ތިއާ ތެދުވިކަން ޔަގީންކޮށްފައި ލުޖައިން ނިކުތް އިރު އެންމެން ހިނގައްޖެއެވެ. ފަޅުވެފައިވާ އެބޮޑު ލިވިންރޫމްގެ މެދުގައި ލުޖައިން ހުރެފައި ލަސް ފިޔަވަޅުތަކެއްގައި ގޮސް ފޮޓޯ ފްރޭމްތައް ބަލަން ފާރުކައިރީ ހުއްޓާ ބެލް އެޅިއެވެ. ލުޖައިންއަށް ހޯދައިލެވުނީ ލޯރީ އެއްވެސް ދިމާއަކުން ނިކުމެގެން އާދޭތޯއެވެ. ދެވަނައަށްފަހު ތިންވަނަ ފަހަރަށްވެސް ބެލް އެޅުމުން ލުޖައިން ދޮރު ހުޅުވަންވެގެން ދިޔައެވެ. ބޭރުގައި ހުރީ ކާކުކަން ނޭނގުނަސް ލުޖައިން ހިތް އަވަސްވިއެވެ. އެގޭގެ ބޮޑެތި މީހުން ނޫޅޭ ގަޑީގައި އަންނާނީ ތިއާގެ އެކުވެރިއެއް ނޫނީއްޔާ ދެން ކާކުބާވައޭ ހިތަށް އަރައިފައި ހުރެގެން ފިނިވެފައިވާ އަތަކުން ދޮރުފަތް ހުޅުވައިލި ތަނުން ސިހިއްޖެއެވެ.
"މޯނިން ލަވް!" އާރިން ހުއްދައަކާއި ވެސް ނުލައި އެތެރެއަށް ދެމިގަތުމުން ލުޖައިންގެ މޭގަނޑު އަނގަޔަށް އަންނަވަރުވިއެވެ. "އާ..އާރިން." ލުޖައިންގެ އަޑު ނިކުތީ ކެނޑި ކެނޑިގެންނެވެ. އާރިން އެއް އަތް އުފުލައިލަމުން ބޮލުގެ އިސްތަށިގަނޑު ތެރެއަށް އިނިގިލިތައް މަހާލާފައި ގޮސް އެތަނުން ސޯފާއެއްގައި އިށީންދެ މޭޒުމައްޗަށް ދެފައި ނަގައިގެން ހަމަޖެހިލިއެވެ. ލުޖައިން ނޭވާ ހިފަހައްޓައިގެން ހުރެލާފައި ދޮރުވެސް ނުލައްޕައި ގޮސް އާރިންގެ ކުރިމައްޗަށް ހުއްޓުނު އިރު ދެލޯ ހުރީ ބޮޑުވެފައެވެ. އެހިތް ތެޅޭލެއް ބާރުކަމުން ބޭރަށް ފުންމައިލަފާނެ ކަހަލައެވެ.
"އާރީ. ޕްލީޒް މިތަނުން ދޭ. ތިއާ ނިކުންނާނެ އިރުކޮޅަކުން." ލުޖައިން ވާހަކަ ދެއްކި އިރު އަޑުގައިވި ތުރު ތުރު ފާހަގަ ކުރެވުމުން އާރިން ހަމްދަރްދީ ވެއެވެ. "ތިވަރަށް ޓެންސް ނުވެބަލަ ލޫލޫ... ތިއާ ކޫލްވާނެ. އޭނަ ސެޓްވެފަ އިނީ ކުރިއްސުރެ ވެސް." އާރިން ލުޖައިން ނުވިސްނައި ހުއްޓާ އަތުގައި ހިފާ ކުއްލިއެއްޖަހާފައި ގެނެސް ކައިރީގައި ބައިންދާލުމުން އައިސްކިއުބް ތަކެއްގެ ތެރެއަށް ގެނބިގެން ދިޔަހެން ހީވިއެވެ. ރައްޓެހިވެގެން އުޅޭތާ ހަތަރު އަހަރު ފާއިތުވެފައި ވިއަސް މީގެކުރިން އެވަރަށްވެސް އާރިން އާއި އޭނާ ކައިރިވެފައެއް ނުވެއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ހިލިގެންދިޔަ ދާތިކިތައް ލުޖައިންގެ ނިއްކުރީގައި ފާޅުވަމުން ދިޔަ މަންޒަރު އާރިންއަށް ސިފަވީ ފަތިހުގެ ޝަބްނަމް އިން ފެންވެރިފައިވާ މަލެއް ފަދައިންނެވެ. ލޯބިން ހިތް އުތުރިގަތުމުން އިޚުތިޔާރެއްނެތި ލުޖައިންގެ އުނަގަނޑުގައި އަތް އަޅުވާލާފައި ގެނެސް ގައިގައި ތަތްކޮށްލެވިއްޖެއެވެ.
