ރަފާލްގެ ސިކުނޑި މަސައްކަތް ކުރަން ފެށުމުން ފުރަތަމަ ވެސް ދެބުމަ ގޮށް ޖަހައިލެވުނެވެ. ޒޯއީ ކަޅު ކުލައިގެ އަބެޔާ ހެދުމާއި ބޮޑު ބުރުގާގައި ވެސް ރީތި ކަމަކަށް ބަދަލެއް ނާދެއެވެ. އެމޫނު ވަށްވެފައި ރުއްކުރި ކޮޅެއްހާ ދޮނެވެ. ހިސާބަކަށް ރޫފަ ރަނގަޅުވެލާފައި ހުރުމުން ކޯތާފަތުގެ ފިޔާތޮށިކަން ގަދަވެ ބުނެދޭންދަތި ވިދުމެއް އެމޫނުގައި ވިއެވެ. 

"ވަޓް ޔޫ ޑުއިން ހިއަރ؟" ރަފާލް އަނެއް ފަރާތަށް މޫނު އަނބުރައިލީ ފޫހިވެފައިވާ ގޮތަކަށެވެ. ފުރަތަމަ ޒޯއީއަށް ވެސް ހުރެވުނީ ފާޑަކަށް ބަސް ހުސްވެފައެވެ. ހިނގައިދިޔަ ހުރިހާ ކަމަކަށްފަހު ދެވަނަ ފަހަރަށް ރަފާލް ކުރިމައްޗަށް އަންނަން އޭނާއަށް ވެސް ދަތިވިއެވެ. މަޢާފަށް އެދޭކަށް ވެސް ނުކެރޭނެއެވެ. "ރަފާލް! އައެމް ބެކް." ޒޯއީ ފާޑަކަށް ބަލަން ހުރެލައިފައި ބުނެލިއެވެ. "އައި ކެން ސީ ދެޓް. އަހަރެން މިއަހަނީ ކީއްކުރަންހޭ ތިއައީ؟" ރަފާލް ރުޅިއައިސްގެން ބާރުބާރަށް ގޮސް ޑްރެސިންޓޭބަލް ކުރިމަތީ ހުއްޓި ދެއަތް ވިއްދައިލިއެވެ. ޒޯއީ ޖެހިލުންވެގެން ހިންދިރުވައިލައިފައި ޓިޝޫއެއް ނަގައި ދެއަތް ހިއްކަމުން ކޮޓަރިއަށް ނިކުމެފައި ވަކި ހިސާބަކުން ހުއްޓިއްޖެއެވެ. 

"އައެމް ބެކް..ފޯ ގުޑް.." ޒޯއީއަށް ބުނެދޭނެ ގޮތެއް ނޭނގުނެވެ. "ސީރިއަސްލީ؟ އަނެއްކާ ހަމަހޭގައި ހުރެގެންތަ ތި ވާހަކަދައްކަނީ؟ ބޭނުން ނޫން މީހަކާއި އިނދެގެން އުޅެގެން މިފަހަރު ކާކު ފޯސްކުރީ؟" ލޯގަނޑުން ރަފާލްގެ ރުޅި އައިސްފައިވާ ސޫރަ ފެންނަނީ ނުހަނު ހިތްގައިމު ކޮށެވެ. ޒޯއީއަށް ބަލަން ހުރެވުނެވެ. އެކުގައި ހޭދަ ކުރެވުނު މަދު ދުވަސްކޮޅު ތެރޭގައި ޚުދު އޭނާވެސް ވަނީ ރަފާލްގެ ރީތި ކަމާމެދު ހިތާއި ހިތުން އެއްބަސްވެފައެވެ. "ބުނަން ޒޯއީ. ދެވަނަ ފަހަރަށް ތިކުއްޖާއަށް ޓްރަސްޓް ކުރާކަށް ހިތެއް ނުބުނޭ. ހިތް ބުނަނީ ދެން ލިބޭ ދެރަ މާބޮޑުވާނެއޭ. އެންމެ ރަނގަޅު ވާނީ ތިހިޔާލު ދޫކޮށްލައިފައި ނިކުމެގެން ދިޔައިއްޔާ. ވީހާ އަވަހަކަށް ޑިވޯސް ކަންތައްވެސް އަހަރެން ހަމަޖައްސަ ދޭނަން." ރަފާލް އައިސް ރުޅިއާއެކުވެސް މާ ހަރުކަށި ކޮށް ހަޅޭއްލަވައެއް ނުހެދުނެވެ. ޒޯއީ ފެނިފައި ހިތަށް ކުރި އަސަރުތައް މާ ގިނައެވެ. އެހިތުގެ ކަނަކުން ޒޯއީ ދިޔަނުދީ ހިފަހައްޓަން ވެސް އެދެފިއެވެ. އެކަމަކު ރަފާލްގެ ސިކުނޑި ހުރީ މުޅިން އިދިކޮޅަށެވެ. އެހެންނޫނަސް ދުވާ މަހެއްގެ ނިގުލުގައި ހިފައިގެން ހުރެވޭނީ ކިހާ ދުވަހަކު ހެއްޔެވެ؟ 

