ރަފާލް އިނީ ހުއްޓުން އަރައިފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ. ޒޯއީ އެހެން ބުނެލީ ކިހާ ފަސޭހައިން ހެއްޔެވެ؟ ހަމަ އެހާ ފަސޭހައިން ޒޯއީ އޭނާ ދޫކޮށްލާފައި ވެސް ދިޔައެވެ. ބޭނުންވީމައި އަނެއްކާ އެނބުރި އައީވެސް ކުއްލި އަކަށެވެ. އިތުބާރު ކުރަން ބޭނުމެވެ. އެއީ ތެދެއްކަމުގައި ޤަބޫލު ކުރަންވެސް އެދެއެވެ. އެހެނަސް... ހިތް އޮތީ ބިރުންނެވެ. ހަލާކުވެ އެތިކޮޅުތަކަށް ވެފައި އޮތްވާ އަލުން އެއެތިކޮޅުތައް އައިސް ޖެހުނު ކަމުގައިވިއަސް ރެނދުތައް ހުރީ ތާޒާ ކޮށެވެ. ފުށްޓައްކެއް ޖަހާލިއަސް ދެވަނަ ފަހަރަށް ބުރައިގެން ދާން ސިކުންތު ކޮޅެއް ނުނަގާނެއެވެ.
"ރަފާލް! އައި މީން އިޓް..." ޒޯއީ ކަރުނައިގެ ތެރެއިން ބުނެލިއެވެ. އެކަމަކު ރަފާލްގެ އެހިމޭންކަން ދެކެފައި ހިތްވަރު އެލިއްޖެއެވެ. ކަރުނަތައް ހައްތަހާ އިތުރުވިއެވެ. ރަފާލް އޭނާ ދައްކާ ވާހަކަ ޤަބޫލު ކުރަން ހަދާނެ ގޮތެއް ކީއްކުރަން ބުނާނެ އެއްޗެއްވެސް ދެން ނޭނގުނެވެ. "ޒޯ... އައި ވޯނަ ބިލީވް ޔޫ... އެން ޓްރަސްޓް ޔޫ... އިޓްސް ޖަސްޓް ހާޑް.." ރަފާލް ބަލަން އިނދެފައި ހިމޭން އަޑަކުން ބުނެލިއެވެ. ޒޯއީ އިނީ އިސްޖަހައި ގެންނެވެ. އެހެން އިނދެފައި އިރުއިރުކޮޅާ ނޭފަތް ދަމައިލައެވެ. "އައެމް ސޮރީ..." ރަފާލް ތެދުވެގެން ދަމުން ބުނެލިއެވެ. ދޮރު ލައްޕައިލި އަޑު އިވުމުން ޒޯއީ އެނދަށް ވެއްޓިގެންފައި އިތުރަށް ރުއިން ކޮންޓްރޯލް ކުރާކަށް ނޫޅުނެވެ. ޒޯއީ ބާލީސް ތަކުގައި މޫނު ފޮރުވާލައިގެން އޮވެ ބާރު ބާރަށް ރޮމުން ދިޔަ އިރު ކޮޓަރި ތެރޭގައި ނުހަނު ބޮޑަށް އަޑު ހަރުލާފައި ހުއްޓެވެ.
އެންމެން ނިކުމެގެން ދިޔަ ފަހުން ޒަކްވާން އެކަނިމާ އެކަނި އިނދެގެން ވިސްނިއެވެ. އެކަނި މަންމަގެ ކޮޅަށް ހުރެގެން ވާކަށްވެސް ނެތެވެ. ދެން ހުރީ ބައްޕައެވެ. އެބައްޕަ އޭނާއަށް ދޮގު ހަދަންވީ ކީއްވެ ހެއްޔެވެ؟ ޒަކްވާންގެ ވިސްނުން ބައްޕަގެ ކޮޅަށް ޖެހެން ފުރަތަމަ ފެށީވެސް ޝަހީމު ޝަކީބާ އާއި ދެކޮޅަށް ވާހަކަ ދެއްކުމުންނެވެ. އެހެން މީހަކަށް ނޭންގި ނަމަވެސް ޒަކްވާން އެވާހަކަ އާއި މެދު ވިސްނިއެވެ. އަނެއްކޮޅުން ހަންނާނު ވެސް ހެކިބަސް ދީފިއެވެ. ޒަކްވާން އެހިޔާލުގައި އިންދާ ކައިރިން ފިޔަވަޅުގެ އަޑު އިވިގެން ބަލައިލި އިރު ރީމް ހުއްޓެވެ. "މިތާ އިށީންދެލިއަސް އޯކޭތަ؟" ރީމް އަހައިލީ ޖެހިލުންވެފައި ހުރެގެންނެވެ. "އޯކޭ." ޒަކްވާން އިސްޖެހިއެވެ. އެއަޑުގައި މާބޮޑު ޝައުޤުވެރި ކަމެއް ނެތެވެ. ރީމް އަތުގައި ހުރި ކޮތަޅުން ރެޑްބުލް އެއް ނަގާފައި ޒަކްވާން އަށް ދިއްކޮށްލުމުން އެނބުރިލައިފައި އޭގައި ހިފިއެވެ. "ތޭންކްސް." ހަތަރުކަޅި ބައްދަލުވުމުން ޒަކްވާން ކުޑަކޮށް ހިނިތުންވެލިއެވެ. ދަޅު ކަނޑާފައި ބޯންވެގެން ޒަކްވާން އިނީ އަނެއްކާވެސް ދުރު ބަލަހައްޓައިގެންނެވެ.
