ކިހިނެއްތަ މިވަނީ؟ އަހަރެން ގޭގައި ނެތިސް ކަންތައްގަނޑެއް ހިނގީތަ؟" ޒަކްވާން ޖާސޫސީ ނަޒަރަކުން ބަލައިލަމުން ވާހަކަދެއްކިއެވެ. "ނޫނޭ ދަރިފުޅާ. އެވްރީތިންޒް ނޯމަލް." ޝަކީބާ ގަދަކަމުން ހިނިތުންވެލައިފައި ނިކުމެގެން ދިޔައެވެ.
ޒަކްވާން ކާން އަރައި އިންދާ ޒާހިދު ފުރޮޅުލީ ގޮނޑީގައި އައިސް އެތަނަށް ވަނުމުން އަޖައިބު ވާގޮތްވިއެވެ. "ބައްޕާ!" ޒަކްވާންއަށް ގަބޫލު ކުރަން ދަތިވެގެން ގޮވައިލެވުނެވެ. އޭނާ ނެތް ގަޑީގައި ޔަގީނުންވެސް ކަންތައްގަނޑެއް ހިނގައިފިއެވެ. ޒާހިދު އަކީ ކުރިން އެގޮތަށް ބޭރު ތެރެއަށް ނިކުމެ އުޅުނު މީހެއް ނޫނެވެ. "ކީއްވެތަ އެންމެން އަހަރެން އަނދިރީގައި ބަހައްޓަނީ؟" ޒަކްވާން ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.
ނިދެމުން ދަނިކޮށް ތިއާގެ ކޯތާފަތުގައި މީހަކު ކޮށްޓައިލިއެވެ. ތިއާ ސިއްސައިގެން ގޮއްސައި ހަޅޭއްލަވައިގަތް ނަމަވެސް އަޑެއް ނުނިކުތެވެ. އެމީހަކު މާ ހުޝިޔާރެވެ. ތިއާގެ އަނގަމަތީގައި އަތުން ހިފަހައްޓައިލިލެއް ބާރުކަމުން ހިނދުކޮޅަކަށް ނޭވާވެސް ނުލެވުނެވެ. "ކާމް ޑައުން ލިޓްލް ގާރލް. މީ އަހަރެންނޭ." އަނދިރީގެ ތެރެއިން ތިއާއަށް އެމޫނު ފާހަގަ ނުވި ނަމަވެސް އަޑު އެނގިއްޖެއެވެ. އީތަން ތިއާ ދޫކޮށްލައިފައި ފުރަތަމަ ވެސް ބޮކި ދިއްލައިލިއެވެ. ތަނަށް ފެތުރިގެންދިޔަ ފެހި އަލީގައި އީތަންއަށް ތިއާގެ ގޯސްވެފައިވާ މިޒާޖު ފާހަގަވެގެން ދިޔައެވެ. އެފަން އިސްތަށިގަނޑު އެއްވެސް ތަރުތީބެއްނެތި ހާވާލެވިފައި އޮތްއިރު ތެމިފައިވާ އެސްފިޔަތައް ރަނގަޅަށްވެސް ފާހަގަވެއެވެ. ތިއާ ނިދީވެސް ރޮއިފައި ކަންނޭނގެއެވެ. އެންމެ ވަގުތުކޮޅަކަށްވެސް ނިދާ ހެދުމާއި ވަކިން ނުނިދޭ ކުއްޖާ އެއިނީ ހެދުންވެސް