އަތުޖެހުނު ބާލީހެއްވިއްޔާ ވަށައިގެން ކައިރިކޮށްލައިގެން ލުޖައިން އެނދު ބިތްދޮށަށް ޖެހިލިއެވެ. އެމޫނު ހުދުވެފައި އަދި އެހާ އަވަހަށް ހަށިގަނޑު ވެސް ރޫރޫ އަޅަން ފަށައިފިއެވެ. މޭ ތެޅެނީ އޮބި ނޯންނަހާ ބާރަށެވެ. ނިއްކުރީގައި ޝަބްނަމް ފަދައިން ހަރުލައިގެން ދިޔައީ ދާ ތިކިތަކެވެ. އަނދިރި ދެކެވެސް އޭނާ މިހާ ބިރެއް ނުގަނެއެވެ. އާރިން ކަކުލާއި ހަމައަށް އަންނަ ސޯޓެއްގައި އެރީތި ހަށިގަނޑު ހާމަ ކޮށްލައިގެން އައިސް ހުއްޓިފައި ޖީބަށް ދެއަތް ޖަހައިލި އިރު ލޮލުގައި މަސްތުކަމެއް ވިއެވެ. ލުޖައިން ބިރުން އެގޮތަށް ގުރުޑު ވެލައިގެން އިނުމުން މައުސޫމުކަން އިންތިހާއަށް ގޮއްސައިވެއެވެ. ފަންކާގެ ވަޔާއެކު މޫނުމައްޗަށް ފައިބައިގަތް އިސްތަށިތައް ދުރުކޮށްނުލައި އެއްލޮލުން ބަލަހައްޓައިގެން އިންގޮތުން އާރިން ހަށިގަނޑުގައި ހީބިހި ނަގުވާލައިފިއެވެ.
ބާރުބާރަށް ގޮސް އެނދަށް ޖެހިގެންފައި ލުޖައިންގެ އިސްތަށިގަނޑުގައި ހިފާ ކައިރިއަށް ދަމައިގަތީނުން ތުންފަތުގައި ބޮސްދެވުނީ ހުރި ފިޔަވަޅު މަތީ ހުރެ ކޮށްލެވުނު ހިޔާލެއްގައެވެ. ދެވަނަ ސިކުންތުގައި އާރިން ނަފްސްގެ މައްޗަށް ކޮންޓްރޯލް ހޯދައިގެން ހަމަޖެހިލައިފިއެވެ. "އާރީ ޕްލީޒް. އަހަރެންނަށް ތިހެން ނުހަދާ! ހެޔޮނުވާނެ އަހަރެން ދޫކޮށްލާ! އައި ބެގް ޔޫ." އާރިން ކުރިއަށް ފިޔަވަޅެއް އަޅައިފައި އެނދާއި ކައިރިވެލުމުން ލުޖައިން ބާލީސްތައް އުކައިލައިފައި ފުންމައިގެން ތެދުވީ ކޮޅަށެވެ. "ކޮންއިރަކުތަ އަހަރެން ހިފެހެއްޓީ؟" އާރިން ލާނެތް ގޮތަކަށް ހީލައިފިއެވެ. ލުޖައިން ބަލަހައްޓައިގެން ހުރީ އަދިވެސް ލިބިދާނެ ހަމަލައަކަށް ތައްޔާރުވެފައިވާ ޝިކާރަވެރިއެއް ފަދައިންނެވެ. އާރިން އޭނާ މޮޔަ ހައްދާފައި ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ރުޅިވިފަހުން ކޮންމެ ދުވަހަކު އާރިން ތަފާތު އެތައް ކުލައެއް ދައްކައިލައެވެ. އާރިން ކޮށްފައި ނުކުރާނީ ކީއްކަން ލުޖައިންއަށް ހިޔާލު ކޮށްލަންވެސް ދައްޗެވެ.
