ކޮޓަރި ތެރެއަށް ވެރިވެފައިވާ ފަނޑު އަލީގައި ޝަކީބާ ލޯ ބޮޑުކޮށްލައިގެން އޮވެ ސީލިންގަށް ބަލަންމުން ދިޔަ އިރު ހިތުގައި ވަނީ އެހެން ހިޔާލެކެވެ. ޒާހިދު ދާދި ކައިރީގައި އަނެއް އަތަށް އެނބުރި އޮތީ ގަދައަށް ނިދައިފައެވެ. ޒާހިދު އެރަށަށް އައިފަހުން ކުރި އާއި ހިލާފަށް ފުސް މޫނަކާއި ނުލައި ވާހަކަ ބެހެއްޓީތީ ޝަކީބާ އުފާވިއެވެ. ކުދިންގެ ތެރޭގައި ވާހަކަ ދައްކާފައި ވެސް ދެމީހުން އެކަނިވުމުން އަދިވެސް އެދެމެދަށް ވެރިވަނީ ހިމޭންކަމެވެ. ކޮންމެ ގޮތަކަށް ކަންތައްވެފައި އޮތަސް ޝަކީބާ މިއަދު މާޒީގެ ވާހަކަ ދައްކަން ބޭނުންނުވީ ސަބަބެއް ނެތިއެއް ނޫނެވެ. އެވާހަކަ ދައްކައިގެން ޒާހިދު ކުރީގެ އުޅުމަށް ރުޖޫޢަ ވެއްޖެއްޔާ ލިބިފައި މިވާ ކުޑަ ހަމަޖެހުންވެސް ނިގުޅައި ގަނެވިދާނެ އެވެ. އެހެންވެ އޭނާ ޒާހިދު ބޭނުން ވެގެން ނޫނީ އަމިއްލައަށް އިސްނަގައިގެން ވާހަކައެއް ނުފަށައެވެ. އެކަމަކު މިއަދު ކުއްލިއަކަށް ދިމާވި ހާދިސާއަށްފަހު އިސްނަގަން މަޖުބޫރު ވެއްޖެއެވެ.
ނިދަން ވެގެން ކޮޓަރިއަށް ވަދެ ވަދެ ހުއްޓައި ނުދަންނަ ނަންބަރަކުން ގުޅިއެވެ. ޒާހިދުގެ ގޮނޑި ކޮޓަރިއަށް ގެންދަން ސްޓާފަކާއި ހަވާލުކޮށްފައި ޝަކީބާ އެއްފަރާތަށް ޖެހިލިއެވެ. އެކޮޅުން ވާހަކަދެއްކީ ފިރިހެނެކެވެ. އެކަމަކު އެއަޑު ކަންފަތުގައި ޖެހުނު އިރަށް ޝަކީބާއަށް އެނގިއްޖެއެވެ. ކިތަންމެ ގިނަ ދުވަހެއް ފަހުން ބައްދަލުވިއަސް ހަނދާނުން ފުހެނުލެވޭނެ ހާއްސަ ފަރާތެކެވެ. "ޝަކީބާ! ކިހިނެއްތަ؟" އެކޮޅުން ވާހަކަދެއްކި މީހާ އަހައިލިއެވެ. "ރަނގަޅު. ހާދަ ދުވަހެއް ފަހުން. އަނެއްކާ ކިހިނެއްވީ؟" ޝަކީބާ އަވަހަށް އަހައިލައިފިއެވެ. "އާން. ވަރަށް ދުވަސްވެއްޖެ. އަހަރެން ބުނީމެއްނު އަހަންނަށް ވެސް ޝަކީބާ ކައިރީ ކަމަކު ކިޔަންޖެހޭ ދުވަހެއް އަތުވެދާނެއޭ. މީ އެދުވަސްކަމަށް ހީކޮށްލާ." އެކޮޅުން ވާހަކަދެއްކި މީހާ މަޑުމަޑުން ހީލިއެވެ. "ރަނގަޅަށް ވެސް ހަނދާން އެބަހުރި. ޝަހީމު މަށަށް ކޮށްދިނީ ބަދަލުގައި ފުރާނަ ދޭވަރުގެ ކަމެއް. އަވަހަށް ބުނޭ. ވަޓް ކޭން އައި ޑޫ ފޯ ޔޫ؟" ޝަކީބާ ވެސް މިފަހަރު ޖަވާބު ދިނީ ލުއި ހިނިތުންވުމަކާ އެކުގަ އެވެ.
