ޒަކްވާން ތަންކޮޅަކަށް އައިސް ހުއްޓިފައި ޖީބަށް އަތް ޖަހާލައިފިއެވެ. އެމޫނުން ލުޖައިންއަށް ލަދުވެތިކަން ފެނުމުން ހިތަށް އަސަރު ކުރިއެވެ. ޒަކްވާން އެއްވެސް ކުށެއްނެތި އޭނާގެ ކުރިމަތީ ލަދުގަންނަންވީ ކީއްވެ ހެއްޔެވެ؟ އެމަޤާމުގައި ހުންނަން ޖެހޭ ފަރާތަކީ ޚުދު އޭނާއެވެ. ޝާމިސް ވެސް ގޮނޑިން ތެދުވެފައި ދައްކަން ވީ ވާހަކައެއް ނޭނގިގެން ޒަކްވާން އިށީންނަން އިޝާރާތް ކޮށްލިއެވެ.
"އަމް.. ލޫލޫ.. އެކްސިޑެންޓްވި ޚަބަރު ލިބުނީމަ ހާލު ބަލައިލަން މިއައީ. ކިހިނެއްތަ؟" ޒަކްވާން އިސްއުފުލާލައިފައި ލުޖައިން އާއި ހަތަރު ކަޅި ހަމަކޮށްލީ ހުރި ފިޔަވަޅު މަތީ ހުރެއެވެ. "ޒަޚަމްތައް މާ ފުނެއްނޫން. ކުދި އަނިޔާތަކެއް ލިބިފަ ހުރީ. ޑޮކްޓަރ ރޭގަ ބުނީ މިއަދު ބަލައިލައިފަ ރަނގަޅިއްޔާ މިރޭ ދޫކޮށްލާނެ ކަމަށް." ޝާމިސް ލުޖައިން އަށްވުރެ ކުރިން ޖަވާބު ދިނެވެ. ޒަކްވާންގެ މޫނުން ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބުނުކަން ފާޅުވެގެން ދިޔައެވެ. ލުޖައިންއަށް އިނދެވުނީ ބަލަހައްޓައި ގެންނެވެ. ޒަކްވާން އޭނާދެކެ އެހާވަރަށް ލޯބިވާނެ ކަމަށް ހިއެއް ނުކުރެއެވެ. އެހާ ދުވަހު އެކުވެރިއެއް ފަދައިން އުޅުނު އިރު ހިތު ނިޔަތް ތަފާތު ވެދާނެ ކަމަށް ހީކުރެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟ ލުޖައިން މާ ކުރިއްސުރެ އާރިން ނޫން ފިރިހެންކުއްޖަކާއި މެދު އެފަދަ ހިޔާލެއްވެސް ނުކުރާއިރު އެހެން މީހުންގެ އިހްސާސް ތަކާއި މެދު ވިސްނާލެވިފައެއް ނެތެވެ.
"ވެލް.. އަހަރެން ދެން ގޮސްލަނީ. ނޭނގެ ދެން ބައްދަލުވާނެ ދުވަހެއްވެސް. މިއަދު ބޭރަށް ދާން ފުރަން މިއުޅެނީ.." ޒަކްވާން ލަސް ފިޔަވަޅުތަކެއްގައި އެނދާއި ކައިރިވެލައިފައި ޖީބުން އަތް ނަގައި ސަލާމް ކުރަން ވެގެން ދިއްކޮށްލިއެވެ. ރަތްވެފައިވާ މޫނަކާއެކު ލުޖައިން އަތް އުފުލައިލި އިރު އިނގިލިތައް ފިނިވެ ތުރުތުރެއް އުފެދިއްޖެއެވެ. "ސޮރީ ޒަކްވާން.." ލުޖައިން ހިތްވަރުކޮށްލައިފައި ބުނެލިއެވެ. ޒަކްވާން އެފިނި އިނގިލި ތަކުގައި އެންމެ ފަހު ފަހަރަށް ހިފާލުމާއެކު ލުޖައިންގެ ޖުމްލަ އަހާފައި ބާރަށް ފިއްތައި ލެވުނެވެ. ޒަކްވާން ހިތަށް އަސަރުކޮށްފައިވާ ވަރު އެލޮލުން ރީތިކޮށްވެސް ފެނެއެވެ. ލުޖައިން އިނީ ރޯލަން ބޭނުންވެފައެވެ. ޒަކްވާންގެ ހިތް އޭނާގެ މައްޗަށް ސާފު ނުވިއްޔާ ހިތަށް ހަމަޖެހުމެއް ނެތެވެ. އެހާ ގާތް އެކުވެރި އަކަށް ނޭނގުމުގެ ތެރޭގައިވެސް އެދެވުނީ ހާދަ ބޮޑު ކެއްސެކެވެ.
