އީތަން ލައިގެން ހުރި އަތްދިގު ޓީޝާޓާއި ޖިންސްގައި ވެސް ސްމާޓް ކަމަކަށް ބަދަލެއް ނާދެއެވެ. ދެޖީބަށް އަތް ޖަހައިގެން މަޑު ފިޔަވަޅު ތަކެއްގައި ވަދެގެން އައި ގޮތުން ނިކަން ފިރިހެންވަންތަ ގޮތެއް އެހިނގުމުގައި ވިއެވެ. ތިއާ ނުބަލަން ހުވާކޮށްގެން ހުއްޓާވެސް އެންމެން އުފާވެފައި އީތަން އާއި ވާހަކަ ދައްކާ އަޑު އިވުމުން އިސް އުފުލައިލެވިއްޖެއެވެ. އީތަން ލުއި ހިނިތުންވުމަކާއެކު ޒޯއީ އާއި ވާހަކަދައްކަމުން ވަށްކަޅިއަކުން ތިއާ އަށް ބަލައިލީ ހަމައެވަގުތެވެ. "ފްރީކް." ތިއާ ދެދަތްޕިލަ ޖައްސާ ބާރުކޮށްގެން ހުރެ ބުނި އެއްޗެއްގެ އަޑު އިވުނީ ލުޖައިންއަށް އެކަންޏެވެ. ލުޖައިން ގާތަށް ހިނިއައިސްގެން އަވަހަށް ތުންފަތުގައި ދަތް އަޅައިލިއެވެ.
"އީތަން! މީޓް ތިއާ." ޒޯއީ ތުއިވެފައި އީތަންގެ މުލައްދަނޑީގައި ދެއަތުން ވަށައިލަމުން ތިއާ ދައްކައިލިއެވެ. "ހޫމ މައި ޖެރީ. ހާދަ އިންތިޒާރު ކުރި ވަގުތު ކޮޅެކޭ މީ." އީތަން އައިސް ކައިރިއަށް ހުއްޓިފައި ޖީބުގައި އޮތް އަތް ނަގައި ސަލާން ކުރަން އިސްކުރިއެވެ. ތިއާ ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްފައި އަތް ދިއްކޮށްލީ ކައިރީގައި ހުރި ޒޯއީ ހިތްހަމަޖައްސައި ދޭން މަޖުބޫރުވީތީއެވެ. އީތަން އެފުރުސަތު ވެސް ނަގައެއް ނުލިއެވެ. ނިކަން ބާރަށް ފިއްތައިލުމާއެކު ތިއާގެ އަތަށް ތަދުކޮށްލައިފިއެވެ. ފެންކަޅިވެގެން ދިޔަ ލޮލުން އީތަންއަށް ރުޅިވެރި އެތައް މެސެޖެއް ފޮނުވަމުން ތިއާ އުޅުނީ އަވަހަށް އަތް ދަމައިގަންނާށެވެ. އެކަމަކު އީތަންގެ ބާރު ވަޒަންކުރެވި އިތުރަށް ރުޅިގަދަވުން ނޫން ކަމެއް ނުވިއެވެ. "މަންމާ!" ތިއާ އަޑަށް ބާރުލާފައި ގޮވާލިއެވެ. އެހެން އެންމެންގެ ނަޒަރު ތިއާއަށް ހުއްޓުނު ތަން ދެކެފައި އީތަންއަށް މަޖުބޫރު ވެގެން އަވަހަށް އަތުން ދޫކޮށްލައިފިއެވެ.
