"ލޫލޫ އައި ކޭމް ޓު އެޕޮލޮޖައިސް." ޒަކްވާން އަސަރާއެކު ބުނެލުމުން ލުޖައިންއަށް ބަލަހައްޓައިގެން އޮވެވުނެވެ. އެދެލޮލުގައި ވިދަމުން ދިޔަ ކަރުނަތައް މުތީ ތަކެއް ފަދައިން ފައުޅު ވަމުން ދިޔައެވެ. "ކޮންކަމަކާ؟" ލުޖައިން އަހާލައިފިއެވެ. "ލޫލޫއަށް ތިހާލު ޖެހުނީ އަހަރެންގެ ސަބަބުން. އަހަރެންގެ ސަބަބުން ލޫލޫއަށް ލިބުނު ޒަޚަމްތަކެއް މީ." ޒަކްވާން ކުޑަކޮށް ފޫހިއްލައިލައިފައި ލުޖައިންގެ ބެންޑޭޖް ކޮށްފައި އޮތް ބޮލުގައި އަތް ޖައްސައިލިއެވެ.
ލުޖައިން ހައިރާން ކަމުގައި ފުރަތަމަ ހިމޭނުން އޮތީއެވެ. ޒަކްވާން ދެރަވެގެން ތުންފަތުގައި ދަތް އަޅައިލުމާއެކު ބޮޑުވައި އިނގިލިން ލޮލުގެ ކަން ފުހެލިތަން ފެނިގެން ވަކިން ބޮޑަށް ލުޖައިން ކަންބޮޑުވިއެވެ. ޒަކްވާން މިހާރަކަށް އައިސް މާ އަވަހަކަށް ޖަޒްބާތީ ވަނީއެވެ. "ޒެކް. އިޓްސް އޯލްރައިޓް. ޒެކް ގަސްތުގަ އެކަހަލަ ކަމެއް ނުކުރާނެ. އެނގޭ އަހަރެންނަށް ކެއަރ ކުރާވަރު. ސޯ ޕްލީޒް. އެކަން ހަނދާން ނައްތާލާ." ލުޖައިން ޒަކްވާންގެ ހިތްހަމަ ޖައްސައިދޭން އުޅެފައި ދޮރާއި ދިމާއަށްވެސް ބަލައިލެވުނެވެ. އާރިން ކައިރީ އޭނާ ވަރަށް އާދޭސް ކޮށްގެން ޒަކްވާން އާއި ދެމެދު ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައި ވިއަސް ފެންނަ މަންޒަރަކުން ހަމަ ކުއްލި އަކަށްވެސް ހިތް ބަދަލު ވެދާނެއެވެ.
"އޯކޭ. ދެން ދަނީ." ޒަކްވާންއަށް ލުޖައިން ހިތުގައި އޮތް އެއްޗެއް އެނގުނު ކަހަލައެވެ. މޫނަށް ބަލައިލައިފައި އިރުކޮޅަކުން ދާން ތެދުވީ ކުއްލި އަކަށެވެ. "ޓޭކް ކެއަރ." ޒަކްވާން ދޮރާއި ހަމައަށް ގޮސް ހުއްޓިފައި އެނބުރި ބަލައިލަމުން ހިނިތުންވެލިއެވެ. ލުޖައިން ލުއި ހިނިތުންވުމެއް ތުންފަތަށް ވެރި ކުރި ފަހުން އޭނާ ޖިންސްގެ ޖީބަށް އަތް ޖަހައިލައިގެން ނިކުންނަން ދިޔައެވެ.
