ޒަކްވާނަށް ބަލައިލެވުނީ ވަށައިގެން އެއްވެފައިވާ މީސްތަކުންނަށެވެ. އެއަށްފަހު ލުޖައިން އާއި އޭނާގެ އާއިލާއަށެވެ. "މޯމް! މިއަށްވުރެ ޕްރައިވެޓްކޮށް މި ކޮންވަރސޭޝަން ކުރިއަށް ނުގެންދެވޭނެތަ؟ ލެޓްސް ގޯ އިންސައިޑް." ޒަކްވާން ފުރަތަމަ ފަހަރަށް ހަރުދަނާ ފިރިހެނެއްހެން ވާހަކަ ދެއްކިއެވެ. އެކަމަކު ޝަކީބާއަށް އެއަޑު ނުވެސް އިވޭ ފަދައެވެ. އެހުރިހާ މީސްތަކުންގެ ކުރިމަތީގައި ލުޖައިންގެ އަބުރާއި އިއްޒަތް މޮޑެލައިފައި ނޫނީ ހަމަނޭވާ ނުލާން ގަސްތުކޮށްފައިވާ ކަހަލައެވެ. ޒަކްވާންގެ ހިތުގައި ލުޖައިންއަށް ޓަކައި ހަމްދަރްދީގެ އެތައް ޝުއޫރެއް ދައުރުވަމުން ދިއުމާއެކުވެސް ބޭނުންވި ގޮތަށް ކަންކުރުމުގެ ބާރެއް ނުލިބުނެވެ. ޝަކީބާ ބަސް ބުނުމަކާއި ނުލައި ޒަކްވާންގެ އެދުމުގައި ކޮޅުފައިން ޖަހައިފިއެވެ.
"ދޮންތާ. ލޮލަށް ފެންނަ ކޮންމެ މަންޒަރަކީ ހަޤީޤަތަކަށް ނުވެދާނެ. އެއްވަގުތެއްގައި އެއް ރޫމެއްގައި ލޫލޫ އާއި ތިބުނާ މީހަކު ހުރި ހުރުން އެއީ ކޯއިންސިޑެންސް އަކަށް ވުން އެކަށީގެންނުވޭތަ؟" ޒަކްވާންއަށް ހަޤީޤަތް އެނގުމަކާއި ނުލައިވެސް ވިސްނުން ހުރީ އެންމެ ޕޮޒިޓިވްކޮށެވެ. "އާރިން އާއި ދެމީހުން ބައްދައިގެން ހުރި ހުރުން އެއީވެސް ކޯއިންސިޑެންސް އެކޭތަ ޒަކްވާން ތިބުނަނީ؟" ޒޯއީ ރުޅިއަރައި ގަނެގެން ކުރިއަށް ޖެހިލައިފައި ޒަކްވާން އަތުގައި ހިފާ ތަޅުވައިގަތެވެ. އެއަޑު އަހާފައި ޒަކްވާންގެ ހިތްވެސް މަޑުވެލިހެން ހީވިއެވެ. ލުޖައިންގެ މޫނަށް އޭނާ ބަލައިލީ އެވާހަކަ ދޮގުކޮށްދޭށޭ ބުނާފަދަ ގޮތަކަށެވެ. ލުޖައިން ހުރިހާ ކުށަކަށް އެއްބަސްވެފައިވާ ކުށްވެރިއެއް ފަދައިން އިސް އޮބާލައިގެން ހުރިއިރު ދިފާޢުގައި އެއްޗެއް ބުނަން ހިތަށް ނާރައެވެ. ލުޖައިން ބުނާނީވެސް ކީކޭ ހެއްޔެވެ؟ އެކައިވެނި ހުއްޓިގެން އޭނާއަށް ގެއްލިފައިވާ އާރިންގެ ހިތް އަނބުރާ ލިބިދާނެ ހެއްޔެވެ؟ ނޫނީ ޒަކްވާންއަށް ދޮގު ހަދައިގެން ކައިވެންޏާއި ހަމައަށް ދެވުނަސް ޝަކީބާގެ ހިތް ސާފުވެ އެގޭގައި ހަމަޖެހޭ ދިރިއުޅުމެއް ލިބިދާނެ ހެއްޔެވެ؟ ދިރިއުޅުމުގެ އަސަރުނެތް ހަނަފަސް ސަހަރާއެއްގެ މެދުގައި ހުރި ޅަ ނިރެކޭ އެވަގުތު ލުޖައިން އެކޭ ތަފާތެއް ނެތެވެ. ދުރު ދުރަށް ދާންދެން އޭނާއަށް ދިރިއުޅުމުގެ އަސަރެއް ނުފެނެއެވެ. ފަހަތުން ވިއަސް އަދި ކުރިމަތިންވެސް އުންމީދުގެ ދޯދިފަށެއް ނުފެނެއެވެ.
