ހިނދުކޮޅަކަށް ނަމަވެސް ޒޯއީގެ ހިތް މަޑުޖެހިލައިފިއެވެ. ހުވަފެނަކުން ހޭލަން މަސައްކަތް ކުރާ ފަދަ ގޮތަކަށް ދެތިން ފަހަރު މަތީން ލޯ މަރައިލުމާއި އެކު އަނެއްކާ ހުޅުވައިލިއެވެ. އެކަމަކު ލޮލަށް ފެންނަމުން ދިޔަ މަންޒަރު ބަދަލެއް ނުވިއެވެ. އެއީ ހުވަފެނެއް ފަދައިން ވިއްސިވިހާލީ ވެގެން ނުދިޔައެވެ. އީތަންގެ އަތުތެރޭގައި ތިއާ އެހުރީ އެއް އެކުވެރިއަކު އަނެއް އެކުވެރިއަކާއި ބައްދައިލާފަދަ ގޮތަކަށް ނޫނެވެ. ނޫނީ އެއީ ބިރުގަނެފައިވާ ކުއްޖަކަށް ހިމާޔަތް ހޯދައި ދޭން ހިލޭ ފިރިހެނަކު ހުރެފާނެ ގޮތެއްވެސް ނޫނެވެ. ޒޯއީ ބަލަން ހުރެފައި އިރުކޮޅަކުން ފަހަތަށް ގޮސް ޓެރެސްއަށް އެރެން ހުންނަ މަދު ހަރުފަތްތައް ގިރާކޮށްލައިފައި ތިރިއަށް ފައިބައިގެން ދިޔައެވެ. ޗާބީ ދީފައިވާ ބުދެއް ފަދައިން މާބޮޑު ހަރަކާތެއް ނެތި ކޮޓަރި އާއި ހަމައަށް ދެވިއްޖެއެވެ. ޒޯއީ އެތެރެއަށް ވަދެފައި ފުރަތަމަވެސް ފާޚާނާ އާއި ދިމާކުރިއެވެ. މޫނު ދޮންނަ ތަށި ކައިރިއަށް ހުއްޓި އިސްކުރު ދޫކޮށްލައިފައި ފެންގޮށްޓެއް ނަގައިގެން މޫނުގައި ހާކާލައިފިއެވެ. އެދޮން މޫނުގެ ކުލަ ރީނދޫ ވެފައި ވަނީ ކުރިން ދުވަހަކުވެސް ފެނިފައިވާ ނުވާ މިންވަރަކަށެވެ. ޒޯއީ ލޯމަރައިގެން ހުރެފައި އެތައް ފަހަރެއްގެ މަތިން ފެންގޮށިތައް ނަގައި މޫނައް ވިއްސަމުން ދިޔައެވެ. ހީވަނީ ކޮންމެވެސް ހަޑިއެއް ނުފުހެވިގެން އުޅޭ ހެންނެވެ. ނޫނީ މޫނާއި ލޯ ދޮވެލައިގެން ފެނުނު މަންޒަރު ހިތުން ފުހެލަން މަސައްކަތް ކުރަނީއެވެ.
"ތިއާ ބޭނުމިއްޔާ މުޅިރޭވެސް މިހެން ހަގްކޮށްގެން ހުރެފާނަން... އެކަމަކު ކެލިފޯނިއަން ޕީޗް އިޒް ޑްރައިވިން މީ ކްރޭޒީ... ވޯނަ ޑޫ ފްރެންޗް ކިސިން." އީތަން ތިއާގެ އުނަގަނޑު ވަށައިލައިގެން ހުރެ ކުރިއަށްވުރެވެސް ބާރަށް ގަޔާލައި ފިއްތައިލަމުން ބިމުން އުފުލައިލިއެވެ. އީތަންގެ އަޑުގައި އެހާ މަސްތީ ގޮތެއް ހުރެފައި ވައި އަޑަކުން ކަންފަތް ދޮށުގައި އެބަސްތައް ބުނެލި ގޮތުން ހަށިން ހީބިހި ނަގައިގަތެވެ. ތިއާ ކިތަންމެ ހިތްވަރުގަދަ ވެލާފައި އުމުރަށް ވުރެ ބޮޑުވެ ގަނެގެން އުޅޭ ކުއްޖަކަށް ވިއަސް ގަނޑު ފެންކޮޅެއްހެން ފިނިވެގެން ދިޔައެވެ. އީތަންގެ އަތުތެރެއަށް ހަށިގަނޑުގެ ހުރިހާ ބާރެއް ދޫކޮށްލެވުނީ އިޚުތިޔާރެއް ނެތިއެވެ. އީތަން އިރުކޮޅަކުން ތިއާ ތިރީގައި ބަހައްޓާފައި މޯބައިލް ނަގައިގެން އިޝްޤީ ލަވައެއް ޖަހައިލައިފިއެވެ. ލުއި ވައިރޯޅިތައް އައިސް ތިއާގެ އިސްތަށިގަނޑާއި ސަމާސަ ކޮށްލާފައި މޫނުމައްޗަށް ފަތުރުވާލެވޭތޯ މަސައްކަތް ކުރަމުން ދިޔައިރު ހަނދުވަރުގެ އަލީގައި އެރީތި ތުންފަތް ފެންނަލެއް އޮފްކަމުން އީތަން ކޮންޓޯލުން ނެއްޓުނެވެ. އެއިސްތަށިތައް އެއްފަރާތް ކޮށްލަދިނުމާއެކު ދެއަތުން މޫނުގައި ހިފާ ކައިރިކޮށްލައިފައި ނޭވާކޮޅަށް ދާންދެން ތިއާގެ ތުންފަތުގައި އީތަން، ބޮސްދިނެވެ.
