ހަތަރު އަހަރަށްފަހު ފުރަތަމަ ފަހަރަށް އާރިން އައިސް ކުރިމައްޗަށް ހުއްޓިއްޖެއެވެ. ލުޖައިންގެ ހިތުގެ ހިނގުން ހިނދުކޮޅަކަށް މަޑުވެލިހެން ހީވިއެވެ. މޫނުގައި ވައިރޯޅިއެއް ބީހިލައި އިސްތަށިތައް ވިހުރުވާލި ކަހަލަ އިހްސާސެއް ކުރެވިގެން ދިޔައެވެ. ކަންފަތުގައި ހިމޭން ރާގެއް ހަރުލައިފިއެވެ. އެސްފިޔަޖަހަން ހަނދާންނެތުނު ފުރަތަމަ ވަގުތުކޮޅެވެ. ޝޯކޭސްއެއްގައި ބަހައްޓާފައި ހުރި ބުދެއްފަދައިން ލުޖައިން ގަނޑުވިއެވެ.
ހަތަރު އަހަރަށްފަހު މިހާރު އެއީ ލުޖައިން ކުޑައިރު ދުށް ފުރާވަރުގެ ޒުވާނާއެއް ނޫނެވެ. އާރިން މާބޮޑަށްވެސް އިސްކޮޅުން ދެމިލައި ބާމަތި ފުޅާވެއްޖެއެވެ. މޫނުމަތީން ހަރުކުލަ ޖަހައި ފިރިހެންވަންތަ ވެއްޖެއެވެ. އެރީތި ލޮލުގައި މިއަދު ކުޑައިރުގެ މައުސޫމު ކަމެއް ނެތެވެ. ބަދަލުގައި ލުޖައިންއަށް ފެނުނީ ތޫނުކަމުގެ ވެސް އިންތިހާއެވެ. އެންމެ ބަލައިލުމަކުން ލުޖައިންގެ މުޅި ވުޖޫދު އެލޮލު ތެރެއަށް ގެނބިގެންދާ ފަދަ ދަގަތްފާނީ ބާރެކެވެ. ހެނދުނު ވަގުތަށް ވުމުން ހޫޑީ އަކާއި ސޯޓެއްލައިގެން ހުރި އިރުވެސް ސްމާޓެވެ. ފަން އިސްތަށިގަނޑު ނިއްކުރި މަތިންނާއި ފަހަތުންވެސް ސްޕައިކްޖައްސައި އުފުލާލާފައި ހުރުމުން އެހާމެ ސްޓައިލިޝްއެވެ.
އާރިން އަނގައިން ބުނުމަކާއިނުލާ އެއްއަތުން ސޫޓްކޭސް އަތްގަނޑުގައި ހިފާފައި އަނެއްއަތުން ލުޖައިންގެ އަތްތިލައިގައި ހިފާލައިގެން ހިނގައިގަތުމުން ލުޖައިން އަދިވެސް ހުރީ އެމޫނަށް ބަލަހައްޓައިގެން ގެންދާނެ ތާކަށް ގެންދަން ދޫކޮށްލައި ގެންނެވެ.
"ވެލްކަމް ޓު މައި ކޮންކްރީޓް ޖަންގަލް." އާރިންގެ އަޑުން ލުޖައިން ހޭލައްވައިލީ ކާރަށް އަރައި ހަމަޖެހިލެވުނު ފަހުންނެވެ. އަޑުވެސް މުޅިން ބަދަލުވެއްޖެއެވެ. ފިރިހެންވަންތަވެފައި ހިތްގައިމުކަމުން ލުޖައިން ހަށިން ހީބިހި ނަގުވާލައިފިއެވެ. "ލޫލޫ މާލެ އައީމަ އެންމެ ފުރަތަމަ މީޓްކުރަން ވެގެން މިއައީ." އާރިން ކާރު ސްޓާޓްކޮށްފައި ހުންގާނުގައި ހިފާ އަނބުރައިލަމުން މަގުމައްޗަށް ނަޒަރު ހުއްޓައިލިއެވެ. ލުޖައިން ކުރަން ބޭނުންވެފައިވާ ސުވާލުތައް ހިތުގައި ބޮނޑިވަމުން ދިޔައެވެ. އާރިންގެ ހަރަކާތްތަކުން އިތުރަށް ސިކުނޑި ހާސްކުރުވައެވެ. އަނެއްކާ އާރިން އެއުޅެނީ އޭނާ ދެރަވާނެތީ ހިތްވަރުގަދަ ކަމަށް ހެދިގެން ހެއްޔެވެ؟ ޔަގީނުންވެސް އެއްކަމެއް އިހްސާސް ވެއްޖެއެވެ. އަހަރުތަކެއް ފަހުން ދިމާވިއިރު އެދެމެދަށް ބުނެދޭން ނޭނގޭ ދުރުކަމެއް ވެރިވެއްޖެއެވެ. މީގެކުރިން ޖެހިލުމެއްނެތި ކޮންމެ ވާހަކައެއް ބުނުމުގެ ހިތްވަރު ހުރެފައި މިއަދު ލުޖައިންގެ ދޫ ވާހަކަ ދައްކަން ދެކޮޅުހަދައިފިއެވެ.