"ލޫލޫ! ސޭ ސަމްތިން." ޒަކްވާންއަށް ނުހުރެވިގެން އައިސް ލުޖައިންގެ ދަތްދޮޅީގައި ހިފާ މައްޗަށް އުފުލައިލުމާއެކު ނުހަނު އާދޭހާއެކު އެދުނެވެ. ލުޖައިން އެސްފިޔަތައް އުފުލައިލި އިރު ލޮލުގައިވި ކަރުނަތައް އެކަނިވެސް ޒަކްވާންގެ ހިތުގައި ކޫރުން އަޅުވައިލިއެވެ. ސާފުބަހުން އެއްބަސް ނުވިއެއްކަމަކު ދެކޮޅު ހެދުމުގެ ގޮތުން ކުޑަވެސް އިޝާރާތެއް ނައުމުން ޒަކްވާންއަށް ޖަވާބު ލިބުނެވެ. ލުޖައިން އެހިތުގައި ލޯބީގެ އޮށް ވަޅުލާ ބަހައްޓާފައި ނިރު ފެޅިހާއިރުން މުލާއެކު ދަމައިގަތީއެވެ. ޒަކްވާންގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށުމުން ސިކުންތަކުވެސް މަޑުކުރާކަށް ނުހަދައެވެ. އިސްޖަހައިލުމާއެކު ލުޖައިން ކައިރިން ދުރަށް ޖެހިލާފައި ބާރުބާރަށް ގޮސް ހޯލުދޫކޮށްފައި އެންމެންގެ ލޯމައްޗަށް ވަންހަނާ ވެއްޖެއެވެ. އެހިސާބުން ޝަކީބާ އާއި ޒޯއީ ބޭނުންވި ފުރުސަތު ހުޅުވުނީއެވެ.
"ލުޖައިން ކަލޭ އެންމެ ފަހަރަކުވެސް ހަނދާން ކޮށްބަލަ އަހަރެން ކަލޭ ގެނައިން ކޮންހާލެއްގައި ވަނިކޮށްކަން. އަޅާލާނެ ޔާރެއް އިޔާރެއް ނެތި އުޅެނިކޮށް އަހަރެން ކަލޭ ބެލުމާއި ހަވާލުވީ. ގޭގައި ކަރަންޓް ނެތި އަނދިރީގައި ހުއްޓާ އަހަރެން ކަލޭގެ ހަޔާތަށް އަލިކޮށް ދިނީ. އަނގަޔާއި އަތާ ދިމާނުވެ ބަނޑަށްޖެހިފަ ވަނިކޮށް އަހަރެން ކަލޭ ގެނެސް ބަނޑުފުރައި ކާންދިނީ. އަދިއެވަރުން ނިމުނީއެއްނޫން. މަގޭ ހުރި ހަމައެކަނި ފިރިހެން ދަރިފުޅާއި ގުޅުވަން ނިންމައި އުފަން ދަރިއެއްގެ މަޤާމު ކަލެއަށް ދިނިން. ބަދަލުގައި މީތަ ލުޖައިން އަހަރެންނަށް ދޭން އެނގުނު އިނާމަކީ؟ ހަމައެކަނި އަހަރެންގެ އުންމީދެއް ނޫން އަހަރެންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެވެސް ހުރިހާ އުންމީދެއް ލުޖައިން ތި ފުނޑު ފުނޑުކޮށްލީ. ޒަކްވާން ދެން ދުވަހަކުވެސް އަންހެންކުއްޖަކަށް އިތުބާރެއް ނުކުރާނެ." ޝަކީބާގެ އެހާ ރުޅިގަދަވެފައި ހުއްޓައިވެސް އެންމެ ފަހު ވަގުތު ޒަކްވާން މަތިން ހިޔާލުކޮށްލެވުމުން ލޮލުން ކަރުނަ ހިލޭގޮތްވިއެވެ. އޭނާއަށް އެޅުނު ޅައެއްޗެއްގެ ސަބަބުން ޒަކްވާންގެ ހިތް ހަލާކުކޮށްލެވުނީއެވެ. އެންމެ ފުރަތަމަ ދުވަހުވެސް ޒޯއީގެ ވާހަކަ އަޑު އެހުނު ނަމައެވެ. "ޒޯއީއަށް ފެންނަ ގޮތެއް ހަދާ. ޝީޒް އޯލް ޔުއަރސް." ޝަކީބާ އަވަސްއަވަހަށް ކަރުނަ ފުހެލާފައި މީހުންގަނޑު ތެރެއިން ދެމިގަނެގެން ދިއުމާއެކު ތިއާ އައިސް ލުޖައިން ކުރިމައްޗަށް ހުއްޓި ދެފަރާތަށް ބޯ ހޫރާލި ގޮތަށް ޝަކީބާ ފަދައިން އެތަނުން ދިޔައީއެވެ.
