ޒޯއީ ރުޅިގަދަވެފައި ހުރެވެސް އީތަން ކުރިމަތީ އެކަމެއް ނުދައްކައެވެ. ހިނިތުންވުމަކާއެކު އައިސް އީތަން ކޮނޑުގައި އަތް ބާއްވައިލި ގޮތުން އެކަނިވެސް ތިއާއަށް އެނގުނީ އެދެމެދުގައި އޮތީ އާދައިގެ ރަހުމަތްތެރި ކަމެއް ނޫންކަމެވެ. ކުޑައިރުއްސުރެ އެކުވެރިންގެ ގޮތުގައި ތިބެން ވެއްޖެއްޔާ މިހާރު އެދެމެދުގައި ކުޑަ ސިއްރެއްވެސް ނޯންނާނެއޭ ތިއާ ހިތަށް އެރިއެވެ. ތިއާ ހައިރާން ކަމުގައި ހުއްޓާ ޒޯއީ އަވަހަށް އީތަން އަތުގައި ހިފާ ދުރަށް ގެންދަން ފެށިއެވެ. ކޮޓަރި ތަކާއި ދިމާއަށް އެޒުވާނުން ހިނގަމުން ދިޔަ އިރު ނޭނގި ނަމަވެސް ތިއާގެ ނަޒަރު ހުއްޓިފައި ހުރީ ގުޅުވާލެވިފައިވާ އެމީހުންގެ އަތްތިލައަށެވެ. 

ޒޯއީ ހުރިހާ އެއްޗެއް އަމިއްލަ ކުރާ ބީދައިން އީތަންވެސް އޭނާ އާއި ދުރުކޮށްލާނެއޭ ހިތަށް އަރާފައި ދެފަރާތަށް ބޯ ހޫރާލެވުނީ އިޙުތިޔާރަކު ނޫނެވެ. ދެވަނަ ސިކުންތުގައި ތިއާއަށް އަމިއްލައަށްވެސް އިހްސާސްވީ މޮޔަ ހިޔާލެއް ހިތަށް އައިކަމެވެ. "އައްޗީ. އީތަން އެއީ ގެއްލިދާނެތީ ކަންބޮޑުވާންޖެހޭ މީހެއްތަ؟ އުމުރުގެ ގޮތުން ބެލިއަސް އެހާ ޑިފަރެންސް އެބަހުރި. އެކުވެރިއަކަށް ކީއްކުރަން ބޭބެއަކަށް ހަދަންވެސް ހެޔޮވާވަރު ފިރިހެނެއް ނޫން އެއީ.ހުނ." ތިއާ ހިތާއި ހިތުން އެތިވަރު ގޮވައިގެންފައި އަނެއްކާ ބަދިގެއަށް ވަދެ ފްރިޖް ހުޅުވާލިއެވެ. ފަހަތުން އައިސް ވަދެފައި އަމީނާ ކައިރީ ރޭގަނޑު ކެއުމާއި ބެހޭގޮތުން ލަފާ ދޭން ފެށި ޝަކީބާއަށް ތިއާ ކުރާކަމެއް ފެނިގެން ސަމާލުވެވިއްޖެއެވެ. ތިއާ ފްރިޖްގައި މަތިޖެހި ތައްޓެއްގައި ހުރި ޗޮކްލެޓް ކަސްޓަރޑް ނަގާފައި ބަނޑާއި ހިސާބުގައި ތަށީގެ އެއްފަރާތް ޖައްސައިގެން އެއްއަތުން ހިފަހައްޓާ ބަހައްޓާފައި ގޮސް ކާމޭޒުމަތީ ހުރި މޭވާ ވަށިގަނޑުން ދޮންކެޔޮ ވަކަކާއި އާފަލެއް ނަގައި އަނެއް އަތަށް ލައިގެން ނިކުންނަން ފެށުމުން ޝަކީބާއަށް ގޮވާލެވިއްޖެއެވެ. 

"ތިއާ! މިހާރު އެއޮތް ކާގަޑި ޖެހެނީ. ތިއެއްޗެހި ކައިގެން ކިހިނެތް މިރޭ ބަތް ކާނީ؟" ޝަކީބާ އައިސް ހުއްޓިފައި ވިސްނައިދޭ އުސޫލުން ވާހަކަދެއްކިއެވެ. "މީ މިރޭގެ ޑިނަރ. ސޮރީ މަމް. މިރޭ ނެތް އެހެން އެއްޗެއް ކާ ހިތެއް." ތިއާ ޝަކީބާއަށް ފުރުސަތެއް ނުދީ އަވަހަށް ޖަވާބު ދީފައި ނިކުމެގެން ދިޔައެވެ. ޒޯއީ ބަދަލު ހިފާނެކަން އެނގޭތީ ތިއާ ކުރީގައި އަމިއްލަ ސަލާމަތް ހޯދީކަމެއް ޝަކީބާއަކަށް ނުވިސްނެއެވެ. 