ބަދަލު ނުކޮށެވެ. ކަކުލާއި ހަމައަށް އަންނަ ހުދު ލޭސްފޮތީގެ ހެދުމުގެ ބަނޑާއި ހަމައިގައި ހިމަ ފިޔާތޮށި ބެލްޓް ބާރުކޮށް އަޅާފައި އޮތެވެ. އީތަން ހަމްދަރްދީވިއެވެ. ތިއާ އަމިއްލަ ނަފްސާއި މެދު ފަރުވާ ކުޑަކޮށްލީ ކޮން އިރަކުހެއްޔެވެ؟
"ހޭއި ބޭބީ. ކީއްވެ އަޕްސެޓްވެފަ ތި އިންނަނީ؟ އަހަރެން ކޮންއިރެއް ވެއިޓް ކުރާތާ ވެސް. ކީއްވެ މީޓް ކުރަން ނުދިޔައީ؟" އީތަން މަގަތުގައި އިށީންދެލައިފައި ތިއާގެ ކޯތާފަތުގައި ފިރުމާލަން އުޅެނިކޮށް ތިއާ ފުންމައިގެން ތެދުވެފައި ގޮސް ހުއްޓުނީ ކުޑަ ދޮރު ކައިރިއަށެވެ. "ނޭނގިގެންތަ ތި އަހަނީ؟" ތިއާގެ އަޑުގައި ހަރުކަށިކަމެއް ވިއެވެ. "އީތަން ޕްލީޒް! ތިހެން ހުރިހާ ކަމެއް ނޭނގޭ ކަމަށް ހަދާލައިގެން ނުހުރެބަލަ. ދެން ނުބުނާތި ހުރިހާ ކަމެއް ރަނގަޅު ވާނެއޭ. ނުވިސްނާށޭ. އަހަންނަކަށް ނުހުރެވޭނެ ނުވިސްނައެއް. ޑޫ ސަމްތިން އީތަން." އީތަން ތެދުވެގެން އައިސް ފުރަގަހަށް ހުއްޓުނު ތަނާ ތިއާ އެނބުރިފައި ރުންކުރު ރާގެއްގައި އެހުރިހާ އެއްޗެއް ގޮވައިލާފައި ދެން ރޯން ފަށައިފިއެވެ. ތިއާ މޫނުގައި ދެއަތް އަޅައި ފޮރުވާލިފަހުން އީތަންއަށްވެސް އެދެއަތް މޫނާއި ވަކިކޮށްލެވޭ ގޮތެއް ނުވިއެވެ. "އައެމް ސޮރީ." އީތަންއަށް ދެރަވެގެން ތުންފަތުގައި ދަތް އަޅައިލެވިއްޖެ އެވެ. ކިތަންމެ ބޭނުންވިއަސް ތިއާ ހިތްހަމަ ޖައްސައިދޭނެ ގޮތެއް އެވަގުތު އީތަންގެ ވިސްނުމަކަށް ނައެވެ.
"ލީވް މީ އެލޯން!" ތިއާ ގޮސް އެނދުމައްޗަށް ވެއްޓިގެންފައި ކުޝަން ތަކަށް އަތްފޯރުވާލައިގެން ގެނެސް މޫނު ފޮރުވައިލީ އީތަންއަށް ހަނި އެންމެ ފުރުސަތެއް ވެސް ނުދީއެވެ. ދެން ހަދާނެ ގޮތެއް ނޭނގިފައި އީތަން އިރުކޮޅަކު ހުއްޓެވެ. އެއަށްފަހު ނިކުމެގެން ދިޔައީއެވެ.
