ލުޖައިން އެކުރި ކަމަކުން އެންމެ ފުރަތަމަވެސް އިސްޖަހައިލަން މަޖުބޫރު ކުރުވައިފިއެވެ. އާރިންގެ ހިތުތެރޭގައި އުތުރި ގަތް އިހްސާސް ތަކުން އެމޫނު ރަތްވެގެން ދިއުމާއި އެކު ދެއަތް ދެއަތާއި ހިފަހައްޓައި ލެވުނީ ނުހަނު ބާރަށެވެ. ލުޖައިން އާރިންގެ ގަމީހުގައި ހިފާ ބޮނޑިކޮށްލައިގެން އެމޭގައި މޫނު ފޮރުވާލައިގެން ހުރި ގައިގޯޅިކަން ފެނިފައި ރީމްއަށް ކެތްވީއެއް ނޫނެވެ. ޝަހީމް ނެތްނަމަ ރީމް އަތުން ފައިން ގޯސް ނުހަދައި ނުހުރީހެވެ. އަނެއްކޮޅުން ރަފާލް ވެސް ހުރީ ކަންތައް ހިނގައިދިޔަލެއް އަވަސްކަމުން އެއްޗެއް ނުބުނެވިފައެވެ. ލުޖައިންގެ އެންމެ އަމަލަކުން އެތައް ހިތެއްގައި ނުފެންނަ ކޫރެއް އަޅުވާލައިފިއެވެ. ލުޖައިންގެ ޅަ ހިތް ރޫރޫ އަޅަމުން ދިޔަވަރުން އިތުރު ކަމަކާއި ވިސްނާނެ ހެއެއް ނެތެވެ. އެކިހިސާބުގައި ބަހައްޓާފައި ތިބި ބުދުތަކެއްހެން އެންމެން ތިއްބައި ޝަހީމް އަނެއްފަރާތަށް އެނބުރިފައި ދަމުން ނާހިދާއަށް ގޮވައިލުމުން މަރުވެފައިވާ އެމާހައުލަށް ފުރާނަ އެޅިގެން ދިޔަ ކަހަލައެވެ. ނާހިދާ އަވަސް ފިޔަވަޅުތަކެއްގައި ޝަހީމު ފަހަތުން ދިޔައެވެ.
ލުޖައިން ސިހިގެން ގޮއްސައި ދުރަށް ޖެހިލިތަނުން ރީމް ބުޅާގަނޑު ނަގައި އުރާލައިފައި އައީ ރުޅި އައިސްފައިވާ ސިންގާއެއް ފަދައިން ފުންމަފުންމައި ގެންނެވެ. ރަފާލްއަށް ފެނިގެން އަވަހަށް ލުޖައިން ކުރިމައްޗަށް ހުއްޓިފައި ރީމްގެ އެއްއަތުގައި ހިފައި ގެންދަން ފެށުމުން ރީމް ސަލާމަތް ނުވެގެން ހަޅޭއްލެވިއެވެ. ލުޖައިން ދެލޯ ބޮޑުކޮށްލައިގެން އެމަންޒަރު ބަލަން ހުއްޓައި އިރުކޮޅަކުން އާރިން އައިސް ކުރިމައްޗަށް ހުއްޓިލުމުން ސިހޭ ގޮތްވިއެވެ. "ބުނަން ލުޖައިން! ސްޓޭ އަވޭ ފްރޮމް މީ!" އާރިން ދެބުމަ ގޮށް ޖަހައިލުމާއެކު ބާރުބާރަށް އެހެން ބުނެލާފައި އެހެން އެންމެން ފަދައިން އޭނާ އެކަނިކޮށްލައިފައި އެތެރެއަށް ވަދެގެން ދިޔައެވެ. ލުޖައިންގެ މޫނަށް ގޮށްމުށުގެ އެތިފަހަރެއް އަރައިގެން ދިޔަހެން ހީވިއެވެ. ދެލޮލުން ކަރުނައިގެ ކޯރެއް ދެމިގަތެވެ. ތުރު ތުރު އަޅައިލި ދެތުންފަތް ފޫދުއްވައިލައިފައި އަޑު ނިކުތުމުގެ ކުރީން ފަހަތަށް ފަހަތަށް ގޮސް ދޮރާއި ހަމަވެފައި އޭނާ ބޭރަށް ދުއްވައިގަތެވެ. އެވަގުތު ލުޖައިން ބޭނުންވީ އަޑުގައި ނެތްތަނަށް ރޯލާށެވެ. އެހެން އެއްވެސް މީހަކު ނުފެންނަ ހިސާބަށް ދުވެފައި ދާށެވެ.