"ބުނީމެއްނު މަ ބުނާގޮތަށޭ މިގޭގައި އުޅެވޭނީ. ކުކުޅު، ހާ އުޅޭހެން އިރު އޮއްސޭތަނުން ނިދަން އެރީމަ ވޭތަ؟ ދެން މަބޭނުންވާ ކަންކަން ކޮށްދޭން ހުންނާނީ ކާކު؟ އާދޭ ހަމަ މިހާރު. އާދޭ އަހަރެން ފަހަތުން." އާރިން ހަމަ ކުއްލި އަކަށް ދެބުމަ ގޮށްޖަހައިލުމާއެކު ގަދަ އަމުރު ނެރެފައި ބާރުބާރަށް ނިކުމެގެން ދިޔައެވެ. ލުޖައިން ނިކުންނަން ވާއިރަށް އަދި އެއްފަހަރު އަންނާށޭ ގޮވައިލި އަޑު އައެވެ. ލުޖައިން ގަންނާ ކުރެއްވި ބިރުން ދުވެލާފައި ކޮޓަރިން ނިކުތެވެ. ސޯފާގައި ލެޕްޓޮޕް ހުޅުވައިގެން އިނދެފައި ބަލައިވެސް ނުލައި ފުރަތަމަ އެންގީ ޓީވީ ނިއްވައިލުމަށެވެ. ލުޖައިން އެކަންކޮށްފައި އެނބުރި ލުމުން އާރިން އިސް އުފުލައިލިއެވެ. ހަތަރުކަޅި ހަމަވެފައި ސިކުންތެއްގެ ތެރޭގައި ލުޖައިންގެ ހިތް އަވަސްވެއްޖެއެވެ. އެދެލޯ ތޫނުކަމުން ކޮންމެ ބަލައިލުމަކާއެކު ހިތް އެފުށް މިފުށަށް ޖަހައިލައެވެ. އާރިންދެކެ ޖެހިލުންވާ މިންވަރަށް އެކޮންމެ ބަލައިލުމަކުން ހިތުގައި އޮތް ލޯބިވެސް ހައްތަހާ އިތުރުވެގެން ދެއެވެ. އަމިއްލަ މޭގައި އޮތަސް ލުޖައިގެން އެއްވެސް ބާރެއްނެތް ކުޑަ ކުޑަ މަސްކޮޅެކެވެ. އޭނާގެ ހަމައެކަނި ޝަކުވާއަކީ އެފަދަ ހިލަ ހިތެއްގެ ވެރިއެއް ދެކެ ލޯބިވެވޭ ކަމެވެ.
"މިހެން އިނދެގެން ލެޕުން މަސައްކަތެއް ކުރަން ފަށާއިރަށް ކަނދުރާގައި ރިއްސާތީ މިއުޅެނީ. ބަލަން ނުހުރެ މަސާޖެއް ދީބަލަ." އާރިން ރާގު ބަދަލު ކޮށްލާފައި އެދުނެވެ. ލުޖައިން މޫނަށް ރަތް ކުލަ އަރައިގެން ދިޔަ ވަރަށް އެތެރެއިން ހިތް ފުންމަ ފުންމައިގެން ދިޔައެވެ. އާރިން އެގޮތަށް ހުސްގަޔާ ހުއްޓައި އިނގިލި ކުރި ޖައްސައިލިއަސް ކަރަންޓް ނައިސް ހުންނާނެ ކަމެއް ނޭނގެއެވެ. "ދެފަހަރު އެދިގެން ނޫނީ އެއްވެސް ކަމެއް ކުރެވޭނެ ގޮތެއް ހަމަ ނެތީތަ؟ ބުނީމަ ބުނާގޮތް ހަދާބަލަ ލުޖައިން." ލުޖައިން ހިނގައިނުގަނެވިފައި ހުއްޓާ ދެން އައީ އަނެއްކާ ގަދަ އަމުރެވެ. ގަދަކަމުން ހިންދިރުވައި ލުމާއެކު އަވަހަށް ގޮސް ސޯފާގެ ފުރަގަހުގައި ހުއްޓިފައިވެސް އަތްލަން ނުކެރިގެން އިރުކޮޅެއް ހޭދަވިއެވެ. އާރިން އަނެއްކާ ހަޅޭއްލަވައި ގެންފާނެތީ ދެން ހަމަ ހިތްވަރުކޮށްލައިފައި ކަނދުރާ މަތީގައި ދެއަތްތިލަ ޖައްސައިލި ތަނުން ހުރިހާ ނާރުތަކެއްގައި ކަރަންޓް ދުވެލައިފިއެވެ.
