ރޭގަނޑުގެ ކެއުމުގައި އާއިލާގެ ހުރިހާ މެމްބަރުން ބައިވެރިވިއެވެ. ލުޖައިން ފުރުސަތަކަށް ބަލައިފައި ގޮސް ޒަކްވާން އަށްވުރެ ކުރިން ތިއާގެ ކައިރިން ގޮނޑި ހޯދައިފިއެވެ. ޒަކްވާން އާއި އާރިން ޖެހިޖެހިގެން އިށީންދެ ތިބި އިރު އެންމެންގެ ލޯތައް އެރީތި ދެޒުވާނުންނަށް ހުއްޓޭ ގޮތްވިއެވެ. ދާދި އެއްގޮތަކަށް އިސްތަށިގަނޑު ކޮށާލައިފައި ހުރުމުން އެކަކު އަނެކަކާއި ނުހަނު ވައްތަރެވެ. މީގެ ކުރިން އެކަކަށްވެސް އެކަން ފާހަގަ ކުރެވިފައި ނުވަނީ އެފަދަ ވިސްނުމެއް ވެސް ސިކުނޑިއަށް ވަދެފައި ނުވާތީ ކަމަށް ވެދާނެއެވެ.
އެންމެން ކާންވެގެން ތައްޔާރު ކޮށްލި ތަނާ ކަރަންޓް ކަނޑައިގެން ދިޔައެވެ. ލުޖައިން އާއި ތިއާ ތޫލި އަޑުން ހަޅޭއްލަވައި ގެންފައި އެކަކު އަނެކަކު ގައިގައި ހިފައިގަތެވެ. އަމީނާ ފޯނު އަލީގައި އަވަސް އަވަހަށް އެމަޖެންސީ ލައިޓް ކައިރިއަށް ޖައްސައިލަން އުޅެނިކޮށް ޒާހިދު ގޮވާލައިފައި އެދުނީ އުއްބައްތި ސްޓޭންޑްތައް ގެނެސް ދިނުމަށެވެ. އެގެއަށް ފަރިތަވެފައި ހުރިވަރުން އަނދިރީގައިވެސް އަމީނާ ނުހަނު އަތްމަތި އަވަހެވެ. ތިން އަރިއަށް ހުރި ދެ ސްޓޭންޑާއި އުއްބައްތި ފޮށްޓެއް ހޯދާލައިގެން ގެނެސް އުއްބައްތިތައް ސްޓޭންޑްގައި ޖަހާފައި ރޯކޮށްލައިފިއެވެ. އެހުޅުކޮޅުތަކުގެ އޮރެންޖް އަލީން ކާކޮޓަރި ރޯޝަން ކޮށްލީ ހިތްގައިމު އެތައް އިހްސާސް ތަކެއް ހިތްތަކަށް ފޯރުކޮށްދެމުންނެވެ. މޭޒުގެ ވަށައިގެން ތިބި ރީތި ދެމަފިރީންނާއި ތިންކުދިންގެ މޫނުވެސް އެއަލީގައި އެތައް ގުނައެއް ފުރިހަމަވެގެން ދިޔަކަން އަމީނާ ފާހަގަ ކުރިއެވެ. ކުޑަ ދޮރު ކައިރީ ދަމާފައިވާ ފޮތިގަނޑުތައް ކަހާލައިފައި ހުރުމުން ބޭރުގެ އަނދިރިކަމާއި ހުރެ އެންމެންގެ ހިޔަނިތައް ދޮރުގެ ބިއްލޫރިގަނޑަށް އެޅިފައިވާތަން ފެނިގެން ތިއާއަށް މަޖާވިއެވެ.
