"މޯމް! ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟ ޒަކްވާން އާއި ލުޖައިން ކޮންގޮތަކުން އެކަށީގެން ވާނީ؟ އެދެމެދުގައި އުޑާއި ބިމުގެ ފަރަގު ހުންނާނެ. ޒަކްވާން އަކީ ނުހަނު މޮޑަން ލައިފް ސްޓައިލެއް ގެންގުޅޭ ކުއްޖެއް. އޭނާގެ ހިޔާލާއި އުޅުންވެސް އެފަދަ. އެކަމަކު ލުޖައިން އެއީ ރަށްފުށުގެ ކުއްޖެއް. މަންމައަށް ކުށްހީއެއް ކުރެވިގެން ތިއުޅެނީ. އަހަންނަށް ހިއެއްނުވޭ ޒަކްވާން އެފަދަ ނަޒަރަކުން ދެކިދާނެހެނެއް. ފަހަރުގައި ކްރަޝްއެއް ނޯވެދާނެއެކޭ ނޫން. އެކަމަކު މަންމަ ތިދައްކަނީ ކައިވެނީގެ ވާހަކައޭ. އެއީ މުޅިއުމުރަށް ޖެހިގެންދާ ނޮޓްއެއް. ހަމަ ފުރަތަމަ ކްރަޝް އޮންނަ ކޮންމެ ކުއްޖަކަކާއި ކައިވެނި ކުރަންވެއްޖެއްޔާ ފަހުން އެހެން ކުއްޖަކު ފެނިގެން ޑިވޯސްވާ ހިސާބަށް ގޮއްސަ އޮންނާނީ." ޒޯއީ ޝަކީބާގެ ވިސްނުން ބަދަލު ކުރަން މަސައްކަތް ކުރިއެވެ.
"ޒޯއީ! އިޓްސް ޑިސައިޑެޑް. ދެޓްސް އޯލް." ޝަކީބާ އެހެން ބުނެލާފައި ދިއުމުން ޒޯއީއަށް ހީވީ މޫނުގައި އެތިފަހަރެއް ޖެހި ހެންނެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް މަންމަ އެދިޔައީ އޭނާގެ އެދުމަކާއި ދެކޮޅު ހަދާފައެވެ. ޒޯއީގެ ލޮލުގައި ކަރުނަ ގިނަވެގަތެވެ. އޭނާ ކުރަން ބޭނުންވި ކަމެއް ނާކާމިޔާބު ވިތަން މިނޫނީ އަދި ނުދެކެއެވެ. "ލުޖައިން. ހުރިހާ ކަމެއްވެސް މިވަނީ ހަމަ ކަލޭގެ ސަބަބުން.. ފުރަތަމަ ދުވަހުވެސް އަހަރެން ކަލޭ ދެކެ ގަޔާނުވީ މިދުވަސް އަންނާނެކަން އިނގޭތީ. ތިޔަކަހަލަ އަންހެންކުދިން ހަމައެކަނި އެދުމަކަށް ވާނީ މުއްސަދި ކުދިން ވާވައްދައިގެން އަރާމު ދިރިއުޅުމެއް ހޯދުން.. އެކަމަކު ތިކަން ކާމިޔާބުވިޔަކަ ނުދޭނަން. އައި ވިލް ސްޓޮޕް ޔޫ ލުޖައިން.. އައި ޕްރޮމިސް." ޒޯއީ ލުޖައިންއަށް ބަލަން ހުރެ ހިތާއިހިތުން އެތިވަރު ގޮވާލާފައި ދިޔައިރު އެކި ހިޔާލުތައް ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ފާޅުގައި އެކަން ނުހުއްޓުނީވިއްޔާ މޮޅު ރޭވުމަކުން ނަމަވެސް އޭނާ އެކަން ހުއްޓުވާނެއެވެ.