އީތަން މޫނު ދުރުކޮށްލި އިރު ތިއާގެ ހަށިގަނޑުގައިވާ ހުރިހާ ލެޔެއް ހަމައެކަނި ތުންފަތަށް ޖަމާވެފައިވާ ކަހަލައެވެ. ހީވަނީ ލޭކުލައިގެ ލިޕްސްޓިކެއް ޖައްސާލައިވާ ހެންނެވެ. އެވަގުތު ތިއާ ބޭރަށް ދޫކޮށްލާ ކޮންމެ ނޭވައަކާއި އެކު ބައްޓަން ރީތި މޭމަތި މައްޗަށް އުފުލިލާ ގޮތްވެސް އީތަންގެ ހިއްސުތަކުގައި ހިފާފައިވާ އަލިފާންގަނޑަށް އިތުރަށް ޕެޓްރޯލް އަޅައިލި ހެން ހީވިއެވެ. މާސްކެއްނެތި ފެންގަނޑެއްގައި ފީނަމުން ދިޔަ މީހަކު ހަމައެކަނި ނޭވާލުމަށް ޓަކައި ފެނުން މައްޗަށް ބޯ އުފުލައިލައިފައި އަނެއްކާވެސް ފެންގަނޑުތެރެއަށް ވަދެގެން ދާހެން އީތަން ތިއާ ގެނެސް ކައިރިކޮށްލައިގެން އެމޫނާއި ކަނދުރާގައި ބޮސްދޭން ފެށީ ނޭވާލާން ހަނދާން ނައްތާލައިފައެވެ. ތިއާގެ ފިނިވެފައިވާ ހަށިގަނޑަށް އީތަންގެ ކޮންމެ ބީހިލުމަކުން އުދާސްކަންވެރިވެ ދެހަށިގަނޑު ލޯބީގެ އަލިފާނުގައި އަނދަމުން ދިޔަގޮތުން ވާރޭ ވެހެން ފަށައިފިނަމަ އެވާރޭ ތިކިތަކުގައިވެސް ހުޅު ހިފައިފާނެ ކަހަލައެވެ.
ފާޚާނާއިން ނިކުމެފައި ޒޯއީ އަލަމާރިން ފިޔާތޮށި ޕިޖާމާކޮޅެއް ނަގައިގެން ލިއެވެ. ޒޯއީ ހުޅިގަނޑު ނިއުޅާލައިފައި އިސްތަށިގަނޑު އޮމާން ކުރަން އިނދެގެން އަމިއްލަ މޮޔަކަން ހިތަށް އަރާފައި ބާރަށް ހީގަތެވެ. އެހާ އަވަހަށް ދެއަތް އުރާލައިފައި އެންމެހާ ހިތާމަވެރި ގޮތްގޮތަށް ވިސްނުން ގެންދެވުނީތީ ޒޯއީ އަމިއްލަ ނަފްސަށް މަލާމަތް ރައްދު ކުރިއެވެ. އީތަން އެންމެ ކުޑައިރުވެސް އޭނާގެ އާޝިޤެއްގެ މަޤާމުގައި ހުރެފައި މިއަދު ތިއާ ކަހަލަ ކުއްޖަކާއި ހެދި އެލޯއްބަށް ނިމުން އަތުވެދާނެ ކަމަށް ވިސްނައިގެން ވެސް ނުވާނެއެވެ. އޭނާއަށް ޓަކައި އީތަން އެފަދަ ސަތޭކަ ތިއާ ވެސް ދޫކޮށްލަން ފަސް ނުޖެހޭނެކަން ހަނދާން ނައްތައިލީ ހެއްޔެވެ؟ އީތަން ކޮންމެ މީހަކާއި ގުޅިގެން އުޅެފައިވެސް އޭނާގެ އެންމެ އިޝާރާތަކަށް ހެއްލިގެން އެހުރިހާ ކަމެއް މާޒީގެ ހިރަފުސްގަނޑު ތެރެއަށް ދޫކޮށްލާފައި އެނބުރި އަންނާނެއެވެ. އޭނާގެ ކިބައިން އީތަން ޖަހައިގަންނަން ތިއާ އެއީ ކާކު ހެއްޔެވެ؟ ކާއިނާތުގެ ހަނދަކީ ހަމަ އޭނާއެވެ. ތިއާ އެއީ އޭނާ އަލިފަތުރަމުންދާ ކާއިނާތުގައިވާ ހަމައެންމެ ތަރިއެކެވެ. ޒޯއީ ހިތާއި ހިތުން ހިޔާލުތައް ކުރަމުން އަނެއްކާ ހީގެންފިއެވެ.
