ލޯ ހުޅުވައިލާފައި ލުޖައިން ފުންމައިގެން ތެދުވިއެވެ. ތެޅިތެޅި އޮތް ހިތާއި ދިމާ މޭގައި އެއްއަތުން އޮއްބައި ލެވުނު އިރު އަނެއް އަތުން ނިއްކުރިމަތީގައި ވި ދާ ތިކިތައް ފުހެލެވުނެވެ. ލުޖައިން ފުން ނޭވައެއް ލާފައި ހިތާއި ހިތުން ޝުކުރުކޮށްލީ ފެނުނީ ހުވަފެނަކަށް ވީތީއެވެ. ލުޖައިން އެނދުން ފައިބައިގެން ބޭރަށް ނިކުންނަން އުޅެފައި ފޯނުން ގަޑިބަލައިލަން ވެގެން ސްކްރީން ދިއްލައިލި އިރު މެސެޖެއް އިނެވެ. "ލޫލޫ ތީ ކޮންކަހަލަ އެކުވެރިއެއް. މެރީ ކުރަން އުޅޭ ވާހަކަ ކުރިން ނުވެސް ބުނޭ." ޒަކްވާންގެ މެސެޖްގައި އިނެވެ. ލުޖައިން ތުންފަތުގައި ދަތް އަޅައިލައިފައި ފޯން ހިފައިގެން ކޮޓަރިން ނިކުމެއްޖެއެވެ. ހިސާބަކަށް ބަނޑުހައިކަން ވެސް އިހްސާސް ކުރެވޭތީ ފިނި ބުއިމެއްގެ އެހީ ހޯދަން ބޭނުންވިއެވެ.
ލުޖައިން ބަދިގެއަށް ވަދެ ލައިޓް ޖައްސައިލި ތަނާ ލިވިންރޫމް ޓީވީގެ އަޑު އިވުނެވެ. އެދަންވަރު ޓިވީ ބަލަނީ ކާކު ހެއްޔެވެ؟ ފްރިޖް ހުޅުވާފައި ކްރޭންބެރީ ޖޫސް ޕެކެޓެއް ނަގައި ހިމަދިގު ތައްޓަކަށް އަޅައި ފުރާލައިފައި ދެތިން އައިސް ކިއުބް ވައްޓައިލިއެވެ. ލުޖައިން ތަށީގައި ތުން ޖަހަން އުޅެފައިވެސް ފުރަތަމަ ނިކުމެ ލިވިންރޫމްގައި އިނީ ކާކުތޯ ބަލަން ބޭނުންވިއެވެ. ރަފާލް އިނީ ސޯފާގައި އެއް އަތުން ކޮފީ ތައްޓެއް ހިފާލައިގެންނެވެ. ހުޅުވާފައި ހުރި ޓީވީން މަޑުމައިތިރި ލަވައެއް އައިސް އައިސް ހުއްޓެވެ. ލުޖައިން ބަލަން ހުއްޓައި ރަފާލްއަށް ބަލައިލެވުނު ގޮތަކުން ހަތަރުކަޅި ބައްދަލުވިއެވެ.
"ލޫލޫ! ކަމް! ސިޓް! ރަފާލް ކުޑަ ހިނިތުންވުމަކާއެކު ދެބަސް ދޭތެރޭ ދުރުކަމެއް ބަހައްޓައިގެން ކިޔާލިއެވެ. ލުޖައިން ނިއްއަރުވާލައި އައިސް އިށީންދެލީ ވަކިން ހުރި ސޯފާއެއްގައެވެ. "އަދި ނުނިދަނީތަ؟" ލުޖައިން ތަށިން ކޯވަރެއް ރަހަ ބަލައިލައިފައި ރަފާލްއަށް ފުންކޮށް ބަލައިލިއެވެ. އެކަނި ޓީވީގެ އަލި އެޅިފައި ހުންނައިރުވެސް ރަފާލްގެ ރީތިކަން ފާޅުވަމުން ދިޔައެވެ. އިސްތަށިގަނޑު ދިގުކޮށްލައިފައި އަދި ތުނބުޅިވެސް ނުބާލައި ހުރުމުން އިތުރަށް ފިރިހެންވަންތައެވެ. އެންމެ ބަލައިލުމަކުން ކޮންމެ ހިތެއްގައި އެރީތި ސޫރަ ކުރަހައިލެވޭނެއެވެ. އެހާ ފުރިހަމަ ޒުވާނެއް ދޫކޮށްލައިފައި ދާން ޒޯއީއަށް ކެރުނީވެސް ކިހިނެއް ހެއްޔެވެ؟ ރަފާލް ގައިގައި ނެތީ މިވެނި ސިފައެކޭ ބުނާނެ އެންމެ ސިފައެއް ލުޖައިންއަށް ފާހަގައެއް ނުވިއެވެ. "ނުނިދަނީތަ؟" ރަފާލް އެހެން އަހައިލި އިރުވެސް ނަޒަރު ހުއްޓާލައިގެން އިނީ ޓީވީއަށެވެ. "ނައިޓްމެއަރއެއް ފެނިގެން ހޭލެވުނީ. ދެން ނިދައިފިއްޔާ ފަތިސް ނަމާދަށް ނުހޭލެވޭނެތީ މިތެދުވީ." ލުޖައިން ޖަވާބުދީފައި ތަށީގެ މެދާއި ހަމައަށް ދުއްވައިލިއެވެ. "އަހަރެންވެސް ނުނިދިގެން." ރަފާލް މިއޮތްހާ ދުވަހު ހިމޭނުން ހުރެފައި މިހާރު ހީވަނީ ހިތުގެ އުދާސްތައް ބޭރުކޮށްލަން ބޭނުންވެގެން އުޅޭ ހެންނެވެ. "އެއީ ކީއްވެ؟" ލުޖައިން އިތުރަށް އޮޅުން ފިލުވަން ވެގެން އަހައިލިއެވެ.
ރަފާލް މޫޑުގައި އިނުމުން ފަހަރެއްގައި ކިޔައިދޭންވެސް ހިޔާލު ކޮށްފާނެއެވެ. ޒޯއީ ހިނގައްޖެއޭ ބުންޏަސް އެކަން ހިގައިދިޔަ ގޮތް ލުޖައިން ބަލަން ބޭނުންވެއެވެ. "އައި ގެސް އައެމް މިސިން ހަރ." ރަފާލް އެހެންވެސް ބުނެލައިފިއެވެ. އާރިން ފަރާތުން އެނގިފައި އޮތް ގޮތުންވިއްޔާ ރަފާލްއަށް ޒޯއީ ފުރަތަމަ ފެނިފަވެސް ގަޔާވިއެވެ. އެކަމަކު މިހާރު ހީވަނީ އެއަށްވުރެ މާބޮޑަށް ރަފާލްގެ ހިތުގައި ޒޯއީ ހާއްސަވެފައިވާ ހެންނެވެ. "ކުރިން ހިއެއް ނުކުރަން އެހާ މަދު ދުވަސްކޮޅެއްގެ ތެރޭ ޒޯއީ ލައިފްގަ އެހާ އިމްޕޯޓެންޓް ވެދާނެއެކޭ. އެކަމަކު ފުރަތަމަވެސް އުންމީދު ކުރިން ކޮންމެވެސް ދުވަހަކުން ނޫރާ ހަނދާން ނެތޭވަރަށް އެހެން ކުއްޖަކުދެކެ ލޯބިވެވޭނެ ކަމަށް." ރަފާލް އަނެއް އަތުން ކޮފީ މަގުގެ ކައިރި ފަށުގައި ޝަހާދަތް އިނގިލި ހިންގައިލައިފައި އިސްޖަހައިލިއެވެ. ހުޅުވާފައިވާ ކުޑަ ދޮރުން ވަން ވައިރޯޅިއެއް ދޮރުފޮތިގަނޑާއި ސަމާސަ ކޮށްލާފައި އައިސް ރަފާލްގެ އިސްތަށިގަނޑު މޫނުމައްޗަށް ވިހުރުވައިލުމުން އެއިސްތަށިތައް އެއްފަރާތް ކޮށްލި ގޮތް ލުޖައިންއަށް ހިތްގައިމުވިއެވެ.
