ތިއާގެ ވާހަކައިން މާހައުލަށް ހުއްޓުމެއް އައިއްސައިވާކަން އިހްސާސް ވެގެން އެކިމީހުންގެ މޫނަށް ވަކި ވަކިން ބަލައިލައިފައި ހިނިތުންވުމަކާއެކު އެއްލޯ މަރައިލިއެވެ. އެއަދާއިން އެތާތިބި އެންމެންނަށްވެސް ވިސްނުނެވެ. އަދި އެއްވެސް ކަމެއް ގޯހެއް ނުވެއެވެ. އާރިން ހަމަޖެހުމުގެ ނޭވައެއްލާފައި "އަނބި ޤަބޫލުކޮށްފީމޭ" ބުނެލުމުން ލުޖައިންއަށް އެމޫނަށް ބަލައިލެވުނެވެ. ޚުދު އާރިންގެ ނަޒަރުވެސް އެވަގުތު ހުއްޓިފައި ހުރީ ލުޖައިންގެ ރީތި މޫނަށެވެ. އެސާފު ދެލޮލަށް ޖަމާވަމުން އައި ކަރުނަތައް ރީތިކޮށް ފާޅުވަމުން ދިޔައެވެ. ލޮލާއި ލޯ ގުޅި ހިނދުކޮޅަކަށް ދުނިޔެވެސް މަޑު ޖެހިލި ކަހަލައެވެ. ވައިރޯޅި ހިނދި ހުރިހާ އަޑެއް މެދުކެނޑިގެން ދިޔަހެން ލުޖައިންއަށް ހީވިއެވެ. އެއްވެސް ފާރެއް ހުރަހެއްނެތް ބޮޑު ތަނެއްގައި އެކަނި އާރިން އެހުރީ ހަމައެކަނި އޭނާގެ ހައްޤެއް ކަމުގައެވެ. އުމުރުން ބާރަ އަހަރުގައި ދެކެންފެށި ހުވަފެނުގައި އަދި ކިރިޔާ ހަޤީޤީ ކުލަ ޖެހުނީއެވެ. އޭނާ މިއޮތްހާ ދުވަހު ދެކުނު ހުރިހާ އުފަލެއް ތިލަފަތުގެ އެއްފަރާތަކަށް އަޅައިލީމައިވެސް މިވަރުގެ އުފަލެއް ނުލިބޭނެއެވެ. މީ ޔަޤީނުންވެސް ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހެވެ.
ލުޖައިންގެ އަތްތިލައިގައި އާރިން ހިފައިލި އިރު ގަނޑުފެންކޮޅެއް ފަދައެވެ. ލުޖައިން ބުދެއްހެން ބަލަން އިން އިރު އެމޫނުވެސް މައުސޫމުކަމުން އާރިންގެ ހިތަށް ފުން އަސަރު ކުރުވިއެވެ. ވަށައިގެންވި މީހުން ހަނދާން ނައްތައިލައިފައި ލުޖައިން ގެނެސް ބައްދައިލަން އެހާ ބޭނުންވި ވަގުތެއް ނާދެއެވެ. އަމިއްލަ ނަފްސް ވެސް ފަޚުރުވެރިކަން ފާޅުކޮށްލީ އެކުޑަ އަންހެންކުއްޖާ އޭނާދެކެ ލޯބިވާވަރު އިހްސާސްވެފައެވެ.