އެހިޔާލުތަކަކީ ތެދު އެއްޗެއްކަން ހަމަ އެހިނދުވެސް ނަފްސަށް ސާބިތު ކޮށްދޭން ޒޯއީ ބޭނުންވިއެވެ. ފުނާ ބާއްވާފައި ފޯން ނަގައިގެން އޭނާ އީތަން ނަންބަރަށް ޑައިލް ކޮށްލިއެވެ. ޓެރަސްމަތީގައި ޒުވާން ދެލޯބިވެރިން ހޭދަކުރަމުންދިޔަ އުފާވެރި ވަގުތުކޮޅަށް ޒޯއީގެ މިކޯލްގެ ސަބަބުން ނިމުން ގެނުވައިފިއެވެ. އީތަން ތިއާ ދުރުކޮށްލައިފައި ޖީބަށް އަތް ކޮށްޕައިލި އިރު އަދިވެސް ބޮޑަށް ތިއާއަށް ބޭނުންވެފައިވާ ކަހަލައެވެ. އެކަމަކު ސްކްރީނަށް އަރާފައިވާ ނަން ފެނުނުއިރަށް އެމޫނުގެ ކުލަ ބަދަލު ވެއްޖެއެވެ. "ސޮރީ ލަވް. ބަޓް އައި ހޭވް ޓު ގެޓް ދިސް." އީތަން ފޯން ކަންފަތުގައި ޖަހައިގެން އެއްފަރާތަކަށް ޖެހިލައިފިއެވެ. އިރުކޮޅަކުން އެނބުރި އައިސް ތިއާގެ ކޯތާފަތުގައި ފިރުމާލައިފައި ދާން ހިނގާށޭ ބުނެލުމުން ތިއާއަށް ގަބޫލުކުރަން ދަތިވިއެވެ. އެހާ އަވަހަށް އިހްސާސްތައް ފިނިވީ ހެއްޔެވެ؟ "ނުދާނަންތަ؟" ތިއާގެ އެހައިރާންކަން އީތަންގެ ތުންފަތަށް ވެރިވި ލާނެތް ހިނިތުންވުމާއި ގުޅުވިއެވެ. އީތަން އަތުގައި ހިފައިލަން އުޅެނިކޮށް ތިއާ ފަހަތަށް ޖެހިލި އިރު އެހާ އަވަހަށް ރުޅިއަތުވެއްޖެއެވެ.
"ބޭނުންހާ ގޮތަކަށް އުޅެފަ ބޭނުން ފުދުނީމަ ދެން ކޮން މަލާމާތެއް ކުރާކަށް." ތިއާ ހަޤީޤަތުގައި ވެސް ރުޅި އަތުވެއްޖެއެވެ. އީތަން ސީރިއަސްވެފައި އެއްޗެއް ބުނަން އަނގަ ހުޅުވައިލާއިރަށް ތިއާ އަޑު ނާހައި ބާރުބާރަށް ދުއްވައިގެންފައި ގޮސް ލޯމަތިން އޮބައިލިއެވެ.