ގޯތިތެރޭގައި މާބޮޑު ހުސްތަންކޮޅެއް ނެތުމުން ލުޖައިން ރަތް ގާތަކުގެ މަތީ ދުވެލާފައި ގޮސް ވަނީ ގަރާޖަށެވެ. ލަމްބޯގިނީގެ އަނެއްފަރާތަށް ގޮސް އެހެން އެކަކަށްވެސް ނުފެންނާހެން ތިރީގައި އިށީންދެފައި ކާރުގެ ދޮރުފަތުގައި ބުރަކަށި ޖައްސައިލި އިރު ރަނގަޅަށްވެސް ގިސްލެވިއްޖެއެވެ. ތިރީ ތުންފަތުގައި ބާރުބާރަށް ދަތް އަޅައިލައިގެން އިނުމުން ލޭ އޮހޮރިދާނެހެން ހީވިއިރުވެސް ދެންމެ ދެންމެ އަޑު ނިކުމެދާނެ ކަހަލައެވެ. ހަނދާން ހުންނަން ފެށީއްސުރެ ލުޖައިން ބައްޕަގެ ނަފްރަތުގެ އަމާޒު ފަތްގަނޑަކަށް ވީ އަންހެން ކުއްޖަކަށް ވީތީއެވެ. ބައްޕަގެ ނަޒަރުގައި އަންހެން ކުދިންނަކީ ބޭކާރު ބައެކެވެ. ހަމައެކަނި ބޮލުގައި އެޅިގެންދާ ޒިންމާ އެކެވެ. ބުރައެކެވެ. ބައްޕަ ނިޔާވުމަށްފަހު ދޮންބެއަށްވެސް އޭނާވީ ބުރައަކަށެވެ. އެއަށްފަހު އާރިން ވެސް މަތިމައްޗަށް އެކަން ސާބިތު ކޮށްދީފިއެވެ. އާރިން އިރެއްގައި މަލާއިކަތެއް ފަދައިން އޭނާގެ ހުރިހާ އުދަނގުލެއް ފަސޭހަ ކޮށްދީފައި ރަނގަޅަށް ވެސް ކޮށްދިން ހެޔޮކަންތަކުގެ ބަދަލު ހޯދައިފިއެވެ. ކުޅޭ ބުދެއްހެން ބޭނުން ގޮތަކަށް އެދިރިއުޅުން ކޮންޓްރޯލް ކުރަމުން ގޮސް އަމިއްލަ ގެއަށްވެސް ގެނައީއެވެ. އެކަމަކު އޭގައި ވެސް ކުށްވެރިއެވީ އޭނައެވެ. ގަދަކަމުން ގެނެސް ގެއަށް ވައްދާފައި އިރުކޮޅަކުން އައިސް ދުރުގައި ހުންނާށޭ ބުނެލީ ކިހާ ފަސޭހަ ކަމާއި އެކުގައި ހެއްޔެވެ؟ ދެވަނަ އިންސާނަކަށް މިދުވަސް ނުދައްކަވާށިއެވެ! އެންމެ ބޮޑު ހިތާމައަކީ މިއޮތް ބޮޑު ދުނިޔެއިން އޭނާއަށް އެހީވެދޭނެ މީހަކު ނެތްކަމެވެ. ބޭނުން ވިއަސް ދާނީ ކޮންތާކަށް ހެއްޔެވެ؟ އާރިން އަދި ކޮންމެ ގޮތެއް ހެދިއަސް އޭނާ ކިޔަވައި ނިމޭންދެން ގެންގުޅޭނެ ކަމުގެ ޔަޤީންކަން ދީފައިވެއެވެ. ވީއިރު ކޮންމެ ހާލެއްގައި ވެސް ކިޔެވިއްޖެއްޔާ މުސްތަޤްބަލު އުޖާލާ ކުރެވިދާނެއެވެ. އޭނާއަށް އޮތީ ކެތްކުރުމެވެ. ގަދައަޅައި މަސައްކަތް ކުރުމާއި ހެއްދެވި ފަރާތުގައި ގިނަ ގިނައިން ކާމިޔާބަށް އެދި ދެންނެވުމެވެ. އިރާދަ ކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން އޭނާ އަމިއްލަ ފައިމައްޗަށް ތެދުވާނެއެވެ. އެހެން މީހަކަށް ބަރޯސާވުމެއްނެތި އަމިއްލަ ދިރިއުޅުން އަމިއްލަ ހާލަށް އުޅޭނެއެވެ.
ސުވާލަކީ އޭނާއަށް ކެތްވާނެ ހެއްޔެވެ؟ ނޫނެކެވެ. ނޫނެކެވެ. ލުޖައިންގެ ހިތުން އަޑު އައެވެ. އިރުކޮޅަކުން އާރިން ބޭރަށް ނިކުމެފައި ލުޖައިން ހޯދަމުން އައިސް ހުއްޓުނު އިރު ހުރީ ސޫޓްކޭސް އަތްގަނޑުގައި ހިފާލައިގެންނެވެ.
