ޒޯއީ ދޫކޮށްލި އިރު އެގާރަ ޖަހަން އުޅެއެވެ. ރަފާލް ދުވަހުގެ ބާކީބައި ގޭގައި ހޭދަ ކުރާ ގޮތަށް ނިންމާފައި އެނބުރި އޮފީހަކަށް ނުދެއެވެ. ދެމީހުން ގޮސް ސިޑިއާއި އަރާ ހަމަވެފައި ރަފާލް ޒޯއީގެ އުނަގަނޑުގައި ހިފައިލީ އެހީތެރި ވެ ދިނުމުގެ ގޮތުންނެވެ. އެކަމަކު އެއަދާ ޒޯއީގެ ހިތުން ގަބޫލު ކުރީ މުޅިން އެހެން މާނައެއްގައެވެ. އެތެރެ އެތެރެއިން ވެސް އޭނާ ހުރީ ފޮނިވެފައެވެ. ފިރިހެނަކު ބީހިލައިގެން މިވަރަށް އުފާވި ދުވަހެއް އޭނާ ހަނދާން ނެތެވެ.
ރަފާލް ޒޯއީ އެނދާއި ހަމައަށް ގެންގޮއްސައި އިށީންނަންވެސް އެހީތެރިވެދިނެވެ. ޒޯއީ އިށީންދެލުމުން ބުރަކަށި ޖެހޭ ގޮތަށް ބާލީސްތައް އެއްކޮށްފައި އަދި އޭގެފަހުން ދެފައިގައި ރަޖާ އަޅާލަދީފިއެވެ. "ތޭންކްސް." ޒޯއީ ހަމަ ގަސްތުގައި ރަފާލްގެ ސަމާލުކަން ހޯދަންވެގެން ބުނެލިއެވެ. ތެދުވެ ހިންދެމިލައިފައި ރަފާލް އެމޫނަށް ބަލައިލި ނަމަވެސް އެނބުރި އަލަމާރި އާއި ދިމާއަށް ދިޔައީ އިތުރު އެއްޗެއް ނުބުނެއެވެ. ޒޯއީ މޯބައިލް ނަގައި ގަޑި ބަލައިލައިފައި މެސެޖް ކިޔާކަމަށް ހެދިގެން އިރުކޮޅަކު އިނެވެ. ރަފާލް ޓައީއާ ގަމީސް ބާލާފައި ފާޚާނާއަށް ވަންނަން ދެންވެސް އޭނާ އެތަކެއް ފަހަރު ސިއްރުން ބެލިއެވެ. "ސޯ އެކްސައިޓެޑް." ޒޯއީ ޓްވިޓަރ ޕޭޖްގައި ލިޔެލިއެވެ. އިރުކޮޅަކުން ދެކުއްޖަކު އެއީ ކީއްވެހޭ ކިޔާފައި ސުވާލު ކުރުމުން އޭނާ ކަންބޮޑުވެއްޖެއެވެ. ޒޯއީ އަބަދު ފަރުވާވެގެން އުޅޭ ނިޔަފަތި މަތިންވެސް ފުރަތަމަ ފަހަރަށް ހަނދާން ނައްތައިލައިފައި ދެދަތްޕިލަ ދޭތެރޭގައި ފިއްތަން ފެށުނެވެ.
"އައި ތިންކް އައެމް އިން ލަވް.. އަގެއިން..." ޒޯއީ ވަރަށް ވިސްނާފައި ޖަވާބުގައި ލިޔެލީ މިހެންނެވެ. "ޔެސް. އިޓްސް ޓުރޫ... އައެމް އިން ލަވް... އޯ މައި ގޯޑް..." ޒޯއީ ފޯން އެނދުމައްޗަށް ދޫކޮށްލައިފައި އަމިއްލަ އަކަށް ބުނެލިއެވެ. ފިނިފެންމަލެއް ފަދައިން އެރީތި މޫނު ފޮޅިގެންއައެވެ. ފާޚާނާގެ ދޮރު ހުޅުވުނު އަޑު އަހާފައި ޒޯއީ ބަލައިލި އިރު ރަފާލް ތުވާލި ޖަހައިގެން ނިކުންނަނީއެވެ. ތެމިފައިވާ އެއިސްތަށިގަނޑާއި އަދިވެސް ފެނުގެ އަސަރު ހުރި ރީތި ހަށިގަނޑު ދެކެފައި ޒޯއީ ދީވާނާ ވާ ވަރުވިއެވެ. ރަފާލްގެ ހަށިގަނޑުން އަރަން ފެށި ޝަވަރޖެލްގެ ވަސްވެސް ހާދަ ހިތްގައިމެވެ. ރަފާލް އިސްތަށިގަނޑުން ފެންފޮޅަމުން ގޮސް ޑްރެސިން ޓޭބަލް ކުރިމައްޗަށް ހުއްޓުނު ފަހުން ޒޯއި ބަލަހައްޓައިގެން އިންދާ ފެނުނެވެ.
