ތިއާގެ ދެލޯ ކެއްސެއް ނުދެއެވެ. އެއީ ހަމަ އާރިން އެވެ. ނޫކުލައިގެ ޕޮލިސް ޔުނީފޯމް ގައި އިތުރަށް ސްމާޓްވެފައި ޝަހުސިއްޔަތު ވަރުގަދަ ގޮތެއް ހުއްޓެވެ. އެކަމަކު ތިއާ ޝަހާދަތް އިނގިލި ދިއްކޮށްފައި އެއްޗެއް ބުނަން ވެގެން އަނގަ ހުޅުވައިލާއިރަށް އާރިން ހުއްޓިވެސް ނުލައި ގޮސް ސައިކަލަށް އަރާފައި ނައްޓައިލުމުން އަޖައިބުވިއެވެ. ތިއާ އެއީ އާރިން ދަންނަ ކުއްޖަކަށްވެސް ނުހެދިއެވެ. ސުވާލުތަކުން ތިއާގެ ސިކުނޑި ފުރުނެވެ. ޝަހީމުގެ ޒުވާން ދަރިފުޅު ގޭގެ ވިޔަފާރި ތެރެއަށް ނުވަދެ ޕޮލިސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާނެ ހެއްޔެވެ؟ އެއީ ހަމަ ހީވި ހީވުމެއް ނޫން ހެއްޔެވެ؟ ނޫނެކެވެ. އެއީ އޮޅުމެކެވެ. އާރިން ޕޮލިހުގައި އުޅޭނަމަ ލުޖައިންއަށް ސިއްރުވެފައި ނޯންނާނެއެވެ. ފަހަރުގައި ތިމާގެ ކުއްޖަކަށްވެސް ވެދާނެއެވެ. ތިއާ އަމިއްލަ ހިތަށް ވިސްނައިދީފައި ގޮސް އީތަން ދިރިއުޅޭ އެޕާޓްމެންޓް ދޮރުމައްޗަށް ހުއްޓި ބެލް ޖަހައިލިއެވެ. އީތަން އައިސް ދޮރު ހުޅުވަން ވާއިރަށް އަދިވެސް އެއްފަހަރު ދަބަސް ހުޅުވާފައި ޕެޕަރ ސްޕްރޭ ފުޅި އޮތްތޯ ޗެކްކޮށްލިއެވެ.
ދޮރު ހުޅުވުނު އަޑަށް ތިއާ އިސް އުފުލައިލި އިރު ކުރިމަތީ ހުރީ ނުވެސް ދަންނަ ފިރިހެނެކެވެ. އެކަމަކު އެމޫނުންވެސް ތިއާއަށް ދަންނަ ވައްތަރު ޖެހިއެވެ. ކިހިނެތް ކޮންތާކުން ފެނުނު މޫނެއްކަން ހަނދާނަކަށް ނައެވެ. ތިއާ ބަލަހައްޓައިގެން ހުއްޓާ ޒުވާނާ ކުޑަކޮށް ހިނިތުންވެލައިފައި އަމިއްލަ ތައާރަފް ދީފިއެވެ. "އީތަންގެ ހޯމް މޭޓްއެއް މީ. ވަދޭ އެތެރެއަށް އީތަން އެބައުޅޭ ބަދިގޭގައި." ޒުވާނާ އެއްފަރާތަކަށް ޖެހިލައިފައި ތިއާ ވަންނަން ތަންދެއްކިއެވެ. "ބަދިގޭގައޭ؟ ވޯހ... އަންހެންކުދިން ހިތް އަތުލުމުގެ ހުރިހާ ފާޑުގަނޑެއް އެބަހުރިތާ... ގާރލްފްރެންޑް ސޯފާގައި ދެފައި ދަމައިގެން ޓީވީ ބަލަން ބާއްވައިފަ ބަދިގެއަށް ވަދެ ޑިނަރ ރެޑީކުރާ ޓައިޕް ދޯ..." ތިއާ ހިތާއިހިތުން ވާހަކަދައްކަމުން އެތެރެއަށް ވަދެ ހަމަޖެހިލުމާއެކު ޒުވާނާ ނިކުމެފައި ދޮރު ލައްޕައިލިއެވެ.