"އައެމް ސޮރީ ޒެކް." ރީމް އިންތިޒާރު ކޮށްވެސް ޒަކްވާން އެއްޗެއް ނުބުނުމުން އެންމެފަހުން ފެށިއެވެ. "ކޮންކަމަކާ؟" ޒަކްވާން އަހާލައިފިއެވެ. "އެބައުޓް މޯމް." ރީމް ޖަވާބުދިނެވެ. ޒަކްވާން މޫނު އަނބުރައިލި އިރު ރީމް އިނީ ބަލާށެވެ. އެ ދެލޯ ބިއްލޫރި ފަދައިން ސާފުވެފައި މޫނު މައުސޫމެވެ. ޒަކްވާން ބަލަން އިނދެލައިފައި މަޑުމަޑުން ބޯ ޖަހައިލިއެވެ. އެވާހަކަ ބަލައިގެންފީމޭ ބުނާ ފަދައިންނެވެ. މާބޮޑަށް ލަސްވެފައި ހުރުމުން ރީމް ދާންވެގެން ތެދުވީ ހިތާއި ދެކޮޅަށެވެ. ރޭގަނޑުގެ ސަލާމް ކޮށްލައިފައި ނިކުމެގެން ގޮސް ވަކި ހިސާބަކަށް ހުއްޓިފައި ބަލައިލި އިރު ޒަކްވާން ހަމަ އެހިމޭން ކަމުގައި ދުރު ބަލަން އިނެވެ. ރީމް އެތަނުން ދުރަށް ގޮސްގެން ވަކި ތަފާތެއް ޒަކްވާން އަކަށް ނުކުރިއެވެ. ރީމް ލޮލުގައި ކަރުނަ ގިނަވީ އިޚުތިޔާރަކު ނޫނެވެ. އެއަޅާލުން ކުޑަކަމަކީ އޭނާއަށް އާ ކަމެއް ނޫނެވެ. އާރިންވެސް އޭނާއަށް ދެއްކީ ހަމަ އެކުލައެވެ. މިއަދު ޒަކްވާން ވެސް މެއެވެ. އަބަދު އޭނާއަށް މިހެން ދިމާވަނީ ކީއްވެ ހެއްޔެވެ؟ ޝައުޤުވެރި ކަމެއްވެސް ނުހުންނަ ފިރިހެނުންނާއި ހިތް ކިޔަނީ ކީއްވެ ހެއްޔެވެ؟ ރީމް ހިންދިރުވާލައިފައި ނިކުމެގެން ގޮސް އަރައި ހަމަޖެހިލުމުން ޑްރައިވަރ ކާރު ދުއްވައިލިއެވެ.
ލުޖައިން އަރާމު ކުރަން ބާއްވާފައި އާރިން ނިކުތްއިރު ލޮލުގައި ނިދީގެ އަސަރެއް ނެތެވެ. ގޭގައި ހިނގާދިޔަ ކަންތައް ތަކަށްފަހު އޭނާއަށްވެސް މިރޭ ވިސްނެނީއެވެ. ކުރިއަށްވުރެވެސް ބޮޑަށް ޝަކީބާ ދެކެ އާރިން ރުޅި އައެވެ. އެނުބައި އަންހެން މީހާގެ ސަބަބުން އޭނާގެ މައިންބަފައިންނަށް ދިމާވީ ކިހާ ދެރަ ގޮތެއް ހެއްޔެވެ؟ އާރިން ޓީޝާޓް ބޮލަށް ވައްޓާލައިގެން ކޮޓަރިން ނިކުމެފައި ޒާހިދުގެ ކޮޓަރިން އަލި ފެނިގެން ދިޔައެވެ. ޒާހިދު އިނީ ގޮނޑީގައި އިށީންދެލައިގެން ސައިތައްޓެއް ބޯށެވެ. ކުރިމަތީގައި ހުރި މޭޒުގައި ފައިލްތަކެއް ހުއްޓެވެ. އާރިން ދޮރުފަތް ދުރުކޮށްލާފައިވެސް ޒާހިދުގެ ސަމާލުކަން ހޯދަންވެގެން ޓަކި ޖަހައިލިއެވެ. "އާރީ! އާދޭ އެތެރެއަށް. ކޮބާ ލުޖައިން؟" ޒާހިދު އުފަލާއެކު މަރުހަބާ ކިއެވެ. "ނިދިފައި." އާރިން ގޮސް އިށިންދެލީ އެނދުގައެވެ. "ކިހިނެއްވީ މިހާ ލަސްވަންދެން ނުނިދީ ތިއުޅެނީ؟" ޒާހިދު އެހެން އަހައިލި އިރުވެސް އާރިންގެ މޫނަށް ބަލަން އިނީ ދިރާސާ ކުރާ ވައްތަރަށެވެ. "ހިތަށް އަރަނީ ދެން މިކަން ނިމެން އޮތީ ކިހިނެއްބާއޭ؟ ބައްޕަ ބޭނުންތަ މަންމަ އާއި ގުޅެން؟" އާރިންގެ އެކުއްލި ސުވާލުން ޒާހިދުވެސް ހައިރާންވިއެވެ. ސިހޭ ގޮތްވެފައި އެމޫނަށް ބަލަން އިނދެވުނެވެ.