"ގެޓް ދަ ހެލް އައުޓް ހިއަރ! ބިޗް." ޒޯއީ ލުޖައިން ކޮނޑުގައި އަތް އަޅާފައި ދޮރާއި ދިމާއަށް ކޮށްޕާލި ތަނުން ފަހަތަށް ފަހަތަށް ގޮސް ތަނބެއްގައި ޖެހިފައި މަތަވެއްޖެއެވެ. އެވަގުތު އެތާ ތިބި މެހުމާނުންތައް ކުދި ކިޔަމުން ބަލަން ތިބިގޮތުން ލުޖައިންއަށް ފުރަތަމަ ފަހަރަށް އެމީހުންގެ މަލާމާތް ރައްދުވިއެވެ. އެހުރިހާއިރު ލުޖައިން އިސްޖަހައިގެން ހުރުމުން އެކަކުގެ ވެސް މޫނެއް ނުދެކެއެވެ. ލުޖައިން ވަށައިގެން ލޯ ހިންގައިލުމުން ދުރުގައި ހުރި ޝާމިސް ފެނިފައި މާބޮޑަށް އަސަރު ކުރިއެވެ. އޭނާގެ ސަބަބުން ޝާމިސް ވެސް ބަދުނާމުވީއެވެ. ލޮލުގައި ހުރި ކަރުނަތައް ނުހިފޭއްޓިގެން ބަންޑުން ވާން ފެށުމުން ލުޖައިން ދުއްވައިގަތީ ދޮރާއި ދިމާއަށެވެ. ޝާމިސް ބާރު ބާރަށް ގޮވާލާފައި މީހުންގަނޑު ތެރެއިން ރެކިގަނެގެން ނިކުމެވުނު އިރު ލުޖައިން ފިކުރެއް ހިޔާލެއް ނެތް ކުޑަ ކުއްޖެއް ފަދައިން ރޮމުން މަގު ހުރަހަށް ދުވެފައި ދަނީއެވެ. ބާރު ސްޕީޑްގައި ދުއްވާފައި ލުޖައިން އާއި ދިމާއަށް އައި ކާރު ޝާމިސް ލޮލުގައި އަޅައިގަތް ނަމަވެސް އަނގައިން އަޑު ބޭރުވީއިރު ވާނެއެއްޗެއް ވެ ނިމިއްޖެއެވެ. ޝާމިސްއަށް އެހިސާބަށް ދެވުނު ގޮތެއްވެސް ނޭނގުނެވެ. ބަންޑުން ޖެހިފައި އޮތް ލުޖައިންގެ ބޮލާއި ދިމާއިން ގާތަކަށް ފެތުރެމުންދިޔަ ލޭތައް ފެނިފައި ޝާމިސް ބޮލަށް އެނބުރުން އަރާގޮތްވިއެވެ. ޝާމިސް ގަދަ ހިތްވަރުން އަމިއްލަ ނަފްސް ހަމައަކަށް އަޅުވާލައިފައި ލެއިން ތަތްތެޅިފައިވާ ލުޖައިން އަތްދަނޑި މައްޗަށް ނެގިތަނާ ޑްރައިވަރ ފައިބާފައި އެކާރަށް ލުޖައިން އެރުވުމަށް އެދުނެވެ. ޝާމިސް ޑްރައިވަރ ބުނިގޮތަށް ކަންތައްކޮށްފައި ކާރަށް އަރައި އިށީން އިރު ހިތްވެސް ތެޅެނީ ބިރުގަންނަހާ ބާރަށެވެ.