"ކަމެއް ބޭނުންވީތަ؟" ރަފާލް ވިސްނައިލުމެއްނެތި އެނބުރިލައިފިއެވެ. ޒޯއީއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ވާހަކަދައްކަން އުޅެގެން އަޑެއް ނުނިކުތެވެ. ރަފާލް ވަގު ހިފައިކަން އެނގުމުން އެމޫނު ރަތްވެ ލޭކޮޅަކަށް ވިއެވެ. ޒޯއީ ފާޑަކަށް ތުންފަތް ހަފަން ފަށާފައި އިސްޖެހުމުން ރަފާލްއަށް ދެން ވިސްނިއްޖެއެވެ.
ނާހިދާ ޖޫސް ތައްޓެއް ހިފައިގެން އައިސް ވަނުމުން ރަފާލް ބޭރަށް ނިކުމެލިއެވެ. "އިށީންދެބަލަ މަންމާ!" ޒޯއީ ފުރަތަމަ ފަހަރަށް މަންމާއޭ ގޮވައިލުމުން ނާހިދާއަށް ސިހިފައި ހަތަރުކަޅި ހަމަކޮށްލެވިއްޖެއެވެ. އެބެލުމުގައި ވި ތަފާތުކަން ޒޯއީއަށްވެސް ފާހަގަވިއެވެ. "އަހަރެން މަޢާފަށް އެދުނިއްޔާ މަންމަ އަހަންނަށް މާފު ކުރާނަންތަ؟" ޒޯއީ ޖޫސް ފޮދެއް ބޯލައިފައި ލަދުވެތި ގޮތަކަށް އަހާލައިފިއެވެ. "މާފުކޮށްފިން." ނާހިދާ ޒޯއީގެ ކަކޫމަތީގައި އަތް ބާއްވައިލަމުން ހިނިތުންވެލިއެވެ. "ހަމަ އަސްލުވެސްތަ؟ ކީއްވެ އެންމެން އެހާ ރަނގަޅީ؟" ޒޯއީ އަށް ހެޔޮ ވިސްނުން އަންނަން ފެށުމުން ކޮންމެ ކަމަކާއި މެދުވެސް މާ އަވަހަށް މިހާރު އަސަރު ކުރާ ގޮތްވެއެވެ. އެދެލޯ ފެންކަޅިވިތަން ފެނިފައި ނާހިދާގެ ހިތުގައި ހަމްދަރްދީ އުފެދުނެވެ.
"ރަފާލްއަކީ ވަރަށް ރަނގަޅު ކުއްޖެއް. އޭނަ ބައްޕަގެ އެދުމަށް ޒޯއީ އާ އިންނަން އެއްބަސްވިއަސް މަންމައަށް ޔަޤީން ރަފާލް ޒޯއީދެކެ ވަރަށް ލޯބިވާކަން. ޒޯއީ ވަކިވުމުން އޭނާ ކުރި ހިތާމައަކީ ކުރީގެ ލޯބިވެރިޔާ ވަކިވިފަހުންވެސް ނުކުރާވަރުގެ ހިތާމައެއް. ނޫރާ އަކީ މިހާރު ރަފާލްއަށް އެއްވެސް މީހެއްނޫން. ޒޯއީގެ ސަބަބުން އޭނަ ނޫރާ މަތިން ހަނދާން ނެތުނީ. އެހެންވެ މަންމަ ބޭނުންވަނީ ތިދެކުދީން އެކުގައި އުފާވެރި ދިރިއުޅުމެއް އުޅެން. މާޒީގައި ހިނގާފައިވާ ކުށެއްގައި ހިފައިގެން އަބަދު ނުތިބެވޭނެއެއްނު." ނާހިދާ ދެއްކި ވާހަކަތަކުން ޒޯއީގެ ވިސްނުން އަނެއްކާވެސް ގޮސް ހުއްޓުނީ ރަފާލް އަށެވެ. އެހާ ލޯބިވާ އިންސާނަކު އެކަނިވެރި ކޮށްލާފައި ދިޔަކަމަށް ޓަކައި އަމިއްލައަށްވެސް އެނަފްސް ކުށްވެރި ކުރެވުނެވެ. ހުރިހާ ޝުކުރެއް އޮތީ ބަނޑުގައި އަށަގަންނަމުން އަންނަ ދަރިފުޅަށެވެ. އެދަރިފުޅު ނެތްނަމަ ރަފާލް ފަހަރެއްގައި ވެސް އޭނާ ގަބޫލެއް ނުކުރާނެއެވެ. ޒޯއީއަށް ބަނޑުގައި ފިރުމައިލެވުނެވެ. ޖޫސްތަށި ހުސްކޮށްލައިފައި ދިނުމުން ނާހިދާ ނިކުމެގެން ދިޔައެވެ.