"ރަފާލް! ޕްލީޒް ޑޯންޓް ޑޫ ދިސް!" ރަފާލް އެއްއަތުން ފާރު ކައިރީ ހުރި ސޫޓްކޭސް ނަގާފައި ކުއްލިއަކަށް އައިސް ޒޯއީ އަތުގައި ހިފައި ދޮރާއި ދިމާއަށް ގެންދަން ފެށުމުން ޒޯއީއަށް ބުނެވުނެވެ. "ގިވް މީ ވަން ގުޑް ރީޒަން!" ރަފާލް ޒޯއީގެ އަތަށް ފިތައިލިވަރުން އެލޮލުގައި ކަރުނަ ހިނގައިލިއެވެ. އަވަސް އަވަހަށް ތުންފަތުގައި ދަތް އަޅައިލެވުނު ނަމަވެސް އަނގައިން މަޑު އާހްއެއްގެ އަޑު ބޭރުކޮށްލެވުނެވެ. ޒޯއީ އާދޭސްކޮށް ކޮށް ހުއްޓައި ރަފާލް އެއަތުގައި ހިފާ ދަމާފައި ލިވިން ރޫމަށް ހިނގައްޖެއެވެ. ދޮރުން ވަދެގެން އައި ރީމް އާއި ކާކޮޓަރިން ނިކުތް ނާހިދާއަށް ވެސް އެތަން ފެނިގެން ބާރުބާރަށް ހިނގައިފައި އެދިމާއަށް އައެވެ. ޒޯއީ ފެނިގެން އެމޫނު ތަކުގައި ވެސް ވީ ހައިރާން ކަމެވެ. އެކަމަކު އެކަކުވެސް ރަފާލް ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ. ޒޯއީ ކަންތައް ކުރިގޮތުން އެންމެންވެސް ތިބީ ހިތްހަމަނުޖެހިފައެވެ. 

"ބޮޑު ބުރުގާއެއް އަޅައި ނިވާކުރެވުނީމަ ހީނުކުރައްޗޭ ތިހުރީ އިސްލާހުވެފަ ކަމަށް. ތިހެދުމުގެ ކުލައަށްވުރެ ތިކުއްޖާގެ ހިތް ކަޅުކަން އަހަރެން ދެނަހުރިން." ރަފާލް ޒޯއީ ގެންގޮސް ދޮރުން ނެރެފައި އެއަތުން ދޫކޮށްލިއެވެ. "ރަފާލް ޕްލީޒް. އެންމެ ފަހަރަކު އަހަރެން މިދައްކާ ވާހަކަ އަޑުއަހާބަލަ. ލެމްމީ އެކްސްޕްލެއިން!" ޒޯއީގެ އާދޭހާއެކު އެދެމުން ދިޔައެވެ. "އެކްސްޕްލެއިން ވަޓް؟" ރަފާލް ޖަހައިލީ ހިނިގަނޑެކެވެ. ޒޯއީގެ މޫނުގައިވި އަސަރުތައް ވެސް އޭނާއަށް ވީ ސަމާސަ އަކަށެވެ. ޒޯއީފަދަ ކުއްޖަކަށް އެކްޓް ކުރުމަކީ ދަތިކަމެއް ނޫނެވެ. ދާދި ފަސޭހައިން އެންމެންގެ ލޮލުގައި އަނދުން އަޅުވައި ލާނެއެވެ. "ރަފާލް އައެމް ޕްރެގްނެންޓް." ރަފާލް ސޫޓް ކޭސް ޒޯއީ ކައިރީ ބަހައްޓާފައި އަނެއްފަރާތަށް އެނބުރުނު ތަނުން ދެފައިތިލަ ތަތްލައިފިއެވެ. ސިއްސައިގެން ގޮއްސައި އެނބުރި ބަލައިލެވުނު އިރު ޒޯއީ ހުރީ އިސްޖަހައި ގެންނެވެ. ރަފާލްގެ ސިކުނޑި ކިތަންމެ ވަރަށް ދެކޮޅު ހެދިނަމަވެސް އެމޫނުގައިވި ކުލަވަރުން ހިތް އެންގީ ޒޯއީގެ ވާހަކަ ތެދުކަމުގައެވެ. 