"ކިހިނެތްވީ؟" ޝަކީބާ ހައިރާންވެފައި ތިއާ އަށް ބަލައިލިއެވެ. ޒޯއީ ވެސް ހުރީ ވީނުވީއެއް ނޭނގިފައި ލޯ ބޮޑު ކޮށްލައިގެންނެވެ. "އީތަން އަތަށް ތަދުކޮށްލީ." ތިއާ ސިއްރުކުރާކަށް ނޫޅުނެވެ. ޝަކީބާގެ ސަމާލުކަން ލިބުމުން މޮޅިވެރި ގޮތަކަށް ތުން ފިތާލައިފައި އަނެއް އަތުން ތަދުވި އަތުގައި ފިރުމަން ފެށިއެވެ. އެވަގުތު އީތަން ވެސް ފާޑަކަށް ރަކިވެފައި އިސްޖަހައިލެވުނެވެ. "ހެހެ އަދި މިއުޅެނީ މިނިޓެއް ނުވެގެން. މިހާ އަވަހަށް ދެމީހުންގެ ހަނގުރާމަ ފެށުނީ ދޯ. ތިއާވެސް ދެން އުޅޭ ގޮތެއް. ދަރިފުޅާ ޒޯއީ. އީތަން ގޮވައިގެން މޭޒުދޮށަށް ހިނގާ! ޒަކްވާން އާއި ލުޖައިންވެސް އަވަހަށް އާދޭ!" ޝަކީބާ ހިނިގަނޑެއް ޖަހާލައިފައި އައިސް ތިއާގެ އަތުގައި ހިފައިގެން ކާމޭޒު ދޮށާއި ދިމާއަށް ގެންދަން ފެށިއެވެ. "ދަރިފުޅު ތިދެން ކޮންކަމެއް؟ އީތަން އެއީ މިހާރު ދަރިފުޅު ކުޑައިރު ދުށް ފިރިހެންކުއްޖާއެއް ނޫނޭ. އޭނައަށް ގޯނާ ނުކޮށް މަޑުން ހުރެބަލަ." ޝަކީބާ އެތެރެއަށް ވަންނަމުން ތިއާ އަށް އެކަނި އިވޭވަރަށް ބުނެލިއެވެ. ތިއާ އެންމެ ރުޅި އައީ މަންމަ އޭނާގެ ވާހަކަ ގަބޫލު ނުކުރާކަން އެނގުނީމައެވެ. އެންމެން ހީކުރީ އެއީ ތިއާ ކުރި ސަމާސާއެއް ކަމަށެވެ.
މޭޒު ދޮށުގައި އެންމެން ހަމަވުމަށްފަހު ކެއުން ފެށިގެން ކުރިއަށް ދިޔައެވެ. ޝަކީބާ އާއި ޒޯއީވެގެން އީތަން އާއި ތަފާތު އެކި ސުވާލު ކުރަމުން ވާހަކަ ކުރިއަށް ގެންދިޔައިރު ދެންތިބި ތިން ޒުވާނުން ހަމައެކަނި އަޑު އަހަން ތިބެގެން ކެއުން ކުރިއަށް ގެންދިޔައެވެ. ޒަކްވާން ދޭތެރެއަކުން އެމީހުންގެ ވާހަކައަށް ބަހެއް އިތުރުކޮށްލި ނަމަވެސް ތިއާ އިންނަނީ ތުން ދަމައިގެން އަނގައިން ވެސް ނުބުނެއެވެ. ލުޖައިން ވާހަކަ ދެއްކީ އީތަން ސުވާލު ކޮށްގެންނެވެ. ކޮންމެ ފަހަރަކު ޖަވާބު ދިނުމުގެ ކުރީން ލުޖައިންއަށް ބަލައިލެވެނީ ޒޯއީގެ މޫނަށެވެ. އޭނަ އީތަން އާއި ވާހަކަ ދައްކަން ޒޯއީ ހިތްހަމަ ނުޖެހިދާނެތީ ބިރުގަތެވެ. އެކަމަކު އެއިން ކޮންމެ ފަހަރަކުވެސް ޒޯއީ އިންނަނީ ނިކަން ހަމަޖެހިލާފައެވެ. އީތަން އައުމާއެކު ޒޯއީގެ މުޅިން އާ ސިފައެއް ފެންނަން ފަށައިފި ކަމުގައި ލުޖައިން އަމިއްލައަށްވެސް އެއްބަސްވެވުނެވެ.