ޒޯއީގެ ކޮޓަރި އާއި ހަމައަށް ގޮއްސައި އީތަން ޓަކި ޖަހައިލިއެވެ. ފަޅި ސިކުންތެއްގެ ތެރޭގައި ޒޯއީ ދޮރު ހުޅުވައިލުމުން މާކުރިއްސުރެ އައިސް އިންތިޒާރުގައި ހުރި ކަހަލައެވެ. "ވަޓް ހެޕެން؟" އީތަން އެތެރެއަށް ވަންނަން ނޫޅެ ދޮރުކަނީގައި އަތް ވިއްދައިލިއެވެ. ޒޯއީ ޖަވާބު ދޭން ވާއިރަށްވެސް އޭނާއަށް ބަލައިލެވުނީ ތިއާގެ ކޮޓަރިއަށެވެ. "ދެރަވޭ އީތަންއަށް އުދަނގޫ ކުރެވުނީމަ. އެކަމަކު މަންމަމެނަށް އުދަނގޫ ނުކުރަންވެގެން އީތަންއަށް ގުޅުނީ. މިއުޅެނީ ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ. ބޭސްވެސް ކައިފިން. އެކަމަކު އަދި ހަމަ ހިލާ އެއްގޮތެއް ނުވި. މިގަޑީގައި ޑޮކްޓަރަށް ދިއުމަކީވެސް އަހަންނަށް ފަސޭހަކަމެއް ނޫން. އަނެއްކާ މިހާ ކުޑަކަމާއިހެދި. އެހެންވެ ކަނދުރާ މަސާޖްކޮށްލަދޭތޯ." ޒޯއީ ލަދުން ބުނަން ނުކެރިގެން އުޅޭކަމަށް ހެދިފައި ދެތިންފަހަރަށް އަނގައަށް އިނގިލި ލައިގެން އެކްޓް ދެއްކިއެވެ. "އޯކޭ. ޝުއަރ." އީތަން ލުއި ހިނިތުންވުމަކާއެކު ދާދި ފަސޭހައިން އެއްބަސްވެގެން އެތެރެއަށް ވަދެފިއެވެ.
ޒޯއީ ސޯފާގައި ދެފައި ދަމާލައިގެން އިށީންދެފައި އީތަން އައިސް ސޯފާގެ ކަނުގައި އޮތް ހުސްތަންކޮޅުގައި އިށީންދެލުމުން ޕިޖާމާކޮޅުގެ މަތިން ލައިގެން ހުރި ރޯބް މޮހާލައިފައި ތިރިއަށް ދޫކޮށްލައިފިއެވެ. ކޮނޑަށް ހިމަ ދެވާފަށް ހުރެފައި ބުރަކަށީގެވެސް ބޮޑުބައެއް ހާމަވެގެން ދިއުމުން އެއޮމާން ހަންގަނޑަށް ނިދާ ބޮކީގެ މަޑު ފެހިކުލަ އެޅުނެވެ. އީތަންގެ ދެލޯ ބޮޑުވިއެވެ. ޒޯއީ އެހާ ލަދުކުޑަކޮށްލާނެ ކަމަށް އޭނާ ހިއެއް ނުކުރެއެވެ. ވެދާނެއެވެ. ޒޯއީ ޒުވާންވަމުން އައި ދުވަސްވަރު ބޮޑުބައެއް ރާއްޖޭން ބޭރުގައި ކިޔަވަން އުޅެފައި ވާތީ ހުޅަނގުގެ އާދަކާދަ ކަށީގައި ހިފައިގެން އެއީ ބޮޑު ކަމަކަށް ނުވަނީއެވެ. އީތަން އަމިއްލަ ހިތަށް ވިސްނައިދީފައި ޒޯއީއަށް ކަނދުރާ މަސާޖް ދޭން ފެށީ ދުރުބަލަން އިނދެގެންނެވެ. އެދެއަތުގެ ބީހުންތަކުން ޒޯއީގެ ހަށިގަނޑުގައި ކަރަންޓް ބާނިތައް އުފެދި އުތުރި އަރަމުން ދިޔަކަން އޭނާއަށް ރޭކައިވެސް ނުލައެވެ.
ދެލޯމަރައިގެން އޮވެ އިރުގަނޑެއް ވީ އިރުވެސް ޝަކީބާ އަކަށް ނުނިދުނެވެ. ޒާހިދު އަމިއްލައަށް އެކޮޓަރިއަށް އަންނާނެ ކަމަށް ކުރެވުނީ ކުށްހީއެއްކަން ގަބޫލުކުރަން މަޖުބޫރުވީ އެހިސާބުންނެވެ. ޝަކީބާ ތެދުވެ ގަޑި ބަލައިލައިފައި އެކޮޓަރިއަށް ދިޔައެވެ. ލޮލަށް ފެނުނު މަންޒަރު ގަބޫލު ކުރަން ދަތިވިއެވެ. ޒާހިދު އެންމެންގެ ކުރިމަތީ އެހާ ގާތްކޮށް އުޅެފައި އެނބުރި އައިސް އެއޮތީ ގަދަޔަށް ނިދާފައެވެ. އަހަރުތަކެއް ވާންދެން އެއްގޮތަށް ހިނގަމުން އައި ކަންތައްތަކަށް މިރޭ ބަދަލެއް އަތުވެދާނެ ކަމަށް ކުރެވުނު އުންމީދު ފެނަށް ވެގެން ދިޔައެވެ. ޝަކީބާ އެނބުރި އައިސް އަނެއްކާ އެނދަށް އަރައި އޮށޯވެފައި ލޯ މަރައިލީ ހެނދުނު ވާއިރު ހުރިހާ ކަމެއް އޭނާ އުންމީދު ކުރި ގޮތަށް ވުމަށް އެދި ދުއާ ކުރަމުންނެވެ.