އެންމެން ކޮޓަރިތަކަށް ވަދެ ހޯލްތެރެ އަމާންވިފަހުން އާރިން ސިއްރު ފިޔަވަޅުތަކެއްގައި ގޮސް ލުޖައިން ކޮޓަރި ދޮރު ހުޅުވާލާފައި ވަދެއްޖެއެވެ. ލައިޓްވެސް ދިއްލައިގެން ލުޖައިން ނިދިފައި އޮތްއިރު ހުޅުވާލެވިފައި އޮތް ވާހަކަ ފޮތެއް ބަނޑުމަތީގައި އޮތެވެ. ހީވާ ގޮތުން ލުޖައިންއަށް ނިދުނީ ވާހަކަ ކިޔަން އޮތްވައެވެ. އާރިން ބަލަހައްޓައިގެން ހުރެލާފައި ލުޖައިންގެ މަގަތުގައި އޮށޯވެލައިފިއެވެ. އަރިއަކަށް ޖެހިލައިގެން ކަޅި ޖަހައިނުލައި އެރީތި މޫނަށް ބަލަން އޮވެވުނެވެ. ނިދީގެ ތެރޭގައި ލުޖައިން ފެންނަނީ ކުރިއަށްވުރެވެސް މައުސޫމު ކޮށެވެ. އެހާ އަރާމުކޮށް ނިދަން އޮތްވައި ގޮވާ ހިތްވެސް ކެނޑިއްޖެއެވެ. އާރިން ދެފިކުރެއްގައި އޮތްވާ ފޯން ރިންގް ވިއަޑަށް ލުޖައިން ހޭލިއެވެ.
"ހޭއި!" ލުޖައިން ނިދި އަޑަކުން ބުނެލިއެވެ. ގަދަ ކަމުން ދެލޯ ހުޅުވައިގެން އޮވެފައި އާފުރިލުމުން އަނގަމަތީ އަތް އަޅައިލި ގޮތްވެސް އާރިންއަށް ނުހަނު މައުސޫމު ވިއެވެ. އާރިން ފޯންގެ ރިންގް ކަނޑައިލައިފައި ލުޖައިންއަށް ހިނިތުންވެލިއެވެ. "ވަރަށް ގިނައިރު ވެއްޖެތަ އާރީ އައިސް އޮންނަތާ؟" ލުޖައިން ތެދުވެ އިށީންދެފައި ފުރަތަމަވެސް ގަޑި ބަލައިލިއެވެ. "އެކެއް ޖެހީ." ލުޖައިން އަނގައަށް ގޮތެއް ހަދައިލީ ލޯ ބޮޑުކޮށްލައިފައެވެ. "އަވަހަށް ރެޑީވޭ ދޫންޏާ. ސަޕްރައިޒް އެބަ ވެއިޓް ކުރޭ." އާރިން ތެދުވެފައި ފޯން ހިފައިގެން ކުޑަ ދޮރު ކައިރިއަށް ޖެހިލައިފިއެވެ. ލުޖައިން ފާޚާނާއަށް ވަދެފައި ނިކުމެ ލޯގަނޑު ކައިރީ ތައްޔާރު ވާން ހުއްޓާ އާރިން ފޯން ނިންމާލައިފައި އައިސް ފުރަގަހަށް ހުއްޓުނެވެ. "ކީއްވެ ތި ބަލަނީ؟" އާރިން ބަލާވަރުން ލުޖައިން ރަކިވެގެން އަހައިލެވުނެވެ. އާރިން އެއްޗެއް ނުބުނެ ހުރެފައި އައިސް ދެއަތް ވަށައިލީ ލުޖައިންގެ އުނަގަނޑުގައެވެ.
