"އަނބި ޤަބޫލު ކޮށްފިން." ރަފާލްގެ އަޑުން މާހައުލަށް އުފާވެރި ކަމުގެ ރާޅެއް ޖަހައިލި ފަދައެވެ. އާއިލާ މެމްބަރުންގެ އަތްތިލަބަޑީގެ އަޑާއެކު މޭޒުގެ ދެފަރާތުގައި ތިބި އެންމެން ކޮޅަށް ތެދުވެފައި ދެހެކީންނާއި ގާޟީން ފުރަތަމަވެސް އަލަތު ދެމަފިރީންނާއި ސަލާމްކޮށް މަރުހަބާ ކިއެވެ. އެއަށްފަހު އެރީތި ޖޯޑުގެ ދެފަރާތުގައި ތިބި މައިންބަފައިންނާއެވެ. ޝަހީމު އާއި ޝަކީބާ ކުރީގައި ހުރެގެން ކައިވެނި ކުރާ މީހުން ގޮވައިގެން ހޯލާއި ދިމާއަށް ދާން ފެށުމުން ނާހިދާ ހިނގައި ގަތީ ޒާހިދު ދުއްވަމުން ދިޔަ ފުރޮޅުލީ ގޮނޑި އާއި އެއްހަމައެއްގައި ހުރެގެންނެވެ. ނާހިދާ އަބަދު ކަޅު ހެދުން ލާފައިވެސް މިރެއަށް ހާއްސަކޮށް ކަޅާއި ރަތުގެ ޝޯލްއެއް އަޅާފައި ހުރުމުން ވަކިން ފުރިހަމައެވެ.
ރީމް ހުރީ ނާހިދާގެ ފަހަތުގައެވެ. އީތަން، ޒަކްވާން އަދި ރަފާލް އާއި އާރިން ކޯޓް ފަޓުލޫނުގައި ތިބެގެން އެއްހަމައެއްގައި ހިނގާލައިފައި ހޯލާއި ދިމާއަށް ދިޔައިރު މިދުނިޔެމަތީގެ ކަމެއްހެން ވެސް ހީ ނުވެއެވެ. އެޒުވާނުން ރަސްކަން ނުކުރާނެ އެންމެ ޒުވާން ހިތެއްވެސް މިރޭ އެހޯލަށް ވަދެފައި ނުނިކުންނާނެކަން ކަށަވަރެވެ. ހުރިހާ އަންހެން ކުދިން އެކަނި ވުމުން ޒޯއީ ހުރެފައި އަނެއްކާވެސް ވެއްޓިގަތީ ގޮނޑި އަށެވެ. ރަތް ހެދުމުގައި ފަރިވެލައިގެން ތިބި ލުޖައިން އާއި ތިއާ އެކަކު އަނެކަކަށް ބަލައިލާފައި ލާނެތް ހިނިތުންވުމެއް ބަދަލު ކުރިއެވެ.
"ހިނގާ އަވަހަށް ދާން. މިހާރު މެހުމާނުން އަންނަން އުޅޭނެ." ދެއަންހެންކުދީން ގޮސް ކައިރިވެލާފައި ތިއާ ވާހަކަދެއްކިއެވެ. "ގެޓް އަވޭ ބިޗަސް!" ޒޯއީ ގުގުރައިގެންފައި ހަމަ ހިލާ އެތަނުން ތެދުވާ ހިޔާލެއް ނުކުރިއެވެ. "ޕާޓީއަށްވެސް ނުގޮސް ސްޓްރެއިޓް ކޮށް ރޫމަށްތަ ދާން ބޭނުން ވަނީ؟ ވޯހ ވަޓް އަ ލަވް." ތިއާ ތުން އަނބުރާލައިފައި ނިކުމެގެން ދަމުން ޒޯއީ ރުޅިއަރުވައިލިއެވެ. ޒޯއީ އެއަޑު އަހާފައި އަޑުގާ ނެތްތަނަށް ހަޅޭއްލައި ގަތުމުން ދެއަންހެން ކުދީން ބާރަށް ހީގެންފައި އަވަހަކަށް ދުވެ ފިލައިފިއެވެ.