"ޒޯއީ. މަ ބުނީމެއްނު ކުރީ ދުވަހު އޮފީހަކުން ދިމާވި ކުއްޖެއްގެ ވާހަކަ. އެނގޭތަ އެއީ ކޮން ކުއްޖެއްކަން؟" ތިއާ އެންމެންނަށްވުރެ ކުރިން ނިންމާލާފައި ތެދުވިތަނުން އީތަންގެ ޖުމްލަ އަހާފައި ފިނިވެގެން ދިޔައެވެ. ގަދަކަމުން ހިންދިރުވައިލަމުން އީތަންއަށް އަވަސް ނަޒަރެއް ދެވުނެވެ. އީތަންގެ ލާނެތް ލޮލުގައިވާ ޖެހިލުން ކުޑަކަމަކުން ތިއާ ރަނގަޅަށްވެސް ބިރުގަންނަވާލިއެވެ. ހަތަރުކަޅި ހަމަވުމާއެކު ތިއާ އާދޭސް ކުރާ ވައްތަރަށް މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވާލިއެވެ. "ހޫމ ކާކުތަ؟" ޒޯއީ ޝައުޤުވެރިވެފައި މޭޒުގައި ދެއުޅަބޮށި ވިއްދާލައިފިއެވެ. ތިއާ ފަދައިން ލުޖައިން ވެސް އިނީ ކަންބޮޑުވެފައެވެ. "ފާތުން ކިޔާ ކުއްޖެއް. ޒޯއީއަށް ފަހަރެއްގައި ނޭނގިދާނެ." އީތަންގެ ނަޒަރު ތިއާގެ މޫނުން ވަކިކޮށްލާފައި ޒޯއީއަށް ހުއްޓައިލިއެވެ. އެވަގުތު ތިއާއަށް ހީވީ ގެނބެމުން ދަނިކޮށް ފެނުމަތީ އޮތް ލަކުނޑި ގަނޑެއްގައި އަތްޖެހުނު ހެންނެވެ. ހިތާއި ދިމާއިން މޭގައި ހިފަހައްޓާލަމުން ފުން ނޭވައެއް ދޫކޮށްލާފައި އޭނާ އަވަހަށް ނިކުމެގެން ދިޔައެވެ. އިރުކޮޅަކުން ޒޯއީ އާއި އީތަން ފަހަތުން ޒަކްވާން ވެސް ނިކުމެއްޖެއެވެ. ލުޖައިން ތެދުވިތަނާ ޝަކީބާ ގޮވާފައި ފަހަތުން ދިއުމަށް އެދުނެވެ. ލުޖައިން ހިސާބަކަށް ސުވާލު އުފެދިފައި ހުރެގެން ޝަކީބާ ފަހަތުން ކޮޓަރިއަށް ވަންނަން ދިޔައިރު ޒޯއީ އާއި އީތަން ވާހަކަދައްކަން ތިބީ ލިވިންރޫމްގައެވެ.
"ދޮރު ލައްޕާލާތި!" ޝަކީބާ ފަހަތުން ވަން ލުޖައިންއަށް އިއްވާލާފައި ގޮސް ނިދާ އެނދުގައި އިށީންދެލިއެވެ. "މިތާ އިށީންދެބަލަ." ލުޖައިން އައިސް ކުރިމައްޗަށް ހުއްޓުމާއެކު ޝަކީބާ އެއަތުގައި ހިފާ ކައިރީގައި ބައިންދައިފިއެވެ. ލުޖައިންގެ ހިތުގެ ތެޅުން އަވަސްވެ ނިއްކުރިން ދާ ހިލޭގޮތްވިއެވެ. ނޭނގުމުގެ ތެރޭގައި އޭނާއަށް ޝަކީބާ ހިތްހަމަ ނުޖެހޭ ކަމެއް ކުރެވުނީ ކަމުގައި ހީކުރެވިގެން ލޯވެސް ފެންކަޅިވެއްޖެއެވެ. "ޝަކިއްތައަށް ކަމެއް ކޮށްދީބަލަ." ޝަކީބާ ލުޖައިންގެ މައުސޫމު މޫނަށް ބަލަން އިނދެފައި ފެށިއެވެ. އެވަށް މޫނަށް އަރާ ފައިބަމުން ދިޔަ ކުލަތަކުން މައުސޫމުކަން އިތުރުވެފައިވާހެން ހީވެއެވެ. މާލެ އައިސް ލާ ހެދުންތައް ބަދަލު ކޮށްލުމުން ލުޖައިން ކުރިއަށްވުރެވެސް ރީތިކަމަށް ދައްކައެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމޫނު އިތުރަށް އޮމާންވެ ގައިގެ ކުލަވެސް އިތުރަށް ދޮންވެއްޖެއެވެ. ފެންބަދަލުވުމުން އެންމެ ބޮޑު ބަދަލެއް އައީ އިސްތަށިގަނޑަށެވެ. ލުޖައިންގެ އިސްތަށިގަނޑު ވަރުގަދަވެ ދިގުވަމުން އަންނަނީ ހީވެސް ނުކުރާހާ އަވަހަށެވެ. ރަށުގައި އުޅުނު އިރު ހިސާބަކަށް ރަންކުލަ އަރާ އިސްތަށިގަނޑަށް މިހާރު އަރަނީ ކަޅު ދިހުންކުލައެވެ. އުނަގަނޑަށްވުރެ ތިރިއަށް ދެމިފައި ވާތީ ލުޖައިންއަށް ބަލަހައްޓަން ވެސް އުދަގޫވާ ހިސާބަށް ހިނގައްޖެއެވެ.