"މިއަދު އަހަރެން އާރިންގެ މަންމައަށް ގުޅައިގެން ގެންގޮސް ދެއްކި ވާހަކައަކީ ތީ. އެކަމަކު ބައްޕައަށް ހީވަނީ މިހާރު ދެން ބޮޑަށް އޮންނާނީ ދަރިންގެ ބާރުހެން. އާރީ މިކަމާއި ދެކެނީ ކިހިނެއް؟" ޚުދު ޒާހިދުވެސް އެސުވާލުގެ ޖަވާބު ހޯދަން ބޭނުމެވެ. "ޕޮސިބްލް ވާން އޮތިއްޔާ ހަމަ ވަރަށް ރަނގަޅު ކަމެއް." އާރިން ބުނެލީ ހިތުގައި އޮތް ގޮތަށެވެ. ފެށުނީއްސުރެ ވެސް އާރިންއަށް އެއްކަމެއް އިހްސާސް ވެއެވެ. ޝަހީމު އާއި ނާހިދާގެ ގުޅުން ރަނގަޅު ނޫން ކަމެވެ. ދެމަފިރިއެއްގެ މެދުގައި އޮންނަންވީ ލޯއްބާއި ކުލުނު އުނިވެފައިވާ ކަމެވެ. މިއަދު ޝަހީމު ވެސް އިއުތިރާފު ވެއްޖެއެވެ. އޭނާ އެކައިވެނި ކުރީ ވިޔަފާރި އެއްގެ އުސޫލުންނެވެ. މީހަކަށް ކޮށްދިން ކަމެއްގެ ގޮތުގައެވެ. ގަޔާވިއެއް ކަމަކު އެދެމެދުގައި ލޯއްބެއް ނެތެވެ. ގިނަ ދުވަސްވެ އާދައަކަށް ވެގެން މިއޮތްހާ ދުވަހުވެސް އެކުގައި އުޅުނީ އެވެ. ޒާހިދުގެ ލޯ ތެންމައިލީ އުފާވެރިކަމުގެ ކަރުނައިންނެވެ. އާރިން އާއި މެދު އޭނާ ހިތުގެ ފުނުން ފަޚުރުވެރިވިއެވެ. ދުނިޔެ ކިޔާފާނެ އެއްޗަކަށް ނުވިސްނައި އާރިން އިސްކަން އެދިނީ އޭނާގެ އުފަލަށެވެ. މަންމަ އާއި ބައްޕަގެ އުފަލަށެވެ.
"ތެންކިއު ސަން." ޒާހިދުއަށް އާރިންގެ މޫނުގައި ދެއަތުން ހިފައިލެވުނެވެ. ލޮލުން ފޭދެމުން ދިޔަ އުފާވެރި ކަމުގެ ކަރުނަ ތަކާއެކު އެދަރިފުޅުގެ ނިތުގައި ބޮސްދީފައި ދުރުކޮށްލި އިރު ތިއާ ހުރީ ދޮރުފަތުގައި ލެނގިލައިގެން ބަލާށެވެ. "އާރީ އެބުނީ ރަނގަޅަށް ބައްޕާ." ތިއާގެ އަޑު އިވިގެން ދެބަފައިން ސިހުނެވެ. ތިއާ ޅަ ކުއްޖެއްހެން ހީލައިފައި ދުވެފައި އައިސް ޒާހިދުގެ ކަކުލުގައި ދެއަތް އަޅުވާލައިގެން ތިރީގައި އިށީނެވެ. "މޯމް އެއީ އިރެއްގައި ވެސް އަހަރެންގެ ފޭވަރިޓްއެއް ނޫން. އަދި މިއަދު މަންމަ ކަންތައް ކުރި ގޮތް އެނގުނީމަ ކުޑަކޮށް ފޫހިވެސް ވެއްޖެ. އެކަމަކުވެސް އައި ނޯ.. ޝީޒް މައި މޯމް އެން ބްލާ ބްލާ... ޑޭޑް އަހަރެން ބުނަން މިއުޅޭ އެއްޗަކީ އަދި އަހަރެން ބިލީވް ކުރަނީ ލޯބިވާމީހުން ވާންޖެހޭނީ އެކުގައި..." ތިއާ ބައްޕަ ކުރިމަތީގައި ފުރަތަމަ ފަހަރަށް އެފަދަ މައުޟޫއަކަށް ދާން ޖެހުމުން ހިސާބަކަށް ލަދުވެސްގަތެވެ. ޖުމްލަ ނިންމައިލެވުނު އިރު މުޅި މޫނު ހީވަނީ ލޭ ކޮޅެއް ހެންނެވެ. އާރިން އެހާ ގާތުން ބަލަހައްޓައިގެން އިނުމުން ތިއާ ކުޑަކޮށް ރުޅިވެސް އައެވެ. ތިއާ ލޯ އަޅައިލައިފައި އާރިން ކޯތާފަތުގައި މަޑުމަޑުން ޖަހާލައި އަނެއްފަރާތަށް އަނބުރާލިއެވެ.