އާދައިގެ މަތިން އެދުވަހުވެސް ތިއާ ކުލާސް ނިންމާފައި އައި ގޮތަށް އޮންލައިން ވިއެވެ. ތިއާގެ ނުދަންނަ އެކުވެރިޔާ އާއި ޗެޓްކުރަމުން ދަނިކޮށް ލުޖައިން ޕޯސްޓްކޮށްލައިފައިވާ ފޮޓޯ ތަކެއް ފެނުނެވެ. ޕެރިސްގެ ރީތި ތަންތަނުގައި ދެމަފިރީން ނަގާފައިވާ ފޮޓޯތަކެވެ. އެފޮޓޯތަކުން އެކަނިވެސް އެދެމީހުން އެކަކު އަނެކަކުދެކެ ވާ މަތިވެރި ލޯބި ފާޅުވެގެން ދިޔައެވެ. ތިއާ ފޮޓޯތައް ކޮމެންޓް ކޮށްލައިފައި އިރުކޮޅަކުން ރޮވޭ ގޮތްވިއެވެ. އިރެއްގައި އޭނާވެސް އެފަދަ ހުވަފެންތަކެއް ދުށްޓެވެ. އީތަން އާ ދެމީހުން ދުނިޔޭގެ ރީތި ތަންތަނަށް ދަތުރު ކޮށްލަން ހިޔާލު ކުރިއެވެ. "ޔޫ ދޭރ؟" ތިއާ އެއްޗެއް ނުބުނެ ގިނައިރުވެގެން އެކުވެރިޔާ އަހާލައިފިއެވެ. "މިސްޑް ސަމްވަން." ތިއާ ތެދަށް ބުނެލިއެވެ. ތިއާ އިތުރަށް ވާހަކަދައްކާ ހިތްވެސް ނެތިގެން ލެޕްޓޮޕް އެހުރި ތަނަށް ދޫކޮށްލައިފައި ކާކޮޓަރިއަށް ގޮސް ފްރިޖް ހުޅުވައިލިއެވެ. އައިސްކްރީމް ތަށި ނަގައި ގޮނޑިއަށް ފައިއަރުވައިގެން މޭޒުކައިރީ އިނދެފައި އައިސްކްރީމް ކަމުން އިރުއިރުކޮޅާ ކަރުނަ ފުހެލައެވެ. އަޑު ބޭރު ނުވިއަސް ތިއާ އިނީ ރޯށެވެ. އީތަންދެކެ އޭނަ އެހާ ވަރަށް ލޯބިވާ އިރު އެގޮތަށް ދޫކޮށްލައިފައި ދާން ވެދާނެ ހެއްޔެވެ؟
ތިއާ ކުއްލިއަކަށް ހަނދާންވިއެވެ. ޒޯއީ އޮތީ އޭނާ ކައިރީ އެގެއަށް ދާން ބުނެފައެވެ. އަނެއްކާ ޒޯއީ ދައްކަން އެއުޅެނީ އީތަންގެ ވާހަކަ ކަމަށްވެސް ވެދާނެއެވެ. ތިއާ ސަމުސާ ޒިންކަށް ވައްޓައިލާފައި އައިސްކްރީމް ތަށިވެސް ފްރިޖަށް ލިއެވެ. އަވަސް އަރުވާލައިފައި ހުރުމުން ލެޕްޓޮޕް މަތިން ހަނދާން ނައްތާލައިފައި އަވަހަށް ކޮޓަރިއަށް ގޮސް ރީތިވެލައިގެން އޭނާ މިސްރާބު ޖެހީ ޒޯއީ އާއި ބައްދަލު ކުރަން ދިއުމަށެވެ.