"ކޮންޓްރޯލް! ކޮންޓްރޯލް!" ފަހަތުން ތިއާގެ އަޑު އަހާފައި ލުޖައިން ފުންމައިގެން ތެދުވިގޮތުން، ފެނުނު މީހަކަށް ހީވާނީ ސުއިއްޕެއް ނަމަވެސް އެއްޗެއް ކަށި ޖަހައިގެން ތެދުވީ ކަމަށެވެ. ތިއާ ބާރަށް ހޭން ފެށިއެވެ. ލުޖައިން ކަންތައް ކުރިގޮތް ދެކެފައި ތިއާއަށް ހަމަ ކެތްނުވީއެވެ. "ތިއާ!" ލުޖައިން ކަންބޮޑުވެގެން ދެއަތް ދެއަތާއި މޮޑެމުން ގޮވައިލިއެވެ. އިތުރަށް ބުނާނެ އެއްޗެއް ނޭނގިގެން އަނގަ ހުޅުވާލައިފައިވެސް ލުޖައިން ހުއްޓާލިއެވެ. "އިޓްސް ކޫލް އޭ ލޫލޫ. އާރިން ކުރީ ރޭ ގުޅާފަ މާކުރިން މީޓިން ސެޓުކޮށްފަ ވަނީ. މަބުނީ މިގަޑީގައި މީޓްކުރަން ޕަރފެކްޓް ވާނެ ވާހަކަ." ތިއާ ވާހަކަ ދައްކަމުން އައިސް އާރިން އިން ސޯފާގެ ކުރިމައްޗަށް ހުއްޓުނު ގޮތަށް ދައްކަމުން އައި ވާހަކަ މެދުކަނޑާލިއެވެ. ތިއާ ހައިރާންވިކަން ލުޖައިންއަށް ރަނގަޅަށްވެސް ފާހަގަވިއެވެ. "އިޓްސް ޔޫ." ތިއާ އާރިންގެ މޫނުން ނަޒަރު ވަކިނުކޮށްލައި ސުވާލުގެ ރާގެއްގައި ބުނެލިއެވެ. އެކަމަކު އާރިން މޫނުން ތަފާތު ކަމެއް ނުފެނުނެވެ. އާރިންއަށް ތިއާ ފެނުނީ ވެސް އަލަށް ކަހަލައެވެ. ލުޖައިން ވާނުވާ ނޭނގިފައި ހުރެ އެއްފަހަރު ތިއާއަށް އަނެއްފަހަރު އާރިންއަށް ބަލަމުން ދަނިކޮށް ދޮރެއް ހުޅުވުނު އަޑު އަހާފައި އެންމެން ސިއްސުވާލައިފިއެވެ.
"ލޯރީ އަދިވެސް ގޭގައިތަ؟ މީ އޭނަ ދިވެހި ދަސްކުރާ ކުލާހަށް ދާ ގަޑިއޭ." ތިއާ ކަންބޮޑުވެފައި އައިސް ލުޖައިންގެ އަތުގައި ހިފާލަމުން އާރިން ފޮނުވާލަން އަންގައިލީ ބޮލުގެ އިޝާރާތުންނެވެ. "އައިމް ސޯ ސޮރީ އާރިން. އެއްފަހަރުވެސް ހިއެއް ނުކުރަން މިހެން ވެދާނެ ކަމަކަށް. ލޯރީއަށް ބަސްޓުވެއްޖެއްޔާ މަމްއަށް އަންގާނެ. އެހެން ދުވަހަކުން އޯކޭކޮށްފަ ގުޅާނަން." ތިއާ އެހެން ބުނެލާފައި ވަކިވުމުގެ ކުރިން އެމީހުނަށް ވަގުތުކޮޅެއް ދޭންވެގެން ދުވެފައި ގޮސް ލޯރީ ހުއްޓުވައިގެން ވާހަކައެއް ފެށިއެވެ. ލުޖައިން އެތަން ބަލަން ހުރެފައި ދޮރާއި ދިމާއަށް ހިނގައިގަތުމުން އާރިން ތެދުވެފައި ގޮސް ދޮރުން ނިކުންނަން އުޅެފައިވެސް މަޑުޖެހިލައިފިއެވެ. "ކިހިނެއްވީ؟" ލުޖައިން އެނބުރިފައި އާރިންގެ މޫނަށް ބަލައިލިއެވެ. "ވަކިވުމުގެ ކުރިން ހަގް އެއްވެސް ނުދޭނަންތަ؟" އާރިން ލުއި ހިނިތުންވުމަކާއެކު ސޯޓުގެ ޖީބަށް ދެއަތް ޖަހައިލާފައި ކުޑަކޮށް ކޮރައިލިއެވެ. ލުޖައިންގެ ފަރާތުން އެފަދަ ކަމަކަށް އިންތިޒާރު ކުރާފަދަ ގޮތަކަށެވެ. ލުޖައިން މޫނު ލޭކޮޅެއްހެން ރަތްވިއެވެ. ހަމަ އެހިނދުން އެސްފިޔަތައް ތިރިވެއްޖެއެވެ.
