ވަށައިގެންވި ދުނިޔެ އެނބުރިގަތްހެން ހީވިއެވެ. މަންޒަރު ބަދަލުވެ މާޒީގެ ތެރެއަށް ދެވުނު ކަހަލައެވެ. މީގެ ދުވަސްތަކެއް ކުރިން ނާހިދާއަށް ޒާހިދު ފުރޮޅުލީ ގޮނޑިއެއްގައި އިންދާ ފެނުނީވެސް އަޖައިބު ކޮށްލައިފައެވެ. މިއަދު އަނެއްކާ ޒާހިދު ދެފައި މައްޗަށް ތެދުވީ ކިހިނެއް ހެއްޔެވެ؟ ހޭލާ ހުއްޓާ ހުވަފެން ފެންނަނީ ހެއްޔެވެ؟ ނާހިދާއަށް ދެފަރާތަށް ބޯ ހޫރުވައިލެވުނެވެ. އެކަމަކު މަންޒަރު ބަދަލެއް ނުވިއެވެ. ޒާހިދު ބަލަހައްޓައިގެން ހުރެފައި އިރުކޮޅަކުން ކައިރިއަށް އަންނަން ހިނގައި ގަތުމުން ނާހިދާ ހުރީ ދެލޯ ބޮޑުކޮށްލައި ގެންނެވެ. ނާހިދާއަށް ވާހަކައެއް ނުދެއްކުނެވެ. ސުވާލުތައް ވީ ހިތުގައެވެ. "ނާހިދާ!" ޒާހިދު ގޮވާލައިފިއެވެ. އެއަޑު ކަންފަތުގައި ޖެހުނީ ނާހިދާގެ ހިތުތެރޭގައި ހަލަބޮލި ރާޅެއް ނަގައި ޖަހައިލުމާއެކުގައެވެ. "ކީކޭ؟" ނާހިދާއަށް އަހައި ލެވިއްޖެއެވެ. ހަތަރުކަޅި ހަމަވެފައި އެދެމެދަށް މަރުފަދަ ހިމޭންކަމެއް ވެރިވެގެން ދިޔައެވެ. އެތައް އަހަރެއްވީ ޝަކުވާ ތަކެއް ދެހިތުގައި ވެސް އޮވެގެން ސިކުނޑިއަށް ވާން ކުރަނީ އެވެ. އެކަމަކު ނޭނގުނީ ވާހަކަ ފަށާނެ ގޮތެކެވެ. 

"ކީއްކުރަން އަހަރެން މިތަނަށް ގެނައީ؟" ނާހިދާ ކުއްލި އަކަށް އިސްޖެހިއެވެ. އޭނާ ގޭގައި އުޅެނިކޮށް ފާޝާ ގެނެސްދިން ސިޓީ އުރަ އެހެން މީހަކަށް ނުލިބުނީ ނަސީބެކެވެ. އެސިޓީއުރައިގެ ތެރޭގައި ކުޑަ ނޯޓްކޮޅެއްގައި އޮތީ ބައްދަލު ކުރަންވީ ގަޑި އާއި އެޑްރެސް އަދި ތިރީގައި ބައްދަލު ނުވެއްޖެނަމަ ފޮރުވައިގެން ތިއުޅޭ ސިއްރު އެންމެންނަށް ފަޅާއަރުވާލާނެ ކަމަށް ލިޔެފައެވެ. އެނޯޓް ފެނިފައި ނާހިދާގެ ނޭވާ އުފުރިގެންދިޔަ ހެން ހީވިއެވެ. ބިރުން މުޅިމީހާ ދާ ހިއްލާލިއެވެ. "ކީކޭ ކިޔާފަ ފަށާނީވެސް. އަހަރެން ދައްކަން ބޭނުން އެތައް ވާހަކައެއް އެބަހުރި. ފުރަތަމަ އެތެރެއަށް ދާންވީނު." ޒާހިދު ދެއަތް ދެއަތާއި މޮޑެލާފައި ބުނެލިއެވެ. "މިއަދު ދެން ކޮން ވާހަކައެއް ދައްކަން އޮތީ؟" ނާހިދާ ދާ ހިޔާލެއް ނުކުރިއެވެ. ޒާހިދު ދޮރާއި ހަމައަށް ގޮސް ހުއްޓިފައި އެނބުރި ބަލައިލި ފަހުންވެސް ނާހިދާ ގުޑައެއް ނުލިއެވެ. "މިހިސާބަށް އައިއްސަ ދެން އަހަރެންގެ ވާހަކަ ނާހައި ދިއުމުގެ މާނައެއް ނެތެއްނު." ޒާހިދު އިތުރަށް ބުނެލިއެވެ. 