"ހިނގާ ދާން! އަހަރުމެންނާއި މިގެއާއި އެކަށީގެނެއް ނުވޭ." އާރިން ލުޖައިންގެ މޫނަށް ރަނގަޅަށް ބަލައިވެސް ނުލައި އަނެއްފަރާތަށް އެނބުރިފައި ދާންވެގެން ހިނގައިގަތެވެ. "ކޮންތާކަށް؟" ލުޖައިންގެ އެސުވާލުން އާރިން ހުއްޓުނެވެ. "ބެކް ޓު ހުޅުމާލެ." އާރިން ޖަވާބު ދިނީ ފަސްއެނބުރުމެއް ނެތިއެވެ. "ކީއްވެ؟" ލުޖައިން އަނެއްކާ އަހައިލިއެވެ. "އަޑެއް ނީވޭތަ މިބުނީ އެއްނު..." އާރިން ރުޅިގަދަވެފައި އެނބުރި ބަލައިލި ތަނުން ލުޖައިންގެ މޫނު ފެނިފައި ޖުމްލަ ފުރިހަމައެއް ނުވިއެވެ. އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައިވެސް ދެލޯ ދުޅަވެ ނޭފަތު ކުރި އާއިއެކު މޫނު އެކަށް ފިޔާތޮށި ވެފައި ހުއްޓާ ފެނުމުން ހިތަށް ތަދުވެލައިފިއެވެ. "އަހަރެން މިއަހަނީ ކީއްވެހޭ އާރީ އެކު އަހަރެން ގެންދަން ތިއުޅެނީ؟ ދެންމެއެއް ނޫންތަ ބުނީ ދުރުގަ ހުންނާށޭ. ދެން ކީއްވެ؟" ލުޖައިންއަށް މުޅިން އާ ހިތްވަރެއް ލިބިގެން އުޅޭ ކަހަލައެވެ. އާރިންއަށް ޖަވާބެއް ނުދެވިފައި ހުއްޓާ ކުރިއަށް ފިޔަވަޅެއް އަޅައިލާފައި އައިސް ކުރިމައްޗަށް ހުއްޓުމުން އާރިންގެ ނަޒަރު އެދެލޮލާއި ވަކިކޮށްލެވޭ ގޮތެއް ނުވިއެވެ. "އާރީ ކޮންމެފަހަރަކު ހަދަނީ ތިހެން. އާރީ އަމިއްލައަށް އެއްބަސްވީމަ އަހަރެންނަށް ތިގެއަށް ދެވުނީ. އާރީ އަމިއްލައަށް ޗާންސްދިނީމަ އަހަރެންނަށް އާރީގެ ދިރިއުޅުމަށް އަނެއްކާވެސް އާދެވުނީ. އެކަމަކު ކޮންމެ ފަހަރަކު ބްލޭމް ތިއަޅުވަނީ އަހަރެންގެ ބޮލުގައި. ޔޯ ދި ވަން ހޯލްޑިން މީ ބެކް. ލެޓް މީ ގޯ އާރީ. ލެޓް މީ ގޯ! ވަރަށް ކެތްކުރެވިއްޖެ. އެކަމަކު ދެނެއް ނުވާނެ." ލުޖައިން ޖެހިލީ އަނެއްކާވެސް ކުރިއަށެވެ.
"ޔޫ ނޯ ވަޓް ލުޖައިން. ޔޯ އިން ޑިނާޔަލް." އާރިން ހިމޭނުން ހުރެލާފައި ކުއްލިއަކަށް ބުނެލިއެވެ. ލުޖައިން ލޮލަށް ގޮތެއް ހަދައިލީ އާރިން އެބަސް ބޭނުން ކުރި ހަޤީޤީ މާނަ ނޭނގިގެންނެވެ. "ލުޖައިންގެ ބައްޕަ އެންމެ ކުރިއްސުރެ ހޭޓްކުރިކަން އެއީވެސް ތެދެއް. ބައްޕަ މަރުވުމަށްފަހު ދެން ހުރީ ޝާމިސް. ލުޖައިންގެ ބްރޯ، އެކަމަކު އޭނާއަށްވެސް ލުޖައިން އޮތީ ބުރައަކަށްވެފަ. އައި ކޭންޓް ބިލީވް އައެމް ސޭއިން ދިސް. އެކަމަކު ޝާމިސް އެއީ ބޭބެގެ ނަމަށް ހުތުރު އަރުވާފަ ހުރި ފިރިހެނެއް. ކާކުތަ އަމިއްލަ ކޮއްކޮގެ ދިރިއުޅުން ހިލޭމީހެއްގެ އަތްމައްޗަށް ދޫކޮށްލާނީ. މަ އަދި ބެސްޓްފްރެންޑަށް ވިއަސް ނޫނީ އަހަރެން ލުޖައިން ދެކެ ލޯބިވާކަމަށް ދައުވާ ކުރިއަސް ބޭބެއަކު ނުކުރާނެ އެގޮތަށް ކަންތަކެއް. ޝާމިސް އަމިއްލައަށްވެސް އަހަރެން ކައިރީ ދެއްކިއޭ ލުޖައިން ބަލަންޖެހޭތީ އެކަން ބޮޑުވާހަކަ. އެކަމަކު ލުޖައިން އަދިވެސް ހޯޕް ތިކުރަނީ މީ ހަޤީޤަތަކަށް ނުވުމަށް. ޤަބޫލުކޮށްބަލަ ލުޖައިން. ލުޖައިން ގައިގަ ތަޅައި މަރަންވެސް އަނިޔާކުރަން ވެސް އަހަރެން އެކަންޏޭ މިއަދު ހުރީ. ދެން އަހަރެން ދޫކޮށްލީމަ ދާނީ ވަކި ކޮންތާކަށްތަ؟" އާރިންގެ ވާހަކަތަކުން ލުޖައިންގެ ދެލޯ އަނެއްކާވެސް ކަރުނުން ތެންމާލައިފިއެވެ. ޤަބޫލު ކުރަން ބޭނުން ނުވިއަސް ހަޤީޤަތަކީ އެއީ އެވެ. އެއްބަފާ ބޭބެމެންނާއި ދައްތަމެންގެ ނަޒަރުގައި އޭނާ އެއީ ނެތް މީހެކެވެ. އެއްބަނޑު އެއްބަފާ ބޭބެ އޭނާ ދޫކޮށްލުމުން ކިޔެވުން ހުއްޓާލައިފައި ދެން ގޮސް ވާންވީ މަންމައަށް ބުރައަކަށެވެ. އެމަންމަ އަވަށްޓެރިއެއްގެ ގޭގައި އުޅެމުން އެމީހުންނަށް ނޯކިރީކޮށްގެން ޒަރޫރީ ބޭނުންތައް ފުއްދާލައިގެން އުޅެވޭކަން ނަސީބެވެ. ޝާމިސްއަށް ލުޖައިން ބަލަމުން އަދި މަންމައަށް ފައިސާ ފޮނުވައިގެން ދަތިވާނެތީ އެކަން އޮތީ މަންމަ މަނާކޮށްފައެވެ. އެކަމަކު ޝާމިސް މިއަދު މަންމައަށްވެސް ހިޔާނާތްތެރި ވެއްޖެއެވެ.