"އޭ ދެން ރޯން ނުފަށައްޗޭ!" ތިއާ ފޯން ބާއްވާފައި އަވިއްސެއްހެން އައިސް އިށީންނީ ލުޖައިން އުނގުގައެވެ. އޭރު ކައިވެނިކޮށްދިން މީހުން ތެދުވެފައި އާއިލާގެ މެމްބަރުންނާއި ސަލާމް ކުރަނީއެވެ. އާރިން ލުޖައިން އަތުން ދޫކޮށްލައިފައި ތެދުވެ އެމީހުންނާއި ސަލާމްކުރަން ފެށިއެވެ. ތިއާ ލުޖައިންގެ މޫނުކޮޅުގައި ހިފާފައި މަގަތަށް އަނބުރައިލި އިރު އެލޮލުން ކަރުނަ އަތުވެއްޖެއެވެ. "އާވ...ސްވީޓީ..!" ތިއާ އުފަލުން ލުޖައިން ގައިގައި ބައްދައިލި އިރު އެލޮލުންވެސް ފެން އަންނަ ގޮތްވިއެވެ. ލުޖައިންއަށް ޓަކައި އުފާވި މިންވަރަށް ލުޖައިންގެ ނަސީބާއި މެދު ވިސްނައިލެވުމުން އަމިއްލަ ނިކަމެތިކަން ހަނދާންވީއެވެ. ލޯބިވާ މީހަކާއި ކައިވެނި ކުރެވޭނީ ކިތައް މީހުންނަށް ހެއްޔެވެ؟ ޔަގީނުންވެސް އޭނާގެ ނަމަކީ އެލިސްޓުން އުނިވެފައިވާ ނަމެކެވެ. އަދި އިތުރު ކަމެއްވެސް ތިއާ އެހުންނަނީ އެންމެންނަށް ސިއްރުކޮށްލައި ގެންނެވެ. ހިތަށް އަރަނީ ހަމަ މިރޭ މިވަގުތު ކުއްލި އަކަށް އެހެން ދިވާނީ އިއްތިފާޤަކުން ހެއްޔެވެ؟ ނޫނީ ޒަކްވާން ގަސްތުގައި ކުރި ކަމެއްބާވައެވެ؟
ތިއާ ސިއްރުން ލޯ ފުހެލައިފައި ތެދުވިތަނާ އެހެން އެންމެން އައިސް ލުޖައިންމެން ވަށައިލައިގެން މަރުހަބާ ކިޔަން ފަށައިފިއެވެ. ނާހިދާ އާއި ޝަކީބާ ކައިވެނި ކޮށްދިން މީހުންގެ ކެއުން ކަންތައް ހަމަޖައްސަން ކުރީގައި ހުރެގެން ދާން ފެށުމުން ތިއާވެސް ދުރަށް ޖެހިލައިފައި ގޮސް އެތަނުން ނިކުތެވެ. ތިއާ ފޯނު ހިފައިގެން ޓެރަސްއަށް އެރިއިރު އެތަން އޮތީ ޕާޓީއަށްޓަކައި ޑެކަރޭޓްކޮށް ނިމިފައެވެ. އާރިން ބޭނުންވިފަދައިން ހަމައެކަނި އާއިލާގެ މީހުންނާއި ގާތްތިމާގެ މީހުން އަދި ބައެއް އެކުވެރިންނަށް ދައުވަތު ދެވިފައިވެއެވެ. ޝަހީމު އާއި ނާހިދާގެ އިތުރުން ޒާހިދު ހުށައަޅައިގެންވެސް އާރިން އެހަފްލާ ކުޑަކޮށް ބާއްވާން ބޭނުންވީ ބޭކާރު ކަމެކޭ ކިޔައިފައެވެ. އެކަމަކު ހަމައެކަނި އެޓެރަސް ވެސް ޑެކަރޭޓްކޮށްލައިފައި އޮތީ ފެންނަމީހުން ސިއްސައިގެންދާ މިންވަރަށެވެ. ލުޖައިންއަށް ނުވެސް އެނގި ތިއާ ސިއްރުން ހެދުމެއް ގެންގޮސްގެން ޕާޓީއަށް ހެދުމެއް ފައްސާފައި އޮތްކަން އެނގުނީވެސް ކޮޓަރިއަށް ގެންގޮއްސައި ލާން ހެދުން ދިނީމައެވެ. އެއިރު އަނެއްކޮޅުން އާރިން ހުރީ ރަފާލް ބާރުފޯރުވައިގެން ގެންގޮސް އާރިންގެ ކޮޓަރިއަށް ވައްދައިފައެވެ. އެތެރެއިން މަޑުފެހި ކުލައިގެ ގަމީހަކާއެކު ހުދު ޓަކްސިޑޯއެއްގައި އާރިން ސްމާޓްކަމުން ރަފާލްވެސް ތައުރީފް ކޮށްލިއެވެ.
