ކަޅުފޮއި ރޭގަނޑެއްގައި އުޑުގައި ތަރި ފިޔަޖަހާ ހެން ލުޖައިންގެ ލޫޅާފަތި ހަށިގަނޑަށް ފިޓްވެފައިވާ ކަޅު މެކްސީން ކުދިކުދިކޮށް ވިދައެވެ. ދިގު ލޭސްއަތުގެ ތެރެއިން އެދޮން ދެއަތްތިލަ ފެންނަ އިރު ރުއްކުރި ކޮޅެއްހާ ދޮނެވެ. ލުޖައިންގެ މެދު އިނގިލީގައި އަޅާފައި އޮތް ހުދު އެހުގެ އަނގޮޓި އާއި ހިމަ ކެވެލިގަނޑު ވެސް އެއަތުގެ ފަރިކަމާއި އެއްވަރަށް މުޅިން އެހެން ޝަހުސިއްޔަތެއް ދައްކައިދޭން މިރޭ މަސައްކަތް ކުރާ ކަހަލައެވެ. އެއިސްތަށިގަނޑު ފަހަތަށް ގެން ގޮސް ކަޅުދާގަނޑެއްގެ ތެރޭގައި ހުޅިގަނޑު ހިފަހައްޓާފައި އޮތްއިރު ކަންފަތުގެ ކައިރިއަށް އޮޅެމުން ފައިބާފައިވާ އިސްތަށިކޮޅު މޫނުގައި ބީހިލާ ގޮތުން ފެންނަ މީހުންގެ ހިތްތަކަށް ތުނޑު ތޫނު ކަށިތަކެއް ހަރައިލާފަދަ އިހްސާސްތަކެއް ކުރުވާނެކަން ގައިމެވެ. ކަރާއި ކަންފަތްވެސް އަލިމަހުގެ ގަހަނާއިން ޒީނަތްތެރި ވެފައެވެ.
އަހަރުގެ ތިންވަނަ މަހާއި އުފަން ދުވަސް ދިމާވާތީވެ ސަތާރަ އަހަރު ފުރިފައިވި ނަމަވެސް މިރޭ އެމޫނުން ފެންނަ އަންހެންވަންތަ ކަމަކީ އިތުރަށް އަހަރެއް ފުރިގެން ފެންނަ ބަދަލުތަކެއް ނޫނެވެ. ދިގު އެސްފިޔަތަކުގައި ވަރަކަށް މަސްކަރާ އުނގުޅައި ރަވައިގައި އަނދުން އަޅައިފައި ހުރިއިރުވެސް ވީރާނާކަން ފައުޅުވަމުން ދިޔަ ދެލޮލުގައި ކުރިން ހުރި ޅަގޮތްގަނޑު ކެނޑިފައި ވަނީއެވެ. ލުޖައިންގެ ތުންފަތް ލޭކޮޅެއްހާ ކުލަގަދަވެފައި ރީތި އިރުވެސް އުފާވެރި ހިނިތުންވުމެއްގެ ފަޅުކަން ހާމަވަމުން ދިޔައެވެ. އޭނާ ރަނިކަނބަލެއް ހެން ބައިންދައިގެން ވަށައިގެން ހަރަކާތްތެރި ވަމުން ދިޔަ ދެއަންހެންކުދިންގެ މަސައްކަތް ނިންމާފައި ނިކުމެގެން ދިޔައިރު އެކަމެއްވެސް އިހްސާސެއް ނުވިއެވެ. ހިޕްނޮޓައިޒް ސެޝަންއެއްގައި އިން ބަލިމީހަކު ފަދައިން ވަށައިގެންވާ ހުރިހާ ކަމެއް ހަނދާން ނައްތާލާފައި ލުޖައިންގެ ހިތާއި ސިކުނޑި މާޒީގެ ތެރެއަށް ފީނަމުން ދިޔައެވެ.