"އާރީ...." ލުޖައިންއަށް ވާހަކަ ދައްކަން ފަސޭހައެއް ނުވިއެވެ. އެހާ ބޮޑަށް އިސްޖަހައިގެން ހުރުމުން އާރިންގެ ދެފައިތިލަ ނޫނީ ނުފެނެއެވެ. އެވަގުތު އެބޮޑު ދެފައިވެސް ލުޖައިންއަށް ރީތިވިއެވެ. އާރިންގެ ދެފައިވެސް ހާދަ ފިރިހެންވަންތައޭ ހިތަށް އެރިއެވެ. "ލޫލޫ އަޅެ ތިހެން ހަދަން ހެޔޮވާނެތަ؟ ކިހިނެތް އެނގެނީ މާދަމާ އެއީ އަހަރެންގެ ފަހު ދުވަސް..." އާރިންގެ ޖުމްލަ ފުރިހަމަނުވަނީސް ލުޖައިން އިސްއުފުލައިލި އިރު އެހާ އަވަހަށް ލޮލުން ކަރުނަ އަތުވެއްޖެއެވެ. އާރިންގެ ހިތަށް ވެގެންދިޔަ ކުއްލި ތަދާއެކު އެއްޗެއް ބުނަން ތައްޔާރުވެލި ތަނާ ލުޖައިން އެއަށްވުރެ އަވަހަށް ފުންމައިގެން ކަހަލަ ގޮތަކަށް އައިސް ބައްދައިގެންފިއެވެ. "ދެން ދުވަހަކުވެސް ތިހެން ނުބުނާތި. ޕްލީޒް. އާރީ ތީ އަހަރެންގެ ހުރިހާވެސް މީހަކީ. ދުވަހަކުވެސް އަހަރެން ދޫކޮށްފައި ނުދާތި. އަހަރެން ﷲއަށް ދުޢާ ކުރާނަން އާރީ ރަނގަޅުވޭތޯ. އިރާދަކުރެއްވިއްޔާ އާރީ ތިބަލިން ސަލާމަތްވާނެ." ލުޖައިން މަޑު ގިސްލުމަކާއެކު އެހުރިހާ އެއްޗެއް ކީއިރު އާރިން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޖީބުން އަތް ނަގައިފައި މަޑުމަޑުން އެލޫޅާފަތި ހަށިގަނޑު ވަށައިލެވުނެވެ. އިރުކޮޅަކުން ތިއާ ތަންކޮޅެއް ބާރަށް އެއްޗެއް ބުނި އަޑަށް އާރިން އަވަސް އަވަހަށް ލުޖައިން ދުރުކޮށްލާފައި ނިކުތެވެ. އާރިން ގޮސް ލިފްޓަށް ވަންނަންދެން ލުޖައިން ހުއްޓެވެ. އެކަމަކު ނިކުތްފަހުން އޭނާ ފަސްއެނބުރި ބަލައެއްނުލިއެވެ.