ދުވަސްތަކެއް ފާއިތުވެގެން ދިޔައިރު އާރިން އާއި ލުޖައިންގެ މެދުގައި ހިސާބެއްގެ ފާރެއް ލެވިއްޖެއެވެ. ޝަކީބާ އެވާހަކަ ދެއްކިފަހުން ލުޖައިން ހަމަ ގަސްތުގައި ދުރުވެގެން ހުންނަނީއެވެ. ހިތް އެދެނީ ދުވާލު ހަތަރުދަމުވެސް ލޯބިވެރިޔާގެ ސޫރަ ދެކެލުމަށެވެ. އެރީތި އަޑު އަހާލުމަށެވެ. އެހެނަސް ލުޖައިން އަކީ ކެތްތެރި އެކެވެ. އާރިން ކައިރީގައި ކިޔެވުމުގެ ބަހަނާ ދައްކާފައި އޭނާ ދުރުދުރުން އުޅެނީ ޝަކީބާއަށް އެދެމެދުގައި މިހާރުވެސް ގުޅުމެއް އޮތްކަން ނާންގަން ވެގެންނެވެ. ހަފްތާއެއް ވެގެންދާއިރު އެންމެ ފޯނެއް ކޮށްލައިގެންވެސް އެބަ ފަރުޖައްސާލައެވެ. ޝަކީބާ އެވާހަކަ ދެއްކިތާ ދުވަސްކޮޅެއް ފަހުން ލުޖައިންގެ މަންމަ ގުޅާފައި އާރިން ދޫކޮށްލުމަށް އެދުނު ހިސާބުން އޭނާއަށް ފާޑަކަށް މަޖުބޫރުވީއެވެ. މަންމަގެ ނަސޭހަތަކީ ޝަކީބާ ނުރުހޭ ކަމެއް އޭނާ ނުކުރުމަށެވެ. ކާންދޭ އަތުގައި ދަތްއަޅައިގެން އޭނާއަށް ކުރި ލިބޭނީ ކިހާ ދުވަހަކު ހެއްޔެވެ؟ ކޮންމެ ގޮތެއްވިއަސް ޝަކީބާ އެއީ މިއަދު އޭނާގެ މަންމަގެ ދަރަޖަ ދެވިފައިވާ މާތް މީހެކެވެ. އުފަން މަންމައަކުވެސް ދަރިއަކަށް ކަންތައް ނުކޮށްދޭހާ ލޯބިން ޝަކީބާ ލުޖައިންއަށް ހުރިހާ ކަމެއް ކޮށްދެއެވެ. އޭނާއަށް ނުވިސްނެނީ އޭގެ ފަހަތުގައި ޝަކީބާގެ އަމިއްލަ އެދުމެއް ފޮރުވިފައިވާ ކަމެވެ.
އަނެއްކޮޅުން ޒަކްވާން އާއި ލުޖައިންގެ އެކުވެރިކަން ދުވަހަކަށް ވުރެ ދުވަހެއް ބަދަހި ވަމުން ގާތްވަމުން އާދެއެވެ. އެކުދިން އެކުގައި ހޭދަ ކުރާ ވަގުތުތައް ގިނަވެ ޒަކްވާންގެ ހިތް ލުޖައިންއަށް ލެނބެމުން އައެވެ. ލުޖައިން ފިކުރެއް ހިޔާލެއްނެތި ޒަކްވާންގެ ކުރިމަތީ އުޅޭއިރު އޭނާގެ ކޮންމެ އަދާއެއް ކޮންމެ ބަހަކާއި ހަރަކާތެއް ޒަކްވާންގެ ހިތުގައި ބިންވަޅު ނެގެމުން އަންނަކަން ރޭކާވެސް ނުލައެވެ.
ރޭގަނޑެވެ. ލުޖައިން ހޯމްވޯކްތައް ނިންމާފައި ކޮޓަރިން ނިކުމެލީ ތިއާގެ ޚަބަރެއް ނުވެގެންނެވެ. ކުޑައިރުކޮޅެއް ކުރިން ތިއާއަށް މެސެޖްކޮށްލާފައި އެކޮޓަރިއަށް އަންނަން ބުނެގެން ކުޑަމިނުން ޖަވާބެއްވެސް ނައެވެ. ލުޖައިން ނިދަންލާ ސޯޓުކޮޅުގައި ހުރުމުން ވަށައިގެން ނަޒަރެއް ދެވުނެވެ. ފެންނަ ހިސާބުގައި އެކަކުވެސް ނެތްކަން ޔަގީންވުމުން އަވަހަށް ދުވެލާފައި ގޮސް ތިއާ ކޮޓަރިއަށް ވަދެ އެތެރެއިން ދޮރު ލައްޕައިލިއެވެ. ތިއާ ހެޑްސެޓްޖަހާފައި އަދި މޫނުގައި ބާލީހެއްވެސް އަޅައިގެން އެނދުގައި އޮތުމުން ލުޖައިންގެ ހިލަމެއް ނުވިއެވެ. އެވަގުތު ލުޖައިން ގޮސް ކައިރިވެލާފައި ތިއާގެ ފަލަމަސްގަނޑުގައި ވިކައިގަތުމުން ފުންމައިގެން ތެދުވިއެވެ. "ވަޓް ދަ **" އިޚުތިޔާރެއްނެތި ބުނެވުނު އެއްޗަކުން ތިއާ ފާޑަކަށް އަނގަ ހަދާލައިފައި އަނެއްކާ އެނދަށް ވެއްޓިގަތެވެ. "ހެހެހެ ހާދަ ބިރެކޭ ތިގަތީ." ލުޖައިން ތިއާގެ ކައިރީގައި އޮށޯވެލަމުން ތިއާ ކަންފަތުގައި އިން ހެޑްސެޓަށް ދަމައި ނައްޓައިލިއެވެ. "އެހެންނުވާނީ ކުރިން ރެއަކުވެސް..." ތިއާ އެހިސާބަށް ބުނެ ހުއްޓައިލާފައި ތެދުވެ ފަލަމަސްގަނޑުގައި ނޫވެފައި ހުރި ތަންކޮޅުގައި ފިރުމައިލިއެވެ.
