"ބްރަދަރ. ޔޫ އޯލްރައިޓް؟" އާރިންއަށް އަހައި ލެވިއްޖެއެވެ. ރަފާލްގެ އިސްތަށިގަނޑު ދިގުކޮށްލައިފައި އޮތުމުން ފެންނަނީ ކުޑަކޮށް ތަފާތު ކޮށެވެ. ފުރައިގެން ދިޔަފަހުން ތުނބުޅި މަތިމަސް ވެސް ބޭލިކަމެއް ނޭނގެއެވެ. ރަފާލް މާކުރިން ދުވަހެއްގައި އިސްތަށިގަނޑު ދިގުކޮށްގެން އުޅެފައި ކުރިން އެކުގައި އުޅުނު ލޯބިވެރިޔާއަށް ކަމުނުގޮސް ގެން ކޮށައިލި ގޮތަށް ދިގެއް ނުކުރެއެވެ. ދެން މިއަދު އަނެއްކާ ދިގު ކުރަން ބޭނުންވީ ކީއްވެ ބާވައެވެ؟ ރަފާލް ޖަވާބެއް ނުދީ ހުރެފައި އެތެރެއަށް ވަންނަން ފިޔަވަޅު އެޅިއިރު އެލޮލުން އާރިންއަށް ފެނުނު ކުލައަކުން ހިތުގައި ހަމްދަރްދީގެ ރާޅުތައް މުގުރައިލިއެވެ. އެތުންފަތުގައި ވި ހިމޭންކަން ވެސް ހިތާމައިގެ އެތައް ފަސާނާއެއް ހުޅުވާލައިފިއެވެ.
"ކޮބާ ޒޯއީ؟" ޑްރައިވަރު ފޮށި އެތެރެ ކޮށްދިނުމުން އާރިން ދޮރު ލައްޕާފައި އެނބުރިލި އިރު ރަފާލް ސިޑި އާއި ހަމައަށް ހިނގައްޖެއެވެ. އެވަގުތު ރަފާލް ހުއްޓުނު ނަމަވެސް އެނބުރި ބަލައެއް ނުލިއެވެ. "ޝީޒް ގޯން." ރަފާލް ހަމައެކަނި އެހެން ބުނެލައިފައި ހަލުވި ފިޔަވަޅު ތަކެއްގައި ސިޑިން އަރައިގެން ގޮސް އޮބައިލިއެވެ. "ރަފާލް ކީކޭ ބުނީ؟" ކާކޮޓަރިން ނިކުތް ޝަހީމުއަށް ރަފާލް ފެނިގެން އާރިން ކައިރީ އަހައިލިއެވެ. "ޒޯއީ ހިނގައްޖެ." އާރިން ވާނުވާ ނޭނގި ހުރެވެސް ރަފާލްގެ ޖުމްލަ ތަކުރާރު ކޮށްލިއެވެ. ފަހަތުން ނިކުތް އެހެން އެންމެންނަށްވެސް އާރިންގެ ޖަވާބު އިވުނެވެ. ވަގުތުން އެހުރިހާ މޫނަކަށް ހިޔަނި އެޅިގެން ހިނގައްޖެއެވެ.
ލުޖައިން ގާތަށް އައީ ނުލަފާ ހިންޏެކެވެ. ތިއާ ވެއްޓުނު ޗޮކްލެޓްވެސް ނަގަން ނޭނގިފައި ބުދެއްހެން ހުއްޓާ ކައިރިއަށް ޖެހިލައިފައި އަތުގައި ވިކައިގަތީނުން ތަދުކޮށްލައިފިއެވެ. "ވަޓް ދަ...." ތިއާ އަތުގައި ނޫފައިގެންފައި ހުރި ތަންކޮޅުގައި ފިރުމާލައިފައި ޒަކްވާން ހުރިކަން ހަނދާން ވެގެން ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓައިލިއެވެ. "ޕިސް.ޕިސް. މިހިރަ ކަމެއް. އަލަށްތަ އަހަރެން ތިދުށީ؟" ލުޖައިން ކައިރިވެލައިފައި ތިއާގެ ކޮނޑަށް އަތްވައްޓައި ލުމާއެކު މަޑުމަޑުން ކޮލުގައި ވެސް ޖަހައިލިއެވެ. "މަންމާ!" ތިއާ ވިސްނަން ހުރެފައި ކުއްލި އަކަށް ގޮވައިލައިފިއެވެ. އެވަގުތު ލުޖައިން ބިރުން ތެޅިގެންފައި ދުއްވައި ގަތީ ދޮރާއި ދިމާއަށެވެ. ޒަކްވާން އަތުގައި ނުހިފޭއްޓިނަމަ ނިކުމެގެން ދިޔައީހެވެ. "ހެހެހެ...އައްދެ ކިހިނެއް ތިހެދީ؟" ތިއާ ހޭންފެށި އަޑަށް ލުޖައިން އެނބުރިފައި ބަލައިލިއެވެ. "ހާދަ ގޯހޭ ތިއާ. ބިރުން މަރުނުވީ ކިރިޔާ." ލުޖައިން އެނބުރި ހުރެގެން ވާހަކަދެއްކި އިރު ޒަކްވާން އަދިވެސް ހުރީ އެއަތުގައި ހިފާލައިގެންނެވެ. "މަށަށްވެސް ތިހެން ބުނެވިދާނެ. މަށަށްވެސް ކިރިޔާ ހާޓްއެޓޭކްއެއް ނުޖެހި ސަލާމަތްވީ ލޫލޫ ބުނެވެސް ނުލައި ބްރޯއެކު އައިސް ދޮރުމައްޗަށް ހުއްޓުނީމަ." ތިއާ ރަނގަޅަށް ވެސް ބަދަލު ހިފައިލީއެވެ.