އިރުކޮޅަކުން އާރިން އައިސް ވަންއިރު ލުޖައިން އޮތީ ކުޑަ ދޮރާއި ވީ ފަރާތަށް ނަޒަރު ހުއްޓާލައި ގެންނެވެ. އެމޫނަށް ބަލައިލުމުން އާރިންނަށް އެނގުނީ ކަމަކާއި ފުންކޮށް ވިސްނަމުން ދިޔަ ކަމެވެ. އާރިން ގޮނޑި ކައިރި ކޮށްލާފައި އިށީންދެ އަތުގައި ހިފައިލުމުން ލުޖައިން ސިއްސައިގެންވެސް ދިޔައެވެ. "ހޭއި. އިޓްސް މީ." އާރިން ލުޖައިންގެ އަތްތިލަ މުށުތެރޭ ބޮނޑިކޮށްލައިފައި ގެންގޮސް މޯލިކޮށްލައިފައިވާ އިނގިލިތަކު ކުރީގައި ބޮސްދިނެވެ. "ކީއްވެ އާރީ އަހަންނަށް ސިއްރު ކުރީ؟" ލުޖައިންއަށް ހަމަޖެހުމުގެ ނޭވައެއް ލެވުމުން ފުރަތަމަވެސް އަހައިލިއެވެ. "ކޮން ވާހަކައެއް؟" އާރިންވެސް ކޮށްލީ ސުވާލެކެވެ. "ޒަކްވާންގެ ވާހަކަ." ލުޖައިން ސިއްރު ކުރާކަށް ނޫޅެއެވެ. "ކިހިނެއް އެނގުނީ؟" އާރިން ހަމަ ގަސްތުގައި ލުޖައިން އިމްތިހާނު ކޮށްލަން ވެގެން އެހިއެވެ. އެތޫނު ދެލޯ މޫނަށް ހުއްޓިފައިވާ ގޮތް ފެނިފައި ލުޖައިން ހިތަށް ފާޑަކަށް ފިނިވާ ގޮތްވިއެވެ. "ޒަކްވާން ދެންމެ އައި." ނޭވާ ހިފަހައްޓައި ލެވުނު ކަން ޚުދު އާރިންއަށް ވެސް އިހްސާސްވީ ލުޖައިންގެ ޖަވާބު އަހާފައި އެނޭވާ ބޭރަށް ދޫކޮށްލެވުމުންނެވެ. އެހާ ވަރަށް އޭނާ ބިރުގަތީ ކޮން ކަމަކާ ހެއްޔެވެ؟ ލުޖައިން ދުވަހަކުވެސް އޭނާއަށް އޮޅުވައެއް ނުލާނެއެވެ. "ކަމެއް ނުވޭ." އާރިންގެ ޖަވާބު އިވުމުން ލުޖައިން ހައްތަހާ ބޮޑަށް ހައިރާންވިއެވެ.
ކާރަށް އަރަންވެގެން ދަނިކޮށް ދަންނަ އަޑަކުން ހައެ ޖަހައިލުމުން ޒަކްވާން އެނބުރި ލި އިރު ރީމް ހުއްޓެވެ. "ވަޓްސް އަޕް؟" ރީމް އަތުގައި އޮތް ވައިލެޓް އޯކިޑް މާބޮނޑި ބަނޑާއި ހަމައިގައި ޖައްސާލައިގެން ހިނިތުންވެފައި ހުރި އިރު ނިކަން ރީއްޗެވެ. ހުދު ސްކިނީއެއްގެ މަތިން ފެހި ހެދުން ކޮޅެއްގައި ނުހަނު މައުސޫމުވެފައި އެމޫނު އައްޔެވެ. ރަތް ލޭކޮޅެއްފަދަ ތުންފަތާއި އެއްފަރާތު ކޮނޑުމަތިން ގެނެސް ކުރިމައްޗަށް ވައްޓާލައިފައި އޮތް އިސްތަށިގަނޑު ވެސް އިތުރު ފުރިހަމަ ކަމެއް ރީމްގެ ސޫރައަށް ގެނެސްދީފައި ވެއެވެ. "ލޫލޫއަށް ގޮވައިލަން އައީ. ރީމްވެސް ދޯ." ޒަކްވާން ހިސާބަކަށް ލަދުގަނެފައި ހުރެގެން ޖަވާބުދިނެވެ. ޒަކްވާން ހީކުރީ ރީމްއަށް އެކަން އެނގޭނެ ކަމަށެވެ. "މިރޭ ކޮންކަމެއް އޮތީ؟" ރީމް ކުރީގެ ސުވާލަށް ޖަވާބު ދީފައި އަހާލައިފިއެވެ.