"ނޯ ވޮރީސް. އަހަރެން ލުޖައިން ކުށްވެރިއެއް ނުކުރަން. ތިއާގެ ފަރާތުން އިނގުނީ ލުޖައިން މާކުރިއްސުރެ އާރިން އާއި ގުޅިގެން އުޅުނުކަން. ދެން އެކަން ހަނދާން ނައްތާލާ." ޒަކްވާން އެހާ ފަސޭހައިން އެހެން ބުނެލި އިރު ހިތް އޮތީ ކުދިކުދި ވެފައެވެ. ލޮލަށް ޖަމާވާން އުޅުނު ކަރުނަތައް ގަދަކަމުން ދިރުވައިލައިފައި ލުޖައިންގެ ރީތި އިނގިލި ތަކުން ދޫކޮށްލީ ހިތާއި ދެކޮޅަށެވެ. ޒަކްވާން ނިކުމެގެން ދިޔަ ދޮރާއި ދިމާއަށް ބަލަން އެތައް އިރަކު އިނދެފައި ލުޖައިން އޮށޯވެލީ ލޮލުން ކަރުނަ ހިލެން ފެށުމުންނެވެ. ހިތް ހަލާކުވުމުން އެއަޅާ ވޭން އޭނާއަށް ވުރެ ރަނގަޅަށް އިނގޭނީ ކާކަށް ހެއްޔެވެ؟ އޭނާގެ ސަބަބުން މިއަދު ޒަކްވާން އަށްވެސް ހަމަ އެވޭން ތަހައްމަލް ކުރަން ޖެހުނީއެވެ.
ކޮލެޖުން އައިސް އެނދަށް ވެއްޓި ގަނެގެން ތިއާ އޮންނަތާ އިރުގަނޑެއް ވެއްޖެއެވެ. ލުޖައިން ދިޔަ ފަހުން އަދި ސައުވީސް ގަޑިއިރު ނުވާއިރު ތިއާއަށް ހީވަނީ ޤަރުނެއް ފާއިތުވެފައިވާ ހެންނެވެ. އެހާ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގާތް އެކުވެރިޔާގެ ނަޒަރުން ދެކެވި ގާތްކޮށް އުޅެވިފައި ވާތީ އެންމެ އަސަރު ކުރީ ތިއާ އަށެވެ. ތިއާ ލުޖައިން ކުށްވެރި ކުރަން ކިތަންމެ ބޭނުންވިއަސް ހިތުގެ ފުނުން ހިޔާލު ތަފާތެވެ. ލުޖައިންފަދަ ޅަ ސިކުނޑިއެއްގެ ވެރިއަކަށް އެފަދަ ކަންތައްގަނޑަކާއި ދިމާވުމުން މަގު އޮޅިދާނެ ކަމަށް ހިތް ބުންޏެވެ. ތިއާ ހައިބޮޑުވެ ބަނޑުން އަޑު ކިޔަން ފެށުމުން ކޮޓަރިން ނިކުމެފައި ރަތް އާފަލެއް ހިފައިގެން ސޯފާގައި ދިގު ދެމިލައިގެން އޮށޯތެވެ. ޓީވީ އޮންކޮށްފައި ކޮމެޑީ ސީރީސްއެއް ބަލަން ފެށުމުން މަޖާވެގެން ހިނދުކޮޅަކަށް ހާސްކަން ފިލައި ކުއްޖާ ހަމަޖެހުނެވެ. އިރުކޮޅަކުން ޒަކްވާން ސޫޓްކޭސް ހިފައިގެން ކޮޓަރިން ނިކުމެގެން އައި އިރު ކައިރީގައި ޝަކީބާގެ އިތުރުން ޒޯއީ ވެސް ހުއްޓެވެ.