ލުޖައިން އެގެއަށް އައީވެސް ޒަކްވާން ޝަކީބާ ނެތްކަމުގެ ޔަޤީންކަން ދިނީމައެވެ. "އޯކޭ. ފެއަރ އިނަފް." ލުޖައިން ފާޑަކަށް ތުން ހަދައިލިއެވެ. ތިއާ ބަލަހައްޓައިގެން ހުރެފައި ދެވަނަ ފަހަރަށް ހީގަތުމާއެކު އައިސް ލުޖައިން ގައިގައި ބައްދާލައިފިއެވެ. "މިސްޑް ޔޫ ސޯ މަޗް ލޫލޫ." ތިއާގެ ލޮލުގައި ހިނގައިލީ އުފާވެރިކަމުގެ ކަރުނައެވެ. ތިއާ އެންމެ ބޭނުންވި ވަގުތު އެކުވެރިޔާ ގެނެސްދިނުމުން ޒަކްވާންއަށް ވެސް ބަލައިލީ ޝުކުރުވެރި ކަމުގެ ލޮލަކުންނެވެ. ތިއާގެ ހިމޭންވެފައިވާ މިޒާޖު ފެނި އުނދަނގޫ ވެގެން ޒަކްވާން އަމިއްލައަށް ގޮސް ލުޖައިން ގެނައީވެސް އެހިތުގައި ފޮރުވާފައި އޮތް އުދާސްތައް ލުޖައިން ކުރިމަތީ ހާމަކުރާނެކަން އެނގޭތީއެވެ. މިހާ އަވަހަށްވެސް އެމޫނަށް ހިނިތުންވުމާއި މިޒާޖަށް ކުރީގެ ލާނެތްކަން އަތުވެއްޖެއެވެ. ލުޖައިން އެއީ އެގޭގެ އެންމެންގެ ރޫޚާއި ގުޅިފައިވާ ކުއްޖަކަށްވާއިރުވެސް ޒަކްވާންއަށް ނުވެފައިވަނީ ލުޖައިން އެގޭގައި ބަހައްޓާނެ ގޮތެކެވެ. ޒަކްވާންގެ ބާރެއް ހިނގާނަމަ މިއަދުވެސް ލުޖައިން އެގެއިން ނިކުމެގެން ދިޔަ ނުދޭނެއެވެ. ޒަކްވާން ހީލައިފައި ވަދެގެން ދިއުމުން ތިއާ އަވަހަށް މިސްރާބު ޖެހީ ކޮޓަރި އާއި ދިމާއަށެވެ.