ޒަކްވާންއަށް ޒޯއީ ހޮސްޕިޓަލަށް ގެންދިޔަކަން އެނގުނީވެސް ދޫކޮށްލި ފަހުންނެވެ. ޝަކީބާ ހަނދާން ނައްތާލައިފައި ޒަކްވާން އަކަށް ނާންގައެވެ. ޒަކްވާންވެސް ހެނދުނުއްސުރެ އޮފީހުގައި އަވަދިނެތި އުޅުމުން މަންމަގެ މޫނު ފެންނަ ހިސާބަށް ދެވުނީ ގެއަށް އަންނަން ވެފައި ހުއްޓައެވެ. ޒަކްވާން ގެއަށް އައިއިރު ހިތުގައި އޮތީ ވީ އެންމެ އަވަހަކަށް ޒޯއީގެ މޫނު ދެކިލަން ދިއުމެވެ. އަވަހަށް ކޮޓަރިއަށް ގޮސް ފެންވަރާލައިގެން ތައްޔާރުވެލިއެވެ. ޒަކްވާން ލައިގެން ހުރި ގަމީހުގެ އަތްކުރި އޮޅަމުން އައިސް ސިޓިންރޫމަށް ވަންއިރު ތިއާގެ ލެޕްޓޮޕް ހުރީ ހުޅުވި ގޮތަށެވެ. ޒަކްވާން އެތަން ހުރަސްކޮށްލާފައި ދަނިކޮށް އެދިމާއަށް ސަމާލުކަން އަނބުރައިލީ ލުޖައިން ލައިގެން ހުރި ރަތް ޓޮޕެވެ. ދެވަނަ ސިކުންތުގައި އެމޫނުގައިވި ތާޒާކަންވެސް ވަޅު ޖަހައިފިއެވެ. ޒަކްވާން މޮޔައެއްހެން ފުންމައިގެންފައި ގޮސް ސޯފާއަށް ޖެހިގަނެގެން ކައިރިން އެފޮޓޯ ގަނޑަށް ބަލައިލިއެވެ.
ލުޖައިން ތަންމިނަށް ހިނިތުންވެފައި އާރިންގެ އަތުތެރޭ ހުރި ގޮތް ދެކެފައި ލޭ ކެކިގަތީ މިހެނަކުން ނޫނެވެ. ޒަކްވާންއަށް އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަން ދަތިވެގެން މޭޒުގައި ގޮށްމުށުގެ އެތިފަހަރެއް އަޅައިލެވުމުން ތަދުވީ އަތަށެވެ. ރުޅިއާއި ހިތާމައިން އެދެލޯ ފެންކަޅި ވެގެން ދިއުމުން ބާރުބާރަށް ލެޕްޓޮޕް ލައްޕާފައި އަނެއްކާ ވަދެގެން ދިޔައީ ކޮޓަރިއަށެވެ. ތަރުތީބު ކޮށްފައިވާ ކޮޓަރީގައިވާ ހުރިހާ އެއްޗެއް އެތަން މިތަނަށް އުކައިލެވުމުން ވެސް ޒަކްވާން މިފަހަރު ހިތްހަމައެއް ނުޖެހުނެވެ. އެންމެ ފަހުން ވާސްއެއް ނަގައި ލޯގަނޑުވެސް ތަޅާލައިފިއެވެ. އެއަޑަށް އަމީނާ ދުވެފައި ގޮސް ދޮރުމައްޗަށް ހުއްޓުމުން ޒަކްވާން ކޮޓަރިން ނިކުމެގެން ގޮސް ކާރުގައި ނައްޓައިލީ ދާންވީ ވަކި މިސްރާބެއް ނެތިއެވެ.