ލުޖައިން ރޮއި ރޮއި ހުއްޓައި އާރިން އަތުގައި ހިފާލައިގެން ގޭޓާއި ދިމާއަށް ގެންދަނިކޮށް ރަފާލް ދުވަމުން ކަހަލަ ގޮތަކަށް އައިސް އެމީހުން ކުރިމައްޗަށް އަރައި ހުއްޓުވައިފިއެވެ. "އާރީ. ކީއްވެ ތިދަނީ؟" ރަފާލްގެ އަޑުގައި ނުތަނަވަސްކަން ވިއެވެ. "އަން އިންވައިޓެޑް ގެސްޓެއްކަމަށް ފީލް ކުރެވުނީމަ ދަނީ." އާރިން ބަލައިވެސް ނުލައި ޖަވާބު ދިނެވެ. "ކަމްއޯން ބޭބީ ބްރަދަރ. އަބަދު ނެގެޓިވްކޮށް ވިސްނަންޏާ އެއްކަމެއްވެސް ރަނގަޅެއް ނުވާނެ. މީހަކު އެއްޗެކޭ ނުވެސް ބުނެއެއްނު އަމިއްލަ އަކަށް މާ އެނގިގެން ދާން ތިއުޅެނީ. ހިނގާ އެތެރެއަށް. އެންމެން އެބަތިބި ސައިމޭޒު ދޮށުގައި އިންތިޒާރުގައި." ރަފާލް އެހެން ބުނެލިއެއް ކަމަކު އާރިން އެއީ ތެދެއްކަމަށް ގަބޫލެއް ނުކުރެއެވެ. "އާރީ ބޭނުން ވަނީ އަހަރެން ލައްވާ އާދޭސް ކުރުވަންތަ؟" ރަފާލް ހިތްހަމަނުޖެހިފައި އާރިންގެ ކޮނޑުގައި ހިފައިލީ ނިކަން ބާރަށެވެ. "އައެމް ކަމިން." އާރިން ވިސްނައިލާފައި އިރުކޮޅަކުން އެއްބަސް ވެއްޖެއެވެ.
ތިންމީހުން ކާކޮޓަރިއަށް ވަންތަން ދެކެފައި ރީމް ކާން އިން ކަޓުލަހެއް އެއްކޮށް އަނގައަށް ލީ އެއްޗެއް ބުނެވިދާނެ ތީއެވެ. ރީމް ފާޑަކަށް މޫނު ހަދައިލައިގެން އިނދެ ކަޓްލަސް އަނގައިން ބޭރުވިޔަނުދީ ހިފެހެއްޓިއެވެ. ނާހިދާގެ މޫނުން އެވަގުތު ވެސް ލުޖައިންއަށް ނުރުހުން ފެނުނެވެ. ޝަހީމް އިނީ އިސްޖަހައި ލައިގެންނެވެ. ރަފާލް ލުޖައިންއަށް ގޮނޑި ދައްކާފައި އާރިން އާއި ދެމީހުން އިށީންދެލީ ޖެހިގެން ޖެހިގެން ހުރި ދެގޮނޑީގައެވެ. ނޯކަރު ކުއްޖާ ފަހުން ވަން ތިންމީހުންނަށް ސައި އަޅައިދީފައި ދުރަށް ޖެހިލުމުން އެންމެން ހިމޭނުން ތިބެގެން ސައިބޮމުން ދިޔައެވެ. "ރީމް! ޑިނަރއަށް ދާން ލާނެ ޑްރެސްއެއް ފާސްވެއްޖެތަ؟" ރަފާލް ތަނުގެ ހިމޭންކަން ނަގައިލަން ވެގެން ފެށިއެވެ. ރީމް އަނގައިން ނުބުނެވިގެން ބޯ ޖަހައިލުމުން ރަފާލް ގާތަށް ހިނިއައިސްގެން ސައިޖޯޑު ބަހައްޓާފައި ދެއުޅަބޮށި ވިއްދައިލި ގޮތަށް އިނގިލިތައް މަހައިލާފައި އަނގަމަތީ ޖައްސައިލިއެވެ. "ރަފާލް ބޭނުމިއްޔާ މިރޭގެ ޑިނަޕާޓީގައި އިތުރު މީހުން ބައިވެރިކުރިއަސް އެންމެ ރަނގަޅު." ޝަހީމު ކުއްލިއަކަށް ތެދުވެ އެވާހަކަ އިއްވައިލާފައި ނިކުމެގެން ދިޔައެވެ. އާރިންގެ މެއަށް އުދަނގޫ ތަދެއް ވެލިއެވެ. ޝަހީމް ހާދަ ބޮޑަކަށް އޭނާ ދުރުކޮށްލައިފިއެވެ. ލޮލުގައި ކަރުނަ ހިނގައިލިކަން އިހްސާސް ވެގެން އާރިންއަށް އަވަހަށް ތިރީ ތުންފަތުގައި ދަތް އަޅައިލެވުނެވެ.