"އިޓްސް ޓުރޫ ރަފާލް." ޒޯއީ މޮޅިވެރި ކަމާއެކު ތިރީ ތުންފަތުގައި ދަތް އަޅައިލިއެވެ. "ރަފާލް އަހަރެން އެނބުރި އައީ ބޭބީއަށް ޓަކައި. އަހަރެންގެ ދިރިއުޅުން، ބޭބީ އުޅޭކަށް ބޭނުމެއް ނޫން. އަހަރެން ބޭނުމީ ބޭބީ ބޮޑުވާއިރު މަންމައާއި ބައްޕަގެ ފުރިހަމަ ލޯބި ލިބުން." ޒޯއީ ހިމޭންކަމާއެކު ދެއްކި ވާހަކަތަކުން ރަފާލް ހިތަށްވެސް އަސަރުކޮށްފިއެވެ. ޒޯއީ ކަހަލަ ކުއްޖަކު އެފަދަ ގޮތަކަށް ވިސްނަފާނެ ކަމަށް ގަބޫލު ކުރާނީ ވެސް ކާކު ހެއްޔެވެ؟ ނާހިދާ އާއި ރީމްވެސް ތިބީ ހިމޭންވެފައެވެ. ދާދި ކައިރީގައި ފާޝާ އާއި ރަޝާދުއަށް ތިބެވުނީ އެކަކު އަނެކަކު އަތުގައި ހިފާލައިގެންނެވެ. ގޭގެ ނޯކަރުންނަށް ވިއަސް އާއިލާގެ ބައެއްހެން އެގޭގެ މީހުންނާއި މެދު އެމީހުން ވިސްނައެވެ. 

"ރަޝާދު! ސޫޓްކޭސް ކޮޓަރިއަށް ގެންދޭ!" ރަފާލް ނޯކަރަށް އަމުރުކޮށްލައިފައި ގެއިން ނިކުމެގެން މިސްރާބު ޖެހީ ގަރާޖާއި ދިމާއަށެވެ. އެނބުރި ބަލައިވެސް ނުލައި ކާރަށް އަރާފައި ހަލުވި ދުވެލީގައި ނިކުމެގެން ދިޔައެވެ. ރަފާލް ކާރު މަޑުކޮށްލީ ރެސްޓޯރެންޓެއްގެ ކައިރިއަށެވެ. ނިކުންނަން އުޅެފައި ހުންގާނުގައި މަޑުމަޑުން ބޯ އަޅައިލައިފިއެވެ. ތެޅެމުން ދިޔަ ހިތުގެ އަޑު ކަންފަތާއި ހަމައަށްވެސް ފޯރިހެން ހީވިއެވެ. ރަފާލް އެހެން އޮވެފައި މަޑުމަޑުން ހީލައިފިއެވެ. އެ ހުނުމުގެ އަޑު ސިކުންތު ކޮޅެއް ވާންދެން ކާރުތެރޭގައި ހަރުލާފައި ހުއްޓެވެ. ހިމޭންވުމުން ރަފާލް އަނެއްކާ ހީގަތެވެ. "އަލްހަމްދުﷲ" ރަފާލްގެ ދެ ތުންފަތް ފޫދުއްވާ ލައިފައި ނިކުތެވެ. އެރީތި ލޮލުން ވެއްޓުނު އުފާވެރިކަމުގެ ކަރުނަ ތިކި ކޯތާފަތުން ރޮގު ދަމާލައިފައި ތިރިއަށް ދިޔައެވެ. ރަފާލްގެ މުޅި ހަޔާތުގައިވެސް މިފަދަ އުފާވެރި ދުވަހެއް އައިކަމެއް ނޭނގެއެވެ. އަދި އެވެސް އެހާ ތަފާތު އިހްސާސް ތަކަކާ އެކުގައެވެ. ޒޯއީ ކަހަލަ އަމިއްލަ އެދުމުން ފޯވެފައިވާ ކުއްޖަކު ދަރިފުޅު ނައްތައިލަން ހިޔާލު ނުކުރިކަމަށް ޓަކައި ނޭނގިވެސް ރަފާލްގެ ހިތުން ޒޯއީއަށް މަތިވެރި ޤަދަރެއް ދެވިއްޖެއެވެ.