ދޮރު ހުޅުވުނު އަޑަށް ޒޯއީ އަވަސް އަވަހަށް ބަލައިލިއެވެ. ތިއާ ފެނިގެން އެމޫނުގައިވި އުފާވެރި ކުލަވަރު ފިލައިގެން ދިޔަ ނަމަވެސް ހިނިތުންވެލިއެވެ. "ތިއާ. އަވަހަށް އާދޭ!" ޒޯއީ އުފަލާއެކު މަރުހަބާ ކިއެވެ. ތިއާ ދޮރު ލައްޕާފައި އައިސް އިށީންދެލީ ޑްރެސިންޓޭބަލް ކައިރީ ހުރި ގޮނޑި ކައިރި ކޮށްލައިގެންނެވެ. "މިހާރު ކިހިނެއް؟" ތިއާ ފުރަތަމަވެސް އަހައިލިއެވެ. "މިވަގުތަށް ރަނގަޅު. އާންމުކޮށް ހެނދުނު ގަޑީ ބޮޑަށް ހޮޑުލެވެނީ. އެހެން ގަޑިތަކުގައި ކާންވެސް ކެރޭ. އެކަމަކު ބައެއް ފަހަރު ހަމަ ހުރެލާފައި ކައި ނިމޭތަނުންވެސް ހޮޑުލެވިދާނެ." ޒޯއީ ހަތަރުކަޅި ހަމަކޮށްލައިފައި ޖަވާބު ދިނެވެ. "ކޮބާ މަންމަ އާއި ބައްޕަ؟ ޒަކްވާންވެސް އަދި ނުފެނޭ." ޒޯއީ އޮޅުންފިލުވަން ބޭނުންވިއެވެ. "މަންމަ ވީ ބޭރަށް ގޮސް. ބައްޕަ ދެން ގޭގައެއްނު އިންނާނީ. ބްރޯވެސް މިހާރު އޮފީހުން ގެއަށް އަތުވެދާނެ ކަންނޭނގެ." ތިއާ ޖަވާބު ދީފައި ވަށައިގެން ލޯ ހިންގައިލިއެވެ. ޑްރެސިންޓޭބަލް މަތީ ލައްޕާލައިފައި އޮތް އަލްބަމް ފެނިގެން ތިއާ ތެދުވެފައި ގޮސް އެ ނެގިއެވެ.
ޒޯއީ ރަފާލް ދިޔަފަހުން އެކަނިވެގެން ކުރި ކަމަކީ އެއީއެވެ. ރަފާލް ވީ ޝަހީމު ވާހަކައެއް ދައްކަން ބުނެގެން ގޮސް ތިރީގައެވެ. ތިއާ ގަނޑުތައް އުކަން ފަށާފައި އިރުކޮޅަކުން ހުއްޓުން އެރިއެވެ. އީތަން ފެނުމުން އޭނާގެ އަތުގައިވެސް މަޑު ތުރު ތުރެއް އުފެދިއްޖެއެވެ. ޒޯއީއަށް މިބަދަލު ފާހަގަވިއެވެ. އަލްބަމްއަށް ބަލައި ނުލައިވެސް ޒޯއީ ދެނެގަތީ އެކަން ގުޅިފައިވާނީ ހަމައެކަނި އީތަންއާ ކަމެވެ. "މިސިން ހިމް؟" ޒޯއީ އިނދެފައި އަހާލައިފިއެވެ. "ހޫމ..." ތިއާ އިސްޖަހައިގެން އިނދެފައި ހަމައެކަނި ހޫމް އަޅުވައިލިއެވެ. "އަހަރެން ތެދެއް ބުނިއްޔާ ތިއާ ޤަބޫލު ކުރާނަންތަ؟" ޒޯއީ ދެފަހަރެއްގެ މަތީން ތުންފަތުގައި ދަތް އަޅައިލައިފައި ވާހަކަދެއްކިއެވެ. ތިއާ ބޯ ޖަހައިލުމާއެކު އަނެއްކާ ގަނޑު އެއްލަން ފެށިއެވެ. "ތިއާ ހިތަށް އަރައިފާނެ އަހަރެންނަށް އީތަން ވީ ތަން އެނގޭނެއޭ. ތިއާ ހީކޮށްފާނެ އީތަން އުޅުނީވެސް އަހަންނާ އެކުގައޭ. އަހަރެން އެނބުރި އައުމުގެ ކުރިން ހިތަށް އެރި ދޯ ދެމީހުން ވާނީ އެއްތާކުއޭ؟" ޒޯއީ އެވާހަކަ ފެށުމުން ތިއާ އިސް އުފުލައިވެސް ނުލިއެވެ. އެކަމަކު މިފަހަރުވެސް ހޫމ އަޅުވައިލާފައި ޖަވާބުދާރީވިއެވެ.