"އައި ތިންކް ޔޫ އާ އިން ލަވް." ލުޖައިން ހާމަކޮށްލީ ހިތުގައި އޮތް ގޮތަށެވެ. "އަހަންނަށްވެސް ފީލްވަނީ ތިހެން. ބަޓް ވިތް ދި ރޯންގް ގާރލް. އެހެންނު؟" ރަފާލް މިފަހަރު ހަތަރުކަޅި ހަމަކޮށްލީ ލުޖައިންގެ ހިޔާލެއް ބޭނުންވެގެން ކަހަލައެވެ. "ވަޓް ހެޕެންޑް؟" އެންމެ އެކަށޭނަ ވަގުތު ބަލައިފައި ލުޖައިން އަހާލައިފިއެވެ. "ހަނީމޫންއަށް ދާންދެންވެސް ހުރިހާ ކަމެއް ވަރަށް ސްމޫތް. އާރީ ކުރިންވެސް ޒޯއީގެ ކަމުނުދާ ވާހަކަ ދައްކާފަ އޮތްވާ އޭނަ ބިހޭވް ކުރި ގޮތުން އަމިއްލައަށް ވެސް ޝައްކުވި. އާރީގެ ވާހަކަތައް ތެދެއްބާއޭ ހިތަށްއެރި. ހަނީމޫނަށް ގޮސް އުޅުނު އިރު ޝީ ސީމްޑް ހެޕީ. ވެދާނެ ޕްލޭންތަކެއް ހިތުގަ އޮތީމަކަމަށް އެހާ އުފާވީ. ދެމީހުން ތަންތަނަށް ގޮސް ނުލާހިކު މަޖާނެގިން. ހަފްތާއެއް ވާން އުޅެނިކޮށް އެއްދުވަހު ޒޯއީ ބޮލުގަ ރިއްސާ ވާހަކަ ބުނީމަ ބޭހެއް ގަންނަން ބޭރަށް ޖެހިލާފައި އައިއިރު ނެތީ. ސިޓީ ފެނުނީމަ ދެން ވީގޮތް އެނގިއްޖެ." ރަފާލް ކިޔައިދިނެވެ.
ޒޯއީ ބޭނުންވިގޮތަށް ކައިވެނި ނުހުއްޓުވުނީމައި އިތުރު ޕްލޭންއެއް ހަދައިގެން އެގޮތަށް ކަންތައް ކުރީއެވެ. ދުވަހަކުވެސް އަމިއްލަ ނަފްސް ފިޔަވައި އެހެން މީހަކާއި މެދު ވިސްނިކަމެއް ނޭނގެއެވެ.
"ދެން އޭނަ ހޯދާކަށް މަސައްކަތެއް ނުކުރަންތަ؟ ކިހިނެތް އެނގެނީ އެހާ ހަރު ހިތެއްވެސް ޗޭންޖް ނުވާނެ ކަމެއް. ޕުޓް ސަމް އެފަރޓް ބްރަދަރ!" ލުޖައިން އެހާ ގާތްކޮށް ވާހަކަދައްކާފައި އަދި ބޭބެއޭވެސް ބުނެލުމުން ރަފާލްއަށް ހިނިތުންވެލެވުނެވެ. ޒޯއީވެސް ބަދަލުވެގެން އައިސް ރަފާލް އާއި ގުޅިގެން އުޅެން ފަށައިފިއްޔާ ލުޖައިން އުފާ ކުރާނެއެވެ. "ތިބުނީ އާރީގެ ވާހަކަތަ؟ އާރީ ވިކެޑް ބިހޭވިއަރއެއް ގެންގުޅުނު އިރުވެސް ތިކުއްޖާ ދެކެ ހިތުގެ އަޑިން ލޯބިވިއޭ. ބަޓް ހިއަރ ޒޯއީގެ ހިތުގަ އަހަރެންނަށް ޓަކައި ފީލިންގްސް ނެތީމަ ތަފާތެއްނު." ރަފާލް ހުރީ އުންމީދު ކަނޑާލައިގެންނެވެ. އެކަން އެނގެނީ ދައްކާ ވާހަކައިންނެވެ. ލުޖައިން އިތުރަށް ބުނާނެ އެއްޗެއް ނޭނގިގެން ޖޫސްތަށި ހުސްކޮށްލައިފައި ގޮސް ކާކޮޓަރިއަށް ވަނެވެ. ލުޖައިން ތަށި ދޮވެލައިފައި ނިކުމެގެން ކޮޓަރިއަށް ދިޔައިރު ރަފާލް ފެންނާކަށް ނެތެވެ.