"އެއީ ޒާހިދުގެ ނޯޓެއްކަން އެނގުނުނަމަ އަހަރެން ނުވެސް އައިމުސް." ނާހިދާ އިސްއުފުލައިލީ ދެބުމަ އަރުވައި ލަމުންނެވެ. "ހަމައެހާ ރުޅިއާދޭތަ އަހަރެންދެކެ. ކޮބާ އަހަރެންގެ ކުށަކީ؟" ޒާހިދު ޖެހިލުމެއްނެތި އަހައިލައިފިއެވެ. ނާހިދާގެ ނިއްމަތީގައިވި ރޫތައް ފިލައި ހިނދުކޮޅަކަށް ހުއްޓުން އެރިއެވެ. "މިއަދު ދެން ވަރަށް ރީތި ތިހެން އަހަން. އަމިއްލަ ހިތާއި ސުވާލު ކޮށްބަލަ." ނާހިދާ މަލާމާތުގެ ހިނިގަނޑެއް ޖަހައިލިއެވެ. "ތީ މިވޭތުވި އަހަރުތަކުގައި އަހަރެން މެދުނުކެނޑި އަމިއްލަ ހިތާ ކުރި ސުވާލަކީ. އަހަރެން ކުށަކީ ކޮބާހޭ. އަހަރެން ކުށަކީ ކޮބާހޭ. ނާހި އަހަރެންނަކަށް ނުވިސްނުނު ގޯސް ހެދުނީ ކޮން ހިސާބަކުން ކަމެއް. ހެޔޮނުވާނެ މިއަދު އަހަންނަށް ޖަވާބު ދީ. ބުނެދީ އަހަރެންގެ ކުށް. އަހަރެން އަންހެނުންނާއި ދެދަރިން ލިބުނު ފަހުންވެސް އަލުން އެނބުރި ނާހިގެ ހަޔާތަށް އައިން. ދެން ކީއްވެ އަހަރެންނަށް މިވަރުގެ އަނިޔާއެއް ދިނީ؟" ޒާހިދު އައިސް އަތުގައި ހިފައިލުމުން ނާހިދާއަށް ދެކޮޅެއް ނުހެދުނެވެ. 

ދެމީހުން ގޮސް ކޮޓަރިއަށް ވަދެފައި ޒާހިދު ގޮސް އިށީނީ އެނދުގައެވެ. ނާހިދާ ހައިރާން ކަމުގައި ކޮޅަށް ހުރީއެވެ. ޒާހިދުއަށް ހަމަ ނޭނގެނީ ހެއްޔެވެ؟ ނޫނީ އެނގޭ ކަމަށް ނުހަދަނީ ހެއްޔެވެ؟ "ޒާހިދު. މަށަށްވެސް ތިހެން އެހިދާނެ. ދެދަރީން ލިބުނީމައިވެސް އަހަރެންގެ ހަޔާތަށް އެނބުރި އައި އައުން އެއީ ޒާހިދު އަހަރެންދެކެ ވާ ތެދުވެރި ލޯބީގެ ހެއްކެއް ކަމުގައި ދެކެވުނީ. އެކަމަކު އެންމެ ބޭނުންވި ވަގުތު ޒާހިދު އަހަރެން ބާކީ ކޮށްލި ކޮށްލުމަށް އަހަރެން ކޮން ނަމެއް ދޭންވީ؟ އަދިވެސް ގަބޫލުކުރަން ދަތި ޒާހިދު މަށަށް އެވަރުގެ ލަނޑެއް ދީފަ ދިޔަކަން." މާޒީގެ ހިތި ދުވަސްތައް ހަނދާންވެފައި ނާހިދާގެ ލޯ ފެންކަޅިވެއްޖެއެވެ. 