"ލޫލޫ. އަހަރެން ކުރިން ބުނި ސަޕްރައިޒްއަށް ވުރެވެސް ބޮޑު ސަޕްރައިޒެއް ދެވެން މިއުޅެނީ. ހިތަށް އަރަނީ ލޫލޫއަށް ކަމުދާނެ ބާވައޭ. އިޓްސް އަ ޑަބަލް ޑޭޓް. ޕްލަސް ކޭމްޕިން އެން އޯލްޓްގުދަރ އަސްލު." އާރިން ލޯގަނޑުން ލުޖައިންގެ މޫނަށް ބަލަން ހުރެގެން ވާހަކަދެއްކި އިރު މޫނުގައި ނުތަނަވަސްކަން ވިއެވެ. "ޑަބަލް ޑޭޓް؟ ރިއަލީ؟ ތިބުނީ ތިއާމެންގެ ވާހަކަތަ؟ ވޯހ ގްރެޓް..." ލުޖައިން ވަކި ހިސާބަކަށް ވާހަކަ ގެންގޮއްސައި ލޯގަނޑުން އާރިންގެ މޫނު ފެނިގެން އުފާވެރިކަން ގެއްލުނެވެ. "ތިއާއެއް ނޫންތަ؟" ލުޖައިންގެ ރާގުވެސް ބަދަލުވިއެވެ. "އައެމް ރިއަލީ ސޮރީ ލޫލޫ. އެކަމަކު ރަފާލްބެއަށް އަހަރެން ކަމެއް ކުރާކަން އެގިގެން އެހީމަ ބުނަން ޖެހުނީ. އެހިސާބުން ރަފާލްބެ ރިކުއެސްޓް ކުރީމަ ނޫނެކޭ ބުނަން ނުކެރުނީ. ބަޓް ނޯ ވޮރީސް ބޭބީ. ޒޯއީ ކިރިޔާވެސް ގޮތަކަށް އުޅެފިއްޔާ އަހަރެމެން ފުރައިގެން އަންނާނީ. އޯކޭ އެއްނު." އާރިންގެ ވާހަކަ ނިމުމުން ލުޖައިން އެދެއަތް ނައްޓުވާލައިފައި ކުރިމަތިލިއެވެ. "ޒޯއީ ގަބޫލުތަ؟ ޝީ ހޭޓްސް މީ އާރީ." ލުޖައިންއަށް ޝައްކުވި ތަންކޮޅަކީ އެއީއެވެ. "ލޫލޫ ގަބޫލެއްވެސް ނުކުރާނެ. ޑަބަލް ޑޭޓްގެ އައިޑިއާ އަކީވެސް ޒޯއީ ދިން އައިޑިއާ އެއް. ރަފާލްބެ ހަމައެކަނި އަހަރެން އެއްބަސް ކުރުވީ." އާރިން ކިޔައިދިނުމުން ލުޖައިންއަށް ހެއްވާ ކަމަކަށް ވެގެން ހެވުނެވެ. ޒޯއީ އޭނާގެ މޫނުދެކެންވެސް ނުރުހޭ ކުއްޖަކު އެފަދަ ހިޔާލެއް ދޭނީ ހާދަ ވަރެއްވެގެންނެވެ. ލުޖައިންއަށް ވިސްނުނީ އޭގެ ފަހަތުގައިވެސް ޒޯއީގެ ކޮންމެވެސް ނުބައި ރޭވުމެއް ވާނެކަމުގައެވެ. މައްސަލައެއް ނެތެވެ. ޒޯއީ ރާވާނެ ވަރަކަށް ރާވާށެވެ. އޭނާވެސް ހުންނާނީ ވިސްނައި ގެންނެވެ.
ލުޖައިންމެނަށް ދެވުނު އިރު ރަފާލް އާއި ޒޯއީ ލޯންޗަށް އަރަން ތައްޔާރު ވަނީއެވެ. ހަތަރު މީހުން އެރިފަހުން ކެޕްޓަން ލޯންޗް ދުއްވާލާފައި ގޮސް މަޑުކޮށްލީ ކުޑަވަރެއްގެ ފަޅު ރަށަކަށެވެ. ގޮނޑުދޮށަށް ލޯންޗް ބީއްސައިލުމާއެކު ދެފިރިހެނުން ފައިބާފައި އަންހެންކުދިން އުފުއްލާލައިގެން ގެނެސް ވެލިގަނޑު މަތީ ބެހެއްޓިއެވެ.