އީތަންއަށް ކޮޓަރި ދައްކާފައި ޒޯއީ އެނބުރި އައިސް ފުރަތަމަވެސް އެހީ ތިއާގެ ވާހަކައެވެ. "މިރޭ ބަތެއް ނުކާނަމޭ ކިޔާފަ ކަސްޓަރޑް ތައްޓަކާއި ފްރުޓްކޮޅެއް ހިފައިގެން ހިނގައްޖެ ކޮޓަރިއަށް." ޝަކީބާއަށް މޭޒުމައްޗަށް ކާތަކެތި ނަގަން ހުރެފައި ޖަވާބު ދިނެވެ. އެ އަޑު އަހާފައި ޒޯއީ ވައިރޯޅިއެއްހެން ގޮސް ތަޅުގައި ހިފާލި އިރު ތިއާ ހުރީ ކޮޓަރި ތަޅުވެސް ލައިފައެވެ. "ހާދަ ބިރުވެސް ގަނެއޭ ދޯ. އަހަރެން ބަލާނަން ކިހާ އިރެއްވަންދެން ނުނިކުމެ އޮވެވޭތޯ." ޒޯއީ ހިނގަނޑަކާއެކު ދޮރުފަތުގައި ތަޅައިގެންފައި އެނބުރި ގޮސް ބަދިގެއަށް ވަދެފައި ކެއުން ތައްޔާރުވިތަން ފެނިގެން އީތަން ބަލައި ދިޔައެވެ.

"ކޮބާ ތިއާ؟" އީތަން ސުވާލު ކުރީ މޭޒު ދޮށުގައި އިށީންދެފައެވެ. "އޭނަ މަށަށް ފިލަން ކޮޓަރި ތަޅުލައިގެން އެބައޮތް." ޒޯއީއަށް ނުހީއެއް ނީނދެވުނެވެ. "ދެމީހުން އަނެއްކާ ތަޅާފޮޅަން ފެށީ ދޯ." ޝަކީބާ ހިތްހަމަނުޖެހިފައި ބުނެލިއެވެ. "އަހަރެން ކަމެއް ނުކުރަމޭ މަންމާ. އޭނަ އަމިއްލައަށް ކަންތައް ބޮޑުކޮށްލައިގެން އެއުޅެނީ." ޒޯއީ މަކަރުން އަމިއްލަ ދިފާޢު ހޯދިއެވެ. އީތަން ހިނިއައިސްފައި އިނދެ ކައި ނިންމާލާފައި ފޯނެއް އައިސްގެން ހިނގަމުން ހިނގަމުން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ޒޯއީ ދެފަރާތް ހޯދާލައިފައި އެކަކުވެސް ނެތްވަގުތު ޝަކީބާ ކޮޓަރިއަށްވަދެ ތަޅުދަނޑި ހޯދައިގެން ތިއާ ކޮޓަރި ދޮރު ހުޅުވާލީ ނުހަނު މަޑުމަޑުންނެވެ. ފާޚާނާތެރެއަށް ފެން އެޅޭ އަޑު އިވިގެން ޒޯއީއަށް އެނގުނެވެ. ތިއާ ފެންވަރަނީ އެވެ. ޒޯއީ ޕްލޭން ބަދަލުކޮށްލާފައި ވަށައިގެން ހޯދާލި ތަނާ ތިއާގެ ސްކާފެއް އެނދުމަތީ އޮތްވާ ފެނިއްޖެއެވެ. ސްކާފް ގެންގޮސް ދޮރުފަތް ބޭރުން ހުޅުވަން ހިފާ އަތްގަނޑުގައި އެއްކޮޅު އައްސާފައި އަނެއްކޮޅުގައި އިތުރު ސްކާފެއް ގުޅުވާފައި ގެންގޮސް އެންމެ ކައިރީގައި ހުރި ޑްރެސިންޓޭބަލްގެ ތަޅުލާފައި ހުރި ޑްރޯވަރެއްގެ ގޮބުގައި އެއްސިއެވެ. އެހެން ކަންތައް ކުރުމުން ތިއާ އެތެރޭގައި ހުރެގެން ކިތަންމެ ވަރަށް މަސައްކަތް ކުރިއަސް ދޮރު ހުޅުވޭނެ ގޮތެއް ނޯންނާނެއެވެ. 

ޒޯއީ ހިތްހަމަޖެހިގެން ބޭރަށް ނިކުމެ މަންމަ ކޮޓަރިއަށް ތަޅުދަނޑިލާފައި ރީތިވާން ފެށިއެވެ. ބޮލުގައި އިން ވޫލްކޮޅު ނައްޓާލައި ފަންއިސްތަށިތައް ވިހުރުވާލި ގޮތަށް އޮމާން ކޮށްލައިފިއެވެ. ތުންފަތުގެ ކުލަ ގަދަކޮށްލާފައި ލޮލުގައިވެސް އަނދުން އެޅިއެވެ. ދިގު އެސްފިޔަތައް މަސްކަރާ ނުޖެއްސި އަސް އެހާ ކަޅުކުލަ ގަދައެވެ. ޒޯއީ ސެންޓް ޖަހާލައިގެން ނިކުމެފައި އީތަން ކޮބައިތޯ ބަލައިލަން އުޅެނިކޮށް ކޮޓަރިން ނިކުތީ ފޯނެއްގައި ހުރެގެންނެވެ. އީތަންއަށް އެވަރަށް ގުޅާ މީހަކާ މެދު ޒޯއީ ހިތުގައި ހަސަދަ ހިނގައިލިއެވެ. 