"މަށަށް ހީވަނީ ދެމީހުންނަށްވެސް ނޭނގޭ ކަންތައްގަނޑެއް ހިނގާފައިވާހެން. ޝަކުވާ ކުރުން ހުއްޓާލައިފަ އެކަކު އަނެކަކުގެ ވާހަކަ އަޑު އަހަން މިވަގުތު ކޮޅު ހުސްކޮށްލަން ވީނު. އެންމެ ފުރަތަމަ އަހަރެން ކޮންމެހެން ބުނަން ޖެހޭ ވާހަކައެއް އެބައޮތް. ނާހިދާއަށް އިނގޭތަ އަހަރެން އެންމެ ފުރަތަމަވެސް ނާހިދާ ދޫކޮށްލީ ކީއްވެކަން. ޝަކީބާއަށް އަހަރެމެންގެ ގުޅުން ފަޅާއަރައިގެން އޭނަ ކުރިކަމެއް އެއީ. ޝަކީބާ ލާރިތަކެއް ދީގެން އަހަރުމެން މީޓް ކުރާ ގަޑިއަކަށް ތިގެއަށް ފިރިހެނަކު ފޮނުވީ. ނާހި އައި ސޯ ޔޫ ޓޫ ޓުގެދަރ. އެހިސާބުން އަހަރެން އަނބުރާލައިފައި އައީ. ހަނދާން ކޮށްބަލަ އެދުވަސް." ޒާހިދު އިސް އުފުލައިލި އިރު ނާހިދާ ހުރީ އަނެއްކާވެސް ދެލޯ ބޮޑުކޮށްލައި ގެންނެވެ. 

އޭނާ އެދުވަސް ހަނދާން ނެތޭނީ ކިހިނެއް ހެއްޔެވެ؟ ޒާހިދުގެ ބަދަލުގައި އެހެން މީހަކު އޭނާގެ ފުރަގަހުން ބައްދާލައިގެން އިރުގަނޑެއް ވާންދެން ހުރެ ވާހަކަ ނުދެއްކީމައި ޝައްކުވެގެން ބެލިއިރު ނުވެސް ދަންނަ މީހެކެވެ. އޭނާ ބިރުން ހަޅޭއްލަވައި ގަތްތަނާ އެމީހަކު ދުވެ ފިލިގޮތަށް އެރޭ ޒާހިދުގެ ހަބަރެއްވެސް ނުވިއެވެ. އޭނާ ހިތާމައިން ރޯލަ ރޯލާ ތިން އަހަރުވާންދެން ފިރިހެނަކާއި އަނގައިންވެސް ނުބުނެ ހިފެހެއްޓިއެވެ. އެފަހުން މާލެ ގޮސް އުޅެނިކޮށް ދެން އަލުން ޒާހިދު އާއި ބައްދަލުވެ ގުޅުން ފެށުނީއެވެ. "ނާހިދާ އަހަރެން ދެވަނަ ފަހަރަށް ގުޅެންވެގެން ނާހިދާއަށް އަހަރެންގެ ކައިވެނީގެ ހަޤީޤަތް ކިޔައިދިން އިރު ޝަކީބާގެ ސިއްރު ކިޔައިދޭހިތް ނުވީ." ޒާހިދު ތެދުވެގެން އައިސް ނާހިދާ ކުރިމައްޗަށް ހުއްޓިލިއެވެ. ތެދެކެވެ. ޒާހިދު އޭނާ މާލެއިން ފެނިގެން ބައްދަލުވެފައި ކައިވެނީގެ ހަޤީޤަތް ކިޔައިދިނެވެ. އެކައިވެނި ދެމެހެއްޓުމަށް ޓަކައި އޭނާ އާއި ވަކިވި ނަމަވެސް އެގޮތުގައި ކެތްނުވާނެކަން އެނގިގެން އަނެއްކާ ގުޅެން ބޭނުންވީ ކަމަށް ބުންޏެވެ. ޒާހިދު އެއީ ދެކުދިންގެ ބައްޕައެއްކަން އެނގުމަށްފަހު އެދުވަހުވެސް ނާހިދާއަށް ދެކޮޅެއް ނުހެދުނެވެ. އަލުން ޒާހިދު އެހަޔާތަށް އަންނަން ފުރުސަތު ދެވުނީ ވާލޯތްބަކުންނެވެ. 