ހޮސްޕިޓަލާއި ހަމައަށް ދެވޭންދެން އެތައް ފަހަރަކު ލުޖައިންގެ ވިންދު ޗެކްކޮށްލެވުނީ ހާސްވެފައި ހުރި ވަރުންނެވެ. ފިރިހެނަކަށް ވިއަސް ލޮލުގައި ގިނަވި ކަރުނަތައް ހިފަހައްޓާލާނެ ބާރެއް ޝާމިސްގެ ނެތެވެ. ލުޖައިންއަކީ އޭނާގެ ހުރި ހަމައެކަނި އާއިލާ އެވެ. ޝަކީބާގެ އެހީތެރިކަން ގެއްލުމުން ލުޖައިންގެ ހުރިހާ ޒިންމާއެއް ނަގަން ހުރި ހަމައެކަނި މީހަކީވެސް މިއަދު އޭނައެވެ. ލުޖައިންއަށް ގެއްލުމެއް ވެއްޖެއްޔާ މަންމައަށް އޭނާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟
ލުޖައިން ނަސީބު ރަނގަޅީއެއް ކަމެއް ނުވަތަ ނޫން ނޫންކަމެއްވެސް ނޭނގެއެވެ. ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓަށް ފަހުވެސް މާބޮޑު ގެއްލުމެއް ނުލިބި ފުރާނަ ސަލާމަތްވިއެވެ. ނިއްކުރި މައްޗާއި އަތުގެ ދެތިން ތަނެއްގައި ލެވިފައިވާ ޒަޚަމްތައްވެސް މާ ފުނެއް ނޫނެވެ. ލުޖައިން އެރޭ ދިހައެއް ޖަހަން އުޅެނިކޮށް އެމަޖެންސީ ރޫމްއިން ނެރެގެން ޕްރައިވެޓް ރޫމްއަކަށް ބަދަލު ކުރިފަހުން މެންދަންވުމާއި ހަމައަށްވެސް ހާލު ބަލައިލާނެ މީހަކު ނާދެއެވެ. ޕާޓީ ދޫކޮށް ނިކުތް ބައެއް މީހުންނަށް އެކްސިޑެންޓްގެ ޚަބަރު އެނގިގެން ޝަކީބާގެ ކަންފަތާއި ހަމައަށް ފޯރުކޮށްދިން ނަމަވެސް ލުޖައިން ފެންނަ ހިސާބަށް ދާންވެސް ހުރިހާ ދަރިންނަށް މަނާކުރިއެވެ. ހިނގާ ދިޔަ ހާދިސާއަށްފަހު ލުޖައިން މޫނު ދެކިލަން އެގެއިން އެކަކުވެސް ބޭނުންވާނެ ކަމެއް ނޭނގެއެވެ.
ޝާމިސް ޖެހިގެން ހުރި އެނދުގައި އޮވެ ދެފަރާތަށް ފުރޮޅިވެސް ނުނިދިގެން ތެދުވެފައި ލުޖައިން ލޯ ހުޅުވައިގެން އޮތްތަން ފެނިގެން ކައިރިއަށް އައެވެ. "ލުޖައިން. ދޮންބެ ވާހަކައެއް ބުނަންވެފައި އެބައޮތް." ޝާމިސް އެނދާއި ކައިރިއަށް ގޮނޑިއެއް ދަމާލައިގެން އިށީންދެފައި ލުޖައިން މޫނަށް ބަލަން ފެށިއެވެ. ބެންޑޭޖްކޮށްފައި އޮތް ދެއަތުގައި ޝާމިސް ފިރުމާލަދީފައި މޫނުމައްޗަށް ފައިބާފައި އޮތް އިސްތަށިތައް އެއްފަރާތް ކޮށްދިނެވެ. ލުޖައިންގެ ނިއްކުރީގައި ބޭސްއަޅާފައި ހިސާބަކަށް ބޯވެސް ބެންޑޭޖްކޮށްފައި އޮތުމުން ފެންނަ ފެނުމަށް ތަފާތު ގޮތެއް ހުއްޓެވެ. އެކަމަކު އެދެލޮލުގައި ވި ކަރުނަ އަކަށް އަދިވެސް ބަދަލެއް ނާދެއެވެ. ކިތަންމެ ވަރަށް ބޭރުވިއަސް ހުސްވުމެއްނެތް ކަރުނަތަކެއް ފަދައެވެ. "ލުޖައިން. ދޮންބެ މިހާރު އުޅެނީ ކުރިން އުޅުނު ގެއަކު ނޫން. ލުޖައިން ކައިރީ ނުބުނެވޭ ދޯ ޖޮބް ލިބުނު ވާހަކަވެސް. ދޮންބެ މިހާރު ޖޮބް އަދާކުރަނީ ހުޅުލޭ އެއަރޕޯޓްގައި. އެހެންވެ ކައިރިކޮށްލަން ހުޅުމާލެއަށް ބަދަލުވީ. މުޅިން އެހެނެކޭވެސް ނުބުނެވޭނެ. ދޮންބެ އެގެއިން ނިކުތީ މައްސަލައެއް ދިމާވެގެން. އުޅޭނެ ތަނެއް ނެތިފަ ހުއްޓާ އާރިންއަށް އެނގިގެން އޭނަ އަހަރެންނަށް ބޯ ހިޔާވަހިކަން ދިނީ. ލުޖައިން ދޮންބެ އުޅެނީ އާރިންގެ އެޕާޓްމެންޓްގައި." ޝާމިސް ކުރިން ދެއްކި އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދީ އޮވެފައި ފަހު ޖުމްލަ އިވިގެން ލުޖައިން ކުއްލިއަކަށް ބަލައިލައިފިއެވެ.