"އާރީއަށް އިނގޭތަ؟" ކޮޓަރިއަށް ވަދެފައި ތިއާ ފުރަތަމަވެސް އަހައިލިއެވެ. ލުޖައިން ޖަވާބު ނުދީ ހުރެގެން ގޮސް އެނދުގައި އިށީންދެފައި ހެޑްބޯޑްމަތީ ހުރި ޓެޑީއެއް ނަގައި ބައްދައިލައިގެން އޭގެ ފުށް ކެހެރިތަކާއި ކުޅެން ފެށުމުން ތިއާއަށް ޖަވާބު ލިބުނެވެ. "ވަޓް ހެޕެންޑް؟" ލުޖައިން ނުބުންޏަސް އޭނާ ވާހަކައެއް ބުނަން ބޭނުންވެފައި އިންކަން ތިއާ ދެނެގެންފިއެވެ. "އަހަރެން އާރީއަށް ސިއްރުން ޒަކްވާން އާއި ކޮންޓެކްޓް ބާއްވާތާ ދުވަސްކޮޅެއްވެއްޖެ މިހާރު. ހިތަށް އަރަނީ ކިހިނެއްބާއޭ ބުނާނީ. އާރީ އަންޑަސްޓޭންޑެއް ނުވާނެ." ލުޖައިން މޮޅިވެރި ގޮތަކަށް ކަރު އެލުވައިލިއެވެ. "އާރީ އާ ހިސާބަށް ދިޔައީމަ މަށަކަށްވެސް ނޭނގޭނެ އައިޑިއައެއް ދޭކަށް." ތިއާ އެނދުމަތީ އޮތް ލެޕްނަގައި މޭޒުމަތީ ބައިންދާފައި އައިސް ލުޖައިން ކައިރީ އޮށޯވެލިއެވެ. "ޔޫ ނޯ ތިއާ. އާރީ ވަރަށް ސްވީޓްވާނެ. އެކަމަކު ވެން އިޓް ކަމްސް ޓު ޒަކްވާން..." ލުޖައިން ޖުމްލަ ފުރިހަމަ ނުކޮށް ދޫކޮށްލިއެވެ. "އޭނަ ލުޖައިން ގެއްލިދާނެތީ މާބޮޑަށް ބިރުގަންނަނީ ދޯ. އެހެންނުވާނީ އެންމެން ލޫލޫ އާއި އަޅައިގަނެގެން އުޅެންޏާ." ތިއާ މަޖަލަކަށް ހަދާފައި ބުންޏަސް ހިތާއިހިތުން ޒަކްވާން އާއި ދޭތެރޭވެސް ހަމްދަރްދީވެވެއެވެ.
ޒަކްވާން އެނބުރި އައިސް މިވީ ދުވަސްތަކުގައި ވެސް އަންހެން ކުއްޖަކާއި ދިމާއަށް ބަލައިލި ކަމެއް ނޭނގެއެވެ. މައްސަލައަކީ ދެމީހުންވެސް ހަމަ އެއްވަރަކަށް ލުޖައިން ބޭނުންވެގެން އުޅޭކަމެވެ. އެކަމަކު ލުޖައިންގެ ފުށުން ވިސްނާއިރު އޭގެ ޖަވާބު ނުހަނު ފަސޭހައެވެ. އެއީ ލުޖައިންގެ ހިތް އެތަނުން ކޮންމެވެސް އެކަކަށް ދެވިފައި ވާކަމެވެ. އެގޮތުން ލުޖައިން ލިބެން ޖެހޭނީ ވެސް އާރިން އަށެވެ.
"ކޮބާ އީތަން؟" ލުޖައިން ކުއްލި އަކަށް ހަނދާންވެގެން އަހައިލިއެވެ. ޕާޓީއަށްފަހު ތިއާ މެސެޖްކޮށްފައި އީތަންގެ ވާހަކަ ބުނިފަހުން ދެން ވީ ގޮތެއް ބަލަން އޭނާ އެހުންނަނީ ކެތްމަދުވެފައެވެ. "ގުޅުނުތަ އޭނާގެ ފެމެލީއަށް؟" ތިއާ ޖަވާބެއް ނުދިނުމުން ލުޖައިން އިތުރަށް އަހައިލިއެވެ. "ފެމެލީ މީހުން ބުނީ އީތަން މެލޭޝިޔާ އަކަށް ނުދެއޭ. ލޫލޫ އަހަރެން ވަރަށް މަސައްކަތް ކޮށްފިން. އެތައް މެއިލްއެއް ކޮށްފިން. އެކަމަކު ނޯ ސައިން އޮފް އީތަން." ތިއާ ވާހަކަ ދައްކަން ފަށާފައި އިރުކޮޅަކުން ދެލޯ ފެންކަޅިވިއެވެ. ކުރީ ކޮޅުގައި އީތަންގެ ހަދާންވެފައިވެސް އޭނާއަށް ރޮވެއެވެ. އެކަމަކު މިހާރަކަށް އައިސް ހިސާބަކަށް ހޭނިއްޖެއެވެ. ނުހަނު މަސައްކަތުން ހިތް އެވަކިވުން ބަލައިގެންފިއެވެ. "ދެން ކިހިނެއް ހަދާނީ؟" ލުޖައިން މާޔޫސްވެފައިވާ ގޮތަކަށް އަހައިލިއެވެ. އެސުވާލުގެ ޖަވާބު ޚުދު ތިއާ އަކަށްވެސް ނޭނގެއެވެ. "މަޑުކުރައްޗޭ އެބަ އަންނަން." ތިއާ ކުއްލި އަކަށް ކަމެއް ހަނދާންވެގެން ބޭރަށް ނިކުމެފައި އައީ ކިވީ ފުރުޓެއް ވަށް ފޮއްޗަށް ކޮށާފައި ވަތު ތައްޓެއްގައި އަތުރާލައިގެންނެވެ. "ލޫލޫގެ ފޭވަރިޓް ފުރުޓް." ތިއާ ހިނިތުންވެފައި ތަށި ގެނެސް ބެހެއްޓި އިރު ލުޖައިން މޫނުން ނުތަނަވަސްކަން ފެނުނެވެ.