ރަފާލް އާރިން ގޮވައިގެން ޓެރަސްއަށް ދާން ގޮއްސައި ލުޖައިން އުޅޭ ކޮޓަރި ކައިރިއަށް މަޑުކޮށްލިއެވެ. އެތެރޭގައި ބިއުޓީޝަނުން ލުޖައިން ވަށާލައިގެން ތިބެ ފަރި ކުރަނީއެވެ. ލުޖައިން އިނީ އެވަގުތު ކޮޅަށް ތިއާ ވަންތަނެއް ނޭނިގެން ކަންބޮޑުވެފައެވެ. ކައިވެނި ކޮށް ނިމުމުން އޭނާ ފުރަތަމަވެސް ޝުކުރު އަދާ ކުރަން ބޭނުންވީ ޒަކްވާން އަށެވެ. އެކަމަކު އޭގެ ފަހުން އޭނާއަށް އަދި ޒަކްވާންވެސް ނުފެނެއެވެ. ލުޖައިން ލައިގެން އިން މަޑުފެހިކުލައިގެ ހެދުމުގައި ހުދުކުލައިން މަލާއި ޑިޒައިން ހަދާފައި އެހާމެ ނަލަކޮށް ބޮލުގައި އޮޅާފައި އޮތީ ހުދު ޝޯލް އެކެވެ. އާރިން އޭނާ ބުރުގާ އަޅުވަން ގަސްތުކުރާ ވާހަކަ ލުޖައިން ބުނީ އެކަނި ތިއާ ކައިރީގައެވެ. ތިއާ މިހުރީ އެޕޮއިންޓްވެސް ރަނގަޅަށް ހިތުގައި ނޯޓްކޮށްލައިފައެވެ. ޝޯލް އަޅަން އުޅުނުގަޑީ އެތަނުން ކުއްޖަކު ތިއާ ލިޔެފައި އޮތް ނޯޓެއް ލުޖައިންއަށް ދެއްކިއެވެ. "މީ ވެޑިންގައި އާރީއަށް ދެވޭނެ އެންމެބޮޑު ސަޕްރައިޒް *ވިންކް*" މިހެން ލިޔެލާފައި އޮތެވެ. އިރުކޮޅަކުން އެއަންހެންކުދިންތައް ލުޖައިން ތައްޔާރު ކުރުވާފައި ދެއަތުގައި ހިފައިގެން ގެންގޮސް ނެރެވުނީ ރަފާލް އާއި އާރިން ކުރިމައްޗަށެވެ.
ލުޖައިން އަރަބި މޮޑެލްއެއްހެން ބުރުގާއެކު ފެނިފައި ރަފާލްއަށް ވެސް "ވާހ" އޭ ކިޔާ ލެވިއްޖެއެވެ. އަނެއްކޮޅުން އާރިން ހުރީ ރަނގަޅަށްވެސް ބަސް ހުއްޓިފައެވެ. އާރިން ފިޔަވަޅެއް ކުރިއަށް އަޅާލައިފައި ލުޖައިންގެ މޫނުގައި ދެއަތުން ހިފާ އުފުލައިލި އިރުވެސް ހުރީ އެސްފިޔަތައް ތިރިކޮށްގެންނެވެ. އާރިން ކިރިޔާ ނަޒަރެއް ދިނަސް ރަކިވާ ކުއްޖާ މިއަދު އެހުރީ ލަދުން މަރުވާވަރު ވެފައެވެ. އެސިފައިގައި އެންމެ ފުރަތަމަ އާރިން ކުރިމައްޗަށް އަރަން ޖެހުމުންނެވެ. "ބަހެއްވެސް ދުލަކަށް ނައި ތިރީކަން ބުނެދޭކަށް!" އާރިން ޖަޒުބާތީވެފައި މަޑުމަޑުން ބުނެލުމުން ކައިރީގައި ތިބި ދެކުދީންވެސް އެކަކު އަނެކަކަށް ބަލައިލައިފައި ސިއްރުސިއްރުން "ހާދަ ރޮމްއޭ" ބުނެލިއެވެ. ރަފާލް ކުޑަކޮށް ހީލާފައި އާރިން ކޮނޑުގައި ޖަހައިލުމުން ސިހޭގޮތްވެފައި އަވަހަށް ލުޖައިން މޫނުން ދެއަތް ވަކިކޮށްލިއެވެ.