"އަހަރެން ޝަހީމު އާއި އިނީ އެހެން ގޮތެއް ނެތިގެން." ނާހިދާ އެންމެފަހުން ކިޔައިދޭން ނިންމިއެވެ. "ކޮންގޮތަކުން މަޖުބޫރުވީ؟" ޒާހިދު އެހީ ކެތްތެރިކަން ކުޑަވެފައިވާ ރާގަކަށެވެ. ނާހިދާ ތުންފަތުގައި ދަތް އަޅާލައިފައި ގޮސް ކުޑަ ދޮރު ކައިރިއަށް ހުއްޓި ފޮތިގަނޑު ކަހާލައިފިއެވެ. އޭނާއަށް ދެވެން އެއުޅެނީ އާ ހަބަރެއް ހެއްޔެވެ؟ އަދިވެސް ގަބޫލުކުރަން ދަތިވަނީއެވެ. "އަހަރެން ކައިވެނީގެ ކުރިން ޒާހިދުއަށް ނޯޓެއް ފޮނުވިން. ނުލިބޭތަ؟" ނާހިދާ ބިއްލޫރިގަނޑުގައި އަތްތިލަ ތަތްކޮށްލައިގެން ބޭރު ބަލަން ފެށިއެވެ. "ކީކޭ ކިޔާފައި ލިޔުނު ނޯޓެއް؟" ޒާހިދު އައިސް ހުއްޓުނީ ނާހިދާގެ ފުރަގަހުގައެވެ. "އަހަރެން ބަނޑުބޮޑު ވާހަކަ." ނާހިދާގެ ޖުމްލަ ނިމުނު ތަނުން ޒާހިދު އޭނާގެ ކޮނޑުގައި ހިފާ ކުއްލިއެއް ޖަހައި މަގަތަށް އަނބުރާލިއެވެ. 

"ވަޓް؟" ޒާހިދު ހުރީ ދެލޯ ބޮޑުވެފައެވެ. އެމޫނުން ސާފުކޮށް ހައިރާންކަން ފާޅުވަމުން ދިޔައެވެ. "އަހަރެން ޝަހީމު އާއި އިނީ ޒާހިދު އެނޯޓް ކިޔާފައި އަހަރެންނާއި އިންނަން ނައީމަ." ނާހިދާގެ ލޮލަށް ކަރުނަ ޖަމާވެގެން ކޯތާފަތް މައްޗަށް ފައިބައިގެންފިއެވެ. ޝަހީމު އަހަރެން ބަދުނާމުން ސަލާމަތް ކޮށްދިނީ. އަހަރެން ކިހިނެއް ހަދާނީ. އެހީވާނެ އެކަކުވެސް ނެތް. އެހެންވެ ޝަހީމުއަށް ހުރިހާ ހަޤީޤަތެއް ކިޔައިދިނީމަ އަހަރެން ގޮވައިގެން ބޭރަށްވެސް ގެންދިޔަ ދަރިފުޅު އެބޯޓް ކޮށްލަން. އެކަމަކު އަހަރެންނަށް އެކަމެއް ނުވި. ދެން އެނބުރި އައިސް ޒާހިދު އެންމެން ކައިރީ ބުނީ ބޭރުގައި އަހަރެމެންގެ ކައިވެނި ކުރެވުނު ވާހަކަ. އަހަންނަށް އެހެން ގޮތެއްނެތް. އެވާހަކަ އާއި ދެކޮޅެއްވެސް ނުހެދުނު. ޝަހީމު އަންހެނުންނާއި މައްސަލަ ޖެހިގެން އުޅޭކަން ކުރިންވެސް މަށަށް އޮތީ އެނގިފަ. އެކަމަކު އެހިސާބުން ދެން އެދެމީހުންވެސް ވަރިވެއްޖެ. ޝަހީމު އަންހެނުން ދެވަނަ ކުއްޖަކަށް ބަލިވެއިންކަން އެނގުނީ އަދި އަހަރެމެން ކައިވެންޏަށް މަހެއް ވާން އުޅެނިކޮށް. އޭރު އަހަރެން ބަނޑަށް ދެމަސް. ކައިވެނި ސައްހަ ނުވާނެތީ ދަރިފުޅު ވިހޭފަހުން ވަރިކޮށްފަ ދެވަނަ ފަހަރަށް އިނދެގެން މިއުޅެނީ." ނާހިދާ ކިޔައިދިނެވެ. 