"ލުޖައިން ވީއެއްނު ޒަކްވާން އާއި ވާހަކަ ދައްކާލަން. ޝަކިއްތަ ބުނީމަ އެވަނީ އަބަދު ނަސޭހަތް ދޭކަމަށް. ޒަކްވާން ބޭނުމެއް ނުވޭ ޝަކިއްތަ ދައްކާ ވާހަކަ އަޑު އަހާކަށް. އަބަދު މަސައްކަތް ކުރާނީ ފެންނަ ހިސާބަށް ނައިސް އުޅެން. ގިނަފަހަރަށް ކުދިންނަށް ވާގޮތަކީ އާއިލާ މީހުން ނަސޭހަތް ދިނީމަ ފޫހިވަނީ. އެކަމަކު ލުޖައިން އެކުވެރިއެއްގެ ހައިސިއްޔަތުން ވާހަކަ ދައްކާލަނިކޮށް ފަހަރެއްގައި އަޑު އަހާފާނެ. އަޅެ ޝަކިއްތައަށް ޓަކައި އެއްފަހަރު ނަމަވެސް މަސައްކަތްކޮށްލަ ދޭން ވީނު." ލުޖައިން ކަންބޮޑުވިތަން ދެކެފައި ޝަކީބާ ލުޖައިން އަތުގައި ފިރުމާލިއެވެ. ޝަކީބާ ދެފަހަރެއްގެ މަތިން ޒަކްވާންގެ ވާހަކަ ދެއްކިފަހުން ލުޖައިން އަމިއްލައަށްވެސް އެކަމާއި ވިސްނާތާ ދުވަސްކޮޅެއް ވެއްޖެއެވެ. މިހާރު މިވީގޮތުން ފިޔަވަޅު އަޅަން ޖެހުނީއެވެ. ލުޖައިން ހިމޭނުން އިނދެލާފައި މަޑު މަޑުން ބޯ ޖަހައިލިއެވެ. ޝަކީބާ ތަންމިނަށް ހިނިތުންވެލިއިރު އަނެއްކޮޅުން އެތަކެއް ފޮނި ހުވަފެންތައް ސިކުނޑީގައި ދައުރުވާން ފެށިއެވެ.
ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަމުން ދިޔައިރު ތިއާގެ ދެއަތް ވަނީ މުށްކެވިފައެވެ. އަލިފާން ކަނި ބުރަމުން ދިޔަ ދެލޮލުން ދެންމެ ދެންމެ ކަރުނަ އޮހިގެންފާނެ ފަދައެވެ. ތިއާ ރުޅިގަދަވެގެން އެންމެ ބޮޑުވަރަކަށްވެސް ކުރެވޭ ކަމަކީ ރޮއިގަތުމެވެ. ތިއާ ހަނދާން ހުންނަން ފެށީއްސުރެވެސް އޭނާ ގިނައިން ރޮއެފަ ހުރީ ދެރަވުމަށްވުރެ ބޮޑަށް ރުޅިގަދަވާ ދުވަސްތަކުގައެވެ. އެއީ ހިތާމަ ނޫނީ ރުޅި ކަމުގައިވިއަސް ބައެއްފަހަރު އިހްސާސްތައް ހައްދު ފަހަނަ އަޅައި ދިއުމުން ކަރުނަ އެއިހްސާސަކާއި އެއްބައިވެގެން ލޮލުން ފައިބައިގަނެއެވެ. ކަރުނައަކީ އެކަހަލަ އެއްޗެކެވެ.