އެވަގުތު ޝަހީމު ބުނެލި އެއްޗަކުން ޝަކީބާގެ ހިތަށް ކުރުވީ ވަރަށް ތަފާތު އަސަރެކެވެ. އުފާވިވަރުން ހިނިތުން ވެސް ވެވުނެވެ. ހަމައެންމެ އެކަން ކުރާނެ ގޮތަކާއި މެދު ކަންބޮޑުވެ ނުތަނަވަސް ވިއެވެ. "ނޫނެކޭ ނުބުނާތި!" ޝަހީމުގެ އަޑުގައި އާދޭހުގެ ރާގެއްވިއެވެ. "އަހަރެން ޝަހީމް ޑިސްއެޕޮއިންޓްއެއް ނުކުރާނަން." ޝަކީބާ ދިނީ ޔަޤީން ކަމެވެ. ފޯން ނިންމާލައިފައި އެނބުރި އައިސް ވަންއިރު ފުން ވިސްނުމަކަށް ގެއްލި ހުރެވުނީ މުޅިން ހިމޭންވެފައެވެ. ޒާހިދު ނިދަން ބޭނުން ވާހަކަ ހާމަކުރުމުން ބަހަކުން ބަހެއްނެތި އެއްޗެހި ބަދަލު ކުރުވާފައި އެނދުގައި އޮށޯންނަން އެހީތެރިވެދިނެވެ.
ލޯ ހުޅުވުމާއެކު ލުޖައިން ފުރަތަމަވެސް ގަޑިން ވީ އިރެއް ބަލައިލިއެވެ. ބަންދު ދުވަހަކަށް ވިއަސް އާރިންއަށް ނިދަން ނޯވެވިގެން ތެދުވެ ސައިބޯން ވެސް ބުނެފާނެއެވެ. ކޮންމެކަމެއްގައި ވެސް އާރިންގެ އުސޫލު ހުންނާނެ ގޮތަކީ ހަމަ ހިތަށް އެރުމެވެ. ލުޖައިން އަވަހަށް އެނދުން ފުންމާލައިގެން ގޮސް ފާޚާނާއަށް ވަދެފައި ބޭރަށް ނިކުތްތަނުން ބެލް ޖަހައިފިއެވެ. ހެނދުނު ހަތެއް ޖަހާއިރު އެގެއަށް އައީ ކާކު ހެއްޔެވެ؟ ލުޖައިން ހިސާބަކަށް ނުތަނަވަސް ވެފައި ހުރެގެން ގޮސް ދޮރު ހުޅުވާލައިފައި މުޅި ކުއްޖާ ފިނިވިއެވެ. ކަންފަތުގައި ފޯން ޖަހައިގެން ފުރަގަސްދީގެން ހުރެފައި ރަފާލް އެނބުރި ބަލައިލުމުން މެއަށް ފެން އެއްޗެއް އޮއްސައިލި ކަހަލައެވެ. ރަފާލް އާރިންއަށް ވުރެވެސް އިސްކޮޅުން ދިގުވެފައި އަދި ހިސާބަކަށް އިސްތަށިގަނޑު ދިގުކޮށްފައި ހުރުމުން ލުޖައިންއަށް ޖެހީ ބޭރު ވައްތަރެކެވެ. ހަމަށްވެސް އަރަނީ ރަތް ދޮންކުލަ އެކެވެ. އަދި އެހާ ކަޅުކުލަ ގަދަ ދެލޮލުން ލުޖައިންގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގައިލީ އާރިން އިންވެސްޓިގޭޝަން އޮފިސަރަކަށްވެ ހުރެވެސް ނުބަލާފަދަ ތޫނު ވައްތަރަކަށެވެ. މަގުމަތިން ގެސްޓަކު ފެނުނަސް ލުޖައިންގެ މޭގަނޑު ރޫރޫ އަޅައެވެ. އެމީހުން އެހާ ބިޔަކޮށް ދިގުކޮށް ތިބޭތީ ނިކަން ބިރުގަނެއެވެ. ރަފާލް އަދި އެއިން މީހަކާއި އެއްވަރު ނުވިއަސް ނުދަންނަ މީހެއްގެ ގޮތުގައި އައިސް އެގޮތަށް ބައްދަލު ވުމުން ލުޖައިން އެހުރީ ރަނގަޅަށްވެސް ބިރުގަނެފައެވެ. އެހެންމީހަކު ނޫޅޭނެތީ އޭނާ ސައި ހަދަން ނިކުތީ ވެސް ކުޑަ އަތްކޮޅެއްލާފައި ހުރި ޓޮޕަކާއި ކަކުލާއި ހަމައަށް އަންނަ ހަރުވާޅެއްގަ އެވެ. ޓޮޕް ކޮޅު ކުރުކަމުން ލުޖައިންއަށް ހުރެވުނީ ތިރީ ކައިރީގައި ހިފާ ކުޑަކޮށް ދަމާލައިގެންނެވެ. އެއިސްތަށިގަނޑު ވެސް އެއްވެސް ތަރުތީބެއްނެތި ދެފަރާތު ކޮނޑުމަތިން ކުރިމައްޗަށް ފައިބައިފައި އޮތެވެ. ފަން އިސްތަށިކޮޅެއްކަން ނަސީބެވެ. އެހެންނޫންނަމަ ފުނާ އެޅުމަކާއި ނުލައި އެގޮތަށް މައިތިރިކޮށް އޮމާންކޮށް ނޯންނާނެއެވެ.
