ރަފާލް ހުރީ ޒޯއީ އަތުގައި ހިފައިލައިގެންނެވެ. ޒަކްވާންއަށް އެދެމީހުންގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގައިލެވުނެވެ. ހާދަ ގުޅެއެވެ. "ޔޫ ގައިޒް ލުކް ގްރެޓް ޓުގެދަރ!" ޒަކްވާންއަށް ބުނެލެވުނެވެ. ޒޯއީ އެކައްޗެއްވެސް ނުބުނެ އަތް ދަމައިގަނެފައި އެތެރެއަށް ވަދެގެން ދިއުމުން ރަފާލް އައިސް ޒަކްވާން ކޮނޑުގައި ޖަހައިލައިފައި ފުރަނީ ކޮންއިރަކުން ތޯ އަހައިލިއެވެ. "މިހާރު ނުދާގޮތަށް ނިންމައިގެން މިހުރީ. ރަފާލް އަހަރެންގެ ސިސް ވެސް އަތުލައިގެންފި. މަމް ނީޑްސް މީ ހިއަރ." ޒަކްވާން ހިނިތުންވެފައި ވާހަކަ ދައްކަމުން ދެޒުވާނުން އެކުގައި ގޮސް ކާކޮޓަރިއަށް ވަނެވެ. ޝަކީބާ އަވަހަށް ތެދުވެފައި ރަފާލް ކައިރީ ސައިބޯން އަންނަން ބުނެލީ އުފަލާ އެކުގައެވެ. ރަފާލް ސައިބޮއިގެން ހުރުމުން ކޮފީއެއް ހަދަން ބުނެފައި ގޮނޑިއެއް ދަމާލައިގެން އިށީންދެއްޖެއެވެ. "ޒޯއީ ނުގެންނަންތަ؟" ޒާހިދުގެ ދެލޯ ހޯދައިލީ ޒޯއީ އެވެ. "ޒޯ އެންމެ ކުރިން ގެއަށް ވަނީ. ވެދާނެ ރޫމްގަ ކަމަށް." ޒަކްވާން ޖަވާބު ދީފައި ތެދުވެގެން ދިޔައީ ޒޯއީ ހޯދަން ވެގެންނެވެ.
ޒަކްވާން ގޮސް ދޮރު ހުޅުވައިލި އިރު ޒޯއީ އެނދުގައި އިށީންދެގެން އިނީ ހިމޭންވެފައެވެ. އެދެލޮލުން ޒަކްވާންއަށް ކަރުނައިގެ އަސަރު ފެނުނެވެ. "ހޭއި!" ޒަކްވާން ގޮސް ކައިރިއަށް ހުއްޓިފައި ޒޯއީ ކޮނޑުގައި އަތް ޖައްސައިލުމުން އެނބުރި ބަލައިލިއެވެ. "މިހާ ހިސާބުން ދެން ހުރިހާ ކަމެއްވެސް މުޅިން ތަފާތުވާނެ ދޯ." ޒޯއީގެ އަޑުގައި ރިހުމެއްވިއެވެ. ޒަކްވާން ކުޑަ ހިނިތުންވުމަކާއެކު ކައިރީގައި އިށީންދެލައިފައި ޒޯއީގެ އުނގުގައި އޮތް އަތަށް ފިތައިލިއެވެ. ޒޯއީ އަނެއް އަތުން ޒަކްވާންގެ އަތުގައި ހިފާ ބާރުކޮށްލައިގެން އިނދެ އަނެއްކާވެސް ވަށައިގެންވި މާހައުލަށް ލޯ ހިންގަން ފެށިއެވެ. ބަލައިލި ކޮންމެ ދިމާއަކުން ވެސް އޭނާއަށް މާޒީގެ ހިޔަނިތައް ފެނުނެވެ. ނޭނގި ހުއްޓާ ސައުވީސް އަހަރު ވޭތުވެގެން ދިޔައީއެވެ. ހާދަ އަވަހެވެ.