އެޕާޓްމަންޓްގައި އީތަން އާއި ދެމީހުން އެކަނިވީކަން އިހްސާސްވެފައި ތިއާ އެހާ އަވަހަށް ދާހިއްލާލައިފިއެވެ. ކޮނޑުގައި ދަބަސް އަޅުވާފައި އޮތްއިރު އަނެއް އަތުން ދަބަސް ތެރެއަށް އަތްބާނާފައި ޕެޕަރސްޕްރޭ ފުޅީގައި ބާރަށް ހިފަހައްޓާލައިގެން ތިއާ ބަދިގެއާއި ދިމާއަށް ދިޔައިރު މީރުވަހުން ބަނޑުފުރި އިތުރުވާހައި ވެއެވެ. އީތަން މިރޭ އޭނާގެ ހިތް ފަތަޙަ ނުކޮށްފިއްޔާ ރަނގަޅެވެ. އިރުކޮޅަކުން ތިއާ ގާތަށް ހިނިއައެވެ. ބައެއްފަހަރު ހާދަ މޮޔައެއްޗެހިވެސް ހިތަށް އަރައޭ ބުނެލެވުނެވެ. އީތަންއަށް އޭނާގެ ހިތް ފަތަޙަ ކުރެވޭނީ ފުރަތަމަ އެކުވެރިކަން ބަދަހިކޮށްގެން ނޫންހެއްޔެވެ؟
ދޮރާއި ހަމަވެފައި ތިއާ ސިއްރުން ބޯ ދިއްކޮށްލިއިރު އީތަން ތަވާ ހިފައިގެން އައިސް މޭޒުމަތީ ހުރި ދެތައްޓަށް ކާއެއްޗެހި އަޅަނީއެވެ. ވަށްމޭޒުގެ ދެފަރާތުގައި ދެ ގޮނޑި ހުރެފައި މޭޒުމަތީގެ ތަރުތީބު ރަނގަޅުކަމުން ތިއާ ހައިރާންވިއެވެ. އީތަން އަކީ އޭނާ ހީކުރިކަހަލަ ފިރިހެނެއް ނޫނެވެ. ބިޒްނަސް އިން ޑިގްރީ ނަގާފައި އަދި އިތުރަށްވެސް އެތައްކަމެއް އީތަން ދަސްކޮށްފައިވާކަން މިއެނގުނީއެވެ. މޭޒުގެ މެދުގައި ބޮޑު ވާސްއެއްގައި ތާޒާ ރަތް ފިނިފެންމާތަކެއް ހުރެފައި ކައިރީގައި ސްޓޭންޑެއްގައި ރަތްކުލައިގެ ތިން އުއްބައްތި ހުއްޓެވެ. ރީތި ބަނިޔާދަން ބިއްލޫރި ތަށިތަކާއެކު ހުދު ނެޕްކިން ތައްވެސް ރަތް ރިބަން ފަށަކުން އައްސާލާފައި އޮތުމުން ނިކަން ހިތްގައިމު ގޮތެއް ހުއްޓެވެ. އެތަނުންވެސް ތިއާ އެންމެ އަޅައިގަތީ ކުކުޅު ބިސްބުރަށް ހުރި ރިހިކުލައިގެ ބޮޑުތައްޓެއް މަތިމައްޗަށް އައިސްކިއުބް އަޅާފައި އޭގެތެރެއިން ފެންނަން އޮތް ބޮޑު ބިއްލޫރި ފުޅިއަށެވެ. ތިއާ ބަލަހައްޓައިގެން ހުއްޓާ އީތަން ތަވާ ގެންގޮސް ސިންކަށްލާފައި އެނބުރިލިތަނުން ފެނިއްޖެއެވެ.
"ކަމްއޯން ތިއާ. ޑިނަރ އިޒް ރެޑީ." އީތަން އައިސް މޭޒާއި ކައިރިވެލާފައި ތިއާ އިށީންނަން ގޮނޑި ދަމައިލިއެވެ. ދަބަސްތެރެއިން އަތް ނަގާފައި ތިއާ ކުދި ފިޔަވަޅު ތަކެއްގައި ގޮސް ގޮނޑީގައި އިށީންދެ ހަމަޖެހިލުމުން އީތަން އުއްބައްތި ތަކުގައި ހުޅު ރޯކުރިއެވެ. ވެދިޔަ ހުރިހާ ކަމަކަށްފަހު އީތަން އެހާ ރަނގަޅަށް ކަންތައް ކުރާތީ ތިއާ ކުޑަކޮށް ލަދުވެސް ގަތެވެ. އީތަން ލައިޓްތައް ނިއްވާލަން ދިޔަވަގުތު ތިއާ ސިއްރުން ބަލައިލިއެވެ. އީތަން ނޫކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއްލާފައި ގަމީހުގެ ދެއަތު ކުރި އުޅަބޮށްޓާއި ހަމައަށް އޮޅާލައިފައި ހުރުމުން އިތުރަށް ރީތިކަމަށް ދައްކައެވެ. އީތަން އެނބުރިލި ވަގުތު ތިއާ އަވަސް އަވަހަށް އިސްއޮބައިލި ތަނާ އައިސް ކުރިމަތީ ހުރި ގޮނޑީގައި އިށީންދެފައި އައިސް ކިއުބް ތަށިން ބިއްލޫރި ފުޅިނަގާފައި މަތިކަނޑާލިއެވެ. އެތަން ފެނިގެން ތިއާއަށް ސުވާލު ނުކޮށެއް ނީނދެވުނެވެ.