"ތިއާ! ކިހިނެތް އާރިން އެނގެނީ؟" ލުޖައިން ދޮރު ލައްޕާފައި އެނބުރިލި އިރު ތިއާ ގޮސް ލޯރީ ފަހަތުން ކާކޮޓަރިއަށް ވަންތަން ފެނިގެން ކައިރިވެލާފައި ސިއްރުން އަހައިލިއެވެ. ތިއާ ޖަވާބު ދޭން އުޅެފައި ލޯރީ ހުރުމުން ފަސްކޮށްލިއެވެ. ފްރިޖުން ކިރު ޕެކެޓް ނަގާފައި ބޯތަށްޓަކަށް ކިރު އަޅައި ފުރާލުމަށްފަހު ސީރިއަލް އަޅައި ފޯކޮށްގެން ކާންފެށުމުން ލުޖައިން އިނީ އާވެފައި ބަލަހައްޓައި ގެންނެވެ. "ހޫމ ލޫލޫގެ ސުވާލަށް ޖަވާބު ދޭންވީ ދޯ" ލޯރީ ނިކުތްތަން ބަލާފައި ތިއާ ސަމުސާ ތަށިތެރެއަށް ދޫކޮށްލިއެވެ. "ސޮރީ ޓު ސޭ ދިސް... އެކަމަކު ސިއްރު ކުރަން ބޭނުން ނުވީމަ މިބުނަނީ... ލޫލޫ އާރިން އެއީ އަހަރެންގެ..." ތިއާ ޖުމްލަ ފުރިހަމަ ނުކޮށް މޭޒުގައި ދެއަތް އަޅުވާލަމުން ލުޖައިންއަށް ބަލާލައިފިއެވެ. ލުޖައިންގެ ބޮޑު ބޮޑު ދެލޮލުން އިންތިހާ ދަރަޖައިގެ ހާސްކަން ފެންނަމުން ދިޔައިރު ހިތް ތެޅެމުން ދިޔައީ ބިރުގަންނަހާ ބާރަށެވެ. ތިއާ ޖަވާބުދޭން އުދަނގޫ ވެގެން އުޅޭކަން އެނގުނީ ލުޖައިންގެ މޫނަށް ނުބަލައި އެސްފިޔަތައް ތިރިކޮށްލުމުންނެވެ. ލުޖައިން އިތުރަށް ކަންބޮޑުވެ ރޮވިދާނެތީ ތުންފަތުގައި ދަތްވެސް އެޅިއެވެ. އާރިން އާއި ބެހޭގޮތުން ނުބައި ޚަބަރެއް ނުދެއްވުމަށް އެދި އެތައް ފަހަރެއްގެ މަތިން ދުޢާ ކޮށްލެވުނެވެ.
"އެއީ އަހަރެންގެ ބެސްޓްފްރެންޑް ލޫލޫގެ ސޯލްމޭޓް." ތިއާ ޖުމްލަ ނިންމާލީ ބާރު ހިނިގަނޑަކުންނެވެ. ލުޖައިން އަށް ތިއާ ބުނި އެއްޗެއް ވިސްނުނީ ވެސް ހޭންފެށި ފަހުންނެވެ. ރޭގަނޑުގެ ކަޅު ފޭރާން ފަދައިން އަނދިރިވެފައިވާ ލުޖައިންގެ މޫނު އަލިވެގެން ދިއައީ ހިނިތުންވުމަކާއި ގުޅުވާލަމުންނެވެ. ތިއާ ހަމަ ރަނގަޅަށްވެސް ލުޖައިން ތަޅުވާލައިފިއެވެ. "ބެސްޓްފްރެންޑް." ހުނުމުގެ ވަގުތުކޮޅު ނިމުމުން ލުޖައިން އިނދެލާފައި ކުއްލިއަކަށް ބުނެލިއެވެ. ތިއާގެ މޫނަށް އޭނާ ބަލައިލީ އަދިވެސް އެއްފަހަރު އެ ޖުމްލަ ތަކުރާރު ކުރަން އެދޭފަދަ ނަޒަރަކުންނެވެ. "ޔެސް ޑާލިން. އަހަންނަށް ޔަގީން ތީ އަހަރެންގެ އެހެން ހުރިހާ އެކުވެރިންނަށް ވުރެ ކްލޯސްވާނެ ކުއްޖެއްކަން. ސޯ ފްރޮމް ނައު އޮން ތީ މަގޭ ބެސްޓްފްރެންޑް." ތިއާ ގޮނޑިން ފޫ ހިއްލައިލާފައި އަރިވެލަމުން ލުޖައިންގެ ގައިގައި ބައްދާލައިފިއެވެ. އުފަލުން ބުނާނެ އެއްޗެއްވެސް ލުޖައިން ހިތަކަށް ނައެވެ. އޭނާފަދަ ނިކަމެތި ކުއްޖަކާއި ތިއާ އެހާބޮޑަށް ގުޅުން ބަދަހި ކުރިކަން އެނގިގެން ޒޯއީ ރުޅި ނާންނާނެ ބާވައޭ ހިތަށް އެރިއެވެ.