ރަފާލް މޯބައިލް ނަގައި މެސެޖެއް ފޮނުވާލައިފައި ގޮސް ރެސްޓޯރެންޓަށް ވަދެ ގޮނޑިއެއްގައި ހަމަޖެހިލިއެވެ. އިރުކޮޅަކުން އާރިން އައިސް އިށީންދެފައި ވެގެން އުޅޭގޮތެއް އަހައިލީ ރަފާލްގެ މޫނުގައިވާ އުފާވެރިކަން ދެކެފައެވެ. ރަފާލް ކިޔައިދިނުމުން އާރިން ވެސް ހިނދުކޮޅަކަށް ބަސް ހުއްޓުނެވެ. "ގްރެޓް. ސީރިއަސްލީ ވަރަށް ވަރަށް އުފާވެއްޖެ. ލެޓްސް ސެލެބްރޭޓް؟" އާރިން ބޭބެއަށް ޓަކައި ހިތުގެ ފުންމިނުން އުފާކުރިއެވެ. "އެހެންވެއޭ އާރީ މިގެނައީ." ރަފާލް އުފަލާއެކު ޖަވާބުދިނެވެ. 

ހަވީރު އާރިންމެން ފުރަން ދިޔައިރު ޒޯއީ އައި ޚަބަރު އެގޭގެ އެންމެންނަށް ވެސް އެނގިއްޖެއެވެ. ޝަކީބާ މަނާ ކުރުމުން ޒަކްވާން އާއި ތިއާ ވެސް އިންނަން ޖެހުނީ ބައްދަލު ކުރަން ނުކެރިފައެވެ. ޒާހިދު ފޯންކޮށްލައިފައި ޒޯއީ ކައިރީ ގެއަށް އައިސްލަން އެދުނެވެ. ޒޯއީ ޖަވާބު ދިނީ ނުކެރޭނެ ކަމަށެވެ. ޒޯއީ ކިތަންމެ ގަޓު ހުއްޓަސް މިހާރު ވެފައި އޮތްގޮތުން މަންމަ އާއި ކުރިމަތިލާން ފަސްޖެހުނެވެ. 

ރޭގަނޑުގެ ކެއުމުގައި ޒޯއީ ފިޔަވައި އެންމެން ބައިވެރިވިއެވެ. ފާޝާ ކައިރީ ސުވާލު ކޮށްލުމުން ބުނީ ޒޯއީ ކައިރީ ކާން އަންނަން ބުނެފައިވާނެ ކަމަށެވެ. ރަފާލް އެންމެ ކުރިން ކައި ނިންމާފައި ކޮޓަރިއަށް ދިޔައީ ޒޯއީއާ ބައްދަލު ކުރަން ވެގެންނެވެ. "މިހާރު ކިހިނެއް ވެގެން ތިއުޅެނީ؟" ރަފާލް ރުޅިގަދަވެގެން އައި ކަމުގައި ވިއަސް ޒޯއީ އެނދުގައި އޮށޯވެލައިގެން އޮތްތަން ފެނުމުން އަހައިލެވުނީ މަޑުމައިތިރި ކޮށެވެ. "ރަފާލް އަހަންނަކަށް ނުކެރޭނެ އެންމެންގެ ތެރޭގައި ގޮސް ކާން އިންނާކަށް. ސްޕެޝިއަލީ ރަފާލް ޑޭޑް ކުރިމަތީ. އެހެންވެ ނުދިޔައީ." ޒޯއީ އޮތްގޮތަށް އޮވެފައި ބަލައިލިއެވެ. "ފާޝާ ކައިރީ ބުނެލިނަމަ ދޯ." ރަފާލްއަށް ޒޯއީގެ އިހްސާސްތައް ވިސްނިގެން މާބޮޑަށް ބާރު އަޅާކަށް ނުހަދައެވެ. ރަފާލް ތިރިއަށް ގޮސް ޒޯއީއަށް ކާން ގެނެސްދޭން ބުނެފައި އައިސް ލެޕްޓޮޕް ނަގައިގެން ސޯފާގައި އިށީންދެލިއެވެ. ޒޯއީ ފާޚާނާއިން ނިކުތްތަން ފެނިގެން އިޚުތިޔާރެއް ނެތިވެސް ބަލައިލެވިއްޖެއެވެ. 