ތިއާ ފުރުޓް ސެލެޑް ތަށި ކައިރި ކޮށްލައިގެން ފުރަތަމަ އުލަށް ހަރައިލި އެތިކޮޅު އަނގައަށްލައި ހަފައިލަމުން އަނެއް އަތުން ހަނާވެސް އަޅައިލިއެވެ. ޒަކްވާން އެވަގުތު ވެސް އިނީ ކޮންމެވެސް ވިސްނުމަކަށް ގެއްލިފައިވާ މީހަކު ފަދައިން އިސްޖަހައި ގެންނެވެ. "ޒޯއީ މިސްވަނީ. އޭނަ ވަރަށް ލޯބި ކުރާނެ ކެންޑެލް ލައިޓްއަށް." ތިއާއަށް ބުނެވުނު އެއްޗަކުން އިރުކޮޅަކުން އަނގައަށް ވައްތަރެއް ޖައްސައި ލެވުނެވެ. ޒޯއީ ފިލައިގެން ދިޔަފަހުން އެގޭގައި އޭނާގެ ވާހަކަދައްކަން ޝަކީބާ އޮތީ މަނާކޮށްފައެވެ. އެއީ ނެތިގެން ހިތާމަ ކުރާވަރުގެ ކުއްޖެއް ނޫންކަމަށް ބުނެލި ވަގުތު ތިއާ ވެސް ފާޑަކަށް ސިހުނެވެ. ތިއާ ފެށުނީއްސުރެ ޒޯއީ އާއި މެދު ހިތުގައި ހަސަދަވެރިކަމެއް ގެންގުޅުނަސް ޒޯއީގެ އެކި ހަނދާންތައް ކަންކަމާއި ގުޅިގެން ނަމަވެސް ހިތަށް އާދެއެވެ. މިރޭވެސް އުއްބައްތި އަލި ފެނިގެން އެހެން ބުނެވުނީ ކުއްލި ހަނދާނެއް އައިއްސައެވެ. ކުޑައިރު އެއްރެއަކު ޝަކީބާ އެދެކުދީން ބަހައްޓާފައި ބަދިގެއަށް ގޮސް ހުއްޓައި ކަރަންޓް ގޮސްގެން ތިއާ ރޯންފެށީމައި ޒޯއީ އުއްބައްތި ހޯދައިގެން ދިއްލިއެވެ. ކަރަންޓް އައިފަހުންވެސް ޒޯއީ އެރޭ ނިދީ ބޮކިތައް ނިވާފައި އުއްބައްތި އަލީގައެވެ.
"ޒޯއީއަށް ވުރެ ޝަކީބާގެ ސްޓަބަން ކަމެއް ވަކި ދެރަ." ޒާހިދު ހިތްހަމަ ނުޖެހިގެން ބުނެލައިފިއެވެ. "އެއީ ތެދެއް މަންމާ. އެގޮތަށް މަންމަ ނުރުހޭ އެންމެ ކަމެއް ކުރާއިރަށް ހުރިހާ ގުޅުމެއް ކަނޑާލަންވާނެތަ؟ ކިހިނެއް އެނގެނީ ޒޯއީއަށް ވިސްނިގެން އެނބުރި ނާންނާނެ ކަމެއް." ތިއާ ޒޯއީގެ ގާނޫނީ ވަކީލެއްހެން ދިފާޢުގައި ވާހަކަދެއްކުމުން ލުޖައިންވެސް އިނީ ހައިރާންވެފައެވެ. ބައެއްފަހު އެމީހެއްގެ މުހިންމުކަން އިހްސާސް ވަނީ ގެއްލުނީމައެވެ. ދެކޮޅުވެރިކަމެއް ހިތުގައި އޮތަސް ޒޯއީ އެއީ ތިއާގެ ހުރި ހަމައެކަނި ދައްތައެވެ. އެކަމަކު ޒަކްވާންއަށް ކަމުނުދިޔައީ ޒާހިދު އެކަމުގައި ވެސް ޝަކީބާ އާއި ދެކޮޅަށް އެއްޗެއް ބުނީމައެވެ. ޒަކްވާން އަބަދުވެސް މަންމަ ދެކެ އިންތިހާއަށް ލޯބިވާއިރު މިހާރު އަދި އާރިންގެ ކަންތައް އިނގުނު ފަހުން މަންމަ އާއި މެދު މާބޮޑަށް ހަމްދަރްދީ ވެވެނީއެވެ. އެކަންތައްތަކުގެ ސަބަބުން މަންމައަށް ކިހާ އަސަރު ކުރާނެ ހެއްޔެވެ؟ ޒަކްވާން އެއްޗެއް ނުބުނީ އިތުރަށް މާހައުލު ހޫނު ނުކުރާން ވެގެންނެވެ. އެނޫނަސް ދައްކަން އޮތީ ޒޯއީގެ ވާހަކައެވެ. ޒަކްވާންއަށް ޒޯއީވެސް މުޅިއަކުން ކުށްވެރިއެއް ނޫނެވެ. މާބޮޑަށް މަޖުބޫރު ކޮށްގެން އެހުންނަނީ ދިމާވެދާނެ ކަންކަމެވެ. ޝަކީބާ މައުޟޫ ބަދަލުކޮށްލަން ވެގެން ޗެނަލްގެ މަސައްކަތްތަކާއި ބެހޭގޮތުން ޒަކްވާން އާއި ވާހަކަދައްކަން ފެށުމުން ލުޖައިން ފަދައިން އާރިންއަށް ވެސް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އެވާހަކައިގައި ކެއުން ނިމި ފަހަރަކު މީހަކު ތެދުވެގެން އެކި ދިމާއަށް ގޮސް ހުސްވިއެވެ.