"ކުރީ ރެއަކު ކިހިނެތްވީ؟.. އޭ ތިއެއްނޫން އީތަން އާއި ދެމީހުން ޑިނަރއަށް ގޮއްސަ ވީގޮތެއް ކިޔައެއްވެސް ނުދޭ. މިހާރު ކޮން ދުވަހެއް އޭގެފަހުން. އީތަން ނުވެސް އާދޭ ދޯ މިގެއަކަށް. އެރޭ ކިހިނެތްތަވީ؟" ލުޖައިން އެވާހަކަ ފެށުމުން ތިއާގެ ކުލަވަރު ރީނދޫވިތަން ފެނިފައި ލުޖައިންއަށް ޔަގީންވިއެވެ. ކޮންމެވެސް ކަމެއް ނުހިނގާނަމަ ތިއާ އެވާހަކަ ނުބުނެ އޮއްބާލައިފައި ނުބާއްވާނެއެވެ.
"ވެލް.. އެންމެ ފުރަތަމަ އޭނަ މިސްޓަރ ޕަރފެކްޓް ހެދިގެން މަށަށް ޑިނަރ ރެޑީކޮށްފަ ސާވް ކުރީ. އެވަރުން ނިމުނީއެއްނޫން މަޢާފަށް އެދި ބަހައްޓާފަ އެކުވެރިވާންވެސް ހުށައެޅި. ދެން އެންމެފަހު ވަގުތު ގުޑްބައި ކިޔަން ދޮރުންވެސް ނިކުތްފަހުން ހުރިހާކަމެއް ރުއިން ކޮށްލީ." ތިއާ ވާހަކަ ދައްކަމުން ފަހު ޖުމްލަ ބުނެފައި ތުން އަނބުރައިލިއެވެ. އެރޭގެ އަސަރު ތިއާގެ ހިތުން އަދިވެސް ފިލާ ނުދެއެވެ. އީތަންގެ ވާހަކަ ފަށާއިރަށް މިހާރުވެސް އެދެލޮލުން ރުޅިވެރިކަން ފާޅުވާން ފަށައިފިއެވެ. "ކިހިނެތް ރުއިންކޮށްލި ވާހަކައެއް ތިބުނީ؟" ލުޖައިން ވާނުވާގަ އިނދެފައި އިތުރަށް އޮޅުން ފިލުވަންވެގެން އެހިއެވެ. "ހީ ކިސްޑް މީ." ތިއާގެ ޖަވާބު އަހާފައި ލުޖައިން ދެލޯ ބޮޑުކޮށްލައިފިއެވެ. "ތިބުނީ ހަމަ ކިސް ކުރީއޭތަ؟ އިންގްލިޝް މޫވީސްތަކުގަ ފެންނަ ކަހަލަ ރިއަލް ލިޕް ކިސް އެއްތަ؟" ލުޖައިން އެސުވާލު ކޮށް ނިމުނުއިރު ކޯތާފަތަށް ރަތް އަރައިފިއެވެ. ތިއާ ޖަވާބުގައި ދެ ބުމައަރުވައިލިއެވެ. "އޯ މައި ގޯޑް!" ލުޖައިން ފުންމައިގެން ތެދުވިގޮތުން ތިއާވެސް ސިހުނެވެ. "އެކަމަކު ހިއެއްވެސް ނުވޭ." ލުޖައިންއަށް ގަބޫލުކުރަން ދަތިވިއެވެ.
"ޔޫ ނޯ ވަޓް ލޫލޫ.. ކުޑައިރުކޮޅަކަށް އަހަރެންނަށް ގަބޫލު ކުރެވުނު އީތަން ބޮޑުވެ ހަރުދަނާވީމަ ކުރީގެ ގޮތްގަނޑު ނެތި މުޅިން ޗޭންޖްވީއޭ. އެހާ ރަނގަޅަށް ކަންތައް ކުރީ. އެކަމަކު ފަހު ވަގުތު ހަޤީޤީ ކުލަވަރު ދައްކާލައިފި. ހާދަ ރުޅިއެއް އައޭ. ޔަޤީން އޭނައަށް ވަރަށް ތަދުވާނެ. އެހާ ބާރަށް މޫނުގައި ޖަހާފަ އަހަރެން އައީ." ވާހަކަދައްކަމުން ގޮސް ފަހު ޖުމްލަ ބުނި އިރު އަޑަށް ވެރިވި މޮޅިވެރިކަމަމުން ޚުދު ތިއާ ވެސް ހައިރާންވެއްޖެއެވެ. "ޑިޑް އައި ސައުންޑް ލައިކް އައި ރިގްރެޓް އިޓް؟" ތިއާއަށް އަހައިލެވުނެވެ. އުހމްމްމްމްމް..." ލުޖައިންއަށްވެސް އެކަން ފާހަގަ ކުރެވުމުން ދޮގު ހަދާކަށް ބޭނުމެއް ނުވިއެވެ. "ޝިޓް.." އަތުގައި ޖެހުނު ބާލީސް ދުރަށް ހޫރާލާފައި ތިއާ ތެދުވެގެން ގޮސް ބެލްކަންޏަށް ނިކުތެވެ. އެދުވަހު އީތަން އެޕާޓްމަންޓަށް ވަންނަން ދަނިކޮށް ހިނގި ކުޑަ އެކްސިޑެންޓް މަތިން ހަނދާންވީ އެވަގުތުއެވެ. ތިއާ ލުޖައިންއަށް ގޮވާލާފައި އަވަހަށް އައިސް ދިނުމަށް އެދުނެވެ.