ޒަކްވާން ކާރުގެ ދޮރުފަތް ހުޅުވާފައި ކުއްލި އަކަށް ހަތަރުކަޅި ހަމަކޮށްލެވުނެވެ. ޒަކްވާންއަށް އެސުވާލު ކަމު ނުދިޔަކަން އެނގިގެން ރީމް އަނގައަށް ގޮތެއް ހަދައިލައިފައި މޮޅިވެރި ގޮތަކަށް އިސްޖަހައިލުމުން ހަމްދަރްދީ ވެވުނެވެ. "އައިލް ބީ ފްރީ. ހިނގާ ޑިނަރ އަކަށް ގޮސްލަން." ޒަކްވާން ވިސްނައިލާފައި ވާހަކަ ދެއްކިއެވެ. "ޝުއަރ." ރީމްގެ ދެލޯ ވިދައިގަތީ މިހެންނަކުން ނޫނެވެ. އުފަލުން ތަންމިނަށް ހިނިތުން ވެލުމުން ރީތިކަން ދެ ގުނައަށް އިތުރުވިހެން ޒަކްވާންއަށް ވެސް ހީވެއްޖެއެވެ. "އޯކޭ. ގެޓް ރެޑީ. އަށެއް ޖަހާއިރަށް ދާނަން ބަލައި." ޒަކްވާން ކާރަށް އަރަންވެގެން އެނބުރުނެވެ. "އެއިޓް ވިލް ބީ ޕަރފެކްޓް." ރީމް އެންމެ ފަހުން ބުނެލީ އެހެންނެވެ. ޒަކްވާންގެ ކާރު ގޮސް އޮބާލަން ދެން ބަލަން ހުރެފައި އޭނާ އެތެރެއަށް ވަންނަން ދިޔައިރު ހިތް އޮތީ އުފަލުން ފުރިފައެވެ.
ރީމް ގޮސް އެތެރެއަށް ވަދެފައި ލުޖައިން އާއި ވާހަކަދެއްކީ ގާތް އެކުވެރިއެއް ފަދައިންނެވެ. އާރިން ދުރުގައި ހުރެގެން އެމަންޒަރު ބެލިއިރު ނުހަނު އަޖައިބުވިއެވެ. އެއަށްވުރެ ބޮޑަށް އުފާވިއެވެ. ރީމް ކައިވެންޏަށް ރުހުން ދިނަސް މިހާ ގާތްކޮށް ލުޖައިން އާއި ވާހަކަ ދެއްކި ދުވަހެއް ނާދެއެވެ.
އިރު އޮއްސި އަނދިރިވެގެން އައިއިރު އަނެއްކާވެސް ވިއްސާރައިގެ ކުލަވަރު ދައްކާލައިފިއެވެ. ޒޯއީ ބެލްކަނީގައި ހުރެފައި އުޑުމައްޗަށް ނަޒަރު ހިންގައިލި އިރު އެއްވަމުން ދިޔަ އަޅި ވިލާތައް ފެނުނެވެ. "އައި ލާވްވްވްވް... ރެއިން." ޒޯއީ ދެއަތް ހުޅުވައިލައިފައި މައްޗަށް މޫނު އުފުލައިލީ ލޯ މަރައިލަމުންނެވެ. އެވަގުތު އެމޫނު ގައި އައިސް ބީހިލި ލުއި ވައިރޯޅީގެ އެހީގައި މިނިވަން ކޮށްލާފައި އޮތް އިސްތަށިގަނޑު ވިހުރިލިއެވެ. ކޯތާފަތަށް ޖެހި ފެންތިކި ނުހަނު ހިމޭން ކަމާއިއެކު ފިރުކެމުން ތިރިއަށް ދާން ފެށިއެވެ. ރަފާލް ފޯނު ކަންފަތުގައި ޖަހައިގެން އައިސް ކޮޓަރިއަށް ވަދެފައި ޒޯއީ ބުދެއްހެން ހުރިލެއް ލޯބިކަމުން ފޯން ތިރިކޮށްލެވިއްޖެއެވެ. ޕޮޓް ތަކުގައި ހެދިފައިވާ މާގަސްތަކުގައި ފޮޅިފައިވާ މާތައްވެސް ލަދުން ތިބި ކަހަލައެވެ. ޒޯއީ ފިޔާތޮށި ކުލައިގެ ކުރު ހެދުން ކޮޅާއެކު މަތިން ހުދު ޖެކެޓްކޮޅެއްގައި އިންތިހާއަށް ރީއްޗެވެ. ކޮޓަރީގައި ދިއްލާފައި ހުރި ވައިލެޓް ބޮކީގެ އަލި އެޅިފައި އެމޫނާއި ހަންގަނޑު ވިދަމުން ދިޔައީ އަޖައިބެއްފަދަ ގޮތަކަށެވެ.
ރަފާލް ކުރިއަށް ފިޔަވަޅެއް އަޅައިލައިފައި ގޮސް ޒޯއީގެ ފަހަތުގައި ސިއްރުން ހުއްޓިލިއެވެ. އެއުނަގަނޑުގައި ދެއަތުން ވަށާލައިފައި ގެނެސް މެޔާލައި ބޮނޑިކޮށްލަން ހިތް ގޮވައިލީ ކެތްމަދުވެފައެވެ. އެފެންތިކި ފަނާވެގެން ނުދަނީސް ރަފާލްގެ އިނގިލި ތަކުން ފުހެލަން ބޭނުންވިއެވެ.