ރީމްއަށް ފުރުސަތު ލިބުނީ ދެނެވެ. އެކަކުވެސް ނުވިސްނައި ހުއްޓައި ފެނުނީ ރީމް ތެދުވެފައި ލުޖައިން ބޮލަށް ފެންޖަގު އަޅައިލިތަނެވެ. "ރީމް!" އާރިންއަށް ބާރުބާރަށް ހަޅޭއްލަވައި ގަނެވުނެވެ. "ސޮރީ ލަވް. ގެއަށް އައި މެހުމާނަށް މަރުހަބާ ނުކިޔޭކަން ހަނދާންވީ ދެންމެ." ރީމް ފެންޖަގު މޭޒުމަތީ ބަހައްޓައިފައި ހަށަން ބަނދެލީ ނުހަނު ހަމަޖެހިލައިގެން ހުރެއެވެ. އާރިން ދަތްކުނޑި ވިކައިލައިފައި ރީމް އާއި ކައިރިއަށް ޖެހިލުމުން ރަފާލް އައިސް އެދެމެދަށް ވަދެއްޖެއެވެ. އެދެމީހުން ޒުވާބަކަށް ގޮއްސިއްޔާ ގަޔަށް ބޮލަށް ނާރައި ނުހުންނާނެކަން ރަފާލްއަށް ރަނގަޅަށް އެނގެއެވެ. "ދެވަނަ ފަހަރަށް ތިކަހަލަ ކަމެއް ކުރަން ހިތަށްވެސް ނާރުވާތި!" އާރިން ރީމްއަށް ބަލައިލީ ރުޅިއައިސްގެން ހަލާކުވާ ހާލުގައެވެ. ލުޖައިން އިސްޖެހިފައި އިންދާ އާރިން ކުއްލިއަކަށް އަތަށް ދަމާލައި ގޮނޑިން ނަގައިފައި ގޮވައިގެން ދޮރާއި ދިމާއަށް ދާން ފެށުމުން ރީމްގެ ދެލޮލުން އަލިފާން ކަނި ބުރައިގަތެވެ. "އަދިވެސް މިކަހަލަ ކިތަންމެ ކަމެއް ކުރާނަން. އަޑު އިވިއްޖެތަ؟" ރީމް އަޑުގެ ކޮޅަށް ގޮވައިލައިފައި ހުރިހާ ރުޅިއެއް ބޭލީ މޭޒުމަތީ ހުރި ތަށި ތަކަށެވެ. ރީމް އަތުން ޖަހައި ތަށިތައް ބުރުއްސައިލާފައި ރަފާލް ހިފެހެއްޓުމުން އެއަތުގައި ދަތްއަޅާކަށްވެސް ފަހެއް ނުޖެހުނެވެ.
"އައުޗް!" ރަފާލްއަށް ބުނެލެވުނެވެ. ރީމް ދޫކޮށްލި އިރު ރަފާލްގެ އަތުން ލޭ އަންނަނީއެވެ. އެތަން ފެނިގެން ރީމް އަވަހަށް ދުއްވައިގެންފައި ގޮސް ފިލައިފިއެވެ. ރަފާލްއަށް ކަމުނުދިޔައީ ނާހިދާ އެހުރިހާ ކަމެއް ހިނގައި ދިޔައިރުވެސް އަނގައިން ނުބުނެ މޭޒު ދޮށުގައި އިންގޮތަށް އިނީތީއެވެ. ޝަހީމުގެ އަންބެއްގެ ގޮތުގައި އަދި ހުއްޓަސް އެދެމެދުގައި މާބޮޑު ގުޅުމެއް ނޯންނަހެން ރަފާލްއަށް އަބަދު ޝައްކުވެއެވެ. އާއިލީ ކަންތައްތަކުގައި ވެސް ނާހިދާ ހަމަ އެއްވެސް ވަރަކަށް ޝަހީމް އާއި ހިޔާލު ބަދަލުނުކޮށް ޒިންމާއެއްނެތް ކުޑަ ކުއްޖެއްހެން ހިމޭނުން ހުންނަ ފަހަރު މަދެއް ނޫނެވެ. ރަފާލް އެއްޗެއް ބުނަން އުޅެފައިވެސް ހިޔާލު ބަދަލުވެގެން އެތަނުން ނިކުތެވެ.