ބުރުގާ ނަގާފައި އަދި ކަކުލާއި ހަމައަށް އަންނަ ކުރު ހެދުންކޮޅެއްގައި ފެނުމުން އެވަގުތުވެސް ރަފާލްގެ ހިތާއި ކުޅެލިއެވެ. ޒޯއީ ފުނާއަޅަން އުޅުނު އިރު ރަފާލްއަށް ފާހަގަ ކުރެވުނީ އެއިސްތަށިގަނޑު ވެސް ކުރިއަށްވުރެ ބޯވެފައި ކަޅުކުލަ ގަދަވެފައި ވާކަމެވެ. މާބަނޑުވުމުގެ ސަބަބުން މިހާ އަވަހަށްވެސް ބަދަލު އަންނަން ފެށީއެވެ. ޒޯއީއަށް ރަފާލް ބަލަން އިންތަން ފެނުނީ ލޯގަނޑުންނެވެ. އެބެލުމުގައި ވި ލޯބިވެތިކަން ދެކެފައި މެއަށް ފާޑެއްގެ ގޮތެއްވިއެވެ. ޒޯއީ އަވަހަށް އިސްތަށިގަނޑުގައި ވޫލް ކޮޅެއް ޖަހާލައިފައި އެނބުރިލި ތަނާ ފާޝާ ކާއެއްޗެހި އަތުރާފައިވާ ތަބައް ހިފައިގެން އައެވެ. ޒޯއީ ކާން އިށީން ފަހުން ވެސް ރަފާލް ލެޕްޓޮޕްއަށް ބަލަން އިނދެފައި އިރުއިރުކޮޅާ ކަޅިއެއް އެއްލައެވެ. ރަފާލްގެ ހިތުގައި ކުރިލައި ހެދެމުން ދިޔަ ރުޅިވެރިކަން މިހާ އަވަހަށް ވެސް ފަނޑުވާން ފަށައިފިއެވެ. އޮޅުންފިލުވަން ބޭނުންވި އެތައް ވާހަކައެއް ހިތުތެރޭ ގިނަވަމުން ދިޔައެވެ. 

ހޯމްވޯކްތައް ނިންމަން އިނދެފައި ރީމް ފޫހިވެގެން ހުއްޓައިލިއެވެ. ހޭވިފައިވާ އިސްތަށިގަނޑު ރީތިކޮށްލައިފައި ރީމް ލޯގަނޑަށް ކަޅިއެއް އެއްލިއެވެ. އެދެލޮލުގެ ވިދުވަރު ވަނީ ފަނޑުވެފައެވެ. ރީމް އެކައިވެންޏަށް ރުހުން ދީފައި ވިއަސް އޭގެ ފަހުން ހަމަ ނިދި ނުލިބެއެވެ. ރީމް ހެދިބޮޑުވެގެން އައިގޮތަށް އެހިތުގައި އާރިންގެ ލޯބި ވެސް އަށަގެންފައިވެއެވެ. އާރިންގެ ހަނދާން ތަކުން ލޮލުން ކަރުނަ ހިލޭގޮތްވެގެން ރީމް ތެދުވެފައި ބަދިގެއަށް ގޮސް ހޫނު ކޮފީއެއް ހަދާލައިގެން އައެވެ. ފަހަކަށް އައިސް ކޮފީ އަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ރީމް ކޮފީ ބޯން އިނދެފައި ފޯނުން އެފްބީއަށް ވަދެލިއެވެ. ފުޅާ ރެއިލިންގައި ކޮފީ މަގު ބަހައްޓާލައިގެން ހުރެ އޮންލައިންގަ ތިބި މީހުން ބަލަނިކޮށް ކުއްލިއަކަށް ޒަކްވާންގެ ނަން ލޮލުގައި އަޅައިގަތެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ޒަކްވާން އެއީ އެކައިވެންޏާއި އެންމެ ނުރުހުނު އެކަކުކަން ރީމް ދެނެހުއްޓެވެ. 

"ހައު އާ ޔޫ ހޯލްޑިން އަޕް؟" ރީމް ފުރަތަމަވެސް ލިޔެލީ އެހެންނެވެ. އިރުކޮޅަކުން ޒަކްވާން ރިޕްލައި ކުރީ "ވަޓް ޔޫ މީން" އޭ ޖަހާފައެވެ. "ލޫލޫގެ ވެޑިން ވާހަކަ މިބުނީ." ރީމްގެ ޖަވާބު ފެނިގެން ޖަވާބު ނައިސް އިރުކޮޅެއް ދިޔައެވެ. "ވަޓް އެބައުޓް ޔޫ؟" ޒަކްވާން ކޮށްލީ ސުވާލެކެވެ. "ޝޭޓާރޑް މަޗް." ރީމް ޖެހިލުމެއްނެތި ޖަވާބު ދިނެވެ. ޒަކްވާން އެއީ މިވަގުތު އޭނާގެ ހާލު އެންމެ ރަނގަޅަށް ދެނެގަނެވޭނެ ހަމައެކަނި އިންސާނާއެވެ. "ގެސް އައެމް ވޯސް." ޒަކްވާންވެސް ފުރަތަމަ ފަހަރަށް އެހެން މީހަކަށް ހިތުގެ ހާލު ބަޔާންކޮށްދިނެވެ. އެހިސާބުން ރީމްއަށް ފޯނެއް އައިސްގެން ބަލައިލި އިރު އެކުވެރި ކުއްޖެކެވެ. ރީމް ފޯނު ނެގިތަނާ އޭނާ އެދުނީ އެގެއިން ބައްދަލު ކުރުމަށެވެ. ރީމްގެ އެކުވެރިޔާ އުޅެނީ "ގެޓް ޓުގެދަރ" އެއް ބާއްވައިގެންނެވެ. ރީމް ބޭރަށް ދާންވެގެން ވިސްނައިލާފައި ގަޑި ބަލައިލިއެވެ. ނުވަގަޑި ބައިވާން ކައިރިވެފައި ހުއްޓާ ބައްޕަ އޭނާ ނުފޮނުވާނެއެވެ. ރީމް ގަސްތު ކުރީ ސިއްރުން ދާށެވެ. ގޭގައި ހިތާމަވެރިވެފައި އިނުމަށްވުރެ އެކުވެރިންނާއެކު ވަގުތު ހޭދަކޮށްލުން ބުއްދިވެރިއެވެ. 