ޓައިޕް ކުރުމުގައި އަވަދިނެތިވި އާރިންގެ ދެއަތްތިލަވެސް އެވަގުތަށް ހުއްޓުން އެރިއެވެ. ލުޖައިންގެ ފިނި އިނގިލިތަކުން އާރިންގެ ހަށިގަނޑުގައި ރޯކޮށްލީ އަލިފާނެކެވެ. އާރިން އަމިއްލަ ނަފްސް ކޮންޓްރޯލް ކުރުމުގެ ގޮތުން ބާރަށް ދެލޯ މަރައި ތަގުޅިކޮށްލައިފައި ހަށިފުރާ ނޭވައެއް ދޫކޮށްލިއެވެ. އެވަރުންވެސް ހަމައަކަށް ނޭޅުނެވެ. ލުޖައިން އޭނާގެ ކަނދުރާގައި ފިރުމަމުން އޮއްބަމުން ގެންދަން ފެށުމުން ކުރިއަށްވުރެވެސް ބޮޑަށް އެނަފްސް ބެހިގެންދިޔައެވެ. ރޯވެފައިވާ އަލިފާންގަނޑު މައިތިރިކަމެއް ނެތި އިތުރަށް ހުޅުފަޅައިގެން ބޮޑުވާން ފެށުމުން ހަށިގަނޑުގެ މައްޗަށް ހިތް ކޮންޓްރޯލް އަތުލައިފިއެވެ. "އާރީ!" އާރިން އެހެން އިނދެފައި ކުއްލިއަކަށް ދެއަތުގައި ހިފާ ކައިރިއަށް ދަމައިގަތުމުން ވައިރޯޅިއަކާއެކު ލުއި ފަތެއް އުދުއްސައި ގަންނަހެން ލުޖައިން އައިސް އާރިންގެ ބުރަކަށި މައްޗަށް ޖެހިފައި ކޮނޑުގައި ދަތްދޮޅި އެޅިއްޖިއެވެ.
އެއިސްތަށިގަނޑު އާރިންގެ ކޮނޑުމައްޗަށް ވިހުރިގެން ނޭފަތުގައި ހިތްގައިމު ވަހެއް ހަރުލައިގެން ދިޔައެވެ. ލެޕް މޭޒުމައްޗަށް ދޫކޮށްލައިފައި އަނެއް ފަރާތަށް އެނބުރިލާއިރަށް ލުޖައިން އައިސް އާރިންގެ އަތުތެރެއަށް ވެއްޓިއްޖެއެވެ. ހުރިހާ ކަމެއް އެހާ އަވަހަށް ހިނގައި ދިއުމުން ލުޖައިންއަށް ދެކޮޅަށް ފިޔަވަޅެއް އަޅާނެ ފުރުސަތެއް ނުލިބި އާރިންގެ ބާރުގެ ދަށަށް އެ ހަށިގަނޑު ދިޔައެވެ. އާރިން އަވަސް އަވަހަށް ގުދުވެލައިފައި ކެތްތެރިކަމެއްނެތި ލުޖައިންގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ. ލުޖައިން ދެލޯ މަރައި ތަގުޅިކޮށްގެން އޮވެ ގަދަދައްކާފައިވެސް ލޯ ހުޅުވައިލެވުމާއެކު އެހާ ކައިރިން އާރިން ފެނިފައި ވަގުތުން ހިމޭންވެއްޖެއެވެ. އާރިންގެ ބުރަކަށްޓަށް ހަރައިލެވުނު އޭނާގެ ނިޔަފަތިތަކުގެ މަސައްކަތް ހުއްޓި ބާރަށް ހިފަހައްޓައި ލެވިއްޖެއެވެ.