އީތަން އާއި ޒޯއީ ފޮނި ވާހަކަ ދައްކަމުން ކޮރިޑޯއިން ހިނގާފައި ދަނިކޮށް ތިއާ ކޮޓަރި ދޮރު ކުޑަކޮށް ހުޅުވިފައި ހުއްޓާ އީތަން ލޮލުގައި އަޅައިގަތެވެ. "ޒޯއީ. ވަން ސެކަންޑް އިނގޭ." އީތަން ޖީބުން ފޯން ނަގާފައި ޒޯއީއަށް ދައްކައިލީ ފޯނެކޭ ބުނާފަދަ ގޮތަކަށެވެ. ޒޯއީ ބޯ ޖަހާލާފައި ގޮސް ކޮޓަރިއަށް ވަންތަނުން އީތަން ވަގެއްހެން ދެކޮޅު ހޯދާލާފައި ތިއާގެ ކޮޓަރިއަށް ދެމިގަތެވެ. އޭރު ތިއާ އޮތީ ބާލީހުގައި މޫނު ޖަހައިގެން ބަންޑުން ކަހަލަ ގޮތަކަށެވެ.
"ކޮންކަމަކާ ތި ބާލީސް ފޯކުރަނީ؟" އީތަން އައިސް އެނދު ކައިރިއަށް ހުއްޓިފައި ވާހަކަދެއްކި އަޑަށް ތިއާ ފުންމައިގެން ތެދުވިއެވެ. "ޔޫ...!!" ތިއާ ރުޅިވެރި ލޮލަކުން ބަލައިލާފައި އެނދުން ފުންމާލައިގެން އައިސް އީތަން ކުރިމައްޗަށް ހުއްޓިއްޖެއެވެ. "ވަޓް ޔޫ ވޯންޓް؟" ތިއާ ޖެހިލުމެއްނެތި އީތަންގެ ލޮލާއި ލޯ ގުޅުވާލާފައި ބާރުއަޑުން އެހިއެވެ. "ވާއު! އައި ލައިކް ޔުއަރ ގަޓް." އީތަން ސީރިއަސްކޮށް ބަލަން ހުރެފައި ނުލަފާ ގޮތަކަށް ހިނިތުންވެލައިފިއެވެ. "މިބުނީނު ބުނާށޭ." ތިއާ އީތަންގެ ގައިގައި ހިފައިގަންނަން ވެގެން އުފުލާލި ދެއަތްތިލައިގައި އީތަން ހިފީ ނިކަން ހުޝިޔާރު ކަމާއެކުގައެވެ. "މާއަވަހަށޭ ލޭމައްޗަށް ތިދަނީ. ނިކަން އަހަރުމެންހެން ކޫލްކޮށް ހުރެބަލަ." އީތަން ތިއާގެ އަތުން ދޫކޮށްލައިފައި ޖިންސްގެ ޖީބަށް އަތްޖަހައިލިއެވެ. ތިއާ އިތުރު އެއްޗެއް ބުނަން އުޅެފައި ވެސް އީތަން ދޭނެ ޖަވާބަކަށް އިންތިޒާރުކޮށްގެން މަޑުޖެހިލިއެވެ. އީތަންގެ ނަޒަރު ދަތުރު ކުރީ ކޮޓަރީގައި ހުރި ލިޔާ މޭޒާއި ދިމާއަށެވެ. "ހަމައެންމެ ކަމެއް ތިއާ ކޮށްދޭންވީ. ފްރައިޑޭ ނައިޓް ޑިނަރ އަހަންނާއިއެކު ބާއްވަން އެއްބަސްވޭ. އެހިސާބުން އަހަރެން އެހާދިސާ ހަނދާން ނައްތާލާނަން." އީތަން ގޮސް ލިޔާ މޭޒުމަތީ އޮތް ފޮތެއް ހުޅުވާފައި އެތަނުން ގަލަމެއް ނަގައިގެން އެޑްރެސް ލިޔެލިއެވެ. ތިއާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދެކޮޅުހަދަން ހިތް އެދުނަސް އީތަންގެ އަނގަ ބަންދުކުރަން ބޭނުމިއްޔާ އެގޮތާއިވެސް ގަބޫލުނުވެ ވާކަށް ނެތެވެ. ކޮންމެ ގޮތެއްވިއަސް ޒޯއީއަށް އޭނަ ކުރި ކަންތައް ފަޅާއަރައިގެން ގެއަށް ޤިޔާމަތް އައުން ހުއްޓުވަން އެބަޖެހެއެވެ. ތިއާ ވިސްނުމުގެ ތެރެއަށް ދޫކޮށްލާފައި އީތަން ނިކުމެގެން ދިޔަފަހުން ލަސް ފިޔަވަޅު ތަކެއްގައި ގޮސް އެޑްރެސް ކިޔާލާފައި ލޯ ބޮޑުކޮށްލެވުނެވެ. އީތަން އުޅެނީ ހުޅުމާލޭގައި ކަމެއް އޭނާ ނުދެނަހުއްޓެވެ.