"ކޮބާ އާރީ؟" ރަފާލް ފޯން ކަންފަތާއި ދުރުކޮށްލާފައި ދޮރުން ވަންނަން ދިމާކޮށްލުމުން ލުޖައިން އަވަހަށް ފަހަތަށް ޖެހިފައި ތަން ދެއްކިއެވެ. އެވަގުތު ރަފާލް "އާރީ" އޭ މުހާތަބް ކުރުމުން އެއީ އާރިންގެ ގާތް މީހެއްކަން ލަފާކޮށްލަން އެނގުނެވެ. "ނިދާފައި." ލުޖައިންގެ ޖުމްލަ ނިމޭއިރަށް އާރިން ދޮރު ހުޅުވާލައިފައި ބޭރަށް ނިކުތެވެ. އެވަގުތު އާރިންއަށް ރަފާލް ފެނިގެން ހުއްޓުން އެރިއެވެ. "ބްރޯ!" އާރިން ވާހަކަދައްކަން ހިނދުކޮޅެއް ނެގިއެވެ. ލުޖައިން ދުރުގައި ހުރެ ދެބެންގެ މޫނަށް އެރި ހުރިހާ ކުލައެއް ދިރާސާ ކޮށްފިއެވެ. އާރިންގެ ލޮލުން ފެނުނު އުފާވެރިކަމާއި އެކުގައި ނުތަނަވަސް ކަމެއް ވިއެވެ. ލުއި ހިނިތުންވުމަކާއި އެކު އައިސް ރަފާލް ކައިރިއަށް ހުއްޓިފައި ކޮނޑުގައި ހިފަހައްޓައިލި އިރު އެދެލޯ ފެންކަޅިވެއްޖެއެވެ. ރަފާލްގެ މޫނުގައި ވި ނުރުހުމުގެ ކުލަވަރަކުން ލުޖައިންއަށް އިހްސާސްވީ ރަފާލް އާރިން ދެކެ ނުހަނު ބޮޑަށް ހިތްހަމަނުޖެހިފައި ވާކަމެވެ.
"އަހަރެން ނެތް ވަގުތު ބަލާފައި މީތަ އާރީއަށް ކުރަން އެނގުނު ކަމަކީ؟" ރަފާލް ނުރުހިފައި ހުރެގެން އަނެއްފަރާތަށް މޫނު އަނބުރައިލާފައި އާރިންގެ އަތް ފޮޅުވައިލިއެވެ. "ބްރޯ. އައި ކޭން އެކްސްޕްލެއިން." އާރިންގެ އަޑުގައި މޮޅިވެރިކަން ވިއެވެ. "ހުއްޓާލާ!" ރަފާލް އަމުރުކޮށްލުމުން އާރިން އިސްޖަހައިލިއެވެ. ބަސްއަހާ ކުޑަ ކުއްޖެއްހެން ރަފާލްގެ ކުރިމަތީގައި އާރިން ބޯ ލަނބައިފިއެވެ. އާރިން ރަފާލްއަށް އިޚުތިރާމް ކުރާވަރު އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެސް ލުޖައިން ދެނެގަތެވެ. ލުޖައިންއަށް ބަލަން ހުންނަން ނުކެރިގެން އެމީހުން ދޫކޮށްލާފައި ގޮސް ބަދިގެއަށް ވަދެފައިވެސް ދޮރުކައިރީ ފިލާ ހުރެގެން އަޑު އަހަން ފެށިއެވެ.