"ކިހިނެތްވީ؟" ލުޖައިން ޝައުޤުވެރި އަޑަކުން އަހައިލިއެވެ. "އެރޭ އަހަރެން އީތަން އާއި މީޓްކުރަން ދަނިކޮށް އާރިން ގައިގަ ލައިގަތީ. ލޫލޫ. ހީ ވޯޒް ސޭމް ލައިކް އާރީ. ހަމަ އެއްވެސް ތަފާތެއް ނެތް. އާރީގެ ޓްވިންއެއް ހުންނަކަމެއް އެނގޭތަ؟" ތިއާ އެގޮތަށް ވާހަކަ ދެއްކުމުން ލުޖައިން ފުރަތަމަ ސީރިއަސް ކޮށެއް ނުނެގިއެވެ. "ވެދާނެ އެއްނު އެއީ އާރީ ކަމަށް. އޭނަވިއްޔާ ހުޅުމާލެއަށް ގޮސްގެން ނުވޭތަ؟" ލުޖައިން ހީލިއެވެ. "އާރީ ނަމަ އަހަރެން މީ ދަންނަ ކުއްޖަކަށްވެސް ހަދާނުލާ ދިޔައީ ކީއްވެ؟ އަދި ކޮބާ އޭނަ އަޅައިގެން ހުރީވެސް ޕޮލިސް ޔުނީފޯމް. ލޫލޫ ނުބުނަމެއްނު އާރީ ޕޮލިހަށް ޖޮއިން ކުރި ވާހަކައެއް." ތިއާ ހުރީ ރަނގަޅަށް ވެސް ސީރިއަސް ވެފައެވެ. މިހާ ދުވަހު އޭނާ އެހުރީ އެހާދިސާ މަތިން ހަނދާން ނެތިފައެވެ. ތިއާ ފަހުން ބުނި އެއްޗަކުން ލުޖައިންއަށްވެސް ވިސްނައިލެވުނެވެ. އާރިންފަދަ މުއްސަދި އާއިލާއެއްގެ ކުއްޖަކު ޕޮލިހުގައި މަސައްކަތް ކުރާނެހެން ހާދަ ހީނުވެއެވެ. އެހެން ނޫނަސް ތިއާ ފެނިގެން އާރިން ވާހަކަ ނުދައްކައެއް ނުދާނެއެވެ. "ތިއާއަށް ހަމަ ޔަގީންތަ އެއީ އެހެން ކުއްޖެއް ނޫންކަން.؟" ލުޖައިންއަށް އަނެއްކާ ސުވާލު ކުރެވުނެވެ. "ހަންޑްރެޑް ޕަސެންޓެއް ނުދެވޭނެ އެކަމަކުވެސް އައެމް ނައިންޓީ ޕަސެންޓް ޝުއަރ." ތިއާ އޭނާގެ ލޮލަށް ފެނުނު ކަންތައް ދޮގެއް ނުކުރެއެވެ.
ދެކުދިން އަމިއްލަ ވާހަކައިގައި ތިއްބާ ޝަކީބާ އައިސް ލުޖައިން ހާރުކާން ކާއެއްޗެހި އަލަމާރިއަށް ނެގި ވާހަކަ ބުނެފައި ދިޔައެވެ. އޭނާ ނަދުރު ރޯދަތައް ހިފަން ފެށިފަހުން ކޮންމެ ރެއަކުވެސް ކަނީ ބާރަ ޖަހާލާކަންހާއިރެވެ. ޖެހިގެން އޮތީ އޭނާ ހިފަންޖެހޭ ފަހު ރޯދައެވެ. އާރިން ހަމަ ރަނގަޅުވުމާއެކު ލުޖައިން އެންމެ ދުވަހެއްވެސް ދޫކޮށްނުލައި ހުރިހާ ރޯދައެއް ހިފައި ހަމަކޮށްލަނީއެވެ. ޝަކީބާމެނަށް ހީވެފައި އޮތީ އެއީ ރޯދަމަހުން ފާއިތުވީ ރޯދަކަމަށެވެ. ހަޤީޤަތް އެނގެނީ އެކަނި ތިއާއަށެވެ. ލުޖައިން އާރިން ކައިރީވެސް އެރޯދަތަކުގެ ވާހަކައެއް ނުބުނެއެވެ.