****************
އަލިފާންގަނޑަކަށް ޕެޓްރޯލް އަޅައިލުމުން އަނދައިގަންނަހެން ޝަކީބާ އަނދައިގަތެވެ. އެކަމަކު ކުދިންގެ ތެރޭގައި ތިބުމުން އަމިއްލަ ނަފްސް ކޮންޓްރޯލްގެ ދަށަށް ގެނެއްސައި އާރިން އާއި ކުރިމަތިލީ ނިކަން ހަމަޖެހިލައިގެންނެވެ. ލުޖައިން ގެ ނަޒަރު ޝާމިސްއަށް ހުއްޓުނު އިރު އެމޫނުން ހިސާބެއްގެ ނުތަނަވަސްކަމެއް ފެނުނެވެ. ޝާމިސް ކުޑައިރުއްސުރެ ވެސް އާރިންގެ އެހާ ގާތް އެކުވެރިއަކަށް ވުމުން އެހެން މީހުންގެ ވިސްނުމާއި އޭނާގެ ވިސްނުން އެއްގޮތް ނުވަނީ ކަމަށް ވެދާނެއެވެ. ތިއާ ދެއަތް މުށްކަވާލައިފަވެސް ޝަކީބާ ހުރުމުން އެއްޗެއް ނުބުނެއެވެ. "ކުރިންވެސް ބުނިހެން އަހަރެން މިއައީ ލުޖައިން އާއި ވާހަކަ ދައްކަން." ޝަކީބާ އައިސް ކުރިމައްޗަށް ހުއްޓުމުން އާރިން ފޫހިކަމާއެކު ދުރުބަލައިލިއެވެ. "އޭގެ ކުރިން އާރިން ޖެހޭނީ އަހަރެންނާއި ވާހަކަ ދައްކަން. އަހަރެންގެ ހުއްދަ ލިބިގެން ނޫނީ ލުޖައިން އާއި ހަމައަކަށް ނުދެވޭނެ. އޭނަ އެހުރީ އަހަރެންގެ ބެލުމުގެ ދަށުގައި." ޝަކީބާ ހަމަ ގަސްތުގައި އާރިން ހޫނު ކޮށްލިއެވެ. "މިއޮތް ހުރިހާ ދުވަހުވެސް ލޫލޫ މަށާއި ވާހަކަ ދެއްކީ ހަމަ މިގޭގައި ހުރެގެން. އަމިއްލަ ދަރިންނާއި ފިރިމީހާ ނުބެލިގެން އުޅޭއިރު ކިހިނެތްތަ އެހެން ކުދިން ބަލަހައްޓާނީ؟" އާރިން މަލާމާތުގެ ހީލުމަކާއެކު ޝަކީބާ އާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެތަން ފެނިގެން ޒޯއީ ފުންމައިގެން އައިސް އާރިން ގަމީހު ގިރުވާނުގައި ދެއަތުން ހިފާފައި ކޮށްޕާލަން އުޅެން ފެށުމުން ލުޖައިންއަށް ހަޅޭއްލަވައި ގަނެވުނެވެ.
"ކޮންވާހަކަ އެއްތަ އިތުރަށް އާރިން ދައްކަން އޮތީ؟" ލުޖައިންއަށް ނުހުރެވިގެން އައިސް އާރިންގެ ކުރިމައްޗަށް ހުއްޓިފައި ސުވާލު ކުރިއެވެ. އެގޮތަށް ގޭތެރޭގެ އަދަބުތައް ނެތި ގޮސް އެކަކު އަނެކަކު ގަޔަށް ބޮލަށް އަރާތަން ބަލާކަށް އޭނާ ބޭނުމެއް ނުވިއެވެ. ޒޯއީ ކޮންޓްރޯލުން ނެއްޓިގެން އިތުރުކަމެއް ކޮށްފާނެތީ ޝަކީބާ އަވަހަށް ޒޯއީ އަތުގައި ހިފަހައްޓައިފިއެވެ. "ލުޖައިން. އަޑުއަހާބަލަ އޭނާ އެދައްކާ ވާހަކައެއް." ޝާމިސް އެހުރިހާއިރު އެއްޗެއް ނުބުނެ ހުރެފައި ބުނެލިއެވެ. ލުޖައިން ޝާމިސް އަށް ބަލާފައި ބޯ ޖަހާލުމަކުން ޖަވާބު ދިންތަނާ އާރިން އަތުގައި ހިފާލުމުން މޭގަނޑު ފިނިވެ މޫނަށް ރަތް އަރައިފިއެވެ.