އެވަގުތު ކޮންމެވެސް މީހަކު ބެލް ޖަހައި ނުލި ނަމަ އާރިން ޖަޒުބާތުގައި ޖެހިގެން ހުރިހާ އިމެއް ފަހަނަ އަޅައި ދާނެކަން ކަށަވަރެވެ. ބިރުވެރި ހުވަފެނަކުން ހޭލެވިގެން ފުންމައިގެން ފަދައިން ލުޖައިން ސޯފާމައްޗަށް ދޫކޮށްލައިފައި އާރިން ދޮރާއި ދިމާއަށް ގޮސް ހުއްޓުނެވެ. އެވަގުތު ލުޖައިން ވެސް އަވަސް އަވަހަށް ތެދުވެފައި ހޭވިފައިވާ އިސްތަށިގަނޑު ތަރުތީބު ކުރަމުން ކޮޓަރި އާއި ދިމާއަށް ދުއްވައިގަތެވެ. ޝާމިސް ހިޔާލު ބަދަލުވެގެން އެނބުރި އައީކަމަށް ހީކޮށްފައި ދޮރުލައްޕަން އުޅެނިކޮށް ލުޖައިން ހުއްޓުވައިލީ ސުހާގެ ހުނުމުގެ އަޑެވެ. ލުޖައިން ބަލައިލި އިރު ސުހާ އާރިންގެ މުލައްދަޑީގައި އޮޅުލައިގަނެގެން ހުރެ ހެމުން އާދެއެވެ. އެވަގުތުވެސް އާރިންގެ ނަޒަރު ހުއްޓިފައި ހުރީ ލުޖައިން އަށެވެ. ކައިރިއަށް އާދެވުމުން އާރިންވެސް އަނެއްފަރާތަށް މޫނު އަނބުރާލައިފައި ދެމީހުން އޭނާ ފެންނަކަމަށްވެސް ހަދާނުލައި ދިޔަގޮތަށް ގޮސް ކޮޓަރިއަށްވަދެ ދޮރު ލައްޕައިލުމުން މޫނު މައްޗަށް ގޮށްމުށުގެ އެތިފަހަރެއް އަމާޒުވިހެން ލުޖައިންއަށް ހީވިއެވެ. އޭނާގެ ދެލޮލުން އޮހިގަތް ކަރުނަތަކާއެކު މުށްކަވާފައި ބާރުބާރަށް ފާރުގައި ތަޅައިގަނެވުނެވެ. "ހައު ޑޭރ ޔޫ އާރީ. ހައު ޑޭރ ޔޫ... ދެންމެ އަހަރެން ތިއަތު ތެރޭގައި ގެންގުޅެފަ އެހާ އަވަހަށް....." ލުޖައިންނަށް ރޮވުނު ވަރުން ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އެތެރޭގައި އާރިން އާއި ސުހާގެ މެދުގައި ކަން ހިނގާނެ ގޮތާއިމެދު ހިޔާލު ކުރެވިފައި ބާރަށް ރޮވިއްޖެއެވެ. އާރިންގެ ކުރިމަތީގައި މިއަދު އޭނާއަކީ ޓޯއިއެއްގެ މަޤާމު ލިބިފައިވާ ނިކަމެއްޗެއްކަން އިހްސާސްވުމުން ހިތް ކުދި ކުދި ވިއެވެ.
ލުޖައިންއަށް އެރޭ ނިދުނީވެސް އެނދަށް ވެއްޓިގަނެގެން އަމިއްލަ ނަސީބާމެދު ކަރުނަ އޮއްސަން އޮތްވައެވެ.
"މަމް. ވަޓް ޔޫ ތިންކް؟ އެނިވަރސަރީ ގިފްޓް ކަމުދޭތަ؟" ޝަކީބާ ކަޅިވެސް ޖަހައިނުލައި ހުރެގެން ފުރޮޅުލީ ގޮނޑީގައި ކުރިމަތީ އިން ޒާހިދުއަށް ބަލަމުން ދަނިކޮށް ޒޯއީ އަނގައިން ބުނި އަޑަށް ސިހިގެން ދިޔައެވެ. ޝަކީބާ ވާހަކަދައްކަން އުދަނގޫ ވެގެން ބޯ ޖަހައިލި އިރު ދެލޮލަށް ޖަމާވަމުން އައި ކަރުނަތައް ޒޯއީގެ އިތުރުން ތިއާވެސް ދުށްޓެވެ. ތިއާ ޒާހިދުގެ ކަނާތް ފަރާތުގައި ހުރެފައި އައިސް ޝަކީބާގެ އަތުގައި ހިފައިލީ ހިނިތުންވެފައެވެ. ޒޯއީ އަނެއް އަތުގައި ހިފައިލުމާއެކު ދެފަރާތުގައި އެމީހުންނަށް މަގު ހަދައިގެން ތިބި މެހުމާނުން ތެރެއިންލައިފައި ތިންމައިން ކުރިއަށް ގޮސް ހުއްޓުނީ ރަތް ދޫލަމަތީގައި ހިނގާފައި ދިޔަ ހޮލީވުޑް ތަރިންފަދަ އިއްޒަތުގައެވެ. ޒާހިދު މިފަހަރުވެސް ދެއްކުންތެރި ހިނިތުންވުމަކުން އެންމެންގެ ހިތަށް ހަމަޖެހުން ގެނެސްދީފިއެވެ. ޝަކީބާގެ ލޮލުގައި އަދިވެސް އެއްފަހަރު ކެހިވެރި އަދުނެއް އެޅި ނިމިއްޖެއެވެ. ޒާހިދުގެ ބައިވެރިވުން ގުޅިފައި ވަނީ ދަރިންނާއި ކަން އެނގޭނަމަ ޝަކީބާގެ ހިނިތުންވުން ވަޅުޖަހާނެތާ ކިތަންމެ އިރެކެވެ. ހިތުތެރޭގައި އެތައް ވާހަކައެއް ބޮނޑިވެ ނުކުޅަދާނަ ވި ނަމަވެސް އެހަލަބޮލި މާހައުލާއި ވަކިވެގެން ނޫނީ ޒާހިދު ކުރިމަތީ ހާމަނުކުރުމަށް ޝަކީބާ ނިންމިއެވެ.