"އަސްލު އަހަރެން ހައިރާންވީ ލޫލޫ މަހުޖަނެއްގެ ދަރިއަކު އަތު އަޅުވާލައިގެން އުޅޭކަން އެނގުނީމަ. އާރިންއޭ ބުންޏަސް ކުރިން ހިއެއްނުކުރަން ރާއްޖޭގެ އެންމެ ނަން މަޝްހޫރު ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ ޝަހީމްގެ ދަރިފުޅު ކަމަކަށް. އާރީ ބޭނުންވެފައި ތިބި ހުރިހާ މާލެކުދިން ޖޭވާނެ ލޫލޫ ދެކެ. އެމީހުންގެ އަންހެން ދަރިން އާރިން އާއި ގުޅުވަން ހުވަފެންދެކޭ މައިންބަފައިންނަށް އެނގިގެން ލޫލޫއަށް ދެރަގޮތެއް ހަދަން އުޅެފާނެތީ ބިރުގަންނަނީ." ތިއާގެ ފަހު ޖުމްލަ ސަމާސާއާއި ގުޅިފައިވިއަސް ކުރިން ދެއްކީ ތެދު ވާހަކަތަކެއްކަން ލުޖައިންއަށް ވިސްނުނެވެ. އެކަމަކު އާރިން އެއީ އެހާބޮޑު މުއްސަންޖެއްގެ ދަރިއެއްކަން ލުޖައިން އަކަށްވެސް ކުރިން އެނގިފައެއް ނެތެވެ. އޭނާއަށް ހީވެފައި އޮތީ ރަށު ކުދިން އާރިން އާއި ހިތާވެގެން ބޭނުންވެގެން އުޅެނީ ރީތިވީމައި ކަމަށެވެ.
ލޯރީ އެދުވަހު ދިވެހި ކުލާހަށް ނުދިޔަ ސަބަބު އެނގުނީ ޝަކީބާ ހަވީރު އޮފީސް ނިންމާފައި އައި ފަހުންނެވެ. ލޯރީ ބައްޕަ ބަލިވެގެން އެނބުރި ޤައުމަށް ދަނީއެވެ. ވަކިވުމުގެ ވަގުތު ޖެހުނު އިރު ލޯރީއަށް ރޮވިއްޖެއެވެ. އެގޭގައި އޭނާ އުޅޭތާ ފަސް އަހަރަށް ވުރެ ގިނަވީއެވެ. ފެށުނީއްސުރެވެސް އެގޭމީހުން ލޯރީއަށް ރަނގަޅުވެ އެހިތުގައި ކުލުނު ޖެހިފައިވެއެވެ. ޝަކީބާގެ އެދުމަށް ލޯރީ އެއަރޕޯޓަށް ގެންދަން ހަވާލުވީ ޒަކްވާނެވެ. މަންމަ ނޯކަރުން މާބޮޑަށް ގާތްކޮށްގެން އުޅޭތީ ޒޯއީ ހިތްހަމަ ނުޖެހުނަސް ފަހު ފަހަރޭ ހިތަށް އަރުވާލާފައި ހިތްހެޔޮ ކަމާއިއެކު ލޯރީ އާއި ވާހަކަދައްކައި ސަލާމް ކުރިއެވެ.
ރޭގަނޑު އެންމެން ކައި ނިންމާފައި ނިކުތްފަހުން ލުޖައިން ޝަކީބާ އާއި ބައިވެރިވެގެން ތަށިތައް ނަގަން ފެށިއެވެ. ޝަކީބާގެ ހިމޭން ކަމުގެ އަސްލަކީ ލޯރީ ކަމުގައި ހީވެގެން ލުޖައިން ބޭނުންވީ ކޮންމެވެސް އެއްޗެއް ބުނެލާށެވެ. އެކަމަކު ޝަކީބާގެ ހިތަށް ލުއި ވާނީ އޭނާ ކޮންކަހަލަ އެއްޗެއް ބުނީމައި ކަމެއް ނުވިސްނުނެވެ. "ދައްތަ ކޮންކަމަކާ ތިވިސްނަނީ؟" ލުޖައިން އެންމެފަހުން ފެށިއެވެ. ޝަކީބާ ދޮވެފައި ދޭ ތަށިތައް ލުޖައިން ފޮތިގަނޑަކުން ފުހެ ހިއްކާފައި ހަރުގައި އަތުރަމުން