"ތިއަޅެ ފާޑެއްގެ ވައިން އެއްތަ؟" ތިއާގެ ޖުމްލަ އަހާފައި އީތަން ހުއްޓި އެމޫނަށް ބަލައިލައިފިއެވެ. "ޝެމްޕޭން." އީތަންގެ ޖަވާބުން ތިއާގެ މޫނު ހުދުވިތަން ފެނިފައި ބާރަށް ހީގަނެވިއްޖެއެވެ. "ކިޑިން... ހާދަ އަވަހަށޭ ކަންބޮޑުވަނީ ދޯ." އީތަން ތުންފަތުގައި ދަތްއަޅާފައި ހިނިގަނޑު މައިތިރިކޮށްލަމުން އެފުޅިން ދެތައްޓަށް އަޅައި ފުރައިލިއެވެ. "ވަޓް އިޒް އިޓް؟" ތިއާ ތަށީގެ ހިމަ ތަނޑީގައި ހިފާ އުފުލައިލުމާއެކު އޭގެ އެތެރޭގައި ހުރި ރީނދުލަކަށްދާ ބުއިމަށް ބަލަމުން އެހިއެވެ. "ގްރީން އެޕަލް ސޯޑާއެއް ތީ. ވަރަށް މީރުވާނެ." އީތަން ތަށިނަގާ އެތިފޮދެއް ރަހަ ބަލައިލާފައި ތިއާގެ މޫނަށް ބަލައިލިއެވެ. ނޫ ޓޮޕަކާއި ސްކިނީއެއްގައި މަތިން ކަޅު ޖެކެޓްކޮޅެއް ލައިފައި ތިއާގެ އިސްތަށިގަނޑުވެސް މިރޭ މިނިވަންކަމާއެކު ދޫކޮށްލާފައި އޮތުމުން އީތަންއަށް ރީތިވިއެވެ. އިތުރު މޭކަޕެއްނެތި ހަމައެކަނި ލިޕް ގްލޮސްއެއް ބޭނުންކޮށްފައި ހުންނަ އިރުވެސް ތުންފަތަށް އަރަނީ ފިޔާތޮށި ކުލައެވެ. އެދެލޯ ކަޅުކުލަ ގަދަކަމުން އަނދުން އަޅާކަށްވެސް ނުޖެހޭނެއެވެ. އެހާ ދިގު ދިގު އެސްފިޔަތަކެކެވެ.
"ނޭނގެ އީތަންގެ ގޮތެއްވެސް. ޑިނަރ އޭ ކިޔާފަ ރިވެންޖް ނަގަންވެގެން ގެނެސް އަލްކަހޯލްދީފަ ރޭޕްކުރަންވެސް އުޅެފާނެ..." ތިއާ އެޖުމްލަތައް ބޭއްވީ ހިތުގައެވެ. އީތަން ކައިރީ ބުނެފިއްޔާ އެވާނީ ޝައިތާނާ އައިސް ކަންފަތްދޮށުގައި ދޭ ނުބައި ވަސްވާސްއެއްފަދަ ކަމަކަށެވެ. "ޔޫ ލުކް ބިއުޓިފުލް." ތިއާ ވިސްނަން އިންދާ އީތަން ވާހަކަދެއްކި އަޑަށް އިސްއުފުލައި ލެވުނެވެ. ހަތަރުކަޅި ބައްދަލު ވުމުން ތިއާގެ މެއަށް ފިނިވެގެން ދިޔައެވެ. އެދިގު އެސްފިޔަތުގެ ހިމާޔަތުގައިވާ ބޮޑު ދެލޮލުން އީތަންއަށް ނުތަނަވަސްކަން ފެނުނެވެ. އޭނާ ތައުރީފްކޮށްގެން އަންހެންކުއްޖަކު ތުއި ނުވި ހަމައެކަނި ފަހަރަކީ މިއެވެ. ތިއާގެ މައުސޫމު ކަމާއިމެދު އެވަގުތުވެސް އީތަންއަށް އެއްބަސްވެވުނެވެ. އަމިއްލައަށް މާބޮޑުވެގަނެގެން އުޅޭއިރު ބައެއް ކަންތައްތަކުގައި އަދިވެސް އެހުންނަނީ އެންމެ ޅަ ކުދިންގެ ފާޑެވެ.