ޒޯއީ މެހުމާނުންނާއި ކުރިމަތިލާފައި ޕާޓީގެ ތައާރަފަށް ދާން ފެށުމުން ޝަކީބާ ފުރޮޅުލީ ގޮނޑީގެ ވާތްފަރާތުގައި ހުއްޓި މުތްގަނޑުގައި ހިފާލައިގެން ހުއްޓެވެ. ޒޯއީ ތައާރަފް ދީ ނިމިގެން މެހުމާނުންގެ ތަރުހީބުގެ އަތްތިލަބަޑީގެ އަޑަށްފަހު ވޭޓަރަކު ދުރުގައި ކޭކު ބަހައްޓާފައި ހުރި ޓްރޯލީ ގެނެސް ކައިރިކޮށްލަ ދިނެވެ. ޒޯއީ ވަޅި ނަގާފައި ޒާހިދު އަތަށް ދިނުމުން ތިއާ ޝަކީބާގެ އަތުގައި ހިފާފައި ގެންގޮސް ޒާހިދުގެ އަތްމަތީ ބާއްވައިލިއެވެ. ޝަކީބާގެ ހިތުތެރޭ ހިނގަމުން ދިޔަ އެތައް ހާސް ޖަޒުބާތު ތަކާއެކު އުފަލުން ފުރިފައި ހުރެގެން ލޯބިވާގެ ފިރިމީހާގެ އަތާއެކު ވަޅީގައި ހިފުމުގެ ޝަރަފް ލިބިގަތެވެ. އަހަރު ތަކަކަށް ހަށިގަނޑުގެ އެއްފަޅިން ވާގިނެތިފައި އޮތުމަށްފަހު އަލުން ބާރުލިބިގެން ދިޔަ ކަހަލައެވެ. ކޭކު ފަޅަން ފެށުމުން އަނެއްކާވެސް އެންމެން އަޑުގަދަ ކޮށްލިއެވެ. އެންމެ ހަލަބޮލިވެގެން ދިޔަ އެވަގުތުކޮޅު ތިއާގެ އުނަގަނޑުގައި ބާރުގަދަ އަތަކުން ވަށައިލުމުން ސިހިފައި ބަލައިލި އިރު އީތަން ހުރީ ކައިރީގައި ޖައްސައިފިއެވެ.
"ހެވެންލީ ބިއުޓިފުލް." އީތަން ތިއާގެ ކަންފަތްދޮށުގައި އެހެން ބުނެލައިފައި ދުރުވެލަމުން ކޯތާފަތުގައި މޫނު ހާކައިލިއެވެ. ތުނިކޮށް ބަހައްޓާ ހުންނަ އީތަންގެ ތުނބުޅިން ކުރުވި ރާޅު އިހްސާސަކުން ތިއާގެ ގައިން ހީބިހި ނަގައިތުމާއެކު މުޅިކުއްޖާ ފިނިވެގެން ދިޔައެވެ. ދެފައިކޮޅުން ވާގިދޫވިކަހަލަ ގޮތެއްވެގެން އީތަންގެ އަތަށް ހަށިގަނޑުގެ ހުރިހާ ބާރެއް ދޫކޮށްލެވިއްޖެއެވެ. ބޮނޑިވެފައިވާ އެހުރިހާ މީހުންތެރޭގައި އެކަކަށްވެސް ފާހަގަ ނުވާނެހެން އީތަން ތިއާ ގެނެސް ގަޔާއި ފިއްތާލީ ބިމުން ހިއްލައިލާފައެވެ. ހިނދުކޮޅަކަށް އޭނާ ވަރަ ފަޅާފައި އުދުއްސައި ގަނެވުނުހެން ތިއާއަށް ހީވިއެވެ.