"ބުނަންވެގެން އުޅުނީ. އެކަމަކު އެރޭ ލުޖައިން އިންތިޒާރުގަ ހުއްޓަ އައިސް އާރިން އާއި ބްރޭކްއަޕްވި ވާހަކަ ބުނީ. އެހެންވެ އެފަހުން ދެން ނުކެރުނީ ބުނަން." ލުޖައިންގެ ލޮލުން ހައިރާންކަން ފެނިގެން ޝާމިސް އޮޅުންފިލުވައި ދިނެވެ. "ވަން މޯ ތިން ލުޖައިން.. މާދަން ޑިސްޗާޖް ކުރުމުގެ ކުރިން ލުޖައިން ނިންމަންޖެހޭ ނިންމުމެއް އެބައޮތް. ދޮންބެ ދޭން އޮތީ ދެ އޮޕްޝަންއެއް. އެއް އޮޕްޝަން އަކީ ހޮސްޕިޓަލުން ނިކުމެގެން ކިއެވުން ހުއްޓާލާފަ އެނބުރި ރަށަށް ދިއުން. ދެން އޮތް ގޮތަކީ އާރިންގެ ގޭގައި ހުރެގެން އިތުރަށް ކިއެވުން ކުރިއަށް ގެންދިއުން. ލުޖައިން ހުންނަން ގަސްތުކުރަންޏާ ދޮންބެ އާރިންގެ ހުއްދަ އަތުލެވޭތޯ މަސައްކަތް ކުރާނަން." ޝާމިސްގެ ވާހަކަ އިވިގެން ލުޖައިން ލޯމަރައި ތަގުޅިކޮށްލި ގޮތަށް އިރުގަނޑެއް ވީއިރުވެސް އަލަކުން އެލޮލެއް ނުހުޅުވިއެވެ. ޝާމިސް ތެދުވެގެން ގޮސް އެނދަށް އަރައި އަނެއްފަރާތަށް އެނބުރި ނިދާހައި ވުމުން ލުޖައިން ލޯ ހުޅުވިއިރު އަނެއްކާވެސް ކަރުނަ އަންނަނީއެވެ.
ތަޤްދީރުގެ ކޮންފަދަ ނުބައި ސަމާސައެއް ހެއްޔެވެ؟ މިފަދަ ދުވަހެއް ދެއްކެވީ ކީއްވެ ހެއްޔެވެ؟ ލުޖައިންއަށް އެނގެނީ އޭނާ ރަށަށް ގޮސްގެން ކިއެވުމަށް އޮތް މަގުވެސް ބަންދުވާނެ ކަމެވެ. ކިޔަވައި ނިމިގެން އަމިއްލަ ފައިމައްޗަށް ތެދުވަން އޭނާ ކުރި ހުރިހާ އުންމީދެއް ފެނަށް ވެގެން ދަނީ ހެއްޔެވެ؟ އޭނާ ކިޔަވަން ބޭނުމެވެ. ކޮންމެ ހާލެއްގައި ނަމަވެސް މުސްތަޤްބަލް އުޖާލާ ކުރަން އެދެއެވެ. ގޮތެއް އޮތްވައި ދެއަތް ތަޅާލައިފައި ހުސްއަތާ ދާކަށް ބޭނުމެއް ނޫނެވެ. އެހެނަސް...