"ހޭއި! ގޯއިން ސަމްވެއަރ؟" އީތަން ފޯން ކަންފަތުން ވަކިނުކޮށްލައި ހުރެގެން އަހާލައިފިއެވެ. "އަހަރެންވެސް މިދަނީ ފްރެންޑެއް ގުޅައިގެން އޭނަ ކައިރިއަށް ދާން. ހިނގާ ޑްރޮޕް ކޮށްލަދޭނަން." ޒޯއީ ދޭނެ ޖަވާބެއް ނޭނގިގެން ހުއްޓާ އީތަން ދެވަނަ ފަހަރަށްވެސް ބުނެލިއެވެ. "އިޓްސް އޯކޭ. އަހަރެން އިރުކޮޅަކުން ދާނީ." ޒޯއީ މަނާވެގަތެވެ. އީތަން ނިކުމެގެން ދިޔަ ދޮރަށް ބަލަން ހުރެފައި އޭނާ ފުން ނޭވައެއް ދޫކޮށްލިއެވެ. އެނބުރި ކޮޓަރިއަށް ދާން އުޅެފައިވެސް ހިޔާލު ބަދަލުވެގެން މީހަކަށް ގުޅާލައިފައި ކާރު ނެރެގެން ދުއްވައިލިއެވެ.

ޒޯއީ ކާރު ޕާކްކޮށްފައި މަގުގެ އަނެއްފަރާތުގައި ހުރި ރެސްޓޯރެންޓަކަށް ވަދެގެން ދަމުން ފޯން ނަގާފައި ނަންބަރަކަށް ޑައިލްކޮށްލިއެވެ. "އެތެރޭގައި މިއިނީ. ދިހަ ވަނަ ޓޭބަލް." އެކޮޅުން ޖަވާބުދިނެވެ. ޒޯއީ ފޯން ކަނޑާލައިފައި އެތެރެއަށް ވަދެގެން ދިޔައިރު އެންމެންގެ ލޯތައް އަމާޒުވިއެވެ. ކަޅުހެދުމެއްގައި ބިމަށް ތިރިކޮށްލި ޕަރީއެއް ފަދައިން ހުރިހާ ހިތްތަކަށް ގުޑުން އަރުވާލައިފައި ފަރި ހިނގުމެއްގައި ގޮސް ދިހަވަނަ މޭޒާއި ކައިރިވުމާއެކު ކުރިއްސުރެ އެތާ އިން ޒުވާނާ ފޯނާއި ކުޅުން ހުއްޓާލައިފައި ގޮނޑީގެ ލެނގޭބައިގައި ބުރަކަށި ޖައްސައިލިއެވެ. 

"އާރިން." ޒޯއީ ހިނިތުންވުމަކާއެކު އިށީންދެފައި އަތްދަބަސް މޭޒުމަތީ ބާއްވައިލި ގޮތަށް ޒިޕު ކަހާލައިފައި ޗެކްފޮތް ނެގިއެވެ. "އަހަރެން ޒޯއީ އާއި ބައިވެރިވީ ފައިސާގެ ބޭނުމަކު ނޫން. އަހަރެންގެ ހަމައެކަނި މަޤްސަދަކީ ލުޖައިންގެ ކައިވެނި ހުއްޓުވުން." އާރިން ޒޯއީގެ ގަލަން އަތުލާފައި މޭޒުމަތީ ބާއްވައިލިއެވެ. ޒޯއީ ބަލައިލި އިރު އާރިން ތުންފަތް މަތީގައި ފަތަޚައިގެ ހިނިތުންވުމެއް ވިއެވެ. ދެދުވަސް ކުރިން ގުޅާފައި ލުޖައިންގެ ކައިވެނީގެ ޚަބަރު ދިނުމާއެކު އާރިންއަށް ހީވީ ހިނދުކޮޅަކަށް މުޅި ދުނިޔެވެސް އަނދިރިވެގެން ދިޔަހެންނެވެ. އެކަމަކު ޒޯއީ އެކައިވެނި ހުއްޓުވަން އެދޭކަން ފާހަގަ ކުރުމުން އޭނާ މިނިޓެއްވެސް ނަގާނުލައި ޒޯއީގެ ރޭވުމުގައި ބައިވެރިވާނެ ކަމުގެ ޔަޤީންކަން ދިނެވެ.

ހިތްހަމަޖެހޭވަރު ވުމުން ތިއާ މާގަނޑު ބަންދުކޮށްފައި ތުވާލި ނަގައިގެން އޮޅައިލިއެވެ. ތެމިފައިވާ އިސްތަށިތައް އެއްފަރާތު ކޮނޑުމަތިން ގެނެސް ކުރިމައްޗަށް ވައްޓާލައިފައި ރާގެއް އަޅުވާލަމުން ފާޚާނާގެ ދޮރުގައި ހިފާލިއެވެ. ތިއާ ހީކުރީ އަނެއްކާވެސް ދޮރުފަތް ބާރުވެގެން އުޅެނީ ކަމަށެވެ. ދޭތެރެއަކުން ހުރެލާފައި އެދޮރުފަތް އޭގެ އަމިއްލަ ޒާތުގައި ބާރުވެއެވެ. ތިއާ ކުރިއަށްވުރެ ބާރުލާފައި ދަމައިލި ނަމަވެސް މިފަހަރުވެސް ވީ ނާކާމިޔާބެވެ. ވެގެން އުޅޭގޮތް ސާފުވީ ތިންވަނަ ފަހަރަށް އެދޮރުފަތް ހުޅުވަން ކުރި މަސައްކަތުން ކުޑަކޮށް ދުރުވެލި ތަނާ އަތްގަނޑުގައި އައްސާފައިވާ ސްކާފްގެ ބައެއް ފެނިގެންނެވެ. 