"ތިއާ މިހާރުވެސް މާ ގިނައިން ބޭރަށް ދަނީ. ގޭގައި އިނދެގެން ކިޔެވޭތޯ ބަލާބަލަ. އެންމެފަހުން ހެދި އެގްޒާމް ޕޭޕަރ އިން ލިބުނު މާކްސް މަތިން ހަނދާން ނެތް ދޯ މިހާރު." ތިއާ އެމީހުންނާއެކު ދާން ބޭނުން ވެގެން އެދުމުން ޝަކީބާ މަނާކުރިއެވެ. ރުޅިގަދަވެގެން ރޮވެން ކައިރިވެފައި ހުއްޓާ ޒަކްވާން އައިސް ކައިރިއަށް ހުއްޓުނެވެ. "ހޭއި ޕްރިޓީ. އަވަހަށް ރުޅިއަންނަންޏާ އަވަހަށް މުސްކުޅިވާނެ. ބްރޯ ކިޔަވައިގެން އަންނައިރު ތިއާ އަސާގަނޑު ހިފައިގެން ހުއްޓާ ފެނުނީމަ ހެޕީއެއްނުވާނެ އިނގޭ." ޒަކްވާން ވާހަކަ ދައްކަމުން ލުއި ހީލުމަކާއެކު ތިއާ ނޭފަތުގައި ޝަހާދަތް އިނގިލިން ކޮށްޓައިލިއެވެ. ތިއާ ގަދަކަމުން ހީލައިފައި ދެފައިމައްޗަށް ކޮޅަށް ތެދުވުމާއެކު ޒަކްވާން ތިއާގެ ކޮނޑާއި ހިސާބުން އަތް ވަށާލައިފައި ކުޑަކޮށް ބައްދާލިއެވެ. "ބްރޯ ދިޔައީމަ މަށަށް ހެޔޮއެދޭ އެކަކުވެސް މިގެއަކު ނުހުންނާނެ. މަންމަ އާއި ޒޯއީއަށް ރަނގަޅު ވާނެ ޓީވީ ޗެނަލް ވޯކްކުރަނިކޮށް. އެހެޔޮ ޕާރސަނަލް ލައިފް ވޯކް ނުކުރިއަސް. ހަމަ ހަމަ ނުކުރެވެންޏާ ކުދިން އެޑޮޕްޓް ކުރަނީ ކީއްކުރަން؟" ތިއާ ރުޅިމޫނު ހަދައިފައި ބުނެލި އެއްޗަކުން ޝަކީބާ ދެލޯ ބޮޑުވިއެވެ.
ތިއާ މީގެ ކުރިން ދުވަހަކުވެސް އެގޮތަށް މޫނުމަތީ އެއްޗެހި ބުނެފައެއް ނުވެއެވެ. ކުއްލި އަކަށް ކޮންތާކުން ލިބިގެން އުޅޭ ހިތްވަރެއް ކަމެއް ނޭނގެއެވެ. "ތިއާ. ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ؟ ތީވެސް އަހަރެމެން ފަދައިން މަންމަގެ ކުއްޖެކޭ." ޒަކްވާން ހިތްހެޔޮ ކަމާއެކު ތިއާ ރުއްސަން އުޅުނެވެ. "ރާއްޖެ ތެރެއިން ގޮތްކުޑަ ކުދިން ގެނެސްގެން ގެއަށް ވެއްދީމަ ވާގޮތް މި ފެންނަނީ. ތިއާ އަކީ ކުރިން މިވައްތަރަށް ބަސް ބުނާ ކުއްޖެއް ނޫން." ޒޯއީ އެވަގުތުކޮޅު ތެރޭވެސް ލުޖައިންއަށް އެއްޗެއް ނުބުނެ ދޫކޮށެއް ނުލައެވެ. "އޭނަ މަށާއި ކްލޯސްވީމަ ޖޭ ވެގެން އޭނާވެސް ފޮނުވާލާފައެއްނު ތި ހުންނަނީ." ތިއާ އެހެން ބުނެލާފައި ބާރުބާރަށް ދުއްވައިގެންފިއެވެ. ޒޯއީ އަލިފާންގަނޑެއްހެން ކެކިގަތުމާއެކު ބާރަށް ހަޅޭއްލަވައި ގަތެވެ. ޒަކްވާން އެތާ ނުހުންނަން ވެގެން ދޮރާއި ދިމާއަށް ދާން ފެށުމުން ޝަކީބާގެ ފަހަތުން ޒޯއީއަށްވެސް ޖެހުނީ ދާށެވެ. އެކަމަކު އެނބުރި އަންނަ ގޮތަށް ތިއާ ރޮއްވާލަން ޒޯއީ ނިންމިއެވެ.
ލުޖައިން ހޮސްޕިޓަލުން ދޫކޮށްލީ އެރޭ ހަތެއް ޖަހަން ކައިރިވެފައި ހުއްޓެވެ. ހުޅުމާލެއަށް ދާންވެގެން ފެރީ ޓާމިނަލަށް ދާން ނައްޓައިލި އިރު ތުނިކޮށް ވާރޭ ވެހެއެވެ. އާރިން ހެނދުނު އައިގޮތަށް ގެއަށް ގޮސް މުޅި ދުވަހު ނިދާފައި މިހާރު ހޭލަން އުޅޭނެއޭ ހިތަށް އަރާފައި ލުޖައިން ފިނިވިއެވެ. އެއްގެއެއްގައި އުޅެން ފެށުމުން އާރިން ކަންތައް ކުރާނެ ގޮތަކާއި މެދު މިހާރުވެސް ވިސްނެން ފަށައިފިއެވެ. އޭނާ އާރިންގެ އާދޭހުގައި ކޮޅުފައިން ޖަހާފައި ވަކިވީމައިވެސް ހެޔޮހިތުން ހާލު ބަލައިލަން އައުމުން ހިތުގައި މަތިވެރި ޤަދަރެއް ދެވިއްޖެއެވެ. އާރިން އެއީ އޭނާ ހީކުރިފަދަ ގޯސް މީހަކަށް ނުވިއެވެ. އެކަމަކު ސިކުނޑި އަދިވެސް ތަކުރާރުކޮށް ހަނދާން ކޮށްދެނީ އާރިން އޭނާ އޮޅުމެއްގެ ތެރޭގައި ބެހެއްޓިކަމެވެ. ލުޖައިން ކާރުގެ ލޯގަނޑުގައި ބޮސްދީފައި ތިރިއަށް ދިޔަ ފެން ތިކި ތަކަށް ބަލަން އިނދެގެން ކުރީގެ ހަނދާނެއް އާކުރަން ފެށިއެވެ.