ހަވީރުވެފައި ހުއްޓައި މޫސުމަށް ބަދަލު ތަކެއް އަންނަކަމުގެ އަލާމާތްތައް ފެންނަން ފެށިއެވެ. އެންމެ ވިލާ ރޮއްޖެއްނެތް ސާފު އުޑުމައްޗަށް ވިލާތައް ޖަމާވެ އަޅި ކުލަ ޖެހިގެން ދިޔައެވެ. ލުއި ވައިރޯޅިތައް ބާރުވެ ތެތް ފިނިކަމެއް އެކުލެވެން ފަށައިފިއެވެ. ފުރަންވެފައި ހުއްޓައި ކަނޑުގެ ރާޅުތައްވެސް ގޮށް ގޮށަށް އުފުލެމުން ދާތަން ފެނިފައި ތިއާ ބިރުން ހަލާކުވިއެވެ. އެންމެން ދަބަސްތައް ހިފައިގެން ލޯންޗަށް އަރަން ދިޔަ ގަޑީގައި ތިއާ އީތަން އަށް މެސެޖްކޮށްފައި ބިރުގަންނަ ވާހަކަ ބުނެލިއެވެ. "ނޯ ވޮރީސް. އައި ވޯންޓ ލެޓް އެނީތިން ހެޕެން ޓު ޔޫ." އީތަންގެ ޖަވާބުގައި އޮތެވެ. ތިއާ ލޯންޗަށް އަރަންވެގެން އީތަން އެއަތުގައި ހިފައި ފިއްތައިލީ އެކަން ޔަޤީންކޮށްދޭ ފަދަ ގޮތަކަށެވެ. ވަގުތުން ހުރިހާ ނުތަނަވަސް ކަމެއް ފިލައި ދިޔަހެން ތިއާއަށް ހީވިއެވެ. އޭރު ޒޯއީ ސީޓުގައި ބުރަކަށި ޖައްސާލައިގެން އިނީ ވިސްނުމަކަށް ގެއްލިފައެވެ. ޝަކީބާ އެންމެ ފަހު ވަގުތު ޒޯއީ ގެންގޮއްސައި ދެއްކި އާދަޔާ ހިލާފް ވާހަކައަކުން އެހެން ހުރިހާ ކަމަކުން ވިސްނުން އެއްފަރާތް ކޮށްލައިފިއެވެ.
"މިހިރަ އައީނު މަންމަގެ ލިލް ގާރލް." ޝަކީބާ ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަން ހުރެފައި ޒޯއީ ވަންތަން ފެނިގެން ތަންމިނަށް ހިނިތުން ވެލިއެވެ. "މަމް ކީއްކުރަންތަ އަންނާށޭ ބުނީ." ޒޯއީ ފޯނުން ގަޑި ބަލައިލައިފައި ޖިންސްގެ ޖީބަށް ކޮށްޕައިލިއެވެ. އެނދުމަތީގައި ޝަކީބާގެ ދަބަސް ތައްޔާރުކޮށްފައި ހުއްޓެވެ. އެހެން އެންމެން މިހާރު ފާލަމާއި ދިމާއަށް މިސްރާބު ޖަހައިފާނެއެވެ. "ސްވީޓް ހާޓް. މަންމަ މިއަދު ވަރަށް ބޮޑު ކަމަކު އެދެން ޖެހިއްޖެ. އުންމީދު ކުރަން ޑިސްއެޕޮއިންޓް ނުކޮށްލާނެ ކަމަށް." ޝަކީބާ ކައިރިއަށް ޖެހިލާފައި ޒޯއީގެ ދެކޮނޑުގައި ހިފައިލިއެވެ. "އެނީތިން މަމް. އަހަރެން ނުކޮށްދޭނެ އެއްވެސް ކަމެއް ނުހުންނާނެ. މިއޮތްހާ ދުވަހު މަންމައެއްނު އަހަރެންގެ ހުރިހާ ވިޝްއެއް ފުލްފިލްކޮށްދެމުން ތިއައީ. މަމް ފަސްޓް ޓައިމް އަހަރެން ކައިރީ ކަމަކު އެދުނީމަ ހީވޭތަ ނޫނެކޭ ބުނެފާނެހެން." ޒޯއީގެ ހިތުގެ ކަނެއްގައި ހާސްކަމުގެ ރާޅެއް ދުވެލި ނަމަވެސް ވާހަކަދެއްކީ މުޅިން އިދިކޮޅަށެވެ. "ވެލް.. ދެން އެހެންވިއްޔާ އިތުރަށް ކިޔައިނުދީ ދެން އޮތްބައި ސަޕްރައިޒެއް ގޮތަށް ބާއްވާނީ. މިރޭ އިނގޭނެ. އެން ޕްލީޒް، އަށެއް ޖަހާއިރަށް ވަރަށް ރީތިވެލައިގެން ހުންނާތި ޕްރިޓީ ގާރލް." ޝަކީބާ އުފަލުން ގޮސް ހުރިހާ ދަތެއް ދިލުވައިލުމާއެކު ޒޯއީގެ ނޭފަތުގައި ކުޑަކޮށް ހިފައިލިއެވެ.