ޒާހިދު އަންގާފައިވާ ގޮތަށް ލުޖައިން އެރޭ ނިދަން އޮތީ ތިއާގެ ކޮޓަރީގައެވެ. ކައިވެންޏާއި ދެމެދު ކުރު މުއްދަތެއް އޮތް ކަމުގައިވިއަސް އެއް ފުރާޅެއްގެ ދަށުގައި އެމީހުންނަށް އެކަށީގެން ނުވާވަރުގެ މިނިވަންކަމެއް ދޭކަށް ޒާހިދު ބޭނުމެއް ނުވެއެވެ. ތިއާވެސް އާރިން ބައްދަލު ކުރަން އައިސް ހުއްޓާ ގަދަކޮށްލާފައި އެމީހުން ބައްދަލު ކުރިއަކަ ނުދިނެވެ. "އިންޑިއަން ވެޑިންތަކުގައި ވެސް ހަފްތާ އަކަށްވީމަ ދެން ދުލްހާ ދުލްހަން މީޓްކުރުމެއް ނޯވޭ. އެހެންވީމަ ދުލްހާ އާރީ ވެސް ޖެހޭނީ މިއަދުން ފެށިގެން ކައިވެނި ވެވޭންދެން ދުލްހަން ލުޖައިން އާއި މީޓްނުކޮށް ހުންނަން." ތިއާ އާރިން ވަނަނުދޭން ދޮރުމަތީ ހުރެފައި ބުނެލިއެވެ. ލުޖައިން ފަހަތުގައި ހުރެފައި ބާރަށް ހިނިގަނޑެއް ޖަހައިލިއެވެ. އާރިން ގާތަށްވެސް ހިނިއައިސްގެން އިސްޖަހައިލިއެވެ. "މީ އެކަމަކު އިންޑިއަން ވެޑިންއެއް ވެސް ނޫނެއްނު ތިއާ. އެނޫނަސް ކިހިނެއް ޓޮލަރޭޓް ކުރާނީ؟" އާރިން ތިއާގެ ހިތް އަނބުރައިލެވޭތޯ އުޅުނެވެ. ދެރަވެލާފައި މޫނުމަތިން މޮޅިވެރިގޮތްވެސް ދައްކާލައިފިއެވެ. "ވަޓްއެވަރ. ހުނ." ތިއާ ތުން އަނބުރައިލާފައި ފަހަތަށް ދެމިގަތީނުން ދޮރުވެސް ލައްޕައިފިއެވެ. ލުޖައިން ހީލަ ހީލާ ހުއްޓައި ތިއާ ގޮސް ލެޕްޓޮޕް ހުޅުވައިގެން އެނދުގައި އިށީންދެލިއެވެ. ލުޖައިން ހެދުން ބަދަލުކޮށްގެން ނިކުތްއިރު ތިއާ މާ ހެވިފައި އިނުމުން ސުވާލު ކޮށްލެވުނެވެ.