"ހިނގާ ގެއަށް ދާން!" ރަފާލް އިރުކޮޅެއްފަހުން އާރިންގެ މޫނަށް ބަލައިލައިފައި ބުނެލިއެވެ. "ވަޓް؟" އާރިންއަށް އަހައިލެވުނީ އާދައިގެ ވަރަށްވުރެ ބާރަށެވެ. "ރަނގަޅަށް ތި އިވުނީ. އަހަރެން މިއައީ އާރީ ބަލައި." ރަފާލްގެ މޫނުގައި ވީ ހަމަޖެހުމެވެ. އާރިން ހައިރާންކަމުގެ ތެރެއަށް ދޫކޮށްލައިފައި ރަފާލް ޖިންސްގެ ޖީބަށް އަތް ޖަހައިލަމުން އެޕާޓްމަންޓްގެ އެތަން މިތާގައި ބުރެއް އަޅައިލާފައި އެނބުރި އައެވެ. "ބްރޯއަކަށް ނޭނގެއެއްނު ކަންވީގޮތެއް." އާރިން މަސައްކަތް ކުރީ ރަފާލްއަށް ވިސްނަދޭށެވެ. "އެނގޭ އާރީ ގެއިން ނިކުރީ ރީމް އާއި މެރީ ނުކުރަން ވެގެންކަން. ޝީ ޓޯލްޑް މީ. އެނގޭ ބައްޕަވެސް އާރީއަށް މަޖުބޫރު ކުރިކަން. އެކަމަކު ދެން ނުޖެހޭނެ އާރީ ފެމެލީ އާއި ވަކިވެގެން އުޅޭކަށް. އައެމް ހިއަރ ފޯ ޔޫ." ރަފާލްގެ ކޮންމެ ޖުމްލައެއްގައި ވަނީ ޔަޤީން ކަމެވެ. "އޭރުން ބައްޕަ...." އާރިން ޖުމްލަ ފުރިހަމަ ނުވަނީސް ރަފާލް ބަލައިލުމުން ހުއްޓައިލިއެވެ. "ބައްޕަ އަހަރެންގެ ކައިރީ އިއްޔެ ކަމަކަށް އެދުނީމަ އަހަރެން ބުނީ އާރީ ގެއަށް ގެންދަން އެއްބަސްވީމައޭ އަހަރެން ބައްޕަގެ އެދުން ފުރިހަމަ ކޮށްދޭނީ. އެން ހިއަރ އައި ކޭމް. ބައްޕަ ކޮންމެހެން ބޭނުންވޭ އަހަރެން އެކަންތައް ކުރަން." ރަފާލް ނުލާހިކު ހަމަޖެހިލައިގެން ހުރެ އެހުރިހާ ވާހަކައެއް ދެއްކިފަހުން އާރިން އައިސް ކުރިމައްޗަށް ހުއްޓިފައި ހަތަރުކަޅި ހަމަކޮށްލި އިރު ކަރުނަ އަންނަން ތައްޔާރު ވެއްޖެއެވެ. އާރިން ތުންފަތުގައި ދަތް އަޅައިނުލިނަމަ އެކަރުނަތައް ހިފަހައްޓައި ނުލެވުނީހެވެ.
ލުޖައިން ދޮރު ފުރަގަހުގައި ހުރެފައި ބޯދިއްކޮށްލި އިރު އާރިންގެ ރީތި ރީތި ލޮލުގައި ކަރުނަތައް ބޮނޑިވެފައި ވާތީ ފެނިގެން ފުން އަސަރުތަކެއް ކުރިއެވެ. އޭނާއަށް ކިތަންމެ ވަރެއް ކުރިއަސް ބަދަލުގައި އާރިން ތަކުލީފުގައިވާ ތަން ދެކޭކަށް ކުޅަދާނައެއް ނުވެއެވެ. އަޖައިބެއްފަދަ ލޯއްބެކެވެ.