"އަހަރެންނަށް ބުނެދީފާނަންތަ މީ އަސްލު ކޮންކަމެއްކަން؟ މިބުނީ އީތަން އެވަރަކުން އަހަރެންނަށް ޑިނަރއަށް އިންވައިޓްކޮށްގެން މިގެނައީ ކީއްވެކަން؟ އޭސް ފާރ އޭސް އައިމް ކޮންސާންޑް، ވީއާރ އެނިމީސް. ސޯ ވައި؟" ތިއާ އަވަހަށް މައުޟޫ ބަދަލުކޮށްލާފައި ކާންވެގެން ތައްޔާރުވެލިއެވެ. ފުރަތަމަ ސަމުސާ ނަގައި އަނގައަށް ލުމާއެކުވެސް އީތަންއަށް ޓަކައި ހިތުން ތައުރީފު އޮހިގެން ދިޔައެވެ. ސެވެން ސްޓާރ ރެސްޓޯރެންޓަކުން ވެސް މިހާ މީރުކޮށް ޗައިނީސް ރިސިޕްއަށް ހަދާފައި ހުރި ކުކުޅެއް އޭނާ ނުކައެވެ. އިތުރަށް ވެޖިޓޭރިއަން ސޫޕްއަކާއި ތިއާއަށް އެންމެ މީރު ގްރީން ސެލެޑްވެސް ހުއްޓެވެ. "މީރުތަ؟" އީތަން ކޮށްލީ އެހެން ސުވާލެކެވެ. "ހޫމ.. ދެން އެއްޗެއް ނެތްތާކަށް އޯކޭ..." ތިއާ އަނެއްކާވެސް ސޯޑާ ފޮދެއް ބޯލައިފައި ތަށި ބަހައްޓަމުން އާދައިގެ ގޮތަކަށް ބުނެލިއެވެ. އީތަންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ގަދަކޮށްލާ ވައްތަރު ތިއާގެ ވެސް އެބަހުއްޓެވެ. އަންހެންކުދިން ގޮތެއް ނެތިގެން ނޫނީ ހަޤީޤަތަށް އެއްޗެއް ނުބުނާނެއެވެ.
"ވަރަށް ދުވަސްވެއްޖެއެއްނު ދެމީހުން ފައިޓް ކުރާތާ... އެހެންވެގެން އަހަރެން ބޭނުންވަނީ ވެދިޔަ ކަންތައް އެއީ ޕާސްޓްގެ ގޮތުގައި ބާއްވާފައި ތިއާގެ އެކުވެރިކަން ހޯދަން.. އެގޮތުން މީ އަހަރެން ދެމާނައެއްގައި ދޭ ޑިނަރއެއް. ބޯތް އެޕޮލޮޖީ އެން ނިއުސްޓާޓްއެއްގެ ގޮތުން.. ސޯ.. ކީކޭ ބުނަނީ؟" އީތަންގެ ވާހަކަ އަހާފައި ތިއާ ސިހުނު ވަރުން ތެޅިގެންފައި ސޮޑާތަށި އުނގަށް ބަންޑުން ކޮށްލައިފިއެވެ. "އޯހ ނޯ" ތިއާ ފުންމައިގެން ތެދުވިއިރު އަނގަކޮޅު ހަޑިވެއްޖެއެވެ. ނަސީބަކުން އީތަން ތަށި ވެއްޓި ތެޅުމުގެ ކުރީން ސަލާމަތް ކުރިއެވެ. "ހެދުން އެއްކޮށް ހަޑިވީނު. ދޭ ފާޚާނައަށް ވަދެ ދޮވެލަން." އީތަން ކޮޅަށް ތެދުވެފައި ކޮޓަރިއާއި ދިމާއަށް އިޝާރާތް ކޮށްލިއެވެ. ތިއާ ތުންފަތުގައި ދަތް އަޅައިލާފައިވެސް ފުރަތަމަ ނުދާންވެގެން ހުރީއެވެ. އީތަން ކުރިމަތީގައި އެލިބުނު ލަނޑަކުން ރަކިވެސް ވެއްޖެއެވެ. އުއްބައްތި އަލީގައިވެސް ތިއާގެ ކޯތާފަތަށް ރަތްއަރަމުން އައިތަން އީތަން ދުށްޓެވެ. އީތަން ޓިޝޫ ފޮށި ނަގާފައި މޭޒުމަތި ހިއްކަން ފެށުމުން ތިއާ ބަލަން ހުރެފައި އިރުކޮޅަކުން ހިޔާލު ބަދަލުވެގެން ކޮޓަރިއަށް ވަންނަން ދިޔައެވެ.