ނިދާ ހެދުމާއެކު ކޮޓަރިން ނިކުތް ޝަކީބާ ބަދިގެއަށް ގޮސް ތަބަކަށް ފެންޖަގަކާއި ތައްޓެއް ލައިގެން ކޮރިޑޯ ނިމޭކޮޅުގައިވާ ކޮޓަރިއަށް ވަދެއްޖެއެވެ. ޝަކީބާ ތަބައް ސައިޑް ޓޭބަލް މަތީ ބަހައްޓާފައި އެނދާއި ދިމާއަށް އެނބުރިލިއިރު ޒާހިދު އޮތީ ގަދަ ނިދީގައެވެ. ބަލަން ހުރެލާފައި ޝަކީބާ އައިސް އެނދުގެ މަގަތުގައި އިށީންދެލައިފިއެވެ. މަތިޖަހާފައި ހުރި ކާތަކެތި އެހުރި ގޮތަށް އަތްވެސް ނުލައި ހުއްޓާ ފެނުމުން ޝަކީބާގެ ހިތަށް ދަތިވިއެވެ. "ޒާހިދު. އަހަރެމެންގެ ފިރިހެން ދަރިފުޅުގެ ކައިވެންޏެއް ނުކުރެވުނު. ޒަކްވާންގެ ހިތް ހަލާކުކޮށްލެވިއްޖެ. އަހަރެންގެ އެންމެ ނިންމުމެއްގެ ސަބަބުން މިއަދު އަނެއްކާވެސް ކުރިމަތިލާން މިޖެހުނީ ނާކާމިޔާބާ." ޝަކީބާ ހިމޭންކަމާއެކު ވާހަކަ ދައްކަމުން ޒާހިދުގެ އަތުގައި ހިފާލި ތަނާ ލޯ ހުޅުވާލައިފިއެވެ. ދެވަނަ ސިކުންތުގައި ޒާހިދު އަތް ފޮޅުވާލައިފައި ބިއްދޮށަށް އެނބުރިލުމުން ޝަކީބާގެ މޫނަށް ހިޔަނި އެޅިގެން ދިޔައެވެ.
"ޒާހިދު. ހެޔޮނުވާނެ. އަހަރެން މިދައްކަނީ ޒަކްވާންގެ ވާހަކައޭ. އެއީ އަހަރެމެން ދެމީހުންގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅު. އަހަންނަށް ޓަކައި ނޫނިއްޔާ ޒަކްވާންއަށް ޓަކައި ކޮންމެވެސް އެއްޗެކޭ ބުނެބަލަ. އެޓްލީސްޓް އޭނަ މިކޮޓަރިއަށް ގެނެސްގެން ހިތްވަރު ދިނުމުގެ ގޮތުން ބަހެއް ބުނެބަލަ. މި ހަފްތާ ތެރޭގައި ބޭރަށް ދާން ފުރާއިރު ޒަކްވާން އެގޮތަށް ހިތްމަރުވެގެން އެނބުރިދާން ޒާހިދު ބޭނުންތަ؟ ގައިމުވެސް އޭނަ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭނެ ޒާހިދު އެންމެ ފަހަރަކު ލޯބިން ގޮވާލި ކަމުގައިވިއަސް." ޝަކީބާ ވާހަކަދައްކަމުން ގޮސް ރޮވިއްޖެއެވެ. އިރުގަނޑެއް ވޭތުވެ ދިޔައިރުވެސް ޒާހިދުގެ ފަރާތުން އިޝާރާތެއް ނުލިބުމުން ޝަކީބާ އާދައިގެ މަތިން މާޔޫސްކަމާއެކު އެތަނުން ނިކުމެގެން ދިޔައެވެ.
އެތަކެއް ގަޑިއިރު ވޭތުވެ ނިމިއްޖައުމަށް ދާންދެން ލުޖައިން ހޭދަކޮށްލީ ވިސްނުމުގައެވެ. މުޅި ރޭ ނިދިން މަހުރޫމްވެފައި އޮވެގެން ހާސްގޮތަށް ވިސްނުން ގެންދިޔައެވެ. ހިތާއި ސިކުނޑީގެ އެތައް ޒުވާބުގަނޑެއް ހިނގައި އެތެރެހަށީގައި ތޫފާން އުފެދުނެވެ. އެތޫފާން މައިތިރިވެ އަމާންވިއިރު އޭނާ އޮތީ ގޮތެއް ނިންމައިގެން ހެނދުނު ވާނެ އިރަކަށް އިންތިޒާރު ކުރުމުގައެވެ.