ޒާހިދުއަށް ދެކުދިންގެ މި ސަމާސާ ނުހަނު ކަމުދިޔައެވެ. މަޑު މަޑުން އޭނާގެ ކުދިންކޮޅުވެސް ގުޅުން ރަނގަޅު ވެދާނެއެވެ. ޒާހިދު ތިއާގެ މިއެއްބައިވުމާދު އިންތިހާއަށް އުފާ ކުރާކަން އަންގައިލިއެވެ. ބައްޕައަށް ނިދަން ވަގުތު ދީފައި ދެބެން ތެދުވެގެން ނިކުންނަން ދިޔައީ އެކުއެކީގައެވެ. ދޮރުން ނިކުމެފައި އާރިން ގޮވައިލުމުން ތިއާ ހުއްޓިފައި މިފަހަރުވެސް ހުރީ ލޯއަޅައި ލައިގެންނެވެ. "ރުޅި އައިސް ކަމަށް ހެދިގެން ހުސް ފޭކު ހަމަ... އެކްޓް ދައްކާކަށްނުވެސް އިނގޭ..." އާރިން ތިއާގެ ނޭފަތުގައި ހިފައިލުމުން އަތް ފޮޅުވައިލާފައި ދާން އުޅެނިކޮށް އަތުގައި ހިފައިލުމުން ކުރިއަށް ނުދެވިގެން ހުއްޓުނެވެ. "ތޭންކްސް ތިއާ." އާރިން ބުނެލީ ނުހަނު މަޑުމައިތިރި އަޑަކުންނެވެ. ތިއާ ސިހޭގޮތްވެފައި ބަލައިލި އިރު އެލޮލުގައިވީ ލާނެތްކަމެއް ނޫނެވެ. އުފާވެރި ކަމެވެ. ތިއާ ބުނާނެ އެއްޗެއް ނޭނގިގެން ތުންފަތުގައި ދަތް އަޅައިލާފައި އާރިން އަތުން ދޫކޮށްލުމުން އަވަހަށް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
ޝަކީބާ ހޭ އަރައިގެން ހަމަ ރީތިކޮށް ވާހަކަ ދައްކައި އުޅެފައި ގެއަށް ދޫކޮށްލި ފަހުން ދެން ވީ އަދި މާ ދެރަގޮތެކެވެ. ތިންވަނަ ބުރީން ވެއްޓި ބޮލަށް ނުހަނު ބޮޑަށް އަނިޔާވިއެވެ. އެހާދިސާ ހިނގީ ޒާހިދުގެ ނިންމުން ޝަކީބާއަށް އިއްވި ދުވަހެވެ. ޝަކީބާ އަމިއްލައަށް ކުރި ކަމެއް ކަމުގައި ޒާހިދުއަށް ޝައްކު ކުރެވުނީ މިސަބަބާއި ހެދިއެވެ. އެކައިވެނި ހުއްޓުވުމަށް ޓަކައި ޝަކީބާ ކޮންމެފަދަ ދަރަޖަ އަކަށްވެސް ވެއްޓިދާނެއެވެ. ކޮންމެ ގޮތެއްވިއަސް އަނބިމީހާ އެހާލުގައި އޮތްވައި ދެވަނަ ކައިވެންޏެއްގެ އުފާ ފާޅު ކުރާކަށް ޒާހިދު އަކަށްވެސް ނުކެރޭނެއެވެ. އަނެއްކޮޅުން ޝަހީމު ވެސް ހުރީ ނާހިދާ ދޫކޮށްލަން ތައްޔާރަށެވެ.