އެތެރެއަށް ވަދެފައި ތިއާ ބާރުބާރަށް ގޮސް ފާޚާނާއަށް ވަދެ ދޮރު ލައްޕައިލިއެވެ. މޫނުދޮންނަ ތަށި ކައިރީ ހަރުކޮށްފައި ހުރި ލޯގަނޑުން އަމިއްލަ ސޫރަ ފެނިފައި އެކަނި ހުރެވެސް ލަދުން މޫނުގައި އަތްއެޅުނެވެ. އީތަން ހީކުރާނީ ކީކޭ ހެއްޔެވެ؟ އޭނައަކީ އަދިވެސް ކުޑަކުއްޖެކޭ ހިތަށް އަރާނެ ކަންނޭނގެއެވެ. އެއީ އޭނާ އެންމެ ހިތް ނުރުހޭ ކަންތަކެވެ. ޒޯއީ ދެކެވެސް އެންމެ ރުޅިއަންނަނީ އޭނަ އަކީ ކުޑަކުއްޖަކަށް ހަދައިގެން އުޅޭތީއެވެ. ސޯޑާ ތަށިވެސް ކޮންމެހެން ބަނޑުން ވާން ވެއްޖެ ހެއްޔެވެ؟ ތިއާ ހިތާއިހިތުން އަމިއްލަ ނަފްސަށް އަޑު ލިއެވެ. ތިއާއަށް ނޭނގުނީ އީތަން ދެކެފާނެ ގޮތަކާއިމެދު އޭނާ އެހާ ކަންބޮޑުވާންވީ ސަބަބެވެ. އިރެއްގައި އެއީ ތިއާ އެންމެ ރުޅިއަންނަ އެކަކަށްވެފައި މިއަދު ހަމަ ކުއްލިއަކަށް އީތަން ނުގޮތަށް ދެކިގެން އޭނާއަށް އޮތީ ކޮން ގެއްލުމެއް ހެއްޔެވެ؟ ނޭނގުމުގެ ތެރޭގައި ހިތުގެ މިސްރާބު ބަދަލުވެގެންދާ ގޮތް ގިނަފަހަރަށް އިންސާނާއަށް ރޭކައިވެސް ނުލައެވެ.
ތިއާ ހެދުން ދޮވެގެން އެނބުރި އައިސް ކެއުމުގެ ސްޕީޑް ބެހެއްޓީ ކުރިއަށްވުރެ އަވަސްކޮށެވެ. އީތަންއަށް އެކަން ފާހަގަ ކުރެވިގެން ސުވާލު ކޮށްލުމުން ލަސްނުވަނީސް ގެއަށް ދާން ބޭނުން ވާހަކަ އަންގައިލިއެވެ. "މަމް ވަރަށް ރުޅިއަންނާނެ ރޭގަނޑު ބޭރުގައި އުޅެންޏާ. ޤުރޫޕް ވޯކްއެކޭ ކިޔާ ދޮގެއް ހަދައިގެން މިރޭވެސް އައީ." ތިއާ ކައި ނިންމާލައިފައި ސޯޑާތަށިވެސް ހުސްކޮށްލިއެވެ. "ތިއާ ކުރިން ބުނެލިނަމަ އަހަރެން ޝަކިއްތަ ކައިރީގެ ހުއްދަ އަތުލީމުސް." އީތަން އާދައިގެ ގޮތަކަށް ބުނެލިއެވެ. "އޭރުން މަމް އަދި ވަކިން ނުފޮނުވާނެ. ފިރިހެންކުއްޖަކާއި އަނގައިން ބުނިކަން އެނގުނަސް ޕޮކެޓްމަނީ ބަންދު ވީ." ތިއާ އަނގަޔަށް ގޮތެއް ހަދައިލިއެވެ. "އަހަރެން މީ ހަމައެކަނި ފިރިހެންކުއްޖެއް ނޫނެއްނު. ތިއާ މަމްއަށް އަހަރެން މީ ކާކުކަން ރަނގަޅަށް އިނގޭނެ." "އޭރުން ޒޯއީ؟" ތިއާ އީތަންގެ ޖުމްލަ މެދުކަނޑާލާފައި އަހައިލިއެވެ. "ވަޓް އެބައުޓް ހަރ؟" އީތަންގެ އެސުވާލު ކޮށްލި ގޮތުން ޒޯއީ އެއީ އެއްވެސް ހާއްސަކަމެއް ނެތް ފަރާތެއް ފަދައެވެ. "އައި މީން.. ޒޯއީ ވަރަށް ނުރުހޭނެ އޭނާގެ ފްރެންޑުން އަހަރެންނާއި ގުޅުން ބާއްވަންޏާ. އޭނަ ބޭނުންވާނީ ހުރިހާ އެއްޗެއްވެސް އަމިއްލަ ކުރަން. އެހެންމީހަކު ކުޑަމިންވަރެއްވެސް ހިއްސާކުރާކަށް ގަބޫލެއް ނުވާނެ. އެނީވޭ މަ ކީއްކުރަން އީތަންއަށް މިކިޔައި ދެނީ؟" ތިއާ ވާހަކަ ދައްކަމުން ގޮސް ވަކި ހިސާބަކުން ހުއްޓާލައިފިއެވެ.