މެހުމާނުން އަންނަން ފެށުމުން ޝަކީބާ ގޮސް ޒޯއީ ގޮވައިގެން އައެވެ. ހޯލަށް ވަންނަ އިރު އެންމެ ފުރަތަމަ ކުޑަ ސްޓޭޖްކޮޅެއް ހަދާފައި އަލަތު ދެމަފިރީންނަށް ހާއްސަކޮށްފައި ހުއްޓެވެ. ޒޯއީ ގޮސް ރަފާލްގެ ކައިރީ ހުއްޓިފައި މަސްނޫއީ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވީ ޝަކީބާ ކައިރިވެލާފައި ކަންފަތްދޮށުގައި ސިއްރުން ބުނެލި ފަހުންނެވެ. ދާދި މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެތައް ބައިވަރު މެހުމާނުން ވަދެ ހޯލު ތެރެ ފުރައިލިއެވެ. ހަލަބޮލިކަން ދެގުނައަށް އިތުރުވެގެން ދިޔައީ އުފާވެރި އިހްސާސް ތަކެއްވެސް ގެނެސްދެމުންނެވެ. ލުޖައިންއަށް ބެލެނީ ހޯލްތެރޭގައި ޑެކަރޭޝަން އަށެވެ. އޭނާއަށް އެންމެ ހާއްސަވީ ބަބްލް މެޝިންއަކުން އެތަނަށް ދޫކުރަމުންދިޔަ އެތައް ބައިވަރު ބޮކިތަކެވެ. އެންމެ ހިތްގައިމު ލައިޓާއި މިއުޒިކް އަދި ލޯ ތަރަތަރަ ޖަހައިގެންދާ ފަދަ ޑެކަރޭޝަން ހަދާފައި ވަނީ ގިނަ އަދަދެއްގެ ރަތް ފިނިފެންމަލާއި ހުދާއި ރަތް ލޭސްފޮތި ބޭނުންކޮށްގެންނެވެ. ސީލިންގުން ތިރިއަށް އެލިފައިވާ ރަތާއި ހުދުގެ ޕޭޕަރ ލޭންޓެންތައްވެސް އެހާ ފުރިހަމައެވެ. އަދި ފައިދަށުގައި ރަތް ދޫލައެއް ފަތުރާފައި އޮތުމުން އިތުރަށް ޝާހީ ކުރުވައެވެ.
ބައެއް ހިސާބުތަކުގައި ފަތްނެތް ގަސްތަކެއްހެން ގޮފި ގޮއްޕަށްހުރި ބޮޑެތި ކެންޑެލް ސްޓޭންޑްތައް ބަހައްޓާފައި ކެންޑެލް ދިއްލާފައި ހުއްޓެވެ. ހޯލްގެ އެތެރޭގައި ޖަހާފައިވާ ކޮންމެ މޭޒެއްވެސް އެހާ ފުރިހަމައަށް ޒީނަތްތެރި ކޮށްފައި ހުއްޓެވެ. މޭޒުތަކާއި ގޮނޑީގައިވެސް ހުދު ފޮތިއަޅާފައި އަދި ކޮންމެ ގޮނޑިއެއްގައި ފޮތިގަނޑު މަތިން ލެނގޭބައިގެ ފުރަގަހަށްވާ ގޮތަށް ރަތް ލޭސްފޮތިން ޓައީއެއް ޖަހާފައި ވެއެވެ. ތާޒާ ފިނިފެން މާބޮނޑިއެއް ކޮންމެ މޭޒެއްގެ މަތީވެސް ހުއްޓެވެ.
ތިއާ ކައިރީގައި ހުރެފައި މި އަންނަނީއޭ ބުނެ ހިނގައިގަތުމުން ލުޖައިން ސިހިފައި ބަލައިލި އިރު ތިއާ ދޮރާއި ދިމާއަށް ދަނީއެވެ. ލުޖައިން އާރިން ފެނޭތޯ ހިނގައިގަތް ތަނާ ތަނބެއްގެ ކައިރީގައި ހުރި ޒަކްވާން ފެނުނެވެ. ޒަކްވާން އަތުގައި ހުރި ބުއިމާއެކު ލުޖައިންއަށް ބަލަން ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ. އެބެލުމުގައި ލުޖައިންއަށް މިއަދު އަނެއްކާ ތަފާތެއް ވިކަން ފާހަގަވިއެވެ. ލުޖައިން ކުޑަކޮށް ހިނިތުންވެފައި އެހެން ދިމާއަކަށް ދާން އުޅެނިކޮށް ޒަކްވާން އައިސް ހުއްޓުނީ ލުޖައިން ކައިރިއަށެވެ. ރަތް މެކްސީ ލުޖައިންގެ ރީތިހަށިގަނޑަށް އެހާ ރަނގަޅަށް ފިޓްވެފައި ލޫޅާފަތިކަން އިޝްތިހާރު ކުރަނީއެވެ. އެފަން އިސްތަށިގަނޑު މައްޗަށް ގެން ގޮސް ރީތި ހުޅިގަނޑެއް ހަދާފައި ނިއްކުރި މަތިން މިނިވަންކޮށްލާފައި އޮތް ދިގު އިސްތަށިކޮޅެއް ނަންނުގައްޗެއް ހެން އޮޅިގެން އޮވެ އޮމާން ކޯތާފަތާއި ދޮން ދޮން ކަނދުރާގައި ބީހެނީއެވެ.