"އާރީ ދެންމެ މެސެޖްކޮށްފަ އޮތީ ގެއަށް އައިސް ބަލާށޭ ކިޔާފަ. އަހަރެން ވެގެން އުޅޭގޮތެއް ބުނެބަލާށޭ ކިޔާ ރިޕްލައި ކުރީމަ ޒޯއީ އާއި ރަފާލްގެ ވާހަކައެކޭ ބުނީ." ލުޖައިންގެ ވާހަކަ އިވިގެން ތިއާ އަނގައިގައި ގެންގުޅުނު އެތިކޮޅުވެސް އެއްކޮށް ނުހަފައި ދިރުވައިލެވިއްޖެއެވެ.
ލުޖައިން ދާންވެގެން ތެދުވިތަނާ ތިއާވެސް އެކުގައި ދާންވެގެން ނިންމިއެވެ. ބާރުބާރަށް ހިނގާފައި ގޮސް ދެކުދީންނަށް ނިކުމެވުނީ ޝަކީބާގެ ކުރިމައްޗަށެވެ. ލުޖައިންގެ މެއަށް ފެންއެއްޗެއް އޮއްސައިލި ކަހަލައެވެ. ތިއާގެ އަތުގައި ހިފައިލެވުނު ގޮތަކުން ނިޔަފަތިވެސް އެޅުނެވެ. "ޒޯއީއަށް ކޮންމެވެސް ކަމެއްވެގެން އުޅޭ ޚަބަރުދޭން ލޫލޫ އައީ." ޝަކީބާ އެއްޗެއް ނުބުނަނީސް ތިއާ އަވަހަށް ބުނެލައިފިއެވެ. އެއަޑު އިވިގެން ލުޖައިން ބަލައިލައިފައި ދެފަރާތަށް ބޯ ހޫރައިލިއެވެ. އޭނާގެ ފުށުން އެގޭގެ ޚަބަރު އިވުނު ކަން އެނގުނިއްޔާ ފަހަރުގައި މައްސަލަ އަކަށް ވެދާނެއެވެ. "ޒޯއީއަށް ކިހިނެއްވީ؟" ޝަކީބާވެސް ޙާސްވެއްޖެއެވެ. "ނޭނގެ މަންމާ. އެހެންވެ ބަލައިލަން މިދަނީ." ތިއާގެ ޖަވާބު ނުނިމި އުޅެނިކޮށް ޝަކީބާ އަވަހަށް ހިނގާށޭ ކިޔާފައި ކުރީގައި ހުރެގެން ގޮސް ލިފްޓަށް އެރިއެވެ. ލުޖައިންގެ ހިތް ތެޅެން ފެށީ ނުހަނު ބާރަށެވެ. މިފަހަރު ޔަޤީނުންވެސް އާރިންއަށް ފަޅާ އަރާނެއެވެ.
ލިވިންރޫމް ގައި ނާހިދާ އިނީ ހިމޭންވެފައެވެ. ކައިރީގައި ރީމް ފޯނުގެ ސްކްރީނަށް ބަލަން އިނދެވެސް ވިސްނެނީ ރަފާލް އާއި މެދުގައެވެ. ޝަހީމު ދެއަތް ފުރަގަހަށް ލައިގެން ދެކޮޅަށް ހިނގަމުން ދިޔައިރު އިރުއިރު ކޮޅާ މަތި ބަލައިލައެވެ. އިރުކޮޅަކުން އާރިން ސިޑިން ފައިބައިގެން އައިސް ދިއްކޮށްލީ ފަތްޖަހާފައި އޮތް ނޯޓެކެވެ. ޝަހީމު ނޯޓް ކިޔާ ނިމުނު އިރަށް ގޭގެ ބެލް ޖަހައިލި އަޑު އިވުނެވެ. ފާޝާ ބަދިގެއިން ނިކުމެފައި ބާރުބާރަށް ގޮސް ދޮރު ހުޅުވައިލުމާއެކު ޝަކީބާގެ ފަހަތުން ލުޖައިން އާއި ތިއާ ވަނެވެ. އާރިންއަށް އެތަން ފެނިގެން ފާޑަކަށް ނިތްއަރުވައި ލެވިއްޖެއެވެ. އެވަގުތު ޝަކީބާ އައިސް ހުއްޓުނީ ޝަހީމުގެ ކައިރިއަށެވެ.