ޒޯއީގެ ވާހަކަ އީތަން ކައިރީ ދައްކައިގެން އޭގެ ގޯސް ނަތީޖާއެއް ނިކުމެދާނެކަން ވިސްނުނީއެވެ. ކޮންމެގޮތެއް ވިއަސް އީތަން އަކީ ޒޯއީގެ އެކުވެރިއެކެވެ. މިއަދު ހަމަ ކުއްލިއަކަށް އޭނާ އާއި އެކުވެރިކަން ބަދަހި ކުރަން އަތް އިސްކުރިއެއް ކަމަކު މާކުރިއްސުރެ ޒޯއީއަށް ދެވިފައި އޮތް މަޤާމު ފަހަނައަޅައެއް ނުދެވޭނެއެވެ.
"ނޯ ވޮރީސް. އަހަރެން ތިވާހަކައެއް ނުބުނާނަން." އީތަން ޔަގީންކޮށްދޭ ފަދަ ގޮތަކަށް އިއްވައިލިއެވެ. ތިއާ އެއްޗެއް ނުބުނެ އިނދެފައި ތުންފުހެމުން ތެދުވެއްޖެއެވެ. ތިއާ ދަބަސް ހިފައިގެން ހިނގައިގަތުމުން އީތަންވެސް ތެދުވެފައި ފަސްފަހަތުން ދިޔައެވެ. "ސޯ.. އަހަރެންނަށް ކޮން ޖަވާބެއް ދޭނީ؟" އީތަން ބޭރަށް ނިކުމެފައި ކުރީގެ ވާހަކަ ހަނދާން ކޮށްދިނެވެ. ތިއާ ދެއަތްތިލަ ގުޅުވައިލަމުން ފުރަތަމަ އިސްޖަހައިލިއެވެ. އެވަގުތު އެއްލި ކަޅިއަކުން ސިޑިން އަރައިގެން އެދިމާއަށް އައި ދެކުއްޖަކު އީތަންގެ ލޮލުގައި އަޅައިގަތެވެ. އީތަން ބަލާކަށް ނުހުރެ ތިއާގެ މޫނުގައި ދެއަތުން ހިފާލާފައި ގެނެސް އެތުންފަތުގައި ބޮސްދޭން ފެށިއެވެ. އެވަގުތު ތިއާގެ ސިކުނޑި ހުހަށް ދިއުމުން އޭގެ މަސައްކަތް ފަށަން ކުޑައިރުކޮޅެއް ނެގިއެވެ. މިވަނީ ކީއްކަން އިހްސާސް ކުރެވުނީވެސް ވާނެ އެއްޗެއް ވިފަހުންނެވެ. ހުރިހާ ކަމެއް ހިނގައި ދިޔައީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. އަޖައިބުވީ ނޭނގުމުގެ ތެރޭގައި ތިއާއަށްވެސް އީތަން އާއި އެއްވަރަށް އެކަމުގައި ބައިވެރިވެވުނު ކަމެވެ.
"ތިއާ. އައި ކޭން އެކްސްޕްލެއިން." އީތަން ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އެދެކުދިން ވަދެގެން ދިޔަ ދޮރާއި ދިމާއަށް ބަލައިލާފައި ތިއާއަށް ކަޅި ހުއްޓައިލި ތަނުން ކޯތާފަތަށް ދިލައަރައިގެން ދިޔައެވެ. އަލިފާންކަނި ބުރަމުން ދިޔައިރު ތިއާގެ ދެލޮލުގައި ކަރުނައިގެ ކޯރެއްވިއެވެ. އީތަން އިތުރު އެއްޗެއް ބުނުމުގެ ކުރިން ތިއާ އަނެއްފަރާތަށް އެނބުރިފައި ބާރުބާރަށް ގޮސް ސިޑިން ފައިބަން ފެށިއެވެ. "ތިއާ. ލިސަން ޓު މީ. ތިއާ! ތިއާ! ތިއާ!" އީތަން ގޮވަ ގޮވައި އޮތްވާ ތިއާ އިވޭކަމަށްވެސް ހަދާނުލައި ސިޑިން ފައިބައިގެން ދިޔައެވެ. ވީދެރައިންނާއި އައި ރުޅިން އީތަންއަށް ހަދާނެ ގޮތް ހުސްވި ކަހަލައެވެ. ދެއަތް މުށްކަވައިލަމުން ފާރުގައި ގޮށްމުށުގެ އެތައް އެތިފަހަރެއް ޖެހުނެވެ. ކުރި ހުރިހާ މަސައްކަތެއް ބޭކާރުވީއެވެ. ތިއާ ދެން ދުވަހަކުވެސް އޭނަ އާއި ވާހަކަ ދައްކާނެ ކަމެއް ނޭނގެއެވެ.