ޒާހިދު އެއްވެސް ޖަވާބެއް ނުދީގެން ބަލައިލި އިރު އިނީ އެނދުގައި އިށީންދެ ދެއަތުން މޫނު ފޮރުވާލައި ގެންނެވެ. ނޭނގުމުގެ ތެރޭގައި އެހާ ބޮޑު ކަންތައްގަނޑެއް ހިނގައި ދިޔައީ ކިހިނެތް ހެއްޔެވެ؟ ޒާހިދުގެ ސިކުނޑިއަށް ބާރު ކުރިވަރުން ހިނދުކޮޅަކަށް، ވިސްނަންވީ އެއްޗެއްވެސް ނޭގުނެވެ. ޝަކީބާގެ ހުރިހާ ކުލައެއް އަދި ކިރިޔާ ރަނގަޅަށް ފެންނަން ފެށީއެވެ. ޒާހިދުއަށް ޔަޤީނާއި ގާތަށް އެނގެނީ އެނޯޓް ވެސް އޭނާ އާއި ހިސާބަށް ނުފޯރުމުގެ ފަހަތުގައި ވާނީ ޝަކީބާގެ އަތް ކަމެވެ. "ދެން ކޮބާ އަހަރެންގެ ދަރިފުޅު މިހާރު؟" ޒާހިދު އިރުގަނޑެއް ފަހުން މޫނު ފުހެލާފައި ދެއަތް ތިރިކޮށްލި އިރު ދެ ލޮލުގައި ކަރުނަތައް ވިދަމުން ދިޔައެވެ. "ޒޯއީގެ ކައިވެނި ވާހަކަދައްކަން ދިޔަ ދުވަހު ދުށީމެއްނު އާރިން." ނާހިދާގެ ޖަވާބު އަހާފައި ޒާހިދު ފުންމައިގެން ތެދުވިއެވެ. "އާރިން އެއީ އަހަރެންގެތަ؟" ޒާހިދުގެ ލޮލުގައިވި ކަރުނަތަކާއެކުވެސް ވިދުމެއް ފެނިގެން ދިޔައެވެ. ނާހިދާގެ ކައިރިއަށް ހުއްޓުނު އިރު އޭނާ އުފަލުން ހިނިތުން ވަނީއެވެ. 

"ހޫމ..." ނާހިދާ ހޫ އަޅުވައިލަމުން ބޯވެސް ޖަހައިލިއެވެ. ޒާހިދުގެ އުފާވެރިކަން ފެނިގެން ނޭނގޭ ހަމަޖެހުމެއް ނާހިދާގެ ހިތަށް ލިބިއްޖެއެވެ. "ނާހި އަހަރެން ހާދަ އުފާވެއްޖޭ. އާރިން އެއީ އަހަރެންގެ ދަރިއެއް. އެއީ އަހަރެންގެ ހަގު ފިރިހެން ދަރިފުޅު." ޒާހިދުއަށް އުފަލުން ކިޔޭނުކިޔޭވެސް ނޭނގެއެވެ. ކުއްލިއަކަށް ނާހިދާގެ ދެއަތްތިލައިގައި ހިފާ އުފުލައިލަމުން ތުންފަތް ޖައްސައި ލެވުނީ ވެސް ނޭނގުމުގެ ތެރޭގައެވެ. 

"ޒާހިދު!" ނާހިދާ އަވަސްއަވަހަށް ދެއަތް ފޮޅުވައިލިއެވެ. "ސޮރީ." ޒާހިދު އަދިވެސް ހުރީ ހިނިތުންވެފައެވެ. "އަހަރެން ދެން ދަނީ." ނާހިދާ ކުއްލި އަކަށް ދޮރާއި ދިމާއަށް ހިނގައިގެންފިއެވެ. "އަދި އެއްސުވާލަށް ޖަވާބު ދެވިދާނެތަ؟ އާރިންއަށް އެނގޭތަ އޭނަގެ ބައްޕައަކީ ކާކުކަން؟" ޒާހިދުގެ ސުވާލުން ނާހިދާގެ ފިޔަވަޅުތައް ހުއްޓުނެވެ. "އާރިންއަށް ހަމައެކަނި އެނގެނީ ޝަހީމު އެއީ ބައްޕަ ނޫންކަން." ނާހިދާ ފަސްއެނބުރި ބަލައިވެސް ނުލައި ނިކުމެގެން ދިޔައީއެވެ. ޒާހިދުގެ އުފާވެރި މޫނަށް ކުޑަ ނުތަވަސްކަމެއް ވެރިވެގެން ދިޔަ ނަމަވެސް އޭނާގެ އުފާވެރިކަމަށް ބަދަލެއް ނާދެއެވެ. ދެން އޮތީ އޭނާ އާރިން އާއި ކުރިމަތިލާނެ ގޮތެކެވެ. ހަޤީޤަތް އެނގުމުން އޭނާގެ އެހެން ހުރިހާ ދަރިން ފަދައިން އާރިންއަށްވެސް އާއިލާއިން މަޤާމެއް ދޭން ޒާހިދު ނިންމިއެވެ.