އިރުގަނޑެއް ފަހުން ޒޯއީގެ ރީތިހަށިގަނޑު އައިސް މޭގައި ލައްވެގެން އީތަން ބަލައިލި އިރު ޒޯއީއަށް އިނީ ނިދިފައެވެ. އީތަން ހަމަޖެހުމުގެ ނޭވައެއް ލައިފައި ޒޯއީ ނަގައިގަނެގެން ގެންގޮސް އެނދުގައި ރީތިކޮށް ބާއްވާފައި ރަޖާ އަޅައިދިނެވެ. އެނބުރި ދާންވެގެން ހީކޮށްލި ތަނާ އޭނާ ދިޔައީ ސިއްސައިގެންނެވެ. ޒޯއީ ނިދީގައި މަގަތަށް އެނބުރިފައި އޭނާގެ އަތުގައި ހިފީ ދެން ދުވަހަކުވެސް ދޫކޮށްނުލަން ގަސްތުކޮށްފައިވާ ފަދަ ގޮތަކަށެވެ. އީތަން ކައިރިވެފައި އެއަތް ނައްޓަން އުޅެފައިވެސް ޒޯއީ ހޭލަން އުޅުނުހެން ހީވެގެން މަޑުޖެހިލެވުނެވެ. ނުނިދިގެން އުޅުނު ކުއްޖަކު އެގޮތަށް ނިދާފައި އޮތްވައި ހޭލައްވާކަށް ހިތެއް ނޭދުނެވެ. އީތަން ވިސްނައިލާފައި މަގަތުގައި އޮތް ހުސްތަންކޮޅުގައި އިށީންދެލައިގެން އިންދާ ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގުނެވެ.
ނިދިފައި އޮތްވައި އީތަންއަށް ހުވަފެނެއް ފެންނަން ފެށިއެވެ. ލޯބިވެރިޔާ އާއި ކައިވެނިކޮށްގެން ހަނީމޫން ހޭދަކޮށްލަން ގޮސް އުޅެނިކޮށެވެ. "ނޫން!!!!" އީތަންއަށް އަންހެނުންގެ މޫނު ފެނުމުން ހަޅޭއްލަވައިގެންފައި ފުންމައިގެން ތެދުވެވިއްޖެއެވެ. "ނޯ ވޭ. ޝިޒް މައި ފްރެންޑް. ޖަސްޓް އަ ފްރެންޑް." އީތަން ހުވަފެނާއި މެދު ހިޔާލުކޮށްލަން އިނދެގެން ކިޔާލިއެވެ. ހުވަފެނުގައި އަނބިމީހާގެ މަޤާމުގައި ހުއްޓާ ޒޯއީ ފެނުމުން ހިނިވެސް އައެވެ. އީތަން އާ ފުރިލާފައި މޯޅިއަކަށް ދެމިލިތަނުން މާހައުލާއިމެދު ވިސްނައި ލެވިއްޖެއެވެ. ނިދަން އެއޮވެވުނީ ކޮޓަރީގައި ނޫންކަން އެނގުނީ އެހިސާބުންނެވެ. ޒޯއީ ބުނެގެން އެކޮޓަރިއަށް އައިކަން ހަނދާންވީ އެހިސާބުންނެވެ. އީތަން ވަށައިގެން ހޯދައިލާފައި ޒޯއީ ފެންނަން ނެތުމުން އަވަހަށް އެނދުން ފުންމައިލައިގެން ނިކުމެވުނީ ތިއާ ކުރިމައްޗަށެވެ.
އާރިން ދެދުވަހަށް ރަށުން ބޭރަށް ދިއުމުން ލުޖައިން ހީވީ މުޅިން މިނިވަން ވިހެންނެވެ. އެއްކޮޅުން އާރިންގެ އުދަނގޫތަކުން ސަލާމަތް ލިބުމުގެ އިތުރަށް ސުހާ އާއި ދެމީހުންގެ ކުޅިގަނޑު ބަލައިގެން ހިތަށް އެލިބޭ އަނިޔާތަކަށް ވަގުތީ ހުއްޓުމެއް އައީއެވެ. ލުޖައިން މެންދަން ވާންދެން ފިލާވަޅު ދަސްކުރަން އިންނަން ގަސްތުކޮށްފައި ވާތީ ކޮފީއެއް ހަދައިގެން ނިކުތެވެ. . ޝާމިސް ހެނދުނުގެ ޑިއުޓީ ހަފްތާއަށް ވުމުން އެރޭ އުޅެނީ ގޭގައެވެ. ޝާމިސް ފެންވަރާލައިގެން ނިކުމެފައި ކޮފީ ވަސް ދުވައިގެން ބަދިގެ އާއި ކައިރިކޮށްލި އިރު ލުޖައިން މޭޒު ދޮށުގައި އިނދެފައި ޝާމިސް ފެނިގެން ހިނިތުންވެލިއެވެ. ލުޖައިން ތެދުވެފައި އިތުރު ކޮފީ ތައްޓެއް ހަދައިދިނުމުން ޝާމިސް އިށީންދެފައި ދެތަށިން ކުރެ އެއް ކޮފީތަށި ކައިރިކޮށްލައިގެން އިންސާފު ކުރަން ފަށައިފިއެވެ.