"ތިއާ! ކޮބާތަ ޒަކްވާން؟" ތިއާ ފޯންކޮށް ނިންމާފައި ތިރިއަށް ދާންވެގެން ލިފްޓަށް އަރަން ދަނިކޮށް ޝަކީބާ ގޮވައިލިއެވެ. ތިއާ ކަންބޮޑުވެގެން ފުރަތަމަވެސް ދަތް އަޅައިލެވުނީ ތުންފަތުގައެވެ. އެހިސާބުން އޭނާ ކޮންމެވެސް ބޮޑު މީހެއްގެ އެހީ ނުހޯދައި ވާކަށް ނުވެސް އޮންނާނެއެވެ. ތިއާ ވިސްނާލައިފައި ޝަކީބާ ކައިރީ ވީގޮތް ކިޔައިދިނުމުން މޭގައި އަތްއަޅާފައި ލޯ ބޮޑުކޮށްލިއެވެ. ޝަކީބާ އަޑު އިވޭ ހިސާބުގައި މީހަކު ހުރިތޯ ވަށައިގެން ހޯދައިލައިފައި ތިއާ ގޮވައިގެން ތިރިއަށް ދާން މިސްރާބުޖެހިއެވެ. ލިފްޓް ތެރެއިން ރީމް އާއި ދިމާވިއެވެ. އެކަމަކު ނަސީބަކުން ރީމް އެއްވެސް ސުވާލެއް ނުކުރެއެވެ. ރީމްއަށް ޝައްކެއްވެސް ނުވީއެވެ. މަގުމައްޗަށް ނިކުމެފައި ޝަކީބާމެން ކާރުގައި މިސްރާބު ޖެހީ ޕޮލިސް ސްޓޭޝަންއަށް ދާށެވެ.
ޓެރަސްއަށް އަރާފައި ދެމީހުންވެސް ތިބީ ހައިރާންވީ ވަރުން ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އެހާ ކުރު މުއްދަތެއްގެ ތެރޭގައިވެސް ކައިވެންޏަށް އާއިލާއިން ހާދަ ތައްޔާރެއް ކޮށްފިއެވެ. ހާމައަށް އުޑު ފެންނަމުން ދިޔައިރު ފިޔަޖަހަމުން ދިޔަ އެތައް ހާސް ތަރިތައްވެސް ގެނެސްދެމުން ދިޔައީ އިތުރު ފުރިހަމަ ކަމެކެވެ. ތައްޔާރީތައް ހުރީ ޕާޓީއަށްވުރެ ބޮޑަށް ޑިނަރ ނައިޓަކާއި ވައްތަރު ވާގޮތަށެވެ. ހުރިހާ އެންމެންނަށް ތިބެވޭގޮތަށް ދިގު މޭޒުތަކެއް ގުޅުވާފައި ހުދު ފޮތި އަޅާލައިފައި ހުރިއިރު މީރުހާ ކާނާއިން އެމޭޒުމަތި އެކީއެކަށް ފަޅުފިލުވާލައިފައި ވެއެވެ. ތާޒާ މާމެލާމެލި ޖަހާފައި ކޮންމެ މޭޒެއްގެ ވާސްއަކާއި އުއްބައްތި ސްޓޭންޑްތައް ބަހައްޓާފައި ހުއްޓެވެ. ވަށައިގެން ބޮޑެތި މުށިގަނޑު ތަކުގައި ފެހި ގަސްތަކާއި ހުދާއި ފެހީގެ ލޭސްފޮތި ބޭނުންކޮށްފައި އަދި ވަކި ތަންކޮޅެއްގައި ކުޑަވަރެއްގެ މާކުއީއެއްގެ މެދުގައި ހުރީ ވަށް މޭޒަކާއި ދެގޮނޑިއެވެ. ހީވާގޮތުން އެއީ އަލަތުދެމަފިރީންނަށް ހާއްސަވެފައިވާ މަޤާމެވެ. ގަސްތައް ގިނަކަމުން މާ ބަގީޗާއެއް ފަދައެވެ.