"ކިހިނެއްވެގެން މިއުޅެނީ؟ ކޮބާ ޒޯއީ؟" ޝަކީބާއަށް އެކިމީހުންގެ މޫނަށް ބަލައިގެން އެނގުނީ ކަންތައް ގޯސްވެފައިވާ މިންވަރެވެ. އެކަމަކު ޝަހީމު އާއި ސުވާލު ކޮށްލުމުން ބަހެއް ނުބުނެ ހުރެފައި ދިއްކޮށްލީ އަތުގައި އޮތް ނޯޓެވެ. އޭގައި ސާފު ބަހުން އެކައިވެންޏަށް ޒޯއީ އިންކާރު ކުރާ މިންވަރު ލިޔެފައި އެކަކުވެސް ދެން އޭނާ ހޯދަން މަސައްކަތް ނުކުރަން އޮތީ އަންގައިފައެވެ. މަދު ފޮޅުވަތްތަކުން އެކުލެވިފައިވާ އެނޯޓް ކިޔާފައި ޝަކީބާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ޒޯއީ އެންމެންގެ ކުރިމަތީގައި އޭނާ އާއި އޭނާގެ މުޅި އާއިލާގެ ނަން ފަލީހަތް ކޮށްލައިފިއެވެ. އެންމެ ލޯބިން ގެންގުޅުނު ދަރިފުޅުގެ ނުޤަބޫލުގައި ކުރި އެންމެ ކަމެއްގެ ނަތީޖާ ފެނުނު ގޮތް މިހުރީއެވެ. ދެން އޭނާ ޝަހީމުއަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟
"ކޮންމެވެސް އެއްޗެކޭ ބުނެބަލަ ޝަކީބާ؟ ޒޯއީ އެހާ ވަރަށް ނުޤަބޫލުކަން އެނގޭއިރު ކީއްކުރަން ކައިވެނި ކުރުވީ؟ އަހަރެން ކައިރީ ބުނެލިނަމަ މިދުވަސް ދެކޭކަށް ނުޖެހުނީހެއްނު. ޝަކީބާގެ ސަބަބުން މިއަދު އަހަރެންގެ ދަރިފުޅަށް އެލިބުނީ ކިހާބޮޑު ހިތްދަތިކަމެއް. ރަފާލްއަށް މިހާރު ދެވަނަ ފަހަރަށް މިފަދަ ހިތާމައެއް އެޖެހުނީ." ޝަހީމު ހިތްހަމަ ނުޖެހިފައި ދެބުމަ އުފުލައިލިއެވެ. އެލޮލުން ޝަކީބާއަށް ނުރުހުމުގެ ހުރިހާ ކުލައެއް ފެނުނެވެ. ތިއާވެސް އެންމެންގެ ތެރޭގައި އިސްޖެހިފައި ހުއްޓެވެ. ޒޯއީ އެވަރަކުން ގެއަށް ގޮސް ރޮއި ރޮއިފައި ވަކިވުމުގެ ވާހަކަ ދެއްކީ މިހެންވެތާއެވެ. އެހެންނޫންނަމަ ޒޯއީ އެގޮތަށް އޭނާގެ ގައިގައި ބައްދައިލައި ނުހަދާނެއެވެ. އެންމެ ފުރަތަމަ ޒޯއީ ކައިވެންޏަށް އެއްބަސްވެގެން ވެސް އޭނާ އަންތަރީސްވިއެވެ. ފަހުން އޭގެ ފަހަތުގައިވާ ޒޯއީގެ ނުބައި ރޭވުން އެނގި ހިތް ނުތަނަވަސްވެފައި ހުއްޓާ އަނެއްކާ އެކައިވެނި ހުއްޓުވަން ޒޯއީ ކުރި މަސައްކަތް ނާކާމިޔާބުވެ ކައިވެނީގެ ގޮށުގައި ބަނދެވުނީއެވެ.