ޒަކްވާންގެ ތޫނު ނަޒަރު ހުއްޓުނީ އެއިސްތަށިކޮޅު ބީހެމުން ދިޔަ ކޯތާފަތާއި ކަނދުރާއަށެވެ. ހިތުގައި ހަސަދައިގެ ހުޅުކޮޅެއް ރޯވެގެން އަނދައިގަތީ ވެސް ހަމަ އެސިކުންތު ތެރޭގައެވެ. ރަތްކުލަ ޖައްސާފައިވާ ތިރީ ތުންފަތުގައި ލުޖައިންއަށް ދަތްއަޅައި ލެވުނީ ދެން ހަދާނެ ގޮތެއް ނުވިސްނިގެން ކަހަލަ ގޮތަކަށެވެ. "ކަމް ވިތް މީ!" ޒަކްވާން ކުއްލިއަކަށް ލުޖައިން އަތުގައި ހިފާލައިފައި ގެންދަމުން އަތުގައި ހުރި ތަށި އެތަނުން މޭޒެއްގެ މަތީ ބެހެއްޓިއެވެ. "ޕާޓީ ދޫކޮށްފައި ދިޔައީމަ ގޭ މީހުން ރުޅި އަންނާނެ. އެހެންނޫނަސް ކޮންތާކަށް އަހަރެން ތިގެންދަނީ. ހެޔޮނުވާނެ ޒަކްވާން އަހަރެން އަތުން ދޫކޮށްލާ!" މީހުންގަނޑު ތެރެއިން ރެކިގެން ގޮސް ހޯލުގެ ދޮރުން ނިކުތްފަހުން ލުޖައިން ބުނެލިއެވެ. ޒަކްވާން އެއަޑެއް ނާހައެވެ. ކުއްލިއެއް ޖަހާފައި އަދި ކުރިއަށްވުރެވެސް އަތަށް ބާރުކޮށްލަމުން ގޭޓުވެސް ފަސްދީގޮސް މަގުމައްޗަށް ނިކުމެއްޖެއެވެ.
"ތަދުވެއޭ ޒަކްވާން!" ލުޖައިންގެ ލޮލަށް ކަރުނަ ޖަމާވާގޮތްވިއެވެ. ޒަކްވާން މަގު ހުރަސްކޮށްލާފައި ގޮސް އެއްފަރާތުގައި އޮތް ކާރުގެ ފަހަތު ދޮރުފަތް ހުޅުވައިލުމާއެކު ލުޖައިން އެތެރެއަށް ކޮށްޕައިލިއެވެ. އަދި ހަމަ ދާދި މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކުރީ ސީޓަށް އަރާފައި ކާރު ސްޓާޓް ކޮށްލައިފިއެވެ.
އާރިން ރަފާލް ކައިރީ ހުއްޓާ ރީމް އައިސް އެކުވެރިން ތަކަކަށް ތައާރަފް ކޮށްދޭން ބޭނުން ވާހަކަ ބުނުމުން ދެކޮޅު ހަދާކަށް ނުކެރުނެވެ. އާރިން ސްޓޭޖުން ފޭބިފަހުން ރީމް ތުއިވެފައި އައިސް އާރިން މުލައްދަނޑީގައި އޮޅުލައި ގަނެގެން ދިޔައިރު ހީވީ ހަމަ ދެލޯބިވެރިން ހެންނެވެ. އާރިން ރުޅިގަދަވިއަސް މާހައުލަށް ވިސްނާފައި ކެތްކުރިއެވެ. ޝަހީމު އަށް އެތަން ފެނިގެން ކައިރީގައި ހުރި ނާހިދާއަށް ދައްކައިލުމުން ނާހިދާގެ މޫނުމަތިން މާ ގަޔާވާ ގޮތެއް ނުފެނުނެވެ. ރީމްގެ އެކުވެރި އަންހެން ކުދިންނަށް އާރިން ތައާރަފް ކޮށްދިނުމުން އެކުދިންތައްވެސް ބަލަންފެށި އަޅައިގަނެގެން ތިބި ވައްތަރަކަށެވެ. އާރިން ހައްތަހާ ރުޅި އައެވެ. އެވަގުތު މޯބައިލް ރިންގްވީ ހަމަ ނަސީބެކެވެ. އާރިން އަވަހަށް ފޯންގެ ބަހަނާ ދައްކާފައި ސަލާމަތް ވެގެން އެއްފަރާތަކަށް ޖެހިލާފައި ފޯން ނެގިއެވެ. އިރުކޮޅަކުން ފޯން ނިންމާފައި ލުޖައިން މަތިން ހަނދާން ވެގެން ހޯދައިލި އިރު އެއްވެސް ތާކުން ލުޖައިންއެއް ނުފެނުނެވެ.
އާރިން ދެން ހޯދީ ތިއާއެވެ. ދެ އަންހެން ކުދީން އެއްފަހަރާ ގެއްލުމުން އާރިންއަށް ވިސްނުނީ ދެކުދީން ވާނީ އެއްތަނެއްގައި ކަމަށެވެ. އެހެންވެ އަޅައިނުލައި ހުއްޓާ އެކުވެރިއަކު ފެނިގެން ދެމީހުން ވާހަކަ އަޅުވައިލިއެވެ.