"ޒޯއީ!" ތިއާ ބާރުބާރަށް ހަޅޭއްލަވައިގެންފައި ގަދަބާރުން އެތައް ފަހަރަކު އުޅެވެސް ދޮރު ހުޅުވޭގޮތެއް ނުވިއެވެ. "މަންމާ! މަންމާ! އަމީނާ! އަހަރެން މިހުރީ ފާޚާނާގައި ބަންދުވެފަ." ތިއާ ހަޅޭއްލަވަން ފެށިއެވެ. އެކަމަކު ބަންދު ފާޚާނާ ތެރޭގައި ގުގުމާލާފައިވާ އެއަޑު ބޭރަށް ނުނިކުންނާނެކަން ތިއާއަށް ރަނގަޅަށް އެނގެއެވެ. ތިއާ އިރުގަނޑެއް ވާންދެން ހުއްޓާނުލައި ހަޅޭއްލަވައި އަދި ދޮރު ހުޅުވަން މަސައްކަތް ކޮށް ނާކާމިޔާބު ވެގެން މާޔޫސްކަމާއެކު ގޮސް ބިލިގާގެ ކައިރިފަށުގައި އިށީންދެލި އިރު ލޮލުން ކަރުނަ އަތުވެއްޖެއެވެ.

ލުޖައިން އެނދަށް އަރައި އޮންނަތާ ގަޑިއެއްހާ އިރު ފާއިތުވެ ދިޔައިރުވެސް ލޮލަކަށް ނިންޖެއް ނައެވެ. ހިނގައިދިޔަ ހާދިސާތަކަށް ވިސްނުން ހިންގައިލުމުން އަމިއްލަ ނަފްސް ކުށްވެރި ކުރެވުނީ މާބޮޑަށެވެ. އާރިން އޭނާ އެންމެ ބޭނުންވި ދުވަހު ހުރިހާ އެހީއެއް ވީމައި އެންމެ ފުރުސަތެއް ނުދީ ދިރިއުޅުމުން ބާކީކޮށްލީ ކިހާ ނިކަމެތިކޮށް ހެއްޔެވެ؟ ޝަކީބާވެސް ހެޔޮއެދިގެން އުޅުނީ އަމިއްލަ އެދުމެއް ހާސިލް ކުރުމުގެ ނިޔަތުގައެވެ. އެކަމަކު އާރިން ފިރިހެނެއްގެ ވިސްނުން ލިބުމުގެ މާކުރިން ކުޑަ ކުއްޖެއްގެ ގޮތުގައި ހުރެވެސް އޭނާއަށް އެހީތެރިވީ މައިންބަފައިންނަށްވުރެ ބޮޑަށެވެ. އެދުވަހު ހަޔާތަށް އާރިން ނައިނަމަ މިއަދު އޭނާ ހުންނާނީ ދުނިޔެއިން މޮޔަވެފައި ނޫންކަމެއްވެސް ނޭނގެއެވެ. އޭނާ އާރިން ދޫކޮށްލީ ހަމައެކަނި އަނދިރީގައި ބެހެއްޓީތީއެއްވެސް ނޫނެވެ. އެކަމަކު ޝަކީބާ އާއި މަންމަގެ ނުރުހުން އާރިންއަށް އަމާޒުވުންވެސް އެއީ ވަކިވުމަށް އިތުރަށް ބާރު އެޅި ސަބަބުތަކެވެ. މިއަދު އެޝަކީބާ ވެސް އޭނާ ނިކަމެތި ކޮށްލީމައި އަނެއްކާވެސް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނީ އާރިންއެވެ. ލުޖައިން ލޮލުން ކަރުނަ އޮހޮރެން ފެށީ އަމިއްލަ އިޚުތިޔާރަކު ނޫނެވެ. ހިތަށް އެރިއެވެ. އޭނާއަށް އާރިންއަށް ފުރުސަތެއް ދެވުނު ނަމައެވެ. އާރިން ކިޔައިދޭން މަސައްކަތް ކުރި ވާހަކަތައް އަޑު އެހުނު ނަމައެވެ. އެގޮތަށް ބީރުކަންފަތެއް ދީފައި ދިއުމުގެ ކުރިން ވިސްނައިލެވުނު ނަމައެވެ. ދެން މިއަދު ކިތަންމެ ބޭނުންވިއަސް އެދުވަސް އަނބުރާ އަތުވެދާނެ ހެއްޔެވެ؟ އާރިންގެ ހިތް އަނބުރާ ލިބިދާނެ ހެއްޔެވެ؟ 