ދިޔައެވެ. "ޒަކްވާން އާއި މެދު ޝަކިއްތަ ކަންބޮޑު ވަނީ. އެއްވެސް ކަހަލަ ހަރުދަނާ ކަމެއް ނެތެއްނު. އަދިވެސް އެއުޅެނީ ފުރާވަރުގެ ކުއްޖެއްހެން މަޖާނަގަން. ޝަކިއްތަވެސް މިހާރު ދެން މުސްކުޅި ވަނީ. ދުވަސްކޮޅަކުން މަސައްކަތް ހުއްޓާލައިފަ ބަލިއެނދުގައި އޮންނަން ޖެހިދާނެ. އެދުވަހަކުން ޒޯއީ އެކަނި ޓީވީ ޗެނަލްގެ މަސައްކަތް ކިހިނެތް ކުރިއަށް ގެންދާނީ؟ ޒޯއީ އެމަސައްކަތަށް ކިތަންމެ ގާބިލުވިއަސް އެހުރިހާ މުވައްޒަފުން ގޮވައިގެން އުޅެންވީމައި އެހީގެ އަތެއް ބޭނުންވާނެ ދޯ. އަބަދު މިކިޔަނީ ޒަކްވާން ކައިރީ ދެން ކޯސްހަދަން ފުރަން އުޅޭށޭ. ޒަކްވާން ކިޔަވައިގެން އައިސް ޒޯއީ އާއި ދެމީހުން ޗެނަލްގެ މަސައްކަތްތަކާއި ހަވާލު ވާނެ ދުވަހެއް ދެކޭހިތުން އަބަދު މި އިންތިޒާރު ކުރެވެނީ. އެކަމަކު ޒަކްވާން ހަމަ އަޑެއް ނާހާ. ތަށަށް ކިޔަނީ މަރިޔަނބު ހޭވެސް އަހައިނުލާ. އެކަމާއި ވިސްނާ ވިސްނާ މިހާރު ބޮލުގައި ރިއްސަން ފަށައިފި." ޝަކީބާގެ ވާހަކަތައް އިވުމުން ލުޖައިން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހިޔާލެއް ދޭން ބޭނުންވިއަސް ސިކުނޑި ޅަކަމުން ދޭނެ ހިޔާލެއްވެސް ލުޖައިން އަކަށް ނޭނގުނެވެ.
"މީހަކާއި ދެވަންވީ ކަންނޭނގެ. އޭރުންވެސް ރަނގަޅު ވެދާނެ. އެކަހަލަ ޒިންމާއެއް ހަވާލު ކުރީމަ ފަހަރުގައި ވިސްނުން ބަދަލުވެދާނެ." ޝަކީބާ ކުއްލިއަކަށް ބުނެލާފައި ވަށްކަޅިއަކުން ލުޖައިންއަށް ބަލައިލިއެވެ. ލުޖައިން އިސްޖަހައިގެން ހުރެ މަސައްކަތް ކުރިއަށް ގެންދިޔައިރު މޫނުމަތިން ވަކި ތަފާތު އަސަރެއް ނުފެނެއެވެ. "ލުޖައިން ކީކޭ ބުނަނީ؟ ރަނގަޅު ހިޔާލެއްތަ މީ؟" ޝަކީބާ ވިސްނަން ހުރެލާފައި ކޮށްލި ސުވާލުން ލުޖައިން ހައިރާންވިއެވެ. އެފަދަ އަމިއްލަ ސުވާލަކާއި މެދު ލަފާ އަހަން އޭނާ މީ ކާކު ހެއްޔޭ ހިތަށް އެރިއެވެ. "ޝަކިއްތައަށް ފެންނަގޮތް އެންމެ ރަނގަޅުވާނެ." ލުޖައިން ޝަކީބާއަށް ބަލައިލުމަށްފަހު ލުއި ހިނިތުންވުމެއް ވެރިކޮށްލިއެވެ. "ހޫމ ތީ ޝަކިއްތަ ބޭނުންވި ޖަވާބަކީ." ޝަކީބާ އުފާވެފައި މަސައްކަތް ނިންމާލުމަށްފަހު އަތް ފުހެލައިފިއެވެ. ކުޑަ ކުޑަ ލުޖައިން އަށް ރޭކާވެސް ނުލައި ބޮޑު ކަމަކަށް އެއްބަސް ވެވުނީ އެވެ.