ހަވީރުގެ ވަގުތު ތިއާ ވަރަށް އާދޭސްކޮށްގެން ބޭރަށް ދިއުމުގެ ހުއްދަ ލިބުނު އިރު އެކުގައި ލުޖައިން އާއި ޒަކްވާން ގެންދަން ޝަރުތު ކުރިއެވެ. ފަހެއް ޖަހަން ކައިރިވެފައި ހުއްޓައި އެމީހުން ކާރުގައި ނައްޓާލައިގެން މާލޭގެ މަގުތަކުގައި ދުއްވަމުން ގޮސް ތިއާ އަނބު މަޖާ ކާހިތުން ގާޑިޔަލެއް ކައިރިއަށް މަޑުކޮށްލިއެވެ. ތިއާ ލުޖައިންއަށް ވުރެ ކުރިން ގޮސް އަނބުމަޖާ ތައްޓެއް ނަގައިގެން ތޮށިގަނޑުމަތީ އިށީންދެ އިންދާ އެދިމާއަށް އައި ސުހާ ފެނިގެން އަވަހަށް ދުވެފައި ދިޔައެވެ. ޒަކްވާން ބަހަނާ ދައްކާފައި އެކައްޗެއްވެސް ނުނެގިއެވެ. ލުޖައިން އަނބުމަޖާ ކަމުން ޗޯސްދަމާތަން ފެނުމުން ޒަކްވާން ލާނެތް ހިނިއައިސްފައި ކައިރީގައި ބަލަން ހުއްޓެވެ. އެރީތި ލޮލުން ފެން އައިތަން ދެކެފައި އޭނާއަށް އިޚުތިޔާރެއް ނެތި ޓިޝޫއެއް ނަގައި ހިއްކާލަދެވުނެވެ. އެވަރުންވެސް ލުޖައިންގެ ޅަ ސިކުނޑިއަށް އެކައްޗެއް ނޭރިއެވެ. ލުޖައިން ލުއި ހީލުމަކާއެކު ތޭންކްސް އޭ ބުނެފައި ހުއްޓާނުލައި އަނބުމަޖާ ތަށި ހުސްކޮށްލެވޭތޯ އުޅުނެވެ. ކައިރި ހިސާބުގަނޑުގައި ޤުރޫޕް ޤުރޫޕަށް ހަރަކާތްތެރި ވަމުންދިޔަ އެތައް އަންހެންކުދިންގެ ލޯތައް ޒަކްވާން އާއި ލުޖައިންއަށް ހުއްޓެމުން ދިޔައީ ސަބަބެއް ނެތިއެއް ނޫނެވެ. މުޅި އެހިސާބުގައި ވެސް އެހާ ގުޅޭ ރީތި ޖޯޑެއް ނެތެވެ.
"ތިއާ.. ލުކް.. އެއޮތް ދަނީ މަގޭ ކޮޕް." ކެޒުއަލްކޮށް ޑްރެސްކޮށްފަ ހުންނައިރުވެސް ލޯބިކަން ބަލާބަލަ" ސުހާ ވާހަކަދައްކަން ހުރެފައި މަގުމައްޗަށް ނަޒަރު ހުއްޓާލި ތަނުން ކާރަކުން ނިކުތް ޒުވާނާ ފެނިގެން އަވަސް އަވަހަށް ބުނެލިއެވެ. ތިއާ ބަލައިލި އިރު އޭނާ ފުރަގަސްދީފައި ގޮސް އެންމެ ކައިރީގައި އޮތް ގޯޅިން އަޅަނީއެވެ. އެވަގުތު އެޒުވާނާގެ ބަދަލުގައި ތިއާގެ ސަމާލުކަން ދަމައިގަތީ ޒުވާނާ ނިކުމެގެން ދިޔަ ކާރުގައި އިން އީތަން އެވެ. އީތަން ލޮލުގައި އަޅާފައި އިން މައްޗަށް ޖައްސާލައިފައި ވަށައިގެން ލޯ ހިންގައިލި ވަގުތު އޭނާއަށްވެސް ތިއާ ފެނިއްޖެއެވެ. "ތި ބޯއިގެ މޫނު ފެންނަވަރެއް ނުވިއެއްނު." ތިއާ އީތަންއަށް ބަލަން ހުރެގެން ބުނެލިއެވެ. އެވަގުތު ސުހާ ކުއްލިއަކަށް އަތުގައި ހިފެހެއްޓުމުން ތިއާގެ އަތުގައި ހުރި އަނބުމަޖާ ތަށިން އަތް ދޫވެގެން ބިންމައްޗަށް ވެއްޓިއްޖެއެވެ.