"ގަބޫލު ކުރަން އަހަރެން މީ އެންމެ ރަނގަޅު ސިސް ނޫންކަން. ބަޓް އައި ސްޓިލް ކެއަރ ފޯ ޔޫ." ޒޯއީ މަޑުމަޑުން ވާހަކަދައްކަން ފެށިއެވެ. ޒަކްވާން! އައެމް ގޮނަ މިސް ޔޫ. މިކޮޓަރި އާއި މިގެއާއި ހުރިހާ އެންމެން މަތިންވެސް ވަރަށް ވަރަށް ހަނދާން ވާނެ." ޒޯއީގެ ވާހަކަ ހުރިގޮތުން ޒަކްވާން ހައިރާންވިއެވެ. ޒޯއީ އަކީ ކުރިން އެހާ އެމޯޝަނަލް ކުއްޖެއް ނޫނެވެ. އެންމެ ރެއަކު އެހެން ގޭގައި ހޭދަކޮށްލަން ޖެހުމުން އެހާ ބޮޑު ބަދަލެއް އަތުވެދާނެ ހެއްޔެވެ؟ "ޒޯ ތިހާ ދެރަނުވެބަލަ. ބޭނުން ކޮންމެ އިރަކު މިގެއަށް އާދެވޭނެ. ޒޯ މިސްވެގެން ގުޅައިލާއިރަށް އަހަރެންވެސް ހުންނާނީ ދާން ރެޑީގަ." ޒަކްވާން ހިތްވަރުދޭން ފެށުމުން ޒޯއީއަށް މާބޮޑަށް އަސަރުކޮށްގެން ރޮވިއްޖެއެވެ. ތުންފިއްތައި ލުމާއެކު ޒޯއީ އެނބުރިފައި ޒަކްވާންގެ ގައިގައި ބައްދައިލީ ނިކަން ބާރަށެވެ.
ތިއާ ކޮޓަރިން ނިކުމެގެން އައިސް ކައިރި ކޮށްލި ތަނާ އެދެބެންގެ ވާހަކަ އަޑު އަހާފައި އެޅަހިތުގައިވެސް އުތުރިގަތީ ތަފާތު އިހްސާސެކެވެ. ތިއާ ފެންކަޅިވެފައިވާ ލޮލާއެކު އެތެރެއަށް ވަދެގެން ގޮސް އެމީހުން ކުރިމަތީ ހުއްޓިލިއެވެ. "އަހަރެންވެސް ބޭނުން ހަގްއެއް." ތިއާ ބުނެލުމުން ޒަކްވާން އެއްއަތް ދިއްކޮށްލައިފައި އަންނާށޭ ބުނެލީ އިނގިލި ތަކުން މަގަތަށް ހަނާ އަޅައިލުމާއި އެކުގައެވެ. ތިއާ އައިސް ޓައިލްސްމަތީ ދެކަކޫ ޖަހާފައި ކައިރިވެލުމުން ޒަކްވާން ފަދައިން ޒޯއީވެސް ތިއާގެ ބުރަކަށީގައި އަތް އަޅުވައިލައިގެން ބައްދައިލިއެވެ.
ތިންބެއިން ކާކޮޓަރިއަށް ވަދެގެން އައިސް ހުސްގޮނޑި ތަކުގައި އިށީންދެލުމުން ޒާހިދު އާއި ޝަކީބާގެ ނަޒަރު އެތިން ކުދިންނަށް ހުއްޓިފައި އެންމެފަހުން އެކަކު އަނެކަކަށް ބަލައިލެވުނެވެ. ފަހަކަށް އައިސް އެކުދިން އެހާ އެއްކޮށް އުޅުނުތަނެއް އެމީހުން ދެކެފައެއް ނެތެވެ. އެކުގައި އުޅޭ މީހުންގެ މުހިންމުކަން ގިނަ ފަހަރަށް އެނގެނީ ވަކިވެގެން ދުރަށް ދިޔައިމައެވެ. އެމީހުންނަށްވެސް ވެގެން އުޅެނީ އެހެންނެވެ. "ހަނީމޫންއަށް ކޮންތާކަށްތަ ދަނީ؟" ތިއާ ޝަކީބާ ދިއްކޮށްލި ޖޫސްތަށިން އެތިފޮދެއް ރަހަ ބަލައިލައިފައި ބަލައިލީ ރަފާލް އަށެވެ. "ފުރަތަމަ ދާން އޮތީ އިންގްލެންޑަށް. އޭގެ ފަހުން ޒޯއީ ޗޮއިސް އިންނާނީ." ރަފާލް ކޮފީ މަގު ދުރުކޮށްލައިފައި ޖަވާބު ދިނެވެ. "ވާއު!" ތިއާ އުފާވެރި ގޮތަކަށް ލޯ ބޮޑުކޮށްލިއެވެ. އެކަމަކު ޒޯއީ އޭރުވެސް އިނީ ހިމޭންވެފައެވެ. އެމޫނަށް ބަލައިފައި ހީވަނީ ކަމަކާއި ވިސްނާހެންނެވެ. ޒޯއީގެ މިޒާޖު އެނގޭތީ އެތަނުގައި ތިބި ކޮންމެ މީހަކަށްވެސް އެހިމޭންކަން ވީ ސުވާލަކަށެވެ.