"އެފްބީގަ މިއުޅެނީ. މަންތެއްވަރު ކުރީން އައި މެޓް ދިސް ގައި. އެޓް ފަސްޓް އަބަދު ފައިޓްކުރުން އޮތީ. އެން ޔޫ ނޯ ލޫލޫ. އޭނަގެ ވާހަކަތަކުން މިއަންނަ ސީރިއަސް ރުޅިއެއްނޫން އަންނަނީ ފާޑަކަށް އެންޖޯއި ވަނީ. ވަރަށް މަޖާ." ތިއާ ލެޕްޓޮޕް އަނބުރައިލާފައި ލުޖައިންއަށް ދައްކައިލިއެވެ. ބެލްކަނި ކޮޅެއްގައި ފުރަގަސްދީގެން ހުރި ފޮޓޯ އީތަން އާއި ވެސް ވައްތަރެވެ. ލުޖައިންއަށް އެކަން ފާހަގަ ކުރެވިގެން ބުނަން އުޅެލާފައި ހުއްޓައިލީ އީތަން ހަނދާން ކޮށްދީގެން ތިއާގެ މޫޑު ގޯސްވެދާނެ ތީއެވެ. ލުޖައިން އިސްތަށިގަނޑުގައި ވޫލްކޮޅު ނައްޓާލައިފައި އައިސް އެނދުގެ އަނެއްފަރާތުގައި އޮށޯވެ ލޯ މަރައިލި ނަމަވެސް ނިދީގެ އަސަރެއް ލޮލަކު ނުވެއެވެ. ހިތްވަނީ ނުތަނަވަސްވެފައެވެ. ކުރީ ރޭ ހުވަފެނުގައި ޒަކްވާން އައިސް ކައިވެނި ހުއްޓުވާލިތަން ފެނުނީއްސުރެ ލުޖައިން އިންތިޒާރު ކުރަމުން އެދަނީ ޒަކްވާން އާއި ވަކިން ބައްދަލު ކޮށްލެވޭނެ ވަގުތަކަށެވެ. ތިއާ ގަޑިއެއް ހާއިރު ފަހުން އެފިރިހެން ކުއްޖާ އޮފްވީމައި އޮށޯވެ ނިދައިފިއެވެ. ލުޖައިން އިންތިޒާރު ކުރީ އެވަގުތަށެވެ. ޔަޤީން ކުރަން ވެގެން ތިއާގެ ނޭފަތުގައި ހިފައިލާފައި ހިލަމެއް ނުވުމުން އަވަހަށް ތެދުވެފައި ޕިޖާމާ ކޮޅުމަތިން ރޯބްއެއްލައި ވާގަނޑު އައްސާލައިގެން ކޮޓަރިން ނިކުތެވެ.
ލުޖައިންގެ ނަސީބު ވެސް ރަނގަޅީ އެވެ. ޒަކްވާންގެ ކޮޓަރި އާއި ދިމާއަށް ދަނިކޮށް އެތެރެއިން ބޮކީގެ ހުދު އަލި ފެނުނެވެ. ލުޖައިން ދޮރު ހުޅުވައިލި އިރު ޒަކްވާން ފެންނަން ނެތުމުން އެތެރެއަށް ވަދެފައި ބެލްކަންޏާއި ދިމާއަށް ދިޔައެވެ. ޒަކްވާން އޮތީ އެތާ ހުންނަ ބީޗްޗެއަރ ބައްޓަމަށްވާ ގޮނޑީގައި ހަށިގަނޑު ދަމާލައިގެން ލޯވެސް މަރައިގެންނެވެ. ކޮޓަރިން ބޭރަށް ފޭދިފައިވާ އަލީގައި އެތަން އަނދިރިއެއް ނޫނެވެ. ކުރިމަތީ ހުރި ބިއްލޫރި ކުޑަ މޭޒުގަނޑުގައި އާވި އަރައަރާ ހުރި ކޮފީތައްޓެއް އެވަގުތުވެސް ހުއްޓެވެ. ލުޖައިންގެ ފިޔަވަޅު އަޑު އިވިގެން ޒަކްވާން ލޯ ހުޅުވައިލާފައިވެސް ހަރަކާތެއް ނުގެނައެވެ. "ޒެކް. އަހަރެން ވާހަކައެއް ދައްކާލަން ކަމަށް މިއައީ." ލުޖައިން ގޮސް ޖެހިގެން ހުރި ގޮނޑީގައި އިށީންދެލިއެވެ. ޖެހެމުންދިޔަ ލުއި ވައިރޯޅިތައް ދޫކޮށްލެވިފައިވާ އިސްތަށިގަނޑާއި ސަމާސަ ކުރަން ފެށުމުން ލުޖައިން ހުޅިޖަހާފައި ބަލައިލި އިރު ޒަކްވާން އޮތީ ކަޅިވެސް ޖަހައިނުލައި ބަލާށެވެ. ލުޖައިންއަށް އުދަނގޫވެގެން ނިއްކުރިއަށް ރޫ އަރުވައިލެވުނެވެ.