"ލޫލޫ އަހަންނަށް އިނގޭ ތިހުރީ ރުޅި އައިސްފަކަން. ރުޅި އަންނަންވެސް ޖެހޭނެ. އަހަރެން މިހުރީ ލޫލޫ ދޭ ކޮންމެ ސަޒާއެއް ލިބިގަންނަން ތައްޔާރަށް. އެއީ އެތައް ދުވަހެއް ވަންދެން ލޫލޫ އާއި ވަކިން އުޅެން ޖެހުން ކަމުގައިވިއަސް އޯކޭ. އަހަރެން ހަމައެކަނި ބޭނުންވަނީ މަޢާފް. ޓޭކް ޔޯ ޓައިމް އެކަމަކު އަބަދުވެސް ހަނދާން ކުރާތި އަހަރެންގެ ހަޔާތުގައި ލޫލޫއަށްވުރެ ޓުރޫ އެހެން އެކައެއްޗެއް ނެތް. ކުށެއް ފެންނަ އިރަށް ފުރަތަމަވެސް ބްރޭކްއަޕްއަކަށް ނުގޮސް ފިނިހިތަކުން ވިސްނާލަން ވާނެ. ނޫނީ ފަހުން ހިތާމަ ކުރަންޖެހިދާނެ... އަހަންނަށް އެނގޭ ލޫލޫ އަހަރެންދެކެ ލޯބިވާވަރު... އެނގޭ ލޫލޫ ނޫން އެހެން ކުއްޖަކަށް އަހަރެންނަށް މަޢާފު ނުދެވޭނެ ކަންވެސް. އެހެންވެގެން އަހަރެން މިއަދު މިއައީ ލޫލޫއަށް އަންގަން. އަހަރެން އަންގަން ބޭނުން ލޫލޫ ކިތަންމެ ގިނަދުވަހެއްކޮށްފައި އެނބުރި ދިޔަޔަސް އަހަރެން ކެތްތެރި ކަމާއެކު އިންތިޒާރު ކުރާނެ ވާހަކަ. ލޫލޫ މަޢާފާއެކު އެނބުރި ދާނެ ދުވަހަކަށް އަހަރެން ހުންނާނީ ބަލަބަލާ." އާރިން ހަތަރު ކަޅި ހަމަކޮށްލައިގެން ހުރެ ނުހަނު އަސަރާއެކު އެހުރިހާ ވާހަކައެއް ދައްކާ ނިމުމުން ލުޖައިން އިރުކޮޅަކަށް ހުރީ ހިމޭންވެފައެވެ.
އެނބުރި ދާންވެގެން އާރިން ލުޖައިންގެ އަތުން ދޫކޮށްލާފައި ޝާމިސްއަށް ނިތްއެއްލިއެވެ. ދެން ތިބި އެހެން މީހަކަށް ބަލައިލުމެއް ނެތި މަޑު ފިޔަވަޅު ތަކެއްގައި ނިކުމެގެން ދާން ފެށުމުން އެންމެ ރުޅިގަދަވީ ޝަކީބާއެވެ. އާރިންގެ އެބަސްތަކުން ލުޖައިންގެ ހިތަށް ކިރިޔާވެސް އަސަރެއް ކޮށްލައިފި ނަމަ އެއީ އޭނާގެ ބަދު ނަސީބެވެ. ހުރިހާ ހުވަފެނެއް ފުނޑު ފުނޑުވެގެން ދިއުމުގެ ކުރީން އޭނާ ޖެހޭނީ ފިޔަވަޅެއް އަޅާށެވެ.
"އާރިން!" ޝަކީބާ އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނުން ލުޖައިން ބުދެއްހެން ހުރެފައި ކުއްލި އަކަށް ގޮވައިލިއެވެ. ލުޖައިން އިސް އުފުލައިލި އިރު އާރިން ބޭރަށް ނިކުމެފައި ދޮރު ލައްޕާލައިފިއެވެ. އެވަގުތު ލުޖައިން ބާރުބާރަށް ދުވެލާފައި ގޮސް ދޮރުހުޅުވާ އަޅާފައި ބޭރަށް ދެމިގަތެވެ. ދެންތިބި މީހުން ހައިރާން ކަމާއެކު އެކަކު އަނެކަކުގެ މޫނަށް ބަލަން ތިއްބާ އިރުގަނޑެއް ފަހުން ލުޖައިން އެތެރެއަށް ވަން އިރު އަނެއްކާވެސް ލޮލުން ކަރުނަ އަންނަނީއެވެ. "އައި ބްރޯކް އަޕް." އޭނާ ކުރިއަށް ދެފިޔަވަޅެއް އަޅާފައި އަނގަމަތީ އަތް އަޅާލުމާއެކު ކޮޓަރިއަށް ވަންނަން ދިޔައީ ދުވެފައެވެ.