ލުޖައިން ކޮޓަރީގައި އުޅެނިކޮށް ޓަކި ޖަހައިލި އަޑަށް އަވަހަށް ގޮސް ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ރީމް ހުރީ ބެޑްމިންޓަން ރެކެޓަކާއި ބޯޅައެއް ހިފައިގެންނެވެ. "ލުޖައިން ހިނގާބަލަ މަށާއެކު ބެޑްމިންޓަން ކުޅެން." ރީމް ކަމަކަށް އެދުނު އިރުވެސް އަޑުގައި ހުރީ އަމުރުވެރި ގޮތެވެ. ލުޖައިން ގާތަށް ހިނި އައީ ރީމް އެކުގައި ކުޅޭނެ ބައިވެރިއަކު ނެތިގެންވެސް އޭނާގެ ކައިރިއަށް އައީމައެވެ. "އޯހ ޕްލީޒް!" ލުޖައިން ކުޑަކޮށް ހިނިތުންވެލުމުން ރީމް ފާޑަކަށް ތުން އަނބުރައިލިއެވެ. ލުޖައިން އެއްޗެއް ނުބުނެ ހުއްޓާ ރީމް އެއަތުގައި ނިކަން ބާރަށް ހިފަހައްޓާފައި ގޮސް ސިޑިން ފައިބައިގެން ދިޔައެވެ. ތިރީބައިގައި އިންޑޯ ބެޑްމިންޓަން ކޯޓެއް އޮންނަކަން ލުޖައިންއަށް އެނގުނީ އަދި ކިރިޔާއެވެ. ފާރުތަކުގައި ހަރުކޮށްފައިވާ ބޮޑެތި ކެންވާސް ތަކުގައި އެކިކަހަލަ ކުޅިވަރު ސެލެބްރިޓީސް ތަކުގެ މޫނުވެސް ހުއްޓެވެ. ރީމް ހުދުކުލައިގެ ޓައިޓަކާ އެކު މަތިން ކަޅުކުލައިގެ މިނީ ސްކާޓްކޮޅެއް ލައިފައި އަދި ކަޅު ޓޮޕްކޮޅެއްގައި ޓެނިހަށް އަރާލައިފައި ހުއްޓަސް ލުޖައިން ހުރީ ކަކުލާއި ހަމައަށް އަންނަ ކަޅާއި ހުދުން ހުރަސް ރޮނގު ދެމި މިޑީއެއްގެ މަތިން ހުދު ޖެކެޓްކޮޅެއް ލައިފައެވެ. ރަށުގައި ހުސް މަގުތަކުގައި ބެޑްމިންޓަން ކުޅޭއިރު ގަސްގަހު ކުރިއަށް ބޯޅަ ވާވުމާއި ވައިގެ އުދަނގޫ ވިއަސް އިންޑޯ ކޯޓްގައި އެފަދަ އެއްވެސް އުދަނގުލެއް ކުރިމައްޗެއް ނުވެއެވެ.
ލުޖައިން ގަޔާވެގެން ގަޑިއިރެއް ވާންދެން މެދުކެނޑުމެއްނެތި ބެޑްމިންޓަން ކުޅުނެވެ. ދޭތެރެއަކުން ރީމްވެސް ދިމާވާ ކަންތައްތަކުގައި ބާރަށް ހީނގަނެފައި ލުޖައިން އާއި ދިމާކޮށްލައެވެ. ލުޖައިން އެއީ އާރިންގެ ލޯބިވެރިޔާކަން ކުޑަ އިރުކޮޅަކަށް ނަމަވެސް ރީމް ހަނދާން ނައްތައިލި ކަހަލައެވެ.