"ކިހިނެއްތަ ކިއެވުން ކުރިއަށް ދަނީ؟" ޝާމިސް އިސްއުފުލައިލައިފައި ލުޖައިން މޫނަށް ކަޅި ހުއްޓައިލިއެވެ. އަބަދުހެން މަސައްކަތަށް އިސްކަންދީގެން އުޅެވޭތީ ލުޖައިންގެ ކިއެވުމާމެދު އޭނާއަށް ސުވާލުކޮށް ލެވެނީ މަދު ފަހަރަކުއެވެ. "ވަރަށް ރަނގަޅަށް ކުރިއަށް ދަނީ. ނިމުނު ހަފްތާގައި ހެދި ހުރިހާ ޕޭޕަރ އެއްވެސް ނައިންޓީން މަތީގައި މާކްސް އުޅެނީ." ލުޖައިން އުފާވެރި އަޑަކުން ޖަވާބު ދިނެވެ. ގޭތެރޭގެ ކަންތައް ކޮންމެ ގޮތަކަށް ދިޔަ ކަމުގައިވިއަސް ލުޖައިން އަމިއްލަ މަޤްސަދު ހަނދާން ނައްތައެއް ނުލައެވެ. ރޭގަނޑު ނުނިދާ ހުރެވެސް ބަރާބަރަށް ހޯމްވޯކްތައް ނިންމައި ފިލާވަޅު ދަސްކުރެއެވެ. އެހެން ނޫންނަމަ އެވަރަކުން އާރިންގެ ގޭގައި ހުރުމުގެ ބޭނުމެއްވެސް ނެތެވެ. "ޕްރައުޑް އޮފް ޔޫ." ޝާމިސް ހިތްހަމަޖެހުމުގެ ނޭވައެއް ލާފައި ލުޖައިން ކޮނޑުގައި ފިރުމާލައިފިއެވެ. ލުޖައިން އިނީ ހިތްހަމަ ޖެހިފައެވެ. ޝާމިސް އެގޮތަށް ވާހަކަދެއްކުމުން ވަކިން އުފާވިއެވެ. "ދޮންބެ ވާހަކައެއް ބުނަންތަ؟" ޝާމިސް އިރުކޮޅެއް ފަހުން އެހެން ބުނެލި އިރު ތަފާތު ކުލަވަރެއް މޫނުގައި ވިއެވެ. ލުޖައިންއަށް ޔަޤީނާއި ގާތަށް ހީވީ ޝާމިސް ދައްކަން އެއުޅެނީ އާރިންގެ ވާހަކައަށް ވެދާނެ ކަމެވެ.
"ލުޖައިން! ފަހަރެއްގައި މިވާހަކަ އަހަން ހިތްހަމަވެސް ނުޖެހިދާނެ. އެކަމަކު ދޮންބެ ބުނާނީ ހިތުގައި އޮތް ގޮތަށް. އާރިންއަކީ ލުޖައިން ތި ހީކުރާ ކަހަލަ ގޯސް މީހެއް ނޫން. އެންމެ ފުރަތަމަ ދުވަހުވެސް ދޮންބެއަށް ލުޖައިންގެ ނިންމުން ކަމުނުދިޔައީ އެހެންވެ. އާރިން ވަކިން އެޕާޓްމަންޓެއް ހިފައިގެން އުޅޭކަން ދޮންބެއަށް ސިއްރުވެފައެއް ނެތް. ވެދާނެ އެހެންވެ ކަމަށް އެވަރަކުން ލުޖައިން ކައިރީ ނުބުނީ އެއީ ދޮންބެ ފަރާތުން އެނގިފައި އޮވެދާނެ ކަމަށް އާރިން ވިސްނީ ކަންނޭނގެ. ދޮންބެ ހައިރާންވީ ލުޖައިން އެހާ ކުޑަކަމެއް އެވަރު ބޮޑު އިޝޫއަކަށް ހަދާލީމަ. ލުޖައިން ތީ ކޮންމެ ކަމަކަށް ޝުކުރު ކޮށްލައިގެން އުޅުނު ކުއްޖެއް. އެހެން އުޅެ ތިވަރުވެފަ ހުރި ކުއްޖަކު ކުއްލިއަކަށް ބްރޭކްއަޕް ވާން ކުޑަކަމެއް ނަގާނެ ކަމަށް އަދިވެސް ގަބޫލު ނުކުރެވޭ. ސީރިއަސްލީ ލުޖައިން. އިޓް ވޮޒަންޓް ޔޫ...."ޝާމިސް އިރުކޮޅަކަށް މަޑުޖެހިލާފައި ބަލައިލި އިރު ލުޖައިން އިސްޖަހައިގެން އިނދެ ކޮފީތަށީގެ ކައިރިފަށުގައި ޝަހާދަތް އިނގިލި ހިންގަމުން ދިޔައެވެ. އެލޮލަށް ކަރުނަތައް ޖަމާވެ އެސްފިޔަތަކަށް ބަރުވަމުން ދަނީއެވެ.