"ސޮރީ އެބައުޓް ޔުއަރ ޑޭޑް." އަނެއްކާވެސް ވާހަކަދެއްކީ އާރިން އެވެ. ލުޖައިން އިންތިޒާރު ކޮށްކޮށް ވެސް އާރިން ބައްޔާއި ބެހޭގޮތުން އެއްޗެއް ނުބުނުމުން ކެތްތެރިކަން ކޮޅުންލައިގެން މޫނުގައި އަތް އަޅައިލެވުނެވެ. ކަރުނަތައް ގިނަވެގެން އިނގިލިތަކު ދޭތެރެއިންވެސް ފޭދިގަތެވެ. "ހޭއި! ލޫލޫ...." އާރިންއަށް ބުރެކި ޖައްސާލެވިއްޖެއެވެ. ކުޑަކޮށް މަގަތަށް އެނބުރިލާފައި ދެވަނަ ފަހަރަށް ގޮވައިލުމުން ލުޖައިން މޫނުން ދެއަތް ވަކިކޮށްލި އިރު އެހާ އަވަހަށް ނޭފަތަށް ފިޔާތޮށިކުލަ ވެރިވެއްޖެއެވެ. އާރިން އެމޫނުގައި ފިރުމާލަންވެގެން ހިތަށްއަރާފައިވެސް ނާޒުކްކަމުން އަތްލަން ފަސްޖެހިގެން ތިރިކޮށްލެވުނެވެ. "އާރީ... އަހަރެންނާއި ވާހަކަދައްކަބަލަ. އަހަރެންނަށް ކެތްވާނެއޭ އަޑުއަހަން." ލުޖައިން ކަރުނައިން ފުރިފައިވާ ލޮލުން ބަލައިލުމުން އާރިންގެ ހިތަށް ފާޑެއްގެ ތަދެއް ވެލިއެވެ. އެކަމަކު އެޖުމްލަ އަހާފައި އަވަހަށް ބޭރުބަލަން ފަށައިފިއެވެ. އިތުރު އެއްޗެއް ނުބުނެ އަނެއްކާ ކާރު ދުއްވާލާފައި ގޮސް ގެއެއްގެ ކުރިމައްޗަށް މަޑުކޮށްލުމުން ލުޖައިން އަދިވެސް އިނީ ފައިބަން ބޭނުންނުވެފައެވެ.
"ލުޖައިން އުޅޭ ގެއަށް އާދެވުނީ." އާރިން ހަމަ ގަސްތުގައި އެވާހަކަ އޮއްބައިލުމުން ލުޖައިންއަށް ވެސް މަޖުބޫރުވީ އެގޮތެވެ. ފަހުން ބައްދަލުވާނެ ކަމަށް ބުނަމުން އާރިން ފައިބައިފައި ލުޖައިން ނިކުންނަން ދޮރުފަތް ހުޅުވާލަ ދިނުމުން އެހެން ގޮތެއް ނެތިގެން ފޭބިއެވެ. "ސީ ޔާ." އާރިން ކާރަށް އަރާފައި ދުއްވާލަންދެން ލުޖައިން ބަލަން ހުއްޓެވެ. އެހިސާބުން ކައިރީގައި ހުރި ސޫޓްކޭހުގެ އަތްގަނޑުގައި ހިފާލާފައި ހިނގައިގަންނަން ވެގެން ކުރިއަށް ބަލައިލިއެވެ.