ލިބެން އުޅޭ އުފާވެރި ކަމުގެ ވާހަކަ ހިތުގައި ބާއްވައިގެން ލުޖައިންއަށް ކެތްވީ މަދު ވަގުތު ކޮޅެއް ވާންދެންނެވެ. ހެނދުނު ސައިހަދަން އުޅެފައި ފާޝާ ކައިރީ އެވާހަކަތައް ދައްކަނިކޮށް ރީމްގެ ކަންފަތާއި ހަމައަށް ފޯރައިފިއެވެ. ރީމް އަތުގައި ހުރި ފޮތްތަކާއެކު އެނބުރި އައިކޮޅަށް ދުއްވައިގެންފައި ދަމުން ލޮލުން ކަރުނަ ފުހެލިތަން ޝަހީމުއަށް ފެނުނެވެ. ޝަހީމު އާދައިގެ މަތިން އެވަގުތުވެސް އިނީ ހެނދުނުގެ ކޮފީއަށް އިންސާފު ކުރާށެވެ. ރީމް އަށް ވީ ގޮތެއް ބަލައިލަން ބޭނުންވެގެން ޝަހީމު އަމިއްލައަށް އެކޮޓަރިއަށް ދާން ހިނގައިގަތެވެ. ދޮރާއި ހަމައަށް ދެވުނުއިރު އެތެރެއިން ބާރު އަޑުފަތްގަނޑެއް އިވުނެވެ. އަވަސް އަވަހަށް ދޮރު ހުޅުވާލި އިރު ރީމް ހުރީ ހުސްކޮށް އޮތް ޑްރެސިންޓޭބަލް މަތީ ދެއަތް ވިއްދާލައިގެން ލޯގަނޑަށް ބަލަހައްޓައިގެންނެވެ. އެލޮލުން މެދުކެނޑުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. ޝަހީމު ރީމްއަށް ގޮވައިލައިފައި ޓައިލްސް މައްޗަށް އުކާލެވިފައިވާ އެއްޗެހިތައް ގިރާކޮށްލަމުން ކައިރިއަށް ދިޔައެވެ. ވީގޮތެއް އަހައިލުމުން ރީމް ކިޔައިދިނީ އާރިން އާއި ލުޖައިން އެގެއިން ނިކުމެގެން ގޮސް ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ވާހަކައެވެ. ޚުދު ޝަހީމުއަށްވެސް ލިބުނީ ޝޮކެކެވެ.
"ދަރިފުޅު ކައިރީ ބައްޕަ ވާހަކައެއް ބުނަންތަ؟" ޝަހީމު ރީމްގެ ކޮނޑުގައި އަތް ޖައްސައިލުމުން އެނބުރިފައި ލޯ ފުހެލިއެވެ. އެވަގުތު ޝަހީމު ބުނެލި ވާހަކައަކުން ރީމްއަށް ލޯ ބޮޑުކޮށްލެވުނެވެ. ވަގުތުން އެވާހަކަތައް ގަބޫލުވެސް ކޮށްލެވުނެވެ. ހެކި އޮތީ ފެންނާށެވެ.
"ނާހިދާ ނުވެސް ބުނަމެއްނު އާރިން ބަދަލުވާ ވާހަކައެއް." ޝަހީމު އޮފީހަށް ދާންވެގެން ތައްޔާރު ވާން ހުއްޓައި ނާހިދާ ކޮޓަރިއަށް ވަނުމުން ބުނެލިއެވެ. އެނބުރި ބަލައިލައިފައި ނާހިދާ ފުރަތަމަ އިސްޖަހައިލިއެވެ. "އަހަރެން އޭނަ ގެއިން ބޭރުކޮށްލިއަސް ކުޑައިރުއްސުރެ އަހަރެންވިއްޔަ ދަރިއެއްހެން ގެންގުޅުނީ. އެވަރު ބުނެލާކަށް ނުވާނެތަ ނާހިދާ؟" ޝަހީމުގެ އަޑުގައި ނުރުހުމުގެ އަސަރުވިއެވެ. "އަހަރެން ހީކުރީ ޝަހީމުއަށް އެވާހަކަ މުހިންމެއް ނުވާނެ ކަމަށް." ނާހިދާ ބަލަން ހުރެލާފައި ޖަވާބު ދިނެވެ. ޝަހީމުގެ ނިއްކުރިއަށް ރޫ އަރައިގެން ދިޔައެވެ. ނާހިދާގެ ޖަވާބުން ހިތަށް ނުބައި އަސަރެއް ކޮށްފިއެވެ. ޝަހީމު ރައްދު ދޭން އުޅެފައިވެސް އެއްޗެއް ނުބުނެ ނިކުމެގެން ދިޔައީ ސައިވެސް ނުބޮއެވެ.