ލުޖައިންއަށް ހަމައެކަނި މާ ވިއްކާ ފިހާރަތަކުން ފެނިފައިވާ ވައްތަރު ވައްތަރުގެ މާ ގަސްތައް އެކިހިސާބުގައި ހުރުމުން އިންތިހާއަށް ރީތިވިއެވެ. އަދި ޓެރަސްގައި ހުރި ހަމައެކަނި ފާރުގެ އެއްކޮޅުން އަނެއްކޮޅަށް ހުދު އަލީގެ އެތައްބައިވަރު ބޮކިފަތިތައް މަތިން ތިރިއަށް އެލުވާލައިފައި އޮތްއިރު ފެންނަ ކޮންމެ މީހަކު އަޅައިގަނެއެވެ. ނުހަނު ޝާހީވެފައި ހައިބަތު އަންގައިދެއެވެ.
އާރިން ލުޖައިން އަތުގައި ހިފާލައިފައި ގޮސް މާކުއީގެ ދޮރާއި ވާގޮތަށް ތިރިއަށް އެލިފައި އޮތް ދެލޭސްގަނޑު ދުރުކޮށްލާފައި ވަންތަނާ ހުދު ޔުނީފޯމްގައި ތިބި ދެވޭޓަރަކު ކައިރިވެލާފައި އެމީހުން އިށީންނަން ގޮނޑި ދަމައިލިއެވެ. އެއަށްފަހު މާކުއީ ދޮރުމައްޗަށް އޮތް ލޭސްގަނޑުވެސް ތަނބާއެކު އައްސައިލިއެވެ. ހާޟިރުނުވާ މީހުންގެ ނަންތައް އެންމެންގެ ދޫމައްޗަށް އައި ހިސާބަކީ އެއީއެވެ. ސުވާލު ކޮށްލި އިރު ޒަކްވާން ދުށްމީހަކު ވެސް ނެތެވެ. ރީމްއަށް ފެނުނީ ތިއާ އާއި ޝަކީބާ އެކުގައި ތިރިއަށް ދަނިކޮށެވެ. ޒާހިދު ޝަކީބާ ފޯނަށް ގުޅަން ފެށުމުން ރަފާލް ގުޅީ ޒަކްވާން އަށެވެ. ރީމް ތިއާ އަށެވެ. ލުޖައިން ކަންބޮޑުވެފައި އިނދެގެން އާރިން އަތުގައި ހިފައިލަން އުޅެނިކޮށް މޯބައިލް ރިންގް ވާން ފެށިއެވެ. އާރިން މޯބައިލަން ނަގާ ކަންފަތުގައި ޖަހާލުމާއެކު އިރުކޮޅަކުން އެމޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ.
ޝަކީބާ އެތެރެއަށް ވަދެފައި ސުވާލު ކޮށްލުމުން ޒަކްވާން ވީ ތަން ސާފުވިއެވެ. މަންމަ ފަހަތުން ގޮސް ޒަކްވާން އިން މޭޒު ދޮށަށް ހުއްޓިފައި ތިއާއަށް އެއަތުގައި ބާރަށް ހިފައިލެވިއްޖެއެވެ. ތިއާގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ޕޮލިސް ސްޓޭޝަނަކަށް ވަދެވުމުން ނުތަނަވަސް ވާގޮތް ވިއެވެ. "ޒަކްވާން! ޔޫ އޯލްރައިޓް؟" ޝަކީބާ ޒަކްވާން ކޮނޑުގައި އަތް ބާއްވައިލުމާއެކު އެނބުރި ބަލައިލައިފައި އަނެއްކާވެސް އެނބުރުނީ ދުރަށެވެ. ކުށްވެރިޔާގެ މައިންބަފައިން އައިތަން ފެނިފައި ޕުލުސްމީހާ އެމީހުންނާއި ކުރިމަތިލިއެވެ. "ބުނޭ! ކިހާ ފައިސާއެއް ދޭންވީ؟ ބުނިވަރެއް ދޭނަން. ފައިސާ ގަބޫލުކޮށްފަ އަހަރެންގެ ދަރިފުޅު ގެއަށް ފޮނުވައިދީ!" ޝަކީބާ އާދޭހާއެކު ވާހަކަދައްކަން ފެށިއެވެ. "ތިވާހަކައޭ އަޅުގަނޑުވެސް މީނަ ކައިރީ މިކިޔަނީ. ޖޫރިމަނާ ދައްކާފަ ގެއަށް ދާންވީއޭ ބުނީމަ ބުނާއެއްޗަކީ މިރޭ ހަތަރުދަމު މިކޮޅުގައި މަޑުކުރުވާނީ ކިހާ ފައިސާއެއް ދިނީމަހޭ. އަޅުގަނޑު ވަރަށް ވިސްނައިދީފިން. ދެން ތިބޭފުޅުން ވިސްނައިދީބަލަ!" ފުލުސްމީހާގެ ވާހަކަ އިވިފައި ޝަކީބާ ފަދައިން ތިއާ ވެސް ސިހުނެވެ.