ކުރިއަށް ދާން ނެގި ފުރަތަމަ ފިޔަވަޅާއެކު ލުޖައިންއަށް ހުއްޓެވިއްޖެއެވެ. ވައިގެ ތެރެއަށް ދޫކޮށްލާފައިވާ އެތައް ބައިވަރު ލޭންޓަންތަކުގެ އޮރެންޖް އަލި ވެލިގަނޑު މައްޗަށްވެސް ފެތުރިފައި ވެއެވެ. ޗައިނީސް ނިއު އިޔަރ ސެލެބްރޭޝަންއެއް ފަދައެވެ. އާރިން އެވަރަކުން ކަޅުފޮއިރެއެއްގައި ޑޭޓް ބާއްވަން ބޭނުންވީ މިހެންވެ ކަންނޭނގެއެވެ. ލުޖައިންއަށް އަލަށް މިފެނުނު ރީތި މަންޒަރަށް ލޯ ހުއްޓިފައި ހުރެވުނީ އެސްފިޔަ ޖަހައިލަން ވެސް ނޭނގިފައެވެ. ހާދަ ހިތްގައިމެވެ. ބަލާ ފޫހިނުވާހާ ފުރިހަމައެވެ. "އިޓްސް ޕަރފެކްޓް އާރީ." އާރިން އައިސް އަތުގައި ހިފައިލުމުން ލުޖައިން އަދިވެސް މޫނު އުފުލާލައިގެން ހުރެފައި ބުނެލިއެވެ. އޭރު ޒޯއީ ދަބަސް ހިފައިގެން ދުވެލާފައި ދުރުގައި ގަސްތައް ކައިރީ ޖަހާފައިވާ ޓެންޓް ކައިރިއަށް ހިނގައްޖެއެވެ. ޒޯއި އެތެރެއަށް ވަދެފައި ކަޅު ހޫޑީއަކާއި ޖިންސް ފޮތީގެ ކުރު ސޯޓްކޮޅެއް ލައިގެން ނިކުތްތަން ފެނިގެން ލުޖައިންވެސް ލަދުގަތެވެ. ޒޯއީ ރަނގަޅަށްވެސް ރަފާލް ދަލުގައި ޖައްސާނެއޭ ހިތަށް އެރިއެވެ.
ދެ ޓެންޓްގެ މެދާކަށް ހިސާބުގައި ވެލިގަނޑުމަތީ ފަތުރާފައިވާ ކުއިލްޓް ކޮޅުގައި އައިސްބޮކްސް އަކާއި އަދިވެސް އެފާޑުގެ ކުޑަ ފޮށްޓެއް ހުއްޓެވެ. ރަފާލް ގޮސް އައިސް ބޮކްސް ހުޅުވާފައި އައިސްކިއުބްތަކު ތެރޭ އޮތް ބިއްލޫރި ފުޅިއެއް ނަގައިގެން އިށީންދެލިއެވެ. ޒޯއީ ކައިރީ ބުނެލުމުން އަނެއް ފޮށި މަތި ނަގާފައި ފުލަށް ހިމަކޮށް ދިގު ތަނޑިއެއްލާފައި ހުރި ބަނިޔާދަން ހަތަރު ބިއްލޫރި ތަށި ނެގިއެވެ. ލުޖައިން ކުއިލްޓްގެ އަނެއްކޮޅުގައި އިށީންދެފައި ހެދުމުގެ ފަސްބައިން ފައިވެސް ފޮރުވައިލިއެވެ. ގަސްތަކުގެ ހިޔަނި އެޅިފައި ހުރުމުން އެހިސާބަށް ފުދޭވަރަކަށް އަނދިރިއެވެ. ވައިގެތެރޭގައި ލޭންޓަންތައްވެސް މައްޗަށް އަރަމުން ދިއުމުން އޭގެ އަލިވެސް ފަނޑުވާން ފަށާފައިވެއެވެ. އާރިން އަލިފާން ފޮށްޓެއް ނަގާފައި ކުއިލްޓް ކައިރީގައި ތިނެސްކަން ބައްޓަމަށް ތިން ދަނޑި ޖަހާފައި އެލުވާފައިވާ ފާނޫޒް ދިއްލައިލުމުން އިތުރަށް މާހައުލު ހިތްގައިމުވިއެވެ. ރަފާލް އެޕަލް ސޮޑާ ފުޅި ކަނޑާފައި ފަހަރަކު ތައްޓަކަށް އަޅައި ފުރައިލުމުން ޒޯއީ ފުރަތަމަ އާރިން އަށާއި ލުޖައިންއަށް ދިއްކޮށްލިއެވެ.