ވަޅި ބާއްވާފައި ދެމަފިރިން އެކަކު އަނެކަކަށް ކޭކުކޮޅު ލަވައިފިއެވެ. ޒޯއީ އެންމެ ގާތުގައި ހުރެގެން ހިނދުކޮޅަކަށް ވެސް އެދެމީހުންގެ މޫނުން ނަޒަރު ވަކި ނުކޮށްލައެވެ. ދުވަހަކުވެސް އުފާ ނުވާވަރަށް ޒޯއީ ހުރީ އުފާވެފައެވެ. ޒާހިދު ދެވަނައަށް ނެގި ކޭކުކޮޅު ޒޯއީއަށް ދިއްކޮށްލުމުން އަވަހަށް ގުދުވެލާފައި ބައްޕަގެ އަތާއެކު ހިފާލައިގެން ކޭކުކޮޅު އަނގައަށް ލީތަނުން ލޮލުން ކަރުނަ ތިއްކެއް ނީރާލައިގެން ވެއްޓުނެވެ. ޒޯއީ ނޭފަތް ދަމައިލުމާއެކު އަވަހަށް ކޯތާފަތް ފުހެލިއެވެ. "ތިއާ! ޒާހިދު ތިއާ ހުރި ދިމާއަށް އެނބުރިލި ތަނާ އީތަން އަވަހަށް ދުރަށް ޖެހިލައިފިއެވެ. ތިއާ ކޭކުކައި ނިމުމުން ޒޯއީ އަވަހަށް ފޮޓޯ ނަގަން އެދެފިއެވެ. އޭރުވެސް ކެމެރާމަން ވާނަކަށް ހުއްޓިނުލައި ހުރެގެން ހުރިހާ މަންޒަރެއް ރައްކާ ކުރަމުން ދިޔައެވެ.
ދެއަންހެންދަރީންގެ އުފާވެރިކަން ފެނިފައި ޒާހިދުއަށް އިހްސާސްވީ އަހަރު ތަކަކަށްފަހު އަލުން އެހަށިގަނޑަށް ދިރުން ލިބުނު ހެންނެވެ. ޝަކީބާ ކުރި ކުށަކަށް އަދަބު ދިނުމަށްޓަކައި އެހުރިހާ ދުވަހު އެކުދިންނާއި ދުރުވެގެން ހުރެވުނީތީ އަމިއްލަ ނަފްސް ކުށްވެރި ކުރެވުނެވެ. އަމިއްލައަށް އެހާބޮޑު އުފަލަކުން މަޚުރޫމް ވެވުނު ކަމުގެ ހިތާމަ ޒާހިދުގެ ހިތަށް އުދަނގޫ ކުރިއެވެ. ޒޯއީ އާއި ތިއާގެ ރީތި ހިނިތުންވުމުގެ ހިޔަލުގައި އޭނާއަށް ހަޔާތުގެ ދެން އޮތްބައި އުފަލުގައި ހޭދަ ނުކުރެވެންވީ ކީއްވެ ހެއްޔެވެ؟ އެންމެން ފޮޓޯ ނެގުމުގައި އަވަދިނެތި އުޅުނު އިރު ޒާހިދު މެދުގައި އިނދެގެން ގޮތެއް ނިންމައިފިއެވެ. އެވާހަކަ އޭނާ ބުނީ ޕާޓީ ނިމި މެހުމާނުންތައްވެސް ދިޔަފަހުން އެނބުރި އެޕާޓްމެންޓަށް އައިއްސައެވެ.