އިރުގަނޑެއް ފަހުން ބޭރުން ފިޔަވަޅުގެ އަޑު އަހާފައި ލުޖައިން ފުންމައިގެން ތެދުވިއެވެ. މިގަޑީގައި ގެއަށް އަންނާނެ ހަމައެކަނި ފަރާތަކަށް ހުންނާނީ އާރިން ކަން އެނގޭތީ ލުޖައިން މަޑު ކުރުމެއްނެތި ދުވެފައި ގޮސް ދޮރު ހުޅުވާފައި ނިކުމެއްޖެއެވެ. "އަދިވެސް ނުނިދަނީތަ؟" ސޯފާގައި ދިގު ދެމިލައިގެން އޮތް އާރިން، ލުޖައިން ފެނިގެން އަހައިލިއެވެ. އާރިން އަޑުގައި ޝައުޤުވެރިކަމެއް ނެތަސް އަނގައިން ބުނި ކަމަށްޓަކައިވެސް ހިތަށް އުފާވެރިކަން ލިބުނެވެ. ލުޖައިން ވަކި ޖަވާބެއް ނުދީ ލަސް ފިޔަވަޅުތަކެއްގައި ކައިރިވަމުން ދަނިކޮށް އާރިންގެ ފޯން ރިންގްވާން ފެށުމުން ނަގާފައި ކަންފަތުގައި ޖަހައިލިއެވެ. ލުޖައިން ވަކި ހިސާބަކަށް ގޮސް ހުއްޓިފައި އާރިންގެ މޫނަށް ކަޅި ޖަހައިނުލައި ހުރެގެން ބަލަންފެށިއެވެ. ދައްކަން ބޭނުންވާ ވާހަކަތައް ހިތުތެރޭ ރާވަމުން އާރިން ފޯން ބާއްވާނެ އިރަކަށް އިންތިޒާރުގައި ހުއްޓާ އިރުކޮޅަކުން ތެދުވެފައި ކޮޓަރި އާއި ދިމާއަށް ހިނގައިގަތެވެ. އާރިން އެނބުރި އައިއިރު ޓީޝާޓް ބަދަލުވެފައި ހުރުމުން އަނެއްކާ ބޭރަށް ދާން އުޅޭކަން ލުޖައިންއަށް އެނގިއްޖެއެވެ. ފަސްދީފައި ދިޔައިރު ނޭފަތުގައި ޖެހުނު ސެންޓް ވަހަކުން ލުޖައިންއަށް ލޯމަރައިލަމުން ދެތިންފަހަރު މަތިން ނޭފަތް ދަމައިލެވުނެވެ. ދެން އަނެއްކާވެސް އެކަނިވެރިކަމުގައި ހޭދަ ކުރަން ޖެހޭ ވަގުތުތަކެއް ކުރިއަށް އޮތްކަން ހަނދާންކޮށްފައި އޭނާ ބަދިގެއަށް ވަދެ ކޮފީއެއް ހަދާލައިފިއެވެ. 

ފާޝާ މެންދުރަށް ކައްކަން އައިސް ހުއްޓާ އަހައިގެން އާރިންއަށް މީރުގޮތަށް ކޮފީ ހަދަން ދަސްކުރީ ފުރުސަތު ލިބޭއިރަކުން އެއުކުޅުގެ ބޭނުން ކުރާ ގޮތަށެވެ. ލުޖައިން އާރިން ކޮފީ ބޯން ގެންގުޅޭ މަގުގައި އާރިން އަށް މީރު ގޮތަށް ކޮފީ ހަދައިގެން ބެލްކަންޏަށް ނިކުމެލި އިރު ވިއްސާރަ ހުއްޓާލައިފައި ވިއަސް ވައިގަދައެވެ. އެއްލި ކަޅިއަކުން ލުޖައިން އަށް އާރިން ފެނުނީ މަގުމަތީ ސައިކަލުގައި އިންދައެވެ. ތުންޖަހަން ވެގެން ކައިރިކޮށްލި ކޮފީ ތަށި ދުރުކޮށްލާފައި ބަލަން ހުރެވުނެވެ. އެހާ ދުރުންވެސް އާރިންގެ ރީތިކަން ލުޖައިން ހިތާއި ކުޅެލައިފިއެވެ. ލުޖައިން ބަލަން ހުއްޓާ ސުހާ ނިކުމެފައި އާރިން ފަހަތުގައި އިށީންދެ ބާރަށް ބައްދައިލި ތަނުން ސައިކަލު ދުއްވައިލިއެވެ. އެވަގުތު އެސައިކަލު ދަށުވެފައި ލުޖައިންގެ ހިތް ކުދިކުދިވެގެން ފަރާތްފަރާތަށް ބުރައިގެން ދިޔަހެން ހީވިއެވެ. ހަލުވި ކަމާއެކު ލޮލުތެރެއަށް ޖަމާވި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައި ގަންނާކަށް މިނިޓެއްވެސް ނުނަގައެވެ. ބާރަ އަހަރުއްސުރެ އާރިން އެއީ ހަމައެކަނި އޭނާގެ ހައްޤެއްކަމުގައި ދެކިގެން އުޅެފައި މިއަދު ކުއްލިއަކަށް އެހެން އަންހެންކުއްޖަކާއި ގުޅިގެން އުޅޭތަން ދެކޭނީ ކިހިނެތް ހެއްޔެވެ؟ އެވަގުތުކޮޅުވެސް ލުޖައިންއަށް ކުށްވެރި ކުރެވުނީ އަމިއްލަ ނަފްސެވެ. ކާމިޔާބު ވާން ނެތް ކަމަކަށް އާރިން ވަކި އިންތިޒާރު ކުރާނެ ހެއްޔެވެ؟ ދިރިއުޅުމުގައި ކުރިއަށް ދިއުމުގެ ހައްޤު ކޮންމެ އިންސާނަކަށް ވެއެވެ. އެމަޤާމުގައި އެހެން ޒުވާނަކު ހުއްޓަސް ސުހާފަދަ ލޯބިވާ ކުއްޖަކު ލިބުމުން އެފަރާތަށް ހިތް ދީލައިލާނެކަން ކަށަވަރެވެ. 

ލުޖައިން ރޮއިރޮއި ހުރެގެން މަގު ފުރާ ހުރި ކަޅު ކޮފީ ހުސްކޮށްލި އިރު ކަރުތެރޭގައި ރަނގަޅަށްވެސް ހިތި ރަހަ ހަރުލައިފިއެވެ. އެކަމަކު އެކަން އިހްސާސްވީ ތަށި ހުސްވިފަހުންނެވެ. އޭގެ ފަހުންވެސް އެތައް އިރަކު އިންތިޒާރުގައި ހުރެ އާރިން އެނބުރި އަންނާތީ ނުފެނުމުން ލުޖައިން އެނބުރި ގޮސް ބަދިގެއަށް ވަދެފައި އައިސް ނިދަން އޮށޯވެއްޖެއެވެ. 