ހަތްބުރިއަށް އުފުލާލައިފައިވާ އުސް އިމާރާތާއި ދިމާއަށް ބަލަހައްޓައިގެން ލުޖައިންއަށް ހުރެވުނީ ދެން ކަންތައް ކުރާނެ ގޮތެއް ނޭނގިފައެވެ. އެތަނުން ޝަކިއްތަ ދިރިއުޅޭ އެޕާޓްމަންޓް ހޯދާނީ ކިހިނެތް ހެއްޔެވެ؟ މިޖެހުނީ ކަންތަކާއެވެ. ފިކުރު ބޮޑުވެފައި ހުރެގެން ކުރިއަށް ފިޔަވަޅެއް އަޅައިލި ތަނާ ޅަވަރެއްގެ ފިރިހެންކުއްޖަކު ފޯނެއްގައި ހުރެގެން ނިކުމެ ޕޯޓިކޯގައި މަޑުކޮށްލައިފިއެވެ. "ޝަކީބާ ހަމްދޫން އުޅެނީ ކޮން އެޕާޓްމެންޓެއްގައި ކަން އިނގޭތަ؟" ލުޖައިން ހިތްވަރުކޮށްލާފައި އެކުއްޖާ ކުރެން އަހައިލިއެވެ. "މިގޭގެ ވެރިމީހާ ޝަކީބާ ހަމްދޫންތަ؟" އެކުއްޖާވެސް ލުޖައިންއަށް ސުވާލެއް ހުށައަޅައިލުމުން ބޯ ޖަހައިލިއެވެ. "އެއީ ދެވަނަ އެޕާޓްމެންޓް." އެޒުވާނާ ދާންވީ މަގުވެސް ނުބުނެ ކުރު ޖަވާބެއްދީފައި ނިކުމެގެން ދާން ފެށުމުން ހުއްޓުވާކަށް ނުކެރުނެވެ.
ލުޖައިން ތުންފަތުގައި ދަތް އަޅާލައިގެން ހުރެ ދޮރުން ވަންއިރު ކަނާތް ފަރާތުގައި ދޮރެއް ހުރެފައި ވާތްފަރާތުން ފެންނަނީ އެއްފަހަރާ ހަތަރު ވަރަކަށް މީހުންނަށްވެސް އެކީ ދެވޭވަރުގެ ފުޅާ ކޮރިޑޯއެކެވެ. މަތީގައި ދިއްލާފައިވާ ބޮޑެތި ލައިޓްތަކާއި ދެފަރާތުގައިވާ އުސް ދެފާރު ދެމެދުގައި ލުޖައިން ނޭވާ ހާސްވާހެން ހީވިއެވެ. ކޮރިޑޯ ހުރިސީދަލަށް ގޮސް މޫނުޖެހެން ހުރީ ލިފްޓެވެ. ލުޖައިންގެ ދެފައި ތުރުތުރުލާން ފެށިއިރު ލިފްޓާއި ހަމައަށް ނުވެސްދެވެއެވެ. ފައިދަށުގައި އޮތް މުށިކުލަ އަރާ މާބުލް ތަޅަންމައްޗަށް ކައްސައިލަފާނެކަމުގެ ބިރުވެސް އެހާ ބޮޑެވެ. ވަދެވިގެން މިއުޅެނީ ކުޑަވަރެއްގެ ނަރަކަ އަކަށް ހެއްޔެވެ؟ ލިފްޓާއި ހަމައަށް ދެވުނު އިރު ލުޖައިންގެ ލޮލުން ކަރުނަ ހިލިއްޖެއެވެ. ބާރަށް ރޮވިދާނެތީ ދެތުންފަތް ޖައްސާބާރުކޮށްގެން ވަށައިގެން ހޯދައިލި ތަނާ ފަހަތުން ފިޔަވަޅުގެ އަޑު އިވިފައި ބާރުބާރަށް އައިސް ހުއްޓުނު ޒުވާނާ ބަލައިލީ ލުޖައިން އަށެވެ.
މެދުމިނުގެ އިސްކޮޅަކާއި ހެއުވަރުގެ ރީތި ހަށިގަނޑެކެވެ. ކިރިޔާ ދެލޯ ފެންނަވަރަށް ދިގުކޮށްފައިވާ ޑާކް ބްރައުން ކުލަ ޖައްސާފައިވާ ފަންއިސްތަށިތައް ނިއްކުރި މައްޗަށް ފައިބާފައި ހުރުމުން ހަރުދަނާ ކަމުގެ ބަދަލުގައި ތަންކޮޅެއް ޒިންމާދާރުކަން ކުޑަ ޒުވާނަކާއި ވައްތަރުވިއެވެ. ދެލޮލަށް ނޫ ލެންސް ލައްވައިގެން އެއުޅެނީވެސް ކޮންމެވެސް ސެލެބްރިޓީއަކާއި ވައްތަރުވާން ވެގެން ކަމަށް ވެދާނެއެވެ.