ދެކުދިން ކުޅެ ނިންމާފައި ހެމުން ހެމުން ނިކުތް އިރު ރަފާލް އާއި ޒޯއީ އެއަރޕޯޓަށް ދާން ނިކުންނަނީއެވެ. އެވަގުތު ލިވިންރޫމްގައި އާރިން ފިޔަވައި އެންމެން ތިއްބެވެ. އާރިން މިއަދު ހެނދުނު ޑިއުޓީއަށް ވުމުން ރަފާލްއަށް ގުޅައިގެން ވާހަކަދެއްކިއެވެ. ލުޖައިންގެ ތެމިފައިވާ މޫނުގައި ދާދިތި ބަބުޅަމުން ދިޔައިރު ހެދުންވެސް އޮތީ ގައިގައި ތަތްވެފައެވެ. ވަރުބަލިވެފައި ހުރުމުން ނޭވާވެސް ހުރީ އަވަސްވެފައެވެ. ރީމް އަބަދުކުޅެ ޕްރެކްޓިސްވެފައި ހުންނާތީ ލުޖައިންއަށް ވީ ވަރެއް ނުވެއެވެ. ލުޖައިން އެންމެ ހައިރާންވީ ޒޯއީ އެންމެންނާއި ސަލާމްކޮށްފައި ދަމުން އޭނާ އާއި ވެސް ސަލާމް ކުރީމައެވެ. މީހުން އިންޤިލާބުގެ ވާހަކަ ދައްކަނީ މިފަދަ ކަންތަކަށް ހެއްޔެވެ؟ ލުޖައިންއަށް ހިތާއި ހިތުންވެސް އަހައިލެވުނެވެ. ޒޯއީފަދަ ވަރުގަދަ ޝަހުސިއްޔަތެއްގެ ވެރި ކުއްޖަކު އެހާ އަވަހށް ބަލި ޤަބޫލު ކޮށްފައި ހިމޭނުން ހުރެދާނެ ކަމަށް ގަބޫލު ކުރަން ދަތިވަނީއެވެ. ޒޯއީ އީތަން ކާމިޔާބު ކުރުމަށްޓަކައި އެއްބަނޑު އެއްބަފާ ކޮއްކޮ އާއި ހަނގުރާމަ ހަދަން ތައްޔާރު އިރު ރަފާލް އެއީ ޒޯއީގެ ކުރިމަތީ ކުޑަވެސް އަގެއް ހުރި ފަރާތަކަށް ނުވާނެއެވެ.
އާރިން ނާހިދާ އާއި ވާހަކަ ދެއްކީ އެދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އާރިން ނޯކަރަކަށް ގޮވައިގެން އެކޮޓަރިއަށް ސައި ގެނެއްސައި ނާހިދާއަށް ގުޅައިގެން ގެނައެވެ. ދެމައިން ސައިބޯން ތިބެގެން ދެކެވުނު ވާހަކައިގެ ތެރޭގައި ކަންތައް ހިނގައި ދިޔަ ގޮތް ނާހިދާ ކިޔައިދިނެވެ. ޒާހިދުގެ ފަރާތުން އެނގިފައިވާ ޝަކީބާގެ އަމަލުތައްވެސް އެ ވާހަކައިގައި ހިމަނައި ގެންނެވެ. އާރިންގެ ހިތުގައި ޒާހިދުއަށް ޓަކައި އުފެދިފައި އޮތް ކިލަނބުވެރިކަން ފިލައި ބައްޕައެއްގެ ދަރަޖަ ދެވުނީ އެވަގުތުން ފެށިގެންނެވެ. ޒާހިދުއަށް އެނގުނުނަމަ އެގޮތަށް އޭނާ ބާކީ ކޮށްނުލާނެ ކަމުގެ ޔަޤީންކަން އަމިއްލަ ނަފްސަށް ލިބުނެވެ. ނާހިދާ ދާންވެގެން ތެދުވިފަހުން އާރިން އެންމެ ފަހު ވާހަކަ އަކަށް ޒާހިދު އާއި އޭނާ ބައްދަލު ކުރާނެ ވާހަކަ ބުނެލީ ނުހަނު ޝައުޤުވެރި އަޑަކުންނެވެ.