"ޒޯއީ ދަރިފުޅާ!" ޒޯއީ ފުރޮޅުލީ ގޮނޑި ދުއްވާފައި ކޮރިޑޯ އާއި ދިމާއަށް ދަނިކޮށް ޒާހިދު ގޮވައިލިއެވެ. އެއަޑަށް ޒޯއީ ފަދައިން ކައިރީގައި ދެން ތިބި އެންމެންވެސް ހުއްޓިއްޖެއެވެ. "ބައްޕަ މިއަދަށްފަހު ކޮޓަރީގައި އެކަނި އިންނާކަށް ގަސްތެއް ނުކުރަން." ޒޯއީ އައިސް ކުރިމަތީގައި ހުއްޓުނު ފަހުން ޒާހިދު ބުނެލިއެވެ. ޒޯއީ އުފަލުން އަނގަ ހުޅުވުނެވެ. ދެވަނަ ސިކުންތުގައި އޭނާ ތިރީގައި ކުޑަ ކަކޫ ޖަހާލައިފައި ޒާހިދުގެ އަތްތިލަ ނަގައި ތުންފަތް ޖައްސައިލީ ރޮމުންނެވެ. ތިއާވެސް ތިރިވެފައި ޒާހިދުގެ ކަކޫމަތީގައި އަތް ބާއްވައިލައިފައި އެކަމާއި އުފާވިވަރު ހާމަކޮށްލިއެވެ. ޒާހިދު ހިނިތުންވުމަކާއެކު ދެކުދީންގެ ބޮލުގައި ފިރުމާލައިފައި އިސް އުފުލައިލި އިރު ޝަކީބާގެ ލޮލުންވެސް ކަރުނަ އަންނަނީއެވެ. އީތަން ހިތާއި ހިތުން ހެއްދެވި ފަރާތަށް ޝުކުރު އަދާކުރިއެވެ. އެއާއިލާގެ ކޮންމެ އުފަލެއް މިއަދު އީތަންގެ އުފަލަކަށް ވެފައިވެއެވެ.
ކޮޓަރިއަށް ވަދެފައި ތިއާ ފޯން ޗެކް ކޮށްލިއިރު މެސެޖެއް އިނެވެ. ތިއާ އަވަސްވެފައިވާ ހިތަކާއިއެކު މެސެޖް ހުޅުވާލައިފައި ފުރަތަމަވެސް ހިނިތުން ވެވިއްޖެއެވެ. "ކިސްޔޫ" ލަވައިގެ ބާކީ ބައި ލިޔެލާފައި ތިރީގައި "ޓެރެސް،12:30@" ޖަހާފައި އޮތެވެ. ތިއާ ފުންމައިގެން ތެދުވެފައި ކޮޓަރި ތެރޭގައި ނަށައިލެވުނެވެ. ދުނިޔޭގައިވާ ހުރިހާ އުފަލެއް ތިއާގެ މުށުތެރެއަށް ޖަމާވިފަދަ އިހްސާސެއް އެކުރެވުނީ ފުރަތަމަ ފަހަރަށެވެ. ގަޑިން ވީ އިރެއް ބަލައިލައިފައި ތިއާ ފުރަތަމަ އިނީ ލަވަ އަޑު އަހައިލާށެވެ. ފަނަރަ މިނިޓަށްވެފައި ހުއްޓާ ފާޚާނާއަށް ވަދެ ދަތް އުނގުޅާލާފައި ނިކުމެ ތުންފަތުގައި "ކެލިފޯނިއަން ޕީޗް" ލިޕްގްލޮސް ހާކައިލިއެވެ. އެދެލޯ ކުރިއަށްވުރެވެސް ކަޅުކުލަ ގަދަކޮށްލާފައި ސެންޓް ބުރުވާލައިގެން ނިކުންނަމުން އިސްތަށިގަނޑުގައި ހުރި ހުޅި މޮހާލައި މުޅިން މިނިވަންކޮށްލިއެވެ.
ތިއާ ވަގެއްހެން އިނގިލިތަކުގެ ކުރި ޖައްސައިގެން ދުވެލާފައި ގޮސް ސިޓިންރޫމް ހުރަސްކޮށް މައި ދޮރާއި ދިމާއަށް ދިޔައިރު ޒޯއީ ފެން ޖަގެއް ހިފައިގެން ބަދިގެއިން ނިކުންނަތަން ލޮލަކު އަޅައެއް ނުގަތެވެ. ޚުދު ޒޯއީއަށްވެސް ތިއާކަން އެނގުނީ ދޮރާއި ހަމަވި ފަހުންނެވެ. ޒޯއީ ގޮވައިލަން އުޅެނިކޮށް ތިއާ ދޮރުން ބޭރަށް ދެމިގަތުމުން ޖަގު ބަހައްޓާފައި ބާރުބާރަށް ގޮސް ނިކުތް އިރު ލިފްޓްގެ ދޮރު ލެއްޕެނީއެވެ. ޒޯއީ ކަންބޮޑުވެފައި ހުރެގެން ގޮސް ލިފްޓް ކުރިމައްޗަށް ހުއްޓި ބަލަން ހުއްޓާ ތިއާ އެރީ ހަތްވަނަ ފަންގިފިލާ އަށްކަން އެނގިގެން ފަހަތުން ދާން ނިންމިއެވެ. އެދެމެދުގައި ކިތަންމެ ބޮޑު ދުރުކަމެއް ވިއަސް ދައްތައެއްގެ ހައިސިއްޔަތުން ތިއާ ހިމާޔަތް ކުރުމަކީ އޭނާގެ ވާޖިބެއް ކަމުގައި ޒޯއީ ދެކުނެވެ. އިރުކޮޅެއް ފަހުން ޒޯއީ ލިފްޓަށް އަރާފައި ހަތްވަނަ ފަންގިފިލާއަށް ދާން މިސްރާބު ޖެހިއިރު ވާން މިއުޅެނީ ކީއްކަން ކުޑަކޮށް ރޭކާނުލައެވެ.