"ލުޖައިން!" އެޒުވާނާ ވިސްނުންތެރި ކަމާއެކު ލުޖައިންގެ ފައިން ފެށިގެން ބޮލަށް ކަޅި ހިންގާލާފައި ސުވާލުކުރިއެވެ. "ހޫމ މީ ލުޖައިން." ލުޖައިން އެޒުވާނާއަށް ފެނިދާނެތީ އަވަހަށް ލޯ ފުހެލާފައި އިސްއުފުލައިލިއެވެ. ޒަކްވާން އުމުރުން ފަސްއަހަރުގައި ދިޔަ ގޮތަށް ރަށާއި ދުރުގައި އުޅުނީތީވެ، އެއީ ކާކުކަން ފާހަގަ ކުރަން ލުޖައިން އަކަށް ވެސް ފަސޭހައެއް ނުވިއެވެ. "މީ ޒަކްވާން. ތޭންކް ގޯޑް މިތަނުން ދިމާވިކަން. އެހެންނޫންނަމަ މަމް އަހަރެން މަރާލާނެ." ޒަކްވާން ލިފްޓް ހުޅުވާލާފައި ލުޖައިންގެ ފޮށި އަތުލައިގެން އެތެރެއަށް ވަދެއްޖެއެވެ. ލުޖައިން އެތެރެއަށް ވަދެ ހަމަޖެހިނުލެވިގެން އުޅެނިކޮށް ލިފްޓްގެ ދޮރު ލެއްޕުމުން ނިއްކުރިން ދާ ހިއްލާލައިފިއެވެ. އެކުޑަ ގޮޅީގައި އޭނާ ނޭވާ ހާސްވާން ފެށިއެވެ. ދާދި ކައިރީގައި ޒަކްވާން ހުއްޓަސް އެހީއަށް އެދޭކަށް ނުކެރުނެވެ. މައްޗަށް އަރަން ފެށުމުން ހިތް ތެޅެންފެށީ އަދި މިހެންނަކުން ނޫނެވެ. ލުޖައިން ދެލޯމަރާ ބާރުކޮށްލައިގެން ހުއްޓާ ޒަކްވާން ވާހަކަދެއްކި އަޑަށް ސިއްސައިގެން ދިޔައެވެ.
"ޔޫ އޯކޭ؟" ޒަކްވާން ކޮނޑުގައި ހިފަހައްޓައިލުމުން ލުޖައިންއަށް ތެޅިގަނެވުނެވެ. ލުޖައިން ދެއްކުންތެރި ހިނިތުންވުމަކާއި އެކު ބޯ ޖަހާލައިފައި މިފަހަރު ހުރީ އިސްޖަހައިގެންނެވެ.
ޒަކްވާންގެ ފަހަތުގައި ހުރެ ލިފްޓުން ނިކުމެގެން ކޮރިޑޯ ކަޑައްތުކޮށްފައި ގޮސް މޫނު ޖެހެން ހުރި ފުޅާ ދޮރުފަތް ހުޅުވަންވެގެން ޒަކްވާން ތަޅުގެ އަތްގަނޑުގައި ހިފާފައި އަނެއް އަތުން މަތީގައި އަތުރާފައިވާ ފިއްތަކަށް އޮބާލައި ކޯޑް ޖެހުމުން ދޮރު ހުޅުވިއްޖެއެވެ. ދޮރުން އެތެރެއަށް ވަދެވުނުއިރަށް ލުޖައިންގެ ލޯ ތަރަތަރަ ޖަހައިގަތެވެ. ތަނަވަސް ލިވިންރޫމްގެ ކޮންމެ ދިމާއަކުން ފެންނަނީ މުއްސަދިކަމުގެ އިންތިހާއެވެ. ވަންނައިރު ދޮރާއި ހިސާބުން ކުރިއަށް ދެވޭގޮތަށް ހިމަ މަގެއްހާ ތަން ހުސްކޮށް އޮވެފައި ކަނާތްފަރާތުގައި ބަހައްޓާފައިވާ އަޅިކުލައިގެ ފެންޑީކާސާ މޮޅު ސޯފާސެޓުގެ މެދުގައި އޮކޭޝަނަލް މޭޒެއް ހުރެފައި މަތީގައި އެލުވާފައި ހުރި ކްރިސްޓަލް ޗާންދަލިޔާއިން ފެށިގެން ފާރުގައި ހަރުކޮށްފައިވާ ވޯލްޔުނިޓާއި އެމަތީ ބަހައްޓާފައިވާ ޓީވީވެސް ލުޖައިންއަށް ވީ އާއެއްޗެއްސަށެވެ. ވޯލްޔުނިޓްގެ ކަނާތްފަރާތުގައި ހުރި ޑިސްޕްލޭ ކެބިނެޓްގައި ހުރި ތަށިތަކަކީ އެގޭ ކުދިން އެކި ކުޅިވަރުތަކުން ވަނަ ހޯދައިގެން ލިބިފައިވާ ތަށިތަކެވެ. ކޮންމެ އެއްޗަކުން އޮފްއަރައެވެ. ގޭގައި ގެންގުޅޭ މީހުންވެސް ކުޅަދާނައެވެ. އެހެންނޫންނަމަ އެގޮތަށް ހިރަފުސްކޮޅެއް ނުފެންނާހެން އަބަދު އޮފުއަރުވާފައި ބެހެއްޓުމަކީ އުދަނގޫ ކަމެކެވެ. ލުޖައިންގެ ލޮލުގައި އެންމެ އަޅައިގަތީ ފާރުގެ އެއް ބިތް ގާތްގަނޑަކަށް ފުރޭންދެން ހަރުކޮށްފައިވާ ފޮޓޯ ލޯގަނޑުތަކެވެ. އާއިލާ ފޮޓޯތަކާއި ކުދިން އެކި އުމުރުގައި ނަގާފައިވާ ފޮޓޯތަކެވެ. ޒަކްވާންގެ ދޮށްޓަށާއި ހަނގަށް ތިބެނީ ދެއަންހެން ކުދިންނެވެ. ޝަކީބާ ޅައުމުރުގައި އައިސް މާލޭގައި ކިޔަވަން އުޅެމުން ރަޝީދު އާއި ބައްދަލުވެ އެއަށްފަހު ކައިވެންޏަކާއި ހަމައަށް ގޮސް ދިރިއުޅުން މިކޮޅަށް ބަދަލުވީއެވެ.
"އެތާ އިށީންދޭ! އަންނާނަން މަންމަ ގޮވައިގެން." ޒަކްވާން ލުޖައިން އިށީންނަން ސޯފާ ދައްކާފައި ބާރުބާރަށް ހިނގާލާފައި ގޮސް ދޮރެއް ހުޅުވާލާފައި ވަދެއްޖެއެވެ. ޒަކްވާން އެހެން ބުންޏަސް ލުޖައިން ހުރީ ކޮޅަށެވެ. އަލަށް ތަނަކަށް އާދެވުމުން ހައިރާންވެގެން ވަށައިގެން ހޯދެނީއެވެ. އެހާ ރީތި ސޯފާއެއްގައި އިށީންނަތަނުން ހަޑިވެދާނެތީ އެހާ ޖެހިލުންވިއެވެ. އެހެންނޫނަސް އެއީ އޭނާގެ ފެންވަރެއް ނޫނެވެ.
ޒަކްވާން ވަންފަހުން ހަމަ އެދޮރު ހުޅުވާލާފައި ޝަކީބާ ނިކުމެއްޖެއެވެ. ޝަކީބާ ލައިގެންހުރި ކަޅު ހައުސްކޯޓާއެކު އަޅާފައިވާ ބުރުގާ ނިއްގަނޑު ރީތި ކުރަމުން ހީލާފައި އައިސް ލުޖައިންގެ އަތުގައި ހިފައިލީ ނުހަނު ގާތްގޮތަކަށެވެ. ލުޖައިންގެ ހާސްކަމުން ބައެއް އުނިވެގެން ދިޔަހެން ހީވިއެވެ. ޝަކީބާ އެހިތަށް ހަމަޖެހުން ގެނެސްދީފިއެވެ. "ކޮޅަށް ނުހުރެ މިތާ އިށީންދެލަން އާދޭ." ޝަކީބާގެ ބާރުގައި ސޯފާ އާއި ދިމާއަށް ދަމުން ތަޅަންމަތީ އޮތް މަޑު ކާޕެޓަށް ފައިން އެރިފައި ލުޖައިން ފިނިވެގެން ދިޔައެވެ. ހީވީ ދެފައި ކާޕެޓް ތެރެއަށް ގަނބައިގެން ދިޔަހެންނެވެ. ލުޖައިން ރަށުގައި ނިދާފައި އައި އެނދުވެސް އެހާ އަރާމެއް ނޫނެވެ. ޝަކީބާ އިތުރު އެއްޗެއް ބުނުމުގެ ކުރިން ގޭގައި ގެންގުޅޭ ކުއްޖަކަށް ގޮވާލާފައި ލުޖައިންއަށް ސައި ތައްޔާރުކުރަން އަންގައިލިއެވެ.