ޒާހިދު އާއި ޝަކީބާގެ އެތައް މަސައްކަ ތަކަށް ފަހުވެސް ޒަކްވާންގެ ނިންމުން ބަދަލެއް ނުވިއެވެ. ޒަކްވާން ޗެނަލްގެ މަސައްކަތަށް ނިކުންނަން ފެށިފަހުން އެންމެ ކުރީގެ އެހުންނަ ފަރުވާ ކުޑަކަމެއްވެސް ނުހުރެއެވެ. ބަދަލުގައި އޭނާ ޒިންމާދާރު ދަރިއެއް ފަދައިން ޝަކީބާއަށް ނުހަނު ފައިދާ ކޮށްދޭން ފެށިއެވެ. ޒޯއީ އަދާ ކުރި މަޤާމު އެއަށްވުރެވެސް ރަނގަޅަށް ޒަކްވާން އަދާ ކުރަން ފެށުމުން ޝަކީބާއަށް ކުރެވުނީ ކުށްހީއެއްކަން ގަބޫލު ކުރެވުނެވެ. އަމިއްލަ ދަރިފުޅާއި މެދު ޝަކީބާ ހިތާއި ހިތުން ތައުރީފް ކުރިއެވެ.
ކުލާހުން ނިކުމެފައި ފުރަތަމަވެސް ލުޖައިންއަށް ލިބުނީ ހައިރާން ކަމެކެވެ. ޒަކްވާން މަގުގެ އެއްފަރާތުގައި ކާރުގައި ލެނގިލައިގެން ހުރިއިރު ރީތިކަމުން ކުލާހުން ނިކުތް އެހެން ހުރިހާ ކުދިންގެ ސަމާލުކަން އަތުލައިގެންފިއެވެ. ފެހި ޓީޝާޓަކާއި ޖިންސެއްގައި ބަލަހައްޓައިގެން ހުރިގޮތުން ލުޖައިންގެ ހަތަރެސްފައިވެސް ފިނިވެލިއެވެ. ލުޖައިން ކުދިންތަކަށް ބަލައިލައިފައި ބާރު ބާރަށް ގޮސް ޒަކްވާން ކައިރި ހުއްޓި މިތަނުގައި ކުރަނީ ކީއްހޭ އަހައިލައިފިއެވެ. "ހިނގާބަލަ ދެމީހުން އެއްކޮށް ޑިނަރ އަކަށް. ލޫލޫ ނުފެންނަތާ ގިނަ ދުވަސްވެގެން މިއައީ." ޒަކްވާން ކުރިއަށް ޖެހިލައިފައި ޖަވާބު ދިނެވެ. ލުޖައިން ހާސްވެގެން އިސްޖަހައިލެވުނެވެ. އާރިންއަށް އެނގިއްޖެއްޔާ ޔަގީނުންވެސް ހިތްހަމަނުޖެހޭނެއެވެ.
"ކަމްއޯން ލޫލޫ. ސޭ ޔެސް. އެންގޭޖް ވުމުގެ ކުރިން އަހަރުމެން ތިބީ ފްރެންޑްސް ގޮތުގައެއްނު. ދެން އަނެއްކާ އެމަޤާމެއް ނުދެވޭނެތަ؟" ޒަކްވާން އެހާ އާދޭހާއެކު އެދުމުން ލުޖައިންއަށް ދެކޮޅު ހަދަން ދަތިވިއެވެ. އިސް އުފުލައިލި އިރު އެދެލޮލުގައި ވި އަސަރަކުން ހައްތަހާ ބޮޑަށް އެއްބަސްވާން ބޭނުންވިއެވެ. އެކަމަކު އާރިން ކައިރީ ބުނާނީ ކީކޭ ހެއްޔެވެ؟ "އޯކޭ." ލުޖައިން ހިތުގައި އަތް އަޅައިފައި އެއްބަސްވިއެވެ. އާރިން ރޭގަނޑު ޑިއުޓީ އޮތުމުން ގެއަށް އަންނާނީ ބާރައިގެ ފަހުންނެވެ.