އޯލެވެލް ނަތީޖާ ލިބުނީ ލުޖައިން އުންމީދު ކުރި ވަރަށްވުރެ ދެރަކޮށެވެ. އާރިންގެ ސިޓީ ލިބުނު ދުވަހު ކުރިމަތިލި އިމްތިހާނުން ފާސް ވެސް ނުވެއެވެ. އަމިއްލަ ގޮތުން އޭނާ އޭލެވެލް ގައި ބައިވެރި ކުރުވާނެ ކަމުގައި ޝަކީބާ ބުނުމުން ލުޖައިން އިންތިހާއަށް އުފާވިއެވެ. ޔަގީނުންވެސް ދެން އެކަހަލަ ދެރަ ގޮތެއް ވިޔަނުދޭނެ ކަމުގައި އަމިއްލަ ނަފްސަށް ލުޖައިން ވަޢުދުވިއެވެ. ރެއަކާއި ދުވާލު ފަސްވަގުތު ނާޅައި ނަމާދު ކުރަމުން އެއިން ކޮންމެ ނަމާދެއްގެ ފަހުގައި އާރިން ބަލިން ސަލާމަތް ކޮށްދެއްވުމަށް އެދި ދުޢާ ކުރަމުން ދިޔައީ އެދުވަހެއް ފެންނާނެ ކަމުގެ އުންމީދުގައެވެ. އާރިން ބަލިން ސަލާމަތް ވެއްޖެނަމަ އެއްމަސްދުވަހު ރޯދަ ހިފަން ނަދުރު ބުނި ދުވަހު ތިއާ ވެސް ހުރީ އަޖައިބުވެފައެވެ. އެއް އިންސާނަކު އަނެއް އިންސާނަކު ދެކެ އެހާ މަތިވެރި ދަރަޖައަކަށް ލޯބި ވެދާނެ ކަމުގައި ތިއާ ކުރިން ގަބޫލެއްވެސް ނުކުރެއެވެ. ލޯބި އެއީ އޭނާގެ ނަޒަރުގައި ހަމައެކަނި ވާހަކަ ފޮތްތަކާއި ފިލްމްތަކުގައި ބޭނުންކުރާ ފުލޯކެކެވެ.
ޒޯއީ ހެނދުނު އޮފީހަށް ވަދެގެން އަންނަތަން ފެނިފައި އަމިއްލަ ވާހަކައިގައި ކޮޅަށް ތިބި މުވައްޒަފުންތައް ބިރެއް ފެނިގެން އުޅޭހެން އެކި މީހުން އެކިދިމާއަށް ގޮސް އެމީހެއްގެ މޭޒުދޮށުގައި އިށީންދެއްޖެއެވެ. "ގުޑް މޯނިން މޭމް." ޒޯއީ އަރާ ހަމަވުމާއެކު ރިސެޕްޝަނުގައި އިން ކުއްޖާ ތެދުވެފައި ރީތި ހިނިތުންވުމަކާއެކު ބުނެލިއެވެ. "މޯނިން." ޒޯއީ އެކުއްޖާއަށް ބަލައިވެސް ނުލައި ފަރި ހިނގުމެއްގައި ކެބިން އާއި ދިމާއަށް ދާތަން ސިއްރުން ބަލަން ތިބި ޒުވާނުންގެ އަދަދުވެސް މަދެއް ނޫނެވެ. ކިތަންމެ ބޮޑާވެފައި ހަރުކަށި ޝަހުސިއްޔަތެއް ގެންގުޅުނަސް އެރީތި ސިފައަށް ބަލައިނުލައި މޫނު އަނބުރައިލަން ކެރޭ އެކަކުވެސް އެތާ ނޫޅެއެވެ. ޒުވާން ފިރިހެނުންގެ ހިތްތަކަށް ޒޯއީ ސިހުރެއްފަދައިން ވާއިރު އަންހެން ކުދިންގެ ހިތްތަކުގައި ހަސަދައިގެ ހުޅުކޮޅު ރޯވެ އަނދަމުން ދަނީވެސް ހަމަ އެސިފައިގެ ސަބަބުންނެވެ.