ތިއާ ގެއަށް ގޮސްގެން ޒޯއީގެ ކޮޓަރި އެފުށް މިފުށަށް ޖެހިއިރުވެސް އިތުރު އެއްވެސް ފޮޓޯއެއް ނުފެނުނެވެ. ޒޯއީ ހުރީ ލެޕްޓޮޕް ވެސް ފޯމެޓް ކޮށްލައިފައެވެ. ތިއާއަށް ރޮވުނެވެ. ދެއަތްތިލައިން މޫނު ފޮރުވައިލާފައި އިށީންދެވުނީ ޒޯއީގެ އެނދުގައެވެ. ސައިޑް ޓޭބަލް ނުބެލޭކަން ތިއާ ހަނދާންވީ އެހެން އިނދެފައި މޫނުން ދެއަތް ވަކިކޮށްލި ވަގުތުއެވެ. ތިއާ އަވަހަށް ކަރުނަތައް ފުހެލާފައި ޓައިލްސްމަތީ އިށީންދެ ސައިޑް ޓޭބަލް ހުޅުވަން އޭގެ ގޮބުގައި ހިފާލި އިރު ހުރީ ތަޅުލައިފައެވެ. ހިތް ތެޅިގަތީ ނުހަނު ބާރަށެވެ. އަދި އުންމީދުތައްވެސް ހޭލައިގެންފިއެވެ. ތިއާ އެތަން މިތަން ހޯދާލާފައި އެތައްބައިވަރު ތަޅުދަނޑިތަކެއް ގެނެސްގެން ފަހަރަކު ތަޅުދަނޑިއެއް ޖަހައި ހުޅުވަން މަސައްކަތް ފެށިއެވެ. އެންމެ ފަހުން ދެވަނައަށް ވީ ތަޅުދަނޑި ނެގިއިރު އަނެއްކާވެސް ރޮވެން ކައިރިވިއެވެ. މިފަހަރު ކާމިޔާބު ނުވިއްޔާ އޭނާ މޮޔަވެދާނެއެވެ. ތިއާ ދެލޯ މަރައި ތަގުޅިކޮށްލައި ތަޅުދަނޑި ޖަހައި އަނބުރައި ލުމާއެކު ދާދި ފަސޭހައިން ތަޅުދަނޑި އެނބުރިއްޖެއެވެ. އަވަހަށް ލޯ ހުޅުވާފައި ގޮބުގައި ހިފައި ދަމައިލުމާއެކު ވަތްގަނޑު ހުޅުވުނެވެ.
"ވާއު! ޕަރފެކްޓް." ތިއާ ވަތްގަނޑު ތެރޭ އޮތް ބޯ ފޮތް ނަގައި ގަނޑު އުކައިލާފައި ލައްޕައިލީ ހިނިތުންވެފައެވެ. ޒޯއީގެ އެންމެ އަގުހުރި ޖަވާހިރު މިއޮތީ އޭނާގެ އަތު ޖެހިފައެވެ. ޑައިރީ ދައްކައިގެން އޭނާއަށްވެސް ދެން ކުރި ލިބިދާނެއެވެ. ތިއާ އެޑައިރީ ގެންގޮސް ރައްކާތެރިކަމާއެކު ފޮރުވާފައި ނިކުންނަން އުޅެނިކޮށް ލިޔާމޭޒު މަތީ އޮތް ފޮތް ފެނުނެވެ. އެއީ ސުހާ އެއްދުވަހަކު އެގެއަށް އައިސް އުޅެފައި ދަމުން ހަނދާން ނައްތައިލި ފޮތެކެވެ. ސުރުހީ ކިޔާފައި ތިއާވެސް އެފޮތް ކިޔެވެ. ޞާލިހު އަނބިމީހާގެ ނަން ޖަހާފައިވާ އެފޮތުގައި އަނބިން ފިރިންނަށް ކިޔަމަން ވުމުމުގެ މުހިންމުމަކާއި އެފަދައިން ކަންތައް ނުކުރާ އަންހެނުންނަށް ހުރި ފާފަވެސް ބަޔާންކޮށްފައި ވެއެވެ. ތިއާގެ ހިތަށް އައި ހިޔާލުން ހިނިއައިސްގެން އެފޮތް ނަގައި އޮޅާލައިފައި އަތްދަބަސް ތެރެއަށް ލައިގެން ގެއިން ނިކުތެވެ.