"ސީރިއަސްކޮށް ބުނަންތަ އަހަރެން އުޅުނީ އެކަނި. އެކަމަކު އަހަރެން އީތަން ހޯދަން ދިޔައިން. ބައްދަލުވެސް ކުރިން. އެކަމަކު އީތަން ގަބޫލެއްނުވި އަހަންނާއެކު އުޅޭކަށް. ތިއާ ހީޒް ސޯ އިން ލަވް ވިތް ޔޫ..." އެވާހަކަ ފެށުމުން ޒޯއީ ހިތަށްވެސް އަސަރު ކޮށްގެން އަޑު މަޑުވިއެވެ. އެދުވަހު އޭނާ ހިތާމައިން އަމިއްލަ އަށް މަރުވާންވެސް އުޅުނެވެ. އެކަމަކު ހެއްދެވި ފަރާތް ހަނދާންވެފައި އަވަހަށް ތަޢުބާވިއެވެ. "ދެން އެހެންވީއިރު ކޮބާ އީތަން؟ ކީއްވެ އޭނަ އަހަރެން ދޫކޮށްލާފަ ދިޔައީ؟ ހައު ކުޑް ހީ ޑޫ ދެޓް؟" ތިއާއަށް ކެތްކުރެވުނީ އެހިސާބަށެވެ. އަލްބަމް ލައްޕައިލުމާއެކު ދެއަތްތިލައިން މޫނު ފޮރުވައިލައިފިއެވެ. ކަރުނަތައް ގިނަވެގެން އިނގިލިތަކު ދޭތެރެއިންވެސް ފޭދެން ފެށިއެވެ. ޒޯއީ އިނީ ހިނދުކޮޅަކަށް ބަސް ހުއްޓިފައެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހިތްވަރުދޭނެ ގޮތެއްވެސް ނޭނގިފައެވެ. "ތިއާ މަސައްކަތެއް ނުކުރަންތަ ކޮންޓެކްޓް ކުރާކަށް؟" ޒޯއީ އެންމެ ހައިރާންވީ ތިއާއަށް އީތަން ވީތަނެއްވެސް ނޭގުނީމައެވެ. "މަސައްކަތް ކުރިން. އޭނަގެ ފެމެލީއަށްވެސް ގުޅިން. އެމީހުން ބުނީ އީތަން މެލޭޝިޔާ އަކަށް ނުދެއޭ. މޭބީ ހީ ވޯނެޑް ޓު ރަން އަވޭ ފްރޮމް މީ..." ތިއާ ރުއިމުގެ ތެރެއިން ވާހަކަދެއްކިއެވެ.
"ނޫން ތިއާ. ތިހެން ހީނުކުރޭ. އީތަން ދުވަހަކުވެސް ބޭނުމެއް ނުވާނެ ތިގޮތެއް. އީތަން ހަމައެކަނި ލޯބިވަނީ ތިއާދެކެ. އަދި އެވެސް ނުހަނު ބޮޑަށް." ޒޯއީއަށް ނީނދެވިގެން ތިއާގެ އަތުގައި ހިފައިލާފައި ބުނަން ފެށިއެވެ. އެވާހަކައިން ތިއާ ފަދައިން ޚުދު ޒޯއީވެސް ހައިރާން ވާން ޖެހުނެވެ. މަސްދުވަސް ތެރޭގައި އެހާ ބޮޑު ބަދަލެއް އަތުވެދާނެ ހެއްޔެވެ؟ އޭގެ ކުރިން ޒޯއީ ހުރީ އީތަން ހާސިލް ކުރުމަށްޓަކައި ކޮންމެފަދަ ދަރަޖައަކަށް ދާންވެސް ތައްޔާރަށެވެ. "ތިއާ އީތަން ވީ މެލޭޝިޔާގައި. އޭނަ ތިއާ އާއި ކޮންޓެކްޓް ކުރަން ބޭނުން ނުވެގެނެއްނޫން އެކަމަކު އަހަރެން ކޮށްފާނެ ކަމަކަށް ބިރުން ފިލައިގެން އެއުޅެނީ. އެހެންވެ އޭނަ ފެމެލީ މީހުން ކައިރީ އެގޮތަށް ބުނަން އަންގާފަ އެހުރީ." ޒޯއީގެ ވާހަކައިން ތިއާއަށް މުޅިން އާ އުންމީދެއް ލިބިއްޖެއެވެ. ތިއާ ޒޯއީގެ އަތަށް ފިތާލައިފައި ބަލަން އިނީ ޤަބޫލު