ރީމް އެނދުގައި ދިގު ދިގަށް ބާލީސް އަތުރާފައި ރަޖާ އަޅައިލުމުން އެތާގައި މީހަކު ނެތް ވައްތަރެއް ނުޖަހައެވެ. ރީމް އަލަމާރި ހުޅުވާފައި ކަޅުކުލައިގެ ބެޓްވިންގް ޓޮޕްކޮޅަކާއެކު ހުދު ސްކިނީއެއް ލައި އިސްތަށިގަނޑު ވެސް ފުނާ އަޅައި ދައްޗެއް ޖަހައިލިއެވެ. އިސްތަށިގަނޑު ހައްޔަރުވެފައި އަދި ހެދުން ކަނާތު ކޮނޑުން ތިރިކޮށްފައި އޮތުމުން ނުހަނު އަޅައިގަންނަ ގޮތް ހުއްޓެވެ. ރީމް ލޮލުގައި އަނދުން އަޅާފައި ތުންފަތުގައި މަޑު ފިޔާތޮށި ކުލައެއް ޖައްސައިލުމުން މޫނުގައި ކުރިން ހުރި މޮޅިވެރިކަން ވަންހަނާވެ އަޖައިބެއްފަދަ ރީތިކަމެއް ވިއެވެ. ނިކުމެގެން ދަމުން ފޯން ސައިލެންޓަށް ލެވުނީ ހަމަ ނަސީބެވެ. އެފޯން ރިންގްވާން ފެށީ ގޭގެ ދޮރާއި ހަމައަށް ދެވުނު ތަނާއެވެ. ރީމް އަވަހަށް ނިކުމެ، ގޮސް ޓެކްސީއެއް މަޑުކުރުވާފައި އަރައިގެން ދިޔައެވެ. މޫސުން ބަދަލުވާން އުޅޭކަމުގެ އަސަރުތައް ފެންނަމުން ދިޔަ ނަމަވެސް ރީމް އެއިން ކަމާއި ވިސްނައެއް ނުލައެވެ. 

ފީ ދައްކާފައި ނިކުތް އިރު ޒީނާ ހުރީ ރީމްގެ އިންތިޒާރުގަ އެވެ. ޒީނާ އަވަހަށް ރީމް އަތުގައި ހިފާފައި އިމާރާތުގެ ދެވަނަ ފަންގިފިލާއަށް ގެންދިޔައެވެ. އެބޮޑު ލިވިންރޫމްގައި ދެޖިންސުގެ ޒުވާނުންތައް ފުރިބާރުވެފައި އުޅޭތަން ފެނިގެން ރީމްއަށް މަޖާވިއެވެ. ކަންފަތް ފަޅައިގެން ދާ ވަރަށް ޖަހާފައިވާ ލަވައިގެ އަޑުން ހަގީގަތުގައި ރީމްގެ ހިތަށް ލިބުނީ ހަމަޖެހުމެކެވެ. ހިމޭންކަން ދެކެ އޭނާ މިހާރު ފޫހިވެއެވެ. އެހިމޭންކަން އޭނާގެ ހިތާއި ހަމައަށް ބާރު ފޯރުމުން ވިސްނުން ދަނީ ބޭނުންނުވާ މިސްރާބަށެވެ. އެތާގައި ގިނައީވެސް ރީމްގެ އެކުވެރިންނާއި ދަންނަ ކުދީންނެވެ. މަދުން ނަމަވެސް ނުދަންނަ ޒުވާނުން ފެނުނެވެ. ރީމް ކޯކް ތައްޓެއް ނަގާފައި ސޯފާގައި ޒީނާގެ ކައިރިން ހުސްތަންކޮޅެއް ހޯދައިގެން ޖައްސާލިއެވެ. ޒަކްވާން ފެނުނީ އެހިސާބުންނެވެ. ޒަކްވާން އިނީ ކުރިމަތީ ހުރި ސޯފާގައި އިސްޖަހައިގެން ފޯނާއި ކުޅެލަ ކުޅެލައެވެ. އެހާ އަޑު ގަދަވެފައި ސަކަރާތް ބޮޑު ތަނެއްގައި ޒަކްވާން ހިމޭންކަމާއެކު އިންގޮތް ރީމްއަށް ވީ މަޖާ ކަމަކަށެވެ. 