އަނެއްކާވެސް މޯބައިލް ރިންގް ވާން ފެށުމުން އާރިން އެކުވެރިޔާ ކިބައިން މަޢާފަށް އެދިފައި އެއްފަރާތަކަށް ޖެހިލިއެވެ. މަންމަގެ ނަންބަރުން ގުޅާތަން ފެނިގެން އާރިން ހައިރާންވިއެވެ. ވަށައިގެން ހޯދައިލި ނަމަވެސް އާރިންއަށް އެއްވެސް ތާކުން މަންމައެއް ނުފެނުނެވެ. އަނެއްކާވެސް ލުޖައިން ނެތްކަން ހަނދާންވެ ކޮޅު ކޮޅަށް ހިނގައިލެވުނެވެ. މަންމަ ނަންބަރުން ދެވަނަ ފަހަރަށްވެސް ގުޅާތަން ފެނިގެން އާރިން ފޯން ނެގިއެވެ. އިރުކޮޅަކުން އާރިން ފޯން ޖީބަށް ކޮށްޕައިލާފައި ސިޑިއާއި ދިމާއަށް ދާން ފެށީ ނާހިދާ އެދުނު ގޮތަށް އެކޮޓަރިއަށް ދިއުމަށެވެ. އާރިން ގޮސް ދޮރާއި ހަމަވެފައި ޓަކި ޖަހައިލުމުން އެތެރެއިން ވަންނާށޭ ބުނެލިއެވެ. އާރިން ދޮރު ހުޅުވާފައި އެތެރޭގައި އެޅި ފުރަތަމަ ފިޔަވަޅާއެކު އެނދުގައި އިން ޒާހިދު ފެނިގެން ސިހުނެވެ. ނާހިދާ ހުރީ ޑްރެސިންޓޭބަލް ކައިރީގައި ކޮޅަށެވެ.
"ކިހިނެއްވީ މަންމާ؟" އާރިން ސުވާލު ކުރިއިރުވެސް ބަލަން ހުރެވުނީ ޒާހިދު އަށެވެ. "ދަރިފުޅަށް ކޮންމެހެން އަންގަން ބޭނުން ކަމެއް އޮތީމަ މިގެނައީ." ނާހިދާ އައިސް ކައިރިއަށް ހުއްޓިފައި އާރިންގެ ކޮނޑުގައި ހިފައިލުމުން ދެމައިންގެ ހަތަރުކަޅި ބައްދަލުވިއެވެ. އާރިންގެ ދެލޮލުން ނުތަނަވަސްކަމާއި އެއްވަރަށް ޖެހިލުންވިކަން ނާހިދާ ދެނެގަތެވެ. "ކޮންކަހަލަ ވާހަކައެއް؟" އާރިން އަހައިލައިފިއެވެ.
ކާރު ގަރާޖަށް މަޑުކޮށްލާފައި ޒަކްވާން ނިކުމެގެން ގޮސް ފަހަތު ސީޓު ދޮރުފަތް ހުޅުވައިލިއެވެ. ލުޖައިން ތެމިފައިވާ އެސްފިޔަތައް އުފުލާލައިފައި ބަލައިލި ނަމަވެސް ޒަކްވާން އެމޫނަކަށް ނުބެލިއެވެ. ދަތުރު ފެށުނީއްސުރެ ނިމޭންދެން ލުޖައިން ކުރި އާދޭހުގެ އަޑަށްވެސް ބީރުކަންފަތެއް ދިންފަދައިން ނުފެންނަ ކަމަށް ހަދައިލީއެވެ. "ނޮޓް އަ ވޮއިސް! އަޑު އިވިއްޖެތަ؟" ޒަކްވާން އަމުރުކޮށްލައިފައި ލުޖައިންގެ އެއްއަތުގައި ހިފާ ދަމަމުން ގޮސް ކޮރިޑޯ ކަޑައްތުކޮށްފައި ލިފްޓަށް އަރައި ތިންވަނަ ފަންގިފިލާއަށް މިސްރާބު ޖެހިއެވެ. އެވަގުތުކޮޅުވެސް ލުޖައިންގެ އަތުން ޒަކްވާން ދޫކޮށެއް ނުލައެވެ. ޒަކްވާންގެ ފަރާތުން އަލަށް މިފެންނަ ކުލައަކުން ލުޖައިންވެސް ބިރުގަނެގެން އަނގަ ހުޅުވައިލާކަށްވެސް ނުކެރުނެވެ. ހަނދާންވީ އާރިން ވެސް އިރެއްގައި އެގޮތަށް އޭނާ އާއި ދޭތެރޭ ހަރުކަށިވެގެން އުޅުނު ކަމެވެ.
އަނެއްކާ ވާން މިއުޅެނީ ކީއް ހެއްޔެވެ؟ ޒަކްވާން ހަދަން ގަސްތުކުރަނީ ކޮންގޮތެއް ހެއްޔެވެ؟ ލޯބިވާކަމުގެ ދައުވާ ކޮށްފައި ކޮންމެ މީހަކު އަނިޔާވެރިއަކަށް ބަދަލުވަނީ ކީއްވެ ހެއްޔެވެ؟ ލުޖައިންގެ ލޮލުން މެދުކެނޑުމެއްނެތި އަންނަމުންދިޔަ ކަރުނަތައްވެސް ވީ މިފަހަރު ބޭކާރު އެއްޗަކަށެވެ. ޒަކްވާން ވެސް އާރިން ފަދައިން ހިތްހަރުކޮށްލައިފިއެވެ. ލިފްޓުން ނިކުންނަން ވާއިރަށް ޖީބުން ނެގި ރުމާލަކުން ލުޖައިން އަނގަމަތީ އައްސައިލައި އަޑު ބޭރު ނުވާނެހެން ހަދައިލެވުމުން ޒަކްވާން އިތުރަށް ހިތްހަމަޖެހުނެވެ.