"ކިހިނެއްވީ؟" އާރިން ފޯން ބޭއްވިތަން ފެނިގެން ލުޖައިން އަހައިލިއެވެ. މާހައުލަށް ވެރިވެފައިވާ ހިމޭން މިއުޒިކްގެ އަޑާހެދި ނަސީބަކުން އެމީހުންގެ ވާހަކަ ދެން ތިބި މީހުންގެ ކަންފަތަށް ފޯރާވަރެއް ނުވެއެވެ. "އެގުޅީ ފްރެންޑެއް. ޒަކްވާން ލައިސެންސް ނެތި ކާރު ދުއްވާފައި ދަނިކޮށް ކުޑަ އެކްސިޑެންޓްވެ ޕޮލިސް ސްޓޭޝަނަށް ގެންދިޔަ ވާހަކަ ބުނީ. ވެދާނެ ޒަކްވާން މަންމައަށް އެކަން އެނގިގެން ދިޔައީ ކަމަށް." އާރިން އެކަނި ލުޖައިންއަށް އިވޭވަރަށް ވާހަކަދެއްކި އިރު އެމޫނުގައި މޮޅިވެރިކަމެއް ވިއެވެ. ޒަކްވާންއަށް ޓަކައި އާރިންވެސް ހިތާމަ ކުރަނީ ކަހަލައެވެ. ލުޖައިން ސުބުހާނަﷲއޭ ކިޔާފައި މޭގައި އަތް އަޅައިލެވުނެވެ. މެހުމާނުން އެއްވެފައިވާ އެމާހައުލުގައި އަޑު ފެތުރިގެން ލިބިދާނެ ހުތުރަކަށް ވިސްނާފައި ދެމީހުންވެސް ވާހަކަދެއްކީ ސިއްރުންނެވެ.
"ދެން ކިހިނެތް ހަދާނީ؟ ޒެކް ސަލާމަތްވާނެތަ؟" ލުޖައިން ޖުމްލަ ނިންމާފައި ފާޑަކަށް އަނގަ ހަދައިލެވުނެވެ. އާރިން ކުރިމަތީ އެހާ ގާތްކޮށް ޒަކްވާންއަށް ނިސްބަތް ކުރެވުމުން ކަންބޮޑުވިއެވެ. ޚުދު އާރިންވެސް އެކަން ފާހަގަ ކުރިކަން އިނގެނީ ލޮލަށް ހަދައިލި ގޮތަކުންނެވެ. އެވަގުތު ނޯކަރަކު އައިސް މޭޒުމަތީ ބާއްވައިލީ ވޮލެޓެކެވެ. "ތީ ޒަކްވާން ވޮލެޓް." ހަމަ ފެނިފައި ލުޖައިންއަށް ފާހަގަ ކުރެވިއްޖެއެވެ. އާރިން ނިތަށް ރޫ އަރުވާލައިފައި ވެސް އެއްޗެއް ނުބުންޏެވެ.
"އެކަކުވެސް ފޯނެއް ނުނަގާ. އަނެއްކާ ކަމެއް ގޯސްވީތަ؟ ރަފާލް ދޭބަލަ ބަލައިލަން!" ޒާހިދު ކަންބޮޑުވެގެން އެދުނެވެ. އެވަގުތު އާރިންވެސް ތެދުވެފައި ރަފާލް ފަހަތުން ދިޔައެވެ. ލުޖައިން ހިމޭންކަމާއި އެކު ވިސްނަން އިނދެފައި ޒަކްވާންގެ ވޮލެޓް ނަގައި ހުޅުވައިލީ ވަކި ހާއްސަ ބޭނުމަކު ނޫނެވެ. އެކަމަކު ވޮލެޓް ތެރޭގައި އިން އޭނާގެ ފޮޓީ ފެނިފައި ވަގުތުން މޭގަނޑު ފިނިވެގެން ދިޔައެވެ. ލުޖައިން ރޫރޫ އަޅައިލި ދެއަތުން އެފޮޓޯގަނޑު ނަގަން އުޅެނިކޮށް އެތެރެއިން މައްޗަށް ހިއްލުނީ ކުޑަ ކަރުދާސް ކޮޅެކެވެ. ލުޖައިން ވަށްކަޅިން ދެފަރާތް ބަލައިލާފައި ކަރުދާސްކޮޅު ނިއުޅައިގެން ބަލައިލިއެވެ.