ނުކުރެވޭފަދަ ގޮތަކަށެވެ. މީހުން ބަދަލުވާކަން އަދި ކިރިޔާ އޭނާއަށް ގަބޫލު ކުރެވުނީއެވެ. "ތިއާ. އީތަން އަކަށް ނޭނގޭނެ އަހަރެން ފޮޓޯތައް ދީފަ ދިޔަކަމެއް. އެހެންނޫންނަމަ އޭނަ ތިއާ ހޯދަން ނައިސް ނުހުންނާނެ." ޒޯއީ އިތުރަށް ހިތްވަރު އާކޮށްދިނެވެ. "ދެން އަހަރެން ކިހިނެއް ހަދަންވީ؟" ތިއާ އެހެން އަހައިލީ ފެށުނީއްސުރެވެސް ލަފާ އަހަމުން އައި ދައްތަގެ ކައިރީވެސް އަހައިލާފަދަ ގާތްކޮށެވެ. "ކޯލް ހިމް." ޒޯއީ އެނދުން ތިރިއަށް ދެފައި އެލުވާލައިފައި ތިއާގެ ކޯތާފަތުގައި ހިފަހައްޓައިލިއެވެ. ތިއާ ކަރުނަތަކާއެކު ހިނިތުންވަމުން ޒޯއީގެ އަތުގައި ދެއަތުން ހިފަހައްޓައިލީ އުފަލުން ފުރިފައި އިނދެގެންނެވެ. "ދެން ޒޯއީއަށް ވާނީ ކިހިނެތް؟" ތިއާ ކުއްލިއަކަށް ހަނދާންވެގެން އަހައިލިއެވެ. އެއަޑު އަހާފައި ޒޯއީ އަވަހަށް އަތް ދަމައިގެން އިރު މޫނުގެ ކުލަވެސް ބަދަލުވެއްޖެއެވެ.
ތިއާގެ ކުރިމަތީގައި އޭނާ ފުރަތަމަ ފަހަރަށް ލަދުގަންނަ ގޮތްވިއެވެ. އެވާހަކައިން އޭނާ މާޒީގެ މަތިން ހަނދާންވިއެވެ. އެމާޒީގައި އޭނާ ކޮށްފައި ހުރީ މާ ފަޚުރުވެރިވާ ފަދަ ކަންތައްތަކެއް ނޫނެވެ. "ތިއާ އަހަރެން ލޯބިވަނީ އެހެން މީހަކު ދެކެ." ޒޯއީ ހިނިތުންވެފައި ދާދި އަވަހަށް ހިޔާލަކަށް ގެއްލުނެވެ. "ވަޓް؟" ތިއާ ބާރުބާރަށް އަހައިލުމުން ސިހިފައި ޒޯއީ ބޯ ޖަހައިލިއެވެ. "އައި ލަވް ރަފާލް. ތިއާ ހީޒް ދި ވަން." ޒޯއީގެ ޖަވާބުން ތިއާއަށް ހެވިއްޖެއެވެ. އެހުރިހާ ކަރުނަ އަކާއެކުވެސް އެމޫނު އުފާވެރިކަމުން ވިދައިލިއެވެ. "ވިޝް މީ ލަކް. އަހަރެން އަދި ރަފާލް ކައިރިއަކު ނުބުނަން." ޒޯއީ ހީގަނެފައި ބުނެލިއެވެ. "ގުޑްލަކް ސިސް." ތިއާ އިނދެފައި ބުނެލިއެވެ. ދެޒުވާނުންގެ ހަތަރުކަޅި ހަމަވެފައި އިރުކޮޅަކު ހިމޭން ކަމާއެކު ބަލަން ތިއްބެވެ. "ގިވް މީ އަ ހަގް! ބޭބީ ގާރލް" ޒޯއީ ބުނެލީ ތިއާގެ ހިތުގައި އޮތް ގޮތަށެވެ. ތިއާ އަނެއްކާ ހީގެންފައި އަވަހަށް ތެދުވެ ޒޯއީގެ އަތުތެރެއަށް ވަނީ އަވަސް އަވަހަށެވެ. ދެބެން އެކަކު އަނެކަކު ގައިގައި އޮޅުލައިގަނެގެން ތިބެ ހުރިހާ ޝަކުވާއެއް ބޭރުކޮށްލީ ކޮނޑު ތެންމަން ފެށި އުފާވެރިކަމުގެ ކަރުނައިންނެވެ. އުފާވެރިކަމުގެ ކޮޅެއް ނެތެވެ. އެތައް ދުވަހަކަށްފަހު އެދެބެން އެކަތިގަނޑަކަށް ވެއްޖެއެވެ.