ގެއަށް ވަދެފައި ތިއާ އެކަކާއިވެސް އަނގައި ނުބުނެ ބާރު ބާރަށް ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. ލިވިންރޫމްގައި ތިބި ޝަކީބާ އާއި ލުޖައިންއަށް ފެނިގެން ސުވާލު އުފެދިފައި އެކަކު އަނެކަކަށް ބަލައިލެވުނެވެ. "މަންމާ. ދެންމެ ކޮޓަރިއަށް އެވަނީ ތިއާތަ؟" ޒަކްވާން ޕާރުސަލެއް ހިފައިގެން އައިސް އެމީހުން ކައިރިއަށް ހުއްޓިފައި ޝަކީބާ ކުރެން އަހައިލިއެވެ. "ހޫމ އެއީ ތިއާ. ކީއްވެ އޭނަ އެކަނި އެއައީ؟ ދަރިފުޅު ކައިރީ މަންމަ ނުބުނަންތަ ތިއާ ބަލައިދާން ވާނެއޭ." ޝަކީބާގެ މޫނުން ހިތް ހަމަނުޖެހުމުގެ ކުލަވަރު ފައުޅުވިއެވެ. "މަންމާ އަހަރެން ތިއާ ކައިރީ އަންނަމުންވެސް ހަނދާންކޮށްދިނިން ގުޅަންވާނެއޭ ކިޔާފަ. އެކަމަކު އެކުއްޖާގަނޑު އެއައީ ގުޅާވެސް ނުލާ." ޒަކްވާން އަމިއްލަ ނަފްސް ދިފާޢުގައި ވާހަކަދެއްކިއެވެ. ޒަކްވާން އައިސް އިށީނީ ލުޖައިންގެ ކައިރީގައެވެ. "މި ކޯއްޗެއް؟" ޒަކްވާން އަތުގައި އޮތް ޕާރސަލް ދިއްކޮށްލުމާއެކު ލުޖައިން ހައިރާންވެފައި ސުވާލު ކުރިއެވެ. "މީ އަހަރެންގެ ފަރާތުން ލުޖައިންއަށް ދޭ ގިފްޓެއް." ޒަކްވާން މަންމަގެ މޫނަށް ބަލައިލުމާއެކު ޝަކީބާ ހިނިތުންވެލިއެވެ. ލުޖައިން ކަންބޮޑުވެފައި އިނދެވެސް ދެކޮޅުހަދަން ނުކެރިގެން ޕާރސަލް މޭޒުމަތީ ބާއްވާފައި ކަނޑައިލިއެވެ.
"އަހަރެންނަށް މި ގަބޫލެއް ނުކުރެވޭނެ." ފޮށިގަނޑުތެރޭ އޮތް ލެޕްޓޮޕް ފެނިފައި ލުޖައިންއަށް ދެފަރާތަށް ބޯ ހޫރުވައިލެވުނެވެ. "ޕްލީޒް! އަހަންނަށް ޓަކައި." ޒަކްވާން އާދޭހާއެކު އެދުނެވެ. "އެކަމަކު ކީއްވެ ދިން ހަދިޔާއެއް މީ؟ ދައްތަ ބުނެބަލަ ޒަކްވާން ކައިރީ އަހަރެން މިބޭނުމެއް ނޫނޭ." ލުޖައިން އެއްފަހަރު ޝަކީބާއަށް އަނެއް ފަހަރު ޒަކްވާންއަށް ބަލަމުން ވާހަކަދެއްކިއެވެ. "ދައްތަ ނުބުނާނަން ތި ހެނެއް. ލުޖައިން ދައްތައަށް ދިން ހަދިޔާ އަދި ތިއަށްވުރެ ބޮޑު. އެހެންވީމަ ދައްތަ ބޭނުމީ ލުޖައިން ޒަކްވާންގެ ހަދިޔާ ގަބޫލު ކުރަން." ޝަކީބާގެ ވާހަކައިން ލުޖައިންގެ ސުވާލުތައް ވީ އިތުރެވެ. "ތޭންކްސް ލުޖައިން. ލުޖައިންގެ ސަބަބުން ޒަކްވާން ކިޔަވަންދާ އެއްބަސްވީ." ޝަކީބާ ކައިރިވެލާފައި ލުޖައިންގެ ބުރަކަށީގައި ފިރުމައިލިއެވެ. "ހަމަތެދެއްތަ؟" ލުޖައިންއަށް ގަބޫލު ނުކުރެވިފައި ޒަކްވާންގެ މޫނަށް ބަލައިލެވުނެވެ. ޒަކްވާން ހިނިތުންވެފައި އިނދެގެން ލެޕްޓޮޕް ހުޅުވާފައި އޮންކޮށްލިއެވެ. "މަށަށް ނޭނގޭނެ ތި ޔޫސް ކުރާކަށްވެސް." ލުޖައިން ފާޑަކަށް އަނގަ ހަދައިލިއެވެ. "އަހަރެން ދަސްކޮށްދީފާނަން." ޒަކްވާން ގަޔާވެފައި އަމިއްލައަށް ހުށައެޅިއެވެ. ދެކުދިން އަމިއްލަ ވާހަކައަށް ގެއްލުނުތަން ބަލާފައި ޝަކީބާ ތެދުވެގެން ދަނިކޮށް ޒޯއީ ފެނިގެން މަޑުކޮށްލިއެވެ.