ދޮރު ހުޅުވާލުމާއެކު ފުރަގަސްދީފައި ލިފްޓާއި ދިމާއަށް ދިޔަ އާރިން ކުއްލި އަކަށް ހުއްޓިފައި އެނބުރި ބަލައިލިއެވެ. "ލޫލޫ! ތޭންކް ގޯޑް. އަހަންނަށް އޭރުވެސް އެނގުނު ލޫލޫ އަންނާނެކަން. އަހަންނަށް އެނގުނު ލޫލޫ އެހާ ފަސޭހައިން އަހަރެންނާއި ވަކިވާން ނޭދޭނެކަން. ކިތަންމެ ގިނަ ދުވަހެއް ވާންދެން ވިސްނިއަސް ލޫލޫގެ ހިތް ބަދަލެއް ނުވާނެ. ސޯ ވައި ޓޭކް ޓައިމް. އެހެންނު." އާރިން އައިސް ކައިރިއަށް ހުއްޓިފައި ލުޖައިން ކޯތާފަތުގައި އަތް ފިރުމާލަން އުޅެނިކޮށް ލުޖައިން ފަހަތަށް ދެމިގަތުމުން ސިހޭގޮތްވިއެވެ. "ވަޓް ހެޕެން؟" އާރިންގެ ތުންފަތަށް ވެރިވި ހިނިތުން ފިލައިފިއެވެ. ލުޖައިންގެ ރީތި ލޮލުން އަދިވެސް ފެންނަނީ ރުޅިވެރިކަމެވެ. "ލޫލޫ އަހަރެން ހަމަ މިހާރުވެސް ހުރިހާ ވާހަކައެއް ކިޔައިދީފާނަން. އަހަރެން ފެމެލީ ދޫކޮށްލީ ކީއްވެކަމާއި ޕޮލިހަށް ޖޯއިން ކުރި ސަބަބުވެސް ބުނެދީފާނަން. އެކަމަކު ތި ރުޅިމަޑުކޮށްފަ އެންމެ ފަހަރަކު ނަމަވެސް ފިނި ހިތަކުން އަހަރެންނާއި ދޭތެރޭ ވިސްނާލަބަލަ. ހީވޭތަ އަހަރެން ލޫލޫ އާއި ވަކިން އުޅެން ބޭނުންވެދާނެހެން. ތީ އަހަރެންގެ ހިތުގައި ވާ ހަމައެކަނި އަންހެން ކުއްޖަކީ." އާރިން ލުޖައިންގެ ދެއަތުގައި ހިފާލައިގެން އެގޮތަށް އާދޭސްކުރަން ފެށުމުން ހިތަށް އަސަރު ކުރާ ގޮތްވިއެވެ.
"ޝަޓް އަޕް އާރީ." ލުޖައިން ހިތުގައި އަތްއަޅާފައި ގަދަކަމުން ބުނެލިއެވެ. އާރިން ހިމޭންވެފައި ބަލަން ފެށީ އަޖައިބުން ފުރިފައިވާ ގޮތަކަށެވެ. "މިއޮތް ހުރިހާ ދުވަހު އަހަރެން އާރީ ދެއްކި ހުރިހާ ވާހަކައެއް އެހިން. ގަބޫލުވެސް ކުރިން. އެހެންވީމަ މީ އަހަރެންގެ ފަހަރު. ނައު ޔޫ ލިސަން ޓު މީ. އަހަރެން ބޭނުމެއް ނޫން އާރީ އާއި ގުޅިގެން އުޅޭކަށް. މިހާރު މިވަގުތު ހުރިހާ ގުޅުމެއް ކަނޑާލައިފިން. ތިގޮތަށް އޮޅުންގަނޑެއްގެ ތެރޭގައި އަހަރެން ބެހެއްޓި މީހަކަށް ދެވަނަ ފަހަރަށް ޓްރަސްޓެއް ނުކުރެވޭނެ. ދެޓްސް އޯލް." ލުޖައިން ބޭނުން ވާހަކަތައް އިއްވާފައި ދާންވެގެން އެނބުރިލި ތަނުން ސިހިގެން ދިޔައެވެ. އެދެފައިގައި މީހަކު ހިފެހެއްޓުމުން ބަލައިލި އިރު އާރިން ތިރީގައި ދެކަކޫ ޖަހައިގެން އިނދެ އޭނާގެ ދެފައިގައި ހިފެހެއްޓީއެވެ. ލުޖައިން މޫނުން ކޮކާ ބުރައިލިހެން ހީވެއެވެ.