"ހޭ ޔޫ. މިތާގައިވެސް ޗެޓް ކުރަނީތަ؟" ރީމް ޗެޓް ބޮކްސްގައި ލިޔެލިއެވެ. އިރުކޮޅަކުން ޒަކްވާން އިސް އުފުލާލައިފައި ވަށައިގެން ލޯ ހިންގައިލި ތަނާ ރީމް ފެނިއްޖެއެވެ. ހަތަރުކަޅި ބައްދަލުވުމުން ދެމީހުންވެސް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ރީމް ކޯކް ފޮދެއް ބޯލައިފައި ކުރިމަތީގައި ކުރިއަށް ދިޔަ ކެރަމް ގޭމަށް ބަލަން ފެށިއެވެ. އިރުކޮޅަކުން ޒީނާގެ ބޭބެ ހަސަން އައިސް ރީމް އަތުގައި ހިފާފައި ނަށަން ގެންދަން ފެށުމުން ރީމް ގަދަ ހަދަން އުޅެގެން ކޯކްތަށި ބަންޑުންވީ ހެދުމަށެވެ. "ހަސައްޓެ ކިހާ ދެރަކަމެއް؟" ރީމް ތުންކޮޅު ހަދާފައި ގޮސް ޒީނާގެ ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. ފެންކޮޅަކުން ހެދުން ދޮވެލައިގެން ނިކުތް އިރު ހަސަން އެހެން ކުއްޖަކާއެކު ސަލްސާ ޖައްސައިގެން އުޅޭތަން ފެނިގެން މަޖާވެފައި ބަލަން ހުރެވުނެވެ. ގިނަ ކުދިންތަކެއް އެތަން ބަލަން ތިބެގެން އެދެމީހުންނަށް ތަރުހީބު ދިނެވެ. ރީމް އެހެން ހުއްޓައި ޒަކްވާން ގޮސް ނިކުތީ އެގޭގެ ބެލްކަންޏަށެވެ. ހަސަންއަށް ރީމް ފެނިގެން އަންނަން ފެނުމުން ރީމް ހީގެންފައި ފިލަން ވެގެން ދުވަމުން ގޮސް ނިކުމެވުނީ ބެލްކަންޏަށެވެ. އެވަގުތު އެތަނުގައި ޒަކްވާން ހުންނާނެކަން ރީމް ހުރީ ހަނދާންނެތިފައެވެ. 

ރީމް ފަހަތް ބަލަމުން އެބާރު މިނުގައި އައިސް ޖެހުނީ ޒަކްވާން ގައިގައެވެ. ބެލެންސް ކަޓައިގެން ވެއްޓިދާނެހެން ހީވުމުން ޒަކްވާން ޓީޝާޓުގައި ދެއަތުން ބާރުބާރަށް ހިފެހެއްޓުނެވެ. އެކަމަކު ޒަކްވާން ހުރީ އެއަށްވުރެ ކުރިން ރީމް އުނަގަނޑުގައި ހިފާ ކޮންޓްރޯލް ކޮށްލައިގެންނެވެ. ރީމްގެ ހިތް ތެޅިގެންވަރާއި އެއްވަރަށް ޒަކްވާންގެ ގައިން ދުވި ސެންޓްގެ ވަހުން ހިތަށް ހަމަޖެހުން ލިބުނެވެ. ހަތަރުކަޅި ހަމަވުމުން މެއަށް ފާޑަކަށް ފިނިވެސް ވެލައިފިއެވެ. އެތައް ދުވަހަކަށްފަހު ހިތުގައި އާ ވިންދެއް ޖަހައިލި ފަދައެވެ. "ސޮރީ." ޒަކްވާން ރީމް ތެދުކޮށްލާފައި ދުރަށް ޖެހިލުމުން އަވަހަށް މަޢާފަށް އެދުނެވެ. "ކަމެއް ނޫން." ޒަކްވާން ފޯނުގެ ސްކްރީނަށް ބަލަން ހުރެފައި ރެއިލިންގައި ދެއަތް އަޅުވައިލިއެވެ. ރީމްވެސް އެނބުރި ދިއުމުގެ ހިޔާލު ދޫކޮށްލައިފައި ރެއިލިންގައި ދެއަތް އަޅާލައިގެން މަޑުކޮށްލިއެވެ. ޒަކްވާން ކަޅު ޓީޝާޓަކާއި ޖިންސެއްގައި ނުހަނު ރީތިވެފައި ހިތްގައިމު ގޮތް ހުއްޓެވެ. އިސްތަށިގަނޑު އަނެއްކާވެސް ކުޑަކޮށް ދިގުވެލައިފައި ނިއްކުރި މައްޗަށް ބައެއް އިސްތަށިތައް ފައިބާފައި ހުރުމުން ރީމްއަށް ރީތިވިއެވެ. ބެލްކަނީގައި ދިއްލާފައިވާ ހުދު އަލީގައި ރީމްއަށް އެނޫ ދެލޯ ފެނިގެން ފުންކޮށް ބަލައިލެވުނެވެ. ޤުދުރަތީ ދެލޯ ކަމުގައި ނުވިއަސް ރީމްއަށް އެދެލޯ އަބަދުވެސް ރީއްޗެވެ. 