"ޒަކްވާން އާއި ދިމާވެއްޖެ ދޯ. ދެން އުޅޭނީ ޒޯއީ އާއި ތިއާ. ޒޯއީ އޮފީހުގައި ވީ. ތިއާ ތެދުވާނެ އިރުކޮޅަކުން. ދައްތަވެސް ލުޖައިން އަންނަންދެން މި މަޑުކޮށްލީ. ދިގު ދަތުރެއްކޮށްފަ އައީމަ ވަރަށް ވަރުބަލިވެފައެއްނު ތިހުރީ. ދެންސައިބޮއެ ނިންމާފައި ފެންވަރާލައިގެން ނިދާލާ." ޝަކީބާ ވާހަކަދައްކަމުން ލުޖައިންގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. ލުޖައިން މަންމަނެއްހެން އަޑުއަހަން އިންދާ ސައިތައްޔާރު ކުރި ޚަބަރާއިގެން އައި ކުއްޖާ ފެނިފައި ޝަކީބާ ތެދުވެއްޖެއެވެ. ލުޖައިން އެކުއްޖާއާއި ހަވާލުކޮށްފައި ޝަކީބާ އަނެއްކާވެސް އެތެރެއަށް ވަދެގެން ދިޔައެވެ.
ސައިކޮޓަރިއަށް ވަދެފައި ލުޖައިން އަނެއްކާވެސް ހުރީ އާގަމަވެފައެވެ. ހައްތަހާވެސް މޮޅު ފަރުނީޗަރތަކާއި ލޯ ހައިރާންކޮށްލާފަދަ ރީތިކަމެވެ. ސައިބޯންވެގެން ގޮސް އިށީންނަން ހުރި ގޮނޑި އުސްވެފައި ބަރުކަމުން ލުޖައިންއަށް ގޮނޑި ދަމައިވެސް ނުލެވުނެވެ. ކައިރީގައި ހުރި ތައިލެންޑް ކުއްޖާ އެހީވެގެން ގޮނޑި ދަމާލާފައި އިށީންއިރު ސަޔަށް ހުރީ މޮޅުމީހުންގެ ކެއުމެވެ. ލުޖައިން ރަށުގައި ރޮށި ކައިފައި އައިސް ޕާނާއި ޕިއްޒާފަދަ އެއްޗެހި ކާން ހުރުމުން ކާން ނުކެރިދާނެތީ ޖެހިލުންވިއެވެ. ގަދަކަމުން ސޭންޑްވިޗް ފޮއްޗެއް ހުސްކޮށްލާފައި ދެން ހުރި އެއްޗެހީގައި އަތްނުލައި ޖޫސްތަށިން އެތިފޮދެއް ބޯލިއެވެ.
ކޮޓަރިއަށް ދިޔައީ އަނެއްކާވެސް ލޯރީގެ އެހީގައެވެ. ލޯރީއަށް ދިވެހި އެނގޭތީ ލުޖައިން އުފާވިއެވެ. ލޯރީ ސޫޓްކޭސް އުފުއްލާލައިގެން ގޮސް ކޮޓަރިއެއްގެ ދޮރު ހުޅުވާލާފައި ވަދެގެން ދިއުމުން ލުޖައިންވެސް ފަހަތުން ވަނެވެ. ސިންގަލް އެނދަކާއި ކުޑަ އަލަމާރިއެއްގެ އިތުރުން ލިޔާމޭޒަކާއި ގޮނޑިއެއް އަދި ޑްރެސިންޓޭބަލްގެ އިތުރުން ފޮތް ބަހައްޓަން ކަބަޑެއް ހުއްޓެވެ. މަޑުފެހިކުލައިގެ ފާރުތަކުގެ ތެރޭގައި ލުޖައިންއަށް އަމިއްލަވަންތަކަން އިހްސާސް ކުރެވުނެވެ. ލޯރީ ދިއުމުން ކުޑަ ދޮރާއި ގާތްވެލާފައި ކާޓޭން ކަހައިލުމުން އިރުގެ އަލި އެޅިގެންދިޔައީ ހިތަށް އުފާވެރިކަން ގެނެސްދީފައެވެ. ކޮޓަރީގައިވާ ހުރިހާ އެއްޗެއް ރަނުން ގިރިޓީ ކުރެވިގެން ދިޔަހެން އިރުގެ އަލީގައި ވިދަންފެށިއެވެ. ބިއްލޫރި ކުޑަދޮރުގެ ފުރަގަހުން ފެންނަމުންދިޔަ ކުދި ބޮޑު އިމާރާތްތައް ބަލަން ލުޖައިން ފޫއްސެއް ނުވާނެއެވެ. އަލަށް ފެނުމުން މާބޮޑަށްވެސް އެއީ ޝައުޤުވެރި މަންޒަރަކަށްވިއެވެ. ތަންދޮރު ނޭނގޭއިރު އައިގޮތަށް ލުޖައިން މާލެ އެއައީ ދެވަނަ ފަހަރަށެވެ. އާދެވުނު އިރު މިއާދެވުނީވެސް ތަނަކަށް ވާވަރުގެ ތަނަކަށެވެ.