ދެމީހުން އަރާފައި ޒަކްވާން ގޮސް ކާރު މަޑުކޮށްލީ ރެސްޓޯރެންޓެއްގެ ކުރިމައްޗަށެވެ. ދެވަނަ ބުރިއަށް އަރަންވެގެން ސިޑިއަށް އަރަމުން ޒަކްވާން އަތުގައި ހިފައިލުމުން ލުޖައިންއަށް ނޭވާލާންވެސް ދަތިވިއެވެ. އެހާ ވަރަށް އޭނާ ނުތަނަވަސް ވަނީ އާރިން މަތިން ހަނދާންވެފައި ކަންނޭނގެ އެވެ. ދެވަނަ ބުރީގައި ހުރިހާ މޭޒެއް ހުސްކޮށް ހުރެފައި މެދުގައި ހުރި މޭޒުގެ ވަށައިގެން އެތައްބައިވަރު މާގަސްތައް ބަހައްޓާފައި ހުރުމުން ލުޖައިންއަށް ވަރަށް ރީތިވިއެވެ. ޒަކްވާން އޭނާ ގެންދިޔައީ އެމޭޒު ކައިރިއަށެވެ. އެކިފަހަރު އެކި ކުލައަކަށް ބަދަލުވަމުން ދިޔަ ބޮކިއަލީގައި މާގަސްތައް ވެސް އެހާ ހިތްގައިމެވެ. ލުޖައިން އިށީންފަހުން ވޭޓަރަކު އައިސް ދިއްކޮށްލި ރަތް ފިނިފެންމާ ބޮނޑީގައި ހިފާފައި ޒަކްވާން ދިއްކޮށްލީ އޭނާ އަށެވެ. ލުޖައިންގެ ހަނދާންތައް މާޒީގެ ތެރެއަށް ދަތުރުކޮށްފައި ގޮސް ހުއްޓުނީ އާރިން އާއި އޭނާ ޓްރޭޑާރސްގެ މަތީބައިން ބައްދަލުވި ރެއަށެވެ. އެރޭ އާރިންވެސް އޭނާއަށް ހަމަ އެކަހަލަ ރީތި މާބޮނޑިއެއް ދިނެވެ. ލުޖައިން ޝުކުރު އަދާކޮށްފައި މާބޮޑީގައި ވަސްގަނެވެސް ނުލައި ބޭއްވީ ދުރުގައެވެ.
ޒަކްވާން ބަހެއް ނުބުނެ ބަލަހައްޓައިގެން އިންގޮތުން ހައްތަހާ އުދަނގޫވިއެވެ. ޒަކްވާން އެކުވެރިއެއްގެ ހައިސިއްޔަތުންނޭ ކިޔާފައި ވެސް މޫނުމައްޗަށް ބަލައިލައިފައި ދޭހަވަނީ އެހެން ކުލަވަރެކެވެ. "އުޑުގައި ހާދަ ތަރި ގިނައޭ ދޯ." ލުޖައިން މަތި ބަލައިލައިފައި ތަރިތައް ފެނިގެން ބުނެލިއެވެ. ޖެހެމުން ދިޔަ ލުއި ވައިރޯޅިތައްވެސް ނިކަން އަރާމެވެ. "ލޫލޫ އަހަރެން ވާހަކައެއް އަހަންތަ؟" ޒަކްވާން ދެއްކީ އެހެން ވާހަކައެކެވެ. "އަހާބަލަ!" ލުޖައިން އެކަން ނުދެއްކި ނަމަވެސް ޝައުޤުވެރި ވިއެވެ. "ލޫލޫގެ ހަޔާތުގައި ފުރަތަމަވެސް އާރިން ނުވިނަމަ އަހަރެންނާއި ގުޅޭނަންތަ؟" ޒަކްވާން ހަށިގަނޑު ތެދުކޮށްލައިފައި މޭޒުގައި ދެއަތް އަޅުވައިލިއެވެ. ލުޖައިން ސިހިފައި ހަތަރުކަޅި ހަމަކޮށްލެވުނު ވަގުތު ފިނިވާގޮތް ވިއެވެ. ޒަކްވާންގެ ދެލޮލަށް ނޫ އަލި އެޅިގެންދިޔަ އިރު އެތައް ގުނައެއް ހިތްގައިމުވިއެވެ. ވައިރޯޅި އަކާއެކު ނިއްކުރި މައްޗަށް ފޭބި އިސްތަށިކޮޅުތައް އެއްފަރާތް ކޮށްލީ ވެސް އެހާ ސްޓައިލިޝް ގޮތަކަށެވެ.
"އޮނެސްޓްލީ... ޔަރ." ލުޖައިން ބޭނުންވީ ޒަކްވާން ހިތްހަމަޖައްސައިދޭށެވެ. އެކަމަކު ހިތުގައި އެފަދަ ހިޔާލެއްވެސް ނެތެވެ. އާރިން ނޫން މީހަކާއި ދޭތެރޭގައި އެފަދަ ނަޒަރަކުން ހިޔާލުކޮށްލަން ވެސް އޭނާއަށް ދައްޗެވެ. "ތޭންކްސް." ޒަކްވާންއަށް ލިބުނު އުފަލުގައި ލުޖައިންގެ ހިމަހޯލި އިނގިލި ތަކުގައި ހިފާ އުފުލައިލައިފައި ތުންފަތް ޖައްސައި ލެވިއްޖެއެވެ. ވޭޓަރ އައިތަން ފެނިގެން ލުޖައިން އަވަހަށް އަތް ދަމައިގަތެވެ. ކެއުމުގެ ވަގުތުގައި އާދަޔާ ހިލާފް ވާހަކަތަކެއް ނުދެކެވެއެވެ. ޒަކްވާންގެ ވަޒީފާގެ ވާހަކަ ތިއާ ފަރާތުން އެނގިފައި ވާތީ ލުޖައިން އެކަން ފާހަގަކޮށް މަރުހަބާ ކިއެވެ. ގަޑިއެއްހާއިރު ފަހުން ޒަކްވާން ކާރުގައި ގޮސް ލުޖައިން ގެއަށް ލައިދިނެވެ.
އާރިންގެ ފަސްފަހަތުގައި ލުޖައިން ޒަކްވާންގެ މެސެޖްތަކާއި ކޯލްތަކަށް އިޖާބަދޭން ފެށީ އެރޭގެ ފަހުންނެވެ. ކޮންމެ ހެނދުނަކު ޒަކްވާންގެ ގުޑް މޯނިން މެސެޖެއް އަދި ކޮންމެ ރެއަކު ނިދުމުގެ ކުރީން ގުޑްނައިޓް މެސެޖެއް ލިބެއެވެ. އިތުރުންވެސް އެކި ގަޑިތަކުގައި ގުޅާލައިފައި އެކުވެރިއެއް ފަދައިން ވާހަކަ ބަހައްޓާތީ ލުޖައިން ވެސް ކޮންމެހެން ވާހަކަ ނުދައްކާކަށް ނޫޅެއެވެ. އެކަމަކު އާރިންއަށް އެނގިގެން އެ އެކުވެރިކަން ވެސް ނުބައި މާނައެއްގައި ނަގައިފާނެތީ ސިއްރު ކުރަން ލުޖައިންއަށް މަޖުބޫރުވީއެވެ. ރޭގަނޑު އެފްބީއަށް ވަދެ ހުންނަ ގަޑިތަކުގައި ވެސް ޒަކްވާން އަބަދު ވާހަކަ ދައްކައެވެ. ގިނަ ދުވަސްވި ވަރަކަށް ކުރީން އޮތް ދުރުކަން ކެނޑި ގާތް އެކުވެރިއެއް ފަދައިން ހުރިހާ ވާހަކައެއް ހިއްސާ ކުރަން ލުޖައިން މިހާރު ޖެހިލުމެއް ނުވެއެވެ. ޒަކްވާން ހަޤީޤަތުގައި ވެސް އޭނާ ހާސިލް ކުރުމުގެ ހިޔާލު ހިތުން ނެރެ އެއްލައިލައިފި ކަމުގައި އޭނާ ހުރީ ޔަޤީން ކޮށްގެންނެވެ.