ލުޖައިން ނިދަން އުޅެފައި ޝަކީބާގެ ވާހަކަތައް ހަނދާން ވެގެން ކޮޓަރިން ނިކުތެވެ. އީތަން ދިޔަފަހުން ތިއާވެސް މޫޑު ގޯސްވެގެން އުޅެފައި ލެޕްޓޮޕުން ފިލްމެއް ބަލަން ފަށައިފިއެވެ. ފަޅުވެފައިވާ ސިޓިންރޫމްގެ އެކި ދިމާއަށް ލޯ ހިންގައިލައިފައި ލުޖައިން މިސްރާބު ޖެހީ ޒަކްވާން ކޮޓަރި އާއި ދިމާއަށެވެ. ލުޖައިން ދޮރުގައި ޓަކި ޖަހައިގެން އިރުކޮޅަކު ހުރެފައި ޖަވާބު ނުލިބުމުން ދޮރު ހުޅުވާލިއެވެ. ކޮޓަރިތެރެ އޮތީ ހުހަށެވެ. އެއްވެސް ހިސާބަކުން ޒަކްވާންގެ ހިލަމެއް ނުވެއެވެ. އެކަމަކު ހުރިހާ ބޮކިތައް ދިއްލާފައި ހުރުމުން ލުޖައިންއަށް ޝައްކެއްވިއެވެ. "ޒަކްވާން!" ލުޖައިން އަޑަށް ބާރުލާފައި ގޮވާލިއެވެ. ވަށައިގެން ލޯ ހިންގަމުން ގޮސް ބެލްކަންޏާއި ދިމާއަށް ދަނިކޮށް ކަހާލާފައި ހުރި ދޮރެއް ފެނުނެވެ. ޒަކްވާން އިނީ ބެލްކަނީގައި ލެޕްޓޮޕުން ފިލްމެއް ބަލާށެވެ. ލުޖައިން ގޮވި އަޑު ނީވުނީ ހެޑްފޯނު އަޅާފައި އިނުމުންނެވެ.
ލުޖައިން ވިސްނައިލައިފައި ބެލްކަންޏަށް ނިކުތެވެ. އެއްފަރާތެއްގައި ބަރިއަކަށް އަތުރާފައިވާ ޕޮޓް ތަކުގައި ކުދި ބޮޑު މާގަސްތައް ހެދިފައި ހުރުމުން އެއީ ހިތްފަސޭހަ މަޤާމެކެވެ. ޖެހެމުންދިޔަ ވައިރޯޅިތައް އެގަސްތަކާއި ސަމާސަ ކުރަމުން މާމެލާމެލީގެ ވަހުން އެތަންކޮޅު ހުވަނދު ކުރަމުން ދިޔައެވެ. ޒަކްވާން އިށީންދެލައިގެން އިން ބީޗް ޗެއަރ ބައްޓަމަށްވާ ގޮނޑީގެ ކުރިމަތީ އޮކޭޝަނަލް މޭޒުގައި ލެޕްޓޮޕް ބައިންދާފައި އޭގެ އިތުރަށްވެސް ދެގޮނޑި ހުއްޓެވެ. ލުޖައިން ދެފިކުރެއްގައި ހުރެފައި ޒަކްވާންގެ ކޮނޑުގައި ކޮށްޓައިލުމުން ސިއްސައިގެން ދިޔައެވެ. "ހޭއި." ޒަކްވާން ހެޑްފޯން ކަންފަތާއި ވަކިކޮށްލާފައި ކަރުގައި އަޅުވައިލިއެވެ. "ކީއްތި ކުރަނީ؟" ލުޖައިން ގާތްގޮތަކަށް އަހައިލިއެވެ. "ހޯމްލޭންޑް ކިޔާ ސީރީސްއެއް ބަލަނީ މި. ސިޓް ހިއަރ. ލޫލޫ ބޭނުމިއްޔާ ޖޮއިންވިއަސް އޯކޭ. މީތި ވަރަށް ސަޅިވާނެ." ޒަކްވާން ތިރިއަށް ދެފައި