ޝަކީބާ މިފަހަރު ހޭ ނާރައި އޮވެފައި ކޯމާ އަކަށް ދިއުމުން އެންމެ ބޮޑަށް ހިތާމަ ކުރި އެކަކީ ޒަކްވާން އެވެ. ޒަކްވާން މަސައްކަތުން ނިމިގެން ރެއާއި ދުވާލުގެ ބޮޑުބައި ހޭދަ ކުރަނީ މަންމަގެ ކައިރީގައެވެ. ފަހަކަށް އައިސް ގެއަށް ވަންނަންވެސް ޒަކްވާން ބޭނުމެއް ނުވެއެވެ. އާރިން ޗުއްޓީ ނަގައިގެން ގޭތެރޭގައި ލުޖައިން އާއި ދެމީހުން އަބަދު އެކުގައި އުޅޭތަން ފެނިގެން ޒަކްވާން އެތެރެ އެތެރެއިން އަނދަމުން ދިޔައެވެ. ތިއާވެސް ބޭބެގެ ހިތަށް ކުރާނެ އަސަރާމެދު ވިސްނައެއް ނުލިއެވެ. ޒަކްވާން ހިތް ތިއާއަށް ޓަކައި ވެސް ޝަކުވާއިން ފުރިފައިވެއެވެ. ހުރިހާ ކަމެއް ހިތުގައި ފޮރުވާލައިގެން އެކަނި އުޅެން ޖެހުމުން ދުވަހަކަށް ވުރެ ދުވަހެއް ޒަޚަމްތައް ފުންވެ އެހެން މީހެއްގެ އެހީއަށް އެހިތް ދިޔައީ އެދިގޮވަމުންނެވެ. އެއަޅާލުމާއި ގާތްކަން ރީމްގެ ފަރާތުން ލިބެން ފެށުމުން އެދެމެދުގައި އޮތް ގުޅުންވެސް މަޑުމަޑުން ކައިރިވަމުން އައެވެ.
ޒަކްވާން ހޮސްޕިޓަލުގައި އިންނަ ގަޑިތަކުގައި ރީމް ގިނަ ގިނައިން އެތަނަށް ޒިޔާރަތް ކުރެއެވެ. ފަހުން ދުވަހަކު ރީމް ޒިޔާރަތް ކުރަން ދިޔައިރު ޒަކްވާން އެންގްރީ ބާޑް ގޭމް ކުޅެގެން ހޯދާފައި ސްކޯ ފެނިގެން ދެލޯ ބޮޑުވިއެވެ. ރީމްވެސް އެގޭމް ކުޅެގެން ޒަކްވާން ހޯދާފައި އިން ސްކޯއާއި ގާތް ކުރާ އަދަދެއް ހޯދާފައި ހުންނާނެ ވާހަކަ ބުންޏެވެ. އެހިސާބުން ދެމީހުން ހޮސްޕިޓަލުގައި ތިބެ ވާދައަށް ގޭމް ކުޅެން ފެށިއެވެ. ޒަކްވާން ގޭމަށް ގެއްލިފައި އިންނައިރު ރީމް ސިއްރުން ބަލައެވެ. ޒަކްވާންގެ ގާތްކަން ލިބެން ފެށުމުން އެހިތްވަނީ އުފަލުން ފޮޅިފައެވެ. ބައެއްފަހަރު ޒަކްވާން މާނައެއް ނެތި އެއަތުގައި ހިފާލައި ކޮނޑަށް އަތްވައްޓައިލައި އުޅޭއިރު ބަޔާން ކުރަން ދަތި އެތައް ގޮތެއް ޖިސްމާއި ރޫޚަށް ވެއެވެ. ހަތަރު ކަޅި ހަމަވެފައި ވައިރޯޅިވެސް ހިނދި އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ތިބެވޭ ހިނދުކޮޅުތައްވެސް އަންނަނީ މަދަކުން ނޫނެވެ.
ލުޖައިން ލޯ ހުޅުވައިލައިފައި ފުރަތަމަވެސް ހިނިތުން ވެލެވުނެވެ. ފުން ނިދީގެ ތެރޭގައި އާރިންގެ މޫނު ހާދަ ފުރިހަމައެވެ. ލުޖައިން ރަޖާގަނޑު މައްޗަށް ހިއްލާލައިފައި މެޔާއި ހަމައިން ނިވާކޮށްލައިގެން އޮވެ ހައްތަހާ ކައިރިވެލިއެވެ. އާރިންގެ ކަޅުކުލަ ގަދަ ބުމައިގެ އެއްކޮޅުން އަނެއްކޮޅަށް ޝަހާދަތް އިނގިލި ހިންގާލައިފައި އެރީތި ތުންފަތުގައި ލުއި ލުއިކޮށް ބޮސްދިނެވެ. ކޮޓަރި ތެރެއަށް ވެރިވެފައިވާ ފަނޑު އަލީގައި އަދިވެސް ހީވަނީ ރޭގަނޑު ހެންނެވެ. ލުޖައިން ގަޑި ބަލައިލައިފައި ފަތިސްވިކަން ޔަޤީން ވުމުން ތެދުވަން ހިޔާލު ކޮށްލިއެވެ. އަނެއްފަރާތަށް އެނބުރުނު ތަނުން މެއަށް ފެން އެއްޗެއް އޮއްސައިލި ކަހަލައެވެ. އެއޮމާން ބުރަކަށީގައި އާރިން އިނގިލިތައް ހިންގައިލުމް ލުޖައިން ހަޤީޤަތުގައި ވެސް ސިހުނެވެ.