ޓެރެސް އާއި ގާތަށް ނަގަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު ތިއާގެ ހިތުގެ ތެޅުންވެސް ދިޔައީ އަވަސްވަމުން ބާރުވަމުންނެވެ. ތިއާ ޓެރެސްއަށް އަރާފައި ފުރަތަމަވެސް ދެއަތްތިލަ ގުޅުވައި ލެވުނެވެ. ވަށައިގެން ލޯ ހިންގައިލި އިރު އީތަން ހުރީ އެންމެ ބިތްދޮށު ކަނުގައި އިށީންދެލައިގެން ތިރިން ފެންނަމުން ދިޔަ އިމާރާތްތަކަށް ބަލާށެވެ. ތިއާގެ ފިޔަވަޅު އަޑަށް އީތަން އެނބުރި ބަލައިލައިފައި އަވަހަށް ތެދުވެއްޖެއެވެ. އީތަން ދެޖީބަށް އަތް ޖަހައިލައިފައި ސީދާ ނަޒަރެއް ދީގެން ކައިރިއަށް އަންނަން ހިނގައި ގަތުމުން ތިއާ ތަންކޮޅަކަށް ހިނގާލައިފައި ދުއްވައިގަތެވެ. އީތަން ހީކުރި ގޮތާއި ހިލާފަށް އެދިޔަ ބާރު މިނުގައި ގޮސް ކައިރިވި ތަނުން ތިއާ އަވަހަށް ފުރަގަސްދީގެން ހުއްޓިއްޖެއެވެ. މަޑު ހީލުމާއެކު އީތަންއަށް ދެފަރާތަށް ބޯ ހޫރުވައިލެވުނެވެ. "އަހަރެން ހީކުރީ އަންނަ ގޮތަށް ހަގްއެއްކަމަށް ދޭނީ." އީތަން ތިއާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލާފައި ކަންފަތްދޮށުގައި ބުނެލިއެވެ.
އީތަންގެ ކުޑަ ބީހިލުމުން ހީލިކަރުވައިގަނެގެން ތިއާ ދެއަތް މުށްކަވާލައިފައި މޭގައި ޖައްސާލަމުން ފާޑަކަށް ބޮނޑި ވެ ލެވިއްޖެއެވެ. "އިސްނަގަން ޖެހޭނީ ބޯއީސް ދޯ؟" އީތަން ހުއްދައަށް އެދޭފަދަ ގޮތަކަށް ބުނެލިއެވެ. ތިއާ ހިމޭންކަން އިޚުތިޔާރު ކުރުމުން އެއީ ދައުވަތެއް ކަމުގައި ނިންމާފައި އީތަން ކުރިމައްޗަށް އައިސް ހުއްޓިފައި ދެއަތް ހުޅުވައިލީ އަތުތެރެއަށް އަންނާށޭ ބުނެލާފަދަ ގޮތަކަށެވެ. ތިއާ އިސްއޮބައިލުމާއެކު އިރުކޮޅަކުން ކުއްލިއަކަށް ޖެހިގެންފައި އީތަންގެ މޭގައި މޫނު ފޮރުވައިލިއެވެ. އޭރު ޒޯއީ ޓެރަސް އަށް އަރާފައި ވަށައިގެން ހޯދައި ލަނީއެވެ. ޕާޓީ ބާއްވަން ބޭނުން ކުރި ލައިޓްތައް ނަގާފައި ހުއްޓަސް ހަނދުވަރު ދީފައި ހުރުމުން ޒޯއީއަށް ދުރުގައި އެއް ހިޔަނިހެން ތިބި ޖޯޑު ފާހަގަ ކުރަން އެނގުނެވެ.