އެލުވާލުމަށްފަހު އެތާހުރި ގޮނޑި ދަމާލާފައި ކައިރިއަށް ގެނައެވެ. "ގާރލް ކުދިންނާ ގުޅޭތަ؟" ލުޖައިން މަސައްކަތް ކުރީ ޒަކްވާން އާއި ވާހަކަދައްކާށެވެ. އެދެމެދުގައި އޮތް ބީރައްޓެހިކަމުގެ ކުޑަ މިންވަރެއް ނަމަވެސް އުނިކޮށްގެން ނޫނީ ދައްކަން އައި ވާހަކަ ފަށަށް ދައްޗެވެ. "މީތި އަސްލު ވަރަށް ބޯއިޝްވާނެ. ލޫލޫ ބޭނުމިއްޔާ އެހެން ސީރީސްއެއް ޑައުންލޯޑްކޮށްދީފާނަން. ޕްރިޓީ ލިޓްލް ލަޔަރސް އެއީ ވަރަށް ގިނަ އަންހެންކުދިންގެ ޗޮއިސްއެއް." ޒަކްވާން ވާހަކަދައްކަމުން ލުޖައިންގެ މޫނަށް ބަލައިލާފައި އިރުކޮޅަކަށް ހިމޭންވިއެވެ.
ލުޖައިން ގޮނޑީގައި އިށީންދެފައި ލެޕްޓޮޕްގެ ސްކްރީނަށް ނަޒަރު ދީގެން އިނުމުން ޒަކްވާން އެހާ ފުން ނަޒަރެއް ދިން ކަން ރޭކައެއްނުލިއެވެ. ލުޖައިން އިރުގަނޑެއް ފަހުން ނިދި އަންނަ ގޮތްވެގެން އެނބުރި ކޮޓަރިއަށް ދިޔައީ ކުރަން އައި ކަންތައް އެހެން ދުވަހަކަށް ލަސްކޮށްލާފައެވެ. ޒަކްވާންގެ ގާތްކަން ނުހޯދައި ހަމަ ކުއްލިއަކަށް ޓަސްލާފައި އެފަދަ ވާހަކައެއް ދައްކާކަށް އޭނާގެ ސިކުނޑި އެއްބަހެއް ނުވިއެވެ.
ހުކުރު ދުވަހުގެ ރޭ ބާއްވަން ހަމަޖެހުނު ކެއުން ކެންސަލްކޮށްފައި އީތަން ހަފްތާއަކަށް މެލޭޝިޔާއަށް ފުރަން ޖެހުމުން ތިއާ އުފަލުން ފޮޅުނެވެ. އެކަމަކު ފަހު ވަގުތުވެސް އީތަން ތިއާއަށް މެސެޖުކޮށްފައި އެންގީ އެކެއުން އޭނާ އެނބުރި އައިސް ކުރިއަށް ގެންދާނެ ކަމުގައެވެ. އެކަމަކު ދެހަފްތާވެގެން ދިޔައިރު ވެސް އީތަންއަށް އާދެވޭގޮތެއް ނުވިއެވެ. އަނެއްކޮޅުން އާރިން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ލުޖައިންއަށް ގުޅާފައި ފަރުވާ ކުރިއަށްދާ ގޮތުގެ ތަފްޞީލު ކިޔައިދެއެވެ. ލުޖައިން ފަސްނަމާދުގެ އިތުރަށް ސުންނަތް ނަމާދުތައްވެސް ކޮށްފައި އާރިންއަށް ޝިފާ ދެއްވާތޯ ﷲގެ ހަޟްރަތުގައި އެދެމުން ދިޔައެވެ. ދުވަސްތައް ދާލެއްވެސް އޭނާއަށް ލަހެވެ. އެކަމަކު އޮޕަރޭޝަންގެ ވަގުތު ކައިރިވަމުން ދިޔަވަރަކަށް