ހެނދުނު ވެގެން އައި ގަޑީގައި ނަރުސްކުއްޖަކު އައިސް ލުޖައިންއަށް ބޭސްދީފައި ކުޑަ ދޮރު ކައިރީ ދަމާފައިވާ ދޮރުފޮތިގަނޑު ކަހާލަދިނެވެ. ލުޖައިން ބާލީހުގައި ރީތިކޮށް ލެނގިލައިގެން އިނދެ ބޭރަށް ވެހެމުން ދިޔަ ވާރޭއަށް ބަލަމުން ދިޔައީ ކުޑަދޮރު ބިއްލޫރި ގަނޑުންނެވެ. ޝާމިސް ތެދުވެގެން ބޭރަށް ނިކުތްތާ އިރުކޮޅެއް ވެއްޖެއެވެ. ހީވާގޮތުން އެދިޔައީ ހެނދުނު ކާލާނެ އެއްޗެއް ގެންނަން ވެގެންނެވެ. ލުޖައިން އަދިވެސް އެމަޑު ކުރަނީ ހަމަޖެހިލައިގެން އޭނާގެ ނިންމުން އިއްވޭނެ ވަގުތަކަށެވެ.
އިރުކޮޅަކުން ދޮރު ހުޅުވާލާފައި މީހަކު ވަދެއްޖެއެވެ. ލުޖައިން ކުޑަ ދޮރާއި ނަޒަރު ވަކިކޮށްލާފައި އެނބުރި ބަލައިލި ތަނުން ސިހިއްޖެއެވެ. އާރިން ނޫކުލައިގެ ޕޮލިސް ޔުނީފޯމްގައި ފެނުމުން ލުޖައިން ގަތީ ބިރެވެ. ކުޑައިރުއްސުރެ ޕޮލިހުން ދެކެ ބިރުގަންނަން ފެށިގޮތަށް ސަތާރަ އަހަރަށް ފަހުވެސް ކައިރިން ޕޮލިހަކު ފެނިއްޖެއްޔާ ހިތަށް ބިރުވެރިކަން ވަންނަނީ އަމިއްލަ އިޙުތިޔާރަކު ނޫނެވެ. އާރިން އެޔުނީފޯމާއެކު ތޮފިއަޅާލައިފައި ހުރި އިރު މާބޮޑަށްވެސް ފިރިހެންވަންތަވެފައި ހަރުކުލަ ޖަހައެވެ. އެހާ ސްމާޓްވެފައި ކުރިއަށް ވުރެވެސް އެތައް ގުނައެއް ރީތިހެން ލުޖައިންއަށް ހީވިއެވެ.
"ހޭއި!" ލުޖައިން ބަހެއް ނުބުނެ ބަލަން އިންދާ އާރިން ގޮވައިލިއެވެ. " ރޭގަ ކުއްލިއަކަށް ޑިއުޓީއަށް ދާން ޖެހިގެން ނާދެވުނީ. އެހެންވެ ނިންމާފަ ފުރަތަމަވެސް މިއައީ ލޫލޫ ހާލު ބަލައިލަން. ކިހިނެތްތަ؟" އާރިން ކުރިއަށް ފިޔަވަޅެއް އަޅާލާފައިވެސް ލުޖައިން ފާޑަކަށް އިނުމުން ހުއްޓިފައި ވާހަކަދެއްކިއެވެ. އާރިން އެގޮތަށް ވާހަކަދައްކައިގެން ސާބިތުކުރަން އެމަސައްކަތް ކުރަނީ ކޯއްޗެއްބާއޭ ލުޖައިން ހިތަށް އެރިއެވެ. އާރިން އޭނާގެ ހާލު ބަލަން އަދި ނައިކަމުގައި ވިއަސް އޭނާއަށް ކުރެވޭނެ ޝަކުވާއެއް ނެތެވެ. ބަދަލުގައި ދެވޭނެ އަދަބެއްވެސް ނުމެނެތްމެއެވެ. ޝަކުވާ ކުރުމާއި އަދަބުދިނުމަކީ ގާތްމީހުންގެ ތެރޭގައި އޮންނަ ކަމެކެވެ. އާރިން އާއި އޭނާގެ މެދުގައި އެތަކެއް އަހަރުވާންދެން ދެމިއޮތް ގުޅުން މެދުކެނޑި މިހާރު އެއީ ދެ ބީރައްޓެހިންނަށް ވެ ނިމިއްޖެއެވެ.