"ކޮންމެ މީހެއް ލައިފްގަވެސް ހުންނާނެ ސީކްރެޓްތަކެއް. އެހެން މީހަކާއި ހިއްސާ ކުރުމުގެ ކުރިން ތިމާ އަމިއްލައަށް އެކަންތައް އެކްސެޕްޓް ކުރެވެންޖެހޭނެ. ލުޖައިންއަށް އާރިން އެނގުމުގެ ކުރީން އަހަރެން އޭނަ ދަންނަން. ވީ އާ ބެސްޓްފްރެންޑްސް. އެކަމަކު އަހަރެންނަށްވެސް ނުކިޔައިދޭ އޭނަ ފެމެލީ ދޫކޮށްލީ ކީއްވެކަމެއް. މޭބީ ހީ ނީޑް ޓައިމް ޓު އެކްސެޕްޓް. ސީރިއަސްލީ ލުޖައިން އެދުވަހު އާރިންއަށް ފުރުސަތެއް ނުދިންކަން އެއީ ލުޖައިންގެ މޮޔަކަން. އެކަމަކު އެހުރިހާ ކަމެއް ވީމައިވެސް އާރިން އެއްނު ލުޖައިންއަށް ކިޔެވޭނެ މަގު އެފަހިކޮށް ދިނީ." ޝާމިސްވެސް ކުށްވެރި ކުރީ ލުޖައިން އެވެ. އަދި މިއަދު ފުރަތަމަ ފަހަރަށް އެ ހަޤީޤަތް ހާމަކޮށްލުމުން ލުޖައިން ހިތަށް މާބޮޑަށް އަސަރު ކޮށްފިއެވެ.
އެކެއް ޖަހަން ކައިރިވެފައި ހުއްޓައި އާރިން އައިސް ގެއަށް ވަނެވެ. ކޮޓަރި ތެރޭގައި ދޮރުފޮތިތައް ކަހާލައިގެން އިނުމުން ލުޖައިންއަށް އާރިން ވަންގަޑީ އޮތީ ފެނިފައެވެ. ދެދުވަސް ވާންދެން ހަމަޖެހިލައިގެން އުޅެވޭނެ ކަމަށް ކުރެވުނު އުންމީދު އެހިސާބުން ފެނަށް ވެގެން ދިޔައެވެ. އެކަމަކު އޭނާ ނިންމާފައިވާ ގޮތަށް ވީހާވެސް ބޮޑަށް އާރިން އާއި ދުރުން އުޅެވޭތޯ މަސައްކަތް ކުރާނެއެވެ. ކައިރިން އުޅެގެން ހިތަށް އަނިޔާވުން ނޫންކަމެއް ނުވެއެވެ. އާރިން ސުހާ ގޮވައިގެން ފެންނަ ކޮންމެ ފަހަރަކު ލުޖައިންގެ ހިތް ހާސްފަހަރު ހަލާކުވެއެވެ. ލުޖައިން ފިލާވަޅު ހަދަން މޭޒު ދޮށުގައި އިންދާ އާރިން ދޮރު ހުޅުވާލާފައި ވަނެވެ. ލުޖައިން އެނބުރި ބަލައިލާފައިވެސް އަނެއްކާ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. އާރިން ކޮޅަށް ހުރެލާފައި އައިސް މޭޒު ދޮށުގައި ހުސްކޮށް ހުރި ގޮނޑީގައި އިށީންދެފައި އިރުކޮޅަކުން މޭޒުގައި ގޮށްމުށުން ބާރަކަށް ޖެހިއެވެ. ލުޖައިން ސިއްސައިގެން ދިއުމާއެކު ބާރަށް ހަޅޭއްލަވައިގެންފައި ފުންމައިގެން ތެދުވިއެވެ. ޝާމިސް ކޮޓަރީގައި ނިދާފައި އޮތުމުން އެއަޑު އިވޭނެ ކަމާއި މެދު ޔަޤީންކަމެއް ނެތެވެ.