"ކޮންތާކަށް ތިދަނީ؟" އާރިން ލުޖައިންގެ އަތަށް ދަމާލައިފައި ގެނެސް ކުޑަކޮށް ފައި އަރުވައިލުމުން ލުޖައިން އޮތީ ރަނގަޅަށް ވެސް ހައްޔަރުވެފައެވެ. އާރިން ހާދަ ބާރުގަދައެވެ. އެހާ ކުޑަ ހަރަކާތަކުންވެސް އޭނާގެ ހުރިހާ ބާރެއް ހުހަށް ދުއްވައިލީއެވެ. "ބޭބް އައި ނީޑް ޔޫ..." އާރިން މޫނު ކައިރިކޮށްލަމުން އެއްލޯ މަރައިލުމުން ލުޖައިންއަށް ހެވުނެވެ. އެއަޑުގައި އިންތިހާ ދަރަޖައިގެ އުފާވެރިކަމާއި ޖޯޝްވިއެވެ. އާރިން ކުޑަ އެންމެ ކަމެއް ކޮށްލުމުން ވެސް ލުޖައިން އޮންނަން ޖެހުނީ ކެތްމަދުވެފައެވެ. އެދެއަތުގެ ހިމަޔަތާއި ލޯއްބަށް އެދި ފެންބޮވައި ގެންފިއެވެ. ދޭތެރެއަކުން ލުޖައިން މަޑު މަޑުން ހީލައެވެ. އެނދުގައި ބާކީ އޮތް ކުޝަންތައްވެސް އިރުކޮޅަކުން އޮތީ ޓައިލްސް މަތީ އެގޮތް މިގޮތަށް އުކިފައެވެ. ސައިޑް ޓޭބަލް މަތީ ހުރި ވާސް މިފަހަރުވެސް ސަލާމަތެއް ނުވިއެވެ.
ވަގުތުކޮޅެއް އޮތްވައި ދެމަފިރިން ތެދުވެ ފެންވަރާލައިގެން އަވަހަށް ނަމާދު ކޮށްލިއެވެ. އާރިން ކަންނެތް ކަމުގައި އަނެއްކާވެސް އެނދަށް ވެއްޓި ގަތުމުން ލުޖައިން ނިކުތީ ބޭރަށެވެ. ލުޖައިން ބަދިގެއަށް ވަދެ ކޮފީއެއް ހަދަން އުޅެނިކޮށް ފިޔަވަޅުގެ އަޑު އިވިގެން ބަލައިލި އިރު ޒަކްވާން ކާކޮޓަރިއަށް ވަނީއެވެ. "މޯނިން!" ލުޖައިން ހިނިތުންވެލައިފިއެވެ. ޒަކްވާން އަނގައިން ނުބުނެ ހުރެފައި އެހާ ވަގުތު ކޮޅަކަށް ވެސް ލުޖައިންގެ ރަތް ތުންފަތް ފެނިގެން ފާޑަކަށް ލޯ ހަދައިލިއެވެ. "ޒެކް ކީއްވެތަ އަހަރެން ދެކެ ތިހާ ރުޅި އަންނަނީ؟ ލޯބިވާ މީހަކާއި މެރީ ކުރުމުގެ ހައްޤެއް އަހަންނަކަށް ނެތްތަ؟" ލުޖައިން އަބަދާއި އަބަދު ގޮވާލަން ބޭނުންވެފައި ހުރި ވާހަކަ ބުނެލިއެވެ. އެއަޑު އަހާފައި ޒަކްވާން ބާރު ބާރަށް އަންނަން ފެށުމުން ލުޖައިން ކަންބޮޑުވެގެން ފަހަތަށް ޖެހިލި ތަނާ ގޮނޑިއެއްގައި ފައިން ޖެހިފައި އަރި އަޅައިލިއެވެ. ޒަކްވާން ހުޝިޔާރު ކަމާއިއެކު ކައިރިވެލާފައި ހަމައެކަނި ލުޖައިން ވެއްޓުނަ ނުދީ ހިފެހެއްޓީއެއްވެސް ނޫނެވެ. އެއުނަގަނޑުގައި ދެއަތުން ހިފައި ގެނެސް ކަށިތައް މުގުރޭހާ ބާރަށް ބައްދައިގަތެވެ. ލުޖައިން ގެ ނޭވާވެސް ހިނދުކޮޅަކަށް ހީވީ ހުއްޓުނު ހެންނެވެ. "ޔުއަރ ވެލްކަމް." ޒަކްވާން ލުޖައިން ތެދުކޮށްލާފައި ނިކުމެގެން ދިޔައީ އެއްވެސް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީއެވެ. އައި ރުޅިގަނޑު ލުޖައިން ބޭލީ އަތުގައި ހުރި ކޮފީ ތައްޓަށެވެ. ދިޔަ ގޮތަށް ގޮސް ކޮފީ ތަށި ސިންކަށް އޮއްސާލައިފައި ޖޯޑު ދޫކޮށްލިއެވެ. ލުޖައިން ނިކުންނަން ދަމުން ފާރުގައި ބޮނޑިއެއް އަޅާފައި އެބާރު މިނުގައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އެކަމަކު އެނދާއި ހަމައަށް ނުދެވެނީސް އަނެއްކާ އަރި އަޅައިލާ ގޮތްވިއެވެ. ލުޖައިންއަށް އެހީ ހޯދުނީ ކައިރީގައި ހުރި ބޮޑު މަސްނޫއީ މާގަހުގެއެވެ. އެކަމަކު އަނގައިން ނިކުތް ހަޅޭކުގެ އަޑު އާރިންގެ ކަންފަތާއި ހަމައަށް ފޯރިއެވެ. އާރިން ފުންމައިގެން ތެދުވެފައި ދެވަނަ ސިކުންތުގައި ދުއްވައިގެންފައި ދިޔައެވެ. ނަސީބަކުން ލުޖައިން ނުވެއްޓެނީސް ހިފަހައްޓައިލެވުނެވެ. އެވަރުންވެސް އިރުކޮޅެއް ވީއިރު ލުޖައިން އޮތީ އާރިންގެ އަތްދަނޑި މައްޗަށް ދެމިފައެވެ.