ހެނދުނުން ސައިން ނިމިގެން އާރިން އާއި ލުޖައިން ކާރުގައި ދަތުރު ފެށިއެވެ. އާރިން އެހާ ކުއްލި ގޮތަކަށް ކައިވެނި ކުރަން އުޅޭއިރު ލުޖައިން ބޭނުން ވާ ގޮތަށް މާވަރުގަދަ ޕާޓީއެއް ނުބޭއްވިދާނެ ވާހަކަ ބުނެލިއެވެ. "އާރީ ކައިރީ ކާކުތަ ބުނީ އަހަރެން ޕާޓީ ބާއްވާހިތުން އުޅެއޭ. އޯލް އައި ވޯންޓް އިޒް މެރީ ޔޫ. އެކަން ވަނިކޮށް އަހަރެން ހުންނާނީ ދުނިޔޭގައިވާ އެންމެ އުފާވެރި ކުއްޖާގެ ގޮތުގައި." ލުޖައިން ކައިރިވެލާފައި އާރިންގެ ކޮނޑުގައި ބޯ އަޅައިލިއެވެ. އާރިން ބަލައިލި އިރު އެބޮޑު ދެލޮލުން ބަލަން އޮތުމުން ހިނިތުންވެލެވުނެވެ. ލުޖައިންގެ އުފާވެރިކަން ހަމައެކަނި ލޮލުންވެސް އެބަ ހާމަވެއެވެ. "ތެދެއް ބުނަންތަ؟ އެހެން ކުދިންހެން އަހަރެން އިރެއްގައިވެސް ބޭނުމެއް ނުވޭ މާގިނަ މީހުން ބައިވެރިކޮށް ބޮޑު މާލޫދަކަށް ހަދާކަށް. ސެލެބްރޭޓް ކުރަން ބޭނުންވަނީ އެކަނި އާރީއެކު. ޔޫ އެން މީ... އެން އަވަރ ލިލް ވޯލްޑް... ކިހާ ސަޅިވާނެ." ލުޖައިން ހިޔާލީ ގޮތަކަށް ލޯ މަރައިލަމުން ބުނެލިއެވެ.
ދޮރު ހުޅުވީ ގޭގައި ގެންގުޅޭ ނޯކަރެވެ. އެކަމަކު ޒާހިދު ކުރިއްސުރެވެސް އިންތިޒާރުގައި އިންކަން އެމީހުންނަށް އެނގުނީ ވަދެގެން ދިޔައިރު ލިވިންރޫމް ސޯފާގައި ފޮތެއް ހުޅުވައިލައިގެން އިންދާ ފެނިފައެވެ. އިރުކޮޅަކުން ތިއާވެސް ކާކޮޓަރިން ބޯ ދިއްކޮށްލައިފިއެވެ. ޝަކީބާ މިވަގުތު އުޅޭނީ އޮފީހުގައި ކަން ލުޖައިން ދެނަގަތެވެ. އެހެންވެ ހިތްހަމަޖެހުމާއެކު ތިއާގެ ގައިގައި ކުޑަކޮށް ބައްދާލައިފައި އުފާވެރިކަން ފައުޅު ކުރިއެވެ. އާރިންއަށް ކޮޓަރި ދައްކަން ދިޔައީ ތިއާއެވެ. ލުޖައިން އެވަގުތު ކޮޅު ސޯފާގައި އިންދާ ޒާހިދު ގޮވައިލާފައި މައިންބަފައިންގެ ވާހަކަ އަހައިލުމުން މަންމަ ރަށުގައި އިންނަނީ ދޮން ދަރިއެއްގެ ގޭގައި ކަމަށާއި ދެން ޝާމިސް މީހަކާއި އިނދެގެން އަންހެނުން ރަށަށް ބަދަލުވިކަން ބުނެދިނެވެ. ޒާހިދު އެފުރުސަތުވެސް ގެއްލުވައެއް ނުލައެވެ. އާރިން އާއި ބެހޭ ކުދި މައުލޫމާތުތައް ލުޖައިން ފަރާތުން އޮޅުންފިލުވިއެވެ.