"އައުޗް!" ތިއާ ތަށިވެއްޓި ޖެހުނު ދިމާއަށް ބަލައިލައިފައި އިސްއުފުލާލިއިރު އީތަން ކާރުގައި ގޮސް ލޯމަތިން އޮބާލަނީއެވެ. ތިއާގެ ހިތުގައި ނޭނގޭ ރިހުމެއް އުފެދުނެވެ. އީތަން އެގޮތަށް އަޅާނުލައި ދިއުމުން ވާންވީ އުފަލަށްވުރެ ބޮޑަށް އޭނާއަށް އެހެން އުދަނގުލެއް ވެއްޖެކަމުގައި އަމިއްލަ ނަފްސްވެސް ގަބޫލު ކުރިއެވެ.
"ސުހާއަށް އިނގޭތަ އެޕޮލިސްކުއްޖާގެ ނަން؟" ތިއާ އީތަންގެ ހިޔާލު ހިތުން ނެރެ އެއްލައިލާފައި ގޮސް މީރުބިލެތް ގަނޑަކަށް އޯޑަރދީފައި އެހިއެވެ. "ތިއާއަށް ހީވޭތަ މަ އޭނާގެ ނަން ނުހޯދައި ހުންނާނެހެން. އާރިން ކިޔަނީ." ސުހާ މަލެއްހެން ފޮޅިލާފައި ޖަވާބުދިނެވެ. އެއަޑު އަހާފައި ތިއާ ސިހުނު ވަރުން މުސްކުޅިޔާ ދިއްކޮށްލި ބިލެތްގަނޑުގައި ރަނގަޅަށް ހިފެހެއްޓުނީވެސް ކިރިޔާއެވެ. "ޔަޤީންތަ؟" ތިއާއަށް ޤަބޫލެއް ނުކުރެވުނެވެ. "ހަންޑްރެޑް ޕަސެންޓް ޔަޤީން. މަށަށް އެނގޭ އޭނާގެ އިތުރަށް އެހެން ދެކުއްޖަކުވެސް އެގޭގައި އުޅޭކަން. އެކަމަކު އާރިންގެ ނަން އެކަނި އިގެނީ." ސުހާ ޔަޤީންކަމާއެކު ވާހަކަދެއްކިއެވެ. "ދެންމެ ކާރުގައި އެއިނީވެސް އޭނާގެ ހޯމްމޭޓެއް ދޯ." ތިއާ އިތުރަށް ތަހުޤީޤު ކުރިއެވެ. ސުހާ ބޯ ޖަހައިލާފައި ބިލެތްގަނޑުން އެއްފަޅި ކަފާލައިގެން މީރުކޮށް ކާންފަށައިފިއެވެ. ލުޖައިން އާއި ޒަކްވާން އައިސް އިތުރު ބިލެތްގަނޑަށް ނަގައިގެން ކައިނިންމާލައިފައި އެންމެން ގެއަށްދާން ނައްޓާލި އިރު ތިއާގެ ހިތުގައި ވީ އެކަނި އާރިންގެ ހިޔާލެވެ. ކަންތައްތައް ހިނގާ ދިޔަ ގޮތުން ތިއާއަށް ޝައްކުވަނީއެވެ. ކޮންމެވެސް ނުބައެއް އެބައުޅެއެވެ. އާރިން ކަމެއް ސިއްރުކުރާހެން އޭނާއަށް ހާދަ ހީވެއެވެ.
ތިއާމެން ގެއަށް ދިޔަ އިރު ޒޯއީ ލިވިން ރޫމްގައި އިނދެފައި ފެންވަރަން ދާންވެގެން ތެދުވަނީއެވެ. ތިއާއަށް އެކަން އެނގިގެން ކޮޓަރިއަށް ވަދެ އިރުކޮޅަކު މަޑުކޮށްލާފައި ޒޯއީ ފާޚާނާއަށް ވަންނަހާ އިރު ވުމުން އެކޮޓަރިއަށް ވަނެވެ. ތިއާ ޒޯއީގެ ފޯނު ހޯދާލައިގެން އީތަންގެ ނަންބަރު ނޯޓް ކުރިއެވެ. އެނބުރި އައިސް ކޮޓަރިއަށް ވަންއިރު ހިތް ތެޅެމުން ދިޔައީ ނުހަނު ބާރަށެވެ. އާރިންގެ ވާހަކަ އަހަން އީތަންއަށް ގުޅަން ކިތަންމެ ބޭނުންވިއަސް އޭނާ ފަސްޖެހޭ ގޮތްވިއެވެ. ހިނގާދިޔަ ހާދިސާއަށްފަހު އީތަން އޭނާއާއި ވާހަކަ ނުދައްކައިފިއްޔާ ހަދާނީ ކިހިނެތް ހެއްޔެވެ؟