ގެއަށް ދެވުމުން ޒާހިދު އުޅުނީ އަނެއްކާވެސް ފުރޮޅުލީ ގޮނޑީގައެވެ. ޝަކީބާ އަށާއި ދަރިންނަށް ވަންހަނާވެފައި އޮތް ސިއްރު ފަޅާ އަރުވައިލަން އަދި އެންމެ ރަނގަޅު ވަގުތެއް ނާދެއެވެ. ޝަކީބާ އޮފީސް ނިންމާފައި އައިސް ޒާހިދު މާ ހެވިފައި އިނުމުން ވީ ކީއްތޯ އަހައިފިއެވެ. "މިއަދު އަހަރެންނަށް ވަރަށް ބޮޑު އުފަލެއް ލިބިއްޖެ. އެކަމަކު އެއީ ޝަކީބާއަށް އާ ޚަބަރަކަށް ނުވާނެ." ޒާހިދު ހެވިފައި އިނދެގެން ޖަވާބު ދިނެވެ. "އަހަންނަށް އެނގޭ ކޮން ޚަބަރެއް؟" ޝަކީބާ އޮޅުންފިލުވަން ބޭނުންވިއެވެ. "އާރިން އަކީ އަހަރެންގެ ދަރިއެއްކަން އެނގުނީ." ޒާހިދު ފޮރުވާކަށް ނޫޅުނެވެ. އެއަޑު އަހާފައި ޝަކީބާގެ މޫނަށް ހިޔަނި އެޅިގެން ދިޔައެވެ. ބިރެއް ފެނިގެން އުޅުނު މީހެއްހެން އަތުގައި އޮތް ދަބަސް ދޫކޮށްލައިފައި ދެލޯ ބޮޑުކޮށްގެން ބަލަން ފެށުމުން ޒާހިދު ގާތަކަށް އައީ ނުލަފާ ހިންޏެކެވެ. "އާރިން އެއީ ޒާހިދުގެ ދަރިއެއްތަ؟" ޝަކީބާ ގަދަކަމުން ހިންދިރުވާލައިފައި އެވަގުތުވެސް ދޮގެއް ހެދޭތޯ އުޅުނެވެ. "ނޭނގޭ ކަމަށް ނުހަދާ. ނާހިދާ އާރިންއަށް ބަލިވެ އިނދެގެން ފޮނުވި ނޯޓް ޝަކީބާ އެއްނު ކީ. އަދި އެވަރުން ނުވެގެން އަހަރެން ނާހިދާގެ ކައިވެނި ޚަބަރު އަހައިގެން އެޕާޓީއަށް ދާން އުޅެނިކޮށް ފައިސާދީފައިބަޔަކު ގަނެލައިގެން އަހަރެން އެކްސިޑެންޓްވެސް ކޮށްލީމެއްނު." ޒާހިދު ފުރުސަތުގެ ބޭނުންކޮށްލައިގެން ދުވަސްވީ ރުޅިގަނޑު ހާމަކޮށްލައިފިއެވެ. 

އެވާހަކަތައް އަހާފައި ޝަކީބާ މޫނުގައި އަތް އެޅިގޮތަށް ވާހަކަ ދެއްކީވެސް އެތައް އިރެއް ފަހުންނެވެ. "ޒާހިދު އަހަރެންގެ ބޮލުގައި ތިހާ ބޮޑު އިލްޒާމެއް ތިއަޅުވަނީ އަނެއްކާވެސް ނާހިދާ ފެނިގެންތަ؟ އޭނަ އާއި އިންނަން ބޭނުމިއްޔާ ތި ވަރަށް ދޮގު ނުހެދިޔަސް ދިޔައީމަ ވީނު." ޝަކީބާ މޫނުން އަތް ނަގާފައި ޅަ ކުއްޖެއްހެން ބާރަށް ރޯން ފަށައިފިއެވެ. "ހެކި އެބަހުއްޓޭ ދެއްކެން. ހުރިހާ ދަރިން އެއްކޮށްފަ ހެކި ދައްކަންވީތަ؟" ޒާހިދު ގާތަށްވެސް ރުޅި އަތުވެއްޖެއެވެ. ޝަކީބާ ބިރުން އިތުރަށް ވާހަކަ ކުރިއަށް ނުގެންދަން ވެގެން ބާރުބާރަށް ދޮރު ހުޅުވާލާފައި ނިކުމެގެން ދިޔައެވެ.