އެރެއިން ފެށިގެން ތިއާ ހިޔާލު ކޮށްކޮށް ހުރީ ޒޯއީ ދެން ކަންތައް ކުރާނެ ގޮތަކާއި މެދުގައެވެ. އޭރުވެސް އޭނާއަށް ޝައްކެވެ. ޒޯއީ އީތަންދެކެ ހިތާއި ފުރާނައިން ލޯބިވާއިރު ރަފާލް އާއި އެކު ދިރިއުޅެފާނެ ހެއްޔެވެ؟ "ޝިޓް!" އެއަޑު ނިކުތީ ތިއާގެ ހިތުންނެވެ. އީތަން ހަނދާންވެފައި އޭނާއަށް ވިސްނިއްޖެއެވެ. ޒޯއީ އެވަރަކުން ހަނީމޫން ދަތުރުދާން އެއްބަސް އެވީވެސް އިތުރު މަގްސަދެއް އޮވެގެންނެވެ. ރަނގަޅަށް ވިއްޔާ ރަފާލް އާއި ފިލައިގެން ދެން އުޅޭނީ އަނެއްކާވެސް އީތަންގެ ދިރިއުޅުމަށް ވަދެގަންނާށެވެ. ތިއާއަށް އެނގޭ އެއްޗަކީ ޒޯއީ ކުރަން ބޭނުންވި ކަމެއްވިއްޔާ ކޮށްފައި ނޫނީ ހުއްޓާ ނުލާނެކަމެވެ. މާތްކަލާކޯއެވެ. އަނެއްކާ އީތަންވެސް ޒޯއީގެ މަޅީގައި ޖެހޭނީ ހެއްޔެވެ؟ އީތަން ވީ ތަނެއް އޭނާގެ އާއިލާ މީހަކަށްވެސް ނޭނގެއެވެ. ޒޯއީ އަބަދު ދޮގު ހަދާ ކުއްޖަކު ކައިވެނީގެ ރޭވެސް ހެދީ ދޮގަކަށް ވެދާނެއެވެ. ދޫކޮށްލާފައި ދިއުމުގެ ބަދަލުގައި ޒޯއީ އެރޭ ދިނީ އެންމެ ޗޮއިސްއެއް ކަމުގައި ވެދާނެއެވެ. އެ ޗޮއިސްއަކީ އެދެމީހުން ގުޅުން ކަމަށް ވެދާނެއެވެ. އީތަން އޭނާގެ އަބުރާއި އިއްޒަތް ސަލާމަތް ކުރުމަށްޓަކައި ކޮންމެފަދަ ދަރަޖައަކަށް ވެސް ވެއްޓެން ހުރީ ތައްޔާރަށެވެ. ވީއިރު ޒޯއީ އާއި ގުޅެންވެސް އީތަން އެއްބަސް ވެދާނެއެވެ.
ތިއާގެ ސިކުނޑީގައި އެނބުރެމުންދިޔަ އެތައް ހާސް ހިޔާލުތަކުން ދުނިޔެވެސް ވަށައިގެން އެނބުރިގަތްހެން ހީވިއެވެ. ކައިރީގައި ހުރި ސޯފާގެ އަތްގަނޑުގައި އޭނާއަށް ހިފަހައްޓައި ލެވުނީ މޫނުމައްޗަށް އަނދިރިވާ ކަހަލަ ގޮތެއް ހީވެގެންނެވެ.
އިރު އޮއްސި އަނދިރި ވީ ފަހުން ލުޖައިން ކުޑަ ކުރާގަނޑެއް ހިފައިގެން ނިކުމެ ބެލްކަނިކޮޅުގައި ހައްދާފައި ހުރި ގަސްތަކަށް ފެންދޭން ފެށިއެވެ. ލުއި ލުއި ވައިރޯޅިތައް އައިސް އެއިސްތަށިގަނޑާއި ސަމާސާ ކޮށްލާފައި ދޮން މޫނުގައި ބޮސްދެއެވެ. ލުޖައިން ހުދު މިޑީއެއްގައި ހުންނައިރުވެސް ރަތް ވިލާ ލައިފައި އޮތް އުދަރެހުގެ ކުލައިން ހެދުމާއި މޫނު ޖަރީވެފައި ވެއެވެ. ގަސްތަކަކަށް ފެން އަޅައި ނިމިގެން ކުރާގަނޑު ތިރީގައި ބަހައްޓާފައި ލުޖައިން އެތަނުން ގަހަކުން ފިނިފެންމަލެއް ބިނދެލިއެވެ. އޭގެ ނާޒުކް ފިޔަތަކުގައި ނުހަނު ލޯބިން ފިރުމާލުމަށްފަހު ނޭފަތުގައި ޖައްސާ ފުންކޮށް ނޭވާ އެތެރެއަށް ދަމައިލިއެވެ. އާރިން މަޑު ފިޔަވަޅު ތަކެއްގައި އެތެރެއަށް ވަދެގެން އައިސް ދޮރުކަނީގައި ލަތްގަނެލުމުން މި މަންޒަރު ފެނިގެން ހިނިތުންވެލެވުނެވެ. ލުޖައިން އެކަނި ހުރެ ހިނިތުންވެފައި އެމާ ކަންފަތް ކައިރީގައި ޖަހައިލަން އުޅެނިކޮށް އާރިން ކައިރިވެފައި އަތުގައި ހިފައިލުމުން ސިހިގެން ދިޔައެވެ.