އާރިންފަދަ ޒުވާނަކު އެދަރަޖައަށް ވެއްޓިދާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. ލުޖައިން ހިތް އޭގެ ޖަވާބުވެސް ދިނެވެ. ކުށްވެރިން ކުށްކޮށް ބަހައްޓާފައި ކުށެއްނެއްކަން ސާބިތު ކޮށްދިނުމަށް ޓަކައި ކޮންމެފަދަ ދަރަޖައަކަށްވެސް ވެއްޓިގަންނަން ތައްޔާރު ވާނެއެވެ. "ލޫލޫ ޕްލީޒް. ތިހެން ނުހަދާ. ތީ އަހަރެންގެ ހުރި ހަމައެކަނި މީހަކީ. ތީ އަހަރެންގެ ދިރިއުޅުމުގެ އެންމެބޮޑު ހަޤީޤަތަކީ. އަހަރެން ލޫލޫ ދެކެ ވަރަށް ބޮޑަށް ލޯބިވޭ." އާރިން އެދެފައިގައި ހިފެހެއްޓި ތަން ގަނޑުފެންކޮޅެއްހެން ފިނިވެގެން ލުޖައިންގެ މުޅިހަށިގަނޑަށް ތީރު ފޮނުވަމުން ދިޔައެވެ. އިސްއުފުލައިލި އިރު އާރިން ލޮލުން ފުރަތަމަ ފަހަރަށް ފެނުނު ކަރުނަތައް ކޯތާފައްޗަށް ފައިބަނީއެވެ. "އަހަރެމެން ދެމީހުންނަށްވެސް އެބައެނގޭ އާރީގެ އެކްޓު ކުރުމުގެ ހުނަރު ހުރިވަރު. އެހެންނޫނަސް ތީ އެންމެންވެސް ދައްކާ ވާހަކަ. ކުށެއްނެއްކަން ސާބިތު ކުރަން، ލޯބިވާވަރު ބުނެދޭން ކޮންމެ ދުވަހަކު ފިރިހެނުން ތިފަދަ އެތައް ދޮގެއް ހަދާ. މީ އަހަރެން ބުނާ އެންމެ ފަހު ވާހަކަ. ފިރިހެނަކު ނުލިބިގެން އަންހެނެއް ކައިރިއަށް ދާން ޖެހުނަސް އާރިން ކައިރި އަކަށް ނުދާނަން." ލުޖައިން ދެފަޔަށް ބާރުލާފައި އާރިން ކައިރިން ސަލާމަތް ވެގެން ދުވެފައި ގޮސް އެތެރެއަށް ވަންއިރު އެތެރޭގައި ތިބި ޝަކީބާމެން ބަލަހައްޓައިގެން ތިއްބެވެ.
ކާރު މަޑުކޮށްލިއިރަށް ލުޖައިންގެ ހިޔާލީ ދުނިޔެ ފުނޑު ފުނޑު ވެގެން ދިޔައެވެ. ޝާމިސް ކުޑަ ހިފައިގެން އައިސް ލުޖައިން ބާލުވާފައި ޓިކެޓް ނަގަންވެގެން ގެންގޮސް ގޮނޑިބަރީ ބޭންދިއެވެ. ދެއަތާއި ބޯވެސް ބެންޑޭޖްކޮށްފައި އޮތުމުން އެތާ ތިބި ގިނަ މީހުންގެ ލޯތައް ލުޖައިންއަށް އަމާޒުވެފައިވިއެވެ. ލުޖައިން އިސްއުފުލައި ނުލާ އިނަސް މުޅި މޫނު ވަނީ ރަތްވެފައެވެ. އިރުކޮޅަކުން ޝާމިސް އައިސް ކައިރިއަށް ހުއްޓިފައި ލުޖައިން އަތުގައި ހިފާ ކޮޅަށް ނަގައިގެން ފެރީއަށް އަރަން ދިޔައެވެ. އެންމެ ކުރީން އެރި މީހުންގެ ތެރޭގައި އެދެބެން ހިމެނުނެވެ. ލުޖައިންގެ ހާލަތު ހުރިގޮތުން ހިތްހެޔޮކަހަލަ ބައެއްމީހުން ތަންދީގެން ހުއްޓެވެ. ފެރީގައި އިށީންފަހުން ލުޖައިންގެ ހިޔާލުތައް އަނެއްކާވެސް އާރިން އާއި ދިމާއަށް ދިޔައެވެ. ހިނގާދިޔަ ހުރިހާ ކަމަކަށްފަހު އާރިން ކުރިމަތީ އުޅެން އޭނާއަށް ވަރަށް އުދަނގޫ ވާނެއެވެ.