އިތުރަށް ހަފްތާއެއް ހޭދަވެގެން ދިޔައިރު ލުޖައިން ތިއާ ކައިރީވެސް ބޭރުގައި ވި ކަންތަކުގެ ވާހަކައެއް ނުކިޔައިދެއެވެ. ތިއާ އެއްރެއަކު އެވާހަކަ އަހާލީމައި ބާލީހުގައި މޫނު ޖަހާފައި ރޯންފެށި ކުއްޖާ އެރޭ ކާކަށްވެސް ނުނިކުމެއެވެ. އެހެންވެ ތިއާ ބިރުން އެހިޔާލުވެސް ހިތުން ނެރެ އެއްލާލައިފިއެވެ. އަނެއްކޮޅުން ޝަކީބާ ހުންނަނީ އަބަދު އުފާވެފައެވެ. އެހާ ފަސޭހައިން ލުޖައިން އާރިން ދޫކޮށްލި ކަމަށްޓަކައި ހިތާއި ހިތުން އޭނާ ޝުކުރު ކުރިއެވެ. ގޭތެރޭގައި އެހުރިހާ ކަމެއް ހިނގާ ދިޔަކަން ޒަކްވާނަށް ޚަބަރުވެފައި ނެތީ އެކަކުވެސް އެއީ މުހިންމުކަމެއް ކަމުގައި ނުދެކޭތީއެވެ. ޒަކްވާން އާދައިގެ މަތިން ލުޖައިން އާއި ބައްދަލުވެ އުޅުނަސް ކުރިން ނުފެންނަ ބަދަލުތަކެއް އޭނާއަށް ފާހަގަ ކުރެވުނެވެ. ލުޖައިން މާބޮޑަށް ސީރިއަސްވެ ހިމޭނުން އިންނަ ވަގުތު ގިނަކަމުގައި އޭނާ ފާޅުގައި ބުންޏެވެ. ލުޖައިން އެދުވަހު އެކައްޗެއްވެސް ނުބުނެ ހުރެފައި އިރުކޮޅަކުން ކޮންމެވެސް ބަހަނާއެއް ހިފައިގެން ކޮޓަރިއަށް ވަދެ ވަންހަނާ ވެގެންފިއެވެ. ޒަކްވާންގެ ހިތުގެ ސިއްރު ލުޖައިން ކުރިމައްޗަށް ގެންނަން ހިތަށް އަރާފައިވެސް ފަސްޖެހެވެނީ މިފަދަ މަންޒަރުތައް ތަކުރާރުވަމުން ދިއުމުންނެވެ. ލުޖައިންގެ މޫޑް ގޯސްވެފައި ހުންނައިރު އެފަދަ ވާހަކައެއް އިވިގެން ހަމަ ކުއްލި އަކަށްވެސް ނޫނެކޭ ބުނެފާނެ ކަމުގެ ބިރު ޒަކްވާންގެ ހިތަށް ހަމަލާދެމުން ދެއެވެ.
ޝަކީބާ އެހުރިހާ ދުވަހު ހިތުއަޅައިގެން އުޅުނު ވާހަކަ އެހެން މީހުންގެ ކަންފަތާއި ހަމައަށް ގެންނަން ގަސްތު ކުރީ އެއްރެއެއްގެ ކެއުމުގެ ވަގުތުގައެވެ. ލުޖައިން ޝަކީބާގެ ފަހަތުން ވަދެ މޭޒު ދޮށުގައި އިންދާ އިރުކޮޅަކުން ޒޯއީ އާއި ޒަކްވާން ވެސް އަތުވެއްޖެއެވެ. އެންމެފަހުން ތިއާ އައިސް ހުއްޓިފައި ލުޖައިން އަތުގައި ހިފާ ބޭރަށް ގެންދަން ފެށުމުން ޝަކީބާއަށް ނީދެވިގެން ސުވާލު ކުރިއެވެ. "މަންމާ. ހަމަ އެންމެ މިނިޓެއް ވާނީ." ތިއާ އާދޭހާއެކު އެހެން ބުނެލުމުން ޝަކީބާ ހިނިތުންވެލިއެވެ. ތިއާ ލުޖައިން ގެންދިޔައީ ކޮޓަރިއަށެވެ. "ލޫލޫ މަށަށް ދެންމެ އެނގުނު އެއްޗަކުން ހަމަ ނުބުނެ ކެތްނުވެގެން މިގެނައީ. އަހަރެން ކީމެއްނު ސުހާގެ ވާހަކަ. އޭނަ ޕޮލިހަކު ރީތިވެގެން އުޅުނު ވާހަކަ. އާރިން ބަސްޓްވިދުވަހު މަށަށް އެނގުނު ސުހާ ދެއްކީ އޭނަ ވާހަކަކަން. ގެސް ވަޓް؟ ސުހާ އުޅެނީ އާރިން އާއި ރަތްޓެހި ވެގެން. އަހަރެން އަމިއްލަ ލޮލުން ދެކިފަ މިއައީ."