ކުއްލި އަކަށް ފެނުނު ވިދުވަރުގެ އައްޔާއެކު ނިކަން ބާރަށް ގުގުރައި ގަތުމުން ޒޯއީ ސިއްސައިގެން ދިޔައެވެ. ރަފާލް ނުވިސްނައި ހުއްޓައި ޒޯއީ ފަހަތަށް ޖެހިގަތުމުން އައިސް ތަތްވީ ރަފާލްގެ މޭގައެވެ. "އިޓްސް އޯކޭ. އިޓްސް މީ." ޒޯއީ ބިރުން މަޑު ހަޅޭކެއްގެ އަޑު އިއްވައިލުމުން ރަފާލްއަށް އެއުނަގަނޑުގައި ދެއަތުން ވަށައިލެވިއްޖެއެވެ. ޒޯއީގެ ހަށިގަނޑުން ހީބިހި ނަގައިގަތެވެ. މުޅި ކުއްޖާ ފިނިވެގެން ގަނޑުވާން އުޅުނެވެ. ވަޔާއެކު އައި އިތުރު ފެން ތިކިތަކެއް ދެޒުވާނުންގެ މޫނަށްވެސް ހަމަލާ ދިނެވެ. "ވާރޭ ވެހެނީ. ހިނގާ އެތެރެއަށް!" ރަފާލް ޒޯއީ ދުރުކޮށްލަން އުޅެނިކޮށް އެއޮމާން ކޮނޑުގައި ޝަބްނަމް ތިއްކެއް ފަދައިން ހަރުލައިގެން ދިޔަ ފެންތިއްކެއް ފެނިގެން ފަސް ޖެހެވުނެވެ. ރަފާލްއަށް މިކުރެވެނީ ކީއްކަން އެނގުނު އިރު ފެންތިކި ތުންފަތުގެ ތެރެއަށް ވިރިގެން ހިނގައްޖެއެވެ. އެލުއި ބީހިލުން ޒޯއީގެ ހުރިހާ ނާރުތަކެއްގައި ކަރަންޓް އުފައްދާފައި ހިތާއި ދިމާއަށް މިސްރާބު ޖަހައިފިއެވެ. ބާރުބާރަށް ރަފާލްގެ އަތުގައި ޒޯއީ ހިފެހެއްޓިއެވެ. ވާރޭ ބޯކޮށްލީ އެ ސިކުންތުގައެވެ.
ރަފާލް އަވަސް އަވަހަށް ދުރަށް ޖެހިލައިފައި އެތެރެއަށް ދެމިގަތީ ޒޯއީ ވެސް ގޮވައިގެންނެވެ. އެކަމަކު ދޮރުން ހަމަ އެތެރެ ވެވޭއިރަށް ޒޯއީ އަތުން ދޫކޮށްލައިފައި އޭނާ ގޮސް ހުއްޓުނީ ޑްރެސިން ޓޭބަލް ކައިރި އަށެވެ. ރަފާލް ޓިޝޫއަކުން މޫނު ފުހެލައިފައި އިސްތަށިގަނޑުން ފެން ފޮޅައިލިއެވެ. އެނބުރި ބަލައިވެސް ނުލައި ރަފާލް އަލަމާރިން ފައިލެއް ނަގައިގެން ގޮސް ލިޔާ މޭޒު ކައިރީ އިށިންދެލުމުން ޒޯއީ ހިތަށް ތަދުވިއެވެ. ނޭނގިވެސް ލޮލަށް ކަރުނަތައް ބޮނޑިވެގަތެވެ. ޒޯއީ ތުންފަތުގައި ދަތް އަޅައިލާފައި އެނބުރިލެވުނު ގޮތަކުން ފާރު ކައިރީ ފަތްނެތް ގަހެއް ވައްތަރަށް ހުރި އުއްބައްތި ސްޓޭންޑްގައި އަތުން ޖެހިފައި އަރި އަޅައިލައިގެން ވެއްޓި ޖެހިއްޖެއެވެ. އެއަޑު ފަތްގަނޑަށް ރަފާލް ފުންމައިގެން ތެދުވެފައި އެނބުރި ބަލައިލުމުން ޒޯއީގެ ބަނޑި ފަޅައިގެން ދިޔައީއެވެ. ދެރަވެފައި ހުއްޓާ އަތުން އެވަރު ކަމެއް ވެގެންވެސް ޒޯއީއަށް ރޮވުނީއެވެ.