ފަހަރަކަށްވުރެ ފަހަރެއް ޒަކްވާން ކާރުގެ ސްޕީޑް އިތުރުކޮށްލިއެވެ. ވަކި މިސްރާބެއް ނެތި އެތައް ހިސާބެއްގައި އޭނާ ކާރު ދުއްވަމުން ދިޔައެވެ. ބައެއް ފަހަރަށް އެހެން އުޅަނދު ތަކަށްވެސް ޖެހެނީ އަމިއްލަ ހިމާޔަތް ހޯދާށެވެ. ފޯން ރިންގްވާން ފެށުމުން ޒަކްވާން އިނީ ފުރަތަމަ އަޅައިނުލާން ކަމަށެވެ. ޝަކީބާ ދެވަނަ ފަހަރަށްވެސް ގުޅަން ފެށުމުން އުދަނގޫވެގެން ބުލޫ ޓޫތް ހެޑްސެޓް އަޅައިލާފައި ޖަވާބު ދިނެވެ. "ކީކޭ މަންމާ؟ ކާކު ބަލައިދާންވީއޭ؟ ކޮބާތަ ޑްރައިވަރ؟" ޒަކްވާންއަށް ޝަކީބާ ބުނި އެއްޗެއް ސާފު ނުވެގެން ވާހަކަދެއްކި އިރު މަގުމަތީން ނަޒަރު ކައްސައިލީ ކާކުގެ ބަދު ނަސީބަކުން ކަމެއް ނޭނގެއެވެ. ކޮންމެވެސް އެއްޗެއްގައި ލައިގެން އަޑާއެކު ކާރަށް ލޮޅުން އެރުމުން އަވަހަށް ބުރަކި ޖައްސާލެވިއްޖެއެވެ. އެވަގުތު އޭނާ ކާރު ދުއްވަމުން ދިޔައީ ޖެޓީ ސަރަހައްދުން ކަމުން އެހިސާބުގައި އުޅުނު އެންމެން އައިސް ކާރު ވަށައިލިއެވެ.
ކޮންމެވެސް ނުބައެއް ވެއްޖެ ކަމުގައި ޒަކްވާންގެ ހިތް ބުނެލީ އެންމެންތައް ލޯ ބޮޑުކޮށްފައި ބިންގަނޑާއި ދިމާއަށް ބަލާތަން ފެނިފައެވެ. ޒަކްވާން ހެޑްސެޓް ދަމައިގެންފައި ކާރުތެރެއަށް ދޫކޮށްލަމުން އަވަހަށް ދޮރު ހުޅުވާފައި ނިކުތެވެ. މީހުންގަނޑު ފަޅާފައި އަވަހަށް ގޮސް އެތެރެއަށް ވަންއިރު ގާގަނޑުމަތީގައި ބަންޑުން އޮތީ އަންހެން ކުއްޖެކެވެ. ޒަކްވާން ދެލޯ ބޮޑުކޮށްގެން ހުރެފައި އެދިމާއަށް ގުދުވެލަން އުޅެނިކޮށް ތިރީގައި ކަކޫ ޖަހައިގެން އިން ޒުވާނާގެ މޫނު ފެނިފައި ވަގުތުން މުޅިމީހާ ގަނޑުވިއެވެ. "އޯހ ގޯޑް..ވަޓް ހޭވް އައި ޑަން؟" ޒަކްވާންގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ އަތުވެއްޖެއެވެ.