ޒޯއީ އެނބުރި އައިސް ބަލައިލި އިރު އީތަން ފެންނަން ނެތުމުން ލިވިން ރޫމްގައި ޓީވީ ހުޅުވާލައިގެން އިނދެ އިންތިޒާރު ކުރަން ފެށިއެވެ. "ޒޯއީ. ނިދާކަށް ނުވޭތަ؟ މިހާރު އެއޮތް ބާރަޖެހީ. މާދަން އޮފީހަށްވެސް ދާން ޖެހޭނެއެއްނު." ޝަކީބާ ފެންޖަގެއް ހިފައިގެން ބަދިގެއިން ނިކުމެފައި ޒޯއީ ފެނިގެން ވާހަކަ ދެއްކިއެވެ. "އީތަން އަދިވެސް ނާންނާތީ މި މަޑުކޮށްލީ." ޒޯއީގެ މޫނުން ފޫހިކަން ފާޅުވަމުން ދިޔައެވެ. އެދެލޮލުގައި ނިދީގެ އަސަރުވިއެވެ. "އީތަން އަތުގަ ތަޅުދަނޑި އޮންނާނެ އެއްނު. ޒޯއީ ދޭ ދެން ނިދަން." ޝަކީބާ އެގޮތަށް ވާހަކަ ދެއްކުމުން ޒޯއީ ދެކޮޅު ނުހަދަންވެގެން ތެދުވިއެވެ. އެހާ ބޮޑަށް ނިދި އައިއްސަ ހުރުމުން އިތުރަށް މަޑުކުރާ ހިތެއް ނުވެސް ނެތެވެ. 

އެންމެން ނިދައި ފައި ހިލަވަޅު އޮބުނުފަހުން އީތަން އައިސް ގެއަށް ވަދެފައި ބަލައިލި އިރު އެކެއް ޖަހައިފިއެވެ. އެކުވެރިންނާއި އެކު މާ ފޯރިގަދަ ފުޓްބޯޅަ މެޗެއް ބަލަން އިނުމުން ވަގުތު ދިޔަ ގޮތްވެސް ނޭނގުނެވެ. އެގެއަށް އައި ފުރަތަމަ ދުވަހުވެސް އެގޮތަށް ދިމާވުމުން އީތަން ހިސާބަކަށް ހިތްހަމަ ނުޖެހުނެވެ. އީތަން ދިގު ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަދެފައި ފުރަތަމަވެސް ފާޚާނާއަށް ވަދެ ފިނި ފެނުން ފެންވަރައިލިއެވެ. ނިދަންލާ ހަރުވާޅާއެކު އައިސް އެނދަށް ވެއްޓިގަނެފައި ލެޕްޓޮޕް ހުޅުވާލައިގެން އޭނާ އިރުކޮޅެއް ވާންދެން އޮތެވެ. އޭސީގެ ފިނިވައި ހުރަހެއްނެތި އައިސް އެހަށިގަނޑުގައި ބީހެން ފެށުމުން އީތަންއަށް އަރާމުވެގެން ނިދައިލާ ހިތްވިއެވެ. ފޯން އެލާމްކޮށްފައި އީތަން ލެޕްޓޮޕް ސައިޑް ޓޭބަލް މަތީ ބެހެއްޓި ތަނުން ބެލްކަންޏަށް ހުޅުވާލެވެން ހުރި ދޮރު ހުޅުވާފައި ހުއްޓާ ފެނިގެން އެދޮރު ލައްޕަން ދިޔައެވެ. ދޮރާއި ކައިރިވެލި ތަނާ މޫނުގައި އައިސް ބީހިލީ އެހާ ފިނި ވައިރޯޅިއެކެވެ. އީތަން ބޭރު ބަލައިލަން ހުރެފައި ދޮރުލައްޕަން އުޅެނިކޮށް ޖެހިގެން ހުރި ތިއާގެ ކޮޓަރިން ބޭރަށް އެޅިފައިވާ ހޮޅިބުރި އަލި ފާހަގަ ވެއްޖެއެވެ. ތިއާ އެހާ ލަސްވަންދެން ނުނިދާ އުޅެނީބާއޭ ހިތަށް އަރާފައި ޚަބަރު ބަލައިލާ ހިތްވިއެވެ. އިރާކޮޅު ބައްދަލުވިފަހުން ތިއާ ނުވެސް ފެނެއެވެ.