ރަފާލްއަށް ފެނުނު އިރު ޒޯއީ މޫނުގައި އަތް އަޅާލައިގެން ހުރެ ރޮމުން ދިއުމުން ހުރެވުނުތަންވެސް ނޭނގުނެވެ. ރަފާލް ބާރު ބާރަށް އައިސް ޒޯއީގެ ދެއަތްތިލައިގައި ހިފައި މޫނުން ވަކިކޮށްލީ ތަދުވީ ކޮންތާކަށް ހޭ އަހަމުންނެވެ. ތަދުވީ ހިތަށޭ ބުނެލާ ހިތް ޒޯއީ ވިއެވެ. އެކަމަކު ތުންފަތާއި ހަމައަށް އައުމުގެ ކުރިން ނެތިގެން ދިޔައީއެވެ. "ޓެލް މީ ޒޯއީ!" ޒޯއީ ޖަވާބެއް ނުދިނުމުން ރަފާލްގެ އަޑަށް ހިސާބެއްގެ ހަރުކަށި ކަމެއް ގެނައެވެ. "އައެމް ސޮރީ ރަފާލް. އައެމް ސޯ ސޮރީ.. ހެޔޮނުވާނެ އަހަންނަށް މާފު ކުރޭ." ޒޯއީއަށް ކެތްނުވެގެން އެޖުމްލަތައް ބުނެލި އިރު ގިސްލެވެމުން ދިޔައެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ކޯތާފަތް މަތިން ރޮނގު ދެމިގެން ދަތްދޮޅި އާއި ގާތަށް ދަތުރު ކުރަމުން ދިޔައެވެ.
"ކަމްއޯން ބޭބީ. ތީ ރޯވަރު ކަމެއްތަ؟ އައި ނެވަރ ޓޯލްޑް.. އެކަމަކު މާފު ކުރިފަހުން ކިތަންމެ ދުވަހެއް." ރަފާލް ޒޯއީގެ މޫނުގައި ދެއަތުން ހިފާލައިފައި މައްޗަށް އުފުލައިލިއެވެ. ހަތަރުކަޅި ހަމަވުމުން ޒޯއީގެ ރުއިމަށް މެދުކެނޑުމެއް އައެވެ. "ސީރިއަސް ކޮށްތަ؟" ޒޯއީގެ އަޑު ނިކުތީ ނިކަން މަޑުންނެވެ. ރަފާލްއަށް ހުރެވުނީ ހުއްޓުން އަރައިފައެވެ. އެމޫނުގައި ކަރުނަތައް ހަރުލާފައި ވާއިރު އޯކިޑްމަލެއްގެ ފިޔަތަކު މަތީ ޝަބްނަމް ތިކިތަކެއް ހަރުލާފައި ވާ ކަހަލައެވެ. ތުންފަތްވެސް ރަތްކަމުން ލޭ ކޮޅެއް ފަދައެވެ. ރުއިމާއި ގުޅިގެން އެ ދެ ތުންފަތް ރޫ ރޫ އަޅާތަން ފެނިގެން ރަފާލްއަށް ކެތްކުރަން ދަތިވިއެވެ. ރަފާލް ބާރުބާރަށް ތުންފަތުގައި ދަތް އަޅާލައިފައި އިސްޖަހައިލީ އެއީ ތެދެކޭ ބުނެފައެވެ. ޒޯއީ ކަރުނަތަކާއި އެކުވެސް ވަގުތުން ހިނިތުންވެލިއެވެ. "ދެންވެސް ބުނަންވީނު ވީ ގޮތެއް؟" ރަފާލް ދުރަށް ޖެހިލަން އުޅެނިކޮށް ޒޯއީ އެއަތުގައި ހިފައިލުމުން ސިހޭ ގޮތްވިއެވެ. ޒޯއީ ދައްކައިލީ ޓައިލްސް މަތީ އޮތް ސްޓޭންޑެވެ. ރަފާލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
"ޕްރެގްވީމަ މާ އަވަހަށް އެމޯ ވަނީ ދޯ." ރަފާލް ޒޯއީގެ ކޯތާފަތުގައި ހިފަހައްޓައިލައިފައި އަނެއްކާ ގޮސް މޭޒު ދޮށުގައި އިށީންދެއްޖެއެވެ. ޒޯއީ ހިނިތުންވެފައި ހުރެގެން ސްޓޭންޑް ނަގައި ތެދުކޮށްލައިފައި ގޮސް އެނދުގައި އިނީ ހެޑްސެޓް އަޅާލައިގެންނެވެ. އެކަމަކު މިނިޓަކަށް ވެސް އެދެލޯ ރަފާލްގެ މޫނަކުން ނުނެއްޓެއެވެ. އެހެން އިނދެގެން ޒޯއީ ވިސްނީ ރަފާލް ކައިރީ ލޯބިވާ ވާހަކަ ބުނާނެ ރަނގަޅު ވަގުތަކާއި މެދުގައެވެ.