"ގެޓް ރެޑީ. ހަވީރުން އަންނާނަން ބަލައި. މިރޭ އެބައޮތް ހާއްސަ ޑިނަރ ޕާޓީއެއްވެސް." ރަފާލް ނިކުމެގެން ދާން ފެށުމުން އާރިން ގޮވައިލިއެވެ. "ކީކޭ ބޭބީ ބްރޯ!" ރަފާލް މާކުރިއްސުރެ އާރިންއަށް ލޯބިން މުޚާތަބު ކުރާ ނަމުން ގޮވައިލުމުން އާރިން ހިތަށް ފިނިވެލިއެވެ. "ބައްޕަ ބުނި ކޮންކަމެއް ކުރަންތަ އެއްބަސްވެގެން ތިހުންނަނީ؟" އާރިންއަށް ސުވާލު ނުކޮށެއް ނުހުރެވުނެވެ. އޭނާ ގެއަށް ގެންދަން ވެގެން ރަފާލް އަނެއްކާ ކުރަން އެއުޅެނީ ކޮންފަދަ ކަމެއްކަންވެސް ނޭނގެއެވެ. "މިރޭ އިނގޭނެ." ރަފާލް ހިނިތުންވެލާފައި އެއްލޯ މަރައިލިއެވެ. ދޮރު ލައްޕައިލައިފައި ނިކުމެގެން ދިއުމުން އާރިން އެނބުރިފައި އަނެއްކާވެސް ވަނީ ކޮޓަރިއަށެވެ. ލުޖައިން ވިސްނަން ހުރެގެން ސައި ހަދައި ނިންމާލައިފައި އާރިން ހޯދަން ނިކުތް އިރު ގެއިން ނިކުމެގެން ދަނީއެވެ.
ލުޖައިންގެ ހިތުގައި ސުވާލުތައް ގިނަވިއެވެ. އާރިން އެތަން ދޫކޮށްލައިފައި އެނބުރި ގެއަށް ދާން ނިންމަފާނެ ބާއޭ ހިތަށް އެރިއެވެ. އެހެންކަމަށް ވާނަމަ އޭނާއަށް އޮތީ އެންމެ ގޮތެވެ. އުންމީދުތަކުގައި ހުޅުޖަހާފައި ރަށަށް ދާންވީ ވަގުތު އައީއެވެ. ލުޖައިން އަމިއްލަ ހާލާއިމެދު ހިތާމަވެރި ވިއަސް އާރިންނަށް އެނބުރި އާއިލާގެ ތެރެއަށް ދެވޭތީ އުފާކުރިއެވެ.
މެންދުރުވެފައި ހުއްޓައި އާރިން އެނބުރި އައިސް ފޮށްޓަށް އެއްޗެހި އަޅައި ތައްޔާރުވެގެން ހުންނާށޭ ބުނީ އޭނާ ރަށަށް ފޮނުވާލަން ކަމުގައި ލުޖައިން ޔަޤީން ކުރިއެވެ. އެކުވެރިންނަށް ގުޅާފައިވެސް ދެން ބައްދަލު ނުވާނެ ކަމަށް ބުނެލީ ނިކަން ދެރަވެފައި ހުރެގެންނެވެ. އާރިން އާއިލާގެ ތެރެއަށް އެނބުރި ދާއިރު އޭނާ ގެންދާނެ ކަމަށް ހީކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ހަވީރު ރަފާލް އައުމުން އާރިން އެޕާޓްމެންޓްގެ ތަޅުދަނޑިފަތި ގެންގޮސް ޝާމިސް އާއި ހަވާލު ކުރިއެވެ. ޝާމިސް ހަފްތާއެއްގެ ތެރޭގައި ހީނާ ގޮވައިގެން ބަދަލުވުމާއި ހަމައަށް އެތާގައި އުޅެވޭނެކަމަށް ބުންޏެވެ. "ހިނގާ ދާން!" ލުޖައިން ސޯފާތަކުގެ ފުރަގަހުގައި ހިމޭންކަމާއިއެކު ހުއްޓައި އާރިން ގޮވައިލުމުން ސިހިގެން ދިޔައެވެ. "ކޮންތާކަށް؟" ލުޖައިންއަށް