ކޮޓަރިން ނިކުމެގެން އީތަން ގޮސް ތިއާ ކޮޓަރި ދޮރާއި ކައިރިވެލާފައި ތަޅުގައި ހިފާ އަނބުރައިލުމާއެކު ހުޅުވިއްޖެއެވެ. ދެވަނަ ސިކުންތުގައި އީތަންގެ މޫނުން ހައިރާންކަން ފެނިގެން ދިޔައެވެ. އެނދުގައި ތިއާ ނުވެސް ނެތީއެވެ. އީތަން ވަށައިގެން ހޯދާލާފައި ފާޚާނާ އާއި ދިމާއަށް ދަނިކޮށް ޒޯއީގެ މަސައްކަތް ފެނިއްޖެއެވެ. "އޯވ!" އީތަންއަށް ބުނެލެވުނީ ހަމައެކަނި އެހެންނެވެ. ތިއާ ފާޚާނާގައި ބަންދުވެފައި ހުންނަތާ ކިހާ އިރެއް ވެއްޖެބާއޭ ހިތަށް އަރައިގެން އަވަހަށް ގޮސް ސްކާފް މޮހައިލާފައި ދޮރުފަތުގައި އަތް އަޅާ އެތެރެއަށް ކޮށްޕައިލިއެވެ. އީތަން އުޅުނީ ތިއާގެ ނަމުން ގޮވައިލަން ވެގެންނެވެ. އެކަމަކު އެއަށްވުރެ އަވަހަށް ފާޚާނާ ތެރޭގައި ގުގުމާލި ހަޅޭކުގެ އަޑު އީތަންގެ ކަންފަތަށް ނުކުޅަދާނަ ވުމުން ފުރަތަމަ ދެކަންފަތުގައި އަތް އަޅައިލެވުނީއެވެ. އެވަގުތު ދޮރު ފުރަގަހުގައި ހުރި ތިއާ ޝިކާރަ އަކަށް ޖަހައިގަތް ސިންގާއެއްފަދައިން އީތަން ކުރިމައްޗަށް ޖެހިގަތުމުން ދެމީހުން އެކުގައި ފަހަތަށް ދިޔައެވެ. އީތަން ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް ނުވިސްނައި ހުއްޓައި އެހާ ކުއްލި ގޮތަކަށް އެހަމަލާ އައުމުން ހިފަހައްޓައި ނުލެވިގެން ދެމީހުން އެކުގައި ތިރީގައި އޮތް މަޑު ކާޕެޓްމައްޗަށް ވެއްޓި ޖެހުނެވެ. އެހާއިރު ތައްޔާރުވެ ހުރެގެން ހަމަލާ އަމާޒުވީ ޒޯއީއަށް ނޫންކަން އެނގިގެން ތިއާ ފެށީ ރޯށެވެ. ތުވާއްޔާއެކު އީތަން ގައިމަތީ އޮވެވުނު ކަމެއް ހިތަކަށް ނޭރިއެވެ. 

"ހޭއި! ޑޯން ކްރައި!" އީތަން ތެދުވަންވެގެން ތިއާ އެއްފަރާތަކަށް ޖައްސާލަން ދެކޮނޑުގައި ހިފިއިރު ފިނިކަމުން ގަނޑުފެންކޮޅެއް ފަދައެވެ. ތިއާގެ ތުންފަތަށް ނޫ ކުލަ އަރައި މުޅި ހަށިގަނޑުގައި ތުރުތުރެއް އުފެދިފައިވާކަން އީތަންއަށް ފާހަގަ ކުރެވުނީވެސް އެހިސާބުންނެވެ. އީތަން ކޮޅަށް ތެދުވެފައި ތިއާ ނަގަން އުޅެން ފެށުމުން ކުރިއަށްވުރެވެސް ބާރަށް ރޮއިގެންފައި ކާޕެޓްގައި މޫނު ޖަހައިފިއެވެ. ކަންބޮޑުވެގެން އީތަންއަށް ބޮލުގައި އަތް ހާކާލެވުނެވެ. ތިއާ އެހާ ހިތްދަތިވެގެން ރޯތަން ފެނުމުން ހިތަށް ވަރަށް އަސަރު ކޮށްފިއެވެ. "ތި ރުއިން ހުއްޓާލާފަ ތެދުވެ ޑްރެސްކޮށްބަލަ. ފިނިކަމުން ޑެޑް ބޮޑީއެއްހެން ހީވަނީ. ކިހާ އިރެއްވެއްޖެތަ ފާޚާނާގައި އިންނަތާ؟" އީތަން ގުދުވެފައި އޯގާތެރިކަމާއެކު ތިއާގެ ކޮނޑުގައި ހިފަހައްޓައިލުމުން ތިއާ ސިހިއްޖެއެވެ. ހުރެވުނު ހާލާއިމެދު ވިސްނުން ހިންގައިލާން އެނގުނީ އީތަން އެހެން ބުނީމައެވެ. 

ތިއާ އަވަހަށް ތެދުވެފައި އަލަމާރި އާއި ދިމާއަށް ދުއްވައިގަތް ތަނާ އަނެއްކާ އަރި އަޅައިލިއެވެ. އެކަމަކު އީތަން ހުޝިޔާރު ކަމާއެކު ދާދި އަވަހަށް އޭނާ ސަލާމަތްކޮށްފައި އުފުލާލައިގެން ގެންގޮސް އެނދުގައި ބައިންދައިފިއެވެ. ލޮލުގައި ހުރި ކަރުނަތަކާ އެކުވެސް ތިއާ ލަދުން ހަލާކުވިއެވެ. ހިތާމަ އާއި ރުޅި އާއި ލަދުވެތިކަން އެކުވެގެން އެމޫނު ފިޔާތޮށި ވެފައިވާއިރު އެހާ މައުސޫމެވެ. އީތަން ތިއާގެ ލަދުވެތިކަން ފާހަގަ ކުރެވިގެން އަލަމާރި ކައިރިއަށް ގޮސް ހުޅުވާފައި ނަގަންވީ ކޮން ހެދުމެއްތޯ ސުވާލު ކުރިއެވެ. "ވައިޓް!" ތިއާ ބުނި ހެދުން ގެނެސް އެނދުމަތީ ބާއްވާފައި އީތަން ނިކުންނަން ދިޔައެވެ. "ނިދަންތަ ތިދަނީ؟" އީތަންއަށް ނުނިކުމެވި އުޅެނިކޮށް ތިއާ ގޮވައިލިއެވެ. "ހޫމ.. އެހެންކަމަށް... އެކަމަކު ތިއާ ބުނެފިއްޔާ ކޮފީއެއް ބޯލަން މަޑުކޮށްލަފާނަން. އައި ތިންކް ޔޫ ނީޑް ވަން." އީތަން އެނބުރިފައިވެސް ތިއާގެ މޫނަށް ސީދާ ނަޒަރެއް ނުދިނެވެ. "ޑްރެސްކޮށްގެން ނިކުންނާނަން." ތިއާގެ ޖަވާބު އަހާފައި އީތަންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ދޮރު ލައްޕާލައިފައި އީތަން ބަދިގެއަށް ގޮސް ދެ ކޮފީ ތައްޔާރު ކުރިއެވެ. 