ތިއާ އެނބުރި އައިސް އެންމެން ސޯފާތަކުގައި ތިބެފައި ޒާހިދު ފެށީ ކައިވެނީގެ ވާހަކައެވެ. އާރިން ބޭނުންވާ ގޮތް ހާމަ ކުރުމުން ޒާހިދުވެސް ދެކޮޅެއް ނުހަދައެވެ. ހަފްތާއެއްގެ ތެރޭގައި ކައިވެނި ކުރެވެން އުޅޭކަން އެނގުމުން ލުޖައިން ފިނިވާގޮތްވިއެވެ. އެދުވަހުގެ ވަގުތެއްގައި ހެކީން އަންނާނެ ވާހަކަ ބުނެލާފައި އާރިން ތެދުވެގެން ދުރަށް ޖެހިލީ ފޯނެއް އައިސްގެންނެވެ. ލުޖައިން ހިމޭންވެފައި އިންދާ ތިއާ އެއަތުގައި ހިފައިގެން ގެންދިޔައެވެ. ތިއާ ދެއްކީ ޒޯއީ އެފްބީއަށް ލައިފައި އިން އީތަންގެ ފޮޓޯ އެކެވެ. ދެކުދީންނަށްވެސް ޝައްކު ކުރެވުނީ ޒޯއީ ވީ އީތަންގެ ގާތުގައި ކަމެވެ. ނޫނީ ޒޯއީ އީތަންގެ ކުރީގެ ފޮޓޯ އަޕްލޯޑް ކޮށްގެން ތިއާއަށް ޖެއްސުން ކުރުމުގެ އާ ގޮތެއް ހިޔާރު ކުރީއެވެ. ތިއާ ރުޅިއައިސްގެން އެފޮޓޯއަށް ކޮމެންޓްވެސް ކޮށްލައިފައި ހުއްޓެވެ "އައެމް ސޯ އޯވަރ ހިމް." ލުޖައިން އެ ކޮމެންޓް ކިޔާލައިފައި ހައިރާންވެގެން ސުވާލު ކޮށްލެވުނެވެ. ތިއާ ބުނެލީ އެއީ ތެދެއް ނޫން ކަމުގައެވެ. ހަމައެކަނި މަގްސަދަކީ ގަދަ ކޮށްލުމެވެ.
ޝަހީމު އޮފީހަށް ވަދެގެން ދިޔައިރުވެސް ހުރީ ވިސްނުމަކަށް ގެއްލިފައިވާ މީހަކު ފަދައިންނެވެ. އާދައިގެ މަތިން މުވައްޒަފުންތައް ހެނދުނުގެ ސަލާމް ގޮވައިލި ނަމަވެސް މިއަދު އެސަލާމަކަށްވެސް ޖަވާބެއް ނައެވެ. ޝަހީމު ފަޓްލޫނުގެ ޖީބަށް އަތް ޖަހާލައިގެން ގޮސް ކެބިންއިންއަށް ވަދެފައި މަޑުވެސް ކޮށްނުލައި ބެލްކަނި ކޮޅަށް ނިކުތެވެ. އިރުކޮޅަކުން ޕީއޭ އައިސް ކޮފީ ތަށި ދިއްކޮށްލުމުން އޭގައި ހިފާފައިވެސް ތުން ނުޖަހައި އިރުގަނޑަކު ބޭރު ބަލަން ހުއްޓެވެ. އަމިއްލަ މަޤްސަދެއް ހާސިލްނުވެގެން އޭނާ އާރިން ބާކީކޮށްލި ދުވަސް އިއްޔެގެ ކަމެއްހެން ހަނދާންވިއެވެ. ޅައިރުއްސުރެ އާރިންގެ ކޮންމެ ހަނދާނެއް ރައްކާކުރެވިފައި ހިތުން ފިލައިގެން ނުދާފަދަ ގޮތަކަށެވެ. އެންމެންގެ ނަޒަރުގައި އާރިން އެއީ އޭނާގެ ރަންދަރިފުޅުގެ ލަޤަބުވެސް ދެވިފައި ވާނީ ގައިމު ކަމެއް ވީމާ ނޫން ހެއްޔެވެ؟ ޝަހީމުގެ ހިތަށް އެންމެ އަނިޔާވި ދުވަހަކީވެސް އާރިން ގެއިން ނެރެލި ދުވަހެވެ. އެހާ ލޯބިން ގެންގުޅެނިކޮށް އާރިން އޭނާ އެދުނު އެންމެ ކަމަކަށް ފުރަގަސްދިނުމުން ހިތް ހަލާކުވިއެވެ. އެކަމަކު އާރިން ގެއިން ނެރެލައިގެން އެހިތަށް ވި އަނިޔާ އަދި އެއަށްވުރެ ބޮޑެވެ. ޝަހީމު އަދިވެސް އެހުންނަނީ އާރިން އައިސް މަޢާފަށް އެދޭނެ ދުވަހަކަށް އިންތިޒާރު ކޮށްގެންނެވެ. އެކަމަކު މިހާރު ހީވަނީ އެދުވަސް ނާންނާނެ ހެންނެވެ. މަސައްކަތް ކުރުމުގެ ބަދަލުގައި އާރިން މާއަވަހަށް ހަތިޔާރު ބެހެއްޓީއެވެ.