"ޒެކް! ލުޖައިން ތަންކޮޅެއް ބާރަށް ގޮވައިލުމުން ޒަކްވާން ތެދުވެ އިށީންދެއްޖެއެވެ. "ކިޔާބަލަ!" އެއަޑުގައި މާބޮޑު ޝައުޤުވެރިކަމެއް ނެތެވެ. ލުޖައިން ދައްކަން އެއުޅެނީ ކޮން ވާހަކައެއްކަން މާކުރިންވެސް އެނގިގެން އިން ކަހަލައެވެ. "އަހަރެން ޒެކް ކައިރީ ވަރަށް ބޮޑު ކަމަކު އެދެން މިއައީ." ޒަކްވާން ކޮފީތަށީގައި ތުން ޖަހާފައި ލުޖައިންގެ ވާހަކަ އިވިގެން އަވަސް އަވަހަށް ދުރުކޮށްލެވުނެވެ. "ޒެކް ތީ އަހަރެންގެ ވަރަށް ކްލޯސް ފްރެންޑެއް. އެނގޭ ޒެކް އަހަރެންނަށް ކެއަރ ކުރާވަރު. އެން އައެމް ހެޕީ. އެހެންވެ އަހަރެންނަށް އެނގޭ ޒެކްއަށް އަހަރެންގެ އުފާވެރިކަން މުހިންމުވާނެ ވަރު. ޒެކް އަހަރެންގެ އޮތީ ހަމަ އެދުމެއް. ޒެކް ހިތަށް އަރައިފާނެ އަހަރެން މާބޮޑަށް ސެލްފިޝް ވަނީއޭވެސް. އެކަމަކު އަހަރެން ކުރާ ހުރިހާ ކަމެއް މިކުރަނީ އުފާވެރި ދިރިއުޅުމަކަށް ޓަކައި. ޒެކް! އަހަރެންގެ އެދުމަކީ ހަފްތާއެއްގެ ތެރޭގައި އަހަރެންނާއި އާރީގެ ކައިވެނި ކުރެވޭއިރު ޒެކް އެކަން ހުއްޓުވަން އެއްވެސް މަސައްކަތެއް ނުކުރުން." ލުޖައިން އެވާހަކަ ނިންމައިލީ ހިތާއި ހިތުން ޒަކްވާން ދޭނީ ރަނގަޅު ޖަވާބެއް ކަމުގައި ނިންމައި ގެންނެވެ. އެކަމަކު އެވާހަކަތައް ނިމުމުން ޒަކްވާން ދޫކޮށްލީ ހަމައެކަނި ފިނި ނޭވައެކެވެ. އެދެމެދަށް ހިމޭންކަމުގެ ބޯ ފާރެއް ހުރަސް އެޅުމުން ލުޖައިން ހިތުގައި ބިރުވެރި އެތައް ރާޅެއް އުފުލުނެވެ. ހިތަށް ކުރި ފުން އަސަރަކުން ލޮލުން ކަރުނަ އަންނަން ތައްޔާރުވިއެވެ.
ލުޖައިންއަށް ރޮވެން އުޅޭހެން ހީވެގެން ތުންފިއްތައިލައިފައި ދާންވެގެން ތެދުވީ ކުއްލި އަކަށެވެ. އެކަމަކު ފަސްދީފައި އޭނާ ނެގި އެންމެ ފިޔަވަޅަކާއެކު ޒަކްވާން އެއަތުގައި ހިފާ ހުއްޓުވައިފިއެވެ. "ސޮރީ ޓު ސޭ ދިސް ލޫލޫ، އަހަރެންނަށްވެސް ނޭނގެ އެދުވަހުން ކަންތައް ކުރެވޭނެ ގޮތެއް. މަސައްކަތް ކުރާނަން ލޫލުގެ އެދުން ފުއްދައިދެވޭތޯ. ބަޓް.. ނޯ ޕްރޮމިސެސް." ޒަކްވާން ޖަވާބުދީފައި އެތެރެއަށް ވަދެގެން ގޮސް ހެޑްސެޓް އަޅާލައިގެން ވެއްޓި ގަތީ އެނދަށެވެ. ލުޖައިން ލޮލުން ވެއްޓުނު ކަރުނަ ތިކި ދެއިނިގިލިން ފުހެލާފައި އަވަސް އަވަހަށް ނިކުމެގެން ގޮސް ކޮޓަރިއަށް ވަނެވެ.