ތިއާ އެތައް އިރަކު ވިސްނަން ހުރެފައި ލިވިންރޫމްގައި ހުރި ކޯޑްލެސް ފޯން ހިފައިގެން ބެލްކަންޏަށް ނިކުތެވެ. ތެޅިތެޅި އޮތް ހިތަކާއެކު އޭނާ އީތަން ނަންބަރަށް ޑައިލްކޮށްލާފައި ކަންފަތުގައި ޖެހިއެވެ. "ހޭ އީތަން. އިޓްސް މީ. ތިއާ." އީތަން ފޯން ނަގައި ހެލޯއޭ ބުނެ ނިމޭއިރަށް ތިއާ ބުނެލިއެވެ. "އޯހ." އީތަން ހަމައެކަނި ބުނެލީ އެހެންނެވެ. އެއަށްފަހު ފުން ހިމޭންކަމެއް އެދެމެދަށް ވެރިވެގެން ދިޔައެވެ. ތިއާ ދައްކަން ބޭނުން ވާހަކަތައް އެހާވަރަށް ރާވައިގެން ހުއްޓާވެސް އީތަންގެ އަޑު ޖެހުމާއެކު ސިކުނޑި ހުހަށް ދިޔައެވެ. "ލުކް. ތިއާ. އައި ވޯނަ އެޕޮލޮޖައިސް. އައެމް ރިއަލީ ސޮރީ...." "ތިވާހަކަ ދައްކާނީ ފަހުން... އަހަރެން މިގުޅީ އެހެން ކަމަކު." އިރުކޮޅެއްގެ ހިމޭން ކަމަށްފަހު އީތަން ވާހަކަ ފެށުމުން ތިއާ މެދުކަނޑާލިއެވެ. "އަވަހަށް ބުނޭ.. ވިލް ޑޫ އެނީތިން ފޯ ޔޫ..." އީތަންގެ ޖުމްލަ ތިއާގެ ހިތާއި ކުޅެލިއެވެ. ފާޑަކަށް އަތްފައި ފިނިވެ ހިތް އަދިވެސް އަވަސްވިއެވެ. އީތަން އޭނާގެ މަޢާފު ހޯދަން ކޮންމެފަދަ ދަރަޖައަކަށްވެސް ދާން އެހުރީ ތައްޔާރަށެވެ. އޭނާއަކީ ހަމަ އެހާ މުހިންމު ފަރާތެއް ބާވައެވެ.
"އަހަރެން ބޭނުމީ ބައްދަލުކުރަން. ތިއެޕާޓްމެންޓުން. އީތަން އެކަނި ހުއްޓާ. ކޮންއިރަކުން ފްރީ ވާނީ؟" އެވާހަކަތައް ތިއާ ދެއްކީ ހިތާއި މުޅިން އެއްކޮޅަކަށް ނޫނެވެ. ހަޤީޤަތުގައި އީތަންގެ ކުރިމައްޗަށް އަރާނެ ހިތްވަރެއް ތިއާގެ ނެތެވެ. އެކަމަކު އެކުވެރިޔާއަށް ޓަކައި އޭނާ އެކަން ކުރަންވެސް ތައްޔާރެވެ. "މިހާރުވެސް އެކަނި މިއުޅެނީ. އެހެންމީހުން އަންނާނީ ތަންކޮޅެއް ފަހުން. ހައު އެބައުޓް ނައު؟" އީތަން ބުނެލިއެވެ. ތިއާ ގޮތެއް ރާވައިލާފައި އެއްބަސްވިއެވެ.
ބޭރަށް ނިކުމެ ލުޖައިން ކައިރީ ތައްޔާރުވާން ބުނެފައި ތިއާ ދިޔައީ ޝަކީބާ ކައިރިއަށެވެ. ލުޖައިންގެ ބޭބެ ޝާމިސް އެދެމީހުން ހުޅުމާލެއަށް ގެންދަން ބޭނުންވާހަކަ ބުނެ ވާހަކައެއް ހަދާލައިގެން ޝަކީބާއަށް އޮޅުވާލިއެވެ. އިރުކޮޅަކުން ލުޖައިން ތައްޔާރުވުމުން ތިއާވެސް ކޮޓަރިއަށް ވަދެފައި ނިކުތީ ފިޔާތޮށި ގަމީހަކާއި ހުދު ސްކިނީއެއްގައެވެ. އިސްތަށިގަނޑު މިނިވަންކޮށް ދޫކޮށްލައިފައި ކުޑަކޮށް މޭކަޕްވެސް ބޭނުންކޮށްފައި ހުއްޓެވެ. "ޑަބަލް ޑޭޓްއަކަށްތަ މިދަނީ؟" ތިއާ އެހާ އަވަހަށް ހެދުންވެސް ބަދަލުކޮށް ރީތިވެގެން ނިކުތުމުން ލުޖައިންއަށް އަހާލެވުނެވެ. ތިއާ ޖަވާބެއް ނުދެއެވެ. އެކަމަކު ލުޖައިން ބުނި އެއްޗަކާމެދު ވިސްނައިލެވުނެވެ.