"މި ކޮންކަމެއް މަންމާ. މަންމަ ކިހިނެތް ހަދާނަމޭ ހިތާ ތިއުޅެނީ. ކީއްކުރަން ލުޖައިންއަށް އެހާ އަގު ބޮޑު އެއްޗެއް ހަދިޔާ ކުރަންވީ؟" ޒޯއީ ނުރުހުމުގެ ލޮލަކުން ދުރުގައި ތިބި ދެޒުވާނުންނަށް ބަލަމުން ވާހަކަދެއްކިއެވެ. ޝަކީބާ އެސުވާލަށް ޖަވާބެއް ނުދެއެވެ. އެހާ ގުޅޭ ރީތި ޖޯޑެއް އެކަކު އަނެކަކަށް ހިނިތުންވެފައި އެހާ ގާތުގައި ތިބޭއިރު ފުރިހަމަކަމުން ހިނިތުންވެފައި ބަލަން ހުރެވުނީއެވެ. "މަންމާ! އަހަރެން މަންމަ ކައިރީއޭ މިއަހަނީ. ކޯއްޗެއްތަ ފެންނަނީ މަންމައަށް؟" ޒޯއީ ރުޅިގަދަވެފައި ހުރެވެސް ޒަކްވާންމެނަށް އިވިދާނެތީ އެހާ ބާރަށް ހަޅޭތްލަވާކަށް ނުހަދައެވެ. "ނިކަން ބަލައިބަލަ!" ޝަކީބާ އެދިމާއަށް ގެއްލިފައި ހުރެގެން އުފާވެރި އަޑަކުން ބުނެލިއެވެ. "މަށަށް ފެންނަނީ ޒަކްވާން އާއި ލުޖައިން. އިތުރު ކޯއްޗެއްތަ މަންމައަށް ފެންނަނީ؟" ޒޯއީ ފޫހިކަމާއެކު ސުވާލު ކުރިއެވެ. "ނިކަން ރަނގަޅަށް ބަލައިބަލަ. އެދެކުދިން ކިހާ ގުޅޭ. އަހަރެމެންގެ ޒަކްވާން އާއި އެންމެ އެކަށީގެންވާ ހުރިހާ ރީތިކަމެއް ލުޖައިންގެ އެބަހުރި. ކޮންފަދަ ރީތި ޖޯޑެއް އެއީ. ބަލާބަލަ ޒޯއީ. އަހަރެމެން އެކަކަށް ނުކުރެވުނު ކަންތައް ލުޖައިން އެންމެ ދުވަހަކުން ކޮށްފި. ޒަކްވާން ކިޔަވަން ދާ އެއްބަސް އެވީ ޝަރުތެއްވެސް ނެތި ހިތުން ރުހުމާއެކު. ޒޯއީ އަކަށް ނުފެނޭތަ ޒަކްވާން ލުޖައިންއަށް ބަލާގޮތެއް. އެދެމެދުގައި މިހާރު އޮތީ ރަހުމަތްތެރި ކަމަށްވުރެ ގާތް ގުޅުމެއް." ޝަކީބާ ހިމޭން އަޑަކުން ދެއްކި ވާހަކަތައް ޒޯއީގެ ކަންފަތަށް ހަރައިލި ކަށިތަކެއް ފަދައެވެ.
"މަންމަ މި ވިސްނަނީ ޒަކްވާން ކިޔަވަން ފުރުމުގެ ކުރިން ދެކުދީންގެ ކައިވެނި ކުރުވަން." ސޯޅަ އަހަރުގައި ވެސް މައިންބަފައިންގެ ރުހުން އޮތިއްޔާ ކައިވެނި ކޮށްދޭނެ." ޒޯއީ ޝަކީބާއަށް ރައްދު ދޭން އުޅެނިކޮށް އެއަށްވުރެ ކުރިން ޝަކީބާ ޖުމްލައެއް އިތުރުކޮށްލިއެވެ. އެއަޑު އަހާފައި ޒޯއީގެ މޫނުމަތިން ކޮކާ ބުރައިލިއެވެ.