އެނދުމަތީގައި ދިއްލިފައި އޮތް ފޯން ފެނިގެން ލުޖައިން ބަލައިލި އިރު އާރިންގެ މިސްކޯލްއެއް އޮތެވެ. ލުޖައިން މޫޑު ހަރާބުވެފައި ހުރިވަރުން އާރިންއަށް ގުޅަންވެސް ނޫޅެ އެނދަށް އަރައި ރަޖާ ދަށުގައި ފޮރުވިގެންފިއެވެ.
ހަތްވަނަ ދުވަހަށް އިރު އަރައިގެން އައިއިރު ހުރިހާ ކަމެއްވެސް އައީ މަޑުމަޑުން ބަދަލު ވަމުންނެވެ. ޒަކްވާން އާއި އާރިންގެ މެދުގައި ވާހަކަ ނުދެކެވުނަސް މަދުމަދުން ހިނިތުންވުން ބަދަލު ކޮށްލައެވެ. ހިތު އަޅައިގެން ހުއްޓަސް އެދެމެދުގައި އޮތް ލޭގެ ގުޅުން ބައެއްފަހަރު މަޖުބޫރު ކުރަނީއެވެ. އަނެއްކޮޅުން ތިއާގެ މިޒާޖަށް ލުޖައިންގެ ސަބަބުން އައި ހެޔޮ ބަދަލުން ޝަކީބާ ވެސް ހިތްހަމަޖެހުނެވެ. ޝަކީބާ އަދިވެސް ހީކުރަނީ ތިއާ އެހާ މަޑުމޮޅިވީ ޒޯއީ ދިޔަފަހުން ގޭގައި ޒުވާބު ކޮށްލަންވެސް އެކަކު ނެތި އެކަނިވީމައި ކަމަށެވެ. ޒަކްވާން އާއި ޒާހިދު ޝަކީބާއަށް ސިއްރުން ޒޯއީ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދިޔައީ އިތުރު އެހެން މީހަކަށްވެސް އަންގައި ނުލައެވެ. އެކަމަކު އެމަދު ދުވަސްކޮޅު ތެރޭގައި އެކަށީގެންވާ ނަތީޖާއެއް ނުފެނުނެވެ. ޒޯއީ ހުރީ އޭނާގެ ފިޔަވަޅުތައްވެސް ފޮރުވައިލާފައެވެ.
ހެނދުނު ސައިބޯން އިންދައި ނާހިދާގެ ފޯނެއް އައެވެ. އާރިން ކައިރީ ނާހިދާ އެދުނީ ލުޖައިން ގޮވައިގެން އެގެއަށް ދިއުމަށެވެ. ޒާހިދުގެ ހުއްދަ ލިބިގެން ދެޒުވާނުން ކާރުގައި ނައްޓައިލިއެވެ. އެމީހުން ވަން އިރު ނާހިދާ އިނީ ލިވިންރޫމް ސޯފާގައި ޓީވީ ހުޅުވާލައި ގެންނެވެ. އާރިން ފެންނަ އިރަށް ނާހިދާ ތެދުވެފައި ހިނިތުންވެލައިފިއެވެ. މިއަދު ފުރަތަމަ ފަހަރަށް ނާހިދާ ލުޖައިން ކައިރީވެސް ނުހަނު ލޯބިން ހާލު އަހުވާލު އެހިއެވެ. ލުޖައިންއަށް ލިބުނު ހައިރާން ކަމާއެއް ވަރަށް އުފާވިއެވެ. ނާހިދާ ކައިވެންޏާއި ގަބޫލުކަން ކުރިއްސުރެ އެނގިފައި އޮތަސް އެކަމާއި އެހާ އުފާވާކަން އަދި ކިރިޔާ ލުޖައިންއަށް އެނގުނީއެވެ. ނާހިދާ ކުރީކޮޅުގައި ލުޖައިން އާއި ފާޑުވެރިކޮށް އުޅުނަސް މާޒީގެ ހަނދާންތަކުން ފިލާވަޅު ލިބިގަނެގެން ދަރިފުޅުގެ އުފާތައް އިސްކުރީއެވެ. "ހިނގާ ކޮޓަރިއަށް. ދަރިފުޅުމެންނާއި ބައްދަލު ކުރަން ބޭނުންވަނީ ބައްޕަ." ނާހިދާ ބުނި އެއްޗެއް ގަބޫލު ނުކުރެވިގެން އާރިންއަށް ކީކޭހޭ އަހައިލެވިއްޖެއެވެ. އެހެންނޫނަސް އޭނާގެ ބައްޕައަކީ ޒާހިދު ނޫން ހެއްޔެވެ؟ އާރިން ތެޅި ތެޅި އޮތް ހިތަކާއިއެކު ނާހިދާ ފަހަތުން ދިޔައިރު ލުޖައިން އަތުގައި ހިފަހައްޓައިގެން ހުރީ ނުހަނު ބާރަށެވެ. އާރިން ޖެހިލުންވެފައި ހުރިވަރު ލުޖައިންއަށް އިހްސާސްވިއެވެ.