އަހައިލެވުނެވެ. އެވަގުތު އާރިންނާއެކު ރަފާލްގެ ނަޒަރުވެސް އެމޫނަށް ހުއްޓުމުން ލަދުން ހަލާކުވިއެވެ. "އަހަރެންނާއެކު ގެއަށް. އެކަމަށްވެސް އިންވިޓޭޝަން ކާޑްތަ ފޮނުވަން ޖެހެނީ؟" އާރިން އައިސް ކައިރިއަށް ހުއްޓިފައި ލުޖައިންގެ ލޮލުގައިވި ކުލަވަރު ދިރާސާ ކޮށްލައިފިއެވެ. "ލުޖައިން ކިޔެވުން ނުނިމެނީސް ރަށަށް ފޮނުވައިލަފާނެ ކަމަށްތަ ހީކުރީ؟ ހައު ކުޑް ޔޫ؟" އާރިން ހަތަރުކަޅި ހަމަކޮށްލުމުން ލުޖައިންއަށް ޖަވާބެއް ނުދެވުނެވެ. އޭނާ އާރިން އާއި މެދު ވިސްނީ އެހާވެސް ދަށްކޮށެވެ. އާރިން މިފަހަރު އެއްޗެއް ނުބުނެ ލުޖައިން އަތުގައި ހިފާލައިގެން ނިކުންނަން ދިޔައެވެ. ކުރީގައި ރަފާލް ހުރެފައި ޝާމިސް ނިކުތީ އެންމެފަހުންނެވެ. އާރިން ރަފާލް ކުރިމަތީ އެގޮތަށް މުޚާތަބު ކުރުމަށް ވުރެވެސް ބޮޑަށް ލުޖައިން ލަދުގަތީ އަތުގައި ހިފައިގެން ގެންދިޔައީމައެވެ.
ލުޖައިން ފަހަތު ސީޓަށް އަރުވާފައި އާރިން ދޮރުފަތް ލައްޕައިލި ތަނާ ރަފާލް ކައިރިއަށް ހުއްޓިފައި ކޮނޑުގައި ޖަހައިލިއެވެ. "ޝީޒް ބިއުޓިފުލް." ރަފާލް ލާނެތް ހިނިތުންވުމަކާއި އެކު ކާރުގައި އިން ލުޖައިންއަށް ކަޅިއެއް އެއްލާފައި ތައުރީފް ކޮށްލިއެވެ. "ޔަރ ޝީ އިޒް." އާރިންގެ ތުންފަތަށް ވެރިވި ހިނިތުންވުމާއެކު އޭނާއަށްވެސް ލުޖައިންއަށް ބަލައިލެވިއްޖެއެވެ. އެވަގުތު ލުޖައިން އިނގިލީގައި ދަތް އަޅާލައިގެން އަނެއް ފަރާތުން ބޭރުބަލަން އިންގޮތް އާރިންއަށް ވަރަށް މައުސޫމު ވިއެވެ. ރަތް ޓޮޕަކާއި ކަޅު ސްކިނީގައި އަދި އިސްތަށިގަނޑު ވެސް ރީތިގޮތަކަށް މައްޗަށް ގެންގޮސް ފޮޅިފައި އިން މަލެއްހެން ހައްޔަރުކޮށްލާފައި އިންގޮތުން ނުހަނު ލޯއްބެވެ. އަތުގައި ހިފައިލި ވަގުތު އެމޫނަށް ވެރިވި ފިޔާތޮށިކަން އަދިވެސް ނުކެނޑެއެވެ. "ލެޓްސް ގޯ." ރަފާލް އެހެން ބުނެލުމުން އާރިން ސިހޭގޮތްވެފައި އަނެއްފަރާތަށް ގޮސް ދޮރުހުޅުވާފައި ލުޖައިން ކައިރީ އިށީންދެލިއެވެ. ރަފާލް އިނީ ޑްރައިވަރ ކައިރީގައެވެ. އެމީހުންނަށް ދެވުނު އިރު ރަފާލް އައި ލޯންޗް ތައްޔާރުގައި އޮތެވެ. މަދު މިނިޓްކޮޅެއްގެ ތެރޭގައި އެންމެން ގޮވައިގެން ލޯންޗް މާލެދާން ނައްޓާލިއެވެ.