"އަހަރެން ވާހަކަދެއްކީމަ ޖަވާބު ދޭކަށް ނުޖެހޭތަ؟" އާރިން ކައިރިއަށް އަންނަން ފެށުމުން ލުޖައިން ޖެހިލީ ފަހަތަށެވެ. "އާރީ ކީކޭތަ ބުނީ؟" ލުޖައިންއަށް ހަޤީޤަތުގައި ވެސް އާރިން ވާހަކަދެއްކި އަޑެއް ނީވެއެވެ. "އަހަރެން ބޭނުން އެކަނި ފިލުވަން ލުޖައިން މަށާއި ވާހަކަދައްކަން. ހިނގާ މަގޭ ފަހަތުން ބޭރަށް." އާރިން އެހާ އަމުރުވެރި ކޮށް ބުނެލިއަސް އެވާހަކައިން ލުޖައިން ވީ ފާޑެއްގެ ފޫއްސެކެވެ. މާ މާތްމީހަކަށް ވެގެން އެގޭގައި ހުރެވޭނެ ގޮތް ހަމަޖައްސައި ދިނެއް ކަމަކު ކިއެވުމަށް ހުރަސް އެޅޭފަދަ ކަންތައް އެކުރަނީ އަމިއްލަ އެދުން ފުއްދުމަށެވެ. "ކޮބާތަ ސުހާ؟ އޭނަ ކައިރިއަށް ދިޔައީމަ ވީނު. ކީއްކުރަންތަ މަގޭ ކައިރިއަށް ތި އަންނަނީ؟" ލުޖައިން ވެފައި ހުރި ފޫއްސަކުން ބިރު ކަނޑައިލާފައި ދިމާއަށް ގޮވައިލިއެވެ. އެވަގުތު އާރިން ކުއްލިއަކަށް ކައިރިއަށް ޖެހިގެންފައި ލުޖައިންގެ ދެކޮނޑުގައި ހިފަހައްޓައިލީނުން ފާރަށް ތަތްކޮށްލައިފިއެވެ.
"މި އަންނަނީ ލޯބި ވާތީ. އެނގިއްޖެތަ؟" އާރިން ހަތަރު ކަޅި ހަމަކޮށްލާފައި ދިން ޖަވާބު އަހާފައި ލުޖައިންގެ މޭގަނޑު ފިނިވެގެން ދިޔައެވެ. ބަހެއް ނުބުނެވިފައި އެދެލޮލަށް ބަލަހައްޓައިގެން ހުރެވުނެވެ. "ތިއަށް ކިޔާނީ ގެރިލޯބި. ހުނ!" އިރުކޮޅެއްފަހުން ލުޖައިން ބުނެލިއެވެ. ހަޤީޤަތުގައިވެސް އޭނާ އެހުންނަނީ އާރިން ދެކެ ވަރަށް ރުޅި އައިސްފައެވެ. މިފަދަ ހިތްވަރެއް ލިބުނީވެސް އާރިން ގަދަކަމުން ތުންފަތުގައި ބޮސްދީފައި ކަމެއް ވީކަމަށްވެސް ހަދާނުލައި ސުހާ ގެން ގޮސް ކޮޓަރިއަށް ވެއްދިފަހުން ހިތަށް ކޮށްފައިވާ އަސަރަކުންނެވެ. އާރިން ހައްތަހާ ބޮޑަށް ލުޖައިންގެ ދެކޮނޑަށް ފިއްތައިލުމުން އިޙުތިޔާރަކާއި ނުލައިވެސް ލޮލުން ކަރުނަ ހިލުނެވެ. ދެއަތުގައި ވޭން އަޅާވަރު ދުލުން ނުބުނެވެސް އާރިންއަށް ވިސްނުނީ ކަހަލައެވެ. އޭނާ ކުއްލިއަކަށް ލުޖައިން ދޫކޮށްލައިފިއެވެ. އެކަމަކު ކުރިއަށް ފިޔަވަޅެއް އަޅާފައިވެސް އަނެއްކާ ދިމާއަށް އައިސް ހުއްޓުނު ގޮތަށް ކަނާއަތް މުށްކަވައިލާފައި ހިއްލައިލުމުން ލުޖައިން ބިރުން މޫނުގައި ދެއަތް އެޅުނެވެ. އެވަގުތު އާރިންގެ ގޮށްމުށުގެ އެތިފަހަރު އެރީ ފާރަށެވެ. އިރުކޮޅަކުން ދޮރު ލެއްޕުނު އަޑަށް ލުޖައިން ބަލައިލި އިރު އާރިން ފެންނާކަށް ނެތެވެ.