ރީމް ރީތިވެލައިގެން ނިކުންނަނިކޮށް ކޮންމެވެސް މީހަކު ކޮޓަރި ހުރަސް ކުރި ތަން ފެނުނެވެ. ރީމް ފޯން ހިފައިގެން ކޮޓަރިން ނިކުތްއިރު އެމީހަކު ވަށައިގެން ހޯދަމުން ގޭގެ މައި ދޮރާއި ހަމައަށް ދިޔައީއެވެ. ދޮން މަންމަ މާ ސިއްރުން ތަނަކަށް ދާން އުޅޭހެން ހީވެގެން ރީމްގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ. ރީމް ބަލަން ހުރެލައިފައި ފާޑަކަށް ތުން ހަދައިލިއެވެ. ނާހިދާ ނިކުތްފަހުން އޭނާ ދޮރު ހުޅުވާލައިފައި ނިކުމެ ކާރަށް އަރަން ދަނިކޮށް ގޭޓު ކުރިމައްޗަށް އައިސް މަޑުކޮށްލި އެހެން ކާރެއް ފެނުނެވެ. ރީމްގެ ދެލޯ ބޮޑުވީ ޑްރައިވަރ ސީޓުގައި އިން މީހެއްގެ މޫނު ފެނިފައެވެ. ނާހިދާ ކާރަށް އަރައި ހަމަޖެހިލުމާއެކު ކާރު އޭގެ ހަލުވި މިނުގައި ގޮސް އޮބައިލި އިރުވެސް ރީމްއަށް ހުރެވުނީ ފާޑަކަށް ހުއްޓުން އަރާފައެވެ. ޒަކްވާން ގުޅީ އެހެން ހުއްޓައެވެ. ސިހިގެން ގޮސް ފޯން އަތުން ދޫ ނުވީ ކިރިޔާއެވެ.
"ހެލޯ." ރީމް ހިތުގެ ތެޅުން ހަމައަކަށް އަޅުވާލައިފައި ފޯނަށް ޖަވާބު ދިނެވެ. "ނިކުމޭ ގޭޓު ކައިރިއަށް." ރީމްއަށް އެހިސާބަށް ނުދެވެނީސް ޒަކްވާން ކާރުގައި އައިސް އެތަނަށް މަޑުކޮށްލިއެވެ. ރީމް ދުވެލާފައި ގޮސް ކާރަށް އެރުމުން ޒަކްވާން ބަލައިލި ގޮތަކުން ރަކިވިއެވެ. "ޕްރިޓީ!" ޒަކްވާން އެއް މިޔަކަނުން ހިނިތުން ވެލުމުން ރީމްގެ ހިތް ނަށައިލިއެވެ. ވަގުތުން އެރީތި ތުންފަތުގައި ބޮސްދޭން ހިތް އެދުނެވެ. "ތޭންކްސް." ރީމް އަވަހަށް އެސްފިޔަތައް ތިރިކޮށްލައިފައި އަނެއް ފަރާތަށް އެނބުރުމުން އެވަގުތުވެސް ޒަކްވާން ހަނދާންވީ ލުޖައިން މަތިންނެވެ. ލުޖައިންވެސް ނިކަން ފަސޭހައިން ރަކިކޮށްލެވޭނެ އެވެ. އެންމެ ފަސޭހަ ވާނީ ވެސް ތައުރީފް ކޮށްލައިގެންނެވެ.