"ހާލު ހުރިގޮތް ފެންނަން މިހުރީ." ލުޖައިން ހިމޭން އަޑަކުން ޖަވާބުދިނެވެ. "ރައިޓް." އާރިން ގާތަށް ހިނިއަންނަ ގޮތް ވިއެވެ. "ޑޮކްޓަރ ކީކޭ ބުނީ؟" އާރިން ވާހަކަ ކުރިއަށް ގެންދަން މަސައްކަތް ކުރާ ކަހަލައެވެ. އެކަމަކު ލުޖައިން އިނީ އާރިން ކުރިމަތީ ހުރީތީވެސް އުދަނގޫވެފައެވެ. ރޭ ދިމާވި ހާދިސާގެ ފަހުން ކުރިއަށް ވުރެވެސް ބޮޑަށް އާރިން އޭނާއަށް ބީރައްޓެހި ވެއްޖެ ކަހަލައެވެ. "ނޭނގެ. ދޮންބެއަށް އިނގޭނީ." ލުޖައިން ޖަވާބު ދިންތަނާ ޝާމިސް އައިސް ވަދެއްޖެއެވެ. ޝާމިސް އަތުގައި ހުރި ކަރުދާސް ކޮތަޅުން ސޭންޑްވިޗާއިއެކު ޖޫސް ޕެކެޓް ނަގާފައި ލުޖައިންއަށް ކެވޭނެހެން ތައްޔާރު ކޮށްދިނެވެ. އާރިން ބަލަން ހުރެލާފައި އިރުކޮޅަކުން ޝާމިސްއަށް ނިތްއެއްލާފައި ނިކުމެގެން ދިޔައެވެ.
"ގޮތެއް ނިންމައިފިންތަ؟" ޝާމިސް ގޮނޑީގައި އިށީންދެފައި އަހައިލިއެވެ. "ލުޖައިން ޖޫސްޕެކެޓަށް ޖަހާފައި އިން ހޮޅީގައި ތުންޖަހައިގެން އިނދެފައި ބޯ ހަލުވައިލިއެވެ. "ކޮން ގޮތަކަށް ނިންމީ؟" ޝާމިސް އިނީ ޝައުޤުވެރިވެފައެވެ. "އަހަރެން ކިޔަވަން ބޭނުން." ލުޖައިން ހޮޅި ދޫކޮށްލައިފައި ޝާމިސް އާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. "މާނައަކީ އާރިންގެ އެޕާޓްމެންގައި އުޅެންވެސް ތައްޔާރޭތަ؟" ޝާމިސްއަށް ގަބޫލު ކުރަން ދަތިވިއެވެ. "ކުރިންވެސް ބުނިހެން އަހަރެން ކިޔަވަން ބޭނުން. އެހެންވެ އާރިން އެޕާޓްމެންޓްގައި އުޅެންވެސް އޯކޭ." ލުޖައިން ސާފު ބަހުން އެއްބަސްވިއެވެ. ޝާމިސް ހިނިތުންވުމަކާއި އެކު ބަލަހައްޓައިގެން އިނދެފައި އިރުކޮޅަކުން މޯބައިލް ނަގައިގެން ކުޑަ ދޮރު ކައިރިއަށް ޖެހިލިއެވެ. ލުޖައިން ހެނދުނުގެ ނާސްތާއަށް އިންސާފުކުރަން އިނދެވެސް ޝާމިސް ދައްކަމުން ދިޔަ ވާހަކަ ސާފުވޭތޯ ކަންފަތް ދީގެން އިނެވެ. "ކީކޭ ބުނީ؟" ޝާމިސް ފޯން ނިންމާފައި އައިސް އިށީނުމުން ލުޖައިން އަވަހަށް އަހާލައިފިއެވެ. "ހީ ސެޑް އޯކޭ." ޝާމިސް ކުރިއަށްވުރެވެސް ބޮޑަށް ހިނިތުންވެލިއެވެ.
ލުޖައިން ހިތަށް ފިނި ފެންއެއްޗެއް އަޅައިލުމުން އެވާފަދަ އިހްސާސެއް ކުރެވިގެން ދިޔައެވެ. އެކަމަކު އާރިންގެ އެނިންމުމާއި މެދު އޭނާ ކުރަންވީ އުފާކަމެއް ނޭނގިފައި އިސްޖަހައިގެން އިންދާ އަނެއްކާވެސް ރޫމްގެ ދޮރު ހުޅުވާލާފައި ކޮންމެވެސް މީހަކު އެތެރެއަށް ވަދެއްޖެއެވެ.
ދޮރާއި ދިމާއަށް މޫނު އަނބުރާލުމާއެކު ލުޖައިން ފަދައިން ޝާމިސްއަށް ވެސް ލިބުނީ ސިހުމެކެވެ.