ލިފްޓުން ނިކުމެގެން އެޕާޓްމަންޓްގެ ދޮރު ހުޅުވާފައި ޒަކްވާން މިސްރާބު ޖެހީ ކޮޓަރި އާއި ދިމާއަށެވެ. ބާރުބާރަށް ގޮސް އެތެރެއަށް ވަދެފައި މިފަހަރުވެސް ލުޖައިން ކޮށްޕައިލިއެވެ. އެނާޒުކް ހަށިގަނޑު ލުއިފަތެއްހެން އުދުއްސައިގެން ގޮސް އެނދުމައްޗަށް އުއްޑުން ޖެހުމާއެކު ކުރިއަށްވުރެ ގިނައިން ކަރުނަ އޮހިގަތެވެ. ލުޖައިން ތެދުވެ އިށީންދެފައި އަވަސް އަވަހަށް އަނގަމަތީ އޮތް ރުމާ މޮހެލިއެވެ. "ވަޓް ޔޫ ވޯންޓް ޒަކްވާން؟" ލުޖައިން ފުންމައިގެން ތެދުވެފައި ރޮމުން އަހައިލިއެވެ. ޒަކްވާން އޭރު ގޮސް ހުރީ ދޮރުފަތުގައި ލެނގިލައިގެން އިސްޖެހިފައެވެ. ކުރަން ބޭނުން ނުވާ ކަމެއް މަޖުބޫރުން ކޮށްގެން ހުރި މީހަކު ފަދައެވެ. ޒަކްވާން އިސް އުފުލައިލި ތަނާ ލުޖައިން އަނެއްކާވެސް ކުރީގެ ސުވާލު ތަކުރާރު ކޮށްލިއެވެ. "އަހަރެން ބޭނުން ނުވަނީ ކޮންގޮތެއް ހޭ އަހައިބަލަ ލުޖައިން! ބުނެދެންތަ އަހަރެން ބޭނުންނުވަނީ ކޮން ގޮތެއްކަން؟" ޒަކްވާން ބާރުބާރަށް ވާހަކަ ދައްކަމުން ކައިރިއަށް އަންނަން ހިނގައި ގަތުމުން ލުޖައިންއަށް ފަހަތަށް ޖެހިލެވުނެވެ. ޒަކްވާންގެ ފެންކަޅިވެފައިވާ ދެލޮލުގައި އަދިއެހެން އަސަރުތަކެއް ވެސް ވާކަން ގައިމެވެ. ވެގެން އުޅޭގޮތެއް އޮޅުން ފިލުވަން ލުޖައިން އެހާ ބޭނުންވީވެސް އެހެންވެއެވެ.
"އަހަރެން ބޭނުން ހުރިހާ އެއްޗެއް އަހަރެންގެ އަތުން އަތުލައިގަނެވިގެން އެއީ އާރިންގެ އެއްޗަކަށް ވާން އަހަރެން ބޭނުން ނުވަނީ. އަހަރެން ބޭނުމެއް ނުވޭ އަހަރެންގެ ބައްޕަ އާއި އަދި އަހަރެން ލޯބިވި ހަމައެކަނި އަންހެންކުއްޖާވެސް އާރިންގެ މިލްކަކަށް ވާކަށް." ޒަކްވާންގެ ވާހަކައިން ލުޖައިންގެ ދެލޯ ބޮޑުވިއެވެ. ޒަކްވާން އެބުނަނީ އާރިން އަކީ އޭނާގެ ކޮއްކޮއެކޭ ހެއްޔެވެ؟ ލުޖައިންއަށް ފަހަތަށް ދެފިޔަވަޅު އަޅާފައި ދެފަރާތަށް ބޯ ހޫރައިލެވިއްޖެއެވެ. "ބައްޕަ ކުރީ ދުވަހު އަހަރެންނަށް އެ ހަޤީޤަތް ކިޔައިދިން ވަގުތުން ފެށިގެން ވަރަށް މަސައްކަތް ކޮށްފިން އަމިއްލަ ހިތަށް ވިސްނައިދޭން. އަހަރެން އެއްފަހަރު ލުޖައިން ދޫކޮށްލައިފިން. ލުޖައިންއަށް ޓަކައި ލުޖައިން ލޯބިވާ މީހަކާއި ގުޅެން ފުރުސަތު ދިނިން. އެކަމަކު އަހަންނަށެއްނު އެނގޭނީ މިއަދާއި ޖެހޭންދެން އެހިތާމަ ހިތަށް އުދަނގޫ ކުރާވަރު. އެހެން ކުއްޖަކަށް ބަލައިލާ ހިތްވެސް ނުވޭ. ދެން ކިހިނެތް އަހަރެން އެއްގެއެއްގެ ތެރޭގައި ލުޖައިން އެހެން މީހެއްގެ ހައްޤަކަށް ވެގެން އުޅޭތަން ދެކޭނީ. އަދި އެއީވެސް އަހަރެންނާއި ލޭގެ ގުޅުން އޮތް ފަރާތަކާއެކު." ޒަކްވާން އައިސް ލުޖައިންގެ ދެކޮނޑުގައި ހިފަހައްޓައިލިލެއް ބާރުކަމުން ވިންދު ޖަހައިގަތެވެ.