"ކީއްވެ ކުރި ސުވާލެއް؟" ޒަކްވާން ކުއްލި އަކަށް އަހާލައިފިއެވެ. ލަވައިގެ އަޑު އެތަނަށް މަޑުވީމައި ނަސީބަކުން ވާހަކަދައްކަން އެހާ އުދަނގުލެއް ނޫނެވެ. "ހަމަ ހިތަށް އެރީ ޒަކްވާން ކިހިނެއްބާއޭ އުޅެނީ ލުޖައިން މެރީ ކުރީމަ." ރީމްވެސް ޖަވާބުދިނީ ތިރި ބަލަން ހުރެފައެވެ. "ތިއާ ފަރާތުން އެނގުނު ރީމް އެންމެ ފަހުވަގުތު ވެޑިން އާއި ގަބޫލުވިކަން. އެއީ ތެދެއްތަ؟" ޒަކްވާން މޫނު އަނބުރައިލި އިރު އެބެލުމުގައި ތޫނު ކަމަކުން ރީމްގެ ހިތް އެފުށް މިފުށަށް ޖަހައިލިއެވެ. "ހޫމ." ރީމް އަނެއްކާ ތިރި ބަލަން ފެށިއެވެ. "މީ އަހަރެން އެކަކު ކައިރީވެސް ނުބުނާ ވާހަކައެއް. އިޓްސް އެބައުޓް ޑޭޑް. އެކައިވެންޏާއި ރުހެން ޑޭޑް އަހަރެންނަށް ރީޒަންއެއް ދެއްކީ. އެވާހަކަ ގަބޫލުކުރެވުނީމަ ކޮމްޕްރޮމައިޒް ކޮށްލީ. ޑޭޑް ބުނީ އަހަރެންގެ ބަޔޮލޮޖިކަލް މަމް އާއި ދެމީހުންގެ ވެޑިންވެސް ކުރިއަށް ނުދިޔައީ އެރޭންޖް މެރިޖްއެއް ވީމައޭ. ދެން އަނެއްކާ ސްޓެޕް މަމް އާއި ދެމީހުންގެ ވެޑިންވެސް އަދިވެސް ސަކްސެކްފުލްއެއް ނޫން. އެއީ ވަން ސައިޑެޑް ލޯބިވީމަ. އެހެންވެ ދެން ދޫކޮށްލީ. އެހެންނޫނަސް ކިހާ ދުވަހަކު އެހެން ގޮތްދޫ ނުކޮށް ހުންނާނީ. އާރީ އަހަރެން ނުގަބޫލަސް ލޫލޫ ދޫކޮށެއް ނުލާނެ. އެއީ ޔަޤީންކަމެއް." ރީމްގެ ވާހަކަތައް އަހާފައި ޒަކްވާންގެ ނަޒަރު އެމޫނަށް ހުއްޓުނެވެ. ދެލޯ ފެންކަޅިވެފައި ހުއްޓާވެސް ރީމް ހިނިތުންވެލި ގޮތުން ހިތަށް ކުރީ މުޅިން އެހެން ކަހަލަ އަސަރެކެވެ. އެހިނިތުންވުން ހާސް ކަރުނައަށް ވުރެ ވޭންގަދަކަން ޒަކްވާން އަށް ރަނގަޅަށް ވިސްނުނެވެ.

ކޮމެންޓް 0