ތިއާއަށް އުދަނގޫ ވެދާނެތީ ކޮފީ މަގުތައް ކުޑަ ތަބަކަކަށް ލައިގެން އައިސް ދޮރުކައިރީ މަޑުކޮށްލިއެވެ. "ވަދޭ!" ރޭގަނޑުގެ އެހިމޭން ކަމުގައި ތިއާއަށް އީތަންގެ ފިޔަވަޅު އަޑު އިވުނެވެ. ތަބައް ބެހެއްޓިތަނުން ތިއާ ކޮފީ މަގު ނަގައިގެން ބެލްކަންޏަށް ނިކުންނަން ދާން ފެށުމުން ފަހަތުން އީތަން ދިޔައެވެ. 

ކޮޅަށް ހުރުމުގެ ބަދަލުގައި ތިއާ އިށީންދެލީ ބެލްކަނީގައި ބީޗް ޗެއަރ ބަށްޓަމަށް ހުރި ގޮނޑީގައެވެ. އީތަން ރެއިލިންގައި ބުރަކަށި ޖައްސާލައިގެން ހުރެފައި ތިއާގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގައިލީ ސިއްރު ލޮލަކުންނެވެ. ފައިގެ ކަށިމައްޗާއި ހަމައަށް އަންނަ ހުދު ހެދުމުގައި ތިއާ ނިކަން މައުސޫމުވެފައި ލޯއްބެވެ. އިސްތަށިގަނޑު އައްސާފައި އޮތުމުން ތަފާތު ގޮތެއް ހުއްޓަސް ތިއާގެ އެސިފަވެސް އީތަންއަށް ކަމުދިޔައެވެ. 

"ދެން ބުނެބަލަ. ޒޯއީ ކަމެއްތަ އެއީ؟" އީތަން ކޮފީ ކޯވަރެއް ރަހަ ބަލައިލައިފައި ސުވާލު ކުރިއެވެ. ތިއާ ޖަވާބު ދިނުމުގެ ބަދަލުގައި އިސްޖަހައިލިތަން ފެނިގެން އީތަން ބަލަހައްޓައިގެން ހުއްޓެވެ. "އީތަންއަށް އެނގޭތަ ޒޯއީ ބަންދު ތަންތަންދެކެ ބިރުގަންނަނީ ކީއްވެކަން؟" ތިއާ އިސްއުފުލައިލި އިރު ލޮލުން ފެނުނީ ތަފާތު ކުލަވަރެކެވެ. "އަހަރެންނާއި ޒޯއީ އިތުރު ކުއްޖަކާއި އެކު ކުޅެން އުޅުނު ދުވަހެއްގަ ޒޯއީ ފިލަން ވަނީ ފާޚާނާއަށް. ދެން އަހަރެން އޭރުވެސް އަހަރުމެން ވަރަށް ފައިޓް ކުރަން. މަންމަ ޒޯއީ ރަންކޮށްގެން އުޅޭތީ އަހަރެން ހުންނަނީ ވަރަށް ރުޅިގަދަވެފަ. އެދުވަހު އަހަރެން ޒޯއީއަށް ނުނިކުމެވޭނެހެން ފާޚާނާ ދޮރު ބޭރުން ބަންދުކޮށްފައި ހުއްޓަ އެކުގައި އުޅުނު އަނެއް ކުއްޖާގެ މަންމަ ބަލާއައިސްގެން ދިޔައީ. މަވެސް ދެން ޒޯއީ ފާޚާނާގަ ވީކަން ހަނދާންނެތި ކާޓޫން ބަލަން އޮތީ. އިރު އޮއްސުނު ފަހުން މަންމަ އައިސް އެހީމަ ހަނދާންވެގެން ދިޔައިރު ޒޯއީ އޮތީ ޚަބަރު ހުސްވެފަ. ހޮސްޕިޓަލަށްވެސް ގެންދިޔަ. އެފަހުން އޭނަ ލިފްޓަށް އަރަންވެސް ބިރުގަންނާނެ. އީތަންއަށް އެގޭތަ އަހަރެން މިވާހަކަ އެކަކު ކައިރީވެސް ނުބުނަން." ތިއާ ވާހަކަ ނިންމާލައިފައި ހަތަރު ކަޅި ހަމަކޮށްލި އިރު ކަރުނުން ދެލޯ ވިދައެވެ.

"ކޮންމެ މީހެއްގެވެސް ޕާސްޓްގަ ރިގްރެޓްތަކެއް ހުންނާނެ ތިއާ." އީތަން އިރުކޮޅެއް ވާންދެން ބަލަން ހުރެފައި އަނެއް ފަރާތަށް އެނބުރި ތިރި ބަލަން ފެށިއެވެ. "އަހަރެން ވާހަކައެއް ބުނިއްޔާ ސަޕްރައިޒް ނުވައްޗޭ!" އީތަން އިރުކޮޅަކުން އެނބުރި ފައި އެހެން އަހައިލުމުން ތިއާ ކުޑަކޮށް ހިނިތުންވެލިއެވެ.

ކޮމެންޓް 0