"ނުވާނެ. ނުވާނެ. އަހަރެން އެހެން ވިޔަކަ ނުދޭނަން. ލުޖައިން ވާންޖެހޭނީ ހަމައެކަނި އަހަރެންގެ މީހަކަށް. އައި ޑިޒާވް ޔޫ ލުޖައިން. އައި ޑިޒާވް ޔޫ." ޒަކްވާން ލުޖައިން ގެނެސް މެޔާއިލައި ބޮނޑިކޮށްލީ ބިމުންވެސް ހިއްލައިލާފައެވެ. ލުޖައިން ތެޅިތެޅި ވަރުބަލި ވީއިރުވެސް ދެން އެއަތުތެރެއިން ސަލާމަތެއް ނުވެވުނެވެ. އަނެއްކާވެސް ރޮވުނެވެ. އެދެލޮލުން ފައިބަމުން ދިޔަ ހޫނު ކަރުނަތަކުން ޒަކްވާންގެ ހުދު ގަމީސް މޭމަތި ތެމެމުން ދިޔައެވެ. އެވަރުންވެސް ޒަކްވާން ހިތަށް އަސަރެއް ނުކުރިއެވެ.
"ވަޓް؟" އާރިންއަށް ބުނެލެވުނެވެ. އޭނާގެ ދެލޯ ބޮޑުވެ ތަލިން ކުޅު ހިކޭގޮތްވިއެވެ. އެމޫނުން ކުލަ އޮއްސި ހިނދުކޮޅެއްގެ ތެރޭގައި މުޅިމީހާވެސް ހުދުވިހެން ހީވިއެވެ. "މަންމަ އެބުނީ ތެދެއް ދަރިފުޅާ. މީ ދަރިފުޅުގެ ހަޤީޤީ ބައްޕަ." ޒާހިދު ނާހިދާގެ ޖުމްލައަށް ބާރު ލައިދިނެވެ. އާރިން ބަލަން ހުރެފައި އިރުކޮޅަކުން ބާރު ބާރަށް ގޮސް ޒާހިދުގެ ގަމީހު ގިރުވާނުގައި ދެއަތުން ހިފިތަން ފެނިގެން ނާހިދާއަށް ހަޅޭއްލަވައި ގަނެވުނެވެ. "ކަލޭތަ އަހަރެންގެ މަންމަ ޕްރެގްނެންޓް ކޮށްލާފަ ދޫކޮށްލީ؟" އާރިންގެ ދެލޮލުން އަލިފާން ކަނި ބުރައެވެ. "ދަރިފުޅާ. ހެޔޮނުވާނެ ދޫކޮށްލާ. ތީ އޮޅުމެއް. ދަރިފުޅުގެ ބައްޕަ ކަންތައް ކުރިގޮތެއް ނޫން ތީ. މަންމައަށްވެސް ކަންވީ ގޮތް އެނގުނީ އަދި ކިރިޔާ. ބައްޕައަށް ނުވެސް އެނގޭ މަންމަ ބަލިވެއިންކަން." ނާހިދާ ދެބަފައިން ދުރުކުރަން ވެގެން ބޭކާރު މަސައްކަތް ތަކެއް ކުރަމުން ރޮއިރޮއިފައި ކިއެވެ. އާރިން ޒާހިދު އާއި ހަތަރުކަޅި ހަމަކޮށްގެން ހުރެލާފައި އިރުކޮޅަކުން ދޫކޮށްލިއެވެ.
"އަޑު އަހާބަލަ ދަރިފުޅާ. ބައްޕައަކީ ތި ހީކުރާކަހަލަ ނުބައި މީހެއް ނޫން. ދަރިފުޅުގެ ބައްޕައަކީ މާތް މީހެއް. ހަމަތެދެއް މިބުނީ." އާރިން އިތުރު އެއްވެސް އެއްޗެއް ނުބުނެ ނިކުންނަން ދާން ފެށުމުން ނާހިދާ ގޮވިއެވެ. އާރިން ނިކުތްފަހުން ނާހިދާ ރޮމުން އެދިމާއަށް ދާން ފެށުމުން ޒާހިދު ގޮވާލައިފައި ނާހިދާ ހުއްޓުވިއެވެ. "އޭނަ ދިޔަދީ ނާހިދާ. އާރިންއަށް ވަގުތު ބޭނުންވާނެ." ޒާހިދު ވިސްނައިދިނުމުން ނާހިދާއަށްވެސް ގަބޫލު ކުރެވުނެވެ.