"ލުޖައިން އޯކޭތަ؟" ޒޯއީ ތަށިން އެތިފޮދެއް ބޯލައިފައި ލުޖައިން ބަލަން އިނުމުން އަހައިލިއެވެ. ރަފާލްގެ ނަޒަރުވެސް ލުޖައިންއަށް ހުއްޓޭ ގޮތްވިއެވެ. އެވަގުތު ލުޖައިން ކަންބޮޑުވެގެން ބަލައިލެވުނީ އާރިންއަށެވެ. "ޑޯން ވޮރީ އަހަރެން ލުޖައިންގެ ޑޭޓް ފަނިކޮށެއްނުލާނަން. އައި ޕްރޮމިސް." ޒޯއީ އެހާ ތޫނު ނަޒަރަކުން ބަލައިލުމުން ލުޖައިން ވަކިން ބޮޑަށް ނުތަނަވަސް ވިއެވެ. ބޮލުގައި އަޅުވާލައިފައި އޮތް ހުޑް ތެރެއިން ދެފަރާތު ކޮނޑުމައްޗަށް ނިކުމެފައިވާ އިސްތަށިތަކަށް ފާނޫޒްގެ އޮރެންޖް އަލި އެޅިފައި އެދެލޯވެސް ކުލަ ބަދަލުވެފައި ހުރުމުން ޒޯއީ ހީވަނީ ހުޅަނގުގެ ކުއްޖެއް ހެންނެވެ. ތުންފަތްވެސް ރަތްކަމުން ލޭކުލަ އަރައެވެ. "އަހަރެން ކުރިންވެސް ރަފާލް ކައިރީ ބުނެފަ އޮންނާނީ ޑަބަލް ޑޭޓްއަކަށް ލުޖައިން އާއި އާރީއަށް އިންވައިޓް ކުރަން. އަސްލު ކައިވެނީގެ ކުރިން ރަފާލް ކުޑަކޮށް ދަސްކޮށްލަން ޑޭޓްއަކަށް ދާން ހީކޮށްލައިފައި ވެސް ދެން ވަރަށް ވިއަރޑް ވާނެއޭ ހިތަށް އެރީ ދެމީހުން އެކަނިވީމަ. އެނޫނަސް ރަފާލްގެ ގޭކުދިންނާއި ގުޅުންވެސް ބަދަހިވާނެއްނު މިގޮތަށް ވީމަ." ޒޯއީ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. އާރިން އާއި ރަފާލް ސިއްރު ލޮލަކުން އެކަކު އަނެކަކަށް ބަލައިލައިފައި ހީލިއެވެ. އެކަމަކު ލުޖައިން އަދިވެސް އިނީ ކަންބޮޑުވެފައެވެ.