އާރިން ދައްކާ ވާހަކައިގެ މިސްރާބު ބަދަލުވަމުން ދިޔައެވެ. އޮޕަރޭޝަން ނާކާމިޔާބުވެ އޭނާ ދުނިޔެއިން ނިމިދާނެ ކަމުގެ ވާހަކަތައް އާރިން މިހާރަކަށް އައިސް މާގިނައިން ދައްކަން ފަށައިފިއެވެ. ލުޖައިންގެ ހިތް ފޮތިފޮތިވަމުން ދިޔައިރުވެސް އާރިން ހިތްވަރު އެލިދާނެތީ ކޮންމެ ދުވަހަކު ނަސޭހަތްތެރިވެއެވެ. ކޮންމެ ރެއެއްގެ ނިދި ހަލާކުވެގެންދަނީ ކަރުނައިގެ ކަނޑެއްގައި ފީނަން އޮތްވައެވެ. މާލެ އައިފަހުން ލުޖައިންގެ ރޫފައަށް އައިސްފައިވާ ހެޔޮ ބަދަލުވެސް ނެތި ކުއްޖާ އަނަރޫފަވާން ފެށީ ނިކަން އަވަހަށެވެ.
ޝަކީބާއަށް މިބަދަލު ފާހަގަ ކުރެވުނުއިރު އެހެން ކަމެއްވެސް ފާހަގަ ވާން ފެށިއެވެ. ލުޖައިން ފޯނުގައި ހުއްޓާ މަދުން ނަމަވެސް އޭނާގެ ލޮލުގައި އަޅައިގަންނަން ފެށުމުން ޝައްކުގެ ނަޒަރަކުން ބެލެން ފެށިއްޖެއެވެ. ލުޖައިންއަށް އެގުޅަނީ އޭނާގެ ބޭބެ އާއި މަންމަ ނޫން ތިންވަނަ ފަރާތަކަށް ވެދާނެ ކަމުގައި ޝަކީބާގެ ހިތް އަންގާތީ ޔަގީން ކުރަން ބޭނުންވެގެން ލުޖައިންއަށް ފާރަލާން ނިންމިއެވެ.
ރޭގަނޑެވެ. ލުޖައިން އަތް ދަބަސް ހިފައިގެން ކުލާހަށް ދާން ނިކުންނަނިކޮށް ލިވިންރޫމްގައި ހުރި ފޯން ރިންގްވާން ފެށިއެވެ. ވަށައިގެން ހޯދާލައިފައި އިތުރު މީހަކު ފެންނަން ނެތުމުން ލުޖައިން ފޯން ނެގިއެވެ. "ލޫލޫ އަހަރެން ބޭނުން ހަމަ މިހާރު މީޓްކުރަން." އާރިންގެ ޖުމްލަ ނުނިމެނީސް ލުޖައިން އާއެކޭ ބުނެލީ އަވަސް އަވަހަށެވެ. އާރިން ބަލައި އަންނަ ވާހަކަ ބުނެފައި ފޯން ކަނޑައިލުމުން ލުޖައިން ދޮރާއި ދިމާއަށް ދިޔައިރު ބަދިގެ ތެރޭގައި ސިއްރުން ބަލަން ހުރި ޝަކީބާގެ ނިތަށް ރޫގިނަވެފައި ވެއެވެ. ލުޖައިން ނިކުންނަހާއިރުކޮށްފައި ޝަކީބާ ތިރިއަށް ދިޔައިރު އާރިން ކާރުން ފައިބާފައި ދޮރުފަތުގައި ލެނގިލަނީއެވެ. ލުޖައިން ގޮސް ކައިރިއަށް ހުއްޓިފައި އިރުކޮޅަކުން ދެމީހުން ކާރުގައި ގޮސް ލޯމަތިން ގެއްލުނު އިރު ޝަކީބާގެ ދެލޯ ރަތް އަލިފާންގަނޑެއް ފަދައެވެ.