ތިއާ ތައްޔާރު ވަމުން ދިޔައީ އޭނާ ހުށައަޅައި ދޭން އުޅޭ ފުރަތަމަ ލައިވް ޝޯވ އަށެވެ. ތިއާ އެދާއިރާއަށް ޝައުޤުވެރިވާކަން ފާހަގަ ކުރުމުން ޝަކީބާ ނުހަނު ހިތްހަމަ ޖެހުނެވެ. ބޭރަށް ފުރުމުގެ ކުރިން އިތުރު ތަޖުރިބާ ހޯދުމަށްޓަކައި ޗެނަލްގައި މަސައްކަތް ކުރުމުގެ ހުއްދަ ޝަކީބާ ދިނެވެ. ތިއާ މިހާރު އެތާގެ މުވައްޒަފުންނާއެކު އެމީހުން މަސައްކަތް ކުރާގޮތް އޮބްޒާވް ކުރާތާވެސް ދުވަސްކޮޅެއް ވެއްޖެއެވެ. އަލަށް ލޯންޗް ކުރަން އުޅޭ ޝޯވ އިން މަންމަ ފުރުސަތު ދިނުމުން ތިއާ ހުރީ ނުހަނު ހިތްހަމަޖެހިފައެވެ. ވަގުތެއް ވާއިރަށް ހުރިހާ ސަމާލުކަމެއް އެދިމާއަށް ހުއްޓައިލައެވެ. ތިއާ ތައްޔާރު ވެލައިގެން ނިކުތް އިރުވެސް ހުރެވުނީ ހިނިތުންވެފައެވެ. ފާއިތުވި ދުވަސްތަކުގެ ހުރިހާ ހިތާމައެއް ސިކުންތު ކޮޅެއްގެ ތެރޭގައި ނެތިގެން ދިޔައީ އީތަން އެނބުރި އަންނާނެ ކަމުގެ އުފާވެރި ޚަބަރު ދިނީމައެވެ. ތިއާ ބާރު ބާރަށް ގޮސް ގެއިން ނިކުމެފައި ޑްރައިވަރާއެކު ދަތުރު ފެށިއެވެ.
ޒަކްވާން ރީމް ގެންދިޔައީ އެކުވެރިއެއްގެ ގެއަށެވެ. އެތާގައި ދެ ޖިންސްގެ ތިން ހަތަރު ޒުވާނަކު ބިލިއާޑް ކުޅެން ތިއްބެވެ. އެމީހުން ދިއުމުން ޒަކްވާން އެކުވެރިޔާގެ އަންހެނުން މޭޒުމަތި ތައްޔާރު ކޮށްފިއެވެ. އޭނާ ގެންދިޔައީ އެކުވެރިޔާގެ އެނިވަރސަރީ ފާހަގަ ކުރަން ދިން ދައުވަތަކަށް ކަން އެނގުމުން ރީމް އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ޒަކްވާން އޭނާއަށް އެވަރުގެ ޝަރަފެއް ދިނުމުން އުފަލުން ފޮޅުނެވެ.
މޭޒުމަތީ އުއްބައްތިތައް ދިއްލާފައި ހުރުމުން އެހާމެ ހިތްގައިމެވެ. ވާސްގައި ޖަހާފައިވާ ތާޒާ މާތަކުގެ ވަހާއި މީރު ކާނާގެ ވަހުން ބަނޑު ފުރި އިތުރު ވާވަރުވިއެވެ. ދޮރު ފޮތިތައް ކަހާލައިފައި ހުންނައިރު ބޯކޮށް ވާރޭ ވެހޭ މަންޒަރު ފެންނާތީ އިތުރަށް ހިތްގައިމެވެ. ކުރިމަތީގައި ރީތި ދެމަފިރިންނާއި ދެންތިބި ދެލޯބިވެރިންއަށްފަހު ޒަކްވާން އާއި އޭނާއެވެ. "ރަނގަޅަށް ބުނެބަލަ ތިދެމީހުން ކަމެއްތަ؟" ނަޔާޒްއަށް އަދިވެސް ޝައްކު ކުރެވޭތީ އަހައިލިއެވެ. ޒަކްވާން އެއީ އެކުވެރިއެއް ގޮތަށް ތައާރަފް ކޮށްދީފައި ވިއަސް މާ ހާއްސަ ކޮށްލައިގެން އުޅޭހެން ހީވަނީއެވެ. "ރީމް ބުނެބަލަ!" ޒަކްވާން ލުއި ހިނިތުންވުމަކާއެކު ރީމްއަށް ބަލައިލިއެވެ. "ޒެކް ބުނިހެން ހަމަ ގުޑް ފްރެންޑްސް..." ރީމްވެސް ހީލައިފިއެވެ. "ތީ އެކަމަކު ކިހިނެއް ގަބޫލު ކުރެވޭނެ ވާހަކައެއް. ޒެކް އެއްވެސް ގާރލްއެއް ގޮވައިގެން އަހަރުމެން ކައިރިއަށް ނާދޭ. ޔޫއާ ދި ފަސްޓް. ނޫންތަ ބޭބީ؟" ނަޔާޒް އަންހެނުން ޝީލާގެ ބުރަކަށީގައި ލޯބިން ފިރުމައިލި ގޮތުން ރީމްއަށް ބަލަން އިނދެވުނެވެ. އެބަސްތައްވެސް ހިތުގައި ހަރުލައިގެން ދިޔައީ ނުހަނު ފުންކޮށެވެ. ރީމް ޖަވާބު ބޭނުންވާ މީހަކު ފަދައިން ބަލައިލި އިރު ޒަކްވާން އިނީ އިސްޖަހައި ގެންނެވެ. އެ ތުންފަތް މަތީގައި އާދައިގެން ހިނިތުންވުމެއް ނަށަ ނަށާ ހުއްޓެވެ. ޒަކްވާން އެކުވެރިންގެ ވާހަކަ ކުޑަކޮށްވެސް ސީރިއަސް ކޮށެއް ނުނަގައެވެ.