"ލެޓް މީ!" އާރިން ލުޖައިންގެ އަތުން މާ އަތުލާފައި ކަންފަތް ކައިރިއަށް ލައްވައިލަދިނެވެ. މަޑުމަޑުން އެދެކޮނޑުގައި ހިފާ މަގަތަށް އަނބުރާލައިފައި ކަޅި ޖަހައިނުލައި އެމޫނަށް ބަލަން އާރިން ހުއްޓެވެ. ލުޖައިން ރަކިވާ ގޮތްވުމުން ވަކިން ބޮޑަށް ރިތިވިކަން ފާހަގަވިއެވެ. "ސޯ ބިއުޓިފުލް." އާރިން ބުނެލައިފިއެވެ. ލުޖައިން ހަދާނެ ގޮތެއް ނޭނގިގެން އެސްފިޔަތައް ތިރިކޮށްލުމާއެކު ތިރީ ތުންފަތުގައި ދަތް އަޅައިލުމުން ރަތްކުލަ އެރިއެވެ. "އަޅޭ ލިޕްއަށް އަނިޔާ ނުދީބަލަ ބޭބީ. ތިކަމާއިވެސް ހިތާމަ ކުރަންޖެހޭނީ އަހަރެން." އާރިން އަބަދުވެސް ބުނެ އުޅޭ ވާހަކައެއް މިއަދު އަނެއްކާ ބުނެލުމުން ލުޖައިން ވަކިން ބޮޑަށް ރަކިވެގެން އާރިން ޓީޝާޓުގައި ހިފާ ބޮނޑިކޮށްލާފައި މޭގައި މޫނު ފޮރުވައިލެވުނެވެ.
"ލޫލޫ ކައިރީ އަހަރެން ވާހަކައެއް އަހައިލަންތަ؟" އާރިން ލުޖައިންގެ ބުރަކަށީގައި ދެއަތް ވަށައިލައިގެން ހުރެ އެފަން އިސްތަށިކޮޅާއި ކުޅެން ފެށިއެވެ. "ހޫމ.." ލުޖައިން ޖަވާބު ދީފައިވެސް ދުރަށް ދާކަށް ނޫޅެއެވެ. އާރިންގެ ހަށިގަނޑުން އަރަމުން ދިޔަ މީރު ސެންޓްގެ ވަހާއި އަދި އެހަށިގަނޑުގެ ހޫނުން ހިތަށް އަޖައިބެއްފަދަ ހިތްހަމަޖެހުމެއް ލިބެމުން ދިޔައެވެ. ދުވަހަކު ދުރަށް ނުގޮސް އުމުރަށް އެމޭގެ ތެރޭގައި މޫނު ފޮރުވައިލައިގެން ހުރެވޭނެ ނަމައޭ ލުޖައިން ހިތަށް އެރިއެވެ. "ރަފާލްބެ ވެޑިން ނައިޓްގަ ލޫލޫ ދިޔައީ ކޮންތާކަށް؟" އާރިންގެ ސުވާލު އަހާފައި ލުޖައިންއަށް އެމޭގައި އަތް އަޅާފައި ދުރަށް ޖެހިލެވުނެވެ. އެލޮލުން ނުތަނަވަސްކަން އާރިންއަށް ފާހަގަވިއެވެ. ލުޖައިން ޔަޤީނުންވެސް އެސިއްރު ކުރަނީ ބޮޑު ވާހަކައެކެވެ.