ލޯންޗް ދުއްވައިލުމާއެކު ފުރަތަމަވެސް ރާޅަކާއި ޖަހައިލުމުން ތިއާއަށް ހަޅޭއްލަވައި ގަނެވިއްޖެއެވެ. ޒޯއީ ސިހޭގޮތްވެފައި އެނބުރި ބަލައިލުމާއެކު ތިއާގެ ބިރުގަނެފައިވާ މޫނު ފެނިގެން ހިނިއައެވެ. އީތަން ކުރިމަތީ އިނދެފައި ދެވަނަ މެސެޖެއް ފޮނުވައިލުމުން ތިއާ ބަލައިލި އިރު ބްލޫ ޓޫތް އޮންކުރާށޭ ލިޔެލައިފައި އޮތެވެ. ތިއާ ފޯންގެ ބްލޫ ޓޫތް އޮންކޮށްލުމުން އީތަން ފޮނުވީ ލަވައެކެވެ. ދަބަހުން ހެޑްސެޓް ނަގާފައި ކަންފަތަށް ޖަހައިގެން އަޑު އަހަން ފެށިއިރު އެއީ "ހަނީ ބަނީ" ގެ އޮރިޖިނަލް ލަވައެވެ. ތިއާ ހިނިއައިސްގެން އިސް އުފުލައިލި އިރު އީތަން ހުރީ ލާނެތް ހިނިއައިސްފައެވެ. ލަވައިގެ އަޑު ފުލްކޮށްލައިފައި ސީޓުގައި ބުރަކަށި ޖައްސައިލުމަށްފަހު ދަތުރު ނިމޭންދެން ތިއާ ދެން އިނީ ހިމޭނުންނެވެ.
މާލެއަށް ފޯރިއިރު ވާރޭ ވެހެން ފަށައިފިއެވެ. ގަދަވަޔާއެކު އައި ބޮޑުތިކި ވާރޭއިން ތަންދޮރުވެސް ވަކިވާވަރެއް ނޫނެވެ. ތިއާ ޑްރައިވަރާއި ޖެހިގެން އިން ސީޓުގައި އިނީ ކާރުގެ ބިއްލޫރިގަނޑުގައި އަތްތިލަ ތަތްކޮށްލައި ގެންނެވެ. ކާރު އޭގެ ހަލުވި ދުވެލީގައި ދަތުރުކޮށްފައި ދާއިރު ވަޔާއެކު އައި އެތައް ހާސް ފެންތިކިތައް އެބިއްލޫރިގަނޑުގައި ބޮސްދީފައި ތިރިއަށް ފިރުކިގެންދާ ހިތްގައިމު މަންޒަރުން ތިއާގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ. އީތަން ފަހަތު ސީޓުގައި ޒޯއީގެ ކައިރީގައި އިނދެގެންވެސް ބެލެނީ ތިއާ ކުރާ ކަމަކަށެވެ. ޒޯއީ ފިނިވެފައިވާ އިނގިލިތައް މަހާލައިގެން އިނދެ އިރުއިރުކޮޅާ ފުމެލައިފައި ފިނިވެގެން އުޅޭކަން އަންގައިލަން އުޅަބޮށިން ކޮނޑާއި ހަމައަށް ދެއަތްތިލަ ހިންގައިލައެވެ. ޒޯއީގެ އިސްތަށިގަނޑު ކުޑަކޮށް ތެމިފައިވުމާއެކު ފިނީގެ ސަބަބުން ތުންފަތްވެސް ރަތްކުލައެއްގައި ފެންނާތީ ރީތިކަން އިތުރުވެފައި ވެއެވެ. އެކަމަކު އީތަން އެހާ ކައިރީގައި އިނދެވެސް ހުރިހާ ސަމާލުކަމެއް ހުއްޓިފައި ވަނީ ތިއާ އަށެވެ. އެކުޑަ އަންހެންކުއްޖާގެ ލޯބީގައި އީތަން ދިވާނާ ވެފައިވާ މިންވަރަކީ ދެވަނަ އަންހެންކުއްޖަކަށް ބަލައިލަން ވެސް ހިތް ނުރުހޭ ކަމެވެ. ޒޯއީއަށް ކުށްހީއެއްގައި ހުރެ ބޭކާރު މަސައްކަތްތަކެއް އެކުރަނީ އެކަން ކުޑަކޮށްވެސް ރޭކައި ނުލާތީއެވެ.