ލުޖައިން ބޭރު ބަލަން ހުރެފައި ފެންވަރަން ވެގެން ފާޚާނާގެ ދޮރު ހުޅުވާލި ހިސާބުން ހުއްޓުން އެރިއެވެ. އުމުރުންވީ ސޯޅަ އަހަރުތެރޭގައި ދުވަހަކުވެސް އޭނާ މާގަނޑެއް ދަށުގައި ފެނެއް ނުވަރައެވެ. އެކަމަކު އެއްފަރާތެއްގައި ހުރި ބޮޑު ބިލިގާ ފެނުމުން ޅައިރު މަންމަ އެއްޗެހި ދޮންނަން ފެންއަޅާފައި ހުންނަ ބޮޑެތި ބާލީދީ ތަށިތަށްޓަށް އެރިގެން އިންނަ ހަނދާން އާވިއެވެ. ބިލިގާގައި އިނދެލަން ބޭނުންވިއަސް ވަރުބަލިކަން އިހްސާސްވާތީވެ، ފުރަތަމަވެސް މާގަނޑު ދޫކޮށްލިއެވެ. ހޯސްލާފައި އައި ފެންތައް ލުޖައިންގެ ހަށިގަނޑުގައި ބޮސްދޭން ފެށުމުން ފިނިކަމަށްވުރެ ބޮޑަށް ނޭވާ ހާސްވިއެވެ. އަވަހަށް މާގަނޑު ބަންދުކޮށްފައި އިރުކޮޅަކުން އަނެއްކާ ދޫކޮށްލިއެވެ. މަދުން ފެންނަ އަންނަވަރަށް ބަހައްޓަން އެނގުނީ ނިމެން އުޅެނިކޮށެވެ. އޭގެކުރިން ކޮންމެފަހަރަކު ނޭވާ ހާސްވީމައި ދުރަށް ޖެހިލަނީއެވެ.
އެނދުގައި އޮށޯތް ނަމަވެސް ލުޖައިންއަށް ނިދޭގޮތެއް ނުވިއެވެ. އާރިންގެ ހިޔާލުތަކުން ސިކުނޑި ތޮރުފަން ފެށުމުން ރޮވިއްޖެއެވެ. މަންމަ މަތިން ހަނދާން ވަނީ ވެސް އެހާ ބޮޑަށެވެ. ލުޖައިން ހެދިބޮޑުވެގެން އައިއިރު އާރިންއަށް ބަރޯސާވެފައި ވަނީ އުފަން މަންމައަށްވެސް ނުވާ މިންވަރަށެވެ. އެހިތްދަތި ދިރިއުޅުމާއި ދުރަށް އޭނާ ގެންގޮސް މުޅިއުމުރު އާރިންގެ ހިމާޔަތުގައި ހޭދަކޮށްލަން ދެކުނު ހުވަފެންތައް ފުނޑު ފުނޑުވެގެން ދިއުމުން މުޅިން މާޔޫސްވެއްޖެއެވެ. އާރިން އެހުރިހާ ރީތި ހުވަފެން ދައްކާ ބަހައްޓާފައި އޭނާ ދޫކޮށްލަން ހެޔޮވާނެ ހެއްޔެވެ؟ އެއީ އޭނާގެ މުޅި ދިރިއުޅުމެވެ. އޭނާ ދުނިޔެ އާއި ހަނގުރާމަކޮށްގެންވެސް އާރިން ހާސިލް ކުރަން ތައްޔާރެވެ. އެކަމަކު ތަޤްދީރުގެ ނިންމުމާއި ދެކޮޅުހެދޭނީ ކާކަށް ހެއްޔެވެ؟ ކޮންމެވެސް ގޮތަކުން އާރިން އެބަލިން ސަލާމަތްކޮށްދެއްވުމަށް އެދި ހިތާއި ހިތުން ދުޢާ ކުރެވެން ފެށުނެވެ. އިރުކޮޅެއްވީއިރު ރޮއެ ރޮއެ އެރީތި ދެލޯ ދުޅަވިއެވެ. މެންދުރު ވާން އުޅެނިކޮށް ލޯރީ އައިސް ގޮވަން ފެށުމުން ބޭރަށް ނިކުމެފައި އާރިންއަށް ގުޅަން ހިތަށް އެރިއެވެ.