ވާރޭ ބޯކޮށްލީ އެޕާޓްމެންޓަށް ދާންވެގެން ކާރަށް އެރިފަހުންނެވެ. ވަޔާއެކު އައި ބޮޑެތި ފެންތިކިތައް ރަހުމެއް ނެތި އައިސް ހިޔާގަނޑާއި ބިއްލޫރިތަކަށް ހަމަލާދޭން ފެށިއެވެ. ލުޖައިން ފުސްވެފައިވާ ސައިޑް ލޯގަނޑަށް ބަލަން އިނދެގެން އިންތިޒާރުގެ މިނެޓްތައް ގުނަމުން ދިޔައެވެ. ވަގުތު އައިސް ޖެހުމުން ކުރިއަށްވުރެ ބާރަށް ހިތް ތެޅެން ފެށިއެވެ. ކާރުން ފައިބައިގެން ޝާމިސްގެ އެހީގައި ސިޑިން މައްޗަށް އަރައިގެން ދިޔައިރު ފައިވެސް ތުރުތުރު އަޅާހެން ލުޖައިންއަށް ހީވިއެވެ. ޝާމިސް ދޮރުމަތީ ހުއްޓިފައި ތަޅުދަނޑިން ދޮރު ހުޅުވިއެވެ. ލުޖައިން ފިނިވެފައިވާ ދެފައިން ހިނގާފައި އެތެރެއަށް ވަދެގެން ދިޔައިރު ވަށައިގެން ލޯ ހިންގުނެވެ. ސިޓިންރޫމްވެސް ފަޅުވެފައި ނުވިތާކަށް އަޑެއް ބަޑެއް ނީވެއެވެ. ލުޖައިން ސޯފާގައި ބައިންދާފައި ޝާމިސް ފޮށި ކޮޓަރިއަށް ލާން ދިއުމުން ހިމޭނުން އިނދެގެން ހުރިހާ ދިމާއަށް ބެލިއެވެ. ކުރިމައްޗަށް ވާގޮތަށް ހުރި ކޮޓަރީގެ ދޮރު ހުޅުވާލައިފައި އާރިން ނިކުތީ ލުޖައިން އެހެން އިންދައެވެ.
އާރިން ފެނިގެން ލުޖައިން ފުންމައިގެން ތެދުވިއިރު އެއީ ދެންމެ ބަލި އެނދުގައި އޮވެފައި އައި ކުއްޖާހެނެއް ހިއެއްނުވެއެވެ. އާރިން ކަކުލާއި ހަމައަށް އަންނަ ސޯޓަކާއެކު ހުސްގަޔާ ހުރެގެން ލޯ އުނގުޅަމުން އައިއިރު އަދިވެސް ނިދަން ބޭނުންވެފައިވާހެން މޫނުން ހީވެއެވެ. އެއިސްތަށިގަނޑުގެ ތަރުތީބު ގެއްލި ބައެއް އިސްތަށިތައް ނިއްކުރިމައްޗަށް ފައިބާފައި އޮތުމުން އެހާ ލޯއްބެވެ. ބިޔަ ހަށިގަނޑުގެ މަސްތައް އެތުރިފައި ހުރި ގޮތުން ރީތިކަމުން ލުޖައިން އާޝޯހުވިއެވެ. ލުޖައިންގެ ނިއްކުރިން ފިނި ދަލެއް ނިކުންނަން ފެށިއިރު ހަތަރެސްފައި އެއީ ގަނޑުފެންކޮޅެއް ފަދައެވެ. ހުރިހާ ކަމެއް ހަނދާން ނައްތާލައިފައި ގޮސް އާރިން މޭގައި ލައްވެލައިގެން މަޢާފަށް އެދެން ހިތް ގޮވައިލިއެވެ. އޭނާގެ އެންމެ އިޝާރާތަށް ހެއްލިގެން އާރިން ސުހާ ދޫކޮށްލަފާނެ ކަމަށް ގަބޫލު ކުރެވެނީ ކީއްވެ ކަމެއް ނޭނގެއެވެ. ނޭނގިނަމަވެސް އާރިން އަކީ އަމިއްލަ ހައްޤެއް ކަމުގައި ހިތް އަދިވެސް ޤަބޫލު ކުރަނީއެވެ.