ކުލާހަށް ދާން ތައްޔާރު ވެގެން ލުޖައިން ނިކުންނަނިކޮށް ރީމް މާ ބާރަކަށް "ލިޒް" އޭ ގޮވާ އަޑު އިވުނެވެ. ލުޖައިން މާ ބޮޑު އަޅައިލުމެއްނެތި ކޮޓަރީގެ ދޮރު ހުޅުވާލައިފައި ފައިދަށުގައި އޮތް ބުޅާ ފެނިގެން ހަށްޓަކު ހެއެއް ނެތެވެ. އަދި އެބުޅާވެސް އަނގަ ފުޅާކޮށްފައި ޖެހިލީ ލުޖައިންގެ ކައިރި އަށެވެ. ބިރުން އުޅޭކަން އެނގިގެން ކޮށްލި ޖެއްސުމެއް ނޫންކަމެއްވެސް ނޭނގެއެވެ. ލުޖައިން ތޫލި އަޑުން ހަޅޭއްލަވަގެންފައި ފުންމައިގެން ތަނުން އެރުނީ ބުޅާގެ އަތަށެވެ. އަދި އެއަށްވުރެ ބާރަށް ހަޅޭއްލަވައި ގެންފައި ލުޖައިން ދުއްވައިގަތީ ތަނެއް ދޮރެއް ނުބަލައެވެ. ބުޅާވެސް ރޮއި ހޭރިގެންފައި ލުޖައިން ފަހަތުން ދިމާކޮށްލައިފިއެވެ. ރީމް އާއި އާރިންއަށް ނިކުމެވުނު އިރު ލުޖައިން އާއި ބުޅާ ގޮސް އޮބައި ލަނީއެވެ. އެކަކު އަނެކަކުގެ މޫނަށް ބަލައިލާފައި ދެން ފެނުނީ ދެޒުވާނުންގެ ހިނިގަނޑު ފަޅައިގެންދިޔަ ތަނެވެ. ރީމް އެހާ ރުޅި އަންނަ އިރުވެސް ލުޖައިން އެއުޅުނު ގޮތަކުން މިފަހަރު ނުހީއެއް ނުހުރެވުނެވެ. 

ރީމްމެނަށް ދެވުނު އިރު ލުޖައިން ހުރީ އުސް މޭޒެއްގެ މައްޗަށް ކޮޅަށް އަރައެވެ. ބުޅާ އެމޭޒު އުސްކަމުން ނޭރިގެން ދެކޮޅަށް ދުވެ ދުވެފައި އުޅެއެވެ. "އާރީ. ހެޔޮނުވާނެ މީތި ގެންދޭ!" އާރިން އަންނަތަން ފެނިފައި ލުޖައިން ރޮވިފައިވާ އަޑަކުން އަވަސް އަވަހަށް ބުނެލިއެވެ. ރީމް ހެމުން ހެމުން ގޮސް ބުޅާ އުރާލައިގެން ލިޒްއޭ ކިޔާ ބޮލުގައި ފިރުމަމުން ގޮވައިގެން ހިނގައްޖެއެވެ. ލުޖައިންއަށް ހަމަ ނޭވައެއް ލެވުނީވެސް ދެނެވެ. ނިއްކުރީގައި ހަރުލައިފައިވާ ދާ ތިކިތައް ފުހެލާފައި ފައިބަން ވެގެން މޭޒުގައި އިށީންދެފައި ތިރިއަށް ދެފައި އެލުވައިލިއެވެ. އެވަގުތު އާރިން ކައިރިވެލައިފައި ލުޖައިންގެ އުނަގަނޑުގައި އެއްއަތުން ހިފައި އުފުލައިލައިފައި ތިރީގައި ބެހެއްޓިއެވެ. "ބިރުގަތީމަ އަދި ހާދަ ލޯތްބޭ." އާރިން ލުޖައިންގެ ކަންފަތް ދޮށުގައި ބުނެލިއެވެ. "ދެން އާރީ." ލުޖައިން ރަކިވެގެން އާރިން ދުރުކޮށްލަން އަތް އަޅައި އޮތްބާލެވުނީ ޒަޙަމްވެފައިވާ ތަނުގައެވެ. އާރިން އަޑެއް ލައްވައިލުމުން ސިހިފައި އަވަހަށް މަޢާފަށް އެދެވުނެވެ. "އިޓްސް އޯކޭ ބޭބް. އެކަމަކު މިރޭ އެހާ އަވަހަށް ނުނިދައްޗޭ. އައި ހޭވް ސަޕްރައިޒް ފޯ ޔޫ." އާރިން ލުޖައިން ގެނެސް އަދި އެއްފަހަރު ކައިރިކޮށްލާފައި ބުނެލިއެވެ.