އާރިންގެ ނޭވާ ހުސްވިހެން ހީވިއެވެ. ވަށައިގެންވި ދުނިޔެ ހުއްޓުނު ކަހަލައެވެ. މުޅި ތަން ހުދު ކުލައަށް ބަދަލުވިތަން ލޮލަށް ފެނުނެވެ. ދެފަރާތަށް ބޯ ހޫރައިލުމާއެކު އޭނާ އަމިއްލަ ނަފްސް ހަމައަކަށް އަޅުވާލައިފައި ލުޖައިން ގެންގޮސް އެނދުގައި ބާއްވައިލިއެވެ. ހިތް ތެޅެމުން ދިޔައީ އޭގެ އެންމެ ބާރު މިނުގައެވެ. ލުޖައިންގެ ވިންދު ބަލައިލުމުން ކުޑަކޮށް ހަމަޖެހުނެވެ. އާރިން މޭޒުމަތީ ހުރި ޖަގުން ފެންތައްޓެއް އަޅައި ފުރާލައިފައި ގެނެސް ލުޖައިން މޫނަށް ފެންފެދޮއް ވިއްސައިލިއެވެ. ތަށި ބަހައްޓާފައި މަގަތުގައި އިށީންދެ އިނދެ އެމޫނުގައި ދެއަތުން ހިފައި ގޮވަމުން ދަނިކޮށް ލުޖައިން ލޯ ހުޅުވައުލާފައި ފުރަތަމަވެސް ރޯން ފެށިއެވެ. "ވަޓް ހެޕެންޑް؟" ލުޖައިން ބިރުގަތީ އެގޮތަށް އަނބުރައި ގަތީމައެވެ. "އައި ރިއަލީ ޑޯންނޯ.... ޔޫ ޓެލް މީ..." އާރިން ހާސްވެފައި ހުރިވަރުން ބުނެވުނީ އެހެންނެވެ. "ލެޓްސް ގެޓް ރެޑީ.... ޑޮކްއަށް ނުދައްކައި ލަސްކޮށްގެން ނުވާނެ..." އާރިން ނުތަނަސްވެފައި އިންވަރު އަޑުންވެސް ރީތިކޮށް އިނގެއެވެ. ލުޖައިން ބޯ ޖަހައިލީ ލޯ ފުހެމުންނެވެ.
ތިއާގެ ހިތް ތެޅެމުން ދިޔައީ ނުހަނު ބާރަށެވެ. ރެކޯޑިން ޕްރޮގްރާމްތައް ގެނެސްދީފައި ވިއަސް އަލަށް ލައިވް ޝޯވ އެއް ހުށައަޅަން ޖެހުމުން ޖެހިލުން ވަނީއެވެ. އެހާ ވަރަށް ތައްޔާރު ވެފައިވެސް ހަމަ ހީވަނީ ގޯހެއް ހެދިދާނެ ހެންނެވެ. ތިއާ ލޯގަނޑު ކުރިމަތީ ހުރެފައި ލައިގެން ހުރި ރަތް ހެދުމަށް ދަމައި އެއްވަރު ކޮށްލިއެވެ. މޭކަޕް ކިހިނެތްތޯ ބަލައިލައިފައި އަދި އެއްފަހަރު ލިޕްސްޓިކްގެ ކުލަ ގަދަ ކޮށްލިއެވެ. އެއިސްތަށިގަނޑު ނިއުޅާލައިފައި އަދި ސްޓައިލް ތަފާތު ކޮށްލަން ނިއްކުރި ކޮށާލައިފައި ހުރުމުން ކުރިއަށްވުރެވެސް ތިއާ ލޯއްބެވެ. އެކަމަކު ކޮށްފައި ހުރި މޭކަޕާއި ހެދުން އަދި ހެއަރ ސްޓައިލްގައި ފުރާވަރު ކުއްޖަކަށް ވުރެ މިއަދު އޭނާ ހަރު ކުލަ ޖަހައެވެ.