ތިއާގެ ވާހަކަ ނިމުނު އިރު ލުޖައިން ޓައިލްސް މަތީގައި އިށީންދެއްޖެއެވެ. ދެކަކޫ ކައިރިކޮށްލައިގެން ދުރުބަލަން އިނދެފައި އިރުކޮޅަކުން ބާރުބާރަށް ރޯން ފެށުމުން ތިއާ ހަދާނެ ގޮތް ހުސްވި ކަހަލައެވެ. ލުޖައިންގެ ބުރަކަށީގައި ފިރުމަ ފިރުމާފައި ތިއާ އެތައްފަހަރު އާދޭސްކުރިފަހުން އެކަރުނަތައް ހުއްޓުނު އިރު ދެލޯ މުޅިން ރަތްވެއްޖެއެވެ. ޝަކީބާ ސުވާލު ކުރާނެކަން އިނގޭތީ ތިއާ ދިއައީ ޖަވާބެއް ހިފައިގެންނެވެ.
"ލުޖައިން!" ޝަކީބާއަށް ލުޖައިން ފެނިފައި ނިކަން ބާރަށް ގޮވައިލިއެވެ. "ލުޖައިން ލޮލަށް އެއްޗެއް ވެއްޓުނީ." ތިއާ ސުވާލު ވެސް ނުކުރަނީސް އަވަހަށް ބުނެލައިފިއެވެ. "އެއީ ތެދެއް؟" ޝަކީބާ އިނީ ގަބޫލު ނުކުރެވިފައެވެ. ލުޖައިން ބޯ ޖަހައިލާފައި އިށީން އިރު ޒަކްވާންގެ ތޫނު ނަޒަރު އެމޫނަށް ހުއްޓިފައިވެއެވެ. އެއްލި ކަޅިއަކުން ލުޖައިންއަށް އެތަން ފެނިގެން ހިތް ނުތަނަވަސް ވިއެވެ. ޒަކްވާން އޭނާގެ މޫނުގައިވާ ހުރިހާ ސިއްރެއް ދެނެގަނެފާނެތީ އިންތިހާއަށް ޖެހިލުންވިއެވެ. "މަންމަ މިރޭ ވަރަށް މުހިންމު ވާހަކައެއް ދައްކަން މިއުޅެނީ." ޝަކީބާ އެކި ކުދިންގެ މޫނަށް ވަކި ވަކިން ނަޒަރެއް ދިނެވެ. ޒޯއީގެ ހިތުގައި ޝައްކު ހިނގައިލުމުން ބޯން ހުރި ޖޫސްތަށި ތިރީގައި ބެހެއްޓިއިރު އެހާ ބާރަށް އަޑުވެސް ކިއެވެ. ލުޖައިން އިސްޖަހާލައިގެން އިނދެ ލޮލުގައިވާ ހުރިހާ ހިތާމައެއް ފޮރުވާލަން އުޅޭއިރު ޒަކްވާން އާއި ތިއާ ޝައުޤުވެރި ކަމާއެކު ޝަކީބާއަށް ބަލަން ފެށިއެވެ. "ވަރަށް ދުވަސްވެއްޖެ މަންމަ މިވިސްނުން ގެންގުޅޭތާ. މިހާރު ހީވަނީ ބުނަން އެންމެ ރަނގަޅު ވަގުތުތު އައިސް ޖެހިއްޖެހެން. މަންމަ ބޭނުންވަނީ ޒަކްވާން ފުރުމުގެ ކުރިން ލުޖައިން އާއި ދެކުދީން ކައިވެނި ކުރަން." ޝަކީބާ ދުރު ދުރުން ފަށާފައިވެސް އެންމެ ފަހު ވަގުތު ފާޅުކޮށްލައިފިއެވެ.
ލުޖައިންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އަތް ތުރު ތުރު ލައިގަތުމާއެކު ސަމުސާ ދޫވެގެން ތަށިތެރެއަށް ވެއްޓުނު އަޑު މުޅިހިސާބުގައި ހިފާލިއެވެ. ޒަކްވާން އުފާވެރިކަމުގެ ކަނޑަކަށް ގެނބިގެން ދިއުމާއެކުވެސް ލުޖައިންގެ ހަރަކާތުން ސިހިއްޖެއެވެ. ދެން ތިބި އެހެން މީހުންގެ ނަޒަރުވެސް ލުޖައިންގެ މޫނަށް ހުއްޓުނެވެ. "ލުޖައިން. ހާދަ ވަރަކަށް ތި ސިހުނީ؟ ދައްތަގެ ނިންމުން ކަމުނުދަނީތަ؟" ޝަކީބާ ފާޑަކަށް އިނދެފައި އަހައިލިއެވެ. ލުޖައިން އިސް އުފުލައިލި އިރު އެމޫނުން ފުރަތަމަ ފަހަރަށް ނުރުހުމުގެ ކުލަވަރު ފެނުމުން ބިރުން ހިންދިރުވައެއް ނުލެވުނެވެ. އާރިންއަށްފަހު ޝަކީބާގެ ހިމާޔަތްތެރި އަތްވެސް އޭނަގެ ބޮލުން ނެގެން އުޅެނީ ހެއްޔެވެ؟ "ނޫން." އެއަޑު ނިކުތީ ލުޖައިންގެ ހިތުންނެވެ. ޝަކީބާ ހުރިހާ ދަތެއް ދިލުވާލާފައި ޒަކްވާން އާއިވީ ފަރާތަށް މޫނު އަނބުރާލުމާއެކު ޒަކްވާން ހިސާބަކަށް ރަކިވެއްޖެއެވެ.
"މަންމަގެ ނިންމާނީ އެންމެ ރަނގަޅު ގޮތަށް." ޝަކީބާ އަށް ހުރިހާ ކަމެއް އެގިހުރެ ކުރި ސުވާލުގެ ޖަވާބުވެސް ލިބުނީ އުންމީދު ކުރި ގޮތަށެވެ. "އެންމެ ރަނގަޅު. ދެން އަޑުއަހާ މަންމަ ރާވާފައިވާ ގޮތް. ޒަކްވާން ކިޔަވަން ފުރާތީއޭ ކިޔާފައި ބާއްވަން ހަމަޖެއްސި ޕާޓީގައި އެންމެން ސަޕްރައިޒް ކޮށްލާނީ ކައިވެންޏާއި ގުޅުވާ ލަމުން." ދެން ޕާޓީ އޭގެ ފަހުގެ ދުވަހަކަށް ހަމަޖައްސާނީ. ޝަކީބާ އިތުރަށް އޮޅުން ފިލުވައިދިނެވެ. ޒޯއީ އަނގައިން ބަހެއް ބުނެނުލައި އިނދެގެން ދެއްކުން ތެރި ހިނިތުންވުމަކުން އެންމެންގެ ލޮލުގައި އަނދުން އަޅާފައި ހިތުގައި ކަންތައްގަނޑެއް ރާވަން ފެށިއެވެ. މީ އޭނާއަށް ލިބޭނެ ފަހު ފުރުސަތުކަން ޒޯއީ ރަނގަޅަށް ހަނދާން ކުރިއެވެ.
"ލުޖައިން. ވަޓް ވޯޒް ދެޓް؟ މަށަކަށް ނުވިސްނުނު ލުޖައިން ބޭނުންވާ ގޮތެއް. ދެންމެއެއްނު އާރިންގެ ވާހަކަ ބުނެގެން ގިސްލާފަ ރުއީ. އަނެއް މިނެޓްގައި އަހަރެންގެ ބޭބެއާއި މެރީ ކުރަން އެއްބަސްވެފަ ތިއައީ." ތިއާ ވާހަކަދެއްކީ ކޮޓަރިއަށް ވަދެފައެވެ. ލުޖައިން އެނދުގައި އިށީންދެ ތިރިއަށް ދެފައި އެލުވައިލުމާއެކު ކައިރީގައި އަތްތިލަ ބާއްވައިލީ ތިއާ އެތަނުގައި އިށީންނާށޭ ބުނާފަދަ ގޮތަކަށެވެ. ތިއާ ބަލަހައްޓައިގެން ހުރެލާފައި އައިސް އިށީން އިރު އަދިވެސް އެމޫނުގައި ހިތްހަމަ ނުޖެހުމުގެ ކުލަތައް ވިއެވެ. ޒަކްވާންގެ އަންބަކަށް ލުޖައިން ވެއްޖެނަމަ ތިއާވެސް އުފާވާނެއެވެ. އެކަމަކު ލުޖައިން ގެ ހިތް އަދިވެސް އެހެން މީހަކަށް ޓަކައި ވިންދު ޖަހާކަން އެގިހުރެ އޭނާ އެކަން ކުރާކަށް ނޭދެއެވެ. ތިއާ ލުޖައިން ދެކެ ލޯބިވާ ވަރަށް ޒަކްވާންގެ އުފާތަކަށް ވެސް އިސްކަން ދެއެވެ. އަމުދުން އެއީ ތިއާގެ އެއްބަނޑުގައި ހުރި ހަމަ އެކަނި ބޭބެއެވެ.