އާރިންއަށް ލުޖައިން ފެނުނީ ދާދި ކައިރިއަށް އައި ފަހުންނެވެ. އަސަރެއް ނެތް ބަލައިލުމަކާއެކު އޭނާ ސޯފާގައި އިށީންދެފައި ޓީވީ ހުޅުވައިލިއެވެ. ލުޖައިންގެ ހިތަށް ކަށްޓެއް ހަރައިލި ކަހަލައެވެ. އެބަލައިލުމުގައި އަސަރެއް ނެތަސް ލުޖައިންއަށް އެއިން ގޯސް އެތައް މާނައެއް ނެގުނެވެ. އާރިންގެ ނަޒަރުގައި އޭނާ އެއީ މިހާރު އެއްވެސް އަގެއްނެތް މީހަކަށް ވެއްޖެއޭ ހިތަށް އަރާފައި ފެންކަޅިވިއެވެ. ކުރެވުނު ކަންތައް ތަކާއިމެދު ވިސްނެން ފެށީ އެހިސާބުންނެވެ. ލުޖައިން ސޯފާގައި އިށީންދެފައި އިސްޖަހައިލި އިރު ލޮލަށް ކަރުނަ ޖަމާވަމުން ދިޔައީ ހަލުވިކަމާ އެކުގައެވެ. އެސްފިޔަތަކަށް ކެތްވާނެ ކަމެއްވެސް ނޭނގެއެވެ. "ފާޝާ! ކޮފީއެއް ގެނެސްދީބަލަ." އާރިން ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިނދެފައި ގޮވައިލިއެވެ. ލުޖައިން ސިހޭގޮތްވެފައި ވަށައިގެން ހޯދައިލެވުނެވެ. އިރުކޮޅަކުން އަންހެންކުއްޖަކު އައިސް ވަށްމޭޒުގައި ކޮފީ މަގު ބަހައްޓާފައި އެނބުރި ގޮސް ބަދިގެއަށް ވަދެއްޖެއެވެ. ޝާމިސް ނިކުތީ ލުޖައިން އެހައިރާން ކަމުގައި އިންދައެވެ.
"ލުޖައިން ކައިރީ ބުނިންތަ އަހަރެން ކުރި ޝަރުތުގެ ވާހަކަ." ޝާމިސް އައިސް ޖެހިގެން ހުރި ސޯފާގައި އިށީނުމުން އާރިން އަހައިލިއެވެ. "އަދި ނުބުނަން." ޝާމިސް ލުޖައިން ބަލައިލުމުން ހިނިތުންވެލިއެވެ. ލުޖައިން ހިތް ނެގި ނެގިފައި ޖެހެން ފެށުމުން އިތުރަށް ކެތް ނުވެގެން އެއީ ކޮން ޝަރުތެއްތޯ އަހައިލެވިއްޖެއެވެ. "ކުރިން ނުބުނެވި އޮތީމަ ސޮރީ. ލުޖައިން ޝަރުތާއި ރުހޭނެކަން ދޮންބެއަށް އިނގޭތީ ބުނުން އެހާ މުހިންމު ކަމަށް ނުބެލީ." ޝާމިސް އާދައިގެ ގޮތަކަށް ވާހަކަދެއްކިއެވެ. އެކަމަކު ލުޖައިން އިނީ ރަނގަޅަށްވެސް ބިރުގަނެފައެވެ. އާރިން އޭނާގެ ކިބައިން ބަދަލު ހިފަން ބޭނުން ވެގެން ކޮންމެފަދަ ޝަރުތެއްވެސް ކަނޑައަޅައި ފާނެއެވެ. "އެންމެ ރަނގަޅު. ޝާމިސް ނުބުނެ އޮތިއްޔާ އަހަރެން ބުނެފާނަން. ލުޖައިން މިގޭގައި އުޅޭކަމަށް ވަންޏާ އަހަރެން ކަނޑައަޅާއި ގަވާއިދަކާއި އެއްގޮތަށް އުޅެވޭނީ. މިއަދަށްފަހު ލުޖައިންއަށް ބޭރަށް ނިކުމެވޭނީ ހަމައެކަނި ގެއިން ކުލާހަށް އަދި ކުލާހުން ގެއަށް. އެހިސާބުން ބޭރަށް ދިއުން ނިމުނީ. އަދި ކޮންމެ ފަހަރަކު ކުލާހަށް ގޮސް ވަނުމަށްފަހު އާއި ކުލާސް ނިމުމުން އަހަރެންނަށް ގުޅާފަ އަންގަންޖެހޭނެ. ލުޖައިން ފަހަރެއްގަ ހިތްހަމަވެސް ނުޖެހިދާނެ. އެކަމަކު އަހަރެން ލުޖައިން އުޅޭ ނޫޅޭގޮތް މޮނީޓަރކުރަން ބޭނުންވާތީ މިގޮތަށް ނިންމީ. މިގޭގައި އުޅެންޏާ ޝާމިސް އެކޭ އެއްގޮތަށް އަހަރެން ބޮލުގައި ވެސް ލުޖައިންގެ ޒިންމާ އެޅޭނެ. ތީ އަންހެންކުއްޖަކަށް ވެފަ މިޒަމާނުގަ ކަންތައްތައް ހުރިގޮތަށް ބަލާފަ އަހަރެން ބޭނުން އަހަރެންގެ ޒިންމާ އެންމެ ރަނގަޅަށް އަދާކުރަން. އަދި ޝާމިސް މިތާ އުޅުނަސް ގިނަ ދުވަސްތަކުގަ މިތަނަށް ނައިސް ހުޅުލޭގައި ހުންނަ ދުވަސްވެސް މަދެއް ނުވާނެ." އާރިންގެ ވާހަކަ ނިންމާލައިފައި ލުޖައިން މޫނަށް ބަލައިލައިލިއެވެ.