ޑިނަރޕާޓީގެ ވާހަކަ ޒާހިދުގެ ކަންފަތާއި ހަމައަށް އައީ އެންމެ ފަހު ވަގުތުގައެވެ. ޝަކީބާ ގަމީހެއް އިސްތިރި ކޮށްލައިގެން އައިސް ކޮޓަރިއަށް ވަދެފައި ތައްޔާރު ކުރަން އުޅެން ފެށުމުން ޒާހިދުއަށް ނީދެވިގެން ސުވާލު ކޮށްފިއެވެ. "ޒާހިދުއަށް ނާންގައި އަހަރެން ވަރަށް ބޮޑު ކަމެއް ނިންމައިފިން." ޝަކީބާ ފެށިއެވެ. ޒާހިދު އިނީ ހައިރާންވެފައެވެ. މީގެ ކުރިންވެސް ޝަކީބާ އޭނާއަށް ނާންގައި އެތައްކަމެއް ކޮށްފައިވެއެވެ. އަދި އެއިން ކޮންމެ ކަމެއްގައިވެސް ޝަކީބާގެ އަމިއްލަ އެދުން ހިމެނިފައިވެއެވެ. އަނެއްކާ މިފަހަރު ކުރަން އެއުޅެނީ ކީއްހެއްޔެވެ؟ "ވެދާނެ އަހަރެންނަށް މިކުރެވުނީ ރަނގަޅު ކަމެއް ނޫންކަމަށް. މިއަށްވުރެ އަވަހަށް ޒާހިދުއަށް މިކަން އަންގަންޖެހޭނެ ކަންނޭނގެ. އެކަމަކު އަހަރެން ފަހަރެއްގައި ވެސް ނުދެކެން މީ ޒާހިދުގެ ހުއްދަ ހޯދަން ޖެހޭވަރު ކަމެއް ކަމަކަށް. ޒޯއީ އާއި ތިއާ އަދި ޒަކްވާންގެ ބައްޕައަކީ ތީ ކަމަށް ވިއަސް އެކުދިން މީހުންނަށް ހެދީ އަހަރެން. އެހެންވެ އަހަރެން ޤަބޫލު ކުރާ ގޮތުގައި އެކުދިންގެ ދިރިއުޅުމުގެ އެންމެ ބޮޑެތި ނިންމުންތައްވެސް އަހަރެން އެކަނި ނިންމުމުގެ ފުރިހަމަ ހައްޤު އެބައޮތް." ޝަކީބާ އެގޮތަށް ވާހަކަދެއްކުމުން ޒާހިދު ޖަވާބެއް ނުދިނެވެ. ހަޤީޤީ ނަޒަރަކުން ބަލާއިރު އެ ވާހަކަތަކާއި ދެކޮޅު ހެދުމުގެ ބާރެއް ނެތްކަން ޚުދު އޭނާއަށްވެސް ގަބޫލު ކުރެވެއެވެ. ކުދިންގެ ބައްޕައަށް ވިއަސް މިއޮތްހާ ދުވަހު އަޅައިނުލައި ހުރެފައި މިއަދު ހަމަ ކުއްލިއަކަށް އެމީހުންގެ ދިރިއުޅުމަށް ބާރު ފޯރުވުމުގެ ހައްޤެއް އޭނާގެ ނެތެވެ. "ތިޔަ ނިންމުމަކީ އެކުދިންނަށް ގެއްލުމެއް ނުލިބޭ ކަމެއް ކަމުގައި ވާނަމަ އަހަރެންގެ ޝަކުވާއެއް ނެތް." ޒާހިދު އެންމެފަހުން އެއްބަސް ވެއްޖެއެވެ.
ކަޅުކުލައިގެ ކޯޓް ފަޓްލޫނުގައި ރަފާލް ސިޑީގެ ހަރުފަތްތައް ގިރާކޮށްލައިފައި ތިރިއަށް ފޭބި އިރު އިތުރު މީހަކު ފެންނާކަށް ނެތެވެ. ރަފާލް ކޯޓުގެ ގޮށް ނާޅުވާއި ދޫކޮށްލައިފައި ކަރުގައި އޮތް ޓައީ ރީތިކޮށްލިއެވެ. ފަހަތުން ފިޔަވަޅުތަކެއްގެ އަޑު އިވިފައި ރީމް އާއި ޝަހީމްގެ ފަހަތުން ލުޖައިން އާއި އާރިން ވެސް އެތަނަށް ނިކުމެއްޖެއެވެ. ނާހިދާ އޭރު ކާކޮޓަރީގައި ނޯކަރުންނަށް މޭޒުމަތި ތައްޔާރު ކުރާނެ ގޮތުގެ އިރުޝާދު ދެނީއެވެ. ރަފާލް ސޯފާގައި އިށީންދެލަން އުޅެނިކޮށް ބެލް ޖަހައިލި އަޑު އިވުނެވެ. ގޭގެ ހުރިހާ ނޯކަރުންވެސް އެވަގުތު ކާކޮޓަރި ތެރޭގައި ހަރަކާތްތެރި ވަމުން ދިޔައީތީ ރަފާލް އެމީހުންނަށް އުދަނގޫ ނުކުރާން ވެގެން ދޮރާއި ދިމާއަށް ހިނގައިގެންފިއެވެ. ރަފާލް ދޮރު ހުޅުވައިލުމާއެކު ވަޔާއެކު އައި ފެންތިކިތަކެއް އެރީތި މޫނުގައި ބޮސްދީފައި ތިރިއަށް ފިރުކިގަތެވެ. އެވަގުތު އޭނާގެ ނަޒަރު ހުއްޓުނީ ކުރިމަތީގައި ތިބި މެދުއުމުރުގެ ދެމަފިރިންނާއި ދެއަންހެން ކުދީންގެ ތެރެއިންވެސް ކުރީގައި ހުރި އަންހެން ކުއްޖާއަށެވެ.
ހުދު މެކްސީއެއްގައި އެކުއްޖާ ސިފަވީ ވާރެއިން ނިކުމެގެން އައިސް ކުރިމައްޗަށް ހުއްޓުނު ޕަރީއެއް ހެންނެވެ.