"ތިއާ ހިތަށް އަރާނެ އަހަރެން އާރިން ދެކެ އެހާ ވަރަށް ލޯބިވާއިރުވެސް ދެވަނަ ފުރުސަތެއް ނުދިނީ ކީއްވެބާއޭ؟ ހަގީގަތުގައި އެދުވަހު އަހަރެން ދިނީ ދެވަނަ ފުރުސަތެއް. އަހަރެން ބޭނުން ވަނީ އާރިންއަށް އެކަމު ސަޒާ ލިބެން. މަޢާފުކޮށްފަ ސަޒާދޭން އެއްބަސްވީމަ އާރިންއަށް އެއިން މާބޮޑު ހިތާމައެއް ނުލިބޭނެ. އެކަމަކު އަހަރެން އެއްކޮށް ގުޅުން ކަނޑައިލުމުން އޭނާގެ ހިތަށް ދަތިވާނެ. އާރިން އަހަރެން ދެކެ ހަގީގީ ލޯބިވަންޏާ އަލުން ކާމިޔާބުވާނެ ކަމުގެ އުންމީދެއް ނެތިވެސް މޫވް އޮން ނުކުރެވިފައި އިންތިޒާރު ކުރާނެ. އެއީ އަހަރެން ހިޔާލުކޮށްފަ އޮތް ގޮތަކީ ދެ ހަފްތާއެއްހާ ދުވަހު އޭނާ އާއި މުޅިން ގުޅުން ކަނޑާލައިގެން ހުރެފަ އެނބުރިދާން. އޮބްވިއަސްލީ އަހަންނަށް އެހެން އިންސާނަކާމެދު އެފަދަ ނަޒަރަކުން ނުދެކެވޭނެ. އެކަމަކު މިއަދު ތިއާ އައިސް ތިދިން ޚަބަރަކުން އަހަރެންގެ ހުރިހާ އުންމީދެއް ނެތި ހިނގައްޖެ. އާރިންއަށް އެންމެ ހަފްތާއެއް ވަންދެން އަހަންނަށް އިންތިޒާރު ކުރެވުނީ. މިހާރު އެއީ އެހެން ކުއްޖެއްގެ ބޯއިފްރެންޑް. ދެން ތިއާ ބުނެބަލަ އަހަރެން ހަދަންވީ ގޮތެއް؟ ޝަކިއްތަގެ އެދުމުގައި ކޮޅުފައިން ޖަހާނީ ކީކޭ ބުނެފަ؟ އަހަންނަކަށް ނުކެރޭނެ ދެކޮޅު ހަދާކަށް." ލުޖައިންގެ ދެލޮލުގައި ކަރުނަތައް ވިދަމުން ދިޔައިރު އެއްވެފައިވާ ތަރިއެއް ބޮނޑިއެއް ފަދައެވެ. އެމޫނު އެހާ މައުސޫމުވެފައި މޮޅިވެރިކަމުން ތިއާގެ ނުރުހުން ފިލައި ލުޖައިން ގައިގައި ބައްދާލެވުނީ ބޭއިޙުތިޔާރުގައެވެ.