ފެރީން ފައިބާފައި ލުޖައިން ހިނގައިގަތެވެ. ތަންކޮޅަކަށް ދެވުނުފަހުން ކޮންމެވެސް މީހަކު ފަހަތުން އަންނަހެން ހީވިއެވެ. ލުޖައިން ފަސް އެނބުރި ބަލައިލި އިރު އެމީހަކު ހުރީ ކުޑަ ތަންކޮޅެއް ދުރުގައެވެ. އެހެންވެ ސީދާ ކާކު ކަމެއް ފާހަގައެއް ނުވިއެވެ. ހަމައެކަނި އެނގުނީ ޒުވާން ފިރިހެނެއްކަން އެކަންޏެވެ. ލުޖައިން ހިނގުން ބާރުކޮށްލައިފައި ގޮސް ނައިޓް ކުލާސް ހިންގާ އިމާރާތަށް ވަންނަން ތައްޔާރު ވެލިތަނާ ސިއްސައިގެން ދިޔައެވެ. ކޮންމެވެސް މީހަކު އޭނާގެ ކޮނޑުގައި ހިފަހައްޓައިފިއެވެ. ލުޖައިން ބޭރުކޮށްލަން އުޅުނު ނޭވާވެސް ކަރުތެރޭގައި ތާށިވީއެވެ. "ކާކުތީ؟ ކީއްކުރަން އަހަރެން ފަހަތުން ތި އަންނަނީ؟" އަޑަށް ވެރިވާން އުޅުނު ތުރު ތުރު އޮއްބައިލާފައި ލުޖައިން ހިތްވަރާއެކު ވާހަކަދެއްކިއެވެ. "މިފަރާތް ބަލާބަލަ. މީ އަހަންނޭ." އެއިވުނީ ދަންނަ އަޑެކެވެ. ލުޖައިންގެ މެއަށް ފިނިވެލައިފިއެވެ. އޭނާ އެއަޑު އެހީ ކޮންތާކުން ހެއްޔެވެ؟ ލުޖައިން ހަނދާން ވޭތޯ މަސައްކަތް ކުރިއެވެ. 

"ޒަކްވާން." ލުޖައިން އިރުކޮޅަކުން ލޯ ބޮޑުކޮށްލާފައި އެނބުރިލި އެވެ. ޒަކްވާން ހުރީ ހިނިތުންވެފައެވެ. ދިގުކޮށްފައި އޮތް އިސްތަށިގަނޑު ކުރުކޮށް ކޮށާލައިފައި އޮތުމުން މާބޮޑަށްވެސް ހަރުކުލަ ޖަހައެވެ. ފުރަތަމަ ބައްދަލުވި ދުވަހެކޭ އެއްގޮތަށް ދެލޮލުގައި ނޫ ލެންސް އެވެ. އުޅަބޮށްޓާއި ހަމައަށް އަތުކުރި އޮޅާލާފައި އޮތް ގަމީހާއި ޖިންސެއްގައި ނުހަނު ރީތިވެފައި ހިތްގައިމު ގޮތެއް ހުއްޓެވެ. ހިސާބަކަށް ތުނބުޅި މަތިމަސް ބަހައްޓާފައި ހުރުމުން އެހާ ފިރިހެންވަންތައެވެ. ލުޖައިންނަށް ބަލަން ހުރެވުނެވެ. ބައްދަލުވާނެ ކަމަށް އުންމީދުވެސް ނުކޮށް ހުރި މީހަކު އައިސް ކުރިމައްޗަށް ހުއްޓުމުން ބަސް ހުސްވާ ގޮތް ވީއެވެ. "ނާހާނަންތަ އަހަރެން އައިސް މިއުޅެނީ ކޮންއިރަކު ކީއްކުރަން ހޭވެސް؟" ޒަކްވާންގެ އަޑުން އެދެމެދަށް ވެރިވެފައިވާ ހިމޭންކަން ނައްތައިލުމުން ލުޖައިން ކުރީވެސް ހަމަ އެ ދެ ސުވާލެވެ. "ޒޯއީގެ ވެޑިންއަށް މިއައީ. ސެވެންގެ ފްލައިޓް އިން ރާއްޖެ އައީ. ފުރަތަމަވެސް ލުޖައިން ދެކިލަން މިއައީ. ކިހިނެތްތަ؟" ޒަކްވާންގެ ބަސްތަކުން ލުޖައިންގެ ދުލުގައި އަނެއްކާވެސް ތަޅެއް ލެވުނު ކަހަލައެވެ.

ކޮމެންޓް 0