އާރިން ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން ފައިބައިގެން ގޮސް ލުޖައިން ނަންބަރަށް ގުޅަން އުޅެނިކޮށް ތިއާ ހޯލުގެ ދޮރުން ވަތްތަން ފެނިފައި އެދިމާއަށް ދިޔައެވެ. "ކޮބާ ލޫލޫ؟" އާރިން ތިއާ ވަދެގެން އައި ދޮރާއި ދިމާއަށް ބަލަން ހުރެފައި އަހައިލިއެވެ. "ލޫލޫ. ނޭނގެ. އަހަރެން ބޭރަށް ދިޔައިރު މިތާ ހުރި." ތިއާގެ ޖަވާބު އިވިފައި އާރިންގެ ފައިދަށުން ބިތްގަނޑު ދެމިގަތްހެން ހީވިއެވެ. އާރިން ހާސްވެގެން އިސްތަށިގަނޑު ތެރެއަށް އިނގިލިތައް މަހާލައިފައި ވަށައިގެން ހޯދަން ފެށިގޮތުން ތިއާވެސް ބިރުގަނެއްޖެއެވެ. އާރިން ގޮސް ރަފާލް ކައިރީ ބުނިތަނާ ޝަކީބާ އަށާއި ޝަހީމުއަށްވެސް އެކަން އެނގިއްޖެއެވެ. "ޒަކްވާން އެއްވެސް ނެތެއްނު. ކޮބާ ޒަކްވާން؟" ރަފާލް އެހެން ބުނެލުމުން އާރިންއަށްވެސް އެކަން ފާހަގަވިއެވެ. "އީތަން އެއްވެސް ނެތް." ތިއާ ކައިރީގައި ހުރުމުން ޒޯއީ އެވަގުތު ކޮޅުވެސް އޭނާގެ ގޮތުގައި ހުރެ ބުނެލިއެވެ.
"އީތަން!" ތިއާއަށް އެނަން ކިޔައިލެވުނެވެ. ތިއާ ޕާޓީ ފެށުނީއްސުރެ އެއްފަހަރުވެސް އީތަންގެ ޚަބަރު ބަލައެއްނުލައެވެ. ތިއާ ސިއްރު ސިއްރުން މޯބައިލް ޝަކީބާގެ އަތްދަބަސް ހާވާފައި މޯބައިލް ނަގައިގެން ހޯލު ދޫކޮށްފައި ނިކުތެވެ. އެހެން އެންމެން ލުޖައިން ހޯދަންވެގެން މުޅި ހޯލްތެރެ ހޯދަމުން ދިޔައިރު ތިއާ ތަކުރާރުކޮށް އެތައް ފަހަރަކު އީތަން ނަންބަރަށް ގުޅައިފިއެވެ. ކޮންމެ ފަހަރަކުވެސް ރިންގް ވެފައި ކެނޑެނީއެވެ.
އާރިން ލުޖައިންގެ ނަންބަރަށް ފޯން ކުރަމުން ގޮސް އެކޮޓަރިއަށް ވަންއިރު ފޯން އޮތީ ޑްރެސިންޓޭބަލް މަތީގައެވެ. މުޅި ގެ ހޯދާފައި އެންމެފަހުން ބޭރުތެރެ ހޯދަންވެގެން ނިކުންނަން ދަނިކޮށް ޒަކްވާން ވަންތަން ފެނުނެވެ. އާރިންގެ ހިނގުމަށް ހަލުވި ކަމެއް އައެވެ. ބާރުބާރަށް ގޮސް ޒަކްވާންގެ ކުރިމައްޗަށް ހުއްޓިފައި ލުޖައިން ކޮބައިތޯ އަހައިލި އިރު ދެޒުވާނުންގެ ލޮލުންވެސް އެކަކު އަނެކަކަށް ރުޅިވެރިކަން ފެނުނެވެ. ހީވީ ދުވަސްވީ ދެ ދުޝްމަނުން ފުރިހަމަނުވެ އޮތް މައްސަލަގަނޑަކާއި ގެން އަލުން ބައްދަލު ކުރި ހެންނެވެ. ހަޤީޤަތް އެނގުމުން ދެހިތުގައިވެސް އަނދަމުން ދިޔައީ ހަސަދައިގެ އަލިފާނެވެ. އަންހެން ކުއްޖަކާއި ހެދި އެވެ. ދެމީހުންނަށްވެސް އެކަކުދެކެ ލޯބިވެވުމުގެ ނަތީޖާ އެވެ.
"އައި ހޭވް ނޯ އައިޑިއާ އެޓް އޯލް." ޒަކްވާން ނުހަނު ހަމަޖެހިލައިފައި ދޮގެއް ހަދައިލިއެވެ.