ލޯންޗް ދަތުރަށްފަހު އެމީހުން ބަލައި އައިސް އޮތް އަޅިކުލައިގެ "ލަމްބޯގިނީ" އާއި ރަތްކުލައިގެ "ފޯޑް" ކާރުތައް ފެނިފައިވެސް ލުޖައިން ހިތް އަވަސްވިއެވެ. ދެ ކާރު ކައިރީގައި ޑްރައިވަރުން ތިބެފައި ރަފާލްމެން ފޭބުމުން ދެބޭންނަށް ތަޅުދަނޑި ހަވާލްކޮށްފައި އެމީހުން ޓެކްސީއެއް ހޯދައިގެން ނައްޓައިލުމުގެ ކުރީން ލޯންޗުން ބޭލި ސާމާނު ކާރަށް އަރުވައިދިނެވެ. އާރިން ރަފާލްއަށް ނިތް އެއްލައިފައި ލުޖައިން ގެން ގޮސް ކުރީ ސީޓަށް އެރުވުމަށްފަހު ދެބޭން ވާދައަށް ކާރު ދުއްވާލާފައި ގޮސް އުސްގޭޓެއްގެ ކުރިމަތިން ކުޑަކޮށް މަޑުކޮށްލާފައި ސެކިއުރިޓީން ގޭޓު ހުޅުވާލަދިނުމުން ވަދެގެން ގޮސް ގަރާޖަށް މަޑުކޮށްލިއެވެ. ގޭޓު ފެނުނީއްސުރެ ލުޖައިން އިނީ ލޯ ބޮޑުކޮށްލައި ގެންނެވެ. ރަފާލް އެތެރެއަށް ވަންނަމުން ކާރުގެ ބަރުގޮނު އަޅައިލި އަޑަށް ދުވެފައި ނިކުތް ދެ ނޯކަރުން އައިސް ކާރުގައި ހުރި ސާމާނު ވެއްދުމުގެ މަސައްކަތް ފެށިއެވެ. އާރިން އާއި ރަފާލް ލުޖައިން ގޮވައިގެން އެތެރެއަށް ވަންނަން ދިޔައިރު ލުޖައިން އެކޭ އެއްގޮތަށް އާރިންގެ ހިތްވެސް ތެޅެމުން ދިޔައީ ނުހަނު ބާރަށެވެ. އެއްފަރާތެއްގައި ގަރާޖު ހުރެފައި ގޭގެ އިމާރާތާއި ގޭޓާއި ދެމެދު އޮތް ކުޑަ ހުސްތަންކޮޅުގައި ގާ އަތުރައި ރަތް ދަވާދު ހާކާފައި ހުރުމުން ޝާހީ ގޮތެއް ހުއްޓެވެ.
ރަފާލް އެންމެ ކުރިން ގޮސް މައި ދޮރުގެ ދެފަރާތުގައިވާ ހުދު ކުލައިގެ ދެ ތަނބު ފަސްދީފައި އެތެރެ ފެންނަގޮތަށް ބިއްލޫރި ޖަހާފައިވާ މައި ދޮރު ހުޅުވާލައިފިއެވެ. ލުޖައިން އާރިންގެ ފަސްފަހަތުން ގޮސް ދޮރުކައިރިއަށް ހުއްޓިފައި އެވަގުތު ކޮޅުވެސް ހިތުގައި ނުބައި ހިޔާލުތައް އެނބުރިގަތީ، ތަނބަށްވުރެ އެތެރޭގައި މައިދޮރުގެ ދެފަރާތުގައި ނުހަނު ބޮޑު ދެ ގަސްމުށިގަނޑުގައި ތިންފޫޓްގެ ދެ ކެކްޓަސް ހުއްޓާ ފެނިފައެވެ. ޝަކީބާގެ އާއިލާއިން ޒޯއީގެ މުރަނަ މިޒާޖު ފެނިފައި ވާތީ ކުރިއްސުރެ ޖެހިލުން ވީއެވެ. ގެއަށް ވަނުމުގެ ކުރިން އެ ކެކްޓަސް ގަސްތައް ވެސް އެއީ އިންޒާރެއް ކަމުގައި ދެކެވުނެވެ.