ޝަހީމު ކޮފީ ތަށީގައި ތުން ޖަހައި އެއް ނޭވައިން ބޯލި އިރު ހޫނުކަން ވެސް އިހްސާސްނުވި ކަހަލައެވެ. ޕީއޭ އެތެރެއަށް ވަދެފައި އެތަން ފެނިގެން ލޯ ބޮޑުކޮށްލެވުނެވެ. "ސަރ. ޔޫ އޯލްރައިޓް؟" ޕީއޭއަށް ނުހުރެވިގެން އަހައިލިއެވެ. ޝަހީމު ހުސް ތަށި ދީފައި އައިސް ކެބިންގައި އިށީންދެލިއެވެ. ޕީއޭ ނިކުމެފައި ދެން އައި އިރު ޝަހީމު އިނީ އަނެއްކާވެސް ވިސްނުމަކަށް ގެއްލިފައެވެ. "ނުހާ! އާރިން އޭނަގެ ބައްޕަގެއަށް ބަދަލުވެއްޖެ." ޝަހީމު ކުރިން ވެސް ނުހާ ކައިރީ އާއިލާގެ ވާހަތައް ދެކެވިފައި ހުރީމައި ޖެހިލުމެއްނެތި ބުނެލިއެވެ. "ވަޓް ޔޫ އެކްސްޕެކްޓް؟" ނުހާ އަހައިލައިފިއެވެ. "އަހަރެން އެކްސްޕެކްޓް ކޮށްގެން މިހުންނަނީ އާރިން އައިސް މައާފަށް އެދޭނެ ކަމަށް. އަހަރެން މިހުންނަނީ އޭނަ އެންމެ ފަހަރަކުވެސް އައިސް އަމިއްލަ ކުށް ގަބޫލުކޮށްފަ ދެވަނަ ފުރުސަތެއް ދޭން އެދޭނެ ދުވަހަކަށް އިންތިޒާރު ކޮށްގެން. އެކަމަކު..." ޝަހީމު އެހެން ބުނެލި އިރު އެލޮލުގައިވި ރިހުން ނުހާއަށް ފެނުނެވެ.
ޒަކްވާން ހޭލައިގެން ނިކުތް އިރު އާރިން ސޯފާގައި އިނީ ފޯން ކަންފަތުގައި ޖަހާލައިގެންނެވެ. އިރުކޮޅަކުން ލުޖައިން ބަދިގެއިން ނިކުމެގެން އަންނާތީ ފެނުނީ ކޮފީ މަގެއް ހިފައިގެންނެވެ. "މޯނިން ޒެކް!" ލުޖައިން އަލަށް ބޭނުންކޮށްލި ނަން ޒަކްވާންއަށް ކަމުދިޔައެވެ. އާރިންވެސް ފޯނުގައި ހުރެފައި އެއްފަހަރު ލުޖައިންއަށް އަނެއްފަހަރު ޒަކްވާންއަށް ކަޅިއެއް އެއްލިއެވެ. "އާދޭ ސައިހަދައި ދޭނަން." ލުޖައިން ކޮފީމަގު ކުޑަ މޭޒުމަތީ ބަހައްޓާފައި ޒަކްވާންއަށް އިޝާރާތް ކޮށްލިއެވެ. އެވަގުތު އާރިން ވެސް ހިނިތުންވެލައިފިއެވެ. ޒަކްވާން ހައިރާންވެފައި ހުރީ އެދެމީހުންގެ ހަރަކާތްތައް ތަފާތު ކަމުންނެވެ. އެއްޗެއް ނުބުނެ ގޮސް ކާކޮޓަރިއަށް ވަދެފައި ޒަކްވާން އިށީންދެ މޭޒުގައި ދެއުޅަބޮށި ވިއްދައިލައިގެން އިނެވެ. ލުޖައިން ސައި ހަދައިދީފައި ކައިރީގައި އިށީންދެ ލުމުން ޒަކްވާން ބަލަން އިނދެފައި ކުއްލިއަކަށް އެއަތުގައި ހިފެހެއްޓިއެވެ.