"ހޭއި ރީމް... މިރޭ ނަޔާމެން ދެއްކި ވާހަކަ ސީރިއަސްކޮށް ނުނަގައްޗޭ!" އެނބުރި އައި މަގުމަތީގައި ޒަކްވާން ބުނެލިއެވެ. ރީމް މޫނު އަނބުރާލައިފައި އިނީ ހިމޭނުންނެވެ. "ޒަކްވާން ބިރުގަންނަނީތަ؟" ރީމް ބުނެލި އެއްޗަކުން ޒަކްވާން ސިހިއްޖެއެވެ. އަވަސް އަވަހަށް ހަތަރު ކަޅި ހަމަކޮށްލި އިރު ރީމް އިނީ އެސްފިޔަޖަހާނުލައި ބަލާށެވެ. އެދެލޮލުން ޒަކްވާންއަށް ފެނުނު ކުލައަކުން ޖެހިލުން ވާ ގޮތް ވިއެވެ. "އައި މީން އިޓް." ޒަކްވާން މަގުމައްޗަށް ބަލަން ފެށިއެވެ. ރުޅިވެސް އައެވެ. ރީމް އަތް މުށްކަވައިލައިގެން އަނެއްފަރާތަށް މޫނު އަނބުރައިލި ތަނާ ޖެހިގެން ދުއްވާފައި ދިޔަ ކާރުގައި އިން ދެމީހުން ރީތިކޮށް ފެނުނެވެ. ނަސީބަކުން ވާރޭވެސް އޮތީ ތުނި ކޮށްލައިފައެވެ. "އެހެރަ ކާރުގައި ޒެކްގެ ބައްޕަ އާއި އަހަރެންގެ ދޮން މަންމަ އެދަނީ ކޮންތާކަށް؟" އައިސްފައި ހުރި ފޯރީފައި ރީމް އެއްވެސް ކަމެއް ސިއްރު ކުރާކަށް ގަސްތެއް ނުކުރިއެވެ. ޒަކްވާން ކުއްލި އަކަށް ބުރަކި ޖައްސާލައިފައި ރީމްގެ މޫނަށް ބަލައިލީ ލޯ ބޮޑުކޮށްފައެވެ.
"ލޯ ބޮޑުކޮށްގެން ބެލިއަކަސް ނުވާނެ ޒެކް. ދެންވެސް ތަންކޮޅެއް ބާރަށް ދުއްވައިލާފަ އެކާރާއި ހަމަކޮށްބަލަ." ރީމް ފޫހިވެފައިވާ ގޮތަކަށް ދުރު ބަލަން ފެށިއެވެ. ޒަކްވާން އަވަހަށް ކާރު ދުއްވައިލާފައި ގޮސް އެކާރުގެ ކުރިމައްޗަށް ހުރަސްކޮށްލުމުން ރީމްވެސް ދިޔައީ ސިއްސައިގެންނެވެ. ތަންކޮޅެއް ދުރަށް މަޑު ކުރިކަން އެއީ ނަސީބެވެ. އެވަރުންވެސް ޒާހިދުމެން އިން ކާރު އައިސް ޒަކްވާން ކާރުގައި ކުޑަކޮށް ޖެހުނެވެ. ޒަކްވާން ކާރުން ފައިބާފައި އައިސް ނާހިދާ އިން ފަރާތުގައި ހުއްޓިލި އިރު އެދެލޮލުން އަލިފާންކަނި ބުރައެވެ.