"މިވަރުން ގަބޫލު ކުރެވޭނެތަ އަހަރެން ލޫލޫދެކެ ވަނީ ތެދުވެރި ލޯބިކަން؟ ސީ! އަހަރެން ލޫލޫއަށް ޓަކައި ކޮންމެ ކަމެއްވެސް ކުރަން މިހުރީ ތައްޔާރަށް." ނޯޓް ކިޔާފައި ލުޖައިންގެ މޭގަނޑު ކުރިއަށްވުރެ ބޮޑަށް ފިނިވިއެވެ. ޒަކްވާން ލައިސެންސާއެކު ވޮލެޓް ބާއްވާފައި އެދިޔައީ ހަމަ ގަސްތުގައެވެ. ލުޖައިން ކުރީ ރެއަކު ގޮސްގެން އާދޭސް ކުރީމައި ވަޢުދުވެވެން ނެތްކަމަށް ބުނެފައި ވެއެވެ. އެކަމަކު ޒަކްވާން މިއަދު ވަޢުދަކާއި ނުލައި އެކަންވެސް ކޮށްފިއެވެ.
ރަފާލް މެންނަށް ލިފްޓުން ނިކުމެވުނީ ޝަކީބާގެ ކުރިމައްޗަށެވެ. ފަހަތުގައި ޒަކްވާން އާއި ތިއާވެސް ހުއްޓެވެ. "މިތިބީނު. އަވަހަށް އާދޭ ޓެރަސްއަށް ދާން. މިހާރު އެންމެން އެބަތިބި ކަންބޮޑުވެފަ." ރަފާލް ގާތްގޮތަކަށް ވާހަކަދެއްކިއެވެ. އެއަށްފަހު ފަސްމީހުން ލިފްޓަށް އަރާފައި އިރުކޮޅަކުން ގޮސް ޓެރަސްއަށް ނިކުތެވެ. ހިމޭންވެފައިވާ މާހައުލަށް އުފާވެރިކަމުގެ ރާޅެއް ޖަހައިލިފަދައެވެ. އެތެރެއަށް ވަދެގެން އައި ފަސްމީހުން ފެނިފައި ހިތްތަކުގައި ވި ނުތަނަވަސްކަން ފިލައި ހަމަޖެހިއްޖެއެވެ. ޒަކްވާން އިސްޖަހާލައިގެން ގޮސް ހުސް ގޮނޑިއެއްގައި އިށީންދެފައި ބަލައިލި އިރު ލުޖައިން އިނީ ބަލަހައްޓައި ގެންނެވެ. އެލޮލުން ފައުޅުވަމުން ދިޔަ ކުލަވަރު ތަރުޖަމާ ކުރާކަށް ޒަކްވާން އަކަށް ނޭނގުނެވެ. ހުނުމާއި މަޖާ ވާހަކަ ތަކާއެކު ކެއުން ކުރިއަށްދާން ފެށީ އެންމެ ފުރަތަމަ ޒާހިދު ދެއްކި ވާހަކަ ކޮޅަކަށް ފަހުގައެވެ.