ދެ އަންހެންކުދިން ގޮސް ދޮރުމަތީ ހުއްޓިފައި ތިއާ ބެލް ޖެހިއެވެ. ދާދި އަވަހަށް އީތަން ދޮރު ހުޅުވާލައިފިއެވެ. އެވަގުތު އީތަން ފެނިގެން ލުޖައިން އަޖައިބުވިއެވެ. ތިއާ ދެވަނަ ފަހަރަށް އީތަންގެ ކުރިމައްޗަށް އަންނާނެ ކަމަށްވެސް އޭނާ ހިއެއްނުކުރެއެވެ. "ފެންފޮދެއް ގެނެސްދޭންވީނު. ވަރަށް ތާސްޓީ." ތިއާ އީތަންގެ މޫނަށް ނުބަލައި ވަށައިގެން ލޯ ހިންގައިލާފައި އެހިއެވެ. އީތަން ލުޖައިންއަށް ހިނިތުންވުމެއް ހަދިޔާކޮށްފައި ބޯ ޖަހައިލުމަކާއެކު ގޮސް ބަދިގެއަށް ވަނެވެ. ދެއަންހެންކުދިން ސޯފާގައި ތިބެފައި އީތަން ފެންފުޅިއަކާއި ތައްޓެއް ގެނެސް ދިނުމުން ތިއާ ފެންބޮއިގެން ދެން އެދުނީ ފާޚާނާއަށް ދާށެވެ. ލުޖައިން އިނީ ތިއާ ކުރަން އެއުޅޭ ކަމެއް ނޭނގިގެން ހައިރާންވެފައެވެ. "ޓޯކް ޓު ހިމް." ތިއާ ލުޖައިންގެ ކަންފަތް ދޮށުގައި އެހެން ބުނެލާފައި ތެދުވެގެން ގޮސް އެމީހުން ނުބަލާ ވަގުތު އެހެން ކޮޓަރިއަކަށް ވަނެވެ.
އަލަމާރި ހުޅުވާފައި ބަލާލި ތަނުން ކޮނޑުގައި އަޅުވާފައި ހުރި ޕޮލިސް ޔުނީފޯމް ފެނިގެން ތިއާއަށް އެނގުނެވެ. ނަސީބު ރަނގަޅުކަމުން ފުރަތަމަވެސް އެވަދެވުނީ އާރިންގެ ކޮޓަރިއަށެވެ. ފާރުގައި ހަރުކޮށްފައިވާ ފޮޓޯ ލޯގަނޑު ފެނުނީ އަދި އޭގެ ފަހުންނެވެ. އެހިސާބުން ތިއާއަށް ޔަޤީންވިއެވެ. އެއީ އާރިންއެވެ. އެކަމަކު އާރިން އަމިއްލަ ގޭގައި ނޫޅެ ހުޅުމާލެއިން އެޕާޓްމެންޓެއް ހިފައިގެން އުޅެނީ ކީއްވެ ހެއްޔެވެ؟ ގޭގެ ވިޔަފާރި ތެރެއަށް ނުވަދެ ޕޮލިހުގައި އުޅެނީ ކީއްވެ ހެއްޔެވެ؟ ތިއާ އާރިންގެ ޑްރޯވަރ ހޯދަމުން ގޮސް ފޮތެއްގައި އަތްޖެހިގެން ނަގާފައި ބަލައިލިއެވެ. ފޮތް ހުޅުވާލިއިރު އެތެރޭގައި އޮތް ލުޖައިންގެ ފޮޓޯގަނޑު އެއީ ޔަޤީންނުވެ އޮތް އެއް ޕަސެންޓްވެސް އިތުރުކޮށް ސަތޭކައަށް ބަދަލުކޮށްދިން އެއްޗަކަށް ވެގެން ދިޔައެވެ.
"މި އެޕާޓްމެންޓްގައި ދެން އުޅެނީ ކޮންބައެއް؟" ތިއާ ސިއްރު ސިއްރުން ނިކުމެފައި އައިސް އީތަން ކުރިމައްޗަށް ހުއްޓި އަހައިލިއެވެ. "އާރިން އާއި އޭނާގެ ރަށު ކުއްޖެއް." އީތަން އެޖަވާބު އަހާފައި ލުޖައިން ފުންމައިގެން ތެދުވިއެވެ. "ލޫލޫ. އިޓްސް ހިމް. އާރިން. އަހަރެން މިއައީ އޭނާގެ ރޫމަށް ވަދެ ބަލާފަ. އެބަހުރި އާރިންގެ ޔުނީފޯމްވެސް. އަދި ޑްރޯވަރގައި އޮތް ފޮތެއްގައި ލޫލޫގެ ފޮޓޯއެއްވެސް." ތިއާ ޔަޤީންކަމާއެކު ބުނެލިއެވެ. އީތަން ތިއާގެ ވާހަކައިން ހައިރާންވެފައި ބަލަން އިންދާ ގޭގެ ބެލް ޖަހައިލި އަޑަށް އެންމެންގެ ސަމާލުކަން އެދިމާއަށް ދިޔައެވެ. އީތަން ދެ އަންހެންކުދިންގެ މޫނަށް ބަލައިލާފައި ގޮސް ދޮރު ހުޅުވާލުމާއެކު އާރިން އެތެރެއަށް ވަދެފައި ލުޖައިން ފެނިގެން ހުއްޓުން އެރިއެވެ.