ޝަހީމު ފުރަގަސްދީގެން ހުރެފައި ފިޔަވަޅުގެ އަޑު އިވިގެން އެނބުރިލިއެވެ. ހަތަރުކަޅި ބައްދަލުވުމާއެކު އާރިންއަށް ފުރަތަމަވެސް އިސްޖަހައި ލެވުނީއެވެ. އެވަގުތު ޝަހީމު އައިސް އާރިންގެ ކުރިމައްޗަށް ހުއްޓިފައި ނަމުން ގޮވައިލިއެވެ. "ކީކޭ ބައްޕާ؟' އެތައް ދުވަހަކަށްފަހު އެނަމުން މުޚާތަބު ކުރުމުން އާރިންއަށް މިފަހަރު ތަފާތުވެސް ވިއެވެ. "ބައްޕައަށް މާފުކުރޭ!" ޝަހީމު ދިގު ވާހަކައެއް ނުދައްކައި ފުރަތަމަވެސް ބުނެލައިފިއެވެ. އެވަގުތު އާރިންއަށް ލިބުނު ސިހުމަކުން އަވަސް އަވަހަށް އިސްއުފުލައި ލެވުނެވެ. ޝަހީމުގެ ދެލޮލުގައި ކުރިން ހުންނަ ރުޅިވެރިކަމެއް ނެތެވެ. ބަދަލުގައި އެދެލޯ ވަނީ ފެންކަޅިވެފައެވެ. "ކޮންކަމަކާ؟" އާރިންއަށް ވާހަކަ ދެއްކުނީ ވެސް އުދަނގުލުންނެވެ. "ވަރަށް ދުވަހު ގޮތްދޫ ނުކޮށް ހިފަހައްޓައިފިން. އެކަމަކު ދެން ކެތެއްނުވާނެ ދަރިފުޅު ދުރުކޮށްލައިގެން ހުންނާކަށް. އާރިން އަކީ ބައްޕަގެ ދަރިއެއް. ވަރަށް ފަޚުރުވެރި ކަމާއެކު މިބުނަނީ ތީ ބައްޕަ އެންމެ ލޯބިވާ ދަރިފުޅު." ޝަހީމު ދެއަތް އުފުލައިލައިފައި އާރިންގެ ކޮނޑުގައި ހިފައިލައި ކުޑަކޮށް ތަޅުވައިލުމުން އާރިންއަށް އެދެއަތަށްވެސް ބަލައިލެވުނެވެ. އެދެލޯވެސް އިސާހިތަކު ފެންކަޅިވިއެވެ. "ބައްޕައަށް ކުރެވުނު ކުށަކީ ދަރިފުޅަށް މަޖުބޫރު ކުރެވުނުކަން. ޅައިރުން ފެށިގެން ބައްޕަ ބުނި ކޮންމެކަމެއް އާރިންކޮށްދިން. އެކަމަކު ހަމަ އެންމެ އެދުމަކަށް ދެކޮޅު ހެދިކަމަށްޓަކައި ބައްޕަ ކަންތައް ކުރީ ކިހިނެއް؟ ނިކަމެތި ކޮށްލީ. އައެމް ސޯ ސޮރީ ސަން." ޝަހީމުއަށް އަސަރުކޮށްފައި ހުރިވަރުން އާރިން ގެންގޮސް މޭގައި ޖައްސައިލާފައި ބުރަކަށީގައި ފިރުމަން ފެށިއެވެ.