ލޯރީ އޭނާ ގެންގޮސް ލިވިންރޫމްގައި ބައިންދާފައި އިރުކޮޅަކުން އައީ ތަބަކަކަށް ޖޫސްތައްޓަކާއެކު ކުދިބަޖިޔާތަކެއް އަޅާފައި ހުރި ތައްޓެއް ލައިގެންނެވެ. "ޝަކިއްތަ ދަމުން ބުނި ލުޖައިން ބަނޑުހައި ވިޔަނުދީ ކާންދީފަ ބަހައްޓާށޭ." ލުޖައިން ކުއްލިއަކަށް ތެދުވެފައި ކަންބޮޑުވެފައިވާ ނަޒަރެއް ދިނުމުން ލޯރީ ބުނެލިއެވެ. "ތިއުޅެނީ އަހަރެން ފަލަކޮށްލަންތަ؟ އެހެންނޫނަސް އަހަރެންނަށް ކާކޮޓަރިއަށް ދެވިދާނެ ލޯރީ ގޮވާލީމަ. ތިގޮތަށް އިންނަތަނަށް ކާއެއްޗެހި ގެނެސްގެން ކައި އުޅުނު ކުއްޖެއް ނޫން މީ. އެނޫނަސް ކީއްކުރާ ދެފައެއް މީ އެހާ ކައިރި ތަނަކަށް ނުދެވެންޏާ." ލުޖައިންއަށް ލޯރީ އެއީ އެކުވެރިއެއް ކަމުގައި އެހާ އަވަހަށް ދެކެވެން ފެށުނީތީވެ ހިނިތުންވެފައި ވާހަކަދެއްކިއެވެ.
"ލޯރީ. މިގޭ ކޮންތާކު ފޯނު ހުންނާނީ؟ ލޯރީއަށް އެނގޭނެ ދޯ ފޯނު ކުރަން." ލުޖައިން ޖޫސް ފޮދަކުން ކަރު ތެންމާލައިފައި އަހައިލިއެވެ. ލޯރީ ކުރިމަތީ އިނދެފައި ތެދުވެގެން ގޮސް ވޯލް ޔުނިޓްމަތީ ހުރި ކޯޑްލެސް ފޯނުގެ އަތްގަނޑު ނަގައިގެން އައިސް ނަންބަރ ކިޔަން އެދުނެވެ. ލުޖައިން އާރިންގެ ނަންބަރު ކިޔައިލުމުން އެނަންބަރަށް ޑައިލް ކޮށްލާފައި ލޯރީ އަތްގަނޑު ދިއްކޮށްލިއެވެ. ފޯނު ލިބިގެން ލުޖައިން ކާހިތް ކެނޑިއްޖެއެވެ. ދެން ނުކާނެކަމަށް ބުނެފައި ފޯން ކަންފަތުގައި ޖަހައިގެން ތެދުވިތަނާ ލޯރީ ތަބައް ހިފައިގެން ކާކޮޓަރިއަށް ދިޔައެވެ. އާރިން ފޯން ނަގާނެ އިރަކަށް އިންތިޒާރު ކުރަމުން ލުޖައިން ދެކޮޅަށް ހިނގަން ފެށިތަނާ އެޕާޓްމެންޓްގެ މައި ދޮރު ހުޅުވުނު އަޑު އަހާފައި ސިއްސައިގެން ދިޔައެވެ. ދިމާކުރިމަތިން އެމޫނަށް ހުއްޓުނު ރުޅިވެރި ދެލޯ ދެކެފައި ފޯނުން އަތް ދޫކޮށްލެވިއްޖެއެވެ.