އާރިން އެއުޅެނީ އޭނާ ހަތަރުފަރާތުން ފިއްތާލަން ހެއްޔެވެ؟ ލުޖައިން ބަހެއް ނުބުނެ އިނީ ދޫ ހަރަކާތް ނުކޮށްގެންނެވެ. އެހެންނޫނަސް ދެކޮޅު ހަދައިގެން އޭނާ ގޮސް ވަންނާނީ އިތުރު ކޮންތާކަށް ހެއްޔެވެ؟
"ކޮންމެހެން ދާންޖެހޭ އިތުރު ތަނެއް އޮތިއްޔާ ހުއްދަ ހޯދަން އަހަރެން ކައިރީ އެހުމުގެ ފުރުސަތު އޮންނާނެ." އާރިން ކޮފީ މަގު ނަގާ ކޯވަރެއް ބޯލައިފައި ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ. ލުޖައިން ބަލައިލި އިރު ޝާމިސް ބަލަހައްޓައިގެން އިނުމުން ގަދަކަމުން ހިނިތުންވެލިއެވެ. އީތަން އެގެއިން ނިކުތްކަން ލުޖައިންއަށް އެނގުނީ ފަހަތުން ކޮޓަރިއަށް ވަދެފައި ޝާމިސް އެވާހަކަ ބުނީމައެވެ. އޭނައަށް އެ ލިބުނީ އީތަން އުޅުނު ކޮޓަރިއެވެ. "ކީއްވެ ދިޔައީ؟" ލުޖައިން ހިސާބަކަށް ކަންބޮޑުވިއެވެ. "އީތަން ފެމެލީ ދިރިއުޅެނީ މެލޭޝިޔާގައި. އޭނަ މިދުވަސްކޮޅު މިކޮޅުގައި އެހުރީ ބަޔަކާއި ކޮންޓްރެކްޓެއް ހަދައިގެން މަސައްކަތެއް ކުރަން އައިސް. ދެން އެމަސައްކަތް ނިންމާފައި ދާން ވެފަ ހުއްޓާ މިކަންތައްގަނޑު ދިމާވެގެން ލުޖައިން ބަހައްޓައިދޭން އަހަރެން އެދުނީ. އީތަންއަށް މިހާރު އެހެން ބައެއްގެ ކޮންޓްރެކްޓެއް ލިބިގެން އެމީހުން އީތަންއަށް އެކޮމޮޑޭޝަން ހަމަޖައްސައި ދިނީމަ އެތަނަށް އެދިޔައީ." ޝާމިސް އޮޅުންފިލުވައި ދިނެވެ.
އިޝާ ނަމާދު ކޮށްލައިގެން ތިއާ ކޮޓަރިން ނިކުމެފައި ޝަކީބާމެން އަތުވެއްޖެތޯ އެހީ ބަދިގޭގައި އުޅުނު އަމީނާ ކައިރީގައެވެ. އަމީނާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރުވައިލި ތަނާ ދޮރު ހުޅުވުނު އަޑު އައެވެ. ތިއާ ދުވެލާފައި ގޮސް ބަދިގެއިން ބޭރަށް ބޯދިއްކޮށްލި އިރު ޝަކީބާ އެތެރެއަށް ވަންނަނީއެވެ. ތިއާ އަޖައިބުވީ ޒޯއީ އާއި ވާހަކަދައްކަމުން ފަހަތުން ވަން އީތަން ފެނިފައެއް ނޫނެވެ. އެކަމަކު އީތަންގެ އަތުގައި އޮތް ސޫޓު ކޭސް ފެނިފައެވެ. އީތަން އެތެރެއަށް ވަދެފައި ވަށައިގެން ހޯދައިލިތަނުން ފުރަތަމަވެސް ތިއާ ފެނުނެވެ. "ހޭއި! މިފަހަރު މިއައީ މިގޭގައި ހުންނަ ގޮތަށް." އީތަން ހިނިއައިއްސަ ހުރެގެން އައިސް ތިއާގެ ކުރިމައްޗަށް ހުއްޓިފައި އެއްލޯ މަރައިލިއެވެ.