"ތިހެން ނުބުނޭ ބައްޕާ. އެއީ ބައްޕަގެ ހައްޤެކޭ ރުޅިއައުމާ އަދަބު ދިނުމަކީ. އެން އައި ޑިޒާވްޑް އިޓް." އާރިން އުފަލުން ބައްޕަގެ ބުރަކަށީގައި ދެއަތުން ހިފައި ރީތިކޮށް ބައްދައިލިއެވެ. ކައިރީގައި ލުޖައިން އާއި ނާހިދާ ތިބީ ހިނިތުންވެފައެވެ. ދެބަފައިން ދުރަށް ޖެހިލާފައި އިރުކޮޅަކުން ކޮޓަރިން ނިކުމެގެން ދިޔައީ ޝަހީމު އާރިންގެ ކޮނޑުގައި ހިފައިގެން ހުރެއެވެ. އެވަގުތު ރީމް ކޮޓަރިން ނިކުމެފައި އެތަން ފެނިގެން އައިސް އާރިން ކުރިމައްޗަށް ހުއްޓި ހިނިތުންވުމާއެކު މަރުހަބާކިއެވެ. އާރިންއަށް ލޯބޮޑުކޮށްލައިފައި ބަލައިލެވުނީ އަނެއްކާވެސް ޝަހީމު އަށެވެ.
ހަތަރެއް ޖަހަން ކައިރިވެފައި ހުއްޓާ ތިއާ ލުޖައިން ރީތިކޮށްލައިގެން ކޮޓަރިން ނެރުނެވެ. އާއިލާގެ ހުރިހާ މެމްބަރުން ހެން ހާޟިރުވެފައިވާ އެ މެހެފިލްގައި ނެތީ ހަމައެކަނި ޒަކްވާން އެވެ. އެކަން އޭރު އަދި އެކަކަށްވެސް ރޭކައެއް ނުލައެވެ. ޒަކްވާން އެތާ އުޅެފައި ނިކުމެގެން ދިޔައީ އެކަކުވެސް ނުވިސްނައި ހުރި ވަގުތެއްގައެވެ. ކައިވެނި ކުރާމީހުން އިށީންދެގެން ތިބި މޭޒާއި ދިމާއަށް ލުޖައިން ގެންގޮސް އާރިން ކައިރީގައި ބައިންދާފައި ތިއާ ދުރަށް ޖެހިލީ އެސްފިޔަޖަހާނުލައި އެރީތި ޖޯޑަށް ބަލަމުންނެވެ. ލުޖައިން މަޑު ނޫކުލައިގެ މެކްސީއެކު ހުދާއި ނޫ ކުލައިން ގުޅުވާލެވިފައިވާ ދޯޕައްޓާ އަކުން ބޯ ނިވާކޮށްފައި ހުންނައިރު ރީތިކަމުން ތައުރީފްކޮށް ކޮޅުންނުލާނެއެވެ. އާރިންވެސް ނޫ ގަމީހާއި ފަޓްލޫނުގައި ބެގީކޮށްލައިފައި އިނުމުން އެހާމެ ހިތްގައިމެވެ. ރަފާލް ކެމެރާ ހިފައިގެން އެމަންޒަރު ވީޑިއޯ ކުރަމުން ދިޔައިރު ތިއާ ހުރީ ރީމް އަތުގައި ހިފާލައިގެންނެވެ. ރީމް ކަރުނައިގެ ކޯވަރުތައް ބޮމުން އުފާވެރި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވާފައި ހުއްޓެވެ.
ވަގުތު ޖެހުމުން އާރިން ކައިވެންޏަށް އިއުތިރާފް ވުމަށްޓަކައި އަނގަ ހުޅުވައިލަން ތައްޔާރު ވިތަނާ އެތާ ހުރި ފޯން ރިންގް ވާން ފެށިއެވެ. ތިއާ އެކި މީހުންނަށް ބަލައިލައިފައި ދުވެ ގޮސް ފޯން ނަގާފައި ބާރުބާރަށް ކީކޭހޭ އަހައިލުމުން އެންމެންގެ ނަޒަރު ތިއާއަށް ހުއްޓުނެވެ.