ރަފާލް އާއި ޒޯއީ ހަނީމޫނަށް ދިޔަ ދަތުރު ފުރަތަމަ ހަފްތާގައި ގުޅައިގެން ވާހަކަ ދެއްކި ގޮތަށް ފަހަކުން ހަމަ އެއްގޮތަކަށް ވެސް ޚަބަރެއް ނުވެއެވެ. އެންމެން ކަންބޮޑުވެގެން އުޅެފައިވެސް ޝަހީމުގެ ހިޔާލު ހުރި ގޮތް އެނގިގެން ފަހުން އަޅައެއް ނުލައެވެ. ޝަހީމުއަށް ގަބޫލު ކުރެވުނު ގޮތުގައި އެކުދިންނަށް ވެސް އެކަނި އަމިއްލަ ދިރިއުޅުމާއިގެން އުޅެން ވަގުތުކޮޅެއް ދޭންވާނެއެވެ. އެނބުރި އައިސް ދެން އުޅޭނީ އެންމެންގެ ތެރޭގައި ނޫން ހެއްޔެވެ؟
އީތަން ވަކިވެގެން ދިޔަ ފަހުން ތިއާ ކުރި ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ. އޭނާ އީތަންގެ މައިންބަފައިންގެ އެޑްރެސް ހޯދައިގެން ގުޅުމުން އީތަން މެލޭޝިޔާގައި ނެތްކަން އެނގުނެވެ. ތިއާ މާޔޫސްވެ ހިތާމައިގެ ކަޅު ސާލު އޮޅައިލިއެވެ. ރެއަކާއި ދުވާލު އެތަކެއްފަހަރު އެދެލޮލުން ކަރުނަ ފައިބަނީ އީތަން ހަނދާންވެފައެވެ. ގަބޫލު ކުރަން އަދިވެސް ދަތިވަނީއެވެ. އީތަން ހަމަ އޭނާ ދޫކޮށްލައިފައި ހިނގައިދާނެ ހެއްޔެވެ؟ މިހާރަކަށް އައިސް އަބަދު ކަމަކީ ކެއުމެވެ. އައިސް ކްރީމާއި ޗޮކްލެޓްގެ އިތުރަށްވެސް ފޮނި އެއްޗި ގަނެގެން އަބަދު ހުންނަނީ ފްރިޖް ފުރާލައިފައެވެ. މިހާރު ތިއާ ކުޑަކޮށް ފަލަވެސް ވެއްޖެއެވެ. ރީތިވަރަކަށް ދެކޯ ލައިފައި ހުންނާތީ މާރީތިހެން ވެސް ހީވެއެވެ.
އެއީވެސް އެފަދަ ދުވަހެކެވެ. ތިއާ ލިވިންރޫމްގައި ފިލްމެއް ބަލަން އޮތްވައި ބެލް ޖަހައިލި އަޑު އިވުނެވެ. އަތުގައި އޮތް ޗޮކްލެޓެއް ކަމުން ތެދުވެފައި ކަންނެތް ހިނގުމެއްގައި އޭނާ ދޮރާއި ދިމާއަށް ގޮސް ހުޅުވައިލިއެވެ. ދެވަނަ ސިކުންތުގައި އަތުގައި އޮތް ޗޮކްލެޓް ދޫވެގެން ވެއްޓުނީ ޓައިލްސް މައްޗަށެވެ.
އާރިން އެންމެންނަށް ވުރެ ކުރީން ކެއުން ނިންމާލައިފައި ނިކުމެ މެގަޒިންއެއް ނަގައިން އައިސް ޖައްސައިލީ ލިވިންރޫމް ސޯފާގައެވެ. ދެފައި ނަގާ ސޯފާގައި ރަނގަޅަށް ދިގު ދެމިލައިގެން މެގަޒިން ކިޔަން އޮތްވާ ބެލް ޖަހައިލި އަޑު އިވުނެވެ. އާރިން މެގަޒިން ލައްޕައިލައިފައި ބަލައިލީ ކާކޮޓަރި އަށެވެ. އަޑު އިވިގެން ފާޝާ ނޫނީ އެހެން ނޯކަރަކުވެސް އަތުވެދާނެ ކަމަށެވެ. ދެވަނަ އަށްފަހު ތިންވަނަ ފަހަރަށް ބެލް ޖެހިއިޑުވެސް އިޝާރާތެއް ނައުމުން އޭނާ ދޮރު ހުޅުވަން ނިންމައިގެން ތެދުވިއެވެ. އާރިން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ދޮރު ހުޅުވައިލާފައި ހައިރާންވެގެން ދެލޯ ބޮޑުކޮށްލެވުނެވެ.