ޒާހިދު އެންމެންގެ ކުރިމަތީގައި އާރިން އެއީ އޭނާގެ ދެވަނަ ފިރިހެން ދަރިފުޅުކަން ހާމަކޮށް އެގޭގެ އެހެން ކުދިން ފަދައިން ޤަދަރާއި އިއްޒަތް ދިނެވެ. ފޮރުވައިގެން ލިބެން އޮތް ގެއްލުމެއް ނެތަތީވެ އާރިން ނާޖާއިޒް ވުމުގެ ވާހަކަ އޮތީ ސިއްރު ކޮށްފައެވެ. ޝަހީމުވެސް ދެކޮޅެއް ނުހަދައެވެ. އެކަމަކު ހިތަށް އަސަރު ކުރިކަން އެލޮލުން ދޭހަވިއެވެ. އެކައިވެންޏާއި މެދު ޒާހިދު ހިތާއި ރޫޚުން އުފާ ކުރާ ވާހަކަ ފާޅުކޮށްފައި ނިންމާލުމުން ޝަހީމު އާއި ރަފާލްވެސް އެންމެންގެ ހާޟިރުގައި އެރީތި ޖޯޑަށް މަރުހަބާ ކިޔައި ވާހަކަކޮޅެއް ދެއްކިއެވެ. ރަފާލްގެ ވާހަކައިގެ ތެރޭގައި ހަނީމޫން ޕެކޭޖެއް ހަދިޔާކުރިއެވެ. ރަފާލް ހަމަ ގަސްތުގައި އިންގްލެންޑް ފަދަ ތަނެއް ނުހޮވައި ޕެރިސް ހޮވީ މާޒީވި ދުވަސް ތަކުރާރު ވެދާނެ ކަމަށް ބިރުންނެވެ. ހަފްލާގައި އެންމެ އަގުބޮޑު ހަދިޔާއެއް ދިނީވެސް ޒާހިދު އެވެ. ޒާހިދު ގަނެފައިވާ ބިމުގައި އަޅައި ނިމިފައިވާ ގަނޑުވަރެއްފަދަ ރީތިގެ އާރިން އާއި އަންހެނުންނަށް ހަދިޔާ ކުރީ އެހެން މީހަކު ކިޔާނެ އެއްޗަކަށް ނުބަލައެވެ. ޝަކީބާއަށް އިވިގެން ކޮށިނޭރީ ކިރިޔާއެވެ. ޒަކްވާން ހިތަށް އެއްޗެއް ނޭރިއަސް ތިއާ އިނީ އެކަމާވެސް އުފާވެފައެވެ. ޝަހީމުގެ ފަރާތުން ޕާޓީގެ ހުރިހާ ކަމެއް ހަމަޖެހިފައި އޮތުމުން އެއީ ޝަހީމުގެ ހަދިޔާއެވެ.
ނިމުމުގެ ވަގުތު އައުމުން އެންމެ ކަންބޮޑުވީ ޒަކްވާން އެވެ. މެހުމާނުންތައް ގޮސް ހުސްވިފަހުން ތިއާ ލުޖައިން އަތުގައި ހިފާލައިގެން ގެންދާތަން ދެކެފައި ޒަކްވާންއަށް ހިނގައި ގަނެވެން އުޅުނެވެ. ބާރު ބާރަށް ގޮސް ލުޖައިން އަތުގައި ހިފާފައި ހުއްޓުވަން ހިތް ގޮވައިލިއެވެ. އެކަމަކު އޭނާ ކެތްކުރިއެވެ. އަމިއްލަ ނަފްސް ކޮންޓްރޯލް ކުރިއެވެ. ދެރައީ އެތަން ދެކެންވެސް ޖެހުނީމައެވެ. އަމިއްލަ ބާރެއް ހިނގާނަމަ އިރު އަރަންދެން އޭނާ އުޅުނީހީ ގެއާއި ވެސް ދުރުގައެވެ. ޕޮލިސް މީހާއަށް ޒަކްވާން އެގޭތީ އާދޭސްކޮށް އޮތްވާވެސް އެގެއަށް ގުޅީއެވެ.
ތިއާ ލުޖައިން ގެންގޮސް ކޮޓަރިއަށް ވައްދާފައި ދިމާކޮށްލުމުން ލަދުން ރޯން ނުފެށީ ކިރިޔާއެވެ. ތިއާ މަޖާވެގެން ހީހީފައި ނިކުމެވުނީ އާރިން ކުރިމައްޗަށެވެ. ތިއާ ލާނެތް ގޮތަކަށް ގުޑްނައިޓް ކިޔާލާފައި ދިޔަފަހުން އާރިން ގޮސް ދޮރު ހުޅުވާލައިފައި އެތެރެއަށް ވަނެވެ.