"އާރީ. އެއީ ދެން މިހާރު ނިމިފަ އޮތް ކަމެއްނު. މިއަދު ކީއްވެތަ އެވާހަކަ ތިދައްކަނީ؟" ލުޖައިން މޫނުމަތީގައިވި ކުލަވަރު ބަދަލުކޮށްލާފައި ކުޑަކޮށް ތުންކޮޅު ދިގުކޮށްލިއެވެ. "ލޫލޫ. އައި ނީޑް ޓު ނޯ!" އާރިން ހިތްހަމަނުޖެހިގެން ތަންކޮޅެއް ބާރަށް ބުނެލުމުން ލުޖައިން ސިއްސައިގެން ގޮއްސައި ފަހަތަށް ޖެހިލެވުނެވެ. "ސޮރީ. އައި ޑިޑިން މީން ޓު ސްކޭރ ޔޫ..." އާރިން އަމިއްލައަށް ވެސް ވިސްނިގެން ލުޖައިން އަތުގައި ހިފާލައިފައި މަޑުމަޑުން ފިތައިލިއެވެ. "އެރޭ އަހަރެން ގެންދިޔައީ ޒަކްވާން." ލުޖައިން އެހިސާބަށް ބުނެފައި ކަންތައް ވީގޮތް ކިޔައިދީ ނިމުނު އިރު އާރިން އެއަތުން ދޫކޮށްލައިފައި ދެއަތް މުށްކަވާލައިގެން ގޮސް ފާރުގައި ބޯ ޖައްސައިލައިގެން ހުއްޓެވެ. ލުޖައިން ޖެހިލުންވެ ހުރެގެން ގޮސް އާރިންގެ ކޮނޑުގައި ހިފަހައްޓައިލުމުން ފުރަތަމަވެސް ފާރަށް ގޮށްމުށުގެ ދެއެތިފަހަރު ދޫކޮށްލިއެވެ. އެފާރު އެއީ ޒަކްވާންގެ މޫނުމައްޗަށް ނުވީތީ އާރިން ހިތާމަ ކުރިއެވެ. ލުޖައިންއަށް ރޮވެން އުޅޭހެން ހީވެގެން ތުންފަތުގައި ދަތް އަޅައިލި ތަނާ އާރިން އެނބުރިލައިފިއެވެ. އެދެލޮލުން ލުޖައިންއަށް ކަރުނައިގެ އަސަރު ފެނުނެވެ. ހިތަށް ހީވީ އެއްފަހަރާ އެތައް ސަތޭކަ ކަށިތަކެއް ހަރައިލެވުނު ހެންނެވެ. ވޭނުން ހިތް ރޮއިލުމުން ލޮލުން ފައިބަން ތައްޔާރުވެފައިވާ ކަރުނަތަކެއް ނުހިފެހެއްޓުނެވެ.
އާރިން އެއްޗެއް ބުނަން އުޅެފައިވެސް ކުއްލިއަކަށް ލުޖައިންގެ ދެއަތަށް ދަމައިލާފައި ގެންގޮސް ބާރަށް ބައްދައިލީނުން ލުޖައިންގެ ދެފައި ބިމަކު ނުޖެހެއެވެ. އެވަގުތު އާރިން ދެލޮލުގައިވި ކުލަވަރު ދެކެފި މީހަކަށް ވިއްޔާ އޭނާ ލުޖައިން ގެއްލިދާނެތީ ބިރުގެންފައިވާ މިންވަރު ރީތިކޮށް ދޭހަވާނެއެވެ.
އަށެއް ޖަހަން ފަނަރަ މިނިޓަށް ވެފައި ހުއްޓާ އާރިންއަށް ފޯނެއް އައެވެ. ޒާހިދު ގުޅާފައި ރޭގަނޑުގެ ކެއުމަށް އެގެއަށް ދާން ދައުވަތު ދިނުމުން އާރިން އެއްބަސްވިއެވެ. ކުރިން އޭނާ ނިންމާފައި އޮތީ ފުރަތަމަ ޒާހިދު އާއި އެކަނި ބައްދަލު ވުމަށެވެ. ހީކޮށްގެން ހުރީ ޒާހިދުގެ ނިންމުމަކީވެސް އެއީ ކަމަށެވެ. އެކަމަކު މިހާރު މިވީގޮތުން ޒާހިދު އިތުރަށް އެއްވެސް ދަރިއަކަށް އޮޅުވާލައިގެން ހުންނަން ނޭނދޭކަން މިއެނގުނީއެވެ. މައްސަލައެއް ނެތެވެ. މިއަދު ނޫނީ މާދަމާ މީ އަންނާނެ ދުވަހެކެވެ. އާރިން ނާހިދާއަށް އަންގައިލާފައި ލުޖައިން ކައިރީވެސް ތައްޔާރު ވާން ބުންޏެވެ. ލުޖައިން ކައިރީ ދާން އުޅޭ ތަނެއް ނުބުނެ އޮތުމުން ކުޑަވެސް ހާސްކަމެއް ނެތި ތައްޔާރު ވެލައިގެން ނިކުތެވެ.
ދެޒުވާނުން ކާރަށް އަރާފައި ނައްޓައިލި އިރު އަށެއް ނުޖަހައި ހުރީ ފަސް މިނިޓެވެ. އަނެއްކޮޅުން ޒާހިދުގެ ގޭގައި އޭރު ފަހަރަކު މެމްބަރަކު އައިސް މޭޒު ދޮށަށް ހަމަވަނީއެވެ.