ލުޖައިން ހިނގާބަލަ އެކޮޅު ބަލައިލަން." އާރިންއަށް ލުޖައިންގެ ހިމޭންކަމުން އުދަނގޫ ވެގެން ތެދުވެފައި ބުނެލިއެވެ. "ބްރޯ އެބަ އަންނަން އިނގޭ." ލުޖައިން ތެދުވެ ހެދުން ރީތިކޮށްލިފަހުން އާރިން ރަފާލްއަށް ބުނެލިއެވެ. އެއަށްފަހު ދެ ޒުވާނުން އަތުގައި ހިފާލައިގެން ގޮނޑުދޮށަށް ފޭބިއެވެ. ވަކި ހިސާބަކަށް ދެވުނު ފަހުން އާރިން ގަސްތަކު ތެރެއަށް ވަންނަން ދިމާކޮށްލުމުން ލުޖައިން ބިރުގަންނަ ގޮތްވިއެވެ. އާރިންދެކެ އެއް ނޫނެވެ. އެކަމަކު އަނދިރި ދެކެއެވެ. އެބޯ ގަސްކަރަ ދެކެއެވެ. "ޓްރަސްޓް މީ ލޫލޫ. އަހަރެން ލޫލޫއަށް އެއްވެސް ކަމެއް ވިޔަނުދޭނަން." އާރިން ލުޖައިންއަށް އަތަށް ބާރުކޮށްލާފައި ބުނެލިއެވެ. ތަންކޮޅަކަށް ދެވުނުފަހުން އާރިން ހުއްޓިފައި ޖީބުގައި އޮތް އަލިފާންފޮށި ނަގައިގެން ގަހުގައި އެލުވާލާފައި ހުރި ފާނޫޒެއް ދިއްލައިލުމުން ތަނަށް އަލިވެގެން ދިޔައެވެ. "އާރީ މީ ކޮންކަމެއް؟" ލުޖައިން އާރިންގެ ގަމީހުން ދޫކޮށްލައިފައި ހައިރާންވެގެން ވަށައިގެން ހޯދައިލިއެވެ. އާރިން އެގަހުގެ ތިރީގައި އޮޅާލައިފައި އޮތް ކުނަލެއް ނަގައި ތިރީގައި ފަތުރައިލުމުން ލުޖައިންއަށް ހެވުނެވެ.
"މީ އަހަރެމެންގެ ޕްރައިވެޓް ސްޕޮޓް." އާރިން އިށިންދެފައި ލުޖައިން ގެނެސްގެން ކައިރިކޮށްލިއެވެ. "ރަފާލްއަށް އެނގޭތަ؟" ލުޖައިން އަހައިލުމުން އާރިން ދެފަރާތަށް ބޯ ހޫރުވައިލިއެވެ. "ހެހެހެ ބަލާ ހުރި ނުބައިކަން.." ލުޖައިންއަށް މަޖާވެގެން މުށްކަވާފައި މަޑުމަޑުން އާރިން މޭގައި މަޑު މަޑުން ޖަހައިލިއެވެ. ގަސްތަކު ތެރެއަށްވެސް ވައިޖެހޭތީވެ މަދިރީގެ އުދަނގުލެއް ނުފޯރައެވެ. ލުޖައިން އާއި އާރިން އެކަކު އަނެކަކުގެ އަތުތެރޭގައި ކުނާމަތީ އޮށޯވެލައިގެން އޮތީ ތެދުވެގެން ދާން ބޭނުންނުވެފައެވެ.
"އެބަ އަންނަން." ރަފާލް ތެދުވެފައި ގޮސް ޓެންޓްގެ ޒިބު ކަހައިލުމުން ޒޯއީ ބަލަން ހުރެފައި ސޯޓުގެ ޖީބުން ނެގީ ފަތްޖަހާފައި އޮތް ކުޑަ ކަރުދާސް ކޮޅެކެވެ. ރަފާލް އަންނަން ވާއިރަށް ޒޯއި އެކަރުދާސްކޮޅު ނިއުޅާފައި އެތެރެއިން ކުޑަ ބޭސްގުޅައެއް ނަގައި ރަފާލް ބަހައްޓާފައި ދިޔަ ސޮޑާ ތައްޓަށް ވައްޓައިލިއެވެ. "ކަނޑާބަލަ!" ރަފާލް އެނބުރި އައިސް ކުޑަ ޕާރސަލެއް ދިއްކޮށްލާފައި އަނެއްކާ އިށީންދެލިއެވެ. ޒޯއީ އުފާވެރި ހިނިތުންވުމަކާއެކު ޕާރސަލް ކަނޑަން އުޅުނު އިރު ހިތާއި ހިތުން ހެމުން ދިޔައެވެ.