"މަންމާ! ބައްޕާ!" ރަފާލް އެތެރެއަށް ލޯ ހިންގަލަމުން ވަދެގެން ދިޔައެވެ. އާރިން ދޮރުން އެތެރެއަށް ފުރަތަމަ ފިޔަވަޅު އަޅާފައިވެސް ކުރިއަށް ނުދެވިފައި ހުރީއެވެ. ލުޖައިން އާރިން ކައިރީގައި ޖައްސާފައި ހުރެގެން ތަނަވަސް ލިވިންރޫމްގެ ރީތިކަމުން އާޝޯހުވެފައި ހުރެގެން ބަލައެވެ. އޮފްއަރާ ފަރުނީޗަރާއި އޮމާން ޓައިލްސްތަކުން ފެށިގެން މަޑުފެހިކުލައިގެ ބޯ ފަރުދާވެސް ދައްކައިދެނީ ޝާހީ ކުލަވަރެވެ. އެގޭގެ ވެރިންގެ ހައިބަތާއި އިއްޒަތެވެ. ޝަކީބާމެންގެ އާއިލާއަށް ވުރެވެސް ކުރީގައި އުޅޭ ބައެކެވެ.
އިރުކޮޅަކުން ފިޔަވަޅުތަކެއްގެ އަޑު އިވިފައި ރަފާލް ފަހަތުން އައިސް ވަނީ އަންހެނެކެވެ. ލުޖައިންއަށް އެމީހަކު އެނގުނެވެ. ނާހިދާ އެއުމުރުގައި ވެސް އަދިވެސް ވަރަށް ރީއްޗެވެ. އުމުރަށްވުރެ ޒުވާންކަމަށް ދައްކައެވެ. ކަޅު ބުރުގާ އާއި ނިވާކަން ބޮޑު ހައުސް ކޯޓްގައި ކުރިއަށްވުރެ ފަލަކަމަށް ދައްކައެވެ. ނާހިދާ އުފަލާއެކު އާރިން އާއި ކައިރިވެލާފައި މޫނުގައި ދެއަތުން ހިފައިލެވުނު އިރު ކަރުނަ އަތުވެއްޖެއެވެ. ބައެއްފަހަރު ހިތް ހަރުކޮށްލައިގެން އުޅުނަސް އާރިން ވަކިވުމުން އޭނާ ކުރި ހިތާމަ ﷲ ދެނެވޮޑި ގަންނަވާނެ އެވެ. "ދަރިފުޅާ. މަންމަގެ އާރީ. ދެން ދުވަހަކު ވެސް މަންމަ ދޫކޮށްލާފައި ނުދައްޗޭ!" ނާހިދާ ރޮވިފައިވާ އަޑަކުން އެދުނެވެ. އާރިންގެ ހިތަށް ކުރި އަސަރަކުން މަންމަގެ ދެއަތުގައި ހިފާ އެމޫނުން ވަކިކޮށްލާފައި ގެންގޮސް ބޮސްދެވިއްޖެއެވެ. "ނުދާނަން. އައި ޕްރޮމިސް." އާރިން މާބޮޑު ފިކުރެއްނެތި ބުނެލައިފިއެވެ. އެވަގުތު މުހިންމުވީ މަންމަގެ ހިތްހަމަޖެހުމެވެ. "ތެންކިއު ރަފާލް." ނާހިދާ ރަފާލް ހުރި ދިމާއަށް މޫނު އަނބުރައިލާފައި ބުނެލިއެވެ. ނާހިދާއަށް ލުޖައިން ފެނުނީ އެހިސާބުންނެވެ.
"ލުޖައިން!" ނާހިދާގެ މޫނުމަތިން ހައިރާންކަން ފެނިގެންދިޔައެވެ. "ޝީޒް ވިތް މީ." އާރިން އަވަހަށް ބުނެލިއެވެ. ނާހިދާގެ ނިއްކުރިއަށް ރޫ އަރައިގެން ދިއުމާއެކު ދެބުމަ އުފުލައި ލެވުނެވެ. އެވަގުތު ދުރުން ދުވެލާފައި އައި ހުދާއި މުށި ކުލައިގެ ކުޑަ ބުޅަލެއް ލުޖައިންގެ ފައިދޮށުގައި ބަނޑުޖަހާފައި ލުޖައިން ފައިގައި އަތް ބީއްސައި ލުމުން ސިހިގެން ގޮއްސައި ބަލައިލިއެވެ. ދެވަނަ ސިކުންތުގައި ލުޖައިން އަޑުގަނެތްތަނަށް ހަޅޭއްލަވައި ގެންފައި އައިސް ބައްދައި ގަނެވުނީ އާރިން ގައިގައެވެ. ފަހަތުން ނިކުތް ރީމް އާއި ޝަހީމްއަށް ވެސް މިތަން ފެނިއްޖެއެވެ.