"ލޫލޫ ކީއްވެ އަހަރެންގެ މެސެޖަށް ރިޕްލައި ނުކުރީ؟" ގޮނޑި ކައިރިކޮށްލައިފައި ލުޖައިން ކޯތާފަތުގައި ހިފަހައްޓައި ލުމުން ބިރުގަންނަ ގޮތްވިއެވެ. ޒަކްވާން ހިތަށް ލިބިފައިވާ އަނިޔާގެ ސަބަބުން ނަފްސާނީ މައްސަލައެއް ނުހިލި ހިނގައިދާނެ ބާވައެވެ؟ ކުރިން އެހާ މަޑުމައިތިރިކޮށް އުޅުނު ޒުވާނާ މިހާރު ހާދަ ބަދަލު ވެއްޖެއެވެ. "ޒެކް އަހަންނަކަށް ނޭނގެ އާރީ ޕްރޮޕޯސް ކުރަން އުޅޭކަމެއް. އަހަންނަށްވެސް ލިބުނީ ސަޕްރައިޒެއް. އައި ސުވެއަރ." ލުޖައިން ވާހަކަދައްކަމުން ކަރުގައިވެސް ދެއިނގިލިން ހިފާލައިފިއެވެ. "އޯކޭ އައި ބިލީވް ޔޫ. އެކަމަކު ވިސްނައެއް ނުލަންތަ ތިހާ ކުއްލި ގޮތަކަށް ނެގޭ ޑެސިޝަންއެއްގެ ސަބަބުން ފަހުން ދެރަގޮތެއް ވެދާނެތީއެއް؟" ޒަކްވާން ހީވަނީ ލުޖައިންގެ ވިސްނުން އަނބުރާލައިގެން ކައިވެނި ހުއްޓުވަން އުޅޭހެންނެވެ. "މީ ކުއްލި ނިންމުމެއް ނޫނޭ. މީގެ ފަސްއަހަރު ކުރިން ވެސް ނެގިފައި އޮތް ޑެސިޝަންއެއް. ޒެކް އަހަރެންނަށް އިމޭޖްވެސް ނުކުރެވޭ އާރީނޫން މީހަކާއި މެރީކޮށްގެން އުޅޭނެ ދުވަހެއް. އައި ލަވް ހިމް." ލުޖައިން އަސަރާއެކު ބުނެލިގޮތުން ޒަކްވާން ހިތަށްވެސް އަސަރު ކުރިއެވެ. އަވަހަށް ދުރަށް ޖެހިލާފައި ސައިބޯން ފެށުމުން ލުޖައިން އިނީ ބަލަހައްޓައި ގެންނެވެ.
ޒަކްވާންއަށް އެވަގުތު ވިސްނުނީ ވާހަކަދައްކައިގެން ލުޖައިންގެ ހިތް ބަދަލު ނުވާނެ ކަމެވެ. އެދެމީހުން ދުރުކުރަން ބޭނުމިއްޔާ އޭނާ ޖެހޭނީ އެހެން ގޮތެއް ހޯދާށެވެ.
ހަވީރު ހެކީން އަތުވެއްޖެއެވެ. ލުޖައިން ފިނިވެފައި ހުރެގެން ކޮޓަރިން ނިކުތީ ތިއާގެ އަތުގައި ހިފާލައިގެންނެވެ. ލުޖައިން ގޮސް ހެކީންގެ ކުރިމަތީ ސޯފާގައި އިށީންދެލި އިރު ދުރުގައި ޒަކްވާންވެސް ބަލަން ހުއްޓެވެ. ހެކީންގެ މަސައްކަތް ނިންމާފައި ނިކުމެގެން ދިއުމުން ތިއާ ދުވެފައި ގޮސް ލުޖައިންއަށް މަރުހަބާ ކިއެވެ. ޒަކްވާން ވިސްނުމެއްގައި ހުރެގެން ބޭރަށް ނިކުމެގެން ދިޔައިރު އެލޮލުން ލުޖައިންއަށް ފެނުނު ކުލައަކުން ޖެހިލުންވާގޮތްވިއެވެ. ޒަކްވާން އޭނާ މަތިން ހަނދާން ނައްތައިލި ކަމަށް ހީކޮށްގެން ހުއްޓާ މިހާރު އަނެއްކާ ހުރިހާ ކަމެއް އިދިކޮޅަށް ޖެހެން އުޅޭ ކަމުގެ އަލާމާތްތައް ފެންނަން ފެށިއެވެ. ލުޖައިން ކައިވެންޏާއި މެދު ވާންވީ އުފަލަށް ވުރެވެސް ބޮޑަށް ޒަކްވާން ކޮށްފާނެ ކަމަކާއި މެދު ޖެހިލުންވާން ފެށިއެވެ.