********************
އާދަޔާ ހިލާފް ބާރުމިނެއްގައި ކުޑަ ދޮރުން ވަދެގެން އައި ވައިރޯޅި ލުޖައިންގެ މޫނުގައި ބީހިލާފައި ހިޔާލުތައް ވިއްސި ވިހާލިކޮށްލުމުން ކުއްލިއަކަށް ކޮޅަށް ތެދުވެވިއްޖެއެވެ. ތިއާ އައިސް އެތެރެއަށް ވަނީ ހަމަ އެވަގުތުއެވެ. ތިއާ އަޅިކުލައިގެ އަތްދިގު ޓޮޕަކާއެކު ތަންބާއި ހަމައަށް އަންނަ ހުދު ކުލައިގެ ފިޓް ސްކާޓްގައި މާބޮޑަށް ވެސް އަންހެންވަންތަވެފައި ރީއްޗެވެ. ފަހަތުން ޒޯއީ ފެނިފައި ލުޖައިން ހިތަށް ކަށްޓެއް ހަރައިލިހެން ހީވިއެވެ. ޒޯއީ މަޑުފެހި ކުލައިގެ މެކްސީގައި އެހާ ރީތިވެފައި އުފާވެރިކޮށް ފެންނާތީ ލުޖައިން އަށްވުރެ ކުރިއެވެ. ޒޯއީ ހީލާފައި އައިސް ލުޖައިން އަތުގައި ހިފާފައި ނިކުންނަން ދިއުމުން ތިއާވެސް ފަހަތުން ދިޔައެވެ.
ތިން އަންހެން ކުދިން ނިކުތް އިރު އެންމެ ފުރިހަމައަށް ޒީނަތްތެރި ކޮށްފައިވާ ހޯލްތެރެއަށް މެހުމާނުން އެއްވަމުން އައެވެ. ސީލިންގުން ތިރިއަށް އެލިފައިވާ ހުދު އަލީގެ ބޮޑެތި ލޭންޓަންތަކާއި އޯކިޑްމަލުގެ ޑެކަރޭޝަން އެކަނިވެސް ލުޖައިން ހައިރާން ކޮށްލިއެވެ. އެމީހުން ނިކުތުމާއެކު އެންމެންގެ އަމާޒު ފަތްގަނޑަކަށް އެކުދިން ވެއްޖެއެވެ. ޝަކީބާ ފަޚުރުވެރި ކަމާއެކު އޭނާގެ ރީތި ކުދިންކޮޅު އެކުވެރިންނަށް ދައްކައިލިއެވެ. ޒަކްވާން ކަޅު ކުލައިގެ ކޯޓް ފަޓުލޫނުގައި ދޮރު ކައިރީ ހުރެގެން އެކުވެރިން ތަކަކާއި ވާހަކަ ދައްކަނީއެވެ. އެވަގުތު އެހޯލްގައި ތިބި އެތައް އަންހެން ކުދިންގެ ލޯތައް ޒަކްވާންއަށް ހުއްޓިފައި ވާތަން ފެނިގެން ލުޖައިން އަށްވެސް ބަލައި ލެވިއްޖެއެވެ. ޒަކްވާން މިރޭ އެހެން ހުރިހާ ދުވަހަށްވުރެ ފުރިހަމައެވެ. ހިނދުކޮޅަކަށް ނަމަވެސް ލުޖައިންގެ ނަޒަރު އެމޫނުން ވަކި ނުކުރެވިފައި ހުރެވުނެވެ. މޮޑެލް ޕޯސްއެއްދީގެން ހުރެފައި އަދި ދޭތެރެއަކުން އެމޫނަށް ވެރިވާ ހިނިތުންވުން އެހެން ހުރިހާ ރީތިކަމެއް ފަނޑުކޮށްލަން އުޅޭކަހަލައެވެ.
"މައި އެންޖެލްސް! ލުކިން ސޯ ޕްރިޓީ." އެވަގުތު ދުރުގައި ހުރި ޝަކީބާ ތަންމިނަށް ހިނިތުންވެފައި ހުރެގެން އައިސް ތިންކުދިން ކައިރިއަށް ހުއްޓިފައި ތައުރީފް ކޮށްލިއެވެ.
"ކާކު އިންވައިޓް ކޮށްގެން އޭނަ އެއައީ؟" ތިއާ ބުނެލި އެއްޗަކުން އެންމެންގެ ނަޒަރު ދޮރާއި ދިމާއަށް ދަތުރު ކުރިއެވެ. ތިއާގެ އެކުވެރިޔާ ސުހާ އަތުގައި ހިފާލައިގެން އެދިމާއަށް އައި އާރިން ފެނިފައި އެންމެން ސިހުނެވެ. ލުޖައިންގެ ހާލު އެހެން އެންމެންނަށް ވުރެ ބޮޑެވެ. ދެފައިކޮޅުން ވާގި ދޫވާހެން ހީވެގެން އޭނާއަށް ތިއާގެ އަތުގައި ހިފާލެވިއްޖެއެވެ.