"ކޮބާ އެންމެފަހުން ޖޮބަށް އެޕްލައިކުރި ޖާނަލިސްޓުންގެ ފައިލްތައް؟" ފަހަތުން ކަހަލަ ގޮތަކަށް އައިސް ވަދެފައި ދެއަތް ޖޯޑުކޮށްލައިގެން ކުރިމަތީ ހުއްޓުނު އާޝިޔާގެ މޫނަށް ބަލައިލާފައި ޒޯއީ ސުވާލު ކުރިއެވެ. ގޮނޑީގައި އިށީންދެ ހަމަޖެހިލާފައި މޭޒުގައި ދެއަތް އަޅުވާލަމުން ޒޯއީ ބަލައިލީ ވާސްގައި ޖަހާފައި ހުރި ތާޒާ މާތަކަށެވެ. ޒޯއީ އެތަނުން މަލެއް ނަގާފައި ވަސް ބަލައިލުމުން އެމޫނާއި ޖެހިފައި މަލުގެ ރީތިކަންވެސް ފަނޑުވެގެން ދިޔަހެން އާޝިޔާއަށް ހީވިއެވެ. "ޒޯއީ މޭމް އެފައިލްތައް ބޭނުންވެލައްވާ ވާހަކަ ބުނީމަ އަޅުގަނޑެއް ނޫންތޯ ރޭގައި ގެއަށް ގެންގޮސް ދިނީ." އާޝިޔާ ސީދާ ޒޯއީގެ މޫނަށް ނުބަލަން އެސްފިޔަތައް ތިރިކޮށްލާފައި ޖަވާބުދިނެވެ. "އޯހ." ޒޯއީގެ ނިއްކުރިއަށް ރޫ އަރައިފިއެވެ. މިނޫނީ ދުވަހަކުވެސް އޭނާ އެގޮތަށް ގެއަށް ގެންދިޔަ އެއްޗެއް ހަނދާން ނައްތާލާފައި އައި ކަމެއް ނޭނގެއެވެ. ކަންވީ ގޮތުން ޒޯއީ ކުޑަކޮށް ލަދުވެސް ގަނެއްޖެއެވެ. "ހޫމ. ގެއަށް ގޮސް ބުނޭ އެފައިލްތައް ހަވާލުކުރާށޭ. ތިއާ އުޅޭނެ." އެކަން ނާންގަންވެގެން ދެބުމަ އުފުލާލައިފައި ޒޯއީ އަމުރުކޮށްލިއެވެ. އާޝިޔާ އަދަބުވެރިކަމާއެކު ލައްބައޭ ބުނެފައި ނިކުމެގެން ދިޔަފަހުން ޒޯއީ ވެދިޔަ ކަންތަކާއިމެދު ވިސްނައިލިއެވެ.
އޭނާ ފައިލްތައް މަތިން ހަނދާން ނެތުނީ އައުމުގެ ކުރިން ކުރެވުނު ކޮން ކަމަކާއި ގުޅިގެންބާއޭ ހިތަށް އަރާފައި ހަނދާންކުރިއެވެ. ހުރިހާ ކަމެއްވެސް ހިނގީ ކޮންމެ ދުވަހެއްގެވެސް އާދައިގެ މަތިންނެވެ. އެހެންވީއިރު މިއަދު ތަފާތު ވީ ކޮންކަމެއް ހެއްޔެވެ؟ ނޫނީ ބޮޑު އިންޤިލާބެއް ކުރިމަތިވާން އުޅެނީ ހެއްޔެވެ؟ ޒޯއީ ހިތަށް އެރި އެއްޗަކުން ނުތަނަވަސް ވެގެން ގޮނޑިން ތެދުވެފައި ސާފުވައިކޮޅެއް ހޯދައިލަން ބެލްކަންޏަށް ނިކުމެލިއެވެ.
އާޝިޔާ ދިޔަފަހުން މާގިނައިރެއްނުވެ ފޯން ކުރިއެވެ. ރޮވިފައިވާ އަޑަކުން އާޝިޔާ އެދުނީ ދުވަހުގެ ދެން އޮތްބައި ޗުއްޓީ ދިނުމަށެވެ. އާޝިޔާގެ މަންމަ ކުއްލިއަކަށް އެކްސިޑެންޓް ވެގެން ހޮސްޕިޓަލަށް ގެންދިޔަ ވާހަކަ ބުނުމުން ޒޯއީ ވެސް އިތުރު ބަހެއްނެތި ހުއްދަ ދީފިއެވެ. ތިއާ ފައިލްތައް ހިފައިގެން އަންނަ ޚަބަރު ދީފައި އާޝިޔާ ފޯން ކަނޑައިލުމުން ޒޯއީ އެހެން މަސައްކަތަކަށް އެނބުރިއްޖެއެވެ.
އޮފީހަށް ވަދެފައި ތިއާ ވަށައިގެން ލޯ ހިންގައިލިއެވެ. ދުވަސްގަނޑެއް ކޮށްފައި އައިސް ވަނުމުން ހީވީ މުޅިން އެހެން ތަނެއް ހެންނެވެ. ތިއާ އަތުގައި އޮތް ފައިލްތައް ގެނެސް މޭގައި ޖައްސާލައިގެން ހުރެ ކުރިއަށް ދަނިކޮށް ކޮންމެވެސް މީހަކު ކޮނޑުގައި އަތް ބާއްވައިލުމުން އެނބުރި ބަލާލައިފައި ދެލޯ ބޮޑުކޮށްލިއެވެ.