ތިއާ ސްޓޫޑިއޯއަށް ވަދެފައި މައިކު ހަރުކޮށްލައިގެން ގޮނޑީގައި ރީތިކޮށް ހަމަޖެހިލިއެވެ. ކެމެރާ ކުރަން ހުރި ފިރިހެން ކުއްޖާ އާއި ދެންތިބި ޓެކްނިކަލް މީހުންތައްވެސް އަތުގެ އިޝާރާތުން ރެޑީކަމަށް އަންގައިލުމުން ފަށައިގެން ކުރިއަށް ދާން ފެށިއެވެ. އެވަގުތު ސްޓޫޑިއޯގެ ދޮރު ހުޅުވުނު އަޑާއެކު ކޮންމެވެސް މީހަކު އެތެރެއަށް ވަދެއްޖެއެވެ. އެންމެން ތިބީ މަސައްކަތުގައި މަޝްއޫލު ވެފައެވެ. ހާއްސަކޮށް ތިއާގެ ނަޒަރު ދޮރާއި ހަމައަށް ގެންދެވޭ ގޮތެއް ނުވިއެވެ. ވަދެގެން އައި މީހަކު ބަލާކަށް އޭނާއަށް ފުރުސަތެއް ނުލިބުނެވެ. ތިއާ ވާހަކަ ދައްކަ ދައްކައި ހުއްޓައި އެމީހަކު އައިސް ކުރިމައްޗަށް ހުއްޓުމުން މުޅި ހަށިގަނޑުން ހީބިހި ހިލުވާލައިފިއެވެ. އެދެލޯ ބޮޑުވެ ވަގުތުން ގަނޑުވާ ގޮތްވިއެވެ. "ހޭއި ތިއާ!" އީތަން ރީތި ހިނިތުންވުމަކާއެކު ބުނެލައިފިއެވެ.
ލުޖައިން އެދުވަހު ޑޮޖްޓަރަށް ދައްކާފައި އައި ފަހުންވެސް ހުންނަނީ ފާޑަކަށެވެ. ކާ ހިތްކެނޑި ބޮލުގައި ރިއްސާ ގޮތް ވަނީއެވެ. ބައެއް ފަހަރަށް މޭ ނުބައި ކުރާ ގޮތް ވާހެންވެސް ހީވެއެވެ. ލުޖައިން އާރިން ކައިރީ އިތުރަށް ވާ ގޮތް ތަކުގެ ވާހަކަ ނުބުނީ މާބޮޑަށް ކަންބޮޑު ވެދާނެތީއެވެ. މެންދުރު ފަހު ނަތީޖަ ނަގަން އާރިން ދިއުމުން އެވަގުތަށް އޭނާވެސް އެންމެ ބޭނުންވީ ނަތީޖާގައި އޮތް އެއްޗެއް އޮޅުން ފިލުވުމެވެ. އާރިން އައީ ލުޖައިން ލެޕް ހުޅުވާލައިގެން އިންދައެވެ. ކޮޓަރީގެ ދޮރު ހުޅުވުނު އަޑާއެކު ބަލައިލާފައި ލުޖައިން އަވަހަށް ތެދުވިއެވެ. "ސިޓް ދޭރ!" އާރިން އަމުރުވެރި ގޮތަކަށް އެހެން ބުނެލުމުން ލުޖައިން ކުޑަކޮށް ޖެހިލުންވެގެން އަވަހަށް އިށީނެވެ. އާރިން ނަތީޖާ ދިއްކޮށްލާފައިވެސް އިނީ އެއްޗެއް ނުބުނެއެވެ. "ޓެލްމީ!" ލުޖައިން ބޭނުންވީ އާރިން ފަރާތުން އޮޅުން ފިލުވާށެވެ. "ބަލާބަލަ!" އާރިން ވެސް އިނީ ގަދަކޮށްލައި ގެންނެވެ. އެކަމަކު އެމޫން ލުޖައިންއަށް ކަންބޮޑުވުން ފާހަގަ ކުރެވުނެވެ.
"އަޅެ ހެޔޮ ނުވާނެ ބުނެބަލަ. ކަމެއް ގޯސްވީތަ؟ އަހަރެން މަރުވަނީތަ؟" ލުޖައިން އެހެން ބުނެފައި ފެންކަޅިވިތަން ފެނިގެން އާރިން ހިތަށްވެސް އަސަރު ކޮށްފިއެވެ. "ޝޫ....! ދެން ދުވަހަކުވެސް ތިކަހަލަ އެއްޗެއް ނުބުނައްޗޭ!" އާރިން ލުޖެއިންގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާފައި ހަރުކަށިކޮށް އަމުރުކޮށްލިއެވެ. "އޯލްރައިޓް." ލުޖައިން ކިރިޔާ ފޫޅަށް އިވޭވަރަށް ބުނެލާފައި އިތުރު އެއްޗެއް ނުބުނެ ނަތީޖާ އަށް ރަނގަޅަށް ބަލައިލިއެވެ. "އޯ މައި ގޯޑް...." އެއީ ލުޖައިންގެ އަޑެވެ.